ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/68

މުޙައްމަދު ޖިޔާދު ވ. ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް

ބައެއް ބަދަލުކުރި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 25 ނޮވެމްބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 144-B1/IN/2022/07ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B1/IN/2022/07
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދެ ދައުވާލިބޭ ފަރާތުން ވެސް ލޯކަސް ސްޓެންޑައި ނެތްކަމަށް ބުނެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމުން، ސިވިލް ކޯޓުން މުޙައްމަދު ޖިޔާދުގެ އިޢުތިރާޟް ބަލައިނުގަނެ އެ ސުވާލު ކަނޑައެޅޭނީ މައުޟޫޢީ ދައުވާގެ ތެރެއިންކަމަށް ނިންމިއެވެ. ނަމަވެސް، އެއްބަސްވުމުގެ ބައިވެރިއެއް ނޫން މުޙައްމަދު ޢަބްދުﷲގެ އިޢުތިރާޟް ބަލައިގަނެ، އޭނާ ދައުވާއިން އުނިކުރަން ނިންމިއެވެ.
ވާޤިޢާ
މ.ލިޑޯ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ ދެ އެއްބަސްވުމެއް މުޙައްމަދު ޖިޔާދާއި އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާއިރު، އެ ޙައްޤުތައް ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުވިކަމަށް ބުނެއެވެ. ކުލީގެ މުއްދަތު ހަމަނުވަނީސް ފްލޯރތައް އަތުލިކަމަށާއި، ކުރީގެ މުވައްޒަފެއްކަމަށްވާ މުޙައްމަދު ޢަބްދުﷲ މަކަރާއި ހީލަތުގައި ބައިވެރިވިކަމަށް ބުނެ، އަތުގެ ވެރިކަމާއި ގެއްލުމުގެ ބަދަލު ހޯދުމަށް ހައި-ލައިން ސިވިލް ކޯޓަށް ދައުވާ ކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާއެއްގައި، އެއްބަސްވުމުގެ ބައިވެރިއެއް ނޫން ފަރާތެއްގެ މައްޗަށް ދައުވާ ކުރުމުގެ ޙައިޞިއްޔަތު (locus standi) ނެތްކަމަށް ބުނެ އުފައްދާ އިޖުރާއީ އިޢުތިރާޟެއް، މައުޟޫޢީ ދައުވާ ބެލުމުގެ ކުރިން ނިންމައި އެ ފަރާތެއް ދައުވާއިން ބޭރުކުރެވޭނެތޯ، ނުވަތަ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމު ތަޠުބީޤުކުރުމާއި ޒިންމާވާ ފަރާތް ކަނޑައެޅުން ކުރެވޭނީ މައުޟޫޢީ މައްސަލަ ބެލުމުގެ ތެރެއިންތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުޙައްމަދު ޖިޔާދު ބުނީ ހައި-ލައިން އާއި އޭނާއާ ދެމެދު އެއްބަސްވުމެއް ނެތުމާއި، ޑީޑް އޮފް އެސައިންމަންޓަކީ އެއްބަސްވުމާ ޚިލާފު ޑީޑެއްކަމުން ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށެވެ. ހައި-ލައިން ބުނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ މަޞްލަޙަތާއި ޓޯޝަސް އިންޓަރފިއަރެންސްގެ އުޞޫލުގެ ދަށުން މުޙައްމަދު ޢަބްދުﷲގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދައުވާގައި އެއްބަސްވުމާ ޚިލާފުވުމާއި މަކަރާއި ހީލަތް ހެދުން ކޯސް އޮފް އެކްޝަންގެ ގޮތުގައި ދެ ފަރާތުގެ މައްޗަށް ބުނެދެވިފައިވާތީ، ޕްރިވިޓީ އޮފް ކޮންޓްރެކްޓް ތަޠުބީޤުކޮށް ޒިންމާވާ ފަރާތް ކަނޑައެޅޭނީ މައުޟޫޢީ ދައުވާގައި ޚުޞޫމާތްތައް ކަށަވަރުވުމުން ކަމަށް ހައިކޯޓުން ދެކުނެވެ. އެހެންކަމުން، ޖިޔާދުގެ ބައިގައި ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް، ޢަބްދުﷲ ދައުވާއިން ބޭރުކުރި ބައި ބާޠިލުކުރިއެވެ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި: ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 ނިންމުމުގައި މުޙައްމަދު ޖިޔާދުގެ ހުށަހެޅުމާމެދު ނިންމާފައިވާ ބަޔަށް ތާއީދުކޮށް، މުޙައްމަދު ޢަބްދުﷲ ދަޢުވާއިން ބޭރުކުރުމަށް ނިންމާފައިވާ ބައި ބާޠިލުކޮށް، މުޙައްމަދު ޢަބްދުﷲގެ މައްޗަށް ދައުވާ ރައްދުކުރެވިދާނެތޯ ބެލޭނީ މައުޟޫއީ މައްސަލައިގެ ތެރެއިންކަމަށް ކަނޑައަޅައި އިއްތިފާޤުން ޙުކުމްކޮށްފި (2022/HC-A/414 ގެ އިސްތިއުނާފު ބަލައިގަނެ، 2023/HC-A/68 ގެ އިސްތިއުނާފު ބަލައިނުގަނެ).

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދައުވާ ފޯމަށް ބަލާއިރު، އެއްބަސްވުމެއްގެ ދަށުން އުފެދި ނަޤުލުވެފައިވާ ޙައްޤުތަކާއި ވާޖިބުތަކާއި ޚިލާފުވުމުގެ އިތުރުން އެއެއްބަސްވުމާއި ޚިލާފުވުމުގައި މަކަރާއި ހީލަތް ހެދުންވެސް ކޯސް އޮފް އެކްޝަންގެ ގޮތުގައި ހިމެނިފައިވާއިރު، މައުޟޫއީ ދައުވާގައި ޖަވާބު ހުށަހެޅި، އެއްބަސްވެވޭ ކަންތައްތަކާއި ނުވެވޭ ކަންތައް ސާފުވެ، ޚުޞޫމާތްތައް ކަށަވަރުވެގެން މެނުވީ ޕްރިވިޓީ އޮފް ކޮންޓްރެކްޓް މަފްހޫމުގެ ދަށުން ޙަޤީޤަތުގައި ކޮންޓްރެކްޗުއަލް (ތަޢާޤުދީ) ގުޅުން އޮތީ ކޮން ފަރާތަކާއި މެދުގައިތޯކަމާއި، އަދި/ނުވަތަ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ސަބަބުން ލިބުނު ގެއްލުމަށް ޒިންމާ ވާން ޖެހޭނީ ކޮން ފަރާތަކުން ކަމުގައި ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.

HN2 ދައުވާގައި ޚަޞްމެއްގެ ގޮތުގައި ހިމެނިފައިވާ ފަރާތްތައް ދައުވާގައި ހިމެނޭ މިންވަރަށް ކޯސް އޮފް އެކްޝަން އެފަރާތްތަކުގެ މައްޗަށް ބުނެދެވިފައިވާކަމަށް ބުރަވެވޭނަމަ، ޚަޞްމުންގެ ގޮތުގައި އުނިކުރުމަށް އެދޭ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމު މައްސަލައިގެ ވާޤިއާތަކަށް ތަޠުބީޤުކޮށް ޚަޞްމަކު އުނިކޮށް ނުވަތަ ހުށަހެޅިފައިވާ ދައުވާގައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ ކޮބައިކަން ކަނޑައެޅޭނީ މައްސަލަ ހިންގައި ކުރިއަށްދާ ގޮތަކުން ކަމުގައި ދެކެމެވެ.

HN3 ޚަޞްމެއްގެ މައްޗަށް ދައުވާ ކުރެވިދާނެކަމާމެދު އުފެއްދި ސުވާލުގެ ޖަވާބަކީ، މައުޟޫޢީ ދައުވާގެ ތެރެއިން ކުރެވޭ ޤާނޫނީ ބަހުސްގެ ތެރެއިން މެނުވީ އެމައްޗަށް ގޮތެއް ކަނޑަނޭޅޭ ކަމެކެވެ. އެހެންކަމުން، އެފަދަ ޚަޞްމެއްގެ މައްޗަށް ދައުވާ ރައްދުކުރެވިދާނެތޯ ބެލޭނީ މައުޟޫއީ މައްސަލައިގެ ތެރެއިންނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު ޝާކިރު، މުޙައްމަދު ފައިސަލް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މޫސާ ޢާލިމް
ބެންޗު
ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، އިސްމާޢީލް ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
ފާޠިމަތު ފަރްހީޒާ
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: އިސްމާޢީލް ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ

ޤަޟިއްޔާ ނަންބަރު: 2022/HC-A/414

އިސްތިއުނާފުކުރި ފަރާތް: ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް

އިސްތިއުނާފު ރައްދުވި ފަރާތް: މުޙައްމަދު ޢަބްދުﷲ

މައްސަލައިގެ ބާވަތް: ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް

ޤަޟިއްޔާ ނަންބަރު: 2023/HC-A/68

އިސްތިއުނާފުކުރި ފަރާތް: މުޙައްމަދު ޖިޔާދު

އިސްތިއުނާފު ރައްދުވި ފަރާތް: ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ފަނޑިޔާރު އިސްމާޢީލް ޝަފީޢު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް

ނިމުނު ތާރީޚް:

16 ޖުމާދަލްއާޚިރާ 1448 25 ނޮވެންބަރު 2026

ހައިކޯޓުގައި ނަންބަރު 2022/HC-A/414 ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް:

14 ރަބީޢުލްއާޚިރު 1444 08 ނޮވެމްބަރު 2022

ހައިކޯޓުގައި ނަންބަރު 2023/HC-A/68 ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް:

18 ރަޖަބު 1444 19 ފެބްރުއަރީ 2023

އިސްތިއުނާފުކުރެވުނު މައްސަލަ:

ނަންބަރު: 144-B1/IN/2022/07

ނިންމި ތަން: ސިވިލް ކޯޓު

ބާވަތް: ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް

ހުށަހެޅުނު ތާރީޚް: 29 މެއި 2022 - ނިމުނު ތާރީޚް: 07 ސެޕްޓެމްބަރު 2022

ހައިކޯޓުގެ ނަންބަރު 2022/HC-A/414 ޤަޟިއްޔާ

އިސްތިއުނާފުކުރި ފަރާތް

ހައި-ލައިން އެންޓަރޕްރައިޒަސް ޕވޓ ލޓޑ ޤާނޫނީ ވަކީލު: އޒ.މޫސާ އާލިމް

އިސްތިއުނާފު ރައްދުވި ފަރާތް

މުޙައްމަދު ޢަބްދުﷲ ޤާނޫނީ ވަކީލު: އޒ.މުޙައްމަދު ޝާކިރު

ހައިކޯޓުގެ ނަންބަރު 2023/HC-A/68 ޤަޟިއްޔާ

އިސްތިއުނާފުކުރި ފަރާތް

މުޙައްމަދު ޖިޔާދު ޤާނޫނީ ވަކީލު: އޒ.މުޙައްމަދު ޝާކިރު؛ ޤާނޫނީ ވަކީލު: އޒ.މުޙައްމަދު ފައިޞަލް

އިސްތިއުނާފު ރައްދުވި ފަރާތް

ހައި-ލައިން އެންޓަރޕްރައިޒަސް ޕވޓ ލޓޑ ޤާނޫނީ ވަކީލު: އޒ.މޫސާ އާލިމް

މަދަނީ- ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު:

ތަޢާރުފު:

1މިއީ ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ، އެނިންމުން ދެ ފަރާތަކުން އިސްތިއުނާފު ކުރުމުން ބެލެވެމުންދާ ދެ ޤަޟިއްޔާއެވެ. އެގޮތުން؛

1.1. […] މުޙައްމަދު ޢަބްދުﷲ (މީގެ ފަހުން "މުޙައްމަދު ޢަބްދުﷲ") ގެ މައްޗަށް ރައްދުވާ ގޮތަށް ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ހައި-ލައިން") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލޭ ޤަޟިއްޔާއަކީ މިކޯޓުގެ ނަންބަރު 2022/HC-A/414 ޤަޟިއްޔާއެވެ.

1.2. އަދި، ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށް މުޙައްމަދު ޖިޔާދު […] (މީގެ ފަހުން "މުޙައްމަދު ޖިޔާދު") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލޭ ޤަޟިއްޔާއަކީ މިކޯޓުގެ ނަންބަރު 2023/HC-A/68 ޤަޟިއްޔާއެވެ.

2އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކަކީ، ދަށު ކޯޓުގެ އެއް ނިންމުމެއް ދެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ޤަޟިއްޔާތަކެއް ކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްކޮށް، މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ، ފަނޑިޔާރުންގެ އެއް ބެންޗަކުން ދެ ޤަޟިއްޔާ އެކުއެކީގައެވެ.

މައްސަލައިގެ ފަސްފަހަތް:

3އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އީސްޓް އިންވެސްޓް") އާއި މުޙައްމަދު ޖިޔާދު އާ ދެމެދު 18 ޑިސެމްބަރު 2003 ގައި މ.ލިޑޯ ތަރައްޤީކޮށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާބެހޭ ގޮތުން ދެ އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. އެއީ:

3.1. މ.ލިޑޯ ގެ 01 ފްލޯރ (ގްރައުންޑް) ފްލޯރ އާއި 02 ވަނަ ފްލޯރ، ވިޔަފާރީގެ ބޭނުމަށް ކުލި ނުހިނގާ ގޮތަށް 31 ޑިސެމްބަރު 2022 ގެ ނިޔަލަށް ވެވުނު އެއްބަސްވުން އަދި؛

3.2. މ.ލިޑޯ ގެ 3، 4، 5، އަދި 6 ވަނަ ފްލޯރ (ޓެރަސް) ރެސިޑެންޝަލް ބޭނުމަށް، ކުލި ހިނގާގޮތަށް 31 ޑިސެމްބަރު 2022 ގެ ނިޔަލަށް ވެވުނު އެއްބަސްވުން، މިއެވެ.

4އެއަށްފަހު، 29 ޖެނުއަރީ 2009 ވީ ދުވަހު ޑީޑް އޮފް އެސައިންމަންޓް އެއްގެ ދަށުން އީސްޓް އިންވެސްޓަށް ލިބިފައިވާ އެންމެހާ ޙައްޤުތަކާއި މަންފާ އަދި އަދާކުރަންޖެހޭ އެންމެހާ ޒިންމާތައް ހައި- ލައިން އަށް ބަދަލުކުރެވުނުކަމަށް ޚަސްމުން ފާހަގަކޮށްފައިވެއެވެ.

5ހައި-ލައިންގައި ކުރިން ވަޒީފާ އަދާ ކުރި ފަރާތެއްކަމުގައިވާ މުޙައްމަދު ޢަބްދުﷲ މަޤާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ހައި-ލައިންގެ އެތަކެއް ތަނެއް އޭނާ އާ ގުޅުން ހުރި ފަރާތްތަކަށް މަކަރާއި ހީލަތުން ކުއްޔަށްދީފައިވާ ކަމަށް ހައި-ލައިން އިން ތުހުމަތު ކުރެއެވެ. އެގޮތުން، މ.ލިޑޯގެ ގްރައުންޑް ފްލޯރ ގައި ހުރި ފިހާރަ 01 މާރިޗު 2014 އިން ފެށިގެން ޑިސެމްބަރު 2015 ގެ ނިޔަލަށް އައިޝަތު ޝަޒީން ހާޝިމް ކިޔާ ފަރާތަކަށް ހައި-ލައިން އިން ކުއްޔަށް ދީފައިވާ ކަމަށާއި، މިކަންވެސް ކޮށްފައިވަނީ މުޙައްމަދު ޢަބްދުﷲ ކަމަށް ހައި-ލައިން އިން ފާހަގަކުރެއެވެ.

6އޭރުންސުރެން އަދާ ޖެހެންދެންވެސް މިފްލޯރ ހައި-ލައިން އަށް ޙަވާލު ނުކުރާކަމަށާއި، މިފްލޯރ ގައި ހުރި ފިހާރަ މުޙައްމަދު ޢަބްދުﷲ ވަނީ އޮޅުވާލުމެއްގެ ތެރެއިން ޔުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދީފައިކަން ހައި-ލައިން އިން ބެލި ބެލުމުން އެނގުނުކަމަށް ފާހަގަކުރެއެވެ.

7އެހެންކަމުން، ޔުނި އިންޖިނިއަރިންގ އާއި ވާހަކަ ދައްކައިގެން ހައްލުކުރުމަށްޓަކައި، ހައި-ލައިން އާއެކު ކުލީގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ހައި-ލައިން އިން ޔުނި އިންޖިނިއަރިން އަށް ދިންކަމަށާއި، އަދި މިގޮތަށް ޔުނި އިންޖިނިއަރިން އިން ތައްޔާރަށް ހުއްޓާ، މުޙައްމަދު ޖިޔާދު މައްސަލައިގެ ތެރެއަށް ވަދެ، އެފިހާރަ މުޙައްމަދު ޖިޔާދު ގެ ފަރާތުން މުޙައްމަދު ޢަބްދުﷲ އަށް ކުއްޔަށް ދީފައިވާކަމަށް ބުނުމުން، ޔުނި އިންޖިނިއަރިން ގެ ފަރާތުން ހައި-ލައިންއާއެކު ކުރިއަށް ދިޔުމަށް އުޒުރުވެރިވިކަމަށް ހައި-ލައިން އިން ފާހަގަކުރެއެވެ.

8އޭގެ ދުވަސްކޮޅެއް ފަހުން، ހައި-ލައިން ގެ އަތުން މ.ލިޑޯގެ އިމާރާތް ވަކިކުރިކަން އަންގާ ހައި-ލައިންއަށް މުޙައްމަދު ޖިޔާދު ސިޓީ ފޮނުވިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

9އެހެންކަމުން، ހައި-ލައިން އާއި މުޙައްމަދު ޖިޔާދު އާދެމެދު މ.ލިޑޯ އެވެ ކިޔާ ގޯއްޗާއި، ޢިމާރާތާބެހޭ އެއްބަސްވުންތަކުގެ ދަށުން ކުއްޔަށްދީފައިވާ މ.ލިޑޯގެ 01 (ގްރައުންޑް) ފްލޯރއާއި، 2 ވަނަ ފްލޯރ، މުޙައްމަދު ޖިޔާދުއާއި، މުޙައްމަދު ޢަބްދުﷲ ބައިވެރިވެގެން ހައި-ލައިންގެ ކިބައިން އަތުލާފައިވަނީ، ކުއްޔަށްދިނުމާބެހޭ އެއްބަސްވުންތަކާ ޚިލާފަށް ކުލީގެ މުއްދަތު ހަމަނުވަނީސް ކަމަށްވާތީ، އެތަނުގެ އަތުގެ ވެރިކަން ހޯދުމަށާއި، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ޝަރީޢަތް މެދުވެރިކޮށް މުޙައްމަދު ޖިޔާދު އަދި މުޙައްމަދު ޢަބްދުﷲ ގެ ކިބައިން ހޯދުމަށް އެދި ހައި-ލައިން ގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއީ އެކޯޓުގެ ނަންބަރު 1108/Cv-C/2022 ޤަޟިއްޔާއެވެ.

10ސިވިލް ކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން މުޙައްމަދު ޢަބްދުﷲ އާއި މުޙައްމަދު ޖިޔާދުގެ މައްޗަށް މި ދައުވާކޮށް މިމައްސަލަ ކުރިއަށް ގެންދެވޭނެކަމަށް އިއުތިރާޒްކޮށް މިދެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދާ އިޖުރާއީ ހުށަހެޅުންތަކެއް ހުށަހެޅިއެވެ. އެގޮތުން؛

10.1. މުޙައްމަދު ޖިޔާދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ފާހަގަކޮށްފައިވަނީ، މިމައްސަލައަކީ، އީސްޓް އިންވެސްޓް އާއި މުޙައްމަދު ޖިޔާދު އާދެމެދު ވެފައިވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި ދައުވާއެއްކަމަށްވާއިރު، ހައި-ލައިން އަކީ އެއެއްބަސްވުމުގެ ބައިވެރިއެއް ނޫންކަމާއި، އަދި ހައި- ލައިން ގެ ފަރާތުން ހުށަހެޅި ޑީޑް އޮފް އެސައިންމަންޓަކީ މުޙައްމަދު ޖިޔާދު އޭގައި ސޮއިކޮށްފައި ނުވާ އެއްޗެއްކަމަށް ބުނެ، ނުވަތަ އެ ޑީޑްއަކީ މުޙައްމަދު ޖިޔާދު ވެފައިވާ އެއްބަސްވުމާ ޚިލާފު ޑީޑް އެއްކަމަށާއި، ހައި-ލައިންއާއި މުޙައްމަދު ޖިޔާދު އާއި ދެމެދު ކޮންޓްރެކްޓާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެއްވެސް ޤާނޫނީ އެއްބަސްވުމެއް ނެތަތީ، ހައި-ލައިންގެ ފަރާތުން ހުށަހަޅާފައިވާ ދައުވާއާއި ގުޅިގެން މުޙައްމަދު ޖިޔާދުގެ މައްޗަށް ޤާނޫނީ ހަމަތަކުގެ މަތިން ދައުވާ އުފުލުމުގެ ޤާނޫނީ ޙައިޞިއްޔަތު (locus Standi) ނެތްކަމަށެވެ.

10.2. މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ފާހަގަކޮށްފައިވަނީ، އޭނާއަކީ، މ.ލިޑޯގެ އެއްވެސް ބަޔެއް ކުއްޔަށްދިނުމާބެހޭ އެއްވެސް އެއްބަސްވުމެއްގެ ބައިވެރިއެއް ނޫންކަމަށާއި، ހައި- ލައިން ގެ ފަރާތުން މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ދައުވާކުރަނީ ޖިނާއީ ކުށްތަކެއްގެ ތުހުމަތުކޮށްކަމަށާއި، އަދި އެއްބަސްވުމެއް ތަންފީޛުކުރުމަށް ހުށަހަޅާއިރު، އެފަދައިން އެކަން ކުރެވޭނީ، އެއްބަސްވުމުގެ ބައިވެރިއެއް ކަމުގައިވާނަމަކަމަށާއި، އެހެންކަމުން މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ދައުވާ ކުރުމުގެ ޤާނޫނީ ޙައިޞިއްޔަތު (locus Standi) ހައި-ލައިން އަށް ލިބިގެން ނުވާކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުން:

11މުޙައްމަދު ޖިޔާދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ޤަޟިއްޔާގައި ހުށަހެޅި އިސްވެ ބަޔާންކުރެވުނު އިޖުރާއީ ހުށަހެޅުންތަކާ ގުޅިގެން އެކޯޓުގެ ނަންބަރު 144-B1/IN/2022/07 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" އެކޯޓުން ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ.

"...މުޙައްމަދު ޖިޔާދު ސުވާލު އުފައްދަނީ، އީސްޓް އިންވެސްޓް އަށް ކުއްޔަށްދިން އެއްބަސްވުންތަކުގެ ދަށުން ކުއްޔަށް ދިން ފްލޯރތަކާ ގުޅޭ ޙައްޤުތައް އީސްޓް އިންވެސްޓަށް އިން ހައި-ލައިން އަށް ބަދަލުކުރި ކުރުމުގެ މައްޗަށް ކަމުގައިވާއިރު، ހައި-ލައިން އިން ދަޢުވާގައި އެދޭ މައިގަނޑު ފަރުވާއަކީ، ޙައްޤުތައް އީސްޓް އިންވެސްޓްއިން ހައި-ލައިން އަށް ބަދަލުކުރި އެއްބަސްވުން ނުވަތަ ޑީޑްތަކުގެ ދަށުން ލިބިފައި އޮތްކަމަށް ބުނާ ޙައްޤެއް އެފަރާތަށް ގެއްލުމުގެ ސަބަބުން އެޙައްޤު ކޯޓު މެދުވެރިކޮށް ލިބިގަތުން ކަމުގައި ވީހިނދު، މުޙައްމަދު ޖިޔާދުގެ ފަރާތުން އެފަރާތުގެ މައްޗަށް މިދަޢުވާ ކުރެވިދާނެކަމާމެދު އުފެއްދި ސުވާލުގެ ޖަވާބަކީ މައުޟޫއީ ދަޢުވާގެ ތެރެއިން ކުރެވޭ ޤާނޫނީ ބަހުސްގެ ތެރެއިން މެނުވީ އެމައްޗަށް ގޮތެއް ކަނޑަނޭޅޭ ކަމަކަށްވާތީ، މުޙައްމަދު ޖިޔާދު ހުށަހެޅި ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 2 (ދޭއް) ޙާލަތުންކުރެ ޙާލަތެއް އޮތްކަމުގައި ބެލެންނެތީތީ، މުޙައްމަދު ޖިޔާދުގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު އުފެއްދި ސުވާލު ޝަރީޢަތުން ބަލައިނުގަންނަކަމެވެ.

12އަދި މުޙައްމަދު ޢަބްދުﷲގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ޤަޟިއްޔާގައި ހުށަހެޅި އިޖުރާއީ ހުށަހެޅުންތަކާ ގުޅިގެން އެކޯޓުގެ ނަންބަރު 144-B1/IN/2022/07 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ގައި އެކޯޓުން ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ.

"...ދަޢުވާކުރާ ފަރާތުން މި މައްސަލާގައި ހުށަހެޅި ކުލީގެ އެއްބަސްވުން (ޑީޑްސްތައް ހިމެނޭހެން) މައްޗަށް ބިނާކޮށް، ކޯޓު މެދުވެރިކޮށް ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދި ހުށަހެޅި ފަރުވާތަކުގެ ތެރެއިން، އެ އެއްބަސްވުންތަކުގެ ބައިވެރިއެއްގެ ގޮތުގައި ނުހިމެނޭ މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް މިދަޢުވާ ރައްދުކުރެވިދާނެ ޤާނޫނީ ޞައްޙަ ސަބަބުތަކެއް ދަޢުވާކުރާ ހައި-ލައިން އަށް ދެއްކިފައިނުވާތީ، މިހާރު ކުރިއަށްމިދާ ދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު ފަރުވާތަކަށާއި އެފަރުވާތަކުގެ ތަފްސީލް ދަޢުވާފޯމުގައި ދަޢުވާކުރާ ފަރާތުން ބަޔާންކޮށްދީފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 02 (ދޭއް) ޙާލަތުންކުރެ، ޢާންމު އުޞޫލުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ކޯޓަށް ލިބިދީފައިވީނަމަވެސް، ވުޖޫދުވެ އޮތް ޙާލަތުގެ ގޮތުން މައްސަލަ ބެލުމުގެ އިޚްޞާޞް ކޯޓަށް ލިބިގެންނުވުމުގެ ޙާލަތު މެދުވެރިވެ އޮތުމާއެކު، […]، މުޙައްމަދު ޢަބްދުﷲގެ ފަރާތުން ކޯޓުގެ އިޚްތިޞާޞާމެދު ސުވާލު އުފައްދައި ހުށަހެޅި ހުށަހެޅުން ކޯޓަށް ބަލައިގަތުމަށް ނިންމައި، މިދަޢުވާގެ ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން މުޙައްމަދު ޢަބްދުﷲ އުނިކުރަންޖެހޭކަމެވެ."

(ހ) މުޙައްމަދު ޖިޔާދުގެ އިސްތިއުނާފު (2023/HC-A/68)

13ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެނިންމުން އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު ޖިޔާދުގެ ފަރާތުން އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛

13.1. ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 ނިންމުމުގައި މިމައްސަލައަކީ މުޙައްމަދު ޖިޔާދުގެ މައްޗަށް ހުށަހެޅޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ މައުޟޫޢީ ދައުވާގެ ތެރެއިން ކުރެވޭ ޤާނޫނީ ބަޙުޘްގެ ތެރެއިންކަމަށް ކަނޑައަޅުއްވާފައިވަނީ މުޙައްމަދު ޖިޔާދުއާއި އީސްޓް އިންވެސްޓް އާމެދު ވެފައިވާ އެއްބަސްވުމުގެ (މީގެ ފަހުން "މ.ލިޑޯ އެއްބަސްވުން") 11 ވަނަ މާއްދާއާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/41 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

13.1.1. މިނުކުތާގެ ތަފްސީލުގައި މުޙައްމަދު ޖިޔާދުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާގައި އެއްބަސްވުމާއި ގުޅިގެން ކަނޑައަޅާފައިވާ އުސޫލަށް ރިޢާޔަތްކުރާއިރު، ހައި-ލައިން އިން އީސްޓް އިންވެސްޓްގެ ޙައްޤުތައް ނަގާފައިވަނީ ޞައްޙަ ނޫން ޑީޑެއްގެ ދަށުންކަމަށާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/41 ޤަޟިއްޔާގައި، ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުއާ ގުޅިގެން ކަނޑައަޅާފައިވާ އުޞޫލުތަކަށާއި ހައިކޯޓުގެ ނަންބަރު 2021/HC-A-02/01 ޤަޟިއްޔާގައި އެއްބަސްވުން މާނަކުރާ އުޞޫލަށް ރިޢާޔަތްކުރާއިރު، އެއްބަސްވުމުގެ ދަށުން ލިބިފައި ނުވާ ޙައްޤެއްގެ ބޭނުންކޮށްގެން ހަދާފައިވާ ޑީޑެއްގެ ދަށުން ދެ ފަރާތް ދެމެދު ކޮންޓްރެކްޓުއަލް ގުޅުމެއް އުފެދޭނެ ޤާނޫނީ ހަމައެއް ނެތަތީ، މައްސަލަ މައުޟޫޢީ ގޮތުން ބަލާ ގޮތެއް ކަނޑައަޅަންޖެހޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.

13.1.1.1. މިނުކުތާގެ ރައްދުގައި ހައި-ލައިންގެ ފަރާތުން ފާހަގަކުރަނީ، މ.ލިޑޯ ކުއްޔަށްދިނުމާބެހޭ އެއްބަސްވުމުގައި އެސައިން ކުރުން މަނާކުރާ އެއްވެސް މާއްދާއެއް ހިމެނިފައިނުވާކަމަށާއި، އެހެންކަމުން ހައި-ލައިންއަށް އެސައިން ކުރުމަށް މަނާކުރާ އެއްވެސް ޤާނޫނީ ހުރަހެއް ނެތްކަމަށާއި، EXPRESS PROVISOION އެއް އެއްބަސްވުމުގައި ނެތް ޙާލަތުގައި އެއްބަސްވުން އެސައިން ކުރެވޭނެކަމަށް ހައި-ލައިން އިން ޤަބޫލުކުރާކަމަށެވެ. މ.ލިޑޯ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ހުރި ޙައްޤުތަކާއި މަންފާތަކާއި ޒިންމާތައް ހައި-ލައިންއަށް ބަދަލުކުރެވުނު ހިސާބުން ފެށިގެން ގޭގެ ވެރިފަރާތަށް ދޭންޖެހޭ ކުލިން ފެށިގެން މ.ލިޑޯ އިން ލިބިދީފައިވާ އެންމެހައި މަންފާތަކެއްގެ ބޭނުންވެސް ހިފަމުން އައިސްފައިވަނީ ހައި-ލައިން ކަމަށެވެ. އަދި ޢާންމު އުޞޫލުން ބަލާއިރު، އެސައިންކުރުން މަނާކުރާ މާއްދާއެއް އޮތްކަމުގައިވީނަމަވެސް ނުވަތަ ނެތްކަމުގައިވީނަމަވެސް، އެކަށީގެންވާ ރަނގަޅު ސަބަބެއް ނެތި އެސައިން ކުރުމާމެދު އިޢުތިރާޟްކޮށް އެކަން ހުއްޓުވުމުގެ ޙައްޤު ގޭގެ ވެރިފަރާތަށް ލިބިގެންނުވާކަމަށެވެ.

ދެފަރާތުން އެދޭގޮތް

14މުޙައްމަދު ޖިޔާދުގެ ފަރާތުން އެދޭގޮތްކަމަށް ފާހަގަކޮށްފައިވަނީ، ދައުވާ ބިނާކޮށްފައިވަނީ، އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ދެމެދު ކޮންޓްރެކްޓުއަލް އެއްވެސް ގުޅުމެއް ނެތްކަމަށް ކަނޑައަޅައި، މިމައްސަލަ ޖިޔާދުގެ މައްޗަށް އުފުލުމުގެ އެއްވެސް ޙައްޤެއް އަދި މަޞްލަޙަތެއްވެސް ހައި-ލައިން އަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިދީ، ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 ނިންމުން ބާޠިލްކޮށްދިނުމަށެވެ.

15ހައި-ލައިންގެ ފަރާތުން އެދޭގޮތްކަމަށް ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 ނިންމުމުގައި މުޙައްމަދު ޖިޔާދުގެ މައްޗަށް މިދައުވާ ކުރެވޭނީ މައުޟޫޢީ ގޮތުން މިމައްސަލަ ބަލައިގެންކަމަށް ނިންމާފައިވަނީ، ޤާނޫނާ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށް ކަނޑައަޅައިދީ، މިދައުވާއަކީ ހައި-ލައިންގެ ފަރާތުން މުޙައްމަދު ޖިޔާދުގެ މައްޗަށް ކުރެވޭނެ ދައުވާއެއްކަމަށް ކަނޑައަޅައިދިނުމަށެވެ.

(ށ) ހައި-ލައިން ގެ އިސްތިއުނާފު (2022/HC-A/414)

16ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 " ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެނިންމުން އިސްތިއުނާފު ކުރުމަށް އެދި ހައި-ލައިންގެ ފަރާތުން އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛

16.1. ފުރަތަމަ ނުކުތާއަކީ، ހައި-ލައިން އިން ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 1108/Cv-C/2022 ޤަޟިއްޔާއިން ނިންމާފައިވާ ނަންބަރު 144-B1/IN/2022/07 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" އިން މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް މިދައުވާ ނުކުރެވޭނޭ ކަމަށް ނިންމަވާފައިވަނީ، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރާއިރު، މުޙައްމަދު ޢަބްދުﷲ އަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ "އެކަށީގެންވާ މަޞްލަޙަތު" އޮތްކަން އެނގެން އޮންނައިރު، އެކަމަށާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރުމަށް އޮންނައިރު، އެކަންކަމަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކުރެވިގެން ކަމަށް ނުފެންނަކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

16.2. ދެވަނަ ނުކުތާއަކީ؛ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި، ޑިމޮކްރެޓިކް މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެ އުޞޫލުތައް ނެގެހެއްޓުން ކަށަވަރުކޮށްދީފައިވާއިރު މިނިވަން ޑިމޮކްރެޓިކް ނިޒާމްތަކުގައި ބަލައިގަނެފައިވާ ކޮމަން ލޯ ޓޯރޓްއެއް ކަމަށްވާ "ޓޯރޝަސް އިންޓަރފިއަރެންސް" (tortious interference with a contract) ޓޯރޓްގެ ޕްރިންސިޕަލް އަށް ރިޢާޔަތްނުކޮށް، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ހައި-ލައިން އާއެކު ސޮއިކޮށްފައިވާ […] މުޙައްމަދު ޖިޔާދާއެކު އެއްބަސްވުމެއް އޮތްކަން އެނގިހުރި، އެދެފަރާތް ދެމެދު އޮތް އެއްބަސްވުމުގައި މުޙައްމަދު ޖިޔާދުގެ މައްޗަށް އޮތް އިލްތިޒާމްތަކާ ޚިލާފުވުމަށް އެހީތެރިވުމުންކަން އެނގެން އޮތް ހިނދު، އެކަމަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރެވިފައިވާ ކަމަށް ޤަބޫލުނުކުރެވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

16.2.1. މިދެ ނުކުތާގެ ތަފްސީލުގައި ހައި-ލައިން އިން ބުނެފައިވަނީ، ޢާންމު އުސޫލުން "ޕްރިވިޓީ އޮފް ކޮންޓްރެކްޓް" ގެ ދަށުން އެއްބަސްވުމަކާއި ގުޅިގެން އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ދައުވާކުރެވޭކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓުގެ 2019/SC-A/09 ޤަޟިއްޔާގައި، މިމަބްދައުއަށް އިސްތިސްނާތަކެއް ހުރެދާނެކަމަށް ބަޔާންކޮށްފައިވާއިރު، އޭގެ މިސާލެއްގެ ގޮތުން އެޖެންސީފަދަ ކަންކަން ބަޔާންކޮށްފައިވާކަމަށެވެ. އިނގިރޭސި ކޭސްއެއްކަމަށްވާ Dunlop Pneumatic tyre Co Ltd ގައި އެއްބަސްވުމުގެ ބައިވެރިއެއްގެ "އެޖެންޓް" އެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭކަމަށާއި، ޑިމޮކްރެޓިކް ނިޒާމްތަކުގައި ބަލައިގަނެފައިވާ ކޮމަން ލޯ ޓޯޓެއް ކަމުގައިވާ "ޓޯރޝަސް އިންޓަރފިއަރެންސް" ގެ ދަށުން، ހައި-ލައިން އާއި ޖިޔާދުއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ބައިވެރިއަކަށް މުޙައްމަދު ޢަބްދުﷲ ނުވިއެއްކަމަކު، މުޙައްމަދު ޢަބްދުﷲ ވަނީ އޭނާގެ މަޤާމުގެ ބޭނުންކޮށްގެން ގަސްތުގައި ނުފޫޒު ފޯރުވާފައިކަމަށާއި، އަދި އެއްބަސްވުމާ ޚިލާފު ޢަމަލެއް ކުރުމަށް ބާރު އަޅާފައިކަމަށެވެ. އެހެންކަމުން، ހައި-ލައިން އިން ޤަބޫލުކުރާގޮތުގައި މިޓޯރޓުގެ ދަށުން މުޙައްމަދު ޢަބްދުﷲ އަށް މިދައުވާކޮށް ގެއްލުމުގެ ބަދަލަށް ޒިންމާނެގޭނެކަމަށެވެ.

16.2.2. މިދެ ނުކުތާގެ ރައްދުގައި މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ބުނެފައިވަނީ، ހައި-ލައިންގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި އުފައްދާ ޤާނޫނީ ބަހުސް ސާފުނުވާކަމަށާއި، އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަކީ، އަސާސީ ޙައްޤުތައް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ މާއްދާއެއްކަމަށާއި، ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާއަކީ، އަސާސީ ޙައްޤެއް ހޯދުމަށްކޮށްފައިވާ ދައުވާއެއް ނޫންކަމަށާއި، ޓޯޝަސް އިންޓަރފިއަރެންސް މިމައްސަލައަށް ތަޠުބީޤުކުރަނީ ކިހިނެއްކަން ސިވިލް ކޯޓުގައާއި ހައިކޯޓުގައި ބުނެދެވިފައިނުވާކަމަށާއި، އެކަން ސާބިތުކުރުމަށް އުންސުރުވެސް ހުށަހަޅާފައިނުވާކަމަށާއި، މުޙައްމަދު ޖިޔާދަށް ކޮންޓްރެކްޓާ ޙިލާފު ޢަމަލެއް ކުރުމަށް މުޙައްމަދު ޢަބްދުﷲ ބާރުއަޅާ ނުފޫޒު ފޯރުވާފައިވާކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށާއި، ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި ޓޯޝަސް އިންޓަރފިއަރެންސްގެ އުޞޫލުން ރިޢާޔަތްކޮށްފައި ނުވަނީ ރަނގަޅަށް ފާހަގަކުރާކަމަށެވެ.

ދެފަރާތުން އެދޭގޮތް:

17ހައި-ލައިންގެ ފަރާތުން އެދޭގޮތްކަމަށް ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 "ކޯޓުތަކުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ބާޠިލްކޮށް، އެޤަޟިއްޔާއަކީ، މުޙައްމަދު ޢަބްދުﷲގެ މައްޗަށް ކުރެވޭނެ ދައުވާއެއްކަމަށް ކަނޑައަޅައިދިނުމެވެ.

18މުޙައްމަދު ޢަބްދުﷲގެ ފަރާތުން އެދޭގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

18.1. ހައި-ލައިންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ 1 ވަނަ ނުކުތާއަކީ އިސްތިއުނާފީ މިންގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަމުގައި ކަނޑައަޅައި އެނުކުތާއަކީ، ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫންކަމަށް ކަނޑައަޅައި ދިނުން؛

18.2. ޓޯޝަސް އިންޓަރފިއަރެންސްގެ އުޞޫލަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވަނީ ރަނގަޅަށްކަމަށް ކަނޑައަޅައިދިނުން؛

18.3. ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަނޑައަޅައި ދިނުން، މިއެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

19މުޙައްމަދު ޖިޔާދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ޤަޟިއްޔާގައި ހުށަހަޅާފައިވާ އިޖުރާއީ ހުށަހެޅުމުގައި ފާހަގަކޮށްފައިވަނީ، އެއީ މުޙައްމަދު ޖިޔާދުގެ މައްޗަށް ރައްދުކުރެވޭނެ ދައުވާއެއް (locus standi) ކަމާމެދުއެވެ. މުޙައްމަދު ޖިޔާދުގެ ފަރާތުން ހުށަހަޅާފައިވާ އިޢުތިރާޟް ބިނާކޮށްފައިވަނީ، އެފަރާތާއި ހައި-ލައިންއާ ދެމެދު އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާނެ ކަމަށް ބުނެއެވެ. އަދި، މުޙައްމަދު ޖިޔާދާއި އެއްބަސްވުމެއް ވެފައިވާނީ، އީސްޓް އިންވެސްޓް އާ ދެމެދު ކަމަށާއި، އެއެއްބަސްވުމުގެ ދަށުން ޙައްޤުތައް އެހެން ފަރާތަކަށް ނަޤުލުކުރުމުގެ ބާރު ނުލިބޭތީ، ހައި- ލައިން އަށް އެޙައްޤުތައް ނަޤުލުކުރުމަކީ، އެއްބަސްވުމާ ޚިލާފު ނަޤުލުކުރުމެއް ކަމުގައިވާތީ، އެއްބަސްވުމާއި ޚިލާފް ޑީޑްއެއްގެ ދަށުން ހައި-ލައިންއަށް މުޙައްމަދު ޖިޔާދުގެ މައްޗަށް ދައުވާ ކުރުމުގެ ޤާނޫނީ ޙައިސިއްޔަތު ލިބިނުދޭކަމަށެވެ.

20ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ޤަޟިއްޔާގައި މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިޢުތިރާޟްގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ހައި-ލައިން އާއި މުޙައްމަދު ޢަބްދުﷲ އާއި ދެމެދު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން އެއްބަސްވުމެއް ނެތަތީ، މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން ހައި-ލައިންގެ މައްޗަށް އަދާކުރަންޖެހޭ ޒިންމާއެއް ނެތްކަމަށާއި، މިއީ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައު އާ ޚިލާފު ކަމެއްކަމަށާއި، އެއްބަސްވުމެއް ނެތި ހައި-ލައިންގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ބަދަލަކީ "ނާޖާއިޒް މަންފާ" އެއްކަމަށާއި، އެހެންކަމުން ހައި-ލައިން އިން މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް ދައުވާކުރުމުގެ ޤާނޫނީ ޙައިސިއްޔަތު ލިބިފައި ނުވާކަމަށެވެ.

21އިސްތިއުނާފު ކުރެވިފައިވާ ނިންމުމަށް ބަލާއިރު، އެ ނިންމުމަކީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ނަގާފައިވާ އިޖުރާއީ އިޢުތިރާޟަކާ ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ. އެކޯޓަށް ހުށަހެޅުނު ދައުވާ ފޯމަށް ބަލާއިރު، ދައުވާ ބިނާކުރާ އަސާސްތަކުގެ ތެރޭގައި އެއްބަސްވުމަކާއި ޚިލާފުވުން ހިމެނޭ އިރު، މައްސަލައިގެ ވާޤިއާތަކުގެ ތެރޭގައި މިއެއްބަސްވުމުން އުފަންވި ޙައްޤުތައް ތިންވަނަ ފަރާތަކަށް ނަޤުލުވެ، އެފަރާތުގެ ޙައްޤުތަކާއި ވާޖިބުތައް ތަންފީޛުކުރުމުގައި އަދި އިތުރު ފަރާތްތައް ބައިވެރިވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި، މިފަރާތްތަކުގެ ޙައްޤުތަކާއި ވާޖިބުތައް އުފަންވުމުގައި، އެއްބަސްވުމެއްގެ ބައިވެރިއެއްގެ މުވައްޒަފެއްގެ ބްރީޗް އޮފް ޓްރަސްޓް (ޚިޔާނާތް) ވެސް ހިމެނޭ ގޮތަށް ޚުޞޫމާތްތައް ފަރުމާ ކުރެވިފައިވާ ކަމަށް ބެލެވެއެވެ.

22HN1ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދައުވާ ފޯމަށް ބަލާއިރު، އެއްބަސްވުމެއްގެ ދަށުން އުފެދި ނަޤުލުވެފައިވާ ޙައްޤުތަކާއި ވާޖިބުތަކާއި ޚިލާފުވުމުގެ އިތުރުން އެއެއްބަސްވުމާއި ޚިލާފުވުމުގައި މަކަރާއި ހީލަތް ހެދުން ވެސް ކޯސް އޮފް އެކްޝަންގެ ގޮތުގައި ހިމެނިފައިވާއިރު، މައުޟޫއީ ދައުވާގައި ޖަވާބު ހުށަހެޅި، އެއްބަސްވެވޭ ކަންތައްތަކާއި ނުވެވޭ ކަންތައް ސާފުވެ، ޚުޞޫމާތްތައް ކަށަވަރުވެގެން މެނުވީ ޕްރިވިޓީ އޮފް ކޮންޓްރެކްޓް މަފްހޫމުގެ ދަށުން ޙަޤީޤަތުގައި ކޮންޓްރެކްޗުއަލް (ތަޢާޤުދީ) ގުޅުން އޮތީ ކޮން ފަރާތަކާއި މެދުގައިތޯކަމާއި، އަދި /ނުވަތަ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ސަބަބުން ލިބުނު ގެއްލުމަށް ޒިންމާ ވާން ޖެހޭނީ ކޮން ފަރާތަކުން ކަމުގައި ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.

23HN2އެހެންކަމުން، ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާގައި ޚަޞްމެއްގެ ގޮތުގައި ހިމެނިފައިވާ މުޙައްމަދު ޖިޔާދު އަދި މުޙައްމަދު ޢަބްދުﷲ ދައުވާގައި ހިމެނޭ މިންވަރަށް ކޯސް އޮފް އެކްޝަން ދެފަރާތުގެ މައްޗަށް ވެސް ބުނެދެވިފައިވާކަމަށް ބުރަވެވޭތީއާއި، ޚަޞްމުންގެ ގޮތުގައި އުނިކުރުމަށް ދެފަރާތުންވެސް މައިގަނޑު ގޮތެއްގައި އެދޭ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމު މައްސަލައިގެ ވާޤީއާތަކަށް ތަޠުބީޤުކޮށް ޚަޞްމަކު އުނިކޮށް ނުވަތަ ހުށަހެޅިފައިވާ ދައުވާގައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ ކޮބައިކަން ކަނޑައެޅޭނީ މައްސަލަ ހިންގައި ކުރިއަށްދާ ގޮތަކުން ކަމުގައި ދެކެމެވެ.

ނިންމަން ފެންނަ ގޮތް

24HN3ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 "ކޯޓުތަކުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ގައި މުޙައްމަދު ޖިޔާދުގެ ފަރާތުން އެފަރާތުގެ މައްޗަށް މިދައުވާ ކުރެވިދާނެކަމާމެދު އުފެއްދި ސުވާލުގެ ޖަވާބަކީ މައުޟޫއީ ދައުވާގެ ތެރެއިން ކުރެވޭ ޤާނޫނީ ބަހުސްގެ ތެރެއިން މެނުވީ އެމައްޗަށް ގޮތެއް ކަނޑަނޭޅޭ ކަމެއްކަމަށް އެކޯޓުން ނިންމި ނިންމުމަށް ތާއީދުކުރުމަށް ފެނެއެވެ.

25ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 "ކޯޓުތަކުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ގައި މުޙައްމަދު ޢަބްދުﷲ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫންކަމަށް ނިންމާފައިވާ ބައި ބާޠިލްކޮށް، މުޙައްމަދު ޢަބްދުﷲ ގެ މައްޗަށް މިދައުވާ ކުރެވިދާނެކަމާމެދު އުފެއްދި ސުވާލުގެ ޖަވާބަކީ، މައުޟޫޢީ ދައުވާގެ ތެރެއިން ކުރެވޭ ޤާނޫނީ ބަހުސްގެ ތެރެއިން މެނުވީ އެމައްޗަށް ގޮތެއް ކަނޑަނޭޅޭ ކަމެއްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު:

26ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު:

27ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

28މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރިކަމަށް ޝަރީޢަތަށް ފާހަގަކުރެވޭތީ، ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 "ކޯޓުތަކުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ގައި […] މުޙައްމަދު ޖިޔާދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާމެދު އެކޯޓުން ނިންމާފައިވާ ބަޔަށް ތާއީދުކުރުމާއެކު، އެނިންމުމުގައި […] މުޙައްމަދު ޢަބްދުﷲ ދަޢުވާއިން ބޭރުކުރުމަށް ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މުޙައްމަދު ޢަބްދުﷲގެ މައްޗަށް ދައުވާ ރައްދުކުރެވިދާނެތޯ ބެލޭނީ މައުޟޫއީ މައްސަލައިގެ ތެރެއިންކަމުގައި ކަނޑައަޅައި، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު އިސްމާޢީލް ޝަފީޢު

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް

ފުޓްނޯޓު

  1. 2018/SC-A/31
  2. އެރައުޔުގެ 13 ވަނަ ނުކުތާގައި
  3. ނަންބަރު MC/C-281/2003 އެއްބަސްވުން.
  4. ނަންބަރު MC/C-282/2003 އެއްބަސްވުން.
  5. މީގެ ފަހުން "ޔުނި އިންޖިނިއަރިންގ ގެ ގޮތުގައި މުޚާތަބް ކުރެވޭ"
  6. މުޙައްމަދު ޖިޔާދު އަދި ހައި-ލައިން އާއި ދެމެދު
  7. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
  8. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ހ)
  9. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ށ)
  10. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ