ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/388

މުޙައްމަދު ޖިޔާދު ވ. ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 25 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 25 ނޮވެމްބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 1108/Cv-C/2022ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1108/Cv-C/2022
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުލީގެ އެއްބަސްވުމުން ތިންވަނަ ފަރާތަކަށް ޙައްޤުތައް ބަދަލުކުރުން މަނާ ނުކުރާތީ އެސައިންމަންޓުގައި ގޯހެއް ނެތްކަމަށާއި، ތަން އެހެން ފަރާތަކަށް ކުއްޔަށް ދީގެން ހައި-ލައިން އެންޓަރޕްރައިސަސްގެ މަޞްލަޙަތަށް އަސަރުކޮށްފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 980,000.00 ރުފިޔާ އިސްތިއުނާފުކުރި ފަރާތުން ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ވާޤިޢާ
ގެއެއްގެ 1 އަދި 2 ވަނަ ފަންގިފިލާ ކުއްޔަށް ދިނުމަށް އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑާއި އިސްތިއުނާފުކުރި ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ޙައްޤުތައް ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން ލިބިފައިވާ ހައި-ލައިން އެންޓަރޕްރައިސަސްއިން، ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފުކުރި ފަރާތާއި މުޙައްމަދު ޢަބްދުﷲ ބައިވެރިވެގެން ތަން އަތުލިކަމަށް ބުނެ، އަތުގެ ވެރިކަމާއި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. ސިވިލް ކޯޓުން މުޙައްމަދު ޢަބްދުﷲ ދަޢުވާއިން އުނިކުރި ނިންމުން، 2022/HC-A/414 އަދި 2023/HC-A/68 ގައި ހައިކޯޓުން ބާޠިލުކޮށް، އޭނާގެ މައްޗަށް ދަޢުވާ ރައްދުކުރެވޭތޯ ބެލޭނީ މައުޟޫޢީ މައްސަލައިގެ ތެރެއިން ކަމަށް ނިންމިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަޢުވާ ރައްދުވާ އިތުރު ފަރާތެއް މައުޟޫޢީ ދަޢުވާގައި ހިމަނަން ހައިކޯޓުން ގުޅޭ އިސްތިއުނާފެއްގައި ނިންމާފައިވާއިރު، އެ ފަރާތް ނުހިމަނައި ނިންމާފައިވާ ސިވިލް ކޯޓުގެ ޙުކުމާމެދު ކުރެވޭ އިސްތިއުނާފެއްގައި ހައިކޯޓުން އިސްތިއުނާފީ ނުކުތާތަކަށް ގޮތް ކަނޑައަޅަންވީތޯ، ނުވަތަ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން ގާނޫނީ އުޞޫލުތައް ކަނޑައަޅައި މައްސަލަ ދަށު ކޯޓަށް ތަޙްވީލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ހެކި ވަޒަންކޮށްފައި ނުވާކަމަށާއި، ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުޞޫލާ ޚިލާފަށް އޭނާ ބައިވެރިނުވާ ޑީޑެއްގެ ދަށުން ދަޢުވާ ކުރެވިފައިވާކަމަށާއި، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 39 ވަނަ މާއްދާއާ ޚިލާފަށް އެދިފައިވާ ފަރުވާއަށްވުރެ ގިނައިން ނަގައިދީފައިވާކަމަށާއި، ތަނުގެ އަތުގެ ވެރިކަމާއި ޝަފަހީ ހެކިން ހާޒިރުނުކުރުމުގައި ގޯސްތައް ހުރިކަމަށެވެ. ހައި-ލައިން އެންޓަރޕްރައިސަސްއިން ބުނީ އެސައިންކުރުން އެއްބަސްވުމުން މަނާ ނުކުރާކަމަށާއި، ގެއްލުމުގެ ބަދަލު ހިސާބުކޮށްފައިވަނީ މަހަކު 20,000.00 ރުފިޔާގެ ކުލިއަށް ބަލައިގެން ކަމަށާއި، ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރަން ޖެހޭކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުގެ 2022/HC-A/414 އަދި 2023/HC-A/68 ގެ ނިންމުމުގެ ނަތީޖާއަކީ ދަޢުވާ ރައްދުވާ ދެ ފަރާތް ހިމެނިގެން ޒިންމާއާއި އެސައިންމަންޓާއި ފަރުވާއާ ބެހޭ ސުވާލުތައް ދަށު ކޯޓުން މައުޟޫޢީ ގޮތުން ބެލުން ކަމަށްވާތީ، މިއީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ) ގައި ބުނާ ނުބެލި ހުރި ކަންތައްތަކެއް ހުރި ޙާލަތެކެވެ. އިސްތިއުނާފީ ނުކުތާތަކަށް މިހާރު ގޮތް ކަނޑައެޅިއްޖެނަމަ ފުށުއަރާ ނަތީޖާ ނިކުމެ، ބައިވެރިނުވާ ފަރާތެއްގެ ޙައްޤުތަކަށް އަސަރުކޮށް، އިސްތިއުނާފުކުރުމުގެ ފުރުޞަތު ގެއްލޭނެތީ، ހެކިން ހާޒިރުނުކުރާނަމަ ސަބަބު ބަޔާންކުރުމާއި ފަރުވާ ދަޢުވާގެ ތަރަހައިގައި ހިފެހެއްޓުން ފަދަ އުޞޫލުތައް ކަނޑައަޅައި މައްސަލަ ތަޙްވީލުކުރެވުނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގާނޫނީ އުޞޫލުތަކުގެ މަތިން މައްސަލަ އަލުން ބެލުމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ) އާއި 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް ތަޙްވީލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން).

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައިކޯޓުގެ ގުޅޭ ނިންމުމެއްގެ ނަތީޖާއަކީ މައްސަލައިގެ މައުލޫއުގައި ކުރެވޭ ބަހުސްގައި ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި އިތުރު ފަރާތެއް ހިމެނިގެން ދިއުން ކަމުގައިވާނަމަ، އިސްތިއުނާފީ ނުކުތާތަކަށް ދެވޭ ޖަވާބަކަށް ވާންވާނީ ހައިކޯޓުގެ އެ ނިންމުމާ ވެސް ފުށުނާރާ ގޮތަކަށެވެ. އިސްތިއުނާފީ ނުކުތާތަކަށް މި ވަގުތު ގޮތެއް ކަނޑައަޅައިފިނަމަ ދެ މައްސަލައިގައި ނިކުންނަ ނަތީޖާއަކީ ގާނޫނީ ގޮތުން ހަމަޖެހޭ ނަތީޖާއަކަށް ނުވުމުގެ ފުރުސަތު އޮތަތީ، ހައިކޯޓުގެ ނިންމުމުގައި ބަޔާންކުރާ ކަންކަމުގެ އަލީގައި މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކޮށް ބަލަންޖެހޭނެއެވެ.

HN2 ދަށު ކޯޓަށް ހުށަހެޅުނު ދައުވާގައި ކަނޑައަޅަންޖެހޭ މައިގަނޑު ސުވާލު، އެއީ ދައުވާ ރައްދުވާ ފަރާތެއްގެ މައްޗަށް ދައުވާ ރައްދުކުރެވޭތޯ އާއި، ލިބުނުކަމަށް ބުނާ ގެއްލުމަށް ޒިންމާވަނީ ކޮން ފަރާތެއްތޯ، ނުވަތަ ދެ ފަރާތް އެކުގައިތޯ، އަދި ކޮން މިންވަރަކަށްތޯ، މި ސުވާލު، ދައުވާ ރައްދުވާ ދެ ފަރާތް ހިމެނިގެން ދަށު ކޯޓުން އަދި ބަލާފައި ނުވުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގައި ބުނާ، ދަށު ކޯޓުގައި ނުބެލި ހުރި ކަންތައްތަކެއް ހުރި ޙާލަތެކެވެ.

HN3 ތަހުވީލުކުރުމުގެ ބާރު ބޭނުންކުރަންޖެހެނީ ދެ ކަމެއް ފުރިހަމަވުމުން ކަމެވެ. އެއީ، ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް ހުރުމާއި، އެ ކަންކަން ދަށު ކޯޓުން އަލުން ބެލުމުގެ މަސްލަހަތު ބޮޑުވުމެވެ.

HN4 ތަހުވީލުކުރާއިރު ހައިކޯޓުން ކުރަންޖެހޭ ކަމަކީ، އެ މައްސަލަ ބަލަންޖެހޭ ގާނޫނީ އުސޫލުތައް ކަނޑައަޅައިދިނުމެވެ. ދަށު ކޯޓުން އަލުން ބަލަން ފޮނުވާ ކަންކަމާމެދު ހައިކޯޓުން ކުރިން ގޮތް ކަނޑައެޅުމެއް ނޫނެވެ.

HN5 ހެކި ވަޒަންކުރުމުގައި ދަށު ކޯޓަށް ހެދިފައިވާކަމަށް ބުނާ ގޯހާއި، ތަނުގެ އަތުގެ ވެރިކަން ކަށަވަރު ނުކުރުމާއި، ހެކިން ހާޒިރުނުކުރުމުގެ ސުވާލުތަކަކީ، ހެކި އަލުން ހުށަހެޅި ވަޒަންކުރެވޭ ހާލަތުގައި، އެ ހެކިތަކުގެ މައްޗަށް ދަށު ކޯޓުން އަލުން ގޮތް ކަނޑައަޅަންޖެހޭ ސުވާލުތަކެކެވެ. ދަށު ކޯޓުގެ ހުކުމް ބާތިލުވުމުން، އެ ހުކުމުގައި ހެކި ވަޒަންކޮށްފައިވާ ގޮތް ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ އަމަލީ ބޭނުމެއް ނެތެވެ.

HN6 މައްސަލަ އަލުން ބަލާއިރު، ހަސްމަކު ހުށަހަޅާ ހެކިވެރިއަކު ހާޒިރުނުކުރަން ދަށު ކޯޓުން ނިންމާނަމަ، އެ ނިންމުމުގެ ސަބަބު ބަޔާންކުރަންވާނެއެވެ.

HN7 "މައުޟޫއީ ދަޢުވާގެ ތެރެއިން ކުރެވޭ ގާނޫނީ ބަހުސްގެ ތެރެއިން މެނުވީ" ގޮތެއް ކަނޑަނޭޅޭނެކަމަށް ކަނޑައަޅާފައިވާ ސުވާލަށް ހައިކޯޓުން މިހާރު ޖަވާބު ދީފިނަމަ، ބައިވެރިނުވާ މައުލޫއީ ބަހުސެއްގެ މައްޗަށް، ފަރާތެއްގެ ހައްގުތަކާއި ޒިންމާތަކާ ސީދާ ގުޅޭ ގާނޫނީ ސުވާލަކަށް ގޮތް ކަނޑައެޅުނީއެވެ. އަދި، އެ ސުވާލާމެދު ދަށު ކޯޓުން ކަނޑައަޅާ ގޮތް އިސްތިއުނާފުކުރުމުގެ ފުރުސަތު ދެފަރާތަށް ގެއްލުނީއެވެ. އެހެންކަމުން، އެ ނުކުތާއާ މެދު ގޮތް ކަނޑައެޅުމަށް ދަށު ކޯޓަށް ދޫކުރަން ފެނެއެވެ.

HN8 އެދިފައިވާ ފަރުވާގެ ތަރަހައިގެ ތެރޭގައި ދަށު ކޯޓުގެ ހުކުމް ހިމެނޭތޯ ކަނޑައެޅުމަކީ، ޒިންމާ އޮތީ ކޮން ފަރާތެއްގެ މައްޗަށް، ކޮން މިންވަރަކަށްކަން ކަނޑައެޅުމަށްފަހު ދެން އަންނަ ސުވާލެކެވެ. ދަށު ކޯޓުން އަލުން މައްސަލަ ބަލާއިރު، ނަގައިދޭ ފަރުވާ، ދައުވާ ފޯމުގައި އެދިފައިވާ ފަރުވާގެ ތަރަހައިގެ ތެރޭގައި ހިފެހެއްޓުމަކީ ދަށު ކޯޓުގެ މައްޗަށް އޮތް ލާޒިމުކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު ފައިސަލް، ފައިސަލް އެންޑް ކޯ އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މޫސާ ޢާލިމް، އެސް.އެޗް.ސީ ލޯ އެންޑް ޓެކްސް
ބެންޗު
އިސްމާޢީލް ޝަފީޢު (ރިޔާސަތު)، ފާޠިމަތު ފަރްހީޒާ، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
އިސްމާޢީލް ޝަފީޢު
ރައުޔު ލިޔުނު ފަނޑިޔާރު
އިސްމާޢީލް ޝަފީޢު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ

ޤަޟިއްޔާ ނަންބަރު: 2023/HC-A/388

އިސްތިއުނާފުކުރި ފަރާތް: މުޙައްމަދު ޖިޔާދު

އިސްތިއުނާފު ރައްދުވި ފަރާތްތައް: ހައި-ލައިން އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: އެއްބަސްވުމާއިމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު އިސްމާޢީލް ޝަފީޢު ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް

ނިމުނު ތާރީޚް:

16 ޖުމާދަލްއާޚިރާ 1448 25 ނޮވެންބަރު 2026

ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް:

06 ޖުމާދަލްއޫލާ 1445 19 ޑިސެންބަރު 2023

އިސްތިއުނާފުކުރެވުނު މައްސަލަ:

ނަންބަރު: 1108/Cv-C/2022

ނިންމި ތަން: ސިވިލް ކޯޓު

ބާވަތް: އެއްބަސްވުމާއިމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ

ހުށަހެޅުނު ތާރީޚް: 16 މާރިޗް 2022 ނިމުނު ތާރީޚް: 19 ޖޫން 2023

އިސްތިއުނާފުކުރި ފަރާތް

މުޙައްމަދު ޖިޔާދު ޤާނޫނީ ވަކީލް: މުޙައްމަދު ފައިޞަލް، ފައިޞަލް އެންޑް ކޯ އެލް.އެލް.ޕީ

އިސްތިއުނާފު ރައްދުވި ފަރާތްތައް

ހައި-ލައިން އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލް: މޫސާ އާލިމް، އެސް.އެޗް.ސީ ލޯ އެންޑް ޓެކްސް

މަދަނީ – އެއްބަސްވުމާއިމެދު ހިލާފު އުފެދިގެން ހުށަހަޅާ މައްސަލަ – ގާނޫނު ނަންބަރު 22/20010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 32 ވަނަ މާއްދާ – ދަށު ކޯޓަށް މައްސަލަ ތަހްވީލުކުރުން

ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ތާއީދު ކުރެއެވެ.

މައްސަލައިގެ ތައާރަފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ގަޒިއްޔާ (މީގެ ފަހުން "ދަށު ކޯޓުގެ ނިންމުން") ނިންމި ގޮތާމެދު […]، މުޙައްމަދު ޖިޔާދު (މީގެ ފަހުން "މުޙައްމަދު ޖިޔާދު" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ގަޒިއްޔާއެކެވެ. މި ގަޒިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ހައި-ލައިން އެންޓަރޕްރައިސަސް ޕވޓ ލޓޑ (މީގެ ފަހުން "ހައި-ލައިން އެންޓަރޕްރައިސަސް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.

މައްސަލައިގެ ފަސްފަހަތް

2[…] އެވެ ކިޔާ ގޭގެ 1 އަދި 2 ފަންގިފިލާ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމާ މުޙައްމަދު ޖިޔާދު ހިލާފުވެ، ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން މުޙައްމަދު ޖިޔާދު އާއި މުޙައްމަދު ޢަބްދުﷲ ބައިވެރިވެގެން އެ ތަން ހައި-ލައިން އެންޓަރޕްރައިސަސްގެ އަތުން އަތުލާފައިވާތީ، އެ ތަނުގެ އަތުގެ ވެރިކަން ހޯދުމަށާއި، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ހައި-ލައިން އެންޓަރޕްރައިސަސްއިން ދައުވާ ކުރިއެވެ.

3މި ދައުވާއަށް މުޙައްމަދު ޖިޔާދު އިންކާރު ކުރިއެވެ. ދައުވާގެ ރައްދުގައި މުޙައްމަދު ޖިޔާދު ބުނެފައިވަނީ، […] އެވެ ކިޔާ ގޭގެ 1 އަދި 2 ވަނަ ފަންގިފިލާ ކުއްޔަށް ދިނުމަށް އެއްބަސްވުން އެކުލަވާލާފައިވަނީ އީސްޓް އިންވެސްޓް ޕވޓ ލޓޑ (މީގެ ފަހުން "އީސްޓް އިންވެސްޓް") އާއި މުޙައްމަދު ޖިޔާދުއާ ދެމެދު ކަމަށެވެ. ނަމަވެސް، މި އެއްބަސްވުމުގެ ދަށުން އީސްޓް އިންވެސްޓްއަށް ލިބިފައިވާ ހައްގުތައް ހައި-ލައިން އެންޓަރޕްރައިސަސްއަށް ބަދަލު ކޮށްފައިވަނީ މުޙައްމަދު ޖިޔާދުގެ ރުހުން ނެތިކަމަށާއި އެ ފަދައިން އަމަލުކުރުމުގެ ބާރު އީސްޓް އިންވެސްޓްއަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބިގެން ނުވާކަމަށެވެ. މުޙައްމަދު ޖިޔާދުއަކީ، އީސްޓް އިންވެސްޓް އާއި ހައި-ލައިން އެންޓަރޕްރައިސަސްއާ ދެމެދު ސޮއިކޮށްފައިވާ ޑީޑް އޮފް އެސައިންމަންޓްގެ ބައިވެރިއެއް ނޫން ކަމުގައިވާތީ، މި އެއްބަސްވުމާ ހަވާލާދީ މުޙައްމަދު ޖިޔާދުއާ ދެކޮޅަށް ހައި-ލައިން އެންޓަރޕްރައިސަސްއަށް ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާކަމަށެވެ.

4މުޙައްމަދު ޖިޔާދުގެ ޖަވާބާ ގުޅިގެން ހައި-ލައިން އެންޓަރޕްރައިސަސްއިން ބުނެފައިވަނީ، އީސްޓް އިންވެސްޓްއަށް ލިބިގެންވާ ހައްގުތައް ތިންވަނަ ފަރާތަކަށް ބަދަލުކުރުމަކީ ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގައި މަނާ ނުކުރާ ކަމަކަށް ވާތީވެ، އެކަން ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

5މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ނިންމަވާފައިވަނީ ކުލީގެ އެއްބަސްވުމުގެ ދަށުން މި ތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން މަނާ ނުކުރާތީ، އީސްޓް އިންވެސްޓްއިން ހައި-ލައިން އެންޓަރޕްރައިސަސްއަށް މި ތަން ކުއްޔަށް ދިނުމުގައި ގާނޫނީ ގޮތުން ގޯހެއް ނެތްކަމަށެވެ. އެހެންކަމުން، ހައި-ލައިން އެންޓަރޕްރައިސަސްއަށް މި ތަން ކުއްޔަށް ހިފައިގެން ބޭނުންކުރުމުގެ ހައްގު އޮތް ކަމަށެވެ. ދެވަނަ ކަމަކަށް ސިވިލް ކޯޓުން ނިންމާފައިވަނީ، މި ތަނާ ގުޅޭ ހައްގުތައް ހައި-ލައިން އެންޓަރޕްރައިސަސްއަށް ބަދަލުކޮށްފައިވާއިރު އަދި އެ ތަން ބޭނުންކުރުމުގެ ހައިސިއްޔަތު ހައި-ލައިން އެންޓަރޕްރައިސަސްއަށް ލިބިފައިވަނިކޮށް، އެ ތަން ޔުނި-އިންޖިނިއަރިންގ ޕވޓ ލޓޑ (މީގެ ފަހުން "ޔުނި-އިންޖިނިއަރިންގ") އަށް މުޙައްމަދު ޖިޔާދު ކުއްޔަށް ދީފައިވާތީ، މުޙައްމަދު ޖިޔާދު އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ހައި-ލައިން އެންޓަރޕްރައިސަސްގެ މަސްލަހަތަށް އަސަރު ކޮށްފައިވާ ކަމަށެވެ. އެ ސަބަބުގެ މައްޗަށް ބިނާކޮށް ހައި- ލައިން އެންޓަރޕްރައިސަސްއަށް ގެއްލުމުގެ ބަދަލު ގޮތުގައި ޖުމުލަ 980،000.00ރ (ނުވަލައްކަ އަށްޑިހަހާސް ރުފިޔާ) މުޙައްމަދު ޖިޔާދު ދައްކަންޖެހޭ ކަމަށް ހުކުމް ކޮށްފައި ވެއެވެ.

އިސްތިއުނާފީ ނުކުތާތައް

6މި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ އަންނަނިވި ނުކުތާތަކުގެ މައްޗަށެވެ؛

6.1. ފަނޑިޔާރުގެ ނިންމުންތައް ނިންމުމުގައި އަމަލުކުރަންވީ ގޮތް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ އެއްގޮތަށް ދަށު ކޯޓުން އަމަލު ކޮށްފައި ނެތުން؛

6.2. ކޮންޓްރެކްޓާބެހޭ ގާނޫނުގެ އުސޫލެއް ކަމުގައިވާ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުސޫލު ތަތުބީގުކޮށްފައި ނެތަތީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް އަމަލުކޮށްފައިވުން؛

6.3. ދައުވާގައި އެދިފައިވާ ފަރުވާއަށްވުރެ އިތުރު ފަރުވާއެއް ނުވަތަ ބަދަލެއް ނަގައިދިނުމަކީ ޝަރީއަތް ކުރުމުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި، އެދިފައިވާ ބަދަލު ނުވަތަ ފަރުވާގެ އިތުރުން އެހެން ފަރުވާއެއް ދިނުމަށް ދަށު ކޯޓުން ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 39 ވަނަ މާއްދާއާ ހިލާފަށް ކަމަށާއި ދަށު ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި ހިލާފު ވެފައިވުން؛ އަދި

6.4. ދަށު ކޯޓުން ހުކުމް ކުރިއިރު މައްސަލައިގެ ހަގީގަތްތައް ފުރިހަމައަށް ދެނެގަނެވިފައި ނެތުމުގެ ނަތީޖާއަކީ ދަށު ކޯޓުގެ ފަނޑިޔާރު މައްސަލަ ބެއްލެވުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ހިލާފު ވެފައިވުންކަން، މިއެވެ.

މުޙައްމަދު ޖިޔާދުގެ ބަހުސް އަދި އެދުނު ގޮތް

7މުޙައްމަދު ޖިޔާދު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ހުލާސާ ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަން ތިރީގައި ބަޔާން ކުރަމެވެ.

7.1 ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ހުލާސާއަކީ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތް ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވާއިރު، މައްސަލަ ނިންމުމުގައި ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކޮށްފައި ނުވުމެވެ. މުޙައްމަދު ޖިޔާދު ފާހަގަ ކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އަލުން ހެކި ވަޒަންކުރުމަށް ދަށު ކޯޓަށް މައްސަލަ ތަހުވީލު ކުރެވިދާނެކަމަށް ވެސް ދެކޭ ކަމަށެވެ.

7.2 އިސްތިއުނާފީ ދެވަނަ ނުކުތާގައި މުޙައްމަދު ޖިޔާދުގެ ބަހުސަކީ ދަށު ކޯޓުގެ މުޅި މައްސަލަ އެ މައްޗަށް ބިނާވާ އެއް ލިޔުމަކީ ދަށު ކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން ދައުވާ ފޯމާއެކު ހުށަހަޅާފައިވާ ޑޮކިއުމަންޓް 3 ގެ ގޮތުގައި ހިމެނޭ ޑީޑް އޮފް އެސައިންމަންޓް ކަމަށްވާއިރު މި ޑީޑް އޮފް އެސައިންމަންޓްއަކީ އެކަމުގައި މުޙައްމަދު ޖިޔާދުގެ އެއްވެސް ބައިވެރިވުމެއް ހިމެނޭ އެއްބަސްވުމެއް ނޫންކަމަށެވެ. މުޙައްމަދު ޖިޔާދުގެ އެނގުމެއް ނެތި މުޅި ގޯތި އަދި އިމާރާތާ ގުޅޭ ހުރިހާ ހައްގުތަކެއް އެހެން ފަރާތަކަށް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި ކަންކަމުގެ ތަފްސީލް ބަޔާންކުރަމުން ބުނެފައިވަނީ އެއްބަސްވުމުގެ ބައިވެރިއެއް ގޮތުގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް އެއްބަސްވުމެއްގެ ދަށުން ކަންކަން ލާޒިމުކުރުވުމަކީ އެފަރާތްތަކުގެ މެދުގައި ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް ނެތުމުގެ ގާނޫނީ އުސޫލު ކަމުގައިވާ ޕްރިވިޓީ އޮފް ކޮންޓްރެކްޓް (privity of contract) ގެ ތެރެއިން ވެސް ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.

7.3. އިސްތިއުނާފީ ތިންވަނަ ނުކުތާގައި މުޙައްމަދު ޖިޔާދުގެ ބަހުސަކީ، ދައުވާ ފޯމުގެ އެދޭ ގޮތުގައި ފައިސާގެ މިންވަރެއް ހައި-ލައިން އެންޓަރޕްރައިސަސްއިން ބަޔާން ކޮށްފައި ނުވާކަމަށާއި، މި ހާލަތުގައި ފައިސާގެ މިންވަރެއް ހުކުމުގެ ތެރެއިން ނަގައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހައި-ލައިން އެންޓަރޕްރައިސަސްއިން ފައިސާގެ އަދަދެއް ބަޔާންކޮށްފައިވަނީ ފޯމުގެ 6 ވަނަ ނަންބަރުގައި ކަމަށާއި އެ ނަންބަރުގައި ހޯދުމަށް އެދޭ ފައިސާގެ ގޮތުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ ގިނައިން ސިވިލް ކޯޓުން ބަދަލު ނަގައިދީފައިވާ ކަމަށެވެ. މިއީ އެދިފައިވާ ފަރުވާގެ ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށެވެ. ދައުވާއަކާ ގުޅިގެން ހަސްމަކު ހޯދުމަށް އެދިފައިވާ ފަރުވާ ނުވަތަ ބަދަލު މެނުވީ ނަގައިދީގެން ނުވާނެކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވަނީ މި މާއްދާއާ ހިލާފަށް ކަމަށެވެ.

7.4. އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި މުޙައްމަދު ޖިޔާދުގެ ބަހުސަކީ ދަށު ކޯޓުގައި ކުރިއަށްދިޔަ މައްސަލައިގެ ހަގީގަތް ރަނގަޅަށް ދެނެގަނެފައި ނުވާކަމަށެވެ. […]ގެ އަތުގެ ވެރިކަން (possession) ނުވަތަ އެތަން ހުރީ ކޮން ފަރާތެއްގެ ބާރުގެ ދަށުގައިކަން ކަށަވަރުކުރުމަކީ މިމައްސަލައިގެ އެންމެ އަސާސީ މައުލޫމާތު ކަމަށާއި، މިކަން ދަށު ކޯޓުން ދެނެގަނެފައި ނުވުމަކީ އަދުލު އިންސާފު ލިބުމަށް ހުރަސް އެޅުން ކަމަށެވެ. އަދި މައްސަލައިގެ ހަގީގަތް ހާމަ ކޮށްދިނުމަށް ޝަފަހީ ހެކިން ހުށަހެޅިއިރު، އެ ހެކިން ޝަރީއަތަށް ހާޒިރު ނުކުރުމަކީ މައްސަލައިގެ ހަގީގަތް ދެނެގަތުމުގެ ޒިންމާއާ ދަށު ކޯޓުން ހިލާފުވެފައިވާކަން އަންގައިދޭ ކަމެއް ކަމަށެވެ.

8އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ދަށު ކޯޓުގެ ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށްވާތީ އެ ގަޒިއްޔާގެ ހުކުމް ބާޠިލު ކަމަށް ކަނޑައަޅައިދެއްވުން ނުވަތަ އެ ހުކުމް ކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބަލާފައި ނުވާތީ އާއި މައްސަލައާ ގުޅިގެން ހާޒިރުކޮށްދިނުމަށް އެދުނު ހެކިވެރިން ހާޒިރު ކޮށްދީފައި ނުވާތީ އާއި މައްސަލައާ ގުޅިގެން ހުށަހެޅުނު ހެކި ވަޒަންކުރުމުގައި އަދި ހެއްކަށް ބުރަދަން ދިނުމުގައި ދަށު ކޯޓުން ގޯސްތަކެއް ހަދާފައިވާތީ، މި ގަޒިއްޔާގެ ހުކުމް ބާތިލު ކޮށްދެއްވާ މި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކޮށްދެއްވުމަށެވެ.

ހައި-ލައިން އެންޓަރޕްރައިސަސްގެ ރައްދު އަދި އެދޭ ގޮތް

9އިސްތިއުނާފުގެ ޖަވާބުގައި ހައި-ލައިން އެންޓަރޕްރައިސަސްއިން ފާހަގަ ކޮށްފައިވާ ކަންކަން ހުލާސާ ގޮތެއްގައި ބަޔާން ކުރަމެވެ.

9.1. އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި ހައި-ލައިން އެންޓަރޕްރައިސަސްއިން ބުނެފައިވަނީ އިސްތިއުނާފުކުރެވޭ މައްސަލައިގައި ސިވިލް ކޯޓުން ރިއާޔަތް ނުކުރި ހެއްކަކީ ނުވަތަ ގޯސްކޮށް ވަޒަންކުރި ހެއްކަކީ ކޮބައިކަން މުޙައްމަދު ޖިޔާދަށް ބުނެދެވިފައި ނުވާކަމަށެވެ.

9.2. އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ މުޙައްމަދު ޖިޔާދު އާއި އީސްޓް އިންވެސްޓްއާ ދެމެދު ސޮއިކޮށްފައިވާ ދެ އެއްބަސްވުން ވަނީ ހައި-ލައިން އެންޓަރޕްރައިސަސްއަށް އީސްޓް އިންވެސްޓްގެ ފަރާތުން އެސައިންކޮށް އީސްޓް އިންވެސްޓްއަށް އެ އެއްބަސްވުންތަކުގެ ދަށުން ލިބިދީފައިވާ އެންމެހާ މަންފާތަކާއި ހައްގުތަކާއި އަދި އެ ފަރާތުން އަދާކުރަންޖެހޭ އެންމެހައި ޒިންމާތައް ހައި-ލައިން އެންޓަރޕްރައިސަސްއަށް ބަދަލު ކޮށްފައި ކަމަށެވެ. މި އެއްބަސްވުންތަކުގައި ބަޔާންކުރާ ހައްގުތަކާއި ޒިންމާތަކާއި އިލްތިޒާމުތައް އެސައިންކުރުން މަނާކުރާ އެއްވެސް މާއްދާއެއް ހިމެނިފައި ނުވާތީ، އީސްޓް އިންވެސްޓްއިން މި އެއްބަސްވުންތައް ހައި-ލައިން އެންޓަރޕްރައިސަސްއަށް އެސައިންކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

9.3. އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި ހައި-ލައިން އެންޓަރޕްރައިސަސްއިން ބުނެފައިވަނީ އެ ކުންފުނިން ސިވިލް ކޯޓުގައި އެދިފައިވަނީ […] އެވެ ކިޔާ ގޭގެ 1 އަދި 2 ވަނަ ފަންގިފިލާ ހައި-ލައިން އެންޓަރޕްރައިސަސްގެ ކިބައިން މުޙައްމަދު ޖިޔާދު އަތުލާފައިވަނީ، ހައި-ލައިން އެންޓަރޕްރައިސަސްއާ އެކު އޮތް ކުލީގެ އެއްބަސްވުމާ ހިލާފަށް ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން ކަމަށްވާތީވެ، އަދި އެކަން ގޭގެ ވެރިފަރާތުން ކޮށްފައިވަނީ މުޙައްމަދު ޢަބްދުﷲ އަށް ވާގިވެރިވުމުގެ ގޮތުން ކަމަށްވާތީވެ، އެކަމުގެ ސަބަބުން ހައި-ލައިން އެންޓަރޕްރައިސަސްއަށް ލިބުނު ގެއްލުމުގެ ބަދަލު މުޙައްމަދު ޖިޔާދު އާއި މުޙައްމަދު ޢަބްދުﷲގެ ފަރާތުން ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ކަމަށެވެ. ގެއްލުމުގެ ބަދަލު ހިސާބު ކޮށްފައިވަނީ މަހު ކުލީގެ ގޮތުގައި އެތަނުގައި ތިބި ޔުނި އިންޖިނިއަރިންގގެ އަތުން މުޙައްމަދު ޢަބްދުﷲ ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 20،000.00ރ (ވިހިހާސް ރުފިޔާ) އަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ. އަދި ދަށު ކޯޓުގެ މައްސަލައިގެ ޝަރީޢަތް ނިމެންދެން ހިނގާ ކޮންމެ މަހަކަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް ހައި-ލައިން އެންޓަރޕްރައިސަސްއިން އެދިފައިވާނެ ކަމަށެވެ.

9.4. އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ޖަވާބުގައި ހައި-ލައިން އެންޓަރޕްރައިސަސްއިން ބުނެފައިވަނީ ތަނުގެ އަތުގެ ވެރިކަން އޮތީ މުޙައްމަދު ޖިޔާދުގެ އަތުގައިކަން ސިވިލް ކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ޕެރެގްރާފް 9 ގެ (ނ) ގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން ގޯސްކޮށް ކޮށްފައިވާކަމެއް މުޙައްމަދު ޖިޔާދުއަށް މިނުކުތާގައި ބުނެދެވިފައި ނުވާކަމަށެވެ.

10ހައި-ލައިން އެންޓަރޕްރައިސަސްއިން އެދިފައިވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކޮށްދެއްވައި، އެ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދެއްވުމަށެވެ.

ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަން

11މި މައްސަލައިގެ ފަސްފަހަތް ބަޔާންކުރެވިފައިވާއިރު، މި މައްސަލައާ ގުޅިގެން ހައި-ލައިން އެންޓަރޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކީ ހަމައެކަނި މުޙައްމަދު ޖިޔާދުއާ ދެކޮޅަށް ހުށަހެޅި ދައުވާއެއް ނޫންކަން އެނގެއެވެ. ހައި-ލައިން އެންޓަރޕްރައިސަސް އިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކީ މުޙައްމަދު ޖިޔާދު އަދި މުޙައްމަދު ޢަބްދުﷲއާ ދެކޮޅަށް ހުށަހެޅި ދައުވާއެކެވެ. ސިވިލް ކޯޓުގައި މި ދައުވާ ހުށަހެޅުމުން، މުޙައްމަދު ޢަބްދުﷲ ފާހަގަ ކޮށްފައިވަނީ އޭނާއަކީ މި ހުސޫމާތުގެ ބައިވެރިއެއް ނޫންކަމަށާއި އޭނާއާ ހައި-ލައިން އެންޓަރޕްރައިސަސްއާ ދެމެދު އެއްވެސް އެއްބަސްވުމެއް ނެތްއިރު އޭނާގެ މައްޗަށް މި ދައުވާ ކުރެވިގެން ނުވާނެ ކަމަށެވެ. ސިވިލް ކޯޓުން ނިންމަވާފައިވަނީ ދައުވާ ރައްދުވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މުޙައްމަދު ޢަބްދުﷲ އެ ދައުވާއިން އުނިކުރާށެވެ.

12އެ ނިންމުން ހައި-ލައިން އެންޓަރޕްރައިސަސްއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވެއެވެ. އެ އިސްތިއުނާފީ މައްސަލައާ ގުޅިގެން މި ކޯޓުން ނިންމަވާފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާއަކީ މުޙައްމަދު ޢަބްދުﷲ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫންކަމަށް ނިންމަވާފައިވާ ނިންމުން ބާތިލުކޮށް، މުޙައްމަދު ޢަބްދުﷲގެ މައްޗަށް މި ދައުވާ ކުރެވޭނެކަމާ މެދު އުފެއްދި ސުވާލުގެ ޖަވާބު ލިބޭނީ މައްސަލައިގެ މައުލޫއުގައި ބަހުސް ކޮށްގެން ކަމަށެވެ.

13HN1ދިވެހިރާއްޖޭގެ ހައިކޯޓުގެ ހައި-ލައިން އެންޓަރޕްރައިސަސް ވ. މުޙައްމަދު ޢަބްދުﷲ ގަޒިއްޔާގެ ނިންމުމުގެ ނަތީޖާއަކަށް ވެގެންދަނީ މި މައްސަލައިގެ މައުލޫއުގައި ކުރެވޭ ބަހުސްގައި ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި މުޙައްމަދު ޢަބްދުﷲ ވެސް ހިމެނިގެން ދިއުމެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި މުޙައްމަދު ޖިޔާދު އެކަނި ހިމަނައިގެންނެވެ. ނަމަވެސް، ދައުވާ ރައްދުވާ މީހެއްގެ ގޮތުގައި މުޙައްމަދު ޢަބްދުﷲ ހިމަނައިގެން މައްސަލައިގެ މައުލޫއާ މެދު ގޮތެއް ކަނޑައަޅަންޖެހޭކަމަށް ހައިކޯޓުގެ އިސްވެ ދެންނެވުނު ގަޒިއްޔާއިން ކަނޑައަޅައިފައިވާތީ، މި މައްސަލައިގައި މުޙައްމަދު ޖިޔާދު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ދެވޭ ޖަވާބަކަށް ވާންވާނީ ހައިކޯޓުގެ އެ ނިންމުމާ ވެސް ފުށުނާރާ ގޮތަކަށް އަދި އެ މައްސަލައިގައި ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި މުޙައްމަދު ޢަބްދުﷲ ހިމަނައިގެން މައްސަލައިގެ މައުލޫއާ މެދު ގޮތެއް ކަނޑައަޅަންޖެހޭ ހާލަތައް ރިއާޔަތް ކޮށެވެ. މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް މި ވަގުތު ގޮތެއް ކަނޑައަޅައިފިނަމަ ނިކުންނަ ގާނޫނީ ނަތީޖާ އޮޅުން ބޮޑުވެ ދެ މައްސަލައިގައި ނިކުންނަ ނަތީޖާއަކީ ގާނޫނީ ގޮތުން ހަމަޖެހޭ ނަތީޖާއަކަށް ނުވުމުގެ ފުރުސަތު އޮތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ބަޔާންކުރާ ކަންކަމުގެ އަލީގައި މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކޮށް ބަލަންޖެހޭކަމަށް އަހުރެން ދެކެމެވެ.

14HN2މި ކޯޓުގެ ނަންބަރު 2022/HC-A/414 އަދި 2023/HC-A/68 ގަޒިއްޔާތަކުގައި ކަނޑައަޅާފައިވަނީ، ދަޢުވާގައި ކޯސް އޮފް އެކްޝަން ދެ ފަރާތުގެ މައްޗަށް ވެސް ބުނެދެވިފައިވާކަމަށް ބުރަވެވޭތީ، މުޙައްމަދު ޢަބްދުﷲ ދަޢުވާއިން ބޭރުކުރުމަކީ ރަނގަޅު ނިންމުމެއް ނޫންކަމާއި، އޭނާގެ މައްޗަށް ދަޢުވާ ރައްދުކުރެވިދާނެތޯ ބެލޭނީ މައުލޫއީ މައްސަލައިގެ ތެރެއިން ކަމެވެ. އެ ނިންމުމުގެ ސީދާ ނަތީޖާއަކީ ދަށު ކޯޓަށް ހުށަހެޅުނު ދައުވާގައި ކަނޑައަޅަންޖެހޭ މައިގަނޑު ސުވާލު، އެއީ މުޙައްމަދު ޢަބްދުﷲގެ މައްޗަށް ދައުވާ ރައްދުކުރެވޭތޯ އާއި، ހައި-ލައިން އެންޓަރޕްރައިސަސްއަށް ލިބުނުކަމަށް ބުނާ ގެއްލުމަށް ޒިންމާވަނީ މުޙައްމަދު ޖިޔާދުތޯ، މުޙައްމަދު ޢަބްދުﷲތޯ، ނުވަތަ ދެ ފަރާތް އެކުގައިތޯ، އަދި ކޮން މިންވަރަކަށްތޯ، މި ސުވާލު، ދައުވާ ރައްދުވާ ދެ ފަރާތް ހިމެނިގެން ދަށު ކޯޓުން އަދި ބަލާފައި ނުވުމެވެ. މިއީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގައި ބުނާ، ދަށު ކޯޓުގައި ނުބެލި ހުރި ކަންތައްތަކެއް ހުރި ޙާލަތެކެވެ.

15މި ކޯޓުގައި 13 އެޕްރީލް 2025 ދުވަހު ބޭއްވުނު އަޑުއެހުމުގައި، އިޖުރާއީ އިސްތިއުނާފުތަކުގެ ނަތީޖާ މި ގަޒިއްޔާއަށް ކުރާނެ އަސަރާމެދު ދެފަރާތާ ސުވާލުކުރެވުނެވެ. މުޙައްމަދު ޖިޔާދުގެ ގާނޫނީ ވަކީލު ބުނެފައިވަނީ، މުޙައްމަދު ޢަބްދުﷲ ދަޢުވާގައި ހިމަނަން ކަނޑައެޅިއްޖެ ނަމަ ދަށު ކޯޓުގައި މައުލޫއީ ގޮތުން އަލުން މި މައްސަލަ ބަލަންޖެހޭނެ ކަމަށާއި، އެ ހާލަތުގައި މި އިސްތިއުނާފު މި ކޯޓުގައި ކުރިއަށް ގެންދެވޭނެކަމަށް ނުދެކޭ ކަމަށެވެ. ހައި-ލައިން އެންޓަރޕްރައިސަސްގެ ގާނޫނީ ވަކީލު ބުނެފައިވަނީ، ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށް އެދޭ ކަމަށާއި، މުޙައްމަދު ޢަބްދުﷲ ދައުވާގައި ހިމަނަން ކަނޑައެޅިއްޖެ ނަމަ ދަށު ކޯޓުން ކަނޑައެޅި އަދަދު ދެ ފަރާތުގެ މެދުގައި ބައިކުރެވިދާނެ ކަމަށާއި، އެ އަދަދަށް ބަދަލެއް އަންނާނެކަމަށް ނުދެކޭ ކަމަށެވެ.

16HN3ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މާއްދާގެ (ނ) ގައި، އިސްތިއުނާފު ކުރެވޭ މައްސަލަ ދަށު ކޯޓުގައި ބެލިއިރު ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ މައްސަލަ އަލުން ބެލުމުގެ މަސްލަހަތު ބޮޑުކަމަށް ފެނިއްޖެނަމަ، އެ މައްސަލަ ބަލަންޖެހޭ ގާނޫނީ އުސޫލުތައް ކަނޑައެޅުމަށްފަހު، އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވިދާނެކަމަށް ބަޔާންކޮށްފައި ވެއެވެ.

17HN4މި އުސޫލު ސުޕްރީމް ކޯޓުން ތަފްސީލު ކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ކަނޑައަޅުއްވާފައިވަނީ، "ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ސަރީހަ ނައްސުން ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ މައްސަލައެއް އަލުން ބެލުމުގެ މަސްލަހަތު ބޮޑުކަމަށް ފެނިއްޖެނަމަ، އެފަދަ މައްސަލައެއް ދަށު ކޯޓުން އަލުން ބަލަން ފޮނުވާލުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ." މިހެންނެވެ. މި އުސޫލުން އެނގެނީ، ތަހުވީލުކުރުމުގެ ބާރު ބޭނުންކުރަންޖެހެނީ ދެ ކަމެއް ފުރިހަމަވުމުން ކަމެވެ. އެއީ، ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް ހުރުމާއި، އެ ކަންކަން ދަށު ކޯޓުން އަލުން ބެލުމުގެ މަސްލަހަތު ބޮޑުވުމެވެ. އަދި، ތަހުވީލުކުރާއިރު ހައިކޯޓުން ކުރަންޖެހޭ ކަމަކީ، އެ މައްސަލަ ބަލަންޖެހޭ ގާނޫނީ އުސޫލުތައް ކަނޑައަޅައިދިނުމެވެ. ދަށު ކޯޓުން އަލުން ބަލަން ފޮނުވާ ކަންކަމާމެދު ހައިކޯޓުން ކުރިން ގޮތް ކަނޑައެޅުމެއް ނޫނެވެ.

18HN5އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ހަތަރުވަނަ ނުކުތާގައި ބުނާ، ހެކި ވަޒަންކުރުމުގައި ދަށު ކޯޓަށް ހެދިފައިވާކަމަށް ބުނާ ގޯހާއި، ތަނުގެ އަތުގެ ވެރިކަން (possession) ކަށަވަރު ނުކުރުމާއި، ހެކިން ހާޒިރުނުކުރުމުގެ ސުވާލުތަކަކީ، މުޙައްމަދު ޢަބްދުﷲ ހިމެނިގެން ހެކި އަލުން ހުށަހެޅި ވަޒަންކުރެވޭ ހާލަތުގައި، އެ ހެކިތަކުގެ މައްޗަށް ދަށު ކޯޓުން އަލުން ގޮތް ކަނޑައަޅަންޖެހޭ ސުވާލުތަކެކެވެ. ދަށު ކޯޓުގެ ހުކުމް ބާތިލުވުމުން، އެ ހުކުމުގައި ހެކި ވަޒަންކޮށްފައިވާ ގޮތް ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ އަމަލީ ބޭނުމެއް ނެތެވެ.

19HN6ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) ގަޒިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދުކުރައްވާފައި) ކަނޑައަޅުއްވާފައިވަނީ، "ޝަރީޢަތުގެ ޢާންމު އުސޫލަކީ ކަމެއް ސާބިތުކުރުމަށް ހުށަހަޅާ ހެއްކަކުން އެކަމެއް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. އަދި ޝަރީއަތަށް ހުށަހެޅޭ ވަކި ހެއްކެއް އެއީ ހުށަހެޅިފައިވާ މައްސަލައިގެ ބޭނުމަށްޓަކައި ބޭނުންތެރި ހެއްކެއް ނޫންކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި، އެ ހެއްކެއް ބަލައިނުގަތުމުގެ ނުވަތަ ހާޒިރުނުކުރަން ނިންމި ސަބަބު ބަޔާންކުރުމާއެކު މައްސަލައިގައި ގޮތެއް ކަނޑައެޅުމެވެ." މިހެންނެވެ. އެހެންކަމުން، މައްސަލަ އަލުން ބަލާއިރު، ހަސްމަކު ހުށަހަޅާ ހެކިވެރިއަކު ހާޒިރުނުކުރަން ދަށު ކޯޓުން ނިންމާނަމަ، އެ ނިންމުމުގެ ސަބަބު ބަޔާންކުރަންވާނެއެވެ.

20HN7އިސްތިއުނާފީ ދެވަނަ ނުކުތާގައި އުފައްދާފައިވާ ސުވާލަކީ، އީސްޓް އިންވެސްޓް އާއި މުޙައްމަދު ޖިޔާދާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ލިބިދޭ ހައްގުތަކާއި އިލްތިޒާމުތައް، ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން ހައި-ލައިން އެންޓަރޕްރައިސަސްއަށް ނަގުލުކުރެވިދާނެތޯ އާއި އެ ޑީޑްގެ ބައިވެރިއަކަށް ނުވާ މުޙައްމަދު ޖިޔާދުގެ މައްޗަށް އެ ޑީޑްގެ ދަށުން ހައި-ލައިން އެންޓަރޕްރައިސަސްއަށް ދައުވާކުރެވިދާނެތޯ، މި ސުވާލެވެ. މިއީ، މި ކޯޓުގެ ނަންބަރު 2022/HC-A/414 އަދި 2023/HC-A/68 ގަޒިއްޔާތަކުގައި، "މައުޟޫއީ ދަޢުވާގެ ތެރެއިން ކުރެވޭ ގާނޫނީ ބަހުސްގެ ތެރެއިން މެނުވީ" ގޮތެއް ކަނޑަނޭޅޭނެކަމަށް ކަނޑައަޅާފައިވާ ސުވާލެވެ. އެ ސުވާލަށް މި ކޯޓުން މިހާރު ޖަވާބު ދީފިނަމަ، މުޙައްމަދު ޢަބްދުﷲ ބައިވެރިނުވާ މައުލޫއީ ބަހުސެއްގެ މައްޗަށް، އޭނާގެ ހައްގުތަކާއި ޒިންމާތަކާ ސީދާ ގުޅޭ ގާނޫނީ ސުވާލަކަށް ގޮތް ކަނޑައެޅުނީއެވެ. އަދި، އެ ސުވާލާމެދު ދަށު ކޯޓުން ކަނޑައަޅާ ގޮތް އިސްތިއުނާފުކުރުމުގެ ފުރުސަތު ދެފަރާތަށް ގެއްލުނީއެވެ. އެހެންކަމުން، މި ނުކުތާއާ މެދު ގޮތް ކަނޑައެޅުމަށް ދަށު ކޯޓަށް ދޫކުރަން ފެނެއެވެ.

21HN8އިސްތިއުނާފީ ތިންވަނަ ނުކުތާގައި ބުނާ، ދައުވާގައި އެދިފައިވާ ފަރުވާއަށްވުރެ އިތުރަށް ދަށު ކޯޓުން ފަރުވާ ނަގައިދީފައިވޭތޯ، މި ސުވާލަށް ބަލާއިރު، ދައުވާ ފޯމުގައި ހައި-ލައިން އެންޓަރޕްރައިސަސްއިން އެދިފައިވަނީ، ދަޢުވާ ހުށަހެޅިއިރު ނުލިބިވާކަމަށް ބުނާ އަދަދާއި، ޝަރީއަތް ނިމެންދެން ހިނގާ ކޮންމެ މަހަކަށް 20,000.00ރ (ވިހި ހާސް ރުފިޔާ) ގެ މަގުން ގެއްލުމުގެ ބަދަލު، ދައުވާ ރައްދުވާ ދެ ފަރާތުގެ ކިބައިން ނަގައިދިނުމަށެވެ. އެދިފައިވާ ފަރުވާގެ ތަރަހައިގެ ތެރޭގައި ދަށު ކޯޓުގެ ހުކުމް ހިމެނޭތޯ ކަނޑައެޅުމަކީ، ޒިންމާ އޮތީ ކޮން ފަރާތެއްގެ މައްޗަށް، ކޮން މިންވަރަކަށްކަން ކަނޑައެޅުމަށްފަހު ދެން އަންނަ ސުވާލެކެވެ. އެ ސުވާލު ދަށު ކޯޓުގައި އަލުން ބެލެވެން އޮތްއިރު، މި ކޯޓުން މިހާރު އެކަމާމެދު ގޮތް ކަނޑައެޅުން ރަނގަޅު ކަމަށް ނުދެކެމެވެ. ނަމަވެސް، ދަށު ކޯޓުން އަލުން މައްސަލަ ބަލާއިރު، ނަގައިދޭ ފަރުވާ، ދައުވާ ފޯމުގައި އެދިފައިވާ ފަރުވާގެ ތަރަހައިގެ ތެރޭގައި ހިފެހެއްޓުމަކީ ދަށު ކޯޓުގެ މައްޗަށް އޮތް ލާޒިމުކަމެކެވެ.

22ބަޔާންވެދިޔަ ސަބަބުތަކަށްޓަކައި، ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން، އަންނަނިވި ގާނޫނީ އުސޫލުތަކުގެ މަތިން މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހްވީލުކުރުމަށް ފެނެއެވެ؛

22.1. މި ކޯޓުގެ ނަންބަރު 2022/HC-A/414 އަދި ނަންބަރު 2023/HC-A/68 ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، މުޙައްމަދު ޖިޔާދާއި މުޙައްމަދު ޢަބްދުﷲ، ދައުވާ ރައްދުވާ ދެ ފަރާތުގެ ގޮތުގައި ހިމަނައިގެން، މައުލޫއީ ދައުވާ އަލުން ބެލުން؛

22.2. އީސްޓް އިންވެސްޓް އާއި މުޙައްމަދު ޖިޔާދާ ދެމެދުގެ އެއްބަސްވުންތަކުގެ ދަށުން ލިބިދޭ ހައްގުތަކާއި އިލްތިޒާމުތައް ހައި-ލައިން އެންޓަރޕްރައިސަސްއަށް ނަގުލުވެފައިވާތޯ އާއި، މުޙައްމަދު ޢަބްދުﷲގެ މައްޗަށް ދައުވާ ރައްދުކުރެވޭތޯ އާއި، ދައުވާ ރައްދުވާ ދެ ފަރާތުންކުރެ ކޮން ފަރާތެއްގެ މައްޗަށް، ކޮން މިންވަރަކަށް ޒިންމާ އޮތްތޯ، ދެ ފަރާތުގެ ދިފާއާއި ހެކި އަޑުއެހުމަށްފަހު، މައުލޫއީ ދައުވާގެ ތެރެއިން ގޮތެއް ކަނޑައެޅުން؛

22.3. ހަސްމަކު ހުށަހަޅާ ހެކިވެރިއަކު ހާޒިރުނުކުރަން ނިންމާނަމަ، އެ ސަބަބު ބަޔާންކުރުން؛

22.4. ނަގައިދޭ ފަރުވާ، ދައުވާ ފޯމުގައި އެދިފައިވާ ފަރުވާގެ ތަރަހައިގެ ތެރޭގައި ހިފެހެއްޓުން، މިއެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

23މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު

24މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

25މި ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ގަޒިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހައްގު މައްސަލައިގެ ހަސްމުންނަށް ލިބިގެން ވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ގަޒިއްޔާގައި ހުކުމް ކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި، އެ މުއްދަތުގެ ތެރޭގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހަސްމުންނަށް ހަވާލު ކޮށްފައި ނުވާނަމަ، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީހަކީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމާ ޙަވާލުކުރާ ތާރީޚުންނެވެ. ނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ އަށް ބިނާކޮށް ވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ހުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައި މައްސަލަ ސިވިލް ކޯޓުން އަލުން ބެލުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް ތަޙްވީލު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ފަނޑިޔާރު އިސްމާޢީލް ޝަފީޢު (ރިޔާސަތު)

ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް

ފުޓްނޯޓު

  1. […]
  2. ރަޖިސްޓްރޭޝަން ނަންބަރު: C-882/2008
  3. ސިވިލް ކޯޓަށް ދައުވާ ހުށަހަޅާ ފޯމުގެ 4 ވަނަ ނުކުތާ
  4. ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ގަޒިއްޔާގެ 4 ވަނަ ނުކުތާ
  5. ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ގަޒިއްޔާގެ 5 ވަނަ ނުކުތާ
  6. ގާނޫނު ނަންބަރު 13/2010
  7. ގާނޫނު ނަންބަރު 13/2010
  8. ގާނޫނު ނަންބަރު 32/2021
  9. ގާނޫނު ނަންބަރު 13/2010
  10. ގާނޫނު ނަންބަރު 13/2010
  11. ގާނޫނު ނަންބަރު 13/2010
  12. ގާނޫނު ނަންބަރު 32/2021
  13. ސިވިލް ކޯޓުގެ ނަންބަރު 144-B1/IN/2022/07 ކޯޓުގެ އިހްތިސާސްއާމެދު ނިންމި ގޮތް
  14. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/414 ގަޒިއްޔާގެ ނިންމުން
  15. އބމ
  16. ގާނޫނު ނަންބަރު 22/2010
  17. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/388 ގަޒިއްޔާގެ 13 އެޕްރީލް 2025 ގެ އަޑުއެހުމުގެ މަހުލަރު ބަޔާން
  18. އބމ
  19. ގާނޫނު ނަންބަރު 22/2010
  20. ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ނ). ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު ސަޢީދު ވ. ސިވިލް ސަރވިސް ކޮމިޝަން ([2024] SC 48)، (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/98 ޤަޟިއްޔާ)
  21. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާ
  22. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/29 ގަޒިއްޔާ
  23. ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތްތަކެއް ([2022] SC 37)، (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC-A/29/2018 ޤަޟިއްޔާ)، 23 ޖޫން 2022، 117 ވަނަ ޕެރެގްރާފް
  24. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/414 އަދި 2023/HC-A/68 ޤަޟިއްޔާ، 24 އަދި 25 ވަނަ ޕެރެގްރާފް
  25. ސިވިލް ކޯޓުގެ ނަންބަރު 1108/Cv-C/2022 ގަޒިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 10 ވަނަ ނުކުތާ
  26. ގާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 39 ވަނަ މާއްދާ
  27. ގާނޫނު ނަންބަރު 22/2010
  28. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
  29. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
  30. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 39 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
  • 2022/HC-A/414
  • 2023/HC-A/68
  • 2020/SC-A/44
  • 2018/SC-A/29
  • 2022/SC-A/98
  • 144-B1/IN/2022/07

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ