ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ޖުވަނައިލް ކޯޓު 147-D/AN/2024/14
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަށްވުރެ ހަގު (15 އަހަރުން ދަށުގެ) ކުއްޖަކަށް ޖިނާއީ ކުށުގެ ތުހުމަތުކޮށް، އެ ކުއްޖާ ބޭނުންކުރާ ފޯނުތަކާއި ޑިވައިސްތައް ހިފެހެއްޓުމާއި ޕާސްވޯޑް ފަދަ ތަކެތި ދިނުމަށް އަމުރުކުރުމަށް ފުލުހުން އެދުމުން، އެ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ޖުވެނައިލް ކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޖުވެނައިލް ކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) އާއި 118 ވަނަ މާއްދާގެ (ހ) އަދި (ފ) ގެ ދަށުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުވާ ނިޒާމެކެވެ؛ 15 އަހަރުން ދަށުގެ ކުދިންނަކީ އެ ނިޒާމު ހިންގޭނެ ބައެއް ނޫނެވެ.
HN2 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 29 އަދި 111 ވަނަ މާއްދާގެ ދަށުން، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަށްވުރެ ހަގު ކުދިންގެ މައްޗަށް ޖިނާއީ ކުށުގެ ތުހުމަތުކޮށް، ޖިނާއީ ތަޙްޤީޤު ހިންގައި، އެއްވެސް ފިޔަވަޅެއް އެޅުމަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ނުވަތަ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ވިޔަސް ޤާނޫނު ހުއްދަނުކުރާ، މަނާ ކަމެކެވެ.
HN3 ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޢަލީ (2020/SC-A/76) ޤަޟިއްޔާގައިވާ ގޮތުން، ކޯޓު އަމުރަކަށް އެދޭއިރު ތުހުމަތުކުރެވޭ ފަރާތުގެ މަޢުލޫމާތު ބަޔާންވެފައި އޮންނަންޖެހޭނެއެވެ؛ ގާނޫނީ ގޮތުން ތުހުމަތުކުރެވޭނެ ފަރާތެއް ނެތްނަމަ އަމުރަށް އެދޭ ފޯމު ފުރިހަމައެއް ނުވާނެއެވެ.
HN4 ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ޙިމާޔަތްކުރާ ޒާތީ ދިރިއުޅުމާއި މުވާޞަލާތުގެ ޙުރުމަތަށް އަސަރުކުރާ ނިންމުމެއް ކޯޓަކުން ވެސް ނިންމޭނީ ޤާނޫނީ ނައްޞަކުން ހުއްދަކޮށްފައިވާ މިންވަރަށެވެ؛ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަށްވުރެ ހަގު ކުއްޖެއްގެ މި ޙައްޤަށް އަސަރުކުރާ ކޯޓު އަމުރެއް ނެރުން ހުއްދަކުރާ ޤާނޫނީ ނައްޞެއް ނެތެވެ.
HN5 ކޯޓު އަމުރަކީ ތަންފީޛީ ބާރު ހުރި، އަމުރު ފަހުމްވެ ކުރިމަތިލުމުގެ ޤާބިލުކަން ހުރި ފަރާތަކަށް ރައްދުވާ އަމުރަކަށް ވާންޖެހެއެވެ؛ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަށްވުރެ ހަގު ކުއްޖަކަށް ރައްދުކޮށް ނެރޭ އަމުރަކީ އެ ސިފަ ހުރި އަމުރެއް ނޫނެވެ.
HN6 ކިތަންމެ މާތް މަޤްޞަދެއްގައި ވިޔަސް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ފިޔަވަޅު އެޅޭނީ ޤާނޫނު ދައްކާ މަގުގެ މަތީންނެވެ؛ 15 އަހަރުން ދަށުގެ ކުދިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅުމުން ޢަމަލުކުރަންވާނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ރ)، (ބ) އާއި ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުގެ 109-111 ވަނަ މާއްދާގެ ދަށުން ޤާއިމުކުރާ އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޕްރޮގްރާމްތަކުގެ ތެރެއިންނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުލްމާނިޢު ޙުސައިން، މުޙައްމަދު ސަލީމް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
މައްސަލައިގެ ތަޢާރުފު:
1މިއީ، ޖުވެނައިލް ކޯޓުގެ ނަންބަރު 147-D/AN/2024/14 (07 އޮކްޓޫބަރު 2024) "ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލާ ޚިލާފަށްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން (މީގެފަހުން "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައި) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާ ހިންގާފައިވަނީ އިސްތިއުނާފު ރައްދުވާފަރާތެއް ނެތި، އެކްސްޕާޓޭ (ex parte) މައްސަލައެއްގެ ގޮތުގައިއެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
3ކުރިކަމަށް "ތުހުމަތުކުރެވޭ" މައްސަލައަކާ ގުޅިގެން، 14 އަހަރުގެ ކުއްޖާ ބޭނުންކުރާ ފޯނުތަކާއި، އެ ފޯނުގައި ބޭނުންކުރާ ސިމް ކާޑު ތަކާއި، މެމޮރީ ކާޑުތަކުގައި މައްސަލައާއި ގުޅުންހުރި ކޯލް ލޮގް، މެސެޖު އަދި މީސް މީޑިއާގެ ވަސީލަތްތައް ކަމުގައި ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، އިންސްޓަގްރާމް، ސިގްނަލް، ފޭސްބުކްގެ އިތުރުން އެހެނިހެން އެޕްލިކޭޝަންތައް މެދުވެރިކޮށް މުވާޞަލާތުތައް ކޮށްފައި ހުރިތޯ ބެލުމަށް އެތަކެތީގެ ޕާސްވޯޑާއި، ލޮކް ކޯޑާއި، ލޮކް ޕެޓަރންއާއި ފިންގަރ ޕްރިންޓާއި، ފޭސް ރިކޮގްނިޝަން އާއި ޕިން ނަމްބަރު ދިނުމަށް 14 އަހަރުގެ ކުއްޖާގެ އަށް އަންގައި މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ ހެއްކާއި، ޤަރީނާ ހޯދުމަށްޓަކައި މިތަކެތި ފުލުހުންގެ ފޮރެންސިކް ސަރވިސަސްއަށް ފޮނުވައިގެން އެނަލައިޒް ކުރުމަށް ފުލުހުންގެ ބެލުމުގެދަށުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ފުލުހުންގެ ފަރާތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވެއެވ.
4މި ހުށަހެޅުމާ ގުޅިގެން ޖުވެނައިލް ކޯޓުގެ ނަންބަރު 147-D/AN/2024/14 (07 އޮކްޓޫބަރު 2024) "ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" އިން ނިންމާފައިވަނީ އެ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ.
5ޖުވެނައިލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފި ޤަޟިއްޔާއެވެ.
އިސްތިއުނާފި ނުކުތާތައް
6ޖުވެނައިލް ކޯޓުގެ ނަންބަރު 147-D/AN/2024/14 (07 އޮކްޓޫބަރު 2024) "ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކުރުމަށް 04 (ހަތަރެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
6.1 ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކުރާ ނިންމުމުގައި ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ 27 ވަނަ މާއްދާއާއި 118 ވަނަ މާއްދާ މާނަކޮށް ތަޠުބީޤުކޮށްފައިވަނީ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ށ) އާއި ޤަވާޢިދު ނަންބަރު 2021/R-82 (ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު)ގެ 42 ވަނަ މާއްދާއާ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 04 ގައި ޖުވެނައިލް ކޯޓުގެ އިޚްތިޞާޞް ކަނޑައަޅާފައިވާ ގޮތާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6.2. ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ ނިންމުމަކީ ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ 22 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 23 ވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ 104 ވަނަ މާއްދާގެ (3) ވަނަ ނަންބަރަށް ރިޢާޔަތްކުރުމަކާ ނުލައި ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6.3. ތިންވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ ނިންމުމުގައި ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު)ގެ 109 ވަނަ މާއްދާއިން 111 ވަނަ މާއްދާއަށް މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ދައުރަށާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އަސާސްތައްކަމުގައި އެ ޤާނޫނުގެ 02 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންކަމަށާއި އެ ޤާނޫނުގެ މަޤްސަދަށް ރިޢާޔަތްކުރުމަކާނުލައި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6.4. ހަތަރުވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ ނިންމުމުގައި ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު)ގެ 22 ވަނަ މާއްދާ މާނަކޮށް ތަތުބީޤުކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލު
7އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ދައުލަތުން ބުނެފައިވަނީ 15 އަހަރުނުވާ ކުޑަކުދިންނަކީވެސް ޖިނާއީ ކުށެއްކޮށްފަނެކަން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 27 ވަނަ މާއްދާއިން އެ ޤާނޫނު ތަސައްވަރުކުރާ ކަމަށާއި، އެ ޤާނޫނުން ލިބިދޭ އިމްތިޔާޒަކީ ކުށެއް ކުރި ނަމަވެސް އެ ކުށުގެ ޒިންމާ އުފުލަން ނުޖެހުން ކަމަށާއި، ވީމާ ދައުލަތުން އެ ކުއްޖެއްގެ މައްޗަށް ދަޢުވާ ނުއުފުލާނެ ކަމަށެވެ. އެ ކުއްޖެއްގެ މައްޗަށް ޝަރީޢަތެއް ނުހިނގާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއާއި ދިވެހި ފުލުހުންގެ ޤާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު 15 އަހަރުން ދަށުގެ ކުޑަކުދިން ކުރާ ކުށްތައް ތަޙްޤީޤުކޮށް، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ ފުލުހުންގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 42 ވަނަ މާއްދާގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުގެ ކުއްޖެއްގެ އަތުގައި ނުވަތަ އޭނާ ބޭނުންކުރާ ވަސީލަތެއްގައި ހުރި ހެއްކެއް ނުވަތަ ޤަރީނާއެއް ހޯދުމަށްޓަކައި އަމުރަކަށް އެދި ޤާނޫނު ތަންފީޛުކުރާ އިދާރާއިން ކޯޓަށް ހުށަހަޅައިފިނަމަ، އެ ކުއްޖާގެ އަތުގައި ހުރި އެއްޗެއް ނުވަތަ އޭނާ ބޭނުންކުރާ ވަސީލަތެއް، ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ހަވާލުކުރުމަށާއި އެފަދަ ވަސީލަތެއް ހުޅުވުމަށް ބޭނުންވާ ޕާސްވާރޑް، ނުވަތަ ލޮކް ކޯޑް، ނުވަތަ ލޮކް ޕެޓާން ނުވަތަ އެހެންވެސް އެއްޗެއް ދިނުމަށް އެ ކުއްޖާގެ މައްޗަށް އަމުރުކުރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ. ކުއްޖާ ބޭނުންކުރާ ވަސީލަތަކާ ގުޅޭގޮތުން އެހެން އިދާރާއަކުން، މަޢުލޫމާތު ހޯދުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާއިން އެދި ހުށަހަޅައިފިނަމަ، އެ ކުއްޖާ ބޭނުންކުރާ ވަސީލަތާ ގުޅޭގޮތުން ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާއަށް އެންގުމުގެ ބާރު، ކޯޓަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާތީ، އެ ކޯޓަށް މިފަދަ އަމުރު ނެރުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމަށެވެ. އަދި އެ ކޯޓުން މާނަކުރާ ގޮތުގައި އިޚްތިޞާޞް ލިބިދެވެނީ ހަމައެކަނި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށެއްގައި ހެއްކެއް ހޯދުމަށް ހުށަހެޅުމުން ކަމަށް ބަޔާންކުރިނަމަވެސް، އެއީ ހަމަޖެހޭ މާނަކުރުމެއް ނޫންކަމަށެވެ.
8ދެވަނަ ނުކުތާގެ ތަފްޞީލުގައި ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއާއި ފުލުހުންގެ ޤާނޫނުގެ 22 ވަނަ މާއްދާއާ އެއްގޮތަށް ކަމަށާއި، އެކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅުމުން، އެކަމުގެ ތަޙްޤީޤުކޮށް، މައްސަލައިގެ އަސްލަށް ވާސިލުވުމަށް މަސައްކަތްކުރީކަމަށެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ކުއްޖަކީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކުއްޖެއް ކަމަށް ވުމަކީ ތަޙްޤީޤް ހުއްޓާލަން ޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ފުލުހުންގެ ތަޙްޤީޤުގައި ޖިނާއީ ތަޙްޤީޤެއްގެ އިތުރުން އިޖުތިމާއީ ތަޙްޤީޤެއް ހިންގުމަކީ އަމުރު ނެރެނުދެވޭނެ ސަބަބެއް ނޫންކަމަށެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 104 ވަނަ މާއްދާގެ (3) ވަނަ ނަންބަރަށް ރިޢާޔަތްކުރާއިރު، ތަޙްޤީޤުކުރުމުގެ އެއްވެސް މަރުޙަލާއެއްގައި ވަކި އުސޫލެއް ކަނޑައަޅާފައިނުވާ ޙާލަތުގައި ޢަމަލުކުރާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދެވަނަ ބައިގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ އެފަދައިން ކަމަށެވެ.
9އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްޞީލުގައި ދައުލަތުން ބުނެފައިވަނީ ޖިނާއީ ކުށަށް އަރައިގަންނަ ކުދިންނާ މެދު ފިޔަވަޅު އެޅުމަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްއޫލިއްޔަތެއް ކަމަށާއި، ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުގެ 110 ވަނަ މާއްދާއިންވެސް އެނގެން އޮންނަ މަސްއޫލިއްޔަތެއްކަމަށެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ މަޤްސަދުގެ ތެރޭގައި ކުއްޖާ ކުރާ ޤާނޫނާ ޚިލާފު ޢަމަލުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެކުއްޖާ ޖަވާބުދާރީވާން ބާރުއެޅުމާއި، ޤާނޫނާ ޚިލާފު ޢަމަލު ހިންގާ ކުއްޖާއާއި އެ ޢަމަލުގެ ސަބަބުން ގެއްލުން ލިބޭ ފަރާތް ގުޅުވައިދީ، މަޢާފަށް އެދުމަށް ފުރުޞަތު ހޯދައިދިނުމާއި، އެ ޢަމަލުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން މަޢުނަވީ ބަދަލެއް ނުވަތަ ހައްލެއް ހޯދައިދިނުމަށް މަގުފަހިކުރުމާއި، ކުއްޖާއަށް ބޭނުންވާ ރިހެބިލިޓޭޓިވް ފަރުވާ ދިނުން ހިމެނޭ ކަމަށާއި، ކުއްޖާއަށް އެކަށީގެންވާ ފިޔަވަޅެއް އެޅޭނީ އެ ކުއްޖާ ކުށުގައި ބައިވެރިވެފައިވާ މިންވަރާއި ހަޤީޤަތް ދެނެގަނެވިގެން ކަމަށެވެ. އެކަން ކުރުމުގައި ފުލުހުން އަމުރަށް އެދި ހުށަހަޅާއިރު ކުއްޖާއަކީ ތުހުމަތުކުރެވޭ ކުއްޖެއް ކަމަށް ލިޔުމުން އެ ކުއްޖާއާ މެދު ޖިނާއީ ފިޔަވަޅެއް އެޅުމެއް ނޫންކަމަށާއި، ވަކިން ޚާއްސަކޮށް އެކްސްޕާޓޭ އަމުރުތަކުގައި އެފަދައިން އޮތުމަކީ އެކުއްޖާއަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުއްޖާއަށް ފިޔަވަޅުއެޅުމެއް ނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
10ޖުވެނައިލް ކޯޓުގެ ނަންބަރު 147-D/AN/2024/14 (07 އޮކްޓޫބަރު 2024) "ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" ބާޠިލުކޮށް، ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުގެ ކުދިން ކުރާ ކުށްތަކާ ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާ އަމުރުތައް ނެރުމުގެ ބާރު ޖުވެނައިލް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައި، ޤަވާޢިދު ނަންބަރު 2021/R-82 (ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާން ގޮތުގެ ޤަވާޢިދު)ގެ 42 ވަނަ މާއްދާގެ ދަށުން ޖިނާއީ މަސްޢޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުގެ ކުދިންގެ އަތުގައި އަތުގައި ނުވަތަ އޭނާ ބޭނުންކުރާ ވަސީލަތެއްގައި ހުރި ހެއްކެއް ނުވަތަ ޤަރީނާއެއް ހޯދުމަށްޓަކައި އަމުރަކަށް އެދި ޤާނޫނު ތަންފީދުކުރާ އިދާރާއިން ކޯޓަށް ހުށަހަޅައިފިނަމަ، އެ ކުއްޖާ ބޭނުންކުރާ ވަސީލަތާ ގުޅޭގޮތުން ތަޙުޤީޤަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އަމުރުކުރުމުގެ ބާރު ޖުވެނައިލް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ. އަދި މި މައްސަލައަކީ މައްސަލައަކީ ތަހްޤީޤުގެ މައްސަލައަކަށްވާތީ، މިހާރު މި މައްސަލައަކީ ތަހްޤީޤުގެ ކުރީ ކޮޅުގައި އޮތް މައްސަލައަކަށްވާތީ، މި މައްސަލައިގެ ޝަރީޢަތްތައް ސިއްރުކޮށްގެން ކުރިއަށް ގެންގޮސްދިނުމަށާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޝާއިޢުކުރާއިރު މައްސަލައިގެ ހާދިސާއާއި ހިމެނޭ ކުދިންގެ މައުލޫމާތު އުނިކުރުމަށްފަހު ޢާންމުކޮށްދިނުމަށް އެދޭކަމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
11ފުލުހުން ޖުވެނައިލް ކޯޓުގައި އެދިފައި ވަނީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން 14 އަހަރުގެ ކުއްޖަކު ބޭނުންކުރާ މޯބައިލް ފޯނުތަކާއި، އެ ފޯނުގައި ބޭނުންކުރާ ސިމް ކާޑުތަކާއި، މެމޮރީ ކާޑުތަކުގައި މައްސަލައާ ގުޅުންހުރި ކޯލް ލޮގް، މެސެޖު [ހުރިތޯ ބެލުމަށް] އަދި މީސްމީޑިއާގެ ވަސީލަތްތަކުގެ އިތުރުން އެހެނިހެން އެޕްލިކޭޝަންތައް މެދުވެރިކޮށް މުވާސަލާތުކޮށްފައި ހުރިތޯ ބެލުމަށް އެ ތަކެތީގެ ޕާސްވޯޑާއި، ލޮކް ކޯޑާއި، ލޮކް ޕެޓަރން އާއި، ފިންގަރ ޕްރިންޓާއި، ފޭސް ރިކޮގްނިޝަން އާއި، ޕިން ނަންބަރު ދިނުމަށާއި، މި ތަކެތި އެނަލައިޒްކުރުމަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށެވެ.
12މި އަމުރަށް އެދި ފުލުހުން ހުށަހަޅާފައި ވަނީ، ޖުވެނައިލް ކޯޓުގެ "އެހެނިހެން ކޯޓު އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމް" އިންނެވެ. އަމުރުގެ ބާވަތަކީ "މުދަލާއި ލިޔެކިއުމާއި، މައުލޫމާތާއި، ތަކެތި ހޯދާ ހިފެހެއްޓުމުގެ" އަމުރެވެ. ފުލުހުން ހުށަހެޅި މި ފޯމަށް ބަލާއިރު، ތުހުމަތުކުރެވޭ ފަރާތަކީ އުމުރުން 14 އަހަރުގެ މި ކުއްޖާކަމުގައި ބަޔާންކޮށްފައިވެއެވެ. މައްސަލަ ކަމުގައި ބަޔާންކޮށްފައި ވަނީ، 14 އަހަރުގެ މި ކުއްޖާ، ކަމަށެވެ. މި آڏاڻي 14 އަހަރުގެ މި ކުއްޖާގެ މައްޗަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ ޖުމުލަ 13 ކުށަކަށް ތުހުމަތުވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަމުރަށް އެދޭ ސަބަބު ކަމުގައި ބަޔާންކޮށްފައި ވަނީ، "... މިކަމުގެ އަސްލަށް ވާޞިލުވުމަށާއި، ތުހުމަތުކުރެވޭ ޢަމަލާއި ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ހުރިތޯ ބެލުމަށް"
13އަމުރަށް އެދޭ ގާނޫނީ މާއްދާގެ آڏاڻي އަމުރަށް އެދުނު ފޯމުގައި، "ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ آڏاڻي ގަވާއިދު" 4 42 ވަނަ މާއްދާ އާއި، ދިވެހި ފުލުހުންގެ 2 ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު). 4 ގަވާއިދު ނަންބަރު 2021/R-82. ހިދުމަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (މ) އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުން އެ ގާނޫނުގެ؛ 2 ވަނަ މާއްދާގެ (ހ)، 29 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނަންބަރު، 34 ވަނަ މާއްދާގެ 3 ވަނަ ނަންބަރު، 36 ވަނަ މާއްދާގެ (ށ)، 38 ވަނަ މާއްދާގެ (ޅ)ގެ 7 ވަނަ ނަންބަރު އަދި މުޅި 29، 34، 38 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ؛ 47 ވަނަ މާއްދާގެ (ހ)، 143 ވަނަ މާއްދާގެ (ރ)، 244 ވަނަ މާއްދާގެ (ނ) އާއި، މި ކޯޓުގެ ނަންބަރު 2022/HC-B12/12,13,15 ގަޒިއްޔާ އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/76 ގަޒިއްޔާއަށް ހަވާލާދީފައިވެއެވެ.
14އަމުރަށް އެދި މި ގޮތުގެ މަތިން ހުށަހެޅުމުން ޖުވެނައިލް ކޯޓުން ނިންމީ "އެދިފައިވާ އަމުރު ނެރެދެވޭނެ ތަނެއް ނެތް" ކަމަށެވެ. މި ނިންމުން މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ، ކުށުގެ ތުހުމަތުވާ ފަރާތުގެ ގޮތުގައި އަމުރަށް އެދުނު ފޯމުގައި ބަޔާންކޮށްފައިވާ އުމުރުން 14 އަހަރުގެ ކުއްޖާއަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖަކަށްވާތީ އެކަމުގެ މައްޗަށެވެ. މި ގޮތުން ކޯޓުން ފާހަގަކޮށްފައި ވަނީ، މި އުމުރުގެ ކުއްޖަކަށް ތުހުމަތުކޮށް ޖިނާއީ ކުށަކާ ގުޅޭ ތަހުގީގެއް ނުހިންގޭނެ ކަމަށާއި، މި އުމުރުގެ ކުއްޖަކަށް ރައްދުކޮށް ނެރޭ އަމުރަކީ އޭގެ ޒާތުގައި ގާނޫނީ ބާރާއި ހައިސިއްޔަތުގެ މައްޗަށް ބިނާވާ އަމުރަކަށް ނުވާނެ ކަމަށާއި، ހުށަހަޅާފައިވާ ފޯމުގައި ގާނޫނީ ގޮތުން ކުށުގެ ތުހުމަތު ކުރެވޭ ފަރާތެއް ބަޔާންވެފައި ނެތްއިރު، ތުހުމަތުކުރެވޭ ފަރާތުގެ މައުލޫމާތު ނެތި ކޯޓު އަމުރެއް ނެރެނުދެވޭނެ
15މި ނިންމުމާމެދު ދައުލަތުން މި އިސްތިއުނާފުގައި ފާހަގަކުރާ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ސަރިޔަތުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖަކަށް ޖިނާއީ ކުށުގެ ތުހުމަތުކޮށް، ޖިނާއީ ކުށުގެ ތަހުގީގު ހިންގައި، މުދަލާއި، މައުލޫމާތާއި، ތަކެތި ހޯދައި ހިފެހެއްޓުމަށް އެ ކުއްޖާއަށް ރައްދުވާ ގޮތަށް އަމުރެއް ނެރެވިދާނެތޯއާ މެދުގައެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުދިންނާމެދު ޖިނާއީ ކުށުގެ ތަހުގީގު ހިންގުން
16HN1ގާނޫނާ ހިލާފުވާ ކުޑަކުދިންގެ މައްސަލަތަކުގައި ފިޔަވަޅު އަޅަންވީ ގޮތް ބަޔާންކުރަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު ގައެވެ. އެ ގާނޫނުން، ޖިނާއީ އަދުލުގެ އާންމު ނިޒާމާ ވަކިވެފައިވާ، ކުޑަކުދިންގެ ވަކި އަދުލުގެ ނިޒާމެއް އެކަށައަޅާފައިވެއެވެ.
17ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ތައާރަފުގައި އެ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ، "މިއީ، ޤާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްސަލަތައް، އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅައިދޭ، އެކުދިންނާ ރަޙްމަތްތެރި މާޙައުލެއްގައި ހިންގޭނެ އުސޫލަކުން، އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ، ކުޑަކުދިންނަށް ޚާއްޞަކުރެވިގެންވާ ނިޒާމެއް މެދުވެރިކޮށް ނިންމުމަށްޓަކައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ" ގާނޫނު ކަމަށެވެ.
18ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 118 ވަނަ މާއްދާގެ (ފ) ގައި، "ކުޑަކުދިންގެ ޢަދުލުގެ ނިޒާމު" މާނަކޮށްދީފައި ވަނީ، އެއީ "ބޮޑެތިމީހުންގެ މައްޗަށް ހިންގާ ޖިނާއީ ޢަދުލުގެ ނިޒާމާ މުޅިން ވަކިވެފައިވާ، ކުށުގެ ޖިނާއީ ޒިންމާއުފުލަންޖެހޭ ޢުމުރުފުރައިގެ ކުދިންނަށް އަމާޒުވާ، ޚާއްޞަ ޤާނޫނާއި، ސިޔާސަތުތަކަކާއި، އުސޫލުތަކާއި އިޖުރާއަތްތަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ، ކުޑަކުދިންނަށް ލިބިދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ލިއްބައިދޭ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަށް އިސްކަން ދޭ ނިޒާމު"އ ކަމަށެވެ. މި މާނަކުރުމަށް ބަލާއިރު އެނގޭ ކަމަކީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުން ގާއިމުކުރާ ކުޑަކުދިންގެ އަދުލުގެ ނިޒާމަކީ، ކުށުގެ ޖިނާއީ ޒިންމާ އުފުލަންޖެހޭ އުމުރުފުރާގެ ކުދިންނަށް އަމާޒުވާ ނިޒާމެއް ކަމެވެ.
19ބައިނަލްއަގުވާމީ ގޮތުން ބަލާއިރު ވެސް، ކުޑަކުދިންގެ އަދުލުގެ ނިޒާމަކީ، ކުޑަކުދިންގެ ތެރެއިން، ޖިނާއީ ޒިންމާ އުފުލަން ޖެހޭ އުމުރުފުރާގެ ކުދިންގެ މައްޗަށް ހިންގޭ ނިޒާމެއްކަން އެނގެއެވެ.
20ކުޑަކުދިން ކުށުގެ ޖިނާއީ ޒިންމާ އުފުލަން ޖެހޭ އުމުރުފުރާ ބަޔާންކުރަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 27 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމަށެވެ. އަދި ހަމަ އެ ގާނޫނުގެ 118 ވަނަ މާއްދާގެ (ހ) ގައިވާ މާނަކުރުމަށް ބަލާއިރު، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ކުޑަކުދިންގެ އުމުރު ފުރާއަކީ، މީލާދީ ގޮތުން 15 އަހަރު ފުރި، 18 އަހަރު ފުރިފައި ނުވާ ކުދިންކަން އެނގެއެވެ.
21މާނައަކީ، އުމުރުން 15 އަހަރަށްވުރެ ހަގު އުމުރުގެ ކުދިންނަކީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ބައެއް ނޫންކަމެވެ. މިގޮތުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ވެސް ބަޔާންކޮށްފައި ވަނީ "ޢުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިން ކަމުގައެއް ނުބެލެވޭނެ" ކަމަށެވެ.
22ވީމާ، މި ބަޔާންކުރި ނައްސުތަކުން ސާފުވާ ކަމަކީ، އުމުރުން 15 އަހަރުން ދަށުގެ ކުދިންނަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ "ކުޑަކުދިންގެ އަދުލުގެ ނިޒާމު" ހިންގޭނެ ބައެއް ނޫންކަމެވެ. އެ ނިޒާމަކީ، ކުށުގެ ޖިނާއީ ޒިންމާ އުފުލަންޖެހޭ އުމުރުފުރާކަމުގައިވާ، އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާ ކުދިންނަށް އަމާޒުވާ ނިޒާމެއް ކަމެވެ.
23HN2އަނެއްކޮޅުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 111 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވަނީ، "... އެއްވެސް ހާލެއްގައި، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަށްވުރެ ހަގު ޢުމުރުގެ ކުދިންނާމެދު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅައިގެން ނުވާނެ" ކަމަށެވެ.
24ވީމާ، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުދިންގެ މައްޗަށް ޖިނާއީ ކުށްކުށުގެ ތުހުމަތުކޮށް، އެ ކުދިންނާ ދެކޮޅަށް ޖިނާއީ ކުށުގެ ތަހުގީގު ހިންގައި، އެއްވެސް ފިޔަވަޅެއް އެޅުމަކީ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ވެސް، އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވިޔަސް ކުރެވިދާނެ ކަމެއް ނޫނެވެ. އެއީ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.
25މި މައްސަލައަށް ބަލާއިރު، މުދަލާއި، މައުލޫމާތާއި، ތަކެތި ހޯދައި ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުންގެ ހިދުމަތުން އެދިފައި ވަނީ، އުމުރުން 14 އަހަރުގެ ކުއްޖަކަށް ކުރެވޭ 13 ޖިނާއީ ކުށެއްގެ ތުހުމަތަކާ ގުޅިގެން، ކަމުގެ އަސްލަށް ވާސިލުވެ ހެކި ގަރީނާ ހޯދަންކަން، ކޯޓު އަމުރަށް އެދި ހުށަހެޅި ފޯމުން އެނގެއެވެ. އަދި މި އަމުރު ނެރުމުގައި ރިއާޔަތްކުރުމަށް އެދިފައި ވަނީ، މި ބާވަތުގެ އަމުރު ނެރުމާ ގުޅޭ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ކޯޓުތަކުގެ ނިންމުންތަކުގައި ބަޔާންވެގެންވާ އުސޫލުތަކަށެވެ.
26ވީމާ، އަމުރަށް އެދި ފުލުހުން ހުށަހަޅާފައި ވަނީ، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖެއްގެ މައްޗަށް ޖިނާއީ ކުށުގެ ތުހުމަތުކޮށްފައެވެ. މި އަމުރަށް އެދުމަކީ އެ ކުއްޖާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އަޅާފައިވާ ފިޔަވަޅެކެވެ. އެދިފައި އެ ވަނީ އިތުރު ފިޔަވަޅު އެޅުމަށެވެ. އިސްވެ ބަޔާންވެދިޔަ ފަދައިން، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުދިންގެ މައްޗަށް ޖިނާއީ ކުށްކުށުގެ ތުހުމަތުކޮށް، އެ ކުދިންނާ ދެކޮޅަށް ޖިނާއީ ކުށުގެ ތަހުގީގު ހިންގައި، އެއްވެސް ފިޔަވަޅެއް އެޅުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. އެއީ، ގާނޫނުގައި މަނާވެގެންވާ ކަމެކެވެ.
27HN3ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޢަލީ ގަޒިއްޔާއިން އެނގެން އޮންނަ ފަދައިން، ކޯޓު އަމުރަށް އެދޭއިރު ތުހުމަތު ކުރެވޭ ފަރާތުގެ މައުލޫމާތު ބަޔާންވެފައި އޮންނަން ޖެހޭނެއެވެ. އެ މައުލޫމާތާ ނުލައި މިފަދަ އަމުރެއް ފުރިހަމަ ނުވާނެއެވެ. އަދި އަމުރު ތަންފީޒުކުރުން ވާނީ މުސްތަހީލު ކަމަކަށެވެ. އިސްތިއުނާފުކޮށްފައިވާ، ޖުވެނައިލް ކޯޓުގެ ނިންމުމުގައިވާ ފަދައިން، ކޯޓު އަމުރަށް އެދި ފުލުހުން ހުށަހެޅި ފޯމުގައި، ތުހުމަތު ކުރެވޭ ފަރާތުގެ ގޮތުގައި ބަޔާންކޮށްފައިވާ ކުއްޖާއަކީ ގާނޫނީ ގޮތުން ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭނެ ކުއްޖަކަށް ނުވާތީ، ތުހުމަތު ކުރެވޭ ފަރާތުގެ މައުލޫމާތު އެ ފޯމުގައި ފުރިހަމަވެފައިވާ ކަމަށް ޖުވެނައިލް ކޯޓުން ބަލައިގެންފައި ނުވަނީ، ގާނޫނީ ރަނގަޅު ބިނާއެއްގެ މައްޗަށް ކަމުގައި މެނުވީ ބަލަން ޖެހޭ ސަބަބެއް ނެތެވެ.
28HN4ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި، "ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ މި ބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާންވާނެއެވެ." މިފަދައިން ބަޔާންވެގެންވާއިރު، މި ހައްގަށް އަސަރު ކުރާ ފަދައަކުން، ކޯޓަކުން ކަމުގައި ވިޔަސް އެއްވެސް ނިންމުމެއް ނިންމޭނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މައްޗަށް އޮތް ގާނޫނީ ނައްސަކުން ހުއްދަކޮށްފައި އޮތް މިންގަނޑެއްގައި، އެ މިންވަރަކަށް ކަމަށް ވެފައި، ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖެއްގެ މި ބުނެވުނު ހައްގަށް އަސަރުކުރާ ފަދައަކުން ކޯޓު އަމުރެއް ނެރުން ހުއްދަވާ ގާނޫނީ އެއްވެސް ނައްސެއް ނެތްކަމުން، ފުލުހުން އެދުނު އަމުރު ނުނެރުމަށް ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކުރަން ޖެހޭ ސަބަބެއް މެނުވީ ނެތެވެ.
29HN5ހަމައެހެންމެ، ކޯޓު އަމުރަކީ އެ އަމުރުގައި ތަންފީޒީ ބާރު ހުރި އަމުރަކަށް ވާން ޖެހެއެވެ. ތަންފީޒީ ބާރު ނެތް ނަމަ ކޯޓުން އަމުރެއް ނެރުމުގެ މާނައެއް ނެތެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖަކަށް ރައްދުކޮށް ނެރޭ ކޯޓު އަމުރަކަށް އެ ކުއްޖާ ތަބާނުވި ކަމުގައި ވިޔަސް، އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެއެވެ. ކުރެވޭނެ ތުހުމަތެއް، ހިންގޭނެ ތަހުގީގެއް، އުފުލޭނެ ދައުވާއެއް ވިޔަސް ނޯންނާނެއެވެ. އަދި، އަމުރު ރައްދުވާ ފަރާތަކީ އަމުރު ފަހުމުވުމުގެ ވިސްނުން ހުރި ފަރާތަކަށް ވާން ޖެހެއެވެ. އަމުރާ ކުރިމަތިލައި ގޮތް ނިންމުމުގެ ގާބިލުކަން އެ ފަރާތުގައި ހުންނަން ޖެހެއެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުފުރާގެ ކޮންމެ ކުއްޖަކީ އެ ކެޕޭސިޓީ ހުރި ކުއްޖަކަށް ނުވާނެއެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖަކަށް ރައްދުކޮށް މި ބާވަތުގެ އަމުރެއް ނެރެފި ނަމަ، މި ނޫންވެސް ކިތަންމެ ސުވާލެއް ކުރިމަތި ނުވެއެއް ނުދާނެއެވެ. ނިޒާމީ ކިތަންމެ މައްސަލައެއް މެދުވެރިވާނެއެވެ. ވީމާ، ފުލުހުން ނެރެދިނުމަށް އެދިފައި ވަނީ ކޯޓު އަމުރެއްގެ ސިފަހުރި އަމުރެއް ނޫނެވެ.
30HN6މި އިސްތިއުނާފާ ގުޅިގެން ބޭއްވި ސަރިޔަތުގެ މަޖިލީހުގައި ފުލުހުން ފާހަގަކުރި ކަންކަމަށް ބަލާއިރު، މި އަމުރު ފުލުހުން ހޯދަން ބޭނުންވި މައިގަނޑު މަގުސަދަކީ ކުއްޖާ ކުރި ގާނޫނާ ހިލާފު އަމަލަށް ކުއްޖާ ހުށަހެޅުނު ގޮތް ހޯދުމާއި، ވަންހަނާގައި ފޮރުވިފައި ހުރި ކަންކަން ދެނެގަތުމެވެ. މިއީ މުހިއްމު ބޭނުންތެރި މަގުސަދެއް ކަމުގައި ފެނެއެވެ. ނަމަވެސް ކިތަންމެ މާތް މަގުސަދެއްގައި ކަމުގައި ވިޔަސް، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެއްވެސް ފިޔަވަޅެއް އެޅޭނީ ގާނޫނު ދައްކާ މަގެއްގެ މަތީ، ގާނޫނީ އިންތަކުގެ ތެރެއިންނެވެ. އެ ނޫން ގޮތެއް ކޯޓަށް ވެސް ހޯދައި ނުދެވޭނެއެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުދިން ގާނޫނާ ހިލާފުވުމުން ފިޔަވަޅު އެޅުން
31ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 17 27 ވަނަ މާއްދާގެ (ރ) އަދި (ބ) އަށް ބަލާއިރު، ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، "ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ރީހެބިލިޓޭޓްކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް" އެ ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ކަމާބެހޭ ވުޒާރާއިން ގާއިމުކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
32މި ގޮތުން، 10 ޖޫން 2021 ގައި ޝާއިއުކޮށްފައިވާ "ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާ ގުޅޭ ގަވާއިދު"ގެ 18 ދަށުން މި ނިޒާމު ގާއިމުކޮށްފައިވެއެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖަކު ގާނޫނާ ހިލާފު އަމަލަކަށް ހުށަހެޅޭ ހިނދު އަމަލުކުރަން ޖެހޭ ގޮތުގެ ތަފުސީލު މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 17 ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު). 18 ގަވާއިދު ނަންބަރު 2021/R-81.
33ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ 19 ގާނޫނުގެ 109 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވަނީ، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން "ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރީހެބިލިޓޭޝަން އަދި އެނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް، ދައުލަތުން ހަމަޖައްސައިދޭންވާނެ" ކަމަށެވެ. ހަމަ އެ ގާނޫނުގެ 110 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ".... 109 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ދައުލަތުގެ ފަރާތުން ހިންގާ ޕްރޮގްރާމްތައް ހިންގާނީ، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން" ކަމަށެވެ. އަދި 110 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ "މި މާއްދާގެ
(ހ) ގެ ދަށުން ޕްރޮގްރާމްތައް ހިންގުމުގައި، ބަލަންވާނީ، ކުށްކުރުމަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބޭ ކުދިން އިޞްލާޙުކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް، އެކުދިންގެ މައިންބަފައިންނާއި ޢާއިލާއާއި، ކިޔަވައިދޭ ތަންތަނާއި، އެނޫންވެސް ފަރާތްތަކާއެކު ހިންގާ"މަށް ކަމަށެވެ. 110 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވަނީ "މި މާއްދާގެ ދަށުން ކުޑަކުދިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އެފަދަ ޕްރޮގްރާމްތަކާގުޅޭ އެނޫންވެސް އިޖުރާއަތުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ" ކަމަށެވެ. އަދި ހަމަ އެ ގާނޫނުގެ 111 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ "މި ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް ޕްރޮގްރާމްތައް ހިންގުމުގައި، އެއްވެސް ހާލެއްގައި، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަށްވުރެ ހަގު ޢުމުރުގެ ކުދިންނާމެދު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅައިގެން ނުވާނެ" 19 ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު).
34ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 110 ވަނަ މާއްދާގެ (ނ) ގައި އެ ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަދަން ޖެހޭ ގަވާއިދުގެ ދާއިރާ ހިމެނޭ ގޮތުން، 25 އޮގަސްޓް 2020 ގައި "ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު" ނެރެފައިވެއެވެ.
35ބަޔާން މިކުރި ގާނޫނީ ނައްސުތަކާއި، ގަވާއިދުތަކުން މަގު ދައްކާފައި ވަނީ، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުއްޖަކު ގާނޫނާ ހިލާފު އަމަލަކަށް ހުށަހެޅޭ ހިނދު، ޖިނާއީ ކުށުގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގު ހިންގައިގެން ފިޔަވަޅު އެޅުމަކަށް ނޫނެވެ. ކުރިއަށް ދާންވީ މަގު އެ ނައްސުތަކުގައި ވަރަށް ސާފުކޮށް އެހެރީ ފެންނާށެވެ. އެ ނޫން މަގެއް ކޯޓުތަކަށް ހޯދައިދެވިދާނެ ކަމަށް ދައުލަތުން ދެކެން ޖެހޭ ސަބަބެއް ނުވިސްނެއެވެ.
ނިންމަން ފެންނަ ގޮތް
36މި ބަޔާންކުރާ ކަންކަން އެ ގޮތުގެމަތިން ހުރުމުން، އިސްތިއުނާފަށް ހުށަހަޅާފައިވާ ޖުވެނައިލް ކޯޓުގެ ނަންބަރު 47-D/AN/2024/14 (07 އޮކްޓޫބަރު 2024) ނިންމުން ބާތިލުކުރާނެ ތަނެއް އަހުރެންނަކަށް ނުފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
37މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު
38ރިޔާސަތު ފަނޑިޔާރުގެ ރައުޔަށް ތާޢީދުކުރުމާއެކު އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
39ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔުގައި ބަޔާންކުރައްވާފައިވާފަދައިން، އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުއްޖަކު ކުރާ ޤާނޫނާ ޚިލާފު ޢަމަލުތަކަށް ޚާއްސަ ނިޒާމެއް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 22 27 ވަނަ މާއްދާއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 109 މާއްދާގެ ދަށުން، ގާއިމްކުރެވިފައިވެއެވެ.
40އެގޮތުން، އެފަދަ މައްސަލަތަކާގުޅޭ ކަންކަން ކުރިއަށް ގެންދޭނެ ގޮތް ބަޔާންކޮށްފައިވާ "ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާ ގުޅޭ ޤަވާޢިދު"ގައި ޤާނޫނާ ޚިލާފުވާ އަމަލުތަކަށް ހުށަހެޅޭ ކުދިންނަކީ ކޮބައިކަން ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ކުށެއް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވާ ކުދިންނާއި، ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅިފައިވާކަމަށް ބެލެވޭ ކުދިން ހިމެނޭކަމަށް، އެ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އަން ބެލުމުން އެނގެން އޮވެއެވެ.
41އެގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުން ބަލަމުންދާ މައްސަލައެއްގައި، އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުއްޖަކު، ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅިފައިވާކަމަށް ފުލުހުންނަށް ޤަބޫލުކުރެވިއްޖެނަމަ، އެ މަޢުލޫމާތެއް ލިބޭތާ 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ލިޔުމުން އެކަން އަންގަންވާނެކަން "ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާ ގުޅޭ ޤަވާޢިދު"ގެ 9 ވަނަ މާއްދާގެ (ބ) އިން އެނގެން އޮވެއެވެ.
42އެފަދައިން ފުލުހުންގެ ފަރާތުން އެ މައްސަލައެއް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅުމުން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެ ކުއްޖާގެ ހާލަތު ދެނެގަތުމަށްޓަކައި، އިނީޝަލް އެސެސްމެންޓެއް ހަދަންޖެހެއެވެ. އެ އެސެސްމެންޓްގެ މައިގަނޑު އެއް ބޭނުމަކީ، އެފަދަ ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާގެ ޕްރޮގްރާމަކީ ކޮބައިކަން ދެނެގަތުމެވެ.
43ހަމައެއާއެކު، ހެދޭ އެސެސްމެންޓްތަކުގެ އަލީގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން، އެކުއްޖާއަށް ޚާއްސަ އިންޓަރވެންޝަން ޕްލޭނެއް ތައްޔާރުކުރަންޖެހެއެވެ. އަދި އެފަދަ އިންޓަރވެންސަން ޕްލޭނެއްގައި، ކުއްޖާ ފުރިހަމަކުރަންޖެހޭ ފަރުވާގެ ޕްރޮގްރާމްތަކުގެ ތަފްސީލާއި، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި، ކުއްޖާގެ ގެޔަށް ޒިޔާރަތްކޮށްގެން މޮނިޓަރކުރާނެ ގޮތާގުޅޭ ތަފްސީލުތައް ހިމަނަންޖެހޭކަން، އެ ޤަވާޢިދުގެ 19 ވަނަ މާއްދާގެ (ފ) އިން އެނގެއެވެ.
44ހަމައެފަދައިން، މަތީގައި ބަޔާންކުރެވުނުފަދައިން، ކުދިން އިސްލާހުކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމަކީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މަތިކުރެވިފައިވާ ޤާނޫނީ ޒިންމާއެއްކަން، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނަހިނދު، މަތީގައި ބަޔާންވެދިޔަ ހާލަތުގައި ހުންނަ ކުއްޖަކީ ކުށަށް އަރައިގަންނަ ކުއްޖެއް ކަމުގައި ނުވަތަ ޤާނޫނާ ޚިލާފު ޢަމަލުކުރާ ކުއްޖެއްކަމުގައި ބަލައިގެން ނުވާނެކަމަށް "ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާގުޅޭ ޤަވާޢިދު"ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.
45ކަންމިހެން ހުރިއިރު، އެފަދަ ކުއްޖެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކޮށް، ފުލުހުން މެދުވެރިކޮށް، ޖިނާއީ ތަހުގީގު ހިންގައިގެން ފިޔަވަޅު އެޅުމަށް، ޤަވާއިދުން ފުރުސަތު ދީފައިނުވާއިރު، އެފަދައިން އެކަންކުރުމަށް ދަޢުލަތުން ތާއީދުކުރަނީ ކީއްވެކަމެއް އަހުރެންނަށް ނުވިސްނެއެވެ. އަދި އެއީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 27 ވަނަ މާއްދާއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 109 މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާގުޅޭ ޤަވާޢިދު"ގައި ކަނޑައެޅިފައިވާ ނިޒާމު ދަންނަކަމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ޙުކުމް
ދެންފަހެ، ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން، ޖުވެނައިލް ކޯޓުގެ ނަންބަރު 147-D/AN/2024/14 (07 އޮކްޓޫބަރު 2024) ނިންމުން ބާތިލު ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ. މި ޤަސިއްޔާ ބަލައި ޙުކުމް ކުރީ: ފަނޑިޔާރު މުޙައްމަދު ސަލީމް ފަނޑިޔާރު ޢަބްދުދްމާނިޢު ޙުސައިން ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފުޓްނޯޓު
- ދިވެހި ފުލުހުންގެ ޚިދުމަތުގެ ރިފަރެންސް ނަންބަރު 171/ECF/2024/1447 އެހެނިހެން ކޯޓު އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު. (06 އޮކްޓޫބަރު 2024)
- ×××××××××××××××××××××××××××××××××××××××××××××××××××××××××××××××××××××××××××××××××××
- ގާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު).
- ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު).
- ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު).
- އބމ.
- ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު).
- އިބަމ.
- CRC General comment No. 24 (2019) on children's rights in the child justice system, Paragraph 29.
- ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު).
- ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު).
- ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު).
- ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު).
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/76 ގަޒިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ ނުކުތާ 15 އަދި 16.
- ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)
- ގަވާއިދު ނަންބަރު 2020/R-72
- ޤާނޫނު ނަންބަރު 18/2019. މީގެފަހުން "ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު" ކަމަށް ބުނެފައި.
- ޤާނޫނު ނަންބަރު 19/2019. މީގެފަހުން " ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު" ކަމަށް ބުނެފައި.
- ގަވާއިދު ނަންބަރު 2021/R-81. މީގެފަހުން "ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާ ގުޅޭ ގަވާއިދު" ކަމަށް ބުނެފައި.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)، 27 ވަނަ މާއްދާގެ (ހ)، (ރ)، (ބ)، 118 ވަނަ މާއްދާގެ (ހ) އަދި (ފ)
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)، 109 ވަނަ މާއްދާގެ (ނ)، 110 ވަނަ މާއްދާ، 111 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021/R-81 (ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާ ގުޅޭ ގަވާއިދު) ގެ 5 ވަނަ މާއްދާގެ (ހ)، (ށ)، 9 ވަނަ މާއްދާގެ (ބ)، 14 ވަނަ މާއްދާގެ (ހ)، 19 ވަނަ މާއްދާގެ (ފ)
- ގަވާއިދު ނަންބަރު 2021/R-82 (ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު) ގެ 42 ވަނަ މާއްދާ (ދައުލަތުން ހަވާލާދީ)
- ގަވާއިދު ނަންބަރު 2020/R-72 (ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުޞޫލުތައް ކަނޑައެޅުމުގެ ގަވާއިދު)
- ސުޕްރީމްކޯޓުގެ 2020/SC-A/76 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޢަލީ)
- CRC General Comment No. 24 (2019) on children's rights in the child justice system, Paragraph 29
- ހައިކޯޓުގެ 2022/HC-B12/12,13,15 (ފުލުހުން ހަވާލާދީ)
- ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ، ޤާނޫނުއަސާސީގެ 244 ވަނަ މާއްދާ، ޤާނޫނު ނަންބަރު 4/2011 ގެ 12 ވަނަ މާއްދާ (ދައުލަތުން ހަވާލާދީ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.