ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޢަލީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2020/SC-A/76
ޝަރީޢަތް ނިމުނުގޮތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުﷲ ޢަލީ
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
20 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2019/HC-A/188
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޢަބްދުﷲ ޢަލީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޤާނޫނީ ވަކީލު: އިބްރާހީމް ޝަމީލް
ޤާނޫނީ ވަކީލު: ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ ޢާއިޝަތު މުޙައްމަދު
ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުފަލް، ޕަބްލިކް ޕްރޮސިކިއުޓަރ ފަރަހަނާޒް މުޙައްމަދުދީދީ
ޖިނާއީ - ކޯޓު އަމުރު - ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 48 އަދި 49 ވަނަ މާއްދާ، އަމިއްލަ ނަފްސާދެކޮޅަށް ބަޔާންނުދިނުމުގެ ޙައްޤު - ކޯޓު އަމުރު އޮންނަންވާ ގޮތް - އަމުރުގައި އޮންނަންވާ މުއްދަތު ކަނޑައެޅުން - ކޯޓު އަމުރުގެ ދަށުން ހޯދާ ތަކެތީގެ ތަފްޞީލް - ތަޙުޤީޤު - ސުވާލުކުރުން- ޑޮކްޓްރިން އޮފް ނެސެސިޓީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުﷲ ޢަލީ
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/188 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ދަފްތަރު ނަންބަރު ރސ 4133 / މާލެ، ޢަބްދުﷲ ޢަލީ(މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢަބްދުﷲ ޢަލީ"( ގެ މައްޗަށް ރައްދުވާ ގޮތަށް، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ.
ކްރިމިނަލް ކޯޓުގައި ކަންހިނގާފައިވާ ގޮތް
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރުމަށް ސައުދީ ސަރުކާރުން 2018 ވަނަ އަހަރު ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވާ މާސެޑީޒް ބެންޒް S600 (Mercedes Benz S600) ކާރަކީ އަމިއްލަ ފަރާތެއްގެ ނަން މަތީގައި ރާއްޖެ އެތެރެކޮށްފައިވާ ކާރެއްގެ ގޮތުގައި ދެއްކުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޑިކްލަރޭޝަން ފޯމުތައް ޕްރޮސެސްކޮށްފައިވަނީ، އެ ސަރވިސްގެ އެއަރޕޯޓު ޑިވިޝަނުގެ ހެޑްގެ ޙައިސިއްޔަތުން ނަންބަރު ރސ 4133 ޢަބްދުﷲ ޢަލީ، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާއެއް ހޯދާދިނުމަށްކަމަށް ތުހުމަތު ކުރެވުނެވެ. އަދި އެ ތުހުމަތާ ގުޅިގެން، ޢަބްދުﷲ ޢަލީ ބޭނުންކުރާ މޯބައިލް ފޯނުތަކާއި، ފޯނުތަކުގެ ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީ ކާޑުތަކާއި، އެ ތަކެތީގެ ހުރިހާ މަޢުލޫމާތު (ޑޭޓާ) އާއި، އެ ފޯނުތަކުން ކޮށްފައިވާ އެންމެހައި މުވާސަލާތީ މުޢާމަލާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑައިރެކްޓްރޭޓް މެދުވެރިކޮށް އެކްސްޓްރެކްޓް ކުރުމަށް (ހޯދުމަށް)، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭނުންވާ ތަކެއްޗާއި މަޢުލޫމާތު (ފޯނުތަކާއި، އެ ފޯނުތަކުގެ ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީކާޑުތަކާއި، އެ ތަކެތީގެ ޕިން ނަންބަރު، ލޮކް ކޯޑް، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، ފޭޝިއަލް ރިކޮގްނިޝަން) އެ ފަރާތަށް ދިނުމަށް ޢަބްދުﷲ ޢަލީގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/ECA/2019/45 (28 ފެބްރުވަރީ 2019) ކޯޓު އަމުރުން (މީގެ ފަހުން "ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު") އަމުރުކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވުމުން، އެ މައްސަލަ ބެލި ހައިކޯޓުގެ ނަންބަރު 2019/HC-A/188 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، އެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައި، އެ އަމުރު ބާޠިލްކޮށެވެ.
އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށްކަން އެ ކޯޓުގެ ނަންބަރު 2019/HC-A/188 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ރ) ގައި ހަނުހުރުމުގެ ޙައްޤުގެ ދާއިރާގެ ނުވަތަ އަމިއްލަ ނަފްސާދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ތެރޭގައި، އެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައިވާ ޙާލަތުގެ ދާއިރާއިން ބޭރުން، ވަކި އެއްޗެއް އޮތް ތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވަރޑެއް ނުވަތަ ތަނެއް ހުޅުވޭނެ ނަންބަރުތަކެއް ނުވަތަ ވަކި އެކައުންޓެއް އެއީ އެކައުންޓެއްކަން ބުނެދޭންޖެހުން ނުހިމެނޭކަމަށް ބަޔާންކޮށްފައިވާތި އާއި، މި މައްސަލައިގައި ޢަބްދުﷲ ޢަލީ އާއި މުޙައްމަދު ޝިޙާމްއާ ދެމެދު ވައިބަރއިން ކުރެވިފައިވާ މުޢާމަލަތަކީ،މި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅޭ މާއްދީ ހެއްކާއި ޢަބްދުﷲ ޢަލީއާ ގުޅުވާލެވޭނެ ގޮތެއްކަމުން ޢަބްދުﷲ ޢަލީގެ ފޯނާއި ފޯނުގެ ޕާސްވޯޑްތައް ލިބިދިނުމަށް،ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން މި ހައްޤު ހަނިކުރެވިފައިވާކަން އެ މާއްދާގެ (ރ) އަށް ބެލުމުން އެނގޭކަމާއި އަދި މިކަން ހައިކޯޓުގެ ނަންބަރު 2017/HC-A/334 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާކަން؛
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރަށް އެދި ހުށަހެޅި ފޯމުގައި ކޯޓު އަމުރަށް އެދިފައިވަނީ 12 (ބާރަ) ދުވަހުގެ މުއްދަތަކަށް ކަމުގައި ވީހިނދު، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގެ ދަށުން ތަކެތި ހިފެހެއްޓުމުގެ ހުއްދަ ދީފައިވަނީ 30 (ތިރީސް) ދުވަހުގެ މުއްދަތު ކަމާއި، މި މުއްދަތަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދުނު މުއްދަތަށްވުރެ 18 (އަށާރަ) ދުވަސް އިތުރު މުއްދަތެއް ކަމުން، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގެ ދަށުން ތަކެތި ހިފެހެއްޓުމުގެ ހުއްދަ ދީފައިވާ މުއްދަތަކީ ޤާސިމް އިބްރާހީމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ޟަރޫރަތުގެ ޤާއިދާގެ ދަށުން ހުއްދަވާ މިންވަރަށްވުރެ އިތުރު މުއްދަތެއް ކަމަށާއި، އެފަދައިން މުއްދަތު އިތުރު ކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަމަށް ބަލާނެ ޤާނޫނީހަމައެއް ނެތްކަން؛
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކޯޓު އަމުރަކަށް އެދި ހުށަހަޅާފައިވަނީ ޢަބްދުﷲ ޢަލީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ޢަބްދުﷲ ޢަލީގެ ފޯނު ހިފެހެއްޓުމަށާއި، އެ ފޯނުން އަދި އެ ފޯނުގައި ހިމެނޭ އެއްވެސް އެޕްލިކޭޝަނެއް ހުޅުވުމަށްޓަކައި ލޮކް ޕެޓަރންއެއް، ލޮކް ކޯޑެއް، ފިންގަރ ޕްރިންޓެއް ނުވަތަ ފޭޝަލް ރިކޮގްނިޝަން ބޭނުންވާނަމަ، އެތަކެތި ހޯދުމަށްކަން އެނގެން އޮންނައިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިފެހެއްޓުމަށް އެދިފައިވަނީ ޢަބްދުﷲ ޢަލީގެ ކޮން ފޯނެއްކަމާއި ކޮން ސިމްކާޑެއްކަން އެނގެން ނެތްކަމާއި، ކޯޓު އަމުރަށް އެދުނުއިރު އެދިފައިވަނީ ޢަބްދުﷲ ޢަލީގެ ފޯނު ހޯދައި، އެ ފޯނުގައިވާ އެޕްލިކޭޝަންތަކުގެ އެނަލިސްސްއެއް ހެދުމަކަށް އެނގެން އޮތުމުން، އެއް ފަރާތަކުން އެއް ފޯނަށް ވުރެ ގިނަ ފޯނު ގެންގުޅުމުގެ ފުރުޞަތު އޮންނާތީ، މިފަދައިން ނެރޭވޭ އަމުރުގެ މަޤްޞަދު ޙާޞިލްވާނީ ތަޙްޤީޤު ކުރާފަރާތުން ހޯދުމަށް އެދެނީ ކޮން ފޯނެއްކަން އެނގޭނެހެން އަމުރަށް އެދުމުން ކަމުގައިވާތީ، އިސްތިއުނާފުކުރެވޭ ކޯޓު އަމުރުގައި ޢަބްދުﷲ ޢަލީގެ "މޯބައިލް ފޯނުތަކާއި" އެ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީކާޑުތަކާއި، އެ ތަކެތީގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓަރަން، ފިންގަރޕްރިންޓް، ފޭޝަލް ރިކޮގްނިޝަން ދިނުމަށް އަމުރުކޮށްފައިވަނީ ރަނގަޅަށް ނޫންކަން؛
ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލުތަކުގައި ކޯޓުން ނެރޭ އަމުރު އޮންނާންވީ ގޮތުގެ ނަމޫނާ ހިމަނާފައިވާ ހިނދު، އަދި އެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ނ) ގެ (1) އަށް ބެލުމުން، އެފަދަ އަމުރު ނެރުމަށާއި ތަންފީޒުކުރުމަށް ޙަވާލާދީފައިވުމުން، އަދި އިސްތިއުނާފު މި ކުރެވޭ އަމުރު އޮތީ ގަވާއިދުގައި ހިމަނާފައިވާ ނަމޫނާއާ އެއްގޮތަށް ނޫންކަމުން، އެ ނޫންގޮތަށް އޮންނަ އަމުރުތަކަށް ޤާނޫނީ ބާރުދީފިނަމަ އެކަމުން ޤާނޫނީ ނުރަނގަޅު ނަތީޖާތަކެއް ނުކުތުމަކީ އެކަށީގެންވާ ކަމެއްކަން؛ އަދި
ޢަބްދުﷲ ޢަލީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޙާޟިރުކޮށްފައިވަނީ ތަޙްޤީޤަށް ބަޔާން ނެގުމަށް ނޫންކަމާއި، އޭނާ ޙާޟިރުކޮށްފައިވަނީ އޮޅުވާލައިގެން، އިސްތިއުނާފު މިކުރެވޭ އަމުރު ތަންފީޒުކުރުމަށް ކަމަށާއި، ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ ދަށުން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވަކީލެއްގެ އެހީތެރިކަން ހޯދުމަކީ ކޮންމެ މީހަކަށް ޙައްޤެއްކަމުގައިވާ ހިނދު، މީހަކު ބަލާފާސް ކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ކުރިން އެފަދަ ޤާނޫނީ އެހީތެރިކަން ލިބިދޭންޖެހޭގޮތަށް އެ މާއްދާ މާނަކުރުމަކީ ދަތިތަކެއް ކުރިމަތިވެދާނެ ކަމެއްކަމުން، ކޯޓުތަކުން ނެރޭ އަމުރު ތަންފީޒުކުރުމުގެ ކުރިން ޤާނޫނީ އެހީތެރިކަން ލިބެންޖެހޭގޮތަށް އެ މާއްދާ މާނަކުރުމަކީ މާއްދާގެ މަޤްޞަދުކަމަށް ޤަބޫލުނުކުރެވޭ ނަމަވެސް، އެންޓި-ކޮރަޕްޝަނުގެ ފަރާތުން ޢަބްދުﷲ ޢަލީ ޙާޟިރުކުރީ ތަޙްޤީޤުކުރުމުގެ ނަމުގައި އިސްތިއުނާފު ކުރެވިފައި މިވާ ކޯޓު އަމުރު ތަންފީޒުކުރުމަށް ކަމަށް އެ ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާތީ، ކޯޓު އަމުރު ތަންފީޒުކުރުމުގައިއެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/188 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 6 (ހައެއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އެއީ:
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ނަމޫނާއާ ކަނޑައެޅިގެން އެއްގޮތަށް ކޯޓު އަމުރު އޮންނަންވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ފަނޑިޔާރު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު (މީގެ ފަހުން "އަޣްލަބިއްޔަތު ރައުޔު")ގެ (ރ) ގައި ބަޔާންކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު؛
އަޣްލަބިއްޔަތު ރައުޔުގެ (ނ) ގައި، ކޯޓު އަމުރު މެދުވެރިކޮށް ލިބިގަތުމަށް އެދެނީ ޢަބްދުﷲ ޢަލީގެ ކޮން ފޯނެއްކަން ބަޔާންކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި، އަދި އެގޮތަށް މާނަކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާ އާއި 36 ވަނަ މާއްދާއަށް ރިޢާޔަތްކުރުމަކާ ނުލައިކަމަށް ބުނެ ހުށަހެޅި ސަބަބު؛
މައްސަލައިގެ ތަޙްޤީޤުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އޮޅުވާލާފައިވާކަމަށް އަޣްލަބިއްޔަތު ރައުޔުގެ (ބ) ގައި ނިންމާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނުއަސާސީގެ 202 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު؛
ކޯޓު އަމުރުގައި އެދިފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ކޯޓު އަމުރު ދޫނުކުރެވޭނެކަމަށް ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު؛
ކޯޓު އަމުރު ނެރެފައިވަނީ ޟަރޫރަތު ހުއްދަކުރާ މިންވަރަށްވުރެ އިތުރަށް ކަމާއި، އޭގެ ނަތީޖާއަކީ ކޯޓު އަމުރު މުޠުލަޤަށް ބާޠިލުވުންކަމަށް އަޣްލަބިއްޔަތު ރައުޔުގެ (ނ) ގައި ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/188 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ޢަބްދުﷲ ޢަލީގެ ފަރާތުން މައިގަނޑު 7 (ހަތެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
ކޯޓު އަމުރު އޮންނަންވާނީ ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 13 ގައިވާ ނަމޫނާއާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވުމުން އެ ނޫން ފޯމެޓަކަށް އަމުރު ނެރުމަކީ އެ ގަވާއިދުގައި ލާޒިމުކޮށްފައިވާ ކަމަކާ ޚިލާފުވުން ކަމުގައިވާތީ، އެ ނަމޫނާއާ ޚިލާފަށް އަމުރު ނެރުމުގެ އިޚްތިޔާރު ލިބިގެންނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށްބުނެ ހުށަހެޅި ނުކުތާ؛
ކޯޓު އަމުރު ހޯދުމަށް ހުށަހެޅި ފޯމުގައިވަނީ އިސްތިއުނާފު ރައްދުވާފަރާތުގެ ފޯނު (އެންމެ ފޯނެއް) ހިފެހެއްޓުމަށްކަން އެނގޭއިރު، އެ އަމުރުގައި ހޯދަން އެދޭ ވަކި ފޯނެއްގެ ތަފްޞީލް ބަޔާންކުރުމަކާ ނުލައި "ފޯނުތައް" ހިފެހެއްޓުމަށް އަމުރު ނެރެފައިވުމަކީ އެކަމުގެ ޟަރޫރަތެއް ނެތި ނެރެފައިވާ އަމުރެއް ކަމުގައިވާތީއާއި، އޭގެ ނަތީޖާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އަސާސީ އެހެނިހެން ޙައްޤުތައް ޟަރޫރަތެއް ނެތި ހިފެހެއްޓުން ހުއްދަކުރުން ކަމުގައިވާތީ، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާއި 68 ވަނަ މާއްދާގެ އަލީގައި ޞައްޙަ ނިންމުމެއްކަން އެނގޭކަމަށް ބުނެ ހުށަހެޅި ނުކުތާ؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަމާޒުކޮށް ފަނޑިޔާރުން ކުރި ސުވާލުތަކުގެ ތެރެއިން، އިސްތިއުނާފު ރައްދުވާ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޙާޟިރުވެ، ކޯޓު އަމުރު ދެއްކުމުން ޙަވާލުކޮށްފައިވަނީ އެންޓި-ކޮރަޕްޝަންއިން ހޯދަން ބޭނުންވާ ފޯނުކަން އެނގޭތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ފޯނުގެ IMEI ޓެލެކޮމިއުނިކޭޝަން މެދުވެރިކޮށް ކުރިން ބަލާފައިވާ ކަމަށާއި، ކޯޓު އަމުރުގެ ދަށުން ޙަވާލުކުރި ފޯނަކީ އެ ފޯނުކަން ފޯނުގެ IMEI ބަލައިގެން ޔަޤީންކުރެވުނު ކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވާތީ، ކޯޓު އަމުރަށް އެދި ހުށަހެޅިއިރު ހޯދަން ބޭނުންވާ ފޯނަކީ ކޮބައިކަން ނޭނގޭ ކަމަށް ނުވަތަ ބެލުމުގެ ފުރުޞަތު އެވަގުތު ނެތް ކަމަށް ބުނުމަކީ ޙަޤީޤަތަކާ ޚިލާފު އޮޅުވާލުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އިސްތިއުނާފު ރައްދުވާ ފަރާތް ޙާޟިރުކޮށްފައިވަނީ ތަޙްޤީޤަށް ކަމަށް ބުނިނަމަނަމަވެސް، އަމުރު ތަންފީޒުކުރުމުގެ ނިޔަތުގައި އެކަން އެފަރާތަށް ނާންގާކަން އެނގޭއިރު، އަމުރު ތަންފީޒުކުރުމުގައި އެންޓި-ކޮރަޕްޝަނުން ޢަމަލުކޮށްފައިވަނީ ހެޔޮނިޔަތެއްގައި ނޫންކަންއެނގޭ ކަމަށް ބުނެ ހުށަހެޅި ނުކުތާ؛
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ކ) ގައި "މި މާއްދާގެ ދަށުން ހިފަހައްޓާފައިވާ އެއްޗެއް ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރުކުރުމަށް ކަމާބެހޭ ކޯޓަކަށް ލިބިދޭ އެއްވެސް ބާރަކަށް އުނިކަމެއް ނާންނާނެއެވެ." މިފަދައިން ބަޔާންކޮށްފައި އޮތުމަކީ ކޯޓު އަމުރަށް އެދި ހުށަހަޅާ ފަރާތުން އެދޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ކޯޓު އަމުރު ދިނުމަށް ބާރު ލިބިދެވޭގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން މާނަ ނުކުރެވޭނެ ކަމަށާއި އެފަދައިން މާނަ ކުރާކަމަށްވާނަމަ އެއީ ޖިނާއީ ޤާނޫނުތައް މާނަކުރުމުގެ ޢާއްމު މަފްޙޫމްކަމަށްވާ ތުޙުމަތުކުރެވޭ މީހާއަށް މަންފާވާގޮތަށް ޤާނޫނު މާނަކުރުމުގެ އުސޫލާވެސް ޚިލާފުކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކޯޓު އަމުރަށް އެދުމުން، އަމުރު ނެރުމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ލާޒިމު އިޖުރާއަތާ ޚިލާފުވާނަމަ، އެ ކޯޓު އަމުރު މުރާޖައާކުރަން ނުވަތަ އިސްތިއުނާފީ މަރުޙަލާގައި ފަރުވާއަށް އެދުމުގެ ބަދަލުގައި އަމުރު ތަންފީޒުކޮށް ހޯދާ ހެކި އެއީ ޤާނޫނާ ޚިލާފު ހެކި ކަމުގައި ބެލެވޭނެކަމަށާއި، އެފަދަ ހެކި ބަލައިގަނެ ރިޢާޔަތްކުރުމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މޯބައިލް ފޯނުތަކާއި، ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީކާޑުތާކައި، އެ ތަކެތީގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، އަދި ފޭޝަލް ރޮކޮގްނިޝަން ދިނުމަށް އަމުރުކޮށްފައިވަނީ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤާއި، ހަނުހުރުމުގެ ޙައްޤު ނިގުޅައިގަނެވޭނެ ގޮތަށް އަދި މިނިވަން ބައެއް ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ގޮތް ކަނޑައަޅަންޖެހޭ ކަންކަން
މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ މައިކަނޑު ކަންކަމަކީ:
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު އޮތީ ޤާނޫނުގައި ބުނާ ނަމޫނާއާ އެއްގޮތަށް ނޫންކަމުން އެ އަމުރަށް ޤާނޫނީ ބުރަދަން ދޭން ނުޖެހޭނެ ކަމުގައި ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން؛
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު މެދުވެރިކޮށް ލިބިގަތުމަށް އެދެނީ ޢަބްދުﷲ ޢަލީގެ ކޮން ފޯނެއްކަން ބަޔާންކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން؛
ކޯޓު އަމުރަށް އެދުނުއިރު، އަމުރުގެ ދަށުން ހިފަހައްޓަން ބޭނުންވި ތަކެއްޗާއި މަޢުލޫމާތު، އަމުރަށް އެދުމުގައި ހުށަހަޅާފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ދޫނުކުރެވޭނެ ކަމަށް، އަދި ކޯޓު އަމުރު ނެރެފައިވަނީ ޟަރޫރަތު ހުއްދަކުރާ މިންވަރަށްވުރެ އިތުރަށްކަމުގައި ވުމުން، އެ އަމުރު މުޠުލަޤަށް ބާޠިލުވާ ކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން؛ އަދި
މައްސަލައިގެ ތަޙްޤީޤުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން؛ މިއެވެ.
ކޯޓު އަމުރު އޮންނަ ގޮތް
މި މައްސަލައިގައި ސުވާލު އުފެދިފައިވާ ކްރިމިނަލް ކޯޓުގެ ކޯޓު އަމުރަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަޙްޤީޤެއްގައި ޢަބްދުﷲ ޢަލީގެ މައްޗަށް ކުރެވުނު ތުހުމަތަކާއި ގުޅިގެން، ޢަބްދުﷲ ޢަލީ ބޭނުންކުރާ މޯބައިލް ފޯނުތަކާއި، ފޯނުތަކުގެ ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީ ކާޑުތަކާއި، އެ ތަކެތީގެ ހުރިހާ މަޢުލޫމާތު (ޑޭޓާ) އާއި، އެ ފޯނުތަކުން ކޮށްފައިވާ އެންމެހައި މުވާސަލާތީ މުޢާމަލާތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިގަތުމަށް އެދި ކޯޓު އަމުރަކަށް ހުށަހެޅުމުން، ނެރެފައިވާ އަމުރެކެވެ.
ކޯޓު އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ގޮތް ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތަށް ބަލާއިރު، ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު ގެ އަލީގައި، ކޯޓު އަމުރު ހޯދަންޖެހޭ ޙާލަތުގައި، އެ އަމުރަށް އެދުމުގައި އަދި އެ އަމުރު ކޯޓުން ނެރުމުގައި އަދި އެ އަމުރު ތަންފީޒުކުރުމުގައި އަމަލުކުރަންޖެހެނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށެވެ. އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ށ) ގައި "ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކޯޓު އަމުރެއް ހޯދައިގެން މެނުވީ ނުކުރެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގައި ކޯޓުން ނެރޭ އެހެނިހެން އަމުރުތައް އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 13 ގައިވާ ނަމޫނާއާ އެއްގޮތަށެވެ" މިފަދައިން ބަޔާންކޮށްފައި އޮތުމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/188 ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔުގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކޯޓުން ނެރޭ އެފަދަ އަމުރުތައް އޮންނަންވާނީ އެ ގަވާއިދުގެ 13 ވަނަ ޖަދުވަލުގައިވާ ނަމޫނާއާ އެއްގޮތަށް ކަމަށް ބަލަންޖެހެއެވެ.
މީގެ މާނައަކީ، އެފަދައިން ހެއްކެއް ހޯދުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓު އަމުރަކަށް އެދޭ ޙާލަތުގައި، ކޯޓުން އަމުރު ނެރެފައިވަނީ ގަވާއިދުގެ ޖަދުވަލުގައި ހިމަނާފައިވާ ނަމޫނާ ނުވަތަ ފޯމަޓާއި އެއްގޮތަށް ކަމުގައި ނުވާނަމަ، އެ އަމުރުގެ ބާރު ނުހިނގާނެއޭ ތޯއެވެ؟ އަދި ނަމޫނާއާ އެއްގޮތަށް ނެރޭ އަމުރުތަށް ނޫން އަމުރުތަކަށް ޤާނޫނީ ބުރަދަންދީފިނަމަ، އެކަމުގެ ސަބަބުން ޤާނޫނީ ނުރަނގަޅު ނަތީޖާތަކެއް ނިކުތުމަކީ އެކަށީގެންވާ ކަމެއްތޯއެވެ؟
ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 13 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރާ އަމުރު ނޫން އެހެން އަމުރުތަކުގެ ޤާނޫނީ ބާރު ހިނގުމާމެދު، އަދި ޖަދުވަލުގައިވާ ގޮތް ނޫން ގޮތަކަށް ކޯޓު އަމުރު ނެރެފިނަމަ ޤާނޫނީ ނުރަނގަޅު ނަތީޖާ ނިކުމެދާނެ ކަމުގައި ބަޔާންކޮށްފައިވާއިރު، އެ ކަމުގައި އެހެން ބަޔާންކުރުމުގެ އިތުރުން، އެއްވެސް ތަފްޞީލެއް ދީފައިނުވެއެވެ.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ، ކޯޓު އަމުރެއް ހޯދައިގެން މެނުވީ ނުކުރެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގައި ކޯޓުން ނެރޭ އެހެނިހެން އަމުރުތައް އޮންނަންވާނީ ޖަދުވަލު 13 ގައިވާ ފަދައިން ކަމުގައި ބުނުމުގެ މާނައަކީ، ކޯޓުން ނެރޭ އަމުރުގައި ހުންނަ ފޮންޓު އަދި ފޯމެޓް އެގޮތުގައި އޮންނަންވާނެ ކަމުގައި ބުނެ ޙަވާލާދީފައިވާ ވުމެއް ކަމުގައި ނުދެކެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި "ޤާނޫނެއްގައި ފޯމެއްގެ ނަކަލު ހިމަނައި، އެ ފޯމު ފުރުމަކީ އެ ޤާނޫނުގެ ދަށުން ލާޒިމުކޮށްފައިވާ ކަމެއްކަމުގައިވާނަމަ، އެ ފޯމުގެ ނަކަލާ، އުސޫލީގޮތުން ތަޢާރުޒުނުވާ ބަދަލުތަކާއެކު، އެ ފޯމު ފުރުމަކީ ކުރެވިދާނެ ކަމެކެވެ." މިފަދައިން ބަޔާންކޮށްފައިވުމުން، ކޯޓުން ނެރޭ އަމުރު އޮންނަން ޖެހޭނީ ޖަދުވަލު 13 ގައިވާ ނަމޫނާއާއި އެއްގޮތަށް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ކޯޓު އަމުރުގައި ހުންނަންވާ މަޢުލޫމާތާއި ޙަވާލާދީ ބުނެފައިވާ ބުނެމެއްކަމުގައި ބަލާނަމެވެ.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 13 ގައިވާ ނަމޫނާއާ ކްރިމިނަލް ކޯޓުގެ ކޯޓު އަމުރާ އަޅާ ކިޔުމުން، ޖަދުވަލު 13 ގައިވާ އަމުރުގައި ހިމެނޭ މަޢުލޫމާތުގެ ތެރެއިން ބައެއް މަޢުލޫމާތު، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި މަދުކަން ފާހަގަވެއެވެ. އަދި ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި، ނަމޫނާގައި ނުހިމެނޭ މަޢުލޫމާތުތަކެއް ހިމަނާފައިވާކަންވެސް ފާހަގަވެއެވެ. އެހެންކަމުން، ބުނެވުނު ނަމޫނާއާއި އަމުރުގައި ހިމެނިފައިވާ މަޢުލޫމާތާއި ނުހިމަނާވާ މަޢުލޫމާތު އެނގޭނެ ތާވަލެއް ހިމަނަމެވެ. ހެޔޮ ފާހަގަ ޖަހާފައި އެވަނީ މަޢުލޫމާތު ހިމެނޭ ނަމައެވެ. އަދި ރަސްގެ ޖަހާފައި އެވަނީ މަޢުލޫމާތު ނުހިމެނޭ ނަމައެވެ.
މަޢުލޫމާތުގެ ތަފްސީލު ނަމޫނާ ކޯޓު އަމުރު
އަމުރާއި ގުޅޭ މަޢުލޫމާތު އަމުރުގެ ބާވަތް
އަމުރަށް އެދުނު ފަރާތް
އަމުރު ރައްދުވާ ފަރާތް
ޙަވާލާދޭ ފޯމު ނަންބަރު
މައްސަލައިގެ ބާވަތް
ތުހުމަތުކުރެވޭ މީހާގެ ފުރިހަމަ ނަން
ދާއިމީ އެޑްރެސް
މިހާރު އުޅޭ އެޑްރެސް
ޕާސްޕޯޓު / އައި.ޑީ ކާޑު ނަންބަރު
ޖިންސު
އުމުރު / އުފަން ތާރީޚް
ހޯދަން ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުމާއި ތަކެތީގެ ތަފްޞީލު
މައްސަލައިގެ ތަފްޞީލު
ސަބަބު
ލިބިފައިވާ ހެއްކާއި ޤަރީނާ
ޙަވާލާދޭ ޤާނޫނުގެ މާއްދާއާއި ކުށް
މުއްދަތު
މައްސަލަ ބަލާ އިދާރާ / ސެކްޝަން
މައްސަލަ ބަލާ މީހާގެ މަޢުލޫމާތު ނަން
ސަރވިސް ނަންބަރު
މަޤާމު
ސޮއި
ހުއްދަ ދިން ވެރިއެއްގެ މަޢުލޫމާތު ނަން
ސަރވިސް ނަންބަރު
މަޤާމު
ސޮއި
އިތުރު ބަޔާން
އެހެނިހެން މަޢުލޫމާތު ތާރީޚް
ގަޑި
ޤާޟީގެ ނަން
ޤާޟީގެ ސޮއި
ސިއްކަ
މަތީގައިވާ ތާވަލަށް ބެލުމުން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 13 ގައިވާ ނަމޫނާގައި ހިމަނާފައިވާ މަޢުލޫމާތުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ހިމަނާފައި ނުވަނީ ހަމައެކަނި މައްސަލަ ބަލާ މީހާގެ މަޢުލޫމާތާއި ހުއްދަދިން ވެރިޔާގެ މަޢުލޫމާތުކަން އެނގެއެވެ. ބުނެވުނު މަޢުލޫމާތަކީ ފުލުހުން ނުވަތަ ތަޙްޤީޤުކުރާ އެހެންވެސް އިދާރާއެއްގައި މައްސަލަ ބަލާ މީހާގެ އަދި އެކަމަށް ހުއްދަދިން މީހާގެ މަޢުލޫމާތެވެ. މިއީ، ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުގެ ތަފްސީލެއް ނުވަތަ ފަނޑިޔާރު އަމުރު ނެރުމުގައި އެ ފަރާތެއްގެ ހިޔާލާއި ރުހުން ނުވަތަ ހުއްދަ ހޯދަންޖެހޭ ބަޔަކާބެހޭ މަޢުލޫމާތެއް ނޫނެވެ. އަދި މި މަޢުލޫމާތަކީ އާންމު އުސޫލުން، ކޯޓު އަމުރުގައި ހިމަނާ މަޢުލޫމާތެއް ނޫނެވެ. މިއީ ކޯޓު އަމުރަށް އެދި ހުށަހަޅާއިރު، ޤާނޫނު ތަންފީޒުކުރާ އިދާރާއިން ހުށަހަޅާ ފޯމުގައި އޮންނަ މަޢުލޫމާތު ކަމުގައިވެފައި، ކޯޓު އަމުރުގައި "ޙަވާލާދޭ ފޯމު ނަންބަރު" (ނުވަތަ އަމުރަށްއެދި ހުށަހެޅި ފޯމުގެ ނަންބަރު) ހިމަނާފައި އޮންނަކަމުން، އެ މަޢުލޫމާތަކީ އަމުރުގައި ހަވާލާދީފައިވާ ލިޔެކިޔުމުން ސާފުވާން އޮތް މަޢުލޫމާތެވެ.
ހަމަ އެއާއެކު، މަތީގައިވާ ތާވަލަށް ބެލުމުން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 13 ގައިވާ ނަމޫނާގައި ކޯޓު އަމުރުގައި ހިމަނަން އޮތް މަޢުލޫމާތުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި (1) ތުހުމަތު ކުރެވޭ މީހާގެ މަޢުލޫމާތު (މީގެ ތެރޭގައި ތުހުމަތުކުރެވޭ މީހާގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު އުޅޭ އެޑްރެހާއި، ޕާސްޕޯޓު / އައި.ޑީ ކާޑު ނަންބަރާއި، ޖިންސާއި، އުމުރު / އުފަން ތާރީޚް) އާއި، (2) ހޯދަން ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުމާއި ތަކެތީގެ ތަފްޞީލާއި، (3) މައްސަލައިގެ ތަފްޞީލާއި، (4) ]އަމުރު ނެރުނު[ ގަޑި އާއި؛ (5) ފަނޑިޔާރުގެ ނަން ހިމެނެއެވެ. މި މަޢުލޫމާތަކީ އާންމު އުސޫލުން ކޯޓު އަމުރުގައި ހިމަނަންޖެހޭ މަޢުލޫމާތެވެ. އަދި މީގެ ތެރެއިން ވަކިން ޚާއްޞަކޮށް، ތުހުމަތު ކުރެވޭ މީހާގެ މަޢުލޫމާތާއާއި، ކޯޓު އަމުރު މެދުވެރިކޮށް ހޯދަން ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުމާއި ތަކެތީގެ ތަފްޞީލަކީ، އެ މަޢުލޫމާތާއި ނުލައި މިފަދަ އަމުރެއް ފުރިހަމަވާނެ އަމުރުކަމުގައި ނުދެކެމެވެ.
މި ރައުޔުގެ 14 އަދި 15 ވަނަ ޕެރެގްރާފްގައިވާ ކަންކަން އެހެން ހުރުމުން، މި ރައުޔުގެ 9 ވަނަ ޕެރެގްރާފްގައިވާ ފަދައިން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ ޖަދުވަލުގައިވާ ނަމޫނާއާ އެއްގޮތަށް އަމުރު ނެރެފައި ނުވުމުގެ ސަބަބުން އެ އަމުރުގެ ބާރު ނުހިނގާނެ ކަމުގައި ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވެއެވެ. އެއީ ނަމޫނާގައިވާ ގޮތަށް އަމުރު ނެރެފިނަމަ، (ތުހުމަތު ކުރެވޭ މީހާގެ މަޢުލޫމާތާއި އަމުރުގެ ދަށުން ހޯދަން ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުމާއި ތަކެތީގެ ތަފްޞީލު ހިމެނޭގޮތުން) އަމުރުގައި ހިމަނާންޖެހޭ މުހިންމު މަޢުލޫމާތުތަކެއް ނުހުންނާނެ ކަމުގައިވާތީއާއި، އެ މަޢުލޫމާތާއި ނުލައި އަމުރު ތަންފީޒު ކުރުމަކީ މުސްތަހީލު ކަމަކަށް ވާނެތީއެވެ. މި ޙާލަތުގައި ކޯޓު އަމުރުގެ ޤާނޫނީ ބާރު ހިނގުމަށް ބުރުލެއް އަރާނަމަ، އެކަމެއް މެދުވެރިވާނީ، ނުވަތަ އެކަމުގެ ސަބަބުން ޤާނޫނީ ނުރަނގަޅު ނަތީޖާތަކެއް ނިކުތުމުގެ އިހްތިމާލު އޮތީ ގަވާއިދުގައިވާ ނަމޫނާގައިވާ ގޮތަށް އަމުރު ނެރުމުންނެވެ.
އެހެންކަމުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ޢާންމު މާނައަށް ބެލުމުގެ އުސޫލުގެ އަލީގައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ، ކޯޓުން ނެރޭ އަމުރުތައް އޮންނަންވާނީ އެ ގަވާއިދުގެ 13 ވަނަ ޖަދުވަލުގައިވާ ނަމޫނާއާ އެއްގޮތަށް ކަމަށް ބެލުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤްޞަދު ހާސިލުވާކަމެއް ކަމުގައި ނުދެކެމެވެ. އަދި މި ސަބަބަށްޓަކައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ ޖަދުވަލުގައިވާ ފޯމު އިޞްލާޙު ކުރަންޖެހޭކަމުގައިވެސް ދެކެމެވެ.
ކަން މިހެން އޮތްނަމަވެސް، ކަމުގެ ޙަޤީޤަތަކީ، ކޯޓު އަމުރުގައި ހުންނަންވާނެ ކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ ޖަދުވަލުގައިވާ ހުރިހާ މަޢުލޫމާތު، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ނެތްކަމެވެ. އަދި މިއީ، އޭގެ ޒާތުން، އިޖުރާއީ އޮޅުމެއް (procedural error) ކަމުގައި ދެކެމެވެ.
ހައިކޯޓުގެ ނަންބަރު 2019/HC-A/188 ޤަޟިއްޔާގައި ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔު (މީގެފަހުން "ތަފާތުވި ރައުޔު") ގެ (ނ) ގައި ފާހަގަކޮށްފައިވާ ފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހިންގުމުގައި ދިމާވާ ކޮންމެ އިޖުރާއީ އޮޅުމަކީ އޭގެ ޒާތުގައި، އެފަދަ އޮޅުމެއްގެ ސަބަބުން، އެ އިޖުރާއަތާއި އެ އިޖުރާއަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިއުޅާލާންޖެހޭ ސަބަބެއް ނޫނެވެ. މިފަދަ އިޖުރާއީ އޮޅުމަކީ އެ އޮޅުމަކާއި ވިދިގެން އަޅާފައިވާ ފިޔަވަޅުތައް ބާޠިލުކުރަންޖެހޭފަދަ އިޖުރާއީ އޮޅުމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ގެންގުޅޭ މިންގަނޑަށް ބަލާއިރު، ސީރިއަސް އިޖުރާއީ އޮޅުމެއް ހިނގާފައިވާ ނަމަވެސް، އޭގެ ނަތީޖާއެއްގެ ގޮތުން ޢަދުލުވެރިކަން ގެއްލޭފަދަ ޙާލަތެއް މެދުވެރިވެފައި ނުވާނަމަ، އިޖުރާއަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުން ހާޞިލުކުރަން އޮތް މަޤްޞަދަކީ، އިޖުރާއީ އޮޅުމެއްގެ ސަބަބުން ކޯޓުތަކަށް ޢަދުލުވެރި އަމުރުތައް ނެރުމަށް ލިބިދީފައިވާ އިޚްތިޞާޞް ގެއްލިގެންދާ ކަމެއްގެ ގޮތުގައި ނުބެލުމެވެ.
އަދި މިހެންކަމުން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 13 ގައިވާ ނަމޫނާގައި ހިމަނާފައިވާ މަޢުލޫމާތުގެ ތެރެއިން މައްސަލަ ބަލާ މީހާގެ މަޢުލޫމާތާއި ހުއްދަ ދިން ވެރިޔާގެ މަޢުލޫމާތު ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ހިމަނާފައި ނުވުމަކީ، އެ އިޖުރާއީ އޮޅުމެއްގެ ސަބަބުން، އެ އަމުރުގެ ޞައްޙަކަމާއި، އޭގެ ބާރަށް އުނިކަމެއް އަންނަ ފަދަ އޮޅުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ކޯޓު އަމުރުގެ ދަށުން ލިބިގަނެވޭ ތަކެއްޗާއި މަޢުލޫމާތު
ޢަބްދުﷲ ޢަލީގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން ކޯޓު އަމުރު މެދުވެރިކޮށް ހިފެހެއްޓުމަށް އެދިފައިވަނީ އޭނާގެ ފޯނާއި ފޯނުގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، އަދި ފޭޝަލް ރިކޮގްނިޝަން ކަމަށްވާއިރު، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުން ހިފެހެއްޓުމުގެ ހުއްދަ ދީފައިވަނީ ޢަބްދުﷲ ޢަލީގެ މޯބައިލް ފޯނުތަކާއި، ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީކާޑުތާކައި، އެ ތަކެތީގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، އަދި ފޭޝަލް ރިކޮގްނިޝަން ކަމަށާއި، ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީކާޑުތަކަކީ ފޯނާއި ވަކި ކުރެވޭ އެއްޗެއް ކަމުގައިވާތީއާއި، މީހެއް އަތުގައި އެއްފޯނަށް ވުރެ ގިނަ ފޯނު އޮވެދާނެ ކަމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ހިފެހެއްޓުމަށް އެދެނީ ޢަބްދުﷲ ޢަލީގެ ކޮން ފޯނެއްކަން ބަޔާންކުރަން ޖެހޭނެކަމުގައާއި، އަދި ވަކި ފޯނެއް ބަޔާންކުރުމަކާއި ނުލައި މޯބައިލް ފޯނުތަކާއި، ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީކާޑުތާކާއި، އެ ތަކެތީގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، އަދި ފޭޝަލް ރިކޮގްނިޝަން ދިނުމަށް އަމުރުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް އިސްތިއުނާފު ކުރެވުނު މައްސަލައިގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވެއެވެ.
މި ނުކުތާއާއި ގުޅިގެން، ކޯޓު އަމުރު ޞައްޙަ ވުމަށްޓަކައި، ހޯދުމަށް އެދެނީ ކޮން ފޯނެއްކަން ތަޙްޤީޤު ކުރާ އިދާރާއިން ބަޔާންކުރަންޖެހޭނެ ކަމަށް އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ ކޮން ޤާނޫނީ ބިނާއެއްގެ މައްޗަށްކަން ނޭނގޭކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤްޞަދުތައް ހާޞިލުކުރުމަށްޓަކައި، ބަލާ ފާސްކުރުމުގެ ބާރު ތަންފީޒުކުރުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ބޭނުންވާ ސީދާ އަދި ނުސީދާ ބާރުތައް ލިބިގެންވާކަމުން، ހައިކޯޓުގެ އެ ނިންމުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި 36 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއްނެތި ނިންމާފައިވާ ނިންމުމެއް ކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރެއެވެ.
އެހެން ނަމަވެސް، ޢަބްދުﷲ ޢަލީގެ ފަރާތުން ބަޔާންކުރަނީ ފޯނާއި ފޯނުގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، އަދި ފޭޝަލް ރިކޮގްނިޝަން ހޯދުމަށް އެދުމުން، އެއަށް ވުރެ އަމުރުގެ ދާއިރާ ފުޅާކޮށް، ވަކި ވަކިން ހިފަހައްޓާނެ ތަކެތި ތަފްޞީލުކުރުމަކާއި ނުލައި، ޢަބްދުﷲ ޢަލީގެ މޯބައިލް ފޯނުތަކާއި، ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީކާޑުތާކައި، އެ ތަކެތީގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، އަދި ފޭޝަލް ރިކޮގްނިޝަން ދިނުމަށް އަންގާފައިވަނީ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ (ދައުލަތުގެ ވާޖިބު) އާއި، 20 ވަނަ މާއްދާ (ހަމަހަމަކަން) އާއި، 24 ވަނަ މާއްދާ (ޒާތީ ދިރިއުޅުން) އާއި ޚިލާފަށް ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ (ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭފަދަ ގޮތަކަށް ޤާނޫނުއަސާސީ މާނަނުކުރުން) އާއެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ޢަބްދުﷲ ޢަލީ ބުނާގޮތުން، ކޯޓު އަމުރަށް އެދިފައިވަނީ ޢަބްދުﷲ ޢަލީގެ އެއް ފޯނު ހޯދުމަށް ކަމުގައިވާއިރު، އެއަށް ވުރެ ގިނަ ފޯނު ހޯދުމަށް އަމުރު ނެރުމަކީ، އަދި ހޯދުމަށް ބޭނުންވާ ވަކި ވަކި ތަކެތީގެ ތަފްޞީލު ސާފު ނުވާގޮތަށް ޢަބްދުﷲ ޢަލީގެ މޯބައިލް ފޯނުތަކާއި، ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީކާޑުތަކައި، އެ ތަކެތީގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، އަދި ފޭޝަލް ރިކޮގްނިޝަން ދިނުމަށް އެންގުމަކީ ޤާނޫނުއަސާސީއިން ޢަބްދުﷲ ޢަލީއަށް ލިބިގެންވާ ޒާތީ މިނިވަންކަމުގެ ޙައްޤަށާއި ޤާނޫނުން ރައްކާތެރިކަން ލިބިގެންވުމުގެ ޙައްޤަށް ބުރޫއަރާގޮތަށް، އަދި އެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކޮށް ކުރިއެރުވުމަށް ދައުލަތުގެ މައްޗަށް އޮންނަ އިލްތިޒާމާއި ޚިލާފުވާ ފަދައަކުން ކޮށްފައިވާ ކަމެކެވެ.
އެހެންކަމުން، (1) ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގެ ދަށުން ހިފެހެއްޓުނު ޢަބްދުﷲ ޢަލީގެ ތަކެތި ހިފެހެއްޓުނު ގޮތުން އޭނާގެ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމަކަށް އުނިކަން އައިސްފައިވޭތޯ އާއި، (2) ކޯޓު އަމުރަށް އެދުމުގައި ހޯދުމަށް އެދިފައިވާ ތަކެތީގެ އިތުރުން ޢަބްދުﷲ ޢަލީގެ ފޯނުތަކާއި އެނޫންވެސް ތަކެތި ހޯދުމަށް އަމުރު ނެރުމަކީ ކުރެވިދާނެކަމެއްކަން ނުވަތަ ނޫންކަމާއި، (3) ކޯޓު އަމުރުގައި ހޯދަން ބޭނުންވާ އެތި ނުވަތަ މަޢުލޫމާތު ތަފްޞީލުކުރަންޖެހޭނީ ކިހާ މިންވަރަކަށް ކަމުގެ މައްޗަށް ބަލާލަން ޖެހޭ ކަމުގައި ދެކެމެވެ.
އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހަނިވިތޯ؟
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގެ ދަށުން ހިފެހެއްޓުނު ޢަބްދުﷲ ޢަލީގެ ތަކެތި ހިފެހެއްޓުނު ގޮތުން އޭނާގެ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމަކަށް އުނިކަން އައިސްފައިވާކަމަށް ބުނެ ޢަބްދުﷲ ޢަލީގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅޭ ގޮތުން އަންނަނިވި ކަންކަން ފާހަގަވެއެވެ. މިގޮތުން، ޢަބްދުﷲ ޢަލީގެ ފަރާތުން، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކުރާ، އޭނާގެ ޒާތީ ދިރިއުޅުމުގެ ޙައްޤަށާއި، ޤާނޫނުއަސާސީންނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ އިން އޭނާއަށް ލިބިގެންވާ ހަނުހުރުމުގެ ޙައްޤަށް އުނިކަން އައިސްފައިވާކަމުގައި ބުނެއެވެ.
ޢަބްދުﷲ ޢަލީ ބަޔާންކުރާ ފަދައިން އޭނާގެ އަސާސީ ޙައްޤަކަށް އުނިކަން އައިސްފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުމުގެ ކުރިން، އެފަދަ ޙައްޤެއް ލިބިދިނުމާއި މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމަށް އަލިއަޅުވާލާނަމެވެ. މިގޮތުން އަންނިވި ކަންކަން ފާހަގަކުރަމެވެ.
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކޮންމެ އަސާސީ ޙައްޤަކީވެސް، ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހިފެހެއްޓިދާނެ ޙައްޤެއްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ސާފު ބަހުން ބަޔާންކޮށްފައިވެއެވެ.
އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައި ޚާއްޞަކޮށް ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ މާއްދާތައް އެކުގައި ކިޔަންޖެހޭކަމުން، ޙައްޤުތައް މާނަކުރުމުގައި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ ތަޠުބީޤު ކުރާއިރު، އެފަދައިން ޙައްޤެއް ހަނިކުރެވިފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައިވާނަމަ، އެއީ އެ ޙައްޤުގެ ދާއިރާ ހަނިކުރުމަށް އޮތް ހުއްދަ ގޮތެކެވެ.
ދިވެހިރާއްޖޭގައި، އެއިރެއްގައި ޢަމަލުކުރާ ޖިނާއީ ކުށާއި އަދަބު ކަނޑައަޅާ ޤާނޫނުތަކުގެ ދަށުން، ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ މީހުންނާއި މެދު ޢަމަލުކުރުމަށް އޮންނަނީ، ޢާންމު އުސޫލުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިންނެވެ. އަދި އެ ޤާނޫނުގައި (މިނޫން ކަންކަން ހިމެނޭ ގޮތުން) ޢާންމު ތަންތަނާއި އަމިއްލަ ތަންތަން ބަލައި ފާސްކުރުމުގައި، އެ ތަންނަށް ވަނުމުގައާއި، މުދާ ހިފެހެއްޓުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ، ޤާނޫނުގައިވާ ގޮތުގެ މަތިން އޭނާ އާއި އޭނާގެ އަމިއްލަ ތަންތަނާއި މުދާ ބަލައި ފާސްކޮށް، މުދާ ހިފެހެއްޓުމަކީ "ޤާނޫނުގައިވާ ގޮތުގެ މަތިން" ނުވަތަ "ހުއްދަ ކޮށްފައިވާ ގޮތުގެ މަތިން" ކުރެވޭކަމެއް ކަމުގައި ބަލަންޖެހެއެވެ.
(ހ) ޒާތީ ދިރިއުޅުމުގެ ޙައްޤު
ޢަބްދުﷲ ޢަލީގެ ތަކެތި ޤާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޭނާއަށް ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ލިބިދީފައިވާ ޒާތީ ދިރިއުޅުމުގެ ޙައްޤާއި ޚިލާފަށް ކަމަށް ޢަބްދުﷲ ޢަލީ ބުނާހިނދު، މީހެއްގެ ޙައްޤެއް އުނިވާގޮތަށް އެހެން ފަރާތަކުން ޢަމަލުކޮށްގެން އެކަން ޝަރުޢީ ކޯޓަކަށް ހުށަހަޅާނަމަ، ޖުމްލަކޮށް، މިވެނި ޙައްޤާއި ހިލާފުވެއްޖެކަމުގައި ބުނުކަމުން ނުފުދެއެވެ. ޒާތީ ދިރިއުޅުމުގެ ޙައްޤާއި ޚިލާފުވެއްޖެ ކަމަށް ބުނާނަމަ، އެ ޙައްޤުގެ ދާއިރާގެ ތެރޭގައި ހިމެނޭ (1) ޒާތީ ދިރިއުޅުން، (2) ޢާއިލީ ދިރިއުޅުން، (3) ގޮވަތި ގެދޮރު، ނުވަތަ (4) ޒާތީ މުވާސަލާތް، މި އިން (މަދުވެގެން) ކޮންމެވެސް އެއް ކަމަކާއި އެ ބުނާ ބުނުން ގުޅުވަން ޖެހެއެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެހެންވެސް ކަންކަމަށް ރިޢާޔަތްކޮށް، އެ ޚިލާފުވުން އުފެދެނީ ކިހިނަކުންކަން ހުށަހަޅާދޭން ޖެހެއެވެ. އެހެންނަމަވެސް، ޒާތީ ދިރިއުޅުމުގެ ޙައްޤު ގެއްލިފައިވާކަމަށް ބުނުމުގެ އިތުރުން، މިފަދަ ތަފްޞީލެއް ޢަބްދުﷲ ޢަލީގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ.
ޢަބްދުﷲ ޢަލީގެ ފަރާތުން އޭނާއަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަކަށް ބުރޫ އަރާފަދައިން ޢަމަލުކޮށްފިކަމުގައި ބުނެ، ޤާނޫނީ ހުއްޖަތާއެކު އެކަން އެފަދައިން ހަމަ ޙަޤީޤަތުގައިވެސް ހިނގާފައިވާކަން ކޯޓަށް ދައްކާދެވިފައި ނުވާތީ، އަދި ޢަބްދުﷲ ޢަލީގެ ފޯނުތަކާއި، ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީކާޑުތާކައި، އެ ތަކެތީގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، އަދި ފޭޝަލް ރިކޮގްނިޝަން ދިނުމަށް އަންގައި ހޯދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހުށަހަޅައިގެން ހޯދާފައިވާ ކޯޓު އަމުރެއް މެދުވެރިކޮށް ކަމުގައިވާތީ، ޢަބްދުﷲ ޢަލީގެ ރުހުމަކާއި ނުލައި ކޯޓު އަމުރެއްގެ ދަށުން އެ ތަކެތި ހޯދުމަކީ ޢަބްދުﷲ ޢަލީގެ ޒާތީ ދިރިއުޅުމުގެ ހައްޤަކަށް އުނިކަން އަންނަ ފަދައަކުން ކޮށްފައިވާ ޢަމަލެއްކަމުގައި ނުބެލެވެއެވެ.
(ށ) ހަނުހުރުމުގެ ޙައްޤާއި އަމިއްލަ ނަފްސާއި ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު
ޢަބްދުﷲ ޢަލީގެ ފަރާތުން ދެން ފާހަގަކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ޢަމަލުކުރި ގޮތުން، އޭނާއަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 އަދި 49 ވަނަ މާއްދާގެ ދަށުން ލިބިދޭ ހަނުހުރުމުގެ ޙައްޤާއި އަމިއްލަ ނަފްސާއި ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤަށް އުނިކަން ލިބިފައިވާކަމަށެވެ. މިކަން ތަފްޞީލުކުރަމުން ޢަބްދުﷲ ޢަލީގެ ފަރާތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ރ) ގައި، ހަނުހުރުމުގެ ޙައްޤުގެ ދާއިރާގެ ނުވަތަ އަމިއްލަ ނަފްސާދެކޮޅަށް ބަޔާންނުދިނުމުގެ ޙައްޤުގެ ތެރޭގައި، އެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައިވާ ޙާލަތުގެ ދާއިރާއިން ބޭރުން، ވަކި އެއްޗެއް އޮތް ތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވަރޑެއް ނުވަތަ ތަނެއް ހުޅުވޭނެ ނަންބަރުތަކެއް ނުވަތަ ވަކި އެކައުންޓެއް އެއީ އެކައުންޓެއްކަން ބުނެދޭންޖެހުން ނުހިމެނޭކަމުން، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުން ޢަބްދުﷲ ޢަލީއަށް ލިބިގެންވާ ހަނުހުރުމުގެ ޙައްޤު ހަނިކޮށްފައިވަނީ ހައިކޯޓުގެ ނަންބަރު 2017/HC-A/334 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ކަމަށެވެ. މިހެންކަމުން، ޢަބްދުﷲ ޢަލީއާމެދު ޢަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަނުހުރުމުގެ ޙައްޤުގެ ހުދޫދުގެ ތެރެއިންކަން ނުވަތަ ނޫންކަމަށް ބަލަންޖެހެއެވެ.
ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށްމެ، އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވާކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮވެއެވެ. ޢަބްދުﷲ ޢަލީ މި ނުކުތާގައި ފާހަގަކޮށްފައިވަނީ، އޭނާގެ ފަރާތުން ވަކި އެއްޗެއް އޮތްތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވާރޑެއް ނުވަތަ ތަޅެއް ހުޅުވޭނެ ނަންބަރުތަކެއް ނުވަތަ ވަކި އެކައުންޓެއް އެއީ ކޮން އެކައުންޓެއްކަން ބުނެދޭން ނުޖެހޭނެކަމަށެވެ.
ޢަބްދުﷲ ޢަލީގެ ފަރާތުން ޙަވާލާދީފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ރ) އަކީ ހަނުހުރުމާއި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައި ނުވާ ނުވަތަ އެ ޙައްޤުގެ ތަރަހައިގެ ތެރޭގައި ނުހިމެނޭ ކަންކަން ބަޔާންކޮށްފައިވާ މާއްދާގައި ބަޔާންކުރާ އެއް ޙާލަތެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ރ) ގައި ބުނަނީ:
"ހަނުހުރުމުގެ ޙައްޤުގެ ދާއިރާގެ ތެރޭގައި، ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ތެރޭގައި، މި ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތުގެ ދާއިރާއިން ބޭރުގައި، ވަކި އެއްޗެއް އޮތްތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވާރޑެއް ނުވަތަ ތަޅެއް ހުޅުވޭނެ ނަންބަރުތަކެއް ނުވަތަ ވަކި އެކައުންޓެއް އެއީ ކޮން އެކައުންޓެއްކަން ބުނެދޭން ޖެހުމެއް ނުހިމެނެއެވެ."
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގެ ދާއިރާގެ ތެރެއަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެ އަކުރުގައި އޮންނަނީ:
"އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މާއްދީ ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައިވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭ ޙާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ."
މިފަދައިންނެވެ.
އެހެންކަމުން، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގެ ތެރޭގައި ކަމެއް ހިމެނޭނީ، ނުވަތަ އެ ޙައްޤުގެ ދާއިރާއިން ރައްކާތެރިކަން ލިބޭނީ ކުށުގެ ތުހުމަތާއި ގުޅިގެން ޝަރީޢަތަށް ހުށަހަޅަންޖެހޭ މާއްދީ ހެއްކެއް ތުހުމަތުގައިވާ މީހާއާއި ގުޅުވެން އޮތް ހަމައެކަނި ގޮތަކީ އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައިވާނަމަ އެވެ. އެ ޙާލަތުގައި، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކުށުގެ ތުހުމަތުގައިވާ މީހާއަށް ހަނުހުރެ، އަމިއްލަ ނަފްސާއި ދެކޮޅަށް ބަޔާން ނުދިނުމުގެ ގޮތުން، އެ މަޢުލޫމާތު ނުވަތަ ސާމްޕަލް ދިނުމަށް އިންކާރުކުރެވިދާނެއެވެ. އެއީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ޤާނޫނުން ލިބިދޭ ރައްކާތެރިކަމެކެވެ.
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގެ ސަބަބުން ޢަބްދުﷲ ޢަލީގެ ހަނުހުރުމުގެ ޙައްޤަށާއި އަމިއްލަ ނަފުސާއި ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤަށް އުނިކަން އަތުވެއްޖެ ކަމުގައި ޢަބްދުﷲ ޢަލީ ބުނާއިރު، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުން ހޯދުމަށް އެދި، އަދި ހޯދާފައިވާ ތަކެއްޗާއި މަޢުލޫމާތަކީ ޢަބްދުﷲ ޢަލީ އާއި ޢަބްދުﷲ ޢަލީގެ މައްޗަށް ތުހުމަތުކުރެވުނު ކުށާއި ގުޅުވާދޭ ހަމައެކަނި މާއްދީ ހެކި ނޫންކަމާއި، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ނެރުނު އިރުވެސް ޢަބްދުﷲ ޢަލީ އާއި ޢަބްދުﷲ ޢަލީގެ މައްޗަށް ތުހުމަތުކުރެވުނު ކުށާއި ގުޅުވާދޭ ހެކި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކިބައިގައި ހުރިކަން ލިޔެކިޔުމަށް ބެލުމުން އެނގެއެވެ. އެހެންކަމުން، ކޯޓު އަމުރުން ހޯދުނު ތަކެއްޗާއި މަޢުލޫމާތު ހޯދާފައިވަނީ ޢަބްދުﷲ ޢަލީ ބަޔާންކޮށްފައިވާ ފަދައިން، އޭނާއަށް ލިބިގެންވާ ހަނުހުރުމުގެ ޙައްޤާއި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤަށް އުނިކަން އަންނަ ފަދައަކުން ކަމުގައި ބެލުމުގެ ޖާގަ އޮތް ކަމުގައި ނުދެކެމެވެ.
ހޯދުމަށް އެދުނު ތަކެއްޗަށްވުރެ ގިނަ ތަކެތި ކޯޓު އަމުރުގައި ހިމަނާފައިވުން
ދެން އުފެދޭ ސުވާލަކީ، ޢަބްދުﷲ ޢަލީގެ ފޯނު ހޯދުމަށް އޮތް އޮތުން އޭނާގެ ފޯނުތަކުގެ މައްޗަށް ކޯޓުން ފުޅާކުރީ ޤާނޫނީ ގޮތުން ހުއްދަ ނޫން ނުވަތަ ސުވާލުއުފެދޭ ގޮތަކަށްތޯ އެވެ. އެއީ ރަނގަޅަށް ކޮށްފައިވާކަމެއް ނޫންކަމުގައި އިސްތިއުނާފުކުރެވުނު ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ ޤާނޫނީ އެއްވެސް މަސްދަރަކާއި ހަވާލާދިނުމެއް ނެތިކަން ފާހަގަވެއެވެ.
ޖިނާއީ ތަޙްޤީޤަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން (ވަކި ޙާލަތްތަކެއްގައި ކޯޓުގެ އަމުރެއް ހޯދުމަކާއި ނުލައި ނުވަތަ ކޯޓު އަމުރަކާއެކު) ބަލައި ފާސްކޮށް، ހެކި ހޯދައި، އެ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ބާރާއި ޒިންމާ ޤާނޫނު ތަންފީޒުކުރާ އިދާރަތަކަށް ޤާނޫނުން މަތިކޮށްފައިވެއެވެ. އެހެންކަމުން، ތަޙްޤީޤަށް މަޢުލޫމާތު ލިބޭ މިންވަރަކުން ކުށާއި ތުހުމަތުކުރެވޭ މީހާއާ ގުޅުވޭ ހެކި ހޯދުމަކީ އެ އިދާރާތަކުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަލަންޖެހެއެވެ.
ޖިނާއީ ތަޙްޤީޤެއް ކުރާއިރު، ޚާއްޞަކޮށް ތަޙްޤީޤުގެ ފުރަތަމަ މަރުޙަލާގައި، އެ ކުށާއި ތުހުމަތުކުރެވޭ މީހާއާ ގުޅުވޭ ވަކި ވަކި ހެކިތަކަކީ ކޮބައިކަން އަދި އެ ހެކިތައް ހުންނާނީ ކޮންތާކުކަން އެނގިފައި އޮތުމަކީ މުސްތަހީލުކަމެކެވެ. އެއީ ތަޙްޤީޤަށް ލިބޭ މަޢުލޫމާތުގެ ތެރެއިން ދެނެގަނެވޭ ކަންކަމެވެ.
އަދި، ޢާންމު އުސޫލުން ކޮންމެ މީހަކުވެސް ގެންގުޅޭނީ އެއް ފޯނު ނަމަވެސް، ބައެއް މީހުން އެއް ފޯނަށް ވުރެ ގިނަ ފޯނު ގެންގުޅެއެވެ. އަދި މީހަކު ގެންގުޅެނީ ކިތައް ފޯނުކަން ނޭނގޭނަމަ، ނުވަތަ އެ މީހަކު އެއް ފޯނަށް ވުރެ ގިނަ ފޯނު ގެންގުޅޭކަން އެނގޭނަމަ، ތުހުމަތުކުރެވޭ ކުށާއި ގުޅޭ ހެކި ހޯދުމަށް އޭނާގެ ފޯނުތައް ހޯދުމަކީ އެކަށީގެންވާ ކަމެކެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި، ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިދޭ އިތުރު ބާރުތަކުގެ (3) ވަނަ ނަންބަރުގައި، "ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް އެތަނުގައި ހުރިކަމަށްވާނަމަ، އެ އެއްޗެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައުން" ހިމެނިފައިވާތީ، ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރުމުގައި، އަމުރުގައި ބަޔާންކޮށްފައިވާ ތަކެތި ނޫން އެ ތަނުގައިވާ އެހެންވެސް އެއްޗެއް އެއީ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމުގައި ބެލެވިދާފަދަ އެކަށީގެންވާ ސަބަބެއް އޮތްނަމަ، އެ އެއްޗެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ބާރު ލިބިދެއެވެ.
އިސްތިއުނާފު ކުރެވުނު ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެއްޗާއި މަޢުލޫމާތަކީ ޢަބްދުﷲ އަލީ ކުރިކަމަށް ތުހުމަތު ކުރެވުނު ކުށާއި ގުޅޭ މުޢާމަލާތްތަކެއް އޭނާގެ ފޯނުން ކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިގެން، އެ ތަކެއްޗާއި އެ ތަކެތީގައިވާ މަޢުލޫމާތު ލިބިގަތްގަތުމެއް ކަމާއި، އެކަން ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބަޔާންކުރާ އިޖުރާއަތުގެ ތެރެއިން، ކޯޓު އަމުރަކާއި އެކުކަން މައްސަލައިގެ ވާޤިޔާތަކުން އެނގެއެވެ.
އެހެންކަމުން، މި މައްސަލައިގައި، އަމުރަށް އެދުނު އިރު "ފޯނު" މިފަދައިން އޮތުމަކުން، "ފޯނުތައް" އިދާރާގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އެއްވެސް ޤާނޫނީ ހުރަހެއް ނެތެވެ. އަދި އެ ތަކެއްޗަކީ ކޯޓު އަމުރުގައި އެކަން އެހެން އޮތްނަމަވެސް، އަދި ނެތް ނަމަވެސް، ޤާނޫނު ތަންފީޒުކުރާ އިދާރާއިން ބޭނުންވެއްޖެނަމަ، އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވޭނެ ތަކެއްޗެވެ. މިސަބަބަށް އެކަނި ބެލި ނަމަވެސް، ކޯޓުގައި ފޯނެއް ލިބުމަށް އެދި ހުށަހަޅާފައިވަނިކޮށް، ކޯޓު އަމުރުގައި ފޯނުތައް ބެލުމުގެ ދަށަށް ގެންދިއުން ހިމަނާފައިވުމަކީ، އުސޫލީގޮތުން އެއްވެސް ފުށުއެރުމެއް އޮތްކަމެއް ނޫނެވެ. އެއީ، އަމުރުގައި ބަޔާން ކޮށްފައިވާ ތަކެއްޗަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއަށް، އަމުރުގައި ބަޔާންކޮށްފައި ނެތްނަމަވެސް، ލިބިގަނެވޭނެ ތަކެތި ކަމުގައިވާތީއެވެ.
ކޯޓު އަމުރުގައިވާ ތަކެތީގެ ތަފްޞީލު
ކޯޓު އަމުރުގެ ދަށުން ހިފަހައްޓަން އެދޭ ވަކި ފޯނެއް ބަޔާންކުރުމަކާއި ނުލައި މޯބައިލް ފޯނުތަކާއި، ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކާއި، މެމޮރީކާޑުތާކައި، އެ ތަކެތީގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓަރން، ފިންގަރޕްރިންޓް، އަދި ފޭޝަލް ރިކޮގްނިޝަން ދިނުމަށް އަމުރުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވެއެވެ.
އަމުރުގެ ދަށުން ހިފަހައްޓަންޖެހޭ ތަކެއްޗަކީ ކޮބައިކަން ސާފުވާންޖެހޭ ކަމުގައިބުނެ ހުށަހަޅާފައިވާ މިނުކުތާއަށް ބަލާއިރު، މި ރައުޔުގެ 40 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރުމުގައި، އަމުރުގައި ބަޔާންކޮށްފައިވާ ތަކެތި ނޫން އެތަނުގައިވާ އެހެންވެސް އެއްޗަކީ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމުގައި ބެލެވިދާފަދަ އެކަށީގެންވާ ސަބަބެއް އޮތްނަމަ، އެ އެއްޗެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ބާރު ޤާނޫނު ތަންފީޒުކުރާ އިރާދާއަށް ލިބިގެންވާތީ، ކޯޓު އަމުރުގައި އެކަށީގެންވާ މިންވަރެއްގެ ތަފްޞީލު ހިމެނޭނަމަ – މިސާލަކަށް އަހުމަދުގެ ކޮމްޕިއުޓަރުތައް ނުވަތަ އައިމިނަތުގެ ނޯޓުފޮތްތައް، މިފަދައިން ހިމެނުން އެއީ އަމުރުގެ ބޭނުމަށްޓަކައި ފުދޭ މިންވަރެއް ކަމުގައި ދެކެމެވެ. އަދި ތަކެތީގެ ތަފްޞީލު ހިމެނުމުގައި - މިސާލަކަށް 01 އެޕަލް 10 ގެ ހުދު ކުލައިގެ ފޯނު، ނުވަތަ 01 ކިންގްސްޓަން 256GB ނާނޯ މެމޮރީ ކާޑު، މިފަދައިން ހިމެނުމަކީ ޤާނޫނުގެ ތަސައްވުރުކަމުގައި ނުދެކެމެވެ.
ކޯޓު އަމުރުގެ ދަށުން ތަކެތި ހިފެއްޓޭނެ މުއްދަތު
އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ޤަޟިއްޔާއަށް ގޮތް ކަނޑައެޅުނުއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތު ރައުޔުގައި، ޤާސިމް އިބްރާހީމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ބަޔާންކޮށްފައިވާ ފަދައިން، ޟަރޫރަތުގެ ޤާއިދާގެ ދަށުން ހުއްދަވާ އެއްވެސް ކަމަކީ އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ ފުޅާ ކުރެވޭނެ ކަމެއް ނޫން ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިގޮތުން އެ ރައުޔުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކޯޓު އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި، އެ ފޯމުގެ ދަށުން ހޯދުމަށް އެދިފައިވާ ތަކެތި ހޯދުމަށް އެދިފައިވަނީ 12 (ބާރަ) ދުވަހުގެ މުއްދަތަކަށް ކަމުގައި ނަމަވެސް، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުން އެ ތަކެތި 30 (ތިރީސް) ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ފުރުޞަތު ދީފައިވަނީ ބުނެވުނު ޤާއިދާއާއި ޚިލާފަށް ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޟަރޫރަތުގެ ޤާއިދާގެ ދަށުން ތަކެތި ހިފެހެއްޓުމަށް އެދިފައިވާ މުއްދަތު އިތުރުކުރުމުގެ ބާރަކީ ފަނޑިޔާރަށް ތަޤްދީރީ ގޮތުން ލިބިގެންވާ ބާރެއް ކަމަށް ބެލޭނެ ޤާނޫނީ ހަމައެއް ނެތްކަމަށްވެސް އެ އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވެއެވެ. އަދި މިހެންކަމުން މި ނުކުތާއާއި ގުޅިގެން، ޟަރޫރަތުގެ ޤާއިދާއަކީ ކޮބައިކަމުގެ މައްޗަށް ބަލާލާނަމެވެ.
ޖުމްލަކޮށް ބުނާނަމަ، ޟަރޫރަތުގެ ޤާއިދާ ނުވަތަ ޑޮކްޓްރިން އޮފް ނެސެސިޓީ (doctrine of necessity) އަކީ ވަށައިގެންވާ ކަންކަމާއި މެދުވެރިވާ ޙާލަތުގެ ގޮތުން އަދި އިންސާނަކު ކުރިކަމަކާއި ނުލައި، ވަކި ގޮތަކަށް ކަންކުރުމަށް މަޖުބޫރުވާ ޙާލަތުގައި ބޭނުންކުރާ މަބްދަޢުއެކެވެ. ޖިނާއީ މައްސަލަތަކުގެ ތެރެއިން ބަލާނަމަ، ނެސެސިޓީއަކީ ބައެއް ޤައުމުތަކުގައި ބޭނުންކުރެވޭ ދިފާޢެކެވެ. ޖިނާއީ ކަންކަމުގެ ބޭރުން، ޤާނޫނީ އެހެން ދާއިރާތަކުގައިވެސް (މިސާލަކަށް ޓޯޓް) މި މަބްދަޢު ބޭނުންކުރެއެވެ. އެހެންނަމަވެސް އެއިން ކޮންމެ ދާއިރާއެއްގެ ތެރެއިން އެ މަބްދަޢު ތަޠުބީޤުކުރާ ގޮތާއި ޙާލަތްތަކުގައި ތަފާތުތަކެއް ހުރެއެވެ.
އިސްތިއުނާފުކުރެވޭ މައްސަލައަކީ ޖިނާއީ މައްސަލައެއްގައި ނެރެފައިވާ އަމުރަކާއި ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމުގައިވާއިރު، އެ މައްސަލައިގެ އަޣްލަބިއްޔަތު ރައުޔުގައި ޟަރޫރަތުގެ ޤާއިދާ އަށް ޙަވާލާދީފައިވަނީ ފަނޑިޔާރުގެ ނިންމުމާއި ގުޅުވައެވެ. އެއީ، ޟަރޫރަތުގެ ޤާއިދާގެ ދަށުން ހުއްދަވާ އެއްވެސް ކަމަކީ ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ ފުޅާ ކުރެވޭނެ ކަމެއް ނޫންކަމުގައި ބުނެ، ކޯޓު އަމުރަށް އެދިފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތެއް ފަނޑިޔާރު ދީފައިވާކަމަށް ބުނެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ފަނޑިޔާރަށް އަމުރު ނެރުމުގައި ލިބިދީފައިވާ ބާރުގެ ތެރެއިން، އަމުރު ނެރުމަށް އެދޭ މުއްދަތަށް ވުރެ މަދުން ނުވަތަ އިތުރަށް އަމުރުގެ މުއްދަތު ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބޭ އިޚްތިޔާރީ ބާރެކެވެ. އެއީ ޖިނާއީ ޤާނޫނުތަކުގައި އެ ނިންމުން ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށާއި، އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު ފަނޑިޔާރު ކަނޑައަޅާ ކަނޑައެޅުމެކެވެ. ފަނޑިޔާރަށް އެ އިޚްތިޔާރު ލިބިގެން ނުވާ ކަމުގައި ބަލާނަމަ، މިސާލަކަށް، މީހެއްގެ ބަންދުގެ މުއްދަތު 10 (ދިހައެއް) ދުވަހަށް އިތުރުކުރަން އެދުމުން، އެ މީހެއްގެ ބަންދުގެ މުއްދަތު 5 (ފަހެއް) ދުވަހަށް މަދު ނުކުރެވޭނެއެވެ. ނުވަތަ އެ މުއްދަތު 14 (ސާދަ) ދުވަހަށް އިތުރު ނުކުރެވޭނެއެވެ.
މީގެ އިތުރުން، ޢަބްދުﷲ ޢަލީގެ ތަކެތި ހިފަހެއްޓުނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވާތީ، އަމިއްލަ މުދާ ހިފެހެއްޓުމާއި ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްޗެއްގެ މައްޗަށް ބެލުން މުހިންމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގައި، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާ އަމިއްލަ އެއްޗެއްސަކީ ޖިނާއީ ކުށެއްގެ ތަޙްޤީޤެއްގައި އެ އެއްޗެހި ބޭނުންކުރުމަށާއި ޖިނާއީ ކުށެއްގެ ޝަރީޢަތުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް، އަދި އެކަންކަން ނިމެންދެން ޤާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެ އެއްޗެހި ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ހިފެހެއްޓޭ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމަކަށް އައުމާއެކު (އެ އެއްޗަކީ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައިނުވާނަމަ) ޤާނޫނު ތަންފީޒުކުރާ އިދާރާއިން އެ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތާ އަނބުރާ ޙަވާލުކުރަންވާނެ ކަމުގައި އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ކ) ގައި އޮވެއެވެ. ކަން މިހެން އޮތް ނަމަވެސް، ހިފެހެއްޓިފައިވާ އެއްޗެއް، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރުކުރުމަށް ކަމާބެހޭ ކޯޓަކަށް ލިބިދޭ އެއްވެސް ބާރަކަށް އުނިކަމެއް ނާންނާނެ ކަމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ވ) ގައި ސާފު ބަހުން ބަޔާންކުރެއެވެ. އަދި މިހެންކަމުން، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާ މުދަލެއް، ހިފެހެއްޓުމަށް އެކަށީގެންވާ މުއްދަތެއް ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރީ ބާރެކެވެ. އެއީ، ޤާނޫނު ތަންފީޒުކުރާ އިދާރާއިން އެތަކެތި ހިފަހައްޓަން އެދުނީ އެއަށްވުރެ ކުރު މުއްދަތަކަށް ކަމުގައިވީ ނަމަވެސް މެއެވެ.
ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މުދާ ހިފެހެއްޓުމާއި ގުޅޭގޮތުން ވަކި ތަރުތީބެއް އެކުލަވާލެވި، އެކަމާއި ގުޅިގެން ފަނޑިޔާރުގެ އިޚްތިޔާރަކީ ކޮބައިކަން އެނގެން އޮތްއިރު، ޟަރޫރަތުގެ ޤާއިދާ މިކަމާއި ގުޅޭ، އަދި މިކަމުގެ މައްޗަށް ތަޠުބީޤުކުރަންޖެހޭ ޙާލަތެއް މެދުވެރިވާ ކަމުގައި އަހުރެން ނުދެކެމެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން އޮޅުވާލާފައިވޭތޯ؟
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ތަންފީޒުކޮށްފައިވަނީ ޢަބްދުﷲ ޢަލީއަށް ފޯނުން ގުޅައި، ތަޙްޤީޤުގެ ބޭނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޙާޟިރުވުމަށް އެންގި އެންގުމަކާއި ގުޅިގެން އެ ކޮމިޝަނަށް ޙާޟިރުވުމުން ކަމަށާއި، އަމުރު ތަންފީޒުކުރުމަށް ޢަބްދުﷲ ޢަލީ ޙާޟިރުކުރީ ތަޙްޤީޤުކުރުމުގެ ނަމުގައި އޮޅުވާލައިގެންކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބުނެފައިވާކަމަށާއި، އަމުރު ތަންފީޒުކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ކަމުގައިވާނަމަވެސް، އަދި މިޙާލަތުގައި އަމުރު ތަންފީޒުކުރި ގޮތް ނޫންގޮތްތަކަށްވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަމުރު ތަންފީޒުކުރުމުގެ ފުރުޞަތު އޮތުމުން، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ތަންފީޒުކުރުމުގައި އެ ކޮމިޝަނުން ޢަމަލުކުރީ ނުނިޔަތް އޮވެގެންކަމާއި، އެ އަމުރު ތަންފީޒުކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި، އިސްތިއުނާފު ކުރެވުނު މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބިނާވި އަޣްއަލިއްޔަތު ރައުޔުގެ (ބ) ގައި ބަޔާންކޮށްފައިވެއެވެ.
ހައިކޯޓުން ފާހަގަކޮށްފައިވާ މި ނުކުތާގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތަޙްޤީޤުކުރުމުގެ ނަމުގައި އޮޅުވާލިކަމަށް ފާހަގަކޮށްފައި އެވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޢަބްދުﷲ ޢަލީ ޙާޟިރުކުރެވުނު ދުވަހު (އަމުރު ތަންފީޒުކުރި ދުވަހު)، ޢަބްދުﷲ ޢަލީއާ އެއްވެސް ސުވާލެއް ކުރެވުނުތޯ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހައިކޯޓުގެ ފަނޑިޔާރުން ސުވާލުކުރުމުން، އެ ދުވަހު ސުވާލުނުކުރާ ކަމުގައި އެ ކޮމިޝަންގެ ފަރާތުން ބަޔާންކުރުމުން ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެވެއެވެ. އަދި ޢަބްދުﷲ ޢަލީއާއި އެ ދުވަހު ސުވާލު ނުކުރާނަމަ، ޢަބްދުﷲ ޢަލީ ޙާޟިރުކުރެވުނީ ތަޙްޤީޤު ބޭނުމަށްތޯވެސް ފަނޑިޔާރުން ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރިކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެވެއެވެ.
ތަޙްޤީޤަށް ޙާޟިރުވުމަށް އަންގައި، ކޮމިޝަނަށް ޙާޟިރުވުމުން ސުވާލެއް ކުރުމަކާއި ނުލައި އަމުރު ތަންފީޒުކުރުމަކީ އޮޅުވާލުންކަމުގައި އަޣްލަބިއްޔަތު ރައުޔުގައި ކަނޑައަޅާފައިވާއިރު، ތަޙްޤީޤުކުރުމާއި ސުވާލުކުރުމަކީ ދެކަމެއް ކަމުގައާއި، ތަޙްޤީޤުކުރުމަކީ ހަމައެކަނި ސުވާލުކުރުން ނޫންކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަޔާންކުރެއެވެ.
މި ނުކުތާއަށް ބަލާއިރު، ރަދީފުގައި ތަޙްޤީޤުގެ މާނައަކަށް އޮންނަނީ "ކަމެއްގެ ޙަޤީޤަތް ހޯދައި ބަލާބެލުން" އެވެ. ޤާނޫނީ ރަދީފުގައި ތަޙްޤީޤުކުރުމުގެ މާނާގައި އޮންނަނީ "ކަމެއްގެ ޙަޤީޤަތް ހޯދާ ބަލާބެލުން ނުވަތަ އެކަމަށް ކުރާ ދިރާސާ" މިފަދައިންނެވެ. އެހެންކަމުން، ތަޙްޤީޤުކުރުމަކީ ކަމެއްގެ ހަޤީޤަތް ހޯދަން ކުރާ ހުރިހާ ކަމަކާއި، ބަލާ ހުރިހާ ބެލުމަކާއި، ކުރާ ހުރިހާ ދިރާސާއެއް އޭގެތެރޭގައި ހިމެނޭ ކަމެއްކެވެ.
ސުވާލުކުރުމަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، ރަދީފުގައި ސުވާލުކުރުމުގެ މާނައަކީ "(1) އަނެކެއްގެ ފަރާތުން ޖަވާބަކަށް އެދި އެއްޗެއް ބުނުން؛ (2) އެއްޗެއް އެހުން" ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެއީ ހަމައެކަނި ވަކި ކަމަކަށް ޙަވާލާދޭ ދިނުމެއްކަން ސާފެވެ.
މަތީގައި ބަޔާންކޮށްފައިވާ ތަޢުރީފުތަކަށް ބެލުމުން ތަޙްޤީޤު ކުރުމުގެ ތެރޭގައި ސުވާލުކުރުން ހިމެނޭކަން ސާފެވެ. އަދި ކަމުގެ ޙަޤީޤަތް ހޯދުމަށް ކުރާ މަސައްކަތުގެ ތެރޭގައި ނުވަތަ ތަޙްޤީޤުގެ ތެރޭގައި ހެކި ހޯދުން ހިމެނޭތީ، ކޯޓު އަމުރެއްގެ ދަށުން، ކުށުގެ ތުހުމަތު ކުރެވޭ މީހާގެ ކިބައިން ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި ހޯދުމަކީ ތަޙްޤީޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިގެންވަނީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކަމުގައިވެފައި، ތަޙްޤީޤުގެ މާނައިގެ ތެރޭގައި ސުވާލުކުރުމާއި ހެކި ހޯދުން އަދި މިނޫންވެސް ތަޙްޤީޤީ މަރުޙަލާގައި ކުރަންޖެހޭ އެހެނިހެންކަންކަން ހިމެނޭކަމުން، ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގައި ފާހަގަކޮށްފައިވާ ފަދައިން، ތަޙްޤީޤު ބޭނުމަށް ޢަބްދުﷲ ޢަލީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޙާޟިރުކޮށް، ކޯޓު އަމުރު ތަންފީޒުކުރުމުގެ ގޮތުން އޭނާގެ އަތުން އަމުރުގައިވާ ތަކެތި ހޯދާފައިވަނީ އޮޅުވާލައިގެންކަމުގައި ނުވަތަ ނުނިޔަތެއް އޮވެގެންކަމުގައި ބަލާނެ ސަބަބެއް އޮތްކަމަށް އަހުރެންނަކަށް ނުފެނެއެވެ.
ނަތީޖާ
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ބާޠިލުކުރުމަށް ހައިކޯޓުގެ ނަންބަރު 2019/HC-A/188 ޤަޟިއްޔާގައި ނިންމާފައިވަނީ މިމައްސަލައިގައި އިސްތިއުނާފު ކުރެވުނު ނުކުތާތަކުގެ މައްޗަށް ކަމުގައިވެފައި، ހައިކޯޓުގެ އެ ނިންމުން ބިނާވި އަޣްލަބިއްޔަތު ރައުޔުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން މި ރައުޔުގައި އަހުރެން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުގައި ޤާނޫނު ތަޠުބީޤުކުރުމުގެ އުނިކަންތަކެއް ހުރިކަމުގައި ދެކޭތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން ބާޠިލުކުރަންޖެހޭކަމުގައި ދެކެމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-A/188 ޤަޟިއްޔާގެ ޙުކުމް ބާޠިލްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.