ޢަބްދުލްވާޙިދު ޢަބްދުއްލަޠީފް ވ. އިބްރާހީމް ނަޢީމް ޢަބްދުއްރަޙްމާން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓު 2023-D13C-CIV-46
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުން، ބޯޓު ރަހުނުކޮށް ލޯނު ނެގުމުގެ ވާހަކައެއް އެއްބަސްވުމުގެ 3.5 ވަނަ މާއްދާގައި ނެތް ކަމަށް ބަލައި، ހިއްސާގެ އަގު 1,000,000 ރުފިޔާއާއި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 480,000 ރުފިޔާ، ޖުމްލަ 1,480,000 ރުފިޔާ ދައްކަން ޙުކުމްކޮށް، ވަކީލު ފީ ނަގައިނުދިނެވެ.
- ވާޤިޢާ
- ހޮޅުދޫ ބޯޓުގެ ހިއްސާދާރެއް ކަމުގައިވާ އިބްރާހީމް ނަޢީމް ޢަބްދުއްރަޙްމާން، އޭނާގެ ހިއްސާ ޢަބްދުލްވާޙިދު ޢަބްދުއްލަޠީފަށް 1,000,000 ރުފިޔާއަށް ވިއްކުމަށް 16 ޖަނަވަރީ 2022 ގައި އެއްބަސްވެ، އަގު ދައްކަންދެން މަހަކު 15,000 ރުފިޔާ ދެއްކުމަށްވެސް އެއްބަސްވުމުގައި ހިމެނުނެވެ. އަގާއި މަހުން މަހަށް ދައްކަންޖެހޭ ފައިސާ ނުލިބުމުން އިބްރާހީމް ނަޢީމް ދަޢުވާކުރިއެވެ. ޢަބްދުލްވާޙިދު ބުނީ އަގު ދައްކަން އެއްބަސްވެފައިވަނީ ބޯޓު ރަހުނުކޮށް ބޭންކް ލޯނެއް ނަގައިގެން ކަމަށާއި، ވިއްކި ފަރާތުން ބޭންކުގެ ލިޔުންތަކުގައި ސޮއިނުކުރާތީ ލޯނު ހަމަނުޖެހުނު ކަމަށެވެ. ޙުކުމްކުރުމުގެ ކުރިން ބޯޓު އަނދައި އަޑިއަށް ދިޔަކަން ޢަބްދުލްވާޙިދު ދަށުކޯޓަށް އެންގިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހިއްސާގެ އަގު ދައްކާނީ ބޯޓު ރަހުނުކޮށް ބޭންކް ލޯނެއް ނަގައިގެން ކަމަށް ހިއްސާ ވިއްކުމުގެ އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައިވާ ބައި ވަޒަންނުކޮށް، އަދި ޙުކުމްކުރުމުގެ ކުރިން ވިއްކި ބޯޓު އަނދައި އަޑިއަށް ދިޔަކަން ކޯޓަށް އެންގުމުން އެކަމާ ގުޅޭގޮތުން ޚަޞްމުންނަށް ފުރުޞަތު ނުދީ ދަށުކޯޓުން ޙުކުމްކުރުމަކީ ރަނގަޅު ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފު ކުރާ ފަރާތުން ބުނީ ބޯޓު ރަހުނުކޮށް ލޯނު ނަގައިގެން އަގު ދައްކާނެކަން އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައި ބަޔާންވެފައިވާއިރު ދަށުކޯޓުން އެކަމަށް ރިޢާޔަތްނުކުރި ކަމަށާއި، ވިއްކި ބޯޓު ނެތިގެން ދިއުމުން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ޒިންމާއެއް ނެތް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނީ ވަކީލު ފީއާ ގުޅޭ ބައި ފިޔަވައި ޙުކުމް ދެމެހެއްޓުމަށެވެ.
- ކޯޓުގެ ސަބަބުތައް
- އަޣްލަބިއްޔަތުގެ ރައުޔުގައި ކަނޑައެޅީ، އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައި ބޯޓު ރަހުނުކޮށް ލޯނު ނެގުމުގެ ވާހަކަ އޮތްއިރު ދަށުކޯޓުން އެ ބަހުސާއި ލިޔެކިޔުން ވަޒަންނުކޮށް، މާއްދާގެ ދައުރު މާނަކުރުމެއް ނެތި ނިންމާފައިވާތީ، ހައިކޯޓުން އަލަށް ގޮތް ކަނޑައެޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ގަތް މުދާ ނެތިދިއުމަކީ އޭގެ ޒާތުގައި ފައިސާ ދެއްކުމަކީ ވެވެން ނެތް ކަމަކަށް ހަދާ ސަބަބެއް ނޫންނަމަވެސް، އަގު ދެއްކުމާއި ބޯޓު ރަހުނުކޮށް ލޯނު ނެގުން ގުޅިފައިވާ ހާލަތެއްގައި އެ ބަހުސް އުފެދިދާނެ ކަމަށާއި، މިލްކުވެރިކަމާއި ހިރާސް ބަދަލުވާ ގޮތް ބަލަން ޖެހޭ ކަމަށާއި، ބޯޓު ނެތިގެން ދިޔަކަން އެންގުމަށްފަހު ޚަޞްމުންނަށް ފުރުޞަތު ނުދީ ޙުކުމްކުރުމަކީ އިންޞާފު ޤާއިމުކުރުމުގެ ރޫޙާ ދުރު ކަމެއް ކަމަށް 2020/SC-A/44 އަށް ބިނާކޮށް ކަނޑައެޅިއެވެ. ޙުކުމް ބާޠިލުކޮށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ އަލުން ބެލުމަށް ތަޙުވީލުކުރެވުނެވެ. ޚިލާފު ރައުޔުގައި ބުނީ ދަށުކޯޓާއި ހައިކޯޓުގައި ވެވުނު އިޤްރާރަށް ބަލައި އަގު ދައްކަންޖެހޭނެ ކަމަށާއި، ދަށުކޯޓުގައި ނަގާފައިނުވާ ދިފާޢެއް އިސްތިއުނާފުގައި ނެގޭކަށް ނެތް ކަމަށެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުމެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ތަޙުވީލު (އަޣްލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އުސޫލެއްގެ ގޮތުން ބަލާއިރު، ގަންނަ އެއްޗެއްގެ އަގު އަދާކުރާނެ ގޮތެއް ހޯދުމަކީ ގަންނަ ފަރާތުގެ އަމިއްލަ ކަމެކެވެ. އެއީ ވިއްކާ ފަރާތުން ބެހެން ޖެހޭ ކަމެއް ނޫނެވެ.
HN2 މައްސަލައިގެ ހަގީގަތްތައް ފުރިހަމައަށް ކަށަވަރު ކުރެއްވުމެއް ނެތި، އަދި މުޅި އެއްބަސްވުން ފުރިހަމައަށް ބެއްލެވުމެއް ވެސް ނެތި ކަމުގައި ވީހިނދު، ދަށުކޯޓުން ރިއާޔަތްކުރެއްވި ގޮތެއް އެނގެން ނެތް ކަމެއްގައި، މި ކޯޓުން އަލަތަށް ގޮތް ކަނޑައެޅުމީ އިސްތިއުނާފީ އުސޫލުތައް ނިޔާކުރާގޮތުން އެންމެ ރަނގަޅު ގޮތް ކަމުގައި ނުފެނެއެވެ.
HN3 ގަތް މުދަލެއް ނެތިދިއުމަކީ އެ މުދަލުގެ އަގު ދެއްކުމުގެ ޒިންމާ އަދާކުރުމަކީ ވެވެން ނެތް ކަމެއް ކަމަށް އޭގެ ޒާތުގައި ބެލެވެން ޖެހޭ ހާލަތެއް ނޫނެވެ. މުދަލުގެ އަގު އަދާކުރަނީ ފައިސާއިން ކަމަށްވެފައި، ފައިސާއަކީ ޖެނެރިކް އެއްޗަކަށް ވުމާއެކު، ގަތް މުދަލެއް ނެތިދިއުމަކީ، އެ މުދަލުގެ އަގު ދެއްކުމުގެ ޒިންމާ އަދާކުރުން އެއީ ވެވެން ނެތް ކަމެއް ކަމަށް ބަލަން ޖެހޭ ޖާއިޒު ސަބަބެއް ނޫނެވެ.
HN4 ގަންނަ މުދަލެއްގެ ރަޖިސްޓަރީ ވިއްކި ފަރާތުގެ ނަމުގައި އޮތަސް، އަމަލީ ގޮތުން މުދާ ގަތް ފަރާތާ ހަވާލުކުރުމުން ނުވަތަ އޭގެ ހިޔާޒަތު ގަތް ފަރާތަށް ލިބުމުން، މުދާ ބޭނުންކުރުމުގެ ހައްގާއި އޭގެ ހިރާސް، އުސޫލެއްގެ ގޮތުން ގަތް ފަރާތަށް ބަދަލުވެއެވެ. ވިއްކާ މުދަލެއް ގަތް ފަރާތާ ހަވާލުކުރުމާއި، މުދަލުގެ ހިރާސް ބަދަލުވުމާއި، މިލްކުވެރިކަން ނަގުލުވުމާއި މި ހުންނަނީ ވެސް ގާނޫނީ ގޮތުން ވިސްނަން ޖެހޭ ތަފާތު މަފުހޫމްކަން މި މައުލޫގައި ދަންނާން ޖެހެއެވެ.
HN5 ހިނގަމުންދާ ސަރިޔަތެއްގައި ހަސްމުންގެ ފުށުން އެދޭ ގޮތާއި ދެކޭ ގޮތް ހާމަކޮށް، ހެކި ހުށަހަޅައި ބަހުސް ގާއިމުކުރުމީ އުސޫލެއްގެ ގޮތުން ހަސްމުން އުފުލަން ޖެހޭ ޒިންމާއެކެވެ. އެއީ ސަރިޔަތުން ކުޅެން ޖެހޭ ދައުރެއް ނޫނެވެ. ނަމަވެސް، ސަރިޔަތުގެ ސަމާލުކަމަށް ހަސްމަކު ގެންނަ ކަމެއްގެ ހައްސާސްކަމުގެ ސަބަބުން، ނުވަތަ ސަރިޔަތަށް ފާހަގަވާ ކަމެއްގެ ޒާތުން، އިންސާފަށްޓަކައި ސަރިޔަތުން އިސްވެ ހަސްމުންނަށް ފުރުސަތު ދީ، ކޮންމެހެން ސާފުކުރަން ޖެހޭ ކަންކަމާމެދު ސުވާލުކުރުމީ ފަނޑިޔާރުންގެ ދައުރުން ބޭރުވުމެއް ވެސް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޝަހީމް އަޙްމަދު، އިބްރާހީމް ފައުޒީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އާދަމް މުޙައްމަދު ޢަބްދުﷲ
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ޢަބްދުއްރައޫފު އިބްރާހީމް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
ތައާރަފު
1މިއީ، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D13C-CIV-46 ގަޒިއްޔާ (މީގެ ފަހުން "އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ") އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2025/HC-A/173 ގަޒިއްޔާއިން ބެލި އިސްތިއުނާފު (މީގެ ފަހުން "އިސްތިއުނާފު") ނިންމި ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ ޢަބްދުލްވާޙިދު ޢަބްދުއްލަޠީފް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޢަބްދުލްވާޙިދު") އެވެ. އިސްތިއުނާފު ރައްދުވަނީ އިބްރާހީމް ނަޢީމް ޢަބްދުއްރަޙްމާން (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އިބްރާހީމް ނަޢީމް") އަށެވެ.
އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ
3އިސްތިއުނާފު ކޮށްފައިވާ ގަޒިއްޔާއަކީ، ރަޖިސްޓްރީ ނަންބަރު P9114A-04-13-D "ހޮޅުދޫ ބޯޓު" (މީގެ ފަހުން "ހޮޅުދޫ ބޯޓު" ނުވަތަ "ބޯޓު") ގެ ވެރިފަރާތްތަކުގެ ތެރޭގައި ހިމެނޭ އަދި އެއް ހިއްސާދާރު ކަމުގައިވާ އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް ބޯޓުގެ ހިއްސާ ވިއްކުމަށްޓަކައި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ (މީގެ ފަހުން "ހިއްސާ ވިއްކުމުގެ އެއްބަސްވުން") ދަށުން އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަން ޖެހި ނުދައްކާ އޮތް 1,000,000.00 (އެއްމިލިއަން) ރުފިޔާ އާއި މި ފައިސާ އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކާ ހަލާސްކުރަންދެން ހޮޅުދޫ ބޯޓު އިސްތިއުނާފުކުރާ ފަރާތުގެ ބެލުމުގެ ދަށުގައި އޮތްހާ ދުވަހަކު މީލާދީ ކޮންމެ މަހަކު 15,000.00 (ފަނަރަހާސް) ރުފިޔާގެ ރޭޓުން އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަށް އެއްބަސްވެފައިވާ ފައިސާގެ ތެރެއިން 16 ޖަނަވަރީ 2022 އިން 30 ސެޕްޓެންބަރު 2023 ގެ ނިޔަލަށް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހި ނުލިބި އޮތް 225,000.00 (ދެލައްކަ ފަންސަވީސް ހާސް) ރުފިޔާ އާއި މި މައްސަލައިގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާފައިވާތީ ގާނޫނީ ހިދުމަތުގެ ފީގެ ގޮތުގައި 15،000.00 (ފަނަރަހާސް) ރުފިޔާއާއެކު ޖުމްލަ 1,240,000.00 (ބާރަ ލައްކަ ސާޅީސްހާސް) ރުފިޔާ އިސްތިއުނާފު ކުރާ ފަރާތުގެ ކިބައިން އެކީ އެއްފަހަރާ ހޯދުމަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތުން މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުވާކުރުމުން ބެއްލެވި ގަޒިއްޔާއެކެވެ.
4މި ގަޒިއްޔާގައި ހުކުމްކުރައްވާފައި ވަނީ އަންނަނިވި ފަދައިންނެވެ.
"ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާތަކުގައި ހުރި ކަންކަމަށް ރިއާޔަތްކޮށް
1. ނ. ހޮޅުދޫ ތްރީރޯސް އިބްރާހީމް ނަޢީމް ޢަބްދުއްރަޙްމާނުގެ ހިއްސާއަށްވާ 1000000 (އެއްމިލިޔަން) ރުފިޔާ އިބްރާހީމް ނަޢީމް ޢަބްދުއްރަޙްމާނަށް ދައްކާ ޚަލާޞްކޮށްފައިނުވާކަމާއި އެފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް ޢަބްދުލްވާޙިދު ޢަބްދުއްލަޠީފް އެއްބަސްވެފައިވާތީ، ހޮޅުދޫ ބޯޓުގެ ހިއްސާއަށްވާ 1000000 (އެއްމިލިޔަން) ރުފިޔާއަކީ ޢަބްދުލްވާޙިދު ޢަބްދުއްލަޠީފުގެ ފަރާތުން އިބްރާހީމް ނަޢީމް ޢަބްދުއްރަހްމާނަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި،
2. ބޯޓުގެ ހިއްސާއަށްވާ 1000000 (އެއްމިލިޔަން) ރުފިޔާ އިބްރާހީމް ނަޢީމް ޢަބްދުއްރަޙްމާނަށް ދިނުމަށް ޢަބްދުލްވާޙިދު ޢަބްދުއްލަޠީފް އެއްބަސްވެފައިވާކަން މިދެފަރާތުގެ ދެމެދު ސޮއިކުރި އެއްބަސްވުމުގެ 3.5 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނާތީ، މިފައިސާއަކީ ޢަބްދުލްވާޙިދު ޢަބްދުއްލަޠީފް ދައްކަންޖެހޭ ފައިސާއެއްކަން އެނގެން އޮންނާތީ، 16 ޖަނަވަރީ 2022 އިން 31 މާރިޗް 2025 ގެ ނިޔަލަށް ހިނގާފައިވާ 38 (ތިރީސް އަށް) މަސްދުވަހަށްވާ 570000 (ފަސްލައްކަ ހަތްދިހަހާސް) ރުފިޔާގެ ތެރެއިން ދަޢުވާކުރާފަރާތަށް ލިބިފައިވާކަމަށް ދައުވާކުރާފަރާތުން ބުނާ 90000(ނުވަދިހަހާސް) ރުފިޔާ އުނިކުރުމުން ޢަބްދުލްވާޙިދު ޢަބްދުއްލަޠީފް ދައްކަންޖެހޭ ފައިސާއަކީ 480000 (ހަތަރުލައްކަ އަށްޑިހަހާސް) ރުފިޔާކަމަށް ކަނޑައަޅައި،
3. ބޯޓުގެ ހިއްސާއަށްވާ 1000000 (އެއްމިލިޔަން) ރުފިޔާއާއި 480000 (ހަތަރުލައްކަ އަށްޑިހަހާސް) އާއެކު ޖުމްލަ 1480000 (އެއްމިލިޔަން ހަތަރުލައްކަ އަށްޑިހަހާސް) ރުފިޔާ އިބްރާހީމް ނަޢީމް ޢަބްދުއްރަޙްމާނަށް 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ލިބިދިނުމުގެ ގޮތުން ކޮންމެ މަހަކު 730000 (ހަތްލައްކަ ތިރީސްހާސް) ރުފިޔާއަށް ވުރެން މަދުނޫން މިންވަރެއް ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ދައްކަމުން ގޮސް މިދަރަނި 07 އޮގަސްޓް 2025 ވަނަ ދުވަހުގެ 14:00 ކުރިން މިކޯޓަށް ދައްކާ ޚަލާޞްކުރުމަށް ނ. ހޮޅުދޫ ކަފޭނާ ޢަބްދުލްވާޙިދު ޢަބްދުއްލަޠީފަށް އަންގައި
4. ޤާނޫނީ ވަކީލުފީގެ ގޮތުގައި ދަޢުވާކުރާފަރާތުން ޚަރަދުކުރި 15000 (ފަނަރަހާސް) ރުފިޔާއަކީ، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާޢަތުގެ ޤާނޫނު) 279 ވަނަ މާއްދާގެ (ނ) ގެ ދަށުން ނަގައިދެވޭނެ ފައިސާއެއްނޫން ކަމަށް ކަނޑައަޅައި މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީމެވެ."
5އިސްތިއުނާފުކޮށްފައި ވަނީ މިގޮތުގެ މަތިން ކުރެއްވި ނިޔާއެވެ.
އިސްތިއުނާފު
6އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ ދެ ނުކުތާއެވެ.
6.1. ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، ދައުވާގެ ޖަވާބުގައި އިސްތިއުނާފު ކުރާ ފަރާތުން ހަވާލާދީފައިވާ އެގްރިމެންޓްގެ 3.5 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާނީ ބޯޓު ބޭންކުގައި ރަހުނުކޮށްގެން ކަމަށް ބުނެފައިވިޔަސް އެކަން އެގޮތަށްކުރާކަށް އެއްބަސްވުމުގެ 3.5 ވަނަ މާއްދާގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ލާޒިމުކޮށްފައި ނެތްކަމަށް ސަރިޔަތް ނިންމެވި ގޮތުގެ ރިޕޯޓުގެ 13 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވިޔަސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައި ފައިސާ ދައްކާނީ ބޯޓު ބޭންކުގައި ރަހުނުކޮށްގެންކަމަށް ސާފުކޮށް ބަޔާންކޮށްފައިވަނިކޮށް އެއާ ހިލާފަށް މައްސަލަ ނިންމަވާފައިވާކަމަށެވެ.
6.2. ދެ ވަނަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، ގާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާއި ބެހޭ ގާނޫނު) (މީގެ ފަހުން "ކޮންޓްރެކްޓާ ބެހޭ ގާނޫނު") ގެ 22 ވަނަ މައްދާގެ (ހ) އާއި ހިލާފަށް މައްސަލަ ނިންމާފައިވުމުގެ ސަބަބުން އިންސާފު ގެއްލިފައިވާ ކަމަށެވެ.
7މި އިސްތިއުނާފު ނިންމައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައި ވަނީ، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގެ ހުކުމް ބާތިލުކޮށެވެ.
8އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައި ވަނީ، އެ ހުކުމުގެ ވަކީލު ފީއާ ގުޅޭ ގޮތުން އޮތް ބައި ފިޔަވައި ދެން ހުރި ބައިތަކަށް ތާއީދުކޮށްދިނުމަށެވެ.
ސަރިޔަތަށް ފާހަގަވާ ނުކުތާތައް
9ހުށަހަޅާފައިވާ އިސްތިއުނާފީ ދެ ނުކުތާ އާއި، މި ދެ ނުކުތާއާ ގުޅޭ ގޮތުން ދެ ފަރާތުން ހުށަހެޅި ތަފުސީލީ ބަހުސަށް ބަލާއިރު ސަރިޔަތުގެ ކުރިމަތީގައި ވަނީ ދެ ސުވާލެކެވެ. އެއީ؛ (ހ) ބޯޓުގެ ހިއްސާގެ އަގު އަދާކުރުމަށް އެއްބަސްވެފައި ވަނީ ބޯޓު ރަހުނުކޮށް ލޯނެއް ނަގައިގެންތޯއާ މެދު ސަރިޔަތުން ރިއާޔަތްކުރެއްވީ ރަނގަޅަށްތޯ، (ށ) ބޯޓު އަނދައި އަޑިއަށް ދިޔަކަން ކޯޓަށް އެންގުމުން އެކަމުގައި ސަރިޔަތުން ރިއާޔަތްކުރެއްވި ގޮތް ރަނގަޅުތޯ، މިއެވެ.
ބޯޓުގެ ހިއްސާގެ އަގު އަދާކުރުމަށް އެއްބަސްވެފައި ވަނީ ބޯޓު ރަހުނުކޮށް ލޯނެއް ނަގައިގެންތޯއާމެދު
10އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ނިންމެވި ގޮތުގެ ރިޕޯޓުގެ 13 ވަނަ ނުކުތާގައި ބަޔާންކުރައްވާފައި ވަނީ، ބޯޓުގެ ހިއްސާގެ އަގު އަދާކުރުމަށް ފައިސާ ހޯދަނީ ބޯޓު ބޭންކްގައި ރަހުނުކުރުމަށްފަހު ލޯނެއް ނަގައިގެން ކަމަށާއި، ބޭންކުން ލޯނު ނެގުމުގެ ފުރުސަތު ދިނުމަކީ އިސްތިއުނާފު ރައްދުވާ އިބްރާހީމް ނަޢީމްގެ މައްޗަށް ލާޒިމުކަމެއްކަން އެއްބަސްވުމުގެ 3.5 މާއްދާއިން އެނގޭ ކަމަށް އިސްތިއުނާފު ކުރާ ޢަބްދުލްވާޙިދު ފާހަގަކުރާ ކަމަށެވެ. އެއަށް ފަހު ބަޔާންކުރައްވާފައި ވަނީ "ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 3.5 ވަނަ މާއްދާގައި އެފަދަ ވާހަކައެއް ފާހަގަކޮށްފައި ނުވެއެވެ" މި ފަދައިންނެވެ.
11މި އިސްތިއުނާފުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރަނީ، ދަށުކޯޓުން އެ ފަދައިން ފާހަގަކުރެއްވި ކަމުގައި ވިޔަސް، ބޯޓުގެ ހިއްސާގެ އަގު ދައްކާނީ ބޯޓު ބޭންކުގައި ރަހުނުކޮށްގެންކަމަށް ހިއްސާ ވިއްކުމުގެ އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
12މިގޮތުން، އެއްބަސްވުމުގެ 3.4 ވަނަ މާއްދާގެ ފުރަތަމަ ތިން ޖުމުލާގައި ބަޔާންކޮށްފައި ވަނީ "ހިއްސާ ގަންނަ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރާތާ 5 މަސްދުވަސް (150 ދުވަސް) ހަމަވުމުގެ ކުރިން ހިއްސާގެ އަގުގެ ގޮތުގައި ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން ނުދެއްކި ބާކީ އޮތް 1000000.00 (އެއް މިލިއަން ރުފިޔާ) ހިއްސާ ވިއްކާ ފަރާތަށް ހަވާލުކުރުމަށް އެއްބަސްވެއެވެ. މި ފައިސާ ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ ބޭންކެއްގައި ބޯޓުގެ ރަޖިސްޓްރީ ރަހުނުކޮށް ހިއްސާ ވިއްކާ ފަރާތަށް ދޭންވާ ފައިސާ ހަމަޖެއްސުމަށް ހިއްސާ ވިއްކާ ފަރާތުން އެއްބަސްވެއެވެ. މި ފައިސާ ހަވާލުކުރުމަށްފަހު ރަޖިސްޓްރީން އިބްރާހީމް ނަޢީމް ޢަބްދުއްރަޙްމާންގެ ނަން އުނިކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމުގެ ފުރުސަތު ހިއްސާ ގަންނަ ފަރާތަށް ލިބިދިނުމަށް އެއްބަސްވެއެވެ." މި ފަދައިންނެވެ.
13މި ނަކަލުކުރި މާއްދާއަށް ބަލާއިރު، ބޯޓުގެ ހިއްސާގެ އަގު އަދާކުރުމަށް ބޯޓު ރަހުނުކޮށް ލޯނު ނެގުމާ ގުޅޭ ގޮތުން އެއްބަސްވުމުގައި ވާހަކަ ދައްކާފައިވާކަން ސާފުވެއެވެ. ވީމާ ބޯޓު ރަހުނުކޮށް ލޯނު ނެގުންފަދަ ވާހަކައެއް ހިއްސާ ވިއްކުމުގެ އެއްބަސްވުމުގެ ވަކި މާއްދާއެއްގައި ނެތް ކަމަށް ސަރިޔަތުން ފާހަގަކުރެއްވިއިރު، އޭގެ ކުރިއަށް އޮތް 3.4 ވަނަ މާއްދާގައި އެ ފަދަ ވާހަކައެއް އޮތްކަން ފާހަގަވެފައި ނުވަނީ ކުށަކުން ކަމުގައި ފެނެއެވެ.
14ހިއްސާ ވިއްކުމުގެ އެއްބަސްވުމުގެ މި 3.4 ވަނަ މާއްދާއާ ހަވާލާދީ އިސްތިއުނާފު ކުރާ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކުރަނީ، ބޯޓުގެ ހިއްސާގެ އަގު ދައްކަން ދެ ފަރާތުން އެއްބަސްވެފައި ވަނީ ބޯޓު ރަހުނުކޮށް ލޯނު ނަގައިގެންކަން މި މާއްދާއިން އެނގޭ ކަމަށާއި، ބޯޓުގެ ހިއްސާ ވިއްކިއިރު އަދި މިހާރު ވެސް ބޯޓުގެ ރަޖިސްޓަރީ އޮތީ ދެ ފަރާތުގެ ނަމުގައި ކަމަށާއި، ބޯޓު ރަހުނުކޮށް ލޯނު ނެގުމަށް ދެ ފަރާތުންކުރެ އެކަކު ވެސް އިންކާރުކޮށްފި ނަމަ ބޯޓުގެ ހިއްސާގެ އަގު ނުދެއްކޭނެ ކަމަށާއި، ބޯޓުގެ ހިއްސާގެ އަގު އަދާކުރުމަށް މި ނޫން ގޮތެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތް ކަމަށާއި، މިގޮތުން، ބޯޓު ރަހުނުކޮށް ލޯނު ނެގުމަށްޓަކައި އިސްތިއުނާފު ރައްދުވާ ފަރާތުން ސޮއިކުރަން ޖެހޭ ބޭންކްގެ ލިޔެކިއުން ސޮއިކުރުމަށް އެދި އެ ފަރާތަށް ފޮނުވިކަމަށާއި، ނަމަވެސް އެ ލިޔެކިއުމުގައި އެ ފަރާތުން ސޮއިކޮށްފައި ނުވާ ކަމަށާއި، މި ކަންކަން އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވި ސިޓީތަކުން އެނގެން ހުންނާނެ ކަމަށެވެ.
15އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާއާ ގުޅިގެން ދަށުކޯޓުގައި ވެސް އިސްތިއުނާފު ކުރާ ފަރާތުން ލިޔެކިއުން ހުށަހަޅައި ފާހަގަކޮށްފައިވާ މައިގަނޑު ކަމަކީ، ބޯޓު ރަހުނުކޮށް ލޯނު ނެގުމަށް އިސްތިއުނާފު ކުރާ ފަރާތުން މަސައްކަތްކުރިކަމާއި އެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިއުތިރާޒުކުރާކަން ކަމަށްވާއިރު، އެކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭ ގޮތް، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ނިންމެވި ގޮތުގެ ރިޕޯޓާއެކުވާ އެއްވެސް ލިޔެކިއުމަކުން އެނގޭކަށް ނެތެވެ. އަދި އެ ރިޕޯޓުގައިވާ ލިޔެކިއުންތަކަށް ބަލާއިރު ބޯޓު ރަހުނުކޮށް ލޯނު ނެގުމާ ގުޅޭ ގޮތުން 16 ޖޫން 2022 އިން ފެށިގެން 14 ސެޕްޓެމްބަރ 2022 އާދެމެދު އިސްތިއުނާފު ރައްދުވާ ފަރާތަށް ތަކުރާރުކޮށް ފޮނުވާފައިވާ ސިޓީތަކުގެ ނަކަލު އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާކަން ވެސް އެނގެއެވެ. ނަމަވެސް، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ނިންމެވި ގޮތުގެ ރިޕޯޓުގެ 13 ވަނަ ނުކުތާގައި، ބޯޓު ރަހުނުކޮށް ލޯނު ނެގުންފަދަ ވާހަކައެއް އެއްބަސްވުމުގެ 3.5 ވަނަ މާއްދާގައި ނެތް ކަމަށް ސަރިޔަތުން ފާހަގަކުރެއްވުން ފިޔަވައި، ބޯޓުގެ ހިއްސާގެ އަގު އަދާކުރުމަށް ބޯޓު ރަހުނުކޮށް ލޯނު ނެގުމާ ބެހޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތުން ސަރިޔަތަށް ހުށަހެޅި ބަހުސާއި، މި ބަހުސާ ގުޅުވައި ހުށަހެޅި ލިޔެކިއުމާއި، މި ބަހުސާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ބަހާމެދު އެއްވެސް ކަމެއް ފާހަގަކުރައްވައި، ރިއާޔަތްކުރެއްވި ގޮތެއް ބަޔާންކުރައްވާފައި ވެސް ނުވެއެވެ.
16HN1އުސޫލެއްގެ ގޮތުން ބަލާއިރު، ގަންނަ އެއްޗެއްގެ އަގު އަދާކުރާނެ ގޮތެއް ހޯދުމަކީ ގަންނަ ފަރާތުގެ އަމިއްލަ ކަމެކެވެ. އެއީ ވިއްކާ ފަރާތުން ބެހެން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް މި އިސްތިއުނާފުގައި ހަވާލާދެވޭ، ހިއްސާ ވިއްކުމުގެ އެއްބަސްވުމުގެ 3.4 ވަނަ ނުކުތާގައި "މި ފައިސާ ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ ބޭންކެއްގައި ބޯޓުގެ ރަޖިސްޓްރީ ރަހުނުކޮށް ހިއްސާ ވިއްކާ ފަރާތަށް ދޭންވާ ފައިސާ ހަމަޖެއްސުމަށް ހިއްސާ ވިއްކާ ފަރާތުން އެއްބަސްވެއެވެ." މި ފަދައިން ބަޔާންކޮށްފައިވީ ހިނދު، މި މުއާމަލާތުގައި މި މާއްދާގެ ދައުރާއި އަސަރަކީ ކޮބައި ހެއްޔެވެ؟
17އެއް ގޮތަކީ، ލޯނު ނެގުމަކީ ގަތް ފަރާތަށް ދީފައިވާ ހުއްދައެއް ނުވަތަ ފައިސާ ހޯދިދާނެ މަގެއް ކަމަށް ބަޔާންކޮށްފައި ވަނީ ކަމަށް ބެލުމެވެ. އެހެން ނަމަ، މިކަމާ އަޅުވައި އަގު އަދާކުރުމަށް އުޒުރުވެރި ނުވެވޭނެއެވެ. އެހެނަސް މި ހުއްދައިގެ ދަށުން ވިޔަސް ވިއްކި ފަރާތުން އަމަލީ ގޮތުން ކުރަން ޖެހޭ ކަމެއް އޮތް ނަމަ އެ ކަމެއް ކުރިތޯ އާއި، ނުކުރި ނަމަ އެކަމުގެ ނަތީޖާއަށް ބަލަން ޖެހެއެވެ.
18އަނެއް ގޮތަކީ، އަގު ދެއްކުމާއި އެ ގޮތުގެ މަތިން ނަގާ ލޯނާ މަތިކޮށްފައި ވަނީކަމަށް ބެލުމެވެ. މި ހާލަތުގައި އެއީ އަގު އަދާކުރާނެ ގޮތުގެ ޝަރުތެއް ކަމަށް ބެލެވިދާހިނދު، އެ ޝަރުތު ފުރިހަމަ ނުވުމުގެ ޒިންމާ ދައުރު ވާނެ ގޮތާއި، އަގު ނުދެއްކިދާކަމުގެ ޖާއިޒު ބަހަނާއަކަށް އެ ޝަރުތު ވެދާނެތޯ ފަދަ ކަންކަމަށް ބަލަން ޖެހެއެވެ.
19ދެން އޮތް ގޮތަކީ، އަގު ދައްކާނެ ގޮތާ ގުޅޭ ގޮތުން އޮތް ޝަރުތެއް ނޫން ނަމަވެސް، އެ މަގުން އަގު އަދާކުރުމަށް އެއްބާރުލާނެ ކަމުގެ ވަކި ޒިންމާއެއް ވިއްކި ފަރާތަށް އޮންނަ ކަމަށް ބެލުމެވެ. މި ހާލަތުގައި އަގު ދެއްކުން ލަސްވީ މި ޒިންމާ އަދާކުރުމުގައި އިހުމާލުވުމުންތޯ އާއި، އަގު އަދާނުވެ ފާއިތުވި މުއްދަތަށް ގަތް ފަރާތުން އުފުލަން ޖެހޭ ޒިންމާ ފަދަ ކަންކަމަށް ބަލަން ޖެހެއެވެ.
20މި ކަންކަމަކީ އެއްބަސްވުން މާނަކޮށް ތަފްސީރުކުރުމުގެ އުސޫލުތަކުގެ އަލީގައި ބަލައި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ރައްދާމެދު ރިއާޔަތްކުރުމުގައި ސަރިޔަތުގެ ކުރިމަތީގައި ގޮތް ނިންމަން ހުރިހާ ކަންކަމެވެ. ނަމަވެސް ދަށުކޯޓުން ގޮތް ނިންމަވާފައި ވަނީ މި ކަންކަމަށް ބެއްލެވުމެއް ނެތިއެވެ. ހަގީގަތުގައި، މި ކަންކަމާމެދު ގޮތެއް ކަނޑައެޅިގެން މެނުވީ، ހިއްސާ ވިއްކުމުގެ އެއްބަސްވުމުގެ 3.5 ވަނަ މާއްދާގެ ދަށުން ހިއްސާގެ އަގު ދެއްކުމާ ހަމައަށް މަހަކު 15,000.00 ރުފިޔާގެ މަގުން އިސްތިއުނާފު ކުރާ ފަރާތް ޒިންމާކުރުމާމެދު ގޮތް ކަނޑައެޅުމަކީ ވެސް އިންސާފުގެ މަގުން ކުރެވެން އޮންނާނެ ކަމެއް ނޫނެވެ.
21HN2މި އެންމެހައި ކަމަކަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި ދަށުކޯޓުން ނިޔާކުރައްވާފައި ވަނީ، ބޯޓުގެ ހިއްސާގެ އަގު އަދާކުރުމަށް ބޯޓު ރަހުނުކޮށް ލޯނު ނެގުމާ ބެހޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތުން ސަރިޔަތަށް ހުށަހެޅި ބަހުސް ރަނގަޅަށް ވަޒަންކުރެއްވުމެއް ނެތި، އަދި މި ބަހުސާ ގުޅުވައި ހުށަހެޅި ލިޔެކިއުމާއި މި ބަހުސާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ބަހާމެދު އެއްވެސް ކަމެއް ފާހަގަކުރެއްވުމެއް ނެތި، އެހެނީ، މައްސަލައިގެ ހަގީގަތްތައް ފުރިހަމައަށް ކަށަވަރު ކުރެއްވުމެއް ނެތި، އަދި މުޅި އެއްބަސްވުން ފުރިހަމައަށް ބެއްލެވުމެއް ވެސް ނެތި ކަމުގައި ވީހިނދު، ދަށުކޯޓުން ރިއާޔަތްކުރެއްވި ގޮތެއް އެނގެން ނެތް ކަމެއްގައި، މި ކޯޓުން އަލަތަށް ގޮތް ކަނޑައެޅުމީ އިސްތިއުނާފީ އުސޫލުތައް ނިޔާކުރާގޮތުން އެންމެ ރަނގަޅު ގޮތް ކަމުގައި ނުފެނެއެވެ.
ބޯޓު އަނދައި އަޑިއަށް ދިއުމުގެ ނަތީޖާއާމެދު
22ކޮންޓްރެކްޓާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކުރަނީ، "ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ ބާރު ނުހިނގާކަމެއްގެ ސަބަބުން ކޮންޓްރެކްޓަކަށް ޢަމަލުކުރެވެން ނެތް ޙާލަތެއް އަތުވެއްޖެނަމަ އެ ކޮންޓްރެކްޓާ ގުޅިގެން އެއްވެސް މަސްއޫލިއްޔަތެއް އުފުލުން އެ ފަރާތެއްގެ މައްޗަށް ލާޒިމު ނުވާނެ" ކަމަށާއި، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި ހުކުމްކުރުމުގެ ކުރިން، ހިއްސާ ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ވިއްކި ބޯޓު އަނދައި އަޑިއަށް ގޮސްފައިވާ ކަމަށާއި، ވުމާއެކު މިއީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހާލަތެއް ކަމަށެވެ.
23ކޮންޓްރެކްޓާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ "ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން، ނުވަތަ ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށް ވެއްޖެ ހިނދެއްގައި ބެލޭނީ، އެކޮންޓްރެކްޓް ނިމުމަކަށް ދިޔައީ ކަމުގައެވެ" މި ފަދައިންނެވެ.
24HN3އުޞޫލެއްގެ ގޮތުން ބަލާއިރު، ހީނުކުރާ ފަދަ ހާލަތެއް މެދުވެރިވެގެން ވިއްކި މުދަލެއް ނެތިދިއުމަކީ، އެ މުދަލުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާކުރުން (މިސާލަކަށް، މުދާ ހަވާލުކުރުން ނުވަތަ ރައްދުކުރުން ފަދަ ޒިންމާއެއް އަދާކުރުން) އެއީ ވެވެން ނެތް ކަމެއް ކަމަށް ބެލެވިގެން އެއްބަސްވުމެއް ނިމުމަކަށް އައިސްފާނެ ހާލަތެކެވެ. ނަމަވެސް، ގަތް މުދަލެއް ނެތިދިއުމަކީ އެ މުދަލުގެ އަގު ދެއްކުމުގެ ޒިންމާ އަދާކުރުމަކީ ވެވެން ނެތް ކަމެއް ކަމަށް އޭގެ ޒާތުގައި ބެލެވެން ޖެހޭ ހާލަތެއް ނޫނެވެ. މުދަލުގެ އަގު އަދާކުރަނީ ފައިސާއިން ކަމަށްވެފައި، ފައިސާއަކީ ޖެނެރިކް އެއްޗަކަށް ވުމާއެކު، ގަތް މުދަލެއް ނެތިދިއުމަކީ، އެ މުދަލުގެ އަގު ދެއްކުމުގެ ޒިންމާ އަދާކުރުން އެއީ ވެވެން ނެތް ކަމެއް ކަމަށް ބަލަން ޖެހޭ ޖާއިޒު ސަބަބެއް ނޫނެވެ.
25ނަމަވެސް އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާއަށް ބަލާއިރު، ބޯޓުގެ އަގު ދެއްކުމާއި ބޯޓު ރަހުނުކޮށްގެން ލޯނު ލިބުމާ މަތިކޮށްފައިވާކަމަށް ބެލެވޭ ހާލަތެއްގައި، ބޯޓު އަނދައި އަޑިއަށް ދިއުމުން ބޯޓު ރަހުނުކޮށްގެން ލޯނު ނެގޭނެ މަގު ބަންދުވާނެ ކަމަށްޓަކައި، ބޯޓުގެ ހިރާސް އޮތް ނެތް ގޮތާއި ކަން ހިނގި ގޮތުގެ މައްޗަށް ބަލައި، ބޯޓު އަނދައި އަޑިއަށް ދިޔައީ ހީނުކުރާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމުގައި ވާނަމަ، ބޯޓުގެ ހިއްސާގެ އަގު އަދާކުރުމީ ވެވެން ނެތް ކަމެއް ކަމުގެ މައްޗަށް ޖާއިޒު ބަހުސެއް އުފަންވުމީ ނާދިރުކަމެއް ނޫނެވެ.
26HN4ގަންނަ މުދަލެއްގެ ރަޖިސްޓަރީ ވިއްކި ފަރާތުގެ ނަމުގައި އޮތަސް، އަމަލީ ގޮތުން މުދާ ގަތް ފަރާތާ ހަވާލުކުރުމުން ނުވަތަ އޭގެ ހިޔާޒަތު ގަތް ފަރާތަށް ލިބުމުން، މުދާ ބޭނުންކުރުމުގެ ހައްގާއި އޭގެ ހިރާސް، އުސޫލެއްގެ ގޮތުން ގަތް ފަރާތަށް ބަދަލުވެއެވެ. ވިއްކާ މުދަލެއް ގަތް ފަރާތާ ހަވާލުކުރުމާއި، މުދަލުގެ ހިރާސް ބަދަލުވުމާއި، މިލްކުވެރިކަން ނަގުލުވުމާއި މި ހުންނަނީ ވެސް ގާނޫނީ ގޮތުން ވިސްނަން ޖެހޭ ތަފާތު މަފުހޫމްކަން މި މައުލޫގައި ދަންނާން ޖެހެއެވެ.
27ކޮންމެއަކަސް، ގާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ގާނޫނު)ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ "އެހެން ގޮތަކަށް އެއްބަސް ވެފައި ނުވާނަމަ، މުދަލުގެ މިލްކުވެރިކަން ބަދަލުވާހިނދު، އެމުދާ ދީފައިވީ ނަމަވެސް ނުވަތަ ނުދެވި ހުރިނަމަވެސް، އެމުދަލެއްގެ މިލްކުވެރިކަން ބަދަލު ވުމާއެކު، އޭގެ ރިސްކުވެސް ވިއްކާމީހާގެ ކިބައިން ގަންނަ މީހާއަށް ބަދަލުވެގެން ދާނެ" ކަމަށެވެ.
28ވީމާ، ހިއްސާ ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ބޯޓުގެ މިލްކުވެރިކަން ބަދަލު ވަނީ އަގު ދެއްކުމުންތޯ ނުވަތަ ރަޖިސްޓަރީ ބަދަލުކުރުމުންތޯ ނުވަތަ ވިއްކުމާއެކުތޯ، އަދި މުދަލުގެ ހިރާސް ބަދަލުވާނެ ގޮތާ ގުޅޭ ގޮތުން އެހެން ގޮތަކަށް އެއްބަސްވެފައިވޭތޯ ނުވަތަ އެއްބަސްވެފައި ވަނީ ކޮން ގޮތަކަށްތޯ، މި ކަންކަމަކީ ބޯޓު އަނދައި އަޑިއަށް ދިޔުމަށްފަހު ބޯޓުގެ ހިއްސާގެ އަގު އަދާކުރުމާ ގުޅޭގޮތުން ހިނގާ ބަހުސެއްގައި މުހިއްމު ދައުރެއް ކުޅޭނެ ސުވާލުތަކެވެ.
29އެހެނީ، ވިއްކި މުދަލުގެ ހިރާސް ގަތް ފަރާތުގައި އޮތް ނަމަ މުދަލަށް ލިބޭ ގެއްލުމާއި މުދަލުގެ އަގު އަދާކުރުމާ ނުގުޅުވުނީހެވެ. ވިއްކި ފަރާތުގައި މުދަލުގެ ހިރާސް އޮތް ނަމަ، ގަތް ފަރާތުގެ އިހުމާލާއި ޒިންމާއާ ގުޅުވައި، މުދަލުގެ އަގު އަދާކުރުމުގެ ދައުވާގައި ތަފާތު ތަހުލީލެއް ބޭނުންވީހެވެ.
30މި ތަނުގައި ފާހަގަކުރަން ބޭނުންވާ ނުކުތާއަކީ، ބޯޓު އަނދައި އަޑިއަށް ދިއުމަކީ އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގެ މައުލޫގެ ސީދާ އަސާސާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެ ގަޒިއްޔާގެ ނިޔާއަށް އެކަމުން އަސަރުކޮށްފާނެ ބަހުސެއް އުފަންވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.
31ފާހަގަވާ ގޮތުގައި އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި ހުކުމްކުރައްވާފައި ވަނީ 7 އޭޕްރީލް 2025 ގައެވެ. ބޯޓު އަނދައި އަޑިއަށްދިޔަ ހާދިސާ ހިނގިކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނަނީ 2 އޭޕްރީލް 2025 ގައެވެ. މިކަން އިސްތިއުނާފު ކުރާ ފަރާތުން ދަށުކޯޓަށް އެންގީ 4 އޭޕްރީލް 2025 ގައެވެ. މާނައަކީ، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި ދަށުކޯޓުން ހުކުމްކުރައްވާފައި ވަނީ، ބޯޓު އަނދައި އަޑިއަށްދިޔަ ކަން ކޯޓަށް އެންގިތާ ތިން ވަނައަށް ވީ ދުވަހުއެވެ.
32ބޯޓު އަނދައި އަޑިއަށްދިޔަކަން 4 އޭޕްރީލް 2025 ގައި އިސްތިއުނާފު ކުރާ ފަރާތުން ދަށުކޯޓަށް އަންގާފައި ވިޔަސް، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ނިންމެވިއިރު ބޯޓު އަނދައި އަޑިއަށްދިޔަކަމުގެ މައްޗަށް ސަރިޔަތުން އެއްވެސް ވަރަކަށް ރިއާޔަތްކުރައްވާފައިވާކަން އެނގޭކަށް ނެތެވެ.
33ހަގީގަތަކީ، 4 އޭޕްރީލް 2025 ގައި އިސްތިއުނާފު ކުރާ ފަރާތުން ފޮނުވި ސިޓީގައި ވެސް، ބޯޓު އަނދައި އަޑިއަށްދިއުމުގެ ސަބަބުން ސަރިޔަތުން ރިއާޔަތްކުރަންވީ ކޮން ކަމަކަށް ކިހިނެއްކަން ބަޔާންކޮށްފައި ނެތް ކަމެވެ. ހަމައެކަނި ފާހަގަކޮށްފައި ވަނީ "އެހެންކަމުން އެކަން ތިޔަ ކޯޓުގެ މައުލޫމާތައްޓަކައި ދެންނެވީ" ކަމަށެވެ.
34HN5ހިނގަމުންދާ ސަރިޔަތެއްގައި ހަސްމުންގެ ފުށުން އެދޭ ގޮތާއި ދެކޭ ގޮތް ހާމަކޮށް، ހެކި ހުށަހަޅައި ބަހުސް ގާއިމުކުރުމީ އުސޫލެއްގެ ގޮތުން ހަސްމުން އުފުލަން ޖެހޭ ޒިންމާއެކެވެ. އެއީ ސަރިޔަތުން ކުޅެން ޖެހޭ ދައުރެއް ނޫނެވެ. ނަމަވެސް، ސަރިޔަތުގެ ސަމާލުކަމަށް ހަސްމަކު ގެންނަ ކަމެއްގެ ހައްސާސްކަމުގެ ސަބަބުން، ނުވަތަ ސަރިޔަތަށް ފާހަގަވާ ކަމެއްގެ ޒާތުން، އިންސާފަށްޓަކައި ސަރިޔަތުން އިސްވެ ހަސްމުންނަށް ފުރުސަތު ދީ، ކޮންމެހެން ސާފުކުރަން ޖެހޭ ކަންކަމާމެދު ސުވާލުކުރުމީ ފަނޑިޔާރުންގެ ދައުރުން ބޭރުވުމެއް ވެސް ނޫނެވެ.
35ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ގަޒިއްޔާގައި ބަޔާންކުރައްވާފައިވާ ކަންކަމަށް ބަލާއިރު، ހަސްމުން ފާހަގަ ނުކުރާ ނުކުތާއެއް ކަމުގައި ވިޔަސް، އެކަމާމެދު ހަސްމުން ދެކޭ ގޮތް ހޯދައި، އެއް ފަރާތުން އަނެއް ފަރާތަށް ޖަދަލުކުރުމުގެ ފުރުސަތު ދިނުމަށްފަހު، ވަކި ހާއްސަ ހާލަތްތަކެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ގާނޫނީ ކަންކަމުގައި އިސްވެ ގޮތް ނިންމުމަކީ ކުރެވިދާނެ ކަމެއް ގޮތުގައި ނުބެލުމަކީ "އިންސާފު ޤާއިމުކުރުމުގެ ރޫޙަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ނުދެވި ގޮސްދާނެ" ކަމެއްގެ ގޮތުގައި އިޝާރާތްކުރައްވާފައިވެއެވެ.
36ވީމާ، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ދަށުކޯޓުން ހުކުމް ކުރެއްވުމުގެ ކުރިން، ހިއްސާ ވިއްކި ބޯޓު އަނދައި އަޑިއަށް ގޮސްފިކަން ސަރިޔަތުގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް، ސަރިޔަތުން އިސްވެ ވިޔަސް އެކަމާ ގުޅިގެން އަޑުއެހުން ބާއްވައި، ހަސްމުން އެދޭ ގޮތެއްގެ މަތިން ފުރުސަތު ދީ، ގާނޫނީ ގޮތުންނާއި ވާގިއީ ގޮތުން ބަލަން ޖެހޭ ކަންކަން ކަށަވަރު ކުރެއްވުމެއް ނެތި މައްސަލަ ނިންމެވުމަށް އަވަސްވެގަތުމީ، ސަރިޔަތުގެ ސަމާލުކަމަށް ގެނައި ކަމުގެ ޒާތާއި ބާވަތަށް ބަލާއިރު، އިންސާފު ގާއިމުކުރުމުގެ ރޫހާ ދުރު ކަމެއްގެ ގޮތުގައި މެނުވީ އަހުރެންނަކަށް ނުފެނެއެވެ. ބޯޓު އަނދައި އަޑިއަށް ދިޔަކަމުގެ މައުލޫމާތު ކޯޓަށް ލިބި އޮވެމެ މައްސަލަ ނިންމެވުމުގައި އެކަމަށް ރިއާޔަތްކުރައްވާފައި ނުވަނީ އެންމެ ރަނގަޅަށް ކަމުގައި ދެކެން ދައްޗެވެ.
ނިންމަން ފެންނަ ގޮތް
މި ފާހަގަކުރި އެންމެހައި ކަންކަމަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގެ ހުކުމް ބާތިލުކަމުގައި ކަނޑައަޅައި، ހިއްސާވިއްކުމުގެ އެއްބަސްވުމުގެ 3.4 ވަނަ މާއްދާއާ ގުޅުވައި، ބޯޓުގެ ހިއްސާގެ އަގު އަދާކުރުމަށް ބޯޓު ރަހުނުކޮށް ލޯނު ނެގުމާ ބެހޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތުން ސަރިޔަތަށް ހުށަހަޅާ ބަހުސަށް އަލުން ފުރުސަތު ދިނުމަށްފަހު، އަދި ބޯޓު އަނދައި އަޑިއަށް ދިއުމާ ގުޅިގެން ހަސްމުން ހުށަހަޅަން އެދޭ ކަމެއް އޮތްތޯ އަހައި، ސަރިޔަތުން ބަލައި ކަށަވަރުކުރަން ޖެހޭ ކަންކަން ސާފުކުރުމަށްފަހު، މި ގަޒިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ އަލީގައި އަލުން ނިޔާކުޅައުމަށް، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)ގެ ދަށުން ދަށުކޯޓަށް ތަހުވީލުކޮށް މި އިސްތިއުނާފު ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
37މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
38"ހޮޅުދޫ ބޯޓް" (ރަޖިސްޓްރީ ނަންބަރު P9114A-04-13-D) އަކީ، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތުގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ މިދެ ފަރާތުގެ މިލްކް ބޯޓެކެވެ. މިބޯޓުގެ މިލްކްވެރި ކަމުގައިވާ އިސްތިއުނާފުރައްދުވާ ފަރާތުގެ ޙިއްޞާ އިސްތިއުނާފުކުރާ ފަރާތަށް ވިއްކުމަށްޓަކައި، 16 ޖަނަވަރީ 2022ގައި، މިދެ ފަރާތުގެ ދެމެދު ހޮޅުދޫ ބޯޓް (ރަޖިސްޓްރީ ނަންބަރު P9114A-04-13-D)ގެ ޙިއްޞާ ވިއްކައިލުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ބޯޓުގެ ޙިއްޞާ ވިއްކާ ފަރާތަކީ އިސްތިއުނާފުރައްދުވާ ފަރާތެވެ. އަދި ޙިއްޞާ ގަންނަ ފަރާތަކީ އިސްތިއުނާފުކުރާ ފަރާތެވެ. މިއެއްބަސްވުމުގެ ދަށުން ހޮޅުދޫ ބޯޓުގެ ޙިއްޞާ ވިއްކާފައިވަނީ -/1،000،000ރ (އެއްމިލިއަން ރުފިޔާ) އަށެވެ. އެފައިސާ ހަވާލު ކުރުމަށް ފަހު، ބޯޓުގެ ރަޖިސްޓްރީން ވިއްކާ ފަރާތުގެ ނަން އުނިކުރުމުގެ މަސައްކަތްކުރުމުގެ ފުރުޞަތު ގަންނަ ފަރާތަށް ލިބިގެންދާނެ ކަމާއި، އެއެއްބަސްވުމުގައި ސޮއިކުރާ ދުވަހު ދެއްކުމަށް ކަނޑައެޅިފައިވާ ފައިސާ ދެއްކުމުން ބޯޓުގެ އެންމެހައި މަސްޢޫލިއްޔަތުތަކާއި ޒިންމާތައް ގަންނަ ފަރާތާ ޙަވާލު ކުރެވޭނެކަމާއި، އެހިސާބުން ފެށިގެން ހޮޅުދޫ ބޯޓުގެ އެއްވެސް ޒިންމާއެއް އަދި މަސްޢޫލިއްޔަތެއް ވިއްކާ ފަރާތުން ނުނަގާނެކަމާއި، އަދި ބޯޓާ ޙަވާލުވާ ދުވަހުން ފެށިގެން ބޯޓުގެ ޙިއްޞާގެ އަގު ދެއްކުމާ ހަމައަށް ކޮންމެ މަހަކު -/15،000ރ (ފަނަރަހާސް ރުފިޔާ) ގެ މަގުން ވިއްކާ ފަރާތަށް ފައިސާ ދެއްކުމަށް ގަންނަ ފަރާތުން އެއްބަސްވެފައިވާކަން އެނގެއެވެ.
ޙިއްޞާގެ އަގު ދެއްކުން
39މި މައްސަލައިގައި ކަނޑައަޅާފައިވާ ޙިއްޞާގެ އަގާމެދު ޚިލާފެއް އަދި ދެބަސްވުމެއް ނެތެވެ. ޚިލާފު އުފެދިފައިވަނީ އެއަގު ދައްކާނެ ގޮތާގުޅޭ ގޮތުންނެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ހޮޅުދޫ ބޯޓުގެ ޙިއްޞާގެ އަގު ދެއްކުމަށް އެއްބަސްވެފައިވަނީ ބޯޓު ރަހުނުކޮށް، ބޭންކް ލޯނު ނަގައިގެންކަމަށް އެއްބަސްވުމުގެ
3.4. ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބޭންކް ލޯނު ހަމަޖެއްސުމަށް އެއްބާރުލުން ދިނުން އިސްތިއުނާފުރައްދުވާ ފަރާތުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަށާއި، ބޭންކް ލޯނު ހަމަޖެއްސުމަށް އިސްތިއުނާފުރައްދުވާ ފަރާތުން ސޮއިކުރަންޖެހޭ ބޭންކް ލިޔުންތަކުގައި ސޮއިކުރުމަށް އެފަރާތަށް އެތަކެއް ފަހަރު ފޮނުވާފައިވީ ނަމަވެސް އެފަރާތުން އެލިޔުންތަކުގައި ސޮއިކޮށްފައިނުވާތީ، ބޭންކް ލޯނު ހަމަޖެހިފައިނުވާ ކަމަށާއި ބޯޓު ގަތުމަށް ޙިއްޞާގެ އަގު ދެއްކިފައިނުވަނީ އެގޮތަށް އެކަން ހިނގާފައިވުމުން ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ ޙުކުމުގައި އެއްބަސްވުމުގެ 3.5 ވަނަ މާއްދާގައި އިސްތިއުނާފުރައްދުވާ ފަރާތަށް އެޒިންމާ އޮތްކަން ފާހަގަވާން ނެތްކަމަށް ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގެ 3.4 ވަނަ މާއްދާގައި އަގު ދެއްކުމާގުޅޭ ގޮތުން އިސްތިއުނާފުރައްދުވާ ފަރާތުގެ ޒިންމާ އޮތް ގޮތުގެ މައްޗަށް ރިޢާޔަތްނުކޮށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
40މިމައްސަލައިގެ ދަޢުވާގައި ހޯދުމަށް އެދިފައިވަނީ، ބޯޓުގެ ޙިއްޞާގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، އެއަގު ދެއްކުމާ ހަމައަށް އެއްބަސްވުމުގެ 3.5 ވަނަ މާއްދާގެ ދަށުން ކޮންމެ މަހަކު ދައްކަންޖެހޭ -/15،000ރ (ފަނަރަހާސް ރުފިޔާ) އަށްވާ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާކަން އެނގެއެވެ. މީގެ ތެރެއިން، ބޯޓުގެ ޙިއްޞާގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވާ 1 (އެކެއް) މިލިއަން ރުފިޔާއަކީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވާ ފައިސާއެކެވެ. އެކަމަކު އެފައިސާ ދައްކަން އެއްބަސްވެފައިވަނީ ބޭންކުން ލޯނު ނަގައިގެން ކަމަށާއި، އެފައިސާ ނުދެއްކިވަނީ ލޯނު ހަމަނުޖެހިވާތީ ކަމަށާއި ލޯނު ހަމަޖެހިފައިނުވަނީ އިސްތިއުނާފުރައްދުވާ ފަރާތުން އެއްބާރުލުން ނުދިނުމުގެ ސަބަބުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ޙިއްޞާގެ އަގު ދެއްކުމާ ހަމައަށް ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކައިވާ ފައިސާއަކީ ރިބާ ކަމަށާއި ރިބާއަކީ އިސްލާމް ދީނުގައި ޙަރާމް އެއްޗެއް ކަމަށްބުނެ އެފައިސާއަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
41ޙިއްޞާ ގަތުމަށް ލޯނު ހަމަނުޖެހިވަނީ އިސްތިއުނާފުރައްދުވާ ފަރާތުން ސޮއިކުރަންޖެހޭ ލިޔުންތަކުގެ ސޮއިނުކުރުމުން ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، އެފަރާތުން ފޮނުވާފައިވާ ސިޓީތަކާއި މުޢާމަލާތްތަކުގެ ލިޔުންތަކަށް ބަލާއިރު،އެލޯނު ހަމަޖެއްސުމަށްޓަކައި އެއްބަސްވުމުގެ 3.4 އަދި 3.5 ވަނަ މާއްދާ އިޞްލާޙުކުރަންޖެހޭ ކަމާއި ޙިއްޞާ ގަތް އަގުކަމުގައިވާ 1(އެކެއް) މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި އެއްފަހަރާ ދޫނުކުރާ ކަމާއި އެލޯނު ހަމަޖެހެން އޮތީ ދެ ބަޔަކަށް ފައިސާ ދޫކުރާ ގޮތަށް ކަމާއި އެކަން އެގޮތަށް ހަމަޖެއްސުމަށް އެއްބަސްވުމަށް އިޞްލާޙް ގެނައުމަށް ހުށަހަޅާފައިވާ ކަން އެނގެން އޮވެއެވެ. އަދި މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަށް އިޞްލާހު ނުގެނެސް ލޯނު ހަމަޖެހެން ނެތްކަން ފާހަގަ ކުރެވެއެވެ.
42ދަށު ކޯޓުން މިމައްސަލަ ނިންމުމުގައި، ޙިއްޞާގެ އަގު ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވަނީ އެފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވެފައިވާތީކަން އެނގެއެވެ.
43މި މައްސަލައިގެ ދަޢުވާއާގުޅޭ ގޮތުން އެއްބަސްވާ ކަންތައްތައް ބަޔާންކުރަމުން ދަޢުވާލިބޭ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ޖަވާބުގައި، ބޯޓުގެ ޙިއްޞާގެ އަގު ދެއްކުމަށް އިޤްރާރުވެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ޙިއްޞާގެ އަގަކީ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމާއި، އިންޝުއަރެންސް ފައިސާ ލިބުމުން އެފައިސާ ދައްކާނެކަމަށް ބުނެފައިވެއެވެ. އެގޮތުން އިސްތިއުނާފުކުރާ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، "މިހާރުވެސް އަޅުގަނޑުމެން އެއްބަސްވޭ ދަށު ކޯޓުގައި ހިނގި މައްސަލައިގެ ތެރެއިންވެސް ޕްރިންސިޕަލް އެމައުންޓްގެ ގޮތުގައި އެއްބަސްވުމުގައި އޮތް އެއް މިލިއަން ރުފިޔާ ދޭން މިހާރުވެސް އެއްވެސް މައްސަލައެއް ނެތް.." "މިއެއްމިލިއަން ރުފިޔާ ދެއްކުމަށް އަޅުގަނޑުމެން އިންކާރެއް ނުކުރަމެވެ."
44ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 11/2022) ގެ 78 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "މީހަކު ވަކި ކަމަކާ ގުޅޭގޮތުން ވާ އިޤްރާރަކީ ޞައްޙަ އިޤްރާރެއް ކަމުގައި ބެލޭނެއެވެ. ނަމަވެސް އެފަދަ އިޤްރާރެއް ބޭނުންކުރެވޭނީ އޭނާއާ ދެކޮޅަށް، ނުވަތަ އޭނާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް އޭނާ ކަނޑައަޅާ ފަރާތަކާ ދެކޮޅަށެވެ."
މިފަދައިންނެވެ. އަދި އެޤާނޫނުގެ 84 ވަނަ މާއްދާގެ (ށ) ގައިވާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި ފަނޑިޔާރެއްގެ ކުރިމަތީގައި މީހަކުވެފައިވާ އިޤްރާރަކުން ރުޖޫޢައެއް ނުވެވޭނެކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އިޤްރާރުން ރުޖޫޢަވެވޭނެ ޙާލަތްތައް ކަމަށް އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، މީހަކު އިޤްރާރުވީ، އޭނާ އެއިޤްރާރުވީ ޙަޤީޤަތާ ގުޅޭގޮތުން އޭނާއަށް އޮޅުވާލުމުގެ ސަބަބުން، ނުވަތަ އެކަމެއްގެ ޙަޤީޤަތް އޭނާއަށް އޮޅިފައި އޮތުމުގެ ސަބަބުންކަން، ޝަރީޢަތަށް ޤަބޫލުކުރެވޭ ފަދަ މިންވަރަކަށް ސާބިތުކޮށްދީފިނަމަ، އެއިޤްރާރުން އޭނާއަށް ރުޖޫޢަވެވިދާ ކަމަށެވެ. އަދި އެފަދަ ޙާލަތެއްގައި އޭނާގެ މައްޗަށް ކަމެއް ސާބިތުކުރުމަށްޓަކައި އެއިޤްރާރުގެ މައްޗަށް އެއްވެސް ބުރަދަނެއް ނުދެވޭނެ ކަމެވެ.
45މި މައްސަލައިގެ ދަޢުވާގައި ހޯދުމަށް އެދިފައިވާ ޙިއްޞާގެ އަގަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ދަށު ކޯޓުގައާއި އަދި މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ދަޢުވާލިބޭ/އިސްތިއުނާފުކުރާ ފަރާތުން އިޤްރާރުވެފައިވުމާއި، އެއިޤްރާރުން ރުޖޫޢަވެވޭނެ ޙާލަތެއް މެދުވެރިވެފައިވާކަން އެނގެން ނެތަތީ، އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި ކޯޓުގައި ވެފައިވާ އިޤްރާރަކީ ޞައްޙަ އިޤްރާރެއް ކަމަށް ބަލަންޖެހެއެވެ.
46މިމައްސަލައިގައި ބޯޓުގެ ޙިއްޞާގެ އަގުގެ މިންވަރާމެދު ދަޢުވާލިބޭފަރާތް/ އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައާއި މިކޯޓުގައިވެސް އިންކާރުކޮށްފައި ނުވާތީއާއި އެފަރާތުން އިންކާރުކޮށްފައިވަނީ އެފައިސާ ދައްކާނެ ގޮތާގުޅޭ ގޮތުންކަން އެނގެން އޮތް ނަމަވެސް، އެފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެ، އިސްތިއުނާފުރައްދުވާ ފަރާތަށް އެ ފައިސާ ދައްކާނެކަމަށް (އިންޝުއަރެންސުން ފައިސާ ލިބުމުން) މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، އިސްތިއުނާފުކުރާ ފަރާތުގެ އެއިޤްރާރުގެ މައްޗަށް ރިޢާޔަތްކުރުމުން، ހޮޅުދޫ ބޯޓުގެ ޙިއްޞާގެ އަގު ކަމަށް ކަނޑައަޅާފައިވާ ފައިސާއަކީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާކަމަށެވެ.
ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާއާގުޅޭ
47ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 3.5 ގެ ދަށުން ޙިއްޞާގެ އަގު ދައްކަންދެން ކޮންމެ މަހަކު -/15،000ރ (ފަނަރަހާސް ރުފިޔާ) އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދައްކަންޖެހޭ ކަމާއި، މި މައްސަލައިގެ ދަޢުވާގައި އެފައިސާގެ ތެރެއިން ނުދައްކައިވާ ފައިސާ ހޯދުމަށް އެދިފައިވާއިރު، މިފައިސާއަކީ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ ދަށު ކޯޓުގައި ދިފާޢު ނަގާފައިވަނީ، އެއީ ރިބާގެ ގޮތުގައި ނެގޭ ފައިސާކަމަށް ވުމާއި، ރިބާއަކީ ޙަރާމް އެއްޗެއްކަމަށް ބުނެކަން ފާހަގަކުރެވެއެވެ. މި ނުކުތާއާގުޅޭ ގޮތުން ދަށު ކޯޓުން ނިންމާފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އެގޮތަށް ބުނި ނަމަވެސް، އެފައިސާ ރިބާއަށްވަނީ ކޮން ގޮތަކުންކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާ ކަމާއި އަދި އެއީ ރިބާކަމަށް ބެލޭނެ ހަމައެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.
48މި މައްސަލަ އިސްތިއުނާފު ކުރަމުން އިސްވެ ބަޔާންކޮށްފައިވާ ފައިސާއާގުޅޭ ގޮތުން ފާހަގަކޮށްފައިވަނީ، އެފައިސާއަކީ، ޕެނަލްޓީ ކްލޯޒެއްގެ ދަށުން ނެގޭ ފައިސާއެއްކަމަށްވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން މަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލާ ޚިލާފުވާތީ އެއީ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭނެ ފައިސާއެއް ނޫންކަމަށެވެ.
49ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. މިއީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަ ބެލުމުގެ އަސާސް ބަޔާންކޮށްދީފައިވާ ގޮތެވެ. މިއަކުރަށް ބަލާއިރު، ހައިކޯޓުން މައްސަލަ ބެލުމުގައި ބަރޯސާ ވާންޖެހޭނީ ދެ ކަމަކަށެވެ. އެއީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި، ދިފާޢު ތަކަށެވެ. މި މައްސަލައިގައި އެއްބަސްވުމުގެ
3.5. ވަނަ މާއްދާގެ ދަށުން ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާއަކީ، އިސްތިއުނާފުކުރާ ފަރާތުން ދައްކަންނުޖެހޭ ފައިސާއެއްކަމަށް ބުނެ ދަށު ކޯޓުގައި ދިފާޢު ނަގާފައިވަނީ ޣައިރު ޤާނޫނީ ގޮތުގައި ނުވަތަ ރިބާގެ މުޢާމަލާތަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ މުޢާމަލާތެއް ކަމުގައިވާތީ އެފައިސާ ދައްކަން ނުޖެހޭނެކަމުގެ މައްޗަށްކަން އެނގެއެވެ. އެފައިސާއަކީ އަދަބެއްގެ ގޮތުގައި ދައްކަންޖެހޭ ނުވަތަ އިސްތިއުނާފުކުރާ ފަރާތަށް ގެއްލުން ދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ބަޔާންވެދިޔަ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނެގޭ ފައިސާއެއްކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި އެއްވެސް ވަރަކަށް ވާހަކަ ދައްކައި، ދިފާޢެއް ނަގާފައިނުވާކަން ފާހަގަކުރެވެއެވެ.
50ޢާންމު އުޞޫލެއްގެ ގޮތުން ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމުން އިސްތިއުނާފު ކޯޓުން އެމައްސަލަ ބަލާނީ ދަށު ކޯޓަށް ހުށަހެޅިފައިވާ ހެކިތަކާއި ދިފާޢުތަކަކީ އަޞާޞެއް ކަމުގައި ބަލައިގެންނެވެ. ދަށު ކޯޓުގައި ބަލާފައިނުވާ ނުވަތަ ނަގާފައިނުވާ ނުކުތާއެއް ނުވަތަ ދިފާޢެއް އަލަން ހައިކޯޓުގައި ފާހަގަކުރުމަކީ އަދި ހައިކޯޓުން އެނުކުތާ ބެލުމަކީ އިސްތިއުނާފުކުރުމުގެ ޢާންމު އުޞޫލާ ޚިލާފުކަމެކެވެ. ދަށު ކޯޓުން އެފައިސާ ނަގައިދިނުމަށް ނިންމި ނިންމުން ރަނގަޅުނޫންކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން މިކޯޓުގައި ބަހުސް އުފައްދަން ހުށަހަޅާ ދިފާޢަކީ މި މައްސަލައިގައި ދަށު ކޯޓުގައި ނަގާފައިނުވާ ދިފާޢެއްކަމަށްވެފައި، އެދިފާޢުގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން ގޮތެއް ނިންމާފައިނުވާތީ، މިކޯޓުގައި އަލަށް އެދިފާޢު ނަގައި، އެދިފާޢުގެ މައްޗަށް މިކޯޓުގައި ބަހުޘްކުރުމުގެ ފުރުޞަތު ހުޅުވާލައި، އެބަހުޘުގެ މައްޗަށް މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަކަށް އަހުރެންނަކަށް ނުފެނެއެވެ.
ފާހަގަކުރެވުނު އިތުރުކަމެއް
51ހޮޅުދޫ ބޯޓަކީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މިދެފަރާތަށް މިލްކްވާ ބޯޓެކެވެ. މިއެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބޯޓު ދުއްވައިގެން ލިބޭ ޢާމްދަނީ މިދެފަރާތުގެ މެދުގައި ބަހަމުންދިޔަ ކަމަށް އިސްތިއުނާފުކުރާ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، 10 ޖޫން 2022 އިން ފެށިގެން ހޮޅުދޫ ބޯޓް އެހެން ފަރާތަކަށް ކުއްޔަށްދީގެން އިސްތިއުނާފުކުރާ ފަރާތުން ޢާމްދަނީ ހޯދާކަން އެފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް 16 ޖޫން 2022ގައި ފޮނުވާފައިވާ ސިޓީގައި، 10 ޖޫން 2022އިން ފެށިގެން އެބޯޓު ތިންވަނަ ފަރާތަކަށް ކުއްޔަށްދީފައިވާކަމަށް ބަޔާންކޮށްފައި އޮތުމުން އެނގެއެވެ. މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޯޓުގެ ޙިއްޞާގެ އަގު އަދާކޮށް ނިމެންދެން ކޮންމެ މަހަކު -/15،000ރ (ފަނަރަހާސް ރުފިޔާ) އިސްތިއުނާފުރައްދުވާ ފަރާތަށް ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވަނީ އެބޯޓުގެ މިލްކުވެރިކަމުގައި އޮތް ވިއްކާ ފަރާތުގެ ޙިއްޞާގެ އަގު އިސްތިއުނާފުރައްދުވާ ފަރާތަށް ދައްކައި ޚަލާސް ކުރެވެންދެން މިދެފަރާތުން ކުރިން ޢަމަލުކުރަމުން ދިޔަ ގޮތް އެގޮތުގައި ބޭއްވުމުގެ ބޭނުމުގައިކަމަށް ބެލެވެއެވެ.
އެއްބަސްވުން ތަންފީޒުކުރެވެން ނެތުން
52ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހޮޅުދޫ ބޯޓުގެ ޙިއްޞާގެ އަގު ނުދެއްކިވަނިކޮށް 02 އޭޕްރީލް 2025ގައި، އެބޯޓު ތ.ހިރިލަންދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ކަނޑުމަތީގައި އެބޯޓުގައި އަލިފާން ރޯވެ އަދައިގެންގޮސް ކަނޑަށް ފެތުމުގެ ސަބަބުން އެބޯޓު ނެތިގޮސްފައިވާ ކަމަށް އިސްތިއުނާފުކުރާފަރާތުން ބުނެފައިވެއެވެ. އަދި ކޮންޓްރެކްޓުގެ ބައިވެރިންގެ ބާރު ނުހިނގާ ކަމެއްގެ ސަބަބުން ކޮންޓްރެކްޓަށް ޢަމަލުކުރެވެން ނެތްނަމަ، އެކޮންޓްރެކްޓާ ގުޅިގެން އެއްވެސް މަސްޢޫލިއްޔަތެއް އެފަރާތުގެ މައްޗަށް ލާޒިމްނުކުރެވޭނެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ބޯޓުގައި އަލިފާން ރޯވެ އަނދައިގެން ގޮސް ކަނޑުގެ އަޑިއަށް ދިޔަ ހާދިސާ ހިނގާފައިވަނީ ދަށު ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިމި ޙުކުމް ކުރުމުގެ މަރުހަލާގައިވަނިކޮށް ކަމާއި، އެހާދިސާގެ ވާހަކަ ދަށު ކޯޓާ ޙިއްޞާކޮށްފައިވީނަމަވެސް، އެކަމާގުޅޭ ގޮތުން ދަށު ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައިނުވާކަން އެނގެއެވެ. ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކި އިސްތިއުނާފު މަރުހަލާގައި ހުށަހެޅުމުން ބެލުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިދީފައިވާކަން އެނގެއެވެ. ޢަދުލުވެރިކަމާއެކު އަދި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތަކާމެދު ގޮތެއް ނިންމުމަކީ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އަސާސީ އެއްމަޤްޞަދެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ވިއްކި މުދާ ހަލާކުވެ ނެތިގޮސްފައިވާތީ، އެކަމުގެ ސަބަބުން މި މައްސަލައަށް އަސަރުކުރާނެ ގޮތާއި އަދި އޭގެ ނަތީޖާއަށް މިކޯޓުން ބެލުމަކީ މުޙިއްމު ކަމެއްކަމަށް ފެނެއެވެ.
53ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ. ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވާގޮތް ތަފްސީލުކޮށް ދެމުން އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ.
"ކޮންޓްރެކްޓްކުރި އިރު ކޮންޓްރެކްޓުގެ ބައިވެރިންގެ ވިސްނުމުގައި ނެތް ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ކޮންޓްރެކްޓަށް ޢަމަލުކުރުމަކީ ޣައިރު ޤާނޫނީ ކަމަކަށްވުމުން، ނުވަތަ މުސްތަހީލު ކަމަކަށްވުމުން ނުވަތަ ކޮންޓްރެކްޓު ކުރިއިރު ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ އިލްތިޒާމުތަކާއި ހައްގުތައް، އެ މެދުވެރިވި ހާލަތެއްގެ ނަތީޖާއެއްގެ ގޮތުން އުފެދިފައިވާ އައު ހާލަތުގައި އެ ކޮންޓްރެކްޓުގައިވާ ކަންކަން އަދާކުރަންޖެހޭ ގޮތް އިންތިހާއަށް ބަދަލުވެފައިވާތީވެ، އެ ކޮންޓްރެކްޓަށް ޢަމަލުކުރެވެން ނެތުމުން، އެ ކޮންޓްރެކްޓުގައިވާ އިލްތިޒާމުތައް އެ ހިސާބުން ފެށިގެން އިތުރަށް އަދާކުރުމުގެ މަސްއޫލިއްޔަތުން އެ ކޮންޓްރެކްޓުގެ ބައިވެރިން ވީއްލިގެން ދިއުމެވެ. ހަޤީޤަތުގައި ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން އަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވީ ކަމަށް ބުނެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް ކުރާ ދަޢުވާއެއް ގައި ދަފްއެއްގެ ގޮތުގައި ބޭނުންކުރާ މަފްހޫމެކެވެ."
54ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބުނާ ކޮންޓްރެކްޓަކަށް ޢަމަލުކޮށް ނިމިއްޖެކަމަށް ބަލާ 03 (ތިނެއް) ޙާލަތުން ކުރެ އެއް ޙާލަތެވެ. ފުރަތަމަ ޙާލަތަކީ، ކޮންޓްރެކްޓުގެ ބައިވެރިން އެއްބަސްވެވުނު ޝަރުޠުތަކުގެ މައްޗަށް ޢަމަލުކޮށް ނިމުމެވެ. ދެވަނަ ޙާލަތަކީ، ކޮންޓްރެކްޓުގެ ބައިވެރިން އެ ކޮންޓްރެކްޓު ނިމުނީކަމަށް އެއްބަސްވުމެވެ. ނުވަތަ ރުހުމެވެ. އަދި ތިންވަނަ ޙާލަތަކީ، ޤާނޫނެއް ހިންގަން ޖެހުމުގެ ސަބަބުން ނުވަތަ ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓެއް ފްރަސްޓްރޭޓް ވުމެވެ. މިޙާލަތްތައް އިތުރަށް ތަފްސީލުކޮށްދީފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައެވެ. އެމާއްދާގައި ބަޔާންކޮށްފައިވަނީ؛
ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން، ނުވަތަ ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރުމަކީ ވެވެން ނެތް ކަމަކަށް ވެއްޖެ ހިނދެއްގައި ބެލޭނީ، އެ ކޮންޓްރެކްޓެއް ނިމުމަކަށް ދިޔައީ ކަމުގައެވެ.
މި މާއްދާއަށް ބަލައި ކޮންޓްރެކްޓަކަށް ޢަމަލުނުކުރެވޭ 02 (ދޭއް) ޙާލަތަކީ:
(ހ) ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވުމުގެ ސަބަބުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރުމަކީ ވެވެންނެތް ކަމެއް ކަމުގައިވުން؛ ނުވަތަ (ށ) ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރުމަކީ ވެވެން ނެތް ކަމަކަށްވުމެވެ.
55މިމައްސަލައިގައި ދެފަރާތުގެ ދެމެދު ހޮޅުދޫ ބޯޓުގެ ޙިއްޞާ ވިއްކުމަށް ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމާއި އޭގެ ނަތީޖާއަށް ބަލާއިރު، އެއެއްބަސްވުމުގެ ދަށުން ޙިއްޞާގެ އަގު ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދެއްކުމުން އެޙިއްޞާގެ މިލްކުވެރިކަން ގަންނަ ފަރާތަށް ލިބި ބޯޓުގެ މިލްކުވެރިކަން އެފަރާތުގެ ނަމަށް ބަދަލުވެގެން ދެއެވެ. އަދި ވިއްކާ ފަރާތަށް އެބޯޓުގައިވާ އެފަރާތުގެ ޙިއްޞާގެ އަގު ލިބިގެންދެއެވެ. ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެ އަނދައިގެންގޮސް ކަނޑުއަޑިއަށް ފެތިގޮސްފައިވާތީ، ގަންނަ ފަރާތުން ޙިއްޞާގެ އަގު ދެއްކިކަމުގައިވީ ނަމަވެސް، އެބޯޓުގެ މިލްކުވެރިކަން އިސްތިއުނާފުކުރާ ފަރާތަށް ބަދަލުކުރެވޭނެ ގޮތެއް ނެތެވެ. އަދި ޙިއްޞާގެ އަގު ދެއްކުމަށް ބޭންކުގައި އެބޯޓު ރަހުނުކޮށް ލޯނު ނަގައިގެން ކަމުގައިވާއިރު، އެބޯޓު ނެތި ގޮސްފައިވާތީ އެބޯޓު ރަހުނުކޮށް ބޭންކުން ލޯނު ނެގޭނެ ގޮތެއްވެސް ނެތެވެ. މިމުޢާމަލާތް ފުރިހަމަ ކުރުމުގެ ކުރިން، އެފަދަ ޙާދިސާއެއް ހިނގައި ބޯޓު ނެތިގެން ގޮސްދާނެކަމަކީ މިއެއްބަސްވުމުގެ ބައިވެރިން އެއެއްބަސްވުން ވީއިރު، އެމީހުންގެ ވިސްނުމުގައި ހުރި ކަމެއްކަމަށް އަހުރެންނަކަށް ނުފެނެއެވެ. މިއީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދައިން ކޮންޓްރެކްޓުގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވުމުގެ ސަބަބުން ކޮންޓްރެކްޓް ނިމުމަކަށް އަންނަ ޙާލަތެކެވެ. އަދި މިހާލަތުގައި މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރެވެން ނެތުމުގެ ސަބަބުން، އެއްބަސްވުމުގެ ދަށުން އެފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއިން ބަރީޢަވެގެން ދެއެވެ. ކަންމިހެން އޮތްނަމަވެސް، މި މައްސަލައިގައި ބޯޓުގެ އަގު ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އިޤްރާރުވެފައިވާތީ އެފައިސާއަކީ އެފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން އެނގެއެވެ.
56ހޮޅުދޫ ބޯޓަކީ އިންޝުއަރކޮށްފައިވާ ބޯޓެއް ކަމުގައިވާތީ މިއަލިފާނުގެ ހާދިސާއާ ގުޅިގެން ބޯޓު ނެތިގޮސްފައިވާތީ، އެބޯޓުގެ އިންޝުއަރެންސުން ބަދަލުގެ ގޮތުގައި، 4 (ހަތަރެއް) މިލިއަން ރުފިޔާ ހަމަޖެހިފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
ނިންމަން ފެންނަގޮތް
57ދަށު ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު
58މި ނިޔާއަކީ ގާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިދާނެ ނިޔާއެކެވެ. އިސްތިއުނާފުކުރުމުގެ އާންމު މުއްދަތަކީ މި ނިޔާކުރާ ދުވަހުން ފެށިގެން ތިރީސް ދުވަހެވެ.
ހުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D13C-CIV-46 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، މި ގަޒިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ އަލުން ބެލުމަށްޓަކައި، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކޮށް، މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމްކޮށްފީމެވެ.
މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
(ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފުޓްނޯޓު
- އޮކްޓޫބަރ 2023 ގައި ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒުގެ 1.4 އާއި 8 އޯގަސްޓް 2024 ގައި ހުށަހަޅާފައިވާ "ދައުވާގެ ބަޔަކަށް އެއްބަސްވާ ފޯމު" ގެ 1.4 އާއި އެ ނޫންވެސް ބަޔާންތަކުން މި ފަދައިން އިއުތިރާޒު ކުރާކަން އެނގޭ
- 21.09.2026 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި
- 08.10.2026 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި
- - ނަންބަރު 2013/SC-A/34 ޤަޟިއްޔާ
- - ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/34 ޤަޟިއްޔާގެ 19 ވަނަ ޕެރެގްރާފް
- - ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/34 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)
- ގާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 78 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 84 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 32 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- 2020/SC-A/44
- 2013/SC-A/34
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.