ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-A/319

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވ. މިފްތާޙް މުޙައްމަދު

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 24 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 24 ނޮވެމްބަރު 2026ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 200(VTR)-M7/IJ/2025/42ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 200(VTR)-M7/IJ/2025/42
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހުށަހެޅި އިޖުރާއީ ނުކުތާއާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ، ދެފަރާތުގެ މެދުގައި ޤާނޫނީގޮތުން ބަނދެވޭ ކޮންޓްރެކްޓެއް ވުޖޫދުވެފައިވާތީ 184/VTR/2025 މައްސަލައަކީ ޓްރައިބިއުނަލުން މައުޟޫޢީގޮތުން ބަލަންޖެހޭ މައްސަލައެއް ކަމަށާއި ޑިޕާޓްމަންޓް މައުޟޫޢީ ގޮތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
ވާޤިޢާ
ނ. ވެލިދޫ ކްލަސްޓަރގެ ލީގަލް އޮފިސަރުގެ މަޤާމަށް ކުރިމަތިލި މިފްތާޙް މުޙައްމަދު ހޮވިފައިވާކަން 19 ޖޫން 2025 ގައި އަންގައި، އޭނާ ވަޒީފާ ޤަބޫލުކުރިއެވެ. އޭގެފަހުން 14 ޖުލައި 2025 ގައި، އޭނާގެ ތަޢުލީމީ ސެޓްފިކެޓަކީ މަޤާމުގެ ޝަރުޠު ހަމަވާ ސެޓްފިކެޓެއް ނޫންކަމަށް ބުނެ ވަޒީފާއަށް ނުހޮވޭކަމަށް އަންގައިފިއެވެ. އޭނާ ވަޒީފާ އަނބުރާ ހޯދައިދިނުމަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއަށް ހޮވިފައިވާކަން އެންގުމަށްފަހު ސެޓްފިކެޓު ޝަރުޠު ހަމަނުވާކަމަށް ބުނެ ހޮވުން ބާޠިލުކުރުމާ ގުޅިގެން ހުށަހަޅާ ޝަކުވާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްތޯ، އަދި ދެފަރާތުގެ މެދުގައި ވަޒީފާގެ އެއްބަސްވުމެއް އުފެދިފައިވޭތޯ އިޖުރާއީ އިޢުތިރާޟަކާމެދު ނިންމުމުގެ މަރުޙަލާގައި ކަނޑައެޅިދާނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޑިޕާޓްމަންޓުން ބުނީ މިއީ ތަފާތުކުރުން ނުހިމެނޭ، ވަޒީފާ ދިނުމުގައި އުފެދުނު ޚުޞޫމާތެއް ކަމުން 2021/HC-A/337 އަށް ބިނާކޮށް ޓްރައިބިއުނަލަށް އިޚްތިޞާޞް ނެތް ކަމަށާއި، ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށް އިޖުރާއީ މަރުޙަލާގައި ކަނޑައެޅުމަކީ މައުޟޫޢީ ޙައްޤަށް އަސަރުކުރާ ނިންމުމެއް ކަމަށެވެ. މިފްތާޙް ބުނީ ވަޒީފާ ހުށަހަޅާ ލިޔުމުގައި ދެފަރާތް ސޮއިކޮށްފައިވާތީ މިއީ ވަޒީފާއާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ މައްސަލައެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ފާހަގަކުރީ ދަޢުވާއާއި ހަޤީޤަތްތަކަށް ބަލާއިރު ޝަކުވާއަކީ ހޮވުން ބާޠިލުކުރުމާ ގުޅޭ، ވަޒީފާ ދިނުމުގައި އުފެދުނު ހުޞޫމާތެއް ކަމަށާއި، ހޮވުމުގެ މަރުޙަލާގެ މައްސަލަތަކުގައި ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބެނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ތަފާތުކުރުމަށް ބިނާކުރާ މައްސަލަތަކުގައި ކަމަށެވެ. މިއީ އެފަދަ މައްސަލައެއް ނޫނެވެ. އަދި ވަޒީފާގެ ގުޅުމެއް އުފެދިފައިވޭތޯ ކަނޑައެޅުމަކީ މައުޟޫޢީ މަރުޙަލާގައި ނިންމަންޖެހޭ ކަމެއް ކަމުން އިޖުރާއީ ނިންމުމެއްގައި ނިންމޭނެ ކަމެއް ނޫނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

އިސްތިއުނާފު ބަލައިގަނެ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200(VTR)-M7/IJ/2025/42 (07 އޮކްޓޫބަރު 2025) 'އިޖުރާއީގޮތުން ނިންމި ގޮތް' ގައި 184/VTR/2025 މައްސަލައަކީ މައުޟޫޢީ ގޮތުން ބަލަންޖެހޭ މައްސަލައެއް ކަމަށް ނިންމި ނިންމުން ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން).

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައްސަލައިގެ ބާވަތް ދެނެގަތުމަށްޓަކައި ހުށަހެޅިފައިވާ ދަޢުވާއާއި، އެ ދަޢުވާ ބިނާކޮށްފައިވާ އަސާސްތަކުގެ އިތުރުން، މައްސަލައިގެ ހަޤީޤަތްތަކުގެ މައްޗަށް ރިޢާޔަތްކުރުން މުހިއްމެވެ.

HN2 ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިހުތިޞާސް ލިބިގެންވާ މައްސަލަތަކުގެ ތެރޭގައި 'ވަޒީފާ ދިނުމުގައި އުފެދޭ ޚުސޫމާތު'ގެ މައްސަލަ ނުހިމެނެއެވެ (އިބްރާހީމް ޖާސިމް ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން، 2021/HC-A/337).

HN3 ވަޒީފާއަށް ހޮވުނުކަން އަންގާފައިވުމާއި، އެކަމާ ގުޅޭ އިދާރީ މަރުޙަލާތައް ކުރިއަށް ގެންދިޔަފަހުން، ސެޓްފިކެޓު ޝަރުޠު ހަމަނުވާކަމަށް ބުނެ ހޮވުން ބާޠިލުކޮށްފައިވާތީ ކޮށްފައިވާ ޝަކުވާއަކީ، ވަޒީފާއަށް މީހުން ހޮވުމާއި، އައްޔަނުކުރުމުގެ މަރުޙަލާގައި ދިމާވެފައިވާ ހުސޫމާތެކެވެ. އެހެންކަމުން އެއީ ވަޒީފާ ދިނުމުގައި އުފެދިފައިވާ ހުޞޫމާތެކެވެ.

HN4 ވަޒީފާއަށް ހޮވުމުގެ މަރުޙަލާގެ މައްސަލަތަކުގެ ތެރެއިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިޚްތިޞާސް ލިބިގެންވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ތަފާތުކުރުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލަތަކެވެ.

HN5 ވަޒީފާގެ ވަގުތީ މުއްދަތު (probation) ގެ މަރުޙަލާގައި ވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުންނެވެ (ޢާއިޝަތު ޝައްމާ ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ، 2023/HC-A/264).

HN6 ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ، ވަޒީފާއަށް މީހުން ހޮވުމުގައި ތަފާތުކުރުމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން ނޭނގޭ ހިނދު، އެއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައެޅުމަކީ އިބްރާހީމް ޖާސިމް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ކަމެކެވެ.

HN7 ދެފަރާތުގެ ދެމެދުގައި ޤާނޫނީގޮތުން ބަނދެވޭފަދަ އެއްބަސްވުމެއް އޮތްކަމާމެދު ނުވަތަ ވަޒީފާ ގުޅުމެއް އުފެދިފައިވޭތޯ ނުވަތަ ނޫންތޯ އެއީ މައްސަލައިގައި މައުޟޫޢީ ގޮތުން ނިންމުމުގައި ކަނޑައަޅަންޖެހޭ ކަމެކެވެ.

HN8 އިޖުރާއީ އިއުތިރާޒާމެދު ގޮތެއް ނިންމުމުގެ މަރުޙަލާއަކީ މައްސަލައިގެ އަޞްލު ވާޤިޢާތަކުގެ ތެރެއަށް ފުންކޮށް ވަދެ، ކަންކަން ނިންމުމަށް އޮންނަ މަރުޙަލާއަކަށް ނުވާތީ، ވަޒީފާގެ ގުޅުމެއް އުފެދިފައިވޭތޯ ކަނޑައެޅުމަކީ އިޖުރާއީ ނިންމުމެއްގެ ތެރެއިން ނިންމޭނެ ކަމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތް ތަމްސީލުކުރީ
އިބްރާހީމް ފައްވާޒް، ފާޠިމަތު ޢަލާޔާ ނަޢީމް
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ، ޙުސައިން މަޒީދު
ރިޔާސަތު
މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު، ދިވެހިރާއްޖެ

ޝަރީޢަތް ނިމުނުގޮތް

ޤަޟިއްޔާ ނަންބަރު: 2025/HC-A/319

އިސްތިއުނާފުކުރި ފަރާތް: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އިސްތިއުނާފު ރައްދުވި ފަރާތް: މިފްތާޙް މުޙައްމަދު، ގުލްފާމްގެ

މައްސަލައިގެ ބާވަތް: އިޖުރާއީގޮތުން ނިންމި ގޮތް

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރު ޙުސައިން މަޒީދު

ނިމުނު ތާރީޚް: 15 ޖުމާދަލްއާޚިރާ 1448 / 24 ނޮވެންބަރު 2026

ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ޖުމާދަލްއޫލާ 1447 / 12 ނޮވެންބަރު 2025

އިސްތިއުނާފުކުރެވުނު މައްސަލަ: • ނަންބަރު: 200(VTR)-M7/IJ/2025/42 • ނިންމި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް • ބާވަތް: އިޖުރާއީގޮތުން ނިންމި ގޮތް • ހުށަހެޅުނު ތާރީޚް: 25 ސެޕްޓެންބަރު 2025 • ނިމުނު ތާރީޚް: 07 އޮކްޓޫބަރު 2025

އިސްތިއުނާފުކުރި ފަރާތް: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން؛ ތަމްސީލުކުރި ފަރާތް: ލީގަލް އޮފިސަރ އިބްރާހީމް ފައްވާޒް، ލީގަލް އޮފިސަރ ފާޠިމަތު ޢަލާޔާ ނަޢީމް

އިސްތިއުނާފު ރައްދުވި ފަރާތް: މިފްތާޙް މުޙައްމަދު، ގުލްފާމްގެ

ވަޒީފާއާބެހޭ- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިޙްތިޞާޞް- ވަޒީފާ ދިނުމުގައި އުފެދިފައިވާ ހުޞޫމާތު-

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

ތަޢާރުފު

1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 184/VTR/2025 މައްސަލައިގައި ނިންމާފައިވާ ނަންބަރު 200(VTR)-M7/IJ/2025/42 (07 އޮކްޓޫބަރު 2025) 'އިޖުރާއީގޮތުން ނިންމި ގޮތް' އިސްތިއުނާފުކުރުމަށް އެދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޅ. ހިންނަވަރު/ ގުޅްފާމުގެ، މިފްތާޙް މުޙައްމަދު (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މިފްތާޙް މުޙައްމަދު")އެވެ.

މައްސަލައިގެ ކަން ހިނގިގޮތް

3މިފްތާޙް މުޙައްމަދު އަކީ، ނ. ވެލިދޫ ކްލަސްޓަރއަށް ލީގަލް އޮފިސަރެއް ހޮވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ ނަންބަރު 198-A/2024/179 އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލި ފަރާތެކެވެ. މި ފަރާތުން ހުށަހެޅި އެޕްލިކޭޝަނަކީ ޝަރުޠު ފުރިހަމަވާ އެޕްލިކޭޝަނެއް ކަމަށް 13 އެޕްރީލް 2025 ގައި ނިންމައި، މުވައްޒަފަކު ވަޒީފާއަށް ނެގުމުގެ މަރުޙަލާ ކުރިއަށް ގެންގޮސް، މިފްތާޙް މުޙައްމަދު އެ މަޤާމަށް ހޮވިފައިވާކަން 19 ޖޫން 2025 ގައި ލިޔުމުން އެންގިއެވެ.

4އެ އެންގުމާ ގުޅިގެން މިފްތާޙް މުޙައްމަދު އެ ވަޒީފާ ޤަބޫލުކުރާކަން 22 ޖޫން 2025 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގާފައިވަނިކޮށް، މިފްތާޙް މުޙައްމަދު ހުށަހަޅައިފައިވާ ތަޢުލީމީ ސެޓްފިކެޓަކީ އެ މަޤާމުގެ ޝަރުޠު ފުރިހަމަވާ ސެޓްފިކެޓެއް ނޫންކަމަށާއި އެ މަޤާމަށް ޝަރުޠު ހަމަނުވާތީ ވަޒީފާއަށް ނުހޮވޭކަމަށް 14 ޖުލައި 2025 ގައި އީމެއިލް މެދުވެރިކޮށް އޭނާއަށް އަންގާފައިވެއެވެ.

5އެ މައްސަލަ މިފްތާޙް މުޙައްމަދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލަ ބަލަމުންދަނީ ޓްރައިބިއުނަލުގެ ނަންބަރު 184/VTR/2025 މައްސަލަ އިންނެވެ.

6މިފްތާޙް މުޙައްމަދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ވަޒީފާ ހަމަޖެއްސުމުގައި މައްސަލައެއް ދިމާވެގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި، އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ އާއި ތަފާތު ކުރުން ނުހިމެނޭހެން ހުށަހެޅޭ ވަޒީފާ ދިނުމުގައި ދިމާވާ ޢާންމު މައްސަލަތަކާގުޅޭ ޝަކުވާތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ބަޔާންކޮށް އެ މައްސަލައިގައި އިޖުރާއީ ނުކުތާއެއް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހުށަހެޅިއެވެ.

7އިސްތިއުނާފަށް ހުށަހެޅިފައި މިވަނީ އެ އިޖުރާއީ ނުކުތާއާ ގުޅިގެން ބަލައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނަންބަރު 200(VTR)-M7/IJ/2025/42 (07 އޮކްޓޫބަރު 2025) 'އިޖުރާއީގޮތުން ނިންމި ގޮތް' އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ގޮތް

8ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 184/VTR/2025 މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމުގައި ކަނޑައަޅައި، އެ މައްސަލައަށް މައުޟޫޢީ ގޮތުން ޖަވާބުދާރީ ވުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގައިއެވެ.

9އެނިންމުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ.

9.1 ދެފަރާތުގެ ދެމެދުގައި ޤާނޫނީ ގޮތުން ބަނދެވިގެންވާ ކޮންޓްރެކްޓެއް ވުޖޫދުވެފައިވާ ކަމަށް ބަލަންޖެހޭތީ މިހާލަތުގައި ހުށަހެޅުމަކާއި ޤަބޫލުކުރުމެއް ފުރިހަމަވެފައިވަނީ ވަޒީފާއަކާ ގުޅޭގޮތުން ކަމުގައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަރާތަކީ ހަމައެކަނި ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރާ މީހެއް ކަމުގައި ބަލައިގެން އިޖުރާއީ ނުކުތާއާމެދު ގޮތެއް ކަނޑައެޅިގެންދާނެ ހަމައެއް އޮތްކަމަށް ނުފެންނަ ކަމަށް؛

9.2 މި މައްސަލައިގައި ދެފަރާތުގެ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުމަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި ޤާނޫނީގޮތުން ބަނދެވޭފަދަ (legally binding) ކޮންޓްރެކްޓެއް ޤާއިމުވެފައިވާކަމަށް ބުރަވެވޭތީއާއި، މިއީ ވަޒީފާއެއް ހުށަހެޅުމުން އެ ވަޒީފާ ޤަބޫލުކޮށް އުފެދިފައިވާ ކޮންޓްރެކްޓެއް ކަމުގައި ވާއިރު، ވަޒީފާގެ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ބާޠިލުކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނު ހުއްދަކުރާފަދަ އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައިވާތީއާއި، އެފަދަ އެކަށީގެންވާ ސަބަބެއް އޮތްތޯ ނުވަތަ ނޫންތޯ ބެލުމަކީ، ވަޒީފާއާބެހޭ މައްސަލަތަކުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުމުގެ ތެރެއިން ނޫނީ ގޮތެއް ކަނޑަނޭޅޭނެ ކަމެއް ކަމުގައިވާއިރު، މައްސަލައަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭފަދަ މައްސަލައެއް ކަމަށެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

10ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200(VTR)-M7/IJ/2025/42 (07 އޮކްޓޫބަރު 2025) 'އިޖުރާއީގޮތުން ނިންމި ގޮތް' އިސްތިއުނާފު ކުރުމަށް އެދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި، އެނުކުތާތައް ތަފުސީލުކޮށްފައިވެއެވެ.

10.1 އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ޝަކުވާއަކީ، ނ. ވެލިދޫ ކްލަސްޓަރގެ "ލީގަލް އޮފިސަރ" ގެ މަޤާމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކުރިމަތިލައި، އެވަޒީފާއަށް އެދި ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓަކީ މަޤާމުގެ ޝަރުޠު ހަމަވާ ސެޓްފިކެޓެއް ނޫންކަމަށް އަންގާފައިވާތީވެ، ވަޒީފާ ހަމަޖެއްސުމުގައި މައްސަލައެއް ދިމާވެގެން ހުށަހަޅާފައިވާ މައްސަލައެއް ކަން އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމުގެ 6 ވަނަ ނަންބަރު (މައްސަލައިގެ ބާވަތް) އަދި 7 ވަނަ ނަންބަރު (މައްސަލައިގައި ކަން ހިނގާފައިވާ ގޮތް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބެލުމުން އެނގެން އޮންނާތީވެ އެމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ޖާސިމް ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން ޤަޟިއްޔާގެ ނިންމުމަށް ރިޢާޔަތްކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއް ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުމަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެ ކަމަށް އޮންނަ އުޞޫލާ ޚިލަފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ނިންމުން ނިންމާފައިވުން؛

10.2 މި މައްސަލައަކީ ވަޒީފާދިނުމުގެ މަރުޙަލާގައި އުފެދުނު ޚުޞޫމާތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ތަފާތުކުރުން ނުހިމެނޭ ނަމަވެސް ވަޒީފާ ދިނުމުގައި ދިމާވި އެހެނިހެން ބާވަތުގެ މައްސަލައެއްކަން ފާހަގަކޮށް މިފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާތީ، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ދެކޭ ސަބަބުތައް ތަފްޞީލުތައް ހިމެނޭގޮތަށް އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އިޖުރާއީ ނުކުތާ ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވަނިކޮށް އަދި، އެ އިޖުރާއީ ނުކުތާއަށް ރައްދު ދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން އެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްކަމަށް ބުނުމުގެ އިތުރަށް އެކަން ސާބިތުކުރެވޭނެ އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ނުކުތާއާމެދު ގޮތް ނިންމާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި މައްސަލަ ބެލުމުގައި ޢަމަލުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޤަވާޢިދުގެ 68 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް އަދި އިސްތިއުނާފު ކުރާ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރުމަކާ ނުލައި، ދެ ފަރާތުން ކުރެ ފަރާތަކުން ފާހަގަކޮށްފައިނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް؛

10.3 ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީގޮތުން ނިންމި ގޮތުގައި، މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ ދެމެދުގައި ޤާނޫނީ ގޮތުން ބަނދެވިގެންވާ (legally binding) ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަމަށް ކަނޑައަޅާފައިވަނީ، އިޖުރާއީ އިޢުތިރާޟާމެދު ގޮތެއް ނިންމުމުގައި ބަލަންވާނީ ދެ ފަރާތުގެ ހުށަހެޅުންތަކުން ފެންނަން ހުރި ކަންކަމުގެ މައްޗަށް ނުވަތަ ޕްރައިމާ ފޭސީ (prima facie) އިޖުރާއީ ނަޒަރަކުން ބަލައި ވަޒަންކުރުމަށް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުސައިން ޝިހާމް ޢަލީ ވ. ކްރިސްޓިއަން ކްލަބް ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލާއި، މައުޟޫޢީ މައްސަލަ ބެލުމުގެ ކުރިން އަސްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް އެ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަލައިގަނެފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެފަރާތުގެ ވާހަކަ އަދި އެދޭގޮތް

11އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ ނުކުތާތައް ބިނާކުރި ސަބަބުތައް ޝަރީޢަތަށް ހުށަހަޅައި އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް ކަމަށް ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނަންބަރު 200(VTR)-M7/IJ/2025/42 (07 އޮކްޓޫބަރު 2025) 'އިޖުރާއީގޮތުން ނިންމި ގޮތް' ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި އެ ނިންމުން ބާޠިލުކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 184/VTR/2025 މައްސަލައިގެ ގޮތުގައި ބަލައިގަނެ ކުރިއަށް ގެންދާ މައްސަލަ ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

12އިސްތިއުނާފުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އެފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ ވަޒީފާ ހަމަޖެއްސުމުގައި މައްސަލައެއް ދިމާވެގެން ހުށަހަޅާފައިވާ މައްސަލައެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން މާނަކޮށްފައިވީ ނަމަވެސް، ޝަރުޢީ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2024 ގެ 14 ވަނަ މާއްދާގެ ދަށުން އެ ވަޒީފާއަށް އޭނާ ޝަރުޠު ހަމަވާކަން، 13 އެޕްރީލް 2025 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން އީމެއިލް މެދުވެރިކޮށް އަންގާފައިވާ ކަމަށާއި އަދި އެއަށްފަހު 19 ޖޫން 2025 ގައި ވަޒީފާއަށް ހޮވުނުކަން އީމެއިލް މެދުވެރިކޮށް އެންގުމަށްފަހު އޭގެ ފަހުން ވަޒީފާ ހުށަހަޅާ ލިޔުމުގައި ދެފަރާތުން ސޮއިކޮށްފައިވާ ކަމަށާއި މިމައްސަލައަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައްސަލައެއްކަމަށް ދެކޭކަމަށާއި އެހެންކަމުން ވަޒީފާބެހޭ ޓްރައިބިއުނަލް އިން މި މައްސަލަ ނުބެލުމަކީ ވަޒީފާބެހޭ ޤާނޫނުން ލިބިދޭންޖެހޭ ޙައްޤުތަކާއި ރައްކާތެރިކަމުން މަހުރޫމްވެގެން ދާނެ ކަމެއްކަމަށާއި އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 184/VTR/2025 މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލޭނޭ މައްސަލައެއްކަމަށް ދެކޭތީ އެފަދައިން މައްސަލަ ނިންމުމަށް ކަމަށެވެ.

ފާހަގަކުރެވޭ ކަންކަން

11މި އިސްތިއުނާފުގައި މައިގަނޑު އޮތީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 184/VTR/2025 މައްސަލައަކީ އެޓްރައިބިއުނަލުން ބެލޭނެ މައްސަލައެއް ނޫންކަމުގެ މައްޗަށް އޮތް ބަހުސެކެވެ.

ޓްރައިބިއުނަލަށް އިހްތިސާސް ލިބޭތޯ ބެލުން

12މި މައްސަލަ ބެލުމުގެ އިހުތިޞާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނަނީ، މި މައްސަލައަކީ 'ވަޒީފާއަށް ހަމަޖެއްސުމުގައި މައްސަލައެއް ދިމާވެގެން ހުށަހެޅި މައްސަލައެއް' ކަމަށް ވުމެވެ. އެބުނުމާ ޙަވާލާދެނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ޖާސިމް ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން ޤަޟިއްޔާއާއެވެ.

13HN2ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ޖާސިމް ޤަޟިއްޔާއަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިހުތިޞާސް ލިބިގެންވާ މައްސަލަތަކުގެ ތެރޭގައި 'ވަޒީފާ ދިނުމުގައި އުފެދޭ ޚުސޫމާތު'ގެ މައްސަލަ ނުހިމެނޭކަމަށް ވަޒީފާއާބެހޭ ޤާނޫނާ ޙަވާލާދީ އެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ.

14މިމައްސަލައަށް ބަލާއިރު، ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލައިގައި އޮތީ ވަޒީފާ ދިނުމުގައި އުފެދިފައިވާ ހުސޫމާތެއް ހެއްޔެވެ. ނުވަތަ ވަޒީފާ ހަމަޖެއްސުމުގައި މައްސަލައެއް ދިމާވެގެން ހުށަހެޅި މައްސަލައެއް ހެއްޔެވެ.

15HN1މައްސަލައިގެ ބާވަތް ދެނެގަތުމަށްޓަކައި ހުށަހެޅިފައިވާ ދަޢުވާއާއި، އެ ދަޢުވާ ބިނާކޮށްފައިވާ އަސާސްތަކުގެ އިތުރުން، މައްސަލައިގެ ހަޤީޤަތްތަކުގެ މައްޗަށް ރިޢާޔަތްކުރުން މުހިއްމެވެ.

16އެގޮތުން މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމުގެ 6 ވަނަ ނަންބަރުގައި 'މައްސަލައިގެ ބާވަތް' މިސުރުޚީގެ ދަށުން ބަޔާންކޮށްފައިވަނީ، "ވަޒީފާއަށް ހޮވުނުކަން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ "ވަޒީފާ ހުށަހަޅާ ލިޔުން" އިން އަންގާ އެލިޔުން ދިންތާ 26 ދުވަސް ފަހުން (އެލިޔުމުގައި އިރުޝާދު ދީފައިވާ ގޮތުގެ މަތީން އަޅުގަނޑު އޭރު ވަޒީފާ އަދާކުރަމުން ދިޔަ ކުންފުންޏަށް ނޯޓިސް ދިން ފަހުން) އަޅުގަނޑު ހުށަހެޅި ސެޓުފިކެޓަކީ އެމަޤާމާ ގުޅޭ ދާއިރާއެއްގެ ސެޓްފިކެޓެއް ނޫންކަމަށް ބުނެ އެ އިޢުލާން ބާޠިލްކުރަން ނިންމިކަން އެންގުން' މިފަދައިންނެވެ. އަދި ފޯމުގެ 7 ވަނަ ނަންބަރުގައި މައްސަލައިގެ ކަންހިނގި ގޮތް ބަޔާންކޮށްފައިވާއިރު، އޭނާ ހުށަހެޅި ވަޒީފާއަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެކި މަރުޙަލާ ތަކުގައި ކަން ހިނގި ގޮތް ބަޔާންކޮށްފައި ވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ އިއުލާނާ ގުޅިގެން މަޤާމަށް އެދި ހުށަހެޅި އެޕްލިކޭޝަނަކީ ޝަރުޠު ހަމަވާ އެޕްލިކޭޝަނެއް ކަމަށް އަންގާފައިވުމާއި ވަޒީފާއަށް ނެގުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްފަހު، ވަޒީފާއަށް ހޮވިފައިވާކަން އަންގާފައިވުމާއި އަދި އެކަން އަންގައި އިސްތިއުނާފު ކުރާ ފަރާތުން ފޮނުވި 'ވަޒީފާ ހުށަހަޅާ' ލިޔުމުގައި ދީފައިވާ އިރުޝާދުގައިވާ ގޮތުގެ މަތީން އޭރު ވަޒީފާއަދާކުރަމުންދިޔަ ތަނަށް ނޯޓިސް ދީފައިވާނެ ކަމާއި، އެއަށްފަހު ވަޒީފާ ހަމަޖެއްސުމުގެ އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު، ވަޒީފާއަށް ނިކުމެވޭނެ ދުވަސް އިސްތިއުނާފު ރައްދުވާ ފަރާތުން ސާފުކޮށްފައިވާ ކަމާއި އެ މަރުހަލާތައް ނިމުނުފަހުން، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކޭޓަކީ މަޤާމަށް ޝަރުޠު ހަމަވާ ސެޓްފިކޭޓެއް ނޫންކަމަށް އެންގިކަމާއި، ނަމަވެސް ވަޒީފާއަށް ހޮވުމުގެ މަރުހަލާތައް ކުރިއަށް ގެންގޮސްފައިވަނީ 'ޝަރުޢީ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2024' އާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުން ނިންމައިގެންކަމަށް ބަޔާންކޮށްފައިވެއެވެ. އެއަށްފަހު ދަޢުވާ ފޯމުގެ 9 ވަނަ ނަންބަރުގައި މައްސަލައިގައި އެދޭގޮތް ކަމަށް ބުނެފައިވަނީ "ވަޒީފާ އަނބުރާ ހޯދައި ދިނު" މަށް އެދޭކަމަށެވެ.

17HN3އިސްބުނެވިދިޔަ ދަޢުވާއަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ޝަކުވާއަކީ، ވަޒީފާއަށް ހޮވުނުކަން އަންގާފައިވުމާއި، އެކަމާ ގުޅޭ އިދާރީ މަރުޙަލާތައް ކުރިއަށް ގެންދިޔަފަހުން، ސެޓްފިކެޓު ޝަރުޠު ހަމަނުވާކަމަށް ބުނެ ހޮވުން ބާޠިލުކޮށްފައިވާތީ ކޮށްފައިވާ ޝަކުވާއެކެވެ. މިއީ، ވަޒީފާއަށް މީހުން ހޮވުމާއި، އައްޔަނުކުރުމުގެ މަރުޙަލާގައި ދިމާވެފައިވާ ހުސޫމާތެކެވެ. އެހެންކަމުން މިއީ ވަޒީފާ ދިނުމުގައި އުފެދިފައިވާ ހުޞޫމާތެކެވެ.

18HN4HN5ވަޒީފާއަށް ހޮވުމުގެ މަރުޙަލާގެ މައްސަލަތަކުގެ ތެރެއިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިޚްތިޞާސް ލިބިގެންވަނީ ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގެ ދަށުން ތަފާތުކުރުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލަތަކެވެ. ހަމަ އެހެންމެ ވަޒީފާގެ ވަގުތީ މުއްދަތު (probation) ގެ މަރުޙަލާގައި ވެސް، މައްސަލައެއް ހުށަހެޅޭނީ ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގެ ދަށުން ކަމަށް މި ކޯޓުގެ ޢާއިޝަތު ޝައްމާ ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ

19ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ވަޒީފާ ދިނުމުގައްޔާއި، އުޖޫރަ ކަނޑައެޅުމުގައްޔާއި، އުޖޫރު އިތުރު ކުރުމުގައްޔާއި ތަމްރީނު ދިނުމުގައްޔާއި ވަޒީފާގެ ޝަރުތުތަކާއި ވަޒީފާ އަދާކުރާނެ ގޮތް ކަނޑައެޅުމުގައްޔާއި ވަޒީފާއިން ވަކިކުރުމުގައްޔާއި ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ޤާނޫނާ ޚިލާފުނުވާ ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް މިންވަރަކަށް ތަފާތުކުރުމަކީ މަނާކަމެއްކަމަށެވެ.

20HN6މި މައްސަލައަށް ބަލާއިރު، މިއީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ، ވަޒީފާއަށް މީހުން ހޮވުމުގައި ތަފާތުކުރުމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަށް ނެތެވެ.

21އެހެންކަމުން، އިސްތިއުނާފުކުރެވޭ ނިންމުމުގައި، މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅާފައިވަނީ އިބްރާހީމް ޖާސިމް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިސްވެބުނެވުނު އުސޫލާ ޚިލާފަށް، އެކަންކަމަށް ރިޢާޔަތްކުރުމެއް ނެތިއެވެ.

މައްސަލައިގެ މައުޟޫއަށް އަސަރުކުރާ ގޮތަށް ނިންމުމެއް ނިންމާފައިވުން

22ޓްރައިބިއުނަލުގެ ނިންމުމަށް ވާސިލުވުމުގައި، މި ދެ ފަރާތުގެ ދެމެދުގައި ޤާނޫނީގޮތުން ބަނދެވޭފަދަ ކޮންޓްރެކްޓެއް ވުޖޫދުވެފައިވާ ކަމަށް ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ.

23HN7HN8ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ޤާނޫނީގޮތުން ބަނދެވޭފަދަ އެއްބަސްވުމެއް އޮތްކަމާމެދު ނުވަތަ ވަޒީފާ ގުޅުމެއް އުފެދިފައިވޭތޯ ނުވަތަ ނޫންތޯ މިއީ މައްސަލައި މައުޟޫޢީ ގޮތުން ނިންމުމުގައި ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. އިޖުރާއީ އިއުތިރާޒާމެދު ގޮތެއް ނިންމުމުގެ މަރުޙަލާއަކީ މައްސަލައިގެ އަޞްލު ވާޤިޢާތަކުގެ ތެރެއަށް ފުންކޮށް ވަދެ، ކަންކަން ނިންމުމަށް އޮންނަ މަރުޙަލާއަކަށް ނުވާތީ، މިއީ އިޖުރާއީ ނިންމުމެއްގެ ތެރެއިން ނިންމޭނެ ކަމެއް ނޫނެވެ.

ނިންމަންފެންނަ ގޮތް

24އެހެންކަމުން، ބަޔާންވެދިޔަ ކަންކަން އެފަދައިން ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި، ޓްރައިބިއުނަލުގެ ނަންބަރު 184/VTR/2025 މައްސަލައަކީ މައުޟޫޢީ ގޮތުން ބަލަންޖެހޭ މައްސަލައެއް ކަމަށް ނިންމި ނިންމުން ބާޠިލްކުރަންޖެހޭ ކަމަށް، ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔު

25މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

26މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

27ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200(VTR)-M7/IJ/2025/42 (07 އޮކްޓޫބަރު 2025) 'އިޖުރާއީގޮތުން ނިންމި ގޮތް' ނިންމުމުގައި ޓްރައިބިއުނަލުގެ ނަންބަރު 184/VTR/2025 މައްސަލައަކީ މައުޟޫޢީ ގޮތުން ބަލަންޖެހޭ މައްސަލައެއް ކަމަށް ނިންމި ނިންމުން ބާޠިލްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)

ފަނޑިޔާރު ޙުސައިން މަޒީދު

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/337 ޤަޟިއްޔާ
  3. ގަވައިދު ނަންބަރު 2022/R-14
  4. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/273 ޤަޟިއްޔާގެ 'އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް'
  5. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ
  6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/337 ޤަޟިއްޔާ
  7. ޤާނޫނު ނަންބަރު 2/2008
  8. ޤާނޫނު ނަންބަރު 2/2008
  9. އބމ
  10. ޤާނޫނު ނަންބަރު 2/2008
  11. ހައިކޯޓުގެ ނަންބަރު 2023/HC-A/264
  12. ޤާނޫނު ނަންބަރު 2/2008
  13. . ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ