މުޙައްމަދު މުޙައްމަދު ސުލައިމްޚާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 846/Cr-C/2023
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ނަންބަރު 846/Cr-C/2023 ޤަޟިއްޔާގައި، ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރާ ފަރާތް 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، ރަން ޕޭސްޓް ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ރ) ގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނެގުމަށް އެންގިއެވެ.
- ވާޤިޢާ
- ސްރީލަންކާގެ ރައްޔިތެއްކަމަށްވާ އިސްތިއުނާފުކުރާ ފަރާތް 21 ސެޕްޓެންބަރު 2023 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައިސް ގްރީން ޗެނަލުން ނިކުންނަން ދަނިކޮށް، އޭނާ ލައިގެން ހުރި ހެދުމުގެ ތެރެއިން 2282 ގްރާމުގެ ރަން ޕޭސްޓް ފެނުމުން، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ރ) އާއި (ބ) ގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދަޢުވާ ދައުލަތުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިއްރުން މުދާ އެތެރެކުރުމުގެ ދަޢުވާއެއްގައި، ރަން ޕޭސްޓް ރާއްޖެއަށް ސިއްރުން އެތެރެކުރިކަން ބަޔާންކޮށް ސާބިތުކުރުމުން، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ކުށުގެ ރުކުންތައް ފުރިހަމަވެ، އެ ކުށުން ކުށްވެރިކުރެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރާ ފަރާތުން ބުނީ ދަޢުވާގައި ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ކުށުގެ ރުކުންތައް ފުރިހަމަނުވާކަމަށާއި، މުދަލުގެ ސިލްސިލާ (ޗެއިން އޮފް ކަސްޓަޑީ) ދަމަހައްޓާފައި ނުވާކަމަށާއި، މުދާ ފޮރެންސިކުން ތަޙުލީލުކޮށްފައި ނުވާކަމަށާއި، ހެއްކެއް ނެތި ކުރިން މިފަދަ ޢަމަލެއް ކޮށްފައިވާކަމަށް ކަނޑައެޅިކަމަށާއި، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް ތަފާތުކޮށް ޢަމަލުކުރިކަމަށެވެ. ދައުލަތުން ބުނީ ރަނަކީ އިމްޕޯޓުކުރުން ހުއްދަ، ޑިއުޓީ ދައްކަންނުޖެހޭ މުދަލެއް ނަމަވެސް، ސުޕްރީމް ކޯޓުގެ 2019/SC-A/57 ޤަޟިއްޔާއަށް ބިނާކޮށް، ޑިކްލެއަރ ނުކޮށް ގެންނަ މުދަލަކީ ހުއްދަ ނުހޯދާ ގެންނަ މުދަލެއްގެ ގޮތުގައި މާނަކުރެވިދާނެކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ކަނޑައެޅީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށަކަށް ވާން، މުދާ ސިއްރުން އެތެރެކުރުމުގެ އިތުރުން، އެ މުދަލަކީ އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ މުދަލެއްކަން، ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއް ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ސިއްރުން ގެނައިކަން ދަޢުވާގައި ބަޔާންކޮށް ސާބިތުކުރަން ޖެހޭކަމަށާއި، ޖިނާއީ ކުށް ކަނޑައަޅާނީ ޤާނޫނު ހަދާ ބާރުން ސާފު ނައްޞަކުން ކަމުން ޑިކްލެއަރ ނުކުރުމުން އެކަނި އެ ކުށް ވުޖޫދުނުވާކަމަށާއި، 2019/SC-A/57 އަކީ މަދަނީ މައްސަލައެއް ކަމުން ޖިނާއީ ކުށެއް ކަނޑައެޅުމަށް އެއަށް ބުރަނުވެވޭނެކަމަށެވެ. ދަޢުވާގައި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 82 ވަނަ މާއްދާގެ (ރ) ގައިވާ ގޮތަށް ކުށް ބަޔާންކޮށްފައި ނުވާތީއާއި ކުށުގެ ރުކުން ސާބިތުކޮށްފައި ނުވާތީ، ކުށްވެރިކުރުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ކުށްވެރިކުރުމެއް ނޫންކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ޙުކުމް ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކުރިއެވެ. ބާކީ އިސްތިއުނާފީ ނުކުތާތަކަށް ވަކިން ގޮތެއް ނުނިންމައެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ނައްޞަށް ބަލާއިރު، އެ މާއްދާގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަމައެކަނި "ސިއްރުން މުދާ އެތެރެކުރުމެއް" ނޫނެވެ. ކުށަކަށް ވަނީ ވަކި ސިފަތަކެއް ހުރި ޢަމަލުތަކެކެވެ. މުދާ އެތެރެކުރުމަށް "ސިއްރު" ކަމުގެ ސިފަ ލިބުމުގެ އިތުރުން، އޭގެ ދަށުގައިވާ ދެ ރުކުނުގެ ތެރެއިން އެއް ރުކުނު ފުރިހަމަވާން ޖެހޭކަމަށް ދެކެމެވެ. އެއީ، އެތެރެކުރި މުދަލަކީ އިމްޕޯޓްކުރުމަށް ހުއްދަ ހޯދަން ޖެހޭ މުދަލަކަށްވުމާއެކު އެ ހުއްދަ ނެތުން، ނުވަތަ އެ މުދަލަކީ ޑިއުޓީ ދައްކަންޖެހޭ މުދަލަކަށްވުމާއެކު ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ސިއްރުން އެތެރެކުރުމެވެ.
HN2 ފުރަތަމަ ރުކުން ސާބިތުވާން، އެތެރެކުރި އެއްޗަކީ އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއްކަން ސާބިތުވާންޖެހެއެވެ. ދެވަނަ ރުކުން ސާބިތުވާން، (1) އެ މުދަލަކީ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި، (2) އެ މުދާ އެތެރެކޮށްފައިވަނީ ސިއްރުންކަމާއި، (3) އެގޮތަށް އެތެރެކޮށްފައިވަނީ އެ މުދަލަށް ދައްކަންޖެހޭ ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ޤަޞްދުގައިކަން ސާބިތުވާންޖެހެއެވެ. "މަނާވެގަތުމަށްޓަކައި" މި ބަސްތަކުން، ވަކި ޤަޞްދެއް (ޚާއްޞަ ނިޔަތެއް) ލާޒިމުކުރާކަން އެނގެއެވެ.
HN3 ކުށެއްގެ ދަޢުވާގައި އެ ކުށުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ގޮތަށް ވާޤިޢާތައް ބަޔާންކޮށް، ޝަރީޢަތުގައި ކޮންމެ ރުކުނެއް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެވެ. ކުށުގެ ރުކުނެއް ސާބިތުނުވެ ކުށްވެރިވެއްޖެކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ އެއްގޮތްވާ ކުށްވެރިކުރުމެއް ކަމުގައި ނުވާނެއެވެ.
HN4 ޖިނާއީ ކުށެއް ކަނޑައެޅުމަކީ ޤާނޫނު ހަދާ ބާރަށް ލިބިގެންވާ އިޚްތިޔާރެކެވެ. ކުށެއްގެ ރުކުންތައް ކަނޑައެޅިގެންދަނީ ޤާނޫނުގެ ނައްޞުގައި ޤާނޫނު ހަދާ ބާރުން ބޭނުންކޮށްފައިވާ ޢިބާރާތްތަކުންނެވެ.
HN5 ނައްޞުގައި ކުށުގެ ސިފައެއްގެ ގޮތުގައި ހިމަނާފައިވާ ރުކުނެއް ދޫކޮށްލައިގެން ނުވަތަ ނައްޞުގައި ނެތް ޢަމަލެއް ނައްޞުގެ ތެރެއަށް ވައްދައިގެން ކުށެއްގެ ދާއިރާ ފުޅާކުރުމުގެ ބާރު، ދައުލަތަށް ވިޔަސް ކޯޓަކަށް ވިޔަސް ލިބިގެން ނުވާކަމަށް ދެކެމެވެ. ދައުލަތަށް މާނަކުރެވޭ ގޮތަކުން، ނުވަތަ އެކި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްކޮށް ކިޔާލުމުން ދައުލަތަށް އާދެވޭ ނަތީޖާއަކީ، ޖިނާއީ ކުށެއްކަމުގައި ކަމެއް ކަނޑައެޅުމަށް އޮންނަ އުޞޫލެއް ނޫނެވެ.
HN6 ކަސްޓަމްސްގެ ޤާނޫނަކީ ޤާނޫނުލްޢުޤޫބާތުގެ ބޭރުން ކުށެއް ކަނޑައަޅާ "އެހެން ޤާނޫނެއް" ކަމުން، އެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއް ވުޖޫދުވަނީ، ޤާނޫނު ހަދާ ބާރުން އެ މާއްދާގައި ކަނޑައަޅާފައިވާ ސިފަތަކާއި ހަމައިގެ ތެރޭގައެވެ.
HN7 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ މި ބައިތައް އެކުގައި ބަލާއިރު، ޖިނާއީ ދަޢުވާއެއްގައި ތިން ކަމެއް ހިމެނެން ޖެހޭކަން އެނގެއެވެ. ފުރަތަމަ، ދަޢުވާކުރެވޭ ކުށް، އެ ކުށް ކަނޑައަޅާ މާއްދާއާ ޙަވާލާދީ ބަޔާންކުރަން ޖެހެއެވެ. ދެވަނައަށް، ކުށް ކަނޑައެޅުމުގައި ޤާނޫނުގައި ވަކި ޢިބާރާތެއް ބޭނުންކޮށްފައިވާނަމަ، ދަޢުވާގައި އެ ކުށް ބަޔާންކުރަން ޖެހޭނީ ޤާނޫނުގައިވާ ގޮތަށެވެ. ތިންވަނައަށް، ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ ޢަމަލާއި، ވަގުތާއި، ތަން ބަޔާންކުރަން ޖެހޭއިރު، ވަކި އެއްޗެއް ހިމެނޭ ކުށެއްނަމަ އެ އެއްޗެއްގެ ތަފްޞީލުވެސް ބަޔާންކުރަން ޖެހެއެވެ.
HN8 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ރ) އާއި (ބ) ގެ މަޤްޞަދު ހާސިލުވާނީ، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ކޮން ކުށެއްގެ ދަޢުވާއެއްކަން ދަޢުވާގައި ޤާނޫނުގެ ޢިބާރާތުން ވަކިން ބަޔާންކޮށް، އެތެރެކުރި މުދަލަކީ އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ މުދަލެއްކަން ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަން ދޭހަވާ ފަދަ ތަފްޞީލު އެ މުދަލާ ބެހޭގޮތުން ދަޢުވާގައި ހިމަނައިގެން ކަމަށް ދެކެމެވެ.
HN9 ހަމައެކަނި ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، މުދަލެއް "ސިއްރުން އެތެރެކުރިކަމަށް" ބުނާ ދަޢުވާއަކުން، ތުހުމަތުކުރެވޭ ކުށް ވަކިން އެނގުމުގެ ޙައްޤު، އެއީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ޙައްޤު، ފުރިހަމައަކަށް ނުލިބެއެވެ. އަދި ދަޢުވާއަށް ޖަވާބުދާރީވުމަށް ދިފާޢަށް އެނގެންޖެހޭ ކަމެއް، (އެއީ ސާބިތުކުރަން ޖެހޭ ރުކުނަކީ ކޮބައިކަން) ސާފުކޮށް ނޭނގެއެވެ.
HN10 ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ރ) އާއި (ބ) އަކީ، (ހ) ގައިވާ ޢަމަލެއް ކުރާ މީހާއަށް ދޭ އަދަބާއި، ކުށާ ގުޅުންހުރި މުދާ ނަގާ ގޮތް ބަޔާންކުރާ ބައިތަކެވެ. އެ ބައިތަކުން ކުށުގެ ރުކުނަކަށް ބަޔާނެއް ނުދޭތީ، އެ ބައިތަކަށް ޙަވާލާދިނުމުން (ހ) ގައިވާ ސިފަތައް ދަޢުވާގައި ނުހިމެނުމުގެ އުނިކަން ފުރިހަމައެއް ނުވެއެވެ.
HN11 ހަމައެކަނި މުދަލެއް ސިއްރުން ގެނައިކަމަށް ބުނާ ބުނުމަކީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުގައި ކުށްވެރިކުރުމަށް ފުދޭ އަސާސެއް ކަމުގައި ނުދެކެމެވެ.
HN12 މަދަނީ މައްސަލައެއްގައި ދައުލަތަށް މުދާ ނެގިދާނެތޯ އެ މައްސަލާގައި ކުރެވުނު ބަހުސެއްގައި، އެ މުދާ ގެނެސްފައިހުރީ ޤާނޫނީ އިޖުރާއަތެއް ފުރިހަމަނުކޮށްކަމަށް ބެލެވޭ ހާލަތެއްގައި އެ މުދާ ދައުލަތަށް ނެގިދާނެކަމަށް ބުރަވެވުމަކީ، އެކަން ޖިނާއީ ކުށަކަށްވާނެ ހާލަތެއްކަމުގައި އަހުރެންނަށް ބުރައެއް ނުވެވެއެވެ.
HN13 ޑިކްލެއަރ ނުކުރާ ހުރިހާ މުދަލަކީ "އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ" (އެބަހީ ގެނައުން މަނާ) ތަކެތި ކަމަށް އޮޓޯމެޓިކުން ޤާނޫނީގޮތުން ބެލެވޭކަށް ނުއެއް އޮންނާނެހިނދު، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް، އެއީ އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއްކަން ނުވަތަ އެއީ ޑިއުޓީ ދައްކަންޖެހޭ ... މުދަލެއް ... ޑިއުޓީއެއް ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ސިއްރުން ގެނައިކަން ސާބިތުކޮށްނުދެވޭނަމަ، އެއީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ޖިނާއީ ކުށެއް ކުރުން ކަމުގައި ނުބެލެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝާކިރު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ފާޠިމަތު މީޝާ، ޙައްވާ ނާހީ، ކާމިލާ ޙުސައިން
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު
ތަޢާރުފު
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 846/Cr-C/2023 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ސްރީލަންކާގެ ރައްޔިތެއްކަމަށްވާ މުޙައްމަދު މުޙައްމަދު ސުލައިމްޚާން (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ސުލައިމްޚާން")ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް") ގެ މައްޗަށެވެ.
ދަޢުވާއާއި ކަންހިނގިގޮތް
2ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދަޢުވާ ސުލައިމްޙާންގެ މައްޗަށް، ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.
3ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) އާއި (ބ) ގެ ދަށުން މި ދަޢުވާ ސުލައިމްޙާންގެ މައްޗަށް އުފުލާފައިވަނީ؛
"މުޙައްމަދު މުޙައްމަދު ސުލައިމްޚާން، 21 ސެޕްޓެންބަރު 2023 ދުވަހު 07:44 އެހައިކަންހާއިރު، ނަންބަރު EK656 ފްލައިޓުން ދިވެހިރާއްޖެއަށް އައިސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މީނާ ލަގެޖުގެ ގޮތުގައި ގެންގުޅުނު ބެކްޕެކާއި ސައިޑް ބޭގް ހޭންޑް ލަގެޖު ސްކޭންކޮށްގެން ރެޑް ޗެނަލްގެ އެންޓްރީ ފަހަނައަޅައި ގްރީން ޗެނަލުން ނިކުންނަން ދަނިކޮށް، ކަސްޓަމްސް އޮފިސަރުން މީނާ ހުއްޓުވައި، މީނާއާ ސުވާލުކޮށް، މީނާގެ ބެކްޕެކް ބަލާފާސްކުރިއިރު، ބެކްޕެކްގެ ތެރޭގައި މީނާ ދުބާއީއިން ރަން ގަނެ، ރަން ޑިކްލެއަރކޮށްފައިވާ ލިޔުންތަކެއް ފެނިގެން، މީނާ ރަން އެތެރެކުރިކަމަށް ޝައްކުކުރެވިގެން، މީނާގެ ހަށިގަނޑު ސްކޭންކޮށް ބެލިއިރު، މީނާގެ ހަށިގަނޑުގައި އެއްޗެހި ފޮރުވާފައިހުރިކަން ފާހަގަވެފައިވާތީ، މީނާގެ ހަށިގަނޑު އިތުރަށް ބަލާފާސްކުރިއިރު، މީނާލައިގެން ހުރި ޖިންސުގެ ފަހަތުގެ ކަނާތް ފަރާތާއި ވާތް ފަރާތު ޖީބުން ފެނިފައިވާ 02 (ދޭއް) ޕެކެޓުންނާއި، ޖިންސުގެ ކުރިމަތީ ކަނާތް ފަރާތާއި ވާތް ފަރާތު ޖީބުން ފެނިފައިވާ 02 (ދޭއް) ޕެކެޓުންނާއި، މީނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން އުނަގަނޑާ ދިމާލުން ފެނިފައިވާ 01 (އެކެއް) ޕެކެޓުގައި ޖުމްލަ 2282 (ދެހާސް ދުއިސައްތަ އަށްޑިހަ ދޭއް) ގްރާމް ރަން ޕޭސްޓް ފެނިފައިވާތީ އާއި، މީނާ ސިއްރުން ދިވެހިރާއްޖެއަށް އެތެރެކުރި އިސްވެ ދެންނެވުނު ރަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނަގައިދިނުމަށް އެދި" މި ސަބަބުގެ މައްޗަށް ބިނާކޮށެވެ.
ދަށު ކޯޓުން މައްސަލަ ނިންމިގޮތް
4ކްރިމިނަލް ކޯޓުގެ ނަންބަރު 846/Cr-C/2023 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ސުލައިމްޚާނުގެ މައްޗަށް ހުށަހަޅާފައިވާ އެ ދަޢުވާއަށް ޝަރީޢަތުގައި އިންކާރުކުރި ނަމަވެސް، ދަޢުވާއާ ގުޅިގެން ދައުލަތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށް އެދަޢުވާއަކީ ދިވެހިރާއްޖޭގެ ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއް ކަމަށް ކަނޑައަޅައި؛
(1) ޤާނޫނު ނަންބަރު 8/2011(ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) އަދި (ބ) ގެ ދަށުން، ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުން، ސުލައިމްޚާން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި؛
(2) މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 8/2011(ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) އަދި (ބ) ގެ ދަށުން، ސުލައިމްޚާން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް؛
(3) މިމައްސަލައިގައި ސުލައިމްޚާން ދިވެހިރާއްޖެއަށް އެތެރެކުރި 2282 (ދެހާސް ދުއިސައްތަ އަށްޑިހަ ދޭއް) ގްރާމް ރަން ޕޭސްޓް އަކީ ދިވެހިރާއްޖެއަށް ސިއްރުން އެތެރެކޮށްފައިވާ މުދަލެއްކަމަށް ކަނޑައެޅުނު ހިނދު، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ މުދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ނެގުމަށް އަންގައިއެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
5ކްރިމިނަލް ކޯޓުގެ ނަންބަރު 846/Cr-C/2023 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސުލައިމްޙާންގެ ފަރާތުން ހުށަހެޅި ފޯމުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ނުކުތާތަކެވެ.
5.1. ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ރުކުންތައް ފުރިހަމަނުވާ ދަޢުވާއެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ސުލައިމްޚާނު ގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން އެދަޢުވާ ހިންގައި، އެދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ސުލައިމްޚާނުގެ މައްޗަށް ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައަޅާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާ؛
5.2. ސުލައިމްޚާން، 21 ސެޕްޓެންބަރު 2023 ދުވަހު ހުއްޓުވައި އޭނާގެ އަތުގައިހުރި މުދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފައިވާއިރު، ހައިކޯޓުގެ މުޙައްމަދު ނަސްވާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެ އެއްޗެއްގެ އަތުލައިގަތް ހިސާބުން ފެށިގެން ކޯޓަށް ހުށަހެޅުމާއި ހަމައަށް އެއެއްޗެއް އެކެއްގެ ކިބައިން އަނެކެއްގެ ކިބައަށް އެއްތަނުން އަނެއްތަނަށް ދިޔަގޮތުގެ މެދުކެނޑުމެއްނެތް ސިލްސިލާ ފެންނަން އޮންނަޖެހޭ ކަމަށް ބަޔާންކުރާ އުޞޫލާއި، އަދި މޯލްޑިވްސް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 369 ވަނަ މާއްދާއާ ޚިލާފަށް ޗެއިން އޮފް ކަސްޓަޑީ ބަލަހައްޓާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ؛
5.3. ސުލައިމްޚާންގެ އަތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަތް މުދާ މިވަގުތު ރާއްޖޭގައި ރީފައިން ކުރެވޭނެ އެއްވެސް ވަސީލަތެއް ނެތްއިރު، އެ މުދަލަކީ ސީދާ ރަން ނުވަތަ އެހެން އެއްޗެއްކަންވެސް މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފޮރެންސިކްއަށް ތަޙްލީލުކުރެވިފައި ނުވާއިރުވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާ އާ ޚިލާފަށް ދަޢުވާ ބިނާކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ؛
5.4. ސުލައިމްޚާން، މި ދަޢުވާގައި ބަޔާންކޮށްފައިވާ ހާދިސާ ނޫން މިފަދަ ހާދިސާއެއްގައި ތުހުމަތު ކުރެވުނުކަމުގެ އެއްވެސް ހެއްކެއްނެތީސް އަދި އެފަދަ ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައިނުވަނީސް ކުރިން ސުލައިމްޚާން މިފަދަ ޢަމަލެއް ހިންގާފައިވާކަމަށް ފަނޑިޔާރު ކަނޑައަޅާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު 5 މީހުން ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހެކި ބަލައިގަތުމުގައި ފަނޑިޔާރު ތަބާވާންޖެހޭ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާ؛
5.5. ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް، ސުލައިމްޚާން އާއި މިފަދަ އެހެން މައްސަލަތަކުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިފަހައްޓާ މީހުންނާއި ތަފާތުކޮށް، ސުލައިމްޚާން ހުއްޓުވި ފަރާތްތަކަށް އެއްބާރުލުންދިނުމަށް އުޅުމުންވެސް އެއެއްބާރުލުން ބަލައިނުގަނެ ހަރުކަށިކޮށް ޢަމަލުކޮށް އަދި ޝަރީޢަތުން ޖޫރިމާނާގެ އަދަބެއް ދީފައިނުވުމެވެ.
ދެފަރާތުގެ ވާހަކައާއި އެދޭގޮތް
6އިސްތިއުނާފު ފޯމުގައި އިސްތިއުނާފީ ނުކުތާތައް ބިނާކުރި ސަބަބުތައް ޚުލާސާ ގޮތެއްގައި ޝަރީޢަތަށް ހުށަހަޅައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ސުލައިމްޚާންގެ މައްޗަށް ކޮށްފައިވާ ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ސާބިތުނުވާ ކަމަށް ކަނޑައަޅަދިނުމަށާއި، ސުލައިމްޚާންގެ އަތުން އަތުލާފައިވާ މުދާ، 07 (ހަތެއް) ދުވަހުގެ ތެރޭގައި ސުލައިމްޚާންއާ އަނބުރާ ޙަވާލުކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
7އަދި އިސްތިއުނާފުގެ ރައްދުގައި ދައުލަތުން ހުށަހެޅި ޖަވާބު ފޯމުގައި ބަޔާންކޮށްފައިވާ ކަންކަން ޚުލާސާކޮށް ހުށަހަޅައި ދައުލަތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 846/Cr-C/2023 ޤަޟިއްޔާގައި ސުލައިމްޚާންގެ މައްޗަށް ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
ފާހަގަކުރެވުނު ކަންކަން
8ކްރިމިނަލް ކޯޓުގެ ނަންބަރު 846/Cr-C/2023 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް، އިސްތިއުނާފު ކުރާ ފަރާތުން 05 (ފަހެއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަށް ބަލާއިރު، މި މައްސަލައިގައި އެންމެ ފުރަތަމަ ގޮތެއް ކަނޑައަޅަންޖެހޭ ސުވާލަކީ، އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ޢަމަލަކީ ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 97 ވަނަ މާއްދާގެ (ހ) ގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޢަމަލެއްތޯ ނުވަތަ ނޫންތޯއެވެ. މިއީ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ހިމެނޭ ސުވާލެވެ. މި ސުވާލުގެ ޖަވާބުން އެހެން ނުކުތާތަކަށްވެސް ސީދާ އަސަރުކުރާތީ، ފުރަތަމަ މި ނުކުތާއާމެދު ގޮތެއް ނިންމުމަށްފަހު، ބާކީ ނުކުތާތަކަށް ބަލާނަމެވެ.
9ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ވަނީ، "މި ޤާނޫނުގައިވާ ގޮތުގެމަތިން ރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް ރާއްޖެއަށް ސިއްރުން އެތެރެކުރުމާއި، އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް ރާއްޖެއިން ސިއްރުން ބޭރުކުރުމާއި، ޑިއުޓީ ދައްކަންޖެހޭ އެއްވެސް މުދަލެއް އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީއެއް ދެއްކުމުން މަނާވެގަތުމަށްޓަކައި ރާއްޖެއަށް ސިއްރުން އެތެރެކުރުމާއި، ރާއްޖެއިން ސިއްރުން ބޭރުކުރުމާއި، މިއިންކަމެއް ކުރަން އުޅުމަކީ ކުށެކެވެ." މިފަދައިންނެވެ. އަދި ހަމަ އެ މާއްދާގެ (ރ) އާއި (ބ) ގައިވަނީ، އެމާއްދާގެ (ހ) ގައިވާ ޢަމަލެއް ކުރި ނުވަތަ ކުރަން އުޅުނު ނުވަތަ އެކަމުގައި ބައިވެރިވި މީހަކަށް މި ޤާނޫނުގައިވާ އަދަބު ދީ، އެ ކުށާ ގުޅުންހުރި މުދާ ބަދަލެއް ނުދީ ކަސްޓަމްސްއަށް ނެގޭނެކަމާއި، މުދާ ސިއްރުން އެތެރެކުރާ ނުވަތަ ބޭރުކުރާ މީހެއްގެ އަދަބަކީ 10,000 (ދިހަ ހާސް) ރުފިޔާއާއި 240,000 (ދެލައްކަ ސާޅީސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން، ނުވަތަ 6 މަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމުގައެވެ.
10HN1HN2ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ނައްޞަށް ބަލާއިރު، އެ މާއްދާގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަމައެކަނި "ސިއްރުން މުދާ އެތެރެކުރުމެއް" ނޫނެވެ. ކުށަކަށް ވަނީ ވަކި ސިފަތަކެއް ހުރި ޢަމަލުތަކެކެވެ. އެއީ: (1) މި ޤާނޫނުގައިވާ ގޮތުގެމަތިން އިމްޕޯޓް ކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް ރާއްޖެއަށް ސިއްރުން އެތެރެކުރުން؛ (2) އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް ރާއްޖެއިން ސިއްރުން ބޭރުކުރުން؛ (3) ޑިއުޓީ ދައްކަންޖެހޭ މުދަލެއް، ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ބޭނުމުގައި ސިއްރުން އެތެރެކުރުން ނުވަތަ ބޭރުކުރުން؛ އަދި (4) މިއިން ކަމެއް ކުރަން އުޅުމެވެ. އެހެންކަމުން މުދާ އެތެރެކުރުމަށް "ސިއްރު" ކަމުގެ ސިފަ ލިބުމުގެ އިތުރުން، އޭގެ ދަށުގައިވާ ދެ ރުކުނުގެ ތެރެއިން އެއް ރުކުނު ފުރިހަމަވާން ޖެހޭކަމަށް ދެކެމެވެ. އެއީ، އެތެރެކުރި މުދަލަކީ އިމްޕޯޓްކުރުމަށް ހުއްދަ ހޯދަން ޖެހޭ މުދަލަކަށްވުމާއެކު އެ ހުއްދަ ނެތުން، ނުވަތަ އެ މުދަލަކީ ޑިއުޓީ ދައްކަންޖެހޭ މުދަލަކަށްވުމާއެކު ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ސިއްރުން އެތެރެކުރުމެވެ. ފުރަތަމަ ރުކުން ސާބިތުވާން، އެތެރެކުރި އެއްޗަކީ އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއްކަން ސާބިތުވާންޖެހެއެވެ. ދެވަނަ ރުކުން ސާބިތުވާން، (1) އެ މުދަލަކީ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި، (2) އެ މުދާ އެތެރެކޮށްފައިވަނީ ސިއްރުންކަމާއި، (3) އެގޮތަށް އެތެރެކޮށްފައިވަނީ އެ މުދަލަށް ދައްކަންޖެހޭ ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ޤަޞްދުގައިކަން ސާބިތުވާންޖެހެއެވެ. "މަނާވެގަތުމަށްޓަކައި" މި ބަސްތަކުން، ވަކި ޤަޞްދެއް (ޚާއްޞަ ނިޔަތެއް) ލާޒިމުކުރާކަން އެނގެއެވެ.
11މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ކޮށްފައިވާކަމަށް ދަޢުވާގައި ބަޔާންކޮށްފައިވާ ޢަމަލަކީ ރަން ޕޭސްޓް ރާއްޖެއަށް ސިއްރުން އެތެރެކުރުމެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގައިވާ ކުށަކަށް މި ކުށް ވުމަށްޓަކައި، މި ޢަމަލުގައި ކުރިން ބަޔާންވެދިޔަ ދެ ރުކުނުގެ ތެރެއިން އެއް ރުކުން ފުރިހަމަވާންޖެހެއެވެ. އެއީ 1. އެތެރެކުރި މުދަލަކީ އިމްޕޯޓްކުރުމަށް ހުއްދަ ހޯދަން ޖެހޭ މުދަލަކަށްވުމާއެކު އެ ހުއްދަ ނެތުން، ނުވަތަ 2. އެ މުދަލަކީ ޑިއުޓީ ދައްކަންޖެހޭ މުދަލަކަށްވުމާއެކު ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ސިއްރުން އެތެރެކުރުމެވެ.
12މި މައްސަލައިގައި ދައުލަތުން ބަޔާންކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން އެތެރެކުރި މުދަލަކީ، އިމްޕޯޓުކުރުން ހުއްދަ މުދަލެއް ކަމުގައެވެ. އަދި އެއީ ޑިއުޓީ ދައްކަންޖެހޭ މުދަލެއްވެސް ނޫންކަމުގައެވެ. އެހެންނަމަވެސް އިމްޕޯޓުކުރުމުގެ ހުއްދަ އޮތް މުދަލެއް ނަމަވެސް އެ މުދާ ޑިކްލެއަރ ކޮށްފައި ނުވާނަމަ އެއީ އެތެރެކުރުން ހުއްދަ ނޫން މުދަލެއްކަމުގައި މާނަ ކުރެވިދާނެކަމަށް ދައުލަތުން ބުނެއެވެ.
13HN3ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައިވަނީ، ވަކި ޢަމަލެއް ކުރުމަކީ ނުވަތަ ނުކޮށް ދޫކޮށްލުމަކީ ކުށެއްކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިނެތީސް، އެކަމެއް ކުރި ނުވަތަ ނުކޮށް ދޫކޮށްލި މީހަކަށް އެކަމަކާ ގުޅުވައިގެން އަދަބު ދީގެން ނުވާނެކަމުގައެވެ. ހަމައެހެންމެ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ވަނީ ކުށެއްގެ ދަޢުވާ ކުރެވޭ ކޮންމެ މީހަކަށް، އޭނާއަށް އެނގޭ ބަހަކުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ވަކިން، ލަސްނުކޮށް އެނގުމުގެ ޙައްޤު ލިބިގެންވާކަމަށެވެ. އަދި އެ މާއްދާގެ (އ) ގައިވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާންދެން ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާކަމުގައެވެ. މި މާއްދާތައް އެކުގައި ބަލާއިރު، ކުށެއްގެ ދަޢުވާގައި އެ ކުށުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ގޮތަށް ވާޤިޢާތައް ބަޔާންކޮށް، ޝަރީޢަތުގައި ކޮންމެ ރުކުނެއް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެވެ. ކުށުގެ ރުކުނެއް ސާބިތުނުވެ ކުށްވެރިވެއްޖެކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ އެއްގޮތްވާ ކުށްވެރިކުރުމެއް ކަމުގައި ނުވާނެއެވެ.
14ޖިނާއީ ކުށެއްގެ ގޮތުގައި ވަކިކަމެއް ކަނޑައެޅޭ ޤާނޫނީ އުޞޫލަށް ބަލާއިރު، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައިވާ ޙައްޤު ޢަމަލީ ގޮތުން ތަފްޞީލުކޮށްދޭ ގޮތަށް، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގައިވެސް، ޤާނޫނުލްޢުޤޫބާތުގެ ދަށުން ނުވަތަ ދިވެހިރާއްޖޭގެ އެހެން ޤާނޫނެއްގެ ދަށުން ކުށަކަށް ނުވާ ޢަމަލެއް ކުށަކަށް ނުވާނެ ކަމުގެ އުޞޫލު ކަނޑައަޅާފައިވެއެވެ. އަދި އެ ޤާނޫނުގެ ޢާންމު މަޤްޞަދުތަކުގެ ތެރޭގައި، ކުށެއްނެތް ޢަމަލު ކުށެއްގެ ގޮތުގައި ކުށްވެރިކުރުމުން ރައްކާތެރިކުރުމާއި، ކުށްތައް ކަނޑައަޅައި ދަރަޖަކުރުމުގެ ތެރެއިން، މަނާކަމަކީ ކޮބައިކަމުގެ އިންޒާރު އިންސާފުވެރި ގޮތުގައި ދިނުން ހިމެނެއެވެ.
15HN4HN5ބަޔާންވެދިޔަ އުޞޫލުތަކުން ދޭހަވާ ގޮތުގައި، ޖިނާއީ ކުށެއް ކަނޑައެޅުމަކީ ޤާނޫނު ހަދާ ބާރަށް ލިބިގެންވާ އިޚްތިޔާރެކެވެ. ކުށެއްގެ ރުކުންތައް ކަނޑައެޅިގެންދަނީ ޤާނޫނުގެ ނައްޞުގައި ޤާނޫނު ހަދާ ބާރުން ބޭނުންކޮށްފައިވާ ޢިބާރާތްތަކުންނެވެ. އެހެންކަމުން، ނައްޞުގައި ކުށުގެ ސިފައެއްގެ ގޮތުގައި ހިމަނާފައިވާ ރުކުނެއް ދޫކޮށްލައިގެން ނުވަތަ ނައްޞުގައި ނެތް ޢަމަލެއް ނައްޞުގެ ތެރެއަށް ވައްދައިގެން ކުށެއްގެ ދާއިރާ ފުޅާކުރުމުގެ ބާރު، ދައުލަތަށް ވިޔަސް ކޯޓަކަށް ވިޔަސް ލިބިގެން ނުވާކަމަށް ދެކެމެވެ.
16HN6ކަސްޓަމްސްގެ ޤާނޫނަކީ ޤާނޫނުލްޢުޤޫބާތުގެ ބޭރުން ކުށެއް ކަނޑައަޅާ "އެހެން ޤާނޫނެއް" ކަމުން، އެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއް ވުޖޫދުވަނީ، ޤާނޫނު ހަދާ ބާރުން އެ މާއްދާގައި ކަނޑައަޅާފައިވާ ސިފަތަކާއި ހަމައިގެ ތެރޭގައެވެ. މި ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ޕެރެގްރާފުގައި 97 ވަނަ މާއްދާގެ (ހ) ތަފްޞީލުކޮށްފައިއެވަނީ މި އުޞޫލުގެ މައްޗަށް ބިނާކޮށެވެ.
17ދަޢުވާއެއްގައި ހިމެނެންޖެހޭ ކަންކަން ބަޔާންކޮށްދޭ މާއްދާއެއްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ) އާއި 82 ވަނަ މާއްދާގެ (ހ) އަށެވެ. އެ ޤާނޫނުގެ 82 ވަނަ މާއްދާއަކީ "ދަޢުވާ އޮންނަންވީ ގޮތް"
ބަޔާންކުރާ މާއްދާއެވެ. އަދި ޖެހިގެން އޮންނަ 83 ވަނަ މާއްދާއަކީ ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމާ ބެހޭ މާއްދާއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގައިވަނީ، "ޖިނާއީ ކޮންމެ ދަޢުވާއެއްގައި، ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ދަޢުވާކުރެވޭ ކުށް ބަޔާންކުރަންވާނެއެވެ."
މިފަދައިންނެވެ. އެ މާއްދާގެ (ށ) ގައިވަނީ، މީހެއްގެ މައްޗަށް ދަޢުވާ އުފުލޭ ކުށް ދަޢުވާއެއްގައި ބަޔާންކުރަންވާނީ ޤާނޫނުގައި އެ ކުށް ކަނޑައަޅާ މާއްދާއާ ޙަވާލާދީކަމާއި، ކުށް ކަނޑައަޅާ މާއްދާއަށް ޙަވާލާނުދީ އެނޫން ޢާންމު މާއްދާއެއްގެ ދަށުން ނުވަތަ ޤާނޫނީ އިފްތިރާޟެއްގެ ދަށުން ނުވަތަ އެހެން މާއްދާއަކާ ޙަވާލާދީ ޖިނާއީ ކުށަކަށް ދަޢުވާ އުފުލައިގެން ނުވާނެ ކަމުގައެވެ. އެ މާއްދާގެ (ރ) ގައިވަނީ، "ޖިނާއީ ވަކި ކުށަކަށް ޤާނޫނެއްގައި ވަކި ޚާއްޞަ ނަމެއް ދީފައިވާނަމަ، ނުވަތަ އެ ކުށް ކަނޑައެޅުމުގައި ޤާނޫނެއްގައި ވަކި ޚާއްޞަ ޢިބާރާތެއް ބޭނުންކޮށްފައިވާނަމަ، ދަޢުވާގައި އެ ކުށް ބަޔާންކުރަންވާނީ، އެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށެވެ." މިފަދައިންނެވެ. އަދި އެ މާއްދާގެ (ބ) ގައިވަނީ، "ދަޢުވާއެއްގައި ކުށް ބަޔާންކުރުމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ ޢަމަލާއި، އޭނާ ކުށް ކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާންކުރަންވާނެއެވެ. އަދި އެ ކުށަކީ، މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ، އެ މީހެއް ނުވަތަ އެ އެއްޗެއްގެ ތަފްޞީލުވެސް ބަޔާންކުރަންވާނެއެވެ." މިފަދައިންނެވެ.
18HN7HN8HN9ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ މި ބައިތައް އެކުގައި ބަލާއިރު، ޖިނާއީ ދަޢުވާއެއްގައި ތިން ކަމެއް ހިމެނެން ޖެހޭކަން އެނގެއެވެ. ފުރަތަމަ، ދަޢުވާކުރެވޭ ކުށް، އެ ކުށް ކަނޑައަޅާ މާއްދާއާ ޙަވާލާދީ ބަޔާންކުރަން ޖެހެއެވެ. ދެވަނައަށް، ކުށް ކަނޑައެޅުމުގައި ޤާނޫނުގައި ވަކި ޢިބާރާތެއް ބޭނުންކޮށްފައިވާނަމަ، ދަޢުވާގައި އެ ކުށް ބަޔާންކުރަން ޖެހޭނީ ޤާނޫނުގައިވާ ގޮތަށެވެ. ތިންވަނައަށް، ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ ޢަމަލާއި، ވަގުތާއި، ތަން ބަޔާންކުރަން ޖެހޭއިރު، ވަކި އެއްޗެއް ހިމެނޭ ކުށެއްނަމަ އެ އެއްޗެއްގެ ތަފްޞީލުވެސް ބަޔާންކުރަން ޖެހެއެވެ. މި ރިޕޯޓު ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ޕެރެގްރާފުގައި ފާހަގަކުރެވުނު ފަދައިން، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ވަނީ އެއް ކުށެއް ނޫނެވެ. އެ މާއްދާގައި ވަނީ ވަކިވަކި ސިފަތަކާއެކު ބަޔާންކޮށްފައިވާ ކުށްތަކެކެވެ. އަދި އެ ކުށްތައް ކަނޑައަޅާފައިވަނީ "އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް" އަދި "ޑިއުޓީ ދައްކަންޖެހޭ އެއްވެސް މުދަލެއް ... ޑިއުޓީއެއް ދެއްކުމުން މަނާވެގަތުމަށްޓަކައި" ފަދަ ޚާއްޞަ ޢިބާރާތްތަކުންނެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ރ) އާއި (ބ) ގެ މަޤްޞަދު ހާސިލުވާނީ، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ކޮން ކުށެއްގެ ދަޢުވާއެއްކަން ދަޢުވާގައި ޤާނޫނުގެ ޢިބާރާތުން ވަކިން ބަޔާންކޮށް، އެތެރެކުރި މުދަލަކީ އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ މުދަލެއްކަން ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަން ދޭހަވާ ފަދަ ތަފްޞީލު އެ މުދަލާ ބެހޭގޮތުން ދަޢުވާގައި ހިމަނައިގެން ކަމަށް ދެކެމެވެ. ހަމައެކަނި ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، މުދަލެއް "ސިއްރުން އެތެރެކުރިކަމަށް" ބުނާ ދަޢުވާއަކުން، ތުހުމަތުކުރެވޭ ކުށް ވަކިން އެނގުމުގެ ޙައްޤު، އެއީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ޙައްޤު، ފުރިހަމައަކަށް ނުލިބެއެވެ. އަދި ދަޢުވާއަށް ޖަވާބުދާރީވުމަށް ދިފާޢަށް އެނގެންޖެހޭ ކަމެއް، (އެއީ ސާބިތުކުރަން ޖެހޭ ރުކުނަކީ ކޮބައިކަން) ސާފުކޮށް ނޭނގެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) އިން ލާޒިމުކުރަނީ ކުށުގެ ރުކުންތައް ނޫންކަމުގައި ނުވަތަ ހިންގި ޢަމަލާއި ވަގުތާއި ތަނާއި އެއްޗެއްގެ ތަފްޞީލު ކަމުގައި ބަލައި، ކުށް ކަނޑައަޅާ މާއްދާއަށް ޙަވާލާދީ ޢަމަލު ބަޔާންކޮށްފިނަމަ (ށ) އާއި (ބ) ގައިވާ ކަންކަން ފުރިހަމަވާނެ ކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ކުށްތައް، އެއްކުށް އަނެއް ކުށާ ތަފާތުވަނީ މި ސިފަތަކުންކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ރ) ގައި ޤާނޫނުގެ ޢިބާރާތުން ކުށް ބަޔާންކުރަން ލާޒިމުކުރާތީ، މި ސިފަތައް ދަޢުވާގައި ހިމެނެން ޖެހޭކަމަށް ދެކެމެވެ. މި މައްސަލައިގައި ދަޢުވާ ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު މި ސިފަތައް ފުރިހަމަވޭތޯ، ތިރީގައިވާ ޕެރެގްރާފުގައި ފާހަގަކުރަމެވެ.
19HN10މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ހުށަހަޅާފައިވަނީ "ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ" ދަޢުވާއެވެ. އަދި ދަޢުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) އަދި (ބ) ގެ ދަށުންނެވެ. ދަޢުވާގައި ކުށަށް ދީފައިވާ މި ނަމަކީ، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ކުށް ކަނޑައަޅާފައިވާ ޢިބާރާތުގެ ހަމައެކަނި ބައެކެވެ. އެ މާއްދާގައި ކުށުގެ ސިފައެއްގެ ގޮތުގައި ހިމަނާފައިވާ "އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް" ނުވަތަ "ޑިއުޓީ ދައްކަންޖެހޭ ... މުދަލެއް ... ޑިއުޓީއެއް ދެއްކުމުން މަނާވެގަތުމަށްޓަކައި" މި ޢިބާރާތްތަކުގެ ތެރެއިން އެއްވެސް ޢިބާރާތެއް ދަޢުވާގެ ނަމުގައި ނުހިމެނެއެވެ. އެހެންކަމުން، ދަޢުވާގެ ނަމުން ހަމައެކަނި ދޭހަވަނީ މުދަލެއް ސިއްރުން އެތެރެކުރިކަމެވެ. އެއީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ކޮން ކުށެއްކަން ވަކިން ނޭނގެއެވެ. ހަމައެހެންމެ، ދަޢުވާގައި ޙަވާލާދީފައިވާ އެ މާއްދާގެ (ރ) އާއި (ބ) އަކީ، މި ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ޕެރެގްރާފުގައި ފާހަގަކުރެވުނު ފަދައިން، (ހ) ގައިވާ ޢަމަލެއް ކުރާ މީހާއަށް ދޭ އަދަބާއި، ކުށާ ގުޅުންހުރި މުދާ ނަގާ ގޮތް ބަޔާންކުރާ ބައިތަކެވެ. އެ ބައިތަކުން ކުށުގެ ރުކުނަކަށް ބަޔާނެއް ނުދޭތީ، އެ ބައިތަކަށް ޙަވާލާދިނުމުން (ހ) ގައިވާ ސިފަތައް ދަޢުވާގައި ނުހިމެނުމުގެ އުނިކަން ފުރިހަމައެއް ނުވެއެވެ. މި ސަބަބުތަކަށްޓަކައި، ދަޢުވާގައި ކުށް ބަޔާންކޮށްފައިވާ ގޮތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ރ) ގައި ލާޒިމުކުރާ ފަދައިން، ޤާނޫނުގައި ކުށް ކަނޑައަޅާފައިވާ ޢިބާރާތުން ކުށް ބަޔާންކޮށްފައިވާ ގޮތެއް ކަމުގައި ނުދެކެމެވެ. ނަމަވެސް، ދަޢުވާގެ ތަފްޞީލުގައި އެތެރެކުރި މުދަލަކީ ހުއްދަ ބޭނުންވާ މުދަލެއްކަމާއި ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތް ބަޔާންކޮށްފައިވާނަމަވެސް މިއީ މުޅި ދަޢުވާއަށް އަސަރުކުރާ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ޖަދުވަލު 1 ގެ ގޮތުގައި ބަޔާންކޮށްފައިވާ ދަޢުވާކުރާ ސަބަބުތަކަށް ބެލިނަމަވެސް އެފަދަ ތަފްސީލެއް ބަޔާންކޮށްފައިނުވެއެވެ.
20HN11މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތް ކުށްވެރިކޮށްފައިވަނީ، 2282 (ދެހާސް ދުއިސައްތަ އަށްޑިހަ ދޭއް) ގްރާމުގެ ރަން ޕޭސްޓް ރާއްޖެއަށް ސިއްރުން އެތެރެކުރިކަމަށް ބުނެ، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) އާއި (ބ) ގެ ދަށުންނެވެ. ނަމަވެސް ދަށު ކޯޓުގެ ޙުކުމަށް ބަލާއިރު، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ކޮން ޢަމަލެއްގެ ދަށުން ކުށްވެރިކޮށްފައިވާކަމެއް ވަކިން ފާހަގަކޮށްފައި ނުވެއެވެ. އެއީ، ރަނަކީ މި ޤާނޫނުގެ ދަށުން އިމްޕޯޓްކުރުމަށް ހުއްދަ ހޯދަން ޖެހޭ މުދަލެއްކަމާއި އިސްތިއުނާފުކުރާ ފަރާތުގެ އަތުގައި އެ ހުއްދަ ނެތްކަމާއި، ނުވަތަ ރަނަކީ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި އޭގެ ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ސިއްރުން ގެނައިކަން ބަޔާންކޮށްފައިނުވެއެވެ. މި ރުކުންތަކުގެ ތެރެއިން އެއްވެސް ރުކުނެއް ދަޢުވާގައި ބަޔާންކޮށް، ޝަރީޢަތުގައި ސާބިތުކޮށްދީފައިވާކަން ފާހަގަ ނުކުރެވެއެވެ. ދަޢުވާގައި މި ރުކުން ބަޔާންކޮށް ސާބިތުކޮށްދީފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ނޭނގޭ ހިނދު، ހަމައެކަނި މުދަލެއް ސިއްރުން ގެނައިކަމަށް ބުނާ ބުނުމަކީ 97 ވަނަ މާއްދާގެ (ހ) ގެ ދަށުގައި ކުށްވެރިކުރުމަށް ފުދޭ އަސާސެއް ކަމުގައި ނުދެކެމެވެ.
21HN12HN13ރާއްޖެއަށް ގެނައި ރަނާ ގުޅޭ މަދަނީ މައްސަލައެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައިވާ ގޮތުން ރަނަކީ ރާއްޖެއަށް އެތެރެކުރުން މަނާ މުދަލެއް ނޫން ނަމަވެސް، ޤާނޫނުން ކަނޑައަޅާފައިވާ އިޖުރާއަތު ފުރިހަމަނުކުރެވުމުގެ ސަބަބުން، އެ މުދަލަކީ ޤާނޫނާ ޚިލާފަށް އެތެރެކުރި މުދަލެއްކަމަށް ބެލުމުގެ ފުރުޞަތު އޮންނާނެކަމަށް އެ ނިންމުމުގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކޮށް ދައުލަތުން ބަޔާންކޮށްފައިވަނީ، ރާއްޖެއަށް އިމްޕޯޓު ކުރުމުގެ ހުއްދަ ލިބިގެންދަނީ، ޑިކްލެއަރ ކުރުމުން ކަމަށާއި، ޑިކްލެއަރ ނުކޮށް ގެންނަ މުދަލަކީ، ހުއްދަ ނުހޯދާ ގެންނަ މުދަލުގެ ގޮތުގައި މާނަކުރެވިދާނެކަމަށް ދައުލަތުން ދެކޭކަމަށެވެ. އެހެންނަމަވެސް، މަދަނީ މައްސަލައެއްގައި ދައުލަތަށް މުދާ ނެގިދާނެތޯ އެ މައްސަލާގައި ކުރެވުނު ބަހުސެއްގައި، އެ މުދާ ގެނެސްފައިހުރީ ޤާނޫނީ އިޖުރާއަތެއް ފުރިހަމަނުކޮށްކަމަށް ބެލެވޭ ހާލަތެއްގައި އެ މުދާ ދައުލަތަށް ނެގިދާނެކަމަށް ބުރަވެވުމަކީ، އެކަން ޖިނާއީ ކުށަކަށްވާނެ ހާލަތެއްކަމުގައި އަހުރެންނަށް ބުރައެއް ނުވެވެއެވެ. އަދި އެ މައްސަލައިގައި ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާއަކީ ޒިކުރު ކުރެވުނު މާއްދާއަކަށްވެސް ނުވާއިރު، އެ މާއްދާ މާނަކޮށް، އެ މާއްދާގައި ނެތް ޢިބާރާތެއް އިތުރުކޮށް ޖިނާއީ ކުށެއްކަމުގައި އެ މާއްދާގައި ކަނޑައަޅާފައި ނެތްކަމެއް މާނަކުރުމަށް އެ ޤަޟިއްޔާ ތަޠުބީގުކުރެވިދާނެކަމުގައި ނުދެކެމެވެ. އެއީ ޖިނާއީ ކުށެއްކަމުގައިވާނީ، ސާފު ނައްޞުން ޤާނޫނުގައި އެއީ ކުށެއްކަމުގައި ބަޔާންކޮށްފައި އޮތްނަމައެވެ. ދައުލަތަށް މާނަކުރެވޭ ގޮތަކުން، ނުވަތަ އެކި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްކޮށް ކިޔާލުމުން ދައުލަތަށް އާދެވޭ ނަތީޖާއަކީ، ޖިނާއީ ކުށެއްކަމުގައި ކަމެއް ކަނޑައެޅުމަށް އޮންނަ އުޞޫލެއް ނޫނެވެ. ޖިނާއީ ކުށް ކަނޑައަޅާނީ ޤާނޫނު ހަދާފަރާތުން ޤާނޫނެއްގައި ސާފު ނައްޞުން އެކަން މަނާކޮށް، އެއީ ކުށެއްކަމުގައި ބަޔާންކޮށް، އެކަމަށް އަދަބު ކަނޑައެޅުމުންނެވެ. ހަމައެހެންމެ، ޑިކްލެއަރ ނުކުރާ ހުރިހާ މުދަލަކީ "އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ" (އެބަހީ ގެނައުން މަނާ) ތަކެތި ކަމަށް އޮޓޯމެޓިކުން ޤާނޫނީގޮތުން ބެލެވޭކަށް ނުއެއް އޮންނާނެހިނދު، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް، އެއީ އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއްކަން ނުވަތަ އެއީ ޑިއުޓީ ދައްކަންޖެހޭ ... މުދަލެއް ... ޑިއުޓީއެއް ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ސިއްރުން ގެނައިކަން ސާބިތުކޮށްނުދެވޭނަމަ، އެއީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައިވާ ޖިނާއީ ކުށެއް ކުރުން ކަމުގައި ނުބެލެވޭނެއެވެ.
22ދެވަނަ އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ނަސްވާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށް ބުނާ އުޞޫލަށާއި، މޯލްޑިވްސް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 369 ވަނަ މާއްދާއަށެވެ. އާންމު އުޞޫލެއްގެ ގޮތުން، ހެއްކެއްގެ ގޮތުގައި ހުށަހަޅާ މުދަލެއް އަތުލި ހިސާބުން ފެށިގެން ޝަރީޢަތަށް ހުށަހަޅާ ހިނދު، އެމުދަލަށް ވަނީ ބަދަލެއް ނައިސް ކަމާއި، އެ މުދާ ޙަވާލުވެހުރި ކޮންމެ ފަރާތެއް ފާހަގަކުރެވޭ ގޮތަށް ސިލްސިލާ ދަމަހައްޓާފައިވާކަން ދައްކުވައިދިނުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެއް ކަމުގައި ދެކެމެވެ. ނަމަވެސް، ފުރަތަމަ ނުކުތާގައި ފާހަގަކުރެވުނު ފަދައިން، ކުށުގެ ރުކުން ފުރިހަމަވާކަން ސާބިތުވެފައި ނުވުމުން، މިހާލަތުގައި ސިލްސިލާ ދަމަހައްޓާފައިވާ ގޮތާ ގުޅޭ ވާޤިޢާތަކާ މެދު ތަފްޞީލުކޮށް ގޮތެއް ނިންމަންޖެހޭ ކަމުގައި ނުދެކެމެވެ.
23ތިންވަނަ އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، އަތުލި މުދަލަކީ ރަންތޯ ނުވަތަ އެހެން އެއްޗެއްތޯ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކުން ތަޙުލީލުކޮށްފައި ނުވާކަމަށާއި، އެ މުދާ ރާއްޖޭގައި ރީފައިންކުރެވޭނެ ވަސީލަތެއް ނެތްކަމަށެވެ. ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށް ސާބިތުކުރުމުގައި، އެތެރެކުރި މުދަލަކީ ހުއްދަ ބޭނުންވާ މުދަލެއްކަމާއި ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި ޑިއުޓީގެ މިންވަރު ކަނޑައެޅުމަށް، އެ މުދަލަކީ ކޮން އެއްޗެއްކަމާއި، އޭގެ ޠަބީޢަތާއި ޚާލިޞްކަމާއި އަގު ކަނޑައެޅުމަކީ ކުށުގެ ރުކުނާ ސީދާ ގުޅޭ ކަމެކެވެ. ޕޭސްޓްގައި ހިމެނޭ ރަނުގެ މިންވަރު ތަޙުލީލަކުން ކަނޑައަޅާފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ހެކިން ނޭނގޭނަމަ، ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ރުކުން ސާބިތުކުރުމަށް ގޮންޖެހުމަކަށް ވާނެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި ހިމެނޭ މުދަލަކީ ޑިއުޓީ ދައްކަންޖެހޭ މުދަލެއް ނޫންކަމުގައި ދައުލަތުން ފާހަގަކޮށްފައިވުމުންނާއި، ފުރަތަމަ ނުކުތާގައި ވާސިލުވެވުނު ނަތީޖާއަށް ބަލާއިރު، އިތުރަށް މި ނުކުތާގައިވެސް ގޮތެއް ކަނޑައަޅަންޖެހޭކަމުގައި ނުދެކެމެވެ.
24ހަތަރުވަނަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، މި ދަޢުވާގައި ބަޔާންކުރާ ހާދިސާ ފިޔަވައި، އިސްތިއުނާފުކުރާ ފަރާތް މީގެކުރިން މިފަދަ ޢަމަލެއް ކޮށްފައިވާކަމަށް ހެއްކެއް ހުށަހެޅިފައި ނުވަނީސް، ކުރިން މިފަދަ ޢަމަލެއް ކޮށްފައިވާކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާކަމަށެވެ. އަދި ފަސްވަނަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް، އިސްތިއުނާފުކުރާ ފަރާތާއި އެހެން މިފަދަ މައްސަލަތަކުގައި ހިފަހައްޓާ މީހުންނާ ތަފާތުކޮށް ޢަމަލުކޮށް، ޝަރީޢަތުން އަދަބެއް ދީފައިވާކަމަށެވެ. ނަމަވެސް، ފުރަތަމަ ނުކުތާއާ މެދު ނިންމާ ގޮތުން ޙުކުމުގެ ހުރިހާ ބައެއްގެ މައްޗަށް އަސަރުކުރާތީ، މި ނުކުތާތަކާ މެދު ވަކިން ގޮތެއް ނިންމަން ޖެހޭކަމުގައި ނުދެކެމެވެ.
ނިންމަން ފެންނަގޮތް
25އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ޢަމަލަކީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޢަމަލެއްކަން ޔަޤީންވާ ގޮތަށް، އެ މުދަލަކީ ހުއްދަ ހޯދަން ޖެހޭ މުދަލެއްކަން ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި، ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ގެނައިކަމުގެ ރުކުން ދަޢުވާގައި ބަޔާންކޮށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދީފައިވާކަން ނޭނގޭތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 846/Cr-C/2023 ޤަޟިއްޔާގައި ކޮށްފައިވާ ކުށްވެރިކުރުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި 59 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ކުށްވެރިކުރުމެއް ކަމުގައި ނުދެކެމެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 846/Cr-C/2023 ޤަޟިއްޔާގައި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
26މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
27މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 846/Cr-C/2023 ޤަޟިއްޔާގައި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
(ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފުޓްނޯޓު
- 2020/HC-A/118
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 8/2011
- ޤާނޫނު ނަންބަރު 12/2016
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ
- 2020/HC-A/118
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އަދި (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 82 ވަނަ މާއްދާގެ (ހ)، (ށ)، (ރ) އަދި (ބ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 83 ވަނަ މާއްދާގެ (ރ)
- މޯލްޑިވްސް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 369 ވަނަ މާއްދާ
- ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް (2019/SC-A/57)
- މުޙައްމަދު ނަސްވާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2020/HC-A/118)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.