އެޓަރނީ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ހާނިމް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހައިކޯޓުން (2008/HC-DM/12) އަޣުލަބިއްޔަތުން 53 ވަނަ މާއްދާ ބާޠިލުކަމަށް ކަނޑައަޅައި، ޤާނޫނު އިޞްލާޙުކުރުމަށް 3 މަސްދުވަހަށް ޙުކުމަށް ޢަމަލުކުރުން ލަސްކުރިއެވެ.
- ވާޤިޢާ
- ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ބުނާ ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ތަޢާރުޟުވާތީ ބާޠިލުކަމަށް ކަނޑައަޅައިދިނުމަށް އެދި މުޙައްމަދު ހާނިމް ދައުލަތުގެ މައްޗަށް ހައިކޯޓުގައި ދަޢުވާ ކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ބުނާ ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި 16 ވަނަ މާއްދާއާ ތަޢާރުޟުވާތީ ބާޠިލުވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ، 53 ވަނަ މާއްދާ ކިޔަންވާނީ 77 ވަނަ މާއްދާއާއި ސިވިލް ސަރވިސް ޤަވާއިދުގެ 19 ވަނަ ބާބާއެކު ކަމަށާއި، ސިވިލް ސަރވިސްގެ ނިއުޓްރަލްކަމަށް މި މަނާކުރުން ބޭނުންވާ ކަމަށާއި، 53 އެކަނި ބާޠިލުކުރުމުން 77 އާއި 19 ވަނަ ބާބުގެ ޙައިޘިއްޔަތު ސާފުނުވާ ކަމަށެވެ. މުޙައްމަދު ހާނިމް ހައިކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
- ކޯޓުގެ ސަބަބުތައް
- ޤާނޫނުއަސާސީގެ 30(ހ) ގެ ޙައްޤު ދީފައިވަނީ ޤައިދަކާނުލައެވެ؛ 53 ވަނަ މާއްދާއިން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން އެ ޙައްޤުން މުޅިން މަޙްރޫމްކުރެއެވެ. 16 ވަނަ މާއްދާގެ ދަށުން މުޅިން ހިފެހެއްޓޭނީ އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކުރުމަށް ކަމާއި، ހިފެހެއްޓުމުގެ އެކަށީގެންވާކަން ދައުލަތުން ސާބިތުނުކުރުމާއި، ދިމިޤްރާޠީ މުޖްތަމަޢުތަކުގެ ގޮތާ ތަފާތުވުމުން، 53 ވަނަ މާއްދާ ބާޠިލެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2008/HC-DM/12
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ ބާޠިލު)؛ 4-1 އަޣުލަބިއްޔަތުން
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ދައުލަތެއްގައި ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޤާނޫނަކީ ޤާނޫނުއަސާސީއެވެ. ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް އެއްވެސް ޤާނޫނެއް ނުވަތަ ޤަވާއިދެއް ނެހެދޭނެއެވެ؛ ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާއިދެއް ނުވަތަ ޤަވާއިދެއްގެ ބައެއް އޮތްނަމަ، އެއިން ޤާނޫނުއަސާސީއާ ޚިލާފުވާ މިންވަރެއް ބާޠިލްވާނެއެވެ. މަބްދައު ސުމުއްވިއްދުސްތޫރީ (ޕްރިންސިޕަލް އޮފް ސުޕްރަމަސީ އޮފް ކޮންސްޓިޓިއުޝަން) ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 8، 63، 66 އަދި 268 ވަނަ މާއްދާތަކުގައި ނައްޞުން ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ.
ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވާނީ، އެއްވެސް ޤައިދަކާނުލައި، މުޠްލަޤުގޮތެއްގައި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ގޮތަށެވެ.
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ ޢިބާރާތްކުރެވިފައިވަނީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން، އެއްވެސް ޤައިދެއްނެތި، މުޠުލަޤުގޮތެއްގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުން ސިވިލް ސަރވިސްގައި ހިމެނޭ އެންމެހާ މުވައްޒަފުން މުޅިން މަޙްރޫމްވެ، އެޙައްޤު އެމީހުންގެ ކިބައިން މުޅިން ނިގުޅިގެންދާފަދަ ގޮތަށެވެ. އެހެންކަމުން އެ މާއްދާ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ކަނޑައެޅިގެން ތަޢާރުޟުވެ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ދުސްތޫރީ ހަމަތަކާއި ޤާނޫނުއަސާސީގެ ބާރުގަދަކަމުގެ މަބްދައުގެ ހަމަތަކާ ކަނޑައެޅިގެން ޚިލާފުވެއެވެ.
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ އުޞޫލުގެމަތިން، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތިންނެވެ.
ސިވިލް ސަރވިސްގެ ޤާނޫނުގެ 77 ވަނަ މާއްދާގައި "ސިޔާސީ ޙަރަކާތް" މާނަކޮށްދީފައިވާ ކަންކަމަކީ، ސިޔާސީ ޙަރަކާތުގެ ގޮތުގައި ކުރެވިދާނެކަމަށް މީހެއްގެ ވިސްނުމަށް އައިސްފާނެ އެންމެހައި ކަންކަން އެއްކޮށް ޝާމިލުކުރުމުގެ ގޮތުން ބަޔާންކުރެވިފައިވާ ކަންތައްތަކެކެވެ؛ ސިޔާސީ ޕާޓީއެއްގައި ނަން ރަޖިސްޓްރީކުރުމަކީވެސް ސިޔާސީ ޙަރަކާތެއްކަމަށް (ހ) ގެ ޢިބާރާތުން މާނަކުރެވިދާނެއެވެ. އެ މާއްދާގައި ސިޔާސީ ޙަރަކާތް މާނަކޮށްފައިވަނީ ވަކި ބާވަތެއްގެ ސިޔާސީ ޙަރަކާތް މާނަކުރަން ނޫން، 53 ވަނަ މާއްދާގެ މުޠުލަޤު މަނާކުރުން އިތުރަށް ކަށަވަރު ކުރުމަށްޓަކައެވެ.
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ނައްޞަށް ބަލާއިރު، ދެވަނަ ބާބުގައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް މުޅިންއެކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓޭނީ ހަމައެކަނި އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހިފަހައްޓާ ޙާލަތުގައެވެ.
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، ދެވަނަ ބާބުގައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަށީގެންވާ މިންވަރަކަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެޙައްޤެއް ހިފެހެއްޓި ފަރާތެއްގެ ޒިންމާއެކެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން، ދިމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށެވެ. މިނިވަން ދިމިޤުރާޠީ މުޖުތަމަޢުތަކުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެ ޙައްޤު ތަންޒީމުކުރެވިފައިވަނީ ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައިވާ ގޮތަށް ނޫނެވެ.
ދަޢުވާގައި ސިވިލް ސަރވިސްގެ ޤާނޫނުގެ 77 ވަނަ މާއްދާ ނުވަތަ ސިވިލް ސަރވިސް ޤަވާއިދުގެ 19 ވަނަ ބާބު ބާޠިލުކޮށްދިނުމަށް އެދިފައިނުވާނަމަ، ހައިކޯޓުގެ ޙުކުމުގައި އެ މާއްދާއާއި އެ ބާބާމެދު ގޮތެއް ކަނޑައަޅާފައި ނުވުމަކީ، އެ ޙުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނޫނެވެ.
ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ކޯޓުން ނިންމާފައިވާ ޤާނޫނެއް ނުވަތަ ޤަވާއިދެއް ނުވަތަ ކަމެއް އިޞްލާޙުކުރަންޖެހޭ އިދާރާއަކުން އެކަންކުރުމަށް ފުރުޞަތު ދިނުމަށްޓަކައި، ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ މަތިން ވަކިމުއްދަތަކަށް ކޯޓުގެ އެނިންމުމަށް ޢަމަލުކުރުން ލަސްކުރުމުގެ އަމުރެއް ނެރުމުގެ ބާރު، ދުސްތޫރީ މައްސަލަބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓަށް ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ ދަށުން ލިބިގެންވެއެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 66 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 269 ވަނަ މާއްދާ (ތަފާތުވި ރައުޔުގައި)
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 53 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 77 ވަނަ މާއްދާ
- ސިވިލް ސަރވިސް ޤަވާއިދުގެ 19 ވަނަ ބާބު (ސިޔާސީ ޙަރަކާތްތަކާބެހޭ ބާބު)
- ހެޗް އެކްޓް (އެމެރިކާ)، 5 USC 7324(a)(2)
- ސިވިލް ސަރވިސް ކޯޑް 2010 އަދި ސިވިލް ސަރވިސް މެނޭޖްމަންޓް ކޯޑް (އިނގިރޭސިވިލާތް)
- ޕަބްލިކް ސަރވިސް އެމްޕްލޯއިމަންޓް އެކްޓް (ކެނެޑާ)
- ޕަބްލިކް ސަރވިސް އެކްޓް (އޮސްޓްރޭލިއާ) ގެ 10 އަދި 13 ވަނަ މާއްދާ
- United States Civil Service Commission v. National Association of Letter Carriers, 413 U.S. 548 (1973) (އެމެރިކާގެ ސުޕްރީމް ކޯޓު)
ފަނޑިޔާރުން
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، އާދަމް މުޙައްމަދު ޢަބްދުﷲ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- އަޙްމަދު މުޢުތަޞިމް ޢަދުނާން
- ޚިލާފު ރައުޔު
- އެބައޮތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/12 ގެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާއި ޤާނޫނާ ޚިލާފްވާގޮތަށް ކަމަށްބުނެ އެޤަޟިއްޔާ އިލްތިމާސްކުރުމަށްއެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/12 ގެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާއި ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ އެޤަޟިއްޔާ އިލްތިމާސްކުރުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
2ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/12 ގެ ޤަޟިއްޔާއަކީ، […] މުޙައްމަދު ހާނިމް އެކޯޓަށް ހުށަހެޅުމުން އެކޯޓުން ބައްލަވައި ނިންމަވައިފައިވާ ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާއަށް މުޙައްމަދު ހާނިމް ހުށަހަޅާފައިވާ ދަޢުވާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި "ސިޔާސީ ޕާޓީ އުފައްދާ ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައި އޮތްހިނދު، ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި "ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއްނުވެވޭނެއެވެ." މިހެން އޮތުމުން ޤާނޫނުއަސާސީން ލިބިދޭ ޙައްޤެއް ސިވިލް ސަރވިސް ޤާނޫނުގެ 53 ވަނަ މާއްދާއިން ނިގުޅައި ގަނެފައިވާކަމަށް ބުނެ، ޤާނޫނުއަސާސީގެ 66 ވަނަ މާއްދާއާ ޙަވާލާދީ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ، ދިވެހިސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ ތަޢާރުޟުވާތީ، ދިވެހި ސިވިލް ސާވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއަކީ ބާޠިލް މާއްދާއެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހި ދައުލަތުގެ މައްޗަށް މުޙައްމަދު ހާނިމް ހުށަހަޅާފައިވާ ދަޢުވާއެއްކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓުން އެޤަޟިއްޔާ ނިންމަވާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެކަމަށް ބުނެ، މުޠުލަޤު ގޮތެއްގައި ސިޔާސީ ޙަރަކާތް އެމާއްދާއިން މުޅިން މަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި "ސިޔާސީ ޕާޓީ އުފައްދާ ހިންގައި ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ." މިފަދައިން ބުނެ މިމާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުވެސް ނިގުޅައިގަނެ އެޙައްޤުން މުޅިން މަޙުރޫމްކުރާ ގޮތެއްގައިކަން ސާފުކަންބޮޑު ގޮތެއްގައި އެނގެން އޮންނަކަމަށްވިދާޅުވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާ އަދި 66 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއަކީ ބާޠިލް މާއްދާއެއްކަމަށް ކަނޑައަޅުއްވައި، ދުސްތޫރީ މައްސަލަތައް ނިންމުމުގައި ކޯޓަށް ލިބިގެންވާ ބާރުގެދަށުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު އެޤާނޫނުގެ 53 ވަނަ މާއްދާއިން މުޠުލަޤު ގޮތެއްގައި ހަނިކުރެވިފައިވާގޮތް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާއި އެއްގޮތަށް އިޞްލާޙުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް 03 ޑިސެމްބަރ 2008 ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މިޙުކުމަށް ޢަމަލުކުރުން ލަސްކުރުމަށް އަމުރުކުރައްވާފައިކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
3ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/12 ގެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފްވާގޮތަށް ކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 4 (ހަތަރު) ސަބަބެއް ހުށަހަޅާފައިވެއެވެ. އޭގެތެރެއިން:
ފުރަތަމަ ސަބަބަކީ، ޤާނޫނު ނަންބަރު 2007/5 (ސިވިލް ސަރވިސް ޤާނޫނު) ގެ 53ވަނަ މާއްދާއެކަނި ބާޠިލްކުރުމުން، އެޤާނޫނުގެ 77 ވަނަ މާއްދާގައި ބުނެފައިވާ "ސިޔާސީ ހަރަކާތެއް" މިޢިބާރާތުގެ މާނައާއި "ސިވިލް ސަރވިސް ޤަވާޢިދު" ގެ 19 ވަނަ ބާބު (ސިޔާސީ ޙަރަކާތްތަކާބެހޭ ބާބު) ގެ ޤާނޫނީ ހައިޘިއްޔަތާމެދު ސުވާލު އުފެދޭކަމަށާއި، އެހެނީ، އެޤާނޫނުގެ 77 ވަނަ މާއްދާއިން "ސިޔާސީ ޙަރަކާތް" މާނަކޮށްފައިވާކަމާއި، ސިޔާސީ ޙަރަކާތާބެހޭ މައިގަނޑު މާއްދާއަކީ، އެޤާނޫނުގެ 53 ވަނަ މާއްދާ ކަމަށްވުމާއެކު، އެމާއްދާ ބާޠިލުވެއްޖެނަމަ އެޤާނޫނުގެ 77 ވަނަ މާއްދާގައި ބުނެފައިވާ "ސިޔާސީޙަރަކާތް" މިޢިބާރާތްވެސް ބާޠިލުވާނެކަން ސާފުނުވާކަމަށާއި، އަދި އެޤާނޫނުގެ 53 ވަނަ މާއްދާ ތަފްސީލުކޮށްފައިވަނީ އިސްވެބުނެވުނު ޤަވާއިދުގެ 19 ވަނަ ބާބުން ކަމަށްވުމުން، އެމާއްދާ ބާޠިލްވުމުން އިސްވެ ބުނެވުނު ޤަވާއިދުގެ 19 ވަނަ ބާބަށް ޢަމަލުކުރެވިދާނެކަން ސާފުނުވާކަމާއި އެކަންކަމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެބުނެވުނު ޙުކުމް ހަމަހިމޭންވެފައިވުން ކަމަށްބުނެ ފާހަކޮށްފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، ސިވިލް ސަރވިސްގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ މަޤްސަދު ޙާސިލްވެފައިވާ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްކަމަށާއި އެހެންކަމާއެކު އެޤާނޫނުގެ 53 ވަނަ މާއްދާގެ ޢިބާރާތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ޢިބާރާތުގައި ތަފާތުތައް ހުއްޓަސް އެޤާނޫނުގެ 53 ވަނަ މާއްދާއަކީ ބާޠިލްކުރަންޖެހޭ މާއްދާއެއްނޫންކަމަށާއި، އެހެނީ، ސިވިލް ސަރވިސްއެއްގެ ބޭނުމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ، ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރެއްގެ ސިޔާސަތު ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ތަންފީޒުކުރުންކަމަށް ވީހިނދު، އަދި އެޤާނޫނުގެ 77 ވަނަ މާއްދާގައި "ސިޔާސީޙަރަކާތް" މިޢިބާރާތް މާނަކޮށްފައިވީހިނދު، އަދި އެޤާނޫނުގެ 53 ވަނަ މާއްދާގެ ތަފްޞީލު، "ސިވިލް ސަރވިސް ޤަވާޢިދު" ގެ 19 ވަނަ ބާބުގައި ބަޔާންކޮށްފައިވުމުން، އަދި މިމާއްދާތަކާއި އިސްވެބުނެވުނު ބާބުގައި ސިޔާސީ ޙަރަކާތް ތަފްޞީލުކޮށްފައިވަނީ، ދުނިޔޭގެ މިނިވަން ދިމުޤުރާތީ މުޖުތަމަޢުތަކުގައިވެސް ސިވިލްސަރވިސްގެ ޚިދުމަތުގައި ތިބޭމުވައްޒަފުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން ޤައިދުކުރާ ދަރަޖައެއްގައިކަމަށް ޤަބޫލުކުރެވޭތީ އެޤާނޫނުގެ 53 ވަނަ މާއްދާއަކީ، ބާޠިލްކުރެވެންވާނެ މާއްދާއެއްކަމަށް ޤަބޫލުނުކުރެވުން ކަމަށްބުނެ ފާހަކޮށްފައިވާ ސަބަބެކެވެ.
ތިންވަނަ ސަބަބަކީ، ސިވިލް ސަރވިސްގެ ޤާނޫނުގައި ބުނެފައިވާ "ސިޔާސީ ޙަރަކާތް" މިޢިބާރާތް މާނަކުރުމަށްޓަކައި އެޤާނޫނުގެ 53 ވަނަ މާއްދާއާއި 77 ވަނަ މާއްދާއާއި "ސިވިލް ސަރވިސް ޤަވާއިދު" ގެ 19 ވަނަ ބާބު (ސިޔާސީ ޙަރަކާތްތަކާބެހޭ ބާބު) ކިޔަންޖެހޭނީ އެކުއެކީގައި ކަމުގައިވީނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެބުނެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގައި އިސްވެބުނެވުނު މާއްދާތަކާއި ބާބު އެކީ އެކައްޗަކަށް ވިދާޅުވެފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، އެޤާނޫނުގެ 53 ވަނަ މާއްދާ ބާޠިލްކުރުމުން، ދިވެހި ސިވިލް ސަރވިސްގައި އުޅޭ ހުރިހާ މުވައްޒަފުންނަށް ސިޔާސީ ޙަރަކާތްތަކުގައި އުޅުމުގެ ފުރުޞަތު ލިބިދާނެކަމަށް ފެންނާތީ، މިއީ، ސިވިލް ސަރވިސްގެ މަޤުޞަދު ޙާޞިލްވާނެ ކަމެއްކަމަށް ނުފެނުން ކަމަށްބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
4މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، މިމައްސަލަ މިކޯޓަށް އިލްތިމާސްކުރުމަށް ހުށަހެޅި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި މިމައްސަލައިގެ އިލްތިމާސްގެ ދައުވާ ރައްދުވާ ފަރާތްކަމުގައިވާ […] މުޙައްމަދު ހާނިމްގެ ފަރާތުން ދައްކަވާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/12 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ މައްޗަށާއި، މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކަވާފައިވާ ވާހަކަތަކަށާއި، މިމައްސަލައާ ގުޅޭގޮތުން ދެފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ، މިމައްސަލައާގުޅޭ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން މިކޯޓުން މިމައްސަލަބެލި ފަސް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޙުމަދު މުޢުތަސިމް އަދުނާނު ފިޔަވައި އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިންއާއި، ފަނޑިޔާރު ޢަބްދުﷲ ސަޢީދުއާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ދައުލަތެއްގައި ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން އެންމެ ބާރުގަދަ، ޤާނޫނަކީ، ޤާނޫނުއަސާސީކަމާއި ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް އެއްވެސް ޤާނޫނެއް ނުވަތަ ޤަވާއިދެއް ނެހެދޭނެކަމާއި، ޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް އެހެން އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާއިދެއް ނުވަތަ ޤަވާއިދެއްގެ ބައެއް އޮތްނަމަ އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާއިދެއް ނުވަތަ ޤަވާއިދެއްގެ ބައެއްގެ ޤާނޫނުއަސާސީއާ ޚިލާފުވާ މިންވަރެއް ބާޠިލްވާނެކަމާއި މިކަންކަން މަބުދައު ސުމުއްވިއްދުސްތޫރި (ޕްރިންސިޕަލް އޮފް ސުޕުރަމަސީ އޮފް ކޮންސްޓިޓިއުޝަން) ގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، މިއުޞޫލު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ނައްޞުން ކަނޑައެޅި ބަޔާންވެފައިވާކަމާއި، މިގޮތުން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ދިވެހިދައުލަތުގެ އެންމެހައި ބާރުތައްހިންގާންވާނީ މިޤާނޫނުއަސާސީގައި ވާގޮތުގެމަތިން ކަމަށް ކަނޑައެޅި ބަޔާންވެފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީގެ ދެވަނަބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމާ ތަޢާރުޟްވާނަމަ، އެޤާނޫނެއް ނުވަތަ އެޤާނޫނަކުން އެޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟްވާ މިންވަރެއްވާނީ ބާޠިލް އެއްޗަކަށްކަމަށް ކަނޑައެޅި ބަޔާންވެފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގައި މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުންއަންނަ އެންމެހައި ޤާނޫނުތަކާއި ޤަވާއިދުތަކާއި ޤަރާރުތަކާއި ޢިއުލާންތަކުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟްވާ އެންމެހައި ކަންތައްތައް މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު ބާޠިލްވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދަންވާނީ މިޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަމަށާއި، މިޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރަންވާނެކަމަށާއި މިޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހަދާކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށް ކަމަށާއި އަދި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެކަމަށާއި، މިޤާނޫނުއަސާސީއާ ޚިލާފަށްކުރާ ކޮންމެކަމަކީ ބާޠިލްކަމެއްކަމަށް ކަނޑައެޅި ބަޔާންވެފައިކަމާއި މިކަންކަން މިމަގަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވަނީ އެއްވެސް ޖަދަލަކަށް ނުވަތަ ބަހުޘަކަށް ތަންނުދޭ މިންވަރަށް، މަބްދައު ސުމުއްވިއްދުސްތޫރިގެ މަބްދައު، ނައްޞުން ކަނޑައަޅައި ބަޔާންކޮށްފައިކަން ވަރަށް ސާފުކޮށް އެނގެން އޮންނައޮތުމެވެ.
(ށ) ދެވަނަކަމަކީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ކަނޑައެޅި ބަޔާންވެފައިވާކަމާއި މިޙައްޤު އެމާއްދާގެ ދަށުން ކަނޑައެޅިފައިވަނީ އަސާސީ ޙައްޤުތަކާއި މިނިވަންކަން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ކަމާއި އަދި ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ކަށަވަރުކޮށްދީފައިވާ މިޙައްޤު، އެމާއްދާގެ އެއަކުރުގައި ކަށަވަރުކޮށްދީފައިވާނީ އެއްވެސް ޤައިދަކާނުލައި، މުޠްލަޤުގޮތެއްގައިކަމާއި މިކަންކަން ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ނައްޞުން ސާފުކޮށް އެނގެން އޮންނައޮތުމެވެ.
(ނ) ތިންވަނަކަމަކީ ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 53ވަނަ މާއްދާގެ ޢިބާރާތުގައިވަނީ "ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ." މިފަދައިންކަން އެނގެން އޮތުމުން، މިމާއްދާ ޢިބާރާތްކުރެވިފައިމިވަނީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން، އެއްވެސް ޤައިދެއްނެތި، މުޠުލަޤުގޮތެއްގައި ކަށަވަރުކޮށްދީފައިވާ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ޙައްޤުން ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެންމެހާ މުވައްޒަފުން މުޅިން މަޙްރޫމްވެ، އެޙައްޤު އެމީހުންގެ ކިބައިން މުޅިން ނިގުޅިގެންދާފަދަ ގޮތަށްކަން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ޞަރީޙަ ޢިބާރާތުން ސާފުކޮށް އެނގެން އޮތުމުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ޢިބާރާތް އައިސްފައިމިވަނީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަނައްޞާ ކަނޑައެޅިގެން ފުށުއަރާ، ތަޢާރުޟުވާގޮތަށްކަން ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އަށާއި ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 53 ވަނަ މާއްދާގެ ޢިބާރާތަށް އަޅާބެލުމުން ސާފުކޮށް އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ޤާނޫނުއަސާސީގައި، އަސާސީ ހައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވަނީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިކަމާއި އެބާބު ފެށެނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއިންކަން އެނގެން އޮންނައިރު، އެމާއްދާގެ (ހ) ގައި: މިބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މިޤާނޫނުއަސާސީ ކަށަވަރުކޮށްދޭކަމަށާއި އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށް ކަނޑައެޅި ބަޔާންވެފައި އޮތްއޮތުމުގެ މައްޗަށްބަލާއިރު، މިމާއްދާގައިވާ މިއުޞޫލުގެމަތިން ޤާނޫނުއަސާސީގެ އެއްވެސް މިންވަރެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތައާރުޟުނުވާ ގޮތެއްގެމަތިންކަން ސާފުކަންބޮޑު، ޞަރީޙަގޮތެއްގައި މިމާއްދާއިން އެނގެންއޮތްއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގެ އިބާރާތް އައިސްފައިވަނީ، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގައި ވަކިފަރާތެއް އިސްތިސްނާކުރުމެއްނެތި، އެންމެހާ ރައްޔިތުންނަށް ޝާމިލްވެ ޢާންމުވާގޮތުގައި، އަދި އެބައިމީހުންނަށް އެއްވެސް ޤައިދެއްނެތި، މުޠުލައު ގޮތެއްގައި، ކަށަވަރުކޮށް، ލިބިދީފައިވާ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި، ބައިވެރިވުމުގެ އަސާސީ ޙައްޤުން ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ ހުރިހާ މުވައްޒަފުން މުޅިން މަޙްރޫމްކޮށް އެއަސާސީ ޙައްޤު އެމީހުންގެ ކިބައިން މުޅިން ނިގުޅިގެންދާ ގޮތަށްކަން ސާފުކޮށް އެނގެންއޮތުމުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ ޢިބާރާތްކުރެވިފައިވަނީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ކަނޑައެޅިގެން ތަޢާރުޟުވާގޮތަށްކަން ފާޅުކަންބޮޑު ގޮތެއްގައި އެގޭކަމާއި އެހެންކަމުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ ފަރުމާކުރެވި، އިބާރާތްކުރެވިފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީހަމަތަކާ މުޅިންޚިލާފަށްކަމާއި، އަދި ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެނައްޞާ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ނައްޞު ކަނޑައެޅިގެން ތަޢާރުޟުވާކަން އެއީ، މިދެމާއްދާގެ ޢިބާރާތަށް ބެލުމުން ކަނޑައެޅިގެން އެނގެންއޮތް ޙަޤީޤަތެއް ކަމަށްވުމުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ޢިބާރާތް އައިސްފައިވަނީ، ޤާނޫނުއަސާސީގެ އިސްވެ އިޝާރާތްކުރެވުނު ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއާއި، 63 ވަނަ މާއްދާއާއި، 66 ވަނަ މާއްދާއާއި، 268 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ މަބްދައު ސުމުއްވިއްދުސްތޫރި (ޕްރިންސިޕަލް އޮފް ސުޕްރަމަސީ އޮފް ކޮންސްޓިޓިއުޝަން) ގެ ހަމަތަކާ ވެސް ކަނޑައެޅިގެން ޚިލާފްވާގޮތަށްކަން ސާފްކަން ބޮޑުގޮތެއްގައި އެނގެން އޮންނަ ކަމެވެ.
(ބ) ފަސްވަނަކަމަކީ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 77 ވަނަ މާއްދާގައި "ސިޔާސީ ޙަރަކާތް" މާނަކޮށްފައިވާ ގޮތަށްބަލާއިރު، އެމާއްދާގައި ބުނަނީ: "ސިޔާސީ ޙަރަކާތް" ކަމަށް ބުނެފައި އެވަނީ ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ޙަރަކާތެއް ނުވަތަ ޢަމަލެއްގައި ބައިވެރިވުމަށެވެ.
(ހ) އެއްވެސް ސިޔާސީ ފަރާތަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ޙަރަކާތެއް ހިންގުމާއި އެފަދަ ޙަރަކާތެއްގައި ބައިވެރިވުން.
(ށ) އެއްވެސް ސިޔާސީ ފަރާތަކާ ދެކޮޅަށް އެއްވެސް ޙަރަކާތެއް ހިންގުމާއި އެފަދަ ޙަރަކާތެއްގައި ބައިވެރިވުން
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން ބާއްވާ އެއްވެސް އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ގޮތުންނާއި ތާއީދު ހޯދުމުގެ ގޮތުން ނުވަތަ އެއްވެސް ކެންޑިޑޭޓަކާއި އިދިކޮޅަށް އެއްވެސް މަސައްކަތެއްކުރުން.
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބަކަށް ކެންޑިޑޭޓެއްގެ ގޮތުން ކުރިމަތިލުމާއި ކެންޑިޑޭޓަކަށްވުމަށް ކުރަންޖެހޭ އެއްވެސް "މަސައްކަތެއްކުރުން." މިފަދައިންކަން އެނގެން އޮންނައިރު، މިބުނެވުނު ޤާނޫނުގެ 77 ވަނަ މާއްދާގައި "ސިޔާސީ ޙަރަކާތް" މާނަކޮށްދިނުމުގެ ގޮތުން ބަޔާންކޮށްފައިވާ، މަތީގައި ބަޔާންކުރެވިފައިވާ އަކުރުތަކަށް ނަޒަރުކޮށް ވިސްނައި ބަލާއިރު، މިމާއްދާގައި "ސިޔާސީ ޙަރަކާތް" މާނަކޮށްދިނުމުގެ ގޮތުން މިބުނެވުނު އަކުރުތަކުގެ ތެރެއިން (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކުރެވިފައިވާ ކަންކަމަށް ނަޒަރުކޮށްބަލާއިރު މިހަތަރު އަކުރުގެ ދަށުގައި ބަޔާންކުރެވިފައިވާ ކަންކަމަކީ، ސިޔާސީ ޙަރަކާތުގެ ގޮތުގައި ކުރެވިދާނެކަމަށް މީހެއްގެ ވިސްނުމަށް އައިސްފާނެ އެންމެހައި ކަންކަން މިއަކުރުތަކުގެ ދަށުގައި އެއްކޮށް ޝާމިލުކުރުމުގެ ގޮތުން ބަޔާންކުރެވިފައިވާ ކަންތައްތަކެއްކަން އެނގޭކަމާއި، އެކަން މިއަކުރުތަކުގެ (ހ) އާއި (ށ) ގައި ބަޔާންކުރެވިފައިވާ ކަންކަމަށް ބެލުމުން އިތުރަށް ކަށަވަރުވެ ޔަޤީންވާކަމާއި، އެހެނީ މިބުނެވުނު މާއްދާގެ "ސިޔާސީ ޙަރަކާތް" މިޢިބާރާތުގެ ތިރީގައިއެވާ (ހ) ގައި "އެއްވެސް ސިޔާސީ ފަރާތަކަށް ތައީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ޙަރަކާތެއް ހިންގުމާއި އެފަދަ ޙަރަކާތެއްގައި ބައިވެރިވުން" މިފަދައިން ބަޔާންކޮށްފައިވުމުން، ވަކިސިޔާސީ ފިކުރެއް ޤަބޫލުކޮށް އެފިކުރު ފަތުރަން މަސައްކަތްކުރާ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަށްޓަކައި އެފަދަ ޕާޓީއެއްގައި މީހަކު، އޭނާގެ ނަން ރަޖިސްޓަރީކުރާ ކުރުމަކީވެސް މީހަކު ރަސްމީ ސިފައެއްގައި އޭނަގެ ސިޔާސީ އުއްމީދުތައް ޙަޤީޤަތަށް ހެދުމަށްޓަކައި އޭނާ ފުރަތަމަހިންގާ ޙަރަކާތް ނުވަތަ ޢަމަލުކަމަށް ބެލުމުގެ ޖާގަ އޮތްހިނދު، މިފަދަކަމެއްވެސް ކުރުމަކީ ސިޔާސީ ޙަރަކާތެއްކަމަށް (ހ) ގެ މިޢިބާރާތުން މާނަކުރެވިދާނެކަމަށް ވުމުން، ބުނެވުނު ޤާނޫނުގެ 77 ވަނަ މާއްދާގައި "ސިޔާސީ ޙަރަކާތް" މާނަކޮށްފައިވަނީ، ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން އެޤާނޫނުގެ ބޭނުމަށްޓަކައި ވަކިބާވަތެއްގެ ސިޔާސީ ޙަރަކާތް މާނަކުރަންނޫންކަމާއި، އަދި އެޤާނޫނުގެ 77 ވަނަ މާއްދާގައި "ސިޔާސީ ޙަރަކާތެއް" މާނަކުރެވިފައިވަނީ އެޤާނޫނުގެ 53 ވަނަ މާއްދާގައި ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިނުވެވޭކަމަށް، މުޠުލަޤު ގޮތެއްގައި މަނާކުރިކުރުން އިތުރަށް ކަށަވަރު ކުރުމަށްޓަކައިކަން ފާޅުކަންބޮޑު ގޮތެއްގައި އެނގެންއޮތުމުން ބުނެވުނު ޤާނޫނުގެ 53 ވަނަ މާއްދާއާއި އަދި އެމާއްދާގައިބުނާ "ސިޔާސީ ޙަރަކާތް" މާނަކުރާ އެޤާނޫނުގެ 77 ވަނަ މާއްދާގެ "ސިޔާސީ ޙަރަކާތް" މިޢިބާރާތް މާނަކޮށްފައިވަނީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ކަނޑައެޅިގެން ތަޢާރުޟުވާގޮތަށްކަން އިތުރަށް ކަށަވަރުވެ އެނގެން އޮންނަކަމެވެ.
ހަވަނަކަމަކީ، ޤާނޫނު އަސާސީގައި، އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވަނީ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ކަމާއި، އެބާބު ފެށެނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއިންކަމާއި އަދި އެބާބު ނިމެނީ ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގެ ނިޔަލަށްކަން އެނގެން އޮންނަހިނދު، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ނައްޞަށް ބަލާއިރު، ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް މުޅިންއެކަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓޭނީ ހަމައެކަނި އެންމެ ޙާލަތެއްގައިކަމާއި އެޙާލަތަކީ އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މުޅިން އެކަށް ހިފަހައްޓާ ޙާލަތުކަމާއި މިކަންކަން ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއަށް ވިސްނައި ބެލުމުން އެނގެން އޮންނައިރު ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ކަށަވަރުކޮށްދީފައިވާ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ޙައްޤު އެމާއްދާގައި ކަށަވަރުކޮށްދީފައިވަނީ އެއްވެސް ޤައިދަކާނުލައި، މުޠުލަޤުގޮތުގައިކަން ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ)ގެ ނައްޞުން ސާފުކޮށް އެނގެން އޮތްހިނދު ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސާރވިސްގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ ނައްޞު އައިސްފައިވަނީ، ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކަށަވަރު ކޮށްދީފައިވާ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ޙައްޤު މުޅިން ހިފަހައްޓާފައިކަން އެނގެން އޮތްހިނދު، ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން މުޠުލަޤު ގޮތެއްގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު، ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއިން އެކަށް ހިފަހައްޓާފައިވަނީ އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައިކަން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
ހަތްވަނަކަމަކީ، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ރ) ގައި ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަށީގެންވާ މިންވަރަކަށްކަން ސާބިތުކޮށްދިނުމަކީ، ދަޢުލަތުގެ ނުވަތަ އެޙައްޤެއް ނުވަތަ އެމިނިވަންކަމެއް ހިފެހެއްޓި ފަރާތެއްގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވާއިރު، މިމައްސަލައާ ގުޅިގެން ދައުލަތް ތަމްޘީލުކުރާ އެޓާރނީ ޖެނެރަލްގެ ފަރާތުން، 26 އޮކްޓޯބަރ 2008 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ޤާނޫނު ނަންބަރު 2007/5 އަދި އޭގެ ދަށުން ހެދިފައިވާ ޤަވާއިދު ހެދިފައިވަނީ 7 އޯގަސްޓް 2008 ގައި ތަޞްދީޤުކުރެވި، މިހާރު ޢަމަލު ކުރެވެމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައިބުނާ 6 ކަމަށް ރިޢާޔަތްކޮށްފަ ނޫންކަމަށްބުނެ އެޓާރނީ ޖެނެރަލްގެ ފަރާތުން އިޤުރާރުވެފައިވާކަން އެނގެން އޮތުމުން ޤާނޫނު ނަންބަރު 2007/5 ހެދިފައިވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބުނާ 6 ކަމަށް ރިޢާޔަތްކޮށްފަ ނޫންކަން ދިވެހިދައުލަތުގެ ފަރާތުންވެސް ޤަބޫލު ކުރާކަން އެނގެން އޮންނަކަމެވެ.
އަށްވަނަކަމަކީ، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ އެޤާނޫނު އަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން، ދިމިޤްރާޠީ މުޖްތަމައެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަމަށް ކަނޑައެޅި ބަޔާންވެފައި ވުމާއެކު
ދުނިޔޭގެ ބައެއް މިނިވަން ދިމިޤުރާޠީ މުޖުތަމަޢުތަކުގައި އެމުޖުތަމަޢުތަކުގެ ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުންނަށް ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެ ޙައްޤު އެމުޖުތަމައުތަކުގެ ޤާނޫނީ އޮނިގަނޑުގެ ދަށުން ތަންޒީމު ކުރެވިފައިވާ ގޮތުގެ މައްޗަށް ބަލާއިރު:
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި "ހެޗް އެކްޓް" ގެ ނަމުން މަޝްހޫރުވެފައިވާ ޤާނޫނެއް އޮންނަކަމާއި އެޤާނޫނަށް ގެނެވުނު އިޞްލާޙުތަކަށް 4 ފެބްރުއަރީ 1994 އިން ފެށިގެން ޢަމަލުކުރެވެމުންދާކަމާއި މިގޮތުން އެޤާނޫނަށް ގެނެވުނު އިޞްލާޙުތައް، އެމެރިކާގެ ހުރިހާ ފެޑެރަލް މުވައްޒަފުންނަށް ޢާންމުވެ ޝާމިލް ވެގެންދާ ޙުކުމްތަކެއް ޤާއިމުކޮށްފައިވާކަމާއި މިގޮތުން އެޤާނޫނުގައި ހުރިހާ ފެޑެރަލް މުވައްޒަފުން ތިން ގިންތިއަކަށް ގިންތިކޮށްފައިވާކަމާއި، ފުރަތަމަ ގިންތީގައި ހިމެނޭ މުވައްޒަފުންނަކީ އެމެރިކާގެ ސެނެޓްގެ ރުހުންލިބިގެން އެމެރިކާގެ ރައީސްގެ ފަރާތުން ޢައްޔަންކުރާ މުވައްޒަފުންކަމާއި މިގިންތީގައި ހިމެނޭ މުވައްޒަފުންގެ ތެރޭގައި ސެކްރެޓެރީން (ވަޒީރުން) ނާއި، ޑެޕިއުޓީ ސެކްރެޓެރީން (ވަޒީރުންގެ ނާއިބުން) ނާއި އެސިސްޓެންޓް ސެކްރެޓަރީން (ވަޒީރުންގެ އެހީތެރިން) ނާއި އެޓާރނީ ޖެނެރަލްގެ އެހީތެރިޔާ (ސޮލިސިޓާ) ފަދަ މުވައްޒަފުން ހިމެނޭކަމާއި، މިފަދަ މަޤާމުތަކަށް ޢައްޔަންކުރެވޭ މުވައްޒަފުންނަކީ ޢާންމުގޮތެއްގައި އެމީހުންގެ ރަސްމީ ޑިއުޓީ ގަޑިތަކުގައިވެސް ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެވިދާނެ ބައެއްކަމާއި އަދި މިމީހުންނަށް ކަނޑައެޅިފައިވާ ޤައިދުތަކަކާއެކު ސަރުކާރުގެ ޢިމާރާތްތަކުގައިވެސް މިފަދަ މުވައްޒަފުންނަށް ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެވިދާނެކަމާއި ދެވަނަ ގިންތީގައި ހިމެނޭ މުވައްޒަފުންނަކީ އެމެރިކާގެ ސެނެޓްގެ ރުހުމާއެކު ރައީސް ޢައްޔަންކުރާ މުވައްޒަފުންނަށް ނުހިމެނޭ މުވައްޒަފުންކަމާއި މިގިންތިއަކީ ދައުލަތުގެ އެންމެ ގިނަ މުވައްޒަފުން ފުޅާދާއިރާއެއްގައި ތަމްސީލުކުރާ ގިންތިކަމާއި މިގިންތީގެ ތެރޭގައި ފުލްޓައިމް، ޕާޓް ޓައިމް، ވަގުތީ މުވައްޒަފުންނާއި އަދި ދައުލަތުގެ ޚާއްސަ މުވައްޒަފުން ހިމެނޭކަމާއި މިގިންތީގެ މުވައްޒަފުންނަކީ، ބައެއް ޤައިދު ތަކަށް ތަބާވާންޖެހޭ ބައެއްކަމާއި ނަމަވެސް މިގިންތީގެ މުވައްޒަފުންނަށް އެމީހުންގެ ރަސްމީ ގަނޑި ނޫންގަޑިތަކުގައާއި އަދި އެމީހުން ވަޒީފާއަދާކުރާ ސަރުކާރުގެ އޮފީސް ނޫން ތަންތަނުގައި ސިޔާސީ ޕާޓީގެ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމަށް ހުރަހެއް ނެތްކަމާއި ތިންވަނަ ގިންތީގައި ހިމެނޭ މުވައްޒަފުންގެ ތެރޭގައި އިދާރީ ޤާނޫނާބެހޭ މައްސަލަތައްބަލާ ފަނޑިޔާރުންނާއި ބޯޑް އޮފް ކޮންޓްރެކްޓް އެޕީލްސްގެ މެމްބަރުން ހިމެނޭކަމާއި މިގިންތިއަކީ، ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން އެންމެ ބޮޑަށް ލިމިޓްކޮށް ޤައިދުކުރެވިފައިވާ ގިންތިކަމާއި، އެއީ އެމީހުން އަދާކުރާ ވަޒީފާތަކަކީ އެނޫން މުވައްޒަފުން އަދާކުރާ ވަޒީފާތަކާ މުޅިންތަފާތު، ވަކި ޚާއްސަ ސިފައެއް ލިބިފައިވާ ވަޒީފާތަކެއް ކަމުގައިވާތީކަމާއި މިގިންތީގައި ހިމެނޭ މުވައްޒަފުންނަކީ އެމީހުންގެ އޮފް ޑިއުޓީގައާއި އަދި ސަރުކާރުގެ އޮފީހުން ބޭރުގައި ވެސް، ޙަރަކާތްތެރި ސިޔާސީ އެއްވެސް ކެމްޕެއިންއެއްގައިވެސް އަދި ސިޔާސީ ކަމެއް ހިންގުމުގައި ނަމަވެސް ބައިވެރިނުވެވޭނެ ބައެއްކަމާއި މިކަންކަން އިސްވެ އިޝާރާތްކުރެވުނު "ހެޗް އެކްޓް" އާބެހޭ ދިރާސާތަކުން އެނގެން އޮންނާތީއާއި،
އިނގިރޭސިވިލާތުގެ ސިވިލް ސާރވިސް ކޯޑް 2010 އަށް ބަލާއިރު، ސިވިލް ސާރވިސްގެ މަސައްކަތްކުރާ ފަރާތްތަކުން ތަބާވުން ލާޒިމް އަޚްލާޤީ މިންގަނޑުތަކެއް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، އޭގެ ތެރޭގައި ސިޔާސީ ގޮތުން، ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރުން ލާޒިމުކުރާކަމާއި މިގޮތުން އެއިރެއްގެ އޮންނަ ސަރުކާރުގެ ކޮންމެ ކަހަލަ ސިޔާސީ ވިސްނުމެއް ހުރިކަމުގައިވިޔަސް، އެމީހެއްގެ ހުރި އެންމެ ފުރިހަމަ ކުޅަދާނަކަމާއެކު، މިކޯޑްގައި ބަޔާންކުރެވިފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށްގެން ސިޔާސީގޮތުން ތިމާހުރީ ވަކި އަތަކަށް ނުޖެހިކަން ކަށަވަރުވާ މިންވަރަށް ދައުލަތަށް ޚިދުމަތްކުރަން ޖެހޭކަމާއި، އަދި އެމީހަކު އެވަޒީފާއަދާކުރާ މިނިސްޓްރީއެއްގެ ވަޒީރުގެ އިތުބާރު ތިމާއާމެދު އޮންނަކަން ދައްކުވައިދޭ މިންވަރަށް ތިމާ މަސައްކަތްކުރަންވާނެކަމާއި އަދި ހަމައެއާއެކު މުސްތަޤުބަލުގައި އަންނަ ސަރުކާރެއްގައި ތިމާ ޚިދުމަތްދޭ ފަރާތްތަކާމެދު އިތުބާރުހުރި ގުޅުމެއް އުފެއްދިދާނޭކަން ވެސް ތިމާ ކަށަވަރު ކޮށްދޭންޖެހޭކަމާއި، އަދި ސިވިލް ސާރވިސްގައި މަސްއަކަތްކުރާ މުވައްޒަފުންގެ ސިޔާސީ ޙަރަކާތްތައް ޤައިދުކޮށް ހަނިކުރުމުގެ ގޮތުން ކަނޑައެޅޭ އުޞޫލުތަކަށް ތަބާވުން ލާޒިމުވާކަމާއި، އަދި ސިޔާސީ ގޮތުން ތިމާވަކި އަތަކަށްނުޖެހި މަސައްކަތްކުރާކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ތިމާ އަމުދުން ކޮށްގެން ނުވާނެ ކަންތައްތަކެއްވެސް އެކޯޑްގައި ބަޔާންކޮށްފައިވާކަމާއި އޭގެ ތެރޭގައި ވަކި ސިޔާސީ ޕާޓީއެއްގެ ސިޔާސީ ފިކުރު ދަމަހައްޓަން މަސައްކަތްކުރުމާއި އަދި ރަސްމީ ރިސޯސްތައް ސިޔާސީ ޕާޓީގެ ބޭނުމަށްޓަކައި ބޭނުންކުރުމާއި އަދި ރަސްމީގޮތުން ތިމާ ސިޔާސީ ވިސްނުމާއި ފިކުރު ހިއްސާކުރުން ފަދަ ކަންކަން ހިމެނޭކަން އެނގެން އޮންނާތީއާއި އަދިވެސް އިނގިރޭސިވިލާތުގެ ސިވިލް ސާރވިސް މެނޭޖްމަންޓް ކޯޑަށް ބަލާއިރު: ސިވިލް ސާރިވިސްގައި ޚިދުމަތްކުރާ މުވައްޒަފުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން މުޠުލަޤުގޮތެއްގައި މަނާކޮށްފައިނުވާކަމާއި، މިގޮތުން އެކޯޑްގައި ސިވިލް ސާރވިސް ގައި ޚިދުމަތްކުރާ މުވައްޒަފުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައިޘިއްޔަތުން ސިވިލް ސާރވިސްގެ މުވައްޒަފުން ތަފާތު ގިންތިތަކަކަށް ބަހާލެވިފައިވާކަމާއި އޭގެތެރެއިން ފުރަތަމަ ގިންތިއަކީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން އެމީހުންގެ މައްޗަށް މަތީ މިންވަރަކަށް ޤައިދު ކުރެވިފައިވާ ގިންތިއެއްކަމާއި އެގިންތީގެ ތެރޭގައި ސިވިލްސާރވިސްގެ ސީނިއާ މެމްބަރުންނާއި އަދި ސީނިއާ މެމްބަރުންނާ ޖެހިގެން ދެންތިބޭ މުވައްޒަފުންނާއި ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ފުރަތަމަ ސްޓްރީމްގެ މެމްބަރުން ހިމެނޭކަމާއި މިއެންމެންނީ ޤައުމީ ލެވެލްގެ އެއްވެސް ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެވޭނެ ބައެއްނޫންކަމާއި ނަމަވެސް ޚާއްސަ ހުއްދައަކާއެކު ލޯކަލް ލެވެލްގެ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެވިދާނެކަމާއި މިޙާލަތުގައި އެމީހުން މަސައްކަތްކުރާ ޑިޕާރޓްމަންޓްގެ ނުވަތަ އެޖެންސީގެ ފަރާތުން ކަނޑައަޅާ ޝަރުޠުތަކަށް ފުރިހަމައަށް ކިޔަމަންވާންވާނެކަމާއި ދެވަނަ ގިންތިއަކީ، ސިޔާސީގޮތުން މިނިވަން ގިންތިއެއްކަމާއި މިގިންތި މަސައްކަތްކުރާ ޑިޕާރޓްމަންޓްތަކުން ނުވަތަ އެޖެންސީތަކުން އެމީހުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރިހަމަ މިނިވަންކަންދިނުން ލާޒިމުވެގެންވާކަމާއި ތިންވަނަ ގިންތިއަކީ ކުރިން މިބުނެވުނު ދެގިންތިއަށް ނުހިމެނޭ ގިންތިއެއްކަމާއި މިގިންތިއަށް ނިސްބަތްވާ މުވައްޒަފުން ޤައުމީ، ނުވަތަ ލޯކަލް ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެވޭނީ އެކަމަށް ޚާއްޞަ ހުއްދައެއް ހޯދައިގެންކަމާއި މިކަންކަން އިނގިރޭސިވިލާތުގެ ސިވިލް ސަރވިސް މެނޭޖްމަންޓް ކޯޑަށް ބެލުމުން އެނގެން އޮނާތީއާއި
ކެނެޑާގެ ޕަބްލިކް ސާރވިސް އެންޕްލޮއިމެންޓް އެކްޓްގެ މާއްދާތަކަށް ބަލާއިރު ދައުލަތުގެ ޚިދުމަތުގައި މަސައްކަތްކުރާއިރު، ސިޔާސީގޮތުން ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރުމުގެ އުޞޫލަށް ރައްކާތެރިވުމާއެކު ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އިންތިޒާމް އެޤާނޫނުގައި ހަމަޖެހިފައިވާކަމާއި މިގޮތުން ވަކިފަރާތަކަށްނުޖެހި ޕަބްލިކް ސަރވިސްގެ މުވައްޒަފުން އެބައިމީހުންގެ ވާޖިބުތައް އަދާކުރުމުގެ ކުޅަދާނަކަމަށް އެއްވެސް މިންވަރެއްގެ ހީނަރުކަމެއް ނާންނާނޭ ގޮތުގެމަތީން ކޮންމެކަހަލަ ސިޔާސީ ޙަރަކާތެއްގައި ޕަބްލިކް ސަރވިސްގެ މުވައްޒަފުންނަށް ބައިވެރިވެވިދާނެކަމާއި، އަދިހަމައެވަގުތު، ޕަބްލިކްސާރވިސްގެ މުވައްޒަފުން، ސިޔާސީގޮތުން ވަކިފަރާތަކަށްނުޖެހި އެބައިމީހުންގެ ވާޖިބުތައް އަދާކުރުން ކަށަވަރު ކުރުމަށްޓަކައި ސިޔާސީ ޙަރަކާތްތައް ޤައިދުކުރާ ޤަވާއިދުތައް ހެދުމުގެބާރު ދައުލަތުގެ އެކިއެކި އިދާރާތަކުގެ ކަމާބެހޭ ވެރިންނަށް ލިބިދީފައިވާކަމާއި މިގޮތުން ޤަވާއިދު އެކަށައެޅުމުގައި އެސިޔާސީ ޙަރަކާތެއްގެ ޠަބީޢަތަށާއި އަދި އެމުވައްޒަފެއްގެ ވާޖިބުތަކުގެ ޠަބީޢަތަކާއި އެމީހުން މަސައްކަތްކުރާ ތަންތަނަށް ރިޢާޔަތްކުރެވިދާނެކަމާއި، މިކަންކަން އެޤާނޫނަށް ބެލުމުން އެނގެންއޮންނާތީއާއި
އޮސްޓްރޭލިޔާގެ ޕަބްލިކް ސަރވިސް އެކްޓަށް ބަލާއިރު އެއެކްޓްގެ 10 ވަނަ މާއްދާގައި ޕަބްލިކް ސަރވިސްއިން އަބަދުވެސް ތަބާވާންޖެހޭ އަޚްލާޤީ މިންގަނޑުތަކެއް ބަޔާންކުރެވިފައިވާކަމާއި މިގޮތުން އެމާއްދާގެ 1 ގެ (a) ގައި ޕަބްލިކް ސަރވިސްއިން ސިޔާސީގޮތުން އެއްވެސް އަތަކަށް ނުޖެހި މަސައްކަތުގެ އަޚްލާޤުގައި ހިފަހައްޓައިގެން މަސައްކަތްކުރަންޖެހޭކަމާއި އަދި އެއެކްޓްގެ 13 ވަނަ މާއްދާއަށް ބަލާއިރު އެމާއްދާއަކީ ޕަބްލިކް ސަރވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް ބަޔާންކުރާ މާއްދާކަމާއި އެމާއްދާގައި 13 މިންގަނޑެއް ބަޔާންކޮށްފައިވާއިރު އޭގެތެރެއިން އެއްވެސް މިންގަނޑެއްގައި ސިޔާސީ އެއްވެސް ޙަރަކާތެއްގައި ޕަބްލިކް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވުން ކަނޑައެޅިގެން މަނާކަމަށް ބަޔާންކޮށްފައި ނުވާކަމާއި މިކަންކަން އޮސްޓްރޭލިއާގެ މިބުނެވުނު ޕަބްލިކް ސަރވިސް އެކްޓަށް ބެލުމުން އެނގެން އޮތުމުން
ބަޔާންކުރެވިދިޔަ މިނިވަން ދިމިޤުރާތީ މުޖުތަމަޢުތަކުގައި، އެމުޖުތަމަޢުތަކުގެ ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުންނަށް ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެ ޙައްޤު އެމުޖުތަމަޢުގެ ޤާނޫނީ އޮނިގަނޑުގެ ދަށުން ތަންޒީމުކުރެވިފައިވަނީ ދިވެހި ސިވިލް ސާރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ގޮތަށްނޫންކަން ސާފުކަންބޮޑު ގޮތެއްގައި އެނގެން އޮންނަކަން ފާހަގަކުރެވޭކަމެވެ.
ނުވަވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/12 ޤަޟިއްޔާގައި މުޙައްމަދު ހާނިމް ކޮށްފައިވާ ދަޢުވާގައި ސިވިލް ސަރވިސްގެ ޤާނޫނުގެ 77 ވަނަ މާއްދާއާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ ސިވިލް ސާރވިސް ޤަވާއިދުގެ 19 ވަނަ ބާބު، ޤާނޫނު އަސާސީގެ މާއްދާއަކާ ފުށުއަރައި، ތަޢާރުޟުވާ ކަމަށްބުނެ ސިވިލް ސަރވިސްގެ ޤާނޫނުގެ 77 ވަނަ މާއްދާ، ނުވަތަ އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުގެ 19 ވަނަ ބާބު ބާޠިލުކޮށްދިނުމަށް އެދިފައިނުވާކަން އެދަޢުވާއާ ގުޅިގެން ޝަރީއަތުގައި ދައްކާފއިވާ ވާހަކައަށް ބެލުމުން އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމްގައި ސިވިލް ސަރވިސްގެ ޤާނޫނުގެ 77 ވަނަ މާއްދާއާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ "ސިވިލް ސާރވިސް ޤަވާއިދު" ގެ 19 ވަނަ ބާބާމެދު ގޮތެއް ކަނޑައަޅާފައި ނުވުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންބަލާއިރު، އެސަބަބަށްޓަކައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްކަމަށް ބެލެވެން ނެތްކަން އެނގެން އޮންނަ އޮތުމެވެ.
ދިހަވަނަކަމަކީ، ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ކޯޓުން ނިންމާފައިވާ ޤާނޫނެއް ނުވަތަ ޤަވާއިދެއް ނުވަތަ ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ކޯޓުން ނިންމާފައިވާކަމެއް އިޞްލާޙުކުރަންޖެހޭ އިދާރާއަކުން އެކަންކުރުމަށް ފުރުޞަތު ދިނުމަށްޓަކައި ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ މަތިން ވަކިމުއްދަތަކަށް ކޯޓުގެ އެނިންމުމަށް ޢަމަލުކުރުން ލަސްކުރުމުގެ އަމުރެއް ނެރުމުގެ ބާރު ދުސްތޫރީ މައްސަލަބެލުމުގެ އިޚްތިޞާޞް ޤާނޫނުއަސާސީގައި ވާގޮތުގެމަތިން ލިބިފައިވާ ކޯޓަށް ލިބިގެންވާކަން ޤާނޫނު އަސާސީގެ 144 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
އެގާރަވަނަކަމަކީ، އިސްވެބަޔާންކުރެވިދިޔަ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/12 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ރަނގަޅު ޙުކުމެއްކަމަށާއި އެހެންކަމުން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްވިއަސް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަބެލި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވުމެވެ.
ޙުކުމް
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/12 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ރަނގަޅު ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަބެލި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންނަށް އިއްތިފާޤްވެވުނުހިނދު އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް މިމައްސަލަބެލި މިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައިފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރަޢުޔު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/12 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި މެދު ހިތް ހަމަނުޖެހިގެން، އެ ޤަޟިއްޔާ އިލްތިމާސް ކުރުމަށް ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުން، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ […] މުޙައްމަދު ހާނިމެވެ. މި ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވަނީ ދިވެހި ދައުލަތުގެ މައްޗަށް މުޙައްމަދު ހާނިމް ހުށަހެޅުމުންނެވެ.
ދިވެހި ދައުލަތުގެ މައްޗަށް […] މުހައްމަދު ހާނިމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދަޢުވާގެ ޚުލާޞާ އަކީ: "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި "ސިޔާސީ ޕާޓީ އުފައްދާ، ހިންގައި، ޕާޓީތަކުގެ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ." މިފަދައިން ބަޔާން ކޮށްފައި އޮތްހިނދު، ދިވެހި ސިވިލް ސާވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި "ދިވެހި ސިވިލް ސާވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ." މިހެން އޮތުމުން ޤާނޫނުއަސާސީން ލިބިދޭ ޙައްޤެއް ސިވިލް ސާވިސް ޤާނޫނުގެ 53 ވަނަ މާއްދާއިން ނިގުޅައި ގަނެފައިވާ ކަމަށް ބުނެ، ޤާނޫނު އަސާސީގެ 66 ވަނަ މާއްދާއާ ޙަވާލާދީ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ދިވެހި ސިވިލް ސާވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ ތަޢާރުޟް ވާތީ، ދިވެހި ސިވިލް ސާވިސް ޤާނޫނުގެ 53 ވަނަ މާއްދާ އަކީ ބާޠިލް މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ."
ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ މިމައްސަލައިގެ ޙުކުމްގައިވަނީ، "ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ނުކުތާތަކަށް ރިޢާޔަތް ކުރާއިރު ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެކަމަށް ބުނެ، މުޠްލަޤް ގޮތެއްގައި ސިޔާސީ ހަރަކާތް އެމާއްދާއިން މުޅިން މަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި "ސިޔާސީ ޕާޓީ އުފައްދާ ހިންގައި ޕާޓީތަކުގެ ޙަރަކާތް ތަކުގައި ބައިވެރި ވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ." މިފަދައިން ބުނެ މި މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުވެސް ނިގުޅައިގަނެ އެ ޙައްޤުން މުޅީން މަޙްރޫމްކުރާ ގޮތެއްގައި ކަން ސާފުކަންބޮޑު ގޮތެއްގައި އެގެން އޮންނަކަމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 63 ވަނަ މާއްދާ އަދި 66 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއަކީ ބާޠިލް މާއްދާއެއް ކަމަށް ކަނޑައަޅައި، ދުސްތޫރީ މައްސަލަތައް ނިންމުމުގައި ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު އެ ޤާނޫނުގެ 53 ވަނަ މާއްދާއިން މުޠްލަޤު ގޮތެއްގައި ހަނިކުރެވިފައިވާ ގޮތް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އުޞޫލާއި އެއްގޮތަށް އިޞްލާޙް ކުރުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް މިއަދު (2008 ޑިސެމްބަރު 03 ވަނަ ދުވަހު) ން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ މުއްދަތައް މި ޙުކުމަށް ޢަމަލު ކުރުން ލަސްކުރުމަށް އަމުރުކޮށްފީމެވެ." މިފަދައިންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިނިންމުން ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމުގައި އަންނަނިވި ނުކުތާތައް ފާހަގަކޮށްފައި ވެއެވެ. އަދި އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުންމެ ވާހަކަ ދައްކާފައިވެއެވެ.
"1. ޤާނޫނު ނަންބަރު 2007/5 (ސިވިލް ސަރވިސް ޤާނޫނު) ގެ 53 ވަނަ މާއްދާ އެކަނި ބާޠިލްކުރުމުން، އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ބުނެފައިވާ "ސިޔާސީ ޙަރަކާތް" މި ޢިބާރާތުގެ މާނައާއި "ސިވިލް ސަރވިސް ޤަވާޢިދުގެ 19 ވަނަ ބާބު (ސިޔާސީ ޙަރަކާތްތަކާބެހޭ ބާބު) ގެ ޤާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދެއެވެ. އެހެނީ، އެ ޤާނޫނުގެ 77 ވަނަ މާއްދާއިން "ސިޔާސީ ޙަރަކާތް" މާނަކޮށްފައިވާ ކަމާއި، ސިޔާސީ ޙަރަކާތާބެހޭ މައިގަނޑު މާއްދާއަކީ އެ ޤާނޫނުގެ 53 ވަނަ މާއްދާކަމަށް ވުމާއެކު، އެ މާއްދާ ބާޠިލް ވެއްޖެނަމަ، އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ބުނެފައިވާ "ސިޔާސީ ޙަރަކާތް"، މި ޢިބާރާތްވެސް ބާޠިލްވާނެކަން ސާފުނުވެއެވެ. އަދި އެ ޤާނޫނުގެ 53 ވަނަ މާއްދާ ތަފްޞީލުކޮށްފައިވަނީ، އިސްވެދެންނެވުނު ޤަވާޢިދުގެ 19 ވަނަ ބާބުން ކަމަށް ވުމުން، އެ މާއްދާ ބާޠިލްވުމުން އިސްވެ ދެންނެވުނު ޤަވާޢިދުގެ 19 ވަނަ ބާބަށް ޢަމަލުކުރެވިދާނެކަން ސާފުނުވާކަމާއި އެކަންކަމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ދެންނެވުނު ޙުކުމް ހަމަހިމޭންވެފައިވުން.
2. ސިވިލް ސަރވިސް ޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ މަޤްޞަދް ޙާޞިލްވެފައިވާ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްކަން. އެހެންކަމާއެކު އެ ޤާނޫނުގެ 53 ވަނަ މާއްދާގެ ޢިބާރާތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 36 (ރަގަޅު ގޮތަކީ 30) ވަނަ މާއްދާގެ (ހ) ގެ ޢިބާރާތުގައި ތަފާތެއް ހުއްޓަސް، އެ ޤާނޫނުގެ 53 ވަނަ މާއްދާއަކީ ބާޠިލްކުރަންޖެހޭ މާއްދާއެއް ނޫންކަން. އެހެނީ، ސިވިލް ސަރވިސްއެއްގެ ބޭނުމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ، ރައްޔިތުން އިންތިޙާބުކޮށްފައިވާ ސަރުކާރެއްގެ ސިޔާސަތު ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ތަންފީޒްކުރުން ކަމަށްވީހިނދު، އަދި އެޤާނޫނުގެ 77 ވަނަ މާއްދާގައި "ސިޔާސީ ޙަރަކާތް" މި ޢިބާރާތް މާނަކޮށްފައިވީ ހިނދު، އަދި އެޤާނޫނުގެ 53 ވަނަ މާއްދާގެ ތަފްޞީލް "ސިވިލް ސަރވިސް ޤަވާޢިދުގެ 19 ވަނަ ބާބުގައި ބަޔާންކޮށްފައިވުމުން، އަދި މި މާއްދާތަކާއި އިސްވެ ދެންނެވުނު ބާބުގައި ސިޔާސީ ޙަރަކާތް ތަފްޞީލްކޮށްފައިވަނީ، ދުނިޔޭގެ މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައިވެސް، ސިވިލް ސަރވިސްގެ ޚިދުމަތުގައިތިބޭ މުވައްޒަފުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން ޤައިދުކުރާ ދަރަޖައެއްގައިކަމަށް ޤަބޫލުކުރެވޭތީ، އެ ޤާނޫނުގެ 53 ވަނަ މާއްދާއަކީ ބާޠިލްކުރެވެންވާނެ މާއްދާއެއްކަމަށް ޤަބޫލުނުކުރެވުން.
3. ސިވިލް ސަރވިސްގެ ޤާނޫނުގައި ބުނެފައިވާ "ސިޔާސީ ޙަރަކާތް" މި ޢިބާރާތް މާނަކުރުމަށްޓަކައި އެ ޤާނޫނުގެ 53 ވަނަ މާއްދާ އާއި 77 ވަނަ މާއްދާ އާއި "ސިވިލް ސަރވިސް ޤަވާޢިދު" ގެ 19 ވަނަ ބާބު (ސިޔާސީ ޙަރަކާތްތަކާބެހޭ ބާބު) ކިޔަންޖެހޭނީ އެކުއެކީގައިކަމަށް ވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެދެންނެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި، އިސްވެދެންނެވުނު މާއްދާތަކާއި ބާބު އެކީ އެކައްޗަކަށް ވިދާޅުވެފައިނުވާކަން.
4. އެ ޤާނޫނުގެ 53 ވަނަ މާއްދާ ބާޠިލްކުރުމުން، ދިވެހި ސިވިލް ސަރވިސްގައިއުޅޭ ހުރިހާ މުވައްޒަފުންނަށް ސިޔާސީ ޙަރަކާތްތަކުގައި އެކީ އެކައްޗަކަށް އުޅުމުގެ ފުރުޞަތު ލިބިދާނެކަމަށް ފެންނާތީ، މިއީ ސިވިލް ސަރވިސްގެ މަޤްޞަދު ޙާޞިލްވާނެ ކަމެއްކަމަށް ނުފެނުން. އެހެންކަމާއިއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ދެންނެވުނު ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމާމެދު ގޮތެއް ނިންމެވުމުގެ ކުރިން އެ ޙުކުމަށް ޢަމަލު ކުރުން ޝަރީޢަތް ނިމެންދެން މަޑުޖައްސަވައިދެއްވުމަށާއި، އެ ޙުކުމް ބާޠިލްކޮށްދެއްވުން އެދި ދަންނަވާފައިވާކަން."
މިމައްސަލަ އިލްތިމާސްކުރުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ ނުކުތާތަކާއިގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި މިމައްސަލައާ ގުޅިގެން ފާހަގަ ކޮށްފައިވާ ޤާނޫނުތަކަށާއި ޤާވާޢިދުތަކަށާއި ޤާނޫނު މާނަ ކުރުމުގައި ގެންގުޅޭ އުޞޫލުތަކަށާއި ދުނިޔޭގެ ބައެއް މިނިވަން ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި އެ މުޖްތަމަޢުތަކުގެ ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތައް ހިފެހެއްޓިފައިވާ ގޮތާއި މިންވަރަށް ނަޒަރުކޮށް، ވިސްނާބެލިއިރު، އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަ ކުރެވެއެވެ.
1. މިމައްސަލައިގައި، އެމާއްދާއެއްގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފެދިފައިވާ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ." މިފަދައިންކަމާއި އެޤާނޫނުގައިވާ ބަސްތަކާއި ލަފްޒުތައް މާނަކުރުމުގެ މާއްދާކަމުގައިވާ އެ ޤާނޫނުގެ 77 ވަނަ މާއްދާގައި "ސިޔާސީ ޙަރަކާތް" މާނަ ކޮށްދީފައިވާކަމާއި، މާނަކޮށްދީފައިވަނީ:
""ސިޔާސީ ޙަރަކާތް" ކަމަށް ބުނެފައި އެވަނީ ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ޙަރަކާތެއް ނުވަތަ ޢަމަލެއްގައި ބައިވެރިވުމަށެވެ.
(ހ) އެއްވެސް ސިޔާސީ ފަރާތަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ޙަރަކާތެއް ހިންގުމާއި އެފަދަ ޙަރަކާތެއްގައި ބައިވެރިވުން.
(ށ) އެއްވެސް ސިޔާސީ ފަރާތަކާ ދެކޮޅަށް އެއްވެސް ޙަރަކާތެއް ހިންގުމާއި އެފަދަ ޙަރަކާތެއްގައި ބައިވެރިވުން.
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުގައި ވާގޮތުގެމަތިން ބާއްވާ އެއްވެސް އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ގޮތުންނާއި ތާއިދު ހޯދުމުގެގޮތުން ނުވަތަ އެއްވެސް ކެންޑިޑޭޓަކާއި ދެކޮޅަށް އެއްވެސް މަސައްކަތެއްކުރުން.
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޙާބަކަށް ކެންޑިޑޭޓެއްގެ ގޮތުގައިކުރިމަތިލުމާއި، ކެންޑިޑޭޓަކަށް ވުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއްކުރުން." މިހެންނެވެ.
2. ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސީސީއިން ލިބިދީފައިވާކަން ޔަޤީންކޮށްދޭ މާއްދާކަމުގައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ: "ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ." މިހެންކަމާއި މި މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ހައްޤުތަކާއި މިނިވަންކަން ބަޔާންކުރާ ބާބުގައި ހިމެނޭ މާއްދާއެއްކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޙައްޤުތަކާ މިނިވަންކަން ބަޔާންކުރާ ބާބުގެ ފަށާ މާއްދާކަމުގައިވާ 16 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ހިމެނޭ އެންމެހައި ޙައްޤުތަކާއި މިނިވަންކަން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތެއްގެމަތީން، ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުން ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެ މަތީން، ހިފެހެއްޓިދާނެކަމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުން ކަށަވަރު ކޮށްދީފައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ޑިމޮކްރެޓިކް މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލު ކުރެވޭ މިންވަރަށް ކަމެވެ.
3. ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣުލަބިއްޔަތުގެ ރަޢުޔަށް ބަލާއިރު، އެ ރަޢުޔުގައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ލިބިދީފައިވާ އަސާސީ ޙައްޤެއް ނިގުޅައިގަނެ އެ ޙައްޤުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މުޅީން މަޙްރޫމްކުރާ ކަން ސާފުކަންބޮޑު ގޮތެއްގައި އެގެން އޮންނާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާ އަދި 66 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއަކީ ބާޠިލް މާއްދާއެއް ކަމަށެވެ.
4. ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުޙަލާގައިވެސް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި އިލްތިމާސްގައި ވެސް އެޓަރނީ ޖެނެރަލް އޮފީހުން ބުނަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ އެއީ ބާޠިލް ކުރަންޖެހޭނެ މާއްދާއެއް ނޫންކަމަށާއި އެމާއްދާގައި ބުނާ "ސިޔާސީ ޙަރަކާތް" މާނަކުރުމަށްޓަކައި އެ ޤާނޫނުގެ 53 ވަނަ މާއްދާ އާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 77 ވަނަ މާއްދާ (މާނަކުރުމުގެ މާއްދާ) އާއި "ސިވިލް ސަރވިސް ޤަވާޢިދު" ގެ 19 ވަނަ ބާބު (ސިޔާސީ ޙަރަކާތްތަކާބެހޭ ބާބު) ކިޔަންޖެހޭނީ އެކުއެކީގައި ކަމަށެވެ.
5ޤާނޫނު ލިޔުމުގަ އާއި ޤާނޫނު އިބާރާތްކުރުމުގައި ވަކި ލަފުޒަކުން ނުވަތަ ޢިބާރާތަކުން ޢާއްމުކޮށް ދޭހަވާ މާނަ ނޫން ޚާއްސަ މާނައެއް ނުވަތަ ޢާއްމުކޮށް ދޭހަވާގޮތަށްވުރެ ހަނިކޮށް ނުވަތަ ފުޅާކޮށް ލަފްޒެއް ނުވަތަ ޢިބާރާތެއް މާނަކުރުމަކީ، ޤާނޫނު ހަދާފަރާތުގެ ނިޔަތްކަމުގައިވާނަމަ، އެޤާނޫނުގެ ބޭނުމަށް، ޤާނޫނުހަދާފަރާތުން އެ ލަފްޒެއް ނުވަތަ އެ ޢިބާރާތެއް މާނަ ކުރާގޮތް، ޤާނޫނުގައި ލިޔުމަކީ ޤާނޫނު ލިޔުމުގައި ބޭނުންކުރާ ހަމައެއްކަމާއި، މިގޮތަށް ލަފްޒެއް ނުވަތަ ޢިބާރާތެއް މާނަކުރުމުގައި އެ ލަފްޒެއް ނުވަތަ އެ ޢިބާރާތެއް ހިމެނޭ މާއްދާގައި ނުވަތަ އެމާއްދާއާއި ވަކިން އެހެން މާއްދާއެއްގައި އެ ލަފްޒުގެ ނުވަތަ އެ ޢިބާރާތުގެ މާނަ ލިޔުމަކީ ޤާނޫނު ލިޔުމުގައި ބޭނުންކުރާ ދެ ހަމަކަމާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނު ލިޔުމުގައި ބޭނުންކުރާ ހަމަތައް ދެނެގަތުމުގެ ގޮތުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާފައިވާ ޤާނޫނުތަކަށް ބަލާއިރު، ލަފްޒަކަށް ނުވަތަ ޢިބާރާތަކަށް، އާއްމުކޮށް ދޭހަވާ މާނައާ ތަފާތު ޚާއްސަ މާނައެއް ދީފައިވާ ނަމަ، އެ ލަފްޒެއްގެ ނުވަތަ އެ ޢިބާރާތެއްގެ މާނަ ލިޔެފައި ހުންނަނީ ވަކި މާއްދާއެއްގައިކަމާއި ޤާނޫނެއްގެ މާއްދާއެއްގައި ބުނާ އެއްޗެއް ރަގަޅަށް ދެނެގަތުމަށްޓަކައި އެމާއްދާގައިވާ ލަފްޒެއް ނުވަތަ ޢިބާރާތެއް ޤާނޫނުގައި މާނަކޮށްދީފައިވާނަމަ، އެޤާނޫނުގެ ބޭނުމަށް އަދި ޤާނޫނު ހެދިފަރާތުން ހާސިލްކުރަން ބޭނުންވިކަމެއް ދެނެގަތުމަށްޓައި އެމާއްދާއެއް ކިޔަންވާނީ މާނަކުރާ މާއްދާގައި، އަޞްލު މާއްދާގައި ހިމެނޭ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްދީފައިވާނަމަ، އެ ލަފްޒެއްގެ ނުވަތަ އެ ޢިބާރާތެއްގެ މާނަ ކޮށްދީފައިވާ ބަޔާއެކީގައިކަމާއި ދިވެހި ސިވިލްސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާގައި "ދިވެހި ސިވިލްސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރި ނުވެވޭނެއެވެ." މިފަދައިން ބަޔާންކޮށްފައި އެގާނޫނުގެ މާނަކުރާ މާއްދާކަމުގައިވާ 77 ވަނަ މާއްދާގައި ސިޔާސީ ހަރަކާތްކަމަށް ވަކި ކަންތައްތަކެއް ބަޔާންކޮށްދީފައިވުމުން ސިވިލް ސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާ ކިޔަންވާނީ އެޤާނޫނުގެ 77 ވަނަ މާއްދާއާއެކީގައި، އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ހިމެނޭ މާނަ ހިމަނައިގެން ކަމަށް އަހުރެން ދެކެމެވެ.
6ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަކީ މިހާރު ޢަމަލު ކުރެވެމުންމިދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވާ ޤާނޫނެއްކަމާއި މިހާރު ޢަމަލު ކުރަންމުން މިދާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 269 ވަނަ މާއްދާގައި، "މިޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާއިރު އެމައްޗަށް ޢަމަލުކުރަމުންދާ، މިޤާނޫނުއަސާސީއާ ތަޢާރުޟްނުވާ އެންމެހާ ޤާނޫނުތަކަށް، ރައްޔިތުންގެ މަޖިލީހުން ބަދަލެއް ނުގެންނަހައި ހިނދަކު، ޢަމަލުކުރަމުން ގެންދަންވާނެއެވެ." މިހެން ބަޔާންކޮށްފައިވުމާ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ ބާބުގެ ފެށުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމް ދީނުގެ އަޞްލަކާ ޚިލާފްނުވާނެ ގޮތެއްގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި އެއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުން މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަން ބަޔާންކޮށްފައި އޮތުމުން، ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނިފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އިސްވެ އިޝާރާތްކުރެވުނު 16 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ނުވާނެ ގޮތެއްގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ހިފަހައްޓައި، ޤައިދުކޮށް، ހަނި ކުރެވިދާނެ ޙައްޤުތަކަކާއި މިނިވަން ކަމެއްކަން އެނގެން އޮންނަ އޮތުމެވެ.
7ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 53 ވަނަ މާއްދާއިން ޤައިދުކޮށް، ހިފަހައްޓައި، ހަނިކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި ޚިލާފުނުވާނޭހެން އެ މާއްދާގައި ބަޔާންކޮށްދީފައިވާ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ މިމައްސަލައިގައި ހިމެނޭ ދެފަރާތުންވެސް ހޯދަން ބޭނުންވާ ޖަވާބުކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީންތޯ ކަނޑައެޅުމުގައި ކޯޓުން އެކަމާއިގުޅޭ ހުރިހާކަމަކަށް ރިޢާޔަތްކުރަންޖެހޭނެކަމާއި، އެގޮތުން އެޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތާށާއި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި އޭގެ މުހިންމުކަމަށާއި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާފައިވާ ގޮތާއި މިންވަރާއި، އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ހިފެހެއްޓުމާއި އޭގެ ނަތީޖާއާއި އެ ހައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހަށްޓައިގެން ބޭނުންވާ މަޤުޞަދު ހާޞިލްކުރެވިދާނެތޯ އަދި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 މާއްދާގެ (ށ) ގެ ދަށުންނަމަ، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ހައްޤެއް ނުވަތަ އެ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓަންޖެހޭތޯ ކޯޓުން ރިޢާޔަތްކުރަން ވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމެވެ.
8އެޓަރނީ ޖެނެރަލްގެ އޮފީހުން، އިލްތިމާސްއަށް ހުށަހަޅާފައިވާ މި މައްސަލައިގައި، ގޮތެއްކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ކޯޓުން ރިޢާޔަތްކުރަން ވާނެ ކަންތައްތައްކަމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް ބަލާއިރު، މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި، މަދަނީ ޚިދުމަތުގެ މުވައްޒަފުން ސިޔާސީ ޙަރަކާތުގައި ބައިވެރިވުން ޤައިދުކޮށްފައިވާ މިންވަރު ދެނެގަތުމުގައި ދުނިޔޭގެ ބައެއް ޑިމޮކްރެޓިކް ޤައުމްތަކުގެ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ސިޔާސީ ހަރަކާތުގައި ބައިވެރިވުން ހަނިކުރެވިފައިވާ މިންވަރާއި، ކޯޓުތަކުން އެފަދަ ޤާނޫނުތަކާ ގުޅިގެން ނިންމާފައިވާ ނިންމުންތަކަށްބަލައި ދިރާސާއެއް އަހުރެން ވެސް ކުރީމެވެ. މި ދިރާސާއިން އަހުރެންނަށް ފާހަގަ ކުރެވުނީ، މަދަނީ ޚިދުމަތުގައި މަސައްކަތްކުރާ މީހުންނަށް، ޖަމާޢަތްހެދުމުގެ ޙައްޤާއި ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެ ޙައްޤަކީ އެއްވެސް ޙާލަތެއްގައިމެ މުޠްލަޤްކޮށް ދެވިފައިވާ ޙައްޤެއްނޫން ކަމާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ، ސްރީލަންކާ އަދި އިންޑިޔާގައި ވެސް އެ ޤައުމުތަކުގެ މަދަނީ ޚިދުމަތުގައި މަސައްކަތްކުރާ މީހުން، ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެ ޙައްޤަކީ މުޠްލަޤަށް ދީފައިވާ ހައްޤެއްނޫންކަމާއި، އަހުރެންގެ ނަޒަރުގައި، ފަރުދެއްގެ ހައްޤަކާއި މަސްލަޙަތު، މުޅި ޤައުމުގެ މަސްލަޙަތާ ފުށުއަރާ ހިނދު އިސްކަންދޭންޖެހޭނީ މުޅި ޤައުމުގެ މަސްލަޙަތަށްކަމާއި މި ގޮތަށް އިސްކަންދިނުމުގައި ތިލަފަތް ވީ އެންމެ ހަމަ ހަމައެއްގައި ބެހެއްޓޭތޯ މަސައްކަތް ކުރަންޖެހޭކަމެވެ.
9އެމެރިކާގެ ސުޕްރީމް ކޯޓުން، ޔުނައިޓެޑް ސްޓޭޓްސް ސިވިލް ސަރވިސް ކޮމިޝަން ވަރސަސް ނެޝަނަލް އެސޯސިއޭޝަން އޮފް ލެޓަރ ކެރިއާސް 413 U.S. 548 (1973)، ގައި ކަނޑައަޅާފައިވަނީ، ޔޫ. އެސް. ސީ. އެސް 7324 (އޭ)(2) - (1939 ގައި ފާސްކުރި - އެމެރިކާގެ ސިވިލް ސަރވިސް ގައި މަސައްކަތްކުރާ މީހުން ސިޔާސީ ޙަރަކާތުގައި ބައިވެރިވުން މަނާކުރާ ޤާނޫނު (ހެޗް އެކްޓް) ގެ މާއްދާ ތަކުގައި ސިޔާސީ ޙަރަކާތްތައް ހިންގުން ނުވަތަ ސިޔާސީ ކެމަޕެއިންތަކުގައި ޙަރަކާތްތެރިވުން، އެމެރިކާގެ ސިވިލް ސަރަވިސް ގެ މުވައްޒަފުންނަށް (ފެޑެރަލް އެމްޕްލޯއީސް) މަނާކޮށްފައި އޮތްއޮތުމަކީ އެމެރިކާގެ ޤާނޫނުއަސާސީ އަށް ގެނެވުނު ފުރަތަމަ އިސްލާޙުން ކަށަވަރު ކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ތަޢާރުޟްވާ ކަމެއްނޫންކަމަށާއި ޖަމާޢަތް ހެދުމުގެ ޙައްޤާއި، ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤަކީ އެއްވެސް ޙާލަތެއްގައިމެ މުތްލަޤްކޮށް ލިބިދެވޭ ޙައްޤެއް ނޫންކަމަށެވެ. (ނޯޓް: ހެޗް އެކްޓަކީ އެމެރިކާގެ ކޮންގްރެސްއިން 1939 ވަނަ އަހަރު ފާސްކޮށްފައިވާ ޤާނޫނެއްކަމާއި މި ޤާނޫން، 1993 ވަނަ އަހަރު އިސްލާޙް ކުރެވިފައިވާކަމާއި 1993 ގައި ކުރެވުނު އިސްލާޙާއި ގުޅިގެން އެމެރިކާގެ މަދަނީ ޚިދުމަތުގައި މަސައްކަތްކުރާ ބައެއްފަންތީގެ މީހުންނަށް އެ ޤާނޫނަށް ގެނެވުނު އިސްލާޙުގެ ޙުދޫދުގެ ތެރެއިން ބައެއްކަހަލަ ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެ ހުއްދަ ލިބިދިންކަމުގައި ވިއަސް، އެމެރިކާގެ ސުޕްރީމް ކޯޓުން، ޔުނައިޓެޑް ސްޓޭޓްސް ސިވިލް ސަރވިސް ކޮމިޝަން ވަރސަސް ނެޝަނަލް އެސޯސިއޭޝަން އޮފް ލެޓަރ ކެރިއާސް އިން ކަނޑައެޅި ކަނޑައެޅުމަކީ ބަދަލުވެފައިވާ ކަނޑައެޅުމެއް ނޫންކަމާއި އަދިވެސް އެމެރިކާގެ މަދަނީ ޙިދުމަތުގައި މަސައްކަތްކުރާ މީހުން ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެ ޙައްޤަކީ، ދިވެހިރާއްޖެއާ އެއްގޮތަށް، މުތްލަޤްކޮށް ދީފައިވާ ޙައްޤެއް ނޫންކަމެވެ. ތިރީގައި ނަކަލު މިކުރަނީ އިސްވެ ޙަވާލާ ދިން އެމެރިކާގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ ރިޕޯރޓުގެ ހެޑްނޯޓް 4 އަދި 6:
Headnote:[4]
The provisions of 5 USCS 7324 (a)(2), forbidding federal employees to "take an active part in political management or in political campaigns," do not violate the First Amendment guarantee of free speech.Headnote:[6]
Neither the right to associate nor the right to participate in political activities is absolute in any event.(
10ދިވެހިރާއްޖޭގެ ސިވިލްސަރވިސްގެ ޤާނޫނުގެ 53 ވަނަ މާއްދާއާއި އެ ޤާނޫނުގެ 77 ވަނަ މާއްދާ އެކުއެކީގައި ކިއުމުން ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުންނަށް ބައިވެރި ނުވެވޭނެ ސިޔާސީ ޙަރަކާތްތަކަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެއެވެ. ދިވެހި ސިވިލް ސަރވިސް ގައި ހިމެނޭ މުވައްޒަފުންނަށް ބައިވެރި ނުވެވޭނެ ސިޔާސީ ޙަރަކާތްތަކަކީ:
1. އެއްވެސް ސިޔާސީ ފަރާތަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ ތާޢީދު ހޯދުމުގެގޮތުން އެއްވެސް ޙަރަކާތެއް ހިންގުމާއި، އެފަދަ ޙަރަކާތެއްގައި ބައިވެރިވުމާއި،
2. އެއްވެސް ސިޔާސީ ފަރާތަކާއި ދެކޮޅަށް އެއްވެސް ޙަރަކާތެއް ހިންގުމާއި، އެފަދަ ޙަރަކާތެއްގައި ބައިވެރިވުމާއި،
3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތީން ބާއްވާ އެއްވެސް އިންތިޚާބެއްގައި ބައިވެރިވާ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދުކުރުމުގެ ގޮތުންނާއި ތާޢީދު ހޯދުމުގެ ގޮތުން ނުވަތަ އެއްވެސް ކެންޑީޑޭޓަކާއި ދެކޮޅަށް އެއްވެސް މަސައްކަތެއްކުރުމާއި،
4. ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބަކަށް ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމާއި، ކެންޑިޑޭޓަކަށް ވުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކުރުމެވެ.
11ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި މިނިވަންކަން ޤައިދުކޮށް ހިފަހައްޓައި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން ހުއްޓުވައި، ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ޤައިދުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ހަމައިންކަން ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ނުކުތާތަކަށް ރިޢާޔަތްކޮށް ގޮތެއްކަނޑައެޅުމަކީ މިމައްސަލައިގައި ވަކިގޮތެއް ކަނޑައެޅުމުގައި އަހުރެން ޢަމަލުކުރަންޖެހޭ މިންގަނޑުކަމުގައި ދެކެމެވެ. އަދި ހައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޚިލާފުނުވާގޮތަށްކަން ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްދީފައިވާ ކަންކަމީ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގެ ކޯޓުތަކުންވެސް މިފަދަ މައްސަލަތަކުގައި ބަލަމުންދާ ހަމަތަކާއި ދާދި އެއްގޮތް ހަމަތަކެއް ކަމުގައި އަހުރެން ފާހަގަކުރަމެވެ.
12ދިވެހި ސިވިލް ސަރވިސްއަކީ ދަޢުލަތުގެ ފަރާތުން ދިވެހިރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތަކަށްވުން ޤާނޫނު ލާޒިމްކުރުމާއެކު، އެޚިދުމަތް ހިންގަންވާނީ ސިޔާސީ މަޞްލަހަތުން އެކަހެރިވެފައިވާ، ވަކިފަރާތެއްގެ ނުފޫޒަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ޚިދުމަތް ފޯރުކޮށްދޭ، އަދި ދޭދޭ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅޭ މަސައްކަތުގެ މާޙައުލެއް ޤާއިމްކުރެވިފައިވާ އަދި މަސައްކަތުގެ އަޙްލާޤުގެ އެންމެ ރަގަޅު މިންގަނޑުތައް ދަމަހައްޓާ، އަދި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ދިވެހިރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވާ ޚިދުމަތެއްގެ ގޮތުގައިކަން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުން އެނގެން އޮތުމުން، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ސިޔާސީ މަސްލަޙަތުތަކުން އެކަހެރިވެފައިވާ ބައެއްކަމުގައި ވާންޖެހޭކަމާ އަދި ސަރުކާރު ހިންގުމުގައި ވަކިފަރާތަކަށް ޖެހިފައިނުވާ، ސިޔާސީ ހަރަކާތްތަކާއި ފިކުރުތަކުން އެއްކިބާވެފައިވާ ސިވިލް ސަރވިސްއެއް އޮތުމަކީ ޑިމޮކްރަޓިކް އުޞޫލުން ހިނގާ ދަޢުލަތެއް ޤާއިމްވެފައިއޮތުމުގެ އެއް އަސާސްކަމާއި ސިޔާސީ ޙަރަކާތުގައި ބައިވެރިވުމުގެ ޙައްޤަކީ ވަކިވަކި ފަރުދުންގެ މަސްލަޙަތު ކަމުގައިވާއިރު، މަދަނީ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ޢަދުލް އިންޞާފް ޤާޢިމްކުރާ ފަރާތްތަކަކީ ސިޔާސީ ނުފޫޒުތަކުން އެކަހެރިވެފައިވާ، ޕްރޮފެޝަނަލްކަމާއި މިނިވަންކަމާއެކު ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރެވޭ ފަރާތްތަކަށް ވުމަކީ ދިވެހި މުޖުތަމަޢުގެ މަސްލަޙަތު އެކަމަކަށް ބޭނުންވާގޮތްކަމުގައި އަހުރެންދެކެމެވެ.
13މުވައްޒަފުންގެ ޢަމަލުތަކުންނާއި އެމީހުންގެ އުޅުމާއި ގުޅުމުން އެމީހުންނަކީ ސިޔާސީ މަޞްލަޙަތުން އެކަހެރިވެފައިވާ، ވަކިފަރާތެއްގެ ނުފޫޒަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްނުކުރާ ބައެއްކަން ދައްކައިދިނުމަކީ މުޖުތަމަޢު އެކަމަކަށް އެދޭގޮތެވެ. ދިވެހި މުޖުތަމަޢު ބިނާވެފައިވާގޮތާ ދިވެހި މުޖްތަމަޢުގެ ޙާލަތަށް ބަލާއިރު އެކި ދަރަޖަތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް، މުޖުތަމަޢުގައި އުޅޭ ޢާންމު މީހުންނަށް ފާހަގަކުރެވުމަކީ ފަސޭހަކަމަކަށްވެފައި، އެގޮތަށް ފާހަގަކުރެވޭކަމަކުން، ވަކިމީހަކީ ސިޔާސީ ކުލަޖެހިފައިވާ ނުވަތަ ވަކިފަރާތެއްގެ ނުފޫޒަށް ތަބާވާމީހެއްގެ ގޮތުގައި ބަލައިގަތުމުގެ ބޮޑު ފުރުޞަތެއް އޮތަތީ، ދިވެހިރާއްޖޭގެ މިކުޑަ މުޖްތަމަޢުގައި، ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ސިޔާސީ ޙަރަކާތްކަމަށް ކަނޑައަޅާފައިވާ ކަންކަމުގައި ބައިވެރި ނުވުމަކީ، ވަކި ފަރުދެއްގެ ޙައްޤަށް ބުރަވުމަށްވުރެ ބޮޑަށް ޢާންމު މުޖުތަމަޢުގެ މަސްލަޙަތު އެކަމަށް ބާރުއަޅާ ކަމެއްކަމުގައި އަހުރެން ދެކޭތީ، ޤާނޫނު ނަންބަރު 2007/5 (ދިވެހިރާއްޖޭގެ ސިވިލްސަރވިސްގެ ޤާނޫނު) ގެ 53 ވަނަ މާއްދާއާއި އެ ޤާނޫނުގެ 77 ވަނަ މާއްދާގައި ސިވިލްސަރވިސް މުވައްޒަފުންނަށް ބައިވެރި ނުވެވޭނެކަމަށް ކަނޑައަޅާފައިވާ ސިޔާސީ ޙަރަކާތްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވުމެއް ނެތް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަމަތަކާ އުޞޫލުތަކާ އެއްގޮތަށް އެކަށައަޅާފައިވާ މާއްދާއެއްކަމުގައި އަހުރެން ދެކެމެވެ.
14މަތީގައި ބަޔާން ކުރި ޤާނޫނީ ހަމަތަކުގެ އިތުރަށް، ބުއްދީގެ ހަމައިން ބަލާއިރު، ޤާނޫނު އަސާސީގައި މީހަކަށް ދީފައިވާ ހައްޤެއް އެމީހެއްގެ އަމިއްލަ އިޙްތިޔާރު ގައި ދޫކޮށްލާ ދޫކޮށްލުމަކީ އެ ހައްޤުން އެ މީހަކު މަޙްރޫމުވުން ނޫންކަމާއި ވަކި ކަމެއް ކުރުމުގައި ނުވަތަ ވަކި ވަޒީފާއެއް އަދާ ކުރުމުގައި، މީހެއްގެ އަމިއްލަ އިޚްތިޔާރުގައި ވަޒިފާގެ ކޮންޓްރެކްޓްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ކަމެއް ނުކުރުމަށް ކުރާ ވަޢުދަކީ އެކަމުގެ ޝަކުވާ އުފުލޭނެކަމެއް ނޫންކަމާއި ސިވިލް ސާރވިސްގައި ވަޒީފާ އަދާ ކުރުމަކީ އެއްވެސް ރައްޔިތެއްގެ މައްޗަށް އޮތް މަޖުބޫރުކަމެއް ނޫންކަމާ އަދި އެކަމަކީ އާމްދަނީ ހޯދުމަށް އޮތް ހަމައެކަނި ފުރުޞަތު ނޫންކަމާއި މިހެންކަމުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުން، ދިވެހި ސިވިލް ސާރވިސަސްގައި ވަޒީފާ އަދާކުރާ މީހުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނާ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތުގައި ބައިވެރިވުމުގެ ޙައްޤު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ބުނާ މިންވަރަށް ދޫކޮށްލަން ޖެހޭނެކަމަށް، އެ ޤާނޫނުން ކަނޑައެޅި ކަނޑައެޅުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއަށް ރިޢާޔަތް ކުރާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފު ކަމަށް ބުނުމުގެ ޖާގައެއްނެތްކަމެވެ.
ދެންފަހެ، މަތީގައި ބަޔާންކޮށްފައިވާ ނުކުތާތައް އެހެން ހުރުމާއިއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައިބުނާ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓިތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤަކީ އެއްވެސް ޙާލެއްގައި މުޠްލަޤްކޮށް ލިބިދެވޭނެ ޙައްޤެއް ނޫންކަމާއި ޤާނޫނު ނަންބަރު 2007/5 (ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ ޤާނޫނު) ގެ 53 ވަނަ މާއްދާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނުމުގެ ޖާގައެއްނެތްކަމަށް ކަނޑައަޅާ އަހުރެންގެ ރަޢުޔު އިއްވީމެވެ.
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މުޙަ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.