—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/12
ދަޢުވާކުރާ ފަރާތް: ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: އާމިނަތު ނާޒްލީ
މައްސަލައިގެ ބާވަތް: ފައިސާހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 30 މާޗް 2009
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 01 އޭޕްރީލް 2009
ނިމުނު ތާރީޚް: 19 ނޮވެމްބަރ 2012
މައްސަލަ ނިންމި ގަޑި: 14:30
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2007/HC-A/14
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 14 ޖެނުއަރީ 2007
ނިމުނު ތާރީޚް: 10 މާރޗް 2009
މައްސަލައިގެޚުލާޞާ
މިއީދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/14 ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަނުޖެހިގެން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މ. އޮޕިންގސަން އާމިނަތު ނާޒްލީއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/14 ޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 421/MC/2006 ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، މ. އޮޕިންގސަން އާމިނަތު ނާޒްލީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލާގައި ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކިވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/14 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ އިތުރުން ދަށުކޯޓުގެ ނިންމުމަށާއި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އަށް ރިޢާޔަތްކޮށް، މި މައްސަލައިގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ފުރަތަމަކަމަކީ، 05 ސެޕްޓެމްބަރ 2005 ގެ ތާރީޚުގައި ސޮއިކުރެވިފައިވާ ނަންބަރު SGI-1028/2005 އެގްރިމެންޓަށް ބަލާއިރު، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ މަސައްކަތް ކުރުމަށް ޙަވާލުވި ފަރާތްކަމާއި މ. އޮޕިންގސަން އައިޝަތު އަޒުލިފާ އާއި މަރްޔަމް ނާޝިދާ ޢަލީ އާއި އައިމިނަތު ނާޒްލީ އާއި ނާޒިމާ ޢަލީ އަކީ މ. އޮޕިންގސަންގައި ކުރެވޭ ޢިމާރާތުގެ މަސައްކަތުގެ ވެރިފަރާތްކަމާއި އެގްރިމެންޓްގެ ބައިތަކެއް ގޮތުގައި އެގްރިމެންޓު ފޯމް، އެއްބަސްވުމުގެ އުޞޫލުތައް، ސްޕެސިފިކޭޝަން، ކުރެހުންތައް، މަސައްކަތުގެއަގާއި މަސައްކަތުގެ ކޮލިޓީ އަންގައިދޭ ޝީޓް، ހިމެނޭކަމާއި އަދި އަންނަނިވި ކަންތައްތައް މިލިޔުންތަކުން ފާހަގަކުރެވޭކަމެއެވެ.
(ހ) މ. އޮޕިންގސަން ކިޔާގޯތީގައި 06 ބުރީގެ ފައުންޑޭޝަނަކާއެކު 03 ބުރި ޢިމާރާތުގެ މަސައްކަތްކުރުމަށް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެވިފައިވަނީ 05 ސެޕްޓެމްބަރ 2005 ގައިކަމާއި މަސައްކަތް ކުރަންފަށާ ދުވަހުން ފެށިގެން 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭކަމާއި މަސައްކަތުގެ އަގަކީ 1039512.00 (އެއްމިލިއަން ތިރީސް ނުވަހާސް ފަށްސަތޭކަ ބާރަ) ރުފިޔާ ކަމާއި މަސައްކަތުގެ އަގު އަދާކުރާނީ އެމަސައްކަތެއް ނިމޭ ނިސްބަތަކުން އިންވޮއިސް ހުށަހެޅުމުން އެސްޓިމޭޓްގައިވާ ގޮތުގެމަތިންނެއެވެ.
(ށ) އެސްޓިމޭޓްގައި ކަނޑައެޅިފައިވާ މަސައްކަތްތައް ނިމޭ ނިސްބަތަކުން އެމަސައްކަތްތަކުގެ އަގު ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބޭނީ، ނިމޭ މަސައްކަތްތަކަށް އިންވޮއިސް ހުށަހެޅުމުން، ހުށަހަޅާ އިންވޮއިސްގައި މަސައްކަތުގެ ވެރިފަރާތުން ސޮއިކޮށް، އެއިންވޮއިސް ހައުސިންގ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނަށް ހުށަހެޅުމުން އެކޯޕްރޭޝަނުން ސީދާ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށްކަމާއި މިއުޞޫލުން މަސައްކަތުގެއަގު މަސައްކަތްކުރި ފަރާތަށް ލިބޭނީ ހުށަހަޅާ އިންވޮއިސްގައި މަސައްކަތުގެ ވެރިފަރާތުން ސޮއިކުރުމުންކަމާއި މަސައްކަތުގެ އަގު މަސައްކަތްކުރި ފަރާތަށް ލިބިދިނުމަށްޓަކައި އިންވޮއިސްގައި ސޮއި ކުރުމަކީ މަސައްކަތުގެ ވެރިފަރާތުގެ ޒިންމާއެކެވެ.
(ނ) މަސައްކަތްކުރާ ފަރާތުން މަސައްކަތް ކުރުމުގައި ބަލަންޖެހެނީ އެގްރިމެންޓާއި ޚިލާފު ނުވާގޮތަށާއި ދީފައިވާ މަޢުލޫމާތަށާއި ކުރެހުމަށެވެ.
(ރ) އެއްވެސް މަސައްކަތެއްގެ ފެންވަރުދަށްވެގެން އެމަސައްކަތެއް، މަސައްކަތުގެ ވެރިފަރާތުން ބަލައިނުގަންނަ ޙާލަތުގައި މަސައްކަތުގެ ވެރިފަރާތުން ޢަމަލުކުރަންޖެހޭ ގޮތަކީ ފެންވަރުދަށްކޮށް ކޮށްފައިވާ މަސައްކަތް އިޞްލާޙުކޮށް ރަގަނޅު ކުރުމަށް މަސައްކަތް ކުރާ ފަރާތަށް އެންގުމެއެވެ.
(ބ) އެއްބަސްވުން އުވާލެވޭނީ އެއްބަސްވުން އުވާލުމަށް އެއްބަސްވުމުގައި ސޮއިކުރި ދެފަރާތަށް ފެނިއްޖެ ޙާލަތެއްގައިކަމާއި އެއްބަސްވުން ލާއިރު، އެއްބަސްވުމުގައިވާ މަސައްކަތުގެ ސަބަބުން އެއްބަސްވުމުގައި ސޮއިކުރި ދެފާރާތުންކުރެ ފަރާތަކަށް ގެއްލުމެއްވެއްޖެނަމަ، އެގެއްލުމެއްގެ ޒިންމާ ނަގަންޖެހޭ ފަރާތަކުން އެގެއްލުމެއްގެ އަގު އަނެއްފަރާތަކަށް ދިނުމަށްފަހުމެނުވީ އެގްރިމެންޓް އުވާނުލެވޭނެވެ.
(ޅ) މަސައްކަތުގެ ވެރިފަރާތުގެ އަމިއްލަ މަޞްލަޙަތަކަށް އެއްބަސްވުން އުވާލާނަމަ، އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޙަވާލުވިފަރާތަށް -/50000 (ފަންސާސް ހާސް) ރުފިޔާގެ ޖޫރިމަނާއެއް ދިނުމަށްފަހު، އެއްބަސްވުން އުވާލެވިދާނެވެ. ނަމަވެސް މަސައްކަތުގެ ފެންވަރު ދަށްވެގެން މަސައްކަތް ވަކިކުރަން ޖެހިއްޖެނަމަ، މިފައިސާ ދައްކާކަށް ނުޖެހޭނެވެ.
ދެވަނަކަމަކީ، އެގްރިމެންޓްގެ ބައިވެރިންގެ މައްޗަށް އެގްރިމެންޓުން ލާޒިމްވާ ކަންތައްތައް ކުރަންޖެހޭނީ އެގްރިމެންޓްގައިވާ ގޮތުގެމަތިންކަމާއި މިއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެގްރިމެންޓްގެ އަނެއް ބައިވެރިޔާ، ނުވަތަ އަނެއް ބައިވެރިން އޭނާގެ މައްޗަށް ނުވަތަ އެބައެއްގެ މައްޗަށް ލާޒިމްވެފައި ވާކަމަކަށް ދުލެއް ދިނުމުންކަމާއި، ނުވަތަ އެގްރިމެންޓްގެ އަނެއް ބައިވެރިޔާ ނުވަތަ އަނެއް ބައިވެރިން ކޮންމެވެސް އެހެންގޮތަކަށް ޢަމަލު ކުރާން އެއްބަސްވުމުންކަން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައިބަޔާންކޮށްފައިވާކެމެވެ.
ތިންވަނަކަމަކީ، އެގްރިމެންޓްގެ ބައިވެރިޔަކު އެގްރިމެންޓާ ޚިލާފުވުމުގެ ސަބަބުން، އެގްރިމެންޓްގެ އަނެއް ބައިވެރިޔާއަށް ލިބިދެވޭނީ ގެއްލުމުގެ ބަދަލުކަމާއި، އަދި އެގެއްލުމަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުން، ނުވަތަ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުންކަން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަކަމެވެ.
ހަތަރުވަނަކަމަކީ، މަސައްކަތްކުރުމަށް ޙަވާލުވި ކުންފުނިން އެގްރިމެންޓާ ޚިލާފުވިކަމަށް ބުނެ މަސައްކަތުގެ ވެރިފަރާތުން ހައިކޯޓުގައި ހުށަހެޅި ކަންތައްތަކުގެ ތެރެއިން އެގްރިމެންޓުގައި ކަނޑައަޅާފައިވާ ފެންވަރަށްވުރެ ދަށްފެންވަރެއްގައި މަސައްކަތް ކޮށްފައިވާކަމަށް ހައިކޯޓުން ފާހަގަކޮށްފައިވަނީ ޢިމާރާތުގެ ސެކަންޑް ފްލޯ ކޮލަމްސް، ސްޓެއަރކޭސް އެންޑް ތާރޑް ފްލޯ ސެލަބް މަސައްކަތްކަމާއި އެގްރިމެންޓްގައި ކަނޑައެޅިފައިވާ ފެންވަރަށްވުރެ ދަށްފެންރެއްގައި މަސައްކަތްކޮށްފައިވާނަމަ، އެމަސައްކަތެއް ބަލައިނުގަނެ، ފެންވަރުދަށްކޮށް ކޮށްފައިވާ މަސައްކަތް އިޞްލާޙުކޮށް ރަނގަޅު ކުރުމަށް މަސައްކަތް ކުރިފަރާތަށް އެންގުމުގެ އިޚްތިޔާރު އެގްރިމެންޓްގެ ދަށުން މަސައްކަތުގެ ވެރިފަރާތްތަކަށް އޮތްއިރު، މަސައްކަތުގެ ވެރިފަރާތްތަކުން އިޚުތިޔާރުކޮށްފައި ވަނީ މަސައްކަތް ހުއްޓުވާލުމާއެކު މަސައްކަތް އަތުލުންކަން އެނގެން އޮންނަކަމާއި އެގްރިމެންޓް ނިމުމަކަށް ގެނެއުމުގެ ގޮތުން މަސައްކަތް ހުއްޓުވާލި ކަމުގައިވިއަސް މަސައްކަތް ހުއްޓުވާލުމާއި ހަމައަށް ކޮށްފައިވާ މަސައްކަތްތަކުގެ އަގަކީ އެމަސައްކަތް ކުރިފަރާތުގެ ޙައްޤެއްކަމާއި ފެންވަރުދަށްކޮށް ކޮށްފައިވާ މަސައްކަތް، މަސައްކަތް ކުރިފަރާތުގެ އަމިއްލަ ޚަރަދުގައި އިޞްލާޙުކޮށް ރަނގަޅު ކުރުމަށް އެންގުމުގެ ޙައްޤު އެގްރިމެންޓުގެ ދަށުން މަސައްކަތުގެ ވެރިފަރާތްތަކަށް އޮތްއިރު އެޙައްޤު ބޭނުންނުކޮށް އެގްރިމެންޓް އުވާލާފައިވާކަން އެނގެން އޮންނަކަމެވެ.
ކޮންޓްރެކްޓެއްގައި ބައިވެރިވި ފަރާތަކުން ކޮންޓްރެކްޓްގައި ބުނެފައި ވާގޮތާއި ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން އަނެއްފަރާތަށް ލިބޭ ގެއްލުމަކަށް ހަމައެކަނި ބަދަލެއް ދިނުމުން އެއީ ފުދޭވަރުގެ އެއްޗަކަށް ނުވާކަމަށް އެގެއްލުން ލިބުނުފަރާތަށް ފެނިއްޖެނަމަ، ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރަކަށް އެދި ދަޢުވާކުރުމުގެ ޙައްޤު އެގެއްލުމެއް ލިބުނުފަރާތަކަށް ލިބިގެންވާކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާކަމާއި މިމާއްދާގެ (ހ) ގައިވާފަދަ ދަޢުވާއެއް، ގެއްލުން ލިބުނު ފަރާތަކުން ކޯޓަކަށް ހުށަހަޅައިފިނަމަ، ކޯޓުން އެކަން ބަލައި އެބަދަލެއް އެއީ ފުދޭވަރުގެ އެއްޗަކަށް ނުވާކަމަށް ފެނިއްޖެ ހިނދެއްގައި އެބަދަލު ދޭންޖެހޭ ފަރާތުން ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރެއް އެފަރާތެއްގެ މައްޗަށް ކޯޓުން ކުރެވިދާނެކަމަށް މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި، ވަކިގޮތަކަށް ޢަމަލުކުރުމަށް ކޯޓުންކުރާ އަމުރަކީ ކޮންޓްރެކްޓްގެ ދަށުން އެކަމެއް ކުރަންޖެހޭ ފަރާތަކުން ކޮންޓްރެކްޓް ގައިވާގޮތަށް އެކަމެއްކުރުމަށް ކުރެވޭނެ އަމުރެއްކަން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ (ނ) އިން އެނގެން އޮންނަކަމާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ މިމާއްދައަށް ބަލާއިރު ފެންވަރުދަށްކޮށް މަސައްކަތް ކޮށްފައިވާނަމަ، އެގްރިމެންޓުގައިވާ ގޮތުގެމަތިން ލިބިދެވޭނެ ޙައްޤަކީ އެކަންކަން އިޞްލާޙުކޮށް ރަނގަޅުކުރުމަށް މަސައްކަތް ކުރިފަރާތަށް އެންގުންކަމާއި ނަމަވެސް މިމައްސަލާގައި މަސައްކަތްތަކުގެ ވެރިފަރާތްތަކުން އެޙައްޤު ދޫކޮށްލާފައިވާކަން އެނގެން އޮންނަކަމެވެ.
ފަސްވަނަކަމަކީ، މަދަނީކޯޓުގެ ނަންބަރު 421/MC/2006 ޤަޟިއްޔާގައި ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ އަޞްލީ ދަޢުވާކީ މ. އޮޕިންގސަންގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އަގުނުލިބިވާ ބައެއް މަސައްކަތްތަކަށް ލިބެންޖެހޭ -/105656 (އެއްލައްކަ ފަސްހާސް ހަސަތޭކަ ފަންސާސް ހައެއް) ރުފިޔާ ހޯދުމަށް ހުށަހެޅި އިންވޮއިސްގައި މަސައްކަތުގެ ވެރިފަރާތުން ސޮއި ނުކޮށްދިނުމުން، އެ އިންވޮއިސްގައި ސޮއި ކުރުމަށް އަންގާ އަމުރުކޮށް ދިނުމަށްކަމާއި މަސައްކަތުގެ އަގު ހޯދުމަށް އެކުންފުނިން ހުށަހެޅި ނަންބަރު SGI-1002/2006 އިންވޮއިސްގައި ހިމެނޭ މަސައްކަތްތަކަކީ މ.އޮޕިންގސަންގެ ގްރައުންޑް ފުލޯ ޕްލާސްޓަރިންގ މަސައްކަތާއި ގްރައުންޑް ފުލޯ ޕުލަންބިންގ މަސައްކަތާއި ސެކަންޑް ފްލޯ ކޮލަމްސް، ސްޓެއަރކޭސް އެންޑް ތާރޑް ފްލޯ ސެލަބް މަސައްކަތްކަން އެނގެން އޮންނަކަމެވެ.
ހަވަނަކަމަކީ، އެގްރިމެންޓާ ޚިލާފަށް ކޮށްފައިވާ މަސައްކަތް ބަލައި، އެކަންކަން އެގްރިމެންޓާ އެއްގޮތަށް އިޞްލާޙްކުރުމުގެ ފުރުޞަތު ނެތް ޙާލަތުގައި، އެގްރިމެންޓާ ޚިލާފަށް ކޮށްފައިވާ މަސައްކަތުގެ ސަބަބުން މަސައްކަތުގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުހޯދުމަށް ދަޢުވާކުރެވިދާނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އިސްވެ ބަޔާންކޮށްފައިވާ މާއްދާތަކުން އެނގޭއިރު، ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލަކީ ގެއްލުން ލިބުނު ފަރާތުން އެމައްސަލައެއް ކޯޓަށް ހުށަހެޅުމުން އެކަންކަން ބެލުމަށްފަހު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައި ވާގޮތުގެމަތިން ވަކިގޮތެއް ކަނޑައެޅިދާނެ ކަމެއްކަންވެސް އެނގެން އޮންނަކަމެވެ.
7. ހަތްވަނަކަމަކީ، މ. އޮޕިންގސަންގައި 06 ބުރީގެ ފައުންޑޭޝަނަކާއެކު 03 ބުރި ޢިމާރާތުގެ ބޮޑުބައެއް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނިންމާފައިވާކަމަށާއި އެއްބަސްވުމަށާއި ޑްރޯ ޑައުން ޝެޑިއުލަށާއި ކޮންސަލްޓެންޓް އަންގާގޮތަށާއި އަދި ކުރެހުމާއި ޚިލާފަށް މަސައްކަތްކުރުމުގެ އިތުރުން މަސައްކަތް ލަސްވަމުންދާކަމަށްބުނެ، 01 ފެބްރުއަރީ 2006 އިން ފެށިގެން މަސައްކަތް ހުއްޓާލުމަށް މަސައްކަތުގެ ވެރިފަރާތްތަކުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އެނގެން އޮންނަކަމެއެވެ.
އަށްވަނަކަމަކީ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެގްރިމެންޓާއި ޚިލާފުވިކަމަށާއި އެކަމުގެ ސަބަބުން ލިބުނުގެއްލުމުގެ ބަދަލު ބޭނުންވާކަމަށް މިދަޢުވާގެ ތެރޭގައި ދަޢުވާލިބޭފަރާތްތަކުން ބުނެފައި އޮތްކަމުގައި ވިއަސް މިދަޢުވާއަކީ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މ.އޮޕިންސަންގައި ކޮށްފައިވާ މަސައްކަތްތަކަކަށް ހުށަހެޅުނު އިންވޮއިސަކަށް ފައިސާ ނުލިބިގެން ކުރެވުނު ދަޢުވާއެއްކަމާއި، ޢިމާރާތުގެ ސެކަންޑް ފްލޯ ކޮލަމްސް، ސްޓެއަރކޭސް އެންޑް ތާރޑް ފްލޯ ސެލަބް މަސައްކަތް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވަނީ މިފަދަ މަސައްކަތެއް ކުރުމަށް އެންމެ އެކަށީގެންވާ ފެންވަރަށް ނޫންކަމަށް ހައިކޯޓުން ފާހަގަކޮށްފައި ވާކަމާއި މަދަނީކޯޓުން އެކަންބަލާފައި ނުވާތީ، ސެކަންޑް ފްލޯ ކޮލަމްސް، ސްޓެއަރކޭސް އެންޑް ތާރޑް ފްލޯ ސެލަބް މަސައްކަތުގެ އަގު ދިނުމަށް ޝަރީޢަތުން އެންގޭނީ މިމަސައްކަތް ކޮށްފައިވާ ފެންވަރަށާއި މިމަސައްކަތް ކޮށްފައިވާ ފެންވަރުން ޢިމާރަތަށާއި މަސައްކަތުގެ ވެރިފަރާތަށް ލިބިފައިވާ ގެއްލުމުގެ މިންވަރު މަދަނީކޯޓުން ބެލިގެންކަމަށާއި އެހެންކަމުން އަލުން މަދަނީކޯޓަށް ހުށަހެޅުމަށް މިމައްސަލާގެ ތެރޭގައި އަންގާފައި ވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ހުދޫދުގެތެރެއިން ނޫންކަމެވެ.
9. ނުވަވަނަކަމަކީ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މަދަނީކޯޓުގައި ކޮށްފައިވާ މިދަޢުވާއާގުޅިގެން އެކުންފުނިން ހުށަހެޅި ނަންބަރު SGI-1002/2006 އިންވޮއިސްގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން އެގްރިމެންޓްގައި ކަނޑައަޅާފައިވާ ފެންވަރަށްވުރެ ދަށްފެންވަރެއްގައި ކޮށްފައިވާ މަސައްކަތްކަމަށް ހައިކޯޓުން ފާހަގަކޮށްފައި ވަނީ ޢިމާރާތުގެ ސެކަންޑް ފްލޯ ކޮލަމްސް ސްޓެއަރކޭސް އެންޑް ތާރޑް ފްލޯ ސެލަބްގެ މަސައްކަތްކަމާއި، މިމައްސަލައަކީ ބުނެވުނު މަސައްކަތްތަކުގެ އަގު ނުލިބިގެން މަސައްކަތްކުރިފަރާތުން ހުށަހެޅި މައްސަލައެއްކަމާއިމިމައްސަލާގެ ތެރޭގައި މަސައްކަތުގެ ފެންވަރަށާއި މަސައްކަތް ކޮށްފައިވާ ފެންވަރުން ޢިމާރަތަށާއި މަސައްކަތުގެ ވެރިފަރާތަށް ލިބިފައިވާ ގެއްލުމުގެ މިންވަރަށް ބަލައިގެން އަގެއް ކަނޑައަޅައި ދިނުމަށް އެދި އަލުން މަދަނީކޯޓަށް ހުށަހެޅުމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައި އެކަށައެޅިފައިވާ އުޞޫލުތަކާއި ހަމަތަކާއި އެއްގޮތްނުވާކަން އެނގެން އޮންނަކަމެއެވެ.
10. ދިހަވަނަކަމަކީ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މަދަނީކޯޓުގައި ދަޢުވާކޮށްފައިވަނީ މ. އޮޕިންގސަންގައި އެކުންފުނިން ކުރި މަސައްކަތްތަކުގެ ތެރެއިން ގްރައުންޑް ފުލޯ ޕްލާސްޓަރިންގ މަސައްކަތާއި، ގްރައުންޑް ފުލޯ ޕުލަންބިންގ މަސައްކަތާއި، ސެކަންޑް ފްލޯ ކޮލަމްސް، ސްޓެއަރކޭސް އެންޑް ތާރޑް ފްލޯ ސެލަބް މަސައްކަތުގެ އަގަށް ހުށަހެޅި އިންވޮއިސް(ނަންބަރ SGI-1002/2006) ގައިމަސައްކަތުގެ ވެރިފަރާތުން ސޮއި ނުކުރުމުން އެ އިންވޮއިސްއަށް ލިބެންޖެހޭ ފައިސާ ނުލިބިގެންކަމާއި ބުނެވުނު އިންވޮއިސްގައި ހިމެނޭ މަސައްކަތުގެ ތެރެއިން ހަމައެކަނި ގްރައުންޑް ފުލޯ ޕުލަންބިންގ މަސައްކަތާއި، ގްރައުންޑް ފުލޯ ޕްލާސްޓަރިންގ މަސައްކަތުގެ އަގު -/21000 (އެކާވިސްހާސް) ރުފިޔާ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށް ކަނޑައެޅުމަށްފަހު، ސެކަންޑް ފްލޯ ކޮލަމްސް، ސްޓެއަރކޭސް އެންޑް ތާރޑް ފްލޯ ސެލަބް މަސައްކަތަށް އަގެއް ކަނޑައަޅައި ދިނުމަށް އެދި އަލުން މަދަނީކޯޓަށް ހުށަހެޅުމަށް އެންގުމުން، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތަށް ދޭންޖެހޭ އުޖޫރަ ދިނުމަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވިގޮތާއި އެއްގޮތަށް ފައިސާ ލިބިގެން ނުދާކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
ވީމާ އިސްވެފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި މ. އޮޕިންގސަން އައިޝަތު އަޒުލިފާއާއި މަރްޔަމް ނާޝިދާ ޢަލީ އާއި އައިމިނަތު ނާޒްލީއާއި ނާޒިމާ ޢަލީގެ މެދުގައި 05 ސެޕްޓެމްބަރ 2005 ގެ ތާރީޚުގައި ސޮއިކޮށްފައިވާ ނަންބަރު SGI-1028/2005 އެގްރިމެންޓުގެ ދަށުން މ. އޮޕިންގސަން ކިޔާގޯތީގައި 06 ބުރީގެ ފައުންޑޭޝަނަކާއެކު 03 ބުރި ޢިމާރާތުގެ ގްރައުންޑް ފުލޯ ޕުލަންބިންގ މަސައްކަތާއި، ގްރައުންޑް ފުލޯ ޕްލާސްޓަރިންގ މަސައްކަތާއި، ސެކަންޑް ފްލޯ ކޮލަމްސް،ސްޓެއަރކޭސް އެންޑް ތާރޑް ފްލޯ ސެލަބް މަސައްކަތުގެ އަގު ހޯދުމަށް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ނަންބަރު SGI-1002/2006 އިންވޮއިސްގައި މަސައްކަތުގެ ވެރިފަރާތުން ކުރަންޖެހޭ ސޮއި ނުކުރުމުގެ ސަބަބުން އިންވޮއިސްގައިވާ ޢަދަދަށް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާކަން މިމައްސަލާގައި ޚަޞްމުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވެފައިވާތީ، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ނަންބަރު SGI-1002/2006 އިންވޮއިސްގައި ހިމެނޭ މަސައްކަތްތަކުގެ އަގުކަމުގައިވާ -/105656 (އެއްލައްކަ ފަސްހާސް ހަސަތޭކަ ފަންސާސް ހައެއް) ރުފިޔާ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދު 19 ނޮވެމްބަރ 2012 އިން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދެއްކުމަށް މިމައްސަލަބެލި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން، މަސައްކަތުގެ ވެރިފަރާތްގޮތުގައި އެގްރިމެންޓްގައި ސޮއިކޮށްފައިވާ މ. އޮޕިންގސަންއައިޝަތު އަޒުލިފާ އާއި މަރްޔަމް ނާޝިދާ ޢަލީ އާއި އައިމިނަތު ނާޒްލީ އާއި ނާޒިމާ ޢަލީގެ މައްޗަށް ޙުކުމްކޮށް، މިގޮތުގެމަތިން މިކޯޓުން ޙުކުމްކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/14 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި މަދަނީކޯޓުގެ ނަންބަރު 421/MC/2006 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްވީކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.