ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/23ސުޕްރީމް ކޯޓު · 2 އޮކްޓޫބަރު 2014

—

ސުޕްރީމް ކޯޓު
13 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 އޮކްޓޫބަރު 2014ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2013/SC-A/23

ދަޢުވާކުރާ ފަރާތް: މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 03 އެޕްރީލް 2013

ރަޖިސްޓްރީކުރެވުނު ތާރީޚް: 21 އެޕްރީލް 2013

ނިމުނު ތާރީޚް: 02 އޮކްޓޫބަރު 2014

މައްސަލަ ނިންމި ގަޑި: 11:10

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2008/HC-A/69

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 27 ފެބްރުވަރީ 2008

ނިމުނު ތާރީޚް: 21 ނޮވެމްބަރު 2012

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 69/HC-A/2008 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މއ. ބެރިއަންފަރު، މާލެ) ގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް (މއ. ސީރާޒީގެ، މާލެ) އެވެ.

އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 69/HC-A/2008 ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 816/MC/2006 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި،ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 816/MC/2006 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ ނަންބަރު 69/HC-A/2008 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

މަދަނީ ކޯޓުގެ ނަންބަރު 816/MC/2006 ޤަޟިއްޔާއަކީ، ރީތިރަށް ރިސޯޓް ބިނާކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށްނިންމާފައިވާ މަސައްކަތްތަކަށް ލިބެންޖެހި ނުލިބިވާ US$69,772.00 (ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ހަތްދިހަދޭއް ޔޫ.އެސް ޑޮލަރ) އެއްފަހަރާ ވަގުތުން ލިބިދިނުމަށް އެދި ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، އެ ޤަޟިއްޔާގެ ޙުކުމުގައި "...ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑާއި މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ރީތިރަށް ރިޒޯޓުގައި މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންކުޅަ، މަސައްކަތަށް ކަނޑައެޅިފައިވާUS$190,111.00 (އެއްލައްކަ ނުވަދިހަހާސް އެއްސަތޭކަ އެގާރަ ޔޫ.އެސް ޑޮލަރ) ގެ ތެރެއިން US$69,772.00 (ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ހަތްދިހަދޭއް ޔޫ.އެސް ޑޮލަރ) މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހި ނުދައްކައިވާކަން ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް ކަނޑައަޅައި، މި ފައިސާ މިއަދު 30-12-2007 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި ދައްކައި ޚަލާސްކުރުމަށް ޙުކުމްކޮށްފީމެވެ." މިފަދައިން ކަނޑައަޅާފައިވާކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

ބަޔާންވެދިޔަ، މަދަނީ ކޯޓުގެ ނަންބަރު 816/MC/2006 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ އެ ކޯޓުގެ ނަންބަރު 69/HC-A/2008 ޤަޟިއްޔާގެ ޙުކުމުގައި މަދަނީ ކޯޓުގެ ނަންބަރު 816/MC/2006 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށާ، އަދި އެ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅައިފައިވެއެވެ.

މަދަނީ އިލްތިޒާމްތަކުގެ އެންމެ މުހިއްމު އެއް މަޞްދަރަކީ 'ޢަޤްދު' (عقد) ނުވަތަ ކޮންޓްރެކްޓް ކަމާއި، ކޮންޓްރެކްޓްގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ޞައްޙަ ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ރަނގަޅު ނިޔަތުގައި (good faith/bona fide) އަދާކުރުމަކީ، އިސްލާމީ ޝަރީޢަތުގެ އަސާސީ ޤާޢިދާއެއްކަމަށްވާ "ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ" (قاعدة الوفاء بالعهد) އާއި، ތަފާތު ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ "ޕެކްޓާ ސަންޓް ސަރވެންޑާ" (Pacta sunt servanda) ނުވަތަ 'އަލް ޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިނި' (العقد شريعة المتعاقدين) ގެ މަބްދައުގެ ދަށުން، ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވެގެންވާ ކަމެއްކަން އެނގެން އޮންނައިރު، މި މައްސަލާގައި ދަޢުވާކުރާ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދަޢުވާލިބޭ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ދެމެދުގައި ރީތިރަށް ރިސޯޓް ޕްރޮޖެކްޓް 2004 ގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ކޮންޓްރެކްޓް ކުރެވި، ދެފަރާތުގެ ދެމެދުގައި އޭގެދަށުން އިލްތިޒާމްތަކެއް އުފެދިފައިވާކަން މިމައްސަލައާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮވެއެވެ.

މި މައްސަލާގެ ދަޢުވާގެ މައުޟޫޢަކީ ރީތިރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑާއި މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވުނު އިސްވެ އިޝާރާތްކުރެވުނު ކޮންޓްރެކްޓްގެ ދަށުން ރީތިރަށް ރިސޯޓުގައި މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފުރިހަމަކޮށްފައިވާ މަސައްކަތަށް ރީތިރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ US$190,111.00 (އެއްލައްކަ ނުވަދިހަހާސް އެއްސަތޭކަ އެގާރަ ޔޫ.އެސް ޑޮލަރ) ގެ ތެރެއިން، US$69,772.00 (ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ހަތްދިހަދޭއް ޔޫ.އެސް ޑޮލަރ) ނުދައްކައިވާތީ އެ ފައިސާ ހޯދުންކަމާއި، މި ދަޢުވާ ސާބިތުކޮށްދިނުމަށް ދަޢުވާކުރާ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ މުސްތަނަދު (document) ތަކުގެ ތެރޭގައި ޝާމިލުވެގެންވަނީ 23 އޯގަސްޓް 2004 ގައި އެ ކުންފުނިން ރީތިރަށް ރިސޯޓަށް ފޮނުވާފައިވާ ނަންބަރު INV/24/2004/MC/RRR އިންވޮއިސްއާއި، ރީތިރަށް ރިސޯޓުން މައިކޮމްފެނީއަށް، އެ ކުންފުންޏާއި ޙަވާލުކުރެވުނު މަސައްކަތް ފުރިހަމަވެފައި ވުމާއެކު، އެ ކުންފުނީގެ އެންމެހައި މުވައްޒަފުން ރީތިރަށް ރިސޯޓުން ގެންދިއުމަށް އަންގާ 30 ޖުލައި 2004 ގައި ފޮނުވާފައިވާ ފެކްސް މެސެޖާ، އަދި ރީތިރަށް ރިސޯޓުގެ ފަރާތުން މައިކޮމްޕެނީގެ މަސައްކަތަށް ފައިސާ ދެމުންދިޔަގޮތް ބަޔާންކޮށްދޭ ސްޓޭޓްމަންޓްކަން މި މައްސައާގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިއުންތަކުން އެނގެން އޮވެއެވެ.

މަދަނީ ދަޢުވާ ޘާބިތުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާންވެގެންވާ ވަސީލަތްތަކުގެ އިތުރުން، އިސްލާމީ ޝަރީޢަތުން ހުއްދަކުރާ ޘާބިތުކުރުމުގެ އެންމެހައި ވަސީލަތްތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ރިޢާޔަތްކުރަންވާނެ ވަސީލަތްތައްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ މަފްހޫމުން އެނގެން އޮންނައިރު، ތަފާތު ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ، އިސްލާމީ ޝަރީޢަތުގެ އަޞްލަކާ ތަޢާރުޟުނުވާ ޘާބިތުކުރުމުގެ ޤާނޫނީ ޢާންމު މަބްދައުތަކަށްވެސް ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ރިޢާޔަތްކުރަންވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)، (ށ) އާއި، 42 ވަނަ މާއްދާގެ (ހ) އާއި، އަދި 68 ވަނަ މާއްދާގެ މަފްހޫމަށް ޖުމްލަކޮށް ބެލުމުން އެނގެން އޮވެއެވެ.

ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ މަދަނީ ދަޢުވާ ޘާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ ހެކި (documentary evidence) ކަމާއި؛ ކިތާބީ ހެކީގެ ތެރޭގައި މައިގަނޑު ދެ ބާވަތެއްގެ މުސްތަނަދު ހިމެނޭކަމާއި، އެއީ ރަސްމީ މުސްތަނަދާއި (acte authentiques) ، 'ޢުރުފީ' ނުވަތަ އާދައިގެ މުސްތަނަދު (acte sous seing prive’) ކަމާއި، ރަސްމީ މުސްތަނަދަކީ މުޢާމަލާތްތައް ޘާބިތުކުރުމަށްޓަކައި ކަމާބެހޭ ރަސްމީ އިދާރާއެއްގެ ނުވަތަ މުވައްޒަފެއްގެ ކުރިމަތީގައި ޤާނޫނާއި ޤަވާޢިދުގައި ކަނޑައެޅިގެންވާ އުޞޫލުގެ މަތިން ތައުޘީޤު (notarize / authenticate) ކުރެވޭ މުސްތަނަދުކަމުގައި ވާއިރު، 'ޢުރުފީ' ނުވަތަ އާދައިގެ މުސްތަނަދުގެ ތެރޭގައިވެސް ދެ ވައްތަރެއްގެ މުސްތަނަދު ހިމެނޭކަމާއި، އެއީ ޘާބިތުކުރުމަށް ތައްޔާރުކުރެވޭ މުސްތަނަދާއި، އޭގެޒާތުގައި ޘާބިތުކުރުމަށް ތައްޔާރުކުރެވޭ ޚާއްޞަ މުސްތަނަދަކަށް ނުވިޔަސް މުޢާމަލާތްތަކާ ގުޅިގެން ތައްޔާރުކުރެވޭ މުސްތަނަދު ކަމާއި، ޘާބިތުކުރުމަށް ތައްޔާރުކުރެވޭ މުސްތަނަދަކީ މުޢާމަލާތެއްގެ ބައިވެރިންގެ މެދުގައި އެ މުޢާމަލާތެއް ޘާބިތުކުރުމަށްޓަކައި ތައްޔާރުކުރެވޭ ކޮންޓްރެކްޓް ފަދަ، ޚާއްޞަ މުސްތަނަދުކަމާއި، އޭގެޒާތުގައި ޘާބިތުކުރުމަށް ތައްޔާރުކުރެވޭ ޚާއްޞަ މުސްތަނަދަކަށް ނުވިޔަސް މުޢާމަލާތްތަކާ ގުޅިގެން ތައްޔާރުކުރެވޭ މުސްތަނަދަކީ މުޢާމަލާތެއްގެ ބައިވެރިން ނުވަތަ ބައިވެރިޔަކު އެ މުޢާމަލާތަކާއި ގުޅިގެން އެކުލަވާލާ ނުވަތަ ތައްޔާރުކުރާ ސިޓީތަކާއި، މެސެޖްތަކާއި، އިންވޮއިސްތަކާއި، އެކައުންޓް ފޮތްތަކާއި، އެކައުންޓް ސްޓޭޓްމަންޓްތައް ފަދަ، މުސްތަނަދު ކަމާއި، މަދަނީ ދަޢުވާ ޘާބިތުކުރުމުގައި ބުނެވިދިޔަ ރަސްމީ މުސްތަނަދުން ޤާއިމުވާ ޙުއްޖަތަކީ އެ މުސްތަނަދުގައިވާ ސޮޔާއި، އޭގައި ވާރިދުވެގެންވާ ބަޔާންތަކާއި ވަޤާއިޢުތައް (Facts) ފޯޖް (Forge) ކޮށްފައިވާކަމަށް ޠަޢުނު ނުކުރެވޭހައި ހިނދަކު އެ މުސްތަނަދާއި އޭގައިވާ ބަޔާންތަކާއި ވަޤާއިޢުތައް ޞައްޙަކަމުގައި ޤާއިމުވާ ޙުއްޖަތްކަމާ، އަދި 'ޢުރުފީ' ނުވަތަ އާދައިގެ މުސްތަނަދުން ޤާއިމުކުރެވޭ ޙުއްޖަތަކީ މުސްތަނަދުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާހިނދަކު އެ މުސްތަނަދަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ތައްޔާރުކޮށްފައިވާ މުސްތަނަދެއްކަމުގައި ޤާއިމުވާ ޙުއްޖަތާ، އަދި އެ މުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިޢު ތަކަކީ އޭގެ އިދިކޮޅު ޘާބިތު ނުކޮށްދެވޭހާހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާއިޢުތައް ކަމުގައި ޤާއިމުވާ ޙުއްޖަތްކަން މަދަނީ ދަޢުވާ ޘާބިތުކުރުމުގައި ތަފާތު ޖުރިސްޑިކްޝަންތަކުން ބަލައިގަންނަ ކިތާބީ ހެކީގެ ބާވަތްތަކަށާއި، އޭގެ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، ބަޔާންވެދިޔަ ފަދަ ކިތާބީ ހެއްކަކީ މައްސަލަތައް ޘާބިތުކުރުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ރިޢާޔަތްކުރެވޭނެ ޘާބިތުކުރުމުގެ ވަސީލަތެއްކަން ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ.

މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ޢާންމު އުޞޫލެއްގެ ގޮތުގައި ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައިވިއަސް، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތު ކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއް ކަމާ، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން މަދަނީ ދަޢުވާ ޘާބިތުކުރުމުގައި އިސްތިޤްރާރުވެފައިވާ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.

މި މައްސަލާގައި ދަޢުވާކުރާ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެފަރާތުގެ ދަޢުވާ ޘާބިތުކޮށްދިނުމަށް ހުށަހެޅި، އިސްވެ އިޝާރާތްކުރެވުނު ނަންބަރު INV/24/2004/MC/RRR އިންވޮއިސްއަށް ބަލާއިރު، އެ އިންވޮއިސްއަކީ 23 އޯގަސްޓް 2004 ގައި މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި މައްސަލާގައި ދަޢުވާ ރައްދުވާ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ އިންވޮއިސް އެއްކަމާއި، އެ އިންވޮއިސްގެ ތަފްޞީލުގައި މައިކޮމްޕެނީގެ ފަރާތުން ރީތިރަށް ރިސޯޓުގައި މަސައްކަތްކުރި ޕްރޮޖެކްޓްގެ ޖުމްލަ އަގަށްވާ US$176,731.00 (އެއްލައްކަ ހަތްދިހަ ހަހާސް ހަތްސަތޭކަ އެއްތިރީސް ޔޫ.އެސް ޑޮލަރ) އާއި، އިތުރުމަސައްކަތަށް ޖެހުނު US$6,180.00 (ހަހާސް އެއްސަތޭކަ އަށްޑިހަ ޔޫ.އެސް ޑޮލަރ) އާއި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ކޮންޓްރެކްޓްގެ 10.03 ނަންބަރުގެ ދަށުން ޙައްޤުވާ US$7,200 (ހަތްހާސް ދުއިސައްތަ ޔޫ.އެސް ޑޮލަރ) އާއި، އެކު ޖުމްލަ US$190,111.00 (އެއްލައްކަ ނުވަދިހަހާސް އެއްސަތޭކަ އެގާރަ ޔޫ.އެސް ޑޮލަރ) ގެ ތެރެއިން، ރީތިރަށް ރިސޯޓުގެ ފަރާތުން މައިކޮމްޕެނީއަށް ދައްކާފައިވާ US$120,339.00 (އެއްލައްކަ ވިހިހާސް ތިންސަތޭކަ ނަވަތިރީސް ޔޫ.އެސް ޑޮލަރ) އުނިކުރުމުން ބާކީވާ US$69,772 (ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ހަތްދިހަ ދޭއް ޔޫ.އެސް ޑޮލަރ( އިންވޮއިސްއާ ރީތިރަށް ރިސޯޓުން ޙަވާލުވާތާ 3 (ތިނެއް) ދުވަސް ތެރޭގައި ދައްކަންވާނެކަމަށް ބަޔާންކޮށްފައިވުމުގެ އިތުރުން، އެ އިންވޮއިސްގައި އެއްވެސް ތަޢާރުޟެއް ނުވަތަ ފުށޫއެރުމެއް ވާނަމަ އިންވޮއިސްއާ ޙަވާލުވާތާ ދެ 2 (ދޭއް) ދުވަސްތެރޭގައި މައިކޮމްޕެނީއަށް އަންގަންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ރީތިރަށް ރިސޯޓުގެ ފަރާތުން ޙަވާލާދެވުނު އިންވޮއިސްއާ ޙަވާލުވުމަށްފަހު އެ އިންވޮއިސްގައިވާ އެއްވެސް ތަފްޞީލަކާމެދު ހިތްހަމަނުޖެހިގެން މައިކޮމްޕެނީއަށް އަންގާފައި ނުވުމުން، އެ އިންވޮއިސްއަކީ ރީތިރަށް ރިސޯޓުގެ ފަރާތުން ޟިމްނީގޮތުން ޤަބޫލުކޮށްފައިވާ، އަދި މި މައްސަލާގައި ދަޢުވާކުރާ ފަރާތުގެ ދަޢުވާ ޘާބިތުކުރުމުގައި ކިތާބީ ހެއްކެއްގެ ގޮތުގައި ޤާނޫނީގޮތުން ރިޢާޔަތްކުރެވިދާނެ ޢުރުފީ މުސްތަނަދެއްކަން ފާހަގަކުރެވެއެވެ.

މައިކޮމްޕެނީގެ ފަރާތުން ރީތިރަށް ރިސޯޓުގައި ކޮށްފައިވާ މަސައްކަތަށް ފައިސާދެމުން ދިޔަގޮތް ބަޔާންކޮށް ރީތިރަށް ރިސޯޓުގެ ފަރާތުން ތައްޔާރުކޮށްފައިވާ ސްޓޭޓްމަންޓެއްކަމަށް ބުނެ، ދަޢުވާކުރާ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުމަށް ބަލާއިރު، އެއީ ރީތިރަށް ރިސޯޓުގެ ފަރާތުން ސޮއިކޮށް މައިކޮމްޕެނީއަށް ފޮނުވާފައިވާ ލިޔުމެއްކަމާމެދު އެ ކުންފުނީގެ ފަރާތުން އިންކާރުކޮށްފައި ވީނަމަވެސް، އެ ލިޔުމަކީ ރީތިރަށް ރިސޯޓުގެ ފަރާތުން ތައްޔާރުކޮށްފައިވާ ލިޔުމެއްކަމާއި މެދު އެފަރާތުން އިންކާރުކޮށްފައި ނުވާކަން ރީތިރަށް ރިސޯޓުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާ މުސްތަނަދަކީ އެ މުސްތަނަދެއް ތައްޔާރުކުރާ ފަރާތުން ސޮއިކޮށްފައިވާ މުސްތަނަދެއްކަމުގައި ނުވާނަމަ، އުޞޫލެއްގެ ގޮތުން އެއީ އިސްވެ ބަޔާންވެދިޔަ ފަދަ ފުރިހަމަ ކިތާބީ ހެއްކެއް ކަމުގައި ނުބެލެވޭނެކަމާ، ނަމަވެސް، އެ މުސްތަނަދަކީ ސީދާ އެ ޚަޞްމެއްގެ މައްޗަށް ދަލީލު ޤާއިމުކުރަން ބޭނުންވާ ޚަޞްމުގެ އަމިއްލަ އަތުން ލިޔެފައިވާ ނުވަތަ އެފަރާތުން ތައްޔާރުކޮށްފައިވާ، އަދި ޘާބިތުކުރަން ބޭނުންވާ މައްސަލައާ ގުޅިގެން ތައްޔާރުކޮށްފައިވާ މުސްތަނަދެއްކަމުގައި ވާނަމަ، އެފަދަ ފުރިހަމަ ނޫން ކިތާބީ ހެއްކަކީ ހެކިންގެ ހެކިބަހުންނާއި ޤަރީނާއިން ފުރިހަމަ ކުރެވިދާނެ ކިތާބީ ހެއްކެއްކަން ކުރިއަރާފައިވާ ޖުރިސްޑިކްޝަންތަކުން ޢަމަލުކުރާ މަދަނީ މައްސަލަތައް ޘާބިތުކުރުމުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމާއި، ރީތިރަށް ރިސޯޓުން ތައްޔާރުކޮށްފައިވާ ބުނެވިދިޔަ ލިޔުމުގައި، މައިކޮމްޕެނީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކައިވާ ޖުމްލަ ޢަދަދަކީ US$68,921.00 (ފަސްދޮޅަސް އަށްހާސް ނުވަސަތޭކަ އެކާވީސް ޔޫ.އެސް ޑޮލަރ) ކަމުގައި ލިޔެފައިވާކަމާއި، އޭގެފަހުން ރީތރަށް ރިސޯޓުގެ ފަރާތުން މައިކޮމްޕެނީއަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާކަން ޘާބިތުކޮށްދީފައި ނުވާއިރު، ޚުދު ރީތިރަށް ރިސޯޓުގެ ފަރާތުން ތައްޔާރުކޮށްފައިވާ މިލިޔުމަކީ، އިސްވެބަޔާންވެދިޔަ ނަންބަރު INV/24/2004/MC/RRR އިންވޮއިސްއިން ރީތިރަށް ރިސޯޓުގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކޮށްފައިނުވާކަން ދަލީލުކޮށްދޭ ދިނުން އިތުރަށް ހަރުދަނާކޮށްދޭ ޤަރީނާއެއްކަން ފާހަގަކުރެވެއެވެ.

ދަޢުވާކުރާ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާ ޘާބިތުކޮށްދިނުމަށް މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ކިތާބީ ހެކިކަމުގައިވާ، އިސްވެ ޙަވާލާދެވުނު ނަންބަރު INV/24/2004/MC/RRR އިންވޮއިސްއިން ޘާބިތުވާން ހުރި ވަޤާއިޢުތަކަށް އިންކާރުކޮށް ދަޢުވާ ރައްދުވާ ރީތިރަށް ރިސޯޓުގެ ފަރާތުން މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދިފާޢީ ދަޢުވާއެއް ނުވަތަ 'ދަފްޢް' އެއް ކޮށްފައިވާކަމާއި، އެ ދަފްޢުގައި ދަޢުވާކުރާ މައިކޮމްޕެނީ ލައްވައި ކުރުވި މަސައްކަތަށް ދޭންޖެހޭ ފައިސާދީ ނިމިފައިވާކަމަށާއި، އޭގެ އިތުރު އެއްވެސް ފައިސާއެއް ދޭންޖެހޭކަމަށް ނުދެކޭކަމަށާއި، އެއްބަސްވުމުގެ ދަށުން ރިސޯޓުގައި ސީފުޑް ރެސްޓޯރެންޓާއި ރެސްޓޯރެންޓުގެ ސީވޯލް އަދި އެރައިވަލް ހޯލާއި އަދި ސީވޯލް ހެދުމުގެ ޕްރޮޖެކްޓު މައިކޮމްޕެނީއާއި ޙަވާލުކުރުމުން މަސައްކަތް ލަސްވަމުންދާތީ، އެތަކެއް ފަހަރުމަތިން އިންޒާރުދިނުމަށްފަހު ކޮންޓްރެކްޓް ނިމުމަކަށް ގެނައީކަމަށާއި، ސަބަބަކީ އެގްރީމެންޓާއި ޚިލާފުވެ އެއްބަސްވެފައިވާ ތާރީޚަށް މަސައްކަތް ނުނިމުމުންކަމަށާއި، ދަޢުވާކުރާ ފަރާތުން އާދޭސްކުރުމުން ފަހުން ސީފުޑް ރެސްޓޯރެންޓާއި ސީވޯލްގެ މަސައްކަތް ޙަވާލުކުރެވުނުކަމަށާއި، މި މަސައްކަތުގެ ފައިސާދީ ނިންމާފައިވާކަމަށާއި، މައިކޮމްޕެނީން ދަޢުވާކޮށްފައިވަނީ ނުކޮށްހުރި މަސައްކަތްވެސް ހިމަނައިގެންކަމަށް ލަފާކުރެވޭކަމަށް ރީތިރަށް ރިސޯޓުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި، ރީތިރަށް ރިސޯޓުގެ އިސްވެ ބަޔާންވެދިޔަ ދިފާޢީ ދަޢުވާ ޘާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ 'ފެކްސިމުލީ މެސެޖް' (Facsimile Message) އަށް ބަލާއިރު، އެއީ ރީތިރަށް ރިސޯޓާއި މައިކޮމްޕެނީއާ ދެމެދުގައި ކުރެވިފައިވާ އިސްވެ ޙަވާލާދެވުނު ކޮންޓްރެކްޓުގެ ދަށުން މައިކޮމްޕެނީގެ ފަރާތުން މަސައްކަތްކުރާ ޕްރޮޖެކްޓުގެ މަސައްކަތް ފުރިހަމަކުރުމަށް ލާޒިމްވާ ޟަރޫރީ ކަންތައްތައް ނުކޮށްފިނަމަ، 30 (ތިރީސް) ދުވަސްތެރޭގައި ކޮންޓްރެކްޓް ނިމުމަކަށް ގެނައުމުގެ ޙައްޤު މަސައްކަތުގެ ވެރިފަރާތް (ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް) އަށް ލިބިގެންވުމުގެ އިތުރުން، މި މަސައްކަތް ފުރިހަމަކުރުމަށް އެހެން 'ކޮންޓްރެކްޓަރސް' އިން ކަނޑައެޅުމުގެ ޙައްޤުވެސް އެފަރާތަށް ކޮންޓްރެކްޓުގެ B19.1 މާއްދާގެ ދަށުން ލިބިގެންވާކަމަށް އަންގައި، އިސްވެ ޙަވާލާދެވުނު ރީތިރަށް ރިސޯޓް ޕްރޮޖެކްޓް 2004 ގެ ޕްރޮޖެކްޓް މެނޭޖަރގެ ފަރާތުން 08 އެޕްރީލް 2004 ދުވަހު މައިކޮމްޕެނީއަށް ފޮނުވާފައިވާ ނޯޓިސް އެއްކަން އެނގެން އޮންނަކަމާ، ނަމަވެސް، މި ނޯޓިސްގައިވާ ގޮތުގެމަތިން ކޮންޓްރެކްޓް ނިމުމަކަށް ގެނެވުނުކަން ދަލީލުކޮށްދޭ އަދި ކޮންޓްރެކްޓުގެ ދަށުން މައިކޮމްޕެނީގެ މައްޗަށް ފުރިހަމަކުރުން ލާޒިމުވެގެންވާ މަސައްކަތްތައް ފުރިހަމަކުރުމަށް އެހެން ކޮންޓްރެކްޓަރަކާއި ޙަވާލުކުރެވުނުކަން ދަލީލުކޮށްދޭ ޝަރުޢީ އަދި ޤާނޫނީގޮތުން ޤަބޫލުކުރެވޭ ހެއްކެއް ރީތިރަށް ރިސޯޓުގެ ފަރާތުން މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައި ނުވާކަމާއި، ރީތިރަށް ރިސޯޓް ޕްރޮޖެކްޓް 2004 ގެ ކޮންޓްރެކެޓްގެ ދަށުން ޢައްޔަންކުރެވިފައިވާ ކުއަންޓިޓީ ސަރވެޔަރ (Quantity Surveyor) (އެމް.އެލް.ސީ) އިން 26 ޖުލައި 2004 ގައި މައިކޮމްޕެނީއިން ކޮށްފައިވާ މަސައްކަތުގެ އަގު ތަޤްޔީމްކޮށް 'ފައިނަލް ވެލުއޭޝަން އޮފް ވޯރކްސް' ގެ ނަމުގައި ތައްޔާރުކޮށްފައިވާ ލިޔުމަށް ޙަވާލާދީ، މައިކޮމްޕެނީއާ ޙަވާލުކުރެވުނު ބައެއް މަސައްކަތްތައް އެފަރާތުން ނިންމާފައި ނުވުމުގެ ސަބަބުން އެ މަސައްކަތްތައް ފުރިހަމަކުރުމަށް 'އައިމާ ކޮންސްޓްރަކްޝަން' އާއި 'ޓްރޮޕިކަލް ކޮންސްޓްރަކްޝަން' އާ ޙަވާލުކުރެވުނުކަމަށް މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައްޔާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް، އެއީ، ޚުދު ރީތިރަށް ރިސޯޓުން މައިކޮމްފެނީއަށް، އެ ކުންފުންޏާއި ޙަވާލުކުރެވުނު މަސައްކަތް ފުރިހަމަވެފައި ވުމާއެކު، އެ ކުންފުނީގެ އެންމެހައި މުވައްޒަފުން ރީތިރަށް ރިސޯޓުން ގެންދިއުމަށް އަންގާ 30 ޖުލައި 2004 ގައި ފޮނުވާފައިވާ އިސްވެ ބަޔާންކުރެވުނު ފެކްސް މެސެޖާއި ތަޢާރުޟުވާ ލިޔުމެއްކަމާއި، ބުނެވިދިޔަ ފެކްސް މެސެޖުގެ ޞަރީޙަ ޢިބާރާތުން މައިކޮމްޕެނީއާއި ޙަވާލުކުރެވުނު މަސައްކަތް ފުރިހަމަކޮށްފައިވާކަން ދޭހަވާން އޮންނައިރު، އެއީ 08 އެޕްރީލް 2004 ގެ އިސްވެ ޙަވާލާދެވުނު ނޯޓިސް އާއި، ކުއަންޓިޓީ ސަރވެޔަރގެ ފަރާތުން ތައްޔާރުކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު 26 ޖުލައި 2004 ގެ ލިޔުމާއި، ދެ ލިޔުމަށްވުރެ ފަހުގެ ތާރީޚެއްގައ ފޮނުވާފައިވާ ފެކްސް މެސެޖެއްކަމާއި، އަދި އެއީ ރީތިރަށް ރިސޯޓުގެ ފަރާތުން އޭގައި ބަޔާންވެގެންވާ ތާރީޚުގައި ފޮނުވާފައިވާ މެސެޖެއްކަމާމެދު އެ ކުންފުނިން އެއްވެސް އިރެއްގައި އިންކާރުކޮށްފައި ނުވާއިރު، އެ ފެކްސް މެސެޖަކީ ކޮންޓްރެކްޓުގެ ދަށުން މައިކޮމްޕެނީގެ މައްޗަށް ފުރިހަމަކުރުން ލާޒިމްވެގެންވާ އެންމެހައި މަސައްކަތްތައް ފުރިހަމަކޮށްފައިވާކަން ދަލީލުކޮށްދޭ ޞަރީޙަ ކިތާބީ ހެއްކެއްކަން ރަނގަޅަށް އެނގެއެވެ.

23 އޯގަސްޓް 2004 ގައި މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ، އިސްވެ ޙަވާލާދެވުނު ނަންބަރު INV/24/2004/MC/RRR އިންވޮއިސްގައި ރީތިރަށް ރިސޯޓުގެ ފަރާތުން މައިކޮމްޕެނީއަށް ދައްކަންޖެހި ނުދައްކައިވާކަމަށް ބަޔާންކޮށްފައިވާ US$69,772.00 (ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ހަތްދިހަދޭއް ޔޫ.އެސް ޑޮލަރ) އަކީ ރީތިރަށް ރިސޯޓުގެ ފަރާތުން މައިކޮމްޕެނީއަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ވަކާލާތުކުރަމުން، އިސްވެ ބަޔާންވެދިޔަ ރީތިރަށް ރިސޯޓް ޕްރޮޖެކްޓް 2004 ގެ ކޮންޓްރެކެޓުގެ ދަށުން މައިކޮމްޕެނީގެ ފަރާތުން ކުރާ މަސައްކަތްތަކަށް ފައިސާ ދެވެނީ އެ މަސައްކަތްތައް 'ކުއަންޓިޓީ ސަރވެޔަރ' އާއި 'އާރކިޓެކްޓް' ބަލައި ފައިސާދިނުމުގެ ހުއްދަ ދިނުމުންކަމަށާއި، މިގޮތުން، ހުށަހެޅޭ ކޮންމެ އިންވޮއިސްއެއް ކުއަންޓިޓީ ސަރވެޔަރ ބަލައި ވެރިފައިކުރުމުން އެ އިންވޮއިސްއަށް ފައިސާ ދައްކަމުން ދާކަމަށާއި، އެނޫންގޮތަކަށް މައިކޮމްޕެނީގެ ފަރާތުން ފޮނުވާ އިންވޮއިސްގެ މައްޗަށް ބިނާކޮށް ބުނެވިދިޔަ ކޮންޓްރެކްޓުގެ ދަށުން ކުރާ މަސައްކަތަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަދު ކަނޑައަޅާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ރީތިރަށް ރިސޯޓުގެ ފަރާތުން މަދަނީ ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބުނުމުގެ މައްޗަށާއި، ހުށަހަޅާފައިވާ، ކުއަންޓިޓީ ސަރވެޔަރ (އެމް.އެލް.ސީ) ގެ ފަރާތުން 26 ޖުލައި 2004 ގައި ފައިނަލް ވެލުއޭޝަން އޮފް ވޯރކްސްގެ ނަމުގައި ތައްޔާރުކޮށްފައިވާ ލިޔުމުގެ މައްޗަށް ޤާނޫނީގޮތުން ނަޒަރު ކުރިއިރު، އިސްވެ ބަޔާންވެދިޔަ ކޮންޓްރެކްޓުގެ ފުރަތަމަ ބައި ކަމުގައިވާ "ނޯޓްސް ޓު ކޮންޓްރެކްޓަރ" ގައި ހިމެނިގެންވާ "ލެޓަރ އޮފް އެޕޮއިންޓްމަންޓް" ގެ 8 ވަނަ މާއްދާގައި ޑައިރެކްޓް ކޮންޓްރެކްޓަރއަށް ފައިސާދެއްކުން ތަންފީޒުކުރެވޭނީ ކުއެންޓިޓީ ސަރވެޔަރ އަގުކުރުމުންނާއި (valuation)، އަރކިޓެކްޓް ސަރޓިފައި ކުރުމުންކަމަށް ބަޔާންކޮށްފައިވާކަމާއި، ބުނެވިދިޔަ ކޮންޓްރެކްޓުގެ ދަށުން ޢައްޔަން ކުރެވިފައިވާ ކުއެންޓިޓީ ސަރވެޔަރަކީ "މެކިންޓޮޝް ލަޓިއްލާ ކެރިއަރ އެންޑް ލެއިންގް" (އެމް.އެލް.ސީ) ކަމާއި، އަރކިޓެކްޓަކީ "ގެޑޯރ އަރކިޓެކްޗަރ ޕްރައިވެޓް ލިމިޓެޑް" ކަން އެނގެން އޮންނަކަމާއި، މައިކޮމްޕެނީގެ ފަރާތުން ރީތިރަށް ރިސޯޓަށް 23 އޯގަސްޓް 2004 ގައި ފޮނުވާފައިވާ ޙަވާލާދެވުނު ނަންބަރު INV/24/2004/MC/RRR އިންވޮއިސްގައިވާ ތަފްޞީލުތައް ކުއެންޓިޓީ ސަރވެޔަރ ވެލުއޭޓްކޮށް އަރކިޓެކްޓް ސަރޓިފައިކުރުމަށްފަހު އެ އިންވޮއިސްގައި ރީތިރަށް ރިސޯޓުން ދެއްކުމަށް އެދިފައިވާ ފައިސާއަކީ އެފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅާފައިވާ އެއްވެސް މުސްތަނަދެއް ރީތިރަށް ރިސޯޓުގެ ފަރާތުން މަދަނީ ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައި ނުވާކަމާއި، އަދި ބުނެވިދިޔަ އިންވޮއިސްގައި އެއްވެސް ތަޢާރުޟެއް ނުވަތަ ފުށޫއެރުމެއް ވާނަމަ އިންވޮއިސްއާ ޙަވާލުވާތާ 2 (ދޭއް) ދުވަސްތެރޭގައި މައިކޮމްޕެނީއަށް އަންގަންވާނެކަމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާއިރު، އެ އިންވޮއިސްއަކީ ކުއެންޓިޓީ ސަރވެޔަރގެ 'ވެލުއޭޝަން' އާއި އަރކިޓެކްޓުގެ 'ސަރޓިފިކޭޝަން' އާ ޚިލާފު އިންވޮއިސްއެއްކަމަށް ބުނެ އެއްވެސް މައްސަލައެއް ޖައްސާފައި ނުވާކަން އެނގެން އޮންނައިރު، އިންވޮއިސް ފޮނުވާފައިވާ ތާރީޚަށްވުރެ ކުރީގެ ތާރީޚެއްގައި، 26 ޖުލައި 2004 ގައި ކުއެންޓިޓީ ސަރވެޔަރ ތައްޔާރުކޮށްފައިވާ 'ވެލުއޭޝަން' ރިޕޯޓަކީ އޭގައި މައިކޮމްޕެނީގެ ފަރާތުން ސޮއިކުރުމަށް ފަރުމާކުރެވިފައިވީ ނަމަވެސް އެފަރާތުން ސޮއިކޮށްފައި ނުވާ މުސްތަނަދެއްކަން އެނގެން އޮންނަކަމާ، އަދި އެއީ ޚުދު ރީތިރަށް ރިސޯޓުގެ ފަރާތުން ތައްޔާރުކޮށްފައިވާކަމަށް އެފަރާތުން އިންކާރުކޮށްފައި ނުވާ އިސްވެ ޙަވާލާދެވުނު، މައިކޮމްޕެނީގެ ފަރާތުން ރީތިރަށް ރިސޯޓުގައި ކޮށްފައިވާ މަސައްކަތަށް ފައިސާދެމުން ދިޔަގޮތް ބަޔާންކޮށްދޭ ސްޓޭޓްމަންޓާވެސް ކަނޑައެޅިގެން ފުށޫއަރާ ރިޕޯޓެއްކަމާ، އެހެންކަމުން އެ ރިޕޯޓަކީ ދަޢުވާ ރައްދުވާ ރީތިރަށް ރިސޯޓުގެ ފަރާތުން މަދަނީ ކޯޓުގައި ނަގާފައިވާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަށް ޝަރުޢީގޮތުން ރިޢާޔަތްކުރެވިދާނެ ކިތާބީ ހެއްކެއް ނޫންކަމާ، އަދި ހަމައެފަދައިން އެ ރިޕޯޓަކީ ދަޢުވާކުރާ މައިކޮމްޕެނީން އެފަރާތުގެ ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުން ޘާބިތުވާކަންތަކާއި ޚިލާފަށް ޝަރުޢީ އަދި ޤާނޫނީގޮތުން އެއްވެސް ޙުއްޖަތެއް ޤާއިމުކުރެވިދާނެ މުސްތަނަދެއް ނޫންކަން ފާހަގަކުރެވެއެވެ.

އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށް ރިޢާޔަތްކުރާއިރު، މި މައްސަލާގައި ދަޢުވާކުރާ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެފަރާތުގެ ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވާ ޞައްޙަ ކިތާބީ ހެކިތަކުން ޘާބިތުވާ ކަންތަކުގެ އިދިކޮޅު، މަދަނީ މިންގަޑަކުން ޘާބިތުކުރެވޭފަދަ ހެއްކެއް މި މައްސަލާގައި ދަޢުވާލިބޭ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށާއި، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައި ނުވާކަން މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވިފައިވާއިރު، މަދަނީ ކޯޓުގެ ނަންބަރު 816/MC/2006 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 69/HC-A/2008 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ނޫންކަން ފާހަގަކުރެވިފައި ވެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެހެން ހުރުމާއި އެކު، މަދަނީ ކޯޓުގެ ނަންބަރު 816/MC/2006 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށްވާތީ، އެ ޙުކުމަކީ ޞައްޙަ ހުކުމެއްކަމަށް ކަނޑައެޅުމާއެކު، ހައިކޯޓުގެ ނަންބަރު 69/HC-A/2008 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ