ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2009/SC-A/13ސުޕްރީމް ކޯޓު · 12 މާރިޗު 2012

—

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 މާރިޗު 2012ބާވަތް: އިސްތިއުނާފީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2009/SC-A/13

ދަޢުވާކުރާ ފަރާތް: ރޮޒައިނާ އާދަމް

އަޙްމަދު މަޚްލޫފް

ދަޢުވާ ލިބޭ ފަރާތް: ދައުލަތް ( އެޓަރނީ ޖެނެރަލްގެ އޮފީސް )

މައްސަލައިގެ ބާވަތް: އިސްތިއުނާފު މައްސަލަ

މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 12 އޭޕްރިލް 2009

ނިމުނު ތާރީޚް: 13 މާރޗް 2012 ބް 2009

މައްސަލަ ނިންމި ގަޑި:45115151515:405

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:

ނަންބަރު: 2009/HC-A/03

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 04 ޖެނުއަރީ 2009

ނިމުނު ތާރީޚް: 08 ފެބްރުއަރީ 2009

މައްސަލައިގެޚުލާޞާ

މިމައްސަލައަކީ 2008 އޯގަސްޓް7 ވަނަދުވަހު ޢަމަލުކުރަން ފަށާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު، އިންތިޤާލީ މަރްޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި ކުރެވޭނެ އެއްވެސް އުޞޫލެއް، ޤާނޫނުއަސާސީގައި ކަނޑައެޅިފައި ނެތީސް، އެމަޖިލީހުގެ 8 މެންބަރަކު ރައީސުލްޖުމްހޫރިއްޔާ ވަކިކޮށްފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ޢަމަލަކަށްވުމުގެ ސަބަބުން އެ ޢަމަލަކީ ބާޠިލު ޢަމަލެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި ގ. ހާފްސީ އަޙްމަދު މަޚްލޫފާއި، މ. ފީރޯޒްލޮޖް ރޮޒައިނާ އާދަމްގެ ފަރާތުން ދައުލަތުގެ މައްޗަށް ހުށަހެޅި މައްސަލާގައި މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/2038 ޤަޟިއްޔާގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރުން އަލުން އިންތިޤާލީ މަރްޙަލާގައި ޢައްޔަން ކުރުމުގެ ޙައްޤު ލިބިގެން ވާކަމަށާއި އިންތިޤާލީ މަރްޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ 8 މެންބަރުން ޢައްޔަންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކުރި ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ، މަދަނީކޯޓުގެ 2008/އެމްސީ/2038 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓު ގެ ނަންބަރު 03/އެޗްސީ-އޭ/2009 ޤަޟިއްޔާގައި މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/2038 ޤަޟިއްޔާގައި ކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން ކޮށްފައިވާ ރަނގަޅު ޙުކުމެއްކަމަށް ކަނޑައަޅައި އެޙުކުމަށް ތާއީދުކޮށް ނިންމި ނިންމުން ރަނަގަޅު ނޫންކަމަށް ބުނެ، އަޙްމަދު މަޚްލޫފްއާއި، ރޮޒައިނާ އާދަމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 03/އެޗްސީ-އޭ/2009 ޤަޟިއްޔާގެ ޙުކުމް އިލްތިމާސްކުރުމުން ބެލިފައިވާ މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 03/އެޗްސީ-އޭ/2009 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅު ނޫން ކަމަށް ފާހަގަކޮށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށާއި އެ ނުކުތާތަކުގެ މައްޗަށް ދެވިފައިވާ ތަފްޞީލުތަކަށާއި، ދައުލަތުން ޖަވާބުދެއްވި ގޮތުގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ބެލެވިފައި ނުވުން.

ޤާނޫނުއަސާސީގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވާ ކަމެއް، ޤާނޫނުއަސާސީގެ ރޫޙާއި ޚިލާފަށް މައްސަލަ ނިންމަވާފައިވުމާއި، އިންތިޤާލީ މަރްޙަލާގެ މައްޗަށް ރައްޔިތުންގެ މަޖިލިސް އޮތްގޮތުގެ މައްޗަށް ނުބައްލަވައި އަދި، އިންތިޤާލީ މަރްޙަލާގައި ތަޅުލެވިފައިވާ މަޖިލީހުގެ މެންބަރުން ވަކިކުރުމާއި، ޢައްޔަންކުރެވިފައިވަނީ ޤާނޫނީ ކޮންހަމަޔަކުންކަން އެއްވެސް މިންވަރަކަށް އޮޅުން ފިލާފައި ނުވުން.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ ދަށުން މަދަނީކޯޓުގައި ދަޢުވާ ބިނާކޮށްފައިވާ ސަބަބުތައް ފާހަގަކުރުމަށްފަހުވެސް، އެސަބަބުތަކުގެ މައްޗަށް މައްސަލަ ނިންމެވުމުގައި ބެއްލެވިފައިނުވެ، ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ ރޫޙާ ޚިލާފަށް މާނަކޮށް މައްސަލަ ނިންމާފައިވުން.

ބަލަންވީވަރަށް ނުބައްލަވައި މައްސަލަ ނިންމާފައިވުން.

އަދި މައްސަލަ ހުށަހެޅި ފަރާތުން އެދޭގޮތްކަމަށް ހުށަހަޅާފައިވަނީ:

"އިންތިޤާލީ މަރްޙަލާގައި ރައްޔިތުންގެ މަޖިލީހަކީ ތަޅުލެވިފައިވާ މަޖިލީހެއްކަން ޤާނޫނުއަސާސީން ރަނގަޅަށް އެނގި ސާބިތުވާކަމަށާއި އެހެންކަމުން އެ މަޖިލީހުގައި އެއްވެސް މެންބަރަކު ވަކިކޮށް ޢައްޔަން ކުރުމަށް އެއްވެސް ފުރުޞަތެއް ޤާނޫނުއަސާސީން ހުޅުވާލެވިފައިނުވާ ހިނދު، ޤާނޫނުއަސާސީގެ ރޫޙަކީ ތިންބާރު ވަކިވެފައި އޮތުންކަމަށް ވެފައި، އެއްބާރުން އަނެއްބާރުގެ މައްޗަށް އެއްވެސް ޒާތަކުން ނުފޫޒް ހިންގުމަށް ފުރުސަތެއް ހުޅުވިފައިނުވާކަން ޤާނޫނުއަސާސީން ތިންބާރު ވަކިވެފައިވާ ގޮތަށް ބަލާއިރު އެނގޭކަމާއި، އެގޮތުން ވެރިކަން ހިންގުމުގެ ބާރުން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާފަރާތަކަށް އެއްވެސް މިންވަރެއްގެ މެންޑޭޓެއް އޮންނަންޖެހޭ އެއްވެސް މާއްދާއެއް ޤާނޫނުއަސާސީން އެނގެން ނެތްކަމާއި، ޤާނޫނުއަސާސީން ވަކިކަމެއް މަނާކޮށްފައިވަނިކޮށް އެކަން ހުއްދަކުރެވޭނެ އެއްވެސް ފަރާތެއް ނޯންނާނެ ކަމާއި، އިންތިޤާލީ މަރްޙަލާގައިވާ ރައްޔިތުންގެ މަޖިލީސް ދެމި އޮންނާނޭ ބުނާބުނުމަކީ އެމަޖިލީހުގެ މެންބަރުން އަމިއްލައަށް ނުވަތަ ޝަރްޠެއް އުނިވެގެން ވަކި ނުވާހައި ހިނދަކު، އެހެން ފަރާތަކުން ވަކިކޮށް ޢައްޔަން ކުރެވޭނޭގޮތެއް އޮތްކަމެއް ނޫންކަން ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނޭ ބުނެފައިވާ ބުނުމުން އެނގެން އޮތްކަމާއި، އެހެންކަމުން އުވިދިޔަ ޤާނޫނުއަސާސީގެ ދަށުން އެކުލަވާލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކޮށް އެހެން އާމެންބަރުންތަކެއް ޢައްޔަންކުރުމަށް އެއްވެސް ފުރުޞަތެއް ނެތްކަމަށްވާތީ ކުރީގެ ޤާނޫނުއަސާސީގެ ދަށުން އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މެންބަރުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުވަންދެން ދެމިތިބޭނެ ކަމަށާއި، މިހާރު އެ މަޖިލީހުގައި ތިބި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ އަށް މެންބަރުންނަކީ ޤާނޫނުއަސާސީއާ ޚިލާފަށް ޢައްޔަން ކުރައްވާފައިވާ ބައެއްކަމަށްވާތީ، އެމީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫންކަމުގައި ކަނޑައަޅުއްވައިދެއްވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ބާޠިލުކޮށް ދެއްވުން އެދި" މިފަދައިންނެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިމައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެޤާނޫނުއަސާސީއަށާއި، ދުސްތޫރީ، ޤާނޫނީ އަދީ ޝަރްޢީ މަބާދީތަކާއި، އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، މިމައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ވަކި ކުރުމަށާއި އަލުން އާމެންބަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ޢައްޔަންކުރުމަށް ނިންމި ނިންމުމާ މިދެ ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށާއި، އެދެ ނިންމުމަކީ ދައުލަތުގެ ވެރިކަމުގެ ތިންބާރު ވަކިކުރެވި، އެއްބާރުން އަނެއްބާރެއްގެ ކަންތަކަށް ނުވަނުމަށް ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފު ނިންމުންތަކެއްކަމަށް ބުނެ ކޮށްފައިވާ ދަޢުވާއަކަށް ވާތީ މިއީ އެދެ ނިންމުމުގެ މަޝްރޫޢިއްޔަތު (ލެޖިޓިމެސީ) އާއި ދުސްތޫރިއްޔަތު (ކޮންސިޓިޓިޔުޝަނަލިޓީ) އާމެދު ޚިލާފު އުފެދިފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަކަމަކީ، މިމައްސަލައިގައި ކޯޓު ރިވިޔު އަކަށް އެދިފައިވާ މައުޟޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުންތަކެއް ކަމުގައި ވާއިރު، މިފަދަ ނިންމުންތައް ހިމެނިފައިވަނީ ޤާނޫނު ޢާއްމުގައި ހިމެނޭ އިދާރީ ޤާނޫނުގެ ދާއިރާގެ ތެރޭގައި ކަމަށްވާތީއާއި މިފަދަ ނިންމުންތަކާއި ޤަރާރުތަކަކީ ދައުލަތުގެ ތަންފީޒީ ބާރުގެ ނިންމުންތަކަކަށް ވާތީއާއި މިބާވަތުގެ ތަންފީޒީ ނުވަތަ އިދާރީ ޤަރާރުތަކުގެތެރޭގައި ޖުޑިޝަލް ރިވިޔު ނުވަތަ ކޯޓު ސްކުރުޓިނީގެ ދާއިރާއިން އިސްތިޘްނާވާ ނިންމުންތަކެއް ނެތްކަން ޤާނޫނުއަސާސީގެ 144 ވަނަ މާއްދާއަށް ބަލާލުމުން ސާފުކޮށް އެނގެން އޮންނަކަމާއި މިފަދަ ތަންފީޒީ ނިންމުމެއް ނުވަތަ އިދާރީ ނިންމުމެއް ނުވަތަ އިދާރީ ޤަރާރެއްގެ ސައްޙަކަމާމެދު ޠަޢުނުކޮށް ކަމާބެހޭ ޝަރްޢީ ކޯޓަކަށް ހުށަހަޅައިފިނަމަ، އެ ނިންމުމަކީ ނުވަތަ އެ ޤަރާރަކީ ޤާނޫނާއެއްގޮތަށް ނިންމާފައިވާ ޞައްހަ ނިންމުމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި، ކޯޓުން ފުރިހަމައަށް ރިޢާޔަތްކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައިއަންނަނިވި ކަންތައްތައް ހިމެނޭކަން ފާހަގަކުރެވިފައިވުމެވެ.

1.އެނިންމުމެއް ނިންމީ އެނިންމުމެއް ނިންމުމުގެ އިޚްތިސާސް ޤާނޫނި ގޮތުން އޮތް ފަރާތަކުންތޯ؟

2.އެ ނިންމުމެއް ނިންމުމުގައި ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ޝަކްލީ (ފޯރމަލިޓީ) ގޮތުންނާއި އިޖްރާއީ (ޕްރޮސީޖަރަލް) ގޮތުން ތަބާވުން ލާޒިމް ކޮށްފައިވާ ކަންތައްތަކަށް ތަބާ ވެފައިވޭތޯ؟

3.އެ ނިންމުމަކީ އެ ނިންމުމެއް ނިންމި އިރު، ޢަމަލު ކުރެވޭ އެއްވެސް ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފު ޢަމަލެއްތޯ؟

4.އެ ނިންމުމެއް ނިންމުމުގައި އިޚްތިޔާރީ ބާރުގެ ބޭނުން ނުރަނގަޅު ގޮތުގައި ނުވަތަ ނާޖާއިޒް ގޮތުގައި ބޭނުންކޮށް ޤާނޫނީ ގޮތުން އެ މަގްސަދަކަށްޓަކައި އެނިންމުން އޮންނަން ޖެހޭ އިންތަކުން އެނިންމުން ބޭރު ވެފައިވޭތޯ؟

5.އެ ނިންމުން ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއްގެ މައްޗަށް ކަމަށް ވާނަމަ އެ ޙަޤީޤަތް އެގޮތަށް ހުރިތޯ؟އަދި އެނިންމުން ބިނާކުރި ޤާނޫނީ ސަބަބުތައް ޞައްޙަތޯ؟

(ނ) ތިންވަނަކަމަކީ، ޤާނޫނުގެ ސިޔާދަތާއި މަބްދައުލް މަޝްރޫޢިއްޔަތު (ޕްރިންސިޕަލް އޮފް ލެޖިޓިމެސީ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ގޮތުގެ މައްޗަށް ބަލާއިރު، "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ މި ޤާނޫނުއަސާސީގައިވާގޮތުގެމަތީންނެވެ". މިފަދައިން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކުރުމަށްފަހު ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންސާފް ޤާއިމްކުރުމުގެ ބާރުންނާއި، މުސްތަޤިއްލު ކޮމިޝަން ތަކުންނާއި، މުސްތަޤިއްލު މަޤާމްތަކުގައި ތިބިމީހުންނާއި، އެންމެހައި ރައްޔިތުން މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު މިޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ، ޢަމަލު ކުރަންވާނެ ކަމަށް ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) ގައި ސާފުބަހުން ބަޔާންވެފައިވުމާއި، ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލުކަމެއް ކަމަށް ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި އެއްވެސް އޮޅުމެއް ނާރާގޮތަށް ސާފު ޢިބާރާތުން ބަޔާންކޮށްފައިވުމުން ދިވެހި ދައުލަތާއި ދައުލަތުގައި ހިމެނޭ އެންމެހައި ފަރާތްތަކުގެމައްޗަށް ޤާނޫނުގެ ސިޔާދަތަށް ކިޔަމަންވުމާއި ޤާނޫނުގެ ޙުކުމަށް ތަބާވުން ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުތަކުން ލާޒިމްކޮށްފައިވާކަމާއި، އެގޮތުން އެއްވެސް އިސްތިޘްނާއެއްނެތި ހުރިހާ ފަރާތްތަކެއްގެ ޢަމަލުތަކާއި ނިންމުންތައް ހުންނަންޖެހެނީ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އިންތަކުގެ ތެރޭގައި ކަމާއި، އަދި އެ ޢަމަލުތަކާއި ނިންމުންތަކުގެ ޞައްޙަކަން ބިނާވެފައިވަނީ ޤާނޫނުއަސާސީއާ، އަދި ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ހެދިފައިވާ ޤާނޫނު ތަކާ، އަދި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ހެދިފައިވާ ޤަވާޢިދުތަކާއި، އެއްގޮތްވާގޮތަށް އެޢަމަލުތަކާއި ނިންމުންތައް ހުރުމުގެ މައްޗަށްކަން ސާފުކޮށް އެނގެން އޮތުމާ، އަދި އެ ޢަމަލުތަކާއި ނިންމުންތަކުގެ ތެރެއިން ބާޠިލު ނޫންކަމަށް ޤާނޫނީގޮތުން ބެލެވޭނީހަމައެކަނި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިންތަކުގެތެރޭގައި ޤާނޫނުއަސާސީއަށް ފެތޭ ޢަމަލުތަކާއި ނިންމުންތަކާއި ޤަރާރުތައްކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރު ވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދައުލަތުގެ ވެރިކަމުގެ ތިންބާރު ވަކިވެފައި އޮތުން (ޕްރިންސިޕަލް އޮފް ސެޕަރޭޝަން އޮފް ޕަވަރސް) މިމަބްދައު މުޠްލަޤު ސިފާގައި ކަނޑައެޅިފައިވާކަން ޤާނޫނުއަސާސީގެ 5 ވަނަމާއްދާއާއި، 6 ވަނަ މާއްދާއާއި،7 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ އެނޫންވެސް ކަމާގުޅުން ހުރި ނައްޞުތަކުން ސާފުކޮށް އެނގެން އޮންނަކަމާއި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނުއަސާސީގައި ވާގޮތުގެ މަތިން ކަމަށް ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ބަޔާންކޮށް ޤާނޫނުގެ ހުކުމަށް ތަބާވުން ދައުލަތުގެ އެންމެހައި ބާރުތަކަށް ލާޒިމްކޮށްފާވައިކަމާ، އެގޮތުން ދައުލަތުގެ ވެރިކަމުގެ ތިންބާރުން ކުރެ އެއްވެސް ބާރެއް އަނެއް ބާރެއްގެ މައްޗަށް ޚުދުމުޚްތާރުވެގެން ނުވާނެކަމާއި، އަދި އެއްވެސް ބާވަތެއްގެފިއްތުމެއް ނުވަތަ ނުފޫޒެއް ވިޔަސް ފޯރުވައިގެން ނުވަނެކަމާއި އަދި އެއްވެސް ބާރެއް އަނެއް ބާރެއްގެއިޚްތިސާސްތަކާއި ކަންތައްތަކުގެ ތެރެއަށް ވަދެގެން ނުވާނެކަމާއި "ޗެކްސް އެންޑް ބެލަންސް" ނުވަތަ ތިންބާރު، އެއްބާރުން އަނެއްބާރަށް ފާރަވެރިވުމާއި، ތިންބާރުގެ މެދުގައި ތިލަފަތް ހަމަކޮށް ބަހައްޓަންވާގޮތާއި އިޖްރާއާތު ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، އެނޫންގޮތަކަށް އެއްވެސް ބާރަކުން ކަމެއްކޮށް ދައުލަތުގެ ވެރިކަމުގެ އެއްވެސް ބާރެއް އެބާރަކަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކުން ބޭރުވެ، އަނެއް ބާރެއްގެ އިންތަކުގެ ތެރެއަށް އެއްވެސް މިންވަރަކަށް ވަދެގެން ނުވާނެކަމާއި، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ މިއިންތައް ފަހަނަޅައި ދާކޮންމެ ޢަމަލެއް ނުވަތަ ނިންމުމެއް ކަމުގައިވިޔަސް ޤާނުނުއަސާސީއާ ޚިލާފުވާނެކަމާއި، އެ ޢަމަލަކުން ނުވަތަ ނިންމުމަކުން ޤާނޫނުއަސާސީއާ ޚިލާފުވާ މިންވަރު އެއީ ބާޠިލް އެއްޗެއް ނުވަތަކަމެއްކަން އެނގެން އޮންނަކަމާއި ވެރިކަމުގެ ތިންބާރު ވަކިވެފައިއޮތުމުގެ މި އުޞޫލު ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާގޮތަށް ބަލާއިރު، މިލާދީ ސަނަތުން 2008 ގެ އޮގަސްޓް 7 ގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤަނޫނުއަސާސީއަށް ޢަމަލުކުރެވެން ފެށުމަށްފަހުރައްޔިތުންގެ މަޖިލީހަށް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރުމާއި ވަކި ކުރުމަކީ ޤާނޫނުއަސާސީގެމި އުޞޫލާ ޚިލާފް އަދި ޤާނޫނުއަސާސީގެ ނުޞޫޞާއި ރޫހާ ޚިލާފް ކަންތަކެއްކަން އެނގެން އޮންނައޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސަރަޙައްދުގައިވާ ނުވަތަ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުގެ ދަށުގައިވާ ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ނުވަތަ ދިވެހި ދައުލަތުގެ އެއްވެސް ބާރެއް ހިނގާ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ބާރު ހިނގާނެތީއާއި، ދިވެހި ދައުލަތާއި އެދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އިދާރާތަކާއި ދައުލަތުގެ އެކި ކަންކަމާ ޙަވާލުވެ ތިބި އެންމެހައި ފަރާތްތަކާ ޙަވާލުކުރެވިފައިވާ ކަންތައްތަކާ އެފަރާތްތަކުން ޙަވާލުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ރާއްޖޭގައި ޢަމަލު ކުރަންޖެހޭ ޤާނޫނުތަކާއި، ޤަވާޢިދުތަކާ އެއްގޮތް ވާގޮތުގެ މަތިން ޢަމަލު ކުރުމުގެ ޝަރުޠާއި ޢަހްދުގެ މަތިން ކަމަށްވެފައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުގެ ކަމަކާ ހަވާލުވެ ހުރި ފަރާތަކުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާއެއްގޮތްވާގޮތުގެމަތިން އަދާކުރާވާޖިބަކަށް ނުވަތަ ޤާނޫނުއަސާސީއާ ޤާނޫނުތަކާއެއްގޮތަށް ހިނގާކަމަކަށް ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތްތަކާ ޚިލާފަށް ނުވަތަ ޤާނޫނުއަސާސީއާ އެއްގޮތަށް ހެދިފައިވާ ޤާނޫނަކުން ކަނޑައެޅިފައިވާ އަސާސްތަކާއި އިޖްރާއާތުތަކާޚިލާފުވާގޮތަށް ހުރަސް އެޅުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ލިބިގެން ނުވާނެތީއާއި، އެއްވެސް ފަރާތަކުން ހިންގާ ޤާނޫނާ ޚިލާފު އަދި ބޭއިންސާފުވެރި (އާރބިޓްރަރީ) ޢަމަލެއް ނުވަތަ އިދާރީ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް އަސާސީޙައްޤެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤަނޫނުއަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށް ދީފައިވާތީއާއި، މިފަދަ ތަންފީޒީ ނުވަތަ އިދާރީ ނިންމުމެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފްވާނަމަ އެ ޚިލާފްވާމިންވަރު އެއީ ބާޠިލު އެއްޗެއް ނުވަތަ ބާޠިލް ކަމެއްކަމުގައި ކަނޑައެޅުމާއި ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވާ މިފަދަ ކަމަކުން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުމެއްގެ ޢަދުލުވެރި އިންސާފުވެރި ބަދަލު ލިބިދިނުމައްޓަކައި އަމުރުތައް ނެރުމުގެ ބާރު މިބާވަތުގެ ދުސްތޫރީ އަދި އިދާރީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކަށް ލިބިގެންވާކަން ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) އަދި (ށ) އިން ސާފުކޮށް އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ، މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް 7 ގައި ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މެންބަރުންޢައްޔަން ކުރުމާއި މެންބަރުން އެމަޤާމުން ވަކި ކުރުމުގެ އެއްވެސް ތަސައްވުރެއް ވިޔަސް ނެތްކަމާއި، އެފަދަ ތަޞައްވުރަކަށް އެއްވެސް ޖާގައެއް ދިނުމުގެ އެއްވެސް އުޞޫލެއް އަދި ހަމައެއްވިޔަސް ނެތްކަން ޤާނޫނުއަސާސީގެ ނައްޞުތަކުން ކަނޑައެޅިގެން އެނގެން އޮންނަކަމާއި، ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައިޤާނޫނުއަސާސީގެ އިންތިޤާލީ މަރްޙަލާގައިވެސް އަދި އެނޫން މަރްޙަލާއެއްގައި ވިޔަސް ރައްޔިތުންގެ މަޖިލީހަށް މެންބަރުންޢައްޔަން ކުރުމުގެ އެއްވެސް ބާރެއް އަދި މަސްއޫލިއްޔަތެއްވިޔަސް ރައީސުލްޖުމްހޫރިއްޔާއަށް ދީފައި ނުވާކަން ސާފުކޮށް އެނގޭކަމާއި، ޤާނޫނުއަސާސީގެ ދަށުން އިންތިޤާލީ މަރްޙަލާގައި ރައްޔިތުންގެ މަޖިލިސް އޮންނަންވާނީ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތަށްކަން އެނގެން އޮންނަކަމާ، އެގޮތުން ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ(ހ) ގައި ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ އިންތިޚާބު ބާއްވައި މިޤާނޫނުއަސާސީގައި ވާގޮތުގެ މަތީން އެމަޖިލީހަށް މެންބަރުން އިންތިޚާބުކޮށް އެމީހުން މެންބަރުކަމާ ޙަވާލުވާންދެން، މިޤާނޫނުއަސާސީއަށް ޢަމަލު ކުރަންފަށާއިރު އޮތް ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނެކަމަށް އެމާއްދާގައި ސާފުޞަރީހަ ނައްޞުން ބަޔާންކޮށްފައިވުމުން އިންތިޤާލީ މަރްޙަލާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދުސްތޫރީ އަދި ޤާނޫނީ މަރްކަޒު ކަނޑައަޅާފައިވަނީ މި މާއްދާގައި ކަމާއި، މި މާއްދާގައި އެ މެންބަރުންގެ ޤާނޫނީ ޙައިޘިއްޔަތާއި މަރުކަޒު ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނު އިރު މަޖިލީހުގެ މެންބަރުންގެ ތެރޭގައި ތިބި، އުވިދިޔަ ޤާނޫނުއަސާސީގެ ދަށުންއެކި ދާއިރާތަކުން އިންތިޚާބުވެފައިވާ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކޮށްފައިވާ މެންބަރުންނާ އެއްވެސް ތަފާތުކުރުމެއްނެތި އެތިބިގޮތުގެ މަތިންދެމިތިބުމުގެ މައްޗަށްކަން އެއްވެސް އޮޅުމެއްނެތި ސާފުކޮށް އެނގޭކަމާއި، އަދި އިންތިޤާލީ މަރްޙަލާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤާނޫނުއަސާސީގެ ސަރީޙަ ނައްޞުން ކަނޑައެޅިފައިވާ ޤާނޫނީ މަރްކަޒް (ލީގަލް ސްޓޭޓަސް) އަކީ އެއްހަމައަކުން އެއް އުޞޫލަކުން އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެންބަރުންނާމެދު ޢަމަލުކުރުން ލާޒިމްވާގޮތަށް ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ޤާނޫނީ މަރްކަޒެއްކަން އެނގޭކަމާ އެހެންކަމުން ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިއިރު އޮތް ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެންބަރުންނަށް ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ޙައްޤުތައް ލިބިދިނުމުގައި އަމަލުކުރުން ލާޒިމްވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ޤާނޫނުހިންގުމުގައްޔާއި ޤާނޫނުގެ ރައްކާތެރިކަން ލިބުމުގައި ހަމަހަމަވުން އަސާސީ ޙައްޤެއްގެ ގޮތުގައި ކަނޑައަޅާފައިވާގޮތާ ޚިލާފު ނުވާގޮތަށްކަން އެނގެން އޮންނަކަމެވެ.

ޙުކުމް:

އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، އިންތިޤާލީ މަރްޙަލާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެންބަރުންގެ ޤާނޫނީ މަރްކަޒު ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާއިން ކަމަށްވެފައި، އިންތިޤާލީ މަރްޙަލާގައި އޮތް ރައްޔިތުންގެ މަޖިލީހަށް އެއްވެސް މެންބަރަކުޢައްޔަންކޮށްވަކިކޮށް ހެދުމުގެ އިޚްތިޔާރާއި ބާރު ޤާނޫނީއަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިނުވާތީއާއި މީލާދީ ސަނަތުން 2008 އޯގަސްޓް 7 ގައި ތަސްދީޤުކުރެވުނު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު ރައްޔިތުންގެ މަޖިލީހަށް އެއްވެސް މެންބަރަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރުމާއި ވަކިކުރުމަކީ ޤާނޫނުއަސާސީން ހުއްދަކުރާ ކަމަކަށް ނުވާތީއާ، އަދި ޤާނޫނުއަސާސީގައި އެފަދަ ތަޞައްވުރެއްވިޔަސް ނެތަތީއާއި އިންތިޤާލީ މަރްޙަލާގައި އޮތް ރައްޔިތުންގެ މަޖިލީސް އެކުލެވިފައިވާގޮތަށް އެމަޖިލިސް ދެމިއޮންނާނެކަމަށް ޤާނޫނުއަސާސީގެ 294 ގައި ކަނޑައެޅި ބަޔާންވެފައިވަނިކޮށް އިންތިޤާލީ މަރްޙަލާގައި އެގޮތުގެމަތިން ދެމި އޮންނަންޖެހޭ ރައްޔިތުންގެ މަޖިލިސްއަށް މެންބަރުން ޢައްޔަންކޮށް ވަކިކޮށް ހެދުމުގެ ޤާނޫނީ އެއްވެސް އަސާސެއްނެތި، އިންތިޤާލީ މަރްޙަލާގައި އޮތް ރައްޔިތުންގެމަޖިލީހުގެ މެންބަރުންތަކެއް ވަކިކޮށް އެމެންބަރުންގެ ބަދަލުގައި އެހެން ބަޔަކު ޢައްޔަންކޮށްފައިވަނީ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އިންތަކުގެ ބޭރުން އަދި ޤާނޫނުއަސާސީގެ ތަޞައްވުރާވެސް ޚިލާފަށް ކަމަށްވާތީ، އުވިދިޔަ ޤާނޫނުއަސާސީގެ ދަށުން ޢައްޔަންވެ އަދި އަލަށް ޢަމަލުކުރަންފެށުނު ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ ދަށުން އެތިބި ގޮތުގެ މަތިން އިންތިޤާލީ މަރްޙަލާގައި ދެމިތިބެންޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ވަކިކުރުމާއި އަލުން މެންބަރުންތަކެއް އިންތިޤާލީ މަރްޙަލާގައި އޮތް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރިކުރުމަކީ، މީލާދީ ސަނަތުން 2008 އޯގަސްޓް 7 ގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފްވާ ނިންމުންތަކެއް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަޣުލަބިއްޔަތުން ކަނޑައަޅައި، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، އެނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އިންތިޤާލީ މަރްޙަލާގެ ރައްޔިތުންގެ މަޖިލީސް ދެމިގެން ދިޔަ މުއްދަތުގެނިޔަލަށް މުސާރައާއި އިނާޔަތްތައް އެމަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރި މެންބަރުންނަށް ޙައްޤުވެގެންވާކަމަށް ޙުކުމްކޮށް މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/2038 ނަންބަރު ޤަޟިއްޔާގެ ޙުކުމާއި، އެޤަޟިއްޔާއަށް ތާއީދުކޮށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 03/އެޗްސީ-އޭ/2009 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާ އެއްގޮތް ނުވާތީ، މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/2038 ޤަޟިއްޔާގެ ޙުކުމާއި، އެޤަޟިއްޔާއަށް ތާއީދުކޮށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 03/އެޗްސީ-އޭ/ 2009 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިންއާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ތަފާތުވި ރަޢުޔު

މިއީ މަދަނީ ކޯޓުގެ ނަންބަރު 2038/MC/2008 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނީ ހަމަތަކުގެމަތިން ކުރައްވާފައިވާ ރަގަޅު ޙުކުމެއްކަމަށް، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެ، މަދަނީ ކޯޓުގެ ނަންބަރު ނަންބަރު 2038/MC/2008 ގެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/03 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފްކަމަށް ބުނެ، އަޙްމަދު މަޚްލޫފް ގ.ހާފްސީ އާއި ރޮޒައިނާ އާދަމް މ. ފީރޯޒްލޮޖް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުން ބަލާފައިވާ މައްސަލައެކެއެވެ.

މަދަނީކޯޓަށް، މި މައްސަލަ ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، މީލާދީސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 07 ވަނަ ދުވަހު ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭނެ އުޞޫލެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅިފައިނެތީސް، ރައީސުލްޖުމްހޫރިއްޔާ އެމަޖިލީހުގެ 08 މެންބަރަކު ވަކިކޮށް، ހަމައެފަދައިން އިންތިޤާލީ މަރުހަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ޢައްޔަންކުރެވޭނެ އުޞޫލެއްނެތީސް، ރައީސުލްޖުމްހޫރިއްޔާ އެމަޖިލީހަށް 08 މެންބަރަކު ޢައްޔަނު ކުރައްވާފައިވުމުން، ރައީސުލްޖުމްހޫރިއްޔާގެ މިޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ޢަމަލަކަށްވާތީ، ރައީސުލްޖުމްހޫރިއްޔާގެ މިމަޢަމަލު ބާޠިލްކަމަށް ކަނޑައަޅައި ދިނުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވި، އެ 08 މެންބަރުން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފިނަމަ، އެޖަލްސާއަކީ ޤާނޫނީ ހަމަތަކުގެ މަތިން ބާއްވާފައިވާ ޖަލްސާއެއް ނޫންކަމުގައި ކަނޑައަޅައިދިނުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މިޢަމަލުގެ ކުރިން ހިނގާފައިވާ އެއްވެސް ކަމަކީ ބާޠިލް ނުވާނެކަމެއް ކަމުގައި ކަނޑައަޅައި ދިނުމަށް، ދަޢުވާކުރާ ފަރާތްތަކުން އެދިފައިވާކަން އެނގެއެވެ.

މިމައްސަލާގައި ހުށަހެޅިފައިވާ ދަށުކޯޓާއި، ހައިކޯޓުގެ ރިޕޯޓުތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ދުސްތޫރީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، މަދަނީކޯޓުން މިމައްސަލަ ނިންމަވާފައި ވާގޮތަށް ބަލާއިރު، 07 އޯގަސްޓް 2008 ގައި ޢަމަލުކުރަންފެށި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު، އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭނެ އަދި ޢައްޔަން ނުކުރެވޭނެ އެއްވެސް އުޞޫލެއް ޤާނޫނުއަސާސީގައި ކަނޑައެޅިފައިނެތީސް، ރައީސުލްޖުމްހޫރިއްޔާ، އެ މަޖިލީހުގެ މެންބަރުންތަކެއް ވަކިކޮށް، މެންބަރުންތަކެއް ޢައްޔަންކޮށްފައިވާކަމަށާއި، މި ޢަމަލުތަތަކީ ޤާނޫނުއަސާސީއާ ޚިލާފް ޢަމަލުތަކެއްކަމަށް ބުނެ، ވުމާއެކު މި ޢަމަލުތަކަކީ، ބާޠިލް ޢަމަލުތަކެއްކަމަށް ކޯޓުން ކަނޑައަޅައިދީ، މި މައްސަލައިގެ އަވަސް ނިޔާއަކަށް އެދި ގ. ހާފްސީ އަޙްމަދު މަޚްލޫފް އާއި، މ. ފީރޯޒްލޮޖް ރޮޒައިނާ އާދަމްގެ ފަރާތުން ދައުލަތަށް ދަޢުވާލިބޭގޮތަށް ހުށަހެޅި މި މައްސަލާގައި، 07 އޮގަސްޓް 2008 ގައި ޢަމަލުކުރަންފެށި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު އޮތް ރައްޔިތުންގެ މަޖިލިސް، އިންތިޤާލީ މަރުޙަލާގައި ދެމިއޮންނާނެކަމަށް ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަމަށާއި، އެހެންވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޤާލީ މަރުޙަލާގައި ވަކިނުކުރެވޭނެކަމަށާއި، މިއިން، އިސްތިސްނާވަނީ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރާ ޙާލަތު ކަމަށާއި، އެހެންވުމުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ މެންބަރުން، އިންތިޤާލީ މަރުޙަލާގައި ބަދަލުނުކުރެވޭނެކަމަށާ، އަދި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި، މަސްޢޫލިއްޔަތުތައް ބަޔާންކޮށްފައިވާއިރުވެސް، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ޢައްޔަންކުރުމާއި، ވަކިކުރުމުގެ ބާރު ދީފައިވާކަން އެނގެންނެތްއިރު، އަދި އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ޢައްޔަންކުރެވޭނެ އުޞޫލެއްނެތީސް، ރައްޔިތުންގެ މަޖިލީހަށް 08 މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ޢަމަލުތަކަކަށްވުމުން، ބާޠިލް ޢަމަލުތަކެއްކަމަށް ކަނޑައަޅައިދިނުމަށް ދަޢުވާކުރާ ފަރާތްތަކުން އެދި ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި ޤާނޫނުއަސާސީގެ 294 ވަނަ މާއްދާއަށް ބަލާއިރު 07 އޮގަސްޓް 2008 ގައި ޢަމަލުކުރަންފެށި ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިއިރު އޮތް ރައްޔިތުންގެ މަޖިލީސް، އިންތިޤާލީ މަރުޙަލާގައި ދެމިއޮންނާނެކަން އެނގޭކަމަށާއި، އެއީ މުއައްސަސާއެއްގެ ގޮތުގައިކަމަށާއި، ވަކިވަކި މެންބަރުންތަކެއްގެ ގޮތުން ނޫންކަން ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ (ނ) ގައި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ ގޮނޑިއެއް އިންތިޤާލީ މަރުޙަލާގައި ހުސްވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް ބޭއްވުމާއި އެ ގޮނޑި ހުސްވުމާ ދެމެދު ވަކި މުއްދަތެއް އޮތްނަމަ އެ ގޮނޑިއަށް މެންބަރަކު އިންތީޚާބުކުރެވޭގޮތަށް ބަޔާންކުރެވިފައިވުމުން، ރައްޔިތުންގެ މަޖިލީސް އިންތިޤާލީ މަރުޙަލާގައި ދެމިއޮތްނަމަވެސް އިންތިޚާބުކުރެވޭ މެންބަރުންކުރެން ވަކިވަކި މެންބަރުން އިންތިޤާލީ މަރުޙަލާގައި ބަދަލުވުމުގެ ތަޞައްވުރު ޤާނޫނުއަސާސީގައި ޞަރީޙަކޮށް ބަޔާންކުރެވިފައިވާކަމަށާއި، އިންތިޤާލީ މަރުޙަލާގައި ދެމިއޮންނަ ރައްޔިތުންގެ މަޖިލީހުގެ އަތޮޅުތަކުންނާއި މާލެއިން އިންތީޚާބުކުރާ މެންބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރުން ތިބޭނެކަން ސާފުކޮށް އެނގޭއިރު، އިންތިޤާލީ މަރުޙަލާގައި އެ މެންބަރުން ނުވަތަ އެފަދަ މެންބަރަކު ވަކިކުރުމާއި، ޢައްޔަންކުރުމާމެދު ޞަރީޙަކޮށް ވަކިގޮތަކަށް ބަޔާންކޮށްފައި ނުވިނަމަވެސް، އިންތިޤާލީ މަރުޙަލާގައި ރައްޔިތުންގެ މަޖިލިސް ދެމިއޮންނަނީ ރައީސުލްޖުމްހޫރިއްޔާ އެ މަޖިލީހަށް ޢައްޔަންކޮށްފައިވާ މެންބަރުންނާ އެކުގައިކަމަށްވާއިރު، މި މެންބަރުކަމުގެ ޠަބީޢަތަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރުން ވާންޖެހޭނީ އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައަޅާ މެންބަރުންކަމުގައި ފާހަގަކުރަމެވެ. އެހެންކަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިވުމުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ޢައްޔަންކުރި މެންބަރުން އެ މަޖިލީހުގައި ތިބުމުގެ މެންޑޭޓް ގެއްލިގެންދާނެ ކަމަށާއި، އަދި އަލަށް އިންތިޚާބުކުރެވުނު ރައީސުލްޖުމްހޫރިއްޔާއަށް، ރަޢިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ޢައްޔަންކުރާ މެންބަރުން ޢައްޔަންކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައި، ބަޔާންކުރެވިދިޔަ ސަބަތުތައް އެހެން ހުރުމާއެކު އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ 08 މެންބަރަކު ޢައްޔަންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް ޙުކުމްކުރައްވާފައިވާކަން އެގެން އޮންނައޮތުމެވެ.

(ށ) ދެވަނަ ކަމަކީ، އިސްވެ ބަޔާންކޮށްފައިވާ ގޮތަށް މަދަނީ ކޯޓުން ޙުކުމްކުރެއްވުމުން އެޙުކުމާމެދު ހިތްހަމަނުޖެހިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި އަޙްމަދު މަޙްލޫފް އާއި ރޮޒައިނާ އާދަމްގެ ފަރާތުން އިސްތިއުނާފްކުރުމުން ހައިކޯޓުން ޙުކުމްކުރައްވާފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 2038/MC/2008 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނީ ހަމަތަކުގެ މަތިން ކުރައްވާފައިވާ ރަގަޅު ޙުކުމެއްކަމަށްވާތީ، މަދަނީ ކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފައިކަން އެނގެން އޮންނަ އޮތުމެއެވެ.

(ނ) ތިންވަނަ ކަމަކީ، މިދަޢުވާއަކީ މީލާދީސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 07 ގައި ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވުނު ރައީސުލްޖުމްހޫރިއްޔާ، އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 8 މެންބަރުން ވަކިކުރުމަށްފަހު، އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ 8 މެމްބަރަކު ޢައްޔަންކުރި ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމަށް ދަޢުވާކުރި ފަރާތްތަކަށް ޤަބޫލުކުރެވޭތީ ކޮށްފައިވާ ދަޢުވާއަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 293 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނުއަސާސީ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމުންކަމާއި، އެތާރީޚަކީ މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 07 ވަނަ ދުވަސް ކަމާއި، ޤާނޫނުއަސާސީގެ 293 ވަނަ މާއްދާގެ (ށ) ގައި މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުން 1998 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހު ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އުވުނީކަމަށް ބުނެފައި ވާކަމާއި، މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު، ކުރިން ޢަމަލުކުރަމުންއައި ޤާނޫނުއަސާސީގެ ދުސްތޫރިއްޔަތުކަން (ކޮންސިޓިޓިޔުޝަނަލްޓީ) ނެތުނީކަމާއި، އެހެންކަމުން އެޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މުއައްސަސާތައް ދެމިހުރުމާއި، ޢައްޔަންކޮށްފައިވާ ނުވަތަ އިންތިޚާބްކޮށްފައިވާ މީހުން އެމަޤާމްތަކުގައި ދެމިތިބުމުގެ ލެޖިޓިމެސީ ލިބިދެނީ މިޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތުމުންކަމާއި، މިޤާނޫނުއަސާސީގެ 297 ވަނަ މާއްދާގައި އިންތިޤާލީ ކަންތައްތަކާބެހޭ ބާބު (ޤާނޫނުއަސާސީގެ ސާދަވަނަ ބާބު) ގައި ވަކި ގޮތަކަށް ކަންކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ފިޔަވައި، މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ އެންމެ ގިނަވެގެން ދެއަހަރު ދުވަހުގެ ތެރޭގައި މިޤާނޫނުއަސާސީގައިވާ ގޮތުގެމަތިން މަޤާމުތަކަށް މީހުން އިންތިޚާބުކޮށް ނުވަތަ ޢައްޔަންކޮށް ނިންމުމާއި މިޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މިޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތަށް އުފައްދައި ނިންމަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، މިޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް މަޤާމުތަކަށް މީހުން ޢައްޔަންކޮށް ނުވަތަ އިންތިޚާބުކޮށް، އަދި މުއައްސަސާތައް ޤާއިމްކޮށް ނިމެންދެން މިޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާއިރު، ޢައްޔަންކޮށްފައިވާ ނުވަތަ އިންތިޚާބްކޮށްފައިވާ މީހުން އެމީހުންގެ މަޤާމުތަކުގައި ދެމިތިބުމާއި، މިޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު، އުފައްދާފައިވާ މުއައްސަސާތައް ދެމިހުންނާނީ އިންތިޤާލީ އިންތިޒާމެއްގެދަށުން ކަނޑައެޅިފައިވާ މުއްދަތަކަށް ކަމާއި، ކުރީގެ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވިފައިވާ ނުވަތަ ޢައްޔަންކުރެވިފައިވާ މަޤާމުތަކާއި އުފައްދާފައިވާ މުއައްސަސާތައް ދެމިހުންނާނީ، މިޤާނޫނުއަސާސީގައި ވާގޮތުގެމަތިން އެމުއައްސަސާތައް ޤާއިމްކޮށް، އަދި އެމަޤާމުތަކަށް މީހުން އިންތިޚާބު ކުރެވެންދެންކަން އެގެން އޮންނަކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި މިޤާނޫނުއަސާސީގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމަޤާމުގައި ހުރެ އަންނަނިވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެކަމަށް ބަޔާންކޮށްފައި ވާކަމާއި، މިމާއްދާގެ (ރ) ގެ 01 ވަނަ ނަންބަރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި ވާކަމާއި، މިމާއްދާގެ (ރ) ގެ 08 ވަނަ ނަންބަރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދާކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި ވާކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 300 ވަނަ މާއްދާގެ (ށ) ގައި މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިޚާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް، އެމީހަކު އެމަޤާމާ ޙަވާލުވާންދެން، މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ ވަޒީރުންގެ މަޖިލީސް ދެމިއޮންނާނެކަމާއި އެމަޖިލީހަށް ބަދަލުގެނައުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިމާއްދާގެ (ނ) ގައި މިޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު، ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މިމާއްދާތަކުން އިސްތިޚްލާޞްކުރެވޭ ހަމަތަކެއްވާކަމާއި، އެގޮތުން ބަލާއިރު މިޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ އެއްވެސް މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި އިތުރު ވަޒީފާއެއް އަދާނުކުރެވޭނެކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭނެކަމާއި، ނަމަވެސް މިޤާނޫނުއަސާސީއަށް ޢަމަލުކުރާންފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ ވަޒީރުންގެ މަޖިލީސް ދެމިއޮންނާނެކަމާއި، މިޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިޚާބަށް ފަހު، ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިގެން ނުވާނެކަމަށް ބުނެފައި އޮތުމުން، މިޤާނޫނުއަސާސީގެ ދަށުން ބޭއްވޭ ފުރަތަމަ ރިޔާސީ އިންތިޚާބުގެ ކުރިން އިންތިޤާލީ މަރުޙަލާގައި އޮންނަ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ރިޔާސީ އިންތިޚާބުބާއްވައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވުމުގެކުރިން އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރުމަކަށް މިޤާނޫނުއަސާސީން މަނާ ކުރެވިފައި ނުވާކަން އެގެން އޮންނަ އޮތުމެއެވެ.

(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނުއަސާސީގެ މާއްދާއެއް ދެނެގަތުމަށްޓަކައި އެމާއްދާގެ ނައްޞުން ދޭހަވާ މާނަ އިތުރު ޖަދަލެއް ނެތް މިންވަރަށް ނައްޞު ޞަރީޙަނަމަ، ނައްޞުން ދޭހަވާ މާނައިގެ މައްޗަށް ބުރަވާންޖެހޭކަމާއި ނައްޞުން ދޭހަވާ މާނައާމެދު ޖަދަލެއް އުފެދޭނަމަ، ޤާނޫނުއަސާސީ އެކަށައެޅި ފަރާތުގެ ނިޔަތުގެ މައްޗަށް ބަލަންޖެހޭކަމާއި މި ނިޔަތް ދެނެގަތުމުގައި ޤާނޫނުއަސާސީގެ މާއްދާތައް އެކަށައެޅުނުގޮތުގެ މައްޗަށް ބަލަންޖެހޭކަމާއި މިބަޔާންކުރެވުނު އުޞޫލުގެ މަތީން ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް މިޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ އިންތިޚާބު ބާއްވައި މިޤާނޫނުއަސާސީގައި ވާގޮތުގެމަތީން އެމަޖިލީހަށް މެންބަރުން އިންތިޚާބުކޮށް އެމީހުން މެންބަރުކަމާ ޙަވާލުވާންދެން، މިޤާނޫނޫއަސާސީއަށް ޢަމަލުކުރާންފަށާއިރު އޮތް ރައްޔިތުންގެ މަޖިލީސް ދެމިއޮންނާނެކަމަށް ބަޔާންކޮށްފައި އޮތުމުން، އިންތިޤާލީ މަރުޙަލާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިނުކުރެވޭނެތޯ ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ ޞަރީޙަ ނައްޞަކީ "ރައްޔިތުންގެ މަޖިލީސް" ދެމިއޮތުންކަން ރަނގަޅަށް އެނގޭކަމާއި ނަމަވެސް މިމައްސަލާގައި ކޮށްފައިވާ ދަޢުވާއަކީ އިންތިޤާލީ މަރުޙަލާގައި އޮތް ރައްޔިތުންގެ މަޖިލީސް ދެމިއޮންނާނެކަމަށް އިސްވެދިޔަ މާއްދާގައި ބުނެފައިވުމުން، އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކޮށްފައިވާ މެންބަރުންގެ ގޮތުގައިތިބި މެންބަރުން ވަކިކުރެވޭނެ އަދި އެމަޖިލީހަށް މެންބަރުން ޢައްޔަނުކުރެވޭނެ އުޞޫލެއްނެތީސް ރައީސުލްޖުމުހޫރިއްޔާ ޢައްޔަނުކުރި މެންބަރުންގެ ތެރެއިން މެންބަރުންތަކެއް ވަކިކޮށް، ޢައްޔަންކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފު ޢަމަލެއްކަމަށް ބުނެ ކުރާ ދަޢުވާއެއްކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކަށައެޅުމުގެ ސިޔާދަތީބާރު އޮތް މުއައްސަސާ ކަމުގައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ (ހ) އެކަށައެޅުނުގޮތުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކަށައެޅި ފަރާތުގެ ނިޔަތުގެ މައްޗަށް ބެލުމުގެ ގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 266 ވަނަ ޖަލްސާގެ ޔައުމިއްޔާއަށް ބަލާއިރު، ދެށުހެޅުމެއް ހުށަހެޅުނުކަން އެގޭކަމާއި،

އެއްހުށަހެޅުމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އިންތިޚާބުކޮށްފައި މިހާރު ތިބި މެންބަރުންގެ ތެރެއިން 'ރައްޔިތުންގެ މަޖިލިސް' މިބާބުގެ 4 ވަނަ މާއްދާ (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤަނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މަޤާމެއް އަދާކުރަމުންނުދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޤާމުގައި ދެމިތިބެވިދާނެއެވެ. މިމާއްދާގެ (ހ) ގައި ވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޤާމުގައި ތިބޭއިރު، 'ރައްޔިތުންގެ މަޖިލިސް' މިބާބުގެ 4 ވަނަ މާއްދާ (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤަނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މަޤާމެއް އަދާކުރަމުން ގެންދިއުމުގެ ސަބަބުން މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެނަމަ، އެގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި 1 މަސްދުވަހުގެ ތެރޭގައި ބައިއިލެކްޝަނެއް ބާއްވައި އެގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރަންވާނެއެވެ. މިފަދައިން ހުށެހެޅުނު ހުށަހެޅުންކަމާއި، މިހުށަހެޅުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްވެފައި ނުވާކަން ޔައުމިއްޔާއިން އެނގެން އޮންނަކަމާއި،

ދެވަނަ ހުށަހެޅުމަކީ، ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް މިޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ އިންތިޚާބު ބާއްވައި މިޤާނޫނުއަސާސީގައިވާ ގޮތުގެމަތިން އެމަޖިލީހަށް މެންބަރުން އިންތިޚާބުކޮށް އެމީހުން މެންބަރުކަމާ ޙަވާލުވަންދެން މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު އޮތް ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެއެވެ. މިފަދައިން ހުށެހެޅުނު ހުށަހެޅުންކަމާއި، މިހުށަހެޅުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކޮށްފައި ވާކަން ޔައުމިއްޔާއިން އެނގެން އޮންނަކަމާއި،

އިސްވެދިޔަ ފުރަތަމަ ހުށަހެޅުމަކީ އިންތިޤާލީ މަރުޙަލާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުން މަޤާމުގައި ތިބެވިދާނެކަމަށް ބުނާ ހުށަހެޅުމެއްކަމާއި، ނަމަވެސް އެހުށަހެޅުން ފާސްނުކޮށް، ރައްޔިތުންގެ މަޖިލީސް ދެމިއޮންނާނެކަމަށް ބުނާ ހުށަހެޅުން ފާސްކޮށްފައިވުމުން އެނގެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ (ހ) ގައި "ރައްޔިތުންގެ މަޖިލީސް" ދެމިއޮތުންކަމަށް ބުނާ ބުނުމަކީ މެންބަރުންގެ މައްޗަށް އެކުލެވޭ މުއައްސަސާއެއް ގޮތުގައި ދެމިއޮތުންކަމާއި އެމުއައްސަސާގައި ތިބޭ ވަކިވަކި މެންބަރުން ވަކިނުކުރެވޭގޮތަށް ދެމިތިބުންނޫންކަން އެނގޭކަމެއެވެ.

(ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް މިޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ އިންތިޚާބު ބާއްވައި މިޤާނޫނުއަސާސީގައި ވާގޮތުގެމަތީން އެމަޖިލީހަށް މެންބަރުން އިންތިޚާބުކޮށް އެމީހުން މެންބަރުކަމާ ޙަވާލުވާންދެން، މިޤާނޫނޫއަސާސީއަށް ޢަމަލުކުރާންފަށާއިރު އޮތް ރައްޔިތުންގެ މަޖިލީސް (އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލިސް) ދެމިއޮންނާނެކަމަށް ބަޔާންކުރުމަށްފަހު، ހަމަ މިމާއްދާގެ (ނ) ގައި އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރެވިފައިވާ މެންބަރެއްގެ ގޮނޑިއެއް ހުސްވެއްޖެނަމަ، އެގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން މި ޤާނޫނުއަސާސީގެ ދަށުން ބޭއްވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވޭ ތާރީޚާ ދެމެދު 06 މަސްދުވަހުގެ މުއްދަތެއް އޮވެއްޖެނަމަ، އެގޮނޑިއަކަށް މެންބަރަކު އިންތިޚާބު ކުރަންވާނެކަމަށް ބުނެފައި އޮތުމުން، އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ހުސްވެދާނެކަމާ، އަދި އެގޮނޑިއަކަށް މީހަކު އިންތިޚާބު ކުރެވިދާނެކަން ބަޔާންވެ އޮތުމުން އެނގެނީ އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެދާނެ ޙާލަތެއް އަތުވެދާނެކަން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ޤަބޫލުކުރެވިފައި ވާކަމާއި، އެފަދަ ޙާލަތެއް މެދުވެރިވާނީ ހަމައެކަނި އިންތިޚާބު ކޮށްފައިވާ މެންބަރުންގެ ގޮނޑި ހުސްވުމުންކަމަށް މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މާއްދާތައް ހަމަހަމަ ކަމާއެކު ތަފާތުކުރުމެއްނެތި މާނަ ކުރަންޖެހޭ އުޞޫލާޚިލާފު މާނަކުރުމެއްކަމާއި ރައްޔިތުންގެ މަޖިލީސް މުއައްސަސާއެއްގެ ގޮތުގައި ދެމިއޮންނަނީ އެމަޖިލީހުގެ މެންބަރުންނާއެކުގައި ކަމަށްވެފައި އިންތިޤާލީ މަރުޙަލާގައި އޮންނަ ރައްޔިތުންގެ މަޖިލީސްވެސް މިޤާނޫނުއަސާސީގެ ދަށުން ވަކި މުއްދަތަކަށް ދެމިއޮންނާނީ، އެމަޖިލީހަށް މެންބަރުން އިންތިޚާބު ކުރެވުނު، އަދި ޢައްޔަންކުރެވުނު، އުޞޫލުތަކާއި ޞިފަތަކާ ވަކިންނޫންކަން ބަލަންޖެހޭކަމެއެވެ.

ވީމާ، އިސްވެދިޔަ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިބެލުމުން، މި މައްސަލަ ބެލި 05 ފަނޑިޔާރުންގެ ތެރެއިން 02 ފަނޑިޔާރުންގެ ރަޢުޔަކީ، މަދަނީކޯޓުގެ ނަންބަރު 2038/MC/2008 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނީ ހަމަތަކުގެ މަތިން ކުރައްވާފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި މަދަނީކޯޓުގެ ޤަޟިއްޔާއަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/03 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޞައްޙަ ޙުކުމެއްކަމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ