ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2009/SC-A/28ސުޕްރީމް ކޯޓު · 3 އޮކްޓޫބަރު 2011 · މަދަނީ – ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ވިއްކުން

މުޙައްމަދު ރަޝީދު ވ. ފާޠިމަތު ނިއުޝާ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 އޮކްޓޫބަރު 2011ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
މަދަނީ ކޯޓުން ބިން ވިއްކުން ޞައްޙަކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުން (2009/HC-A/57)، ދަށު ކޯޓުގައި ހާމަނުވި ބަލަންޖެހޭ މީހުންގެ ޙާލަތާއި، މުރުތަހިނުގެ ބަސް ނުހޯދާ ރަހުނު ކުރެވިފައިވާ ތަން ވިއްކުން ޞައްޙަކުރި ކަމަށް ރިޢާޔަތްކޮށް މައްސަލަ ނިންމިއެވެ.
ވާޤިޢާ
އިސްތިއުނާފުކުރި ފަރާތުގެ ނަމުގައި މާލޭގައި އޮތް 761 އަކަފޫޓުގެ ބިމާއި ޢިމާރާތް ވިއްކުމަށް ހުއްދަ ހޯދަން ދަޢުވާކުރިއެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ތަނެއް އޮތްކަމުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ބޭރު ޤައުމެއްގައި އޭނާގެ ނަމުގައި ބިމެއް އޮތްކަމުގެ 'ޑީޑް' އެކެވެ. އޭނާ ބަލަންޖެހޭ ބައެއް ކުދިން ދިރިއުޅެނީ ދިވެހިރާއްޖޭގައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ވިއްކާއިރު، ވިއްކާ މީހާއާއި އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވޭތޯ ބަލަންވީ ގޮތާއި، ރާއްޖެއިން ބޭރުގައި ބިމެއް އޮތުމަކީ އެ ޝަރުޠު ފުރިހަމަވުމަށް ފުދޭ ކަމެއްތޯ.
ކޯޓުގެ ސަބަބުތައް
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ވިއްކޭނީ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި ޤަވާޢިދާ އެއްގޮތަށް، ވިއްކާ މީހާއާއި ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވާކަން ޝަރީޢަތުން ބެލުމަށްފަހުގައެވެ. ބޭރު ޤައުމެއްގައި ބިމެއް އޮތްކަމުގެ 'ޑީޑް' އެކަނި އެކަމަށް ކާފީ ނޫނެވެ؛ އަދި އެ ޤައުމުގައި ދާއިމީކޮށް ދިރިއުޅުމަށް ހުއްދަކުރާ ޙާލަތްތައް ބެލިފައި ނުވެއެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމް ރަނގަޅެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2009/HC-A/57
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ދިވެހިރާއްޖޭގައި ހުރި އަމިއްލަ ބިންބިމާއި ގޯތި ގަނެވިއްކުމުގައި ޢަމަލު ކުރެވޭނީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައި ވާގޮތުގެ މަތީންނެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ އަމިއްލަ ގޯއްޗެއްކަމުގައި ވިއަސް، އަދި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އެޤާނޫނުގައި ވާގޮތުގެ މަތިން އަމިއްލަކުރުމަށްފަހު ކަމުގައި ވިއަސް، އެހެންފަރާތަކަށް ވިއްކަންވާނީ އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދާއި އެޤާނޫނުގެ 18 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ) ގައި ބުނެފައިވާ ގޮތުގެމަތީންނެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ވިއްކުމުގެ މުޢާމަލާތް ހިންގަންވާނީ ޝަރީޢަތް މެދުވެރިކޮށްގެންނެވެ. ދިރިއުޅޭނެ އެހެންތަނެއް ހުރިކަމަށް ބަލާނީ ކޮންމެ މައްސަލައެއް ވެސް ވަކިން، އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށާއި ޙާލަތްތަކަށް ރިޢާޔަތްކުރުމަށްފަހު ޝަރީޢަތުންނެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ބިމެއް ވިއްކުމަކީ ޤާނޫނީގޮތުން ހުއްދަކަމެއް ކަމުގައި ވިއަސް، އެފަދަ ތަނެއް ވިއްކާއިރު އެތަނެއްގައި ދިރިއުޅުމަށް ހަމަޖެހިފައިވާ ބައެއް އެޙައްޤުން މަޙުރޫމު ކުރެވިގެން ނުދާނެގޮތަށް ތަޞައްރުފު ކުރުމަކީ ޤާނޫނުގެ މަޤުޞަދެވެ. ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުގެމަތިން ގޯތި ވިއްކާމީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުމަކީ ޝަރުޢުގައްޔާއި ޤާނޫނުގައި ކަށަވަރުކޮށްދެވިފައިވާ ޙައްޤެކެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ބިމާ ގުޅިފައިވާ ހިޔާވެހިކަމުގެ ޙައްޤަކީ، އެބިމުގެ މިލްކުވެރިފަރާތަށް އެތަނުގައި ދިރިއުޅުމުގެ ޙައްޤު އޮންނަ ފަދައިން، އެމީހަކު ބަލަންޖެހިފައިވާ މީހުނަށްވެސް އެތަނުގައި ދިރިއުޅުމުގެ ޙައްޤު ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން ލިބިދެވޭގޮތަށް ޙިމާޔަތްކޮށްދެވިފައިވާ ޙައްޤެކެވެ.

ޤާނޫނަކުން ލިބިދޭ ޙައްޤެއް، ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދަކުންކަމުގައި ވިއަސް ޤާނޫނުން ލިބިދީފައިވާ މިންވަރަށްވުރެ ހަނި ނުކުރެވޭނެކަމީ ޤާނޫނީ ހަރުދަނާ އުޞޫލެކެވެ. އެހެންކަމުން، ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ މަޤުޞަދު ގެއްލިގެން ދާގޮތަށް ގޯތި ގަނެވިއްކުމާބެހޭ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ރ) މާނަ ނުކުރެވޭނެއެވެ.

ގޯތި ގަނެވިއްކުމާބެހޭ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ރ) ގައިވާ، ރާއްޖެއިން ބޭރުގައި ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ ފްލެޓެއް އޮތުމުގެ ޤާނޫނީ މަޤުޞަދު ޙާޞިލުވާނީ، އެތަނަކީ ވިއްކާ މީހާއާއި އޭނާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންނަށް ދިރިއުޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ތަނެއްގޮތުގައި ވެގެންނެވެ. އެފަދަ ތަނެއް ހުރިތޯ ބަލާއިރު، ރާއްޖޭގައި ލިބިފައި އޮތްތަނެއް ވިއްކާލުމަށްފަހު ރާއްޖޭންބޭރު ޤައުމެއްގައި ދިރިއުޅުމުގެ ފުރުޞަތު އޮތް މިންވަރަށާއި، އެޤައުމެއްގައި ދިރިއުޅުމަށް ކުރިމަތި ވެދާނެ ޤާނޫނީ ހުރަހަކީ ކޮބައިކަން ބެލިގެންމެނުވީ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅިފައިވާ ޙައްޤު ހިމާޔަތް ނުކުރެވޭނެއެވެ.

ރާއްޖެއިން ބޭރުގައި ބިމެއް އޮތްކަމަށް ބުނެ ހުށަހަޅާ 'ޑީޑް' ނުވަތަ އެއްބަސްވުމެއްފަދަ ލިޔުމަކީ، ހަމައެކަނި އެލިޔުމުގެ މައްޗަށް ބިނާކޮށް ގޯތި ވިއްކާ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ ބަޔަކު ދިރިއުޅޭނެ އެހެންތަނެއް އޮތްކަމަށް ކަނޑައެޅުމަށް ކާފީ ލިޔުމެއް ނޫނެވެ.

ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯއްޗެއް ވިއްކުމަކީ ޢާއްމު ވިޔަފާރީގެ އުޞޫލުން ވިއްކާފަރާތާއި ގަންނަފަރާތާއި ދެމެދު ފުރިހަމަ ކުރެވޭ ޢަޤުދުގެ ރުކުންތައް ފުރިހަމަ ވުމުގެ މައްޗަށް ޞައްޙަވާ ޢަޤުދެއް ނޫނެވެ. އެފަދަ ގޯއްޗެއް ވިއްކޭނީ ބިމާބެހޭ ޤާނޫނުގައި އެކަށައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތީން، އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރެވިގެންނެވެ.

ރަހުނު ކުރެވިފައިވާ ތަންތަނުގެ މިލްކުވެރިކަން، މުރުތަހިނުގެ ބަހެއްނެތި އެހެންފަރާތަކަށް ބަދަލުވާފަދަ ތަޞައްރަފެއް ކުރުމަކީ ރަހުނާބެހޭ ޤާނޫނުގެ ދަށުން ކުރެވޭ ރަހުނު އެގްރިމެންޓާ ޚިލާފު، އަދި ރަހުނުބެހެއްޓި ފަރާތަށް ތަޞައްރަފެއް ކުރުމުގެ އިޚްތިޔާރު ލިބިގެންނުވާ ކަމެކެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ)
  • ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާ
  • ގޯތި ގަނެ ވިއްކުމާބެހޭ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
  • ރަހުނާބެހޭ ޤާނޫނު

ފަނޑިޔާރުން

ބެންޗު
އަޙްމަދު ފާއިޒް ޙުސައިން، ޢަބްދުﷲ ޢަރީފް، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ރިޔާސަތު
އަޙްމަދު ފާއިޒް ޙުސައިން
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/57 ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ، […] މުޙައްމަދު ރަޝީދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބަލާފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލައާ ގުޅިގެން ޚަޞްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/57 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނަށާއި އެޤާނޫނުގެ ދަށުން ހަދާފައިވާ "ގޯތި ގަނެ ވިއްކުމާބެހޭ ޤަވާޢިދު" އަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

ފުރަތަމަކަމަކީ، ދިވެހިރާއްޖޭގައި ހުރި އަމިއްލަ ބިންބިމާއި ގޯތި ގަނެވިއްކުމުގައި ޢަމަލު ކުރެވޭނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައި ވާގޮތުގެ މަތީންކަން، އެ ޤާނޫނުގެ 22 ވަނަ މާއްދާއިން އެނގޭއިރު، އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ވަނީ އެ ޤާނޫނު ފާސްވުމުގެ ކުރިން ހުރި އަމިއްލަ ބިންބިމާއި ގޯތިގޯއްޗާއި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އަމިއްލަކުރާ ބިންބިމާއި ގޯތިގޯތި ވިއްކަންވާނީ، އެ ޤާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވާގޮތާއި އަދި އެމާއްދާގައި ބުނެފައިވާ ޝަރުޠުތަކަކާއި އެއްގޮތްވާގޮތުގެ މަތިންކަމާއި، ދިރިއުޅުމަށް ދޫކޮށްފައިވާ އަމިއްލަ ގޯއްޗެއްކަމުގައި ވިއަސް އަދި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އެޤާނޫނު ގައި ވާގޮތުގެ މަތިން އަމިއްލަކުރުމަށްފަހު ކަމުގައި ވިއަސް އެހެންފަރާތަކަށް ވިއްކަންވާނީ އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދާއި އަދި އެޤާނޫނުގެ 18 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ)، މިއަކުރުތަކުގައި ބުނެފައިވާ ގޮތުގެމަތީންކަން އެނގެން އޮންނައޮތުމެވެ.

ދެވަނަކަމަކީ، ދިރިއުޅުމަށް ދޫކޮށްފައިވާ ބިމެއް ނުވަތަ ގޯއްޗެއް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެހެންފަރާތަކަށް ވިއްކޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ އަންނަނިވި ގޮތުގެމަތީންކަމާއި،

(ހ) ގޯތި ވިއްކާމީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން.

(ށ) ގޯތި ގަންނަފަރާތަކީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަނުވާ ވަރުގެ ބައެއް ތަރިކައިގެ އުޞޫލުން ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުންވެސް، ލިބިފައިނުވާ މީހެއްކަމުގައިވުން. ނުވަތަ ގޯތި ގަންނަފަރާތަކީ ގެދޮރު އެޅުމާއި ތަންތަން ބިނާކޮށް ތަރައްޤީކުރުމަށް ޚާއްޞަވެފައިވާ އަދި ސަރުކާރުގެ ޙިއްޞާ އެކުލެވިފައިވާ ކުންފުންޏެއް ކަމުގައިވުން.

(ނ) ގޯތި ގަންނަފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުން.

(ރ) އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭކަމާއި،

މީގެއިތުރުން، ވިއްކުމުގެ މުޢާމަލާތް ހިންގަންވާނީ ޝަރީޢަތް މެދުވެރިކޮށްގެންކަމާއި ދިރިއުޅޭނެ އެހެންތަނެއް ހުރިކަމަށް ބަލާނީ ކޮންމެ މައްސަލައެއް ވެސް ވަކިން އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށާއި ޙާލަތްތަކަށް ރިޢާޔަތްކުރުމަށްފަހު ޝަރީޢަތުންކަމާއި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އަންނަނިވި ކަންތައްތަކަކީ އެގޮތުން ބެލޭނެ ކަންތައްތަކެއްކަމާއި

(ހ) އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ގޯތި ވިއްކަންއެދޭ މީހާގެ ނަމުގައި ނުވަތަ އެމީހެއްގެ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތުމުގެ އިތުރުން އެތަނެއްގައި ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވުން.

(ށ) އެމީހެއްގެ އަނބިމީހާ ނުވަތަ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއް އޮވެ، އެތަނެއްގައި އެމީހަކު ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވުން.

(ނ) އެމީހެއްގެ އަތުގައި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުން.

(ރ) ރާއްޖެއިން ބޭރުގެ އެހެން ޤައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ ފްލެޓެއް އޮތުން.

3. ތިންވަނަކަމަކީ، ދިރިއުޅުމަށް ދޫކޮށްފައިވާ ބިމެއް ވިއްކުމަކީ ޤާނޫނީގޮތުން ހުއްދަކަމެއް ކަމުގައި ވިއަސް އެފަދަ ބިމަކާމެދު ގަނެވިއްކުމުގެ މުޢާމަލާތް ކުރެވޭނެގޮތް ޤާނޫނުގައި ބަޔާންކޮށްފައިވަނީ ދިރިއުޅުމަށް ލިބިފައިވާ ބިން ވިއްކާ ޙާލަތުގައި އެތަނެއްގައި ދިރިއުޅުމަށް ހަމަޖެހިފައިވާ ބައެއްގެ ހިޔާވެހިކަން ރައްކާތެރިކުރެވޭނެ ގޮތެއްގެ މައްޗަށްކަމާއި އެފަދަ ގޯއްޗެއް ނުވަތަ ބިމަކީ އަސާސީކަމެއްގެ ގޮތުގައި އެ މީހަކާއި އަދި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ ބައެއްގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވާ ތަނެއްކަމަށްވާތީ، އެފަދަ ތަނެއް ވިއްކާއިރު، އެޙައްޤުން އެބަޔަކު މަޙުރޫމު ކުރެވިގެން ނުދާނެގޮތަށް ތަޞައްރުފު ކުރުމަކީ ޤާނޫނުގެ މަޤުޞަދުކަމާއި ދިރިއުޅުމަށް ދޫކޮށްފައިވާ ބިމެއް ވިއްކާ ޙާލަތުގައި ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުގެމަތިން ގޯތި ވިއްކާމީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުމަކީ ޝަރުޢުގައްޔާއި ޤާނޫނުގައި ކަށަވަރުކޮށްދެވިފައިވާ ޙައްޤެއްކަމާއި ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ "ގޯތި ގަނެ ވިއްކުމާބެހޭ ޤަވާޢިދު" ގެ 18 ވަނަ މާއްދާގެ (ރ) ގައި ރާއްޖެއިން ބޭރުގެ އެހެން ޤައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ ފްލެޓެއް އޮތުމުގެ ޤާނޫނީ މަޤުޞަދު ޙާޞިލުވާނީ، އެތަނަކީ އެމީހަކާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންނަށް ދިރިއުޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ތަނެއްގޮތުގައި އެތަން ވެގެންކަމާއި ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ "ގޯތި ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 18 ވަނަ މާއްދާގައި ގޯތި ވިއްކާފަރާތާއި އެފަރާތް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވޭތޯ ބެލުމުގެގޮތުން ކޮންމެ މައްސަލައެއްވެސް، އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ވަކިން ބަލަންޖެހޭނެކަމަށް ބުނެފައިވާއިރު، ދިރިއުޅުމަށް ދޫކޮށްފައިވާ ބިމާ ގުޅިފައިވާ ހިޔާވެހިކަމުގެ ޙައްޤަކީ އެބިމުގެ މިލްކުވެރިފަރާތަށް އެތަނުގައި ދިރިއުޅުމުގެ ޙައްޤު އޮންނަ ފަދައިން، އެމީހަކު ބަލަންޖެހިފައިވާ މީހުނަށްވެސް އެތަނުގައި ދިރިއުޅުމުގެ ޙައްޤު ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން ލިބިދެވޭގޮތަށް ޙިމާޔަތްކޮށްދެވިފައިވާ ޙައްޤެއްކަމާއި ދިރިއުޅުމަށް ދޫކޮށްފައިވާ ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ފްލެޓެއް ވިއްކާ ޙާލަތުގައި އިސްވެ އިޝާރާތް ކުރެވިފައިވާ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ރ) ގައި ބުނާފަދަ ތަނެއް ރާއްޖޭން ބޭރުގައި އޮތްތޯ ބަލާއިރު، ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ މަޤުޞަދު ގެއްލިގެން ދާގޮތަށް ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ރ) މާނަ ނުކުރެވޭނެކަމާއި އެހެނީ ޤާނޫނަކުން ލިބިދޭ ޙައްޤެއް، ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދަކުންކަމުގައި ވިއަސް ޤާނޫނުން ލިބިދީފައިވާ މިންވަރަށްވުރެ ހަނި ނުކުރެވޭނެކަމީ ޤާނޫނީ ހަރުދަނާ އުޞޫލެއްކަމާއި ދިރިއުޅުމަށް ދޫކޮށްފައިވާ ތަނެއް ވިއްކާ ޙާލަތުގައި ވިއްކާ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވޭތޯ، ބެލުމުގެގޮތުން ރާއްޖޭންބޭރުގެ އެހެން ޤައުމެއްގައި އެމީހެއްގެ ނަމުގައި އެފަދަ ތަނެއް ހުރިތޯބަލާއިރު، ދިވެހިރާއްޖެއިން އެމީހަކަށް ލިބިފައި އޮތްތަނެއް ވިއްކާލުމަށްފަހު، ރާއްޖޭންބޭރު ޤައުމެއްގައި ދިރިއުޅުމުގެ ފުރުޞަތު އޮތް މިންވަރަށާއި އެމީހެއްގެ ނަމުގައި އެފަދަ ތަނެއް އޮތްކަމުގައިވިއަސް އެޤައުމެއްގައި އެމީހަކާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުން ދިރިއުޅުމަށް ކުރިމަތި ވެދާނެ ޤާނޫނީ ހުރަހަކީ ކޮބައިކަން ބެލިގެންމެނުވީ (ޤާނޫނުގެ) 18 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅިފައިވާ ޙައްޤު ހިމާޔަތް ނުކުރެވޭނެކަން އެނގެން އޮންނައޮތުމެވެ.

4. ހަތަރުވަނަކަމަކީ، މިމައްސަލާގައި ފެންނަންހުރި ބައެއްކަންކަމަކީ ގޯތިވިއްކާފަރާތް ކަމުގައިވާ މުހައްމަދު ރަޝީދަށް ދެބަނޑަށް ކުދިން ލިބިފައިވާކަމާއި އެހުރިހާ ކުދިންނަކީ ސްރީލަންކާގައި ދިރިއުޅެމުން އަންނަ ކުދިންނޫންކަމާއި ސްރީލަންކާގައި އުޅެނީ މުޙައްމަދު ރަޝީދުއާއި މުޙައްމަދު ރަޝީދުގެ މިހާރުގެ އަނބިމީހާއާއި ދެކުދިންކަމާއި، އަނެއް ފަސްކުދިން ދިރިއުޅެނީ ދިވެހިރާއްޖޭގައި ކަމާއި ދިވެހިރާއްޖޭގެ ދިރިއުޅޭ ކުދިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުއްޖަކާއި ކައިވެނިނުކޮށް އުޅޭ 02 އަންހެން ކުދިން ތިބިކަމާއި އެހެންނަމަވެސް ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި މިކަންކަން ހާމަކޮށްދެވިފައި ނުވުމަކީ ހައިކޯޓުން މައްސަލަ ނިންމެވުމުގައި އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްފައިވާ ކަންތައްތަކެއްކަން، ހައިކޯޓުގެ ޝަރީޢަތް ނިންމެވިގޮތުގެ ރިޕޯޓަށް ބަލާއިރު އެނގޭކަމާއި މުޙައްމަދު ރަޝީދުގެ ނަމުގައި […] އޮތް 761 (ހަތްސަތޭކަ ފަސްދޮޅަސް އެކެއް) އަކަފޫޓުގެ ބިމާއި ޢިމާރާތް އެހެންފަރާތަކަށް ވިއްކާލުމަށްޓަކައި ދަށުކޯޓުގެ މަރުޙަލާގައި މުޙައްމަދު ރަޝީދުގެ ފަރާތުން ދެއްކި ޙުއްޖަތަކީ ސްރީލަންކާގައި މުހައްމަދު ރަޝީދުގެ ނަމުގައި ބިމެއް އޮތްކަމަށް ބުނެ ހުށަޅާފައިވާ 'ޑީޑް' ނުވަތަ އެއްބަސްވުމެއް ކަމާއި އެހެން ނަމަވެސް މި ބާވަތުގެ ލިޔުމަކީ ހަމައެކަނި އެލިޔުމުގެ މައްޗަށް ބިނާކޮށް ޤާނޫނުގައި ބުނެފައިވާ ފަދައިން ގޯތި ވިއްކާ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ ބަޔަކު ދިރިއުޅޭނެ އެހެންތަނެއް އޮތްކަމަށް ކަނޑައެޅުމަށް ކާފީ ލިޔުމެއް ނޫންކަމާއި މުޙައްމަދު ރަޝީދު އާއި މުޙައްމަދު ރަޝީދު ޝަރުޢީގޮތުން ބަލަންޖެހިފައިވާ ބަޔަކު ދިރިއުޅުމަށް ދިވެހިރާއްޖެއިން ލިބިފައިވާ ބިމެއް ވިއްކާލުމަށްފަހު، ސްރީލަންކާއަށް ދިރިއުޅުން ބަދަލުކުރާއިރު، އެޤައުމުގެ ޤާނޫނީ އޮނިގަނޑުގެ ދަށުން ދާއިމީގޮތެއްގައި ދިރިއުޅުމަށް ހުއްދަކުރާ ޙާލަތްތައް މިމައްސަލާގައި ބެލެވިފައިވާކަން އެނގެން ނެތްކަމާއި ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯއްޗެއް ވިއްކުމަކީ ޢާއްމު ވިޔަފާރީގެ އުޞޫލުން ވިއްކާފަރާތާއި ގަންނަފަރާތާއި ދެމެދު ފުރިހަމަ ކުރެވޭ ޢަޤުދުގެ ރުކުންތައް ފުރިހަމަ ވުމުގެ މައްޗަށް ޞައްޙަވާ ޢަޤުދެއް ނޫންކަމާއި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯޗެއް ވިއްކޭނީ އިސްވެބަޔާން ކުރެވުނުފަދައިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި އެކަށައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތީން އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރެވިގެންކަން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދަށް ބަލާއިރު އެނގެން އޮންނައޮތުމެވެ.

5. ފަސްވަނަކަމަކީ، […] ޢިމާރާތްތަކާއި ތަންތަނުގެ މައްޗަށް ރަހުނު އެގްރިމެންޓެއްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި ވިންޑް ވޯލްޑް މޯލްޑިވްސްގެ ޙައްޤުއޮތްކަމަށާއި އެފަރާތްތަކުގެ ބަހެއްނެތި ރަހުނު ކުރެވުނު ތަންތަނުގެ މިލްކުވެރިކަން އެހެންފަރާތަކަށް ބަދަލުވާފަދަ ތަޞައްރަފެއް ކުރުމަކީ ރަހުނާބެހޭ ޤާނޫނުގެ ދަށުން ކުރެވޭ ރަހުނު އެގްރިމެންޓާ ޚިލާފަށް އަދި ރަހުނުބެހެއްޓި ފަރާތަށް މިފަދަ އެއްޗެއްގެ މައްޗަށް ތަޞައްރަފެއް ކުރުމުގެ އިޚްތިޔާރު ލިބިގެންނުވާ ކަމެއްކަމަށްވާއިރު، ރަހުނު ކުރެވިފައިވާ ތަނެއްގެ މިލްކުވެރިކަން ބަދަލުވެގެން ދާގޮތަށް […] ވިއްކުން ޞައްޙަކަމަށް މަދަނީކޯޓުގެ ޤަޟިއްޔާއިން ޙުކުމް ކުރައްވާފައި ވަނީ މުރުތަހިނުގެ ބަހެއް ހޯދުމަށްފަހުގައިކަން އެނގެންނެތްކަން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރައްވާފައި ވާކަން އެނގެން އޮންނަކަމެވެ.

ޙުކުމް

ވީމާ، އިސްވެފާހަގަކޮށްފައިވާ ޝަރުޢީ އަދި ޤާނޫނީ އެންމެހާ ކަންތައްތަކަށް ރިޢާޔަތް ކުރާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/57 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ