ސ. ހިތަދޫ ލާސާނީ މަރްޔަމް ރަޝީދާ ވ. މއ. ޑޭޒީވިލާ އަޙްމަދު ނާޒިމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/170، 1541/Fm-C/2017
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ފެމިލީ ކޯޓުގެ 1541/Fm-C/2017 ޤަޟިއްޔާއިން، ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ތަން ހުސްވުމުން މއ. ޑޭޒީވިލާއިން ދަރިފުޅަށް ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދިނުމަށް އަޙްމަދު ނާޒިމަށް އަމުރުކުރިއެވެ. ހައިކޯޓުގެ 2019/HC-A/170 ޤަޟިއްޔާއިން އެ ޙުކުމަށް ބަދަލު ގެނެސް، ދަރިފުޅު 18 އަހަރު ފުރެންދެން ކޮންމެ މަހަކު 10،000 ރުފިޔާ ކުލީގެ ގޮތުގައި ފެމިލީ ކޯޓަށް ދެއްކުމަށް ޙުކުމްކުރިއެވެ. މަރްޔަމް ރަޝީދާ އެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- މއ. ޑޭޒީވިލާ އަކީ އަޙްމަދު ނާޒިމްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ބަންޑާރަ ގޯއްޗެކެވެ. އެ ގޯތި 2003 ގައި ސޮއިކުރި އެއްބަސްވުމަކުން 15 އަހަރަށް ކުއްޔަށް ދީފައިވާއިރު، 2014 ގައި ވެވުނު އެއްބަސްވުމަކުން 2023 އާ ހަމައަށް ކުލީގެ މުއްދަތު އިތުރުކޮށްފައިވެއެވެ. ވަރިވުމަށްފަހު ދަރިފުޅަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފެމިލީ ކޯޓުގެ 212/Fm-C/2017 ޤަޟިއްޔާއިން އަމުރުކުރި ނަމަވެސް، އެކަން ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ މަރްޔަމް ރަޝީދާ ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުއްޖާއަށް ބޯހިޔާވަހިކަން ދިނުމަކީ ބައްޕަގެ މައްޗަށް ޝަރުޢީގޮތުން ލާޒިމު ވާޖިބެއް ކަމަށްވާއިރު، ބައްޕަގެ ނަމުގައިވާ ގޯތި އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ އެއްބަސްވުމަކީ އެ ވާޖިބާ ފުށުއަރާތީ ބާޠިލު ނުވަތަ ބާޠިލުކުރެވިދާނެ އެއްބަސްވުމެއްތޯ؟
- ޚަޞްމުންގެ ހުށަހެޅުންތައް
- މަރްޔަމް ރަޝީދާ ބުނީ، ކުއްޖާއަށް ބޯހިޔާވަހިކަން ދިނުމަކީ ބައްޕަގެ މައްޗަށް ޝަރުޢީގޮތުން ލާޒިމު ކަމެއް ކަމަށާއި، އެ ވާޖިބާއި ކޮންޓްރެކްޓުގެ އިލްތިޒާމު ފުށުއަރާނަމަ އިސްކަން ދޭންވާނީ ބައްޕަގެ ވާޖިބަށް ކަމަށާއި، އެ ވާޖިބުން އެއްކިބާވާ ގޮތަށް ހަދާ ކޮންޓްރެކްޓަކީ ބާޠިލު ނުވަތަ ބާޠިލުކުރެވިދާނެ ކޮންޓްރެކްޓެއް ކަމަށެވެ. އަދި ބައްޕަ އެ ޒިންމާ އުފުލާ ކަމަށް ހައިކޯޓުން ނިންމީ ޙަޤީޤަތާ ޚިލާފަށް ކަމަށެވެ. އަޙްމަދު ނާޒިމް ބުނީ، ކުލީގެ މުއްދަތު ހަމަވުމުން ދަރިފުޅަށް އެ ގެއިން ތަނެއް ދެވިދާނެ ކަމަށާއި، އެހާތަނަށް ތަނެއް ކުއްޔަށް ހިފުމަށް މަހަކު 5000 ރުފިޔާ ދެވޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ކުއްޖާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވާޖިބު އެންމެ އިސްވެ އޮތީ ބައްޕަގެ މައްޗަށް ކަމަށާއި، ބައްޕަގެ ނަމުގައިވާ ގޯތީގައި ދިރިއުޅުމުގެ ޙައްޤު ބައްޕަ ބަލަންޖެހޭ ދަރިންނަށް ލިބިގެންވާ ނަމަވެސް، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 27 އަދި 28 ވަނަ މާއްދާގެ ދަށުން ގޯތި ކުއްޔަށް ދިނުމުގައި ބަލަންޖެހޭ މީހުން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުމުގެ ޝަރުޠެއް ނެތް ކަމަށެވެ. ޞައްޙަ ކޮންޓްރެކްޓެއް ރޫޅާލުމަށް ހުއްދަކުރާ އުޞޫލެއް ޤާނޫނުގައި ނުވަތަ ޝަރީޢަތުގައި ނެތުމުން، ކުލީގެ އެއްބަސްވުމަކީ ބާޠިލު ނުވަތަ ބާޠިލުކުރެވިދާނެ އެއްބަސްވުމެއް ނޫން ކަމަށާއި، ބައްޕަ ކުލީގެ ފައިސާ ދީފައިވާތީ ހައިކޯޓުގެ ނިންމުމަކީ ޙަޤީޤަތާ ޚިލާފު ނިންމުމެއް ނޫން ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މައިންބަފައިންގެ ފަރާތުންނާއި ވާރުތަވެރިންގެ ފަރާތުން ކުޑަކުދިންނަށް ފޯރުކޮށްދޭން ޖެހޭ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި އެކުދިންނަށް ކާންބޯން ދިނުމާއި އަންނައުނު ދިނުމާއި އެކުދިންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން ހިމެނެއެވެ. އެ ވާޖިބު އެންމެ އިސްވެ އޮތީ ކުއްޖާގެ ބައްޕަގެ މައްޗަށެވެ. އަދި އެ ވާޖިބު އަދާކުރުން އޮތީ އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުންނެވެ.
HN2 ދިރިއުޅުމަށް ދޫކޮށްފައިވާ ބިމާ ގުޅިފައިވާ ހިޔާވަހިކަމުގެ ޙައްޤަކީ އެބިމުގެ މިލްކުވެރިފަރާތަށް އެތަނުގައި ދިރިއުޅުމުގެ ޙައްޤު އޮންނަ ފަދައިން، އެމީހަކު ބަލަންޖެހިފައިވާ މީހުންނަށްވެސް އެތަނުގައި ދިރިއުޅުމުގެ ޙައްޤު ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން ލިބިދެވޭގޮތަށް ޙިމާޔަތްކޮށްދެވިފައިވާ ޙައްޤެކެވެ. ކުއްޖާގެ ބައްޕަ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ބައްޕަގެ ނަމުގައި ރަޖިސްޓަރީކޮށްދެވިފައިވާ ގޯތީގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި އެ ޙައްޤަކީ ބައްޕައާ ދެކޮޅަށް ތަންފީޛުކުރެވިދާނެ ޙައްޤެކެވެ.
HN3 ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ވިއްކާ ޙާލަތުގައި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުގެ މަތީން ގޯތި ވިއްކާ މީހާއާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުމަކީ ލާޒިމުކަމެއް ވީ ނަމަވެސް، ބަންޑާރަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގައި ހަދާފައިވާ އިމާރާތެއް ކުއްޔަށް ދިނުމުގައި މިފަދަ ޝަރުޠެއް ފުރިހަމަ ކުރުމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުން ލާޒިމުކޮށްފައި ނެތްކަން 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން އެނގެއެވެ.
HN4 އަޙްމަދު ނާޒިމްގެ ފަރާތުން އޭނާގެ ދަރިފުޅު ބެލުމަށް ނުވަތަ އެ ކުއްޖާގެ ބޯހިޔާވަހިކަމަށް ޚަރަދުނުކުރާ ނަމަ މއ. ޑޭޒީވިލާ އެވެ ކިޔާ ގޯތިން އަޙްމަދު ނާޒިމްއަށް ކުލީގެ ގޮތުގައި ލިބޭ ފައިސާ ކޯޓަށް ޖަމާކުރުމަށާއި އެފައިސާއިން އެ ޚަރަދު ކެނޑުމަށް އަމުރުކުރުމުގެ ބާރު ފެމިލީ ކޯޓަށް ލިބިގެންވެއެވެ.
HN5 މަދަނީ ޤާނޫނުގައި ކޮންޓްރެކްޓަކީ ދެ ޝަޚްޞުންގެ ނުވަތަ އެއަށްވުރެ ގިނަ ޝަޚްޞުންގެ މެދުގައި، ކަމެއް ކުރުމުގެ ނުވަތަ ކަމެއް ކުރުމުން މަނާވެގަތުމުގެ ޤާނޫނީ އިލްތިޒާމު އުފުލުމަށްވެވޭ އެއްބަސްވުމެކެވެ. ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި އެފަދަ އެއްބަސްވުމެއް މައުޟޫޢީގޮތުން އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު، "މަބްދައު ސުލްޠާ އިރާދާ" (freedom of contract) ގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވެއެވެ. އެފަދަ ބާރާއި އިޚްތިޔާރު ޤާނޫނީ ގޮތުން ޤައިދުކުރެވޭނެ ހަމަ އެކަނި ގޮތަކީ ކޮންޓްރެކްޓުގެ އެއްބަސްވުމަކީ "އަމުރުކުރަނިވި ޤާނޫނީ ޤާޢިދާ" (peremptory rule) އަކާއި ނުވަތަ ދައުލަތުގެ ޢާންމު އަދަބުތަކުގެ ޤާޢިދާ (public order and public decency) އަކާއި ޚިލާފު އެއްބަސްވުމަކަށް ވާނަމައެވެ. ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަ ވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ރަނގަޅު ނިޔަތުގައި (good faith) ތަންފީޛުކުރުމަކީ އެ ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
HN6 ދެފަރާތް ބަނދެވޭ އަދި ތަންފީޛުކުރެވޭނޭ ޞައްޙަ ކޮންޓްރެކްޓެއް ކުރުމަށްފަހު، އެ ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލުކުރުމަކީ ދެފަރާތުގެ މައްޗަށް ލާޒިމުކަމެކެވެ. ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އެހެން ޤާނޫނެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތަކެއް އަދާކުރެވެން އޮތީ އޭނާއާއި އެހެން ފަރާތަކާ ދެމެދު ސޮއިކުރެވިފައިވާ ޞައްޙަ ކޮންޓްރެކްޓެއް ރޫޅާލައިގެން ނުވަތަ އެފަދަ ކޮންޓްރެކްޓަކަށް ޢަމަލުކުރުން ހުއްޓާލައިގެން ކަމަށް ބުނެ، އެފަދަ ކޮންޓްރެކްޓެއް ރޫޅާލުމަށް ހުއްދަކުރާ އުޞޫލެއް ދިވެހިރާއްޖޭގެ ޤާނޫނުގައި ނުވަތަ އިސްލާމީ ޝަރީޢަތުގައި ބަޔާންކުރެވިފައި ނެތެވެ.
HN7 ކުއްޖަކާ ގުޅޭގޮތުން ބައްޕަގެ މައްޗަށް މަތިކޮށްފައިވާ ކުއްޖެއްގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިލްތިޒާމުން އެއްކިބާ ވުމަށް ޖާގަލިބޭ ގޮތަށް ކޮންޓްރެކްޓެއް އެކުލަވާލެވިފައިވާ ނަމަ އެ ކޮންޓްރެކްޓަކީ ބާޠިލު ނުވަތަ ބާޠިލުކުރެވިދާނެ ކޮންޓްރެކްޓެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު، ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 14 ޖުލައި 2019 · ރަޖިސްޓްރީކުރީ 22 ސެޕްޓެމްބަރު 2019 · ނިމުނީ 10 ސެޕްޓެމްބަރު 2020 (11.6 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު
ތާއީދު ކުރައްވާފައި) ތައާރުފް
1މި ގަޒިއްޔާގައި ސުޕްރީމް ކޯޓުގެ ޝަރިއަތުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ ކުއްޖާއަށް ބޯހިޔާވަހިކަން ދިނުމަކީ ޝަރުޢީގޮތުން ބައްޕަގެ މައްޗަށް ލާޒިމުކަމެއް ކަމަށްވާއިރު، ކުއްޖާގެ ބައްޕަގެ މައްޗަށް މަތިކޮށްފައިވާ އެ އިލްތިޒާމުން އެއްކިބާ ވުމަށް ޖާގަލިބޭ ގޮތަށް ކޮންޓްރެކްޓެއް އެކުލަވާލެވިފައިވާ ނަމަ އެ ކޮންޓްރެކްޓަކީ ބާތިލު ނުވަތަ ބާތިލުކުރެވިދާނެ ކޮންޓްރެކްޓެއްތޯއެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2މއ. ޑޭޒީވިލާ އެވެ ކިޔާ ގޯއްޗަކީ މއ. ޑޭޒީވިލާ އަހްމަދު ނާޒިމްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ބަންޑާރަ ގޯއްޗެކެވެ. އެ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ މއ. ޑޭޒީވިލާ އަޙްމަދު ނާޒިމްގެ މިލްކުވެރިކަމުގެ ދަށުގައިވާ ތަންތަނެވެ.
3މއ. ޑޭޒީވިލާ އަހްމަދު ނާޒިމް އާއި ގއ. ނިލަންދޫ ފޫޅުމާގޭ މުހައްމަދު ރިޔާޒް އާ ދެމެދު 1 ސެޕްޓެމްބަރު 2003 ގައި ސޮއިކުރި ކޮންޓްރެކްޓެއްގެ ދަށުން މއ. ޑޭޒީވިލާ އަހްމަދު ނާޒިމްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ބަންޑާރަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ވަޅުފަދަ ތަންތަން 15 އަހަރަށް (1 ސެޕްޓެމްބަރ 2018 ގެ ނިޔަލަށް) ކުއްޔަށް ދީފައިވެއެވެ. އަދި 21 ސެޕްޓެމްބަރު 2014 ގައި މއ. ޑޭޒީވިލާ އަހްމަދު ނާޒިމް އާއި މުޙައްމަދު ރިޔާޝް އާ ދެމެދު ސޮއިކުރެވުނު ކޮންޓްރެކްޓަކުން 1 ސެޕްޓެމްބަރު 2018 އިން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަށް އެތަނުގެ ކުލީގެ މުއްދަތު އިތުރުކުރެވިފައިވެއެވެ.
4މއ. ޑޭޒީވިލާ އަހްމަދު ނާޒިމް އާއި ސ. ހިތަދޫ ލާސާނީ މަރްޔަމް ރަޝީދާ އާއި ދެ މީހުން ކާވެނިކޮށްގެން މި ދެމީހުންނަށް ދަރިއަކު ލިބިފައިވެއެވެ. މއ. ޑޭޒީވިލާ އަހްމަދު ނާޒިމް އާއި ސ. ހިތަދޫ ލާސާނީ މަރްޔަމް ރަޝީދާ އާއި ދެމީހުން ކާވެނިކޮށްގެން މި ދެ މީހުންނަށް ލިބިފައިވާ ދަރިފުޅު، (މީގެ ފަހުން، "ދަރިފުޅު") އުފަންވެފައިވަނީ 28 އޮގަސްޓް 2010 ގައެވެ.
5މއ. ޑޭޒީވިލާ އަހްމަދު ނާޒިމް އާއި ސ. ހިތަދޫ ލާސާނީ މަރްޔަމް ރަޝީދާގެ ކައިވެނި ރޫޅުމުން އެ ކުއްޖާއަށް ޚަރަދު ހޯދުމަށާއި، އެކުއްޖާއަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުއްޖާގެ ބައްޕައަށް އަމުރުކޮށް ދިނުމަށް މަރްޔަމް ރަޝީދާ ފެމިލީ ކޯޓުގައި ދައުވާ ކުރުމުން، ފެމިލީ ކޯޓުގެ ނަންބަރު 212/Fm-C/2017 ގަޒިއްޔާގެ ހުކުމުން 9 އޮގަސްޓް 2017 ގައި ދަރިފުޅަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އަހްމަދު ނާޒިމްގެ މައްޗަށް ފެމިލީ ކޯޓުން އަމުރުކޮށްފައިވެއެވެ.
ފެމިލީ ކޯޓުގެ ނަންބަރު 1541/Fm-C/2017 ގަޒިއްޔާ
6ފެމިލީ ކޯޓުގެ ނަންބަރު 1541/Fm-C/2017 ގަޒިއްޔާގައި ދަރިފުޅުގެ މަންމަ މަރްޔަމް ރަޝީދާ ފަރާތުން އަހްމަދު ނާޒިމްގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، ފެމިލީ ކޯޓުގެ ނަންބަރު 212/Fm-C/2017 ގަޒިއްޔާގެ ހުކުމުން 9 އޮގަސްޓް 2017 ގައި ދަރިފުޅަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އަހްމަދު ނާޒިމްގެ މައްޗަށް ފެމިލީ ކޯޓުން އަމުރުކޮށްފައިވާ ގޮތާ ޚިލާފަށް، ދަރިފުޅަށް ބޯހިޔާވަހިކަން ހޯދައިދީފައި ނުވާ ކަމަށެވެ.
7މި ގަޒިއްޔާގައި މަރްޔަމް ރަޝީދާ ފެމިލީ ކޯޓުގައި ދެއްކި ވާހަކަތަކުގައި ބުނެފައިވަނީ، އޭނާ، ދަރިފުޅު ގޮވައިގެން އުޅެނީ ދައްތައެއް އުޅޭ ގެއެއްގައި ޓައިލްސް މަތީގައި ދަރިފުޅު ނިންދަވައިގެން ވަރަށް ދަތި ހާލުގައި ކަމަށާއި، ދަރިފުޅުގެ ބައްޕަގެ ނަމުގައި މާލޭގައި މއ. ޑޭޒީވިލާއެވެ ކިޔާ ގެއެއްހުރުމާއެކު އެގޭގައި ދަރިފުޅު އުޅެވޭނެ ގޮތް ހަމަޖައްސައިދީފައި ނުވާ ކަމަށާއި، ދަރިފުޅަކީ މާލޭގެ ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 2 ގައި ކިޔަވަމުންދާ ކުއްޖަކަށްވާއިރު، އައްޑު އަތޮޅު ހިތަދޫ އިން ތަނެއް ކުއްޔަށް ހިފާފައި ބަހައްޓާނެ ކަމަށް އަހްމަދު ނާޒިމް ބުނިކަމުގައި ވިޔަސް ދަރިފުޅު މިހާރު ކިޔަވަމުންދަނީ މާލޭގެ ސްކޫލެއްގައި ކަމަށްވާތީ، އައްޑު އަތޮޅުގައި ތިބެގެން ގަވައިދުން ދަރިފުޅު ސްކޫލަށް ނުފޮނުވޭނެތީއާއި، އޭނާއަކީވެސް މާލޭގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި ވަޒީފާ އަދާކުރާ މީހަކަށްވެފައި، އަދި ދަރިފުޅު ގެންގުޅެ ބަލަހައްޓާ މީހަކަށްވާތީއާއި، ފެމިލީ ކޯޓުގެ ނަންބަރު 212/Fm-C/2017 ގަޒިއްޔާގެ ޝަރިއަތް ހިނގަމުންދިޔަ އިރު އަހްމަދު ނާޒިމްގެ ފަރާތުން އެތަނަށް ބަރާބަރަށް ކުލި ނުދައްކާތީ ގޭގެ ވެރިފަރާތުން އެކަމުގެ ޝަކުވާ ކޮށް މަހަކު ދައްކަންޖެހޭ 6000 ރުފިޔާ ނުދައްކާތާ 3 މަސް ދުވަސް ވެގެން ދިއުމުން 2017 ވަނަ އަހަރުގެ ތެރޭގައި އެގޭގެ ވެރިފަރާތުން އޭނާއާއި ދަރިފުޅު އެގެއިން ބޭރުކޮށްލުމުން ވަންނާނެ ތަނެއް ނެތުމުން މިހާރު އުޅެނީ ދައްތަ އައިޝަތު ފަޒްނާ އުޅޭ ގޭގައި ކަރަންޓު ބިލުތަކަށް ފައިސާ ދައްކާ ގޮތަށް ދައްތައާއެކު އެގޭގައި ކަމަށެވެ. އެހެންވީމާ މއ. ޑޭޒީވިލާ ގެއަށް ދަރިފުޅަށް ވަދެވި އެގޭގައި އުޅެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުން އެދޭކަމަށެވެ.
8މަރްޔަމް ރަޝީދާ ދެއްކި ވާހަކަތަކުގެ ޖަވާބުގައި އަހްމަދު ނާޒިމް ބުނެފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 212/Fm-C/2017 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދަރިފުޅު އުޅޭނެ ވަކިތަނެއް ދެއްކިފައި ނުވާ ކަމަށާއި، އޭނާގެ ނަމުގައިވާ މއ. ޑޭޒީވިލާ ވަނީ ގއ. ނިލަންދޫ ފޫޅުމާގޭ މުހައްމަދު ރިޔާޟްއަށް 2023 އާ ހަމައަށް ކުއްޔަށް ދީފައި ކަމަށާއި، މުހައްމަދު ރިޔާޒް ވަނީ އޭނާގެ އަމިއްލަ ޚަރަދުގައި ޑެގް އަޅައިގެން 4 ބުރިއަށް ހަދާފައި ކަމަށާއި، އޭނާ ދިރިއުޅެމުންގެންދަނީ އެތަނުގައި ކަމަށެވެ. އަދި އެތަން މުހައްމަދު ރިޔާޒް އަށް ކުއްޔަށްދީގެން އެތަނުން ލިބެނީ މަހަކު 7000 ރުފިޔާ ކަމަށެވެ.
9ގއ. ނިލަންދޫ ފޫޅުމާގޭ މުހައްމަދު ރިޔާޒް ފެމިލީ ކޯޓަށް ހާޒިރުވެ ބުނެފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 212/Fm-C/2017 ގަޒިއްޔާގެ ހުކުމުގައި ދަރިފުޅަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އަހްމަދު ނާޒިމަށް އަމުރުކޮށްފައިވީ ނަމަވެސް، އަހްމަދު ނާޒިމުގެ ނަމުގައިވާ މއ. ޑޭޒީވިލާ އެވެ ކިޔާ ގާތްގަނޑަކަށް 389 އަކަފޫޓުގެ ހުސްބިމެއްގައި މުހައްމަދު ރިޔާޒް ގެ އަމިއްލަ ޚަރަދުގައި 4 މުޝީމަށް ޑެގް އަޅައިގެން ހެދުމަށްފަހު އޭނާގެ އާއިލާއާ އެކު އުޅެމުންދަނީ އެގޭގައި ކަމަށެވެ. އަދި އެގޭގެ ކުލީގެ މުއްދަތު ހަމަވާނީ 2023 ގައެވެ.
10މުހައްމަދު ރިޔާޒް ފެމިލީ ކޯޓުގައި އިތުރަށް ބުނެފައިވަނީ އޭނާއާއި އޭނާގެ ހުރިހާ ކުދިން އެތަނުގައި އުޅެން ދަތިވާތީ އަހްމަދު ނާޒިމްގެ ދައްތަގެ ގެއިން އެޕާޓްމެންޓެއްވެސް ކުއްޔަށް ހިފާފައިވާ ކަމަށާއި، ބޮޑު ދެކުދިން އުޅެނީ އެތަނުގައި ކަމަށާއި، މއ. ޑޭޒީވިލާ ގެއަކީ 1 ކޮޓަރިއާއި ކުޑަ ސިޓިންގ ރޫމެއް ފްލޯއެއްގައި ހިމެނޭ ގޮތުން ހަދާފައިވާ ތަނެއް ކަމަށާއި، އެތަނުން އެއް ފްލޯ އަކީ ކާޓްންގެ މަސައްކަތް ކުރާ ތަނެއް ކަމަށާއި، ދެން ހުރި ބައިތަކުގައި ހުރި ފްލޯ ތަކުގެ ތެރެއިން އޭނާ ދިރިއުޅެމުންދާއިރު އޭގެ ތެރެއިން ބައެއްގައި ބަދިގެ ހުރުމާއި މަސައްކަތްކުރާ ބައި ހުރުމުން އަހްމަދު ނާޒިމުގެ ނަމުގައިވާ ޑޭޒީވިލާގައި އަހްމަދު ނާޒިމް ވެސް އުޅޭނެ ތަނެއް ނެތް އިރު، އޭނާގެ ދަރިފުޅު އެތަނަށް ވައްދައި ދަރިފުޅު އުޅުމަށްޓަކައި އެގެއިން ތަނެއް މިވަގުތު ހަމަޖައްސައިދެވެން ނެތް ކަމަށެވެ. ނަމަވެސް އެގެއިން ކުޑަކުއްޖާ ދިރިއުޅޭނެ ތަނެއް ހަމަޖައްސައި ދެވެން ނެތުމުން އެހެން ތަނެއް އެކުއްޖާ ހިފައިގެން އުޅުމަށްޓަކައި އޭނާގެ ފަރާތުން އަހްމަދު ނާޒިމްއަށް ދައްކަމުންދާ ކުލީގެ ފައިސާ 3 މީހުންގެ މެދުގައި އެއްބަސްވެވޭ ގޮތުގެ މަތިން މަރްޔަމް ރަޝީދާއަށް ލިބޭނެ ގޮތް ހަމަޖައްސައި ދެވިދާނެ ކަމަށެވެ.
11މަރްޔަމް ރަޝީދާގެ ފަރާތުން އިތުރަށް ފެމިލީ ކޯޓުގައި ބުނެފައިވަނީ އަހްމަދު ނާޒިމްގެ ފަރާތުން ދަރިފުޅު ދިރިއުޅުމަށްޓަކައި މިހާރުން މިހާރަށްވެސް ތަނެއް ހަމަޖައްސައި ދިނުން ބޭނުން ކަމަށާއި، ނަމަވެސް އަހްމަދު ނާޒިމް ހޯދައިދޭ ތަންތަނުގައި ދާއިމީ ގޮތެއްގައި ނޫޅެވޭތީ، މިކަމުގެ ދާއިމީ ހައްލެއްގެ ގޮތުން އަހްމަދު ނާޒިމް މިހާރު ކުއްޔަށް ދީފައިވާ އޭނާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މއ. ޑޭޒީވިލާގެއިން ދަރިފުޅަށް އުޅެވޭނެ ތަނެއް ހަމަޖައްސައިދީ މައްސަލައިގެ ހުކުމް ތަންފީޒުކޮށްދިނުން އެދޭ ކަމަށެވެ.
12އަހްމަދު ނާޒިމްގެ ފަރާތުން އިތުރަށް ފެމިލީ ކޯޓުގައި ބުނެފައިވަނީ މއ. ޑޭޒީވިލާގެ އިން ދަރިފުޅަށް އުޅެވޭނެ ތަނެއް ހަމަޖައްސަން ބޭނުން ކަމަށާއި ނަމަވެސް އެ ގެ ހުރީ މުހައްމަދު ރިޔާޒް އަށް ކުއްޔަށް ދޫކޮށްފައި ކަމަށާއި، މުއްދަތު ހަމަވުމުގެ ކުރިން އޭނާ އެތަން ދޫކޮށްލައިފިނަމަ، ނުވަތަ ނުވަތަ އެހެން ގޮތަކުން ވިޔަސް އެތަން ހުސްވެއްޖެ ނަމަ ނުވަތަ އެގްރީމަންޓު ބާތިލުވެއްޖެ ނަމަ ނުވަތަ އެގްރިމަންޓުގެ މުއްދަތު ހަމަވުމުން އެގެއިން ދަރިފުޅު އުޅުމަށް ތަނެއް ނުވަތަ ފްލޯއެއް ދެވިދާނެ ކަމަށާއި، އެގޮތުން ދަރިފުޅު އެގެއަށް ނުވައްދައި ކުލީގެ އައު އެގްރިމަންޓެއް ހަދަން ބޭނުން ނޫން ކަމަށާއި، މި ދަރިފުޅު ފިޔަވައި އެހެން ބަނޑަކަށް ލިބިފައިވާ 3 ކުދިން އޭނާ ގާތުގައި އުޅުމަށްފަހު މިހާރު އުޅެނީ އެކުދިންގެ މަންމަގެ ގާތުގައި ކަމަށާއި، އެކުދިންވެސް އުޅޭނެ ތަނެއް ދެއްކިފައިނުވާ ކަމަށާއި، މީގެ ކުރިން 2013 ވަނަ އަހަރު އެޕްރީލް މަހުން ފެށިގެން 2016 ޑިސެމްބަރު މަހާއި ހަމައަށް އޭނާ ކުއްޔަށް ހިފާފައިވާ ތަނެއްގައި ދަރިފުޅު އުޅެމުން ގޮސްފައިވިޔަސް މިހާރު ދަރިފުޅު އުޅެމުންގެންދަނީ ދަރިފުޅު މަރްޔަމް ރަޝީދާއާ އެކުގައި ކަމަށާއި، އޭނާގެ ނަމުގައިވާ ޑޭޒީވިލާގެ އަށް ދަރިފުޅަށް ވަދެވި އުޅެވެންދެން މަރްޔަމް ރަޝީދާ އެދޭނަމަ ތަނެއް ކުއްޔަށް ހިފައިގެން ވިޔަސް ހަމަޖައްސައި ދިނުމަށެވެ. ނަމަވެސް އޭނާއަށް ތަނެއް ހަމަޖެއްސޭނީ އަންނަ އޮގަސްޓު މަހުން ފެށިގެން ކަމަށެވެ. މއ. ޑޭޒީވިލާގެ އެއްކޮށް ކުއްޔަށް ދީފައިވާތީ އެގޭގައި އޭނާ އަށް ވެސް އުޅެވެން ނެތުމުން މިހާރު އޭނާ އުޅެނީ އއ ރަސްދޫގައި ކަމަށެވެ. އަދި މިވަގުތު އޭނާ އުޅެނީވެސް މީހަކާ އިނދެގެންނޫން ކަމަށެވެ.
13މި ގަޒިއްޔާގައި ފެމިލީ ކޯޓުން ކުރި ހުކުމުގައި އަމުރުކޮށްފައިވަނީ، އަހްމަދު ނާޒިމުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މއ. ޑޭޒީވިލާ ގޯތިން އޭނަގެ މިކުއްޖާ ދިރިއުޅުމަށް ތަނެއް ދިނުމަށް އަހްމަދު ނާޒިމް އެއްބަސްވެފައިވަނީ އެ ގޯތި ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެހެން ގޮތަކުން ވިޔަސް އެތަން ހުސްވެއްޖެ ނަމަ ނުވަތަ އެގްރީމަންޓު ބާތިލުވެއްޖެ ނަމަ ކަމުގައި ބުނެފައިވާއިރު، މއ. ޑޭޒީވިލާ ކުއްޔަށް ދިނުމުގެ އެގްރިމަންޓު ބައިވެރިން ކަމުގައިވާ މުއްދަތު ހަމަވާ ތާރީޚަކީ 1 ސެޕްޓެމްބަރ 2018 ކަން އެނގޭއިރު، އެ އެއްބަސްވުން ނިމުމަކަށް އައުމުގެ 4 އަހަރު ކުރީން 2014 ސެޕްޓެމްބަރު 21 ގައި އައު އެއްބަސްވުމެއް ވެފައިވާއިރު، އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ފެށުމަށް ލިޔެފައިވާ ތާރީޚަކީ އަދި ވުޖޫދުގައި ނުވާ ތާރީޚެއް ކަމުގައިވާއިރު، އެ އެއްބަސްވުމަށް އަދި އަމަލުނުކުރެވޭތީ، މއ. ޑޭޒީވިލާ ކުއްޔަށް ދިނުމަށް އެއްބަސްވެ މިހާރު އަމަލުކުރަމުންދާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެހެން ހާލަތެއް މެދުވެރިވުމުން އަހްމަދު ނާޒިމްގެ ދަރިފުޅަށް މއ. ޑޭޒީވިލާއިން އުޅޭނެ ތަނެއް ހަމަޖެއްސުމަށް އަހްމަދު ނާޒިމް އަށް އަންގައި 1 އެޕްރީލް 2018 އިން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ދަރިފުޅު ދިރިއުޅޭނެ ތަނެއް ހަމަޖައްސައި ދިނުމަށެވެ. ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2019/HC-A/170 ޤަޟިއްޔާ
14ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2019/HC-A/170 ޤަޟިއްޔާގައި ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އެއްބަސްވުމެއް ވުމަށްފަހު އެ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަކީ އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، 1 ސެޕްޓެމްބަރު 2003 އިން ފެށިގެން 15 އަހަރު ދުވަހަށް އެކުލަވާލި އަދި 1 ސެޕްޓެމްބަރު 2018 އިން ފެށިގެން އިތުރު 5 އަހަރަށް މުއްދަތު އިތުރުކޮށްފައިވާ އެއްބަސްވުމުގެ ބައިވެރިއެއްގެ ނުރުހުމުގައި އެ އެއްބަސްވުން ބާތިލުރުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވަނީ އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމާ ޚިލާފުވެގެން ކަމަށާއި، އެއްބަސްވުމުގެ ދެވަނަ ބައިވެރިޔާގެ ނުރުހުމުގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް އެއްބަސްވުމުން ވީއްލި ނުގަނެވޭނެ ކަމަށާއި އެއްބަސްވުން ބާތިލުވާނެ ސަބަބެއް މެދުވެރިވެފައި ނުވާ
15އިތުރަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ދަރިފުޅު ގޮވައިގެން ކުއްޔަށް އުޅެން ބޭނުން ނުވާ ކަމަށާއި ކުއްޔަށް ތަނެއް ހިފިޔަސް އެތަނެއްގައި އުޅުމަށް ނުދާނެ ކަމަށާއި އުޅެންބޭނުންވަނީ ހަމައެކަނި ދަރިފުޅުގެ ބައްޕަގެ ގެ ކަމުގައިވާ މއ. ޑޭޒީވިލާގައި ކަމަށް ކުއްޖާގެ މަންމަ ބުނާއިރު އެތަން ހުރީ އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތަކަށް އެތަން ކުއްޔަށް ދޫކޮށްފައި ކަމުން، މި ކަމުގައި އެންމެ ރަނގަޅު ގޮތަކީ މާލެ އިން ނުވަތަ މާލެއާއި ގުޅިފައިވާ ރަށަކުންކުރެ ރަށަކުން ކައްކާ ކެވޭ ގޮތަށް ހުންނަ އެއް ކޮޓަރިއާއި ސިޓިންރޫމް އެއް އަދި ފާޚާނާ ހުރި އެޕާޓްމެންޓެއް ކުއްޖާގެ ބައްޕަގެ ފަރާތުން ކުއްޔަށް ހިފާފައި ހަވާލުކުރުން ނުވަތަ އެފަދަ އެޕާޓްމެންޓެއްގެ ކުލީގެ މިންވަރު ކުއްޖާގެ މަންމައަށް ދިނުން ކަމަށް ގަބޫލުކުރެވޭ ކަމަށާއި، މި ގޮތުން ކުލީގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނީ 5000 ރުފިޔާ ކަމަށް އަހްމަދު ނާޒިމް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވީ ނަމަވެސް، އެ މިންވަރަކީ އެއް ކޮޓަރީގެ އެޕާޓްމެންޓެއް މާލެއާއި މާލެ ކައިރީގައިވާ ރަށަކުން ލިބެންހުރި މިންވަރަށްވުރެ ކުޑައަދަދެއް ކަމަށް ބެލެވޭތީ، މާލެއާއި މާލެކައިރީގައިވާ ރަށަކުން ތަނެއް ކުއްޔަށްލިބޭ އާންމު ރޭޓަށް ބަލާއިރު، މަދުވެގެން ކުލީގެ ގޮތުގައި 10،000 ރުފިޔާ ލިބިގެން މެނުވީ ދަރިފުޅުގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިދާނެ ކަމަށް ނުފެންނަ ކަމަށެވެ.
16މަތީގައިވާ ކަންކަން ފާހަގަކުރުމަށްފަހު ހައިކޯޓުން ހުކުމްކޮށްފައިވަނީ، ފެމިލީ ކޯޓުގެ ނަންބަރު 1541/Fm-C/2017 ގަޒިއްޔާގައި ފެމިލީ ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، ފެމިލީ ކޯޓުގެ ނަންބަރު 1541/Fm-C/2017 ގަޒިއްޔާގައި 3 އެޕްރީމް 2018 އިން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި މއ. ޑޭޒީވިލާއިން ދަރިފުޅު ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދިނުމަށް އަހްމަދު ނާޒިމްއަށް އަންގައި ކޮށްފައިވާ ހުކުމުގެ އެބައި ބާތިލުކޮށް މާލެ އަދި މާލެ ގުޅިފައިވާ ރަށްތަކުން ކުރެ ރަށަކުން ކައްކާ ކެވޭ ގޮތަށް ހުންނަ އެއް ކޮޓަރިއާއި ސިޓިންގ ރޫމް އެއް އަދި ފާޚާނާއެއް ހުރި އެޕާޓްމެންޓެއްގެ ކުއްޔާއި އެއްފަދަ އަގެއް ކަމަށް ބެލެވޭ އާއްމު މިންވަރު 10،000 ރުފިޔާ ދަރިފުޅުގެ މަންމަ މަރިޔަމް ރަޝީދާއަށް ލިބި ދިނުމުގެ ގޮތުން އެ އަދަދަށްވާ ފައިސާ އަހްމަދު ނާޒިމްގެ ފަރާތުން ފެމިލީ ކޯޓަށް، ދަރިފުޅުގެ އުމުރުން މީލާދީ ގޮތުން 18 އަހަރު ފުރެންދެން ކޮންމެ މަހަކު އެމަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ދައްކަމުން ގެންދިއުމަށެވެ.
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި ނުކުތާ
17ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/170 ގަޒިއްޔާގައި ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރަން މަރިޔަމް ރަޝީދާގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) ކުއްޖާއަށް ބޯހިޔާވަހިކަން ދިނުމަކީ ޝަރުޢީގޮތުން ބައްޕަގެ މައްޗަށް ލާޒިމުކަމެއް ކަމަށާއި އެހެންކަމުން ޝަރުޢީގޮތުން އަހްމަދު ނާޒިމްއާއި މަތިކުރާ މި އިލްތިޒާމާއި ކޮންޓްރެކްޓް ގާނޫނުގެ ދަށުން އުފެއްދުމަށް މަސައްކަތްކޮށްފައިވާ އިލްތިޒާމްތަކާ ދެމެދު ފުށުއެރުމެއް އުފެދޭ ހިނދު އިސްކަން ދޭންވާނީ ކުއްޖާގެ ބައްޕަގެ ހައިސިއްޔަތުން ޝަރުއީ ގޮތުން އަހްމަދު ނާޒިމް އުފުލަންޖެހޭ އިލްތިޒާމް އަށް ކަމަށްވާއިރު ހައިކޯޓުން އެކަމަށް ރިއާޔަތްކޮށްފައި ނެތުން.
(ށ) ކުއްޖަކާ ގުޅޭގޮތުން ބައްޕަގެ މައްޗަށް މަތިކޮށްފައިވާ އިސްވެ ބަޔާންކުރި އިލްތިޒާމުން އެއްކިބާ ވުމަށް ޖާގަލިބޭ ގޮތަށް ކޮންޓްރެކްޓެއް އެކުލަވާލެވިފައިވާ ނަމަ އެ ކޮންޓްރެކްޓަކީ ބާތިލު ނުވަތަ ބާތިލުކުރެވިދާނެ ކޮންޓްރެކްޓެއް ކަމަށްވާއިރު އެކަމަށް ރިއާޔަތްކޮށްފައި ނެތުން.
(ނ) ކުއްޖާއަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޒިންމާ އެ ކުއްޖާގެ ބައްޕަ އުފުލާފައިވާ ކަމަށް ހައިކޯޓުން ނިންމަވާފައިވަނީ ހަގީގަތާ އެއްގޮތަށް ކަމަށް ނުވުން. އިސްތިއުނާފުކުރެވުނު ފުރަތަމަ ނުކުތާ:
18އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ ނުކުތާގައި ބުނެފައިވަނީ، ކުއްޖާއަށް ބޯހިޔާވަހިކަން ދިނުމަކީ ޝަރުޢީގޮތުން ބައްޕަގެ މައްޗަށް ލާޒިމުކަމެއް ކަމަށާއި އެހެންކަމުން ޝަރުޢީގޮތުން އަހްމަދު ނާޒިމްއާއި މަތިކުރާ މި އިލްތިޒާމާއި ކޮންޓްރެކްޓް ގާނޫނުގެ ދަށުން އުފެއްދުމަށް މަސައްކަތްކޮށްފައިވާ އިލްތިޒާމްތަކާ ދެމެދު ފުށުއެރުމެއް އުފެދޭ ހިނދު އިސްކަން ދޭންވާނީ ކުއްޖާގެ ބައްޕަގެ ހައިސިއްޔަތުން ޝަރުއީ ގޮތުން އަހްމަދު ނާޒިމް އުފުލަންޖެހޭ އިލްތިޒާމް އަށް ކަމަށްވާއިރު ހައިކޯޓުން އެކަމަށް ރިއާޔަތްކޮށްފައި ނެތް ކަމަށެވެ.
ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޒިންމާ
19ގާނޫނުއަސާސީގެ 34 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އާއިލާއަކީ މުޖުތަމައުގެ ތޮބީއީ އަދި އަސާސީ ބިންގާ ކަމަށް ވީ ހިނދު، ކޮންމެ އާއިލާއަކަށްމެ މުޖްތަމައާއި ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ލިބިދޭންވާނެ ކަމަށެވެ. އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ކައިވެންޏެއް ރޫޅިއްޖެ ހާލަތެއްގައި ދަރީން ތިބި ނަމަ، އެ ދަރިންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ޚާއްސަ ރައްކާތެރިކަން ލިބިދޭން ވާނެ
20ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 19/2019) އަށް އަމަލުކުރަން ފެށުމާ ހަމައަށް އަމަލުކުރަމުން ގެންދިޔަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 9/91) ގެ 14 ވަނަ މާއްދާގައި ބުނެފައިވަނީ ކުއްޖާއަށް ކެއުންބުއިމާއި، އަންނައުނާއި، ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދިނުމާއި ބަލިވެއްޖެނަމަ، ބޭސްފަރުވާކޮށް ދިނުމާއި މިފަދަ ހުރިހާކަމެއްވެސް މައިންބަފައިންގެ ހާލަތު ނިޔާކުރާ ގޮތެއްގެ މަތިން ވެވެން އޮތް އެންމެ ރަނގަޅަކަށް ކޮށްދޭން ވާނެ ކަމަށެވެ.
21ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 19/2019) ގެ 20 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ކުއްޖާއަށް ބޭނުންވާ ކާނާއާއި ސާފު ފެން ލިބިދިނުމާއި، އެކަށީގެންވާ ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިދިނުމާއި، އެކަށީގެންވާ ފޭރާމާއި ބޯހިޔާވަހިކަން ލިބުމާއި، ސާފު އަދި ޞިއްޙަތަށް ރަނގަޅު ވެއްޓެއްގައި ހެދިބޮޑުވުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ، ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ދިރިއުޅުމުގެ ހަމަތައް ފޯރުކޮށްދިނުމުގެ އެންމެ އިސް މި ވާޖިބު، އެމީހުންގެ ޤާބިލިއްޔަތާއި މާލީ ޙާލަތު ތަންދިން މިންވަރަކުން އަދާކުރާނީ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބެލެނިވެރިކަން އެއިރެއްގައި ޙަވާލުކުރެވިފައިވާ ފަރާތަކުން ކަމަށެވެ.
22الله سْمَّةَ بَرَسَرَّةٌ ވަތަޢާލާ ބަޤަރާ سْمَّةً ރަތުގެ 233 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ. وَالْوَالِدَاتُ يُرْضِعُونَ أَوْ لَا دَهُونَ حَوْلَيْنِ كَامِلَيْنِ بِالْمَنِ أَرَادَ أَن يُبْدَعَ الرَّضَاعَةَ ؟ وَعَلَى الْمَوْلُودِ لَهُ رِزْقُهُونَ وَكِسْوَتُهُونَ بِالْمَعْرُوفِ ؟ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ؟ لَا تُضَارَّ وَالِدَةً بِوَلَدِهَا وَلَا مَوْلُودٌ لَهُ بِوَلَدِهِ ؟ وَعَلَى الْوَارِثِ مِثْلُ ذَلِكَ قَائِلُ أَرَادَا فِصَالَا عَن تَرَاضِ مِنْهُمَا وَتَشَاوَرِ فَلَا جُنَاحَ عَلَيْهِمَا قَوْلِنَ أَرَدتُهُمْ أَن تَسْتَرْضِعُوا أَوْ لَا دَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمَتُم مَّا آتَيْتُم بِالْمَعْرُوفِ قَوَاتَقُوا اللَّهَ وَاعْتُلُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ. މާނައީ: "މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ މުއްދަތަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް ގަސްދު ކޮށްފި މީހަކަށެވެ. އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނު ދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، ތަކުލީފެއް ނުޖައްސަވަތެވެ. މައިމީހާއަށް، އެކަނބުލޭގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، ބަފަޔަކަށްވެސް، އޭނާގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، (ކުއްޖާގެ ބަފާގެ މައްޗަށް ލާޒިމްވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން ލާޒިމް ވެގެންވެތެވެ .ފަހެ، އެ ދެމީހުންގެ ރުހުމާއި، މަސްވަރާއާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން ގަސްދު ކޮށްފިނަމަ، (އެކަމުގައި) އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް ގަސްދު ކޮށްފިނަމަ، ހެޔޮގޮތުގައި އެކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެކަނބަލުންނަށް ދެނީނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވެރިވާށެވެ! އަދި، ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ"!
23ﷲ ސުބްޙާނަހޫ ވަތަޢާލާ އައްޠަލާޤް ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: لِّيٰخِفِقَ ذُو سَعَةٍ مِن سَعَتِهِ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُخِفِقَ مِمَّا أَنَاهُ اللَّهُ ۚ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا أَنَاهَا ۚ سَيَشْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا މާނައީ: "ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ ރިޒުޤު ދަތިކުރައްވާފައިވާ މީހާ، ފަހެ، އެމީހާޔަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ! އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، ﷲ ތަކުލީފެއް ނުޖައްސަވަތެވެ.
ދަތިކަމަކަށްފަހު، ފަސޭހަކަމެއް، ﷲ ލައްވާހުށްޓެވެ."
24HN1މަތީގައި ބަޔާންކުރެވުނު މަސްދަރުތަކުން އެނގެނީ މައިންބަފައިންގެ ފަރާތުންނާއި ވާރުތަވެރިންގެ ފަރާތުން ކުޑަކުދިންނަށް ފޯރުކޮށްދޭން ޖެހޭ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި އެކުދީންނަށް ކާންބޯން ދިނުމާއި އަންނައުނު ދިނުމާއި އެކުދިންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން ހިމެނޭ ކަމެވެ. އެ ވާޖިބު އެންމެ އިސްވެ އޮތީ ކުއްޖާގެ ބައްޕަގެ މައްޗަށެވެ. އަދި އެ ވާޖިބު އަދާކުރުން އޮތީ އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުންނެވެ.
25ފެމިލީ ކޯޓުގައާއި ހައިކޯޓުގައާއި ސުޕްރީމް ކޯޓުގައި އަހްމަދު ނާޒިމްގެ ފަރާތުން ބުނެފައިވަނީ މއ. ޑޭޒީވިލާ އެވެ ކިޔާ 389 އަކަފޫޓުގެ ގޯތިން ދަރިފުޅަށް އުޅެވޭނެ ތަނެއް ހަމަޖައްސަން ބޭނުން ކަމަށާއި ނަމަވެސް އެ ގެ ހުރީ މުހައްމަދު ރިޔާޒް އަށް ކުއްޔަށް ދޫކޮށްފައި ކަމަށާއި، މުއްދަތު ހަމަވުމުގެ ކުރިން މުހައްމަދު ރިޔާޒް އެތަން ދޫކޮށްލައިފިނަމަ، ނުވަތަ ނުވަތަ އެހެން ގޮތަކުން ވިޔަސް އެތަން ހުސްވެއްޖެ ނަމަ ނުވަތަ އެގްރީމަންޓު ބާތިލުވެއްޖެ ނަމަ ނުވަތަ އެގްރިމަންޓުގެ މުއްދަތު ހަމަވުމުން އެގެއިން ދަރިފުޅު އުޅުމަށް ތަނެއް ނުވަތަ ފްލޯއެއް ދެވިދާނެ ކަމަށާއި، އެގޮތުން ދަރިފުޅު އެގެއަށް ނުވައްދައި ކުލީގެ އައު އެގްރިމަންޓެއް ހަދަން ބޭނުން ނޫން ކަމަށާއި، މި ދަރިފުޅު ފިޔަވައި އެހެން ބަނޑަކަށް ލިބިފައިވާ 3 ކުދިން އޭނާ ގާތުގައި އުޅުމަށްފަހު މިހާރު އުޅެނީ އެކުދިންގެ މަންމަގެ ގާތުގައި ކަމަށާއި، އެކުދިންވެސް އުޅޭނެ ތަނެއް ދެއްކިފައިނުވާ ކަމަށާއި، އޭނާގެ ނަމުގައިވާ ޑޭޒީވިލާގެއަށް ދަރިފުޅަށް ވަދެވި އުޅެވެންދެން މަރްޔަމް ރަޝީދާ އެދޭނަމަ ތަނެއް ކުއްޔަށް ހިފުމަށްޓަކައި ފައިސާ ދޭނެ ކަމަށާއި އެގޮތުން އޭނާއަށް ދެވޭނީ މަހަކު -/5000 ރުފިޔާ ކަމަށެވެ. ގޯތި ދޫކުރެވިފައިވާ މީހާގެ ދަރިން އެ ގޯތީގައި ދިރިއުޅުމުގެ ހައްގު
26HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 3 އޮކްޓޯބަރު 2011 ގައި ނިންމާފައިވާ ނަންބަރު 2009/SC-A/28 (ގ. ޝޭޑީގްރައުންޑް އާ ބެހޭ) ގަޒިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ: "ދިރިއުޅުމަށް ދޫކޮށްފައިވާ ބިމާ ގުޅިފައިވާ ހިޔާވަހިކަމުގެ ހައްގަކީ އެބިމުގެ މިލްކުވެރިފަރާތަށް އެތަނުގައި ދިރިއުޅުމުގެ ހައްގު އޮންނަ ފަދައިން، އެމީހަކު ބަލަންޖެހިފައިވާ މީހުންނަށްވެސް އެތަނުގައި ދިރިއުޅުމުގެ ހައްގު ޝަރުޢީގޮތުންނާއި ގާނޫނީގޮތުން ލިބިދެވޭގޮތަށް ޙިމާޔަތްކޮށްދެވިފައިވާ ހައްގެއް" ކަމަށެވެ.
27އިސްވެ މި ހަވާލާދިން ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/28 (ގ. ޝޭޑީގްރައުންޑް އާބެހޭ) ގަޒިއްޔާގައި ސުޕްރީމް ކޯޓުން ފާހަގަކުރެއްވި ނުކުތާގައި ވިދާޅުވެފައި އޮތީ ދިރިއުޅުމަށް ދޫކޮށްފޯލިނޮވޭ Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives Tel: + 960 3009990 | Fax: + 960 3008554 | URL: www.supremecourt.gov.mv | ވެބްސައިޓް: ބިމާ ގުޅިފައިވާ ހިޔާވަހިކަމުގެ ހައްގަކީ އެބިމުގެ މިލްކުވެރިފަރާތަށް އެތަނުގައި ދިރިއުޅުމުގެ ހައްގު އޮންނަ ފަދައިން، އެމީހަކު ބަލަންޖެހިފައިވާ މީހުންނަށްވެސް އެތަނުގައި ދިރިއުޅުމުގެ ހައްގު ޝަރުޢީގޮތުންނާއި ގާނޫނީގޮތުން ލިބިދެވޭގޮތަށް ޙިމާޔަތްކޮށްދެވިފައިވާ ހައްގެއް ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގ. ރަވިއެވެ ކިޔާ ގޯތީގެ މައްސަލަ އާއި ގ. ނައިފަރު އެވެ ކިޔާގޯތީގެ މައްސަލައިގައި އެ ގޯތިތަކުގައި ދިރިއުޅުމުގެ ހައްގު ހޯދުމަށް އެ ގޯތި ރަޖިސްޓަރީކޮށްދެވިފައިވާ ފަރާތްތަކުގެ ދަރިން ދައުވާކުރުމުން ކޯޓުތަކުން ނިންމާފައިވަނީ، އެ ގޯތިތަކުގައިވާ ގެއަކީ އެ ގޯތި ރަޖިސްޓަރީކޮށްދެވިފައިވާ ފަރާތުގެ އަމިއްލަ ގެއެއް ކަމަށްވެފައި، ބައްޕަގެ ގޯތީގައި ދިރިއުޅުމުގެ ހައްގު ހޯދަން ދައުވާކުރާ ފަރާތަކީ އަމިއްލައަށް ދިރިއުޅެވޭ ވަރަށް ތަޞައްރަފް ފުދިފައިވާ، އަދި އެ ގޯތި ރަޖިސްޓަރީކޮށްދެވިފައިވާ ފަރާތުން ޝަރުޢީގޮތުން ބަލަންޖެހޭ ދަރިން ކަމަށް ނުވާތީ އެ ގޯތި ރަޖިސްޓަރީ ކޮށްދެވިފައިވާ ފަރާތުގެ ގެދޮރަށް ޝަރީއަތުގެ ފަރާތުން އެ ދަރިން ވެއްދުމަށް ކޯޓުން އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/28 (ގ.ޝޭޑީގްރައުންޑް އާބެހޭ) ގަޒިއްޔާގައި ސުޕްރީމް ކޯޓުން ފާހަގަކުރެއްވި ނުކުތާ އާއި ގ. ރަވިއެވެ ކިޔާ ގޯތީގެ މައްސަލަ އާއި ގ. ނައިފަރު އެވެ ކިޔާގޯތީގެ މައްސަލައިގެ ހުކުމުގެ އިޖްމާލީ މާނައަކީ ކުއްޖާގެ ބައްޕަ ޝަރުއީ ގޮތުން ބަލަންޖެހޭމީހުންނަށް ބައްޕަގެ ނަމުގައި ރަޖިސްޓަރީކޮށްދެވިފައިވާ ގޯތީގައި ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި އެ ހައްގަކީ ބައްޕައާ ދެކޮޅަށް ތަންފީޒުކުރެވިދާނެ ހައްގެއް ކަމެވެ.
28އެހެންކަމުން، މި ބަލާ ގަޒިއްޔާގައި ހިމެނޭ ކުއްޖާއަކީ އަހްމަދު ނާޒިމް ޝަރުއީ ގޮތުން ބަލަންޖެހޭ އުމުރުގެ ކުއްޖެއް ކަމަށް ވާތީވެ، އެ ކުއްޖާގެ ބައްޕަގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ގޯތީގައި 1 ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2003/HC-A/162 ގަޒިއްޔާ. 2 ދިވެހިރާއްޖޭގެ ހައިކޯޓު ގެ 2009/HC-A/303 ގަޒިއްޔާ. 3 ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2003/HC-A/162 ގަޒިއްޔާ. 4 ދިވެހިރާއްޖޭގެ ހައިކޯޓު ގެ 2009/HC-A/303 ގަޒިއްޔާ. ދިރިއުޅުމުގެ ހައްގު ހޯދަން ދައުވާކުރުމުގެ ހައްގު އެ ކުއްޖާއަށް ލިބިގެންވާކަން އިސްވެ މި ބަޔާންކުރި މަސްދަރުތަކުން އެނގެއެވެ. ނަމަވެސް، މއ. ޑޭޒީވިލާ އެވެ ކިޔާ ގޯތިހުރީ ކުއްޔަށް ދޫކޮށްފައި ކަމަށްވާތީވެ، އަދި އެގޯތީގައި އަމިއްލަ ޚަރަދުގައި އިމާރާތެއް ހަދައިގެން ކުއްޔަށްހިފިފަރާތުން ދިރިއުޅެމުން ގެންދާތީވެ، އޭނާގެ ނަމުގައިވާ ޑޭޒީވިލާގެއަށް ދަރިފުޅަށް ވަދެވި އުޅެވެންދެން މަރްޔަމް ރަޝީދާ އެދޭނަމަ ތަނެއް ކުއްޔަށް ހިފުމަށްޓަކައި ފައިސާ ދޭނެ ކަމަށާއި އެގޮތުން އޭނާއަށް ދެވޭނީ މަހަކު -/5000 ރުފިޔާ ކަމަށް އަހްމަދު ނާޒިމްގެ ފަރާތުން ބުނެފައި އޮތުމުން އަހްމަދު ނާޒިމްހުރީ އޭނާގެ ދަރިފުޅުގެ ބޯހިޔާވަހިކަމަށް ޚަރަދުކުރުމުގެ ޒިންމާ އުފުލަން ކަން އޭނާގެ ބަހުން އެނގެއެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ކުއްޔަށް ދޫކުރުން
29ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 10 ވަނަ މާއްދާއިން ފެށިގެން އެ ގާނޫނުގެ 13 ވަނަ މާއްދާ އާއި ހަމައަށް ހުރި މާއްދާތަކުން އެނގެނީ ބަންޑާރަ ގޯތި މީސްމީހުންނަށް ދޫކުރަނީ އަދި ރަޖިސްޓަރީ ކޮށްދެނީ ދިރިއުޅުމުގެ ބޭނުމަށް ކަމަށެވެ.
30ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 27 ވަނަ މާއްދާ ބުނާގޮތުން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގައި ހަދާފައިވާ މުޅި އިމާރާތް ނުވަތަ އެފަދަ ގޯއްޗެއްގެ ބައެއް ނުވަތަ އެ ގޯއްޗެއްގައި ހަދާފައިވާ އިމާރާތުން ބައެއް އެ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ދިރިއުޅުމުގެ ބޭނުމަށް އެހެން ފަރާތަކަށް ކުއްޔަށް ދެވިދާނެއެވެ. އަދި ބިމާބެހޭ ގާނޫނުގެ 28 ވަނަ މާއްދާ ބުނާގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގައި ކޮށްފައިވާ މުޅި އިމާރާތް ނުވަތަ އެފަދަ ގޯއްޗެއްގެ ބައެއް ނުވަތަ އެގޯއްޗެއްގައި ހަދާފައިވާ އިމާރާތުން ބައެއް އެ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ދިރިއުޅުމުގެ ބޭނުން ފިޔަވައި އެނޫންވެސް ހުއްދަ ބޭނުމެއް ކުރުމަށް އެހެން ފަރާތަކަށް ކުއްޔަށް ދެވިދާނެއެވެ.
31HN3ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ވިއްކާ ހާލަތުގައި ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 18 ވަނަ މައްދާގެ (ހ) ގައި ބުނެފައިވާގޮތުގެ މަތީން ގޯތި ވިއްކާ މީހާ އާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިވުމަކީ ލާޒިމުކަމެއް ވީ ނަމަވެސް، ބަންޑާރަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގައި ހަދާފައިވާ އިމާރާތެއް ކުއްޔަށް ދިނުމުގައި މިފަދަ ޝަރުތެއް ފުރިހަމަ ކުރުމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުން ލާޒިމުކޮށްފައި ނެތްކަން 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން އެނގެއެވެ.
32HN4މި ގަޒިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު، އަހްމަދު ނާޒިމުގެ ނަމުގައި ރަޒިސްޓަރީ ކޮށްފައިވާ މއ. ޑޭޒީވިލާ އެވެ ކިޔާ ގޯތި ވަނީ 1 ސެޕްޓެމްބަރު 2003 ގައި ސޮއިކުރި އެގްރިމަންޓެއްގެ ދަށުން 15 އަހަރަށް (1 ސެޕްޓެމްބަރ 2018 ގެ ނިޔަލަށް) އަދި 2014 ސެޕްޓެމްބަރު 21 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން 1 ސެޕްޓެމްބަރު 2018 އިން 31 އޮގަސްޓް 2023 ގެ ނަޔަލަށް ގއ. ނިލަންދޫ ފޫޅުމާގޭ މުހައްމަދު ރިޔާޒް އަށް ކުއްޔަށް ދީފައެވެ. އަދި އަހްމަދު ނާޒިމްގެ ފަރާތުން އޭނާގެ ދަރިފުޅު ބެލުމަށް ނުވަތަ އެ ކުއްޖާގެ ބޯހިޔާވަހިކަމަށް ޚަރަދުނުކުރާ ނަމަ މއ. ޑޭޒީވިލާ އެވެ ކިޔާ ގޯތިން އަހްމަދު ނާޒިމްއަށް ކުލީގެ ގޮތުގައި ލިބޭ ފައިސާ ކޯޓަށް ޖަމާކުރުމަށާއި އެފައިސާއިން އެ ޚަރަދު ކެނޑުމަށް އަމުރުކުރުމުގެ ބާރު ފެމިލީ ކޯޓަށް ލިބިގެންވެއެވެ. އިސްތިއުނާފުކުރެވުނު ދެވަނަ ނުކުތާ:
33މި މައްސަލަ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާގައި ބުނެފައިވަނީ ކުއްޖަކާ ގުޅޭގޮތުން ބައްޕަގެ މައްޗަށް މަތިކޮށްފައިވާ އިސްވެ ބަޔާންކުރި އިލްތިޒާމުން އެއްކިބާ ވުމަށް ޖާގަލިބޭ ގޮތަށް ކޮންޓްރެކްޓެއް އެކުލަވާލެވިފައިވާ ނަމަ އެ ކޮންޓްރެކްޓަކީ ބާތިލު ނުވަތަ ބާތިލުކުރެވިދާނެ ކޮންޓްރެކްޓެއް ކަމަށްވާއިރު އެކަމަށް ރިއާޔަތްކޮށްފައި ނެތް ކަމަށެވެ.
ކޮންޓްރެކްޓްކުރުމުގެ މިނިވަންކަން
34HN5މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާއެއް ކަމަށްވާ ހަސަން ހަލީމް ވ. ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވެފައިވަނީ: "މަދަނީ ގާނޫނުގައި ކޮންޓްރެކްޓަކީ ދެ ޝަހްސުންގެ ނުވަތަ އެއަށްވުރެ ގިނަ ޝަހްސުންގެ މެދުގައި، ކަމެއް ކުރުމުގެ ނުވަތަ ކަމެއް ކުރުމުން މަނާވެގަތުމުގެ ގާނޫނީ އިލްތިޒާމު އުފުލުމަށްވެވޭ އެއްބަސްވުމެއް ކަމުގައިވީ ހިނދު، ދުނިޔޭގެ އެންމެހައި ގާނޫނީ ނިޒާމުތަކުގައި އެފަދަ އެއްބަސްވުމެއް މައުޟޫއީގޮތުން އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު، "މަބްދައު ސުލްޠާ އިރާދާ" (freedom of contract) ގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވާ ކަމާއި، އެފަދަ ބާރާއި އިޚްތިޔާރު ގާނޫނީ ގޮތުން ޤައިދުކުރެވޭނެ ހަމަ އެކަނި ގޮތަކީ ކޮންޓްރެކްޓުގެ އެއްބަސްވުމަކީ "އަމުރުކުރަނިވި ގާނޫނީ ގާއިދާ" (ޕެރެމްޕްޓަރީ ރޫލް peremptory rule) އަކާއި ނުވަތަ ދައުލަތުގެ އާންމު އަދަބުތަކުގެ ގާއިދާ (public order and public decency) އަކާއި ޚިލާފު އެއްބަސްވުމަކަށް ވާނަމަކަމާއި، މި އާންމު އުސޫލުގެ ދަށުން ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަ ވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ރަނގަޅު ނިޔަތުގައި (good faith) ތަންފީޒުކުރުމަކީ އެ ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމު" ވެގެންވާ ކަމެއް
35"ހުއްރިޔާ އަލް ތަޢާޤުދް" ނުވަތަ ކޮންޓްރެކްޓު ކުރުމުގެ މިނިވަން ކަމަކީ އިސްލާމީ ފިޤްހުގެ މުހިންމު ބައެކެވެ. މި މަބްދައުގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ އައު ގޮތްތައް އީޖާދުކޮށް ވިޔަފާރި އާއި އިގްތިސާދު ފުޅާކުރުމުގެ މަގު ހުޅުވިގެން ގޮސްފައިވެއެވެ. އިސްލާމީ ފިޤްހުވެރިންގެ ރައުޔަކީ އިސްލާމްދީނުގެ އަސާސީ އުސޫލަކާ ޚިލާފުނުވާ ހައި ހިނދަކު ކޮންޓްރެކްޓު ކުރުމާއި، ކޮންޓްރެކްޓުގައި ހިމަނާނެކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވާ ކަމަށެވެ. އިބްނު ތައިމިޔާއާއި އެކަލޭގެފާނުގެ ދަރިވަރު އިބްނު ޤައްޔިމް އަލް ޖައުޒިއްޔާ ގެ ރައުޔަކީ އިސްލާމީ ޝަރިއަތުގައި މަނާކޮށްފައިނުވާ ކަންކަމާއި ޝަރުތުތަކަކީ ކޮންޓްރެކްޓުގައި ހިމެނުން ހުއްދަ ކަންކަމެވެ.އިބްނު ޤައްޔިމު ޖައުޒިއްޔާ ލިޔުއްވާފައިވަނީ: "މާތް ﷲ އާއި ކީރިތި ރަސޫލާ (ޞައްﷲ ޢަލައިހި ވަސައްލަމް) މަނާކުރައްވާފައިނުވާ ނަމަ ކޮންމެ ކަމަކީވެސް ހުއްދަ ކަންކަމެވެ [...] އާއްމު އުސޫލަކީ، އިންސާނުންކުރާ މުއާމަލާތުތަކުގައްޔާއި ކޮންޓްރެކްޓުތަކުގައި، އެކަންކަމަކީ ހުއްދަވެގެން ނުވާ ނުވަތަ ހަރާމްވެގެންވާ ކަމެއްކަމުގެ ގާނޫނީ ހެކި ނެތް ނަމަ އެކަންކަމަކީ ސައްހަ ކަންކަމެވެ [...] އެކަންކަމާ މެދު ގާނޫނުގައި ވަކިގޮތެއް ބަޔާންކޮށްފައި ނެތްނަމަ މުއާމަލާތާއި ކޮންޓްރެކްޓުތައް ހުއްދަވާނެއެވެ."
36ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ އިލްތިޒާމްތައް ފުރިހަމަކުރުމަކީ ވާޖިބެއްކަން ކީރިތި ޤުރުއާނުގެ މާއިދާ ސޫރަތުގެ 01 ވަނަ އާޔަތުން އެނގެއެވެ. يَا أَيُّهَا الَّذِينَ آمَنُوا أَوْقُوا بِالْعَقْوَدِ؟ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޢަޤުދު ތައް ފުއްދާށެވެ! 6 M.Y. Musa, "The Liberty of the Individual in Contracts and Conditions according to Islamic Law," Islamic Quarterly, 2 (1955), 2:82 7 Ibn Qayyim al-jawziyyah, I'lam al-Muwaqi'in (Beirut: Dar al-Jil 1973). 1: 299. ހަމަ އެއާއެކު، ކޮންޓްރެކްޓު ކުރުމުގައި ހިފެހެއްޓުންތަކެއް ހުރިކަން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ އަންނަނިވި ބަސްފުޅުން އެނގެއެވެ. المُسْلِمُونَ عَلَى شُرُوطِهِم إِلا شَرطًا حَرَّمَ خَلالًا أَوْ أَحَّلَ حَرَامًا ޙަލާލު ކަމެއް ޙަރާމް ކުރާ، ނުވަތަ ޙަރާމް ކަމެއް ޙަލާލު ކުރާ ޝަރުޠެއް ފިޔަވައި މުސްލިމުންނަކީ އެބައިމީހުންގެ ޝަރުޠުތަކުގެ (އެއްބަސްވުންތަކުގެ) މަތީގައި ދެމިތިބޭ ބައެކެވެ.
37ވިޔަފާރިކުރުމާއި މުޢާމަލާތުކުރުމަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާއިރު، އެކަންކަން ކުރުމުގައި ކީރިތި ޤުރުއާނުގައި ﷲ އަމުރުކުރައްވާފައިވާ ކަންކަން އެއްފަރާތްކޮށް އިހުމާލުކުރުން ހުއްދަވެގެން ނުވާކަން މަތީގައިވާ ޕެރެގްރާފުގައި ބަޔާންކުރެވުނު ހުކުމްތަކުން އެނގެއެވެ. މީހެއްގެ އަމިއްލަ މަސްލަހަތަށް އެކަމުން ގެއްލުންވީ ނަމަވެސް އަދުލުވެރިވުމަށް ކީރިތި ޤުރްއާނުގައި އަންގަވާފައި އޮތުމުން އިންސާނުންކުރާ މުއާމަލާތުތަކުގައްޔާއި ކޮންޓްރެކްޓުތަކުގައްޔާއި ކޮންޓްރެކްޓުތައް ދެމެހެއްޓުމުގައި އަދުލުވެރިވުމަކީ ލާޒިމުވެގެންވާ ކަމެކެވެ. އަދި ކިއެއްތަ، އިސްލާމީ ޝަރީއާގައި ކޮންޓްރެކްޓުކުރުމާއި ކޮންޓްރެކްޓު ތަންފީޒުކުރުމުގެ ކޮންމެ އިޖުރާއަތެއްގައި އެ ކޮންޓްރެކްޓުގެ ބައިވެރިންނަށް އަދުލުވެރިކަން ފޯރުކޮށްދިނުމަކީ އިސްލާމީ ޝަރީއާގެ އެންމެ އަސާސީ ފަލްސަފާއެވެ. މުއާމަލާތްތަކާ ގުޅިގެން އިސްލާމީ އަދާލަތުގެ ފަލްސަފާއަކީ ދެފަރާތުގެ މެދުގައި ކޮންޓްރެކްޓުގައިވާ ކަންކަމާބެހޭ ގޮތުން ޚިލާފުއުފެދުމުގެ ސަބަބުން އުފެދިދާނޭ އަރައިރުންވުންތަކާއި ދެބަސްވުންތައް ދުރުކޮށް މުޖުތަމައު ފަސާދަވިޔަ Abū ‘Īsā Muḥammad ibn ‘at-Tirmidhī, Jami’ at-Tirmidhi, Hadith No: 1352 Ibn Qayyim al-jawziyyah, I’lam al-Muwaqqi’in (Beirut: Dar al-Jil 1973). II: 380. ނުދިނުމަށްޓަކައި ކޮންޓްރެކްޓުގެ ބައިވެރިންނަށް ހަމަހަމަކަމުގެ ފައިދާ ނުލިބޭ އަދި އަނިޔާވެރިކަމަށް މަގުފަހިކުރާފަދަ ޝަރުތުތައް ކޮންޓްރެކްޓުގައި ހިމެނުމަށް ފުރުސަތު ނުދިނުމެވެ.
38HN6ދެފަރާތް ބަނދެވޭ އަދި ތަންފީޒުކުރެވޭނޭ ސައްހަ ކޮންޓްރެކްޓެއް ކުރުމަށްފަހު، އެ ކޮންޓްރެކްޓާ އެއްގޮތަށް އަމަލުކުރުމަކީ ދެފަރާތުގެ މައްޗަށް ލާޒިމުކަމެކެވެ. ދެފަރާތެއްގެ ދެމެދުގައި ސޮއިކުރެވޭ އެއްބަސްވުމެއް ނިމުމަކަށް އަންނާނެ ގޮތްތަކާއި ބާތިލުވާނެ ގޮތްތަކާއި ކޮންޓްރެކްޓުގެ ބައިވެރިން ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ އިލްތިޒާމްތަކުން ވީއްލޭނެ ހާލަތްތަކާއި ގޮތްތައް ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އެހެން ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތަކެއް އަދާކުރެވެން އޮތީ އޭނާ އާއި އެހެން ފަރާތަކާ ދެމެދު ސޮއިކުރެވިފައިވާ ސައްހަ ކޮންޓްރެކްޓެއް ރޫޅާލައިގެން ނުވަތަ އެފަދަ ކޮންޓްރެކްޓަކަށް އަމަލުކުރުން ހުއްޓާލައިގެން ކަމަށް ބުނެ، އެފަދަ ކޮންޓްރެކްޓެއް ރޫޅާލުމަށް ހުއްދަކުރާ އުސޫލެއް ދިވެހިރާއްޖޭގެ ގާނޫނުގައި ނުވަތަ އިސްލާމީ ޝަރިއަތުގައި ބަޔާންކުރެވިފައި ނެތެވެ.
39HN7އިސްވެ ބަޔާންކުރި ހަމަތަކަށް ބަލާއިރު، މި މައްސަލަ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްޖަކާ ގުޅޭގޮތުން ބައްޕަގެ މައްޗަށް މަތިކޮށްފައިވާ ކުއްޖެއްގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިލްތިޒާމުން އެއްކިބާ ވުމަށް ޖާގަލިބޭ ގޮތަށް ކޮންޓްރެކްޓެއް އެކުލަވާލެވިފައިވާ ނަމަ އެ ކޮންޓްރެކްޓަކީ ބާތިލު ނުވަތަ ބާތިލުކުރެވިދާނެ ކޮންޓްރެކްޓެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތެވެ. See, Ibn Qayyim al-jawziyyah, I'lam al-Muwaqi'in; al-Qaradawi, The Lawful and the Prohibited in Islam, trans.by Kamal El-Helbawy, M.M. Siddiqui and Syed Shukry (Indianapolis: American Trust Publications, 1980), 305. Ibn Taymiyyah, Sheikh al-Islam Taqi al-Din Ahmad, Fatawa (Mabhath al-Uqud), Cairo, 1326 - 29h), Vol. 3, 387ff. އިސްތިއުނާފުކުރެވުނު ތިންވަނަ ނުކުތާ:
40އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ތިނަވަނަ ނުކުތާގައި ބުނެފައިވަނީ ކުއްޖާއަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޒިންމާ އެ ކުއްޖާގެ ބައްޕަ އުފުލާފައިވާ ކަމަށް ހައިކޯޓުން ނިންމަވާފައިވަނީ ހަގީގަތާ އެއްގޮތަށް ކަމަށް ނުވާ ކަމަށެވެ.
41ފެމިލީ ކޯޓުގައާއި ހައިކޯޓުގައާއި ސުޕްރީމް ކޯޓުގައި އަހްމަދު ނާޒިމްގެ ފަރާތުން ބުނެފައިވަނީ މއ. ޑޭޒީވިލާ އެވެ ކިޔާ 389 އަކަފޫޓުގެ ގޯތިން ދަރިފުޅަށް އުޅެވޭނެ ތަނެއް ހަމަޖައްސަން ބޭނުން ކަމަށާއި ނަމަވެސް އެ ގެ ހުރީ މުހައްމަދު ރިޔާޒް އަށް ކުއްޔަށް ދޫކޮށްފައި ކަމަށާއި، މުއްދަތު ހަމަވުމުގެ ކުރިން މުހައްމަދު ރިޔާޒް އެތަން ދޫކޮށްލައިފިނަމަ، ނުވަތަ އެހެން ގޮތަކުން ވިޔަސް އެތަން ހުސްވެއްޖެ ނަމަ ނުވަތަ އެގްރީމަންޓު ބާތިލުވެއްޖެ ނަމަ ނުވަތަ އެގްރިމަންޓުގެ މުއްދަތު ހަމަވުމުން އެގެއިން ދަރިފުޅު އުޅުމަށް ތަނެއް ނުވަތަ ފްލޯއެއް ދެވިދާނެ ކަމަށާއި، އެގޮތުން ދަރިފުޅު އެގެއަށް ނުވައްދައި ކުލީގެ އައު އެގްރިމަންޓެއް ހަދަން ބޭނުން ނޫން ކަމަށާއި، މި ދަރިފުޅު ފިޔަވައި އެހެން ބަނޑަކަށް ލިބިފައިވާ 3 ކުދިން އޭނާ ގާތުގައި އުޅުމަށްފަހު މިހާރު އުޅެނީ އެކުދިންގެ މަންމަގެ ގާތުގައި ކަމަށާއި، އެކުދިންވެސް އުޅޭނެ ތަނެއް ދެއްކިފައިނުވާ ކަމަށާއި، އޭނާގެ ނަމުގައިވާ ޑޭޒީވިލާގެއަށް ދަރިފުޅަށް ވަދެވި އުޅެވެންދެން މަރްޔަމް ރަޝީދާ އެދޭނަމަ ތަނެއް ކުއްޔަށް ހިފުމަށްޓަކައި ފައިސާ ދޭނެ ކަމަށާއި އެގޮތުން އޭނާއަށް ދެވޭނީ މަހަކު -/5000 ރުފިޔާ ކަމަށެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ކުއްޖާގެ މަންމަގެ ފަރާތުން ފެމިލީ ކޯޓުގައާއި ހައިކޯޓުގައާއި ސުޕްރީމް ކޯޓުގައި ބުނަމުން އައިސްފައިވަނީ އަހްމަދު ނާޒިމް ހޯދައިދޭ ތަންތަނުގައި ދާއިމީ ގޮތެއްގައި ނޫޅެވޭތީ، މިކަމުގެ ދާއިމީ ހައްލެއްގެ ގޮތުން އަހްމަދު ނާޒިމް މިހާރު ކުއްޔަށް ދީފައިވާ އޭނާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މއ. ޑޭޒީވިލާގެއިން ދަރިފުޅަށް އުޅެވޭނެ ތަނެއް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.
42އިސްވެ ބަޔާންކުރި ފަދައިން މއ. ޑޭޒީވިލާގެ ހުރީ ވަކި މުއްދަތަކަށް އަހްމަދު ނާޒިމުގެ ފަރާތުން ކުއްޔަށް ދީފައިކަމަށް ވާތީވެ، އޭނާގެ ދަރިފުޅަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އަހްމަދު ނާޒިމް ހުށަހަޅާފައިވާކަން އެނގެއެވެ. އަދި އެގޮތުގެ މަތީން ގަވާއިދުން ދައްކަންޖެހޭ ފައިސާ ބައެއްފަހަރު ނުދެއްކުނު ނަމަވެސް، ފައިސާ ދީފައި ހުރިކަންވެސް ކޯޓުގައި ދެފަރާތުން ދެއްކި ވާހަކަތަކުން އެނގެއެވެ. ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ ހަގީގަތާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތެވެ. އަދި ދަރިފުޅަށް އަހްމަދު ނާޒިމްގެ ފަރާތުން ދޭންޖެހޭ ޚަރަދު ދެމުން ނުގެންދާނަމަ އެކަން ފެމިލީ ކޯޓަށް ހުށަހެޅުމުގެ ހައްގު ކުއްޖާގެ މަންމަ މަރްޔަމް ރަޝީދާއަށް ލިބިގެން ވެއެވެ.
43މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/170 ގަޒިއްޔާ މަރްޔަމް ރަޝީދާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި ތިން ނުކުތާ އަހުރެން ބަލައެއް ނުގަންނަމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/170 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކޮށް، ހުކުމް ކޮށްފީމެވެ. މި ޤަސިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު) Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives ވެބްސައިޓް: URL: www.supremecourt.gov.mv | ފެކްސް: Fax: + 960 3000990 | ފޯން: Tel: + 960 3009990
ފުޓްނޯޓު
- ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ގަޒިއްޔާ، 16 މާޗް 2011.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 34 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 10 ވަނަ މާއްދާއިން 13 ވަނަ މާއްދާއާ ހަމައަށް
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާ
- ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 233 ވަނަ އާޔަތް
- ކީރިތި ޤުރުއާނުގެ ސޫރަތުއް ޠަލާޤުގެ 7 ވަނަ އާޔަތް
- ކީރިތި ޤުރުއާނުގެ ސޫރަތުލް މާއިދާގެ 1 ވަނަ އާޔަތް
- ސުނަން އައްތިރްމިޛީ، ޙަދީޘް ނަންބަރު 1352
- ސުޕްރީމް ކޯޓުގެ 2009/SC-A/28 ޤަޟިއްޔާ (ގ. ޝޭޑީގްރައުންޑް)
- ސުޕްރީމް ކޯޓުގެ 2009/SC-A/30 ޤަޟިއްޔާ (ހަސަން ހަލީމް ވ. ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް)
- ހައިކޯޓުގެ 2003/HC-A/162 ޤަޟިއްޔާ (ގ. ރަވިއެވެ)
- ހައިކޯޓުގެ 2009/HC-A/303 ޤަޟިއްޔާ (ގ. ނައިފަރު)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.