ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި
މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2009/HC-A/95
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ނ. ހޮޅުދޫ ކޯޓުގެ 19/D13C/2007 ޤަޟިއްޔާގައި، ނިޔާވި މީހެއްގެ ތަރިކައިގެ ގޮތުގައި ހުރި ބަންޑާރަ ގޯއްޗެއްގައިވާ ތަންތަނާއި ތަކެތި އަގުކޮށް ވާރިސުންގެ މެދުގައި ބަހައި، ގޯތީގެ ބިންވެސް ވާރިސުންގެ މެދުގައި ބެހިއެވެ. ހައިކޯޓުގެ 2009/HC-A/95 ޤަޟިއްޔާގައި (8 އޮކްޓޯބަރ 2009)، ބަންޑާރަ ބިމަކީ ތަރިކައިގައި ހިމެނޭ މުދަލެއް ނޫންކަމަށާއި، ފިރިހެން ދަރިއަކަށް ދެބައި އަންހެން ދަރިއަކަށް އެއްބައި ލިބޭ އުޞޫލުން ބަންޑާރަ ބިން ބެހުމުގެ އަޞްލެއް ނެތްކަމަށް ބުނެ، ރަށު ކޯޓުގެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ރަށު ކޯޓަށް ތަޙުވީލުކުރިއެވެ.
- ވާޤިޢާ
- ނިޔާވި މީހާގެ ވާރިސުންނަކީ އޭނާގެ އަނބިމީހާއާއި، ފިރިހެން ދަރިއަކާއި، އަންހެން ދެ ދަރިންނެވެ. ތަރިކައިގެ ގޮތުގައި ހުރީ ބަންޑާރަ ގޯއްޗެއްގައިވާ ތަންތަނާއި ތަކެތިއެވެ. ރަށު ކޯޓުގެ ޙުކުމުގައި، ގޯތީގެ ބިމުގެ ދެބައި ފިރިހެން ދަރިއަށާއި، އެއްބައި ކޮންމެ އަންހެން ދަރިއަކަށް ލިބޭގޮތަށް ބިން ބެހިއެވެ. ހައިކޯޓަށް އިސްތިއުނާފުކުރީ ބިން ބެހި ގޮތާ ބެހޭ ނުކުތާ އެކަނިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބަންޑާރަ ގޯތީގެ ބިން، ތަރިކަ މުދާ ބަހާ އުޞޫލުން (ފިރިހެން ދަރިއަކަށް ދެބައި، އަންހެން ދަރިއަކަށް އެއްބައި) ވާރިސުންގެ މެދުގައި ބެހުމަކީ ޞައްޙަ ގޮތެއްތޯ؛ އަދި ޙުކުމުގެ ވަކި ބައެއް އެކަނި އިސްތިއުނާފުކުރުމުން، އިސްތިއުނާފު ނުކުރާ ބައިތަކަށް ފައިސަލާކުރަނިވި ޙުކުމުގެ ބާރު ލިބޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިލްތިމާސްކުރި ފަރާތުން ބުނީ، ހައިކޯޓުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ޙުކުމެއް ނޫން ކަމަށެވެ. ޚަޞްމުންގެ ހުށަހެޅުންތައް ސުޕްރީމް ކޯޓުގެ ޚުލާޞާގައި ތަފްޞީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ބަންޑާރަ ބިމަކީ ދައުލަތުގެ މިލްކު ކަމަށްވާތީ، އެ ބިން ތަރިކަ މުދަލެއްގެ ގޮތުގައި ބަލައި ތަރިކައިގެ އުޞޫލުން ބެހުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ކަމެއް ނޫން ކަމަށާއި، "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ ދަށުން ބިން ބަހަންވާނީ ބިން ލިބޭ ވާރިސުންގެ ތެރެއިން ބިމަށް އެދޭ މީހުންގެ މެދުގައި ހަމަހަމައަށް ކަމަށެވެ. އަދި ހައިކޯޓަށް އިސްތިއުނާފުކުރީ ބިން ބެހި ބައި އެކަނި ކަމަށްވާތީ، ތަރިކަ މުދާ އަގުކޮށް ބެހި ބަޔަށް ފައިސަލާކުރަނިވި ޙުކުމުގެ ބާރު ލިބިގެންވާ ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން، ހައިކޯޓުގެ ޙުކުމާއި ރަށު ކޯޓުގެ ޙުކުމުގެ ބިން ބެހުމުގެ ބައި ބާޠިލުކޮށް، އެ ބައި ޤަވާޢިދާ އެއްގޮތަށް އަލުން ބެލުމަށް ނ. ހޮޅުދޫ ކޯޓަށް އިއްތިފާޤުން ތަޙުވީލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު؛ ރަށު ކޯޓުގެ ޙުކުމުގެ ބަންޑާރަ ބިން ބެހުމުގެ ބައި ބާޠިލުކޮށް، އެ ބައި އަލުން ބެލުމަށް ނ. ހޮޅުދޫ ކޯޓަށް ތަޙުވީލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިރިއުޅުމަށްޓަކައި އެކިއެކި ފަރާތްތަކާ ޙަވާލުކުރެވޭ ބަންޑާރަ ގޯތީގެ ބިމަކީ އެ ބިން ޙަވާލުކުރެވޭ ފަރާތުގެ މިލްކަކަށް ނުވާއިރު، އަދި އެފަދަ ބިމަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ތަކެއްޗަށް ވާއިރު، ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ބަންޑާރަ ބިމެއް، މީހަކު ނިޔާވިއިރު ދޫކޮށްފައިވާ ތަރިކަ މުދަލެއްގެ ގޮތުގައި ބަލައި ތަރިކަ މުދާ ބަހާ އުޞޫލުން ބެހުމަކީ މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަމުން އަންނަ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ކަމެއް ނޫނެވެ.
HN2 ބަންޑާރަ ގޯތީގެ ބިމުގައި ހުންނަ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ބިން ލިބޭ ބެހެނިވެރިންގެ މެދުގައި ބިން ބަހަންވާނީ، "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގައިވާ ގޮތުގެ މަތިން، ބިން ލިބޭ ވާރިސުންގެ ތެރެއިން ބިން ލިބިގަތުމަށް އެދޭ މީހުންގެ މެދުގައި ހަމަހަމައަށެވެ. ފިރިހެން ދަރިއަކަށް ދެބައި އަންހެން ދަރިއަކަށް އެއްބައިގެ ނިސްބަތުން ބަންޑާރަ ބިން ބެހުމަކީ އެ ޤަވާޢިދާ އެއްގޮތް ކަމެއް ނޫނެވެ.
HN3 ދަށު ކޯޓެއްގެ ޙުކުމެއްގެ ވަކި ބައެއް އެކަނި އިސްތިއުނާފުކޮށް، ޙުކުމުގެ އެހެން ބައިތައް ޞައްޙަ ނޫންކަމަށް ބަލަންޖެހޭ ފަދަ ސަބަބެއް ފާހަގަކުރެވިފައި ނުވާނަމަ، އިސްތިއުނާފުކުރެވުނު ބައި ފިޔަވައި އެ ޙުކުމުގެ އެހެން ބައިތަކަށް ފައިސަލާކުރަނިވި ޙުކުމުގެ ބާރު ލިބިގެންވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 19 މޭ 2010 · ރަޖިސްޓްރީކުރީ 24 ޖޫން 2010 · ނިމުނީ 28 ނޮވެމްބަރު 2012 (29.2 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2010/SC-A/18
ދަޢުވާކުރާ ފަރާތް: ނަން ފޮރުވާފައި، އިރުމަތީގެ
ދަޢުވާ ލިބޭ ފަރާތް: ނަން ފޮރުވާފައި
މައްސަލައިގެ ބާވަތް: ތަރިކަ (ހައިކޯޓުގެ ނަންބަރ: 95/HC-A/2009 ޤަޟިއްޔާ)
މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 19 މެއި 2010
ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ޖޫން 2010
ނިމުނު ތާރީޚް: 28 ނޮވެމްބަރ 2012
މައްސަލަ ނިންމި ގަޑި: 15:25
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/95
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 19 އޭޕްރީލް 2009
ނިމުނު ތާރީޚް: 08 އޮކްޓޯބަރު 2009
މައްސަލައިގެ ޚުލާޞާ
[1]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2009/HC-A/95 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅު ނޫންކަމަށް ބުނެ އެކަންތައްތައް ފާހަގަކޮށް އެޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި ނަން ފޮރުވާފައިގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ނަން ފޮރުވާފައިއެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2009/HC-A/95 ޤަޟިއްޔާއަކީ ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ އެޤަޟިއްޔާގައި ދަޢުވާ ލިބުނު ނަން ފޮރުވާފައިގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ.
[2]ނ.ހޮޅުދޫކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ "ދެންފަހެ އިސްވެދިޔަ ބަޔާންތަކާއި ފާހަގަވި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޢަލީ އިބްރާހީމް (ދޮންޢަލީ) 28 ނޮވެމްބަރ 1986 ދުވަހު ނިޔާވެފައިވާކަމާއި އެމަރުޙޫމް ނިޔާވިއިރު ވާރިސުންގެ ގޮތުގައިތިބީ އެމަރުޙޫމުގެ އަނބި އާމިނަތު އާދަމާއި، އެމަރުޙޫމުގެ ފިރިހެންދަރި އަބޫބަކުރު ޢަލީއާއި އެމަރުޙޫމުގެ އަންހެންދަރިން ނަން ފޮރުވާފައިއާއި ފިނިވާގޭ ފާޠިމަތު ޢަލީކަމާއި އެމަރުޙޫމުގެ ތަރިކަ މުދަލެއްގެ ގޮތުގައިހުރީ ނ.ހޮޅުދޫ "އިރުމަތީގެ" ގޯތީގައިވާ ތަންތަނާއި ތަކެތިކަން ޝަރީޢަތަށް ސާބިތުވެފައިވާތީއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/207 ޤަޟިއްޔާއިން ނ.ހޮޅުދޫކޯޓުގެ ނަންބަރު 98/D13C/92 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރައްވައި އަލްމަރުޙޫމް ޢަލީ އިބްރާހީމްގެ ތަރިކައިގެ މައްސަލަ ކަމާބެހޭ ފަރާތަކުން ކަމާބެހޭ ކޯޓަށް ހުށަހަޅައިފިނަމަ އެމަރުޙޫމް ނިޔާވިއިރު ހުރިކަން ޝަރުޢީ ހަމަތަކުގެމަތިން ޘާބިތުވާ އެމަރުޙޫމްގެ ތަރިކަމުދާ އެމަރުޙޫމް ނިޔާވިއިރު ދުނިޔޭގައި ތިބިކަން ޘާބިތުވާ އެމަރުޙޫމްގެ ވާރިޘުންގެ މެދުގައި ޝަރުޢީ ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ބައްސަވައި ނިންމަވަން ޖެހޭނެކަމަށް ޙުކުމްކޮށް ނިންމާފައިވާތީ ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 98/D13C/92 ޤަޟިއްޔާގައި އަލްމަރުޙޫމް ޢަލީ އިބްރާހީމްގެ މުދާ އަގުކޮށް ކަނޑައަޅުއްވާފައިވާ އަގު 74/11502ރ (އެގާރަހާސް ފަސްސަތޭކަ ދެރުފިޔާ ހަތްދިހަ ހަތަރުލާރި) އަކީ އެމަރުޙޫމްގެ ތަރިކައިގެ ޖުމްލަ އަގުކަމަށާއި ތަރިކައިގެ އުޞޫލުން މިތަރިކަ ބެހެނީ 32 ބައިކުޅަބައިން ކަމަށާއި އަލްމަރުޙޫމް ޢަލީ އިބްރާހީމްގެ ފިރިހެންދަރި އަބޫބަކުރުޢަލީ އަށް މުޅި ތަރިކައިގެ 32/14 ބަޔަށްވާ 45/5032ރ (ފަސްހާސް ބައްތިރީސް ރުފިޔާ ފަންސަޔާޅީސް ލާރި) މިލްކުވެގެންވާ ކަމަށާއި، ދެއަންހެން ދަރިންނަށް ފާޠިމަތު ޢަލީއާއި ނަން ފޮރުވާފައިއަށް ކޮންމެ ދަރިއަށް މުޅި ތަރިކައިގެ 32/07 ބަޔަށްވާ 22/2516ރ (ދެހާސް ފަސްސަތޭކަ ސޯޅަ ރުފިޔާ ބާވީސްލާރި) މިލްކުވެގެންވާކަމާއި މަރުޙޫމް ޢަލީ އިބްރާހީމް ނިޔާވިއިރު އިން އަނބި އާމިނަތު އާދަމަށް މުޅި ތަރިކައިގެ 32/04 ބަޔަށްވާ 85/1437ރ (ސާދަސަތޭކަ ސަތުތިރީސް ރުފިޔާ ފަންސަޔާހި ލާރި) މިލްކުވެގެންވާކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" އަށް ނަޒަރުކޮށް އަބޫބަކުރު ޢަލީއާއި ފާޠިމަތު ޢަލީއާއި ނަން ފޮރުވާފައިގެ ނަމުގައި ގެއެއް ގޯއްޗެއް ނުވަތަ ގެއަކުން ނުވަތަ ގޯއްޗަކުން ބައެއްވިޔަސް ރަޖިސްޓްރީ ކުރެވިފައި ނުވާކަމަށް ބުނާތީއާއި އަލްމަރުޙޫމާ އާމިނަތު އާދަމަށް ބިމުން ބައި ކަނޑައަޅަން ބޭނުންނުވާކަމަށް ފާޠިމަތު ޢަލީއާއި ނަން ފޮރުވާފައިގެ ފަރާތުން ބުނެފައިވާތީ، އަދި ހޮޅުދޫ އޮފީހުން ބިން ބައިކޮށްދެއްވިގޮތް ޤަބޫލުކޮށް ނަން ފޮރުވާފައިއާއި ފާޠިމަތު ޢަލީ ބަޔާންދީފައިވާތީ ވާރިޘުންނަށް ބައިކޮށްދެއްވާ މިންތަކާއި އޭރިޔާ އެނގޭގޮތަށް ފޮނުވައި ދިނުމަށް އެދުމުން ހަތަރުބަޔަށް ބައިކޮށް ފޮނުވާފައިވާ ޗާޓުގައިވާ ގޮތުން ނ.ހޮޅުދޫ ކާމިނީމަގަށް ކުރިމަތިވާގޮތަށް އޮތް "އިރުމަތީގެ" ގޯތީގެ ބިމުން ދެބައިއެއްކޮށް ގޯތީގެ އުތުރުބައި (އިރުމަތީ ބިތުން 45:03 ފޫޓް، ހުޅަނގުބިތުން 43:03 ފޫޓް، އުތުރުކޮޅުން 28:04 ފޫޓް، ދެކުނުކޮޅުން 30:04 ފޫޓް) ގައި ހިމެނޭ އޭރިޔާ އަބޫބަކުރު ޢަލީއަށް "އިރުމަތީގެ" ގޯތީގެ ބިން ބައިކުރެވިފައިވާގޮތުން ގޯތީގެ ދެކުނަށް އޮތްބައި (އިރުމަތީ ބިތުން 21:00 ފޫޓް، ހުޅަނގުބިތުން 19:06 ފޫޓް، އުތުރުކޮޅުން 31:08 ފޫޓް، ދެކުނުކޮޅުން 32:06 ފޫޓް) ގައި ހިމެނޭ އޭރިޔާ ފާޠިމަތު ޢަލީއަށް، "އިރުމަތީގެ" ގޯތީގެ މެދަށްއޮތްބައި (އިރުމަތީބިމުން 21:03 ފޫޓް، ހުޅަނގުބިތުން 20:09 ފޫޓް، އުތުރުކޮޅުން 30:04 ފޫޓް، ދެކުނުކޮޅުން 31:08 ފޫޓް) ގައި ހިމެނޭ އޭރިޔާ ނަން ފޮރުވާފައިއަށް ލިބިދީ މިތަރިކައިން ވާރިޘުންނަށް ލިބުނު މިންވަރު އެވާރިޘަކަށް މިލްކުވެގެންވާ ކަމަށާއި ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 98/D13C/92 ޤަޟިއްޔާއާ ގުޅިގެން އަބޫބަކުރު ޢަލީގެ ފަރާތުން ވާރިޘުންނަށް ލިބިދިނުމަށްޓަކައި ދައްކާފައިވާ 42/5390ރ (ފަސްހާސް ތިންސަތޭކަ ނުވަދިހަ ރުފިޔާ ބަޔާޅީސްލާރި) ގެ ތެރެއިން ނަން ފޮރުވާފައިއާއި ފާޠިމަތު ޢަލީއަށް ކޮންމެ މީހަކަށް 22/2516ރ (ދެހާސް ފަސްސަތޭކަ ރުފިޔާ ބާވީސްލާރި) ގެ މަގުން 44/5032ރ (ފަސްހާސް ތިރީސް ދެރުފިޔާ ސާޅީސް ހަތަރުލާރި) މިކޯޓުން ދެމީހުންނަށް ޙަވާލުކުރެވޭނެ ކަމަށާއި މިފައިސާ ކެނޑުމުން ބާކީވާ 98/357ރ (ތިންސަތޭކަ ފަންސާސް ހަތްރުފިޔާ ނުވަދިހަ އަށްލާރި) ގެ ތެރެއަށް އަލްމަރުޙޫމާ އާމިނަތު އާދަމްގެބައި ހަމަކުރުމަށް ދައްކަންޖެހޭ 87/1079ރ (އެއްހާސް ހަތްދިހަ ނުވަރުފިޔާ އަށްޑިހަ ހަތްލާރި) އަލްމަރުޙޫމް އަބޫބަކުރު ޢަލީގެ ފަރާތުން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓަށް ދެއްކުމަށާއި، އަލްމަރުޙޫމާ އާމިނަތު އާދަމްގެ ތަރިކައާއި އަލްމަރުޙޫމް އަބޫބަކުރު ޢަލީގެ ތަރިކައަކީ ވަކި ދެޤަޟިއްޔާއަކުން ބަލަންޖެހޭ ދެޤަޟިއްޔާކަން ވާރިޘުންނަށް އަންގައި މިގޮތުގެމަތިން ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
[3]މިމައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުން ތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/95 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ އިތުރުން، ދަށުކޯޓުގެ ނިންމުމަށާއި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[4](ހ) ފުރަތަމަ ކަމަކީ، ނަން ފޮރުވާފައިގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ މިމައްސަލައަކީ ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާ އިސްތިއުނާފްކުރި ހައިކޯޓުގެ ނަންބަރު 2009/HC-A/95 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްކަމާއި، އެމައްސަލާގައި ހައިކޯޓުން ޙުކުމް ކުރައްވާފައިވަނީ "ދިރިއުޅުމަށްޓަކައި އެކިއެކި ފަރާތްތަކާ ދިވެހި ދައުލަތުގެ ފަރާތުން ޙަވާލުކުރާ ބަންޑާރަ ގޯތިގޯތީގެ ބިމަކީ އެގޯތި ޙަވާލުކުރެވޭ ފަރާތެއްގެ މިލްކަކަށް ނުވާތީއާއި، ތަރިކައިގެ ތެރޭގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ހިމެނޭނީ، ދުނިޔެ ދޫކޮށްފައިދާ މުވައްރިޘުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ މުދަލަށްވެފައި، ދިވެހި ދައުލަތުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ ބަންޑާރަބިން އެއްވެސް ފަރާތެއްގެ ތަރިކައިގެ ތެރޭގައި ހިމެނުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ކަމަކަށްނުވާތީއާއި، ކޮންމެ ގޯއްޗެއްގެވެސް ބެހެނިވެރިން ހަމަހަމަ ނިސްބަތުން ޙިއްޞާކުރަންޖެހޭ ބަންޑާރަބިމެއް ތަރިކަމުދާ ބެހުމަށްޓަކައި ޝަރުޢުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފިރިހެން ދަރިއަކަށް ދެބައި އަންހެން ދަރިއަކަށް އެއްބައި ލިބިދެވޭ އުޞޫލުގެމަތިން ބައިކުރެވެންޖެހޭ ޝަރުޢީ އަދި ޤާނޫނީ ވިޔަސް އަޞްލެއް ނެތަތީ، އަލްމަރުޙޫމް ޢަލީ އިބްރާހީމްގެ ތަރިކައާބެހޭ މައްސަލަ ބެއްލެވި ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލު ކުރުމާއެކު، އަލްމަރުޙޫމް ޢަލީ އިބްރާހީމްގެ ވާރިޘުންގެ ތެރެއިން އެއްވެސް ފަރާތަކަށް އެމަރުޙޫމްގެ ތަރިކައިން ލިބެންޖެހޭ ޙައްޤަކަށް ނުވަތަ ބަންޑާރަބިމުގައި ހުންނަ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަބިމުން ލިބެންޖެހޭ ޙައްޤަކަށް ވިޔަސް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން އެޤަޟިއްޔާއަކީ ނ.ހޮޅުދޫ ކޯޓުން އަލުން ބައްލަވައި ފައިޞަލާ ކުރަނިވި ނިޔާއެއް ކަނޑައަޅަންޖެހޭ ޤަޟިއްޔާއެއްކަމަށް ޙުކުމް ކޮށްފީމެވެ." މިފަދައިންކަން އެނގެން އޮތުމެވެ.
[5](ށ) ދެވަނަ ކަމަކީ، ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާއަކީ އަލްމަރުޙޫމް ޢަލީ އިބްރާހީމްގެ ތަރިކަ، ވާރިޘުންގެ މެދުގައި ބަހައިދިނުމަށް އެދި ނަން ފޮރުވާފައި ހުށަހަޅާފައިވާ ޤަޟިއްޔާއެއްކަމާއި، އަލްމަރުޙޫމް ޢަލީ އިބްރާހީމް ނިޔާވިއިރު އޭނާގެ ތަރިކައިގެ ގޮތުގައިހުރީ އިރުމަތީގޭ ގޯތީގައި ހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާ ތަކެތިކަމާއި، ޢަލީ އިބްރާހީމް ނިޔާވިއިރު އޭނާގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ އަނބި އާމިނަތު އާދަމާއި، ފިރިހެން ދަރި އަބޫބަކުރު ޢަލީއާއި، އަންހެން ދެދަރިންކަމަށްވާ ނަން ފޮރުވާފައިއާއި، ފާޠިމަތު ޢަލީއާ މިހަތަރުމީހުންކަން މިމައްސަލައާ ގުޅިގެން ހުށަހެޅިފައިހުރި ލިޔުންތަކުން އެނގެން އޮންނަ އޮތުމެވެ.
[6](ނ) ތިންވަނަ ކަމަކީ، އަލްމަރުޙޫމް ޢަލީ އިބްރާހީމްގެ ތަރިކައިން ނަން ފޮރުވާފައި އާއި އާމިނަތު ޢަލީ އަށް ލިބޭއެއްޗެއް ދޫކޮށްލާފައިވާކަމަށް ކުރިން ބުނިނަމަވެސް ތަރިކައިން އެމީހުންނަށް ވާއެއްޗެއް ހޯދަން އެމީހުން ބޭނުންވާތީ އެމީހުން ނުރުހި ތިއްބާ އެބައި ހޯދަން ބޭނުންނުވާ ކަމަށާއި ޝަރީޢަތުން އެމީހުންނަށް ވާއެއްޗެއް އެމީހުންނަށްދީ ނިންމައިދިނުމަށް އެދޭކަމަށްބުނެ އަބޫބަކުރު ޢަލީ ނ.ހޮޅުދޫ ކޯޓުގައި ބަޔާންދީފައިވާކަން އެނގެން އޮންނަ އޮތުމެވެ.
[7](ރ) ހަތަރުވަނަ ކަމަކީ، ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާގައި ޙުކުމް ކުރެއްވިއިރު، ގޯތީގެ ބަންޑާރަބިން ތަރިކައިގެ އުޞޫލުން ފިރިހެން ދަރިއަކަށް ދެބައި އަންހެން ދަރިއަކަށް އެއްބައިގެ ނިޞްބަތުން ބައްސަވާފައިވާކަމާއި، ދިރިއުޅުމަށްޓަކައި އެކިއެކި ފަރާތްތަކާ ޙަވާލުކުރެވޭ ބަންޑާރަގޯތީގެ ބިމަކީ އެބިން ޙަވާލުކުރެވޭ ފަރާތުގެ މިލްކަކަށް ނުވާއިރު، އަދި އެފަދަ ބިންބިމަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ތަކެއްޗަށްވާއިރު، ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ބަންޑާރަ ބިމެއް، ޢަލީ އިބްރާހީމް ނިޔާވިއިރު އޭނާ ދޫކޮށްފައިވާ ތަރިކަ މުދަލެއްގެ ގޮތުގައިބަލައި ތަރިކަ މުދާ ބަހާ އުޞޫލުން ބަންޑާރަބިން ބެހުމަކީ މިބާވަތުގެ މައްސަލަ ތަކުގައި ޢަމަލުކުރަމުން އަންނަ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ކަމެއްނޫންކަމާއި، ބަންޑާރަ ގޯތީގެ ބިމުގައި ހުންނަ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބޭ ބެހެނިވެރިންގެ މެދުގައި ހަމަހަމަވާ އުޞޫލުން ބިން ބެހުމަކީ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުންލިބުމުގައި ޢަމަލުކުރަމުން އަންނަ އުޞޫލުކަން އެނގެން އޮތުމެވެ.
[8](ބ) ފަސްވަނަ ކަމަކީ، ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާ އެކޯޓުން ނިންމެވިގޮތް ރަނގަޅު ނޫންކަމަށް ބުނެ ނަން ފޮރުވާފައިގެ ފަރާތުން ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ ޤަޟިއްޔާގައި ހިމެނޭ ނ. ހޮޅުދޫ "އިރުމަތީގެ" ގޯތީގެ ބަންޑާރަބިން ވާރިޘުންގެ މެދުގައި ބެހިގޮތް ރަނގަޅު ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ އެކަނި ކަމަށްވެފައި އަލްމަރުޙޫމް ޢަލީ އިބްރާހީމްގެ ތަރިކައިގައި ހިމެނޭ މުދާ އަގުކޮށް ވާރިޘުންގެ މެދުގައި ބަހައިދިން ގޮތް ސައްޙަ ނޫންކަމަށް ބަލަންޖެހޭ ފަދަ ސަބަބެއް ފާހަގަކުރެވިފައިނުވާތީ، ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ މި އިސްތިއުނާފު ކުރެވުނު ބައި ފިޔަވައި އެހެން ބައިތަކަށް ފައިޞަލާ ކުރަނިވި ޙުކުމުގެ ބާރު ލިބިގެންވާކަން އެނގެން އޮތުމެވެ.
ޙުކުމް:
[9]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަގައި ހިމެނޭ ނ.ހޮޅުދޫ "އިރުމަތީގެ" ގޯތީގެ ބަންޑާރަބިން ވާރިޘުންގެ މެދުގައި ބަހާފައިވަނީ ބަންޑާރަ ބިމުގައި ހުންނަ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގައި ބަޔާންވެފައިވާ ގޮތާ އެއްގޮތަށް ބެހެނިވެރިން މެދުގައި ހަމަހަމައަށް ކަމަށް ނުވާތީ އިސްވެ ބުނެވުނު ޤަޟިއްޔާގެ ޙުކުމުގެ މިބައި ބާޠިލް ކަމަށް ކަނޑައަޅައި، ވާރިޘުންގެ މެދުގައި ބަންޑާރަބިން ބަހަންވާނީ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގައި ވާގޮތުގެމަތިން ބިންލިބޭ ވާރިޘުންގެ ތެރެއިން ބިން ލިބިގަތުމަށް އެދޭ މީހުންގެމެދުގައި ހަމަހަމައަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާގައި ހިމެނޭ ނ.ހޮޅުދޫ "އިރުމަތީގެ" ގޯތީގެ ބަންޑާރަބިން ބެހުމުގެ ބައި "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގައި ވާގޮތުގެ މަތީން، އަލުން ބަލައި ނިންމުމަށް ނ. ހޮޅުދޫ ކޯޓަށް އަންގައި މިމައްސަލަ ނިންމީއެވެ. މިގޮތުގެ މަތިން މިމައްސަލަ ނިމުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/95 ޤަޟިއްޔާގެ ޙުކުމާއި ނ.ހޮޅުދޫ ކޯޓުގެ ނަންބަރު 19/D13C/2007 ޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ ނ.ހޮޅުދޫ "އިރުމަތީގެ" ގޯތީގެ ބަންޑާރަބިން ބެހުމާ ބެހޭބައިގެ ޙުކުމް ބާޠިލްވީއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.