—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-E/16
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާ ލިބޭ ފަރާތް: ޙަސަން މޫސާ
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 25 ޖެނުއަރީ 2011
ނިމުނު ތާރީޚް: 03 ފެބްރުއަރީ 2011
މައްސަލަ ނިންމި ގަޑި: 00:10
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ނ. މިލަދޫ ރަށު ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ޙަސަން މޫސާ ގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 848/JC/2006 ގެ ޤަޟިއްޔާއިން ބަލައިފައިވާ އެކްސިޑެންޓެއްގެ މައްސަލައަކާ ގުޅިގެން މީނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުދިއުމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ގައި ކަނޑައެޅިފައިވާކަމަށް ބުނެ، ޙަސަން މޫސާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުން އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން 05 ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ގައި "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" މިފަދައިން ކަނޑައަޅައި، ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.
(ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ޙަސަން މޫސާއަކީ ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 848/JC/2006 ގެ ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހެއްކަން ސިވިލް ކޯޓުގެ ނަންބަރު 144-C/2011/321 (18 ޖަނަވަރީ 2011) ގެ ލިޔުމުން އެނގެން އޮތުމެވެ.
(ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހެއްކަމުގައިވުމުގެ ޝަރުޠު، ނ. މިލަދޫ ނޫރަންގެ ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން ސިވިލް ކޯޓުގެ ނަންބަރު 144-C/2011/321 (18 ޖަނަވަރީ 2011) ގެ ލިޔުމުން އެނގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ވާދަކުރަން ޙަސަން މޫސާއަށް އޮތް ޙައްޤަށް ޤާނޫނީގޮތުން ހުރަސްއެޅިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާނެކަން އެނގެން އޮތުމާއެކު އެއުޞޫލުގެ މައްޗަށް ރިޢާޔަތްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން ބައިވެރިވުމުގެ ޙައްޤު ޙަސަން މޫސާއަށް ލިބިގެންނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން 05 ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެގޮތުގެ މަތިން ކަނޑައަޅައިފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝަ
މިމައްސަލައިގައި ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ތަފާތުވި ރަޢްޔު:
(ހ) ފުރަތަމަކަމަކީ، މިމައްސަލައަކީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް މީހަކުނަމަ އެޙުކުމާއި އެއްގޮތަށް އެދަރަނި އަދާކުރަމުން ނުދާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް ބަޔާންކޮށްފައިވާ އިރު، ނ. މިލަދޫ ރަށު ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާފައިވާ ނ. މިލަދޫ ނޫރަންގޭ ޙަސަން މޫސާ އަކީ، 7 ސެޕްޓެމްބަރު 1999 ގައި ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 848/JC/99 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާއި އެއްގޮތަށް ދައްކަމުން ނުދާމީހަކަށްވާތީ ކަމަށްބުނެ، އޭނާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠު ފުރިހަމަނުވާ މީހެއްކަމުގައި ކަނޑައަޅައިދިނުން އެދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެން އޮތުމެވެ.
(ށ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) އިން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއި އެއްގޮތަށް އެދަރަނި އަދާކުރަމުން ނުދާމީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަކަމަކީ، ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 848/JC/99 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށްބަލާއިރު ނ. މިލަދޫ ނޫރަންގެ ޙަސަން މޫސާއަކީ ވ. ފެލިދޫ އީޓްޖެހިގެ އިބްރާހީމް ފާއިޒް އަށް ލިބިދިނުމަށްޓަކައި 7 ސެޕްޓެމްބަރު 1999 ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތުގެ ތެރޭގައި މަދަނީ ކޯޓަށް ދައްކަންޖެހޭ -/450ރ (ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) ގެ ސާބިތު ދަރަންޏެއް އޮތް މީހެއްކަން ބުނެވުނު ކުރީގެ ޖިނާއީ ކޯޓުގެ ޤަޟިއްޔާއިން އެނގެން އޮންނަ އިރު، މިމައްސަލައިގެ ޝަރީޢަތަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު 144-C/2011/321 (18 ޖެނުއަރީ 2011) ގެ ލިޔުމަށް ބަލާއިރު ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 848/JC/99 ޤަޟިއްޔާއާ ގުޅިގެން ނ. މިލަދޫ ނޫރަންގެ ޙަސަން މޫސާ، ވ. ފެލިދޫ އިބްރާހީމް ފާއިޒް އަށް ދައްކަންޖެހޭ -/450ރ (ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) ގެ ދަރަންޏަށް އެފަރާތުން އެއްވެސް ޢަދަދަކަށް ފައިސާއެއް ދައްކާފައިނުވާކަމަށް އެލިޔުމުގައި ބަޔާންކޮށްފައިވީނަމަވެސް، ޙަސަން މޫސާގެ ފަރާތުން މިމައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ، ވ. ފެލިދޫ އީޓްޖެހިގޭ އިބްރާހީމް ފާއިޒްގެ ނަމުގައި 2 ފެބްރުއަރީ 2011 ގެ ތާރީޚުގައި ލިޔެ، ސުޕްރީމް ކޯޓަށް އެޑްރެސްކޮށް ލިޔެފައިވާކަން އެނގެން އޮންނަ ސިޓީއަށް ބަލާއިރު، ޙަސަން މޫސާ، ނޫރަންގެ އިބްރާހީމް ފާއިޒަށް ދިނުމަށް 1999 ވަނަ އަހަރު ކޮށްފައިވާ ޙުކުމުގައިވާ އެންމެހައި ފައިސާ އިބްރާހީމް ފާއިޒަށްވަނީ ލިބިފައިކަމަށާއި މިފައިސާ އިބްރާހީމް ފާއިޒަށް ލިބިފައިވަނީ ކޯޓުން ބޭރުގައިކަމަށާއި މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބޭނުންވެއްޖެނަމަ، ތިޔަ ކޯޓަށް ހާޟިރުވެ ފައިސާ ލިބިފައިވާކަމަށް ބަޔާންކޮށް ހެކިބަސް ދިނުމަށް އިބްރާހީމް ފާއިޒު ތައްޔާރަށް ހުރިކަމުގައި އެސިޓީގައި ލިޔެފައި ވާކަން އެނގެން އޮންނަ އިރު، ޙަސަން މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް މިމައްސަލައާއި ގުޅިގެން ދީފައިވާ ބަޔާނުގައި، ޙަސަން މޫސާގެ ފަރާތުން އިބްރާހީމް ފާއިޒަށް މިފައިސާ ދީފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ޙަސަން މޫސާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމް އެކޮމިޝަނަށް ހުށަހެޅުމުގެ ކުރިންކަމަށް ބުނެފައިވާކަން ފާހަގަކުރެވޭ އިރު، ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގައި ބުނާފަދަ ސާބިތު ދަރަންޏެއް އެމީހެއްގެ މައްޗަށް ޙުކުމެއްގެ ދަށުން އޮތް މީހަކު، އެފަދަ ދަރަންޏެއް އެމީހެއްގެ މައްޗަށް ސާބިތުވެފައިވާ ޙުކުމާއެއްގޮތަށް އެދަރަނި އަދާކުރިކަން ނުވަތަ އަދާކުރަމުންދާކަން ސާބިތުކުރެވޭނީ ރަސްމީ ލިޔުމުންކަމަށް ބުނެވުނު ޤާނޫނުގައި ބަޔާންކޮށްފައިނުވާކަން އެނގެން އޮންނަ އޮތުމެވެ.
ވީމާ، އިސްވެ ބަޔާންކުރެވި ދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ސުޕްރީމް ކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ދެކެނީ، ޙަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގެ ކެންޑިޑޭޓްއެއްގެ ގޮތުގައި ބައިވެރި ވުމުގެ ޙައްޤު ލިބިފައިވާ މީހެއް ކަން ނުވަތަ ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުމުގައި ޙަސަން މޫސާގެ މައްޗަށް އިސްވެ އިޝާރާތް ކުރެވުނު ކުރީގެ ޖިނާއީ ކޯޓުގެ ޤަޟިއްޔާގައި ސާބިތުވެފައިވާ ދަރަނި ލިބެންޖެހޭ ފަރާތް ކަމުގައިވާ، ވ.ފެލިދޫ އީޓްޖެހިގެ އިބްރާހިމް ފާއިޒްއަށް އެ ފައިސާ ލިބިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ޙަސަން މޫސާ ފޯމް ހުށަހެޅި ފަހުންކަން ނުވަތަ ނޫންކަން ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.