—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-E/27
ދަޢުވާކުރާ ފަރާތް: ޢުޘްމާން ޢަބްދުލްޤާދިރު، ހަވާނާ
ދަޢުވާލިބޭ ފަރާތް: އިބްރާހީމް މަނިކު
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 08 ޖޫން 2011
ނިމުނު ތާރީޚް: 30 ޖެނުއަރީ 2012
މައްސަލަ ނިންމި ގަޑި: 11:03
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ނ. މާފަރު ރަށު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވާ މއ. އަބާ އިބްރާހީމް މަނިކު ގެ މައްޗަށް ކުރީގެ ކޯޓު ނަންބަރު 7 ގެ ނަންބަރު 149/TH.T.D/1977ގެ ޤަޟިއްޔާއިން ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވުމަކީ، އިބްރާހީމް މަނިކުގެ ލޯކަލް ކައުންސިލް މެންބަރުކަން ބާޠިލުވާނެކަމެއް ކަމަށް ބުނެ، ނ. މާފަރު، ހަވާނާ ޢުޘްމާން ޢަބްދުލްޤާދިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެމައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރި ނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާއިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން" މިފަދައިން ކަނޑައަޅާ ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
(ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވެ ނ، މާފަރު ރަށު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވާ މއ. އަބާ އިބްރާހިމް މަނިކު ގެ ދާއިމީ އެޑްރެހެއްގެ ގޮތުގައި އެއްވެސް އިރެއްގައި މއ. ކިސްމިރީގެ، މާލެ ހަމަޖެހިފައިވޭތޯ ބެލިއިރު، މއ. އަބާ އިބްރާހިމް މަނިކު ފުރަތަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާފައިވަނީ 14 އޯގަސްޓް 1984 ގައި މއ. ކިސްމިރީގެ ނަމުގައިކަމާއި، 27 މެއި 2003 ން ފެށިގެން މާލޭ މުނިސިޕަލްޓީން އިބްރާހިމް މަނިކުގެ އެޑްރެހަކީ މއ. އަބާ ކަމަށް ރަޖިސްޓްރީން ބަދަލުކުރުމަށްފަހު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދަން ހުށަހަޅާފައިވާކަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު 133-BS/197/2011/1 ސިޓީން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި މއ. އަބާ އިބްރާހިމް މަނިކު ބައިވެރިވެ ނ. މާފަރު ރަށު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވީނަމަވެސް، އިބްރާހީމް މަނިކަކީ ވައްކަންކުރުމުގެ ކުށް ސާބިތުވުމާގުޅިގެން ކުރީގެ ކޯޓުގެ ނަންބަރު 7 ގެ ނަންބަރު 149/TH.T.D/1977ގެ ޤަޟިއްޔާއިން 28 (އަށާވީސް) އަހަރާއި 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން، ކުރީގެ ކޯޓުގެ ނަންބަރު 7 ގެ ނަންބަރު 149/TH.T.D/1977ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު އެޤަޟިއްޔާގެ ޙުކުމަށް ބަދަލު އައިސްފައިނުވާކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ނ. މާފަރު ރަށު ކައުންސިލްގެ މެންބަރުކަމަށް އިބްރާހިމް މަނިކު ހޮވިފައިވީނަމަވެސް، އިބްރާހީމް މަނިކުގެ މައްޗަށް ވައްކަމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވީހިނދު، މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމުގެ ޝަރުޠު، މއ. އަބާ އިބްރާހީމް މަނިކުގެ ކިބައިގައި ފުރިހަމަނުވާކަން ކުރީގެ ކޯޓުގެ ނަންބަރު 7 ގެ ނަންބަރު 149/TH.T.D/1977ގެ ޤަޟިއްޔާއިން ސާބިތުވެ އެނގެން އޮންނާތީ، އިބްރާހީމް މަނިކަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މެންބަރުކަމަށް ކުރިމަތިލީއިރުވެސް ޤާނޫނު ނަންބަރު 10/2010 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވާ މީހެއްކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތެއް އެ އިންތިޚާބުގައި ވާދަކޮށް މެންބަރުކަމަށް ހޮވިފައިވީ ކަމުގައިވިއަސް، އެފަރާތަކީ ލޯކަލް ކައުންސިލްގެ މެންބަރުކަމަށް ޝަރުތު ހަމަނުވާ ފަރާތެއްކަމަށް ބަލާ، އެ ދާއިރާއަކުން އެ ފަރާތެއް އިންތިޚާބުވި އިންތިޚާބުވުން ޤާނޫނީގޮތުން ބާޠިލުވާނެކަމަށް ކަނޑައަޅާފައިވާތީ، މއ. އަބާ އިބްރާހީމް މަނިކު ޤާނޫނު ނަންބަރު 2010/10 ގެ ދަށުން އިންތިޚާބުވެފައިވާ ނ. މާފަރު ރަށު ކައުންސިލްގެ މެންބަރެއްކަމަށް ޤާނޫނީގޮތުން ބެލެވޭނެ ތަނެއް ނެތްކަމަށް ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.