ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2012/SC-C/13

އިބްރާހީމް ރިޝާ އަދި ޢަލީ ޢަބްދުﷲ އަދި ޝަހީމް އަޙްމަދު ވ. ދައުލަތް (އެޓާރނީ ޖެނެރަލް)

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލުޚިލާފު ރައުޔެއް
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 ޑިސެމްބަރު 2012ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މި މައްސަލައަކީ ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން 17 ޖޫން 2012 ގައި ސުޕްރީމް ކޯޓަށް ސީދާ ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. މައްސަލަ ރަޖިސްޓްރީކުރެވުނީ 29 އޮގަސްޓް 2012 ގައެވެ. ސ. ހިތަދޫ، ލާމިގެ މޫސާ އަންވަރު މި މައްސަލައިގައި ތަދައްޚުލުވިއެވެ.
ވާޤިޢާ
ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާއަށް (ބ) ގެ ނަމުގައި އަކުރެއް އިތުރުކުރިއެވެ. އެ އަކުރުގައި ބުނަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން އިންތިޚާބުވާ ކައުންސިލް މެންބަރަކު ނިސްބަތްވާ ޕާޓީއިން ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން، ކައުންސިލްގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލް މެންބަރަކު ޕާޓީއިން ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ބ) ގައި ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާ ތަޢާރުޟުވާ ކަމެއްތޯ؟
ޚަޞްމުންގެ ހުށަހެޅުންތައް
ދަޢުވާކުރި ފަރާތްތަކާއި ތަދައްޚުލުވި ފަރާތް ބުނީ، މި އިޞްލާޙަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 26 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ޚިލާފު އިޞްލާޙެއް ކަމަށެވެ. ދައުލަތުގެ ފަރާތުން އެޓާރނީ ޖެނެރަލް ބުނީ، މި އިޞްލާޙަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ މިންގަނޑުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިޞްލާޙެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އަޣުލަބިއްޔަތުން ކަނޑައެޅީ، ރައްޔިތުން އިންތިޚާބުކުރާ މެންބަރަކު ތަމްޘީލުކުރަނީ އޭނާ އިންތިޚާބުކުރި ރައްޔިތުން ކަމަށާއި، ފަރުދީ ކެންޑިޑޭޓުންނަށް ވޯޓުދޭ އަޣުލަބިއްޔަތުގެ އިންތިޚާބީ ނިޒާމެއްގައި ޕާޓީ ދޫކޮށްލުމަކީ މެންބަރުކަން ގެއްލޭނެ ޤާނޫނީ ސަބަބެއް ނޫން ކަމަށެވެ. މި އިޞްލާޙުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) ގެ ޙައްޤުތައް ހިފެހެއްޓިފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ބ) ބާޠިލުކުރިއެވެ. ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ތަފާތުވި ރައުޔުގައި ވިދާޅުވީ، މި ޤާނޫނަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ހަމަތަކާ އެއްގޮތަށް ހަދާފައިވާ ޤާނޫނެއް ކަމަށެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ޤާނޫނު ނަންބަރު 7/2010 ގެ 119 ވަނަ މާއްދާގެ (ބ) ބާޠިލު (އަޣުލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 "މަބްދައުއް ދުސްތޫރިއްޔާ" (Principle of Constitutionality) ގެ މަފްހޫމަކީ ދައުލަތުގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ޤާނޫނީ ޤާޢިދާ (Legal Rule) ތަކަކީ - އެއީ ޕާލަމެންޓުން ފާސްކުރާ ޤާނޫނަކަށްވިއަސް، ދައުލަތުގެ އިދާރާއަކުން ނެރޭ ޤަވާޢިދަކަށް ވިއަސް ނުވަތަ އިދާރީ ޤަރާރަކަށް ވިއަސް - ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ ޤާނޫނުއަސާސީގެ ނައްޞަކާ ނުވަތަ ޤާނޫނުއަސާސީން ޤާއިމުކޮށްފައިވާ އެއްވެސް ދުސްތޫރީ މަބްދައަކާ ތަޢާރުޟުނުވާ ޤާޢިދާތަކަކަށް ވުމެވެ. މި މަފްހޫމު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި އެއްވެސް އޮޅުމެއް ނާރާގޮތަށް ކަށަވަރުކޮށްދީފައިވެއެވެ.

HN2 ރައްޔިތުން މިނިވަންކަމާ ފުރިހަމަ އިޚްތިޔާރާއެކު އިންތިޚާބުކުރާ މީހަކީ ސިޔާސީ ޕާޓީއެއްގެ ރުހުމުގައި މެނުވީ އެ މީހަކު އިންތިޚާބުކުރި ރައްޔިތުން ތަމްޘީލުކުރުންމަތީގައި ދެމިނުހުރެވޭ މީހަކަށްވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަފްހޫމާއި ތަޢާރުޟުވާ، އަދި އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށް ހުރަސްއެޅޭ ކަމެކެވެ.

HN3 ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަކީ މަލްޓި ޕާޓީ ސިސްޓަމަށް ޖާގަދޭ ސިޔާސީ ނިޒާމެކެވެ. އެ ފަދަ ނިޒާމެއްގައި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ޕާޓީއެއްގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވެއެވެ. ވަކި ޕާޓީއެއްގައި ހުރުން އެއްވެސް މީހެއްގެ މައްޗަށް ސީދާކޮށްވެސް ނުވަތަ ނުސީދާކޮށްވެސް ލާޒިމް ކުރެވޭނެ ޤާނޫނީ ހަމައެއް ނެތެވެ. އެހެންކަމުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ، ރައްޔިތުން ތަމްޘީލުކުރުމަށްޓަކައި، ރައްޔިތުން އިންތިޚާބުކުރާ މީހަކު އެމީހަކު އިންތިޚާބުވެފައިވާ މަޖިލީހަކުން ނުވަތަ ކައުންސިލަކުން ވަކިވާންޖެހޭ ސަބަބެއް ނޫނެވެ. އަދި އެއީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޙައްޤަށް ހުރަސްއެޅޭ ކަމެކެވެ.

HN4 ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް މިންވަރަކަށް ޤައިދުކުރެވޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މަތިންނެވެ. ބުނެވިދިޔަ ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެފަދަ ޤާނޫނަކީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތީން ފާސްވާ ޤާނޫނަކަށް ވާންޖެހެއެވެ. ޤާނޫނުއަސާސީއާއި ތަޢާރުޟު ނުވުމަކީ ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞަކާ ނުވަތަ ޤާނޫނުއަސާސީއިން ޤާއިމުކޮށްފައިވާ ދުސްތޫރީ މަބްދައަކާއިވެސް ތަޢާރުޟު ނުވުމެވެ.

HN5 ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރެޕްރެޒެންޓެޓިވް މަޖިލިސްތަކަށާއި، ކައުންސިލްތަކަށް އިންތިޚާބުވާ މީހުން އެމީހުން ނިސްބަތްވާ ޕާޓީ ދޫކޮށްލަންޖެހޭ ޙާލަތުގައި އެމީހުންގެ މެންބަރުކަން ގެއްލޭގޮތަށް އޮތް އޮތުން "ނިސްބަތުން ތަމްޘީލުކުރުމުގެ ނިޒާމް" (Proportional Representation System) ތަޠްބީޤުކުރާ ދައުލަތްތަކުގައި ޤާނޫނީގޮތުން ހުއްދަ ކުރެވުނުކަމުގައި ވިއަސް، ދިވެހިރާއްޖެ ފަދަ "އަޣުލަބިއްޔަތުގެ އިންތިޚާބު" ގެ ނިޒާމް ނުވަތަ "މެޖޯރިޓީ އިލެކްޝަން ސިސްޓަމް" (Majority Election System) ގެ ދަށުން، ފަރްދީ ކެންޑިޑޭޓަކަށް ނުވަތަ ކެންޑިޑޭޓުންތަކަކަށް ވޯޓުދޭ ސިސްޓަމްތަކުގައި، ޕާޓީ ދޫކޮށްލުމަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މީހަކު، އެމީހަކު އިންތިޚާބުވެފައިވާ މަޖިލީހަކުން ނުވަތަ ކައުންސިލަކުން ވަކިވާންޖެހޭފަދަ ޤާނޫނީ ސަބަބެއް ނޫނެވެ.

HN6 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤުފަދަ ފަރުދީ އަދި ސިޔާސީ ޙައްޤުތައް ދުސްތޫރީ ގޮތުން ސިފަކުރެވެނީ "ސަލްބީ ޙައްޤު" (Negative Rights) ތަކުގެ ގޮތުގައެވެ. އަދި އެ ފަދަ ޙައްޤުތަކަކީ ދައުލަތުން އެ ޙައްޤުތަކަށް ފުރިހަމަޔަށް އިޙްތިރާމްކުރުން ލާޒިމްވެގެންވާ، އެ ޙައްޤުތަކާމެދު ތަންޒީމީގޮތުން ކުރެވޭ ޤައިދެއްފިޔަވައި، އެހެން އެއްވެސް ޤައިދެއް ނުކުރެވޭނެ ޙައްޤުތަކެކެވެ.

HN7 ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާއަށް އިތުރުކުރެވުނު އެ މާއްދާގެ (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ، ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ސަބަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، 30 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟުވާ ކަމެކެވެ. އެ އިޞްލާޙުގެ ދަށުން ހިފެހެއްޓިފައިވާ ޙައްޤުތައް ހިފެހެއްޓިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
ރިޔާސަތު
އަޙްމަދު ފާއިޒު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ

ދިވެހިރާއްޖެ

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޝިއްޔާ ނަންބަރު: 2012/SC-C/13

ދަޢުވާކުރާ ފަރާތް: އިބްރާހީމް ރިޝާ، ޖަންބުމާގެ / ކ. ގުރައިދޫ

ޢަލީ އަބްދުﷲ، ގ. ފަރިދޫ / މާލެ

ޝަހީމް އަޙްމަދު، އޮނުފީނިގެ / ކ. ދިއްފުށި

ދަޢުވާލިބޭ ފަރާތް: ދައުލަތް (އެޓާރނީ ޖެނެރަލް)

ތަދައްޚުލުވި ފަރާތް: މޫސާ އަންވަރު، ލާމިގެ/ ސ.ހިތަދޫ

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭފޯމުން

ހުށަހެޅުނު ތާރީޚް: 17 ޓޫން 2012

ރަޖިސްޓްރީކުރެވުނު ތާރީޚް: 29 އޮގަސްޓް 2012

ނިމުނު ތާރީޚް: 04 ޑިސެމްބަރ 2012

މައްސަލަ ނިންމި ގަޑީ: 12:55

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން.

މައްސަލައިގެ ޚުލާޞާ

[1]މިއީ، ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 26 ވަނަ މާއްދާގެ (ނ) އާއި، 30 ވަނަ މާއްދާގެ (ހ) އާއި ކަނޑައެޅިގެން ޚިލާފު އިޞްލާޙެއް ކަމަށް ބުނެ، އެ އިޞްލާޙު ބާޠިލުކޮށްދިނުމަށް އެދި އިބްރާހީމް ރިޝާ (ޖަންބުމާގެ/ ކ.ގުރައިދޫ) އާއި، ޢަލީ ޢަބްދު ﷲ (ގ.ފަރިދޫ/ މާލެ) އާއި، ޝަހީމް އަޙްމަދު (އޮނުފީނިގެ/ ކ.ދިއްފުށި) ގެ ފަރާތުން ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާލިބޭގޮތަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.

[2]އަދި ބުނެވިދިޔަ ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 26 ވަނަ މާއްދާގެ (ނ) އާއި، 30 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ބާޠިލު އެއްޗެއްކަމަށް ކަނޑައަޅައިދިނުމަށް އެދި މޫސާ އަންވަރު ( ލާމިގެ/ ސ. ހިތަދޫ) ގެ ފަރާތުން މި މައްސަލާގައި ތަދައްޚުލުވެފައިވެއެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

[3]މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ޤާނޫނު ނަންބަރު 2/2011 އިން ގެނެވުނު އިޞްލާޙަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލާގައި ތަދައްޚުލުވި ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކާއި ގުޅޭ ޢާންމު ދުސްތޫރީ އަދި ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންގެ އަޢުލަބިއްޔަތަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

[4](ހ) ފުރަތަމަ ކަމަކީ، ޤާނޫނީ ދައުލަތެއްގެ އެންމެ މުހިއްމު އެއް އަސާސަކީ "މަބްދައުލް މަޝްރޫޢިއްޔާ" (Principle of Legality) ގެ އަސާސްކަމާއި، މި މަބްދައުގެ މުރާދައަކީ ދައުލަތުގައި ޤާނޫނުގެ ސިޔާދަތު ކަށަވަރުވެ، ދައުލަތުގެ އެންމެހައި ބާރުތަކާއި، މުއައްސަސާތަކާއި، އިދާރާތަކާ، އަދި އެންމެހައި ރައްޔިތުން ޤާނޫނަށް ބޯލެބުންކަމާއި، ތަހްޒީބުވެފެއިވާ ދައުލަތްތަކުގައި މި މަބްދައު ގެރެންޓީކޮށްދޭ އެންމެ މުހިއްމު އެއް ދުސްތޫރީ މަބްދައަކީ "ސުމުއްވުއް ދުސްތޫރު" (supremacy of constitution) ގެ މަބްދައު ކަމާ، އަދި މިމަބްދައަކީ ދުނިޔޭގެ އެންމެހައި ޤާނުނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މަބްދައެއްކަމަށްވާ "މަބްދައުއް ދުސްތޫރިއްޔާ" (Principle of Constitutionality) އޭގެ މައްޗަށް ބިނާވެގެންވާ އަސާސްވެސް ކަމާއި، ބުނެވިދިޔަ "މަބްދައުއް ދުސްތޫރިއްޔާ" ގެ މަފްހޫމަކީ ދައުލަތުގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ޤާނޫނީ ޤާޢިދާ (Legal Rule) ތަކަކީ - އެއީ ޕާރރަމެންޓުން ފާސްކުރާ ޤާނޫނަކަށްވިއަސް، ދައުލަތުގެ އިދާރާއަކުން ނެރޭ ޤަވާޢިދަކަށް ވިއަސް ނުވަތަ އިދާރީ ޤަރާރަކަށް ވިއަސް - ދައުލަތުގެ ޤާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ ޤާނޫނުއަސާސީގެ ނައްޞަކާ ނުވަތަ ޤާނޫނުއަސާސީން ޤާއިމުކޮށްފައިވާ އެއްވެސް ދުސްތޫރީ މަބްދައަކާ ތަޢާރުޝުނުވާ ޤާޢިދާތަކަކަށް ވުންކަމުގައި ވީހިނދު، މި މަފްހޫމު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި އެއްވެސް އޮޅުމެއް ނާރާގޮތަށް ކަށަވަރުކޮށްދީފައިވާކަން އެނގެން އޮންނަކަމެވެ.

[5](ނ) ދެވަނަ ކަމަކީ، ކޮންޓެމްޕްރަރީ ސިޔާސީ ނިޒާމްތަކުގައި ދައުލަތުގެ އެންމެހައި ވެރިކަމުގެ ބާރުތަކަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އަދި ރައްޔިތުންގެ ކިބައިގައި ދެމިއޮންނަ ބާރުތަކެއްކަމާއި، މިޒަމާނުގެ ޑިމޮކްރސީތަކުގައި ބުނެވިދިޔަ ބާރުތައް ހިންގަނީ އަސާސިގޮތެއްގައި "ރެޕްރެޒެންޓެޓިވް ޑިމޮކްރަސީ" ގެ އުޞޫލުން، ރައްޔިތުން ތަމްޖީލުކުރުމަށްޓަކައި ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށްގެންކަމާއި، އެހެންނަމަވެސް ބައެއް އިޙްތިޞާޞްތައް ހިންގުމުގައި "ކްވާޒީ ޑައިރެކްޓް ޑިމޮކްރެސީ" (Quasi Direct Democracy) ގެ އުޞޫލުން ސީދާ ރައްޔިތުން ބައިވެރިވުން އެކި ދުސްތޫރީ ނިޒާމްތަކުގައި އެކި ފެންވަރަށް ތަންޒީމް ކުރެވިފައިވާކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައިވެސް އިސްވެދިޔަ އުޞޫލުތައް ޤާއިމުވެގެންވާކަން އެނގޭކަމާ؛ މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައެވެ." މިފަދައިން ބަޔާންކުރުމަށް ފަހު، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ޤާނޫނުއަސާސީގައިވާގޮތުގެ މަތިން ލިބިގެންވާ ޙައްޤެއްކަން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ސާފުކޮށް އެނގެން އޮންނަކަމެވެ.

[6](ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ބަޔާންކުރުމަށްފަހު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރްކަޒީ އުޞޫލުންކަމުގައި ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާކަމާއި، ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ލޯކަލް ކައުންސިލްތަކަކީ މިނިވަން މުސްތަޤިއްލު އިދާރާތަކަކަށް ވުމަކީ ލޯކަލް ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ނިޒާމް އޭގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިއްމު އެއް އަސާސްކަމާއި، ނަތީޖާއެއްގެ ގޮތުން މިޒަމާނުގެ ތަފާތު އިދާރީ ނިޒާމްތަކުގައި ލޯކަލް ކައުންސިލްތަކުގެ މެންބަރުންނަކީ އެ ކައުންސިލްތައް ނިސްބަތްވާ ލޯކަލް ދާއިރާތަކުގެ ރައްޔިތުން އިންތިޚާބުކުރާ މެންބަރުންކަން އެނގެން އޮންނަ ހިނދު، މިކަން ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި "އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާޠީ އުޞޫލުތަކުގެމަތީން، ސިއްރު ވޯޓަކުން އިންތިޚާބުކުރާ މެންބަރުންނެވެ." މިހެން ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

[7](ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙަށް ބެލިއިރު، އެ އިޞްލާޙަކީ ބުނެވިދިޔަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކައުންސިލްތަކުގެ މެންބަރުން މަޤާމުން ވަކިވާގޮތްތައް ބަޔާންކޮށްފައިވާ މާއްދާކަމުގައިވާ އެ ޤާނޫނުގެ 119 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށް ގެނެވުނު އިޞްލާޙެއްކަމާ، މިގޮތުން އެ މާއްދާއަށް އިތުރުކުރެވުނު އެ މާއްދާގެ (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ، ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

[8](ބ) ފަސްވަނަ ކަމަކީ، ސިޔާސީ ޕާޓީއަކީ ތަފާތު ދީމްޤުރާޠީ އަދި ޤާނޫނީ (Legitimate) ވަސީލަތްތައް ބޭނުންކޮށްގެން ވެރިކަން ކާމިޔާބުކުރުމަށްޓަކާ އިއްތިޙާދުވެ، ވަކި ޙާއްޞަ ސިޔާސީ މެނިފެސްޓޯއެއް ތަންފީޒުކުރުމުގެ މަޤްޞަދުގައި، މަސައްކަތްކުރާ ޖަމާޢަތެއްކަން އެނގޭކަމާއި، މި މާނާގައި ދައުލަތުގެ ތަފާތު ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާއީ ކަންކަމާމެދު ރައްޔިތުންގެ ޢާންމު ރައުޔު، އޭގެ އެންމެ ފުރިހަމަގޮތުގައި ހޭލުންތެރި ކުރުވުމަށްޓަކާ ސިޔާސީ ޕާރޓީތަކުގެ ދައުރަކީ މިޒަމާނުގެ ދީމްޤުރާޠީ ނިޒާމްތަކުގައި ޝަރޫރަތްތެރި ދައުރެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި "ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ." މިފަދައިން ކަނޑައަޅައިފައިވާކަން އެނގެން އޮންނަކަމެވެ.

[9](ޅ) ހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން، އެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ، ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި އޮންނަ އޮތުމުގެ ދުސްތޫރިއްޔަތު (Constitutionality) ކަމާމެދު ޤާނޫނީގޮތުން ނަޒަރުކުރިއިރު، ޢާންމު އިންތިޚާބުތަކުގައި ބައިވެރިވެ، ރައްޔިތުން ތަމްޠީލުކުރާ މަޖިލިސްތަކަށާއި ކައުންސިލްތަކަށް މެންބަރުން އިޚްތިޔާރުކުރުމަކީ ރައްޔިތުންގެ ސިޔާދަތު (مَبِدَأُ سَيِادَة الشَّعَبَ) (Principle of the Sovereignty of the People) ގެ މަބްދައުގެ ދަށުން، މިޒަމާނުގެ އެންމެހައި ދުސްތޫރީ ނިޒާމްތަކުގައި ރައްޔިތުންގެ ދުސްތޫރީ ޙައްޤެއްކަން އެނގެން އޮންނަކަމާ، އަދި ރައްޔިތުން ތަމްޠީލުކުރާ މަޖިލިސްތަކަށާއި ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެންބަރުން ދުސްތޫރީގޮތުން ތަމްޠީލުކުރަނީ އެމީހުން އިންތިޚާބުކުރާ ރައްޔިތުންކަން އެނގެން އޮންނަކަމާ، ވުމާއިއެކު، ރައްޔިތުން މިނިވަންކަމާ ފުރިހަމަ އިޚްތިޔާރާއެކު އިންތިޚާބުކުރާ މީހަކީ ސިޔާސީ ޕާޓީއެއްގެ ރުހުމުގައި މެނުވީ އެ މީހަކު އިންތިޚާބުކުރި ރައްޔިތުން ތަމްޠީލުކުރުންމަތީގައި ދެމިނުހުރެވޭ މީހަކަށްވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަފްހޫމާއި ތަޢާރުޝުވާ، އަދި އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށް ހުރަސްއެޅޭ ކަމެއްކަމާ، އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުގައި "ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންވެގެން އޮތުމުން ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަކީ މަލްޓި ޕާޓީ ސިސްޓަމަށް ޖާގަދޭ ސިޔާސީ ނިޒާމެއްކަން އެނގޭކަމާ، އަދި އެ ފަދަ ނިޒާމެއްގައި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ޕާޓީއެއްގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާކަމާއި، ވަކި ފާޓީއެއްގައި ހުރުން އެއްވެސް މީހެއްގެ މައްޗަށް ސީދާކޮށްވެސް ނުވަތަ ނުސީދާކޮށްވެސް ލާޒިމް ކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކަން އެނގެން އޮންނަކަމާ، އެހެންކަމުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ، ރައްޔިތުން ތަމްޘީލުކުރުމަށްޓަކައި، ރައްޔިތުން އިންތިޚާބުކުރާ މީހަކު އެމީހަކު އިންތިޚާބުވެފައިވާ މަޖިލީހަކުން ނުވަތަ ކައުންސިލަކުން ވަކިވާންޖެހޭ ސަބަބެއް ނޫންކަމާ، އަދި އެއީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ، އިސްވެ ބަޔާންވެދިޔަ ޙައްޤަށް ހުރަސްއެޅޭ ކަމެއްކަން އެނގެން އޮންނަކަމެވެ.

[10](ބ) ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާބެހޭ ބާބުގައިވާ ކޮންމެ ޙައްޤަކީ ނުވަތަ މިނިވަންކަމަކީ ޤާނޫނުއަސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިފެހެއްޓިދާނެ ޙައްޤުތަކާއި މިނިވަންކަން ކަމަށް ވާތީ، ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުން އެ ބީދައިން ފާސްކޮށްފައިވާ އިޞްލާޙެއްކަމަށް ބުނެ މި މައްސަލާގައި ދަޢުވާލިބޭ ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައި އޮންނައޮތުމަށް ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ނުކުތާތައް ފާހަގަކުރެވިފައިވާ ކަމެވެ.

[11]1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކުރަމުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ޞަރީޙަ ޢިބާރާތުގައި " މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީން ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރުޝުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާތީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި " އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ." މިފަދައިން ކަނޑައަޅައިފައިވެއެވެ.

[12]2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް މިންވަރަކަށް ޤައިދުކުރެވޭނީ އިސްވެ އިޝާރާތްކުރެވުނު ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މަތިންކަމާ، މިގޮތުން؛ ބުނެވިދިޔަ ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެފަދަ ޤާނޫނަކީ ޤާނޫނުއަސާސީއާ ތަޢާރުޝުނުވާ ގޮތެއްގެމަތީން ފާސްވާ ޤާނޫނަކަށް ވާންޖެހޭކަމާއި، ޤާނޫނުއަސާސީއާއި ތަޢާރުޝު ނުވުމަކީ ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞަކާ ނުވަތަ ޤާނޫނުއަސާސީއިން ޤާއިމުކޮށްފައިވާ ދުސްތޫރީ މަބްދައަކާއިވެސް ތަޢާރުޝު ނުވުންކަމާ، މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވިއަސް ރައްޔިތުންގެ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ކަމާއި، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި ރައްޔިތުންގެ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރު ކަނޑައެޅުމުގައި، ހިފަހައްޓަން ބޭނުންވާ ޙައްޤު ނުވަތަ މިނިވަންކަން ދީމްޤުރާޠީ މުޖްތަމަޢުތަކުގައި ހިފެހެއްޓުމުގައި ރިޢާޔަތްކޮށްފައިވާ ޤާނޫނީ އަސާސްތަކަށް ބަލައި ވަޒަންކުރުމުގައި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކަންތަކަށް ރިޢާޔަތްކުރަންވާނެކަން އެނގެން އޮވެއެވެ.

[13]3. "ރެޕްރެޒެންޓެޓިވް" ނިޒާމެއްގައި ރައްޔިތުން ތަމްޘީލުކުރުމަށް އެކުލަވާލެވޭ މަޖިލީހަކަށް

[14]ނުވަތަ ކައުންސިލަކަށް ރައްޔިތުން ހޮވާ މެންބަރަކު، އެ މެންބަރު ނިސްބަތްވާ ސިޔާސީ ޕާޓީއެއް

[15]ދޫކޮށްލުމުން ނުވަތަ އެ ފާޓީއަކުން އެ މެންބަރަކު ވަކިކުރުމުން، އެ މެންބަރަކު ހޮވިފައިވާ މަޖިލީހުގެ ނުވަތަ

[16]ކައުންސިލްގެ މެންބަރުކަން ހުޅަނގު ޔޫރަޕްގެ ޑިމޮކްރަސީތައްފަދަ އެސްޓަބްލިޝްވެ ކުރިއަރާފައިވާ ގިނަ

[17]ޑިމޮކްރަސީތަކުގައި ނުގެއްލޭކަމާއި، ބުނެވިދިޔަ ޙާލަތުގައި މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުތައް

[18]ހެދިފައިވަނީ ޢާންމުގޮތަކަށް ޅަފަތުގެ ޑިމޮކްރަސީތަކުގަޔާއި (nascent democracies) ޑިމޮކްރެޓިކް ނޫން

[19]މުޖްތަމަޢުތަކުގައިކަން ޕޮލިޓިކަލް ސައިންސްގެ އެކްސްޕާޓުންގެ ލިއުންތަކުންނާއި، "އިންޓަރނޭޝަނަލް

[20]އިންސްޓިޓިއުޓް ފޮރ ޑިމޮކްރަސީ އެންޑް އެލެކްޓޯރަލް އެސިސްޓެންސް" (International IDA) ފަދަ

[21]އޮރގަނައިޒޭޝަންތަކާއި ދިރާސާކުރާ މަރްކަޒުތަކުގެ ރިޕޯޓްތަކުން އެނގެން އޮވެއެވެ.

[22]4. ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުން ތަމްޘީލުކުރާ މަޖިލިހަކަށް ނުވަތަ

[23]ކައުންސިލަކަށް އިންތިޚާބުކުރެވޭ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ ދޫކޮށްލަންޖެހޭ ޙާލަތުގައި، އޭނާ އިންތިޚާބުކުރެވިފައިވާ މަޖިލީހުގެ ނުވަތަ ކައުންސިލްގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުތައް ފާސްކޮށްފައިވާ ގިނަ ނިޒާމުތަކުގައި އެކަން ސިޔާސީގޮތުން ދިފާޢުކުރަނީ އެއީ ޕާޓީ ސިސްޓަމް ހަރުދަނާކުރުމަށްޓަކާ އެޅޭ ވަޤުތީ ފިޔަވަޅެއްގެ ގޮތުގައި ކަން އެނގޭކަމާ، އަދި އެކަމުގެ ޤާނޫނީ އަސާސަކީ ބުނެވިދިޔަ ނިޒާމްތަކުގައި، ރައްޔިތުން ވޯޓްދޭ އިންތިޚާބީ ނިޒާމަކީ " ނިސްބަތުން ތަމްސީލުކުރުމުގެ ނިޒާމް" ނުވަތަ "ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ސިސްޓަމް" (Proportional Representation System) ކަމަށްވެފައި، ގިނަ މަލްޓި ފާޓި ސިސްޓަމްތަކުގައި ތަޠްބީޤުކުރެވޭ މި އިންތިޚާބީ ނިޒާމް ޤާއިމުވެގެންވާ އަސާސީ މަފްހޫމަކީ، މި ނިޒާމުގައި ރައްޔިތުން ވޯޓުދެނީ އޭގެ ޒާތުގައި ވަކި ކެންޑިޑޭޓަކަށް ނޫންކަމާއި، ނަމަވެސް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ސިޔާސީ ފިކްރަށާއި މެނިފެސްޓޯގެ މައްޗަށް ބުރަވެތިބެ ޕާޓީތަކުން ހުށަހަޅާ ކެންޑިޑޭޓުންގެ ލިސްޓަކަށްކަމާއި، އިންތިޚާބުގައި ވޯޓުދިނުމުގައި ލިސްޓުގައި ބަޔާންވެގެންވާ ކެންޑިޑޭޓުންގެ ނަންތަކަށްވުރެ ވޯޓުދޭމީހުން ޕާޓީތަކުގެ ސިޔާސީ އައިޑިއޮލޮޖީއަށާއި ފިކުރަށް ރިޢާޔަތްކޮށް އެމީހުންގެ ވޯޓް ސީދާ ޕާޓީއަށް ދޭކަން ފާހަގަކުރެވޭކަމާ، ވުމާއެކު މިފަދަ އިންތިޚާބީ ނިޒާމްތައް ތަޠްބީޤުކުރާ ދައުލަތްތަކުގައި އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރެޕްރެޒެންޓެޓިވެ މަޖިލިސްތަކަށާއި، ކައުންސިލްތަކަށް އިންތިޚާބުވާ މީހުން އެމީހުން ނިސްބަތްވާ ޕާޓީ ދޫކޮށްލަންޖެހޭ ޙާލަތުގައި އެމީހުންގެ މެންބަރުކަން ގެއްލޭގޮތަށް އޮތް އޮތުން ޤާނޫނީގޮތުން ހުއްދަ ކުރެވުނުކަމުގައި ވިއަސް، ދިވެހިރާއްޖެ ފަދަ "އަޢުލަބިއްޔަތުގެ އިންތިޚާބު" ގެ ނިޒާމް ނުވަތަ "މެޖޯރިޓީ އިލެކްޝަން ސިސްޓަމް (Majority Election System) ގެ ދަށުން، ފަރްދީ ކެންޑިޑޭޓަކަށް ނުވަތަ ކެންޑިޑޭޓުންތަކަކަށް ވޯޓުދޭ ސިސްޓަމްތަކުގައި، ޕާޓީ ދޫކޮށްލުމަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މީހަކު، އެމީހަކު އިންތިޚާބުވެފައިވާ މަޖިލީހަކުން ނުވަތަ ކައުންސިލަކުން ވަކިވާންޖެހޭފަދަ ޤާނޫނީ ސަބަބެއް ނޫންކަން އެނގެއެވެ.

[24](ޅ) އަށްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ

[25](ނ) ގައި ކަނޑައަޅާފައިވާ، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤުފަދަ ފަރުދީ އަދި ސިޔާސީ ޙައްޤުތައް ދުސްތޫރީ ގޮތުން ސިފަކުރެވެނީ "ސަލްބީ ޙައްޤު" (Negative Rights) ތަކުގެ ގޮތުގައިކަމާ، އަދި އެ ފަދަ ޙައްޤުތަކަކީ ދައުލަތުން އެ ޙައްޤުތަކަށް ފުރިހަމަޔަށް އިޙްތިރާމްކުރުން ލާޒިމްވެގެންވާ، އެ ޙައްޤުތަކާމެދު ތަންޖީމީގޮތުންކުރެވޭ ޤައިދެއްފިޔަވައި، އެހެން އެއްވެސް ޤައިދެއް ނުކުރެވޭނެ ޙައްޤުތަކެއްކަން، އިސްތިޤްރާރުވެފައިވާ ދުސްތޫރީ ޢާންމު މަބްދައުތަކަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

[26](ކ) ނުވަވަނަ ކަމަކީ، "ރެޕްރެޒެންޓެޓިވް" މަޖިލީހަކަށް ނުވަތަ ކައުންސިލަކަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރަކާ އެ މެންބަރަކު އިންތިޚާބުކުރާ ރައްޔިތުންނާ ދެމެދުގައި، ރައްޔިތުންގެ ސިޔާދަތުގެ މަބްދައުގެ ދަށުން ޤާއިމުވެފައިވާ ތަމްޖިލީ ގުޅުމާއި އެކުވެސް، ބުނެވިދިޔަފަދަ މަޖިލީހަކަށް ނުވަތަ ކައުންސިލަކަށް އިންތިޚާބުވެފައިވާ މެންބަރަކު، އެ މަޖިލީހުގެ ނުވަތަ ކައުންސިލްގެ މެންބަރުކަމުން ވަކިކުރުމުގެ ބާރު "ރެޕްރެޒެންޓެޓިވެ ސިސްޓަމް" ގައި ސީދާ އެ މެންބަރަކު އިންތިޚާބުކުރާ ރައްޔިތުންނަށްވެސް ލިބިގެން ނުވާއިރު، އެމެންބަރަކު ނިސްބަތްވާ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، އެ މެންބަރަކު އިންތިޚާބުވެފައިވާ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް އޮތުމަކީ، އްޕޮރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ސިސްޓަމް' އެއްގައި ސިޔާސީ ޕާޓީގެ ލިސްޓަށް ވޯޓުދޭ އިންތިޚާބީ ނިޒާމެއް ގެ ދަށުން މެނުވީ ހުއްދަ ނުކުރެވޭނެ ކަމެއްކަން އެނގެން އޮންނަކަމެވެ.

[27](އ) ދިހަވަނަ ކަމަކީ، އިސްވެދިޔަ ޤާނޫނީ ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން، އެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓިއަކުން ވަކިކުރުމަކީ، ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ސަބަބެއްގެ ގޮތުގައި ކަނޑައަޅައި ފާސްކޮށްފައި އޮންނަ އިޞްލާހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ކަށަވަރުކޮށްދީފައިވާ ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި، ދެ ޙައްޤު ހިފެހެއްޓޭފަދަ ގޮތަކަށް ފާސްކޮށްފައިވާ އިޞްލާޙެއްކަން ފާހަގަކުރެވިފައިވާއިރު، އެ އިޞްލާޙުގެ ދަށުން ހިފެހެއްޓިފައިވާ އިސްވެދިޔަ ޙައްޤުތައް ހިފެހެއްޓިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ނޫންކަން ފާހަގަކުރެވިފައިވާކަމެވެ.

ޙުކުމް:

[28]އިސްވެ ބަޔާންވެދިޔަ އެންމެހައި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 2/2011 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 މާއްދާ އަށް އިތުރުކުރެވުނު އެ މާއްދާގެ (ބ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމަކީ، ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ސަބަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، އަދި 30 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޝްވާކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޢުލަބިއްޔަތަށް އިއްތިފާޤުވެވުނު ހިނދު، ޤާނޫނު ނަންބަރު 2011/2 އިން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 މާއްދާ އަށް އިތުރުކުރެވުނު އެ މާއްދާގެ (ބ) ބާޠިލްކަމަށް ކަނޑައަޅައިފީމެވެ.

[29] ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރަޢުޔު

[30]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް، ކ. ގުރައިދޫ، ޖަންބުމާގޭ އިބްރާޙީމް ރިޝާ އަދި ގ.ފަރިދޫ ޢަލީ ޢަބްދުﷲ އަދި ކ. ދިއްފުށީ އޮނުފީނިގޭ ޝަހީމް ޢަހްމަދު، 17 ޖޫން 2012 ވަނަ ދުވަހު، ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން، ހުށަހެޅި މައްސަލަ އަކީ ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ކަނޑައެޅިގެން ޚިލާފް ޤާނޫނަކަށް ވާތީ ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އެއީ ބާޠިލް ޤާނޫނެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

[31]މި މައްސަލައަށް ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު ވަނީ ތަދައްޚުލް ވެފައެވެ. ތަދައްޚުލްވި މައްސަލައާ މޫސާ އަންވަރާ ހުރި ގުޅުން ކަމަށް މޫސާ އަންވަރު ބުނަނީ؛ އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން މޫސާ އަންވަރަށް ލިބިދީފައިވާ އިރު، މޫސާ އަންވަރު ނިސްބަތްވާ އައްޑު އަތޮޅުގައި އިންތިޚާބުކުރެވިފައިވާ ސިޓީ ކައުންސިލްގެ މެންބަރުން ވަކިގޮތަކަށް ޢަމަލުނުކޮށްފިނަމަ އެ މެންބަރުން ނިސްބަތްވާ ޕާޓީއިން ވަކިކޮށް މަޤާމު ގެއްލުމުގެ ފުރުޞަތު އޮތުމުން، ރައްޔިތުންގެ މަސްލަޙަތަށްވުރެ ޕާޓީގެ މަސްލަޙަތު ކައުންސިލަރުން އިސްކުރަމުންދާކަން ބަހާއި ޢަމަލުން ފެންނަމުންދާތީ، ސިޔާސީ ނުފޫޒުން ކައުންސިލަރުން މިނިވަންވެ އައްޑު އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ކައުންސިލަރުންނަށް ލިބުމަކީ މޫސާ އަންވަރަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ލިބިފައިވާ އެތައް ޙައްޤެއް އޭގެ މައްޗަށް ބިނާވެފައިވާ މަޞްލަހަތެއް ކަމަށާއި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޙާބްވިއިރު، ނިސްބަތްވާ ޕާޓީއިން ވަކިވުމުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުމުން އެމީހަކު ކައުންސިލްގެ މެންބަރުކަމުން ވަކިވާނެ ކަމަށް ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގައި ކަނޑައަޅާފައިއޮތް އޮތުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ދަށުން މޫސާ އަންވަރަށް ލިބިފައިވާ މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތަކީ ދިވެހި ދައުލަތެވެ.

[32]މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ދެވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކ. ގުރައިދޫ، ޖަންބުމާގޭ އިބްރާޙީމް ރިޝާ އަދި ގ. ފަރިދޫ ޢަލީ ޢަބްދުﷲ އަލީ އަދި ކ. ދިއްފުށީ އޮނުފީނިގޭ ޝަހީމް ޢަހްމަދު ދެއްކި ވާހަކަތަކަށާއި މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ދިވެހިރާއްޖޭގެ ބަންޑާރަނައިބުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ދެ ފަރާތުންމެ ހުށަހެޅި ލިޔުންތަކަށާއި "ޖުޑީޝަލް ރިވިއު އޮފް ލެޖިސްލޭޝަން" ގެ އުޞޫލުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަ ކުރެވެއެވެ.

[33](ހ) ފުރަތަމަ ކަމަކީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާ އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާ ބުނާކަމެވެ.

[34](ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު، ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.

[35](ނ) ތިންވަނަ ކަމަކީ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ ކަމެވެ.

[36](ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް ބަލާއިރު އެ ޤާނޫނުގައި ބުނަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް އިންތިޙާބުވިއިރު ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކޮށްފިނަމަ، ކައުންސިލްގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

[37](ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަމާއި އަދި އެއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުސްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ޑިމޮކްރެޓިކް މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަމާ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 16 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތީންތޯ ކަނޑައެޅުމުގައި ކޯޓުން އެ ކަމަކާ ގުޅޭ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތް ކުރާންވާނެ ކަމާއި އޭގެ ތެރޭގައި، އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތަށާއި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަމަށާއި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިފައިވާ ގޮތާއި މިންވަރަށާއި އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމާ އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުމަށާއި އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓިފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދު ޙާޞިލް ކުރެވިދާނެތޯ އަދި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ނަމަ، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓަންޖެހޭތޯ ބަލަންޖެހޭ ކަން އެނގެން އޮންނަ އޮތުމެވެ.

[38](ޅ) ހަވަނަ ކަމަކީ، "ޖުޑީޝަލް ރިވިއު އޮފް ލެޖިސްލޭޝަން" ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ޤާނޫނުއަސާސީއާއި ޚިލާފުތޯ ބެލުމުގައި، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި، ދެ ކޮންސެޕްޓެއްވާކަމާއި އެއް ކޮންސެޕްޓަކީ "ކޮންކްރީޓް ރިވިއު" ގެ ކޮންސެޕްޓްކަމާއި އެއީ މައްސަލައެއް ބަލަމުންދާ ކޯޓެއްގެ އިޙްތިޞާޞްގެ ތެރެއިން، އެ ކޯޓަކުން ބަލަމުންދާ ޙުޞޫމަތްތެރި މައްސަލައަކާ ގުޅިގެން، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ޤާނޫނުއަސާސީއާއި ޚިލާފުތޯ ބެލުމުގެ ކޮންސެޕްޓްކަމާއި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި ޝަރީޢަތްކުރާ ކޮންމެ ކޯޓަކަށްމެ ލިބިގެންވާ އިޙްތިޞާޞްއެއް ކަމާއި އަނެއް ކޮންސެޕްޓަކީ "އެބްސްޓްރެކްޓް ރިވިއު" ގެ ކޮންސެޕްޓްކަމާއި އެއީ ޙުޞޫމަތްތެރި މައްސަލައެއްގެ ޙަޤީޤަތަކާ ނުލައިވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުތޯ ބެލުމުގެ ކޮންސެޕްޓްކަމާއި މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޚާއްޞަ އިޙްތިޞާޞްގެ ދަށުން ބެލިދާނެ މައްސަލަތައްކަން އެނގެން އޮންނަ އޮތުމެވެ.

[39](ކ) ހަތްވަނަ ކަމަކީ، "އެބްސްޓްރެކްޓް ރިވިއު" ގެ ކޮންސެޕްޓުން "ކޮންކްރީޓް ރިވިއު" ގެ ކޮންސެޕްޓް ވަކިކޮށް، ފާޅުކަން ބޮޑު ރޮނގެއް، ޢަމަލީގޮތުން، ނުދެމޭނެކަމާއި ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިއަސް އެބްސްޓްރެކްޓްކޮށް ރިވިއު ކުރާއިރު، ކޮންކްރީޓް ރިވިއުގެ ސިފަތައް ހިމެނިގެން ދާނެކަމާއި ޤާނޫނެއް (ޕްރައިމަރީ ލެޖިސްލޭޝަން) ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުކަމަށް ބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް އެބްސްޓްރެކްޓް ކޮށް ރިވިއު ކުރާއިރު، ރިވިއު ކުރާންވާނީ ދިމާވެފައިވާ ނުވަތަ ދިމާވެދާނެ ހުރިހާ ޙަޤީޤަތްތަކެއްގެ މައްޗަށް ރިޢާޔަތް ކުރެވިގެން ކަމެވެ.

[40](އ) އަށްވަނަ ކަމަކީ، ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި، ޤާނޫނު ބާޠިލުކުރުމުގެ ބާރު އެ މަޖިލީހަށް ލިބިގެންވާކަމާއި ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހެދުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެކަމާއި ރައްޔިތުންގެ މަޖިލީހުން، ޤާނޫނު ހަދާންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުނުވާ ގޮތެއްގެ މަތީންކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހެދޭ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް "އެބް އިނީޝިޢޯ" ބާޠިލުވާނެ ކަމެވެ.

[41](ވ) ނުވަވަނަ ކަމަކީ، މީހެއްގެ ޙައްޤެއް އަސާސީ ޙައްޤަކަށް ވަނީ ޤާނޫނުއަސާސީއިން އެ ޙައްޤެއް ކަށަވަރު ކޮށްދިނުމުން ކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުގެމަތީން މެނުވީ، ނުހިފެހެއްޓޭނެ ކަމާއި އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުސްވާ ނަމަ، އެ ތަޢާރުސްވާ މިންވަރެއް ބާޠިލު ވާނެކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާ ގޮތުގެމަތިން އެ މާއްދާގައި ބުނާ މިންވަރަށްކަމާއި އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވާނަމަ ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެކަށީގެންވާ މިންވަރަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ފަރާތެއްގެ ޒިންމާއެއްކަން އެނގެން އޮންނަ އޮތުމެވެ.

[42](މ) ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި، ޕްރައިވެޓް ލޯއިން ލިބިދޭ ޙައްޤުތައް ލިބިދިނުމުގައި ކޯޓުން ގެންގުޅޭ އުޞޫލާ ޚިލާފަށް، ލުއި ވިސްނުމަކުން ވިސްނާންވާނެ ކަމެވެ.

[43](ފ) އެގާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި ލުއި ވިސްނުމަކުން ވިސްނިކަމުގައި ވިއަސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް (ޕްރައިމަރީ ލެޖިސްލޭޝަން) ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޚިލާފުޅަމަށް ކޯޓުން ކަނޑައެޅުމުގައި، އެ ކަނޑައެޅުމުގެ ސަބަބުން ނުކުމެދާނެ ހުރިހާ ނަތީޖާއަކަށް ބަލާ ރިޢާޔަތް ކުރާންވާނެ ކަމާއި ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރަކީ ރައްޔިތުންގެ މަޖިލީހަށް އޮތް މުޠްލަޤް ބާރެއްކަމާއި ރައްޔިތުންގެ މަޖިލީހަށް އޮތް މުޠްލަޤް ބާރެއްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަދި ޢަދުލު އިންޞާފް ޤާއިމްކުރުމުގެ ބާރަށް ވެސް އަދި މުސްތަޤިއްލު ކޮމިޝަނަކަށް ވެސް އަދި މުސްތަޤިއްލު މަޤާމެއްގައި ހުރި މީހަކަށްވެސް އަދި ކިއެއްތަ؛ އެއްވެސް ފަރާތަކަށް ނުވަދެވޭނެ ކަމާއި ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހަދަނީ ފުޅާ ދާއިރާއެއްގައި އެކަމަކާ ދޭތެރޭ، ތަފާތު މަރުޙަލާގައި، ބަހުސް ކުރުމަށް ފަހުގައި ކަމާއި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން އެ ބިލެއްގެ ތިން ކިޔުން ބާއްވާކަމާއި ފުރަތަމަ ކިޔުމަކީ ބިލުގެ ސުރުޚީ ރައްޔިތުންގެ މަޖިލީހަށް އިއްވުން ކަމާއި ދެވަނަ ކިޔުން ބެހިގެންވަނީ މައިގަނޑު ތިން މަރުޙަލާއަކަށް ކަމާއި އެއީ ބަހުސްގެ މަރުޙަލާ އާއި ކޮމެޓީގެ މަރުޙަލާ އާއި ރިޕޯޓުކުރުމުގެ މަރުޙަލާ ކަމާ އަދި ތިންވަނަ ކިޔުމަކީ ބިލުގައި ހުރި މުހިންމު ކަންކަމާގުޅޭ ގޮތުން މެންބަރުން ފާޅުކުރާން ބޭނުންވާ ކަމެއް އޮތްކަމަށްވާނަމަ އެކަމެއް ބަޔާންކުރުމާއި، ބިލަށް ޖަވާބުދާރީވާ ފަރާތުން ދެވަނަ ކިޔުމަށްފަހު ބިލު އޮތްގޮތުގެ މައްޗަށް ފަހުބަޔާން އިއްވުމުގެ މަރުޙަލާކަމާއި މިގޮތަށް "މަލްޓި ލެވެލް" ގައި "ސްކުރުޓިނީ" ކޮށް، ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަންދޫބުން، ޒިންމާދާރު އެތައް މަސައްކަތްތަކަކަށް ފަހު، ހަދާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުކަމަށް ބުނެ ކޯޓުން "ސްޓްރައިކް ޑައުން" ކުރުމަކީ ކުޑަކަމެއް ނޫންކަމާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިއަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމަށް ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް "ސްޓްރައިކް ޑައުން" ކުރާންވާނީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފް ކަމަށް އެ މައްސަލައެއް ބެލި ކޯޓަށް ޤަބޫލުކުރެވި އަދި އެ ޤަބޫލު ކުރެވުނު ގޮތުގެ ފުރިހަމަ "ލީގަލް ރީޒަނިންގ" ދިނުމަށް ފަހު ކަމަށް އަހުރެން ދެކެމެވެ.

[44](ދ) ބާރަވަނަ ކަމަކީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކައުންސިލަކަށް ކައުންސެލަރަކު އައްޔަން ވުމަށްފަހު، އޭނާ އެ މަޤާމުގައި ތަމްސީލުކުރަނީ އޭނާގެ އަމިއްލަ ހައިޞިއްޔަތުނޫންކަމާއި، އޭނާ އެ މަޤާމުގައި ތަމްޞީލްކުރަނީ އޭނާ އިންތިޚާބް ކުރި ރައްޔިތުންކަމާއި، އޭނާ ކައުންސިލަށް ހޮވި ރައްޔިތުންގެ ޙައްޤަށް އިހުމާލުވެ، ކައުންސެލަރަކަށް އޭނާގެ އަމިއްލަ ހައިޞިއްޔަތު ތަމްސީލް ކުރުމުގެ ޙައްޤެއް ނުއޮންނާނެ ކަމާއި ލޯކަލް ކައުންސިލްތަކަށް އިންތިޚާބް ކުރެވޭ ހުރިހާ ކައުންސިލަރުންމެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ބ) ގައިވާ ހިފެހެއްޓުން އެގޮތަށް އޮވެ އެކަމާ ރުހި ޤަބޫލުވެގެންކަމާއި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ބ) ގައި ބުނާ ހިފެހެއްޓުމަކީ، މަޤާމުގެ ހައިޞިއްޔަތުން އަދި މަޤާމުގައި އަދާކުރަންޖެހޭ ޒިންމާއެއްގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ހަމަތަކުގެ މަތިން ޤާނޫނަކުން ހިފެހެއްޓިފައިވާ ހިފެހެއްޓުމެއް ކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ވެސް އަދި ޤާނޫނުން ވެސް ވަކި ވަކި މަޤާމު ތަކުގައި ތިބޭ މީހުން ވަކި ކަންތައްތަކެއް ކުރުމުން މަނާކުރެވޭކަމާއި މިއީ ތަހުޒީބް ދުނިޔޭގައި މިކަން އޮންނަ ގޮތްކަމާއި، މިގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 119 ވަނަ މާއްދާގެ (ހ) އިން ޢާއްމު މީހަކަށް ކުރެވޭ އެކަމަކު ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމުގައި ހުންނަ މީހަކު ކޮށްގެން ނުވާނެ ކަންތައްތައް ބަޔާން ކޮށްފައިވާކަމާ އަދި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނުނު) ގެ 42 ވަނަ މާއްދާގައި، ފަނޑިޔާރުކަމުގެ މަޤާމުގައި ތިބެ ކުރެވޭނެ އަދި ނުކުރެވޭނެ ކަންތައްތައް ބަޔާން ކުރާކަމާ އަދި ހަމަ މި ޤާނޫނުގެ 43 ވަނަ މާއްދާގައި ފަނޑިޔާރުން ކޮށްގެންނުވާނެ މަސައްކަތްތައް ވެސް ބަޔާންކުރާކަން އަހުރެން ފާހަގަ ކުރަމެވެ.

[45](ތ) ތޭރަވަނަ ކަމަކީ، ޕާޓީ ޓިކެޓުގައި ކެންޑިޑޭޓަކު ރައްޔިތުން އިންތިޚާބްކުރަނީ ޕާޓީއަށް ކުރާ ސަޕޯޓް ނުވަތަ އެ ޕާޓީއެއްގެ ސިޔާސަތު ކަމުދާތީ އެކަން ޙާޞިލްކުރުމުގެ ބޭނުމުގައި ކަމާ އެ ކެންޑިޑޭޓަކު އެގޮތުގެ މަތިން ރައްޔިތުންނާ ކުރިމަތިލައި އިންތިޚާބް ކާމިޔާބު ކުރުމަށްފަހު، ޕާޓީ ދޫކޮށްލުމަކީ ނުވަތަ ޕާޓީއިން ވަކިވާފަދަ ކަމެއް ކުރުމަކީ އެފަރާތަކަށް ވޯޓުދިން ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 26 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގެ ޙައްޤު ގެއްލޭނެ ޢަމަލެއްކަމުގައި ދިވެހި ދައުލަތުން ބުނާބުނުން ރަނގަޅު ކަމަށް އަހުރެން ދެކެމެވެ. އަދި އެ މީހަކު އިންތިޚާބަށް ކުރިމަތިލި ޕާޓީގެ ޙައްޤާއި އެ ޕާޓީގެ މަސްލަޙަތާއި ސިޔާސަތަށް ލިބޭނެ ގެއްލުމާ އަދި އެމީހަކަށް ވޯޓުދިން ބައެއްގެ ޙައްޤަކީ ވެސް މި ފަދަ ނިންމުންތައް ނިންމާއިރު ކޯޓުން ވިސްނަންޖެހޭނެ ކަންތައްތައް ކަމާއި މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިދީފައިވާ ޙައްޤުގެ ބޭނުންހިފައި ރައްޔިތުން އިންތިޚާބްކޮށްފައިވާ މީހަކު، ވަކި ޕާޓީއަކަށް ނިސްބަތްވާނަމަ، އޭނާ އެ އިންތިޚާބްކުރާ ރައްޔިތުން އޭނާ އިންތިޚާބް އެކުރަނީ، ވަކި ފިކުރަކަށް ނުވަތަ ވަކި މެނިފެސްޓޯއަކަށް ނުވަތަ ކަންތައްތަކެއް ޙާޞިލް ކުރުމުގެ ބޭނުމުގައި ކަމަށްވީއިރު، ޕާޓީ ޓިކެޓުގައި އިންތިޚާބްކޮށްފައިވާ މީހަކު، ޕާޓީ ނުވަތަ ފިކުރު ނުވަތަ މެނިފެސްޓޯ ނުވަތަ ކުރާން ބުނި ކަމެއް ބަދަލުކޮށްފި ނަމަ އެގެއްލެނީ އޭނާއަށް ވޯޓުދިން މީހުންގެ ޙައްޤުކަމާއި ވަކި ސިޔާސީ ޕާޓީއަކުން، ވަކި ފިކުރަކަށް ނުވަތަ ވަކި މެނިފެސްޓޯއަކަށް ނުވަތަ ވަކި ކަންތައްތަކެއް ޙާޞިލްކޮށް ދިނުމަށް ވަޢުދުވެ، އިންތިޚާބެއްގައި ބައިވެރިކުރާ މީހަކު އޭނާ އިންތިޚާބާ ކުރިމަތިލިއިރު ހުރި ސިޔާސީ ޕާޓީއިން ވަކިވުން ނުވަތަ ވަކިކުރުމުން ކަން ކުރާންވީ އެންމެ އިންޞާފްވެރި ގޮތަކީ އަލުން އިންތިޚާބަށް ކުރިމަތިލުންކަމެވެ.

[46](ލ) ސާދަވަނަ ކަމަކީ، ކޮންމެ މީހަކުވެސް ސިޔާސީ ޕާޓީއަކާ ގުޅެނީ، އެއްވެސް މަޖްބޫރުކަމެއް ނެތި، އެ ސިޔާސީ ޕާޓީއަކުން ގެންގުޅޭ އުޞޫލްތަކާއި ސިޔާސަތުތައް ޤަބޫލުކޮށްގެންކަމާއި، އަދި ކޮންމެ ސިޔާސީ ޕާޓީ އެއްގެވެސް އަމިއްލަ އިޖްރާޢާތުތަކެއްވާނެ ކަމާއި، އެގޮތުން އެޕާޓީއެއްގެ މެންބަރުން ޕާޓީގެ އުޞޫލުތަކާ ޚިލާފުވާނަމަ އަދި އެކަމުގެ ސަބަބުން އެ ޕާޓީއެއްގެ މަސްލަޙަތަށް އަސަރު ކުރާނަމަ، އެ ޕާޓީއެއްގެ އަސާސީ ޤަވާއިދު ބުނާ ގޮތެއްގެ މަތިން، އެ ޕާޓީއަކުން ވަކިކުރެވިދާނެކަމާ އަދި ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގައި، އިންތިޚާބްވުމަށްފަހު ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ވަކިކޮށްފިނަމަ، އެ އިންތިޚާބުވި ގޮނޑި ގެއްލޭނެކަމަށް ބުނެފައިވަނިކޮށް، އެކަން އެނގި، އެކަން ޤަބޫލުކޮށް، ޕާޓީ ޓިކެޓުގައި އިންތިޚާބާ ކުރިމަތިލައި އިންތިޚާބު ކާމިޔާބު ކުރުމަށްފަހު، އެ މީހަކު ތަންފީޒު ކުރަންޖެހޭނީ އެމީހަކު އިންތިޚާބާ ކުރިމަތިލުމަށް ޓިކެޓު ދިން ސިޔާސީ ޕާޓީގެ ސިޔާސަތުކަމާއި އިންތިޚާބްވުމަށްފަހު، އެމީހަކު އިންތިޚާބްވި މަޤާމުގައި ހުރެ، މަޤާމުގެ ވާޖިބު އަދާކުރުމުގައި، އެމީހެއްގެ އަމިއްލަ މަސްލަޙަތު ނުވަތަ އެހެންމީހެއްގެ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މަސްލަޙަތު ކުރިއެރުވުމުގެ ޙައްޤު، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބާ ކުރިމަތިލުމުގެ ސަބަބުން، އެ މީހަކު އަމިއްލައަށް، ހަނިކުރީކަމާއި ޕާޓީ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރަން ނިންމުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އޮތްކަމެއްކަމާއި އެއީ އެއްވެސް މަޖުބޫރުކަމެއް އޮތް ކަމެއް ނޫންކަމާ އަދި ސިޔާސީ ޕާޓީތަކުން މީހުން ޕާޓީ ޓިކެޓެއްގައި އިންތިޚާބުތަކަށް ނެރެނީ އެ ޕާޓީއެއްގެ ސިޔާސަތު ކުރިއަރުވާނެ ކަމުގެ ޔަޤީންކަމާއި އިތުބާރު ދީގެންކަމެވެ.

[47](ގ) ފަނަރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި މިނިވަންކަން ޤައިދުކޮށް ހިފަހައްޓައި، ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް އިންތިޚާބުވިއިރު ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކޮށްފިނަމަ، ކައުންސިލްގެ މެންބަރުކަމުން ވަކިވާނެ ކަމަށް އޮތް އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ހަމައިންކަން ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ނުކުތާތަކަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅުމަކީ މިމައްސަލައިގައި ވަކިގޮތެއް ކަނޑައެޅުމުގައި އަހުރެން ޢަމަލުކުރަންޖެހޭ މިންގަނޑުކަމާ އަދި ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޚިލާފުނުވާގޮތަށްކަން ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްދީފައިވާ ކަންކަމީ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގެ ކޯޓުތަކުންވެސް މިފަދަ މައްސަލަތަކުގައި ބަލަމުންދާ ހަމަތަކާއި ދާދި އެއްގޮތް ހަމަތަކެއް ކަމާއި، މިނިވަން ޑިމޮކްރަޓިކް އެތައް ޤައުމެއްގައިމެ ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ޤާނޫނު ހެދިފައިވާކަމާއި އެ ގޮތުން، އިންޑިޔާ ޤާނޫނުއަސާސީގެ ދިހަ ވަނަ ޝެޑިއުލްގައި، އިންތިޚާބްވުމަށްފަހު ޕާޓީ ބަދަލުކުރުން މަނާކުރާކަމާއި އިންތިޚާބްވިއިރު ހުރި ޕާޓީން ވަކިވުން ނުވަތަ ވަކިކުރުމުން އިންތިޚާބްވި ގޮނޑި ގެއްލުމަކީ ޑިމޮކްރަޓިކް ނިޒާމުތަކަށް އާ ކަމެއް ނޫންކަމާއި އެއީ ޑިމޮކްރެޓިކް އުޞޫލާ އެއްވެސް ހަމަޔަކުން ޚިލާފްކަމެއް ނޫންކަމެވެ.

ނޯޓް:

[48]އިންޑިޔާގެ ޤާނޫނުއަސާސީ އަށް ބަލާއިރު އެ ޤާނޫނުއަސާސީގެ ދިހަވަނަ ޝެޑިއުލްގެ ޕެރަގްރާފް 2 ގައި ބުނަނީ:

[49]2. Disqualification on ground of defection. —(1) Subject to the provisions of paragraphs 4 and 5, a member of a House belonging to any political party shall be disqualified for being a member of the House—

[50](a) if he has voluntarily given up his membership of such political party; or

[51](b) if he votes or abstains from voting in such House contrary to any direction issued by the political party to which he belongs or by any person or authority authorised by it in this behalf, without obtaining, in either case, the prior permission of such political party, person or authority and such voting or abstention has not been condoned by such political party, person or authority within fifteen days from the date of such voting or abstention.

[52]ސިންގަޕޫރުގެ ޤާނޫނުއަސާސީ އަށް ބަލާއިރު އެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބުނަނީ:

[53] Article 46 Tenure of Office of Members:

[54](2) The seat of a Member of Parliament shall become vacant

[55](b) if he ceases to be a member of, or is expelled or resigns from, the political party for which he stood in the election; ބަންގްލަދޭޝްގެ ޤާނޫނުއަސާސީ އަށް ބަލާއިރު އެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ބުނަނީ:

[56] 70. Vacation of seat on resignation, etc.

[57](1) A person elected as a Member of Parliament at an election at which he was nominated as a candidate by a political party shall vacate his seat if he resigns from that party or votes in Parliament against the party.

މިހެންނެވެ.

[58](ޒ) ސޯޅަވަނަ ކަމަކީ، އިސްވެ ނޯޓުކުރި ޤައުމުތަކުގެ ޤާނޫނުއަސާސީގެ މިބުނި މާއްދާތަކަށް ބަލާއިރު، ޚުދު މި ޤައުމު ތަކުގެ ޤާނޫނުއަސާސީތަކުގައިމެ އިންތިޚާބުވިއިރު އެމީހަކު ހުރި ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ހުރި ޕާޓީއަކުން ވަކިކުރުމުން، މަޤާމް ގެއްލޭ އުޞޫލު ޤާއިމްކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ. ދިވެހިރާއްޖެއާ ދާދި އެއްގޮތަށް އިލެކްޓޯރަލް ސިސްޓަމް އޮންނަ، އިންޑިޔާ އަދި ސިންގަޕޫރު ފަދަ "ފަސްޓް ޕާސްޓް ދަ ޕޯސްޓް" ނުވަތަ އެންމެ ގިނަ ވޯޓު ލިބޭ މީހާ އިންތިޚާބުވާ ގޮތަށް ޤާނޫނު ބައްޓަންކޮށްފައި ހުންނަ ޤައުމު ތަކުގައިމެ، ސިޔާސީ ޕާޓީއިން ވަކިވުން ނުވަތަ ވަކިކުރުން އެއީ އިންތިޚާބް ވެފައިވާ މަޤާމް ގެއްލޭ ޙާލަތެއްކަމަށް ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައި އެބަހުރިކަމާ އަދި ސައުތް އެފްރިކާ ފަދަ ނޮމިނޭޝަން ސިސްޓަމް ހުރި ޤައުމް ތަކުގައިމެ މިފަދަ މާއްދާތައް ހުރިކަން އަހުރެން ފާހަގަ ކުރަމެވެ.

[59](ސ) ސަތާރަވަނަ ކަމަކީ، ސިޔާސީ ޕާޓީ އެއްގެ ޓިކެޓުގައި އިންތިޚާބްކުރެވޭ މީހަކު، އެމީހަކު ނިސްބަތްވާ ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކޮށްފި ނަމަ، މެންބަރުކަން ގެއްލޭ ގޮތަށް އިންޑިޔާގެ ޤާނޫނުއަސާސީ އަށް 1985 ވަނަ އަހަރު ގެނެވުނު އިސްލާޙްގެ މަގްޞަދާ ގުޅޭގޮތުން އިންޑިޔާގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ:

[60]“The object is to curb the evil of political defections motivated by lure of office or other similar considerations which endanger the foundations of our democracy.” Kihoto Hollohan v Zachillhu AIR 1993 SC 412 މާނަޔަކީ: "މިކަމުގެ (އިންޑިޔާގެ ޤާނޫނުއަސާސީ އަށް ގެނެވުނު އިޞްލާޙް ގެ) މަޤްޞަދަކީ، މަޤާމުގެ ބޭނުންކޮށް ފައިދާ ހޯދުމުގެ ދަހިވެތިކަމުގައި، ސިޔާސީ ވިސްނުމާއި ފިކުރު އަދި/ނުވަތަ ސިޔާސީ ޕާޓީ ބަދަލުކުރުމުގެ ސުންޕާ ބަލި ހުއްޓުވުމާއި އަހަރުމެންގެ (އިންޑިޔާގެ) ޑިމޮކްރަސީގެ ބިންގަލަށް ނުރައްކާވާ އެފަދަ އެހެނިހެން ކަންކަން ހުއްޓުވުމެވެ." (ޕި) އަށާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާ ތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙްގެނައުމުގެ ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު މަޙްލޫފް އެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެއްކަމާއި މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސްތަކަށް ބަލާއިރު، އަހުރެންނަށް ދޭހަވަނީ، މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުގެ ބޭނުމަކީ ލޯކަލް ކައުންސިލްތަކުގެ ހިންގުމަށް ހަމަޖެހުން ގެނައުމާ؛ އަދި ރައްޔިތުންގެ މަޖިލީހުގައި އިސްވެ ބުނި، އިންޑިޔާގެ ސުޕްރީމް ކޯޓުގެ ނިންމުމުގައި ފާހަގަކުރި ފަދަ ވިސްނުން ހުރިކަމެވެ.

[61]ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުގުތާތައް އެހެން ހުރުމާއެކު، ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ދެވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއީ ޚިލާފް މާއްދާއެއްކަމަށް ކަނޑައަޅަންޖެހޭނެ އެއްވެސް ސަބަބެއް އަހުރެންނަށް ނުފެނުނު ހިނދު އަދި ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު)، އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްވެސް ފުށުއެރުމެއް ނުވާގޮތުގެ މަތީން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ޤާނޫނެއް ކަމަށް އަހުރެންނަށް ފެނުނު ހިނދު ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙްގެނައުމުގެ ޤާނޫނު) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފް ޤާނޫނެއް ނޫންކަމަށް ބުނެ އަހުރެންގެ ރަޢުޔު އިއްވަމެވެ.

[62]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives ވެބްސައިޓް: URL: www.supremecourt.gov.mv | ފެކްސް: Fax: + 960 3008554 | ފޯން: + 960 3009990

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ބ)
  • ޤާނޫނު ނަންބަރު 2/2011 (ޤާނޫނު ނަންބަރު 7/2010 އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ