—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-S/31
ދަޢުވާކުރާ ފަރާތް: އިސްމާޢީލް ވިޝާމް
ދަޢުވާލިބޭ ފަރާތް: ޖުޑީޝަލް ސަރވިސް ކޮމިޝަން
ތަދައްޚުލުވި ފަރާތް: މުޙައްމަދު ނަޝީދު
މައްސަލައިގެ ބާވަތް: އިދާރީ ނިންމުން ރިވިއުކުރުން
މައްސަލަ އައިގޮތް: ބެލެނިވެރިކަމުގެ އިޙްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 4 ނޮވެމްބަރ 2011
ރަޖިސްޓްރީކުރެވުނު ތާރީޚް: 6 ނޮވެމްބަރ 2011
ނިމުނު ތާރީޚް: 4 ޑިސެމްބަރ 2012
މައްސަލަ ނިންމި ގަޑި: 13:20
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ
މިމައްސަލައަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު JSC-B1/11/40 (24 މާރޗް 2011) ނިންމުމުގެ ދަށުން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުން ހުޅުމާލޭގައި ހުރި މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، މެޖިސްރޭޓް ކޯޓެއްގެ ގޮތުގައި އެކޯޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށާއި، އަދި ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމްކުރަން ޖެހޭ މަސައްކަތް އުއްތަމަ ފަނޑިޔާރުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްނޫންކަމުގައި ކަނޑައަޅައި ދެއްވުމަށް އެދި މ. ހަނީޑިއު އިސްމާޢީލް ވިޝާމް ސިވިލްކޯޓަށް ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު 675/Cv-C/2011 ގެ ޤަޟިއްޔާ ސިވިލް ކޯޓުން ކުރިއަށް ގެންދިޔުމުގައި އެކޯޓުގެ އިޚްތިޞާޞް އަދި މަޞްލަޙަތާ ފުށޫއަރާކަންތައްތަކެއް ހުރިކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވޭ ކަމަށް ބުނެ ސިވިލް ކޯޓުގެ ނަންބަރު 675/Cv-C/2011 ޤަޟިއްޔާގެ ދަށުން ހުށަހަޅާފައިވާ މައްސަލައަކީ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަމާއްދާގެ (ހ)ގެ (3) ވަނަ ނަންބަރުގެ ދަށުންނާއި، އަދި މަތީ މަރްޙަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީގޮތުގެ ޤަވާޢިދުގެ ޖަދުވަލުގެ 4 ވަނަ ނަންބަރުގައިވާގޮތުގެ މަތިން ސުޕްރީމް ކޯޓުން މެނުވީ ގޮތެއް ކަނޑައެޅޭނެ މައްސަލައެއްކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނުދެކޭތީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކުން ސުޕްރީމް ކޯޓަށް ލިބިދޭ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 675/Cv-C/2011 ގެ ޤަޟިއްޔާގެ ދަށުން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައަޅައި ދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެދި ހުށަޅައިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލެވިފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލައިގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުންނާއި އިސްމާޢީލް ވިޝާމުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ގ. ކެނެރީގޭ މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް އޮތަތީ އެފަރާތުން މިމައްސަލާގައި ތަދައްޚުލް ވުމުގެ ހުއްދަ ހޯދައި ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި ޤާނޫނު އަސާސީއަށާއި މިމައްސަލާގައި ތަޠްބީޤުވަނިވި އެންމެހައި ޤާނޫނުތަކަށާއި އުޞޫލުތަކަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ރިއާޔަތްކުރިއިރު އަންނަނިވި ނުގުތާތައް ފާހަގަކުރެވިފައިވެއެވެ.
މިމައްސަލައަކީ ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމެއް ދުސްތޫރީގޮތުން ޞައްޙަކަމާމެދު ސުވާލު އުފައްދައިގެން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްކަމާއި އެކޯޓަށް މިމައްސަލަ ބެލުމުގެ އަޞްލީ އިޚްތިޞާޞް ނެތްކަމަށް ބުނެ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިސާސް ގެދަށުން ބަލައިދިނުން އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން އެ ހުށަހެޅުމުގެ މައްޗަށް ބެލި ބެލުމުގައި މިއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ޢަދްލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ ތެރޭގައި ޤާއިމްވެފައިވާ ކޯޓެއް ދުސްތޫރީގޮތުން ޞައްހަ ނޫންކަމަށް ކޮށްފައިވާ ދަޢުވާއަކަށްވާތީ، މިއީ ދުސްތޫރީ މައްސަލައެއްކަމާއި މިފަދަ ދުސްތޫރީ މައްސަލަ ބެލުމަކީ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް އޮތްކަމެއްކަން ސާފުކޮށް އެނގެން އޮންނާތީއާއި ފުރަތަމަ މަރްހަލާގެ ކޯޓެއް ޤާއިމްވެފައި އޮތް އޮތުމުގެ ސައްޙަކަން ބެލުމުގެ އިޚްތިޞާޞް ހަމަ އެމަރްޙަލާގެ އެހެން ކޯޓަކަށް ލިބިގެން ނުވާނެކަން ކަނޑައެޅިގެން އެނގޭތީއާއި މިމައްސަލަ ބެލުމުގެ އަސްލީ އިޚްތިޞާޞް އޮތީ ސުޕްރީމް ކޯޓަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، ބެލެނިވެރިކަމުގެ އިޙްތިޞާޞް (ސުޕަވައިޒަރީ
ޖުރިސްޑިކްޝަން) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ ސުޕްރީމް ކޯޓުގެ ނަންބަރު 2010/01/SC ސަރކިއުލަރއަށް ރިޢާޔަތްކޮށް މިމައްސަލަ އޮތްގޮތަށް ސުޕްރީމް ކޯޓަށް ގެނެސް ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ގެދަށުން ބެލުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމާއި، މިމައްސަލައިގެ މައުޟޫޢަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމްކުރުމަށް ނިންމި ނިންމުން ޞައްހަކަން ނުވަތަ ނޫންކަން ބެލުން ކަމަށްވާތީއާއި މި ދަޢުވާގައި ހިމެނޭ ފަރާތަކުން މިނޫން މައްސަލައެއް ބެލުމަށް އެދި ހުށަހަޅާފައިވެސް ނުވާތީ މިނޫން ކަމެއް ބެލުން މި މައްސަލާގައިހިމެނިފައި ނުވާކަމަށް ކަނޑައަޅާފައި އޮންނަކަމެވެ.
ދެވަނަ ކަމަކީ، މިމައްސަލައަކީ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ދަށުން ބަލާ ޢާއްމު މަޞްލަޙަތާ ގުޅުންހުރި ދުސްތޫރީ މައްސަލައަކަށްވާތީއާއި، މި މައްސަލައިގެ ބާވަތުން ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުން މި މައްސަލަ ބަލަން ނިންމާފައިވުމާއެކު، މިމައްސަލައިގެ މައުޟޫޢަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނިންމުމެއް ކަމަށްވާތީ، ސުޕްރީމް ކޯޓުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ ފަނޑިޔާރު މިމައްސަލަ ބެލުމުން ތަނާޒުލުވާން ޖެހޭތޯ ބެލިއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އންތިޚާބުކުރާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި،ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކާއި، ދައުލަތުގެ ބަންޑާރަނައިބާއި، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީ ވަކީލެއްގެ މައްޗަށް ކަމާއި މީގެ ތެރެއިން އެކި އެކި ދުސްތޫރީ މުއައްސަސާތަކުން ތިއްބަވާ މެމްބަރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ތިއްބަވަނީ އެ މެމްބަރުން ނިސްބަތްވާ މުއައްސަސާގެ ހައިޘިއްޔަތުންކަމާއި މިއިން އެއްވެސް މެމްބަރަކު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރަކަށްވާތީ އެކޮމިޝަނުގެ ނިންމުމަކާގުޅިގެން، އެ މެމްބަރަކު ނިސްބަތްވާ މުއައްސަސާއަކުން ބަލާކަމެއްގައި ނުވަތަ ނިންމާ ނިންމުމެއްގައި އެ މެމްބަރަކު ބައިވެރިވުމާއި ރައުޔުދިނުން މަނާކުރާ ޤާނޫނީ ޤާއިދާއެއް ނެތްކަމާއި އަދި އެފަދަ ބައިވެރިވުމެއްގެ ސަބަބުން އެމުއައްސަސާއެއްގެ ނިންމުމެއްގެ މުސްތަޤިއްލުކަމަށް އަޘަރު ފޯރާކަމަށް ބެލެވޭ އުޞޫލެއް އޮތްކަމަށް ނެތުމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިސާސްތަކުގެ ދަށުން އެކޮމިޝަނުން ނިންމާ ނިންމުމަކީ ވަކި މެމްބަރެއްގެ ނިންމުމެއް ނޫންކަމާއި، އެ ކޮމިޝަނުގެ އިޚްތިސާސްގެ ތެރެއިން ނިންމާ ދައުލަތުގެ ޢާންމު މަސްލަޙަތާގުޅޭ ޕަބްލިކް ލޯގެ ނިންމުމަކީ ވަކި މެމްބަރެއްފެ ޒާތި މަޞްލަޙަތު އޮންނަ ނިންމުމެއް ކަމަށް ބެލެވޭނެ އުޞޫލެއް ނެތަތީ އަދި މިމައްސަލައަކީ އެކޮމިޝަނަށް މިކޯޓުން ކަނޑައަޅާފައިވާ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅިފައިވާ ދަޢުވާއެއް ނޫންކަން އެނގެން އޮންނާތީ، މިމައްސަލައަކީ އެފަނޑިޔާރުގެ ޙާއްސަ ޒާތީ މަސްލަޙަތަކާ ފުށުއެރުމުގެ ސަބަބުން އެފަނޑިޔާރު އިލްޒާމީގޮތެއްގައި ތަނާޒުލުކުރުމުގެ ޖާގައޮތް މައްސަލައެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމެވެ.
ތިންވަނަ ކަމަކީ، މިމައްސަލާގައި އިސްމާޢީލް ވިޝާމްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އިޖްރާއީގޮތުން ދެ އިޢުތިރާޟެއް ހުށަހަޅާފައިވާކަމާއި، މީގެ ތެރެއިން އެއް އިޢުތިރާޟަކީ މިމައްސަލަ ބެލުމުގައި ސުޕްރީމް ކޯޓުގެ އިޚްތިޞާޞް އޮތްގޮތާމެދު ހުށަޅާފައިވާ އިޢުތިރާޟްކަމާއި ދެވަނަ އިޢުތިރާޟަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މި މައްސަލަ ބެލުމުގައި ބައިވެރިވުމާމެދު ހުށަހެޅި އިޢުތިރާޟްކަމާއި މި ދެ އިޖްރާއީ ނުކުތާގައި ސުޕްރީމް ކޯޓުން ފައިސަލާކޮށްފައިވާތީ އެދެ އިޢުތިރާޟް ބަލައި ގެންފައިނުވާކަމެވެ.
ހަތަރުވަނަ ކަމަކީ، މިމައްސަލައަކީ ޤާނޫނުއަސާސީން އުފައްދާފައިވާ މިނިވަން މުއައްސަސާއަކަށް ޤާނޫނުއަސާސީން ލބިދޭ ބާރުތަކާއި އިޙްތިޞާޞްތަކުގެ ދަށުން ނިންމާފައިވާ ނިންމުމެއްގެ ދުސްތޫރިއްޔަތުކަމާއި (constitutionality)، މަޝްރޫޢިއްޔަތު (legality) ކަމާމެދު ސުވާލު އުފައްދާފައިވާ މައްސަލައެއްކަމާއި ޤާނޫނުއަސާސީން އިޙްތިޞާޞްތަކާއި ބާރުތައް ލިބިދީފައިވާ މިފަދަ އެއްވެސް މުއައްސަސާއެއްގެ ނިންމުމުގެ ދުސްތޫރިއްޔަތުކަން ނުވަތަ ޞައްޙަކަމާމެދު ކަމާބެހޭ ދުސްތޫރީ ކޯޓަކުން ޖުޑީޝަލް ރިވިޔުކޮށް އެއީ ޤާނޫނުއަސާސީއާ އެއްގޮތް ނިންމެއް ނޫންކަމަށް ކަނޑަނާޅާހާހިނދަކު އެފަދަ ނިންމުމެއް ބާޠިލް ކަމުގައި އެއްވެސް ފަރާތަކަށް ބަލާނެ އެއްވެސް ހަމައެއް ނެތްކަމާއި މިކަން ޤާނޫނު އަސާސީގެ 144 ވަނަ މާއްދާއިން އިތުރަށް ކަށަވަރުވާކަމާއި، ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން ނިންމާ ނިންމުންތަކާއި ޤަރާރުތަކުގެ މަޝްރޫޢިއްޔަތާއި ދުސްތޫރިއްޔަތު އަދި ޞައްހަކަން ޖުޑީޝަލް ރިވިޔު އުޞޫލުން ބެލުމުގައި އަންނަނިވި މިންގަނޑުތަކަށް ރިޢާޔަތްކުރަންވާނެކަން އެނގެން އޮންނަ އޮތުމެވެ.
(ހ) އެނިންމުމެއް ނިންމީ ނުވަތަ އެ އެންގުމެއް އެންގީ އެނިންމުމެއް ނިންމުމުގެ އިޙްތިޞާޞް ޤާނޫނީ ގޮތުން އޮތް ފަރާތަކުންތޯ؟
(ށ) އެ ނިންމުމެއް ނިންމުމުގައި ނުވަތަ އެ އެންގުމެއް އެންގުމުގައި ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ޝަކްލީ (ފޯރމަލިޓީ) ގޮތުންނާއި އިޖްރާއީ (ޕްރޮސީޖަރަލް) ގޮތުން ތަބާވުން ލާޒިމް ކޮށްފައިވާ ކަންތައްތަކަށް ތަބާ ވެފައިވޭތޯ؟
(ނ) އެ ނިންމުމަކީ އެ ނިންމުމެއް ނިންމި އިރު، ޢަމަލު ކުރެވޭ އެއްވެސް ޤާނޫނަކާ ޚިލާފު ޢަމަލެއްތޯ؟
(ރ) އެ ނިންމުމެއް ނިންމުމުގައި އިޚްތިޔާރީ ބާރުގެ ބޭނުން ނުރަނގަޅު ގޮތުގައި ނުވަތަ ނާޖާއިޒް ގޮތުގައި ބޭނުންކޮށް ޤާނޫނީ ގޮތުން އެ މަގްސަދަކަށްޓަކައި އެނިންމުން އޮންނަން ޖެހޭ އިންތަކުން އެނިންމުން ބޭރު ވެފައިވޭތޯ؟
(ބ)އެ ނިންމުން ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއްގެ މައްޗަށް ކަމަށް ވާނަމަ އެ ޙަޤީޤަތް އެގޮތަށް ހުރިތޯ؟
(ޅ) އަދި އެނިންމުން ބިނާކުރި ޤާނޫނީ ސަބަބުތައް ޞައްޙަތޯ؟
ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ހ) އިން ދިވެހިރާއްޖޭގެ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރުގައި ހިމެނޭ ފުރަތަމަ މަރްޙަލާގެ ކޯޓުތައް ކަނޑައަޅާނީ ޤާނޫނަކުން ކަން ސާފުކޮށް އެނގެން އޮންނައޮތުމެވެ.
ހަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 286 ވަނަ މާއްދާގައި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ހިނގަމުން އައި ކޯޓުތައް، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން އުފައްދާ ކޯޓުތައް އުފައްދާންދެން އެގޮތުގައި ދެމި ހުންނާނެ ކަމަށް ބާޔާންވެފައި އޮންނައޮތުމާއި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު ރާއްޖޭގައި ދަށު ކޯޓުތަކުގެ ތެރޭގައި، މާލޭގައި ހުރި މަދަނީ ކޯޓާއި، ޖިނާއީ ކޯޓާއި، ޢާއިލާއާއިބެހޭ ކޯޓާއި، ކުޑަކުދިންނާބެހޭ ކޯޓާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމް ކުރެވިފައިވާ ރަށު ކޯޓުތައް ހިމެނިފައިވާކަމާ އަދި ހުޅުމާލޭ ކޯޓު މިނަމުގައި ކޯޓެއް ހުޅުމާލޭގައި ހިނގަމުން އައިސްފައިވާކަމާއި، ޖިނާއީ މައްސަލަތައް ފިޔަވައި ރަށު ކޯޓުތަކުން ބަލާ ހުރިހާ ބާވަތެއްގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞްތައް އެކޯޓަށް ލިބިފައި އޮތްކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި ހުޅުމާލޭ ކޯޓުން ނިންމާފައި ހުރި ޤަޟިއްޔާތަކުންނާއި ދިވެހިރާއްޖޭގެ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރުންނާއި އެ ބާރުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކޯޓު އެޑްމިނިސްޓްރޭޓް ކޮށްފައިވާގޮތަށް ބެލުމުން އެއްވެސް އޮޅުމެއްނެތި އިންތިޤާލީ މަރުޙަލާގައި ހުޅުމާލޭ ކޯޓުގެ މައްޗަށް އެހެނިހެން ދަށުމަރުޙަލާގެ ކޯޓުތަކަށް ތަޠްބީޤު (apply) ވާ ޤާނޫނުއަސާސީގެ 286 ވަނަ މާއްދާ އެޕްލައިވާކަމާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނުނު) އަށް ޢަމަލުކުރުމާ ހަމައަށްވެސް ހުޅުމާލޭ ކޯޓު އެގޮތުގެ މަތިން ހިނގަމުން އައިސްފައިވާކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ދިވެހިރާއްޖޭގެ ޢަދްލު އިންޞާފު ޤާއިމް ކުރުމުގެ ބާރުން އަދި އެބާރުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެ ކޯޓު ހިންގާފައިވާގޮތަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
ހަތްވަނަ ކަމަކީ، 7 އޮގަސްޓް 2008 ގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ދިވެހިރާއްޖެ، އިދާރީ 21 ދާއިރާއަށް އިދާރީގޮތުން ބަހާލާފައިވާކަމާއި، މީގެ ތެރޭގައި ރާއްޖޭގައި ކުރިއްސުރެ އިދާރީ ގޮތުން އޮތް 20 އަތޮޅާއި މާލެ (ވިލިނގިއްޔާއި، ހުޅުމާލެ ހިމެނޭ ގޮތަށް) ޖުމުލަ 21 ދާއިރާ ހިމެނިފައިވާކަން ޤާނޫނުއަސާސީގެ ޖަދުވަލު 2 އިން ސާފުކޮށް އެނގޭކަމާއި، މިއިން ކޮންމެ އިދާރީ ދާއިރާއެއްގައި ވަކި ރަށްރަށް ހުރިކަމާއި އެގޮތުން ވެރިކަން ކުރާރަށް މާލެ މިރަށިގެ އިދާރީ ދާއިރާގެ ތެރޭގައި، ވިލިނގިއްޔާއި، ހުޅުމާލެ ހިމަނާފައިވާކަން އެނގޭކަމާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 67 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ޖުޑީޝަލް ދާއިރާތައް ކަނޑައަޅާފައިވާކަމާއި މި މާއްދާގައި ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައިވާ ކޮންމެ އިދާރީ ދާއިރާއެއް އެއީ ޖުޑީޝަލް ދާއިރާއެއްކަމަށް ކަނޑައަޅާފައިވާ ކަމާ އެހެންކަމުން މާލެއަކީ ޖުޑީޝަލް އެއްދާއިރާކަމާއި މި ޖުޑީޝަލް ދާއިރާގައި މާލެއާއި، ވިލިނގިއްޔާއި، ހުޅުމާލެ ހިމެނިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
އަށްވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ން ކަނޑައަޅާފައިވާ ޖުޑީޝަލް ދާއިރާތަކަކީ އެޤާނޫނުން ކަނޑައެޅިފައިވާ ދާއިރާތަކެއްކަމާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގައި މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަށު ކޯޓުތަކުގެ ގޮތުގައި ހިންގަމުން އައި ކޮންމެ ކޯޓެއް، އެޤާނޫނުގެ 52 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުވެ، މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެރަށު ކޯޓެއްގައި ތިބި މުވައްޒަފުންނާއި އެ ރަށު ކޯޓެއްގެ މަސައްކަތް މި ޤާނޫނުގެ ދަށުން އުފެދުނު މެޖިސްޓްރޭޓް ކޯޓަށް ބަދަލުވެ، އެކޯޓުގައި ނުނިމި ހުރި މައްސަލަތައްވެސް އެހިނދުން ފެށިގެން އެ މެޖިސްޓްރޭޓް ކޯޓަށް ބަދަލުވީކަމަށް އޮތުމުން އެ ޤާނޫނަށް ޢަމަލުކުރެވެން ފެށުމުގެ ކުރީގައި ހުޅުމާލޭގައި ހިނގަމުން އައިސްފައިވާ ހުޅުމާލޭ ކޯޓަކީ ހުޅުމާލޭގައި ހުރި ފުރަތަމަ މަރުޙަލާގެ ކޯޓަކަށް ވުމުން ކޯޓުތަކުގެ ޤާނޫނުގެ މި މާއްދާގައި ބުނެފައިވާ "ކުރިން ރަށުކޯޓެއްގެ ގޮތުގައި ހިންގަމުން އައި ކޯޓެއް" މި ލަފުޘު ނުވަތަ މިޑެފިނިޝަން ހުޅުމާލޭ ކޯޓުގެ މައްޗަށް އެޕްލައިނުވާނެ އެއްވެސް ސަބަބެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
ނުވަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 67 ވަނަ މާއްދާގެ (ހ) ގައި ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކުރާ ކޮންމެ އިދާރީ ދާއިރާއަކީ ވަކި ޖުޑީޝަލް ދާއިރާއެއް ކަމަށް ބަޔާންކުރުމަށްފަހު ޖުޑީޝަލް ދާއިރާގެ މަޤްސަދަކީ މެޖިސްޓްރޭޓް ކޯޓުތަކުގެ މަސައްކަތް އިންތިޒާމްކޮށް ތަރްތީބުކުރުމާއި އެކޯޓުތަކުގެ އިދާރީ ހިންގުން ފަސޭހަކުރުން ކަމަށް ކަނޑައެޅިގެން އެމާއްދާގައި ބަޔާންކޮށްފައި އޮތުމުން ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައިވާ އިދާރީ ދާއިރާތަކުގެ ތެރޭގައި ހިމެނޭ 21 އިދާރީ ދާއިރާގެ ތެރެއިން އިދާރީ ދާއިރާކަމުގައިވާ މާލެ( ވިލިގިއްޔާއި، ހުޅުމާލެ ހިމެނޭގޮތަށް) މި ޖުޑީޝަލް ދާއިރާއަށްވެސް ދިވެހިރާއްޖޭގެ އެހެނިހެން ޖުޑީޝަލް ދާއިރާތަކުގައި ކޯޓު ޤާއިމްވާ އުޞޫލު ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ އަކުރުތަކާއި ރޫޙާ އެއްގޮތްވާގޮތަށް އެއްހަމައަކުން ތަޠްބީޤުވާކަން އެނގެން އޮންނަ އޮތުމެވެ.
ދިހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 67 ވަނަ މާއްދާގެ (ށ) ގައި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީނަމަވެސް ޖުޑީޝަލް ދާއިރާތަކުގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކަށް ޢައްޔަންކުރާނެ މެޖިސްޓްރޭޓުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުމުގައި ރިޢާޔަތްކުރާނެ ކަމަށް ކަނޑައަޅާ ބަޔާންކޮށްފައިވާ އުޞޫލުގައި އާބާދީއާއި ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތް ފަދަ ކްރައިޓީރިއާ ހިމެނޭކަމާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 66 ވަނަ މާއްދާގައި އެޤާނޫނުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ އެފަދަ ކޯޓުތަކުގެ އިޚްތިޞާޞްތަކަކީ އެމާއްދާގައި ކަނޑައަޅާފައިވާ އިޖްރާއުގެ ދަށުން އުނި އިތުރު ގެނެވޭ އިޚްތިޞާޞްތަކެއްކަން އެ މާއްދާއިން އެނގެން އޮތުމުން އެކްސެސް ޓު ޖަސްޓިސް ނުވަތަ ޢަދްލު އިންސާފަށް ފަސޭހައިން ވާސިލުވުމަކީ އިސްލާމީ ޝަރީޢަތާއި، ޤާނޫނުއަސާސީންނާއި އިންސާނި ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދެވޭ އަސާސީ ޙައްޤެއްކަމާއި އަސާސީ ޙައްޤުތައް ލިބިދިނުމުގެ އަސާސީ ކްރައިޓީރިއާގެ ގޮތުގައި އިސްލާމީ ޝަރީޢަތާއި ހުރިހާ ތަމައްދުން ވެފައިވާ ދީމިޤްރާޠީ މުޖްތަމަޢުތައް އެއްބަސްވާ އަސާސަކީ ޤާނުނުގެ ކުރިމަތީގައި ހަމަހަމަކަން އޮތުންކަމާއި، އެގޮތުން ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ މި ދުސްތޫރީ އުޞޫލު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާތީ ޢަދްލު އިންސާފުގެ ޚިދްމަތް ދޭ ކޯޓުތައް ޤާއިމް ކުރުމުގައިވެސް ދިވެހިރާއްޖޭގެ ހުރިހައި ރަށަކާއި އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޢަދްލު އިންޞާފުގެ ޚިދުމަތްދޭ ކޯޓުތައް ޤާއިމްކުރުމުގައި ލާޒިމްވެގެންވަނީ ޢަދްލުވެރި އެއްއުޞޫލަކާއި އެއްހަމައެއް ނުވަތަ އެއްކްރިޓިރިއާ އޮތުންކަން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން އެނގެން އޮތުމާއެކު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގައި ޖުޑީޝަލް ދާއިރާތަކެއް އެއް އުޞޫލަކުން ކަނޑައަޅާއި މީހުން ދިރިއުޅޭ ރަށްތަކުގެ އާބާދީ ނުވަތަ ދިރިއުޅޭ މީހުންގެ ޢަދަދާއި ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތް ނުވަތަ ޢަދަދު ފަދަ ކްރައިޓީރިއާއަށް ރިޢާޔަތްކުރުން ލާޒިމްކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
އެގާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި ހަދާފައިވާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅައި، އިޢުލާންކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައި އޮތްއޮތުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކެއް އިދާރީ ގޮތުން ކަނޑައަޅާފައި އޮންނަ އޮތުމަކީ، ޖުޑިޝަލް ދާއިރާތަކާއި ކޯޓުތައް އުފެއްދުމުގައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ކްރައިޓީރިއާތަކާ ޚިލާފުވުން ހުއްދަވާ ކަމެއް ނޫންކަން އެނގޭކަމާއި ކޯޓުތައް ކަނޑައެޅޭނީ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އާއި، ކޯޓެއް ކަނޑައަޅާ ޤާނޫނަކުން ކަމަށްވާއިރު، މީހުން ދިރިއުޅޭ ވަކި ރަށެއް އެއީ އިދާރީގޮތުން އެހެން ރަށަކާ އެއްރަށެއްކަމަށް އިދާރީ ގޮތުން ކަނޑައެޅުނުކަމުގައި ވިޔަސް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 63 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ރަށެއްގައި ހަތަރު ސުޕްރީއަރ ކޯޓުގެ ހަތަރު ޑިވިޜަން އެޤާނޫނުގެ 53ވަނަ މާއްދާގެ (ނ) ގެ ދަށުން ޤާއިމްވެ ހަމަވެފައިވާ ރަށަކަށް ނުވާނަމަ އެރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެކަމަށް ސާފުބަހުން ބުނެފައި އޮތުމުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ މަޤްޞަދަށްޓަކައި މާލެ ދާއިރާގައި ހިމެނޭ ވިލިނގިއްޔާއި ހުޅުމާލެއަށްވެސް މިމާއްދާ ތަޠްބީޤު ވާނެކަން މި މާއްދާއިން އެނގޭކަމާއި، މީހުން ދިރިއުޅޭ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަން ވާނެކަމަށް އެ މާއްދާގައި އޮތުމަކީ ފަހަރެއްގައިވެސް އިދާރީ އެއްދާއިރާއެއްގައި ނުވަތަ އިދާރީ ގޮތުން އެއްރަށެއްކަމަށް ހިމެނޭ ބޮޑު ސަރަޙައްދެއްގައި ވަކިން ހުންނަ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓެއް ހުރުން މަނާކުރުން ނޫންކަމާއި މާލޭ ޖުޑީޝަލް ދާއިރާގައި ވަކިން އޮތް މީހުން ދިރިއުޅޭ ރަށެއް މޭލެ ބައެއް ނުވަތަ މާލޭގެ އަވަށެއް ކަމުގައި އިދާރީ ގޮތުން ކަނޑައެޅުނުކަމުގައިވިޔަސް، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެރަށެއްގައި ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޜަން ޤާއިމްވެފައިނެތްނަމަ ރާއްޖޭގެ އެހެނިހެން ޖުޑީޝަލް ދާއިރާތަކުގައި ހިމެނޭ ރަށްތަކެކޭ އެއްފަދައިން އެރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަން ނުޖެހޭ އެއްވެސް ސަބަބެއް ނެތަތީ ހުޅުމާލޭގައި ސުޕީރިއަރ ކޯޓުތަކުގެ ހަތަރު ޑިވިޜަން ޤާއިމްވެ ހަމަވެފައި ނުވާނަމަ މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެކަން އެނގޭކަމާއި ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޜަނުގައި ނުހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓެއް މާލޭ ޖުޑީޝަލް ދާއިރާގައި ހިމެނޭ ސަރަޙައްދުގައި ހުރުން މުޠްލަޤްގޮތުގައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 63 ވަނަ މާއްދާއިން މަނާވާކަމަށް އެމާއްދާ މާނަ ނުކުރެވޭނެކަން އެ މާއްދާގެ ނައްޞުން އެނގެން އޮންނަ އޮތުމެވެ.
ބާރަވަނަ ކަމަކީ، ހުޅުމާލެއަކީ މާލޭގެ އަވަށެއް ނުވަތަ ބައެއްކަމުގައި އިދާރީ ގޮތުން ކަނޑައެޅުނުކަމުގައިވިޔަސް ހުޅުމާލެއަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ވުރެ ބޮޑު ރަށަކަށް ވެފައި ގިނަ އާބާދީތަކަށް ވުރެ ބޮޑު އާބާދީއެއް ހިމެނޭ މާލެއާ ޖިއޮގްރަފީ ގޮތުން ވަކިން އޮންނަ ރަށަކަށް ވެފައި އެއަށްވުރެ މާ ކުދި، އާބާދީ ކުޑަ، އަދި ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތް މަދު ރަށްރަށުގައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 67 ވަނަ މާއްދާއާއި 63 ވަނަ މާއްދާގައިވާގޮތުގެ މަތިން މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެކަމަށް ޤަބޫލުކުރެވޭއިރު، އަދި ހުޅުމާލޭގައި 2007 އިން ފެށިގެން ފުރަތަމަ މަރުޙަލާގެ ކޯޓެއް ހިނގަމުން އައިސްފައިވާކަން އެނގޭ އިރު، ހުޅުމާލޭގައި ހުރުން ރަނގަޅީ ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޜަންކަމަށް ޤަބޫލުކުރެވޭ ނަޒަރިއްޔާއެއް އޮތުމަކީ ހުޅުމާލޭގައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ހުރި މެޖިސްޓްރޭޓް ކޯޓު ބާޠިލުކަމުގައި ބެލެވެން ޖެހޭ ސަބަބެއް ނޫންކަމާއި، ވަކިގޮތަކަށް ކަމެއް އޮތުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ފެނުމަކީ ޤާނޫނަކުން ވުޖޫދުވެފައިވާ ޤާނޫނީ ޙަޤީޤަތެއް ބާޠިލުވުމަށް ކާފީ ސަބަބެއް ނޫންކަމާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ހުޅުމާލޭގައި ހުރި މެޖިސްޓްރޭޓް ކޯޓަކީ ދިވެހިރާއްޖޭގެ ޢަދްލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ ތެރޭގައި ޤާނޫނީ ގޮތުން ޤާއިމްވެ، އެ ކޯޓަށް ޤާނޫނާ އެއްގޮތަށް ލިބިފައިވާ އިޚްތިޞާޞްތަކުގެ ދަށުން ގިނަ ޤަޟިއްޔާތަކެއްގައި، ފައިޞަލާކުރަނިވި ނިންމުންތަކެއް ނިންމައި އަދި އެ ނިންމުންތަކަށް ކަނޑައެޅި ނިޔާގެ ޤާނޫނީ ބާރު ލިބި ރެސް ޖުޑިކާޓާ އުޞޫލުން މަތީ މަރުޙަލާގެ ކޯޓުތަކުގައި އިސްތިއުނާފް ކުރުމާއި ތަޢުނު ކުރުމުގެ އެންމެހައި މަގުތައް ބަންދުވާ އެތައް ޤަޟިއްޔާތަކެއް ވާކަމާ އަދި މީގެތެރޭގައި މީހުންގެ ޙައްޤުތައް ކަނޑައެޅި ސާބިތުވެ އިސްތިޤްރާރުވެފައިވާ ޤަޟިއްޔާތައްވެސް ހިމެނިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ތޭރަވަނަ ކަމަކީ، ޢަދްލު އިންސާފަށް ފަސޭހައިން ވާސިލުވުމުގެ ޙައްޤަކީ އަސާސީ ޙައްޤަކަށްވެފައި ހަމަ އެހެނިހެން އަސާސީ ޙައްޤުތަކެކޭ އެއްފަދައިން މިއަސާސީ ޙައްޤުތައް ލިބިދިނުމުގެ އަސާސަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންވެފައިވާ، ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން އޮތުން ނުވަތަ ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބިދިނުން ކަމަށް ވާތީ އަސާސީ ޙައްޤުތައް ލިބިދިނުމުގައި އެޙައްޤުތައް ލިބިދެވޭ ރައްޔިތުންގެ މެދުގައި ތަފާތު އުޞޫލުތަކެއް ޤާއިމް ނުކުރެވޭނެތީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެއް ހަމައަކުން އެއް އުޞޫލަކުން ޢަދްލު އިންޞާފުގެ ޚިދްމަތް ދިނުމުގެ ކްރައިޓީރިއާ ޤާއިމްކުރުމަށް ބުރަވެފައިވާކަމާ އެގޮތުން މީހުން ދިރިއުޅޭ ކޮންމެރަށެއްގައިމެ، މެޖިސްޓްރޭޓް ކޯޓެއް ހުރުމާއި އާބާދީގެ ނިސްބަތާއި މައްސަލަ ހުށަހެޅޭ ނިސްބަތް ފަދަ އުޞޫލަކީ ހުރިހައި ޙާލަތެއްގައިމެ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެއްހަމައަކުން އެއް އުޞޫލަކުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ހުރިހައި ރައްޔިތުންގެ މެދުގައި އެއްގޮތަކަށް ޢަމަލުކުރުމަށްޓަކައި ތަބާވުން ލާޒިމް ކްރައިޓީރިއާ ކަމާއި އެގޮތުން ޢަދްލު އިންޞާފަށް ވާޞިލުވުމުގެ ޙައްޤު ހުރިހައި ރަށެއްގައިވެސް، ދިރިއުޅޭ މީހުންނަށް ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޚިދުމަތް އެއް އުޞޫލަކުން އެއްހަމައަކުން ފޯރުކޮށް ދިނުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ މަޤްޞަދުގައި ހިމެނޭކަން ކަނޑައެޅިގެން އެނގެން އޮތްއިރު، މާލެއާ ވަކިން އޮތް ހުޅުމާލެއަކީ އިދާރީ ގޮތުން މާލެއާ އެއްރަށަކަށް ހަމަޖެހިފައިވުމަކީ ޢަދްލު އިންސާފަށް ވާޞިލުވުމުގައި އެހެން ރަށް ރަށުގައި އުޅޭ މީހުންނާ އެރަށުގައި އުޅޭ މީހުން ތަފާތުކުރެވޭ އަދި އެހެން ރަށްރަށުގެ މީހުންނަށް ވުރެ އިތުރު އުނދަގުލާއި ތަކްލީފު އުފުލަން ޖެހޭގޮތަކަށް ނުވަތަ ވަކި ކްރައިޓީރިއާއެއް އެޕްލައި ކުރެވެގޮތަކަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 63 ވަނަ މާއްދާ މާނަކުރެވޭނެ ހަމައެއްނެތުމާއި މި މާއްދާގައި "ހަތަރު ސުޕީރިއަރ ކޯޓު ޤާއިމްވެފައިވާ މާލެ" ހަތަރު ހިމަނައިގެން "ހަތަރު ސުޕީރިއަރ ކޯޓު ޤާއިމްވެފައިވާ މާލެ" މި ނައްޞު މާނަކުރެވޭނެ އެއްވެސް ޤާނޫނީ އަދި ޝަރްޢީ ހަމައެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
ސާދަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމަށްފަހު ހުޅުމާލޭގައި ހުރި މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައި އޮތްކަމާއި އެކަން ހުއްޓާފައިވަނީ ދިވެހިރާއްޖޭގެ ޢަދްލު އިންޞާފު ޤާއިމް ކުރުމުގެ ބާރުގައި ހުޅުމާލޭގައި ސުޕީރިއަރ ކޯޓުތަކުގެ ހަތަރު ޑިވިޜަން ޤާއިމް ކުރުމާމެދު ބަޙުޘުކުރެވި އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކަމާއި، އެހެން އެކަން އޮއްވައި އެކަން ނިމުމަކަށް ގެނެސް މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގައި އެކޯޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށާއި ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތް އުއްތަމަ ފަނޑިޔާރުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިޔުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި ޤާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 2 ވަނަ މާއްދާއިން ދަށުކޯޓުތައް ކަނޑައަޅާނީ ޤާނޫނަކުން ކަން ސާފުކޮށް އެނގެން އޮތްއިރު، ހުޅުމާލޭ ކޯޓު ނުވަތަ އެއްވެސް ކޯޓެއް ކަނޑައެޅުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިޞާޞެއް ނޫންކަން އެނގޭކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިޚްތިޞާޞަކީ ޤާނޫނާ އެއްގޮތަށް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަން ކުރުން ކަން އެނގޭކަމާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުން ހުޅުމާލޭގައި ހިނގަމުން އައި ކޯޓު މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުވާނެކަމާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޜަން ހުޅުމާލޭގައި ޤާއިމްވެ ހަމަނުވާހައި ހިނދަކު، އެކޯޓު ދެމިހުންނާނެކަން އެނގެން އޮންނަ އޮތުމާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުމާލޭ ކޯޓު މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގައި ހިންގުމަށް ނިންމުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އިސްފަރާތްކަމަށްވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބަޙުޘްކޮށް، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފަސޭހައިން ޢަދްލު އިންސާފާއި ހަމައަށް ވާޞިލުވެވޭނެ މަގު ފަހިކޮށްދިނުމަކީ ޤާނޫނުއަސާސީއިން ލާޒިމްކުރާ ކަމަކަށްވާތީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ޢަދްލު އިންޞާފު ލިބިގަތުމަށްޓަކައި އެހެން ރަށަކަށް ދާން ޖެހުމަކީ އެރަށުގެ ރައްޔިތުންގެ އަސާސީ ޙައްޤަކާ ހިލާފުކަމެއްކަމަށް ވާތީ ސިވިލް ކޯޓަށް ހުށަހެޅިފައި އޮތް މި މައްސަލަ ނިމުމުގެ ކުރީގައިވެސް ހުޅުމާލޭ ކޯޓު މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ އިދާރީ ކަންތައްތައް ފުރިހަމަކުރަން ފެންނާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ބޭނުންވާ އިދާރީ ކަންތައްތައް މިހާރުން މިހާރަށް ފުރިހަމަކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން 3 މެއި 2011 ގައި ނިންމާފައިވާކަން ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ޔައުމިއްޔާއިން އެނެގެން އޮންނަ އޮތުމެވެ.
ޙުކުމް:
އިސްވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގައި ފުރަތަމަ މަރްޙަލާގެ ކޯޓުތައް ކަނޑައަޅަނީ ޤާނޫނަކުން ކަމަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިޞާޞަކީ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން ކަމަށާއި، ހުޅުމާލޭއަކީ އިދާރީގޮތުން މާލޭގެ ބައެއްކަމަށް ކަނޑައެޅިފައިވީނަމަވެސް ހުޅުމާލެއަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ކަނޑައަޅާފައިވާ ޖުޑީޝަލް ދާއިރާއެއް ކަމަށްވާ މާލޭ ޖުޑީޝަލް ދާއިރާގައި އޮތް މީހުން ދިރިއުޅޭ ވަކިރަށަކަށް ވާތީއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ވަކިރަށް ރަށްރަށުގައި ޢަދްލު އިންސާފަށް ރައްޔިތުންނަށް އެއްހަމަތަކަކުން އެއްއުޞޫލަކުން ވާޞިލުވުމަށް ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ން ކަނޑައެޅިފައިވާ ކްރައިޓީރިއާތަކުން ހުޅުމާލެއާއި ހުޅުމާލޭގައި އުޅޭ ރައްޔިތުން ތަފާތު ކުރެވޭނެ ޤާނޫނީ ހަމައެއް ނެތަތީއާއި، ހުޅުމާލޭގައި ސުޕީރިއަރ ކޯޓުތަކުގެ ހަތަރު ޑިވިޜަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ޤާއިމްވެފައިނުވާތީ، ހުޅުމާލޭގައި ޤާއިމްވެފައިވާ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޤާއިމްވެފައިވާ ޞައްޙަ ކޯޓެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައިފީމެވެ.
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިންއާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ތަފާތުވި ރަޢުޔު
މިއީ، މާލެއަކީ ސުޕީރިއަރ ކޯޓު ޤާއިމްވެފައިވާ ރަށަކަށްވާތީއާއި، އެރަށުގައި މެޖިސްޓްރޭޓްކޯޓެއް އަލުން ޤާއިމްކުރުމަކީ ކޯޓުތަކުގެ ޤާނުނުގެ 63 ވަނަ މާއްދާ ތަންދޭކަމަކަށް ނުވާތީއާއި،ޤާނޫނުއަސާސީއާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޤަރާރާއި، އަދި ޢަމަލުކޮށް، ކަންކުރަމުންއަންނަގޮތަށް ބަލާއިރު، ވިލިނގިއްޔާއި ހުޅުމާލެއަކީ މާލޭގެ ބައެއް ނުވަތަ މާލެކަމުގައި، ޤާނޫނީގޮތުންކަންކުރަމުން އައިސްފައިވަނިކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުމާލެއާއި ވިލިގިނލީގައިމެޖިސްޓްރޭޓް ކޯޓެއް ޤާއިމްކުރަން ނިންމި ނިންމުމަކީ ޤާނޫނީގޮތުން ކުރެވިދާނެކަމެއް ނޫންކަމުގައި ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓަށް މ. ހަނީޑިއު އިސްމާއިލް ވިޝާމް މި މައްސަލަ ހުށަހަޅާފައި ވަނިކޮށް، މިމައްސަލަ ސިވިލް ކޯޓުން ކުރިއަށް ގެންދިއުމުގައި އެކޯޓުގެ އިޚްތިޞާޞް އަދި މަސްލަޙަތު ފުށުއަރާ ކަންތައްތަކެއް ހުރިކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވޭކަމަށް ބުނެ، އެކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. އަދި މިމައްސަލާގެ ކެނެރީގެ މުޙައްމަދު ނަޝީދު ތަދައްޚުލު ވެފައިވެއެވެ.
މި މައްސަލަ ބެލުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުންނާއި، އިސްމާޢީލް ވިޝާމްއާއި، އަދި މުޙައްމަދު ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލައާ ގުޅިގެން ދެއްކި ވާހަކަތަކަށާއި، ހުށަހެޅިފައި ހުރި ލިޔެކިޔުން ތަކަށާއި، ޤާނޫނުއަސާސީއަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ރިޢާޔަތްކުރުމުގެ އިތުރުން، މި މައްސަލައަކީ ސީދާ ޖުޑީޝަރީއާއި ގުޅުންހުރި މައްސަލައަކަށްވާތީ، ހުޅުމާލެ ކޯޓު އުފެދިގެން އައިގޮތް ދިރާސާކުރުމަށްޓަކައި ހޯދުނު އެކަމާގުޅުންހުރި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ފުރަތަމަ ކަމަކީ، 29 ޖެނުއަރީ 2007 ގައި މިނިސްޓްރީ އޮފް ޖަސްޓިސްގެނަންބަރު 21-A/1/2007/35 ސިޓީން ހުޅުމާލޭގައި އަލަށް ކޯޓެއް ޤާއިމްކުރުމުގެ ކަންކަން ހަމަޖައްސައި ދިނުމަށާއި އެކޯޓަށް މުވައްޒަފުންވެސް ހަމަޖައްސައި ދިނުމަށާއި އެކޯޓަށް ދައުރުކުރާގޮތަށް މެޖިސްޓްރޭޓަކު ގެނައުމުގެ ހުއްދައަކަށާއި އަދި ސިޓީގައި ޖަހާނެ ނަންބަރެއް ދިނުމަށްއެދި މިނިސްޓްރީ އޮފް ޖަސްޓިސް އިން ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ އޭރުގެ ވިސްނުމަކީ ހުޅުމާލޭގައި ކޯޓެއް ޤާއިމްކޮށްގެން ޝަރުޢީ ޚިދުމަތް ދިނުންކަމާއި، އޭރުގެ ދުސްތޫރީ ނިޒާމުގެ ދަށުން ކޯޓުތައް އުފެއްދުމުގެ ބާރު ކުރީގެ ޤާނޫނުއަސާސީގެ ދަށުން ޙަވާލުކުރެވިފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވެފައި ހުޅުމާލޭގައި، ޝަރުޢީ ދާއިރާގެ ޚިދުމަތް ދިނުމުގެ ގޮތުން ރައީސުލްޖުމުހޫރިއްޔާ އޭރު ނިންމަވާފައި ވަނީ މާލޭގައި ހުރި ކޯޓުތަކުގެ ގޮތްޕެއް ނުވަތަ ބްރާންޗެއް ހުޅުމާލޭގައި ޤާއިމްކުރަންކަމާއި ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާ ޢަދަދަކަށް ކަނޑައަޅާ ތަނެއްގައި ޝަރީޢަތް ހިންގާ ކޯޓުތައް އުފެއްދިދާނެކަމަށް ކުރީގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމާއި، ނަމަވެސް މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި އޭރުވެސް ޤާއިމް ކުރެވިފައިވާފަދަ ރަށުކޯޓެއް ހުޅުމާލޭގައި ޤާއިމްނުކުރީ ރަށުކޯޓުތައް ޤާއިމް ކުރުމުގައި އޭރު ބަލަމުން އައިސްފައިވާ އުޞޫލުން ހުޅުމާލޭގައި ރަށުކޯޓެއް ޤާއިމް ނުކުރެވޭނެތީކަން އެނގެން އޮންނަކަމާއި ރަށުކޯޓެއް އުފެއްދުމުގައި އޭރު ބަލަމުން އައިސްފައިވާ އުޞޫލުން ރަށުކޯޓެއް އުފެއްދެނީ އެރަށަކީ މީހުން ދިރިއުޅޭ ރަށެއްގޮތުގައި ވަކިން ރަޖިސްޓްރީ ކުރެވިގެންކަމާއި ހުޅުމާލެއަކީ އޭރުވެސް މީހުންއާބާދުވެ، ދިރިއުޅޭ ތަނެއްކަމުގައި ވިއަސް މީހުންދިރިއުޅޭ ރަށެއްގޮތުގައި ހުޅުމާލެ ރަޖިސްޓްރީ ކުރެވިފައިނުވާތީއާއި، އަދި މާލޭގެ އަވަށެއްގެ ގޮތުގައިވެސް ހުޅުމާލެ، އޭރު ހަމަޖެހިފައި ނުވާތީ، މާލޭ ކޯޓުތަކުގެ ގޮތްޕެއް ގޮތުގައި ހުޅުމާލޭ ކޯޓު ހަމަޖައްސާފައި ވަނީކަންރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ނަންބަރު 21/2007/49 ޕީއެސްޑީ-1 ސިޓީން އެނގޭކަމާއި ހުޅުމާލޭ ކޯޓު، މާލޭ ކޯޓުތަކުގެ ގޮތްޕެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ހަމަޖެއްސިއިރު، އެކޯޓުގައި ޤާޟީއެއްގެ މަޤާމު އުފައްދާފައިވާކަމާއި ޤާޟީގެ މަޤާމަށް ދާއިމީ މުވައްޒަފަކު ހަމަޖެހެންދެން ކޮންމެ ހަމަހަކުން ދައުރުވާގޮތަށް ރަށުކޯޓެއްގެ މެޖިސްޓްރޭޓަކު ހަމަޖެއްސުމަށް އަންގާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 21/2007/49 ޕީއެސްޑީ-1 ސިޓީން އެނގޭކަމާއި އެކޯޓުގައިރަށުކޯޓުގެ މަޖިސްޓްރޭޓަކު މަސައްކަތް ކުރާގޮތަށް ހަމަޖައްސާފައި ވަނީ ވަގުތީގޮތުންކަން 22 މާޗް 2007ގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން މިނިސްޓްރީ އޮފް ޖަސްޓިސްއަށްފޮނުވާފައިވާ ނަންބަރު 2007/57/ޕީއެސްޑީ-1 ގެ ސިޓީން އެނގޭކަމާއި ހުޅުމާލޭ ކޯޓަށް މެޖިސްޓްރޭޓުންހަމަޖައްސަމުން އޭރުގޮސްފައި ވަނީ މާލޭގެ ހުރިހާ ކޯޓުތަކެއްގައިވެސް އޭރު ރަށުކޯޓުތަކުގެ މެޖިސްޓްރޭޓުން މަސައްކަތް ކުރަމުން ދިޔަ އުޞޫލުންކަމަށް ބެލެވޭކަމެވެ.
ދެވަނަ ކަމަކީ، ހުޅުމާލޭ ކޯޓު ހިންގަމުން އައިސްފައިވާ ގޮތަށް ބަލާއިރު، އެކޯޓަކީ މާލޭގެ ކޯޓުގެ އިސް ޤާޟީންގެ ބެލުމުގެ ދަށުން ހިންގަމުން އައިސްފައިވާ ކޯޓެއްކަން އެނގެންއޮންނަކަމާއި މިކަން 04 ފެބްރުއަރީ 2009 ގެ ޖުޑީޝަލް ސަރވިސް ނަންބަރު195-A/146/2009/07 ސިޓީން އެނގޭކަމާއި ހުޅުމާލޭކޯޓަކީ މާލޭގެ ކޯޓުތަކުގެ ގޮތްޕެއްގެ ގޮތުގައިރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ހަމަޖައްސާފައި އޮތްއޮތުމުގެ މައްޗަށް ބިނާކޮށް، ހުޅުމާލޭކޯޓު، ޢާއިލާއާބެހޭކޯޓުގެ ގޮތްޕެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހު، ޢާއިލާއާބެހޭކޯޓުގެ އިސްޤާޟީގެ ބެލުމުގެ ދަށުން އެކޯޓުހިންގާގޮތަށް 06 އެޕްރީލް 2009 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާކަންއެކޮމިޝަނުގެ ނަންބަރު 195-A/146/2009/14 ސިޓީން އެނގެން އޮންނަކަމާއި ހުޅުމާލެކޯޓު،މާލޭކޯޓުތަކުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ހަމަޖައްސަވާފައިވާތީ، އެގޮތުގެމަތިންއެކޯޓު ހިންގުން ޢާއިލާއާބެހޭ ކޯޓުގެ ސެކްޝަނެއްގެ ގޮތުގައި ހަމަޖެއްސުމާއެކު، އެކޯޓުގެ ބަޖެޓާއިމުވައްޒަފުން ޢާއިލާއާބެހޭ ކޯޓާއި ޙަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން 02 ޖުލައި 2009ގައި ނިންމާފައިވާކަން އެކޮމިޝަނުގެ ނަންބަރު 195-A/198/2009/28 ސީޓިން އެނގެން އޮންނަކަމާއިނަމަވެސް އެކޮމިޝަނުން ފަހުން ހަމަޖައްސާފައި ވަނީ އެކޯޓުގައި މެޖިސްޓްރޭޓުން ވަގުތީގޮތުން މަސައްކަތްކުރަމުންއައި އައުން ނިމުމަކަށް ގެނެސް ދާއިމީ މެޖިސްޓްރޭޓަކު އެކޯޓުގައި މަސައްކަތް ކުރާގޮތަށްކަމާއި މިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު 195-A/146/2010/4 (03 މާރޗް 2010) ގެ ސިޓީން އެނގޭކަމާއި، ދާއިމީ މެޖިސްޓްރޭޓަކު އެކޯޓަށް ހަމަޖެއްސުމާއި ހަމައިން އެކޯޓުގެ ހިންގުންޢާއިލާއާބެހޭ ކޯޓުގެ އިސްޤާޟީއާ ހަވާލުކޮށްފައި އޮތްއޮތުންވެސް ނިމުމަކަށް ގެނެސްފައިވާކަން އެނގެންއޮންނަކަމާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ހުޅުމާލޭ ކޯޓުގެ މަސައްކަތްވަގުތީގޮތުން ހުއްޓިފައި އޮތްއޮތުން، ނިމުމަކަށް ގެނެސް، ކޯޓުތަކުގެ ޤާނޫނުގެ 62 ވަނަ މާއްދާއާއި، 63ވަނަ މާއްދާއާއި، 67 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނުއަސާސީގެ ޖަދުވަލު (2) އާއި، އިދާރީދާއިރާތަށްލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޖުޑީޝަލްސަރވިސް ކޮމިޝަނުން ހުޅުމާލޭ ކޯޓު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގޮތުގައި މަސައްކަތް ކުރާގޮތަށް 28މާރޗް 2011 ގައި ނިންމާފައިވާކަން އެކޮމިޝަނުގެ ނަންބަރު 195-A/198/2011/11 ސިޓީން އެނގެން އޮންނަކަމެވެ.
ތިންވަނަ ކަމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ބާރުތަކާއިމަސްއޫލިއްޔަތުތައް ލިބިދެނީ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިންނާއި، ޖުޑީޝަލް ސަރވިސްކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ފިޔަވައި އެމާއްދާގެ ދެންހުރި އަކުރުތަކުން ކަމާއި މީގެއިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ޖުޑީޝަލްސަރވިސް ކޮމިޝަނާއި މަތިކުރެވިފައިވާ ޒިންމާކަމާއި އެކޮމިޝަނަށް ލިބިދީފައިވާ ބާރުތަކާއިމަސްއޫލިއްޔަތާއި ޒިންމާތަކަށް ބަލާއިރުވެސް ކޯޓެއް އުފެއްދުމާއި ކޯޓެއް އުވާލުމާއި، ހުރި ކޯޓެއްގެ ޙައިޘިއްޔަތަށް ބަދަލެއް އަތުވެދާފަދަ ކަމެއް ކުރުމުގެ ބާރާއި އިޚުތިޔާރެއް ލިބިދޭފަދަ މާއްދާއެއް ނެތްކަންއެނގެން އޮންނަކަމެވެ.
ހަތަރުވަނަ ކަމަކީ، ކޯޓުތަކުގެ ޤާނޫނުގެ 62 ވަނަ މާއްދާއަކީ އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަށުކޯޓުތަކުގެ ގޮތުގައި ހިނގަމުންއައި ކޯޓުތައް، އެޤާނޫނުގެ ދަށުން އުފައްދާމެޖިސްޓްރޭޓް ކޯޓުތަކަށް އެޤާނޫނުގެ ބާރުން ބަދަލުވެގެންދާނެކަމަށް ބަޔާންކުރާ މާއްދާކަމާއި އެޤާނޫނުގެ 63 ވަނަ މާއްދާއަކީ މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެ ރަށްތައް ބަޔާންކުރާ މާއްދާކަމާއި، އަދި 67 ވަނަ މާއްދާގެ (ހ) އަކީ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކުރާ ކޮންމެ އިދާރީ ދާއިރާއަކަށް ވަކި ޖުޑީޝަލް ކޯޓުތަކުގެ މަސައްކަތްތައް އިންތިޒާމްކޮށް ތަރުތީބުކުރުމާއި، އަދި ޖުޑީޝަލް ދާއިރާގައި ހިމެނޭ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުރަން ފެށުމުން އުފެދުނީކަމަށް ބުނާ އަކުރެއްކަމާއި މި މާއްދާތަކަށް ބަލާއިރުވެސް މިއިން އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގެބާރު 53 ވަނަ މާއްދާގެ (ނ) ގެ ދަށުން އުފައްދާ ސުޕީރިއަރ ކޯޓުގެ ޑިވިޜަން އުފައްދާ ހާލަތު ފިޔަވައި، އެ ކޮމިޝަނަށް ލިބިދީފައިނުވާކަން އެނގެން އޮންނަކަމެވެ.
ފަސްވަނަ ކަމަކީ، ރަށުކޯޓުތައް މެޖިސްޓްރޭޓް ކޯޓުތަކަށް ބަދަލުވުމާބެހޭގޮތުންނާއި، އަދި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމާބެހޭގޮތުން ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރެވިފައިވާ އުޞޫލުތަކަށް ބަލާއިރު، ކޯޓުތަކުގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބުނަނީ ކޯޓުތަކުގެ ޤަނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަށުކޯޓުތަކުގެ ގޮތުގައި ހިނގަމުންއައި ކޮންމެ ކޯޓެއް ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުފައްދާ މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުވާނެކަމާއި، ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެރަށުކޯޓެއް ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓެއް އުފެދުނީކަމާއި މީގެއިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 63 ވަނަ މާއްދާގައި ވަނީ ހަތަރު ސުޕީރިއަރ ކޯޓު ޤާއިމްކުރެވިފައިވާ މާލެއާއި އެ ހަތަރު ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޜަން ޤާއިމްކުރެވިފައިވާ ރަށްރަށް ފިޔަވައި ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައިމެ މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެކަމާއި، ކޯޓުތަކުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ބ) ގައި ވަނީ ހަތަރު ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޜަން ރަށެއްގައި ހަމަޔަށް ޤާއިމްވެއްޖެ ހިނދެއްގައި އެރަށެއްގެ މެޖިސްޓްރޭޓް ކޯޓު އުވިގެންދާނެކަމާއި، އަދި ރަށެއްގައި ޤާއިމްކުރެވުނީ ސުޕީރިއަރ ކޯޓުގެ ޑިވިޜަންތަކުގެ ތެރެއިން ޑިވިޜަނެއް ކަމުގައިވާނަމަ، އެ ޤާއިމްކުރެވުނު ޑިވިޜަނެއްގެ އިޚްތިޞާޞްސްއާގުޅޭ މައްސަލަތައް ބަލާނީ މެޖިސްޓްރޭޓް ކޯޓުގެ ބަދަލުގައި އެ ޑިވިޜަނަކުންނެވެ.
ހަވަނަ ކަމަކީ، ކޯޓުތަކުގެ ޤާނޫނުގެ 67 ވަނަ މާއްދާއިން ޖުޑީޝަލް ދާއިރާތައް އުފައްދާފައިވަނީ މާލޭ ޖުޑީޝަލް ދާއިރާ ފިޔަވައި އެހެން ޖުޑީޝަލް ދާއިރާތަކުގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގެ މަސައްކަތްތައް އިންތިޒާމްކޮށް ތަރުތީބުކުރުމާއި، އަދި ޖުޑީޝަލް ދާއިރާގައި ހިމެނޭ ކޯޓުތަކުގެ އިދާރީހިންގުން ފަސޭހަ ކުރުމަށްކަން ކޯޓުތަކުގެ ޤާނޫނުގެ 67 ވަނަ މާއްދާއިން އެނގޭކަމާއި، އަދި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ޖުޑީޝަލް ދާއިރާ އުފެދުނީކަން މިމާއްދާއިން އެނގޭކަމާއި ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކުރާ ކޮންމެ އިދާރީ ދާއިރާއަކީ ވަކި ޖުޑީޝަލް ދާއިރާއެއްކަމާއި، ޖުޑީޝަލް ދާއިރާ ކަނޑައެޅޭނީ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި އިދާރީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެމައްޗަށް ކަމާއި، ޤާނޫނުއަސާސީގެ ޖަދުވަލު 2 އަށް ބަލާއިރު، ވިލިނގިއްޔާއި، ހުޅުމާލޭ ހިމެނޭގޮތުން މާލެއަކީ އެއް އިދާރީ ދާއިރާކަމާއި، އަދި މާލެއަތޮޅަކީވެސް (ވިލިނގިއްޔާއި ހުޅުމާލެ އާއި މާލެ ނުހިމެނޭގޮތަށް) ވަކި އިދާރީ ދާއިރާއެއްކަމާއި، އެހެން ޖުޑީޝަލް ދާއިރާތަކާއި ޚިލާފަށް ވިލިނގިއްޔާއި ހުޅުމާލޭ ހިމެނޭގޮތުން މާލެ ދާއިރާގައި ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުފެއްދޭނީ ސުޕީރިއަރ ކޯޓުތައްކަން އެޤާނޫނުގެ 53 ވަނަ މާއްދާއިން އެނގެން އޮންނަކަމެވެ.
ހަތްވަނަ ކަމަކީ، ކޯޓުތަކުގެ ޤާނޫނުގެ 63 ވަނަ މާއްދާގައި ހަތަރު ސުޕީރިއަރ ކޯޓު ޤާއިމްކުރެވިފައިވާ މާލެއާއި، ހަތަރު ސުޕީރިއާކޯޓުގެ ހަތަރު ޑިވިޜަން ޤާއިމްކުރެވިފައިވާ ރަށްރަށް ފިޔަވައި، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައިމެ މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، މިމާއްދާގައި ބަޔާންކޮށްފައިވާ މީހުން ދިރިއުޅޭރަށް ކަނޑައެޅުމުގައި ބެލެނީ މީހުންދިރިއުޅޭ ރަށް ކަނޑައެޅުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތަކަށްކަމާއި ކޯޓުތައް ގުރޫޕްކުރެވިފައިވާ ޖޫޑިޝަލް ދާއިރާ ކަނޑައެޅުމުގައިވެސް ބެލޭނީ އިދާރީ ދާއިރާތަށް ކަނޑައެޅުމުގައި ބަލާ އުޞޫލުންކަމާއި، ވަކި ރަށެއް މީހުން ދިރިއުޅޭ ރަށެއް ގޮތުގައި ކަނޑައެޅިގެން ދަނީ ޤާނޫނީގޮތުން ކަނޑައަޅާ ގޮތެއްގެ މަތިންކަމާއި، ހުޅުމާލެ، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ޤާނޫނީގޮތުން ކަނޑައަޅާފައި ނެތްކަމާއި، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ދާއިރާގައި ޤާނޫނީގޮތުން ހުޅުމާލެއާއި، ވިލިނގިލި ހިމަނާފައި ވުމުން، ޤާނޫނުއަސާސީގައި ރާއްޖޭގެ ވެރިރަށްގޮތުގައި މާލެ ބަޔާންކޮށްފައިވާ މަފުހޫމްގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވިލިނގިލި ހިމެނޭނެކަމެވެ.
އަށްވަނަ ކަމަކީ، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަކީ ދިވެހިރާއްޖޭގެކޯޓުތަކަށް ލިބިގެންވާ ބާރެއްކަމާއި އެގޮތުން ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހާ ބާރުތައް އޮތީސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށުކޯޓު ތަކަށްކަމަށް ޤާނޫނުއަސާސީގެ141 ވަނަ މާއްދާގެ (ހ) ގައި ޞަރީޙަ ނައްޞުން ބަޔާންކޮށްފައިވާކަމާއި، ޝަރީޢަތްކުރާ ކޯޓު ކަމުގައިބެލެވެނީ ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން،ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، ޤާއިމްކޮށްފައިވާ ތަންތަންކަމެވެ.
ނުވަވަނަ ކަމަކީ، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު، ހިނގަމުން އައިކޯޓުތަށް ދެމިއޮންނާނީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން އުފައްދާ ކޯޓުތައް އުފައްދާންދެންކަމަށް ޤާނޫނުއަސާސީގެ 286 ވަނަ މާއްދާގައި ބުނެފައި ވާއިރު، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައިބުނެފައިވާ ކޯޓުތަކަކީ ސުޕްރީމް ކޯޓާއި، ހައިކޯޓާއި ޤާނޫނަކުން ކަނޑައަޅާފައިވާ ކޯޓުތައް ކަމާއި މިމާއްދާގައި ބަޔާކޮށްފައިވާ ޤާނޫނަކުން ކަނޑައަޅާފައިވާ ކޯޓުތައް އުފެދެނީ ކޯޓުތަކުގެ ޤާނޫނުގެ ދަށުންނާއި، އަދި ވަކިކޯޓެއް އުފެއްދުމަށް ބަޔާންކުރާ ޤާނޫނުނެއްގެ ދަށުންކަމާއި ކޯޓުތަކުގެ ޤާނޫނުގެ ދަށުން ޤާޢިމްކުރެވޭ ދަށުކޯޓުތަކަކީ އެޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ފެމެލީ ކޯޓާއި، ޖުވެނައިލް ކޯޓުކަމާއި، އަދި މެޖިސްޓްރޭޓް ކޯޓުތަކަކީ މާލެ ފިޔަވާއި ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުފެއްދި ދެވަނަ ގިންތީގެ ދަށުކޯޓުތަކެއްކަމެވެ.
ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުނުއިރު،ދަށުކޯޓުތައް ގޮތުގައި ޤާއިމްވެފައި ހުރި ދަށުކޯޓުތަކަށް ޤާނޫނީ ޙައިޘިއްޔަތު ލިބިދީފައިވާ ގޮތުގެ މައްޗަށްބަލާއިރު، މާލޭގައި ޤާއިމްކުރެވިފައި ހުރި ދަށުކޯޓުތައް އެޤާނޫނުގެ ދަށުން އުފެއްދި ސުޕީރިއަރ ކޯޓުތަކަށްޤާނޫނުގެބާރުން ބަދަލުވެފައިވާކަމާއި، އެގޮތުން މަދަނީ ކޯޓު ސިވިލް ކޯޓުގޮތުގައި، ޖިނާއީ ކޯޓު ކްރިމިނަލްކޯޓުގޮތުގައި، ޢާއިލާއާބެހޭ ކޯޓު ފެމެލީ ކޯޓުގޮތުގައި، ކުޑަކުދިންނާބެހޭ ކޯޓު ޖުވެނައިލް ކޯޓުގޮތުގައި ބަދަލުވެފައިވާކަން ކޯޓުތަކުގެ ޤާނޫނުގެ 54 ވަނަ މާއްދާއިން އެނގޭކަމާއި، އަދި ރަށުކޯޓުތައް ގޮތުގައި ޤާއިމްކުރެވިފައި ހުރި ކޯޓުތައް މެޖިސްޓްރޭޓް ކޯޓުތަކަށް ޤާނޫނުގެ ބާރުން ބަދަލުވެފައި ވާކަން ކޯޓުތަކުގެ ޤާނޫނުގެ 62 ވަނަ މާއްދާއިން އެނގޭކަމެވެ.
ވީމާ، އިސްވެބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތް ކުރުމުން، ޝަރުޢީ ދާއިރާގެޚިދުމަތް ދިނުމަށްޓަކައި ހުޅުމާލޭގައި ޤާއިމް ކުރެވުނު ކޯޓަކީ މާލޭ ކޯޓުތަކުގެ ގޮތްޕެއް ނުވަތަ ބްރާންޗެއްގޮތުގައި ޤާއިމުކުރެވުނު ކޯޓަކަށްވާތީއާއި، އަދި އެކޯޓުގައި އުފައްދާފައިވާ މަޤާމަކީ ޤާޟީއެއްގެ މަޤާމުކަމަށް ވާތީއާއި، ޤާނޫނީގޮތުން ހުޅުމާލެއަކީ މާލޭގެބައެއް ގޮތުގައި ކަނޑައެޅިފައިވާ ތަނަކަށް ވާތީއާއި،ހުޅުމާލޭގައި ސުޕީރިއާކޯޓުގެ ގޮތްޕެއް ނުވަތަ ބްރާންޗެއް ހުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުމަނާކުރާކަމަކަށް ނުވާތީއާއި، ކޯޓުތަކުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޯޓުތައްއެޤާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޓުތަކަށް ޤާނޫނުގެ ބާރުން ބަދަލުވެފައިވުމުން،އެއިންކޯޓަކަށް ނުވަތަ ކޯޓުތަކަށް ނިސްބަތްވާ ތަންތަނަށް ޤާނޫނީ ޙައިޘިއްޔަތު ލިބިދިނުމުގައި ކޯޓުތަކުގެޤާނޫނުން ހުއްޖަތް ލިބޭތީއާއި، ހުޅުމާލޭކޯޓު، އެކޯޓު އުފެއްދި ގޮތުގެމަތިން ގޮތްޕެއް ގޮތުގައި ދެމިއޮތުމަށްޤާނޫނީގޮތުން ހުރަސްއަޅާ ސަބަބެއް އޮތްކަމަށް ނުފެންނާތީ، 24 މާޗް 2011 ވަނަ ދުވަހު އޮތް ޖުޑީޝަލްސަރވިސް ކޮމިޝަނުގެ 37 ވަނަ ބައްދަލުމުގައި ހުޅުމާލޭކޯޓަކީ މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގައި ނިންމިނިންމުން ޞައްޙަކަމަށް ބެލެވޭނެ ތަނެއް ނެތެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރަޢުޔު
މި މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ހަތްވަނަ ބާބުގައި ބުނާގޮތުގެ މަތިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށްއެދޭ ފޯމުން، 4 ނޮވެމްބަރު 2012 ގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލޭމައްސަލައެކެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހެޅި މައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތަކީމ. ހަނީޑިއު، އިސްމާޢީލް ވިޝާމްއެވެ. މި މައްސަލައިގެ އަޞްލު ދަޢުވާ ފުރަތަމަ ހުށަހަޅާފައިވަނީއިސްމާޢީލް ވިޝާމްގެ ފަރާތުން، ސިވިލް ކޯޓަށް، 31 މާޗް 2011 ގައެވެ. ސިވިލް ކޯޓަށް އެ މައްސަލަހުށަހެޅުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައިގޮތެއް ކަނޑައަޅައި ދިނުމަށް އެދި 05 މޭ 2011 ގައި ސިޓީއަކުން އެދިފައިވެއެވެ. ޖުޑީޝަލްސަރވިސް ކޮމިޝަންގެ މި އެދުމާއި ގުޅިގެން މި މައްސަލަ އެކަމަށް ކަނޑައެޅިފައިވާ ފޯމުން ދިވެހިރާއްޖޭގެސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ވަނީ ދަންނަވާފައެވެ. ޖުޑީޝަލްސަރވިސް ކޮމިޝަނުން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 4 ނޮވެމްބަރު2012 ގައެވެ. އަހަރާ ހަތްމަސް ފަހުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ސިވިލް ކޯޓަށްހުށަހެޅުނު މައްސަލައިގެ ޤަޟިއްޔާ ނަންބަރަކީ 675/Cv-C/2011 އެވެ.
ސިވިލް ކޯޓަށް އިސްމާޢީލް ވިޝާމް ހުށަހެޅި މައްސަލައިގެ ޚުލާޞާގައި ވަނީ:
"މާލެއަކީ ހަތަރު ސުޕީރިއަރ ކޯޓު ޤާއިމްވެފައިވާ ރަށަކަށްވާތީ، އެރަށުގައި މެޖިސްޓްރޭޓް ކޯޓެއް އަލުން ޤާއިމް ކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 63 ވަނަ މާއްދާ ތަންދޭ ކަމަކަށްނުވާތީ އާއި ޤާނޫނުއަސާސީއާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޤަރާރާއި އަދި ޢަމަލުކޮށް ކަންކުރަމުން އަންނަގޮތަށް ބަލާއިރު، ވިލިނގިއްޔާއި ހުޅުމާލެއަކީ މާލޭގެ ބައެއް ނުވަތަ މާލެ ކަމުގައި ޤާނޫނީ ގޮތުން ކަންކުރަމުން ގޮސްގޮސް ހުއްޓާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުމާލޭއާއި ވިލިނގިލީގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމްކުރަން މިނިންމި ނިންމުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ނޫންކަމުގައި ކަނޑައަޅާ ދެއްވުމަށް އެދި ދަޢުވާ ކުރަމެވެ."
މިފަދައިންނެވެ. ސިވިލް ކޯޓުގެ ނަންބަރު 675/Cv-C/2011 އާ ގުޅިގެން 08 މެއި 2011 ގައި ސިވިލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ސިވިލް ކޯޓުގައި އިޖްރާޢީ ނުގުތާއެއް ނެގިކަން އެނގެއެވެ. އެ ނެގި އިޖުރާއީ ނުގުތާގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނަނީ އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުމުގައި ޤާނޫނީ އެއްވެސް އިޙްތިޞާޞެއް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށާ، މި މައްސަލައިގައި ސިވިލް ކޯޓުގެ މަސްލަޙަތާ ފުށައަރާ ކަންތައްތަކެއް ވެސް ހުރި ކަމަށެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެގި އިޖުރާޢީ ނުގުތާއާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިޖްރާޢީ ގޮތުން ނިންމުމަށް އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ މައްސަލައިގެ މަޢުޟޫއާއި ގުޅުންހުރި، އަދި ޙުކުމަކުން ނިންމެންހުރި ކަންތައްތަކެއްކަމުގައިވާތީ، އެ ކަންތައްތަކާމެދު ޙުކުމަކުން ނޫންގޮތަކަށް ގޮތެއް ކަނޑައެޅެން ނެތްކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަމުންދާ މި މައްސަލައިގެ ތެރެއަށް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ތަދައްޚުލް ވެފައިވެއެވެ. މުހައްމަދު ނަޝީދާއި މި މައްސަލައާ ހުރި ގުޅުން ކަމަށް މުޙައްމަދު ނަޝީދު ބުނަނީ؛ އޭނާގެ މައްޗަށް ދަޢުވާލިބޭގޮތަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވާއިރު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ ސަބަބުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައަށް ސީދާ ގޮތެއްގައި އަސަރުކުރާނެތީއެވެ.
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ދެއްކި ވާހަކަތަކަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތް ކަމަށްވާ އިސްމާޢީލް ވިޝާމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ގ. ކެނެރީގޭ މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ މައްޗަށާއި ކޯޓުތައް އުފައްދާ، ކޯޓުތައް ހިންގައި، ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކޮށް، ކޯޓުތަކުގައި ޝަރީޢަތް ކުރުމުގައި، ތަޙުޒީބު ދުނިޔެ ޤަބޫލުކުރާ ހަމަތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައިކަމާއި ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުގެމަތީން، ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށްކަމާއި، ދިވެހިރާއްޖޭގައި ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށްކަމާ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން މުސްތަޤިއްލު ކޮމިޝަންތަކަކާ އަދި މުސްތަޤިއްލު މަޤާމްތަކެއް އުފައްދާފައިވާކަމާއި މިމުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާއީގައި ކަނޑައެޅި ބަޔާންވެގެންވާ ކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން ޤާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރާއި ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ބާރަށް، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން އުފައްދާފައިވާ މުސްތަޤިއްލު ކޮމިޝަންތަކަށާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ މީހުންނަށް، އެފަރާތްތަކަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނަކުން ލިބިދީފައިވާ ބާރެއް ފިޔަވައި އިތުރު ބާރެއް ލިބިގެންނުވާކަމާ އަދި، މިއިން އެއްވެސް ފަރާތަކަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނަކުން ލިބިދީފައިވާ ބާރެއްގެ ޙުދޫދު ފަހަނައަޅާ ނުދެވޭނެ ކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ސިޔާދަތު ނެގެހެއްޓުމަކީ ރައްޔިތުންގެ މަޖިލީހާއި، ރައީސުލްޖުމްހޫރިއްޔާއާއި، ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ބާރާއި، މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ މީހުން، އަދި އެއްވެސް އިސްތިސްނާއެއް ނެތި ކޮންމެ ދިވެހި ރައްޔިތެއްގެމެ، ވާޖިބަކާއި މަޞްޢޫލިއްޔަތެއްކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ޢަދުލް އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށާއި، އަދި، ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓުތަކަށް ލިބިގެންވާ ބާރެއްކަމާއި، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމާއި ސުޕްރީމް ކޯޓުން ބަލާ ކޮންމެ މައްސަލައެއް ނިންމާންވާނީ އެ މައްސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުންކަމާއި އަމިއްލަ ފަރުދަކުވިޔަސް، އަދި ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މުޖްތަމަޢުގެ އަޙްލާޤީ އުޞޫލުތައް ހިފެހެއްޓުން، ނުވަތަ މުޖްތަމަޢުގެ އަމަންއަމާންކަން ޤާއިމްކުރުން، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުން؛ އަދި ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަޞްލަޙަތު ޙިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަޞްލަޙަތު ރައްކާތެރިކުރުން؛ އަދި ޢާންމުކޮށް ހުޅުވާލައިގެން ޝަރީޢަތް ހިންގައިފިނަމަ، ޢަދުލް އިންޞާފު ޤާއިމްކުރުމަށް އެޅިދާނެ ހުރަހަކުންމިންޖުވުމުން؛ މި އިން ސަބަބުތަކުން ކުރެ ސަބަބަކަށްޓަކައި އެހެންގޮތަކަށް ކޯޓުން ކަނޑައަޅައިފައި ނުވާނަމަ، ކޯޓުތަކުން ނެރޭ ހުރިހައި އަމުރުތަކާއި ޙުކުމްތައް އިއްވާންވާނީ ޢާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައި ކަމާ އަދި ހުޅުވާލެވިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލިސްތަކުން ނެރޭ ކޯޓުގެ އަމުރުތަކާއި ކުރާ ޙުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނާން ހުންނާންވާނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ރ) ކަނޑައެޅިގެން ބުނާ ކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރާ ޤާނޫނުކަމާ އަދި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތަކާއި ހިންގުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ވެސް ޤާނޫނުކަމާއި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ، ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން ކަނޑައަޅާ ދަށު ކޯޓުތަކަށާ އަދި އެ ނޫންވެސް ޤާނޫނަކުން ކަނޑައަޅާ ދަށު ކޯޓުތަކަށްކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން އުފައްދާ ދަށު ކޯޓުތައް މަތީ ގިންތިއާ ތިރީ ގިންތިއަށް ބަހާލެވިފައިވާކަމާ، އަދި މަތީ ގިންތީގެ ކޯޓުތަކަކީ ސުޕީރިއަރ ކޯޓުތައްކަމާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން މާލޭގައި ސިވިލް ކޯޓަކާއި، ކްރިމިނަލް ކޯޓަކާއި، ފެމިލީ ކޯޓަކާއި، ޖުވެނައިލް ކޯޓެއް، ސުޕީރިއަރ ކޯޓުތަކުގެ ގޮތުގައި އުފައްދާފައިވާކަމާއި، ތިރީ ގިންތީގެ ކޯޓުތަކުގެ ގޮތުގައި މެޖިސްޓްރޭޓް ކޯޓުތަކެއްވެސް އުފައްދާފައިވާ ކަމާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 62 ވަނަ މާއްދާ ބުނާގޮތުން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަށު ކޯޓުތަކުގެ ގޮތުގައި ހިނގަމުން އައި ކޮންމެ ކޯޓެއްމެ އެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން މެޖިސްޓްރޭޓް ކޯޓަށް ބަދަލުވެ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެ ރަށު ކޯޓެއް ހުރި ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް އުފެދުނީކަމާއި އަދި އެ ރަށު ކޯޓެއްގައި ތިބި މުވައްޒަފުންނާއި އެ ރަށު ކޯޓެއްގެ މަސައްކަތް އެ ޤާނޫނުގެ ދަށުން އުފެދުނު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ބަދަލުވެ، އެ ކޯޓުގައި ނުނިމިހުރި މައްސަލަތައްވެސް އެހިނދުން ފެށިގެން އެ މެޖިސްޓްރޭޓް ކޯޓަށް ބަދަލުވާނެ ކަމަށް ބަޔާން ކުރާކަމާ އަދި މީގެ އިތުރަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 63 ވަނަ މާއްދާ ބުނަނީ، އެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދާފައިވާ ހަތަރު ސުޕީރިއަރ ކޯޓު ޤާއިމްވެފައިވާ މާލެއާ އެ ހަތަރު ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޜަން އެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ނ) ގެ ދަށުން ޤާއިމްވެހަމަވެފައިވާ ރަށްރަށް ފިޔަވައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާކަމަށެވެ.
(ކ) ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅާފައިވާކަމާއި އެއީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާއި ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމާއި، ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެކުލަވާލުމުގައި އަދި ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރަނގަޅަށް އަދާކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމުގައި ޤަވާޢިދުތައް ހެދުމާއި ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުން ކަމެވެ.
(އ) އަށްވަނަ ކަމަކީ، ހުޅުމާލޭގައި ކޯޓެއް އުފެދުނު ގޮތުގެ ތާރީޚަށް ބަލާއިރު، ހުޅުމާލޭއަކީ އެކަށީގެންވާ އަދަދަކަށް މީހުން ދިރިއުޅޭ ރަށަކަށްވުމާ، ހުޅުމާލޭގައި ޝަރުޢީ ދާއިރާގެ ޚިދުމަތް ދޭން ފެށުމުގެ ގޮތުން ކޯޓެއް ހުޅުވުމުގެ ހުއްދަ ދެއްވުން އެދި، 29 ޖެނުއަރީ 2007 ގައި، އޭރުގެ މިނިސްޓަރ އޮފް ޖަސްޓިސް، މުޙައްމަދު ޖަމީލު އަޙްމަދު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫނު ޢަބްދުލް ޤައްޔޫމަށް، މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 21-A/1/2007/35 ސިޓީ ފޮނުއްވިކަމާއި މިސިޓީގައި ހުޅުމާލޭގައި ޤާއިމް ކުރެވޭ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބައްލަވާ ގޮތަށް ދާއިމީޤާޟީއަކު ލިބެންދެން ކޮންމެ 6 މަހަކުން ދައުރުވާ ގޮތަށް ރަށުކޯޓެއްގެ މެޖިސްޓްރޭޓަކު މާލެ ގެނެސްގެން ހުޅުމާލޭ ކޯޓުގައި މަސައްކަތް ކުރުމަށް ގަސްތުކުރައްވާ ކަމަށް ވިދާޅުވެފައިވާކަމާއި، ހުޅުމާލެއަކީ ވަކި ރަށެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ރަށެއް ނޫންކަމަށާ، އެއީ މާލޭގެ އަވަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ތަނެއްކަމަށް ނުވާތީ، ހުޅުމާލޭ ކޯޓަކީ މާލޭގައި ހުންނަ ކޯޓުތަކުގެ ގޮތްޕެއްގެ ގޮތުގައި ހިންގެވުމަށް ފެނިވަޑައިގަންނަވާކަމަށާއި، މިގޮތުން، ޖިނާއީ މައްސަލަތައް ފިޔަވައި ރަށު ކޯޓުތަކުން ބަލާހުރިހާ މައްސަލަތައް ހުޅުމާލޭ ކޯޓުން ބަލާގޮތަށް ހަމަޖެއްސެވުން އެންމެ ރަނގަޅުކަމުގައި 11 މާރޗް 2007 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 21/2007/49/ޕީ.އެސް.ޑީ-1 ސިޓީއިން ޖަވާބުދެއްވާފައިވާކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ހަތްވަނަ ބާބުގައި ބުނާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވައިލި ފަހުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އޭރުގެ ޢާއިލާއާބެހޭ ކޯޓަށް ފޮނުވި އެކޮމިޝަންގެ ނަންބަރު: 195-A/146/2009/14 (06 އެޕްރިލް 2009) ގެސިޓީގައި ވަނީ:
"ހުޅުމާލެ ކޯޓަކީ މާލޭގެ ކޯޓެއްގެ ގޮތްޕެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު: /21/2007/49ޕީ.އެސް.ޑީ-1 (11 މާޗް 2009) ސިޓީގައި ހަމަޖައްސަވާފައިވާތީ، އެކޯޓަކީ ޢާއިލާއާބެހޭ ކޯޓުގެ ގޮތްޕެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ކޮމިޝަނުންވަނީ ނިންމަވާފައެވެ. ވީމާ، ހުޅުމާލޭ ކޯޓު ހިނގަމުންދާނީ ޢާއިލާއާބެހޭ ކޯޓުގެ އިސްޤާޟީގެ ބެލުމުގެ ދަށުންކަމުގައި ހަމަޖައްސައިފީމެވެ."
މިހެންކަމާ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޑިޕަރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވި އެ ކޮމިޝަންގެ ނަންބަރު: 195-A/198/2009/28 (02 އެޕްރިލް2009) ސިޓީ ގައި ވަނީ:
"ހުޅުމާލޭ ކޯޓު މިނަމުގައި އެއްވެސް އިރެއްގައި ކޯޓެއް އުފައްދާފައިވާކަން އެއްވެސް ލިޔެކިޔުމަކުން އެގެން ނެތުމާއި އަދި މިހާތަނަށް ހުޅުމާލޭގައި ހިނގަމުން އައި ކޯޓު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 21/2007/49/ޕީ.އެސް.ޑީ-1 (11 މާޗް 2009) ސިޓީއިން ހަމަޖައްސަވާފައިވަނީ މާލޭގެ ބައެއްގެ ގޮތުގައި ކަމަށް ވާތީ، އެގޮތު މަތިން ހުޅުމާލެ ކޯޓަކީ އާއިލާއާބެހޭ ކޯޓުގެ ސެކްޝަނެއްގެ ގޮތުގައި ހަމަޖައްސަވާ ހުޅުމާލޭ ކޯޓު ހިންގަމުންދާނީ ޢާއިލާއާބެހޭ ކޯޓުގެ އިސް ޤާޟީގެ ބެލުމުގެ ދަށުން ކަމުގައި ކޮމިޝަނުންވަނީ ނިންމަވާފައެވެ. ވީމާ، ހުޅުމާލެ ކޯޓުގެ ބަޖެޓާއި މުވައްޒަފުން ޢާއިލާއާބެހޭ ކޯޓާއި ޙަވާލުކުރައްވާ އެކަން ޢާއިލާއާބެހޭ ކޯޓަށް އެންގެވުން އެދެމެވެ. އަދި ހުޅުމާލެ ކޯޓަށް ފޮނުވާ ސިޓީ އެޑްރެސް ކުރައްވާނީ ޢާއިލާއާބެހޭ ކޯޓުގެ އިސް ޤާޟީއަށެވެ."
މިހެންކަމާ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވި އެ ކޮމިޝަންގެ ނަންބަރު: 195-A/198/2009/35 (25 އޮކްޓޫބަރު 2009) ގެ ސިޓީގައި ވަނީ:
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 1-PSD/21/2007/49 (11 މާޗް 2007) ސިޓީއިން އަންގަވާފައިވާގޮތަށް، ހުޅުމާލެ ކޯޓަކީ މާލޭގައި ހުންނަ ކޯޓުތަކުގެ ގޮތްޕެއްކަމަށާއި އަދި އެ ކޯޓު ޢާއިލާއާބެހޭ ކޯޓުގެ އިސްޤާޟީގެ ބެއްލެވުމުގެ ދަށުން ހިންގެވުމަށާއި، ޖިނާއީ މައްސަލަތައް ފިޔަވައި އެހެން މައްސަލަތައް ބެއްލެވުމުގައި ކޮންމެ ކޯޓަކުން އެހީތެރިކަމަށް އެދުނުކަމުގައިވިޔަސް ހުޅުމާލޭ ކޯޓުން އެހީތެރިވާންޖެހޭނެ ކަމަށް އެކޯޓަށް އަންގަވައި ދެއްވުމަށް ކޮމިޝަނުން ނިންމަވާފައިވެއެވެ. ވުމާއެކު، ޤާނޫނުއަސާސީ ތަސްދީޤްކުރެއްވިއިރު އެ ކޯޓުގެ އިސްޤާޟީއާ އެ ކޯޓު ހިންގެވުމަށް ޙަވާލުކޮށްފައި އެވަނީ ވަކި ބޭފުޅަކު ޢައްޔަންކޮށްފައި ނުވާ ކޯޓުތައް ހިންގެވުމަށް ބޭފުޅުންނާއި ޙަވާލުކުރާ އުޞޫލުން ކަމުގައި ދެންނެވީމެވެ."
މިހެންކަމެވެ.
(މ) ދިހަވަނަ ކަމަކީ، ހުޅުމާލޭ ކޯޓަކީ މާލޭގައި ހުންނަ ކޯޓުތަކުގެ ގޮތްޕެއްގެ ގޮތުގައި ހިންގެވުމަށް ފެނިވަޑައިގެން، އެ ގޮތުގެ މަތިން، ހުޅުމާލޭގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޯޓެއްކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (1997) އަށް ބަލާއިރު، އެ ޤާނޫނުއަސާސީގެ 118 ވަނަ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އަދަދަކަށް، ކަނޑައަޅާ ތަނެއްގައި، ޝަރީޢަތް ހިންގާ ކޯޓުތައް އުފެއްދި ދާނެކަމަށާއި އެ ކޯޓުތަކުގެ ފަނޑިޔާރުން އިސްކުރާނީ، ރައީސުލްޖުމްހޫރިއްޔާކަމަށާ އަދި އެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބުނަނީ، ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، ކޮންމެ ކޯޓެއްގެ ފަނޑިޔާރަކުވެސް އޭނާގެ މަޤާމުން ވަކިކުރެވިދާނެ ކަމަށެވެ.
(ފ) އެގާރަވަނަ ކަމަކީ، އިސްވެ ފާހަގަކުރި އަށްވަނަ ނުގުތާ، ނުވަވަނަ ނުގުތާ އަދި ދިހަ ވަނަ ނުގުތާއަށް ބަލާއިރު، އަހުރެންނަށް ސާފުވަނީ ދިވެހިރާއްޖޭގައި، އޭރު ޢަމަލު ކުރެވެމުންދިޔަ ޤާނޫނުއަސާސީގެ ދަށުން، ޝަރީޢަތްކުރާ ކޯޓުތައް އުފެއްދުމާއި އެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމާއި އެ ކޯޓުތަކުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް މުޢްލަޤް ބާރެއްކަމާއި ހުޅުމާލޭގައި، މާލޭގައި ހުންނަ ކޯޓުތަކުގެ ގޮތްޕެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިދާރާއެއް އުފެއްދެވިކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ހަތްވަނަ ބާބުގައި ބުނާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވައިލި ފަހުންވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިފައިވާ އެ ކޮމިޝަންގެ، ލިޔެކިޔުންތަކަށް ބަލާއި އިރު، އެނގެނީ ދިވެހިރާއްޖޭގެ ޖުޑިޝަލް ސަރވިސް ކޮމިޝަނުންވެސް ޤަބޫލުކޮށް މުޢާމަލާތް ކުރަމުން އައީ ހުޅުމާލޭގައި ހުރި އިދާރާއަކީ މާލޭގައި މިހުރި ކޯޓުތަކުގެ ގޮތްޕެއްގެ ގޮތުގައި ކަމެވެ.
(ދ) ބާރަވަނަ ކަމަކީ، ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލު ކުރަން ފެށުމުން، ހުޅުމާލޭގައި ހުރި މާލޭގެ ކޯޓުތަކުގެ ގޮފީގެ ހިންގުން ހުއްޓާލިކަމެވެ.
(ތ) ތޭރަވަނަ ކަމަކީ، 24 މާޗް 2011 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނިންމުމަކުން (ނިންމުން ނަންބަރު: JSC-B1/11/40) ނިންމާފައިވަނީ ހުޅުމާލޭގައި ހުރި ކޯޓުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްކަމާއި އެ ނިންމުމުގައި ވަނީ: "ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ހުޅުމާލޭގައި ހުރި މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސް މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގައި އެކޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، އަދި ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް އުއްތަމަ ފަނޑިޔާރުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދެވުމަށް ކޮމިޝަނުން ނިންމެވިއެވެ." މިހެންކަމާއި މި ނިންމުން މިހެން ނިންމި ކަމުގައިވިޔަސް، ހުޅުމާލެއާ ވިލިނގިއްޔަކީ، މީހުން ދިރިއުޅޭ ވަކި ރަށެއް ނޫންކަމާއި އެއީ މާލޭގެ ބައެއްކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި "މާލެ" ބުނެދީފަ އޮތް ގޮތުން ވަރަށް ސާފުކޮށް އެނގޭކަމާއި މާލެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނަނީ ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭ ގޮތަށްކަން ޞަރީޙަ ނައްސުން އެނގެން އޮންނަކެމެވެ.
(ލ) ސާދަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައްލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 155 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ،
"މީހުން ދިރިއުޅޭ ރަށް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިޢުލާންކޮށް މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ނުވަތަ އޭގެ ފަހުންވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ރަށްރަށާއި އިދާރީގޮތުން ހިންގުން ވަކިކުރެވިފައިވާ އަވަށްތަކާއި ސަރަޙައްދުތަކަށެވެ"
މިހެންކަމާއި، 14 އޮކްޓޯބަރ 2010 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު 15/2010 "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން"، މި ޤަރާރުގައި މާލެ އެއީ މީހުން ދިރިއުޅޭ ރަށެއްކުމަށް ކަނޑައަޅުއްވާ މާލޭ ތަފްޞީލްކޮށްދިނުމުގެ ގޮތުން ބްރެކެޓްގައި ވިލިގިނލި، ހުޅުމާލޭ، ތިލަފުށި، ގުޅީފަޅު ހިމަނާފައިވާކަމާ އަދި އިސްވެ ފާހަގަކުރި ސާދަވަނަ ނުގުތާގައި ބުނިހެން، ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި އިދާރީ ދާއިރާތައް ކަނޑައަޅާފައިވާއިރު މާލެ (ވިލިގިނއްޔާއި ހުޅުމާލޭ ހިމެނޭގޮތުން) މިހެން ބަޔާންކޮށްފައި އޮތުމުން މާލެއަކީ ވިލިނގިއްޔާ ހުޅުމާލޭވެސް އެ ސަރަޙައްދުގައި ހިމެނޭގޮތަށް އޮތް އިދާރީ އެއްދާއިރާކަމާއި މާލެ ކަމަށް ބުނުމުން ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭނެ ކަމެވެ.
(ގ) ފަނަރަވަނަ ކަމަކީ، ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެޤާނޫނު) ގެ 63 ވަނަ މާއްދާގައި ބުނަނީ މާލޭގައި އުފައްދާ ހަތަރު ސުޕީރިއަރ ކޯޓު (ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓު) ޤާއިމްވެފައިވާ މާލެއާއި އެ ހަތަރު ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޜަން ޤާއިމްވެ ހަމަޖެހިފައިވާ ރަށްރަށް ފިޔަވައި، ދިވެހިރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައިމެ މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެ ކަމަށެވެ. މި މާއްދާ މިހެން އޮތުމުން އަހުރެންނަށް އެއްވެސް އޮޅުމެއްނެތި ސާފުވަނީ، އެ މާއްދާގައި އެ ބުނާ އުޞޫލުން، މާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުރުން އިސްތިސްނާވާކަމާ އަދި ސުޕީރިއާ ކޯޓެއްގެ ހަތަރު ޑިވިޜަން ޤާއިމްވެފައި ހުންނަ އެއްވެސް ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެ ކަމެވެ.
(ޏ) ސޯޅަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޢަދުލް އިންޞާފު ޤާއިމް ކުރުމުގެ އެންމެހައި ބާރުތަށް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓުތަކަށް ކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މި މާއްދާއަށް ބަލާއިރު، ދިވެހިރާއްޖޭގައި ޤާނޫނަކުން ކަނޑައަޅާފައި ހުރި ކޯޓެއް ނޫން އެހެން ކޯޓެއް ނުހުންނާނެ ކަމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ނޫން ގޮތަކަށް ކޯޓެއް ކަނޑަނޭޅޭނެކަމާ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 155 ވަނަ މާއްދާ ބުނާ ގޮތުން، ދިވެހިރާއްޖޭގެ ހުރިހާ ކޯޓެއްގެ އިޚްތިޞާޞް ކަނޑައެޅުމުގެ ޤާނޫނުތަކާއި، ކޯޓުތައް ހިންގުމުގެ ޤާނޫނުތަކާއި، ޝަރީޢަތްކުރުމާބެހޭ އިޖުރާއާތުތައް ހެދުމުގެ ބާރަކީ ވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަމާއި މިހެން މިކަން އޮތް އިރު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ބުނާ ކޯޓުތަކާއި ޤާނޫނަކުން އުފައްދާފައިވާ ޑްރަގް ކޯޓު ފިޔަވައި ދިވެހިރާއްޖޭގައި އިތުރު ކޯޓެއް ނުހުންނާނެކަމާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ހަދާ ޤާނޫނެއްގައި ބުނާ ހަމަތަކާ ޚިލާފަށް އެއްވެސް ކޯޓެއް ހަދައި ނުހިންގޭނެ ކަމެވެ.
(ސ) ސަތާރަވަނަ ކަމަކީ، ކޯޓެއް އުފެއްދިޔަސް އެ ކޯޓުގެ މަސައްކަތް ފެށޭނީ އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުންކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި ދިވެހިރާއްޖޭގައި ޤާއިމް ކުރެވޭ ހުރިހާ ކޯޓަކަށްމެ ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންކަމާއި މިގޮތުން މި މައްސަލަ ބެލި ބެލުމުގެ ތެރޭގައި އަހުރެންނަށް ފާހަގަކުރެވުނީ، 24 މާޗް 2011 ގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނިންމުމަކުން (ނިންމުން ނަންބަރު: JSC-B1/11/40) ހުޅުމާލޭގައި ހުރި ކޯޓުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްފަހު އެ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވިފައިވާ މެޖިސްޓްރޭޓުންނަކީ ޝިޔާމާ މުޙައްމަދާއި، އަމްޖަދު ޢަބްދުލް ޢަނީކަމާއި، މި ދެ މެޖިސްޓްރޭޓުން ކިޔަވާ ވިދާޅުވުމަށް ވީއްލުމާ ގުޅިގެން ހުޅުމާލޭ ކޯޓު ހިންގެވުން ވަގުތީގޮތުން ޙަވާލުކުރެވުނީ ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްފާޟިލް މޫސާ ނަސީމްއާކަމެވެ.
(ޑ) އަށާރަވަނަ ކަމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުން ނަންބަރު:JSC-B1/12/291 (04 ސެޕްޓެމްބަރ 2012) އިން ހުޅުމާލޭގައި ހުރި ކޯޓަށް ތިން މެޖިސްޓްރޭޓުންގެ މައްޗަށް އެކުލެވޭ ބެންޗެއް ކަނޑައެޅި ކަމާއި މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ:
1. އަލްއުސްތާޛު ޙުސައިން މަޒީދު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް
2. އަލްއުސްތާޛް ޢަބްދުއްނާޞިރު ޢަބްދުއްރަޙީމް ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް
3. އަލްއުސްތާޛް ޝުޖާޢު އުޘްމާން އަތޮޅުގެ ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމާއި، އިސްވެބުނި ބެންޗު ކަނޑައެޅި ކަނޑައެޅުމުގެ ވަނީ:
"ހުޅުމާލެ ކޯޓުގެ ނަންބަރު: 397/HMC/2012 ޤަޟިއްޔާއިން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ގ. ކެނެރީގެ މުޙައްމަދު ނަޝީދާއި، އެ ކޯޓުގެ ނަންބަރު: 398/HMC/2012 ޤަޟިއްޔާއިން ކުރީގެ ޑިފެންސް މިނިސްޓަރ މ. އަރާރޫޓްވިލާ ޠަލްޙަތު އިބްރާޙީމް ކަލޭފާނާއި، އެ ކޯޓުގެ ނަންބަރު: 399/HMC/2012 ޤަޟިއްޔާއިން ކުރީގެ ޗީފް އޮފް ސްޓާފް ބްރިގޭޑިއަރ ޖެނެރަލް މ. ރާޅާހާ މުސާ ޢަލީ ޖަލީލާއި އެ ކޯޓުގެ ނަންބަރު: 400/HMC/2012 ޤަޟިއްޔާއިން ކުރީގެ ސަދަން އޭރިއާ ކޮމާންޑަރ ހ. ދޫރިހާ އިމްރާޙީމް މުޙައްމަދު ދީދީއާއި، އެ ކޯޓުގެ ނަންބަރު: 401/HMC/2012 ޤަޟިއްޔާއިން މ. މުރަނގަވިލާ މުޙައްމަދު ޒިޔާދު (ކާނަލް) ގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅުއްވާފައިވާ، މައްސަލަތައް ބެލުމަށް ބެންޗެއް އެކުލަވާލުމަށް ހުލުމާލެ ކޯޓުގެ B/518/2012/HMC(02 ސެޕްޓެމްބަރު 2012) ގެ ފެކްސް މެސެޖުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެދިވަޑައިގެންފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އާއި، އަދި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާއި 50 ވަނަ މާއްދާގެ (ކުރީގެ 47، 48، 49 މި މާއްދާތަކުގެ) ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ އިޚްތިޔާރާއި ބާރުގެ ދަށުން މިކަމުގައި މިކޮމިޝަނުން ބަލަންޖެހޭ އެންމެހައި ކަންތައްތަކަށް ބެލުމަށްފަހު، އިސްވެ އިޝާރާތްކުރެވުނު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ B/518/2012/HMC (02 ސެޕްޓެމްބަރު 2012) ގެ ފެކްސް މެސެޖުގައި ބަޔާންކޮށްފައިވާ އެންމެހައި މައްސަލަތައް ބެލުމަށް ތިރީގައިވާ ތިން މެޖިސްޓްރޭޓުންގެ މައްޗަށް އެކުލެވިގެންވާ ބެންޗެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައެޅިއެވެ."
މިހެންނެވެ.
(ޏ) އޮނަވިހިވަނަ ކަމަކީ، ޤާނޫނު ނަންބަރު 2010/14 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 48 ވަނަ މާއްދާ އަދި 49 ވަނަ މާއްދާ އަދި 50 ވަނަ މާއްދާއަށް ބަލާއިރު، 48 ވަނަ މާއްދާގައި ބުނަނީ ވަގުތީ ގޮތުން އެހެން ކޯޓެއްގައި ޝަރީޢަތްކުރަން ފަނޑިޔާރަކާ ޙަވާލުކުރާނަމަ، ޙަވާލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ ކޯޓެއްގެ މަސައްކަތްކަމާއި، 49 ވަނަ މާއްދާގައި ބުނަނީ ފަނޑިޔާރަކާ ވަގުތީ ގޮތުން އެހެން ކޯޓެއްގައި ޝަރީޢަތްކުރަން ޙަވާލުކުރެވޭނީ، މަސައްކަތް ޙަވާލުކުރެވޭ ކޯޓުގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ނުހިނގާ ނަމަ، ނުވަތަ އެ ކޯޓުން ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިނަމަ، ނުވަތަ އެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުން މަސައްކަތަށް ނުކުތުން މަނާކުރެވިފައިވާ ނަމަ، ނުވަތަ މިނޫންވެސް ކޯޓުގެ މަސައްކަތް ލަސްވާފަދަ ނުވަތަ ހުއްޓޭފަދަ ސަބަބުތަކެއް ހުރިނަމަކަމާއި، 50 ވަނަ މާއްދާގައި ބުނަނީ ވަގުތީގޮތުން އެހެން ކޯޓެއްގެ ޝަރީޢަތް ހިންގުން ފަނޑިޔާރަކާ ޙަވާލުކުރުމާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ، ޖުޑީޝަލް ކައުންސިލްގެ ލަފާގެމަތިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުންކަމެވެ.
(ޓ) ވިހިވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލިސްތައް ނުވަތަ ފަނޑިޔާރުންގެ ބެންޗުތައް ކަނޑައެޅުމާ ބެހޭ ގޮތުން ޤާނޫން ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާ، 30 ވަނަ މާއްދާގެ (ހ)، 55 ވަނަ މާއްދާގެ (ހ) އަދި 68 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރަށް ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގައި ބުނަނީ " ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްތައް އެކުލަވާލައި، އެ މަޖިލިސްތަކުގެ ރިޔާސަތު ބަލަހައްޓާނެ ފަނޑިޔާރުން ޢައްޔަންކުރާނީ ހުރިހާ ފަނޑިޔާރުންނަށް ހަމަހަމަވާނެ އުޞޫލަކުން އުއްތަމަ ފަނޑިޔާރެވެ" މިހެންކަމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުގެ ތެރޭގައި "މައްސަލަތައް ބަލާނެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްތައް އެކުލަވާލުމާއި އެ މަޖިލިސްތަކުގެ ރިޔާސަތު ބަލަހައްޓާނެ ފަނޑިޔާރުން ކަނޑައެޅުން" ހިމަނާފައިވާކަމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންގެ މަސްއޫލިއްޔަތުގެ ތެރޭގައި " އެކޯޓެއްގެ މައްސަލަތައް ބަލާނެ ޤާޟީން ކަނޑައެޅުން" ހިމަނާފައިވާކަމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 68 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި " ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ މަސްއޫލިއްޔަތުގެ ތެރޭގައި، އެ ދާއިރާއެއްގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓަކު ޤާއިމްވެނެތް މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި އެ ދާއިރާއަކަށް ނިސްބަތްވާ މެޖިސްޓްރޭޓުންގެ ތެރެއިން އެ ރަށްތަކަށް މެޖިސްޓްރޭޓުން ފޮނުވުން" ހިމަނާފައިވާކަމެވެ.
(ޔ) އެކާވީސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ހައިކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ސުޕީރިއަރ ކޯޓަށް ހުށަހެޅޭ މައްސަލަތައް ޢާންމުގޮތެއްގައި ބަލައި ޙުކުމްކުރާނީ އެއް ޤާޟީއަކު ހުރެގެން ހިންގާ ޝަރީޢަތުގެ މަޖިލީހަކުންކަމަށާ، ނަމަވެސް ސުޕީރިއަރ ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމަށް ބަލައި އެ މައްސަލައެއް އެއް ޤާޟީއަށްވުރެ ގިނަ ޢަދަދެއްގެ ޤާޟީންގެ މައްޗަށް އެކުލެވިގެންވާ އޮނަހިރި ޢަދަދެއްގެ ޤާޟީންގެ މަޖިލީހަކުން ބެލުމަށް ހަމަޖެއްސުމުގެ އިޚްތިޔާރު ސުޕީރިއަރ ކޯޓެއްގެ އިސް ޤާޟީއަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ނަމަވެސް މެޖިސްޓްރޭޓް ކޯޓުތަކުން މައްސަލަ ބެލުމުގައި 1 މެޖިސްޓްރޭޓަށްވުރެ ގިނަ މެޖިސްޓްރޭޓުންގެ މަޖިލީހަކުން މައްސަލަ ހިންގާނެ އިޖުރާއަތާ ގުޅޭގޮތުން އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ބަޔާންކޮށްފައިނުވާކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ޝަރުޢީ ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ ބެންޗް ކަނޑައެޅުމުގެ ބާރު ނުވަތަ އިޚްތިޔާރު އެކޮމިޝަނަކަށް ނެތްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއަށާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި ވަކި ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއް ބަލާނެ ޤާޟީން ކަނޑައެޅުމުގެ ބާރު އޮންނާނީ އެމައްސަލައެއް ހުށަހެޅިފައިވާ ކޯޓަކަށްކަން އެނގެން އޮންނަކަމެވެ.
(ޕ) ބާވީސްވަނަ ކަމަކީ، ޤާނޫނުއަސާސީ އަދި ގާނޫނުގައިވާ ގޮތުގެ މަތިން އުފެދިފަ ހުންނަ ކޯޓުތައް ނުވަތަ އެ ކޯޓު ތަކަކީ ބެންޗް ކަނޑައަޅަންޖެހޭ ކޯޓުތަކެއް ނަމަ، އެކޯޓުތަކުގައި އާއްމުކޮށް ބެންޗް ކަނޑައަޅާ އުސޫލާ ޚިލާފަށް ނުވަތަ ވަކި ކަމެއް ހިނގިފަހުން ނުވަތަ ވަކި ޙާދިޞާއަކާ ގުޅިގެން (ex post facto) ނުވަތަ ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ މައްސަލައެއް ބެލުމަށް(ad hominem) ކޯޓެއް ނުވަތަ ބެންޗެއް ކަނޑައެޅިގެން ނުވާނެ ކަމާއި އެފަދަ ކޯޓެއް ނުވަތަ ބެންޗެއް އެކުލަވާލައިފި ނަމަ އެއީ ޢަދުލް އިންޞާފުގެ އުޞޫލާ ޚިލާފަށް ކުރެވޭ ކަމެއްކަމާއި ވަކި މައްސަލެއް ބަލަން ވަގުތީ (ad hoc) ކޯޓެއް ނުވަތަ ޢާއްމު އުޞޫލާ ޚިލާފަށް ވަގުތީ ބެންޗު އެކުލަވާލެވިގެން ނުވާނެ ކަމެވެ.
(ޖ) ތޭވީސްވަނަ ކަމަކީ، ކޮންމެ ޤައުމެއްވެސް އެ ޤައުމަކުން ސޮއިކޮށް ތަސްދީޤުކޮށްފައިވާ މުޢާހަދާތަކަށް އިޙްތިރާމްކޮށް ޢަމަލުކުރަންޖެހޭނެކަމާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ "މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ" ގެ 14 ވަނަ މާއްދާގައި ބުނަނީ:
"...every one shall be entitled to a fair and public hearing by a competent, independent and impartial tribunal established by law."
ކަމާއި، އެއްވެސް ކޯޓެއް އުފައްދައި ޝަރީޢަތް ކުރާންވާނީ އިންޞާފުން ޝަރީޢަތް ކުރުމުގެ ޕްރީއެމްޕްޓަރީ ނޯމް (peremptory norm) ނުވަތަ ޖުސް ކޮޖެން (jus cogen) އެއް ކަމަށްވާ ނެޗުރަލް ޖަޖް (juez natural) މަބްދަޢުގެ މަތިންކަމާއި މި މަބްދަޢުގެ މާނަޔަކީ ކޮންމެ މީހެއްގެވެސް ޝަރީޢަތް ކުރާންވާނީ އާދައިގެ މަތިން އުފައްދާފައިވާ، އެ ޙާދިސާއެއް ހިނގުމުގެ ކުރިން އުފައްދާފައިވާ ޝަރީޢަތް ކުރުމުގެ ޤާބިލްކަން ހުރި ކޯޓެއްގައި ކަމާއި މި މަބްދަޢުގެ "ކޮރޮދަރީ" އަކީ ވަކި މައްސަލައެއް ބެލުމަށް، ކުއްލިއަކަށް އުފައްދާ ނުވަތަ ވަގުތީ (ad hoc) ނުވަތަ އާދަޔާ ޚިލާފް (extra ordinary) ނުވަތަ ވަކި ކަމެއް ހިނގިފަހުން ނުވަތަ ވަކި ޙާދިސާއަކާ ގުޅިގެން (ex post facto) ނުވަތަ ޙާއްޞަ (special) ކޯޓު ހުއްދަ ނުކުރާކަމާއި ނެޗްރަލް ޖަޖް ގެ މަބްދަޢު ބިނާވެފައިވަނީ ޤާނޫނުގެ ކުރިމަތީގަ ވެސް އަދި ކޯޓުގެ ކުރިމަތީގަ ވެސް ހުރިހާ އިންސާނުން ހަމަހަމަކަމުގެ މައްޗަށް ކަމާއި އިންސާނީ ޙައްޤުތަކާބެހޭ އަދި ޖަޖުންނާއި ޝަރީޢަތް ކުރުމާބެހޭ ބައިނަލްއަޤްއާމީ މުއާހަދާތަކުގައިމެ ޙާދިޞާއެއް ހިނގުމަށްފަހު އުފައްދާ ކޯޓު ނުވަތަ އާއްމު އުޞޫލާ ޚިލާފަށް ކަނޑައަޅާ ފަނޑިޔާރުންގެ ބެންޗު ޞައްހަ ނުވާނެކަމާއި، މި ނޯމްއަކީ، ބައިނަލްއަޤްއާމީ ޤަނޫނުތަކުގެ ހަމަތަކަށް ބަލާއިރު، އޭގެއިން ޑެރޮގޭޓް (derogate) ނުވެވޭނެ ނޯމްއެއްކަމެވެ.
ދެންފަހެ އިސްވެ ފާހަގަ ކުރެވުނު ނުކުތާތައް އެހެން ހުރުމާއެކު، މިފަހުން ހުޅުމާލޭގައި ހިންގަމުން އަންނަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދާއިރާގެ ތެރެއިން އުފައްދައި ހިނގަމުން އަންނަ ކޯޓެއްކަމަށް އަހުރެންނަށް ނުފެނުނު ހިނދު އެ ގޮތުގެ މަތިން އަހުރެންގެ ރަޢުޔު ކަނޑައަޅައިފީމެވެ.
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.