—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2013/SC-A/26
ދަޢުވާކުރާ ފަރާތް: ޢަލީ އިބްރާހީމް
ދަޢުވާލިބޭ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
މައްސަލައިގެ ބާވަތް: އަމުރެއް ނެރެދިނުމަށް އެދި
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 30 އޭޕްރީލް 2013
ރަޖިސްޓަރީ ކުރެވުނު ތާރީޚް: 21 މެއި 2013
ނިމުނު ތާރީޚް: 19 ނޮވެމްބަރ 2013
މައްސަލަ ނިންމި ގަޑި: 15:25
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާން
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2011/HC-A/287
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓް
ހުށަހެޅުނު ތާރީޚް: 08 ޑިސެމްބަރ 2011
ނިމުނު ތާރީޚް: 06 ފެބްރުއަރީ 2013
މައްސަލައިގެ ޚުލާޞާ:
މި މައްސަލައަކީ، ލ. ކައްދޫގައި 200 އެނދުގެ ހޮޓަލެއް އެޅުމަށްޓަކައި ގ. އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން (މިހާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ) އާއި ދެމެދު 14 ޖޫން 2007 ގައި ސޮއިކުރެވިފައިވާ ލީސް އެގްރީމެންޓްގެ ދަށުން އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިފައިވާ އެންމެހާ ޙައްޤުތަކެއް 14 ޖޫން 2007 ވަނަ ދުވަހު އދ. ފެންފުށި ފިނިވާގެ ޢަލީ އިބްރާހީމަށް ވިއްކާލުމާއި ގުޅިގެން އެއްބަސްވުން އެސައިންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ދަޢުވާކުރާ ޢަލީ އިބްރާހީމް އާއި ދެމެދު 01 ޖުލައި 2008 ގައި ސޮއިކުރެވިފައިވާ ޑީޑް އޮފް އެސައިންމަންޓް ގެ ދަށުން ބަޔާންވެދިޔަ ލީސް އެގްރީމެންޓްގައި ގ. އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިދީފައިވާ ހުރިހާ ޙައްޤުތައް ޢަލީ އިބްރާހީމަށް ލިބިދިނުމަށްފަހު، ބަޔާންވެދިޔަ ލީސް އެގްރީމެންޓަށް އިޞްލާޙެއް ގެނައުމުގެގޮތުން ޢަލީ އިބްރާހީމާއި، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު ސޮއިކުރެވުނު އެޑެންޑަމުން އެއްބަސްވުމަށް އިޞްލާޙެއް ގެނެވުމަށްފަހު، މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރއިން މި އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ޢަލީ އިބްރާހީމް ބުނާ ބުނުން ޝަރީޢަތަށް ސާބިތުވާން ނެތުމުން، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ (1،2) ގައިވާ ފަދަ ބަދަލެއް ޢަލީ އިބްރާހީމަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށާއި، މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަންޖެހުމުގެ ސަބަބުން ވަކީލު ފީގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީވެސް ނަގައިދެވެން ނެތް ފައިސާއެއްކަމާއި، އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ހެދުމަށްޓަކައި އެކަމާބެހޭ ގޮތުން ބާއްވާ "ސްކޯޕިންގ މީޓިންގ" ބޭއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރއިން އުފުލަންޖެހޭ ޒިންމާއެއް ނޫންކަން އެނގޭހިނދު، އެފަދަ މީޓިންގ އެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ މައްޗަށް އަމުރުކުރަން ޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1476/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ހައިކޯޓުގެ ނަންބަރު2011/HC-A/287 ޤަޟިއްޔާއިން ކުރި ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އދ. ފެންފުށި ފިނިވާގޭ ޢަލީ އިބްރާހީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ. މި މައްސަލައިގެ އިލްތިމާސް ރައްދުވާފަރާތަކީ "ދިވެހި ދައުލަތް" އެވެ.
ހައިކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ ޢަލީ އިބްރާހީމްގެ ފަރާތުން ތިން ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެއީ:
(1) ހައިކޯޓުގެ ނަންބަރު 2011/HC-A/287 ޤަޟިއްޔާގެ ޙުކުމް ކުރެއްވިއިރު، ޙަވާލާދީފައިވާ މައްސަލައިގައި ހުށަހެޅިފައިވާ ބައެއް ވަޤާޢިތައް (ފެކްޓްސް) ޔަޤީންނުކުރައްވައި ޙުކުމަށް ވާޞިލުވުމުން މި މައްސަލާގައި އިންޞާފުގެ ހަމަހަމަކަމާއި އަދުލުވެރިކަން ގެއްލިގެން ގޮސްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
(2) "ސްކޯޕިންގ މީޓިންގ" އަކީ ޢަލީ އިބްރާހީމްގެ އެދުމެއްނެތި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ކޮށްދިނުމަށް ލާޒިމްކުރާކަމެއްކަން އެއްބަސްވުމުގެ ދަށުން ނުވަތަ އެއްވެސް ޤާނޫނެއްގެ ދަށުން އެ މިނިސްޓްރީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަން އެނގެން ނެތްކަމަށް ނިންމާފައިވަނީ، އޭރު މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ޢަމަލުކުރަމުން އައިސްފައިވާގޮތާއި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ކަނޑައެޅިގެން ޚިލާފަށްކަންބުނެ ހުށަހަޅާފައިވާ ނުކުތާ.
(3) 01 ޖުލައި 2008 ގައި ސޮއިކޮށްފައިވާ އެޑަންޑަމްގެ ދަށުން ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ބިން ޢަލީ އިބްރާހީމާ ޙަވާލުކޮށްފައި ނުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 1476/Cv-C/2010 ޤަޟިއްޔާއިން ކަނޑައަޅާފައި ވީނަމަވެސް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލްކުރުމަށް ނިންމިއިރު، މަޢުޟޫވީގޮތުން "ބިން ޙަވާލުކޮށްފައިވާ ކަމާމެދު" އެއްވެސް މިންވަރަކަށް ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލާގައި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި ކަމާގުޅޭ ޤާނޫނުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ލ. ކައްދޫގައި 200 އެނދުގެ ހޮޓަލެއް އެޅުމަށްޓަކައި ގ. އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒު އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން (މިހާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ) އާއި ދެމެދު 14 ޖޫން 2007 ވަނަ ދުވަހު އދ. ފެންފުށި ފިނިވާގެ ޢަލީ އިބްރާހީމަށް ވިއްކާލުމާއި ގުޅިގެން އެއްބަސްވުން އެސައިން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަނާއި ޢަލީ އިބްރާހިމާ ދެމެދު 01 ޖުލައި 2008 ގައި ސޮއިކުރެވިފައިވާ ޑީޑް އޮފް އެސައިންމަންޓްގެ ދަށުން، ބަޔާންވެދިޔަ ލީސް އެގްރީމަންޓުގައި ގ. އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިދީފައިވާ ހުރިހާ ޙައްޤުތައް ޢަލީ އިބްރާހީމަށް ލިބިފައިވާކަމާއި ބަޔާންވެދިޔަ ލީސް އެގްރީމަންޓަށް އިސްލާޙެއް ގެނެއުމުގެ ގޮތުން ޢަލީ އިބްރާހީމާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަނާ ދެމެދު އެޑެންޑަމެއްގައި ދެފަރާތުން ސޮއި ކުރެވިފައިވާކަމާއި އެ އެޑަންޑަމުގައި ލީސް ކުލީގެ އެއްބަސްވުމަށް އިތުރު މާއްދާއެއްގެ ގޮތުގައި 2 ގެ (ބ) އިތުރުކުރުމަށް އެއްބަސްވެފައިވާކަން އެގެން އޮންނައޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ބަޔާންވެދިޔަ އެޑެންޑަމުން އެއްބަސްވުމަށް ގެނެވުނު އިޞްލާޙުގެ ކުރީގައި މި އެގްރީމަންޓުގައި ހޮޓާ އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ބަދަލުގައި އެހެން ބިމެއް ހަމަޖެހިފައިވާކަމާއި ފަހުން ހަމަޖެހުނު ބިމުގެ ސަރަހައްދު އެކުލެވެނީ އެބިމާއި އިންވެގެން އޮންނަ ފަޅު ކުއްޔަށްހިފާ ފަރާތުން ފަޅުހިއްކުމުން ބިމަށް އިތުރުވެގެންދާ 4.13 ހެކްޓަރ ބިން ހިމެނިގެން ކަމަށްވާއިރު، ފަޅުހިއްކުމަށް ކުއްޔަށްހިފާ ފަރާތަށް ހުއްދަދެވޭނީ އެފަރާތުން ފަޅުހިއްކާ ގޮތުގެ ޕްރޮޕޯސަލެއް ހުށަހަޅައި އެ ޕްރޮޕޯސަލް ފާސްވުމުން ކަމާ އެގޮތުގެމަތިން، ފަޅުން ބިންހިއްކޭނީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވާ ފަދައިން ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކޮށްދޭ ރިޕޯޓް (އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު) ހެދިގެންކަމާއި އެ ރިޕޯޓު ހެދޭނީ އެކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ މެދުގައި ސްކޯޕިންގ މީޓިންގ އެއް ބާއްވައި ސްކޯޕް އޮފް ވޯކްސް އަށް އެއްބަސްވެގެން ކަމުގައިވާތީ އެކަމަށްޓަކައި ބާއްވަންޖެހޭ ސްކޯޕިންގ މީޓިންގ ބާއްވައިދިނުމަށް އެދި ތަކުރާރުކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގައި ޢަލީ އިބްރާހީމްގެ ފަރާތުން ދަންނަވައި އެ ޖަލްސާ ބާއްވައިދެވިފައި ނުވުމުގެ ސަބަބުން އެ މަސައްކަތަށް ލިބެންޖެހޭ ހުއްދަ ނުލިބި މަސައްކަތް ކުރިއަށް ނުގެންދެވިވާކަން މި މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ތިމާވެއްޓާބެހޭ މިނިސްޓްރީން ޢަމަލުކުރަމުންދާ ޤަވާޢިދުގައިވާ ގޮތުގެމަތިން ޓޫރިސްޓު ރަށްތަކާއި ހޮޓާތައް ތަރައްޤީކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށްޓަކައި ހަދަންޖެހޭ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓު ހެދުމަށްޓަކައި އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީއާ ގުޅައި ވިލަރެސްކުރުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރާކަމެއްކަން އެނގެން އޮންނަކަމާއި ލ. ކައްދޫގައި އެޅުމަށް އެއްބަސްވެވިފައިވާ ހޮޓަލުގެ އެއްބަސްވުމަށް ގެނެވުނު ބަދަލުގެ ދަށުން ބިންހިއްކުމުގެ ޕްލޭނާ ބެހޭގޮތުން، އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓް ހުށަހެޅުމަށްޓަކައި، ސްކޯޕިންގ މީޓިންގ ވަނީ އެއްފަހަރު ބޭއްވިފައިކަމާއި އަދި އެ ޖަލްސާ ބޭއްވުނީ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީގައި ކަމުގައިވިޔަސް އެ ޖަލްސާ ވިލަރެސް ކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުންކަމާއި ޖަލްސާއަށް ދިއުމަށް ޢަލީ އިބްރާހީމަށް އަންގާފައިވަނީވެސް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަމާއި ޖަލްސާ ބާއްވާ ދިނުމަށް ދަންނަވާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުގައި ކަމާއި އަދި މިޖަލްސާއަށް ހާޒިރުވުމަށް ސަރުކާރުގެ އިދާރާތަކުގެ އިތުރުން، މިނިސްޓްރީ އޮފް ޑިފެންސާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ބައިވެރިވުމެއްނެތި ޓާރމްސް އޮފް ރިފަރެންސް ނިންމާ ނުލެވޭނެތީ މިނިސްޓްރީ އޮފް ޑިފެންސާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ބައިވެރިވާ ބައްދަލުވުމަކުން މައްސަލަ ނިންމުމަށްޓަކައި އަލުން ޖަލްސާއެއް ބޭއްވުމަށްވެސް އެއްބަސްވެފައިވާކަމާއި ނުބޭއްވިގެން ހުށަހަޅާފައިވާ ސްކޯޕިންގ މީޓިންގ އަކީ މި ސްކޯޕިންގ މީޓިންގ ކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމާއި އަދި އެއްބަސްވުމަށް 01 ޖުލައި 2008 ގައި ގެނެވުނު އިސްވެ ބަޔާންކުރެވުނު އިޞްލާޙާ ގުޅިގެން، ޢަލީ އިބްރާހީމަށް އެ އެއްބަސްވުމަށް ޢަމަލުކުރެވެން އަންނަނީ ބިންހިއްކާނެ ގޮތުގެ ޕްލޭނަށް އެއްބަސްވެވިގެން ކަމުގައިވާއިރު، އަދި އެކަން ކުރެވޭނީ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓް ހެދިގެން ކަމަށްވާއިރު، އަދި އެކަން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމުން ބާއްވައިދޭންޖެހޭ ސްކޯޕިންގ މީޓިންގ ބާއްވާދީފައި ނުވާކަމާ އަދި މިއީ އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކޮށްދޭންޖެހޭ ކަމެއް ކަމާއި މިނިސްޓްރީ އޮފް ޓޫރިޒަމުން ސްކޯޕިންގ މީޓިންގ ބާއްވައިގެން ނޫނީ އެއްވެސް ޙާލެއްގައި ހޮޓާއެޅުމުގެ މަސައްކަތް ކުއްޔަށް ހިފި ފަރާތަށް ކުރިއަށް ނުގެންދެވޭނެކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ޢަލީ އިބްރާހިމް އާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު ކުރެވިފައިވާ އިސްވެ ބަޔާންވެދިޔަ އެގްރީމެންޓަކީ ލީޒް އެގްރީމެންޓަކަށްވެފައި، މިބާވަތުގެ އެގްރީމެންޓްތަކަކީ ނަފާއެއް ލިބިގަތުމަށް ވެވޭ އެއްބަސްވުންތަކަކަށް ވާއިރު، މިފަދަ ކޮންޓްރެކްޓްތަކުގައި އެ ކޮންޓްރެކްޓްތަކުގެ ދަށުން، ކަނޑައެޅިފައިވާ ކުލީގެ މުޤާބިލުގައި ކަނޑައެޅިފައިވާ މުއްދަތަކަށް ކުއްޔަށްހިފާ އެއްޗަކުން ނުވަތަ ތަނަކުންވިޔަސް ނަފާލިބިގަނެވޭނެ ގޮތްހަދައިދިނުމަކީ ކުއްޔަށް ދޫކުރާ ފަރާތުގެ މައްޗަށް ލާޒިމުވާ ކަމެއްކަމާއި އަދި މިފަދަ ލީޒް ކޮންޓްރެކްޓުން ތަރައްތުބުވާ އިލްތިޒާމްތަކާއި ޙައްޤުތަކަށް ބަލާއިރު، ކުއްޔަށް ދޭ އެއްޗެއް ނުވަތަ ތަނެއް ފުރިހަމައަށް ޙަވާލުކުރުމަކީ ކުއްޔަށް ދޭ ފަރާތުގެ މައްޗަށް ލާޒިމުވާ އެންމެ އަސާސީ އިލްތިޒާމްކަމާއި ކޮންޓްރެކްޓުން ހާސިލުކުރަން ބޭނުންވާ މަޤްސަދުތައް ހާސިލުކުރެވޭގޮތަށް ނުވަތަ ކޮންޓްރެކްޓްގައި ވާގޮތުގެމަތިން ނަފާލިބިގަތުމުގައި ޟަރޫރަތްތެރިވާ އެންމެހައި ކަންތައް ފުރިހަމަކޮށްދިނުމަކީ ކުއްޔަށް ދޫކުރާފަރާތުގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމުވާކަމެއް ކަމާއި ކުއްޔަށް ހިފާފަރާތުގެ އެންމެ އަސާސީ އިލްތިޒާމަކީ އެފަރާތުން ދައްކަންޖެހޭ ކުލިކަމާއި އެގޮތުން ކުއްޔަކީ ނަފާލިބިގަތުމުގެ މުޤާބިލުގައި ދައްކަންޖެހޭ އެއްޗެއްކަމާއި މިގޮތުގެމަތިން ކުއްޔަށް ހިފާ އެއްޗެއް ނުވަތަ ތަނެއް ޙަވާލުނުކުރެވުމަކީ ކޮންޓްރެކްޓާ ޚިލާފުވުންކަމަށް ވާއިރު ބުނެވިދިޔަ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ޓޫރިޒަމުގެ މައްޗަށް އޮތް އިލްތިޒާމް އެ މިނިސްޓްރީގެ ފަރާތުން ފުރިހަމަކޮށްފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، ވެވިފައިވާ އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ލާޒިމުވާ އަސާސީ އިލްތިޒާމެއް ފުރިހަމަ ނުކުރުމުގެ ސަބަބުން ޢަލީ އިބްރާހީމަށް ލިބިފައިވާ މާލީގެއްލުމުގެ ގޮތުގައި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދައަށް ރިޢާޔަތްކޮށް ކުއްޔަށް ދޭފަރާތުން ދޭންޖެހޭ ބަދަލުތައްކަމަށް ކަނޑައަޅާފައިވާ ޚަރަދުތަކަކީ އިންޓަރނޭޝަނަލް އޮޑިޓް ފާރމަކުން ހަދާފައިވާ ހިސާބުތަކެއްކަމާއި އަދި ސީދާ ގެއްލުމުގެ ގޮތުގައްޔާއި ނުސީދާގެއްލުމުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތަކަކީ ކުއްޔަށްހިފާ ފަރާތުން ކޮންޓްރެކްޓްގައިވާ ޕްރޮޖެކްޓަށް ހިނގާފައިވާ ޚަރަދުތަކެއްކަމަށް ހެކިވެފައިވާކަމާއި މިހިސާބުތައް ހަދާފައިވަނީ މިފަދަ ކަންކަމުގައި ގެންގުޅޭ ބައިނަލް އަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުރެވިފައިވާ ހިސާބުތަކުގެ މައްޗަށް ބިނާކޮށްގެންކަން މި މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި މިނިސްޓްރީ އޮފް ޓޫރިޒަމުގެ ފަރާތުން ކުއްޔަށްދީފައިވާ ބިން ޙަވާލުކުރުމުގެ އިލްތިޒާމް ފުރިހަމަ ކުރިކަމުގައި ބެލެވޭނީ ކުއްޔަށް ލިބޭފަރާތަށް އެތަނުން މަންފާ ލިބުމަށް ހުރަސްނޭޅޭގޮތަށް ކުއްޔަށް ހިފާފައިވާ ބިން ކުއްޔަށް ހިފާ ފަރާތާ ޙަވާލުކުރުމުން ކަމަށްވާއިރު، ބަޔާންވެދިޔަ އެއްބަސްވުމުގައިވާ ގޮތުގެމަތިން ކުއްޔަށް ހިފިފަރާތާއި ބިން ޙަވާލުކުރެވިފައި ނުވާކަން އެނގެން އޮތުމުން ކުއްޔަށް ހިފިފަރާތް ކޮންޓްރެކްޓުން ޙާޞިލްކުރަން ބޭނުންވާ މަޤްސަދު ޙާޞިލްކުރުމަށް ހުރަސްއެޅިފައިވާކަމާ އެހެންކަމުން މިނިސްޓްރީ އޮފް ޓޫރިޒަމާއި ޢަލީ އިބްރާހީމްއާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓްގައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް ޓޫރިޒަމުން ޢަލީ އިބްރާހީމްއާ ބިން ޙަވާލުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރެވުމަކީ މި ކޮންޓްރެކްޓާ ޚިލާފުވުންކަމާއި، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓާ ޚިލާފު ޢަމަލެއްކޮށްފިނަމަ، އެ ޢަމަލެއްކުރުމުން ލިބުނުގެއްލުމަށް ބަދަލު އެފަރާތަކުން ދޭންޖެހޭނެކަމަށް ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންވެފައިވާއިރު، US$9,769,277.00 (ނުވަ މިލިއަން ހަތްސަތޭކަ ފަސްދޮޅަސް ނުވަހާސް ދުއިސައްތަ ހަތްދިހަ ހަތެއް އެމެރިކާ ޑޮލަރ) ކީ ގެއްލުމުގެ ބަދަލުގައި ދަޢުވާކުރާ ފަރާތަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެނޑް ކަލްޗަރއިން ދޭންޖެހޭ މިންވަރުކަމަށާއި އޭގެ އިތުރުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން ޖެހުމުގެ ސަބަބުން ވަކީލު ފީގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހޯދަން އެދިފައިވާ ފައިސާގެ ތެރެއިން ޝަރީޢަތުން ނަގައިދޭ2,700/- (ދެހާސް ހަތްސަތޭކަ ރުފިޔާ) ދަޢުވާކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގައި ޙައްޤުވާކަމަށް ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ސާބިތުވާކަމަށް ކަނޑައަޅާފައި ވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1476/Cv-C/2010 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ރަނގަޅުނޫން ސަބަބުތަކެއްކަމުގައި ފާހަގަ ކޮށްފައިވަނީ ފަސް ނުކުތާ ކަމަށްވެފައި، އެނުކުތާތަކުގެ 5 ވަނަ ނުކުތާގައި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ބަދަލުނަގައި ދޭން ނުޖެހޭ ސަބަބަކީ އިސްތިއުނާފު ކުރާފަރާތުން އެއްބަސްވުމާ ޚިލާފުވެފައިނުވާތީ ކަމަށް ބަޔާންކޮށްފައި ވާކަމާއި ނަމަވެސް އެގްރީމެންޓާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައަޅާފައިވާ އަސާސަކީ ސިވިލް ކޯޓުގެ ނަންބަރު 1476/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅު ނޫންކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޠަޢުނުކޮށްފައިވާ ފަސް ނުކުތާ ތެރޭގައި ހިމެނިފައިވާ ނުކުތާއެއް ނޫންކަމާ އަދި ބަދަލުގެ މިންވަރު ކަނޑައަޅާފައި ވާގޮތް ސައްޙަނޫންކަން ސާބިތުވާނޭ ހެކިތަކެއް އެ ޤަޟިއްޔާގައި ހުށަހަޅާފައި ނުވާއިރު، ލިބުނު ގެއްލުމުގެ މިންވަރު ސާބިތުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 1476/Cv-C/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތް ޞައްޙަ ނޫންކަމަށް ކަނޑައަޅަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަށް ބެލެވެން ނެތްކަމެވެ.
ޙުކުމް:
އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު 2011/HC-A/287 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމަށް ޙުކުމްކޮށް، ސިވިލް ކޯޓުގެ ނަންބަރު 1476/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމަކަށްވާތީ އެ ޙުކުމަށް ތާޢީދުކޮށް، އެޙުކުމަށް ބަދަލެއްގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމީއެވެ.
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރަޢުޔު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/287 ޤަޟިއްޔާ ނިމިފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން އދ. ފެންފުށި ފިނިވާގެ ޢަލީ އިބްރާހީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގެ ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތެވެ.
މި މައްސަލައިގައި، ދަޢުވާކުރާ ފަރާތުން އަދި ދަޢުވާ ލިބޭފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި ހުށަހެޅި ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 1476/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/287 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
ލ. ކައްދޫގައި 200 އެނދުގެ ހޮޓަލެއް އެޅުމަށްޓަކައި ގ. އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން (މިހާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ) އާއި ދެމެދު 14 ޖޫން 2007 ގައި ސޮއިކުރެވިފައިވާ ލީސް އެގްރީމަންޓްގެ ދަށުން އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިފައިވާ އެންމެހާ ޙައްޤުތަކެއް 14 ޖޫން 2007 ވަނަ ދުވަހު އދ. ފެންފުށި ފިނިވާގެ ޢަލީ އިބްރާހީމަށް ވިއްކާލުމާއި ގުޅިގެން އެއްބަސްވުން އެސައިން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަންއާއި ދަޢުވާކުރާ ޢަލީ އިބްރާހީމްއާއި ދެމެދު 01 ޖުލައި 2008 ގައި ސޮއި ކުރެވިފައިވާ ޑީޑް އޮފް އެސައިންމަންޓް ގެ ދަށުން ބަޔާންވެ ދިޔަ ލީސް އެގްރީމެންޓްގައި ގ. އައިމާ އިބްރާހީމް ޢަބްދުލްއަޒީޒަށް ލިބިދީފައިވާ ހުރިހާ ޙައްޤުތައް ޢަލީ އިބްރާހީމަށް ލިބިދިނުމަށްފަހު، ބަޔާންވެދިޔަ ލީސް އެގްރީމަންޓަށް އިޞްލާޙެއް ގެނައުމުގެ ގޮތުން ޢަލީ އިބްރާހީމާއި، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު ސޮއިކުރެވުނު "އެޑެންޑަމުން އެއްބަސްވުމަށް އިސްލާޙެއް ގެނައުމަށްފަހު، މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރއިން މި އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ޢަލީ އިބްރާހީމް ބުނާ ބުނުން ޝަރީޢަތަށް ސާބިތުވާން ނެތުމުން، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ (1,2) ގައިވާ ފަދަ ބަދަލެއް ޢަލީ އިބްރާހީމަށް ނަގައިދެވޭނެ ތަނެއްނެތްކަމަށާއި، މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން ޖެހުމުގެ ސަބަބުން ވަކީލު ފީގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީވެސް ނަގައިދެވެން ނެތް ފައިސާއެއްކަމަށާއި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް ހެދުމަށްޓަކައި އެކަމާބެހޭ ގޮތުން ބާއްވާ "ސްކޯޕިންގ މީޓިންގ" ބޭއްވޭނެ އިންތިޒާމް ހަމަޖައްސާދިނުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރއިން އުފުލަންޖެހޭ ޒިންމާއެއް ނޫންކަން އެނގޭ ކަމަށާއި، އެފަދަ މީޓިންގ އެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރގެ މައްޗަށް އަމުރުކުރަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ވިއަސް ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމް ރަނގަޅު ކަމަށް ބުނެ އަހުރެންގެ ރަޢުޔު އިއްވަމެވެ.
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.