ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/36ސުޕްރީމް ކޯޓު · 10 ފެބުރުއަރީ 2015

—

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 10 ފެބުރުއަރީ 2015ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2013/SC-A/36

ދަޢުވާކުރާ ފަރާތް: 1. ޢަބްދުﷲ އާނިޝް، ރޭޝަން

2. ޢަބްދުﷲ ފާއިޒް، އިރުޝާދު

3. މުޙައްމަދު ޞާދިޤު، ބްލޫރެސްޓް

4. ޙުސައިން ނަޝީދު، ރޯޝަނީއާގެ

5. މުޙައްމަދު ރާފިއު އަޙްމަދު، ހަނީވިލާ

6. ބުންޔާމީން ޙަސަން، ޖަނަވަރީގެ

7. މަބްރޫކް އަޙްމަދު، ދަނބުސުތުލިގެ

8. އިބްރާހިމް މުޖުތަބާ، އެވަރގްރީން

9. އިބްރާހިމް މުޙައްމަދު، މަލާޒު

10. މުޙައްމަދު ރަޝީދު

ދަޢުވާ ލިބޭ ފަރާތް: ކްރައުން ކޮމްޕެނީ ޕްރައިވްޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 20 އޮގަސްޓް 2013

ނިމުނު ތާރީޚް: 10 ފެބްރުއަރީ 2015

މައްސަލަ ނިންމި ގަޑި: 15:20

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ،

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2012/HC-A/183

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 17 ޖޫން 2012

ނިމުނު ތާރީޚް: 12 މާޗް 2013

ފާހަގަ ކުރެވުނު ނުކުތާތައް

1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ ޢަބްދުﷲ އާނިޝްއާއި، ޢަބްދުﷲ ފާއިޒް އާއި، ހއ. ދިއްދޫ ބްލޫރެސްޓް / މުޙައްމަދު ޞާދިޤު އާއި، ޙުސައިން ނަޝީދު އާއި، މުޙައްމަދު ރާފިއު އަޙްމަދު އާއި، ބުންޔާމީން ޙަސަން އާއި، މަބްރޫކު އަޙްމަދު އާއި، އިބްރާހިމް މުޖުތަބާ އާއި، އިބްރާހިމް މުޙައްމަދު އާއި، މުޙައްމަދު ރަޝީދު އާއި، މި ދިހަ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބުނީ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށެވެ.

2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފްކޮށްދިނުމަށް އެދި، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ.

3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ މައްސަލައަކީ ޢަބްދުﷲ އާނިޝް ރޭޝަން އާއި، ޢަބްދުﷲ ފާއިޒް އިރުޝާދު އާއި، މުޙައްމަދު ޞާދިޤު ބްލޫރެސްޓް ޙުސައިން ނަޝީދު ރޯޝަނީއާގެ އާއި، މުޙައްމަދު ރާފިޢު އަޙްމަދު ހަނީވިލާ އާއި، ބުންޔާމީން ޙަސަން ޖަނަވަރީގެ އާއި، މަބްރޫކް އަޙްމަދު ދަނބުސުތުލިގެ އާއި، އިބްރާހިމް މުޖުތަބާ އެވަރގްރީން އާއި، އިބްރާހިމް މުޙައްމަދު މަލާޒް އާއި، މުޙައްމަދު ރަޝީދު ހަޒާރުމާގެ އާއި މި ދިހަ މީހުން، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައި ވަޒީފާ އަދާކުރަމުންދަނިކޮށް، އެމިހުންގެ މަޤާމް ރިޑަންޑަންޓް ވިކަމަށްބުނެ 04 ޖޫން 2011 ގައި ވަޒީފާއިން ވަކިކުރުމާގުޅިގެން، އެމީހުން ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް އެފަރާތްތަކުން ދެކޭތީ، އެ މައްސަލަ ބަލައިދިނުމަށްއެދި އެފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން އެ ޓްރައިބިއުނަލްއިން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި

ބުނެވިދިޔަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލަ، އެ ޓްރައިބިއުނަލްއަށް ހުށަހެޅި އިސްވެ ބަޔާންކުރެވިދިޔަ ފަރާތްތަކުން އެ މައްސަލައިގައި އެދިފައިވަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އެންމެހާ ކަންތައްތައް އެ ޤާނޫނަކާ އެއްގޮތްވާގޮތުގެމަތިން ކުރުމަށް ލާޒިމުކުރާ ޤާނޫނުގައި އެއްވެސް މުވައްޒަފަކު އަދާކުރަމުންދާ ވަޒީފާއަކުން އެ މުވައްޒަފަކު ވަކިކުރެވޭނީ އެކަށީގެންވާ ޝަރުތަކާ ލައިގެންކަމަށް ޞަރީޙަކޮށް ބަޔާންކޮށްފައިވާއިރު އެއްވެސް ސަބަބެއްނެތި ހަމައެކަނި ކުންފުނީގެ ވިޔަފާރި ދަށްވާނެކަމަށް ލަފާކުރެވޭތީ ނުވަތަ ކުންފުނީގެ ފެންވަރު ރަނގަޅުކުރުމަށް އޮޕަރޭޓްކުރަމުންދާ ގެސްޓް ރޫމްތަކެއް ބަންދުކުރުމަކުން، ޒިންމާދާރުކަމާއެކު، ކަމަށްކަމޭހިތާ، އެތައް އަހަރަކު ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންތަކެއް، އެއްވެސް އުޞޫލެއްނެތި، އެއްވެސް ހަމައެއް އިންސާފެއްނެތި، ވަޒީފާއިން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙާއި ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާވެސް ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށާއި އަދި ހަމަ އެއާއެކު ވަޒީފާއިން ވަކިކުރި މުވައްޒަފުން ވަކިކޮށްފައިވަނީ ވަޒީފާއާއިބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް ބަދަލުގެ ގޮތުގައި 1 (އެކެއް) މަސް ދުވަހުގެ މުސާރައާއި، އަދި ވަކިކުރި މުވައްޒަފުން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ލައިގެންނޫންކަމުން ވަޒީފާއިން ވަކިކުރި މުވައްޒަފުން، ކޮންރެޑް މޯލްޑިވްސް ގައި އަދާކުރަމުންއައި ވަޒީފާ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން އަލުން އަނބުރާ ހޯއްދަވައިދެއްވުމަށާއި، އަދި ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި، އަދި ވަކިކުރި މުވައްޒަފުންގެ މުސާރައާއި އެންމެހައި ޢިނާޔަތްތައް އަލުން އަނބުރާ ދެއްވުމަށް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ ކޮންރެޑް މޯލްޑިވްސް ރަންގަލި މެނޭޖްމަންޓަށް އަންގާ އަމުރުކޮށްދިނުމަށް ކަމާއި

އަދި އެ ޓްރައިބިއުނަލްއިން އެ މައްސަލަ ނިންމަވާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްވެސް ޤަވާޢިދެއްގައިވެސް "ރިޑަންޑަންސީ" ގެ ޙާލަތު މެދުވެރިވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް ބަޔާންކޮށްފައިނެތް ނަމަވެސް، މުވައްޒަފަކާއި ވަޒީފާ ދޭފަރާތާ ދެމެދު އޮންނަ ވަޒީފާގެ ގުޅުމަކީ ވަޒީފާ ދޭފަރާތެއްގެ ޙާލަތަށާއި، ބޭނުންތަކަށް ބިނާވެ ވުޖޫދަށް އަންނަ ގުޅުމެއްކަމުން ވަޒީފާ ދޭފަރާތެއްގެ ޙާލަތަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މުވައްޒަފަކު އަދާކުރަމުންދިޔަ ވަޒީފާއެއް ނެތިދާފަދަ ޙާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުރަވެވޭތީ، އެފަދަ ޙާލަތެއް މެދުވެރިވެގެން އިންސާފުވެރިގޮތަކަށް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ އެ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި އޮތްއޮތުމެއްކަމަށް ދެކޭހިނދު، މި މައްސަލައިގައި ހިމެނޭ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ، އެފަރާތްތައް ވަޒީފާ އަދާކުރަމުން އައިސްފައިވާ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިންގުމަށް ބޭނުންވާ މުވައްޒަފުންގެ ޢަދަދު ކުރިއަށްވުރެ މަދުކޮށް ރިޑަންޑަންސީ އިޢުލާނުކުރުމާ ގުޅިގެންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި މަރުޙަލާގައި މުވައްޒަފުން މަދުކުރަންޖެހޭތޯ ވަޒަންކޮށް މައްސަލަ ރައްދުވި ކުންފުނިން ބަލާފައިވާ ގޮތެއް އެނގެންނެތުމާއި، ރިޑަންޑަންސީ އިޢުލާނުކުރިމަކަށް ބުނާއިރު އެ ޙާލަތުގައި މުވައްޒަފުންނާމެދު ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައިވާކަން އެނގެންނެތުމާއި، މައްސަލަ ހުށަހެޅި ފަރާތްތައް "ޑިއު ޕްރޮސެސް" އެއްގެ ތެރެއިން އިންސާފުވެރިގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާކަން އެނގެން ނެތުމުން، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި ސަބަބުކަމަށް މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ކަންކަން ސާބިތުކޮށްދެވިފައިވާކަމަށް ބުރަވެވެންނެތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅުއްވައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކުރައްވައި، އެ ފަރާތްތައް ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބޭތިއްބުމަށާއި، އެ ފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއްކަމުގައި ނުބެލުމަށާއި، އެ ފަރާތްތައް ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި އެ ފަރާތްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން ވަކިކުރިއިރު ދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީދޭންޖެހޭ މިންވަރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ފަރާތްތަކަށް ދީ ޚަލާސްކުރުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް އަންގައި އަމުރުކުރައްވާފަކަމާއި މި ކަންކަން އިސްވެ އިޝާރާތްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.

4- ދިވެހިރާއްޖޭހެ ހައިކޯޓުން، ވަޒީފާއާބެހޭ ޓްރައިބިއުލްގެ ނަންބަރު 93/VTR/2011 މައްސަލަ އިސްތިއުނާފްކޮށް ބެއްލެވި ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާ ނިންމަވާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުން ބާޠިލްކުރައްވައި، ޢަބްދުﷲ އާނިޝް އާއި، ޢަބްދުﷲ ފާއިޒް އާއި، މުޙައްމަދު ޞާދިޤު އާއި، ޙުސައިން ނަޝީދު އާއި، މުޙައްމަދު ރާފިޢު އަޙްމަދު އާއި، ބުންޔާމީން ޙަސަން އާއި، ހަމަ އެ ރަށު ދަނބުސުތުލިގެ މަބްރޫކު އަޙްމަދު އާއި، އިބްރާހިމް މުޖުތަބާ އާއި، އިބްރާހިމް މުޙައްމަދު އާއި، މުޙައްމަދު ރަޝީދު، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި ވަޒީފާ ދޭފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ އަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުކޮށްކަމަށްވުމާއެކު، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އިސްވެބުނެވުނު އިސްތިއުނާފް ރައްދުވާ ފަރާތްތަކަށް ނަގައިދޭންޖެހޭ މާލީ ބަދަލުގެ މިންވަރު، އެފަދަ މައްސަލަތަކުގައި ނަގައިދެވޭ މާލީ ބަދަލުގެ މިންވަރު ކަނޑައެޅުމާ ބެހޭގޮތުން ހައިކޯޓުގެ އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުމަށާއި، ރިޑަންޑަންސީގެ ޙާލަތުގައި ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އެހެނިހެން މާލީ އިނާޔަތްތައް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އިސްތިއުނާފް ރައްދުވާ ފަރާތްތަކަށް ލިބިފައިވޭތޯ ބަލާ، އޭގެތެރެއިން އިނާޔަތެއް އެފަރާތްތަކަށް ލިބިދީފައިނުވާނަމަ އެ އިނާޔަތެއް އެފަރާތްތަކަށް ލިބިދިނުމުގެގޮތުން، އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އަލުންބަލައި ފައިޞަލާކުރަނިވި ނިންމުމެއް ނިންމުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ތަޙްވީލުކުރުމަށް ކަނޑައަޅުއްވައި ޙުކުމްކުރައްވާފަކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެއެވެ.

5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކުރި ފަރާތްތަކުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިލްތިމާސްކުރާ މައިގަނޑު އަސާސަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލަ ބައްލަވައި، އެ ޓްރައިބިއުނަލުން ނިންމަވާފައިވާގޮތަށް އެ މައްސަލަ ނިންމަވާފައިވަނީ މި މައްސަލައިގައި ރިޑަންޑަންސީ އޮތްކަން މައްސަލަ ރައްދުވާ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ބައްލަވައިގެން ކަމަށްވާއިރުވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާއިން މައްސަލަ ބައްލަވައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ ރިޑަންޑަންސީގެ ޙާލަތު ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުރިމަތިވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލަ ނިންމެވިއިރު އެ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާކަމަށާއި އަދި އެ ކަނޑައެޅުން ހައިކޯޓުގެ އިސްތިއުނާފީ ދަޢުވާ ރައްދުވި ފަރާތްތަކުން އެ ކޯޓުގައި އިސްތިއުނާފްކޮށްފައި ނުވާކަމަށް ބައްލަވައިގެން ކަމަށާއި އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމެވުމުގައި، މައްސަލައިގެ ވަޤާއިޢުތައް ތަޠްބީޤުކުރުމުގައި އޮޅުންއަރާފައިވާކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ފަރާތްތަކުން ޤަބޫލުކުރާތީ އެ އަސާސުގެ މައްޗަށްކަމާއި އަދި އެފަރާތްތަކުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އެދިފައިވަނީ މުވައްޒަފުން ރިޑަންޑަންޓް ކުރަންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިވާކަމާއި އަދި ރިޑަންޑަންޓް ކުރަންޖެހޭ މުވައްޒަފުންނަކީ ކޮބައިކަމާއި މި ދެކަން ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސާބިތު ކޮށްދެވިފައި ނުވާކަމަށް ކަނޑައަޅުއްވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަކީ ޞައްޙަ ނިންމެވުމެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށްކަމާއި މިކަންކަން މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ފަރާތްތަކުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި އެ ފަރާތްތަކުން މި މައްސަލަ އިލްތިމާސްކޮށްދިނުމުގެ ހުއްދައަށްއެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފއިވާ ފޯމްގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮވެއެވެ.

6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސް ކޮށްފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިއުންތަކަށާއި، މި މައްސަލަ މި ކޯޓުގައި އިލްތިމާސްކުރި ފަރާތްތަކުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފްކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ، އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، އިންޞާފުން ޝަރީޢަތްކުރުމަކީ، ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ، އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވާ އެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ އެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ސާފުކޮށް އެނގެންއޮތުމުން، އިންޞާފު ލިބިދިނިމަށް އެދި ކޯޓަކަށް ކަމާބެހޭ ފަރާތަކުން މައްސަލައެއް ހުށަހެޅުމުން، މައްސަލަ ބަލައިގަތުމާބެހޭގޮތުން ޤާނޫނީގޮތުން ކަނޑައެޅިފައިވާ އިޖުރާއާތުތައް، އެ މައްސަލައެއް ބެލުމަށް ހުރަސްނުއަޅާހާ ހިނދަކު އެ މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ކަންކަމަށް އެ ކޯޓުން ފައިޞަލާކުރަންވާނެކަން އެނގެން އޮންނައޮތުމެވެ.

(ށ) ދެވަނަކަމަކީ، ދުނިޔޭގެ ކުރިއަރާފައިވާ ތަފާތު ޖުރިސްޑިކްޝަންތަކާއި އަދި ދީމިޤްރާޠީ މުޖުތަމަޢުތަކުގެ ޤަޟާއީސުލްޠާ (ޢަދުލުއިންސާފު ޤާއިމްކުރުމުގެ ބާރު) އެތުރިފައިވާގޮތުގެ މައްޗަށް ބަލާއިރު، ދަށު މަރުޙަލާގެ ކޯޓުތަކުން ނިމޭ މައްސަލަތައް އެއަށްވުރެ މަތީ މަރުޙަލާގެ ކޯޓުތަކުގައި އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވާ މައިގަނޑު ސަބަބަކީ، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް ޞައްޙަނޫންކަމަށް ބެލެވިދާފަދަ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރުމުން އެ ޙުކުމުގައި ކުށެއް ނުވަތަ ޢައިބެއް އޮވެދާނެކަމުގެ އިޙްތިމާލު އޮންނާނެތީ ޢަދުލު އިންޞާފު އޭގެ އެންމެ ފުޅާ މާނައިގައި ލިބިދިނުމުގެ މަފްހޫމް ނިޔާކުރަނީ އެ ޙުކުމުގައި އެއްވެސް ޢައިބެއްނެތް، ޤާނޫނީ ގޮތުން ޞައްޙަ ޙުކުމެއްކޮށް، ދަށު މަރުޙަލާގެ ކޯޓުގެ ޙުކުމުގައިވާ ޢައިބު ނުވަތަ ކުށް ރަނގަޅުވެގެން ދިއުމުގެ އުންމީދުގައި ދަށުމަރުޙަލާގެ ކޯޓުގައި ކުރެވުނު ދަޢުވާ އަލުން ބަލައި އެ ކޯޓުގެ ޙުކުމް އަލުން މުރާޖަޢާކުރުމަށް މަގުފަހިކުރުމަށް ކަމަށްވެފައި، އަދި މި ބާވަތުގެ ކުށެއް ނުވަތަ ޢައިބެއް ދަށު މަރުޙަލާގެ ކޯޓުގެ ޙުކުމުގައި އޮވެދާނެކަމުގެ އިޙްތިމާލު އޮތުމަށް ދިމާވާ މައިގަނޑު ސަބަބަކީ، ދަށު މަރުޙަލާގެ ކޯޓުން ބަލާ ދަޢުވާ އެ ކޯޓުން އެ ބެލެވެނީ އެންމެ ފުރަތަމަ ފަހަރަށް ކަމަށްވުމުން އެ ދަޢުވާގެ އެންމެހާ ޢުންޞުރުތަކެއް ރަނގަޅުކަމުގެ މައްޗަށް ސާފުވެގެން ނުދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވުމުން ނުވަތަ އެ ދަޢުވާގެ ޙުކުމް އައިއިރު، ޞައްޙަ މަގުން ޤާނޫނުގެ ޙުކުމް ރަނގަޅަށް ސާފުވެގެން ނުދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވުމުންނާއި އަދި މީގެ އިތުރުން މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްގެން ދެވަނަ ފަހަރަށް ދަޢުވާ ބަލައި، ދަށު މަރުޙަލާގެ ކޯޓުން ނެރުނު ޙުކުމަށް ތާއީދުނުކުރުމުގެ އިޙްތިމާލު އޮންނާނެކަމަށް ދަށު މަރުޙަލާގެ ކޯޓުގައި ދަޢުވާބަލާ ޤާޟީއަށް އެނގިފައިއޮތުމުން އެއީ ދަށު މަރުޙަލާގެ ކޯޓުން މައްސަލަ ރަނގަޅަށް ބެލުމަށް އިތުރު އަހައްމިއްޔަތެއް ދިނުމަށް މަގުފަހިކުރުވާ، އަދި ދަށުކޯޓުގެ ޙުކުމް ޞައްޙަ ރަނގަޅު ޙުކުމަކަށްވެގެން ދިއުމަށްޓަކައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބެލުމަށް ބާރުލިބިދޭނޭކަމެއްކަމަށްވުމާއި އަދި މީގެ އިތުރުން ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާ ދެވަނަ ފަހަރަށް ބެލުމަކީ ވާޤިއާތައް (ފެކްޓްތައް) ވަޒަންކުރުންކަމުގައިވިޔަސް އެއްބާވަތެއްގެ މައްސަލަތަކުގައި ޝަރީޢަތުން ހަރުދަނާ ޤަޟާއީ އުޞޫލުތަކެއް އެކަށައެޅިގެންދިއުމަށް މަގުފަހިކޮށްދޭނޭ ކަމެއްކަމަށްވުމާއި މި އެންމެހައި ކަންކަމަކީ، މައްސަލަތައް އިސްތިއުނާފްކުރުމުގެ މައިގަނޑު މަޤްޞަދުތައްކަން އެނގެން އޮންނައޮތުމުގެ އިތުރުން، ދަށު މަރުޙަލާގެ ކޯޓަކަށް ހުށަހެޅޭ ދަޢުވާއަކާ ގުޅިގެން އެ ކޯޓަކުން އެ ދަޢުވާގެ މައުޟޫޢުބަލައި ފައިޞަލާކުރަނިވި ގޮތުގައި ކުރާ ޙުކުމެއް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފުކުރުމުގެ ސަބަބުން ނުކުންނަ މައިގަނޑު ނަތީޖާތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނަތީޖާއަކީ، ދަށުކޯޓަށް ހުށަހެޅިފައިވާ ދަޢުވާއަކީ ޖިނާއީ ދަޢުވާއެއްކަމަށްވިޔަސް ނުވަތަ މަދަނީ ދަޢުވާއެއްކަމަށްވިޔަސް އެ ދަޢުވާ އިސްތިއުނާފީ ކޯޓުން ބެލުމަށްޓަކައި ދަށު ކޯޓުގެ ދަޢުވާގައި ހިމެނޭ ވާޤިޢާ (ފެކްޓް) ތަކާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައް ހިމެނޭގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓަށް މުޅި ދަޢުވާ އަލުން ހުށަހެޅިގެން ދިއުންކަމާއި މި ގޮތުން ދަށުކޯޓުން ކޮށްފައިވާ ޙުކުމް، އިސްތިއުނާފީ ކޯޓުގައި އިސްތިއުނާފް ކުރެވިގެންދިއުމާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓަށް އެ ދަޢުވާ ހުށަހެޅިގެންދިޔަ ވަގުތުން ފެށިގެން އެ ދަޢުވާ ބެލުމަށް އެ ކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ ހުރިހާ ބާރުތަކެއް އިސްތިއުނާފީ ކޯޓަށް އުޞޫލެއްގެ ގޮތުން ލިބިގެންވާކަމާއި މީގެ ތެރޭގައި އެ ދަޢުވާގެ އެންމެހައި ވާޤިއާތައް ބެލުމާއި، އަދި ކަމެއް ޘާބިތުކުރުމަށްޓަކައި އިސްތިއުނާފީ ކޯޓަށް ފެންނަ އެންމެހައި އިޖުރާއާތުތަކެއް ފުރިހަމަކުރުމާއި ހުށަހެޅިފައިވާ އެންމެހައި ލިޔެކިއުންތަކުގައްޔާއި ޚަޞްމުންގެ ދިފާޢުތަކުގައި ހިމެނޭ އެންމެހާ ވާޤިޢާތައް އަލުން ބަލައި ވަޒަންކުރުމާއި އޭގެފަހުން ދަޢުވާގެ އެންމެހައި ވާޤިޢާތަކެއްގެ މައްޗަށް، އެ ކޯޓުން ތަޠުބީޤުކުރުން ޞައްޙަކަމަށް ފެންނަ ޤާނޫނީ ޤާޢިދާ ތަޠުބީޤުކުރުމާއި އަދި މީގެ އިތުރުން އިސްތިއުނާފު ކުރުމުގެ ތަޞައްވުރު ބިނާވެފައިވަނީ، އިސްތިއުނާފީ ކޯޓަށް، ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރެވިއްޖެނަމަ، ފުރަތަމަ މަރުޙަލާގެ ކޯޓުން އެޙުކުމް ނެރުމުގެ ކުރިން، އެކޯޓަށް އެހުށަހެޅުނު އެދަޢުވާ އެއޮތް ޙާލަތުގައި އިސްތިއުނާފީ ކޯޓަށް ނަޤުލުވެގެންދިއުމުގެ މައްޗަށްކަމާއި މީގެ ނަތީޖާއެއްގެގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއާ ގުޅޭގޮތުން އާ ހެއްކާއި އާ ދިފާޢުތައް އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވިގެންދާނެކަމާއި އެހެނީ އިސްތިއުނާފުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދަށު މަރުޙަލާގެ ކޯޓުންކުރި ޙުކުމް ރަނގަޅު ނޫންކަމަށް ދެކޭފަރާތަށް، ދަށުމަރުޙަލާގެ ކޯޓަށް ހުށަހެޅުމަށް ނުކުޅެދުނު އާ ހެއްކެއް ފަހުން ލިބިފައިވާނަމަ، އެހެކި އިސްތިއުނާފީ ކޯޓަށް އަލުން ހުށަހަޅުން ތަމްކީނުކުރުމާއި، އަދި ދަށު ކޯޓުގެ ދަޢުވާއާ ގުޅިގެން ހަނދާންނެތިގެން ނުވަތަ އެނޫން ގޮތަކުން ކަމަށްވިޔަސް ދަށު ކޯޓަށް ކަމެއް ހުށަހެޅިއިރު، ގޯހެއް ހުށަހެޅިފައިވާނަމަ އެ ކަމެއް ދެނެގަނެ ރަނގަޅުކުރުމަށް މަގުފަހިކުރުން ހިމެނޭކަމާއި މިކަންކަން، މައްސަލަތައް އިސްތިއުނާފްކުރުމާ ބެހޭގޮތުން ހުރި ޤާނޫނީ އުޞޫލުތަކާއި ހަމަތަކަށް ބެލުމުން އެނގެންއޮތްއިރު، އަދި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނައޮތުމަށް ބަލާއިރު ރައްޔިތުންގެ އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ މި މާއްދާގައި އިސްތިއުނާފްކުރުމުގެ ޙައްޤު ކަނޑައަޅާފައި މިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާގުޅޭ ދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާގޮތާއި ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައްތައް ހިމެނޭގޮތުން އިސްތިއުނާފީ ކޯޓުން ބަލައި ކަށަވަރުކޮށް އިންޞާފު ޤާއިމުކުރުމުގެ މަޤްޞަދުގައިކަން މި މާއްދާގެ ނައްޞަށާއި އަދި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބެލުމުން ސާފުކޮށް އެނގެންއޮންނަ އޮތުމަށާއި

އަދި މީގެ އިތުރުން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓަކީ ދަށުކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓުކަމަށާއި އަދި ހަމަ މި މާއްދާގެ (ށ) ގައި ޤާނޫނަކުން އިސްތިސްނާ ނުކުރާހާ ހިނދަކު ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފްކުރާނީ ހައިކޯޓުގައިކަމަށާއި އަދި ހަމަ މި ބުނެވުނު ޤާނޫނުގެ 36 ވަނަ މާއްދާގައި ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށާއި އަދި ހަމަ މި އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައްބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކުރުމަށްފަހު، ހަމަ މި މާއްދާގެ (ށ) ގައި މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފްގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫންކަމަށް ކަނޑައެޅި ބަޔާންވެފައި އޮންނައޮތުމުގެ މައްޗަށް ބަލާއިރު ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގައިވެސް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިދީފައިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާގެ މައުޟޫޢުއާ ގުޅޭގޮތުން އެކޯޓުން ފައިޞަލާކުރަނިވި ގޮތުގައި ކުރި ޙުކުމާގުޅޭ އެދަޢުވާގެ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާގޮތާއި ޤާނޫނު ތަޠްބީޤުކޮށްފައިވާގޮތާއި މި އެންމެހައި ކަންތައްތައް ހިމެނޭގޮތުން، އިސްތިއުނާފުކުރި ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން އިސްތިއުނާފީ ކޯޓުން ބަލައި ނަޒަރުކޮށް ދަށު މަރުޙަލާގެ ކޯޓަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫއުގައިވާ ކަންކަމާމެދު ފައިޞަލާކުރަނިވި ޙުކުމަކުން، އިންޞާފު އޭގެ އެންމެ ފުރިހަމަގޮތުގައި ޤާއިމުކުރިމުގެ މަތިވެރި މަޤްޞަދުގައި އެނގެން އޮންނައޮތުމެވެ.

(ނ) ތިންވަނަކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށްބަލާއިރު، އެ ޓްރައިބިއުނަލްއިން އެ މައްސަލަ ނިންމަވާފައިވަނީ އެ މައްސަލަ އެ ޓްރައިބިއުނަލްއަށް ހުށަހެޅި ފަރާތްތަކުން އެ މައްސަލައިގެ ދަޢުވާގައި އެދިފައިވާ އެންމެހައި ކަންކަން މައުޟޫޢީގޮތުން ބައްލަވައި، ފައިޞަލާކުރަނިވި ނިންމުމަކުން އެ މައްސަލަ ނިންމަވައިގެންކަން އެ ރިޕޯޓަށް ބެލުމުން އެނގެން އޮތުމުން، އެ މައްސަލައަކީ، އެ މައްސަލައިގައި، ކަން ހިނގާފައިވާގޮތް އަލުންބެލުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ޓްރައިބިއުނަލަށް ތަޙްވީލުކުރުމުގެ އެއްވެސް އަސާސެއްނެތް މައްސަލައެއްކަން އެނގެންއޮންނައޮތުމެވެ.

(ރ) ހަތަރުވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އަސާސުތައް އެ ގޮތުގެމަތިން ހުރުމާއެކު ދަށުކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅިގެން އެ ކޯޓުން ނުވަތަ އެ ޓްރައިބިއުނަލްއިން އެ މައްސަލަ، މައުޟޫއީގޮތުން ބައްލަވައި، ފައިޞަލާކުރަނިވި ގޮތުގައި ނިންމާ ނިންމުންތައް، އިސްތިއުނާފްކުރުމަށް ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ހުށަހެޅުމުން، ދަށުކޯޓުން އެ މައްސަލައިގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފް ކުރިފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން، ދަށުކޯޓުން އެ ދަޢުވާގައި ބަލާ ނިންމާފައިވާ، އެ ދަޢުވާގައި ހިމެނޭ އެންމެހައި ކަންކަމާއި އަދި އެ ދަޢުވާގައި ހިމެނޭ އެންމެހައި ވާޤިޢާތަކާއި އަދި އެ ދަޢުވާއާގުޅޭ ޤާނޫނީ ނުކުތާތައް ހިމެނޭގޮތުން ދަށުކޯޓުން ބައްލަވައި ޙުކުމްކޮށްފައިވާ އެ މައްސަލަ މައުޟޫޢީގޮތުން އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމަކުން އިންޞާފު ޤާއިމުކުރުމަކީ ހައިކޯޓުން އިސްތިއުނާފީ އުޞޫލުން މައްސަލަބަލާ ނިންމުމުގައި ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ހައިކޯޓަށް ލިބިގެންވާ ބާރެއްކަމާއި އަދި އެއީ އެ ކޯޓުގެ ޤާނޫނީ މަސްއޫލިއްޔަތެއްކަން ސާފުކޮށް އެނގެން އޮތްއިރު، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/2011 މައްސަލައަކީ، އެ މައްސަލައިގައި ކަންހިނގާފައިވާގޮތް އަލުން ބެލުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ޓްރައިބިއުނަލްއަށް ތަޙްވީލްކުރުމުގެ އެއްވެސް އަސާސެއްނެތް މައްސަލައެއްކަން އެނގެން އޮތްއިރުވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން، އެ ކޯޓުގެ ނަންބަރު 2012/HC-A/183 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ފައިޞަލާކުރަނިވި ޙުކުމެއް ކުރެއްވުމަކާ ނުލައި ކަމަށްވުމާއެކު، ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގެ މައްސަލައަކީ، ހައިކޯޓުގެ މައްސަލަތައް ބެލުމުގެ އިޖުރާއާތުގެ ތެރެއިން އެ ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށްފައިވާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން ފައިޞަލާކުރަނިވި ނިންމުމެއް އެ ކޯޓުން ނިންމަންޖެހޭ މައްސަލައެއްކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ބެލުމުން އެނގެންއޮތުމުން މި މައްސަލައަކީ، މި މައްސަލައިގައި ހުށަހެޅިފައިވާ ވާޤިއާތަކާއި މައްސަލައާގުޅޭ އެންމެހައިކަންކަމާއި އަދި ޤާނޫނީ ނުކުތާތައް ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި ވަޒަންކޮށް މައްސަލައިގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭގޮތަށް އޮތް މައްސަލައެއްކަން ސާފުކޮށް އެނގެން އޮންނައޮތުމެވެ.

ޙުކުމް

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ އިސްވެ ބަޔާންކުރެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ނޫންކަން އެނގެން އޮންނާތީ އިސްވެ މި އިޝާރާތްކުރެވުނު ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށާއި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް އެ ޤަޟިއްޔާގެ މައްސަލަ އަލުން ފޮނުވައި، ހައިކޯޓުގެ މައްސަލަ ބެލުމުގެ އިޖުރާއާތުގެ ތެރެއިން އެ ކޯޓުން އެ ޤަޟިއްޔާގެ މައްސަލަ އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭގޮތަށް އޮތް މައްސަލައަކަށް ވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި، ފައިޞަލާކުރަނިވި ނިންމުމަކުން އެ ކޯޓުން އެ މައްސަލަ ނިންމުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލަ ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ