—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 2013/SC-C/42
• ދަޢުވާކުރާ ފަރާތް: ޖުމްހޫރީ ޕާޓީ
• ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
• ތަދައްޚުލްވި ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
• މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
• ހުށަހެޅުނު ތާރީޚް: 15 ސެޕްޓެމްބަރ 2013
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ސެޕްޓެމްބަރ 2013
• ނިމުނު ތާރީޚް: 07 އޮކްޓޯބަރ 2013
• މައްސަލަ ނިންމި ގަޑި: 23:30
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދްނާން
މައްސަލައިގެ ޚުލާޞާ
މިއީ، 07 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކަންކުރެވިފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ކަމާބެހޭ މާއްދާތަކާއި، އިންތިޚާބާ ބެހޭ ޤާނޫނުތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 39/SC-C/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތަށްކަމުގައި ނުވާތީ، އެ އިންތިޚާބުގައި ވޯޓުލާފައިވާ މީހުންގެ ލިސްޓުތައް ހޯދުމަކީ ކޮންމެ ކެންޑިޑޭޓެއްގެވެސް ޙައްޤެއް ކަމުގައި ކަނޑައަޅައިދިނުމަށާއި، މި އިންތިޚާބުގައި ބޭނުންކުރެވުނު ވޯޓުލުމުގެ ޝަރުޠު ފުރިހަމަވާ މީހުންގެ ލިސްޓަކީ، ކަމާބެހޭ ޤާނޫނީ އޮނިގަނޑާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 39/SC-C/2013 ޤަޟިއްޔާގައި ބަޔާންކުރެވިގެންވާ ޙުކުމްތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ލިސްޓެއް ނޫންކަމާއި، މިހެންވުމުގެ ސަބަބުން މިއީ ޞައްޙަ ލިސްޓެއް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި އަދި މި އިންތިޚާބަކީ ޤާނޫނުއަސާސީން ދިވެހިރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކެއް ނިގުޅައިގަނެފައިވާ އަދި ޤާނޫނުއަސާސީގައި ބުނެފައިވާ ކަމާބެހޭ މާއްދާތަކާއި، އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި ޚިލާފަށް ބޭއްވިފައިވާ އިންތިޚާބަކަށް ވާތީ އާއި އަދި ދައުލަތުގެ ދުސްތޫރީ އޮނިގަނޑުގައި ބަޔާންކުރެވިގެންވާގޮތަށް ހިނގާފައިވާ އިންތިޚާބަކަށް ނުވާކަމަށް ބުނެ، މި އިންތިޚާބު ބާޠިލު ކޮށްދިނުމަށް އެދި، ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ށ) އާއި، 11 ވަނަ މާއްދާގެ (ހ) ގެ (1) އާއި (3) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ. އަދި މި މައްސަލައަށް ދިވެހި ދައުލަތުގެ ބަންޑާރަނައިބާއި، ޕްރޮގްރެސިވެ ޕާޓީ އޮފް މޯލްޑިވްސް އިން ތަދައްޚުލް ވެފައިވާއިރު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިމައްސަލައަށް ތަދައްޚުލުވުމަށްފަހު، އެ ތަދައްޚުލްވުން ވަނީ 24 ސެޕްޓެމްބަރ 2013 ގައި ދޫކޮށްލާފައެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށާއި، ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) އަށާއި، ރިޔާސީ އިންތިޚާބުގެ ޤަވާޢިދަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ހެކިންގެ ހެކިބަހަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މި މައްސަލައިގައި ތަދައްޚުލްވި ފަރާތްތަކުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެކިތަކާ ބެހޭގޮތުން ޝަރީޢަތަށް ބޭނުންވާ ރިޕޯޓު އެކަށައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢައްޔަންކޮށްފައިވާ ކަމާބެހޭ ތަޖުރިބާކާރު ފޮރެންސިކް ޓީމުން އެކުލަވާލާފައިވާ އެކްސްޕަރޓް ރިޕޯޓުގެ މައްޗަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ދުސްތޫރީ އަދި ޤާނޫނީ މަބުދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
1- 07 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ ޝަރުޠު ހަމަވާމީހުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށް ޢާންމުކޮށްފައިވާ ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށާއި، މިގޮތުން ބުނެވިދިޔަ ރަޖިސްޓަރީގައި އުމުރުން 18 އަހަރު ހަމަނުވާ މީހުންގެ ނަންތަކަކާއި، މަރުވެފައިވާ މީހުންގެ ނަންތަކަކާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާދީފައިނުވާ މީހުންގެ ނަންތަކަކާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގެ ރެކޯޑުގައި ހިމެނިފައިނުވާ ނަންތަކަކާއި، ތަފާތު އައިޑީ ކާޑު ނަންބަރާއެކު ތަކުރާރުވެފައިވާ ނަންތަކަކާއި، ނަމާއި އެޑްރެހާއި، ޖިންސު ދިމާނުވާ ނަންތަކެއް ހިމެނިގެންވުމުގެ ސަބަބުން ވޯޓުދިނުމުގެ ޙައްޤު ޤާނޫނީގޮތުން ލިބިގެންނުވާ އެތައް ބަޔަކަށް ވޯޓުދިނުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވުމުގެ އިތުރުން އެކެއްގެ ނަމުގައި، އެކި ވަޞީލަތްތައް ބޭނުންކޮށްގެން އެއް ވޯޓަށްވުރެ ގިނަ ވޯޓުދިނުމުގެ ފުރުޞަތުވެސް ފަހިވެގެން ގޮސްފައިވާކަމަށާއި އަދި މީގެއިތުރުން، އިންތިޚާބުގެ ކުރިންނާއި އިންތިޚާބުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި ޢަމަލުކޮށްފައިވަނީ އިންތިޚާބުގެ އިންޓެގްރިޓީ އާއި ނަޒާހަތްތެރިކަން ގެއްލޭފަދަ އަދި ޤާނޫނުއަސާސީން އެކޮމިޝަނުގެ މައްޗަށް އިންތިޚާބުތަކާ ގުޅިގެން ކަށަވަރުކުރުން ލާޒިމުކޮށްފައިވާ ކަންތައްތައް ކަށަވަރުކުރުމަކާނުލައި ކަމަށްވާތީ، ޤާނޫނުއަސާސީގެ 108 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމަށް 07 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ވޯޓުދިނުމުގެ އަސާސީ ޙައްޤުން މަޙްރޫމުކުރެވިފައިވާ ކަމަށާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ވޯޓުން ވެރިއަކު ޢައްޔަންކުރުމުގެ ހަމަތައް ގެއްލި، ޔުނިވަރސަލް ސަފްރޭޖްގެ އުޞޫލުތަކުގެ ބޭރުން އަދި ދައުލަތުގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައިވާ އުޞޫލުގެ ބޭރުން، ދައުލަތުގެ އެންމެ އިސްވެރިޔާ އިންތިޚާބުކުރުމުގެ ފުރުޞަތު އޮތްކަމަށާއި، އޭގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތުގެ އެންމެ އިސްވެރިޔާ ހޮވުމަށް ރައްޔިތުންނަށް ޤާނޫނުއަސާސީ އިން ލިބިދީފައިވާ އަސާސީ ޙައްޤަށް ހުރަސްއެޅި ޤާނޫނުއަސާސީގައި ބަޔާންވެގެންވާފަދައިން އިންތިޚާބުވެފައިނުވާ، ޤާނޫނީ ހައިސިއްޔަތެއްނެތް ފަރާތަކަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޒިންމާތައް މަތިކުރެވިގެން ދިއުންކަމަށާއި، މިފަދަ ކަންކަމަކީ މުޅި ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ހަލާކުވެގެން ހިނގައިދާނެ ކަންކަންކަމަށް، މި މައްސަލާގައި ދަޢުވާ ބިނާކުރާ ސަބަބުތަކުގެ ތެރޭގައި، މައްސަލާގައި ދަޢުވާކުރާ ޖުމްހޫރީ ޕާޓީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
2- މި މައްސަލައަކީ، ދިވެހިރާއްޖޭގައި ބޭއްވޭ ޢާންމު އިންތިޚާބުތަކާއި ރެފެރެންޑަމްތައް އިންތިޒާމުކޮށް ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން މަތިކޮށްފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާކަމުގައިވާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ފާއިތުވެދިޔަ 07 ސެޕްޓެމްބަރ 2013 ގައި ބާއްވާފައިވާ ރިޔާސީ އިންތިޚާބު އިންތިޒާމުކޮށްފައިވަނީ، ރައްޔިތުންގެ ވޯޓުދިނުމުގެ އަސާސީ ޙައްޤު އިންޞާފުވެރިކަމާއި ނަޒާހަތްތެރިކަމާއެކު ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަދާކުރެވޭފަދަ ގޮތަކަށް ނޫންކަމުގައިވާތީ، އެ އިންތިޚާބަކީ ރައްޔިތުންގެ މިނިވަން އިޚުތިޔާރާއި އިރާދަ (will) ތަޢުބީރުކޮށްދޭ ޞައްޙަ އިންތިޚާބަކަށް ނުވާނެތީއާއި، އޭގެ ސަބަބުން މުޅި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާއި "ނިޒާމު ޢާންމު" (Public Order) ގެއްލިގެން ހިނގައިދާނެތީ، އެ އިންތިޚާބަކީ ބާޠިލު އިންތިޚާބެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން މި މައްސަލައިގެ ދަޢުވާގެ ޞީޣާއަށާއި ދަޢުވާ ބިނާކުރާ ސަބަބުތަކަށް ބެލުމުން އިސްތިޚްލާޞް ކުރެވެން އޮންނަހިނދު، ދައުލަތުގެ ދުސްތޫރީ ނިޒާމާއި އަދި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާ ގުޅިފައިވާ ޢާންމު އިންތިޚާބުތައްފަދަ ކަންކަމާ ގުޅިގެން އުފެދޭ، ދައުލަތް ދުސްތޫރީ ހަމަނުޖެހުމަކަށް ހިނގައިދާނެކަމުގެ އިޙުތިމާލު ޤާއިމުވެގެންވާ، ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ ޠަބީޢަތުގެ މައްސަލަތައް ބަލައި ފައިޞަލާކުރުވަނިވި ޙުކުމްތަކާއި އަމުރުތައް ނެރުމަކީ، އޭގެޒާތުގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ އިޚްތިޞާޞާއި، ވިރާސީ އިޚްތިޞާޞުގެ ދަށުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ޞަރީޙަ ނައްޞާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އާއި، 10 ވަނަ މާއްދާގެ (ށ) އާއި، 11 ވަނަ މާއްދާގެ (ހ) ގެ (1) އާއި (3) ގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއްކަން ސާފުކޮށް އެނގެން އޮންނަކަމާއި، މި މައްސަލައަކީ އެއްވެސް ޙާލެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މަޢުލޫމާތާމެދު ނުވަތަ އެ ރަޖިސްޓަރީއަށް ބަދަލުގެނައުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށް އުފުލާ ޝަކުވާއަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނޫންކަން އެނގެން އޮންނަކަމާއި، އެހެނީ އެއީ އިންތިޚާބެއް ބޭއްވުމުގެ ކުރިން، އެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މަޢުލޫމާތާމެދު ނުވަތަ އެ ރަޖިސްޓަރީއަށް ބަދަލުގެނައުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށް އުފުލާ ޝަކުވާއަކާ ގުޅިގެން އުފެދޭ ފަރުދީ ޠަބީޢަތުގެ ވަކި ޚުޞޫމަތަކާ ގުޅިގެން ހައިކޯޓަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަވަސްނިޔާގެ މައްސަލައެއްކަމާއި އަދި ހަމައެފަދައިން ސުޕްރީމް ކޯޓަށް އިޚްތިޞާޞް ލިބިގެންވާ މި މައްސަލައަކީ، އިންތިޚާބެއް ހިނގަމުންދާއިރު، އެ އިންތިޚާބަކާ ގުޅޭ އެއްވެސް ކަމަކާ ގުޅިގެން ނުވަތަ ބުނެވިދިޔަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި ނުވަތަ ވަކި ޚާއްޞަ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފަށް އެއްވެސް ފަރާތަކުން ކަމެއް ކުރުމާގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާއެއް އެ ކޮމިޝަނުން ނިންމާގޮތާމެދު ހިތްހަމަނުޖެހޭނަމަ ނުވަތަ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭނަމަ، އިސްވެދިޔަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ދީފައިވާ ބާވަތުގެ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލައެއްވެސް ނޫންކަމާއި އަދި އެއީ ބުނެވިދިޔަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި ނުވަތަ ވަކި ޚާއްޞަ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފަށް ހިންގާ ޖިނާއީ ކުށްތައް ބެލުމުގެ އިޚްތިޞާޞް ބުނެވިދިޔަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް ދީފައިވާ ބާވަތުގެ ޖިނާއީ ކުށެއްގެ މައްސަލައެއްވެސް ނޫންކަމާއި، އެއާ ޚިލާފަށް މި މައްސަލައަކީ ޤާނޫނުއަސާސީގެ 108 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާ، މުޅި އިންތިޚާބުގެ އިންޞާފުވެރިކަމާއި ނަޒާހަތްތެރިކަން ގެއްލި، ރައްޔިތުން މިނިވަންކަމާއެކު އިޚްތިޔާރުކުރާ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގެ އަސާސީ ޙައްޤަށް ހުރަސްއެޅޭފަދަ ކަމަކާމެދު އުފެދޭ ޚިލާފުތައް ނުވަތަ ޚުޞޫމަތްތައް ބަލައި ފައިޞަލާކުރުވަނިވި ނިހާއީ ނިންމުން ނިންމުމުގެ އިޚްތިޞާޞް ދުސްތޫރީގޮތުން މަތިކުރެވިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮންނާތީ އާއި، އެ މާއްދާގައި "ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުޖްހޫރިއްޔާގެ ނައިބަކަށް ހުންނާނޭކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާ ކަމާމެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާ ކަމަކާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިމްމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ، އެކަމެއް ވަކިގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. މިފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާންވާނީ އެ ކޯޓުގައި ހިމެނޭ ހުރިހައި ފަނޑިޔާރުން ތިބެގެންނެވެ. އަދި އެގޮތުން އެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، އަދި ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައްޔާއި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ސާފު ބަހުން ބަޔާންކޮށްފައިވާއިރު، މި މައްސަލައަކީ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ މައްސަލައެއްކަމަށް ބުނެ މި މައްސަލާގައި ދަޢުވާލިބޭ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ދަފްޢަކީ އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާވެގެންވާ ދަފްޢެއް ނޫންކަން އެނގެން އޮވެއެވެ.
3- ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅުނު މި ދުސްތޫރީ މައްސަލައިގައިވާ އެންމެހައި ކަންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އިންސާފުވެރިކަމާއިއެކު ބަލައި ނިންމުމަށްޓަކައި އެކަށީގެންވާ މުއްދަތެއް ބޭނުންވާކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ އިންސާފުވެރިކަމާއެކު އެމައްސަލައެއް ބަލައި އިންސާފުވެރި ނިޔާއެއް އިއްވުން ގެރެންޓީ ކުރުމަށްޓަކައި އަދި އިޢާދަނުކުރެވޭވަރުގެ ގެއްލުމަކުން ޤައުމާ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ބޭއްވުނު ތާރީޚްގެ މައްޗަށް ބިނާކޮށް އެ ތާރީޚުން ފެށިގެން 21 ވަނައަށްވާ ދުވަހު، ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އެ އިންތިޚާބުގެ ދެވަނަބުރު ފަސްކުރުމަށް އަމުރުކުރުމުގެ ބާރުވެސް، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ ދަށުން ދުސްތޫރީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ޤާނޫނުއަސާސީ އިން ލިބިދީފައިވާ ކޯޓަށް ލިބިދީފައިވާކަން ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ށ) އަށް ބެލުމުން ސާފުކޮށް އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން ވަކި ތާރީޚުތަކެއްގެ ކުރިން ނިންމަންޖެހޭނެކަމަށް ބުނެފައިވާ ކަންތައްތައް، ޤާނޫނުއަސާސީގައި ބުނެފައިވާގޮތަށް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް ޤާނޫނުއަސާސީ އިން ލާޒިމުވެގެންވާ ކަމަކަށްވާއިރު، އެފަދަކަމެއް ޤާނޫނުއަސާސީގައިވާގޮތަށް އަދި ޤާނޫނުއަސާސީގައި ބުނެފައިވާ ތާރީޚުތަކުގައި ނިންމުމަށް ޝަރުޢީ އަދި ޤާނޫނީގޮތުން އުޒުރުވެރިވާފަދަ ހަމައެކަނި ޙާލަތަކީ، އިންސާނީ ބާރު ނުފޯރާފަދަ ޤުދުރަތީ ބޮޑެތި ހާދިސާތަކާއި ހަނގުރާމަވެރި ޙާލަތުތައް މެދުވެރިވެ، އެފަދަ ކަންކަމަށް އިޚްތިޔާރުގައިނުވާ ސަބަބުތަކާހުރެ، ހުރަސްއެޅިގެން ދިޔުންކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-C/2009 ޤަޟިއްޔާގައި ބުނެފައި އެވަނީ ނެސެސިޓީ (الضرورة) ގެ ޙާލަތުފަދަ ޤާނޫނީ އަދި ޝަރުޢީ ގޮތުން ޤަބޫލުކުރެވޭ އިސްތިސްނާ ޙާލަތެއް ކުރިމަތި ނުވާހާހިނދަކު، ޤާނޫނުއަސާސީގައި ކަނޑައެޅިގެން ވަކިގޮތަކަށް ކުރަން ބުނެފައިވާކަމެއް ކުރަންވާނީ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތަށްކަމާއި، ކަނޑައެޅިގެން ވަކި ތާރީޚެއްގެ ކުރިން ކުރުމަށް އޮންނަކަމެއް ނުކޮށް ދޫކޮށްލައިގެން ބުނެވިދިޔަ އިސްތިސްނާ ހާލަތު ފިޔަވައި އެހެން ޙާލަތެއްގައި ތިބުން ހުއްދަވެގެން ނުވާނެކަމެއް ކަމާއި، އެހެންކަމުން އެ ޤަޟިއްޔާގައި ކަނޑައަޅާފައި އެވަނީ އިންތިޚާބުތަކާ އަދި އެނޫންވެސް ޤާނޫނުއަސާސީގައި ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ޞައްޙަވާނީ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ކުރުމުންކަމާއި އަދި ޤާނޫނުއަސާސީގައި ވަކި ތާރީޚެއްގެކުރިން ކުރުމަށް އޮންނަކަމެއް އެ ތާރީޚުގެ ކުރިން ކުރުމަކީވެސް ޤާނޫނުއަސާސީއާ އެއްގޮތަށް ކަންތައް ކުރުމުގެ ތެރޭގައި ހިމެނޭނެކަމެއްކަން އެނގެން އޮންނައިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ސުޕްރީމް ކޯޓުން މި ޤަޟިއްޔާގައި ބަލަމުންދާ މައްސަލައަކީ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ތާރީޚުތަކަށް ކަންތައް ނުކުރުމުގެ މައްސަލައެއްނޫންކަން އެނގޭކަމާއި، ތާރީޚުތަކުގައި ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވީނަމަވެސް އެކަންތައްތައް ކޮށްފައިވަނީ ޤާނޫނުއަސާސީގައި އަދި ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ކަމަށާއި، އެހެންކަމުން އެކަންތައްތަކަކީ ދުސްތޫރީ ގޮތުން ބާޠިލު ކަންތައްތަކެއްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި އަދި ރިޔާސީ އިންތިޚާބުތައްފަދަ އިންތިޚާބީ މައްސަލަތައް ލަސްނުކޮށް ބެލުމުގެ އުޞޫލަށް ސުޕްރީމް ކޯޓުން މި މައްސަލަ ބެލުމުގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން ރިޢާޔަތްކޮށްފައިވާއިރު، އަދި ޤާނޫނު ނަންބަރ 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ) ގެ 65 ވަނަ މާއްދާގެ (ށ) ގައި އެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައަކާމެދު، އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ މުއްދަތުގެތެރޭގައި ހައިކޯޓުން ގޮތެއް ކަނަޑައަޅަންވާނެކަމަށް އޮތް އޮތުމަށާއި ހައިކޯޓުން ނިންމާ އިންތިޚާބީ ޝަކުވާގެ މައްސަލައެއް ސުޕްރީމް ކޯޓުގެ ރިވިއުއަކަށް އަތުވެއްޖެނަމަ އެއާމެދު ގޮތެއް ކަނޑައެޅުމަށް އިތުރު މުއްދަތެއް ބޭނުންވެދާނެކަމާއި، މިކަންކަމުގެ މައްޗަށް ވިސްނައި ބަލާއިރު، ޤާނޫނުއަސާސީ އާއި ޤާނޫނުގައި އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ތާރީޚުތަކަށް، ޤާނޫނުއަސާސީ އާއި ޤާނޫނުގައި ކަނޑައަޅާފައިވާ އިޖްރާއާތާ އެއްގޮތަށް އެ އިންތިޚާބުގައި ކަންތައް ކުރެވިފައި ނުވާކަން ޝަރީޢަތަށް ސާބިތުވާނަމަ، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން އިންތިޚާބުގެ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު އޮތް މުއައްސަސާގެ އިހުމާލުން ނުވަތަ 'ތަޤްޞީރީ މަސްއޫލިއްޔަތު' (misfeasance) އެއްގެ ސަބަބުން ނުކުންނަ އެއްވެސް ނަތީޖާއެއްގެ ޒިންމާއަކީ އެ މައްސަލައެއްގެ ޝަރީޢަތްކޮށް ޤާނޫނުގެ ޙުކުމް އިއްވާ ކޯޓުގެ ޒިންމާއެއްކަމަށް ބަދަލުވާންޖެހޭފަދަ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް އަދި ޤާނޫނީ މަންޠިޤް (logic) އެއްވެސް ނޯންނަކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގައި ކުރަން އޮންނަކަމެއް އެ މުއްދަތުގައި ކޮށްފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށްކަމަށް ޝަރުޢީ ހަމަތަކުގެމަތިން ކަމާބެހޭ ކޯޓަކަށް ސާބިތުވުމުން، އަލުން ދުސްތޫރީގޮތުން ޞައްޙަ އިޖްރާއާތުގެ ތެރެއިން އެކަންތައް ފުރިހަމަ ކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ޟަރޫރަތެއްކަމަށް ވާހިނދު، ޟަރޫރަތުގެ އުޞޫލުންނާއި ނެސެސިޓީގެ މަބުދައުގެ ދަށުން، އަދި މި މަބުދައުގެ އެންމެހައި ރުކުންތަކާ އެއްގޮތްވާ ގޮތުގެމަތިން އިތުރުވާ މުއްދަތަކީ ދުސްތޫރީ ޖުރިސްޕުރޫޑެންސާއި އިސްލާމީ ޝަރީޢަތުން ޤަބޫލުކުރާ މަބުދައެއްކަން އެނގެން އޮތުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-C/2009 ޤަޟިއްޔާގައި ކުރި ޙުކުމާ ގުޅިގެން 2009 ވަނަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުއައްސަސާތަކުން ފެށިކަމުގައިވިޔަސް އެ އިންތިޚާބު ބޭއްވިފައިވަނީ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުގެ ތާރީޚެއްގައި 2009 ވަނަ އަހަރުގެ މެއި މަހުގައިކަން އެނގެން އޮތުމުން، ބުނެވިދޔަ ނެސެސިޓީގެ މަބުދައަށް ނުފެތޭހައިހިނދަކު އެ އިންތިޚާބަކީ ދުސްތޫރީގޮތުން ޞައްޙަ އިންތިޚާބެއްކަމަށް ކަނޑަނޭޅޭނެކަން އެނގޭކަމާއި، އެހެންކަމުން ޤާނޫނުއަސާސީގައި ކަމެއްކުރުމަށް ވަކި މުއްދަތުތަކެއް ކަނޑައެޅިފައި އޮތުމަކީ އެ މުއްދަތެއްގައި ކުރަންޖެހޭކަމެއް ކޮށްފައިވަނީ ދުސްތޫރީ ގޮތުން ބާޠިލުގޮތެއްގައި ކަމަށްބުނެ އުފެދިފައިވާ ޚިލާފުގެ މައްސަލައެއް ބަލައި ނިންމުމާއި، ޤާނޫނުއަސާސީގައިވާ ގޮތަށް ކަންތައް ކުރުމަށް އެންގުމަށް ސުޕްރީމް ކޯޓުގެ މައްޗަށް އޮތް ހުރަހެއްކަމަށް ބެލެވޭނޭ ޝަރުޢީ އަދި ޤާނޫނީވެސް ހަމައެއްނެތްކަން އެނގެންއޮންނައިރު، ޤާނޫނުއަސާސީގައި ކަނޑއެޅިފައިވާ މުއްދަތުގައި ކުރަންއޮތްކަމެއް ޤާނޫނުއަސާސީއާ އެއްގޮތަށް ކުރުމަށް 'ނެސެސިޓީ' ގެ އުޞޫލުން މުއްދަތެއް އިތުރުވާން ޖެހިއްޖެނަމަ މުއްދަތު އިތުރުވާ އިތުރުވުމަކީ ދައުލަތުގައި ޤާއިމުވެފައިއޮތް ޤާނޫނީ ސަރުކާރު ދެމިއޮތުން ނިމުމަކަށް އަންނަންޖެހޭ ސަބަބެއް ނޫންކަމާއި، "ސްޓޭޓް އޮފް ނެސެސިޓީ" (State of necessity) ނުވަތަ "ޙާލަތުއް ޟަރޫރާ" (حالة الضرورة) އާއި، "ކޮންޓިނުއިޓީ އޮފް ލީގަލް ގަވަރމެންޓް" (Continuty of legal government) އާއި މި ދެ މަބުދައުގެ ދަށުން ސަރުކާރު ދެމި އޮންނާނެކަމީ ދުސްތޫރީ އަދި ޤާނޫނީ ފިޤުހު ނުވަތަ ޖުރިސްޕްރޫޑެންސްގައި އިސްތިޤްރާރުވެ، ބަލައިގެންފައިވާ އުޞޫލެއްކަމާއި، ނަމަވެސް، އެއްވެސް ކަމެއް ނެސެސިޓީގެ ދަށުން އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ، އިތުރުނުކުރެވޭނެކަން އެނގޭކަމާއި، އަދި ނެސެސިޓީގެ ދަށުން ކޮންމެހެން ޟަރޫރަތްތެރިވާ މިންވަރާއި ކޮންމެހެން އެކަމަށް ބޭނުންވާ މުއްދަތަށްވުރެ މުއްދަތެއް އިތުރުވެގެން ދިއުން މި މަބްދައުގެ ދަށުން ޞައްޙަ ނުވާނެކަމާއި، އުޞޫލެއްގެ ގޮތުން ނެސެސިޓީގެ ޙާލަތްތަކަކީ ހަނގުރާމެވެރި ޙާލަތެއް ނުވަތަ ބިންހެލުމެއް ނުވަތަ ފެންބޮޑުވުންފަދަ އިންސާނީ ބާރު ނުފޯރާފަދަ ޟަރޫރަތުގެ ޙާލަތްތައް ކަމުގައިވިޔަސް ދައުލަތުގެ ކަމަކާ ޙަވާލުވެހުރި ފަރާތަކުން ނުވަތަ މުއައްސަސާއަކުން ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގައި ޤާނޫނުއަސާސީގައި ބުނެފައިވާގޮތަށް ކަމެއް ނުކުރެވުމުގެ ސަބަބުން މެދުވެރިވާ "ވާޤިޢީ" ނުވަތަ ޑީފެކްޓޯ (defacto) ގެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަމެއް އިތުރު މުއްދަތެއްގައި ކުރުން ދުސްތޫރީ އަދީ ޝަރުޢީ ގޮތުން ހުއްދަ ކުރެވެނީ އިސްވެދިޔަ "ޙާލަތުއްޟަރޫރާ" ނުވަތަ ސްޓޭޓް އޮފް ނެސެސިޓީގެ ބުނެވިދިޔަ ޝަރުޠުތަކުގެ މަތިން، ކޮންޓިނުއިޓީ އޮފް ލީގަލް ގަވަރމެންޓްގެ މަބުދައުގެ ދަށުންކަން އެނގޭކަމާއި އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 25،26/SC-C/2010 ޤަޟިއްޔާގައި ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބުމުގެ ކުރިން އަދާކުރާ މަސްއޫލިއްޔަތު ދުސްތޫރީގޮތުން ޞައްޙަކަމަށް ކަނޑައަޅާފައިވާކަން އެނެގެއެވެ.
4- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައި އޮންނަ ރައްޔިތުންގެ ސިޔާދަތު، މިޒަމާނުގެ ދީމިޤުރާޠީ ނިޒާމުތަކުގައި ބޭނުންކުރާ ޢާންމު އެއް ވަސީލަތަކީ "ދީމިޤުރާޠިއްޔާ ނިޔާބިއްޔާ" (Representative Democracy) ގެ އުޞޫލުން ސީދާ ރައްޔިތުން މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށްކަމާއި، މިގޮތުން "އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައް ހިންގުމުގައި ބައިވެރިވުމަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަމަށް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައި އޮންނައިރު، ރައްޔިތުން ބުނެވިދިޔަ ގޮތުގެމަތިން އިޚްތިޔާރުކުރާ މަންދޫބުން، އެއީ ލާމަރުކަޒީ ނުވަތަ އިދާރީ ފެންވަރެއްގައި ލޯކަލް ކައުންސިލްތަކަށް އިޚްތިޔާރުކުރާ މެންބަރުން ކަމުގައިވިއަސް، ޤައުމީ ނުވަތަ މަރުކަޒީ ފެންވަރެއްގައި ރައްޔިތުން ތަމްސީލުކުރުމަށް ޕާލަމެންޓަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް އިޚްތިޔާރުކުރާ މެންބަރުން ކަމުގައިވިއަސް، އަދި އެއީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަޤާމަށް އިޚްތިޔާރުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިއަސް، މިޒާނުގެ އެންމެހައި ދީމިޤުރާޠީ ނިޒާމުތަކުގައި އިޚްތިޔާރުކުރެވެނީ މިނިވަން އަދި އިންޞާފުވެރި (Free and Fair) އިންތިޚާބެއްގެ ޒަރީޢާއިންކަމާއި، މިފަދަ އިންތިޚާބެއްގެ އެންމެ މުހިއްމު އެއް ޢުންޞުރަކީ އެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ ރައްޔިތުން ނުވަތަ "އިލެކްޓޮރޭޓް" (Electorate) ކަނޑައެޅިފައި އޮތުންކަމާއި، މިޒަމާނުގެ ތަފާތު ދުސްތޫރީ ނިޒާމުތަކުގެ އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ މީހުން ކަނޑައަޅަނީ "އަލްއިޤްތިރާޢުލް ޢާންމު" (الاقتراع العام( ނުވަތަ 'ޔުނިވަރސަލް ސަފްރޭޖް' (Universal Suffrage) ގެ އަސާސްގެ މަތިންކަމާ؛ "ޔުނިވަރސަލް ސަފްރޭޖް" ގެ މަފްހޫމަކީ އިންތިޚާބުގެ ޙައްޤު މާލީ ނުވަތަ ޢިލްމީ ޝަރުޠަކުން ޤައިދުކުރެވިފައި ނުވުންކަމާ، އެބަހީ އިންތިޚާބުގައި ވޯޓުދޭ މީހާގެ މިލްކިއްޔާތުގައި ވަކި ނިޞާބަކަށް މުދާ ހުރުން ނުވަތަ ވޯޓުދޭ މީހާއަކީ ވަކި ފެންވަރަކަށް ތަޢުލީމު ލިބިފައިވާ މީހަކަށްވުން ޝަރުޠު ނުކުރުންކަމާއި، މީގެއިތުރުން "ޔުނިވަރސަލް ސަފްރޭޖް" ގެ ޢާންމު މަފްހޫމުގެ ތެރޭގައި، ވޯޓުދޭ މީހާގެ ޖިންސު ނުވަތަ ނަސްލު ނުވަތަ ބަސް ނުވަތަ ކުލައަށް ބަލައި ވޯޓުދިނުމުގެ ޙައްޤު ޤައިދު ނުކުރުން ހިމެނިގެންވާއިރު، "ޔުނިވަރސަލް ސަފްރޭޖް" ގެ މި މަފްހޫމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މަފްހޫމެއްކަމާ، މިގޮތުން އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެއެވެ.
5- އިންތިޚާބުތަކާއި ރެފެރެންޑަމްތަކުގައި ވޯޓުދޭ މީހުންގެ ކިބައިގައި، ކޮންމެހެން ހުރުން ލާޒިމުވާ ޝަރުޠުތަކެއް ތަފާތު ދައުލަތްތަކުގެ އިންތިޚާބުތަކާބެހޭ ޤާނޫނުތަކުގައި، މަޤުބޫލު ސަބަބުތަކަށްޓަކައި، ކަނޑައެޅިފައިވުމަކީ ބުނެވިދިޔަ "ޔުނިވަރސަލް ސަފްރޭޖް" ގެ މަފްހޫމާއި ތަޢާރުޟުވާ ކަމެއް ނޫންކަމާއި އަދި އެއީ ވޯޓުދިނުމުގެ ޙައްޤުން ގިނަ ޢަދަދެއްގެ މީހުން މަޙްރޫމް ވެގެންދާ ކަމެއްވެސް ނޫންކަމާއި މިގޮތުން އިންތިޚާބުގެ ޙައްޤަކީ މިޒަމާނުގެ އެންމެހައި ދައުލަތެއްގައިވެސް އެ ދައުލަތެއްގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަމާއި، އެއީ އެއްގޮތަކަށްވެސް ބިދޭސީންނަށް ލިބިގެންވާ ޙައްޤެއް ނޫންކަމާއި، މިކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނަކަމާއި، މީގެއިތުރުން ވޯޓުދިނުމުގެ ޙައްޤަކީ ދުނިޔޭގެ ހުރިހައި އިންތިޚާބުތަކާބެހޭ ޤާނޫނުތަކުގައި ވަކި ޢުމުރެއް ފުރިފައިވާ މީހުންނަށް ލިބިގެންވާ ޙައްޤެއްކަމާއި، މިޒަމާނުގެ ގިނަ ދައުލަތްތަކުގައި އެ އުމުރަކީ 18 އަހަރުކަމާއި، އެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އިސްވެދިޔަ 26 ވަނަ މާއްދާގައި ޞަރީޙަކޮށް ބަޔާންކޮށްފައި ވާކަމާ، މީގެއިތުރުން ވޯޓުދޭ މީހާއަކީ ބައެއް ބާވަތުގެ ބޮޑެތި ޖިނާއީ ކުށް އެނާގެ މައްޗަށް ސާބިތުވެ ޙުކުމްކުރެވުމުގެ ސަބަބުން ޝަރަފާއި ކަރާމަތް ގެއްލިފައިވާ މީހަކަށް ނުވުން މިޒަމާނުގެ އިންތިޚާބުތަކާބެހޭ ޤާނޫނުތައް ލާޒިމުކުރާކަމާއި، އެހެންނަމަވެސް މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުގެ ސަބަބުން އޭނާގެ ވޯޓުދިނުމުގެ ޙައްޤު ޤައިދުކުރެވޭ ޙުދޫދު ތަފާތު ޖުރިސްޑިކްޝަންތަކުގެ އިންތިޚާބުތަކާބެހޭ ޤާނޫނުތަކުގައި އިންތިޒާމު ކޮށްފައިވާކަމާ، މިގޮތުން އެމީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށެއްގެ ކުޑަ ބޮޑު މިނާ މުނާސިބުވާގޮތަށް އެ ޙައްޤު ޤައިދުކުރެވޭކަމާ، އަދި ޤާނޫނުގައި ކަނޑައެޅިގެންވާ އެކަށީގެންވާ މުއްދަތަކަށް އެ ޙައްޤު ޤައިދުކުރެވޭކަން އެނގެންއޮންނައިރު، ދިވެހިރާއްޖޭގެ އިންތިޚާބުތަކާބެހޭ ޤާނޫނުތަކުގައި، އިންތިޚާބުތަކުގައި ވޯޓުދޭ މީހާއަކީ މި އުޞޫލާ އެއްގޮތަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ޝަރުޠުކޮށް، އެކަން މިޒަމާނުގެ އެހެނިހެން ދީމިޤުރާޠީ ނިޒާމުތަކެކޭ އެއްފަދައިން، ތަންޒީމުކޮށްފައި ނެތުމަކީ ދިވެހިރާއްޖޭގެ އިންތިޚާބާބެހޭ ޤާނޫނީ އޮނިގަނޑުގައިވާ އުނިކަމެއްކަން ފާހަގަކުރެވޭކަމާ، އަދި މީގެއިތުރުން ވޯޓުދޭ މީހާއަކީ ބުއްދި ސަލާމަތުން ހުރި މީހަކަށް ވުން މިޒަމާނުގެ އިންތިޚާބުތަކާބެހޭ ޤާނޫނުތަކުން ޝަރުޠުކުރާކަމާއި، މިގޮތުން މޮޔަވުންފަދަ ސިކުނޑީގެ ބައްޔެއްގެ ސަބަބުން ތަންދޮރު ވަކިކުރަން ނޭނގޭ އަދި އަމިއްލައަށް އިޚްތިޔާރުކުރުމަށް ނުކުޅެދިގެންވާ މީހުންނަކީ ތަފާތު ޤާނޫނީ ނިޒާމުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެން ނުވާ މީހުންކަމާއި، އެހެންނަމަވެސް އެފަދަ މީހުންނަކީ ކޮބައިކަން ސާބިތުކުރުމަކީ ތަހުޒީބު މުޖުތަމަޢުތަކުގައި ކަމާބެހޭ ކޯޓުތައްފަދަ މުސްތަޤިއްލު ފަރާތްތަކުން ކުރާކަމެއްކަން އެނގެންއޮންނައިރު، ދިވެހިރާއްޖޭގެ އިންތިޚާބުތަކާބެހޭ ޤާނޫނުތަކުގައި ވޯޓުދޭ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ބުއްދި ސަލާމަތުން ހުރުން ކަނޑައަޅައި އިންތިޒާމުކޮށްފައި ނެތުމަކީ އެ ޤާނޫނުތަކުގައިވާ އުނިކަމެއްކަން ފާހަގަކުރެވިފައިވެއެވެ.
6- އިސްވެ ބަޔާންވެދިޔަ "ޔުނިވަރސަލް ސަފްރޭޖް" ގެ މަބުދައުގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތު (characteristic) އަކީ ވޯޓުދިނުމުގައި ހަމަހަމަކަން (equality) އޮތުމުގެ އަސާސްކަމާއި މިގޮތުން ވޯޓުދިނުމުގެ ޝަރުޠު ހަމަވާ ކޮންމެ މީހަކަށް “One Person One Vote” ގެ އުޞޫލުން އެކަކަށް އެއް ވޯޓަށްވުރެ ގިނައިން ވޯޓު ނުލެވޭގޮތަށް އޮތުމާއި، އެއް އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާގައި އެކަކަށް ވޯޓު ނުލެވޭގޮތަށް އޮތުމާއި، ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުން ވޯޓުދިނުމުގެ ޙައްޤުން މަޙްރޫމު ނުވުމާއި، އެއްވެސް ސަބަބަކަށްޓަކައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންނުވާ މީހުންނަށް ވޯޓުގައި ބައިވެރި ނުވެވުން ގެރެންޓީކޮށްދޭ އަސާސީ އެއް އުޞޫލަކީ ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓުތައް ތަރުތީބުކޮށް ތަންޒީމުކޮށް ބެލެހެއްޓުމުގެ އުޞޫލުކަމާއި، މިގޮތުން ވޯޓުދޭމީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގައި މިޒަމާނުގެ ދައުލަތްތަކުން ޢަމަލުކުރާ މައިގަނޑު ދެ ނިޒާމެއް ވާކަމާއި؛ ފުރަތަމަ ނިޒާމަކީ ވޯޓުދޭ މީހާ އިސްނަގައިގެން ރަޖިސްޓަރީކުރުމުގެ ނިޒާމު (Active registration system) ކަމާއި، މި ނިޒާމުގެ ދަށުން ރަޖިސްޓަރީކުރާ ދައުލަތްތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުން، ވޯޓުދޭ މީހުންގެ ރަޖިސްޓަރީގައި ރަޖިސްޓަރީކުރެވެނީ އެމީހުން އެކަމަށް އެދި ދައުލަތުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުންކަން އެނގެންއޮންނައިރު، މި ނިޒާމަށް ޢަމަލުކުރާ ދައުލަތްތަކުގައި ވޯޓު ދިނުމަށް ރަޖިސްޓަރީކުރުމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމާއި، ވޯޓުދިނުމަށް ރަޖިސްޓަރީވާން އެދި ހުށަހަޅާ މީހުން ވީހާވެސް ފަސޭހައިން، ނޭދެވޭ ބުރަ އުފުލުމަކާ ނުލައި، ރަޖިސްޓަރީކުރެވޭނޭ އިޖްރާއާތުތައް ކަނޑައަޅައި ތަންޒީމުކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއްކަމާއި އަދި ވޯޓުދޭ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގައި ދައުލަތްތަކުން ޢަމަލުކުރާ ދެވަނަ ނިޒާމަކީ ދައުލަތުން އިސްނަގައިގެން ރަޖިސްޓަރީކުރުމުގެ ނިޒާމު (Passive registration system) ކަމާއި، މި ނިޒާމުގެ ދަށުން ދައުލަތުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ ހުރިހައި އެންމެން، އެމީހުންގެ އިންތިޚާބީ ދާއިރާތަކުގައި ރަޖިސްޓަރީ ކުރުމަކީ، ރައްޔިތުންގެ އިސްނެގުމަކާ ނުލައި، ދައުލަތުގެ ކަމާބެހޭ އިދާރާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއްކަމާއި، މި ނިޒާމުގެ ދަށުންވެސް ވޯޓުދޭމީހާ އެމީހާގެ ދާއިމީ އެޑްރެސް އޮންނަ ދާއިރާ ފިޔަވައި އެހެން ދާއިރާއެއްގައި ވޯޓުދިނުމަށް އިޚްތިޔާރުކުރާ ޙާލަތުގައްޔާއި، ބޭރު ޤައުމެއްގައި ދިރިއުޅެމުންދާނަމަ އެތަނެއްގައި ވޯޓުދިނުމަށް އިޚްތިޔާރުކުރާ ޙާލަތުގައި ވޯޓުދިނުމަށް ރަޖިސްޓަރީކުރެވެނީ ވޯޓުދޭ މީހާ އެކަމަށް އެދި ދައުލަތުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުންކަމާއި، މިއިން ކޮންމެ ނިޒާމެއްގެ ދަށުން ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލެވުނު ކަމުގައިވިއަސް، އެވާންޖެހޭނީ 'ޔުނިވަރސަލް ސަފްރެޖް'ގެ އުޞޫލުގެ ދަށުން ވޯޓުދިނިމުގެ ޙައްޤު ލިބިގެންވާ މީހުންނަށް އެމީހުންގެ ފުރިހަމަ އިޚްތިޔާރާއެކު ވޯޓުދިނުމުގެ ޙައްޤު އަދާކުރެވޭނެ އޫޞޫލަކުން، އަދި އިންތިޚާބުގައި ވޯޓުދިން މީހުންގެ ޙަޤީޤީ އިޚްތިޔާރު އޮޅުވާ ނުލެވޭފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ރަޖިސްޓަރީއަކަށް ކަމާއި، މިގޮތުން ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ވޯޓުދެވޭ އުމުރު ހަމަނުވާ މީހުންނާއި މަރުވެފައިވާ މީހުން ޝާމިލުވެފައި ނުވާކަމާއި، އެކެއްގެ ނަން ތަކުރާރުވެފައި ނުވާކަމާއި، ވޯޓުދޭ މީހާގެ އިންތިޚާބީ ދާއިރާ ނޫން އެހެން ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައި ނުވާކަމާއި، މިނޫންވެސް މިފަދަ ވޯޓުގެ ނަތީޖާ އޮޅުވާލުމަށް މަގުފަހިވެގެންދާނެ އެހެންވެސް ކަންކަމުން އެ ރަޖިސްޓަރީ އެއްކިބާވެފައިވާކަން ގެރެންޓީ ވެފައި އޮންނަން ޖެހޭނެކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގައި އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމުގައި އަސާސީގޮތެއްގައި ޢަމަލުކުރަނީ ބަޔާންވެދިޔަ ދައުލަތުން އިސްނަގައިގެން ރަޖިސްޓަރީކުރުމުގެ ނިޒާމަށްކަމާއި، އިސްތިސްނާއީގޮތަކަށް އެ ބައެއްގެ އިންތިޚާބީ ދާއިރާ ނޫން އެހެން ދާއިރާތަކުގައި ވޯޓުދިނުމަށް އިޚްތިޔާރުކުރާ މީހުންނާއި، ރާއްޖެއިން ބޭރުގައި އުޅޭ ރައްޔިތުންގެ ތެރެއިން ރާއްޖެއިން ބޭރުގައި ވޯޓުދިނުމަށް އިޚްތިޔާރުކުރާ ރައްޔިތުން އެ ރައްޔިތުން އިސްނަގައިގެން ވޯޓުލާން ބޭނުންވާ ދާއިރާތަކުގައި، ކަމާބެހޭ ޤާނޫނުގައި ކަނޑައެޅިގެންވާ އުޞޫލުގެ މަތިން ރަޖިސްޓަރީ ކުރުވަންވާނެކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ އިންތިޚާބުތަކާބެހޭ އެންމެހައި ކަންތައް ތަންޒީމުކޮށް ހިންގުމުގެ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތު މަތިކުރެވިފައިވަނީ އިލެކްޝަންސް ކޮމިޝަނާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސީގެ 170 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަކަމާއި، މިގޮތުން "އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތަކަށް މަގުފަހި ކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމާއި، އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓަރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި، ބެލެހެއްޓުމާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭގޮތުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން" އެއީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށް ޤާނޫނޫއަސާސީގެ ބުނެވިދިޔަ 170 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ޞަރީޙަ ނައްޞުގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނައިރު، އެ މާއްދާގެ (ރ) ގައި "އިންތިޚާބީ ދާއިރާތަކުގައި ތިބި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް އެކުލަވާލައި، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އެ ރަޖިސްޓަރީތަކަށް ގެންނަންޖެހޭ އުނިއިތުރުގެނެސް ޤާނޫނުގައިވާ ގޮތުގެމަތިން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަމުން ގެންދިއުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއް" ކަމަށް ބަޔާންކޮށްފައި ވެއެވެ.
7- ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކަކީ ދީމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، މިނިވަން އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ގޮތެއްގެ މަތިން ބާއްވާ އިންތިޚާބުތަކެއްކަން ޔަޤީންކުރުމަށްޓަކައި ޤާނޫނުއަސާސީއާއި، އިންތިޚާބުތަކާއިބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށާއި، އިންސާފުވެރި މިނިވަން އަދި ނަޒާހަތްތެރި އިންތިޚާބުތައް ބޭއްވުމުގައި ޔުނައިޓެޑް ނޭޝަން ގެ ފްރޭމް ވޯރކުތެރޭގައި ޤަބޫލުކުރެވިފައިވާ މަބްދައުތަކަށް ބަލާއިރު އަންނަނިވި ކްރައިޓީރިއާތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބުތަކުގައި ފުރިހަމަވުން ލާޒިމުވާ ރުކުންތަކެއްކަން އެނގެން އޮވެއެވެ.
(ހ) ޔުނިވަރސަލް ސަފްރޭޖްގެ މަބްދައުގެ މަތިން ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ދިވެހިރައްޔިތަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވުމާއި މިގޮތުގެމަތިން ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން އިންތިޚާބުތަކުގެ ކަންތައް ހިންގުމާއި ޢާންމު ވޯޓުނެގުމާއ، އެ ވޯޓުތަކުގެ ނަތީޖާ އިޢުލާން ކުރަންވާނީ މުސްތަޤިއްލު ވަކިފަރާތަކަށް ބުރަނުވާ މުއައްސަސާއަކުން (އިމްޕާރޝިއަލް އެޑްމިނިސްޓްރޭޝަނަކުން) ކަން.
(ށ) ޤާނޫނުގައިވާ ގޮތުގެމަތިން އިންތިޚާބެއްގައި އެ އިންތިޚާބުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމަށްޓަކައި ޙަރަކާތްތެރިވަނީ ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު އޮބްޒަރވަރުންކަން ކަށަވަރުކުރުމާއި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުން އެނގޭނެފަދަ ރަޖިސްޓަރީއެއް ތައްޔާރުކުރަންވާނެކަމާއި ވޯޓުނެގުމުގެ އެންމެހައި އިޖްރާއާތުތަކަކީ އެންމެހައި ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށް އިތުބާރުހިފޭ އަދި ބަރޯސާކުރެވޭ އިޖްރާއާތުތަކެއް ކަން ކަށަވަރު ކޮށްދިނުމާއި ވޯޓު އޮޅުވާލުމާއި މަކަރާއި ޙީލަތް (އިލެކްޓޯރަލް ފްރޯޑް) ހެދުމަށް މަގުފަހިވެދާނެ އެންމެހައި ކަންތައްތައް ހުއްޓުވޭނެ ގޮތްތައް އިންތިޒާމުކުރެވިފައިވުމާއި، ދެބަސްވުންތަކާއި ޝަކުވާ ޙައްލުކުރެވޭނެ އިންތިޒާމުތައް ހަރުދަނާކަމާއެކު ހަމަޖެހިފައި އޮތުން.
(ނ) އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ނުނެގޭނޭ ގޮތަކަށް ކެންޑިޑޭޓުންގައި ހުންނަންޖެހޭ ޝަރުޠުތައް އޮޅުންނާރާގޮތަށް ސާފުކޮށް، އަދި އެންމެހައި ރައްޔިތުންނަށް އެނގޭގޮތަށް އިޢުލާންކުރުމާއި މިއިން އެއްވެސް ކަމަކާ ބެހޭގޮތުން ޝަކުވާއެއް ނުވަތަ އިލްތިމާސެއް ހުށަހަޅައިފިނަމަ އެއްވެސް މީހަކާމެދު ތަފާތުކުރުމެއްނެތި ވަކިފަރާތަކަށް ބުރަވުމެއްނެތި އިލެކްޝަންސް ކޮމިޝަން އިން ޤާއިމުކޮށްފައިވާ ނިޒާމެއްގެ ތެރެއިން އެ ޝަކުވާތަކަށް ޙައްލު ހޯދައި ދިނުމާއި، އިންތިޚާބުގެ އެންމެހައި ކަންތައްތަކަކީ ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމެނޭކަންތައްތަކަށްވާތީ އާއި، ކެންޑިޑޭޓުންގެ ޝަރުޠުތައްފަދަ މަޢުލޫމާތުތަކަކީ ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގުމުގެ ޙައްޤު ލިބިގެންވާ މަޢުލޫމާތުތަކަކަށްވާތީ އާއި މަޢުލޫމާތު ހޯދުމުގެ ޙައްޤަކީ އަސާސީ ޙައްޤަކަށްވާތީ، ޤާނޫނީ ގޮތުން ކޮންމެހެންވެސް ހިފެހެއްޓުން ޟަރޫރީވާ މަޢުލޫމާތުތައް ފިޔަވައި، އިންތިޚާބާބެހޭ އެންމެހައި މަޢުލޫމާތު ރައްޔިތުންނަށް ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވުމާއި އިންތިޚާބާގުޅޭ ކަމެއްގައި ނުވަތަ އިންތިޚާބުގެ ނަތީޖާ ޠަޢުނުކޮށް ހުށަހަޅާ މައްސަލަތަކަށް ޢަދުލުވެރި ޙައްލެއް ހޯދުމުގެ ޙައްޤު ޝަކުވާ ހުށަހަޅާ ފަރާތަށް ކަށަވަރުކޮށްދީފައިވުން.
(ރ) އިންތިޚާބުގެ އެންމެހައި ދުސްތޫރީ އަދި ޤާނޫނީ އިޖްރާއާތުތަކަކީ ދުސްތޫރީ ގޮތުން އަދި ޤާނޫނީ ގޮތުން ޞައްޙަ އިޖްރާއާތުތަކަކަށްވުން ޝަރުޠުވެގެންވާކަމާއި، ވަކި ފަރާތަކުން އެފަރާތެއްގެ ވޯޓުލުމުގެ ފަރުދީ ޙައްޤު ގެއްލިފައިވާކަމަށް ނުވަތަ ސިޔާސީ ޙައްޤަކަށް އުނިކަމެއް އައިސްފައިވާކަމަށް ދެކިގެން ހުށަހަޅާ ޝަކުވާއަށް ޤާނޫނީ ޙައްލު ހޯދުމަށް ޤާނޫނީގޮތުން ކަނޑައެޅިފައިވާ ވަކި ފަރާތަކަށް ބުރަނުވާ މިނިވަން މުސްތަޤިއްލު ޝަކުވާ ހުށަހެޅުމުގެ އިދާރާއަށް ނުވަތަ ކަމާބެހޭ ކޯޓަށް ވާސިލުވުމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެކަމާއި އަދި ޝަކުވާ ހުށަހަޅާކަމެއް، އެގޮތަށް ހުރިނަމަ އެކަމެއް އިސްލާޙުކުރެވުން ކަށަވަރުވެފައި އޮތުން.
(ބ) ކޮރަޕްޝަންގެ ޢަމަލުތަކާއި، އޮފިޝަލުންގެ ތަޤްޞީރީ މަސްއޫލިއްޔަތު (މިސްފީސެންސް) އާއި، ވަކިފަރާތެއްގެ ޤާނޫނީ ވާޖިބުތަކަށާއި ޙައްޤުތަކަށް ހުރަސްއެޅުމާއި، ނުރަނގަޅު ނުފޫޒާއި ޕަރސޮނޭޝަން (އެހެން މީހަކަށް ހެދިގެން ވޯޓުލުން) އާއި ރިޝްވަތާއި، ބިރުދެއްކުންފަދަ އެންމެހައި ޣައިރު ޤާނޫނީ ޢަމަލުތައް ތަޖްރީމުކުރެވިފައިވާކަން ކަށަވަރުކުރުމާ؛
އެގޮތުން، މިފަދަ ޢަމަލުތަކަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، އަދި ޖިނާއީ އިޖްރާއާތާ އެއްގޮތްވާގޮތުގެ މަތިން އަދަބު ދެވެންވާނެކަން އެނގެން އޮންނަ އޮތުމާއި ވޯޓުލާ މަރުކަޒުތަކުގައި ސަލާމަތީ ކަންތަކާއި އާންމު ނިޒާމް ބެލެހެއްޓުމާގުޅޭ އެންމެހައި ނިންމުންތައް ހުންނަންވާނީ ވަކި ފަރާތެއްގެ ނުފޫޒެއް ނުވަތަ ބިރު ދެއްކުމަކަށް ޖެހިލުމެއް ނުވާގޮތަށްކަމާއި، އަދި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށުމުގެ ކުރިން ފެށިގެން ވޯޓުލާނިމި، ވޯޓުގެ ނަތީޖާ އިޢުލާންކޮށް އަދި ވޯޓާބެހޭ ހުރިހައި ކަމެއް ނިމެންދެން ވޯޓުލާ މަރުކަޒުތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ދައުލަތުގެ ސަލާމަތީ ބާރުތަކުން ބަލަހައްޓަންވާނެކަމާއި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ ބަޔަކީ ވޯޓުލާ އެމަރުކަޒު ނިސްބަތްވާ އިންތިޚާބީ ދާއިރާގެ އިދާރި ހިންގުމުގައި އެއްވެސް އިސް ދައުރެއް އަދާކުރާ ބަޔަކަށް ވެގެން ނުވުމާއި އަދި އެ މީހުންނަކީ ވޯޓު ނެގުމާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ ޤާބިލުކަން ހުރި، އަދި ވަކި ފަރާތަކަށް ބުރަނުވެ އެ މަސްއޫލިއްޔަތު އަދާކުރެވޭ ބައެއްކަން ކަށަވަރުކުރަންވާނެ ކަމާއި މިފަރާތްތަކުން ވޯޓުލާ މަރުކަޒުތަކުގެ ނިޒާމު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ އިތުރަށް މަދަނީ ނުވަތަ ޖިނާއީ މަސްއޫލިއްޔަތެއް އުފުލަންޖެހޭފަދަ ޢަމަލުތައްކުރާ ފަރާތަކާމެދު ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސްއޫލިއްޔަތު އަދާކުރާކަން ކަށަވަރުން.
8- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބަޔާންވެދިޔަ 170 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ރ) އަށް ބަލާއިރު، ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަކީ މިނިވަން އަދި އިންޞާފުވެރި، ނޭދެވޭ ނުފޫޒުން އެއްކިބާވެގެންވާ އިންތިޚާބެއްކަން ކަށަވަރުކުރުމާއި، ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާއި ތަފާތު އިންތިޚާބީ ދާއިރާތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓުތައް ރައްޔިތުންގެ އިސްނެގުމަކާ ނުލައި، އެކުލަވާލުމަކީ އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތެއްކަން އެނގެން އޮންނައިރު، އިލެކްޝަންސް ކޮމިޝަނުގެ މި މަސްއޫލިއްޔަތަކީ ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައެޅިގެންވާ އިޖްރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންޓެގްރިޓީ އާއި ނަޒާހަތްތެރިކަމާއެކު، ވަކިފަރާތަކަށް ބުރަވުމަކާ ނުލައި، އަދި ނަހަމަގޮތުގައި ބާރާއި އިޚްތިޔާރު ބޭނުންކުރުމަކާނުލައި، މުސްތަޤިއްލުކަމާއެކު އަދާ ކުރެވޭ މަސްއޫލިއްޔަތަކަށް ވާންޖެހޭނެކަމާއި، މިގޮތުން އިލެކްޝަންސް ކޮމިޝަނުން ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގައި ކަމާބެހޭ މަރުކަޒީ މުއައްސަސާކަމަށްވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ޑޭޓާބޭސްގައި ޑޮކިއުމެންޓުވެފައިވާ މަޢުލޫމާތު އަސާސަކަށް ބަލައި، އެތަނުން ކަށަވަރުވެފައިނުވާ މަޢުލޫމާތު ކަމާބެހޭ އެހެން ލޯކަލް އިދާރާތަކުން ހޯދައި ކަށަވަރުކޮށްފައި މެނުވީ އެ ރަޖިސްޓަރީއަށް އުނިއިތުރު ނުގެނައުމާއި، އުމުރުން 18 އަހަރު ހަމަނުވާ މީހުންނާއި މަރުވެފައިވާ މީހުންގެ ނަންތައް އެ ރަޖިސްޓަރީގައި ހިމެނިގެން ނުވާކަން ކަށަވަރުކުރުމާ، އަދި ވޯޓުދޭ މީހާގެ ނަމާއި، އެޑްރެހާއި، ޖިންސު ފަދަ އަސާސީ މަޢުލޫމާތު ބަދަލުކޮށް އެކަކުގެ ނަން އެއްފަހަރަށްވުރެ ގިނައިން ވޯޓު ދޭމީހުންގެ ރަޖިސްޓަރީ އާއި ލިސްޓުތަކުގައި ތަކުރާރުވެފައި ނުވާކަން ކަށަވަރުކުރުމާއި، ވޯޓުދޭމީހާއަށް ނޭނގި އޭނާގެ އަޞްލު އިންތިޚާބީ ދާއިރާއިން އެހެން ދާއިރާއަކަށް ނަޤްލު ނުކުރުމާއި، ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އަކީ ޞައްޙަ ރަޖިސްޓަރީއެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ކަނޑައެޅިގެންވާ ސާބިތު މުއްދަތުތަކުގައި، ނުވަތަ އިންތިޚާބު ބޭއްވުމުގެ ކުރިން އެ ރަޖިސްޓަރީ ވަނީ އަޕްޑޭޓް ކުރެވިފައިކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތުގެތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވާއިރު، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އިޢުލާންކޮށް، ރައްޔިތުންނަށް ބަލައި ޗެކްކުރެވޭނޭފަދަ ގޮތަކަށް ޢާންމުކުރުމާއި، ވޯޓުދޭ މީހުންގެ ފައިނަލް ރަޖިސްޓަރީ ސީޔާސީ ޕާޓީތަކަށް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި، ވޯޓުދޭ މީހުންގެ ރަޖިސްޓަރީގެ ޞައްޙަކަމާމެދު ސީރިއަސް ތުހުމަތުތަކެއް ކުރެވި އެ ރަޖިސްޓަރީގައި ބޮޑެތި މައްސަލަތަކެއް ހުރިކަމުގެ ހަރުދަނާ ދަލީލުތަކެއް ފާޅުވެއްޖެނަމަ، އެކަންތައް ޙައްލުކުރުމަށް އެކަށީގެންވާ ހަރުދަނާ އަދި ދެފުށް ފެންނަ ފިޔަވަޅުތަކެއް އެޅުމަކީވެސް އިލެކްޝަންސް ކޮމިޝަނުން އުފުލަންޖެހޭ މަސްއޫލިއްޔަތު ތަކެއްކަން އެނގެން އޮވެއެވެ.
9- ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ކޮންމެ އިންތިޚާބަކާއި ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބުގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިނގާފައިވާކަމެއް ކަމަށް އެފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއާމެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން ހުށަހަޅަންވާނީ ހައިކޯޓަށްކަމާއި އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނެގޮތް އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅާފައި އޮންނަންވާނެކަމަށް އެމާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައި އޮތުމުން އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންތިޚާބީ ޝަކުވާތަކުގެ މައްސަލަތައް ބެލުމުގެ އަޞްލީ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަން އެނެގެން އޮންނަކަމާ، ނަމަވެސް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޖިނާއީ ކުށްތައްކަމުގައި ވާއިރު، ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގެ ކޯޓަކުން ބެލުމަކާނުލައި ހައިކޯޓުގައި ބެލުމަކީ ޤާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފީ ޙައްޤު ގެއްލިގެންދާނެ ކަމަކަށްވާތީ އާއި، ޖިނާއީ ކުށުގެ މައްސަލަތައް ތަޙްޤީޤުކޮށް ޝަރީޢަތް ކުރަންވާނީ ޖިނާއީ އިޖްރާއާތާ ގުޅޭގޮތުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޖިނާއީ އިޖްރާއާތާ ގުޅޭ ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފުނުވާނޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ތެރެއިން އަދި ކުށުގެ ދަޢުވާލިބޭ ހުރިހައި މުއްތަހަމުންގެ މައްޗަށް އެއް ހަމައެއް އަދި އެއް އުޞޫލެއް ހިންގޭގޮތަށްކަން އެނގޭތީ، މި އުޞޫލުގެ މަތިން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގައި ބުނެފައިވާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ކްރިމިނަލް ކޯޓަށްކަން އެނގޭއިރު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) ގައި "މި ޤާނޫނާއި ނުވަތަ މިޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ޚިލާފަށް ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް މެދުވެރިކޮށް ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ އިލެކްޝަންސް ކޮމިޝަނަށެވެ." އޮތް އޮތުން ޤާނޫނުއަސާސީގެ ބުނެވިދިޔަ އުޞޫލުތަކާ ކަނޑައެޅިގެން ތަޢާރުޟުވާކަން ފާހަގަކުރެވިފައިވާތީ، މިކަމުގައި ދުސްތޫރީ އަދި ޤާނޫނީ ގޮތުން ޞައްޙަ އިޖްރާއާތަކަށްވާނީ މި ޤާނޫނާއި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ޚިލާފަށް ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގެ މައްސަލަ ޖިނާއީ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ޝަރީއަތަށް ހުށަހެޅުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް އޮތުންކަން އެނގެއެވެ.
10- އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުން އެނގޭނޭފަދަ ރަޖިސްޓަރީއެއް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށް ބެލެހެއްޓުމުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފުރިހަމަ ނަމާއި އުފަން ތާރީޚާއި، ޖިންސާއި ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ވަގުތީ ގޮތުން މިހާރު ހުރި އެޑްރެހަކީ ކޮބައިކަން، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހާ މިހާރު އިންތިޚާބީ ދާއިރާގައި އުޅޭކަން ނުވަތަ ނޫޅޭކަން ފަދަ، އެމީހާ ވަކިކޮށް ރަނގަޅަށް ދެނެގަނެވޭނެ ވަޞީލަތްތައް ކަނޑައެޅުމާއި، ރަޖިސްޓަރީ ކުރުމަށް އެކަމަށް ތައްޔާރުކޮށްފައިވާ ރަސްމީ ފޯމްފަދަ ހަރުދަނާ ވަޞީލަތް ބޭނުންކުރުމާއި، އިންތިޚާބެއް ބޭއްވުމުގެ ކުރިން އެކަށީގެންވާ މުއްދަތެއް އޮތްވައި، އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުގެމަތިން މަދުވެގެން 45 ދުވަސް ކުރިން ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މީހުންގެ ނަމާއި ޖިންސާއި، ދާއިމީ އެޑްރެސް އެނގޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަންވާނެކަމާއި އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވެސް އެ މަޢުލޫމާތު ޝާއިޢުކުރަންވާނެކަމާއި އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ އެ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހު، އެ ރަށެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޢާންމުކޮށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ބަހައްޓަންވާނެކަމަށާއި އަދި އެ އިންތިޚާބެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ ހުރިހައި މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަންވާނެކަމަށާއި އެ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ބެހެއްޓިފައިވާ ތަންތަން އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާން ކުރަންވާނެކަމަށާއި އެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ޢާންމުކުރެވޭ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މަޢުލޫމާތާ ގުޅޭގޮތުން ނުވަތަ އެ ރަޖިސްޓަރީ ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނި އިތުރަކާ ގުޅޭގޮތުން ޝަކުވާ އުފުލުމުގެ އިޚްތިޔާރު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށާއި ސިޔާސީ ޕާޓީތަކަށް ލިބިގެންވާކަމަށް އެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންވެފައިވުމާއި، އެގޮތުން އެންމެ ފަހުގެ ރަޖިސްޓަރީ ޝާއިޢުކުރަންވާނީ، ރަޖިސްޓަރީއާ ގުޅިގެން ހުށަހަޅާ ޝަކުވާތަކާއި އިސްތިއުނާފުތަކަށް ފުރުޞަތު ދީގެންކަމާއި އަބަދުވެސް ރަޖިސްޓަރީތައް ލިބޭގޮތަށް ފެންނަން ހުންނަ ގޮތަށް ހުރުމާއި ރަޖިސްޓަރީތައް ބެލުމުގެ ޙައްޤު ކަށަވަރުވެފައިވުމާއި، މިފަދަ އިންތިޚާބުގެ ކަންތައްތައް މޮނިޓަރ ކުރާ އޮބްޒަރވަރުން ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތަކަކީ އިންތިޚާބީ ޝަކުވާ ބަލައި، މުރާޖަޢާކުރާ މެކޭނިޒަމް ރޭވި އެކުލެވިފައިވާގޮތާއި، އިދާރީގޮތުން ޝަކުވާ ބެލުމުގެ އިންތިޒާމު ނުވަތަ މެކަނިޒަމް ހަމަޖެހިފައިވާގޮތާއި، ޝަކުވާބަލާ އިދާރާއަށް މެންބަރުން ޢައްޔަން ކުރެވިފައިވަނީ ކިހައި މުއްދަތަކަށް ކަމައި، އިދާރީގޮތުން ޝަކުވާބެލުމުގެ ނިޒާމުގެ މުސްތަޤިއްލުކަމާއި، އިންތިޚާބީ ޝަކުވާ ބެލުމާބެހޭ ޚާއްސަ ކޯޓުގައި އިންތިޚާބީ ޝަކުވާ ރިވިޔު ކުރުމުގެ އިޖްރާއާތާއި ޤާބިލުކަންހުރީ ކިހައި މިންވަރަކަށްކަމާއި، އެހެނީ އިލެކްޝަން ޕްރޮސެސް ގެ އިންޓެގްރިޓީ، ކަށަވަރުކުރުމުގެ މައިގަނޑު އެއް އަސާސަކީ ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ރިވިއު މެކަނިޒަމްކަމަށް ވާއިރު، މިކަން ކަށަވަރު ނުވާހައި ހިނދަކު، އިންތިޚާބުގެ ނަޒާހަތްތެރިކަމާއި، އިންސާފުވެރިކަމާއި އަދި އިންތިޚާބުގެ ކަންތައް ހިނގަނީ ޑިޔު ޕްރޮސެސް ގެ ތެރެއިން ޤާނޫނީ އިޖްރާއާތުތަކާ އެއްގޮތަށްކަން ކަށަވަރު ނުކުރެވޭނެކަން އެނގެން އޮންނަކަމާ، އެގޮތުން ކެންޑިޑޭޓެއްގެ ފަރާތުން ނުވަތަ ވޯޓުދިނުމުގެ ޙައްޤު އޮތްފަރާތަކުން އިލެކްޝަން ޕޮރޮސެސް އާގުޅޭ ޝަކުވާއެއް ހުށަހަޅައިފިނަމަ އެކަން ހަމަހަމަކަމާއި އަދުލު ވެރިކަމާއެކު އަދި ކަނޑައެޅފައިވާ ޤާނޫނީ އިޖްރާއާތުގެ ނުވަތަ ޑިޔު ޕްރޮސެސް އޮފް ލޯ ގެ ތެރެއިން ބަލަންވާނެކަމާއި މި އެންމެހައި އިޖްރާއާތުތަކަށް އެކަށީގެންވާ ވަގުތުތައް ލިބޭގޮތަށް އަދި މާލަސް ނުވާގޮތަށް ޤާނޫނުގައިވާ ގޮތުގެމަތިން ކަނޑައަޅަންވާނެކަމާއި، ހުރަހެއްނެތި ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވުމާއި ޝަކުވާތައް ހުށަހެޅުމުގެ ފަސޭހަތައް ޤާނޫނުގައިވާ ގޮތުގެމަތިން ފަހިކޮށް ދެވިފައި ވާންވާނެކަން އެނގެންއޮވެއެވެ.
11- މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއްގެ އެންމެ މުހިއްމު އެއް ޢުންޞުރަކީ އިސްވެ ބަޔާންވެދިޔަ 'ޔުނިވަރސަލް ސަފްރެޖް' ޚަޞާއިޞް ތަކަށް ރިޢާޔަތްކޮށް އެކުލަވާލެވިފައިވާ، އަދި އެއަށް ރައްޔިތުންގެ އިތުބާރު (Public Confidence) ލިބިފައިވާ ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޞައްޙަ ރަޖިސްޓަރީއެއް ނުވަތަ "އިލެކްޓޮރޭޓް" އެއް އޮތުންކަމާއި، އެއްވެސް ޤާނޫނީ ޢަމަލަކީ ޞައްޙަ ޢަމަލެއްކަމުގައި ބެލެވޭނީ އެ ޢަމަލެއް ޞައްޙަވުމަށް ޤާނޫނުން ލާޒިމުކުރާ ރުކުންތަކާއި ޝަރުޠުތައް ފުރިހަމަވެގެންކަމާއި، މިގޮތުން ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ށ) އިން އިލެކްޝަންސް ކޮމިޝަނާއި މަތިކޮށްފައިވާ ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގައި، އެ ކޮމިޝަނުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން އެނގެން އޮންނައިރު، މި މައްސަލައިގައި ދަޢުވާކުރާ ޖުމްހޫރީ ޕާޓީގެ ފަރާތުން، 07 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޭނުންކުރެވުނު ވޯޓުލުމުގެ ޝަރުޠު ފުރިހަމަވާ މީހުންގެ ލިސްޓަކީ، ކަމާބެހޭ ޤާނޫނީ އޮނިގަނޑާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 39/SC-C/2013 ޤަޟިއްޔާގައި ބަޔާންކުރެވިގެންވާ އަޙްކާމްތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ލިސްޓެއް ނޫންކަމަށްވާތީ، މިއީ ޞައްޙަ ލިސްޓެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި މި އިންތިޚާބަކީ ޤާނޫނުއަސާސީން ދިވެހިރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކެއް ނިގުޅައިގަނެފައިވާ، އަދި ޤާނޫނުއަސާސީގައި ބުނެފައިވާ ކަމާބެހޭ މާއްދާތަކާއި، އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި ޚިލާފަށް ބޭއްވިފައިވާ އިންތިޚާބަކަށްވާތީ އާއި އަދި ދައުލަތުގެ ދުސްތޫރީ އޮނިގަނޑުގައި ބަޔާންކުރެވިގެންވާގޮތަށް ހިނގާފައިވާ އިންތިޚާބެއް ނޫންކަމަށްބުނެ، މި އިންތިޚާބު ބާޠިލުކޮށްދިނުމަށް އެދި، ހުށަހަޅާފައި އޮންނަ އޮތުމަށް ޤާނޫނީ ނަޒަރަކުން ބަލާއިރު، އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށް ޢާންމުކޮށްފައިވާ 07 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ވޯޓުދޭ މީހުންގެ ކިބާގައި ހުރުން ޤާނޫނުއަސާސީ އިންނާއި ޤާނޫނުން ލާޒިމުކުރާ ޝަރުޠުތައް ފުރިހަމަ ނުވާ އެތައް ބަޔަކު ޝާމިލުވެފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި، މިގޮތުން 07 ސެޕްޓެމްބަރ 2013 އަށް އުމުރުން 18 އަހަރު ނުފުރޭ 41 ކުދިން ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާކަމަށާއި، އަދި އެ ރަޖިސްޓަރީގައި ބުނެވިދިޔަ ތާރީޚުގެ ކުރިން މަރުވެފައިވާ 669 މީހުން ހިމަނާފައިވާކަމަށާއި، އަދި މީގެއިތުރުން އެކެއްގެ ނަމުގައި އެއް ވޯޓަށްވުރެ ގިނަ ވޯޓު (multiple voting)ދިނުމަށް މަގުފަހިވާފަދަ އެތައްކަމެއް އެ ރަޖިސްޓަރީގައި ހިމަނާފައިވާކަމަށާއި؛ މިގޮތުން ވޯޓުލުމުގެ ޝަރުޠު ފުރިހަމަވާ މީހުންގެ ތެރެއިން 102 މީހުންގެ ނަން ތަކުރާރުވެފައިވާކަމަށާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ އައިޑީ ކާޑު ރަޖިސްޓަރީގައި ހިމެނިފައިނުވާ 1818 އައިޑީ ކާޑު ބޭނުންކޮށްގެން މި އަދަދުގެ މީހުން ވޯޓުލުމުގެ ޝަރުތު ފުރިހަމަވާ މީހުންގެ ގޮތުގައި ހިމަނާފައިވާކަމަށް، ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާއި، އެހެނިހެން ދަލީލުތަކާއި ޤަރީނާތަކަށް ބަލާއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
(ހ) އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ނުރަނގަޅު ނުފޫޒެއްނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަކަށް ކަން ކަށަވަރު ކުރުމަށްޓަކައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި އެ ރަޖިސްޓަރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމުގައި، އެ ރަޖިސްޓަރީ ރަނގަޅަށް ބެލެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަނުގެ އެންމެ މުހިއްމު އެއް މަސްޢޫލިއްޔަތުކަން ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނައިރު، އަދި ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައި އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުން އެނގޭފަދަ ރަޖިސްޓަރީއެއް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެކަމަށާއި އަދި އެ މާއްދާގެ (ނ) ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަންނަނިވި މަޢުލޫމާތު ހިމަނާފައި އޮންނަންވާނެ ކަމަށާއި 1- ފުރިހަމަ ނަން، 2 - އުފަން ތާރީޚް،3- ޖިންސް، 4- ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)، 5- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، މިގޮތަށް ކަނޑައެޅި ބަޔާންވެފައިވާއިރު، ދަޢުވާކުރާ ފަރާތުން މި މައްސަލައިގެ ހެކީގެ ގޮތުގައި ޑޮކިއުމަންޓް 07 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމަށް ބަލާއިރު އެ ލިޔުމަކީ، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން ރިޔާސީ އިންތިޚާބު 2013 ގައި އިލެކްޝަންސް ކޮމިޝަނުން އޭގައިވާ ގޮތުގެމަތިން ޢަމަލު ކުރުމާބެހޭ ގޮތުން ނެރެފައިވާ ސަރކިއުލަރ އެއްކަމާއި އެ ސަރކިއުލަރގެ 1 ވަނަ ނަންބަރުގައި އައިޑީ ކާޑުގައިވާ އެޑްރެހާއި ރިޔާސީ އިންތިޚާބު 2013 ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ އެޑްރެހާއި ދިމާނުވި ނަމަވެސް އެހެން ހުރިހައި މަޢުލޫމާތެއް ދިމާވާނަމަ، އޭނާއަށް އޭނާ ހިމެނޭ ވޯޓު ފޮށްޓަށް ވޯޓުލުމުގެ ފުރުޞަތު ދެވޭނެކަމަށާއި އަދި އެ ސަރކިއުލަރގެ 3 ވަނަ ނަންބަރުގައި އައިޑީ ކާޑު ނަންބަރު ދިމާނުވި ނަމަވެސް އެހެން ހުރިހައި މަޢުލޫމާތުތައް ދިމާވާނަމަ އެމީހަކަށް ވޯޓު ލުމުގެ ފުރުޞަތު ދެވޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، މިސަރކިއުލަރގައިވާ ޢުޞޫލުގެ މިބަޔާންކުރެވިދިޔަ ނަންބަރުތަކުގައިވާ ޢުޞޫލަށް ޢަމަލުކުރުމުގެ ނަތީޖާއަކަށްވާނީ އެ މީހެއްގެ އައިޑީ ކާޑުގައިވާ އަޞްލު އެޑްރެހާ އަދި އައިޑީ ކާޑުގެ ނަންބަރު ދިމާނުވާ އެތައް ބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ލިބިގެން ދިޔުންކަން އެނގެން އޮތުމުން މިފަދަ މީހުން ދޭ ވޯޓަކީ ޤާނޫނުގައިވާ މިންގަނޑަށް ފެތޭގޮތަށް ދެވޭ ޞައްޙަ ވޯޓަކަށް ނުވާނެކަން ރަނގަޅަށް އެނގެން އޮވެއެވެ.
(ށ) ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާ ކަންތައްތަކާމެދު ދައުވާލިބޭ ފަރާތުން އެއްބަސްނުވާ ޙާލަތުގައި، އެފަދަ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަކީ، ތަޖުރިބާކާރު ޚަބީރުންގެ ރިޕޯޓަކަށް ބޭނުންވާ ކަންތައްތަކެއްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައި އިންސާފުވެރި ކަމާއެކު އެފަދަ މައްސަލައެއް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި އެފަދަ ޚަބީރުންގެ ރައުޔު ރަސްމީ ސިފައެއްގައި ކޯޓުން ހޯދުމަކީ، ތަޙްޛީބު މުޖުތަމަޢުތަކުގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ޢަމަލުކުރެވޭ އުޞޫލެއްކަމަށްވެފައި އަދި މިއުޞޫލަކީ، ރާއްޖޭގެ ޝަރުޢީ ނިޒާމުގައިވެސް ޒަމާނުއްސުރެ ޢަމަލުކުރެވެމުންދާ އުޞޫލެއްކަން އެނގެންއޮންނައިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ދުސްތޫރީ މައްސަލަ ހުށަހެޅި ފަރާތުން މިމައްސަލައިގެ ދަޢުވާގައި ބުނާ ކަންކަން ސާބިތުކުރުމަށްޓަކައި ޑޮކިއުމަންޓް 1، 2، 3، 4، 5 ގެ ގޮތުގައި ހުށަހަޅާފައިވާ ލިސްޓުތަކާއި ގުޅިގެން މި މައްސަލައިގައި ދަޢުވާލިބޭ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށްބަލާއިރު، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މި ލިސްޓުތަކާ ގުޅިގެން ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައވާ ކަންކަމަކީ އެފަރާތުން ފާހަގަކޮށްފައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޤަބޫލުކުރާ ކަންތައްތަކެއް ނޫންކަން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މި މައްސަލައާ ގުޅިގެން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނާތީ 07 ސެޕްޓެމްބަރ 2013 ގައި ބޭއްވިފައިވާ ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބުގައި މަކަރު ހެދުމާއި ވޯޓު އޮޅުވާލުމުގެ ޢަމަލުތަކެއް ހިނގާފައިވާކަމަށް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީއިން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މިޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ޞައްޙަކަން ބެލުމަށްޓަކައި، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓް ޑިޕަރޓްމަންޓްގެ ޚަބީރުންގެ ރިޕޯޓު މި މައްސަލައިގައި އިންޞާފު ޤާއިމުކުރުމަށްޓަކައި މުހިއްމުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފެނުނުހިނދު، މިޤަޟިއްޔާގެ މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކުގެ ޞައްޙަކަން ބެލުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސަސް ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/2013/171/1-C-197 ސިޓީއިން ދެންނެވުމުން ސުޕްރީމް ކޯޓުގެ ސިޓީގައި ދަންނަވާފައިވާ ކަންކަމުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފޮރެންސިކް ޑޮކިއުމަންޓް އެގްޒަމިނަރުންނާއި ޑިޖިޓަލް އެގްޒަމިނަރުންނާއި ގިނަ ޢަދަދެއްގެ ސަޕޯޓް ސްޓާފުން ބައިވެރިވެގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ކޯޓުގެ މުވައްޒަފުންގެ ޙާޟިރުގައި 26 ސެޕްޓެމްބަރ 2013 އިން 03 އޮކްޓޯބަރ 2013 އަށް މަސައްކަތްކޮށް "ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހިމެނޭކަމަށް ހުށަހެޅުނު މައްސަލައިގައި އަޅާކިޔުނު ލިސްޓުތަކުން ފާހަގަކުރެވިފައިވާ ކަންކަން ބަޔާންކުރާ ރިޕޯޓް" މިނަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް ގެ ނަންބަރު K/JER/2013/0001 ގެ ރިޕޯޓް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.
(ނ) އިސްވެ ޙަވާލަދެވުނު މޯލްޑިވްސް ޕޮލިސް ސަރވިސަސް ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓް ގެ ނަންބަރު K/JER/2013/0001 ގެ ރިޕޯޓުގެ މައްޗަށް ބަލާއިރު އެ ރިޕޯޓު ތައްޔާރުކުރުމުގައި އަޅާކިޔުނު ތަކެތީގެ ތެރޭގައި؛
1- ރިޔާސީ އިންތިޚާބު 2013 (07 ސެޕްޓެމްބަރ 2013) ގެ ވޯޓުލީ މީހުންގެ ލިސްޓާއި
2- ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ: (ހ) ވޯޓުލުމުގެ ޝަރުތު ފުރިހަމަވާ މީހުންގެ ލިސްޓުގައި 18 އަހަރުނުފުރޭ ކުޑަކުދިން ހިމެނިފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ 41 މީހުންގެ ލިސްޓާއި، (ށ) ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މަރުވެފައިވާ މީހުން ހިމެނިފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ 669 މީހުން ހިމެނޭ ލިސްޓާއި، (ނ) ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ބައެއް މީހުންގެ ނަންތައް ދެފަހަރަށް ހިމެނޭކަމަށް ބުނެ ހުށަހަޅާފައިވާ 204 މީހުން ހިމެނޭ ލިސްޓާއި، (ރ) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އައިޑީ ކާޑު ރަޖިސްޓަރީގައި ހިމެނިފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ 1818 މީހުން ހިމެނޭ ލިސްޓާއި، (ބ) ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ގޭގެ ވެރިންނަށް ނޭނގި އެގޭގެ ނަމުގައި އެހެން މީހުންގެ ނަން ހިމެނިފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ 1187 މީހުން ހިމެނޭ ލިސްޓާއި،
3- ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއިން ހޯދާފައިވާ ދިވެހިރައްޔިތުންގެ ފަރުދީ މަޢުލޫމާތު (ޑީ.އެން.އާރު ޑޭޓާބޭސް) އާއި،
4- އިލެކްޝަންސް ކޮމިޝަނުގައި، ވޯޓުލީ ދުވަހު ބޭނުންކުރެވިފައިވާ ކޮމްޕިއުޓަރ ސޮފްޓްވެއަރ އެއްކަމުގައިވާ ބެލޮޓް ޕްރޮގްރެސް ރިޕޯޓިން ސިސްޓަމް (ނުވަތަ ބީ.ޕީ.އާރު އެސް) ގެ އެކްސެސް ލޮގްސް އާއި،
5- އިލެކްޝަންސް ކޮމިޝަންއިން ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވާ ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީގެ ކޮޕީ އާއި،
6- ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއު ކުރެވިފައިވާ ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓާއި، މިތަކެތި ހިމެނިފައިވާކަން ބުނެވިދިޔަ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
(ރ) އިސްވެ އިޝާރާތްކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓްގެ ނަންބަރު K/JER/2013/0001 ގެ ރިޕޯޓުގައި ބައްލަވާފައިވާ އެންމެހައި ކަންކަމަށް ބެއްލެވުމަށްފަހު "ނިންމުން" މިސުރުޚީގެ ދަށުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބެލިއިރު، އައިޑީ ކާޑު ނަންބަރު ތަފާތުވުމުންވެސް ވޯޓުލުމުގެ ފުރުޞަތު ދީފައިވާ 773 މީހުންނާއި، ލިސްޓުގައި އެބައެއްގެ ނަން ނެތިގެން ގަލަމުން ލިސްޓަށް އިތުރުކުރެވިފައިވާ 07 މީހަކާއި، މަރުވެފައިވާކަމަށް ޑީ.އެން.އާރު ރަޖިސްޓަރީގައިވާ 18 މީހަކު ވޯޓުލާފައިވުމާއި، 07 ކުޑަކުއްޖަކު ވޯޓުލާފައިވާކަމަށް ރަޖިސްޓަރީއިން ދެއްކުމާއި، 03 މީހަކު ތަކުރާރުކޮށް ވޯޓުލާފައިވުމާއި، ޑީ.އެން.އާރު ގައި އެބައެއްގެ ރިކޯޑު ތަކުރާރުވެފައިވާކަމަށް ބެލެވިގެން "ރިޕީޓް" ވެފައިވާކަމަށް ރިކޯޑްކޮށް އަދި އައިޑެންޓިޓީ ކާޑެއް އެނަމެއްގައި ހަދާނުދެވޭ 225 މީހަކު ވޯޓުލާފައިވުމާއި ދާއިމީ އެޑްރެސް ދިމާނުވި ކަމުގައިވީނަމަވެސް ވޯޓުލުމުގެ ފުރުޞަތު ދީފައިވާ 2830 މީހުން ހިމެނުމާއި، ނަމުގައި ފަރަޤު ވަނިކޮށް 952 މީހުން ވޯޓުލާފައިވުމާއި، ޑީ.އެން.އާރު ގައި އެއްވެސް ގޮތަކަށް ނެތް 07 މީހަކު ވޯޓު ލާފައިވުމާއި ވޯޓުލުމަށްފަހު އެމީހެއްގެ އައިޑީ ކާޑު ނަންބަރު އިލެކްޝަންސް އޮފިޝަލުން ނޯޓުކުރުމުގައި އެކަށީގެންވާ ވަރަށް ފަރުވާތެރި ނުވެގެން ވޯޓަރ ރަޖިސްޓަރީގައި ޕްރިންޓްކޮށްފައިވާ އައިޑީ ކާޑުގެ ނަންބަރާއި ދިމާނުވާ 819 މީހަކު ހިމެނޭކަމަށް ރިކޯޑްތަކުން ދައްކާފައިވާ ކަމަށާއި، މިއީ ޖުމްލަ ޢަދަދަށް ބަލާއިރު 5623 ވޯޓުކަމަށާއި މިއީ މި އިންތިޚާބުގެ ޢިއުލާން ކުރައްވާފައިވާ ނަތީޖާއަށް ބަލާއިރު ނުހަނު ބޮޑު ޢަދަދެއް ކަމުގައި ފާހަގަކޮށްފައިވާކަން އެނގެން އޮވެއެވެ.
(ބ) މި މައްސަލައަކީ މުޅި ދައުލަތުގެ ޢާންމު މަޞްލަހަތާ ގުޅުންހުރި މައްސަލައަކަށް ވުމާއެކު، ދައުލަތުގެ މަޞްލަހަތު ޙިމާޔަތްކުރުމަށްޓަކައި މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވެ، ދިވެހި ދައުލަތުގެ ބަންޑާރަނައިބު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 07 ސެޕްޓެމްބަރ 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ކުރިންނާއި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައްޔާއި، ވޯޓުދިން ދުވަހު ހިނގާފައިވާ ބައެއް ކަންތައްތަކާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅިފައިވާ މައްސަލަތަކާއި، އެ މުއައްސަސާތަކުގެ ހޯދުންތަކުގައި ކަންބޮޑުވާ އަދި އެ ދުވަހުގެ ވޯޓުގެ ޞައްޙަކަމާމެދު ބުރޫއަރާނޭފަދަ ކަންކަން ހިނގާފައިވާކަމަށް ޤަބޫލުކުރެވޭކަމަށާއި މިކަންކަމުގެ ތެރޭގައި ބައެއް ޖިނާއީ ޢަމަލުތައް ހިމެނިދާނެކަމާއި، އަދި މިކަންކަން މިހެން ހުރުމަކީ މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ހުރަސް ތަކެއްކަމަށާއި މިކަންކަން ފުރިހަމައަށް ތަޙްޤީޤުކުރެވި، މިކަންކަން ޙައްލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރެވިގެން މެނުވީ މިނިވަންކަމާއި، އިންޞާފުވެރިކަމާއި، ހަމަހަމަކަމާއި، ހާމަކަމާއެކު، އިންތިޚާބެއް ބޭއްވޭނެކަން ކަށަވަރު ނުކުރެވޭނެކަމާއި، ޤާނޫނުއަސާސީގައި ވާގޮތަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ މަޤާމަށް މީހަކު ކަނޑަނޭޅޭނެ ކަމަށް ޤަބޫލުކުރެވޭކަމަށާއި، މިކަންކަން ޙައްލުކޮށް މިނިވަން އިންޞާފުވެރި އިންތިޚާބެއް ބާއްވައި، ޤާނޫނުއަސާސީގައިވާގޮތަށް ދައުލަތުގެ އެންމެ އިސްވެރިޔާ އިންތިޚާބުވެ، ވެރިކަމުގެ ބާރުތައް ތަރުތީބުވުމަކީ މުޅި ދައުލަތުގެ އަދި ޤައުމުގެ އެންމެ އިސް މަޞްލަޙަތުތަކާއި، ޢާންމު މަޞްލަޙަތުތައް އެކަމުގައި އެކުލެވޭކަމެއްކަމަށާއި 07 ސެޕްޓެމްބަރު 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކަންކަމުގައި، ހިނގާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 39/SC-C/2013 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވާ ކަންކަމާ ޚިލާފަށް ހިނގާފައިވާ ކަންކަން ޙައްލުކޮށް ޤާނޫނުތަކާއި އެއްގޮތަށް އެކަންކަން ރަނގަޅުކުރުމަށްފަހު މެނުވީ ރިޔާސީ އިންތިޚާބުގެ އެއްވެސްކަމެއް ކުރިއަށް ނުގެންދިއުމަށް އެންގުމުގެ އަމުރަކަށް އެދިފައިވާކަން ފާހަގަކުރެވިފައި ވެއެވެ.
12- ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ށ) ގައި އިލެކްޝަންސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު މުއައްސަސާއެއްކަމަށާއި، އެ ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެތެރޭގައި އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ ވޯޓުނެގުމަށް ކުރަންޖެހޭ ކަންތައްތައްކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އަދި އެކަންތައްތަކަށް މަގުފަހިކުރުމާއި، އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް ބިރުދެއްކުމެއް ތަޅާފޮޅުމެއް ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމަޔަށް އަދާކުރެވޭގޮތައްކަން ކަށަވަރުކުރުމާއި، އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓަރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި، ބެލެހެއްޓުމާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމާބެހޭގޮތުން ހަމަޖައްސާންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާއި، އިންތިޚާބީ ދާއިރާތަކުގައި ތިބި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް އެކުލަވާލައި، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތަށް އެ ރަޖިސްޓަރީތަކަށް ގެންނަންޖެހޭ އުނިއިތުރުގެނެސް ޤާނޫނުގައިވާ ގޮތުގެމަތިން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަމުން ގެންދިއުމާއި، މިއެންމެހައި ކަންކަން ކަނޑައެޅި ބަޔާންވެފައިވާކަމާއި އަދި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ވޯޓުދިނުމަކީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިފައިވާ ޙައްޤެއްކަމުގައި ބަޔާންކޮށް އެ މާއްދާގެ (ށ) ގައި އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމަކީ ހަމަކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަމުގައި ބަޔާންކޮށްފައިވާ ކަމާއި، އަދި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 5 ވަނަ މާއްދާގައި އުމުރުން 18 އަހަރުންމަތީ ކޮންމެ މީހަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާކަމާއި، އަދި އެ ޤާނޫނުގެ 6 ވަނަ މާއްދާގައި އިންތިޚާބެއްގައި އެއްފަހަރު ވޯޓުދީފައިވާ މީހަކު ވޯޓުދިނުމުގެ އެ ބުރުގައި އިތުރުފަހަރަކު ވޯޓުދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ހަމަ ބުނެވުނު ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ މީހުން އެނގޭނޭފަދަ ރަޖިސްޓަރީއެއް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެކަމަށް ބަޔާންކުރުމަށްފަހު އެ މާއްދާގެ (ނ) ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަންނަނިވި މަޢުލޫމާތުތައް ހިމަނާފައި އޮންނަންވާނެ ކަމަށާއި، އެ މަޢުލޫމާތުތަކަކީ: 1- ފުރިހަމަ ނަން، 2- އުފަން ތާރީޚް، 3- ޖިންސް، 4- ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)، 5- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، މި މަޢުލޫމާތުތައް ކަމާއި، މިކަންކަން ޤާނޫނުއަސާސީގެ މި ބަޔާންކުރެވިދިޔަ މާއްދާތަކާއި، އަދި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ ބަޔާންކުރެވުނު މާއްދާތަކުގައި ކަނޑައެޅި ބަޔާންވެފައިވާއިރު، އިސްވެ އިޝާރާތްކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓް ގެ ނަންބަރު 0001/2013/JER/K ގެ އެކްސްޕަރޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމުގެ މައްޗަށާއި، މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި އަދި މައްސަލައިގައި ޝަރީއަތުގެ މަޖިލީހުގައި ހެކިދީފައިވާ ހެކީންގެ ބަޔާންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން 07 ސެޕްޓެމްބަރ 2013 ގައި އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގައި ބާއްވާފައިވާ ރިޔާސީ އިންތިޚާބަކީ އިސްވެ ބަޔާންވެދިޔަ ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑާއި އެއްގޮތަށް ބޭއްވިފައިވާ ޞައްޙަ އިންތިޚާބެއް ނޫންކަން އެކަށީގެންވާ މިންވަރަށް ސާބިތުވާތީ އާއި، އަދި 07 ސެޕްޓެމްބަރ 2013 ވީ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރެވުނު އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 474/2013-CA (A) (14 ސެޕްޓަމްބަރ 2013) ގެ އިޢުލާނަށް ބަލާއިރު އެ އިންތިޚާބުގައި ވާދަކުރި 4 ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓު ނަންބަރު 1 އަށް ލިބުނު ވޯޓުގެ ޢަދަދަކީ 50422 (ފަންސާސްހާސް ހަތަރުސަތޭކަ ބާވީސް) ވޯޓުކަމަށާއި، ކެންޑިޑޭޓު ނަންބަރު 3 އަށް ލިބުނު ވޯޓުގެ ޢަދަދަކީ 53099 (ފަންސާސް ތިންހާސް ނުވަދިހަ ނުވައެއް) ވޯޓުކަމަށް ބަޔާންވެފައިވާއިރު، މި ދެފަރާތުގެ ދެމެދުގައި ހުރި ވޯޓުގެ ފަރަޤަކީ 2677 (ދެހާސް ހަސަތޭކަ ހަތްދިހަ ހަތެއް) ކަމަށްވާއިރު، ޤާނޫނުގައި ބުނާ މިންގަނޑާއި ޚިލާފަށް 5623 (ފަސްހާސް ހަސަތޭކަ ތޭވީސް) ވޯޓުލާފައި ވާކަން އިސްވެ ޙަވާލާދެވުނު އެކްސްޕަރޓް ރިޕޯޓުން ހާމަވާއިރު، މިޢަދަދަކީ ކެންޑިޑޭޓް ނަންބަރު 1 އާއި ކެންޑިޑޭޓް ނަންބަރު 3 އާއި ދެމެދު ހުރި ވޯޓުގެ ފަރަޤަށްވުރެ ބޮޑު ފަރަޤެއްކަމަށްވާއިރު، 07 ސެޕްޓެމްބަރ 2013 ވީ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަކީ ޞައްޙަ އިންތިޚާބެއްކަމަށް ބެލެވޭނެ ދުސްތޫރީ އަދި ޤާނޫނީ ހަމައެއް އޮތްކަމަކަށް ނުފެނެއެވެ.
ޙުކުމް:
ދެންފަހެ، ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއާ ގުޅިގެން ދަޢުވާކުރާ ފަރާތުންނާއި ދަޢުވާއަށް ތަދައްޚުލްވެފައިވާ ދިވެހި ދައުލަތުގެ ބަންޑާރަނައިބާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 07 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށް ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 39/SC-C/2013 ޤަޟިއްޔާގައި ދީފައިވާ ގައިޑްލައިންތަކަށާއި މަބްދައުލް މަޝްރޫޢިއްޔާ (Principle of Legality) އަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެކިތަކަށާއި އެ ހެކިތަކާ ބެހޭގޮތުން ޝަރީޢަތަށް ބޭނުންވާ ރިޕޯޓު އެކަށައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢައްޔަންކޮށްފައިވާ ކަމާބެހޭ ތަޖުރިބާކާރު ފޮރެންސިކް ޓީމުން އެކުލަވާލާފައިވާ އެކްސްޕަރޓް ރިޕޯޓުގެ މައްޗަށާއި، ދިވެހިރާއްޖޭގައި ބޭއްވޭ އެކިއެކި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ނެގުމުގައި ރިޢާޔަތްކުރަންޖެހޭ މިންގަނޑުތައް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ކަނޑައަޅާ ބަޔާންކޮށްފައިވާ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު : -
އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް މީހަކު އިންތިޚާބު ކުރުމުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ވަކިފަރާތަކަށް ބުރަވުމެއްނެތި އިންޞާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޒާމު ކުރުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން މަތިކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން ޢަމަލުކޮށްފައިވާ ގޮތުން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 07 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބަށް ވޯޓުލުމުގައި، ދިވެހި ރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ އަސާސީ ޙައްޤާއި، އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤުން ގިނަ ޢަދަދެއްގެ ރައްޔިތުން މަޙްރޫމުވެގެން ގޮސްފައިވާކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އެ އިންތިޚާބުގެ ކަންތައްތައް އިންތިޒާމުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ކަންތައް ހިނގަނީ އިންޞާފުވެރިކަމާއެކު ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއްނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުން އިޞްލާޙުކޮށް ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިފައިވާ މަޢުލޫމާތާ ގުޅިގެން އެ ދެ ފަރާތުން ދޭން ބޭނުންވެގެން ހުށަހެޅި އެއްބާރުލުމާއި މަޝްވަރާތައް ޤަބޫލުކުރުމަކާ ނުލައި، އަދި އެ އިންތިޚާބަކީ އެ އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތުން، މަގުފަހިވެގެން ހިނގައިދާނެކަމަށް ޤަބޫލުކުރެވިފައިވާ ފަދައިން އޮޅުވާލުމާއި، ނުރަނގަޅު ނުފޫޒާއި ކޮރަޕްޝަނުން އެއްކިބާ ކުރެވިފައިވާ، މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް ބޭނުން ކުރެވޭ އިންތިޚާބެއްކަން ކަށަވަރު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޢަމަލުކުރުން ލާޒިމުވާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 39/SC-C/2013 ޤަޟިއްޔާގައި ދީފައިވާ ގައިޑްލައިނާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ޚުދުމުޚްތާރު ގޮތެއްގައި ރޭވުންތެރިކަމާއެކު ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ މަޤުޞަދުގައި ބާއްވާފައިވާ އިންތިޚާބެއްކަން ޔަޤީންކުރެވޭ މިންވަރަށް ހެކި ލިބިފައިވާތީ އެ އިންތިޚާބަކީ ދިވެހިރައްޔިތުންގެ އިތުބާރު ގެއްލިފައިވާ އިންތިޚާބެއްކަމަށްބުނެ، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 07 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވިފައިވާ ރިޔާސީ އިންތިޚާބަކީ ބާޠިލް އިންތިޚާބެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ، ދަޢުވާއަކަށްވާއިރު:-
އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤާއި އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ޙައްޤެއްކަން ޤާނޫނުއަސާސީ ގެ 26 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ނ) އިން ސާފުކޮށް އެނގެން އޮތްއިރު، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަން ކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއްކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބުނެފައިވާ ކަމާއި، އަދި ޤާނޫނުއަސާސީގައި ދިވެހިރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ ޤާނޫނުއަސާސީގެ 2 ވަނަ ބާބަށް އިޝާރާތްކޮށް ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގައި ''މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެން ވެއެވެ''. މިފަދައިން ބުނެފައިވާ ކަމާއި، އަދި އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އެއްވެސް ބައެއްގެ ޙައްޤަކަށް ނުވަތަ މުޖުތަމަޢުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ނުވަތަ އެބަޔަކަށް ނުވަތަ އެކަމުން ސީދާގޮތެއްގައި އަސަރު ފޯރަފާނޭ ކޮންމެ މީހަކަށްމެ، ލިބިގެންވެއެވެ. މިފަދައިން ބުނުމަށްފަހު، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމުގައި ދިމާވާ ކަމަކާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ އެކަމެއް ވަކިގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށާއި، އަދި އެގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުންކަމަށް ސާފު ބަހުން ކަނޑައަޅާ ބަޔާންކޮށްފައިވާކަމާއި، އަދި ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުންކަމަށް ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާއިރު، މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ޙަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެމައްޗަށް ތަބަޢުވުން ލާޒިމު ނިންމުމެއްކަމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގައި އޮޅުންނާރާފަދަ ސާފުބަހުން ބުނެފައިވާއިރު،
އެ ދަޢުވާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ބުނެފައިވާފަދައިން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާ ކަމަކާމެދު އުފެދިފައިވާ ޚުޞޫމަތަކާބެހޭ ދަޢުވާއެއްކަމާއި، އަދި އެފަދަ ޚުޞޫމަތަކާބެހޭގޮތުން ވަކި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމަށް ޤާނޫނުއަސާސީގެ ބުނެވިދިޔަ 113 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާތީ، ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މި ޚުޞޫމަތްތެރި ދަޢުވާއާމެދު ވަކިގޮތެއް ކަނޑައެޅުމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހަކު އިންތިޚާބުކުރުމުގައި އުފެދިފައިވާ އެ ދެބަސްވުމަށް ޙައްލެއް ހޯދައި ދިނުމަކީ ޤާނޫނުއަސާސީގެ ބެލެނިވެރިޔާގެ ޙައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޚާއްޞަ އިޚްތިޞާޞުގެ ތެރޭގައި ހިމެނޭ ދުސްތޫރީ މަސްއޫލިއްޔަތެއްކަމާއި، އަދި ޤާނޫނުއަސާސީގެ 113 ވަނަ މާއްދާއިން ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ މަތިކޮށްފައިވާ އެ މަސްއޫލިއްޔަތާމެދު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަޙައްދުގެ ތެރޭގައި ދެބަސްވުމަށް ތަންދޭ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތްކަމާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ކަންތައް އިންތިޒާމުކުރި އިލެކްޝަންސް ކޮމިޝަނަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ކޮމިޝަނެއްކަމާއި، އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައް ހިނގަނީ އިންޞާފުވެރިކަމާއެކު ބިރުވެރިކަމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއްނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތަކަށްވެފައި، ޤާނޫނުގެ ވެރިކަން ކުރިއަރުވައި ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމާއި، އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުންނަމަވެސް ތާޢީދުކުރުމުގެގޮތުން ނުވަތަ ދެކޮޅުހެދުމުގެގޮތުން އެއްވެސް ކަމެއް ނުކުރުމާއި، މެންބަރަކު ކުރާ ކަމަކުން ނުވަތަ ބައިވެރިވުމަކުން ނުވަތަ ދައްކާ ވާހަކައަކުން ނުވަތަ ފާޅުކުރާ ޚިޔާލަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރެއްގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭނޭ ނުވަތަ އުފެދިދާނޭ އެއްވެސް ކަމެއް ނުކުރުމާއި، ކޮމިޝަންގެ މިނިވަންކަމާއި، މުސްތަޤިއްލު ކަމާއި، އިންޞާފުވެރިކަމާމެދު ސުވާލު އުފެދޭނޭ ނުވަތަ އުފެދިދާނޭ އެއްވެސް ކަމެއް ނުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވެގެންވާ ކަމެއްކަން ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރުން ރަނގަޅަށް އެނގެން އޮތްއިރު، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 07 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކަންތައްތައް އިންތިޒާމުކޮށްފައިވަނީ، އެ އިންތިޚާބުގެ ކަންތައްތައް އިންތިޒާމުކުރުމާބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ޙައިސިއްޔަތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޢަމަލުކުރުން ލާޒިމުވާގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 39/SC-C/2013 ޤާޟިއްޔާގައި ދީފައިވާ ގައިޑުލައިންތަކާއި ޚިލާފަށް ކަމަށްވެފައި، އެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކޮށްފައިވާގޮތުން ފުޅާ ދާއިރާއެއްގައި އޮޅުވާލުމަށާއި، ނުރަނގަޅު ނުފޫޒަށާއި، ކޮރަޕްޝަނަށް މަގުފަހިވެގެން ދިއުމުގެ ނަތީޖާއެއްގެގޮތުން އައިޑެންޓިޓީ ކާޑު ނަންބަރު ތަފާތުވުމުންވެސް ވޯޓުލުމުގެ ފުރުޞަތު ދީފައިވާ 773 މީހުންނާއި، ލިސްޓުގައި އެބައެއްގެ ނަން ނެތިގެން ގަލަމުން ލިސްޓަށް އިތުރުކުރެވިފައިވާ 07 މީހަކާއި، މަރުވެފައިވާ ކަމަށް ޑީ.އެން.އާރުގެ ރަޖިސްޓްރީ ގައިވާ 18 މީހަކު ވޯޓުލާފައިވުމާއި، 07 ކުޑަކުއްޖަކު ވޯޓުލާފައިވާކަމަށް ރަޖިސްޓަރީން ދެއްކުމާއި، 3 މީހަކު ތަކުރާރުކޮށް ވޯޓުލާފައިވުމާއި، ޑީ.އެން.އާރުގައި އެބައެއްގެ ރިކޯޑު ތަކުރާރުވެފައިވާކަމަށް ބެލެވިގެން "ރިޕީޓް" ވެފައިވާކަމަށް ރިކޯޑްކޮށް އައިޑެންޓިޓީ ކާޑެއް އެނަމެއްގައި ހަދާނުދެވޭ 225 މީހަކު ވޯޓުލާފައިވުމާއި، ދާއިމީ އެޑްރެސް ދިމާނުވި ކަމުގައިވީނަމަވެސް ވޯޓުލުމުގެ ފުރުޞަތު ދީފައިވާ 2830 މީހުން ހިމެނުމާއި، ނަމުގައި ފަރަޤު ވަނިކޮށް 952 މީހުން ވޯޓުލާފައިވުމާއި، ޑީ.އެން.އާރުގައި އެއްވެސް ގޮތަކަށް ނެތް 07 މީހަކު ވޯޓުލާފައިވުމާއި، ވޯޓުލުމަށްފަހު އެ މީހެއްގެ އައިޑެންޓިޓީ ކާޑު ނަންބަރު އިލެކްޝަންސް އޮފިޝަލުން ނޯޓުކުރުމުގައި އެކަށީގެންވާ ވަރަށް ފަރުވާތެރި ނުވެގެން ވޯޓަރ ރަޖިސްޓްރީގައި ޕްރިންޓްކޮށްފައިވާ އައިޑެންޓިޓީ ކާޑުގެ ނަންބަރާއި ދިމާނުވާ 819 މީހަކު ހިމެނޭކަމަށް ރިކޯޑުތަކުން ދައްކާތީ އާއި، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ އަސާސީ ޙައްޤުން މަޙްރޫމުވެގެން ގޮސްފައިވާކަން އެނގެން އޮތުމާއި އެކު، އެކަކަށް އެއް ވޯޓަށްވުރެ ގިނަ ވޯޓުލުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާތީ، ބުނެވިދިޔަ އިންތިޚާބަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް ބޭނުންކުރެވިފައިވާ އިންތިޚާބެއްކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތްކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ހެކިންގެ ހެކިބަހާއި، ކިތާބީ ހެކިތަކާއި، އަދި އެ ހެކިތަކާ ބެހޭގޮތުން ޝަރީޢަތަށް ބޭނުންވާ ރިޕޯޓު އެކަށައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢައްޔަންކޮށްފައިވާ ކަމާބެހޭ ތަޖުރިބާކާރު ފޮރެންސިކް ޓީމުން އެކުލަވާލާފައިވާ އެކްސްޕަރޓް ރިޕޯޓުން ޘާބިތުވެ ރަނގަޅަށް އެނގެން އޮންނާތީ، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 07 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވިފައިވާ ރިޔާސީ އިންތިޚާބަކީ އެ އިންތިޚާބުގެ ޝަރްޢިއްޔަތު (Legitimacy) ގެއްލިފައިވާ ބާޠިލް އިންތިޚާބެއްކަމަށް ކަނޑައަޅައި، ޤާނޫނުއަސާސީގެ ދަށުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުނެގުމުގެ އިންތިޒާމުތައް ތިރީގައި ބުނެފައިވާ ގޮތުގެމަތިން އަލުން އިންތިޒާމުކުރުމަށް އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ.
(1) 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު މި ޤަޟިއްޔާގައި ދީފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން މިހިނގާ 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނާއި، ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.
(2) ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ މިހިނގާ 2013 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ކުރިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ އިންތިޚާބު ބޭއްވުން ކަށަވަރުކޮށްދޭ އިންތިޒާމުތައް އިލެކްޝަންސް ކޮމިޝަނާ ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން އިންތިޒާމުކުރުން.
(3) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާ ހަމައަށް ދިވެހިރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރު ފުރިފައިވާ އެންމެންނަށް މި ޙުކުމުގައި ބުނެފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ އަސާސީ ޙައްޤު މިނިވަންކަމާއެކު ފުރިހަމައަށް ބޭނުންކުރެވޭނެކަން ކަށަވަރު ކުރެވޭގޮތަށް ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުން.
(4) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސްއަކީ، އުމުރުގެ ގޮތުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުން ކަނޑައެޅުމުގައި މައިގަނޑު މަސްދަރުކަމަށް ބަލައިގެން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުން ލިސްޓުކުރާއިރު އެލިސްޓުގައި އުމުރުން 18 އަހަރު ފުރިފައިނުވާ ކުޑަކުދިންނާއި މަރުވެފައިވާ މީހުން ހިމެނިފައި ނުވާކަން ކަށަވަރު ކުރުން.
(5) ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ހަމަޖެއްސޭ އިންތިޚާބީ ހުރިހައި ދާއިރާއެއްގައިވެސް ވޯޓުލެވެނީ ވޯޓުލާ މީހާގެ ނަމާއި ދާއިމީ އެޑްރެހާއި އައިޑެންޓިޓީ ކާޑު ނަންބަރު ހިމެނިފައިވާ އަދި އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ޞައްޙަކަމަށް އެއްބަސްވެ، ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެންމެ ފަހުގެ ލިސްޓަށް ކަމާއި، އެނޫން އެހެން ލިސްޓެއް ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގައިވިޔަސް ވޯޓުލެވޭ އެއްވެސް ދާއިރާއެއްގައި ބޭނުން ނުކުރެވޭކަން ކަށަވަރުކުރުން.
(6) ވޯޓުލާމީހުން ރަޖިސްޓަރީކުރުމަށް ކުރެވޭ އިޢުލާނާ ގުޅިގެން ރަޖިސްޓަރީކުރާ ފަރާތްތައް، އެމީހުން ވޯޓުލުމަށް ހަމަޖެހިފައިވާ ދާއިރާތަކަށް ބަހާލެވޭއިރު، އެމީހަކު ރަޖިސްޓަރީ ކޮށްފައިވާ ދާއިރާ ނޫން ދާއިރާއަކަށް އެމީހެއްގެ ނަން ބަދަލުނުވާނޭކަން ކަށަވަރުކުރުމާއި އަދި އެދާއިރާއަކަށް ރަޖިސްޓަރީކޮށްފައިވާ މީހުން ފިޔަވައި އިތުރު އެއްވެސް ފަރާތެއްގެ ނަން އެ ދާއިރާއެއްގެ ލިސްޓުގައި ހިމެނިފައި ނެތްކަން ކަށަވަރު ކުރުން.
(7) މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރުގައި ކުރީއްސުރެ ހިމެނިފައިވާ ފަރާތްތަކަކީ މާލޭގެ ރަށްވެހިންކަމަށް ޤާނޫނީގޮތުން ބެލެވޭތީ އާއި، ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމަށްޓަކައި މާލޭގެ ވަކި އަވަށެއްގެ ނުވަތަ ވަކި ދާއިރާއެއްގައި ހިމެނޭ ގެއެއްގައި ރަޖިސްޓަރީކުރުމުގެ ޙަޤީޤީ ބޭނުމެއް ނެތަތީ މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރުން ގޭގެއަށް ބަދަލުކޮށްފައިވާ ފަރާތްތައް ހިމެނޭގޮތަށް މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ ހުރިހައި ފަރާތްތަކަށް ޚާއްޞަކުރެވޭ ވަކި ވޯޓު ފޮށިތަކަކަށް ވޯޓުލެވޭނޭ އިންތިޒާމު ހަމަޖައްސައި އެކަން ޢާންމުކޮށް އިޢުލާންކުރުން.
(8) އެއްވެސް ޙާލެއްގައި އެކަކަށް ދެފަހަރު ވޯޓުނުލެވޭނެކަމާއި، ވޯޓުލުމަށްޓަކައި ކޮންމެ މީހަކަށްވެސް ދޫކުރެވެނީ އެއް ކަރުދާސްކޮޅުކަން ކަށަވަރުކުރުމަށާއި، ވޯޓުލާ ހުރިހައި ދާއިރާއެއްގައި ތިބޭ އޮފިޝަލުންނަކީވެސް ސިޔާސީ ވަކި ފިކުރެއް ނުވަތަ ވަކި ކެންޑިޑޭޓަކަށް ތާޢީދުކުރުމާއި ތަމްސީލުކުރުމުގެ ތުހުމަތުން ސަލާމަތްކުރެވިފައިވާ ބައެއްކަން ކަށަވަރުކުމަށްޓަކައި، ހުރިހައި އޮފިޝަލުންނަކީވެސް ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންނަށް އެނގިގެން ޢައްޔަންކުރެވޭ ބައެއްކަން ކަށަވަރުކުރުން.
(9) އިންތިޚާބީ ކޮންމެ ދާއިރާއެއްގައިވެސް ވޯޓުލާ ނިމުމަށްފަހު އެދާއިރާއެއްގައި ކަންހިނގާދިޔަގޮތުގެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ އޮޅުވާލުމެއްނެތި ހަޤީޤަތާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި އެ ރިޕޯޓު ތައްޔާރުކުރާ ވަގުތު ކުރީއްސުރެ އޮފިޝަލުންގެ ގޮތުގައި އެތަނުގައި ތިބުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓުންގެ މަންދޫބުން ތަމްސީލުކުރާ ހުރިހައި ފަރާތްތައް ޙާޟިރުވެތިބުން ކަށަވަރުކުރުމާއި، އެދާއިރާއަށް ވޯޓުލާފައިނުވާ މީހެއްގެ ނަން ވޯޓުލާފައިވާ މީހެއްގެ ގޮތުގައި ފެންނަގޮތަށް ލިސްޓުން ކަނޑައި، ނުވަތަ މާކުކޮށްފައި ނުވާކަމާއި، ވޯޓުލާފައިވާކަމަށް ލިސްޓުން ދައްކާ ޢަދަދަށްވުރެ ގިނައިން ވޯޓު ފޮށްޓަށް ވޯޓުލެވިފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމާއި، އެ ދާއިރާއަށް ވޯޓުލާފައިވާ މީހުންނަކީ ކުރީއްސުރެ އެ ދާއިރާއަށް ރަޖިސްޓަރީކުރުމާ ގުޅިގެން ވޯޓުލާ މީހުންގެ ލިސްޓުގައި ހިމެނިފައިވާ ފަރާތްތައް އެކަނިކަން ކަށަވުރުކުރުމަށްޓަކައި އެދާއިރާގެ ކަންހިނގައިދިޔަގޮތުގެ ރިޕޯޓު އެކުލަވާލާފައިވަނީ ކެންޑިޑޭޓުންގެ މަންދޫބުންގެ ޙާޟިރުގައި ޙަޤީޤަތާ އެއްގޮތަށްކަން ކަށަވަރުކުރުން.
(10) ވޯޓުލުމަށްޓަކައި ނުވަތަ އެނޫން ގޮތަކުންވިޔަސް ވޯޓުލާ މަރުކަޒަށް ވަންނަ އެއްވެސް މީހަކު (އޮފިޝަލުން ހިމެނޭ ގޮތުން) ވޯޓުލާ މަރުކަޒަށް ފޯނާއި، އަތްދަބަހާއި، ފައިލްފަދަ ކެންޑިޑޭޓުންގެ ޙައްޤުތަކަށް އުނިކަމެއް ލިބިދާނެކަމަކަށް ބެލެވޭ އެނޫންވެސް އެފަދަ ވަޞީލަތެއް (ގަލަން ފިޔަވައި) ވެއްދުމަކީ މަނާކަމެއްކަމަށް ހަމަޖެއްސުމާއެކު އެފަދަ ޢަމަލެއް ނުހިނގާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަށަވަރު ކުރުން.
(11) ކޮންމެ ދާއިރާއެއްގައިވެސް އޮންނަ އެ ދާއިރާއަކަށް ވޯޓުލާންޖެހޭ މީހުންގެ ލިސްޓާއި އެއްގޮތްކަން ކަށަވަރުކުރެވިފައިވާ ދެވަނަ ލިސްޓެއް ޢާންމުކޮށް ފެންނަން ހުންނާނޭގޮތަށް އެ ދާއިރާއެއްގައި ބެހެއްޓިފައިވާކަން ކަށަވަރު ކުރުން.
(12) ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އެފަދަ އިންތިޚާބަކާ އެކަށީގެންވާ ރައްކާތެރި ސަލާމަތީ ފީޗަރސް ހިމެނޭ ވޯޓުކަރުދާސް މުޅިން އަލުން ޗާޕުކުރުމާއި ވޯޓު ކަރުދާސް ޗާޕު ކުރުމުގައްޔާއި އެއް ތަނުން އަނެއް ތަނަށް ނުވަތަ އެއް ރަށުން އަނެއް ރަށަށް ނަޤުލު ކުރުމުގައްޔާއި ވޯޓުކަރުދާސް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައްޔާއި އަދި ވޯޓުލާ ނިމިގެން ވޯޓު ފޮށިތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަނާއި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކާ ގުޅިގެން ބުނެވުނު ކަންކަމުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންތިޒާމުތައް ހަމަޖެއްސުން.
(13) ވޯޓުލާން ދާ މީހުންނަށް ދޫކުރެވޭ އެންމެ ފަހުގެ ޓޯކަން ނަންބަރު ކޮންމެ 30 މިނިޓަކުން އެ ދާއިރާގައި ތިބޭ އެންމެންނަށް އެނގޭގޮތަށް އިޢުލާންކުރަމުން ގެންދިއުމާއެކު ކޮންމެ މީހަކުވެސް ވޯޓުލާ ނިމުމުން އެމީހަކު ވޯޓުލާފައިވާކަމަށް އެމީހެއްގެ ނަމާ ދިމާގައި މަރކް ކުރާއިރު އެމީހެއްގެ ނަމާ ދިމާވާގޮތަށް އެމީހަކަށް ދޫކުރެވުނު ޓޯކަން ނަންބަރު ކަމާބެހޭ އޮފިޝަލް ނޯޓު ކުރަމުންދާކަމާއި އެއްވެސް މީހެއްގެ ނަމާ ދިމާލުގައި ދެފަހަރު މަރކް ނުކުރެވޭ ކަމާއި، އަދި އެއް ނަމަކާ ދިމާވާ ގޮތަށް ދެ ޓޯކަން ނަންބަރެއްވެސް ނޯޓު ނުކުރެވޭކަން ކަށަވަރުކުރުމަށްޓަކައި ވަކިފަރާތަކަށް ބުރަނުވާ އޮފިޝަލަކު ހަމަޖެއްސުން.
(14) ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރުން ލާޒިމުވާގޮތަށް މި ޤަޟިއްޔާގައި ދީފައިވާ ގައިޑުލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި ނުވަތަ އެހެނިހެން ފަރާތްތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށްޓަކައި މި ޤަޟިއްޔާގައި ޙުކުމް ކުރާ ވަގުތުން ފެށިގެން ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ގޮތްތަކެއް ކަނޑައެޅިގެންދާކަން ކަށަވަރުކޮށްދޭ އިންތިޒާމްތައް ހަމަޖެއްސުން.
(15) ވޯޓުލުމަށްޓަކައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ނަން އެފަރާތަށް އެނގުމަކާ ނުލައި، އެހެން ދާއިރާއަކަށް ޤަވާޢިދާއި ޚިލާފަށް ބަދަލުކޮށްލުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި، ރީ-ރަޖިސްޓަރީކުރަން އަދި އެހެން ފަރާތެއް މެދުވެރިކޮށް ހުށަހަޅާ ފޯމުގައި އެކަމަށް އެދޭ ފަރާތާއި، ފޯމު ހުށަހަޅާ ފަރާތުގެ އިތުރުން އެކަމަށް ހެކިދޭ ދެ ހެކިންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރާއި، ފިންގަރ ޕްރިންޓް ހިމެނިފައިނުވާ އެއްވެސް ފޯމެއް އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކޮށް، އެ މައްޗަށް ޢަމަލުކުރަމުން ނުގެންދާކަން ކަށަވަރުކުރުމަށްޓަކައި ރީ-ރަޖިސްޓަރ ކުރެވޭ ފަރާތްތަކާއި، އެ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރެވޭ ދާއިރާ އާއި، ނަމާއި، އެޑްރެހާއި، އައިޑީ ކާޑު ނަންބަރު އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ލިސްޓެއް ޢާންމުކޮށް އެނގޭގޮތަށް އިޢުލާންކުރުން.
(16) އިލެކްޝަންސް ކޮމިޝަނުގެ ސަރވަރ އާއި، ޑޭޓާބޭސްއަށް ޤަވާޢިދުން އެކްސެސް ލިބެންނުޖެހޭ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ފަރާތްތަކަކަށް އެކްސެސް ލިބޭގޮތަށް ހުރިކަން އިސްވެ ޙަވާލާދެވުނު އެކްސްޕާޓް ރިޕޯޓުން އެނގެން އޮންނާތީ، އިލެކްޝަންސް ކޮމިޝަނުގެ ސަރވަރ އާއި ޑޭޓާބޭސް އާއި މުޅި އައިޓީ ނިޒާމަކީ އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށްޓަކައި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ ތަޖުރިބާކާރުންގެ ޕްރޮފެޝަނަލް އޮޕީނިއަން އާއި އެއްގޮތްވާ ގޮތުގެމަތިން އިޞްލާޙުކޮށް ރަނގަޅުކުރުން.
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން އާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ތަފާތުވި ރަޢުޔު
މި މައްސަލައަކީ 07 ސެޕްޓެންބަރު 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު 2013 ގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ކަމާބެހޭ މާއްދާތަކާއި، އިންތިޚާބާބެހޭ ޤާނޫނުތަކާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގައި ކަނޑައަޅައިފައިވާގޮތަށް ނޫންކަމަށާއި، ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެލިސްޓު ލިބުމަކީ ކޮންމެ ރިޔާސީ ކެންޑިޑޭޓެއްގެ ޙައްޤެއް ކަމުގައި ކަނޑައަޅައި ދިނުމަށާއި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޭނުން ކުރެވުނު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަކީ ކަމާބެހޭ ޤާނޫނީ އޮނިގަނޑާއި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގައި ބަޔާންކޮށްފައިވާގޮތަށް އެކުލަވާލެވިފައިވާ ލިސްޓަކަށް ނުވާތީ، އެ ލިސްޓަކީ ޞައްޙަ ލިސްޓެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކެއް ނިގުޅައިގަނެފައިވާ އަދި ޤާނޫނުއަސާސީގެ ކަމާބެހޭ މާއްދާތަކާއި އިންތިޚާބުތަކާބެހޭ ޤާނޫނުތަކާ ޚިލާފަށް ބޭއްވިފައިވާ އިންތިޚާބަކަށްވާތީއާއި ދައުލަތުގެ ދުސްތޫރީ އޮނިގަނޑުގައި ބަޔާންކުރެވިފައިވާ ގޮތާ އެއްގޮތަށް ހިނގާފައިވާ އިންތިޚާބެއް ނޫން ކަމަށްވާތީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާޠިލްކޮށް ދިނުން އެދި ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅުމުން ބެލި މައްސަލައެކެވެ.
މި މައްސަލާގައި ދަޢުވާކުރި ފަރާތުންނާއި ދަޢުވާލިބޭ ފަރާތުންނާއި މި މައްސަލާގައި ތަދައްޚުލުވި ފަރާތްތަކުން ދެއްކި ވަހަކަތަކަށާއި ހުށަހެޅުނު ލިޔުންތަކަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 8200/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެ އެވެ.
(1) ފުރަތަމަ ކަމަކީ، 07 ސެޕްޓެންބަރު 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކުރި "ރިޔާސީ އިންތިޚާބު 2013 ގެ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު" ގައި ޤާނޫނާ ޚިލާފުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ ދަޢުވާކުރި ފަރާތް ކަމުގައިވާ ޖުމްހޫރީ ޕާޓީން އަންނަނިވި ކަންތައްތައް ފާހަގަ ކޮށްފައިވާކަމެވެ.
(1.1) 07 ސެޕްޓެންބަރު 2013 ގެ ކުރިން މަރުވެފައި ވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ދަފްތަރުގައި ހިމަނާފައިވާ 669 މީހެއްގެ ނަން ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމަނާފައި ވާކަމަށާއި،
(1.2) 07 ސެޕްޓެންބަރު 2013 އަށް 18 އަހަރު ނުފުރޭ 41 ކުދިންގެ ނަން އެ ކުދިންގެ އުފަން ތާރީޚް ބަދަލުކޮށް 18 އަހަރު ފުރުނު މީހުންގެ ގޮތުގައި ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމަނާފައި ވާކަމަށާއި،
(1.3) ރިޔާސީ އިންތިޚާބު 2013 ގެ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި 102 މީހެއްގެ ނަން (އެކެއްގެ ޑަބަލް އައި.ޑީ ކާޑް އޮތުމުގެ ސަބަބުން) ތަކުރާރުވެފައިވާ ކަމަށާއި،
(1.4) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވާ 1818 އައި.ޑީ ކާޑް ބޭނުންކޮށްގެން 1818 މީހުން ރިޔާސީ އިންތިޚާބު 2013 ގެ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ވޯޓުލުމުގެ ޝަރުޠު ފުރިހަމަވާ މީހުންގެ ގޮތުގައި ހިމަނާފައި ވާކަމަށާއި،
)1.5( މާލޭ މުނިސިޕަލްޓިގެ ޚާއްޞަ ދަފްތަރުގައި ދާއިމީ ރަޖިސްޓަރީ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ގިނަ ބަޔަކު (1187 މީހަކު) މާލޭގައި މީހުން ދިރިއުޅޭ ގޭގޭގައި އެ ގޭގޭގެ ވެރިފަރާތްތަކަށް ނޭނގި ރަޖިސްޓަރީ ކުރުމަށްފަހު ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމަނާފައި ވާއިރު އެއީ އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ބާރެއް ނޫންކަމަށާއި،
)1.6( ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އެކުވާލާފައި ވާއިރު (ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރި ދިވެހިން ފިޔަވައި) ދިވެހިންގެ ތެރެއިން ރާއްޖޭއިން ބޭރުގައި ދިރިއުޅޭ މީހުންނަކީ ކޮބައިކަން ދެނެގަނެ ލިސްޓު ތަރުތީބު ކޮށްފައި ނުވާކަމަށާއި،
)1.7( މީގެއިތުރުން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެތައްބަޔަކު ވޯޓުލާން ދިޔައިރު ލިސްޓުގައި ނަން ނެތުމުގެ ސަބަބުން ވޯޓުލުމުގެ ފުރުޞަތު ބައެއް މީހުންނަށް ލިބުނު ކަމުގައިވިއަސް ބައެއް މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ލިބިގެން ގޮސްފައި ނުވާކަމަށާއި،
)1.8( އަދި ބައެއް މީހުން ވޯޓުލާން ދިޔައިރު އެމީހުންގެ ނަމުގައި ވޯޓުލާފައިވާ ކަމަށާއި އެގޮތް މެދުވެރިވި މީހުންނަށް ވޯޓުލުމުގެ ފުރުޞަތު އަލުން ދިންކަމަށާއި، އެހެންނަމަވެސް މިޙާލަތުގައި އެކެއްގެ ނަމުގައި ދެވޯޓުލެވޭކަމަށާއި،
)1.9( އަދި 07 ސެޕްޓެންބަރު 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބޭނުންކުރެވުނު ވޯޓުކަރުދާހަކީ ސެކިއުރިޓީ ފީޗަރސް ވަރުގަދަ ކަރުދާހަކަށް ނުވާތީ އޭގެ ސަބަބުން ވޯޓުކަރުދާސް ނަކަލު ކުރުމުގެ ފުރުޞަތު ލިބިގެން ގޮސްފައި ވާކަމަށާއި، އެއީ މުޅި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަށާއި،
)1.10( މަތީގައިވާ ކަންކަމުގެ ސަބަބުން 07 ސެޕްޓެންބަރު 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިނުވާ 2630 މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ލިބިގެން ދިޔަކަމަށް ޖުމްހޫރީ ޕާޓީން ދެކޭކަމަށް ބުނެފައި އޮންނަކަމެވެ.
(2) ދެވަނަ ކަމަކީ، ޖުމްހޫރީ ޕާޓީން މި ދަޢުވާކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާމެދު ޚިލާފު އުފެދިގެން ކަމަށް ބުނެ ދުސްތޫރީ މައްސަލަ އެއްގޮތުގައި ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ކަމަށް ވިއަސް މި ދަޢުވާއަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ގުޅޭ ދަޢުވާއެއްކަން ދަޢުވާގެ ޞީޣާގައި ފާހަގަކޮށްފައިވާ ކަންތައްތަކަށާއި، މި ދަޢުވާގައި އެދިފައިވާ އަންނަނިވި ކަންކަމަށް ބަލާއިރު އެނގެން އޮންނަކަމެވެ. އެގޮތުން:
)2.1( 07 ސެޕްޓެންބަރު 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ލިސްޓަކީ ކޮންމެ ކެންޑިޑޭޓަކަށްމެ ލިބުމުގެ ޙައްޤު ލިބިގެންވާ މަޢުލޫމާތެއް ކަމުގައި ކަނޑައަޅައި ދިނުމަށާއި،
)2.2( ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަކީ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކާއި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގައި ބުނެފައިވާގޮތަށް އެކުލަވާލެވިފައިވާ ލިސްޓަކަށް ނުވާތީ އެ ލިސްޓަކީ ޞައްޙަ ލިސްޓެއް ނޫންކަމުގައި ކަނޑައަޅައި ދިނުމަށާއި،
)2.3( 07 ސެޕްޓެންބަރު 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބަކީ ބާޠިލު ވޯޓެއްކަމުގައި ކަނޑައަޅައި ދިނުމަށާއި،
)2.4( މި ދަޢުވާގައި ދަޢުވާކުރި ފަރާތުން (ޖުމްހޫރީ ޕާޓީން) ފާހަގަ ކުރި ކަންތައްތައް ރަނގަޅުކޮށް ޤާނޫނުއަސާސީއާއި ކަމާބޭހޭ ޤާނޫނުތަކާއި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ނޫނީ އިންތިޚާބެއް ކުރިއަށް ނުގެންދިއުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ނެރެދިނުމަށް އެދިފައިވާކަމެވެ.
(3) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ ކަމާގުޅޭ މާއްދާތަކަށާއި ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 8200/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަ ކުރެވޭކަމެވެ.
(3.1) އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ނަގާނީ ސިއްރު ވޯޓުކަމަށާއި، ކޮންމެ ވޯޓެއް ނަގައި ނިމުމާއެކު، ވޯޓުލާ ކޮންމެ މަރުކަޒެއްގައިމެ، އިލެކްޝަންސް ކޮމިޝަނުން އެ މަރުކަޒެއް ޙަވާލު ކޮށްފައިވާ މީހަކު، ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުންތިބިނަމަ، އެ ބައެއްގެ ޙާޟިރުގައި އަދި އެ ވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ޤާނޫނު ހުއްދަކުރާ އެނޫންވެސް ބައެއްގެ ޙާޟިރުގައި އެ މަރުކަޒެއްގެ ވޯޓުގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެ މަރުކަޒަކުން ލިބުނު ވޯޓުގެ ޢަދަދު ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ ޢަދަދު ލިޔެ ބަލަހައްޓައި، އެ މަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެ މަރުކަޒެއްގައި އިޢުލާނުކުރަން ވާނެކަމަށް ޤާނޫނުއަސާސީގެ 171 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައި އޮންނަ ކަމަށާއި،
(3.2) ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ ޢާންމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިނގާފައިވާކަމަށް އެފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއަކާ މެދު ގޮތެއް ނިންމައި ދިނުމަށް އެދި އެފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެ ކަމަށާއި، ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނޭ ގޮތް އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅައިފައި އޮންނަންވާނެކަމަށް ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބާޔާންކޮށްފައި އޮންނަ ކަމެވެ.
(4) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންކުރެވުނު ފަދައިން ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނޭ ގޮތް އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅައިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު މިކަން ބަޔާންކޮށްފައި ވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 62 ވަނަ މާއްދާއިން ފެށިގެން އެ ޤާނޫނުގެ 65 ވަނަ މާއްދާގެ ނިޔަލަށްކަން އެނގެން އޮންނަ ކަމާއި،
(4.1) އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާ ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާ ނުވަތަ އެ ޤާނޫނުތަކުގެ ދަށުން ހަދާ ޤަވާޢިދުތަކާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިޚާބާ ގުޅިގެން ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، ނުވަތަ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި އެފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާކަމާއި،
(4.2) އިންތިޚާބެއް ހިނގަމުން ދާއިރު އެ އިންތިޚާބަކާ ގުޅޭ އެއްވެސް ކަމަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ޙައްޤު އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކޮންމެ މީހަކަށާއި، އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކަށާއި، ސިޔާސީ ޕާޓީތަކަށާއި، އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފައިވާ އިންތިޚާބުގެ އޮބްޒާވަރުންނަށާއި، އިންތިޚާބާބެހޭ ކަންކަން ހިންގައި ބަލަހައްޓަން ތިބޭ މީހުންނަށް، ލިބިގެންވާކަން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާކަމާއި،
(4.3) އިންތިޚާބުތަކާބޭހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހައިކޯޓަށް މައްސަލަ ހުށަހަޅާނަމަ، ހުށަހަޅަންޖެހޭނީ ސަބަބާއި، ތަފްޞީލާއި، ހެއްކާއެކު އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ކަމަށް ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވާކަމާއި،
(4.4) ޤާނޫނުގައިވާ ގޮތުގެމަތިން އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާކޮށްފައި ވަނިކޮށް ޤާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައަކީ (1) އިންތިޚާބެއްގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން ނުވަތަ (2) އިންތިޚާބީ ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތުދިނުން ނުވަތަ (3) އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާ ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާ ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ޚިލާފަށް ޢަމަލުކުރުންފަދަ ކަމެއްގެ ސަބަބުން ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެ ސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަންވާނެކަމަށް ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާކަމެވެ.
(5) ފަސްވަނަ ކަމަކީ، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެ ކަންތައްތަކަށް މަގުފަހިކުރުމާއި، އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރި ކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ބާރުތަކާއި މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަމާއި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ނެގުމާއި އެ ވޯޓުތަކުގެ ނަތީޖާ އިޢުލާން ކުރުމަކީވެސް އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޒީމްކޮށް، ތަންފީޒު ކުރުމުގެ ގޮތުން ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން ޤާނޫނު ނަންބަރު 8200/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް ބަލާއިރު އަންނަނިވި މާއްދާތަކާއި އެ މާއްދާތަކުގައި ކަނޑައެޅިފައިވާ އުޞޫލުތައް ފާހަގަ ކުރެވޭކަމެވެ. އެގޮތުން:
(5.1) އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 4 ވަނަ މާއްދާގައި ވަނީ އިންތިޚާބުތައް ބާއްވައި އިންތިޚާބުތަކާބެހޭ ހުރިހާކަމެއް ހިންގައި ބަލަހައްޓާނީ އިލެކްޝަންސް ކޮމިޝަނުން ކަމާއި،
(5.2) އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުން އެނގޭނެފަދަ ރަޖިސްޓަރީއެއް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެ ކަމަށް އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށް ފައިވާކަމާއި،
(5.3) އިންތިޚާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަހުގެ ކުރިން ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ، އެންމެފަހުގެ މަޢުލޫމާތާއެކު ފުރިހަމަކުރުމަށްފަހު، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މީހުންގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެސް، އެނގޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށާއި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހު، ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޢާންމުކޮށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ބަހައްޓަންވާނެކަމާށާއި، އެ އިންތިޚާބެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ ހުރިހާ މީހުންގެ ރަޖިސްޓަރީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން ވާނެކަމަށާއި، ވޯޓުދިނުމުގެ ޙައްޤު ލިބގެންވާ މީހުންގެ ރަޖިސްޓަރީ ބެހެއްޓިފައިވާ ތަންތަން އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާނުކުރަން ވާނެކަމަށް އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާކަމާއި،
(5.4) ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މަޢުލޫމާތަކާ ގުޅޭގޮތުން ނުވަތަ އެ ރަޖިސްޓަރީ ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ އުފުލުމުގެ އިޚްތިޔާރު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށާއި ސިޔާސީ ޕާޓީތަކަށް ލިބިގެންވާކަމަށާއި އެފަދަ ޝަކުވާއެއްވާނަމަ، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ގިނަވެގެން 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެކަމަށާއި މި 10 ދުވަސް ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން 5 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ލިބޭ ޝަކުވާތައް ބަލައި ގޮތެއް ކަނޑައަޅަން ޖެހޭނެކަމަށާއި ކޮމިޝަނުން މިގޮތަށް ނިންމާ ނިންމުން ހަމަ މި މުއްދަތުގެ ތެރޭގައި އެ ޝަކުވާ ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންޖެހޭނެކަމަށާއި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެނެވޭނަމަ ރަޖިސްޓަރީއަށް ގެނެވުނު ބަދަލު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ އިތުރުން ޢާންމުކޮށް ބެލޭނެގޮތަށް ބަހައްޓާފައި ހުންނަ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓްތަކުގެ ކޮޕީތަކަށްވެސް އެ ބަދަލު ގެންނަންޖެހޭނެ ކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ބ) ގައި ބަޔާންކޮށްފައިވާކަމެވެ.
(6) ހަވަނަ ކަމަކީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޭނުން ކުރެވުނު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަކީ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނީ އޮނިގަނޑާއި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތަށް އެކުލަވާލެވިފައިވާ ލިސްޓެއް ނޫންކަމަށް ބުނެ އެކަން ސާބިތު ކުރުމަށް ޖުމްހޫރީޕާޓީން ފަސް ލިސްޓެއް ހުށަހެޅިކަމާއި، ނަމަވެސް އެ ލިސްޓުތައް އެކުލަވާލި ގޮތަކާއި އެ ލިސްޓްތަކުގައިވާ ނަންތަކާއި އެމީހުންނާބެހޭ މަޢުލޫމާތު ހޯދިގޮތުގެ މަޞްދަރު އެއިން އެއްވެސް ލިސްޓެއްގައި ނެތްކަމާއި އެ ލިސްޓުތަކަކީ (1) ވޯޓުލުމުގެ ޝަރުޠު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނިފައިވާ މަރުވެފައިވާ މީހުންގެ ލިސްޓެއްކަމަށް ބުނާ (669 މީހެއްގެ ނަން ހިމެނޭ) ލިސްޓަކާއި، (2) ވޯޓުލުމުގެ ޝަރުޠު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނިފައިވާ ޢުމުރުން 18 ނުފުރޭ ކުދިންގެ ލިސްޓެއްކަމަށް ބުނާ (41 ނަމެއް ހިމެނޭ) ލިސްޓަކާއި، (3) ވޯޓުލުމުގެ ޝަރުޠު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނިފައިވާ ބައެއް މީހުންގެ ނަންތައް ދެފަހަރަށް ހިމަނާފައިވާކަމަށް ބުނާ (204 މީހެއްގެ ނަން ހިމެނޭ) ލިސްޓަކާއި، (4) ޑިޕަރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ އައި.ޑީ ކާޑް ރަޖިސްޓަރީގައި ހިމެނިފައިނުވާ މީހުންކަމަށް (1818 މީހެއްގެ ނަންހިމެނޭ) ލިސްޓަކާއި، (5) ވޯޓުލުމުގެ ޝަރުޠުހަމަވާ މީހުންގެ ލިސްޓުގައި ހިމެނިފައިވާ ބައެއް މީހުން ގޭގޭގެ ވެރިފަރާތަށް ނޭނގި އެ ގޭގޭގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނާ (1187 މީހެއްގެ ނަން ހިމެނޭ) ލިސްޓާއެކު ޖުމްލަ ފަސް ލިސްޓެއް ޖުމްހޫރީ ޕާޓީން ހުށަހަޅާފައި ވާކަމާއި، 07 ސެޕްޓެންބަރު 2013 ވަނަ ދުވަހު ބޭއްވުނު "ރިޔާސީ އިންތިޚާބު 2013" ގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ލިސްޓުތައް ސުޕްރީމް ކޯޓަށް ހުށަހަޅަން އެންގުމުން ވޯޓުލީ މީހުންގެ ލިސްޓުތައް (ފޮށިތައް ވަކިން، ޖުމްލަ 796 ބުކްލެޓް) ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ 470 ވޯޓު ފޮށީގެ ލިސްޓުތަކާއި ޖުމްހޫރީ ޕާޓީން ހުށަހެޅި އިސްވެ ބުނެވުނު ފަސް ލިސްޓު، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްގެން އެ ސަރވިސްގެ ފޮރިންސިކް ސަރވިސް ޑައިރެކްޓަރޭޓްގެ ޑޮކިޔުމަންޓް އެގްޒަމިނަރުންނާއި، ކޮމްޕިއުޓަރ ފޮރެންސިކް އެނަލިސްޓުން އަދި ޓެކްނިކަލް ސްޓާފުން ހިމެނޭ ޓީމަކުން އަޅައިކިޔުމަށްފަހު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރު ކުރި ރިޕޯޓަށް ބަލާއިރު އަންނަނިވި މަޢުލޫމާތަކީ ޖުމްހޫރީ ޕާޓީން ހުށަހެޅި ލިސްޓުތައް މެޗްކުރުމަށްފަހު ފާހަގަކޮށްފައިވާ މަޢުލޫމާތެވެ.
(6.1) "ވޯޓު ލުމުގެ ޝަރުޠު ހަމަވާ މީހުންގެ ލިސްޓުގައިވާ 18 އަހަރު ނުފުރޭ ކުދިންގެ ލިސްޓު" ކަމުގައި ބަޔާންކޮށް ޖުމްހޫރީ ޕާޓީއިން ހުށަހަޅާފައިވާ 41 ކުދިންގެ ލިސްޓު، ޑިޕަރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓެރޭޝަން (ޑީ.އެން.އާރު) ޑޭޓާބޭސްއާ އަޅައިކިޔުނުކަމަށާއި މީގެތެރެއިން 32 ނަމަކީ 07 ސެޕްޓެންބަރު 2013 އަށް ޢުމުރުން 18 އަހަރު ނުވާ ކުދިން ކަމަށާއި މި ލިސްޓުގައި ހިމެނޭ 9 ކުދިންގެ މަޢުލޫމާތު ކަށަވަރު ނުކުރެވުނުކަމަށާއި، ކަށަވަރު ކުރެވުނު 32 ކުދިންގެ ތެރެއިން 12 ކުއްޖަކު ވޯޓުލާފައި ވާކަމަށް ރިޔާސީ އިންތިޚާބު 2013 (07 ސެޕްޓެންބަރު 2013) ގެ ވޯޓުލީ މީހުންގެ ލިސްޓުތަކުން ފާހަގަ ކުރެވުނުކަމަށާއި،
(6.2) "ވޯޓުލުމުގެ ޝަރުޠު ހަމަވާ މީހުންގެ ލިސްޓުގައިވާ މަރުވެފައިވާ މީހުންގެ ލިސްޓު" ކަމަށްބުނެ ޖުމްހޫރީ ޕާޓީން ހުށަހެޅި 669 މީހެއްގެ ނަން ހިމެނޭ ލިސްޓު، "ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު" އާ އަޅައިކިޔުމުން އޭގެތެރެއިން 637 މީހެއްގެ މަޢުލޫމާތު ފެނިފައިވާކަމަށާއި، މީގެ ތެރެއިން 14 މީހަކު ވޯޓުލާފައިވާކަމަށް ރިޔާސީ އިންތިޚާބު 2013 (07 ސެޕްޓެންބަރު 2013) ގެ ވޯޓުލީ މީހުންގެ ލިސްޓުން ފާހަގަކުރެވުނު ކަމަށާއި މި 14 މީހުންގެ ތެރެއިން 2 މީހަކު ވޯޓުލާފައި ވަނީ އޭނާއަށް ދޫކޮށްފައިވާ އައި.ޑީ ކާޑުނޫން އެހެން ކާޑެއް ބޭނުންކޮށްގެން ކަމުގައި ރިކޯޑު ކުރެވިފައިވާކަމަށާއި،
(6.3) ވޯޓު ލުމުގެ ޝަރުޠު ހަމަވާ މީހުންގެ ލިސްޓުގައި ބައެއް މީހުންގެ ނަންތައް ދެ ފަހަރަށް ހިމެނިފައިވާ ލިސްޓު ކަމަށް ބަޔާންކޮށް، ޖުމްހޫރީ ޕާޓީއިން ހުށަހަޅާފައިވާ 204 މީހުންގެ ނަން ހިމެނޭ ލިސްޓު ބެލިބެލުމުން 174 އެންޓްރީއެއް "ރިޔާސީ އިންތިޚާބު 2013 ގެ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު" އާ މެޗް ކުރެވުނުކަމަށާއި، މީގެ ތެރެއިން ޑިޕަރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި އެ ބައެއްގެ މަޢުލޫމާތު ތަކުރާރުވެފައި ވާކަމަށް ބެލެވިގެން "REPEAT / REPEAT.REPEAT" މިހެން ދާއިމީ އެޑްރެހުގެ ގޮތުގައި ޖަހާފައިވާ 22 މީހެއްގެ މަޢުލޫމާތު ފެނުނުކަމަށާއި، ނަމަވެސް މި ލިސްޓުގައި ހިމެނޭ މީހަކު ދެ ފަހަރަށް ވޯޓުލީކަމަށް ރިޔާސީ އިންތިޚާބު 2013 (07 ސެޕްޓެމްބަރ 2013) ގެ ވޯޓުލީ މީހުންގެ ލިސްޓުން ފާހަގަކޮށްފައި ނުވާކަމާއި،
(6.4) ޑިޕަރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ އައި.ޑީ ކާޑް ރަޖިސްޓަރީގައި ހިމެނިފައިނުވާ މީހުންގެ ލިސްޓުކަމަށް ބުނެ ޖުމްހޫރީ ޕާޓީއިން ހުށަހެޅި 1818 މީހެއްގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޑީ.އެން.އާރު ޑޭޓާބޭސްއާއި އަޅައިކިޔުމުން 1637 މީހަކީ ޑީ.އެން.އާރުން އައި.ޑީ ކާޑު ދޫކޮށްފައިނުވާ މީހުންކަމަށް ޑީ.އެން.އާރު ޑޭޓާބޭސްއިން ދައްކާކަމަށާއި، (ބާކީ 181 މީހެއްގެ މަޢުލޫމާތު ހޯދިފައި ނުވާކަމަށާއި،) މި 1637 މީހުންގެ ތެރެއިން 207 މީހަކު 07 ސެޕްޓެމްބަރ 2013 ގައި ވޯޓުލާފައިވާކަމަށް ރެކޯޑުން ދައްކާކަމަށާއި ވޯޓުލީކަމަށް ދައްކާ 207 މީހުންގެ ތެރެއިން 96 މީހަކު ވޯޓުލާފައިވަނީ ގެޒެޓުކުރެވިފައިވާ ލިސްޓުގައިވާ އައި.ޑީ ކާޑު ނަންބަރުގައި ނޫންކަމަށާއި،
(6.5) ވޯޓުލުމުގެ ޝަރުޠު ހަމަވާ މީހުންގެ ލިސްޓްގައި ގޭގެ ވެރިފަރާތަށް ނޭނގި އެ ގޭގޭގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ ލިސްޓުކަމަށް ޖުމްހޫރީ ޕާޓީން ހުށަހެޅި ލިސްޓުގައިވާ 1187 މީހެއްގެ މަޢުލޫމާތު "ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު" އާއި ޑީ.އެން.އާރު ޑޭޓާބޭސްއާ އަޅައިކިޔުމުން 1186 މީހެއްގެ ރިކޯޑު ފެނިފައި ވާކަމަށާއި، މީގެ ތެރެއިން 44 މީހަކު ރަޖިސްޓަރީކުރެވިފައިވަނީ އެ މީހަކު ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަންތަނުގައިކަމަށް ބެލެވޭކަމަށާއި، މި 44 މީހުން ވޯޓުލާފައި ވާއިރު އެ ލިސްޓުގައިވާ މީހުންގެ ތެރެއިން 1115 މީހަކު ވޯޓުލާފައި ވާކަމަށް ރަޖިސްޓަރީއިން ދައްކާކަމަށާއި، ނަމަވެސް މި ލިސްޓުން ވޯޓުލީކަމަށް ދައްކާ 1159 މީހުން ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ތަން ފިޔަވައި އިތުރު ފޮށްޓަކަށް ވޯޓުލީކަން ފާހަގަކޮށްފައި ނެތްކަމާއި،
(6.6) "ރިޔާސީ އިންތިޚާބު 2013 ގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު"ގައިވާ ފަރާތްތަކުގެ މަޢުލޫމާތު ޑީ.އެން.އާރު ޑޭޓާބޭސްގައި ހިމެނިފައިވާ މަޢުލޫމާތާ ތަފާތުވެފައިވާ ޙާލަތްތަކުގައި، އެފަދަ މަޢުލޫމާތު ޑީ.އެން.އާރު ޑޭޓާބޭސްގައި ހިމެނިފައިވާ ގޮތަށް ގަލަމަކުން ބަދަލުކޮށް އެ ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ދީފައި ހުރިކަން ފާހަގަކޮށްފައިވާކަމަށާއި، ނަމަވެސް މިގޮތަށް ފުރުޞަތު ދިނުމުގެ ސަބަބުން އެކަކު ޑަބަލް ވޯޓު ލާފައިވާކަން ރިޔާސީ އިންތިޚާބު 2013 (07 ސެޕްޓެންބަރު 2013) ގެ ވޯޓުލީ މީހުންގެ ލިސްޓުން ފާހަގަ ކޮށްފައި ނުވާކަމާއި،
(6.7) ބައެއް ފަރާތްތަކުގެ ނަންތައް ގަލަމުން "ރިޔާސީ އިންތިޚާބު 2013 (07 ސެޕްޓެންބަރު 2013) ގެ ވޯޓު ލީ މީހުންގެ ލިސްޓު" އަށް އިތުރުކޮށް، ވޯޓުލުމުގެ ފުރުޞަތު 7 މީހަކަށް ދީފައިވާ ކަމަށް ލިސްޓުތަކުން ފާހަގަވެފައިވާކަމަށާއި، ނަމަވެސް މިގޮތަށް ފުރުޞަތު ދިނުމުގެ ސަބަބުން އެ 7 މީހުންގެ ވޯޓު ތަކުރާރު ވެފައިވާކަން ރިޔާސީ އިންތިޚާބު 2013 (07 ސެޕްޓެންބަރު 2013) ގެ ވޯޓުލީ މީހުންގެ ލިސްޓުން ފާހަގަ ކޮށްފައި ނުވާކަމާއި،
އިސްވެ ބަޔާން މިކުރެވުނު މަޢުލޫމާތުތަކަށް ބަލާއިރު "ރިޔާސީ އިންތިޚާބު 2013 ގެ ފުރަތަމަ ބުރުގެ ޖުމްލަ ނަތީޖާއަށް އަސަރުކުރާކަމަށް ބެލެވޭ ވޯޓުގެ ޖުމްލަ ޢަދަދަކީ 473 ވޯޓުކަމާއި މި މަޢުލޫމާތުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރިންސިކް ސަރވިސަސް އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓުތަކާއި ވޯޓުލީމީހުން ފާހަގަކޮށްފައިވާ ލިސްޓުތަކުގައި ހުރި އުނިއިތުރުގެ މަޢުލޫމާތުތަކެއްކަމާއި އެކަންކަމަކީ އިންތިޚާބުތަކާބެހޭ ޤާނޫނުތަކުގައި ވާގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ނަގާ ސިއްރު ވޯޓުތަކަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ނެގޭ ވޯޓެއްކަމުގައި ކަށަވަރުކޮށް، އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބުތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމުގެ ގޮތުން ތަކުރާރު ނުވާނެގޮތެއްގެމަތިން އިލެކްޝަންސް ކޮމިޝަނުން އިޞްލާޙުކުރަންޖެހޭ ކަންތައްތަކެއްކަން ފާހަގަކުރެވޭ ކަމެވެ.
(7) ހަތްވަނަ ކަމަކީ، ހެކިންގެ ގޮތުގައި ޙާޟިރު ކޮށްދިނުމަށް އެދި ހެކި ދޭ މީހާއަކީ ކާކުކަން ނޭނގޭގޮތަށް ހެކިބަސްނަގައި ދިނުމަށް ދަޢުވާކުރި ފަރާތުންނާއި ހެކިބަސް ދިން ބައެއް މީހުން އެދިފައިވުމުން އެކަމަށް ރިޢާޔަތްކޮށް 14 މީހެއްގެ ހެކިބަސް ނެގިފައިވާކަމާއި އޭގެތެރެއިން ގިނަމީހުންގެ ބަޔާނާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭކަމާއި އެކަންކަން ސާފުކުރުމުގެ ގޮތުން އެފަރާތްކާ ކުރިމަތި ކުރެވޭ ސުވާލުގެ ސަބަބުން އެއީކޮންބައެއްކަން ނޭނގޭގޮތަށް ސިއްރުކުރި ކުރިކުރުމުގެ މަޤުޞަދު ގެއްލިގެން ހިނގައިދާނެތީވެ، އެކަންކަން ސާފުކުރެވިފައި ނުވާތީ އެފަރާތްތަކުގެ ހެކިބަހަށާއި، ބަންޑާރަ ނައިބުގެ އޮފީހުން ޝަރީޢަތުގެ މަޖިލީހަށް ސިއްރު ލިޔުމެއް ގޮތުގައި ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިއްރު ރިޕޯޓާ މެދު ދަޢުވާލިބޭ ފާރާތަށް އެއްޗެއް ބުނުމުގެ ފުރަޞަތު ނުލިބޭގޮތަށް ސިއްރުކުރެވިފައި ވާތީ އެ ރިޕޯޓަށްވެސް ރިޢާޔަތްކުރެވިފައި ނުވާނެކަމެވެ.
ވީމާ، އިސްވެ ބަޔާންކުރެވިފައިވާ ފަދައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްގެ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ ޢާންމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިނގާފައިވާކަމަށް އެފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު، ޝަކުވާއެއް އޮތްނަމަ އެޝަކުވާ އަކާމެދު، ގޮތެއް ނިންމައިދިނުމަށް އެދި އެފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެކަމަށް އޮންނަ އޮތުމަށާއި، މި މާއްދަގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނެގޮތް އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅައިފައި އޮންނަންވާނެކަމަށް ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު ނަންބަރު 8200/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ (ހ) ގައި އެ ޤާނޫނުގެ 64 ވަނަ މާއްދާއާ ޙަވާލާދީ، އިންތިޚާބެއްގެ ރަސްމީ ނަތީޖާ ބާޠިލްކުރެވިދާނެ ގޮތް ބާޔާންކޮށްފައި ވަނީ ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެ ސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަން ވާނެކަމަށް އޮންނަ އޮތުމަށްވެސް ރިޢާޔަތްކޮށް، އިންތިޚާބެއްގެ ރަސްމީ ނަތީޖާ ބާޠިލުކުރެވޭނީ ޤާނޫނު ނަންބަރު 8200/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 3 ކަމަކުންކުރެ ކަމެއްގެ ސަބަބުން އެކަމެއްގެ އަސަރެއް ފޯރާފައިވާ ސަރަޙައްދެއް ނުވަތަ ވޯޓު ފޮށްޓެއް ނަވަތަ ވޯޓު ފޮށިތަކެއްގެ ނަތީޖާ އެކަނިކަން އެނގެން އޮންނާތީ، 07 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުނު "ރިޔާސީ އިންތިޚާބު 2013" ގެ ފުރަތަމަ ބުރުގައި ވޯޓުލީކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ 211890 (ދެލައްކަ އެގާރަހާސް އަށްސަތޭ ނުވަދިހަ) މީހުންގެ ވޯޓު އެކުގައި ބާޠިލުކުރެވިދާނެ ތަނެއް ޤާނޫނީ ގޮތުން އޮތްކަމަށް ނުދެކެމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރަޢުޔު
މި މައްސަލައަކީ 7 ސެޕްޓެންބަރު 2013 ވީ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކަންކުރެވިފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ކަމާބެހޭ މާއްދާތަކާއި، އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގޮތަށްކަމުގައިނުވާތީ، އެ އިންތިޚާބުގައި ވޯޓުލާފައިވާ މީހުންގެ ލިސްޓުތައް ހޯދުމަކީ ކޮންމެ ކެންޑިޑޭޓެއްގެވެސް ޙައްޤެއްކަމުގައި ކަނޑައަޅައިދިނުމަށާއި، މި އިންތިޚާބުގައި ބޭނުންކުރެވުނު ވޯޓުލުމުގެ ޝަރުޠު ފުރިހަމަވާ މީހުންގެ ލިސްޓަކީ ކަމާބެހޭ ޤާނޫނީ އޮނިގަނޑާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގައި ބަޔާން ކުރެވިގެންވާ ޙުކުމާ އެއްގޮތަށް އެކުލެވިގެންވާ ލިސްޓެއްނޫން ކަމަށާއި، މިހެން ވުމުގެ ސަބަބުން މިއީ ޞައްޙަ ލިސްޓެއްނޫންކަމަށް ކަނޑައަޅައި ދިނުމަށާއި އަދި މި އިންތިޚާބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކެއް ނިގުޅައިގަނެފައިވާ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނެފައިވާ ކަމާބެހޭ މާއްދާތަކާއި، އިންތިޚާބުތަކާބެހޭ ޤާނޫނުތަކާ ޚިލާފަށް ބޭއްވިފައިވާ އިންތިޚާބަކަށްވާތީއާއި، ދައުލަތުގެ ދުސްތޫރީ އޮނިގަނޑުގައި ބަޔާންކުރެވިގެންވާ ގޮތަށް ހިނގާފައިވާ އިންތިޚާބެއްނޫންކަމަށް ވުމާއެކު މި އިންތިޚާބު ބާޠިލުކޮށްދިނުން އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ށ) އާއި، 11 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގެ ދަށުން، ޖުމްހޫރީ ޕާޓީން، 15 ސެޕްޓެންބަރު 2013 ވަނަ ދުވަހު ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ. ދިވެހި ދައުލަތުގެ ފަރާތުންނާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ންނާއި އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން މި މައްސަލައަށް ތަދައްޚުލްވިއެވެ. ނަމަވެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަނީ މި މައްސަލައިން ވަކިވެފައެވެ.
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ޤާނޫނު ނަންބަރު 2008/08 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) އަށާއި، ޖުމްހޫރީ ޕާޓީން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ތަދައްޚުލްވި ފަރާތްތަކުން ދައްކާފައިވާ ވާހަކަ ތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުނު ލިޔުންތަކަށާއި، ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ލިބުނު ޖަވާބުތަކަށާއި، މި މައްސަލަ ހިނގާ ދިޔަ ގޮތުގެ އިޖުރާއާތުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު އަންނަނިވި ކަންކަން އަހުރެން ފާހަގަ ކުރަމެވެ.
(ހ) ފުރަތަމަ ކަމަކީ، މި މައްސަލައާ ގުޅިގެން ޖުމްހޫރީ ޕާޓީން މި ކޯޓުގައި އެދިފައިވަނީ ތިން ކަމަކަށް ކަމެވެ. އެއީ:
(1) 2013 ވަނަ އަހަރުގެ ސެޕްޓެންބަރު 7 ވަނަ ދުވަހު ބޭއްވުނު ރިޔާސި އިންތިޚާބުގައި ވޯޓުލީ މީހުންގެ ލިސްޓުތަކަކީ ކޮންމެ ކެންޑިޑޭޓަކަށްމެ ލިބުމުގެ ޙައްޤު ލިބިގެންވާ ލިސްޓުތަކެއްކަމުގައި ކަނޑައަޅައިދިނުން.
(2) މި އިންތިޚާބުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގައި ބުނެފައިވާ ގޮތަށް އެކުލަވާލެވިފައިވާ ލިސްޓެއް ނޫންކަމުން، އެއީ ޞައްޙަ ލިސްޓެއްނޫންކަމަށް ކަނޑައަޅައިދިނުން.
(3) 7 ސެޕްޓެންބަރު 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބު ބާޠިލުކަމަށް ކަނޑައަޅައި ދިނުމަށާއި، މި ދަޢުވާގައި ޖުމްހޫރީ ޕާޓީން ފާހަގަ ކޮށްފައިވާ ކަންކަން ރަނގަޅުކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އިންތިޚާބާބެހޭ ޤާނޫނުތަކާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގައި ބަޔާން ކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށްނޫނީ އިންތިޚާބު ކުރިއަށް ނުގެންދިއުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރުން.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ ޢާއްމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަމެއް ހިންގާފައިވާކަމަށް އެފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި އޮންނަ އޮތުމަށާއި ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 10 ވަނަ މާއްދާއާއި 64 ވަނަ މާއްދާ އަދި 65 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިޚްތިޞާޞްއޮތް އެ ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލައެއްކަން އެނގެން އޮންނަކަމާއި، އެ ކޯޓުން މިފަދަ މައްސަލަތައް ބަލައި ނިންމަންޖެހޭ ގޮތުގެ އިޖުރާއަތުތައް އެ ޤާނޫނުގައި ކަނޑައަޅާފައިވާކަމާއި، ޖުމްހޫރީ ޕާޓީން އެފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިކަމާއި، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފައިޞަލާ ކުރަނިވި ޙުކުމެއް ކުރައްވާފައިވާ ކަމެވެ.
(ނ) ތިންވަނަ ކަމަކީ، މި އިންތިޚާބުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގައި ބުނެފައިވާ ގޮތަށް އެކުލަވާލެވިފައިވާ ލިސްޓެއް ނޫންކަމަށް ޖުމްހޫރީ ޕާޓީން ބުނާބުނުމަށް ބަލާއިރު، ރިޔާސީ އިންތިޚާބު 2013 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓުވަނީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ބުނާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށް 30 މެއި 2013 ވީ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިކަމާއި އަދި ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައިވާ ގޮތުގެމަތިން އެ ލިސްޓަށް ގެންނަންޖެހޭ އިޞްލާޙު ގެނެވި ރިޔާސީ އިންތިޚާބު 2013 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު 21 ޖުލައި 2013 ގައި، ދެވަނަ ފަހަރަށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރިކަމާއި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި ބެލެހެއްޓުމާއި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާއްމުކުރުމާއި ރަޖިސްޓަރީގައިވާ މަޢުލޫމާތާމެދު ޝަކުވާ އުފުލުމާއި، ރަޖިސްޓަރީއަށް ބަދަލު ގެނައުމާއި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާއްމުކޮށް ދޫކުރުމާއި އެ ރަޖިސްޓަރީގައިވާ މަޢުލޫމާތު ބޭނުންކުރުމާއި އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށްޓަކައި އެމީހަކު ދިރުއުޅޭ ތަނެއް އިލެކްޝަންސް ކޮމިޝަނަށް އެންގުމުގެ އިޖުރާއާތުތަކަކީ ވަރަށް ސާފުކޮށް ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 8 ވަނަ މާއްދާއިން ފެށިގެން 12 ވަނަ މާއްދާގެ ނިޔަލަށް ސާފުބަހުން ބުނެދީފައިވާ އިޖުރާއާތުތަކެއްކަމާއި މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުންނާއި ހުށަހެޅި ލިޔެކިޔުންތަކުން، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 8 ވަނަ މާއްދާއިން ފެށިގެން 12 ވަނަ މާއްދާގެ ނިޔަލަށް ބަލާއިރު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި ބުނެފައިވާ އިޖުރާއާތުތަކަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކޮށްފައިވާކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާއަކީ 22 އޮގަސްޓް 2013 ދުވަހު މި ކޯޓަށް ހުށަހެޅުނު ޤަޟިއްޔާއެއްކަމާއި، އެ ޤަޟިއްޔާގެ ޙުކުމްކުރީ 02 ސެޕްޓެންބަރު 2013 ގައި ކަމާއި، އެ ޙުކުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން ކުރެއްވި ޙުކުމެއްކަމާއި، އެ ޙުކުމް ކުރައްވާފައިވަނީ 7 ސެޕްޓެންބަރު 2013 ގައި އޮތް ރިޔާސީ އިންތިޚާބުގެ 5 ދުވަސް ކުރިންކަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގެ ޙުކުމް އައިއިރު 7 ސެޕްޓެންބަރު 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބު ވަނީ ކުޑަތަންވެފައިކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި ފާހަގަ ކުރެވުނު 7 ވަނަ ނުކުތާގައި ބުނެފައިވަނީ:
"...ވާދަވެރި ރިޔާސީ އިންތިޚާބެއްގެ ނަތީޖާއާ މެދު ދެބަސްވެރިވެ ދިވެހި ޤައުމު ފިތުނަވެރިކަމަކާ ކުރިމަތިލާންޖެހިދާނެފަދަ ޙާލަތަކަށް ވެއްޓިގެން ދިޔަނުދިނުމަށްޓަކައި އިންތިޚާބު ބޭއްވޭ މާޙައުލަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާ ފަދަ މާޙައުލެއްކަން ކަށަވަރުކުރުމާއި، ކޮންމެ ދާއިރާއަކަށް ވޯޓު ލާންދާ އެ ދާއިރާގެ މީހުންގެ ތެރެއިން އެމީހެއްގެ ނަން އެ ދާއިރާގައިވާ ލިސްޓްގައި ނެތިގެން ވަގުތީގޮތުން ވޯޓުލުމުގެ ޙައްޤަށް ހުރަސް އެޅިފައިވާ އެންމެންނަށް އެ ދާއިރާއެއްގައި ވޯޓުލައި ނިމުމުން އެ ފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންދާނެކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ފަރާތްތަކުގެ ނަންތައް ނޯޓުކޮށް ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި ހުރުމާއި، ވޯޓުލުމަށްޓަކައި ވޯޓުލާ ދާއިރާއަށް ވަންނަ ކޮންމެ މީހަކީ މީލާދީގޮތުން 18 އަހަރު ފުރިފައިވާ މީހެއްކަން ކަށަވަރުކުރުމާއި، އެ މީހަކު ރަށްވެހިވެފައިވާ ރަށުގެ ދާއިރާއަށް ވޯޓުލާންދާ ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކު އެހެންތަނެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައި ނުވާނަމަ، އެ ދާއިރާއަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަކީ، މާލޭގެ ރަށްވެހިންކަމަށް ޤާނޫނީގޮތުން ބެލެވޭތީ އެ ފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކަށްވެސް އެހެންތަނެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައި ނުވާނަމަ، އެ މީހަކު ވޯޓުލާންޖެހޭ މާލޭގެ ދާއިރާގައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުޅި ރާއްޖޭގައިވެސް ވޯޓުލެވެނީ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ އެންމެ ފަހުގެ ލިސްޓަށްކަމާއި، އެ ލިސްޓަކީ ކެންޑިޑޭޓުންގެ މަންދޫބުންނާ ޙަވާލުކޮށްފައިވާ ލިސްޓުކަމާއި، އިތުރު އެއްވެސް އެހެން ލިސްޓެއްގެ މައްޗަށް ޢަމަލުނުކުރާކަން ކަށަވަރުކުރުންފަދަ ޤާނޫނީ އިޖުރާއާތުގެ ޒަރީޢާއިން އިންތިޚާބުގެ އިންޓެގްރިޓީ ކަށަވަރުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އަދާކުރަންޖެހޭ އީޖާބީ (Positive) މަސްއޫލިއްޔަތެއްކަން އެނގެން އޮންނަކަމެވެ." މިހެންކަމާއި، މި މައްސަލައިގައި މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަ ތަކަށާއި ހުށަހެޅުނު ލިޔެކިޔުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާއިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކަނޑައެޅި މަސްއޫލިއްޔަތު އިލެކްޝަންސް ކޮމިޝަނުން އަދާކޮށްފައިވާ ކަން އެނގޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، މި މައްސަލައިގައި ހުށަހެޅި ހެކީގެ ތެރޭގައި އަހުރެން ބަލައިނުގަންނަ ހެކި ހުށަހަޅާފައިވާކަމާއި މައްސަލައިގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ޖަވާބުދާރީ ނުވެވޭ ސިއްރު ރިޕޯޓެއް ހުށަހަޅާފައިވާކަމެވެ. (ނޯޓު: މި ނުކުތާ ތަފްޞީލު ކުރެވިފައި ނުވަނީ މި މައްސަލައިގައި ހުށަހެޅި ބައެއް ހެކި ހުށަހަޅާފައިވަނީ ސިއްރު ކުރެވިގެން ކަމަށްވާތީއެވެ.)
(ކ) ހަތްވަނަ ކަމަކީ، 7 ސެޕްޓެންބަރު 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާޠިލު ކުރަންޖެހޭފަދަ ހެއްކެއް މި ދަޢުވާ ހުށަހެޅި ފަރާތަށް ދެއްކިފައި ނުވާކަމާއި ވޯޓަރސް ލިސްޓުގައި މައްސަލަ ހުރިކަމަށް ބުނެ ޖުމްހޫރީ ޕާޓީން ހުށަހެޅި ލިސްޓުތަކަށާއި އިލެކްޝަންސް ކޮމިޝަންގައި ވޯޓުލީ ދުވަހު ބޭނުންކުރެވިފައިވާ ކޮމްޕިއުޓަރ ސޮޕްޓްވެއަރއެއް ކަމުގައިވާ ބެލޮޓް ޕްރޮގްރެސް ރިޕޯޓިންގ ސިސްޓަމް ގެ އެކްސެސް ލޮގަށާއި އިލެކްޝަންސް ކޮމިޝަނުން ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވާ ރިޔާސީ އިންތިޚާބު 2013 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ ކޮޕީއަށާއި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވިފައިވާ ރިޔާސީ އިންތިޚާބު 2013 ގެ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށާއި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ހޯދައިފައިވާ ދިވެހި ރައްޔިތުންގެ ފަރުދީ މަޢުލޫމާތު (ޑީ.އެން.އާރު ޑޭޓާބޭސް) އަށް ބަލާ ތައްޔާރުކުރި ރިޕޯޓަށް، ދިވެހިރާއްޖޭގެ އިންތިޚާބުތަކާބޭހޭ ޤާނޫނުތަކަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/39 ޤަޟިއްޔާގެ ތަރަހައިގެ ތެރެއިން ބަލާއިރު، 7 ސެޕްޓެންބަރު 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބު ގެ ފުރަތަމަ ބުރު ބާޠިލް ކުރަންޖެހޭ ފަދަ ފަރަގެއް ހުރިކަމަށް އަހުރެން ނުދެކޭކަމެވެ.
(އ) އަށްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައި ބުނާ ގޮތުގެމަތިން ބާއްވަންޖެހޭ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އެ މާއްދާގައި ބުނާ ގޮތުގެ މަތީން ބާއްވަންޖެހޭނެ ކަމާއި، އެ މާއްދާގައި ބުނާ އެކާވީސް ދުވަހުގެ މުއްދަތަށްވުރެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފަސް ނުކުރެވޭނެކަމާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-C/02 ޤަޟިއްޔާގައިވެސް "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން ވަކި ތާރީޚުތަކެއްގެ ކުރިން ނިންމަންޖެހޭނެކަމަށް ބުނެފައިވާ ކަންތައްތައް ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށް ޤާނޫނުއަސާސީން ލާޒިމުވެގެންވާ ކަމަކަށްވާއިރު، އެފަދަކަމެއް ޤާނޫނުއަސާސީގައިވާގޮތަށް އަދި ޤާނޫނުއަސާސީގައި ބުނެފައިވާ ތާރީޚުގައި ނިންމުމަށް ޤާނޫނީ ނަޒަރަކުން ބަލާއިރު އުޒުރު ވެވިދާފަދަ ހަމައެކަނި ޙާލަތަކީ، އިންސާނީބާރު ނުފޯރާފަދަ ޤުދުރަތީ ބޮޑެތި ހާދިސާތަކާއި، ހަނގުރާމަވެރި ޙާލަތްތައް މެދުވެރިވެ، އެފަދަކަންކަމަށް އިޙްތިޔާރުގައިނުވާ ސަބަބުތަކާހުރެ، ހުރަސްއެޅިގެން ދިއުންކަމަށް..." ބުނާކަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-C/02 ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިއްތިފާޤުން ނިންމަވާފައިވާ ނިންމެވުމެއްކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ލާޒިމުކުރާކަމެއް، ލާޒިމުކުރާގޮތަށް، ލާޒިމުކުރާ މުއްދަތުގެ ތެރޭގައި ކުރުމަކީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަމެވެ.
ދެންފަހެ، އިސްވެ ފާހަގަކުރި ކަންތައްތަކަށް ބަލައި ރިޢާޔަތް ކުރާއިރު، ޖުމްހޫރީ ޕާޓީން އެދިފައިވާ ކަންތައްތަކުގެ މައްޗަށް ޙުކުމެއް ކުރަންޖެހޭފަދަ ޟުރޫރަތެއް އޮތްކަމަކަށް އަހުރެންނަކަށް ނުފެނެއެވެ.
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
66 ގެ 69ސަފްޙާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male’| Republic of Maldives
ވެބްސައިޓް: URL: www.supremecourt.gov.mv| ފެކްސް: + 960 3008554 Fax: | ފޯން:+ 960 3009990 Tel:
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.