ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/34ސުޕްރީމް ކޯޓު · 17 ސެޕްޓެމްބަރު 2015

—

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 17 ސެޕްޓެމްބަރު 2015ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 342014/SC-A/

ދަޢުވާކުރާ ފަރާތް: އޯނަސް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: 1. މުޙައްމަދު މަނިކު، މ. ވިލާދޮށުގެ

2. ޝަމްޢޫން މުޙައްމަދު

3. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: އެކައުންޓުގައި ފައިސާ ނެތި ޗެކުދޫކޮށް އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުން.

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފޯމުން

ހުށަހެޅުނު ތާރީޚް: 08 ޖުލައި 2014

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 24 ޖުލައި 2014

ނިމުނު ތާރީޚް: 17 ސެޕްޓެމްބަރ 2015

މައްސަލަ ނިންމި ގަޑި: 16:20

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2013/HC-A/170

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 20 މެއި 2013

ނިމުނު ތާރީޚް: 26 ޖޫން 2014

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 170/HC-A/2013 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މ. ވިލާދޮށުގެ، މުޙައްމަދު މަނިކު އާއި މއ. އަތަމާވިލާ، ޝަމްޢޫނު މުޙައްމަދު އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އެވެ.

ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 170/HC-A/2013 ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 66/Cr-C/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާ އެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 170/HC-A/2013 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މ. ވިލާދޮށުގޭ، މުޙައްމަދު މަނިކާއި މއ. އަތަމާވިލާ، ޝަމްޢޫން މުޙައްމަދު އެވެ.

ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 170/HC-A/2013 ޤަޟިއްޔާއަށް އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތަދައްޚުލްވެފައިވެއެވެ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 170/HC-A/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 66/Cr-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 66/Cr-C/2013 ޤަޟިއްޔާއިން ބެލިފައިވާ މައްސަލައަކީ، މ. ވިލާދަށުގޭ، މުޙައްމަދު މަނިކާއި މއ. އަތަމާވިލާ، ޝަމްޢޫން މުޙައްމަދުގެ މައްޗަށް އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާއާއި، މުޙައްމަދު މަނިކުއާއި، ޝަމްޢޫނު މުޙައްމަދުގެ އަތުން ޗެކުތަކަށް ފައިސާ ލިބެންވީ ފަރާތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިބްރާހިމް ނާޞިރު މުޙައްމަދު އެދޭ ދަޢުވާ ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، މުޙައްމަދު މަނިކާއި، ޝަމްޢޫން މުޙައްމަދާ ދެމީހުންގެ މައްޗަށް ދައުލަތުން ކުޅަ އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް، އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށް ޘާބިތުނުވާކަމަށް ކަނޑައަޅާ، ގެލެކްސީ އެންޓަރޕްރައިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އޯނަސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއް ވާނަމަ އެ ފައިސާއެއް ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޯނަސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް އަންގައި ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 66/Cr-C/2013 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިފޯޓަށް ބެލުމުން އެނގެން އޮވެއެވެ.

ބުނެވިދިޔަ ކްރިމިނަލް ކޯޓުގެ ނަންބަރު 66/Cr-C/2013 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 170/HC-A/2013 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 66/Cr-C/2013 ޤަޟިއްޔާގައި ހިމެނޭ ޗެކުތަކަށް ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޯނަސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، އެ ޤަޟިއްޔާގައި ދައުލަތުން މުޙައްމަދު މަނިކުގެ މައްޗަށް ހުށަހެޅި، އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެ ޗެކުތަކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށް ޝަރީޢަތަށް ޘާބިތުނުވާކަމަށް ނިންމި ނިންމުމަށް ތާއީދުކުރުމާއެކު، އެ ޤަޟިއްޔާގައި ޝަމްޢޫނު މުޙައްމަދުގެ މައްޗަށް އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށް ޘާބިތުނުވާކަމަށް ނިންމި ނިންމުން ބާޠިލުކޮށް، ދައުލަތުން ޝަމްޢޫން މުޙައްމަދުގެ މައްޗަށް ހުށަހެޅި، އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެ ޗެކުތަކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުން ޝަމްޢޫން މުޙައްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަމްޢޫނު މުޙައްމަދު 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 170/HC-A/2013 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައިފައިވާކަން އެނގެން އޮވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ބަޔާންވެދިޔަ ނަންބަރު 170/HC-A/2013 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރްޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ތަދައްޚުލްވި ފަރާތެއް ކަމުގައިވާ އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ އިރު، އޯނަސް ޕްރައިވެޓް ލިމިޓެޑަށް އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ "ޞިފަތު" (capacity) އިޖްރާއީގޮތުން ލިބިގެންވޭތޯ ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތުކުރެވޭ ކޮންމެ މީހެއްގެ މައްޗަށް ކަމާބެހޭ ކޯޓުގައި ޖިނާއީ ދަޢުވާކުރުމާއި، ޖިނާއީ މައްސަލަތަކުގައި ކޯޓުން އިއްވާ ޙުކުމް އިސްތިއުނާފުކުރަން ހުށަހެޅުމުގެ ބާރު ލިބިގެންވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ނ) އާއި (ވ) އިން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ އިތުރުން ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރެވިގެންވާ ގޮތުގެ މައްޗަށް ބަލާއިރު، ޖުމްލަގޮތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޞާޞްގެ ތެރޭގައި ޝާމިލުވެގެންވަނީ ޖިނާއީ ކުށްތަކާ ގުޅިގެން ދަޢުވާތައް ކުރުމާއި، ދަޢުވާތަކާބެހޭ ތަފާތު ކަންކަން ބެލެހެއްޓުމާއި، ޖިނާއީ ކުށްތަކާ ގުޅިގެން ހިންގާ ތަޙްޤީގުތަކާ ގުޅިގެން ޤާނޫނުއަސާސީންނާއި ޤާނޫނުން ޕްރޮސިކިއުޓރ ޖެނެރަލްއާ ޒިންމާކުރެވިފައިވާ ތަފާތު މަސްއޫލިއްޔަތުތައް އަދާކުރުންކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚްތިޞާޞްތައް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ކަނޑައެޅިގެންވާ ގޮތުގެ މައްޗަށް ނަޒަރުކުރާއިރު، ޤާނޫނުގައި ކުޑަކުދިންކަމަށް ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތައް ފިޔަވައި، މީހުން ކުރާ ޖިނާއީ ކުށްކުށުގެ މައްސަލަތަކުގެ ތެރެއިން އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިނުވާ އެންމެހައި މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ކްރިމިނަލް ކޯޓަށް ލިބިގެންވާކަމަށް ޙަވާލާދެވުނު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 2 ގައި ބަޔާންވެގެންވާ އިރު، ކްރިމިނަލް ކޯޓުގެ ޢާންމު އިޚްތިޞާޞަކީ ޖިނާއީ މައްސަލަތަކާ ބެހޭ ދަޢުވާތައް ބެލުންކަން އެނގެން އޮންނަކަމާ، އެހެންނަމަވެސް އިސްތިސްނާގޮތަކަށް "ކްރިމިނަލް ކޯޓުން ބަލާ ކުށްތަކުގެ ތެރެއިން ކުށަކާ ގުޅިގެން ބަދަލު ހޯދުމަށް އެދި، އެ ކުށުގެ ދަޢުވާއާއެކު ހުށަހެޅޭ މައްސަލަތައް" ބެލުމުގެ އިޚްތިޞާޞް ކްރިމިނަލް ކޯޓަށް ލިބިގެންވާކަމަށް ޙަވާލާދެވުނު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، އެއްވެސް ސަބަބަކާހުރެ ހޯދުމަށް ހުށަހެޅޭ މަދަނީ ބަދަލު ނަގާދިނުމުގެ އިޚްތިޞާޞް ޢާންމު އުޞޫލެއްގެ ގޮތުން ފުރަތަމަ މަރުޙަލާގައި ލިބިގެންވަނީ ކަމާބެހޭ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ކަމުގައި ވީނަމަވެސް ޖިނާއީ ކުށަކާގުޅިގެން އެ ކުށުގެ ސަބަބުން ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ނަގާދިނުމުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ޖިނާއީ މައްސަލަބަލާ ކަމާބެހޭ ކޯޓަށް އިސްތިސްނާގޮތަކަށް ތަފާތު ޖުރިސްޑިކްޝަންތަކުގައި ލިބިގެންވާކަމާއި، އެފަދަ މައްސަލަތައް ޖިނާއީ ކޯޓަށް ހުށަހެޅުމުގެ ޙައްޤު ގިނަ ޖުރިސްޑިކްޝަންތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން މަދަނީ ބަދަލު ހޯދުމަށް އެދޭފަރާތަށްވެސް ލިބިގެންވާކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގައި ޖިނާއީ ކުށަކާގުޅިގެން މަދަނީ ބަދަލު ހޯދުމަށް ކްރިމިނަލް ކޯޓަށް ސީދާ ހުށަހެޅުމުގެ ޙައްޤު އެ ބަދަލު ހޯދުމަށް އެދޭ ފަރާތަށް ލިބިދޭ ޤާނޫނީ ނައްޞެއް ނެތްކަމާ، އަދި އެފަދަ ޕްރެކްޓިސް އެއް ދިވެހިރާއްޖޭގެ ޖިނާއީ އިޖްރާއާތުގެ ނިޒާމުގައި ޤާއިމުވެފައި ނުވާކަމާއި، އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 2 ގައި "ކްރިމިނަލް ކޯޓުން ބަލާ ކުށްތަކުގެ ތެރެއިން ކުށަކާ ގުޅިގެން ބަދަލު ހޯދުމަށް އެދި އެ ކުށުގެ ދަޢުވާއާއެކު ހުށަހެޅޭ މައްސަލަތައް" ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާކަމަށް ބަޔާންކުރެވިފައި އޮތުމުން، ކުށަކާ ގުޅިގެން ބަދަލު ހޯދުމަށް އެދި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅަންޖެހެނީ އެ ކުށާގުޅިގެން ހުށަހަޅާ ޖިނާއީ ދަޢުވާއާ އެކުކަން އެނގޭކަމާ، ޖިނާއީ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްކަމާ، އެހެންކަމުން ޖިނާއީ ކުށަކާ ގުޅިގެން އެއާއެކު ހުށަހެޅޭ މަދަނީ ބަދަލުގެ ބައި، މަދަނީ ބަދަލު ލިބެންވާ ފަރާތުން އެބަދަލު ހޯދުމަށް އެދޭނަމަ، ޖިނާއީ ކުށުގެ ދަޢުވާއާއެކު މަދަނީ ބަދަލު ހޯދުމުގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމާބެހޭ ކޯޓަށް ހުށަހަޅާކަން މި މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖިނާއީ ދަޢުވާއާއެކު މަދަނީ ބަދަލު ހޯދުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި ޢަމަލުކުރާ އިޖްރާއާތަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، ޖިނާއީ ދަޢުވާއަކާ ގުޅިގެން ކަމާބެހޭ ޖިނާއީ ކޯޓަށް ހުށަހެޅުން ހުއްދަވެގެންވާ މަދަނީ މައްސަލައަކީ ޖިނާއީ ކުށުގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުމުގެ މަދަނީ ބަދަލު ހޯދުމުގެ މައްސަލައަކަށް ވުމީ މިޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ ޢާންމު އުޞޫލެއްކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 66/Cr-C/2013 ޤަޟިއްޔާއިން ކޮށްފައިވާ ޖިނާއީ ދަޢުވާއާއެކު ހުށަހަޅާފައިވާ މަދަނީ ޙައްޤު ހޯދުމުގެ މައްސަލައަކީ ޙަޤީޤަތުގައި މަދަނީ ބަދަލު ހޯދުމުގެ މައްސަލައެއް ނޫންކަމާ، އެހެނީ ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާއިން ކޮށްފައިވާ ދަޢުވާއަކީ މ. ވިލާދަށުގޭ، މުޙައްމަދު މަނިކާއި މއ. އަތަމާވިލާ، ޝަމްޢޫން މުޙައްމަދުގެ މައްޗަށް އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާކަމާއި، އެ ދަޢުވާއާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ، ބުނެވިދިޔަ ޗެކުތަކަށް ފައިސާ ލިބެންވީ ފަރާތްކަމުގައިވާ އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޗެކުތަކަށް ލިބެންވާ ފައިސާ ހޯދުމަށް އެދޭ މަދަނީ މައްސަލައަކީ އޭގެ ޒާތުގައި މަދަނީ ބަދަލު ހޯދުމުގެ މައްސަލައެއް ނޫންކަމާ، ސަބަބަކީ ޗެކުތަކަށް ލިބެންވާ ފައިސާއަކީ ޙަޤީޤަތުގައި، އެ ޗެކުތައް ބައުންސްވުމުގެ ކުރިން އުފެދޭ ދަރަންޏެއްގެ ފައިސާ ކަމާއި، އެ ފައިސާ އަކީ އެއްވެސް ޙާލެއްގައި ޗެކު ބައުންސުވުމުގެ ކުށުގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން ޙައްޤުވާ ފައިސާއެއް ނުވަތަ މަދަނީ ބަދަލެއް ނޫންކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 66/Cr-C/2013 ޤަޟިއްޔާއިން މ. ވިލާދަށުގޭ، މުޙައްމަދު މަނިކާއި މއ. އަތަމާވިލާ، ޝަމްޢޫން މުޙައްމަދުގެ މައްޗަށް ކޮށްފައިވާ އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާއާއެކު، އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެވިދިޔަ ޗެކުތަކަށް ލިބެންވާ ފައިސާ ހޯދުމަށް އެދޭ މަދަނީ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުން ޞައްޙަކަމަށް ބަލާނެ ޤާނޫނީ އަސާސެއް ނެތްކަމާއި، އަދި އެ މަދަނީ މައްސަލައަކީ ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 66/Cr-C/2013 ޤަޟިއްޔާއިން ބެލުނު ކުށުގެ މައްސަލައާ ގުޅިގެން ބަދަލު ހޯދުމަށް އެދި ހުށަހެޅޭ މައްސަލައަކަށް ނުވާތީ، އެ މަދަނީ މައްސަލަ ބެލުމަކީ ކްރިމިނަލް ކޯޓަށް ލިބިގެންވާ އިޚްތިޞާޞެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަ ކަމަކީ، ޗެކަކީ މަދަނީ އަދި ތިޖާރީ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ ދަރަނި އަދާކުރުމުގެ ވަސީލަތްތަކުގެ ތެރެއިން މުހިއްމު ވަސީލަތަކަށް ވުމުގެ އިތުރުން އެއީ ދަރަނި ޘާބިތު ކުރުމަށް ބޭނުންކުރެވޭ ހަރުދަނާ ދަލީލެއްކަން ވެސް އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެންވާ ގޮތުގެމަތިން އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށް ޘާބިތުވުމަކީ އޭގެޒާތުގައި އެޗެކުތަކުން ޘާބިތުވާ ދަރަނި އަދާކުރަންޖެހޭ ފަރާތުން، އޭގެ އިދިކޮޅު ޘާބިތުކޮށް ނުދެވޭހައި ހިނދަކު، އެ ދަރަނި އަދާކޮށްފައި ނުވާކަމުގެ ހަރުދަނާ ދަލީލެއްކަމުގައި ވާހިނދު، އެފަރާތުން އެ ދަރަނި އަދާކުރުމުން ބަރީއުއް ޒިންމާ ނުވެވޭނެކަމާ، އެހެންކަމުން އެ ޗެކުން ޘާބިތުވާ ދަރަނި ޙައްޤުވާ ފަރާތައް އެފަރާތުގެ ޙައްޤު ހޯދުމަށް ކަމާބެހޭ މަދަނީ މައްސަލަތައް ބެލުމުގެ ޢާންމު އިޚްތިޞާޞް ލިބިގެންވާ ކޯޓުގައި ދަޢުވާކޮށް ބައުންސްވެފައިވާ ޗެކުތަކަށް ލިބެންވާ ފައިސާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަމާއި، ޖިނާއީ ކުށަކާގުޅިގެން ނަގައިދެވޭ މަދަނީ ގެއްލުމުގެ ބަދަލާއި ޚިލާފަށް ބައުންސްވެފައިވާ ޗެކުތަކަށް ލިބެންވާ ފައިސާއަކީ ކޮންމެހެން ޗެކް ބައުންސްވުމުގެ ކުށާ ގުޅިގެން ނުވަތަ އެ ކުށް ޘާބިތުވުމުގެ ނަތީޖާއެއްގެ ގޮތުން ޙައްޤުވާ ފައިސާއެއް ނޫންކަމާ، އެހެންކަމުން ބައުންސްވެފައިވާ ޗެކަކަށް ފައިސާ ލިބެންޖެހޭ މުއްދަތުގައި ލިބިފައިނުވާކަން ޘާބިތުކުރުމުގެ އެންމެހައި ވަސީލަތްތަކުން ކަމާބެހޭ މަދަނީ މައްސަލަބެލުމުގެ ޢާންމު އިޚްތިޞާޞް ލިބިގެންވާ ކޯޓުގައި ޘާބިތުކުރުމުގެ ޙައްޤު އެ ޗެކުން ފައިސާ ޙައްޤުވާ ފަރާތަށް ލިބިގެންވާކަމާ، އަދި އެ ޙައްޤު ލިބިގެންވަނީ ކޮންމެހެން ޗެކް ބައުންސްވުމުގެ ޖިނާއީ ކުށް ޘާބިތުވުމުގެ މައްޗަކަށް ނޫންކަމާއި، ޗެކް ބައުންސްވުމުގެ ޖިނާއީ ކުށުގެ ދަޢުވާ އުފުލިފައި ނުވުމަކީ، އަދި އެހެންމެ އެ ކުށުގެ ދަޢުވާ ޘާބިތު ނުވުމަކީވެސް، އެ ޗެކުން ޙައްޤުވާ ފައިސާ ހޯދުމުގެ މަދަނީ ދަޢުވާކުރުމަށް ހުރަސްއަޅާ ކަމެއް ނޫންކަން އެނގެން އޮނަން ކަމެވެ.

(ކ) ހަތްވަނަ ކަމަކީ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންވެގެންވާ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 66/Cr-C/2013 ޤަޟިއްޔާއިން ކޮށްފައިވާ، މ. ވިލާދަށުގޭ، މުޙައްމަދު މަނިކާއި މއ. އަތަމާވިލާ، ޝަމްޢޫން މުޙައްމަދުގެ މައްޗަށް އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާއާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ، ބުނެވިދިޔަ ޗެކުތަކަށް ފައިސާ ލިބެންވީ ފަރާތްކަމުގައިވާ އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޗެކުތަކަށް ލިބެންވާ ފައިސާ ހޯދުމަށް އެދޭ މަދަނީ މައްސަލައަކީ ޙަޤީޤަތުގައި މަދަނީ ބަދަލު ހޯދުމުގެ މައްސަލައެއް ކަމުގައި ނުވާއިރު، އެ މަދަނީ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 66/Cr-C/2013 ޤަޟިއްޔާއާއެކު ހުށަހަޅާފައިވާ ވުން ޤާނޫނީގޮތުން ޞައްޙަކަމަށް ބަލާނެ ތަނެއް ނެތްކަމާ، އަދި ހަމަ އެއާއެކު، ކްރިމިނަލް ކޯޓުން އެ ކޯޓުގެ ބުނެވިދިޔަ ނަންބަރު 66/Cr-C/2013 ޤަޟިއްޔާގައި އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ވަކީލު ޚަޞްމެއްގެ ގޮތުގައި ކޯޓަށް ޙާޒިރު ކުރުވައި އެ މަދަނީ މައްސަލަ އެ ކޯޓުގައި ބަލާފައިވަނީ އިޖްރާއީ ގޮތުން ޞައްޙަ ގޮތަކަށް ނޫންކަން އެނގެން އޮންނައިރު، އޯނަސް ޕްރައިވެޓް ލިމިޓެޑަކީ ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 66/Cr-C/2013 ޤަޟިއްޔާގައި ހިމެނޭ ޚަޞްމެއްކަމުގައި ބަލާނެ ޤާނޫނީ އަސާސެއް ނެތްކަން އެނގެން އޮންނަކަމެވެ.

ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 66/Cr-C/2013 ޤަޟިއްޔާގައި އޯނަސް ޕްރައިވެޓް ލިމިޓެޑް ޚަޞްމެއްގެ ގޮތުގައި ބަލައިގެންފައިވަނީ އިސްވެ ބަޔާންވެދިޔަ ފަދައިން، އިޖްރާއީ ގޮތުން ޞައްޙަ އަސާސެއްގެ މައްޗަށް ކަމުގައި ނުވާއިރު، އަދި އެ ޤަޟިއްޔާގައި ޖިނާއީ ދަޢުވާއާއެކު ހުށަހެޅުނު މަދަނީ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ އިޚްތިޞާޞުން ބޭރުގައި ކަމަށްވާއިރު، އެ ޤަޟިއްޔާ އިސްތިއުނާފުކުރެވުނު ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 170/HC-A/2013 ޤަޟިއްޔާގައި އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތަދައްޚުލްވެފައިވާ ވުންވެސް އިޖްރާއީގޮތުން ޞައްޙަވާނެ ޤާނޫނީ އަސާސެއް ނެތްކަމާ، އަދި ހަމައެހެންމެ ހައިކޯޓުން ކްރިމިނަލް ކޯޓުގެ އިސްވެދިޔަ ޤަޟިއްޔާގައި ކުށުގެ ދަޢުވާއާއެކު ހުށަހެޅުނު މަދަނީ މައްސަލަ އިސްތިއުނާފީ ނަޒަރަކުން ބަލާފައިވާ ވުން ޞައްޙަވާނެ އިޖްރާއީ އަދި ޤާނޫނީ އަސާސެއް ނެތްކަން އެނގެން އޮންނަކަމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 66/Cr-C/2013 ޤަޟިއްޔާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ޖިނާއީ ދަޢުވާއާއެކު އެ ޖިނާއީ ދަޢުވާގައި ހިމެނޭ ޗެކުތަކުގައި ބުނާ ފައިސާ ހޯދުމަށް އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދޭ މަދަނީ މައްސަލަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި އޮތް އޮތުމާއި، އަދި އެ ހުށަހެޅުމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ނަންބަރު 66/Cr-C/2013 ޤަޟިއްޔާގަ އާއި، އަދި އެ ޤަޟިއްޔާ އިސްތިއުނާފު ކުރެވުނު ހައިކޯޓުގެ ނަންބަރު 170/HC-A/2013 ޤަޟިއްޔާގައި އޯނަސް ޕްރައިވެޓް ލިމިޓެޑް ޚަޞްމެއްގެ ގޮތުގައި ޙާޒިރުކުރުވައި އެ މަދަނީ މައްސަލަ އެ ދެ ޤަޟިއްޔާގައި ބެލި ބެލުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް އިޖްރާއާތެއް ނޫންކަމަށް ކަނޑައެޅުމާއެކު، އެ ސަބަބުތަކަށްޓަކައި، އޯނަސް ޕްރައިވެޓް ލިމިޓެޑަކީ ކްރިމިނަލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 66/Cr-C/2013 ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 170/HC-A/2013 ޤަޟިއްޔާގެ ޚަޞްމެއްކަމުގައި ބަލާނެ ޝަރްޢީ އަދި ޤާނޫނީ އަސާސެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 170/HC-A/2013 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ "ޞިފަތު" އޯނަސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެން ނުވާކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މި މައްސަލަ މައުޟޫޢީގޮތުން ސުޕްރީމް ކޯޓުގައި ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ