ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/43ސުޕްރީމް ކޯޓު · 15 ޖުލައި 2020

—

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 ޖުލައި 2020ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2014/SC-A/43

އިސްތިއުނާފު ކުރާ ފަރާތް:

ގުލޭފާ މުޙައްމަދު

އިސްތިއުނާފު ރައްދުވާ ފަރާތް:

އާދަމް ޙަލީމް

މައްސަލައިގެ ބާވަތް:

ފައިސާ ހޯދުން

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

25 އޮގަސްޓް 2014ރަޖިސްޓްރީ ކުރެވުނު ތާރީޚު:

23 ސެޕްޓެމްބަރ 2014ނިމުނު ތާރީޚު:

15 ޖުލައި 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2013/HC-A/274

ހުށަހެޅުނު ތާރީޚު:

05 ސެޕްޓެމްބަރ 2014ނިންމެވި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

22 އޭޕްރިލް 2014

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއް ސުޢޫދު ތާއީދުކުރައްވާފައި)

ތަޢާރުފު

މުޙައްމަދު އާއި ޙަލީމް އާ ދެމެދު މއ. ކުރެދިވަރުގެއާގެ 5 ވަނަ ފަންގިފިލާ ކުއްޔަށްދިނުމާ ގުޅޭގޮތުން އެއްބަސްވުމެއް ވެފައިވެއެވެ. މި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކުލި ދައްކަމުން ނުދާތީ ތަން ހުސްކުރުމަށް ގުލޭފާ މުޙައްމަދުގެ ފަރާތުން އާދަމް ޙަލީމްއަށް އެންގިއެވެ. ނަމަވެސް، ތަން ހުސްކުރުމަށްފަހު ތަޅުދަނޑި ޙަވާލުކޮށްފައިނުވާތީ ތަނުގެ ތަޅުދަނޑި ހޯދުމަށާއި، އަދި ތަނުގެ ތަޅުދަނޑި ޙަވާލުކުރާ ދުވަހަކާ ހަމައަށް މަހަކު 15,000/-ރ. (ފަނަރަހާސް ރުފިޔާ) ގެ މަގުން ކުލި ހޯދުމަށާއި، މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް އާދަމް ޙަލީމްގެ ފަރާތުން 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ކުލީގެ ތެރެއިން ނުދައްކައިވާ 5,000/-ރ. (ފަސްހާސް ރުފިޔާ) އާއި، 2011 ވަނަ އަހަރުގެ އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ކުއްޔަށްވާ 30,000/-ރ. (ތިރީސްހާސް ރުފިޔާ) ހޯދުމަށާއި، ތަނަށް ލިބިފައިވާ ގެއްލުން ޝަރީޢަތުން ބަލައިދީ، ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުން މަރާމާތުކުރުމަށް ފައިސާ ހޯދުމަށް އެދި ގުލޭފާ މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2113/Cv-C/2011 ޤަޟިއްޔާއިން ދަޢުވާކުރިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހަށްވާ ކުލި ނަގައިދޭނެ ތަނެއްނެތްކަމަށެވެ. ނަމަވެސް ތަން ހުސް ކުރުމުގެ ކުރިން އެތަނުން ނުލިބިވާ ކުއްޔާއި، ތަނަށް ލިބިފައިވާ ގެއްލުން މަރާމާތުކުރުމުގެ އަގެއްގެ ގޮތުގައި އަގުކޮމެޓީން ކަނޑައަޅާފައިވާ އަދަދަކީ ގުލޭފާ މުޙައްމަދަށް ލިބެންޖެހޭ ފައިސާ ކަމަށެވެ. ސިވިލް ކޯޓުގެ މި ނިންމުން ބިނާވެފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.

(ހ) މއ. ކުރެދިވަރުގެއާގޭގެ 5 ވަނަ ފަންގިފިލާގެ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ކުލީގެ ތެރެއިން 5,000/-ރ. (ފަސްހާސް ރުފިޔާ) ދެއްކިފައިނުވާކަމަށް އާދަމް ޙަލީމް އިޢުތިރާފުވެފައިވާކަން؛

(ށ) ތަން ހުސްކުރިކަމަށް ބުނާ ތާރީޚާއި އަދި ތަޅުދަނޑި ޙަވާލުކުރިކަމަށް އާދަމް ޙަލީމް ބުނާ ބުނުމުގައި ފުށުއެރުންތަކެއްވާކަމާއި، ތަން ހުސްކޮށްފައިވަނީ 2011 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ގުލޭފާ މުޙައްމަދު ބުނާކަން؛

(ނ) 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި ތަނުން ނިކުމެ ތަން ހުސްކޮށްފައިވާކަމަށް އާދަމް ޙަލީމް ގުޅައި ބުނެފައިވާކަމަށް ގުލޭފާ މުޙައްމަދު ބުނާކަމާއި، އަދި ތަޅުދަނޑި ލިބިފައިނުވިނަމަވެސް އޭގެ ފަހަށް އެތަނަށް ވަނުމަށް ގުލޭފާ މުޙައްމަދަށް ޤާނޫނީ ގޮތުން ހުރަހެއް ނެތުމުން، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހަށް ކުލި ނަގައިދެވޭނެ ތަނެއް ނެތްކަން؛

(ރ) 2011 އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ކުލި ލިބިފައިނުވާކަމަށް ގުލޭފާ މުޙައްމަދު ބުނާއިރު އެ ދެ މަހުގެ ކުލި ދައްކާފައިވާކަން އާދަމް ޙަލީމްއަށް ސާބިތުކޮށްދެވިފައިނުވާކަން؛

(ބ) ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އަގު ކޮމެޓީން ކަނޑައަޅާފައިވާ އަގަކީ 34,652/-ރ. (ތިރީސް ހަތަރުހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ) ކަމާއި، މި އަގުގެ ތެރޭގައި ތަޅުދަނޑި ބަދަލުކުރުމުގެ ޚަރަދު ހިމަނާފައި އޮތުމުން، ގުލޭފާ މުޙައްމަދު ތަޅުދަނޑި ހޯދުމަށް އެދިފައި އޮތްއޮތުމަށް އިތުރަށް ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަން.

3. މަތީގައި ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ބުރަވެ، ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި އާދަމް ޙަލީމް ތަން ހުސްކޮށްފައިވާކަން ގުލޭފާ މުޙައްމަދުގެ ބަހުން އެނގެން އޮންނާތީ، ތަޅުދަނޑި ލިބިފައިނުވިނަމަވެސް، އެތަނަށް ވަނުމަށް ގުލޭފާ މުޙައްމަދަށް ޤާނޫނީގޮތުން ހުރަހެއް އޮތްކަމަށް ނުފެންނަކަމަށެވެ. އެހެންކަމުން، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހަށް ކުލި ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް، 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ކުލީގެ ތެރެއިން ނުލިބިވާ 5,000/-ރ. (ފަސްހާސް ރުފިޔާ) އާއި 2011 ވަނަ އަހަރުގެ އޯގަސްޓު އަދި ސެޕްޓެމްބަރު މަހުގެ ކުއްޔަށްވާ 30,000/-ރ. (ތިރީސްހާސް ރުފިޔާ) އާއި އަދި ތަނަށް ލިބިފައިވާ ގެއްލުން މަރާމާތުކުރުމުގެ އަގެއްގެ ގޮތުގައި އަގުކޮމެޓީން ކަނޑައަޅާފައިވާ 34,652/-ރ. (ތިރީސްހަތަރުހާސް ހަސަތޭކަ ފަންސާސް ދެ ރުފިޔާ) އާއެކު ޖުމްލަ 69,652/-ރ. (ފަސްދޮޅަސް ނުވަ ހާސް ހަސަތޭކަ ފަންސާސް ދެ ރުފިޔާ) އަކީ ގުލޭފާ މުޙައްމަދަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

4. ގުލޭފާ މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2113/Cv-C/2011 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2013/HC-A/274 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2113/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށެވެ. އެ ގޮތުން، އާދަމް ޙަލީމް ކުއްޔަށް ހިފި ޢިމާރާތް ހުސްކޮށް އެކަން ގުލޭފާ މުޙައްމަދަށް އަންގާފައިވިޔަސް، އެތަނުން ގުލޭފާ މުޙައްމަދު މަންފާއެއް ޙާސިލުކޮށްފައި ނުވަނީ ތަޅު ހަލާކުކޮށްލައިގެން ޢިމާރާތަށް ވަދެ، އެތަން ބޭނުންކުރަން ފެށުމުން އެތަނަށް ލިބިފައިވާ ގެއްލުން ޝަރުޢީ އަގު ކޮމެޓީން ބަލާއިރު ނޭނގިދާނެތީކަމަށް ގުލޭފާ މުޙައްމަދު ހައިކޯޓުގައި ބުނެފައިވެއެވެ. ހައިކޯޓުން މި ސަބަބުގެ މައްޗަށް ރިޢާޔަތްކޮށް ކަނޑައަޅާފައިވަނީ، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ޢިމާރާތަށް ލިބޭ ގެއްލުމަށް އޮންނަނީ ޑިޕޮސިޓުން ކެނޑުމުގެ އުޞޫލުކަމުން، ޢިމާރާތަށް ލިބިފައިވާ ގެއްލުން ނޭގިދާނެތީ ޢިމާރާތުން މަންފާ ހާސިލުނުކޮށް ހުރި ހުރުމަކީ ޢިމާރާތަށް ވަނުމަށް ޤާނޫނީ ގޮތުން އޮތް ހުރަހެއް ނޫންކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

ހައިކޯޓުގެ ނަންބަރު 2013/HC-A/274 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ގުލޭފާ މުޙައްމަދުގެ ފަރާތުން އިސްތިއުނާފުކުރަމުން މައިގަނޑު 2 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެއީ؛

5.1 މއ. ކުރެދިވަރުގެއާގެ 5 ވަނަ ފަންގިފިލާއިން އާދަމް ޙަލީމް ނިކުމެގެން ދިޔައިރު އެތަނުގެ ތަޅުދަނޑި ޙަވާލުނުކުރާކަން ޝަރީޢަތަށް ސާބިތުވާއިރު، އެތަން ބޭނުންކުރަން ނުލިބި ދިޔަ ދުވަސްތަކަށް ކުލި ނަގާދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

5.2 ތަނުގެ ތަޅުދަނޑި ލިބިފައި ނުވިނަމަވެސް އެތަނަށް ވަނުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް ނިންމާފައިވާއިރު، އެތަނަށް ވަތްނަމަ އެތަނަށް ލިބިފައިވާ ގެއްލުމަކީ އާދަމް ޙަލީމްގެ އިހުމާލުން ލިބިފައިވާ ގެއްލުންކަމަށް ޝަރީޢަތަށް ސާބިތުކުރުން އުނދަގޫވާނެތީ، އަދި އެތަނަށް ލިބިފައިވާ ގެއްލުމަކީ އާދަމް ޙަލީމްގެ އިހުމާލުން ލިބިފައިވާ ގެއްލުންތަކެއްކަމުގައިވާތީ، ގެއްލުމުގެ ގޮތުގައި ތަޅުގެ އަގުވެސް ނަގައިދީފައިވުމުން، ތަޅުދަނޑި ގުލޭފާ މުޙައްމަދުއާ ޙަވާލުކުރާ ދުވަހާ ހަމައަށް ކުލި ދައްކަންޖެހޭނެކަން އެނގޭކަމަށް ބުނެ ހުށަހެޅި ނުކުތާ.

ތަޅުދަނޑި ޙަވާލުނުކުރުމުގެ ސަބަބުން ލިބުނު ގެއްލުން

މއ. ކުރެދިވަރުގެއާގެ 5 ވަނަ ފަންގިފިލާއިން އާދަމް ޙަލީމް ނިކުމެގެން ދިޔައިރު އެތަނުގެ ތަޅުދަނޑި ގުލޭފާ މުޙައްމަދު އާ ޙަވާލުނުކުރާކަން ޝަރީޢަތަށް ސާބިތުވެފައިވާއިރު، އެތަން ބޭނުން ކުރަން ނުލިބި ދިޔަ ދުވަސްތަކަށް ކުލި ނަގައިދީފައިނުވާކަމަށް ގުލޭފާ މުޙައްމަދުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރަމުން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ގުލޭފާ މުޙައްމަދު އިސްތިއުނާފު ކުރަމުން އިތުރަށް ބުނެފައިވަނީ ގުލޭފާ މުޙައްމަދު ޤަބޫލުކުރާ ގޮތުގައި ތަނުގެ ތަޅުދަނޑި އޭނާއާ ޙަވާލުނުކުރާހާ ހިނދަކު ތަނުގެ ކުލި އާދަމް ޙަލީމް އޭނާއަށް ދޭންޖެހޭނެ ކަމަށެވެ. އަދި މއ. ކުރެދިވަރުގެއާގެ 5 ވަނަ ފަންގިފިލާ އެޕާޓްމަންޓަށް ވަދެވުނީ ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު، ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ޝަރުޢީ އަގުކޮމެޓީ ފޮނުވައި ދިނުމަށް ތަކުރާރުކޮށް ގުލޭފާ މުޙައްމަދު އެދުމުންކަމަށެވެ. ޝަރުޢީ އަގުކޮމެޓީން ގުލޭފާ މުޙައްމަދުގެ ހުއްދައާއެކު އެޕާރޓްމަންޓުގެ ތަޅު ހަލާކުކޮށްލީ 15 އޮކްޓޯބަރު 2012 ގައެވެ. އެހެންކަމުން 1 އޮކްޓޯބަރު 2011 އިން ފެށިގެން 15 އޮކްޓޯބަރު 2012 ގެ ނިޔަލަށް ކޮންމެ މީލާދީ މަހަކަށް 15,000/-ރ. (ފަނަރަހާސް ރުފިޔާ) ގެ ރޭޓުން 12 މަހާއި ފަނަރަ ދުވަހަށް ޖެހޭ ޖުމްލަ 187,500/-ރ. (އެއް ލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ ރުފިޔާ) އަކީ އާދަމް ޙަލީމް ގުލޭފާ މުޙައްމަދަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ގުލޭފާ މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

ގުލޭފާ މުޙައްމަދުއާއި އާދަމް ޙަލީމްއާ ދެމެދު މއ. ކުރެދިވަރުގެއާގެ 5 ވަނަ ފަންގިފިލާ އެޕާޓްމަންޓް ކުއްޔަށްދިނުމާބެހޭ ގޮތުން ވެފައިވާ އެއްބަސްވުމަށް ބަލާއިރު، ކުއްޔަށްދިން ތަން ޙަވާލުކުރާނެގޮތަކާ ގުޅޭގޮތުން ވަކި އެއްޗެއް އެ އެއްބަސްވުމުގައި ބަޔާންކުރެވިފައިނުވެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ ފޯމުގެ 7.4 ގައި، އާދަމް ޙަލީމް ތަން ހުސްކޮށްފައިވަނީ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކުލި ނުދައްކާތީ ތަން ހުސްކޮށް ޙަވާލުކުރުމަށް އެންގުމުން ކަމަށް ގުލޭފާ މުޙައްމަދު ބުނެފައިވެއެވެ. އަދި އެގޮތަށް އެންގުމުން، ތަން ހުސްކުރި ނަމަވެސް، މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ތާރީޚާ (12 އޮކްޓޯބަރު 2011) ހަމައަށްވެސް ތަނުގެ ތަޅުދަނޑި އާދަމް ޙަލީމް ގުލޭފާ މުޙައްމަދަށް ޙަވާލުކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ.

06 ފެބްރުއަރީ 2013 ގައި ގުލޭފާ މުޙައްމަދު ސިވިލް ކޯޓަށް ދީފައިވާ ބަޔާނުގައި، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި އާދަމް ޙަލީމް ގުލޭފާ މުޙައްމަދަށް ގުޅާފައި ތަނުން ނިކުމެފައިވާކަމަށް ބުނިކަމަށް ބަޔާންދީފައިވެއެވެ. އަދި އޭގެ ފަހުން އެތަނުގައި އާދަމް ޙަލީމް ނޫޅޭކަމަށާއި، އެ ތަނުން ތަކެތި ނެރެ އެތަން ހުސްކޮށްފައިވާކަމަށް ގުލޭފާ މުޙައްމަދު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި އެތަނުގެ ތަޅުދަނޑި އާދަމް ޙަލީމް ގުލޭފާ މުޙައްމަދުއާ ޙަވާލުކޮށްފައިނުވާކަމަށާއި އަދި އެއްވެސް އެހެން މީހެއް މެދުވެރިކޮށްވެސް އެތަނުގެ ތަޅުދަނޑި ލިބިފައިނުވާކަމަށް ގުލޭފާ މުޙައްމަދު ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އާދަމް ޙަލީމް ސިވިލް ކޯޓަށް ދީފައިވާ ބަޔާންތަކުގައި ގުލޭފާ މުޙައްމަދަށް ތަޅުދަނޑި ޙަވާލުކުރަން ދިއުމުން ތަޅުދަނޑިއާ ޙަވާލުނުވިކަމަށް ބުނެފައިވެއެވެ. އަދި ތަޅުދަނޑި އެގޭގައި އުޅޭ މީހަކާ ޙަވާލުކޮށްފައިވާނެކަމަށް ބުނެފައިވީނަމަވެސް، އެކަން ދަންނާނެ މީހުންކަމަށް ބުނެ ސިވިލް ކޯޓުގައި ދެފަހަރު ދެގޮތަކަށް ވާހަކަ ދައްކާފައިވާކަން އެނގެއެވެ. އަދި ތަޅުދަނޑި ޙަވާލުކުރިކަން ސާބިތުކުރުމަށް އާދަމް ޙަލީމް ސިވިލް ކޯޓުގައި އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2113/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި އާދަމް ޙަލީމް މއ. ކުރެދިވަރުގެއާގެ 5 ވަނަ ފަންގިފިލާ އެޕާޓްމަންޓް ހުސްކޮށްފައިވާ ތާރީޚުކަމަށް ކަނޑައަޅާފައިވަނީ 2011 ގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އަދި މިގޮތަށް ކަނޑައަޅާފައިވަނީ ގުލޭފާ މުޙައްމަދުގެ ބަހުން މިކަން އެނގެން އޮންނާތީކަމަށް އެ ޙުކުމުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި އާދަމް ޙަލީމް ތަން ހުސްކުރި ތާރީޚުގެ ފަހަށް އެތަނުން ކުލި ނަގައިނުދެވޭނެކަމަށް ކަނޑައަޅާފައިވެއެވެ. އަދި މިކަން ބިނާވާ ސަބަބަކީ ގުލޭފާ މުޙައްމަދު އެ ތަނަށް ވަނުމުގެ ޤާނޫނީ ހުރަހެއް ނެތްކަމެވެ. ހައިކޯޓުންވެސް ސިވިލް ކޯޓުގެ މި ނިންމުމަށް ތާއީދުކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ ޢަމަލުކުރި މީހަކު ބަދަލުދޭން ޖެހޭނެ ކަމަށް ބަޔާންކުރެވިފައިވެއެވެ. އެގޮތުން، 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަދަލު ދޭންޖެހޭނެ ގެއްލުމަކީ، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި، އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުންކަމަށް އެމާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވެއެވެ.

ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާގައި އެކަށީގެންވާ ވަރަށް ރައްކާތެރި ނުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ރައްކާތެރިނުވި ފަރާތަށް ބަދަލު ދިނުމެއް ނޯންނާނެކަމަށް ބަޔާންކުރެވިފައިވެއެވެ. އެހެންކަމުން، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ނަގައިދެވޭނެ ބަދަލު ކަނޑައެޅުމުގައި، ގެއްލުން ކުޑަކުރުމުގެ ގޮތުން ބަދަލު ހޯދުމަށް އެދޭ ފަރާތުން އަޅާފައިވާ ފިޔަވަޅުތަކަށް ރިޢާޔަތް ކުރުމަށް ޤާނޫނު މަގުފަހިކޮށްދެއެވެ.

އެކަށީގެންވާ ވަރަށް ރައްކާތެރިވެފައިވޭތޯ ކަނޑައެޅުމަށްޓަކައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރެވިދާނެއެވެ.

(ހ) ގެއްލުމުގެ ބަދަލު ހޯދަން އެދޭ ކަންކަމުގައި، ލިބުނު ގެއްލުން ކުޑަކުރުމުގެ އިހުތިމާލު އޮތްތޯ؛ އަދި

(ށ) އެފަދަ ގެއްލުމެއް ކުޑަކުރުމުގެ އިހުތިމާލު އޮތްނަމަވެސް، ބަދަލަށް އެދޭ ފަރާތުގެ ޢަމަލުތައް ހުރީ އެކަށީގެންވާ (reasonable) ގޮތަކަށްތޯ.

(ހ) ގެއްލުން ކުޑަ ކުރުމުގެ އިހުތިމާލު

ހުށަހެޅިފައިމިވާ މައްސަލައިގައި، އާދަމް ޙަލީމް މއ. ކުރެދިވަރުގެއާގެ 5 ވަނަ ފަންގިފިލާ އެޕާޓްމަންޓް ހުސްކޮށްފައިވާ ތާރީޚުކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ 2011 ގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އަދި މިގޮތަށް ކަނޑައަޅާފައިވަނީ ގުލޭފާ މުޙައްމަދުގެ ބަހުން މިކަން އެނގެން އޮންނާތީކަމަށް ސިވިލް ކޯޓުގެ ނަންބަރު 2113/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. ގުލޭފާ މުޙައްމަދުގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިކަމާމެދު ޚިލާފުވުމެއް އުފައްދާފައިނުވެއެވެ.

ގެއްލުމުގެ ބަދަލު ހޯދަން އެދޭ ކަންކަމުގައި، ލިބުނު ގެއްލުން ކުޑަކުރުމުގެ އިހުތިމާލު އޮތްތޯ ބަލާއިރު، ގެއްލުމުގެ ބަދަލު ހޯދުމަށް ސުޕްރީމް ކޯޓުގައި ގުލޭފާ މުޙައްމަދު އެދިފައިވާ މުއްދަތަކީ 1 އޮކްޓޯބަރު 2011 އިން ފެށިގެން 15 އޮކްޓޯބަރު 2012 ގެ ނިޔަލަށެވެ. 15 އޮކްޓޯބަރު 2012 އަކީ ޝަރުޢީ އަގުކޮމެޓީން އެ އެޕާރޓްމަންޓުގެ ތަޅު ހަލާކުކޮށްލި ތާރީޚެވެ. މި މުއްދަތުގައި ތަނުގައި މީހަކު ނޫޅޭކަން ގުލޭފާ މުޙައްމަދަށްވެސް އެނގެއެވެ.

ޝަރުޢީ އަގުކޮމެޓީން އެތަނުގެ ތަޅު ހަލާކުކޮށްފައި ތަނަށްވަނީ ގުލޭފާ މުޙައްމަދުގެ ހުއްދައާއެކު ކަމަށް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރި އެންމެ ފުރަތަމަ ނުކުތާގައިވެސް ގުލޭފާ މުޙައްމަދު ފާހަގަކޮށްފައިވެއެވެ. އަދި އެ ތަން ހުރީ ސެޕްޓެމްބަރު ފަހު ކޮޅުން ފެށިގެން ހުސްކޮށްކަމަށް ކޯޓުތަކުގެ އެކި މަރުޙަލާތަކުގައި އެއްވެސް ޚިލާފުވުމެއްނެތި ގުލޭފާ މުޙައްމަދު ފާހަގަކޮށްފައިވާއިރު، އެއް އަހަރާއި ކުޑަ ދުވަސްކޮޅެއް ވާންދެން ތަން ކުއްޔަށް ނުދީ ހުރީ ގުލޭފާ މުޙައްމަދުގެ ބެލުމުގެ ދަށުގައިކަން އެނގެއެވެ. އެހެންކަމުން، ލިބުނު ގެއްލުން ކުޑަ ކުރުމުގެ ގޮތުން، ތަނުގެ ތަޅު ބަދަލުކޮށްގެން އެތަން އަލުން އެހެން ބަޔަކަށް ކުއްޔަށް ދިނުމުގެ ފުރުޞަތު ގުލޭފާ މުޙައްމަދަށް އޮތްކަން ފާހަގަކުރެވެއެވެ.

(ށ) ތަނަށް ނުވަދެ ހުރި ހުރުން ބިނާވަނީ އެކަށީގެންވާ ސަބަބަކަށްތޯ

ތަނަށް ގުލޭފާ މުޙައްމަދު ނުވަދެ، ޝަރުޢީ އަގުކޮމެޓީން އެތަނަށް ވަންނަންދެން އެއް އަހަރު ދުވަސް މަޑުކުރީ، ތަޅުދަނޑި ނެތީސް ތަނުގެ ތަޅު ހަލާކުކޮށްލައިގެން އެތަނަށް ގުލޭފާ މުޙައްމަދު ވަތްނަމަ، ތަނަށް ލިބިފައިވާ ގެއްލުމަކީ އާދަމް ޙަލީމް އެތަން ބޭނުންކުރި ދުވަސްވަރު އޭނާގެ އިހުމާލުން ލިބިފައިވާ ގެއްލުންތަކެއްކަން ނުވަތަ ނޫންކަން ޝަރީޢަތަށް ސާބިތުކޮށްދިނުން އުނދަގޫ ކަމަކަށް ވާނެތީކަމަށް ގުލޭފާ މުޙައްމަދުގެ ދެވަނަ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވެއެވެ.

ކޮންޓްރެކްޓުގެ ބައިވެރިއެއް ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ކޯޓުތަކުން ގެއްލުމުގެ ބަދަލު ނަގައި ދިނުމުގައި ރިޢާޔަތް ކުރަނީ ހަމައެކަނި ޝަރުޢީ އަގުކޮމެޓީން ކަނޑައަޅާ ގޮތެއްގެ މައްޗަށް ނޫނެވެ. ކޮންޓްރެކްޓުގެ އެއް ބައިވެރިޔަކު ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުން ސާބިތުކޮށްދިނުމަކީ ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާ ކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭ ކަމެއް ކަމުގައިވާއިރު، ޢިމާރާތަކަށް ލިބިފައިވާ ގެއްލުން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް މިނޫންވެސް އެހެނިހެން ހަރުދަނާ ހެކި ކޯޓުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ.

އާދަމް ޙަލީމް ތަން ހުސް ކުރީ ސެޕްޓެމްބަރު 2011 ގެ ފަހުކޮޅުގައިކަން ގުލޭފާ މުޙައްމަދުގެ ބަހުން އެނގެން އޮންނައިރު، އެތަނަށް ނުވަދެ އޭގެ ފަހުން އެއް އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވާންދެން ގުލޭފާ މުޙައްމަދު މަޑުކޮށްގެން ހުރީ ޝަރުޢީ އަގު ކޮމެޓީން އެތަނަށް ވަދެ، އެތަނަށް ލިބިފައިވާ ގެއްލުމަށް ހިނގާނެ ޚަރަދު ކަނޑައެޅުމަށެވެ. ޝަރުޢީ އަގު ކޮމެޓީން ތަނަށް ލިބުނު ގެއްލުން މަރާމާތު ކުރުމުގެ އަގު ކަމަށް ކަނޑައަޅާފައިވަނީ 34,652/-ރ. (ތިރީސް ހަތަރުހާސް ހަސަތޭކަ ފަންސާސް ދެ ރުފިޔާ) އެވެ. ގުލޭފާ މުޙައްމަދު ހޯދުމަށް ދަޢުވާ ކުރާ 1 އޮކްޓޯބަރު 2011 އިން ފެށިގެން 15 އޮކްޓޯބަރު 2012 ގެ ކުއްޔަށްވާ ފައިސާގެ އަދަދަކީ 187,500/-ރ. (އެއް ލައްކަ އަށްޑިހަ ހަތްހާސް، ފަސްސަތޭކަ ރުފިޔާ) އެވެ.

އެޕާރޓްމަންޓަށް ލިބިފައިވާ ގެއްލުން ކަނޑައެޅުމަށްޓަކައި ގުލޭފާ މުޙައްމަދު އެތަން ކުއްޔަށް ނުދީ ހުރި ހުރުމަކީ އެކަށީގެންވާ ނުވަތަ ރީޒަނަބަލް ޢަމަލެއްތޯ ބަލާއިރު، އާމްދަނީ ހޯދުމުގެ ގޮތުން ޢިމާރާތް ކުއްޔަށްދޭ ފަރާތެއް އޭނާގެ ބެލުމުގައި ދަށުގައިހުރި ތަނެއް ނުހުޅުވައި، ތަނަށް ގެއްލުމެއް ލިބުނުކަންވެސް ނުވަތަ ނޫންކަންވެސް ނޭނގިހުރެ އެހައި ގިނަ ދުވަސް ވާންދެން ހުރުމަކީ، ގުލޭފާ މުޙައްމަދުގެ ޙާލަތުގައި ހުންނަ އާދައިގެ މީހަކު ޢަމަލު ކުރާނެ ގޮތެއް ނޫނެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ތަނަކަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމުގެ އަގު ޝަރީޢަތުން ކަނޑައަޅަނީ ހަމަ އެކަނި ޝަރުޢީ އަގު ކޮމެޓީގެ ބަހަށް ރިޢާޔަތް ކުރުމާއެކުގައެއް ނޫނެވެ. ޝަރުޢީ އަގު ކޮމެޓީ މެދުވެރި ނުކުރި ނަމަވެސް، ލިބޭ ގެއްލުމެއް ހެކިންގެ ހެކިބަހުންނާއި ޤަރީނާއިން ޝަރީޢަތަށް ސާބިތުކޮށްދެވިދާނެއެވެ.

އާދަމް ޙަލީމް ދެފަރާތު ދެމެދު ވެފައި އޮތް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގުލޭފާ މުޙައްމަދަށް ގެއްލުން ލިބިފައިވާއިރު، އެ ލިބުނު ގެއްލުން ކުޑަ ކުރުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކެއް ހުރިއިރު، ގުލޭފާ މުޙައްމަދު އެއްވެސް ފިޔަވަޅެއް ނާޅައި ހުރި ހުރުމަކީ އެކަށީގެންވާ (ރީޒަނަބަލް) ސަބަބެއްގެ މައްޗަށް ބިނާކޮށް ކުރި ކަމެއް ކަމުގައި އަހުރެންނަށް ޤަބޫލު ނުކުރެވެއެވެ.

އެހެންކަމުން، އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2013/HC-A/274 ޤަޟިއްޔާގައި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި އާދަމް ޙަލީމް ކުއްޔަށް ހިފި ޢިމާރާތުން ނިކުމެ، ތަން ހުސްކޮށް އެކަން ގުލޭފާ މުޙައްމަދަށް އާދަމް ހަލީމް އެންގި ފަހުން، ގުލޭފާ މުޙައްމަދު އެ އެޕާރޓްމަންޓަށް ވަނުމަށް ޤާނޫނީ ހުރަހެއް އޮތްކަން އެނގެން ނެތުމުން، އެ ތާރީޚުގެ ފަހަށް ކުލި ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2113/Cv-C/2011 ޤަޟިއްޔާގައި ކަނޑައަޅާފައި އޮތް އޮތުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމާފައިވަނީ، ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބުނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2113/Cv-C/2011 ޤަޟިއްޔާގައި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި އާދަމް ޙަލީމް ކުއްޔަށް ހިފި މއ. ކުރެދިވަރުގެއާގެ 5 ވަނަ ފަންގިފިލާގައި ހުރި އެޕާރޓްމަންޓް ދޫކޮށްލާފައިވާކަމަށް، ގުލޭފާ މުޙައްމަދުގެ ބަހުން އެނގެން އޮންނާތީ، ގުލޭފާ މުޙައްމަދަށް ތަނުގެ ތަޅުދަނޑި އާދަމް ޙަލީމް ޙަވާލުކޮށްފައިނުވި ނަމަވެސް، ގުލޭފާ މުޙައްމަދު އެތަނަށް ވަނުމަށް ޤާނޫނީ ހުރަހެއް ނެތުމުން، ސެޕްޓެމްބަރު 2011 ގެ ފަހަށް އާދަމް ޙަލީމްގެ ކިބައިން ގުލޭފާ މުޙައްމަދަށް އެތަނަށް ދައްކަންޖެހޭ ކުލި ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅި ކަނޑައެޅުމަށް، ހައިކޯޓުގެ ނަންބަރު 2013/HC-A/274 ޤަޟިއްޔާއިން ބަދަލެއް ގެންނަންޖެހޭ ކަމެއް ނެތްކަމަށް ކޮށްފައިވާ ޙުކުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު ޙުސްނުއް ސުއޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ