އަޙްމަދު ނަސީމް ވ. ސިވިލް ސަރވިސް ކޮމިޝަން
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރުން ރަނގަޅުކަމަށް ނިންމައި، ހައިކޯޓުން އެ ނިންމުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- އޮޑިޓް ރިޕޯޓަކުން ފާހަގަކުރުމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރި ތަޙްޤީޤުގައި، މުދާ ލިބުމުގެ ކުރިން ލިބުނުކަމަށް ގުޑްސް ޑެލިވަރީ ނޯޓުތަކުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ސްޓޯރ ކީޕަރ އަޙްމަދު ނަސީމްކަމަށް ޕޮލިސް ފޮރެންސިކް ރިޕޯޓުގައި ބަޔާންކުރެވުނެވެ. އެހެންވެ ސިވިލް ސަރވިސް ކޮމިޝަނުން އޭނާ ވަޒީފާއިން ވަކިކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ ދަށުން ވަޒީފާގެ ކުށެއް ކޮށްފިކަމަށް ބުނެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްޓަކައި އެ ކުށް ސާބިތުވާންޖެހޭ މިންގަނޑަކީ ޖިނާއީ މިންގަނޑެއްތޯ، އަދި ހުށަހެޅިފައިވާ ތަޙްޤީޤާއި ހެކިން ވަކިކުރުމަށް ފުދޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ކުށަކީ ޖިނާއީ ކުށެއްކަމުން މަދަނީ މިންގަނޑުން ނުބެލުމަށާއި، ފުރިހަމަނުވާ ތަޙްޤީޤެއްގެ މައްޗަށް ނުވަތަ ފުދޭ ހެކިނެތި ވަކިކުރިކަމަށެވެ. ސިވިލް ސަރވިސް ކޮމިޝަނުން ބުނީ ވަޒީފާއިން ވަކިކުރުމަކީ އިދާރީ އިސްލާހީ ފިޔަވަޅެއްކަމާއި، ޖިނާއީ ގޮތުން ސާބިތުވުން ޝަރުޠެއް ނޫންކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ވަޒީފާގެ ކުށްތަކަކީ އިދާރީ ކުށްތަކެއްކަމުން ސާބިތުވާންޖެހޭނީ މަދަނީ މިންގަނޑުން ކަމާއި، ނުކުރާ ކަމަށްވުރެ ކުރި ކަމަށް ކޮމިޝަނަށް ބުރަވެވޭނަމަ ކުރީކަމުގައި ނިންމޭނެކަމެވެ. ފޮރެންސިކް ރިޕޯޓަކީ ވަކިކުރުމަށް ފުދޭ ހެއްކެވެ؛ ދަޢުވާ އުފުލިފައި ނުވުމާއި ކުށް ސާބިތުވެފައި ނުވުމަކީ ހުރަހެއް ނޫނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2013/HCA/352
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް؛ ވަޒީފާއިން ވަކިކުރުން ރަނގަޅު
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށެއް ސާބިތުވާންޖެހޭނީ ޝަރީޢަތަށް ކަމާއި، އެ މިންގަނޑުން ސާބިތުވާން ޖެހެނީ ޖިނާއީ ކުށްތަކެވެ. (ޕެރ. 20)
ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގައި ބަޔާންވެފައިވާ ކުށަކާ ގުޅިގެން މުވައްޒަފަކާމެދު ފިޔަވަޅު އަޅަންޖެހޭނީ އެއިން ކުށެއް ޝަރީޢަތަށް ސާބިތު ވުމުންކަމަށް ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގައި ބަޔާންވެފައި ނުވެއެވެ. (ޕެރ. 20)
ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގައި ބަޔާންވެފައިވާ ކުށްތަކަކީ ވަޒީފާއާބެހޭ ކުށްތަކެއްކަމާއި، އެއިން ކުށެއް ކޮށްފިކަން ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ. (ޕެރ. 21)
ސިވިލް ސަރވިސްގެ ވަޒީފާގެ ކުށްކުށުގެ އަދަބަކީ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ދެވޭ އިދާރީ އަދަބެކެވެ. (ޕެރ. 21)
ސިވިލް ސަރވިސްގެ ވަޒީފާގެ ކުށްތަކަކީ އިދާރީ ކުށްތަކެއްކަމާއި، އެ ކުށް ކުރިކަން ސާބިތުވާންޖެހޭ މިންގަނޑަކީ މަދަނީ މިންގަނޑުކަމާއި، އެ މިންގަނޑުން އެ ކުށްކުރިކަން ނުވަތަ ނޫންކަން ސިވިލް ސަރވިސް ކޮމިޝަނަށް ކަނޑައެޅޭނެއެވެ. (ޕެރ. 22)
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ހިންގަންޖެހޭނީ ސިވިލް ސަރވިސް ކޮމިޝަނުންކަމުގައި ބަޔާންކޮށްފައިނުވެއެވެ. (ޕެރ. 24)
އެ ކުށް ކުރިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ލިބިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް، އެ ކުށް ނުކުރާ ކަމަށްވުރެ އެ ކުށްކުރި ކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ބުރަވެވޭނަމަ، އެ ކުށް ކުރީކަމުގައި ނިންމޭނެއެވެ. (ޕެރ. 25)
ސިވިލް ސަރވިސް ކޮމިޝަނުން ބަރޯސާވެފައިވާ ތަޙްޤީޤު ރިޕޯޓަކީ ތުހުމަތުކުރާ ކުށުގެ ޢަމަލާ ގުޅިގެން އިދާރީ މިންގަނޑުން ފިޔަވަޅު އެޅުމަށް ފުދޭ ރިޕޯޓެއް ކަމުގައިވާނަމަ، އެ ރިޕޯޓުގައި ޖިނާއީ ކުށުގެ ޢަމަލަކާ ގުޅިގެން ޕޮލިސް ސަރވިސްއިން އިތުރަށް ތަޙްޤީޤު ކުރަންޖެހޭ ބައިތަކެއް ހުރިކަމަށް ފާހަގަ ކޮށްފައި އޮތުމަކީ، ޤާނޫނު ނަންބަރު 5/2007 އާއި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ ދަށުން އިދާރީ ފިޔަވަޅެއް އެޅުމަށް އޮތް ހުރަހެއް ނޫނެވެ. (ޕެރ. 25)
ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށް ދަޢުވާ އުފުލިފައި ނުވުމަކީ، ނުވަތަ ކުށެއް ސާބިތުވެފައި ނުވުމަކީ ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުރަސްއަޅާ ކަމެއްނޫނެވެ. (ޕެރ. 33)
ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ގޮތެއް ނިންމުމުގައި މައްސަލައާ ގުޅުންހުރި ޤާނޫނުތަކަށް ޙަވާލާ ދެވިދާނެއެވެ؛ އެފަދައިން ޙަވާލާދޭ ދިނުމަކީ ނިންމާ ނިންމުމުގެ ސަބަބުތައް ތަފުސީލުކޮށް ތަބުރީރުކުރުން (Justify) ކަމުގައިވިޔަސް، ވަކި ޙަޤީޤަތަކާ ގުޅޭ ގޮތުން ޤަބޫލުކުރެވޭ ކުރުމެއް ތަފުސީލު ކުރުންކަމުގައިވިޔަސް، އިފްތިރާޟުކުރާ ގޮތެއް ބަޔާންކުރުން ކަމުގައިވިޔަސްމެއެވެ. (ޕެރ. 38-39)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރު
- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 114، 208 ގެ (ރ)، 214، 215 ގެ (ނ) ގެ 02، 06 އާއި 07، 216 ގެ (ށ) އާއި 217 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 15 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- 2014/SCA/24 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝަފީޤް)
- British Home Stores Ltd v Burchell [1978] ICR 303, [1978] IRLR 379
ފަނޑިޔާރުން
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއް ސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު: (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއް ސުޢޫދު ތާއީދު ކުރައްވާފައި)
މައްސަލައިގެ ފަސްފަހަތް
1އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެ މިނިސްޓްރީއަށް ދިގު މުއްދަތަކަށް މެޑިކަލް ކޮންޒިއުމަބަލްސް ސަޕްލައި ކޮށްދިނުމަށްޓަކައި އެ މިނިސްޓްރީއާއެކު އެއްބަސްވުން ހެދުނު ފަރާތާދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، މިނިސްޓްރީއަށް މުދާ ލިބުމުގެ ކުރިން، ދައުލަތުގެ ބަޖެޓުން އެ ފަރާތަށް ފައިސާ ދޫކޮށްފައިވާތީ، ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި އިހުމާލުވެފައިވާ ފަރާތްތަށް ހޯދުމަށް ލަފާ ދީފައިވެއެވެ.
2އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދީފައިވާ ލަފައާ އެއްގޮތަށް އެ ހާދިސާ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ އިން އެންޓި-ކޮރަޕްޝަން ކޮމިޝަން މެދުވެރިކޮށް ތަޙްޤީޤު ކޮށްފައިވެއެވެ. މި ތަޙްޤީޤުގައި އެ ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑައިރެކްޓަރޭޓްގެ އެހީތެރިކަން ހޯދިއެވެ.
3މި ތަޙްޤީޤުން އެނގުނު ގޮތުގައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއަށް ދިގު މުއްދަތަކަށް މެޑިކަލް ކޮންޒިއުމަބަލްސް ސަޕްލައިކޮށް ދިނުމަށް އެއްބަސްވެފައިވަނީ އެފް.ޓެކް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެކެވެ. މި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މުދާ ސަޕްލައި ކޮށްދިނުމުގެ ކުރިން، 11852555.34 (އެގާރަ މިލިޔަން އަށްލައްކަ ފަންސާސް ދެހާސް ފަސްސަތޭކަ ފަންސާސްފަސް ރުފިޔާ ތިރީސް ހަތަރު ލާރި) ގެ މުދަލުގެ ގުޑްސް ޑެލިވަރީ ނޯޓު މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އަދި މި ޑެލިވަރީ ނޯޓުތަކުގައި އެ މިނިސްޓްރީއަށް މުދާ ލިބިފައިވާ ކަމަށް ބަޔާންކޮށް، އެ މިނިސްޓްރީގެ މުވައްޒަފެއް ކަމުގައިވާ ވަފާ ޙުސައިންގެ ނަމާއި، މަޤާމާއި، ތާރީޚާއި ފޯނު ނަންބަރު ލިޔެފައިވެއެވެ.
4ގުޑްސް ޑެލިވަރީ ނޯޓުގައިވަނީ ކޮންފަރާތެއްގެ އަތުލިޔުމެއްކަން ދެނެގަތުމަށްޓަކައި އެ ނޯޓުގައިވާ އަތުލިޔުމުގެ ސާމްޕަލް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑައިރެކްޓަރޭޓްއިން ތަޙްލީލުކޮށްފައިވެއެވެ. މި ގޮތުން ތައްޔާރުކޮށްފައިވާ ފޮރެންސިކް އެނެލިސިސް ރިޕޯޓުގައި ގުޑްސް ޑެލިވަރީ ނޯޓުގައި ލިޔެ ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ސްޓޯރ ކީޕަރގެ މަޤާމުގައި ހުރި އަޙްމަދު ނަސީމްކަމަށް ބަޔާންކޮށްފައިވެއެވެ.
5މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑައިރެކްޓަރޭޓްގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤުގައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން އެ މިނިސްޓްރީއަށް މެޑިކަލް ކޮންޒިއުމަބަލްސް ސަޕްލައިކޮށްދިނުމަށް އެއްބަސްވުން ހެދިފައިވާ ކުންފުނިން ސަޕްލައި ކޮށްދޭންޖެހޭ މުދާ ލިބުމުގެ ކުރިން އެ ކުންފުނިން ހުށަހެޅި ޑެލިވަރީ ނޯޓުގައި މުދާ ލިބުނުކަމަށް ލިޔެ ސޮއިކޮށްފައިވަނީ އަޙްމަދު ނަސީމް ކަމަށް ނިންމައި، އެކަން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއަށް އަންގާފައިވެއެވެ.
6އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤު ރިޕޯޓު މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއިން ދިރާސާ ކުރުމަށްފަހު އަޙްމަދު ނަސީމް ވަޒީފާއިން ވަކިކުރުމުގެ ކަންތައް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ނިންމިއެވެ. އަދި މި ނިންމުމާ އެއްގޮތަށް 2012 ޑިސެމްބަރ 25 ވަނަ ދުވަހުން ފެށިގެން އަޙްމަދު ނަސީމް ވަޒީފާއިން ވަކިކޮށްދިނުމަށް މިނިސްޓްރީގެ ނަންބަރު 23/ES/188/2012/230 (17 ޑިސެމްބަރ 2012) ސިޓީއިން ސިވިލް ސަރވިސް ކޮމިޝަނުގައި އެދިފައިވެއެވެ.
7މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން އެދިފައިވާ ގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން އަޙްމަދު ނަސީމް ވަޒީފާއިން ވަކިކޮށްފައިވެއެވެ. ވަޒީފާއިން ވަކިކުރިކަން އަންގާފައިވަނީ އެ ކޮމިޝަނުގެ ނަންބަރު (2)CSC/2012/1200 (25 ޑިސެމްބަރ 2012) ވަޒީފާއިން ވަކި ކުރެއްވި ޗިޓުންނެވެ. މި ޗިޓުގައި އަޙްމަދު ނަސީމް ވަޒީފާއިން ވަކިކޮށްފައިވަނީ އަޙްމަދު ނަސީމުގެ ޢަމަލުތައް ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފެތޭތީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން އަޙްމަދު ނަސީމް ވަޒީފާއިން ވަކި ކުރުމަށް އެދިފައިވާތީ ކަމުގައި ބަޔާންކޮށްފައިވެއެވެ.
8ސިވިލް ސަރވިސް ކޮމިޝަނުން އަޙްމަދު ނަސީމް ވަޒީފާއިން ވަކި ކުރުމުން އެކަމާ އަޙްމަދު ނަސީމް ހިތްހަމަ ނުޖެހިގެން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ވަޒީފާއާބެހޭ ޓްރިބިއުނަލް އިން މި މައްސަލައަށް ދީފައިވަނީ 22/VTR/2013 ނަންބަރެވެ.
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 22/VTR/2013 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2013/HCA/352ޤަޟިއްޔާއިން އެ މައްސަލަ ބަލައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
10މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/352 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި އަޙްމަދު ނަސީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ކަނޑައެޅި ނިޔާއެވެ.
އިސްތިއުނާފު ކުރެވޭ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ގޮތް
11ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަޙްމަދު ނަސީމް ހުށަހަޅާފައިވަނީ އޭނާ މަޤާމުން ވަކިކޮށްފައިވަނީ ވަކި ކުރި ވަކި ސަބަބެއް އެންގުމެއް ނެތި ކަމުގައިވާތީ، އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެ ދިނުމަށެވެ.
12ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައިވަނީ އަޙްމަދު ނަސީމްއާ ދެކޮޅަށެވެ. މި ފަދައިން މައްސަލަ ނިންމުމުގައި އަޙްމަދު ނަސީމް ވަޒީފާއިން ވަކިކޮށްފައިވަނީ އަޙްމަދު ނަސީމް ހުރި މަޤާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، އަޙްމަދު ނަސީމް ވަޒީފާ އަދާ ކުރަމުން ދިޔަ އޮފީހުގެ ލިޔެކިޔުންތަކެއް ބަދަލުކޮށް އޮޅުވާލުމުގެ ސަބަބުން އެތައް މިލިޔަން ރުފިޔާގެ ގެއްލުންވެފައިވާއިރު، މި ޢަމަލުތަކަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފެތޭ ޢަމަލުތަކެއްކަން ފާހަގަކޮށްފައިވެއެވެ. އަދި އަޙްމަދު ނަސީމް ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެމްބަރުން އިއްތިފާޤުން ނިންމާފައިވެއެވެ.
އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް
13ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 22/VTR/2013 މައްސަލަ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ އަޙްމަދު ނަސީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކުގެ މައްޗަށެވެ.
13.1- އަޙްމަދު ނަސީމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑާއި، ކުށް ސާބިތުވެއްޖެކަމަށް ބަލާފައިވާ އުސޫލުތަކާއި، އަޙްމަދު ނަސީމް ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ކަމެއް ނޫންކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާއާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ގައިވާ އުސޫލުތަކާ ޚިލާފަށްކަން.
13.2- އަޙްމަދު ނަސީމްގެ މައްޗަށް ކުށެއްގެ ތުހުމަތުކޮށް، އެ ކުށް ކުރިކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ ފުރިހަމަނުވާ ތަޙްޤީޤެއްގެ މައްޗަށް ކަމަށްވާއިރު، އެފަދައިން ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކޮށްފައިވާ އުސޫލަކީ ރަނގަޅު އުސޫލެއްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވުން.
13.3- އަޙްމަދު ނަސީމް ކުށެއްކުރިކަމަށް ބާރުލިބިދޭ އެހެން އެއްވެސް ހެއްކެއް ޤަރީނާއެއްނެތި، ހަމައެކަނި ޤަރީނާއެއްގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ވެފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ އުސޫލަކީ ރަނގަޅު އުސޫލެއްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވުން.
14ދިވެހިރާއްޖޭގެ ހައިކޯޓުގައި އަޙްމަދު ނަސީމް މި މައްސަލަ އިސްތިއުނާފު ކުރަމުން ފާހަގަ ކުރި ނުކުތާތަކާމެދު އަންނަނިވި ކަންކަން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ.
14.1- ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުމަކީ، ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ކަމެއްކަން ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާއާއި، އެ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރުން އެނގޭކަން.
14.2- އަޙްމަދު ނަސީމް އަދާކުރަމުން ގެންދިޔަ ވަޒީފާއިން އަޙްމަދު ނަސީމް ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފެތޭ ޢަމަލެއް ކޮށްފައިވާތީކަމަށް ވަޒީފާއިން ވަކިކުރި ޗިޓުން އެނގޭއިރު، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާ ވަޒީފާގެ ކުށްތަކަކީ އެންމެ ފުރަތަމަ ފަހަރުންވެސް ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ކުށްތަކެއްކަމާއި، މި ހާލަތުގައި ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވިދާނެކަން ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 114 ވަނަ މާއްދާއިން އެނގޭކަން.
14.3- އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލުތަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރި ތަޙްޤީޤުން އެފް.ޓެކް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ގުޑްސް ޑެލިވަރީ ނޯޓުތަކުގައި ސޮއިކުރިކަމަށް ބަޔާންކޮށްފައިވާ މުވައްޒަފުގެ ނަމާއި، ފޯނު ނަންބަރާއި މަޤާމާއި، ތާރީޚު ލިޔެފައިވާ ފަރާތަކީ އަޙްމަދު ނަސީމްކަން ސާބިތުވެފައިވާކަން.
14.4- އަޙްމަދު ނަސީމްގެ ޢަމަލުތައް ހުރި ގޮތުން އަޙްމަދު ނަސީމް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ވަޒީފާގައި ބަހައްޓައިފިނަމަ، މިނިސްޓްރީއަށް ގެއްލުންތަކެއް ވެދާނެކަމަށް މިނިސްޓްރީއަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ޤަބޫލު ކުރެވޭކަން.
14.5- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފެތޭ ޢަމަލެއް އަޙްމަދު ނަސީމް ކޮށްފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާތީ އަޙްމަދު ނަސީމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ ކަންތައްތަކަށް ތަބާވެ، އަދި މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކެއް އެކަށީގެންވާ މިންވަރަށް ބެލުމަށްފަހު ޑިއު ޕްރޮސެސް ނުވަތަ ޕްރޮސީޖަރަލް ފެއަރނަސް ގާއިމުވެގެންކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
15ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/352 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އަޙްމަދު ނަސީމްގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
15.1- ޖިނާއީ ކުށެއް ކުރިކަން ތަޙްޤީޤަށް ސާބިތުވެފައިވާތީ ވަޒީފާދިން ފަރާތުން މުވައްޒަފު ވަކިކުރިނަމަވެސް، މިފަދައިން ސާބިތުވާންޖެހޭ މިންގަނޑަކީ މަދަނީ މިންގަނޑަކަށް ނުވާނެކަން. އަދި ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކުރިކަމަށް ނިންމޭނީ ޖިނާއީ ކުށް ސާބިތުވާން އޮންނަ މިންގަނޑުތަކުން އެ އުސޫލުތަކުގެ ދަށުންކަމުގައި ވީނަމަވެސް، މި މައްސަލައިގައި މަދަނީ މިންގަނޑުން ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާކަން.
15.2- އިސްތިއުނާފު ކުރެވޭ މި މައްސަލައިގައި ފުރިހަމަނުވާ ތަޙްޤީޤެއްގެ މައްޗަށް ކުށެއް ސާބިތު ވެފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ އުސޫލަކީ ރަނގަޅު އުސޫލެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައި، އެ އުސޫލަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކޮށްފައިވާކަން.
15.3- އަޙްމަދު ނަސީމްގެ މައްޗަށް ކުށެއްގެ ތުހުމަތުކޮށް އެ ކުށް އިސްތިއުނާފު ރައްދުވާ ފަރާތުން ކުރިކަން ސާބިތުވާކަމަށް ނިންމާފައިވަނީ، ސާބިތުވާ މިންވަރަށް ހެއްކާއި ޤަރީނާ ނެތިކަމަށްވާއިރު، ކުށް ސާބިތު ވެފައިވާކަން ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ އުސޫލަކީ ރަނގަޅު އުސޫލެއްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އެ އުސޫލަށް ތާއީދު ކޮށްފައިވާކަން.
15.4- މި މައްސަލައަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާއާއި 214 ވަނަ މާއްދާގެ ދަށުން މީހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައަކަށްވާއިރު، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާ ފިޔަވައި އެހެން މާއްދާތަކެއްގައިވާ ހަމަތައް ބޭނުން ކޮށްގެން ކަމުގައިވުން.
16ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/352 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އަޙްމަދު ނަސީމްގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
16.1- ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ އެ މުވައްޒަފަކާމެދު އެޅޭ އިސްލާހީ ފިޔަވަޅެއްކަން ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 208 ވަނަ މާއްދާގެ (ރ) އަށް ބެލުމުން އެނގޭކަން.
16.2- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ އެ މުވައްޒަފަކު ކުރި ޢަމަލެއްގެ މައްޗަށް ބިނާކޮށް މުވައްޒަފާމެދު އެޅޭ އިދާރީ އަދަބެއްކަމާއި، ޖިނާއީ މައްސަލައެއް "ތަޙްޤީޤަށް ސާބިތުވާކަމަށް" ނިންމި ނަމަވެސް އެއީ ޤާނޫނީ ޕްރޮސެސްއެއް ނޫންކަމާއި، ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތު ކުރުމަށް އޮންނަ މިންގަނޑާއި މީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީ ކަމަށް ކަނޑައަޅާ މިންގަނޑަކީ ތަފާތު ދެ މިންގަނޑެއްކަން.
16.3- އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރެވުނު ޢަމަލާ ގުޅިގެން އެ ފަރާތް ވަޒީފާއިން ވަކި ކުރެވޭނީ އެފަދަ ކަމެއް ޝަރީޢަތަށް ސާބިތުވުމުންކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގައި އެއްވެސް މިންވަރަކަށް ޝަރުޠުކޮށްފައި ނުވާކަމާއި، އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލާ ގުޅިގެން އެ ޢަމަލު ޖިނާއީ މިންގަނޑުން ޝަރީޢަތަށް ސާބިތުވުމަކީ ލާޒިމުކަމެއް ނޫންކަން. އަދި މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SCA/24 ޤަޟިއްޔާގެ (ޅ) ގައި ބަޔާންކޮށްފައިވާ އުސޫލުކަން.
16.4- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާޢިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުމަކީ ސިވިލް ސަރވިސްގެ ވަޒީފާއިން މުވައްޒަފަކު ވަކިކުރެވިދާނެ ސަބަބެއްކަން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އެ ނަންބަރުގައިވާ ކަމެއް ސާބިތުވުމުގައި އެކަމެއް ތަޙްޤީޤުކުރަންޖެހޭނީ ސީދާ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ކަނޑައެޅިގެން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގައިވެސް ބަޔާންކޮށްފައި ނެތުމުން، ކަމާބެހޭ ރަސްމީ އިދާރާއަކުން ކޮށްފައިވާ ތަޙްޤީޤެއްގައި އިތުރު މައްސަލަތަކެއް ނެތްކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ޤަބޫލު ކުރެވޭނަމަ، ރަސްމީ އިދާރާއަކުން ކޮށްފައިވާ ތަޙްޤީޤަކުން ހޯދޭ ހެކި ޤަރީނާގެ މައްޗަށް ބުރަވެ، އެ ތަޙްޤީޤަކުން ހޯދުނު ހެއްކާއި ޤަރީނާއަށް ބަލައި އެކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާކަމުގައި ކަނޑައެޅިދާނެކަން. އަދި މި ފަދައިން ވަޒީފާއިން ވަކިކުރެވޭނީ އެ މުވައްޒަފެއްގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލު ނުކުރާކަމަށްވުރެ ކުރި ކަމެއްކަމަށް ބޮޑަށް ބުރަވެވިގެންކަމަށާއި، އިސްތިއުނާފު ކުރެވޭ މައްސަލައިގައިވެސް ކަންހިނގާފައިވަނީ އެ ފަދައިންކަން.
16.5- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްޓަކައި އެ މުވައްޒަފަކާމެދު ތަޠްބީޤު ކުރެވޭނެ ކަމަށް ޤާނޫނުގައި އަދި ޤަވާޢިދެއްގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ރިޢާޔަތްކުރުމަކީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުން ޖަސްޓިފައި ނުކުރެވޭނެ ނުވަތަ ރަނގަޅު ކަމުގައި ކަނޑަނޭޅޭނެ ސަބަބެއް ނޫންކަމާއި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 05/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާ މި ދެ ޤާނޫނަކީވެސް ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްޗަށް ހިންގޭނެ ޤާނޫނުތަކެއްކަން.
އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ސާބިތުވި ކުށް
17މި މައްސަލަ އިސްތިއުނާފުކުރި އަޙްމަދު ނަސީމް ބުނާ ގޮތުން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތަކެއް ކުރިކަމުގެ ތުހުމަތުގައެވެ. އަދި މި ކުށްތަކަކީ ޖިނާއީ ކުށްތަކެއް ކަމުގައިވާތީ މި ކުށްތައް ސާބިތުވި ކަމަށް ނިންމޭނީ ޖިނާއީ ކުށްތައް ސާބިތުވާ މިންވަރަށް މި ކުށްތައް ސާބިތުވެގެންނެވެ. ނަމަވެސް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިއިރު، ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ފަދައިން މި ކުށްތައް ސާބިތުވާނީ މަދަނީ މިންގަނޑުން ކަމުގައެވެ.
18އަޙްމަދު ނަސީމްގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/352 ޤަޟިއްޔާއިން ނިންމިއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ ކުށް ސާބިތުވާންޖެހޭ މިންގަނޑަކީ ކޮބައިކަން ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް އަޙްމަދު ނަސީމް ކުރި ކުށްތަކުގެ ޠަބީޢަކީ ކޮބައިކަމާއި، އެ ކުށްކުށާ ގުޅިގެން ކަމާބެހޭ ޤާނޫނުތަކުގައި އައިސްފައިވާ ނައްޞުތަކަށް ތަފުސީލުކޮށް ޙަވާލާ ދީފައިވެއެވެ.
19ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމިއިރު، އަޙްމަދު ނަސީމް ކޮށްފައިވާ ކުށްތަކަކީ، "ވަޒީފާގެ ކުށްތަކެއް" ކަމުގައި ބަޔާންކޮށްފައިވެއެވެ. މިއީ މި ކުށްތަކަށް، ދިވެހި ސިވިލް ސަރވިސް ޤަވާޢިދު 2010 ގައި ބަޔާންވެފައިވާ ގޮތްވެސް މެއެވެ.
20HN1HN2އެ ކުށަކަށް ތުހުމަތު ކުރެވިގެން ސިވިލް ސަރވިސް ކޮމިޝަނުން އަޙްމަދު ނަސީމް ވަޒީފާއިން ވަކިކުރި ކުށްތައް އަޙްމަދު ނަސީމްގެ މައްޗަށް ސާބިތުވާންޖެހޭނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތިކަމަށް އަޙްމަދު ނަސީމްގެ ފަރާތުން ބުނި ނަމަވެސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، އެހެނިހެން ޤާނޫނުތަކަށް ބެލުމުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށެއް ސާބިތުވާންޖެހޭނީ ޝަރީޢަތަށް ކަމާއި، އެ މިންގަނޑުން ސާބިތުވާން ޖެހެނީ ޖިނާއީ ކުށްތައް ކަން، އެނގެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގައި ބަޔާންވެފައިވާ ކުށަކާ ގުޅިގެން މުވައްޒަފަކާމެދު ފިޔަވަޅު އަޅަންޖެހޭނީ އެއިން ކުށެއް ޝަރީޢަތަށް ސާބިތު ވުމުންކަމަށް ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގައި ބަޔާންވެފައި ނުވެއެވެ.
21HN3HN4އަޙްމަދު ނަސީމް ކުރިކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގައި ބަޔާންވެފައިވާ ކުށްތަކަށް ޤާނޫނުގައި ދީފައިވާ ނަމާއި، އެ ކުށް ސާބިތުވާކަމަށް ކަނޑައަޅާ އިދާރާއާއި، އެ ކުށުގެ އަދަބަކީ ކޮބައިކަން ބަލާއިރު، އެ ކުށްތަކަކީ ވަޒީފާއާބެހޭ ކުށްތަކެއްކަމާއި، އެއިން ކުށެއް ކޮށްފިކަން ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ސިވިލް ސަރވިސް ކޮމިޝަނުންކަމާއި، އެ ކުށްކުށުގެ އަދަބަކީ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ދެވޭ އިދާރީ އަދަބެއްކަން އެނގެއެވެ.
22HN5ވުމާއެކު، އަޙްމަދު ނަސީމް ކުރި ކުށްތަކަކީ އިދާރީ ކުށްތަކެއްކަމާއި، އެ ކުށް ކުރިކަން ސާބިތުވާންޖެހޭ މިންގަނޑަކީ، މަދަނީ މިންގަނޑުކަމާއި، އެ މިންގަނޑުން އެ ކުށްކުރިކަން ނުވަތަ ނޫންކަން ސިވިލް ސަރވިސް ކޮމިޝަނަށް ކަނޑައެޅޭނެކަން އެނގެއެވެ.
ތަޙްޤީޤު ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން
23ސިވިލް ސަރވިސް ކޮމިޝަނުން އަޙްމަދު ނަސީމް ވަޒީފާއިން ވަކިކޮށްފައިވަނީ، ފުރިހަމަވެފައި ނުވާ ތަޙްޤީޤެއްގެ މައްޗަށް ކަމަށް އެ ފަރާތުން ބުނެއެވެ. މިފަދައިން އަޙްމަދު ނަސީމް ބުނަނީ، އެ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤީ ރިޕޯޓުގެ 8.2.2 ވަނަ މާއްދާގައި އަޙްމަދު ނަސީމް މި ކުށް ކުރިކަން ސާބިތުވާ ކަމުގައި ބަޔާންކުރުމަށްފަހު، މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވަން ނިންމާފައިވާކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ.
24HN6ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހި ސިވިލް ސަރވިސް ޤަވާޢިދު 2010 އަށް ބަލާއިރު، އެ ޤަވާޢިދުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ހިންގަންޖެހޭނީ ސިވިލް ސަރވިސް ކޮމިޝަނުންކަމުގައި ބަޔާންކޮށްފައިނުވެއެވެ.
25HN7HN8އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކަކީ ވަޒީފާގެ ކުށްތަކެއް ކަމުގައިވުމުން، އެ ކުށް ކުރިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ލިބިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް، އެ ކުށް ނުކުރާ ކަމަށްވުރެ އެ ކުށްކުރި ކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ބުރަވެވޭނަމަ، އެ ކުށް ކުރީކަމުގައި ނިންމޭނެއެވެ. އަދި މިފަދައިން ނިންމުމުގައި، ސިވިލް ސަރވިސް ކޮމިޝަނުން ބަރޯސާވެފައިވާ ތަޙްޤީޤު ރިޕޯޓަކީ އަޙްމަދު ނަސީމްގެ މައްޗަށް އެ ކޮމިޝަނުން ތުހުމަތުކުރާ ކުށުގެ ޢަމަލާ ގުޅިގެން އިދާރީ މިންގަނޑުން ފިޔަވަޅު އެޅުމަށް ފުދޭ ރިޕޯޓެއް ކަމުގައްޔާއި، އެ ރިޕޯޓުގައި ޖިނާއީ ކުށުގެ ޢަމަލަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިތުރަށް ތަޙްޤީޤު ކުރަންޖެހޭ ބައިތަކެއް ހުރިކަމަށް ފާހަގަ ކޮށްފައި އޮތުމަކީ، އަޙްމަދު ނަސީމްގެ މައްޗަށް، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ ދަށުން އިދާރީ ފިޔަވަޅެއް އެޅުމަށް އޮތް ހުރަހެއް ކަމުގައި އަހުރެން ނުދެކެމެވެ.
ވަޒީފާއިން ވަކި ކުރުމަށް އެކަށީގެންވާ ހެކި ލިބިފައިވާކަން ނުވަތަ ނޫންކަން.
26އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް އަޙްމަދު ނަސީމް ކުރިކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ އެ ކުށް އަޙްމަދު ނަސީމް ކުރިކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާ ހާލަތުގައި ކަމަށް އަޙްމަދު ނަސީމް ބުނެއެވެ. އަދި މިފަދައިން ހެކި ލިބިފައިނުވާ ކަމަށް އަޙްމަދު ނަސީމް ބުނަނީ ތިން ކަމެއް ފާހަގަ ކުރަމުންނެވެ.
26.1- ފުރަތަމަ ކަމަކީ މި މައްސަލައިގައި އަޙްމަދު ނަސީމާ ދެކޮޅަށް ލިބިފައިވާ ހަމައެކަނި ހެއްކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރު ކޮށްފައިވާ ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓެވެ. މި މައްސަލައިގައި ވާހަކަ ދެކެވޭ ގުޑްސް ޑެލިވަރީ ނޯޓުގައިވާ ލިޔުމަކީ، އަޙްމަދު ނަސީމްގެ ލިޔުން ކަމަށް އެ ރިޕޯޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަޔާންކޮށްފައިވެއެވެ.
26.2- ދެވަނަ ކަމަކީ، އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާ އުފުލިފައިނުވުމެވެ.
26.3- ތިންވަނަ ކަމަކީ އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާފަދަ ކުށެއް އޭނާގެ މައްޗަށް މީގެ ކުރިން ސާބިތުވެފައި ނުވުމެވެ.
27ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގައި ބަޔާންވެފައިވާ ކުށްތަކާ ގުޅިގެން އަޙްމަދު ނަސީމް ވަޒީފާއިން ވަކިކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ބުރަވެފައިވަނީ އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ އަމަލާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރި ތަޙްޤީޤުގައި އެ ކޮމިޝަނުގެ އެދުމަކަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑައިރެކްޓަރޭޓް އިން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގައި މި މައްސަލައާ ގުޅިގެން ވާހަކަ ދެކެވޭ ގުޑްސް ޑެލިވަރީ ނޯޓުގައި ލިޔެ ސޮއި ކޮށްފައިވަނީ އަޙްމަދު ނަސީމް ކަމަށް ބަޔާންކޮށްފައިވާތީ އެ ރިޕޯޓަށެވެ.
28މަތީގައި ބުނެވިދިޔަ ރިޕޯޓު ތައްޔާރު ކުރުމުގައި، މޯލްޑްވިސް ޕޮލިސް ސަރވިސްއިން އަޙްމަދު ނަސީމްގެ އިތުރުން އިތުރު ތިން ފަރާތެއްގެ ސޮޔާއި ލިޔުން ތަޙްލީލު ކޮށްފައިވެއެވެ. މި ތަޙްލީލުން ފާހަގަވެފައިވަނީ ގުޑްސް ޑެލިވަރީ ނޯޓުގައިވާ ލިޔުމާއި، އަޙްމަދު ނަސީމްގެ ފަރާތުން ނެގުނު އަތު ލިޔުމުގެ ސާމްޕަލާ އަޅާ ކިޔުމުން އަކުރުތައް އަޅާގޮތާއި، އަކުރުތައް ގުޅުވާގޮތާއި، އަކުރުތަކުގެ ސައިޒު އަދި ބައްޓަން ދެ ލިޔުމުގައި ވަރަށް އެއްގޮތްކަމަށެވެ. އަދި ލިޔުމުގެ ސްޕީޑާއި ސްކިލްވެސް ދެ ލިޔުމުގައި ވަރަށް އެއްގޮތް ކަމަށެވެ.
29އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤުގައި އަޙްމަދު ނަސީމްއާ ކުރެވުނު ސުވާލުތަކަށް އަޙްމަދު ނަސީމް ތަފުސީލުކޮށް ޖަވާބު ދީފައިވެއެވެ. ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކުރި ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގައި ގުޑްސް ޑެލިވަރީ ނޯޓުގައިވާ ލިޔުމަކީ އަޙްމަދު ނަސީމްގެ ލިޔުންކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން އެ ކޮމިޝަނުން އަޙްމަދު ނަސީމާ ސުވާލު ކުރުމުން ތަޙްޤީޤުގައި ހަނު ހުރުމުގެ ޙައްޤު ބޭނުންކޮށްފައިވެއެވެ.
30ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ 02 އާއި 06 އާއި 07 ވަނަ ނަންބަރުގެ ބޭނުމަށްޓަކައި އަޙްމަދު ނަސީމް ވަޒީފާއިން ވަކިކުރުމުގެ ކުރިން އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ޢަމަލާ ގުޅިގެން އެކަށީގެންވާ މިންވަރެއްގެ ތަޙްޤީޤު ހިންގައި، އެ ތަޙްޤީޤުގައި އަޙްމަދު ނަސީމްއާ ސުވާލުކޮށް، އަޙްމަދު ނަސީމްގެ ފަރާތުން ދައްކަން ބޭނުންވާ ނުވަތަ ހާމަކުރަން ބޭނުންވާ މަޢުލޫމާތު ހާމަކޮށް ހެދުމުގެ ފުރުސަތު ފަހިކޮށްދެވިފައިވެއެވެ.
31މީގެ އިތުރުން އަޙްމަދު ނަސީމްގެ މައްޗަށް ހިންގުނު ތަޙްޤީޤާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، ސިވިލް ސަރވިސް ކޮމިޝަނުން އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލުތަކާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި އިޖުރާއާތު ފުރިހަމަކޮށްފައިވެއެވެ.
32އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލަކީ، އެ ޢަމަލުގެ ޒާތަށް ބަލާއިރު، އަޙްމަދު ނަސީމް މަސައްކަތްކުރާ އޮފީހުގެ ރަސްމީ ލިޔުމެއްގެ އަސްލު އޮޅުވާލުން ކަމަށްވެފައި، އެ ޢަމަލު އަޙްމަދު ނަސީމް ކޮށްފައިވަނީ އަޙްމަދު ނަސީމް ހުރި މަޤާމުގެ ނާޖާއިޒު ބޭނުން ހިފައިގެންކަމާއި، އަދި އެ ޢަމަލަކީ، އަޙްމަދު ނަސީމް މަސައްކަތްކުރާ އޮފީސް ޢާންމުންގެ ކުރިމަތީގައި ބަދުނާމުވާފަދަ، އަދި އަޙްމަދު ނަސީމް އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ، އަޙްމަދު ނަސީމް ވަޒީފާ އަދާކުރަމުންދިޔަ އޮފީހަށް ގެއްލުންތަކެއް ލިބިދާނެ ފަދަ ޢަމަލެއްކަމުގައި، އެކަށީގެންވާ ހަމަތަކުގެ މަތިން އަޙްމަދު ނަސީމަށް ވަޒީފާ ދިން ފަރާތަށް ޤަބޫލު ކުރެވޭފަދަ ޢަމަލެކެވެ.
33HN9ކަންމިހެން އޮތުމުން އަޙްމަދު ނަސީމްގެ މައްޗަށް ހިންގުނު ތަޙްޤީޤުގެ ތެރެއިން އެކުލަވާލެވުނު ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓަކީ މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލާއިރު، އަޙްމަދު ނަސީމް ވަޒީފާއިން ވަކިކުރުމަށް ފުދޭ ހެއްކެވެ. މީގެ އިތުރުން، އަޙްމަދު ނަސީމްގެ މައްޗަށް ކުރެވުނު މި ތަޙްޤީޤުގެ މައްޗަށް ބިނާކޮށް ދަޢުވާ އުފުލިފައި ނުވުމަކީ، ނުވަތަ ކުށެއް ސާބިތުވެފައި ނުވުމަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ ދަށުން އަޙްމަދު ނަސީމް އަދާކުރަމުން ދިޔަ ވަޒީފާއިން އަޙްމަދު ނަސީމް ވަކިކުރުމަށް ހުރަސްއަޅާ ކަމެއްނޫން ކަމުގައިވެސް އަހުރެން ދެކެމެވެ.
ޤާނޫނުތަކަށް ޙަވާލާ ދިނުން
34އަޙްމަދު ނަސީމް ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާއާއި 214 ވަނަ މާއްދާގެ ދަށުންކަމަށްވެފައި، އަޙްމަދު ނަސީމް ވަކިކޮށްފައިވަނީ ރަނގަޅަށް ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ބުނެވިދިޔަ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ މާއްދާތައް ފިޔަވައި އެހެން މާއްދާތަކެއްގައިވާ ހަމަތައް ބޭނުން ކޮށްގެން ކަމުގައި އަޙްމަދު ނަސީމް ފާހަގަކުރެއެވެ.
35އަޙްމަދު ނަސީމްގެ މި ނުކުތާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމިއިރު، އަޙްމަދު ނަސީމްގެ ފަރާތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމުމުގައި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާއާއި 214 ވަނަ މާއްދާ ފިޔަވައި އެހެން މާއްދާތަކެއްގައިވާ ހަމަތަކެއް ބޭނުންކުރި ކަމަށް ބުނެ އެއްވެސް ކަމެއް ފާހަގަ ކޮށްފައިނުވެއެވެ.
36ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައިވާ ހަމަތައް ބޭނުންކޮށްފައިވާކަން އަޙްމަދު ނަސީމް ފާހަގަކޮށްފައިވެއެވެ.
37ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކެވެ.
38HN10ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ގޮތެއް ނިންމުމުގައި މައްސަލައާ ގުޅުންހުރި ޤާނޫނުތަކަށް ޙަވާލާ ދެވިދާނެއެވެ. އެފަދައިން ޙަވާލާދޭ ދިނުމަކީ، އެ ފަނޑިޔާރު ނިންމާ ނިންމުގެ ސަބަބުތައް ތަފުސީލުކޮށް، ތަބުރީރުކުރުން (Justify) ކަމުގައިވިޔަސް، މައްސަލައާ ގުޅޭ ވަކި ޙަޤީޤަތަކާ ގުޅޭ ގޮތުން ފަނޑިޔާރަށް ޤަބޫލުކުރެވޭ ކުރުމެއް ތަފުސީލު ކުރުންކަމުގައިވިޔަސް، އަދި އިފްތިރާޟުކުރާ ގޮތެއް ބަޔާންކުރުން ކަމުގައިވިޔަސްމެއެވެ.
39ވުމާއެކު، އިސްތިއުނާފުކުރެވޭ މި މައްސަލަ ނިންމުމުގައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙަވާލާދީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމި ގޮތް ރަނގަޅުކަމަށް ކަނޑައެޅުމަކީ، އެ ސަބަބަށްޓަކައި އެ ނިންމުން ޤާނޫނީ ގޮތުން ޞައްޙަ ނިންމުމެއްނޫން ކަމުގައި ބަލަންޖެހޭ ސަބަބެއްކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
40މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔު
41މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބުނެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، އަޙްމަދު ނަސީމް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 22/VTR/2013 ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/352 ޤަޟިއްޔާއިން ތާއީދުކޮށްފައިވާ މައްސަލައާ ގުޅިގެން، އަޙްމަދު ނަސީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު
މަޙާޒު ޢަލީ ޒާހިރު
ޙުސްނުއް ސުޢޫދު
(ފަނޑިޔާރު)
(ފަނޑިޔާރު)
(ފަނޑިޔާރު)
ފުޓްނޯޓު
- ސިވިލް ސަރވިސް ޤަވާއިދު 2010 ގެ 215 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 15 ވަނަ މާއްދާގެ (ހ)
- ސިވިލް ސަރވިސް ޤަވާއިދު 2010 ގެ 2015 ވަނަ މާއްދާގައި މި ކުށްތަކަށް ހަވާލާދީފައިވަނީ "ވަޒީފާގެ ކުށްތައް" މި ނަމުންނެވެ.
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރު، އަދި ސިވިލް ސަރވިސް ޤަވާއިދު 2010 ގެ 216 ވަނަ މާއްދާގެ (ށ) އަދި 217 ވަނަ މާއްދާ.
- ސިވިލް ސަރވިސް ޤަވާއިދު 2010 ގެ 208 ވަނަ މާއްދާގެ (ރ)
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(g)DER/2012/0025 ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގެ 08 ވަނަ ޞަފުޙާ
- އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު TR2012/131 ތަޙްޤީޤު ރިޕޯޓުގެ 55 އަދި 56 ވަނަ ޞަފްޙާ
- ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ، British Home Stores Ltd v Burchell [1978] ICR 303, [1978] IRLR 379
- އެޓަރނީ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝަފީޤް، 2014/SCA/24
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.