—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2016/SC-A/22
ދަޢުވާކުރާ ފަރާތް: އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: ފާޠިމަތު ޙަލީމް
މައްސަލައިގެ ބާވަތް: ގޯތި ގެދޮރުން މީހުން ނެރުން
މައްސަލައައި ގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 16 ޖޫން 2016
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 އޮކްޓޯބަރު 2016
ނިމުނު ތާރީޚް: 07 މާރިޗު 2017
މައްސަލަ ނިންމި ގަޑި: 13:35
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2015/HC-A/242
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 22 ޖޫން 2015
ނިމުނު ތާރީޚް: 24 މާރިޗު 2016
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، ހ. އަވިހި މާލެ، ފާޠިމަތު ޙަލީމްއެވެ.
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ހ. އަވިހި، މާލެ، ފާޠިމަތު ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއެވެ.
ފާހަގަކުރެވުނު ނުކުތާތައް
މި މައްސަލާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި ތަފާތު ޖުރިސްޑިކްޝަންސްތަކުގައި އިސްތިޤްރާރުވެފައިވާ ކޮންޓްރެކްޓާބެހޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާއަކީ، ހ. އަވިހި، ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު31 އޮގަސްޓު 2000 ގައި ސޮއިކޮށްފައިވާ ހ. އަވިހިއެވެ ކިޔާ ބަންޑާރަ ގޯތި އައިމާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމާބެހޭ އެގްރީމެންޓް (މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު MC/C-343/2000) ގެ 3 ވަނަ މާއްދާގައި، އެ އެއްބަސްވުމުގެ މުއްދަތުކަމަށް ކަނޑައަޅާފައިވާ މުއްދަތު މިހާރު ހަމަވެފައިވާތީ، އެ ޢިމާރާތުގައި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތިބިނަމަ ތިބި ބަޔަކު ނެރެ، އެތަން ހުސްކޮށް، އެ ޢިމާރާތް ފާޠިމަތު ޙަލީމްއާ ޙަވާލުކޮށްދިނުމުގެ އަމުރެއް ނެރެދިނުން އެދި ހ. އަވިހި، ފާޠިމަތު ޙަލީމްގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، ހ. އަވިހި ޢިމާރާތްކުރުމާއި ކުއްޔަށް ދިނުމާ ގުޅޭގޮތުން ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 24 މާރިޗު 2021 ކަމުގައި ކަމަށްވާތީ، ފާޠިމަތު ޙަލީމްގެ ފަރާތުން އެދިފައިވާ ފަދައިން އަމުރެއް ނެރެދޭންޖެހޭ ތަނެއް މި ހިނދުގައި ނެތްކަމަށް ކަނޑައަޅައި، އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، ހ. އަވިހި، ފާޠިމަތު ޙަލީމްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2015/HC-A/242 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، އެއާގުޅިގެން އިލްތިމާސްކުރާ ފަރާތުންނާއި، އިލްތިމާސް ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހ. އަވިހި، ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 31 އޮގަސްޓު 2000 ގައި ސޮއިކުރެވި، މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު MC/C-343/2000 އެގްރީމެންޓަށް ބަލާއިރު، އެ އެގްރީމެންޓަކީ ހ. އަވިހި އޭކިޔާ 874 އަކަފޫޓުގެ ބަންޑާރަ ގޯތީގައި ހުރި ޢިމާރާތް ތަޅާލާ ކުރެހުމާ އެއްގޮތަށް ފަސް ބުރިއާއެކު ޓެރަސް ފުރިހަމަކުރުމަށްފަހު، ޢިމާރާތުގެ ތިން (3) ބުރި ޢިމާރަތްކުރާ ފަރާތް ކަމުގައިވާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން، އެ ކުންފުންޏާއި ގޯތީގެ ވެރިފަރާތްކަމުގައިވާ ފާޠިމަތު ޙަލީމްއާ ދެމެދު ވެވުނު އެއްބަސްވުމެއްކަން އެނގެން އޮންނަކަމާއި، މި އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރުމަށާއި، ޢިމާރާތް ކުއްޔަށް ދިނުމަށް ދެފަރާތް ދެމެދު އެއްބަސްވެފައިވާ ޖުމްލަ މުއްދަތަކީ 15 އަހަރު ދުވަސްކަމާއި، އެއީ 01 އޮގަސްޓު 1999 އިން ފެށިގެން31 އޮގަސްޓު 2004 އާއި ހަމަޔަށް ޢިމާރާތްކުރުމަށް ހޭދަވާ 05 އަހަރާއި 01 މަސްދުވަހުގެ އިތުރުން،01 ސެޕްޓެންބަރު 2004 އިން ފެށިގެން 31 ޖުލައި 2014 ގެ ނިޔަލަށް ޢިމާރާތް ކުއްޔަށް ދިނުމަށް ދެވޭ 09 އަހަރާއި 11 މަސް ދުވަސްކަން ބުނެވިދިޔަ އެގްރީމެންޓްގެ 3 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު، 01 އޮގަސްޓު 2001 ގައި ޢިމާރާތުގެ އެއްބުރީގެ މަސައްކަތް ފުރިހަމަކޮށް ގޯތީގެ ވެރިފަރާތާ ޙަވާލުކުރަންވާނެ ކަމަށާއި، އަދި ޢިމާރާތުގެ ދެވަނަބުރި ނިންމައި 2002 ވަނަ އަހަރު ފެބުރުވަރީ މަހުގެ 01 ވަނަ ދުވަހު ގޯތީގެ ވެރިފަރާތާ ޙަވާލުކުރަންވާނެކަމަށާއި، އަދި މި މުއްދަތުގައި ޙަވާލުނުކުރެވިއްޖެނަމަ، ޙަވާލުނުކުރެވި އިތުރަށް ހިނގާ ދުވަސްތަކަށް މަހަކު 10,000/-ރ. (ދިހަހާސް ރުފިޔާ) ގެ ރޭޓުން ފައިސާ ދައްކަންވާނެކަމަށް ބުނެވިދިޔަ އެގްރީމެންޓްގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، އިސްވެ ޙަވާލާދެވުނު 31 އޮގަސްޓު 2000 ގެ އެއްބަސްވުމުގެ3 ވަނަ މާއްދާގައި ޢިމާރާތްކޮށް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު ކަމުގައިވާ 31 އޮގަސްޓު 2004 ފަހަނައަޅައި ދިޔައިރުވެސް، އެއްބަސްވުމުގެ ދަށުން އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކުރުމުގެ ގޮތުން ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ، އެކަމާ ގުޅޭގޮތުން ދެ ފަރާތް ދެމެދު މަޝްވަރާތަކެއް ކުރެވި، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކުރުމަށްޓަކައި އިތުރު ފުރުޞަތު ދިނުމުގެ ގޮތުން، ބުނެވިދިޔަ31 އޮގަސްޓު 2000 ގެ އެއްބަސްވުމުގައި ހިމެނިފައިވާ ބައެއް ޝަރުޠުތައް އިޞްލާޙުކޮށް، އެ އެއްބަސްވުމުގައި ނުހިމެނޭ ބައެއް އަޙްކާމްތައް ހިމަނައި އިތުރު "ސަޕްލެމެންޓަލް" (supplemental) އެއްބަސްވުމެއްގައި 09 ޖަނަވަރީ 2005 ގައި ދެ ފަރާތުން ސޮއިކޮށްފައިވާކަން، މި މައްސަލައާ ގުޅިގެން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިއުންތަކުން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 09 ޖަނަވަރީ 2005 ގައި ވެވުނު، އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމަކީ އެއްވެސް ޙާލެއްގައި ޞަރީޙަކޮށް ނުވަތަ "ޟިމްނީ" ގޮތަކަށް ވިއަސް ޙަވާލާދެވުނު 31 އޮގަސްޓު 2000 ގެ އެއްބަސްވުން ނިމުމަކަށް ގެނެސް ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު މުޅިން އައު ތަޢާޤުދީ ގުޅުމެއް އުފެއްދުމަށް ވެވުނު އެއްބަސްވުމެއް ނޫންކަމާއި، ނަމަވެސް އެއީ 31 އޮގަސްޓު 2000 ގެ އެއްބަސްވުމުގައި ހިމެނިފައިވާ ބައެއް ޝަރްޠުތަކަށް ބަދަލުގެނައުމާއެކު، އެއެއްބަސްވުމުގައި ތަރުތީބުވެފައިނުވާ ބައެއް ކަންތައް ތަރުތީބުކުރުމުގެ މަޤްޞަދުގައި އެ އެއްބަސްވުމަށް ގެނެވުނު އިޞްލާޙެއްކަން ބުނެވިދިޔަ 09 ޖަނަވަރީ 2005 ގެ އެއްބަސްވުމުގެ ޢިބާރާތަށާއި "ސިޔާޤް" (context) އަށް ބެލުމުން އެއްވެސް އޮޅުމެއްނާރާ މިންވަރަށް އެނގެން އޮންނަކަމާއި، 09 ޖަނަވަރީ 2005 ގެ އެއްބަސްވުމުގައި ދެ ފަރާތުން އެއްބަސްވެފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ހ. އަވިހި ޢިމާރާތްކުރުމަށްޓަކައި ފާޠިމަތު ޙަލީމުގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ލޯނެއް ހޯދައި އެ ލޯނުގެ ފައިސާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރުމާއި، ލޯނު ހަމަޖެހޭތާ 21 ދުވަސް ތެރޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ފަށައި، ޢިމާރާތްކުރުމަށް ދެވޭ 01 އަހަރުގެ މުއްދަތު ނުހިމަނައި، 31 އޮގަސްޓު 2000 ގެ އެއްބަސްވުމުގައި ބަޔާންވެގެންވާ ޖުމްލަ މުއްދަތު ކަމުގައިވާ 15 އަހަރުގެ ތެރެއަށް 01 އަހަރު އިތުރުކޮށް އެއްބަސްވުމުގެ ޖުމްލަ މުއްދަތު 16 އަހަރަށް ބަދަލުކުރުމާއި، މިކަންކަން ހިމެނިގެންވާކަން ބަޔާންވެދިޔަ 09 ޖަނަވަރީ 2005 ގެ އެއްބަސްވުމުގެ 1 ވަނަ މާއްދާއާއި، 2 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 6 ވަނަ މާއްދާގެ ޞަރީޙަ ނައްޞަށް ބެލުމުން ރަނގަޅަށް އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ބަޔާންވެދިޔަ 09 ޖަނަވަރީ 2005 ގެ އެއްބަސްވުމުގެ 5 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާއަކީ ވަކި ޚާއްޞަ ޙާލަތެއްގައި އަދި ވަކި ޝަރްޠުތަކެއްގެ މަތިން މެނުވީ ތަޠްބީޤު ނުކުރެވޭނެ މާއްދާއެއްކަން އެނގެން އޮންނަކަމާ، އެހެނީ އެ މާއްދާގައި ބަޔާންކޮށްފައިވަނީ ފާޠިމަތު ޙަލީމުގެ ފަރާތުން ޢިމާރާތްކުރުމަށް ހޯދަންޖެހޭ ލޯނު ހޯދުމުގެ ބުރަ އުފުލުމަކާ ނުލައި، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަމިއްލައަށް ފައިސާ ހޯދައިގެން ޢިމާރާތް ކުރާނަމަ ޢަމަލުކުރަންޖެހޭ އުޞޫލުކަމާ، މި ޙާލަތުގައި ޢިމާރާތުގެ މަސައްކަތް ކުރެހުމާ އެއްގޮތަށް ފެށުމަށް ހަމަޖެހިފައިވާ ކުރީގެ ތާރީޚަށް އެ ކުންފުނީގެ އެދުމުގެ މަތިން ބަދަލުގެނެސް، އެ ތާރީޚަކީ01 ފެބްރުވަރީ 2006 ކަމުގައި ހަމަޖައްސައި، މި ތާރީޚުން ފެށިގެން 01 އަހަރު ދުވަހުގެ ތެރޭގައި ޢިމާރާތުގެ 02 ބުރި ނިންމާ ފާޠިމަތު ޙަލީމްއާ ޙަވާލުކުރުމުން، ޢިމާރާތް ހެދުމަށް ހޭދަވި 01 އަހަރު ނުހިމަނައި 01 ފެބްރުވަރީ 2007 އިން ފެށިގެން 16 އަހަރުގެ މުއްދަތަށް ޢިމާރާތް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ދޭންވާނެކަމަށް ބުނެވިދިޔަ 09 ޖަނަވަރީ 2005 ގެ އެއްބަސްވުމުގެ 5 މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް، ހ. އަވިހި ޢިމާރާތްކުރުމަށްޓަކައި ހައުސިންގ ޑިވެޕޮލްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން 03 މާރިޗު 2005 ގައި ފާޠިމަތު ޙަލީމަށް ލޯނު ލިބިފައިވާކަން އެ ކޯޕަރޭޝަންގެ ނަންބަރު HDFC/LA/2005/47 ސިޓީން އެނގެން އޮންނައިރު، މި ގޮތުގެމަތިން ލޯނު ހަމަޖެހޭތާ 21 ދުވަސްތެރޭގައި ހ. އަވިހި ޢިމާރާތްކުރުމުގެ މަސައްކަތް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށަންވާނެކަމަށާ، އަދި އެ ޙާލަތުގައި ބުނެވިދިޔަ 09 ޖަނަވަރީ 2005 ގެ އެއްބަސްވުމުގެ 5 ވަނަ މާއްދާ ބާޠިލުވާނެކަމަށް އެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ޞަރީޙަ ޢިބާރާތުގައި ބަޔާންކޮށްފައި އޮތުމުން، ބުނެވިދިޔަ އެއްބަސްވުމުގެ 5 ވަނަ މާއްދާއަކީ ފާޠިމަތު ޙަލީމްއާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އުފެދިފައިވާ އިސްވެ ބަޔާންވެދިޔަ ތަޢާޤުދީ ގުޅުމުގެ މައްޗަށް ތަޠްބީޤުކުރެވިދާނެ މާއްދާއެއް ނޫންކަން އެއްވެސް އޮޅުމެއްނާރާ މިންވަރަށް އެނގެން އޮންނަކަމާ، އެހެނީ އެ ޝަރްޠެއް ޙާޞިލުވުމުން އެ މާއްދާ ބާޠިލުވާނެކަމަށް ބުނެވިދިޔަ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ޝަރްޠުވަނީ ތަޙައްޤުޤު ވެފައިކަމާއި (fulfillment of dissolving condition)، އެ ޝަރްޠަކީ ހ. އަވިހި ޢިމާރާތްކުރަމަށްޓަކައި ހައުސިންގ ޑިވެޕޮލްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ފާޠިމަތު ޙަލީމު މެދުވެރިވެގެން ލޯނު ހޯދުމަށް ފަހު ޢިމާރާތްކުރުމުގެ މަސައްކަތް ފެށުންކަން އެނގެން އޮންނައިރު، 03 މާރިޗު 2005 ގައި ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ފާޠިމަތު ޙަލީމަށް ލޯނު ލިބިފައިވާކަން އެ ކޯޕަރޭޝަންގެ ނަންބަރު HDFC/LA/2005/47 ސިޓީންނާއި ދެ ފަރާތުގެ ބަހުން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު 31 އޮގަސްޓު 2000 ގެ އެއްބަސްވުމަށް އިޞްލާޙު ގެނެވުނު09 ޖަނަވަރީ 2005 ގެ އެއްބަސްވުން ވެވިފައިވަނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) އަށް ޤާނޫނު ނަންބަރު 2008/4 އިން އިޞްލާޙު ގެނައުމުގެ ކުރިންކަމާއި، އިޞްލާޙު ގެނައުމުގެ ކުރިން އެ މާއްދާގެ އެ އަކުރުގައި ކަނޑައަޅައި ބަޔާންވެގެންވަނީ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބަޔެއް، ނުވަތަ ބަންޑާރަ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތެއް، ނުވަތަ ޢިމާރާތުގެ ބަޔެއް، ކުއްޔަށް ދެނީ ދިރިއުޅުމަށް ކަމަށްވާނަމަ، ކުއްޔަށް ދެވޭނީ ގިނަވެގެން 15 އަހަރު ދުވަހުގެ މުއްދަތަށް ކަމުގައިވާއިރު، ޤާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަކާ ޚިލާފަށް އެއްބަސްވުމުގެ އިޚްތިޔާރު ކޮންޓްރެކްޓެއްގެ ބައިވެރިންނަށް ލިބިގެން ނުވާކަމާއި، ޤާނޫނާ ޚިލާފަށް ވެވޭ އެއްބަސްވުމެއްގެ ޤާނޫނާ ޚިލާފުވާ މިންވަރު ބާޠިލުވާނެކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ އިތުރުން އިސްލާމީ ޝަރީޢަތާއި ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައި ކޮންޓްރެކްޓާބެހޭ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު 31 އޮގަސްޓު 2000 ގެ އެއްބަސްވުމަށް އިޞްލާޙު ގެނެވުނު 09 ޖަނަވަރީ 2005 ގެ އެއްބަސްވުމުގައި 31 އޮގަސްޓު 2000 ގެ އެއްބަސްވުމުގައި ބަޔާންވެގެންވާ ޖުމްލަ މުއްދަތުކަމުގައިވާ 15 އަހަރުގެ ތެރެއަށް 01 އަހަރު އިތުރުކޮށް އެއްބަސްވުމުގެ ޖުމްލަ މުއްދަތު 16 އަހަރަށް ބަދަލުކުރުމަށް އެއްބަސްވެފައިވަނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށްވާތީ، ބުނެވިދިޔަ އެއްބަސްވުމުގެ މުއްދަތު 15 އަހަރަށްވުރެ އިތުރުވާ 1 އަހަރު ދުވަހުގެ މުއްދަތަކީ ބާޠިލް މުއްދަތެއްކަމުގައި އިސްވެ އިޝާރާތްކުރެވުނު ހައިކޯޓުގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަން އެނގެން އޮންނައިރު، މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، 09 ޖަނަވަރީ 2005 ގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ޢިމާރާތް ހެދުމަށް ދެވޭ 01 އަހަރު ދުވަހުގެ މުއްދަތު ނުހިމަނައި، ބަޔާންވެދިޔަ އެއްބަސްވުމުގެ ޖުމްލަ މުއްދަތުކަމުގައިވާ 15 އަހަރު ހަމަވާ ތާރީޚަކީ 01 އޮގަސްޓު 1999 އިން ފެށިގެން 31 ޖުލައި 2015 ގެ ނިޔަލަށްކަން އެނގެން އޮންނަކަމެވެ.
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ހ. އަވިހި ޢިމާރާތްކުރުމާއި ކުއްޔަށް ދިނުމާ ގުޅޭގޮތުން ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 31 ޖުލައި 2015 ކަން އެނގެން އޮންނައިރު، އެއާ ޚިލާފުގޮތަކަށް ބުނެވިދިޔަ މުއްދަތު ހަމަވާ ތާރީޚަކީ 24 މާރިޗު 2021 ކަމުގައި ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ހައިކޯޓުގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައިފައިވަނީ ރަނގަޅަށް ކަމުގައި ވީނަމަވެސް، އެ ޙުކުމުގައި ފާޠިމަތު ޙަލީމުގެ ދަޢުވާއަށް މައުޟޫޢީގޮތުން ފައިޞަލާކުރުމަކާ ނުލައި މައްސަލަ ނިންމާފައިވަނީ މަދަނީ އިޖްރާއާތުގެ އުޞޫލުތަކާ އެއްގޮތަށް ނޫންކަމާއި، މި މައްސަލާގައި ފާޠިމަޠު ޙަލީމުގެ ދަޢުވާގެ މައުޟޫޢަކީ ހ. އަވިހި ޢިމާރާތްކުރުމާއި ކުއްޔަށް ދިނުމާ ގުޅޭގޮތުން ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، އެ ޢިމާރާތުގައި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތިބިނަމަ ތިބި ބަޔަކު ނެރެ، އެތަން ހުސްކޮށް، އެ ޢިމާރާތް ފާޠިމަތު ޙަލީމްއާ ޙަވާލުކޮށްދިނުމުގެ އަމުރެއް ނެރެދިނުންކަން އެނގެން އޮންނައިރު، ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ ބުނެވިދިޔަ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަން ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2015/HC-A/242 ޤަޟިއްޔާގައި ޘާބިތުވާކަމަށް ފާހަގަކުރުމަށްފަހު، ފާޠިމަތު ޙަލީމުގެ ފަރާތުން އެދިފައިވާފަދަ އަމުރެއް ނެރެދިނުމަކާ ނުލައި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ މަދަނީ އިޖްރާއާތުގެ އުޞޫލުތަކާ އެއްގޮތަށް ނޫންކަމާ، އެހެންކަމުން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދު ގެ 44 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ފާޠިމަތު ޙަލީމްގެ ދަޢުވާގެ މައުޟޫޢުގެ މައްޗަށް ފައިޞިލާކުރަނިވި ނިޔާއެއް ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއިން ފާޠިމަތު ޙަލީމުގެ ދަޢުވާގައި އެދިފައިވާ އަމުރު ނެރެދިނުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންތައް އެ ގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނަ ހިނދު، އެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ހައިކޯޓުގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައިފައި އޮންނަ އޮތުމަށް ތާއީދުކުރުމާއެކު، ހ. އަވިހި ޢިމާރާތްކުރުމާއި ކުއްޔަށް ދިނުމާ ގުޅޭގޮތުން ފާޠިމަތު ޙަލީމްއާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު 31 އޮގަސްޓު 2000 ގެ އެއްބަސްވުމާއި، އެ އެއްބަސްވުމަށް އިޞްލާޙު ގެނެވުނު 09 ޖަނަވަރީ 2005 ގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު 31 ޖުލައި 2015 ގައި ނިމިފައިވާކަން އެނގެން އޮންނާތީ، އެ ތާރީޚަށްފަހު ހ. އަވިހި އޭކިޔާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތުގެ ބޭނުންކޮށް އިސްތިޣުލާލު ކުރުމުގެ ޙައްޤު ހ. އަވިހީގެ ވެރިފަރާތްކަމުގައިވާ ފާޠިމަތު ޙަލީމުގެ ރުހުމާ ނުލައި، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިގެން ނުވާތީ، މިއަދުން ފެށިގެން ގިނަވެގެން 30 ދުވަސްތެރޭގައި ހ. އަވިހީގައި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތިބިނަމަ ތިބި ބަޔަކު ނެރެ، އެތަން ހުސްކޮށް، އެ ޢިމާރާތް ފާޠިމަތު ޙަލީމްއާ ޙަވާލުކުރުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށް ޙުކުމްކޮށްފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.