ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/02ސުޕްރީމް ކޯޓު · 21 އޮކްޓޫބަރު 2020

—

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 21 އޮކްޓޫބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2017/SC-A/02

އިސްތިއުނާފު ކުރާ ފަރާތް:

މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

އިސްތިއުނާފު ރައްދުވާ ފަރާތް:

މުޙައްމަދު ވަޙީދު

މޫސާ ވަޙީދު

މައްސަލައިގެ ބާވަތް:

ފައިސާ ހޯދުން

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

29 އޮގަސްޓް 2016ރަޖިސްޓްރީ ކުރެވުނު ތާރީޚު:

07 މާރޗް 2017ނިމުނު ތާރީޚު:

21 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2014/HC-A/263

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

18 ސެޕްޓެމްބަރ 2014ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

26 މެއި 2017ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/263 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-245/2001) (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މޫސާ ވަޙީދު އާއި މުޙައްމަދު ވަޙީދު (މީގެ ފަހުން ދެފަރާތް އެކުގައި "އިސްތިއުނާފު ރައްދުވާ ފަރާތްތައް") އަށެވެ. މި ޤަޟިއްޔާގައި ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އާއި މޫސާ ވަޙީދުއާ ދެމެދު ސޮއިކޮށްފައިވާ ފައިނޭންސް ލީސް އެގްރިމަންޓް (މީގެ ފަހުން "ފައިނޭންސް ލީސް އެގްރިމަންޓް") އަށް މުޙައްމަދު ވަޙީދު ޔަޤީންކަން ދީފައިވާކަން ޝަރީޢަތަށް ސާބިތުވާކަން ނުވަތަ ނޫންކަމެވެ.

އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް

މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އާއި މޫސާ ވަޙީދުއާ ދެމެދު "މިސްރާބު" ނަމަކަށް ކިޔާ ދޯންޏެއް ފައިނޭންސް ލީސިންގް އުސޫލުން ދޫކުރުމާބެހޭ ގޮތުން ދެފަރާތުގެ މެދުގައި 29 ޖޫން 2006 ގައި ސޮއި ކުރެވުނު ފައިނޭންސް ލީސް އެގްރިމަންޓާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، 10 ޖަނަވަރީ 2010 ވަނަ ދުވަހު އެގްރިމަންޓް ބާޠިލުކުރުމާ ހަމައަށް، ދައްކަންޖެހި ނުދައްކާވާ އެންމެހައި ފައިސާއާއި ޖޫރިމަނާ ފައިސާއާއި ލިކުއިޑޭޓެޑް ޑެމޭޖެސް އާއި ޤާނުނީ ވަކީލު ފީ އާއި ކޯޓު ފީއާއެކު ޖުމްލަ 1,702,135/98ރ. (އެއްމިލިއަން ހަތްލައްކަ ދެހާސް އެއްސަތޭކަ ތިރީސް ފަސް ރުފިޔާ ނުވަދިހަ އަށްލާރި) ހޯދުމަށް އެދި މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީގެ ފަރާތުން މޫސާ ވަޙީދު އާއި މި މުޢާމަލާތަށް ޔަޤީންކަންދީފައިވާ މުޙައްމަދު ވަޙީދުގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ 1712/Cv-C/2010 ނަންބަރު ޤަޟިއްޔާއިންނެވެ.

މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ، "މިސްރާބު" ނަމަކަށް ކިޔާ ދޯންޏަކީ މި ދައުވާގައި ތަދައްޚުލުވި ފަރާތެއް ކަމުގައިވާ އަޙްމަދު ޝަރީފު އަށް ނަގާދިން ދޯންޏެއްކަމުގައި މޫސާ ވަޙީދު ބުނެފައިވީނަމަވެސް، އެ މުޢާމަލަތަކީ މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އާއި މޫސާ ވަޙީދު އާއެކު ކޮށްފައިވާ މުޢާމަލާތެއް ކަމުގައިވާތީ، މި މުޢާމަލާތުގެ ޒިންމާ އަޙްމަދު ޝަރީފް ޖާމިނުކުރުމަށް އިންކާރުކުރާ ކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 1712/Cv-C/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ލީސް އެގްރިމަންޓް ބާޠިލުކުރުމާ ހަމައަށް، ދައްކަންޖެހި ނުދައްކާވާ އެންމެހައި ފައިސާއާއި ޖޫރިމަނާ ފައިސާއާއި ލިކުއިޑޭޓެޑް ޑެމޭޖެސް އާއި ޤާނޫނީ ވަކީލު ފީ އާއި ކޯޓު ފީއާއެކު ޖުމްލަ 1,702,135/98ރ. (އެއްމިލިއަން ހަތްލައްކަ ދެހާސް އެއްސަތޭކަ ތިރީސް ފަސްރުފިޔާ ނުވަދިހަ އަށްލާރި) މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އަށް މޫސާ ވަޙީދު ދައްކަންޖެހޭ ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ސާބިތުވާތީ، 20 އެޕްރީލް 2014 ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭ ވަރު މަދުވެގެން ކޯޓަށް ދައްކަމުންދިޔުމަށެވެ. އަދި މި މުޢާމަލާތައް މުޙައްމަދު ވަޙީދު ޔަޤީންކަން ދީފައިވާކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ހުށަހެޅިފައި ނެތުމުން، ދައުވާގައިވާ މުޢާމަލާތަށް މުޙައްމަދު ވަޙީދު ޔަޤީންކަން ދިންކަން ޝަރީޢަތަށް ސާބިތުނުވާ ކަމަށެވެ.

އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ކޯޓުގެ ނަންބަރު 1712/Cv-C/2010 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ދެ ފަރާތުގެ މެދުގައި ވެފައިވާ އެގްރިމަންޓަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާ އެއްގޮތަށް ލިޔުމުން ވެފައިވާ ސައްހަ އެގްރިމަންޓެއްކަން؛

ދައުވާގައި ބަޔާންކޮށްފައިވާ "މިސްރާބު" ދޯންޏަކީ އަޙްމަދު ޝަރީފަށް މޫސާ ވަޙީދު މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އިން ނަގާދީފައިވާ ދޯންޏެއްކަމުގައި ވިޔަސް، އަދި ދޯނިން މަންފާ ހާސިލުކުރީ އަޙްމަދު ޝަރީފު ކަމުގައިވިޔަސް، ބުނެވިދިޔަ މުޢާމަލާތުގެ ޒިންމާއަށް އަޙްމަދު ޝަރީފު ޖާމިނުކުރުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އިން އިންކާރު ކޮށްފައިވާތީ، އެފަދައިން އަޙްމަދު ޝަރީފް ޖާމިނުކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން؛

ދައުވާގައިވާ މުޢާމަލާތަށް މުޙައްމަދު ވަޙީދު ޔަޤީންކަން ދީފައިވާކަމާމެދު އިންކާރުކުރުމުން، އެފަދައިން މުޙައްމަދު ވަޙީދު ޔަޤީންކަން ދީފައިވާކަން ސާބިތުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރި ހެކީންގެ ހެކިބަސް ނަގާފައިވާ ހިނދު، އެ މީހުންގެ ބަހުން މި މައްސަލައިގައި ބަޔާންކުރާ މުޢާމަލާތާ ގުޅިގެން ގެރެންޓީ ދިނުމުގެ ގޮތުން މުޙައްމަދު ވަޙީދު ސޮއިކޮށްފައިވާކަން އެނގެން ނެތްކަމާއި، މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އިން ބުނާ ބުނުން ފިޔަވައި، މުޙައްމަދު ވަޙީދު އެ މުޢާމަލާތަށް ޔަޤީންކަން ދީފައިވާކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް ހުށަހަޅާފައި ނުވާކަން؛ އަދި

އެއްބަސްވުމުގެ ދަށުން މޫސާ ވަޙީދު، މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއާއި، އެގްރިމަންޓާ ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖެސް އާއި، ޤާނޫނީ ވަކީލު ފީއަކީ ލީސް އެގްރިމަންޓުގެ 16، 17 އަދި 18 ވަނަ މާއްދާގެ ދަށުންނާއި، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއިން ނަގައިދެވިދާނެ ފައިސާކަން.

އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު1712/Cv-C/2010 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/263 ޤަޟިއްޔާއިން ބަލާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/263 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1712/Cv-C/2010 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑަޅައި، އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/263 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

8 ޖޫން 2006 ގައި ވެވުނު ފައިނޭންސް ލީސް އެގްރިމަންޓަށް ގެރެންޓީ ދިނުމުގެ ގޮތުން ސޮއިކުރީ މުޙައްމަދު ވަޙީދުކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާވަރުގެ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އިން ހުށަހަޅާފައި ނުވާކަން؛

ކަމެއްގެ ޙަޤީގަތާ ގުޅޭގޮތުން ހެކިވެރިޔަކު ޝަރީޢަތުގެ މަޖިލީހަކަށް ދިނުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ހެކިވެރިޔެއްގެ ކިބައިން ޝަރީޢަތުގެ މަޖިލީހަކަށް ބޭނުންކުރާ ކޮންމެ ބަޔާނަކީ ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެއް ކަމުގައި، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އަދި ބުނެވިދިޔަ ޤާނޫނުގެ 05 ވަނަ މާއްދާގައި "ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލެވޭނީ ހަމަ އެ ލިޔުމެއްކަމުގައި" ބަޔާންކޮށްފައިވާކަމާއި، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ މުޠަލަޤު ބާރު އެއަށް ލިބިފައިވާ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ވަސީލަތެއް ނުވަތަ އެފަދަ ލިޔުމަކީ ޙަޤީޤަތާ ޚިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެ ނޫން އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާ ހިނދަކު އޭގެ ޙުއްޖިއްޔަތު ވެއްޓިގެންނުދާނެ ލިޔުމެއްކަމާއި، އަދި ހަމަ އެހެންމެ ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ ވަސީލަތްކުގެ ތެރެއިން ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކާއި ޝަފަހީ (އޯރަލް) ހެއްކާއި މި ދެ ވަސީލަތުގެ ތެރެއިން، ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަކަށްވުރެ، ސާބިތުވުމުގެ ބާރުގެ ޙައިޘިއްޔަތުން ބަލި ވަސީލަތެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 (އިބްރާހިމް ޝިޔާރު ވ ޢަބްދުﷲ ވަހީދު) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ (ކ) ގައި ފާހަގަކޮށްފައިވާކަން؛ އަދި

ޔަޤީނީ ޢިލްމު ހާސިލުކުރެވޭ ގޮތަށް ފެންނަން ހުންނަ ޤާނޫނީ ޙުއްޖަތްތައް ބާޠިލްވެގެންދާނީ އެފަދަ ޔަޤީނީ ޙުއްޖަތަކުން ކަމަށްވާއިރު، ލީސް އެގްރިމަންޓުގައި ގެރެންޓީ ދޭ ފަރާތެއްގެ ގޮތުގައި މުޙައްމަދު ވަޙީދު ގެ ނަން އޮތްނަމަވެސް، އެ ފަރާތުން އަކަމަށް އިންކާރުކޮށްފައިވާކަމާއި، އަދި އެއްބަސްވުމުގެ ސޮއިކުރި ހެކިންގެ ހެކިބަހުންވެސް އެކަން ސާބިތުނުވާއިރު، މި މުޢާމަލާތަށް މުޙައްމަދު ވަޙީދު ގެރެންޓީދިންކަން މަދަނީ މިންގަނޑުން ސާބިތުކުރެވޭ ވަރުގެ ހަރުދަނާ ސާބިތުހެއްކެއް އަދި ޤަރީނާއެއްވެސް ހުށަހަޅާފައިނުވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/263 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 1 (އެކެއް) ނުކުތާއެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސިވިލް ކޯޓުންވެސް މައްސަލަ ނިންމުމުގައި ދައުވާގައިވާ މުޢާމަލާތަށް މުޙައްމަދު ވަޙީދު ޔަޤީންކަން ދިންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ސާބިތުނުވާކަމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17(އިބްރާހިމް ޝިޔާރު ވ ޢަބްދުﷲ ވަހީދު) ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމާ ޚިލާފަށް ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/263 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އިން ހުށަހަޅާފައިވާ ސަބަބަށް ރައްދުދިނުމުގެ ގޮތުން މޫސާ ވަޙީދު އާއި މުޙައްމަދު ވަޙީދުގެ ފަރާތުން ވެސް 01 (އެކެއް) ނުކުތާ ފާހަގަކޮށްފައިވެއެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/263 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 (އިބްރާހިމް ޝިޔާރު ވ ޢަބްދުﷲ ވަހީދު) ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތަށްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ހެއްކާބެހޭ ޤާނޫނު ތަޠުބީޤު ކޮށްފައިވާގޮތް ރަނގަޅު ނުވުން

ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި، ދައުވާގައިވާ މުޢާމަލާތަށް މުޙައްމަދު ވަޙީދު ޔަޤީންކަން ދިންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ސާބިތުނުވާކަމަށް ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ކަންކަމެވެ.

ފައިނޭންސް ލީސް އެގްރިމަންޓްގައި ބަޔާންކުރާ މުޢާމަލާތަށް މުޙައްމަދު ވަޙީދު ގެރެންޓީ ދީފައިވާކަން ބުއްދި ސަލާމަތުން ހުރި މީހަކަށް ޤަބޫލުކުރެވޭ ހެއްކާއި ޤަރީނާ ހުށަހަޅާފައިވާއިރު، އެ ހެކިތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައި ނުވާ ކަމަށާއި، ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަން؛ އަދި

މުޙައްމަދު ވަޙީދުގެ ފަރާތުން ކޮށްފައިވާ ސޮޔަށް އެފަރާތުން އިންކާރު ކުރުމުން، އެކަމުގެ ޙަޤީޤަތް ދެނެގަތުމުގެ ގޮތުން، މުޙައްމަދު ވަޙީދު ކޮށްފައިވާ ސޮއިގެ ސައްހަކަން ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާއި، ޚަބީރެއްގެ ބަސް ހޯދުމަށް އެދިފައިވާނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދައިން ޢަމަލުކޮށްފައި ނުވާކަން.

ދިވެހިރާއްޖޭގެ ހައިކޯޓުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާފައި ނުވާ ކަމަށާއި، އެ ކޯޓުން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އިން ބުނުމުގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވަނީ ކޮން ހެއްކަކަށްކަން، ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ގޯސްކޮށް ޢަމަލުކޮށްފައިވަނީ ކިހިނަކުންކަން އެ ކުންފުނިން ބަޔާންކޮށްފައި ނުވެއެވެ. ކޯޓެއްގައި ވަކި ކަމެއް އޮތީ ހަމަ މަގުން ނޫންކަމުގައި ބުނާނަމަ، އެކަން ކުރަންވާނީ ޤާނޫނަށް ނުވަތަ ޤާނޫނީ އުސޫލުތަކަށް ޙަވާލާދީއެވެ. އަދި ކުރިން ނިންމާފައިވާ ނިންމުމުގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަމާއި، ދަފްޢު ނުވަތަ ޤާނޫނީ ނުކުތާ ނަގާ ފަރާތުން ބަޔާންކުރާ ގޮތް އޭގައި ކަމުދަނީ، ނުވަތަ އެގޮތަށް އެކަން މާނަކުރުން ބޮޑަށް އެކަށީގެންވަނީ ކީއްވެގެންކަން ބަޔާންކޮށްދޭން ވާނެއެވެ.

މުޙައްމަދު ވަޙީދުގެ ފަރާތުން ސޮއި ކުރިކަމާމެދު އިންކާރު ކުރުމުންވެސް ޚަބީރެއްގެ ބަސް ހޯދާފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ތަކުރާރުކޮށް ބުނަމުން ގޮސްފައިވާކަން ލިޔެކިޔުމުން ފެންނަން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިގެން، މުޙައްމަދު ވަޙީދުގެ ސޮއިގެ ތަހުލީލެއް ކޮށް، އެ ތަހުލީލާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޮނުވި އެ ސަރވިސްގެ ނަންބަރު H1(f)/DER/2019/039 (6 ނޮވެންބަރު 2019) "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓު" މައްސަލައިގެ ޚަސްމުންނާއި ހިއްސާކޮށް އެފަރާތުގެ ބަހެއް އެ ރިޕޯޓާއި ގުޅިގެން ހޯދުނެވެ. ބަޔާންކުރެވުނު ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، އެ ސަރވިސްއަށް ހުށަހެޅިފައިވާ ސޮއިގެ ސާމްޕަލްތަކުގެ އަލީގައި "ކޮންކްލޫސިވް އޮޕީނިއަންއެއް" ދެވެން ނެތްކަމަށެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ހަމަތައް

ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކަމެއް ސާބިތުކުރުމުގައި ވަރުގަދަވާނީ ޝަފަހީ ހެއްކަށްވުރެ ކިތާބީ ހެކިކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 (އިބްރާހިމް ޝިޔާރު ވ ޢަބްދުﷲ ވަހީދު) ޤަޟިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މުޙައްމަދު ވަޙީދު ސޮއިކޮށްފައިވާ ލިޔުމަށް އަދި މުޙައްމަދު ވަޙީދުގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީއަށް ފޮނުވާފައިވާ ސިޓީއަށް ބުރަދަން ދިނުމަކާއި ނުލައި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމެވީ އުސޫލާ ޚިލާފަށް ކަމަށް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީއިން ބުނެއެވެ.

ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ އިބާރާތް އޮންނަނީ އަންނަނިވި ގޮތަށެވެ.

"ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުމެއް ނެތުނީ ގަބޫލުކުރެވޭ ފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތުވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ގަބޫލު ކުރެވޭނެއެވެ."

ހުށަހެޅިފައިވާ މައްސަލައަކީ ފައިނޭންސް ލީސިންގް ގެ މުޢާމަލާތެއްގެ ދަށުން ނަގާފައިވާ މުދަލަކާބެހޭ މުޢާމަލާތެއް ކަމުގައިވެފައި، މައްސަލައިގައި ހުސޫމާތް އުފެދިފައިވަނީ ބުނެވުނު މުޢާމަލާތަށް ގެރެންޓީ ދިން ފަރާތުން ގެރެންޓީ ދިންކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަމުގައިވާއިރު، މިއީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނާފަދަ ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމަކާއި ގުޅޭ މުޢާމަލާތެއްކަން ނުވަތަ ނޫންކަން ބަލާއިރު، ޤާނޫނުން ނުވަތަ ޝަރީޢަތުގެ ފަރާތުންވެސް، ފައިނޭންސް ލީސިންގް މުޢާމަލާތްތަކުގައި ގެރެންޓީދޭ ލިޔުމެއް އޮތުން ލާޒިމު ނުކުރާކަން ފާހަގަކުރަމެވެ.

ލިޔުމުގައި ސޮއިކޮށްފައިވާކަން ސާބިތުކުރުން

ބަހުސްގެ ބޭނުމަށްޓަކައި، އެ ލިޔުމަކީ ޤާނޫނުން ނުވަތަ ޝަރީޢަތުގެ ފަރާތުން ލިޔުމުން އޮތުން ލާޒިމުކުރާ ލިޔުމެއް ކަމުގައި ބެލިނަމަވެސް، އެ ލިޔުމަކީ ސައްހަ ލިޔުމެއްކަމުގައި ބަލާނީ އެ ލިޔުމުގައި ސޮއިކުރި ފަރާތުން ލިޔުމުގައި ސޮއިކުރިކަމަށް އިންކާރު ނުކުރާނަމައެވެ. އެފަދަ ޙާލަތެއްގައި، އެ ލިޔުމުގައި ހިމެނިފައިވާ ބަޔާންތަކާއި ވާގިއާ ތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު، ސައްހަ ބަޔާންތަކާއި ވާގިއާތަކެއް ކަމުގައި ބެލެވޭނެއެވެ.

އެހެންނަމަވެސް، އަމިއްލަ ޑޮކިއުމަންޓެއްގެ ސޮޔާ މެދު ނުވަތަ އެ ލިޔުމުގެ ސައްޙަކަމާމެދު މައްސަލައިގެ އަނެއް ފަރާތުން އިންކާރުކޮށްފިނަމަ، އެ ކަންކަން ދެން ސާބިތުކުރެވޭނީ އެ ކަންކަން ސާބިތުކުރުމަށް އާއްމު އުސޫލުން ހެކި ހުށަހަޅައިގެންނެވެ. އަދި މިގޮތުން، ލިޔުމެއްގެ ސައްހަކަމާމެދު ލިޔުން ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން އިންކާރުކޮށްފިނަމަ އެ ލިޔުމުގެ ސައްހަކަން ސާބިތުކޮށް ދިނުމަކީ އެ ލިޔުން ހުށަހެޅި ފަރާތުގެ ޒިންމާއެކެވެ.

ފައިނޭންސް ލީސިންގް މުޢާމަލާތަށް މުޙައްމަދު ވަޙީދުގެ ފަރާތުން ގެރެންޓީ ދީފައިވާކަން ސާބިތުކުރުމުގެ ގޮތުން މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

ގެރެންޓީދިން ލިޔުމުގައި ހެއްކެއްގެ ހައިސިއްޔަތުން ސޮއިކޮށްފައިވާ އަޙްމަދު ޝަރީފު ސިވިލް ކޯޓުގެ ނަންބަރު 1712/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ:

"... ގެރެންޓަރެއްގެ ގޮތުން އެ ލިޔުމުގައި ސޮއިކުރުމަށް ނަން ޖަހާފައިވާ ފަރާތަކީ، ޝަރީޢަތުގެ މަޖިލީހުގައި މިހުންނެވި މުޙައްމަދު ވަޙީދު ނަމަވެސް، އަޅުގަނޑު އެ ލިޔުމުގައި ސޮއިކުރިއިރު މުޙައްމަދު ވަޙީދު އެ މަޖިލީހަކު ނެތެވެ. މުޙައްމަދު ވަޙީދުގެ ނަން ޖަހާފައި އޮތް ތަނުގައި ސޮއިކޮށްގެން އައުމަށް މޫސާ ވަޙީދު އަތަށް އެ ލިޔުން ދިނުމުން އެ ލިޔުން އޭނާ ހިފައިގެން ގޮސް އައީ، އޭގެ އެކެއް ނުވަތަ ދޭއް ދުވަސް ފަހުންނެވެ. މުޙައްމަދު ވަޙީދުގެ ނަން އޮތްތަނުގައި ވަނީ ސޮއިކޮށްފައެވެ. ނަމަވެސް އަޅުގަނޑެއް ނުދެކެން މުޙައްމަދު ވަޙީދު އެ ލިޔުމުގައި ސޮއިކުރިތަނެއް، އަދި އޭގައިވާ ސޮޔަކީ މުޙައްމަދު ވަޙީދުގެ ސޮއެއްކަމެއް އަދި ނޫންކަމެއްވެސް އަޅުގަނޑަކަށް ދަންނަވާކަށް ނޭގެއެވެ."

ގެރެންޓީދިން ލިޔުމުގައި ހެއްކެއްގެ ހައިސިއްޔަތުން ސޮއިކޮށްފައިވާ މއ. ސެކަންޑްޕްލޭސް މުޙައްމަދު ޣިޔާޡް ސިވިލް ކޯޓުގެ ނަންބަރު 1712/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ:

"... މި މުޢަމަލާތް ހިނގާފައިވާކަން އަޅުގަނޑަށް އެނގޭ ގޮތަކީ މިކަން އަޅުގަނޑުގެ ކުރިމަތީގައި ހިނގާފައިވާތީއެވެ. އެ މުޢާމަލާތް ހިނގިއިރު މޫސާ ވަޙީދުގެ ގެރެންޓަރެއްގެ ގޮތުން ލިޔުންތަކުގައި ސޮއިކުރީ ކާކުކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަދި އަޅުގަނޑު ހަނދާނެއްވެސް ނެތެވެ. ޝަރީޢަތުގެ މަޖިލީހުގައި މިތިބަ މީހުންގެ ތެރޭގައި އެމީހަކު ނުހިމެނެއެވެ. ކުންފުނީގެ ވަރަށް ގިނަ މުޢާމަލާތްތައް ހިނގާތީ މޫސާ ވަޙީދުއާއެކީ ހިނގި މުޢާމަލާތުގައި ގެރެންޓަރެއް ހުރިކަމެއް އަދި ނެތްކަމެއްވެސް އަޅުގަނޑަކަށް ނޭގެއެވެ."

މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީން ހުށަހެޅި އިސްވެ ބަޔާންކުރެވުނު ހެކީންގެ ހެކިބަހުން މުޙައްމަދު ވަޙީދު ގެރެންޓަރެއްގެ ހައިސިއްޔަތުން ސޮއިކޮށްފައިވާކަން ސާބިތުނުވާ ކަމުގައި ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްކަމުގައި އަހުރެން ދެކެމެވެ.

މީގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓު" ގައި އެ ސަރވިސްއަށް ހުށަހެޅިފައިވާ މުޙައްމަދު ވަޙީދުގެ ސޮއިގެ ސާމްޕަލްތަކުގެ އަލީގައި މުޢާމަލާތަށް ގެރެންޓީ ދިންކަމުގެ ލިޔުމުގައި ސޮއިކޮށްފައިވަނީ މުޙައްމަދު ވަޙީދުކަން ބަޔާންކުރުމުގެ ގޮތުން "ކޮންކްލޫސިވް އޮޕީނިއަންއެއް" ދެވެން ނެތްކަމުގައި ބަޔާންކޮށްފައިވާތީ، އެ ތަހުލީލުގެ ނަތީޖާ އިންވެސް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީއަށް މަންފާއެއް ލިބިދެވެން ނެތެވެ.

މިހެންކަމާއެކު، މައްސަލައިގައި ބަޔާންކުރާ މުޢާމަލާތަށް މުޙައްމަދު ވަޙީދު ގެރެންޓީ ދިންކަމުގައި ބުނެ ލިޔުން ހުށަހަޅާ ފަރާތަކީ މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ކަމުގައިވެފައި، އެ ލިޔުމުގައި ސޮއިކުރިކަމަށް މުޙައްމަދު ވަޙީދުގެ ފަރާތުން އިންކާރުކުރާތީއާއި، މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީގެ ފަރާތުން ސިވިލް ކޯޓުގައި ހުށަހެޅި ހެކިންގެ ބަހުން މުޙައްމަދު ވަޙީދު މުޢާމަލާތަށް ގެރެންޓީ ދިނުމުގެ ގޮތުން ސޮއިކޮށްފައިވާކަން ސާބިތުވާކަމުގައި ބެލެވޭނެ ބިނާއެއް ނެތަތީ، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓު" ގައި ގެރެންޓީ ދިން ލިޔުމުގައި ސޮއިކޮށްފައިވަނީ މުޙައްމަދު ވަޙީދުކަން ކަށަވަރުކޮށްދެވެން ނެތުމުން، މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ އާއި މޫސާ ވަޙީދުއާ ދެމެދު "މިސްރާބު" ނަމަކަށް ކިޔާ ދޯނި ފައިނޭންސް ލީސިންގް އުސޫލުން ދޫކުރުމާބެހޭ ގޮތުން ކޮށްފައިވާ މުޢާމަލާތަށް މުޙައްމަދު ވަޙީދު ޔަޤީންކަން ދިންކަމަށް ސާބިތު ވާކަމަށް ނިންމާނެ ޝަރުޢީ އަދި ޤާނޫނީ ބިނާއެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/263 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ