—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2017/SC-C/17
ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް
ދަޢުވާ ލިބޭ ފަރާތް: -
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 03 ޖުލައި 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 06 ޖުލައި 2017
ނިމުނު ތާރީޚް: 13 ޖުލައި 2017
މައްސަލަ ނިންމި ގަޑި: 18:13
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މައްސަލައިގެ ޚުލާޞާ
މިއީ، ވަކި ސިޔާސީ ފިކުރެއް ޤަބޫލުކޮށް އެ ފިކުރު ކުރިއެރުވުމުގެ ޔަޤީންކަން ރައްޔިތުންނަށް ދީ، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ނިސްބަތްވާ ދާއިރާ ތަމްޘީލުކުރުމުގެ ޢަހުދާއެކު ރައްޔިތުން ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ވިސްނުމަށް ތާއީދުކުރުމުގެ ގޮތުން ރައްޔިތުން ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކޮށްދިނުމުން، އެ ދާއިރާގެ ރައްޔިތުން ތަމްޘީލުކުރުމަށްޓަކައި އެ ދާއިރާއިން ތާއީދުކުރާ ސިޔާސީ ޕާޓީއެއްގެ ޕާލަމެންޓަރީ ގުރޫޕުގެ މެންބަރެއްގެ ޙައިޘިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ވަނުމަށްފަހު، ކެންޑިޑޭޓް އިންތިޚާބުކޮށްދިން ދާއިރާގެ ރައްޔިތުންގެ މެދުގައި އޮތް އިޖްތިމާޢީ ޢަޤުދު ނުވަތަ ސޯޝަލް ކޮންޓްރެކްޓަށް އިޙްތިރާމް ކުރުމެއްނެތި، އަދި އެ ފިކުރެއް ވިއްކައިގެން އިންތިޚާބު ކާމިޔާބުކުރި ސިޔާސީ ޕާޓީއެއްގެ ވިސްނުމާ ދުރަށްޖެހި، ރައްޔިތުންނަށާއި އަމިއްލަ ޕާޓީއަށް އޮޅުވާލާ މުޅިން އެހެން ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ފިކުރަކަށް ތަބާވުމަށް، ނުވަތަ ރައްޔިތުންގެ މަޖިލީހުގައިfloor-crossing އަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ މާނަކޮށްދީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންfloor-cross ކުރުމަކީ، ދިވެހިރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމުކުރުމަށާއި، ރާއްޖޭގެ ރައްޔިތުންގެ ދެމެހެއްޓެނިވި ލާބައާއި މަންފާ ލިބިގެންދާ ފަދަ ގޮތަކަށް ބައްޓަންކޮށް ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ އަމްނު ޢާންމަށާއި ސިޔާދަތަށް ނުރައްކާ ކުރިމަތިކުރުވާ ކަމެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދަގައި ބަޔާންކޮށްފައިވާ "ދުސްތޫރީ މައްސަލަ" މާނަކޮށްފައިވާ މާނަކުރުމަށް ރިޢާޔަތްކޮށް ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދަޢުވާލިބޭ ޚަޞްމަކާ ނުލައި، "އެކްސް ޕާޓޭ" (Ex parte) ކޮށް ހުށަހެޅުމުން ބެލިފައިވާ ދުސްތޫރީ މައްސަލައެކެވެ.
ބަޔާންވެދިޔަ މައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގެ ގޮތުގައި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛
ހ- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ދަށުން، ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ހަމަ ކޮންމެ ރައްޔިތަކަށް ލިބިދީފައިވާކަމަށާއި، އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، 18 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށްމެ އެ މީހަކު އިޚްތިޔާރުކުރާ ސިޔާސީ ޕާޓީއެއްގައި ބައިވެރިވުމުގެ ޙައްޤުގެ އިތުރުން، އެ ޕާޓީއެއްގެ ފިކުރު ކުރިއެރުވުމަށް ރައްޔިތުން އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށާއި، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުން ހޮވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މެންބަރުން ހިމެނޭ ހިނދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އެ ސިޔާސީ ފިކުރެއް ކުރިއެރުވުމަށް، ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަމާއި އިޚްތިޔާރާއެކު ރައްޔިތުންގެ ވޯޓު ދީގެން ހޮވާ ބައެއްކަން ސާފުކޮށް އެނގެން އޮންނަކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ށ- ދިވެހިރާއްޖެ ފަދަ މަލްޓި ޕާޓީ ޑިމޮކްރަސީގެ އުޞޫލުން ހިނގަމުންދާ ޤައުމެއްގައި ދައުލަތުގެ ކަންކަން ބައްޓަންވާންވާނީ ގިނަބައެއްގެ ފިކުރުތަކާއި ވިސްނުން ހިމެނޭގޮތަށްކަމަށްވެފައި، ތަފާތު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަންދޫބުން އެމީހުން ނިސްބަތްވާ ސިޔާސީ ޕާޓީތަކާއި އަދި ވަކި ސިޔާސީ ފިކުރަށް ތާޢީދުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރުމަށްޓަކައި ކެންޑިޑޭޓުންނަށް ވޯޓު ދީ، އިންތިޚާބު ކާމިޔާބު ކޮށްދިން ފަރާތްތައް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ ސިޔާސީ ވިސްނުމަށާއި ފިކުރަށާއި އަދި އެމީހުންގެ އުއްމީދުތަކަށް އިޚްތިރާމުކޮށް، އެ ދެފަރާތް ދެމެދުގައި ޤާއިމްވެފައިވާ އިޖުތިމާއީ އަޤުދު ނުވަތަ ސޯޝަލް ކޮންޓްރެކްޓަށް ރައްކާތެރިވުންމަތީ ދެމިތިބުމަކީ، އެ މަންދޫބުންނާއި އެ މަންދޫބުން އިންތިޚާބުކުރި ދާއިރާތަކާއި އަދި އެ ސިޔާސީ ފިކުރަށް ތާޢީދު ކުރުމުގެ ގޮތުން ކެންޑިޑޭޓުންނަށް އެކިއެކި ދާއިރާތަކުން ވޯޓުދޭ ފިކުރު ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މަންދޫބުންގެ މައްޗަށް ލާޒިމު ވެގެންވާ ކަމެއްކަމަށް ޤަބޫލުކުރެވޭކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ނ- ހަރުދަނާ ގޮތެއްގައި މަލްޓި ޕާޓީ ޑިމޮކްރަސީ ހިންގުމަށާއި، ޤާނޫނާއި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުމަށާއި، ހުރިހާ ޙާލަތެއްގައިވެސް ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަސްލަޙަތަށް އިސްކަން ދިނުމަށާއި، އުޞޫލުތަކަށް އިޙްތިރާމް ކުރުމުގެ ރޫޙު ރާއްޖޭގައި އަށަގެންނެވުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާތީ އާއި، ވަކި ސިޔާސީ ފިކުރެއް ޤަބޫލުކޮށް، އެ ފިކުރު ރައްޔިތުންނަށް ވިއްކައިގެން ކެންޑިޑޭޓަކު ރައްޔިތުންގެ މަޖިލީހުގައި އޭނާ ނިސްބަތްވާ ދާއިރާ ތަމްސީލު ކުރުމުގެ އަހުދާއެކު އޭނަ ނިސްބަތްވާ ސިޔާސީ ޕާޓީގެ ވިސްނުމަށް ތާޢީދު ކުރުމުގެ ގޮތުން އިންތިޚާބު ކާމިޔާބުކޮށްދީ އެ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި، އެ ދާއިރާއިން ތާޢީދުކުރާ ސިޔާސީ ޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ވަނުމަށްފަހު، އެފަރާތް އިންތިޚާބުކޮށްދިން ދާއިރާގެ ރައްޔިތުންނާއި ދެމެދުގައި އޮތް އިޖްތިމާއީ އަޤުދު ނުވަތަ ސޯޝަލް ކޮންޓްރެކްޓަށް އިޙްތިރާމް ކުރުމެއްނެތި، އަދި އެ ފިކުރެއް ވިއްކައިންގެން އިންތިޚާބު ކާމިޔާބުކުރި ސިޔާސީ ޕާޓީއެއްގެ ވިސްނުމާއި ދުރަށްޖެހި، ރައްޔިތުންނަށާއި އަމިއްލަ ޕާޓީއަށް އޮޅުވައިލާ މުޅިން އެހެން ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ފިކުރަށް ތަބަޢުވުމަކީ ދިވެހިރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް ޤާޢިމް ކުރުމަށާއި، ރާއްޖޭގެ ރައްޔިތުންގެ ދެމެހެއްޓެނިވި ލާބައާ މަންފާ ލިބިގެންދާ ފަދަ ގޮތަކަށް ބައްޓަންކޮށް ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ އަމްނު ޢާންމަށާއި ސިޔާދަތަކަށް ނުރައްކަލެއް ކުރިމަތި ކުރުވާ ކަމެއްކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ރ- ރައްޔިރުންގެ މަންދޫބުން އިންތިޚާބުކުރާ ދާއިރާތަކާއި ދެމެދު އޮތް އަޤުދާ ޚިލާފުވުމަށްފަހު ރައްޔިތުންގެ މަޖިލީހުގައި މުޅިން އެހެން ފިކުރެއް ތަމްސީލު ކުރެވޭފަދަ ގޮތަކަށް ހަމަޖެހިފާ އޮންނަނަމަ އެކަމަކީ، އެކިއެކި ފަރާތްތަކުގެ ނުފޫޒު ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ވަދެ، އަމިއްލައަށް ނުވަތަ އެހެން ފަރާތެއްގެ މަސްލަހަތަށް އިސްކަން ދިނުމެއް ނެތި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހަމައެކަނި ދިވެހި ޤައުމުގެ މަސްލަހަތަށް އިސްކަން ދިނުމުގެ އުޞޫލުގައި ދެމިތިބުމަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެއްކަމަށް ވާތީއާއި، އަދި އެއީ ދިވެހިރާއްޖޭގެ އަމްނު ޢާންމާއި މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަމިއްލަ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ސުލްވެރިކަމާއެކު ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރުމަށް އޮތް ހުރަހެއްކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ބ- ރައްޔިތުންގެ ކަންކަން ހިންގުމަށްޓަކައި، ރައްޔިތުން އިޚްތިޔާރުކުރާ ސިޔާސީ ފިކުރަކަށް ނިސްބަތްވާ އަދި އެ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލާ، ރައްޔިތުންގެ ވޯޓުން ހޮވާ މަންދޫބުން ފަހުން ސިޔާސީ ޕާޓީ ބަދަލުކުރުމަކީ، ރައްޔިތުން މަންދޫބުންނަށް ކުރި އިތުބާރުގެ އިތުރުން، ޕާޓީއަށް ކުރި އިތުބާރާއި މަންދޫބުން ހޮވި މަޤުޞަދު ގެއްލި، ރައްޔިތުންނަށް އޮޅުވާލައިގެން، ރައްޔިތުންގެ މަސްލަޙަތައްވުރެ މަންދޫބުންގެ އަމިއްލަ މަސްލަޙަތު ކުރިއެރުވުމަށް މަގުފަހިވާ ކަމެއްކަމަށާއި، އަދި އެކަމަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ޙައްޤު ނިގުޅައިގަނެވިގެންދާ ކަމެއްކަމަށް ވީހިނދު، އެފަދައިން ޢަމަލުކުރުމަށް ރައްޔިތުން ހޮވާ މަންދޫބުންނަށް ފުރުޞަތު ލިބިދީފައި އޮތުމަކީ، ޤާނޫނުއަސާސީން ޙައްޤު ކަށަވަރު ކޮށްދީފައިވާ މަޤުޞަދާއި ޚިލާފު ކަމެއްކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ޅ- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި، މި ބާރުތައް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިކަން ވަރަށް ޞަރީޙަ އިބާރާތުން ބަޔާންކޮށްފައި ވާހިނދު، ޤާނޫނުއަސާސީގެ މާއްދާތައް މާނަކުރުމުގައި ރައްޔިތުންނަށް ލިބިދީފައިވާ އެއްވެސް ބާރެއް ނެތިދާފަދަ ގޮތަކަށް ނުވަތަ ރައްޔިތުނަށް ލިބިދީފައިވާ ބާރުގެ ނާޖާއިޒު ފައިދާ އެއްވެސް ފަރާތަކަށް ނެގޭފަދަ ގޮތަކަށް ޤާނޫނުއަސާސީ މާނަކުރެވިގެން ދިޔުމަކީ، ޤާނޫނުއަސާސީގެ މަޤުޞަދު ނޫންކަން އެނގެން އޮންނަކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ކ- ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތް ކުރާއިރު، ރައްޔިތުންގެ ބާރު ކެނޑިގެން ނުދާނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި ޕާލަމަންޓުގެ މެންބަރުންގެ ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީ ބަދަލުކުރުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ floor-crossing ހަނިކޮށްފައިވާކަން ފާހަގަކުރެވޭކަމަށާއި، އެގޮތުން 1967 ވަނަ އަހަރުން ފެށިގެން 1971 ވަނަ އަހަރާ ދެމެދު އިންޑިޔާގެ ޕާލިމަންޓް މެންބަރުން ޕާޓީ ބަދަލުކުރާ މައްސަލައާ ގުޅިގެން އު ޤައުމުގައި އުފެދުނު ހަމަނުޖެހުންތައް ހައްލުކުރުމުގެ ގޮތުން، އިންޑިޔާގެ ޤާނޫނުއަސާސީއަށް ގެނެވުނު 52 ވަނަ އެމެންޑްމަންޓުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގައި floor-crossing އާގުޅޭ ވަކި އުޞޫލުތަކެއް ކަނޑައަޅައި، އިސްތިސްނާ ޙާލަތުގައި ފިޔަވައި އެހެން ޙާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގައިfloor-crossing ގެ ޙައްޤު ހަނިކޮށްފައިވާކަން އެނގެން އޮންނަކަމަށް ބުނެ ހުށަހެޅި ސަބަބާއި، މި ސަބަބުތަކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނު ތަކަށާއި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށާއި، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) އަށާއި، ދަޢުވާކުރާ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ތަފާތު ދުސްތޫރީ ނިޒާމްތަކުގައި 'ފްލޯރ-ކްރޮސިންގ' އާ ގުޅޭގޮތުން އިސްތިޤްރާރުވެފައިވާ އުޞޫލުތަކާއި، އެ ނިޒާމުތަކުގައި ތަންޒީމުކުރެވިފައިވާ "އެންޓި ޑިފެކްޝަން" ގާނޫނުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ޢާއްމު ރައްޔިތުން ވޯޓުދެނީ ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށްގެން އެ ކެންޑިޑޭޓަކު ވަކި ޕާޓީއަކަށް ނިސްބަތްވެގެން ކުރިމަތިލުމުން ކަމަށްވެފައި، އެ ވިސްނުމާއި ފިކުރުގައި ރައްޔިތުން ވޯޓުދީގެން އެ މީހަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމުން އެ މީހަކު ނިސްބަތްވާ ފިކުރު ދޫކޮށް އެހެން ފިކުރަކަށް ތާއީދުކޮށްފިނަމަ، ނުވަތަ އެ މީހަކު ނިސްބަތްވާ ޕާޓީގެ އުޞޫލުތަކާއި ޚިލާފަށް އެ މެންބަރަކު ޢަމަލުކުރުމުގެ ސަބަބުން އެ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިނަމަ، ރައްޔިތުން އެ މީހަކު ރައްޔިތުންގެ މަޖިލީހަށް ހޮވި މަޤުޞަދު ގެއްލިގެން ދާނެކަމަކަށާއި، ވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އަންނަނިވި ޙާލަތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ދައުލަތުން ދެކޭކަމަށާއި، އެއީ؛ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވުމާއި، މިކަންކަން ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.
(ށ) ދެވަނަ ކަމަކީ، މިޒަމާނުގެ ތަފާތު ދުސްތޫރީ ނިޒާމްތަކުގައި ދައުލަތުގެ އެންމެހައި ވެރިކަމުގެ ބާރުތަކަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އަދި ރައްޔިތުންގެ ކިބައިގައި ދެމިއޮންނަ ބާރުތަކެއްކަމާއި، މިޒަމާނުގެ ޑިމޮކްރަސީތަކުގައި ބުނެވިދިޔަ ބާރުތައް ހިންގަނީ އަސާސީ ގޮތެއްގައި "ރެޕްރެޒެންޓެޓިވް ޑިމޮކްރަސީ" ގެ އުޞޫލުން، ރައްޔިތުން ތަމްޘީލުކުރުމަށްޓަކައި ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ ރެޕްރެޒެންޓެޓިވުން ނުވަތަ މެންބަރުން މެދުވެރިކޮށްގެންކަމާ، ނަމަވެސް ބައެއް އިޚްތިޞާޞްތައް ހިންގުމުގައި "ކްއައިސައި ޑައިރެކްޓް ޑިމޮކްރަސީ" (Quasi Direct Democracy) ގެ އުޞޫލުން ސީދާ ރައްޔިތުންގެ ބައިވެރިވުމަކުން ނިންމަންޖެހޭ ކަންތައްތައް، އެކި ދުސްތޫރީ ނިޒާމްތަކުގައި އެކިފެންވަރަށް ތަންޒީމް ކުރެވިފައިވާކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައިވެސް އިސްވެދިޔަ އުޞޫލުތައް ޤާއިމުވެގެންވާކަން އެނގޭކަމާ؛ މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައެވެ." މިފަދައިން ބަޔާންކުރުމަށް ފަހު، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ލިބިގެންވާ ޙައްޤެއްކަން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި އިޚްތިޞާޞްތަކުގެ ތެރޭގައި ޝާމިލުވެގެންވާ ކަމެއްކަން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އިން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ދީމިޤްރާޠީ ނިޒާމު ޤާއިމުވެގެންވަނީ ގިނަ ސިޔާސީ ޕާޓީ އެކުލެވިގެންވާ ނިޒާމެއްގެ މައްޗައްކަމާއި، މިގޮތުން ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ އަސާސީ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްޞުން އެނގެން އޮންނަކަމާއި، ސިޔާސީ ޕާޓީއަކީ ޙަޤީޤަތުގައި ދީމިޤްރާޠީ އަދި ޤާނޫނީ (Legitimate) ވަސީލަތްތައް ބޭނުންކޮށްގެން ވެރިކަމާއި، ޢާންމު އިންތިޚާބުތައް ކާމިޔާބުކުރުމަށްޓަކައި އިއްތިޙާދުވެ، ވަކި ޚާއްޞަ ސިޔާސީ މެނިފެސްޓޯއެއް ތަންފީޒުކުރުމުގެ މަޤްޞަދުގައި، މަސައްކަތްކުރާ ޖަމާޢަތެއްކަން އެނގޭކަމާއި، މި މާނާގައި ދައުލަތުގެ ތަފާތު ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމާމެދު ރައްޔިތުންގެ ޢާންމު ރައުޔު، އޭގެ އެންމެ ފުރިހަމަގޮތުގައި ހޭލުންތެރި ކުރުވުމަށްޓަކާ ސިޔާސީ ޕާޓީތަކުގެ ދައުރަކީ މިޒަމާނުގެ ދީމިޤްރާޠީ ނިޒާމްތަކުގައި ޟަރޫރަތްތެރި ދައުރެއްކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގައި ދީފައިވާ ސިޔާސީ ޕާޓީގެ ތަޢާރަފަށް ބަލާއިރު، ސިޔާސީ ޕާޓީއަކީ، ރައްޔިތުންގެ ބަޔަކު، ރަޖިސްޓަރީވެފައިވާ ވަކި އައިޑެންޓިޓީއެއް އޮތް ބައެއްގެ ގޮތުގައި، އެބައިމީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަމުގައި، ޞުލްޙަވެރިކަމާއެކު، ދީމިޤްރާޠީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިޔާސީ މައިދާނުގަޔާއި ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެ، ބައިވެރިވެ އުޅުމަށާއި، ރައްޔިތުންގެ ވޯޓުން މީހަކު އިންތިޚާބުކުރުމަށް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބުނެފައިވާ އިންތިޚާބުތަކަށް، ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ކުރިމަތި ލެއްވުމަށާއި، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި، އެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތްކުރުމަށް ސިޔާސީ ޕާޓީގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުފައްދައި، ރަޖިސްޓަރީކޮށްގެން އެ ޤާނޫނާއި ރާއްޖޭގެ އެހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގާ ޖަމާޢަތެއްކަން ބުނެވިދިޔަ ސިޔާސީ ޕާޓީގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާ، އަދި ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ބޭނުން ނުވަތަ މަޤްޞަދުގެ ތެރޭގައި، ވެރިކަމުގެ ނިޒާމުގެ ތެރެއަށް ރައްޔިތުންގެ ބޭނުންތަކާއި ޝުޢޫރުތައް ވާޞިލުކުރެވޭނެ ގޮތް ހެދުމާއި، ރައްޔިތުންގެ ޚިޔާލާއި ފިކުރު މިނިވަންކަމާއެކު ބައްޓަންކުރުމަށް ޖާގަ ދިނުމާއި، ތަފާތު ވިސްނުންތަކަށް ސިޔާސި މައިދާނުގައި ޖާގަ ދިނުމާއި، ޚިޔާލު ތަފާތުވުމާއެކުވެސް އެކީ އެއްބައެއްގެ ގޮތުގައި ދިވެހި ޤައުމު ދެމި އޮތުމަށް ބާރު އެޅުމާއި، ޤައުމުގެ ސިޔާސީ ޙަޔާތުގައި ވީހައިވެސް ގިނަބަޔަކު ބައިވެރިވުމަށް ފުރުޞަތު ދިނުމާއ، ދައުލަތުގެ އެކިއެކި ކަންކަން ހިންގާނެ މީހުންނަށް ތަމްރީނާއި ތަޖްރިބާ ހޯދައި ދިނުމާއި، ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ވާދަކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ، އަދި ބަޔާންކުރެވުނު ކަންކަމުގައި ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތައް ގުޅުވައި ދިނުމާއި މިކަންކަން ޝާމިލުވެގެންވާކަން ސިޔާސީ ޕާޓީގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނަ ކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކުރަމުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ޞަރީޙަ ޢިބާރާތުގައި "މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީން ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށަވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި "އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ." މިފަދައިން ކަނޑައަޅައިފައިވާކަން އެނގެން އޮންނަކަމެވެ..
(ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭ ފަދަ ގިނަ ޕާޓީތައް އެކުލެވޭ އަސާސެއްގެ މަތިން ބިނާވެފައިވާ ސިޔާސީ ނިޒާމެއް ބައްޓަންވެގެންވާން ވާނީ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ މުޖްތަމަޢުގެ އަސާސީ ޤިޔަމުތައް (values) ޙިމާޔަތްކުރެވޭނޭ އުޞޫލަކުން، އަދި ސިޔާސީ ޕާޓީ އުފެއްދުމުގެ މަޤްޞަދާއި ޚިލާފު ނުވާނޭ ހަމަޔަކުން ކަމުގައިވާއިރު، ރައްޔިތުން ތަމްޘީލުކުރުމަށް އިންތިޚާބުކުރެވޭ މެންބަރުންނަކީ އެ މެންބަރުން އިންތިޚާބުކުރި ދާއިރާތަކުގެ ރައްޔިތުން އެ މެންބަރުން އިންތިޚާބުކޮށްފައިވާ އަސާސާއި ފިކުރަށް އިޙްތިރާމްކޮށް، އެ މެންބަރުންގެ ފަރްދީ އަދި ޒާތީ މަޞްލަޙަތު އެއްކިބާކޮށް، ރައްޔިތުންގެ ޢާންމު މަޞްލަޙަތަށް އިސްކަންދީ، އެ ދާއިރާތަކުގެ ރައްޔިތުން ތަމްޘީލުކުރުން މަތީގައި ދެމިތިބޭ ބަޔަކަށް ވުމަކީ ދުސްތޫރީ ގޮތުން އެ މެންބަރުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސަސީގެ 75 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު، ރައްޔިތުން އެ އަސާސެއްގެ މައްޗަށް އިންތިޚާބުކުރާ މެންބަރަކު ރައްޔިތުން އިންތިޚާބުކުރި އަސާސާއި ޚިލާފަށް އަމިއްލަ މަޞްލަޙަތު އިސްކޮށް ނުވަތަ އެހެން ފަރާތެއްގެ ނުފޫޒުގައި ޖެހި، ޢާންމު މަޞްލަޙަތާ ޚިލާފަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ބަދަލުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ސިފައެއް (basic feature) ކަމަށްވާ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ރައްޔިތުންގެ ސިޔާދަތަށް ކަނޑައެޅިގެން ހުރި ނުރައްކަލެއްކަމަށް ވުމުގެ އިތުރުން، އެއީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީ އޭގެ ޅަފަތުގައި ހަރުދަނާކޮށް ކުރިއެރުމަށް ކަނޑައެޅިގެން އޮތް ހުރަހަކަށްވެ، ދައުލަތުން ޤާއިމުކޮށްފައިވާ މަލްޓި ޕާޓީ ސިސްޓަމްގެ މަޤްޞަދާ ޚިލާފަށް، މާލީގޮތުންނާއި ސިޔާސީގޮތުން ނުފޫޒުގަދަ ބަޔަކު ބޭނުންގޮތަކަށް ސިޔާސީ މަސްރަޙު ބައްޓަންކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން އެނގެން އޮންނައިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލައި، އެ ޕާޓީގެ ސިޔާސީ މެނިފެސްޓޯ އާއި، އެ ޕާޓީގެ ސިޔާސީ ފިކުރު ކުރިއަރުވައި، އެ ފިކުރަށް އިޙްތިރާމުކުރުންމަތީ ދެމި ހުންނާނެ ކަމުގެ އަޙްދު ރައްޔިތުންނަށް ވުމުން، އެ އަސާސްގެ މައްޗަށް ރައްޔިތުން އިންތިޚާބު ކާމިޔާބު ކޮށްދޭ ޕާޓީއެއްގެ މެންބަރަކު، އެ މެންބަރަކު އެ ޕާޓީއެއްގެ ނަމުގައި އިންތިޚާބުވި ޕާޓީ، ތަފާތު ނޭދެވޭ ނުފޫޒުގައި ޖެހިގެން ބަދަލުކުރުމަކީ މިޒަމާނުގެ ޑިމޮކްރަސީތަކުގައި ބަލައިގަންނަ ޕްރެކްޓިސްއެއް ނޫންކަމާއި، އެފަދަ "ފްލޯރ ކްރޮސިންގ" (floor-crossing) ޕްރެކްޓިސްތައް މަނާކޮށް ހުއްޓުވުމަށް ޓަކައި، ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ތަފާތު ދުސްތޫރީ އަދި ތަޝްރީޢީ ޙައްލުތައް ޤާއިމުކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، "ފްލޯރ ކްރޮސިންގ" ގެ ދެ މަފްހޫމެއްވާ ކަމާއި؛ އެއް މަފްހޫމަކީ ޕާރލަމެންޓުގެ މެންބަރަކު ނިސްބަތްވާ ޕާޓީގެ ފިކުރާއި ސިޔާސަތާ ޚިލާފަށް މަޖިލީހުގައި ވޯޓު ދިނުންކަމާއި، މިއީ އޭގެ ޒާތުގައި (ipso facto) އެ މެންބަރަކުގެ މެންބަރުކަން ގެއްލޭ ކަމެއް ނޫންކަމާއި، ނަމަވެސް، އެ މެންބަރަކާ މެދު އެކި ފެންވަރުގެ ތައުދީބީ ފިޔަވަޅު އެޅުމަކީ އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ ސިޔާސަތުގެ ތެރެއިން ތަންޒީމުކުރެވިދާނެ ކަމެއްކަން، މިޒަމާނުގެ ތަފާތު ސިޔާސީ ޕާޓީތައް ހިންގާ އަސާސީ ޤަވާޢިދުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ، "ފްލޯރ ކްރޮސިންގ" ގެ ދެވަނަ މަފްހޫމަކީ ވަކި ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ޕާރލަމެންޓަށް މެންބަރަކު ހޮވުމަށް ފަހު، އޭނާގެ މެންބަރުކަމުގެ މުއްދަތުގެ ތެރޭގައި އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ ދޫކޮށްލުން ކަމާއި، މި މަފްހޫމުގެ ދަށުން "ފްލޯރ ކްރޮސިންގ" އަކީ މިޒަމާނުގެ ދުސްތޫރީ ނިޒާމުތައް ބަލައިގަންނަ ކަމެއް ނޫންކަން އެނގެން އޮންނަކަމާ؛ މިގޮތުން ރައްޔިތުން ޕާރލަމެންޓަށް މެންބަރަކު ހޮވުމުގައި ރިޢާޔަތްކުރި އަސާސް އެއީ އެ މެންބަރެއްގެ ނުވަތަ އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ ސިޔާސީ ފިކުރު ކަމަށް ވެފައި، އެ ފިކްރު ބަދަލުކޮށް އެ މެންބަރަކު ނިސްބަތްވާ ޕާޓީ ދޫކުރުން މަނާކުރުމަށްޓަކައި ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ދުސްތޫރީ އަދި ތަޝްރީޢީ ޙައްލުތައް ޤާއިމުކުރެވިފައިވާ ކަމާ، މިގޮތުން ބަލާއިރު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ބައެއް ސްޓޭޓުތަކުގެ ދުސްތޫރުތަކުގަޔާއި، އެ ނޫންވެސް މިޒަމާނުގެ ބައެއް ޑިމޮކްރަސީތަކުގައި ޤާއިމުކޮށްފައިވާ އިންތިޚާބީ ދާއިރާތަކުގެ ރައްޔިތުންނަށް ލިބިގެންވާ އެ ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރަކު އެ މެންބަރަކު އިންތިޚާބުކޮށްފައިވާ މަޖިލީހަކުން ވަކިކުރުމުގެ ޙައްޤު (revocation/recall) ނުވަތަ "ރިކޯލް" ގެ ނިޒާމުގެ ޙަޤީޤީ މަޤްޞަދަކީ ވަކި އިންތިޚާބީ ދާއިރާއަކުން ރައްޔިތުން އިންތިޚާބުކުރާ މެންބަރަކު، އިންތިޚާބުވުމަށް ފަހު ރައްޔިތުން އެ މެންބަރަކު އިންތިޚާބުކުރި އަސާސާއި ފިކުރުން އެއްކިބާވެ، ރައްޔިތުންގެ ލާބައާއި މަޞްލަޙަތަށް މަސައްކަތްކުރުމުގެ ބަދަލުގައި މާލީގޮތުން ނުފޫޒުގަދަ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތް ކުރާ މެންބަރަކަށް ބަދަލުވެގެން ދިއުމުން، ކަނޑައެޅޭ ދުސްތޫރީ އިޖްރާއާތެއްގެ ދަށުން އެ އިންތިޚާބީ ދާއިރާގެ ރައްޔިތުންނަށް އެ މެންބަރަކު ވަކިކުރުމުގެ ޙައްޤު ލިބިގެންވުން ކަމާ، އަދި މީގެ އިތުރުން ޕާރލަމެންޓުގެ މެންބަރަކު އެ މެންބަރަކު ނިސްބަތްވާ ޕާޓީ ދޫކުރުމަކީ، ފަސާދައިގެ ޢަމަލުތަކަށް މަގުފަހިވާ، އަދި ސިޔާސީ އިސްތިޤުރާރުކަން ގެއްލި، ޕާޓީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމަކަށްވާތީ އެކަން ހުއްޓުވުމަށްޓަކައި ތަފާތު ދުސްތޫރީ ނިޒާމުތަކުގައި ޕާޓީ ބަދަލުކުރާ ޕާރލަމެންޓް މެންބަރުންގެ މެންބަރުކަން ގެއްލިގެންދާނެ ޙާލަތްތަކާއި ޝަރްޠުތަކާއި އިޖްރާއާތުތައް ބަޔާންކޮށް "އެންޓި ޑިފެކްޝަން ލޯ" ގެ ނަމުގައި ޤާނޫނުތައް ހެދިފައިވާ ކަމާއި؛ މިގޮތުން ބަލާއިރު، ޕާރލަމެންޓްގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ އެ ފާޓީއަކުން ވަކިކޮށްފިނަމަ، އޭނާގެ މެންބަރުކަން ގެއްލޭގޮތަށް 1985 ގައި އިންޑިޔާގެ ޤާނޫނުއަސީސީއަށް ގެނެވުނު 52 ވަނަ އިޞްލާޙުގެ ދަށުން އިންޑިޔާގެ ޤާނޫނުއަސާސީއަށް އިތުރުކުރެވުނު 10 ވަނަ ޝެޑިއުލްގެ ޞައްޙަކަމާ މެދު އިންޑިޔާގެ ސުޕްރީމް ކޯޓުގައި ޠަޢުނުކުރެވުނު ޤަޟިއްޔާ (Kihoto Hollohan vs Zachillhu And Others) ގައި އެންޓި ޑިފެކްޝަން ލޯ ސައްޙަކަމަށް ކަނޑައެޅިފައިވާކަމާއި، އަދި ބުނެވިދިޔަ އިޞްލާޙު ހުށަހެޅުމުގެ މަޤްޞަދާއި ސަބަބުތަކުގެ ތެރޭގައި އިންޑިޔާގެ ފެޑެރަލް ޕާރލަމެންޓާއި ސްޓޭޓް އެސެމްބްލީތަކުގެ މެންބަރުން އެމެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރާ މައްސަލައަކީ ޤައުމީ ފެންވަރުގައި ކަންބޮޑުވުމާއި ބިރުވެރިކަން އުފެދިފައިވާ ކަމެއްކަމަށާއި، އެކަން ނުހުއްޓުވިއްޖެނަމަ އިންޑިޔާގެ ޑިމޮކްރަސީ އޭގެ މައްޗަށް ބިނާވެގެންވާ އަސާސްތަކާއި މަބްދައުތައް ބަލިކަށިވެދާނެކަމުގެ އިޙުތިމާލު އިންތިހާޔަށް ޤާއިމުވެގެންވާ ކަމުގައި ބަޔާންކޮށްފައި ވާކަމާއި، މީގެ އިތުރުން ސިންގަޕޫރާއި، ޕާކިސްތާނާއި، ސްރީލަންކާއާއި، ނޭޕާލާއި، ބަންގްލާދޭޝްއާއި، ސީޝެލްސް އާ، މިނޫންވެސް ޤައުމުތަކުގައި އެންޓި ޑިފެކްޝަން ޤާނޫނުތަކާއި "ފްލޯރ ކްރޮސިން" މަނާ ކުރާ އުޞޫލުތައް ޤާއިމުވެފައިވާ ކަމާއި، ހުޅަނގު ޔޫރަޕްގެ ގިނަ ޤައުމުތަކުގައި އެފަދަ ޤާނޫނުތައް ހެދިފައިނުވާ މައިގަނޑު ސަބަބަކީ އެ ޤައުމުތަކުގައި ރައްޔިތުން އިންތިޚާބުކުރާ މަޖިލިސްތަކުގެ މެންބަރުން އެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރުމަކީ ނާދިރު ޙާލަތެއްގައި މެނުވީ ހިނގާކަމަކަށް ނުވާތީ އެފަދަ ޤާނޫނުތައް ހެދުމުގެ ޟަރޫރަތްތެރިކަން އެ ޤައުމުތަކުގައި ނެތުމުންކަމާއި، ކުރިއަރާފައިވާ ހުޅަނގުގެ ގިނަ ޑިމޮކްރަސީތަކުގައި މެންބަރަކު ޕާރލަމެންޓަށް ހޮވުނު ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރަކު ޕާރލަމެންޓުން އިސްތިޢުފާ ދިނުމަކީ ޢާންމުކޮށް ހިނގާ ކަމެއްކަން ކުރިއަރާފައިވާ ޑިމޮކްރަސީތަކުގެ ޕާރލަމެންޓަރީ ޕްރެކްޓިސްތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
(އ) އަށްވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ އުޞޫލުތަކުގެ އަލީގައި، ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައިގައި ބަންޑާރަނައިބުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ޕާޓީ ނިޒާމުގެ ދަށުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީގެ ފިކުރާއި އައިޑިއޮލޮޖީ ތަމްޘީލުކުރާ މެނިފެސްޓޯއެއް އެ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ހުށަހަޅައި، އެރައްޔިތުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު، ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުގައި ޖެހި، ރައްޔިތުންނަށް އެ މެންބަރުން ވެފައިވާ ޢަހްދާ ޚިލާފަށް، އަދި އެ މެންބަރުން އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންގެ މަޞަލަޙަތުގެ މައްޗަށް ފަރްދީ އަދި ޒާތީ މަޞްލަޙަތު އިސްކޮށް އެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރަމުން އަންނަ "ޡާހިރާ" (phenomena) އަކީ، ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީގެ އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލި، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ އަސާސްތައް ބަލިކަށިވެ، ރައްޔިތުންގެ ސިޔާދަތަށް ނުރައްކާ ކުރިމަތި ކުރުވައި، ޤާނޫނުގެ ޙުކުމް ދައުލަތުގައި ނެގެހެއްޓުމަށް އޮތް ހުރަހެއްކަން ފާހަގަކުރެވިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރުމުގެ "ޡާހިރާ" އަކީ މިހާރުން މިހާރަށް ޤާނޫނީގޮތުން މަނާކުރެވެން ޖެހޭނެ "ޡާހިރާ" އެއްކަން ފާހަގަ ކުރެވެފައިވާކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މެންބަރަކު ނިސްބަތްވާ ޕާޓީ އިން ވަކިވުމުން، އެ މެންބަރެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ޤާނޫނީގޮތުން ވަކިވާނެކަމަށް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމު ކުރެވިދާނެ ކަމެއްކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިވުމުން، އެ މެންބަރަކުގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާގޮތަށް ކަނޑައެޅިގެން ދިއުމަކީ ޙަޤީޤަތުގައި އެ މެންބަރަކު ހޮވި ރައްޔިތުންނަށް އެ މެންބަރަކު ސިޔާސީގޮތުން ޖަވާބުދާރީ ކުރުވުމަށް ލިބޭ ފުރުޞަތެއްކަމާއި، މިގޮތުން އެ މެންބަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވުމުގެ ސަބަބުން އެ ގޮނޑިއަށް އަލުން މެންބަރަކު ހޮވުމަށް ބޭއްވޭ ބައި-އިލެކްޝަނުގައި އެ މެންބަރަކު އަލުން ހޮވުމާއި ނުހޮވުމުގެ އިޚްތިޔާރު އެ މެންބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ލިބިގެންވާކަން އެނގެން އޮންނަ އޮތުމެވެ.
(މ) ދިހަވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީ އެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ގޮތުގެ ޝަރްޠުތަކާއި އިޖްރާއާތުތައް ތަފްޞީލުކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތުމަކީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީ ޙިމާޔަތްކޮށް ކުރިއެރުވުމަށް ކޮންމެހެން ޝަރޫރަތްތެރި ކަމެއްކަމުގައި ވާއިރު، ދިވެހިރާއްޖޭގައި އިސްވެ ބަޔާންވެދިޔަ ފަދަ "އެންޓި ޑިފެކްޝަން" ޤާނޫނެއް ފާސްވެ އެއަށް ޢަމަލުކުރަން ފެށެންދެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިވާ ޙާލަތުގައި، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުންވެސް ވަކިވާނެކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން އެދިފައި އޮންނަ އޮތުމަށް ޤަޟާއީ ޙައްލެއް ދިނުމަކީ ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމުގައި ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
(ފ) އެގާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަމިއްލަ ވެރިކަންކުރާ ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް ކަމަށާއި އަދި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު ކަމަށާއި އަދި ހަމަ އެ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށާއި، އަދި ޤާނޫނުއަސާސީގެ 67 ވަނަ މާއްދާއިން ދިވެހި ދައުލަތުގެ ދީން ކަމުގައިވާ އިސްލާމްދީން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއްކަން އެނގެން އޮންނަ އޮތުމަށް ބަލައި ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމު ބިނާ ވެފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ މައްޗަށް ކަމާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، އަދި އެ ޤާނޫނުއަސާސީއަށް ޙިމާޔަތްތެރިކަމާއި ރައްކާތެރިކަން ގެނެސްދެނިވި މައިގަނޑު އަސާސަކީ، މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި އަޙްކާމްތައް ކަން އޮޅުމެއް ނެތް ގޮތުގައި ސާފުކޮށް އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށް ކަމަށާއި، ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނޭ ކަމަށް ކަނޑައެޅި ބަޔާންވެފައިވާކަން އެނގެން އޮންނަ އޮތުމަށާއި، މިއެންމެހައި ކަންކަމުގެ މައްޗަށް ވިސްނައި ރިޢާޔަތްކޮށް ދިވެހި ދައުލަތުގެ ބަންޑާރަނައިބު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މެޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ވިސްނުމާއި ފިކުރާއި އަދި އެ ޕާޓީގެ މެނިފެސްޓޯގައި ވާކަންކަމުގެ ދިފާޢުގައި ވަކާލާތުކޮށް އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީސް ތަމްޘީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިންތިޚާބު ވުމަށްފަހު އެ ޕާޓީ ދޫކޮށް އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމުގެ ސަބަބުން މުޅި ދައުލަތުގެ އަމްނު ޢާންމަށާއި ސިޔާދަތަށް ނުރައްކާ ކުރުވާ ކަމެއްކަމަށް ދައުލަތުގެ ބަންޑާރަނައިބު ބަޔާން ކޮށްފައިވާތީ، ބަންޑާރަނައިބު ހުށަހަޅާފައިވާ ކަންކަމަށާއި، މުޅި ދައުލަތުގެ ސިލްމާއި ސަލާމާއި، އަދި މުޅި ދައުލަތުގެ އަމާންކަމާއި ޞުލްޙަ މަސަލަސް ކަމާއި، އަދި މުޅި ދައުލަތުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި، 145 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާ އާއި، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާ އާއި، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ އާއި، އަދި ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ދަށުން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ޤާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 77 ވަނަ މާއްދާ ޢިބާރާތް ކުރެވިފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މި ދެ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެ ދެ މާއްދާގައި ބަޔާންކުރެވިފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށްފައި ވާއިރު، އެގޮތަށް އެ މާއްދާތަކުގައި އެ ޙާލަތްތައް ބަޔާންކޮށްފައިވަނީ ޙަޞްރުގެ (ހިމަނައި ޢަދަދުކުރުމުގެ) ޞީޢާއިން ނޫންކަމާއި، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި، 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އެނޫން އެއްވެސް ޙާލަތެއްގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު އެ މަޖިލީހުގެ މެންބަރުކަމުން ވަކި ނުވާނެކަމަށް މި ދެ މާއްދާގައި ޞަރީޙަ ޢިބާރާތަކުން ނުވަތަ ޟިމްނީ ޢިބާރާތަކުން ނަމަވެސް ބަޔާންވެފައި ނުވާކަން އެ ދެ މާއްދާއަށް ބެލުމުން އެނގޭ ކަމަށްޓަކައި، މި މައްސަލައަށް ހުށަހެޅިފައިވާ މި ޙާލަތުގައި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އިސްލާމީ ޝަރީޢަތަށް ރުޖޫޢަވެ، ދިވެހި ދައުލަތުގެ ބަންޑާރަނައިބު މި ދަޢުވާގައި ބަޔާންކޮށްފައިވާ ކަންކަމަށް ޙައްލު ހޯދުމުގެ ގޮތުން މި ޙާލަތުގައި އިސްލާމީ ޝަރީޢަތަށް ނަޒަރުކޮށް ބަލާއިރު، މުޅި މުޖްތަމަޢުގެ ޢާންމު މަޞްލަޙަތާއި، އަމްނު ޢާންމު އާއި، ރައްޔިތުންގެ ޞުލްޙަ މަސަލަސް ކަމާއި، އަދި މުޅި ދައުލަތުގެ ސިޔާދަތާއި މިނިވަންކަން ކަށަވަރުކޮށް ދިނުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ނައްޞުތަކަށާއި އަދި ޚާއްޞަކޮށް އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ "لا ضرر ولا ضرار" އާއި، "الضرر يزال" ފަދަ ފިޤުހީ ޤާއިދާތަކަށާއި، ބަޔާންކުރެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ވިސްނާއިރު، އިސްލާމީ ޝަރީޢަތުގެ ބަޔާންވެދިޔަ ފަދަ ފިޤުހީ ޤާއިދާތަކާއި، ޞުލްޙަ މަސަލަސްކަމާއި، އަމްނު އަމާންކަން ޤާއިމުކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ނައްޞުތަކުގެ މައްޗަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދެކެނީ މުޅި މުޖުތަމަޢުގެ ޙައްޤުގައި މި ޤަޟިއްޔާއަށް ދިވެހި ދައުލަތުގެ ބަންޑާރަނައިބު ހުށަހަޅާފައިވާ ކަންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙައްލު ދިނުމުގެ ދުސްތޫރީ ޝަރްޢިއްޔަތު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާކަމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލައި، އެ ޕާޓީގެ ސިޔާސީ މެނިފެސްޓޯ އާއި، އެ ޕާޓީގެ ސިޔާސީ ފިކުރު ކުރިއަރުވައި، އެ ފިކުރަށް އިޙްތިރާމުކުރުންމަތީ ދެމި ހުންނާނެ ކަމުގެ ޢަޙްދު ރައްޔިތުންނަށް ވުމުން، އެ އަސާސްގެ މައްޗަށް ރައްޔިތުން އިންތިޚާބު ކާމިޔާބު ކޮށްދޭ ޕާޓީއެއްގެ މެންބަރަކު، އެ މެންބަރަކު އެޕާޓީއެއްގެ ނަމުގައި އިންތިޚާބުވި ޕާޓީގެ ފިކުރު ދޫކޮށް އެހެން ފިކުރަކަށް ތާއީދުކޮށް އެ މެންބަރަކު ނިސްބަތްވާ ޕާޓީ ބަދަލު ކުރުމަކީ، ނުވަތަ އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ އުޞޫލުތަކާއި ޚިލާފަށް އެ މެންބަރަކު ޢަމަލުކުރުމުގެ ސަބަބުން އެ ޕާޓީއަކުން އެ މެމްބަރަކު ވަކި ކުރުމަކީ، އެ މެންބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުން އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރި މަޤުޞަދު ގެއްލިގެން ދާނެކަމަކަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީ އެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު އެ ޕާޓީގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީއިން ވަކިކުރުމުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެގޮތުގެ ޝަރްޠުތަކާއި އިޖްރާއާތުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ތަންޡީމު ކުރަންޖެހޭ ކަމަށް ކަނޑައަޅައި، އެފަދަ ޤާނޫނަކަށް ޢަމަލުކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީގެ މެމްބަރަކަށްވުމާއި، މި ތިން ޙާލަތުންކުރެ ޙާލަތެއް މި ޤަޟިއްޔާގައި ޙުކުމްކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅައި، މިގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވުމާ ގުޅިގެން ޤާނޫނުއަސާސީގެ 78 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތިން ބައި-އިލެކްޝަން ބާއްވަން ވާނެކަމަށް ކަނޑައެޅުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ މައްޗަށާއި، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާ އާއި، 145 ވަނަ މާއްދާގެ (ނ) ގެ މައްޗަށް ރިޢާޔަތްކޮށް، މިއަދު، މީލާދީ ސަނަތުން 2017 ވަނަ އަހަރު ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، މި ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކަށް ޢަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި، އިލެކްޝަންސް ކޮމިޝަނަށާއި، ދައުލަތުގެ މުއައްސަސާތަކަށާއި ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.