ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2018/SC-A/54ސުޕްރީމް ކޯޓު · 13 ޑިސެމްބަރު 2018

—

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 ޑިސެމްބަރު 2018ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2018/SC-A/54

ދަޢުވާކުރާ ފަރާތް: މުޙައްމަދު ނާޡިމް

ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 09 އޮކްޓޫބަރު 2018

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ނޮވެންބަރު 2018

ނިމުނު ތާރީޚް: 13 ޑިސެންބަރު 2018

މައްސަލަ ނިންމި ގަޑި: 21:12

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2015/HC-A/172

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 11 މެއި 2015

ނިމުނު ތާރީޚް: 15 މާރިޗު 2016

މައްސަލައިގެ ޚުލާޞާ:

މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާ އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-L/32 ފޯމުން މުޙައްމަދު ނާޡިމް ގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްދިނުމަށް އެދި އޭރު ހުށަހެޅުނު ކަންކަމާ ގުޅިގެން އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް، މުޙައްމަދު ނާޡިމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދަޢުވާކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.

މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

ފާހަގަކުރެވުނު ނުކުތާތައް:

ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން،18 ޖަނަވަރީ 2015 ވަނަ ދުވަހު 03:30 ހާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުންމާލެ މުޙައްމަދު ނާޡިމް ދިރިއުޅޭ މާލެ، ގ. އެނިފް އެވެ ކިޔާ ގޭގެ އަށްވަނަ ފަންގިފިލާގެ އެޕާޓްމަންޓް "ބީ" އަށް ވަދެ، އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، މުޙައްމަދު ނާޡިމް ނިދާ ކޮޓަރީގެ އެނދު ކައިރީގައި ހުރި ކަބަޑެއްގެ ވަތްގަނޑެއްގެ ތެރެއިން ފެނުނު ކަޅު ކުލައިގެ ދަބަހުގެ ތެރެއިން، ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާތީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 9 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ނާޡިމްގެ މައްޗަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން ބަލައި، ނިންމާފައިވާ ޤަޟިއްޔާއެއްކަމާއި،

ކްރިމިނަލް ކޯޓުން އެ ޤަޟިއްޔާ ނިންމާފައިވަނީ، 18 ޖަނަވަރީ 2015 ވަނަ ދުވަހުގެ 03:30 ހާއިރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން، ކޯޓު އަމުރެއްގެ ދަށުން މުޙައްމަދު ނާޡިމް ދިރިއުޅޭ ގޭގެ 08 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް "ބީ" އަށް ވަދެ، އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، މުޙައްމަދު ނާޡިމް ނިދާ ކޮޓަރީގެ އެނދު ކައިރީގައި ހުރި ކަބަޑެއްގެ ވަތްގަނޑުގެ ތެރެއިން ފެނުނު ކަޅު ކުލައިގެ ދަބަހުގެ ތެރެއިން، ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާކަން ދައުލަތުން ހުށަހެޅި ހެކިތަކާއި، ޤަރީނާތަކުން އެނގެން އޮންނާތީ ކަމަށާއި، އެތަކެތި ލިބުނުގޮތް މުޙައްމަދު ނާޡިމްގެ ފަރާތުން ސާބިތުކޮށްދެވިފައި ނުވާތީކަމަށް ބަޔާންކޮށް އެ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 9 ވަނަ މާއްދާއާ ޙަވާލާދީ، ދިވެހިރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުން މުޙައްމަދު ނާޡިމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުޙައްމަދު ނާޡިމް 11 (އެގާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެ ކޯޓުން އެ މައްސަލަ ބެލި ތިން ޤާޟީންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްގެންކަމާއި،

މި ކަންކަން ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު137/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު 137/Cr-C/2015 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ނާޡިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާ ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް މުޙައްމަދު ނާޡިމްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް އެ ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ މައްސަލަ އަލުން މުރާޖަޢާކޮށްދިނުމަށް އެދި މުޙައްމަދު ނާޡިމްގެ ފަރާތުން މައިގަނޑު 9 (ނުވަ) ސަބަބެއް ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:

ފުރަތަމަ ސަބަބަކީ، މުޙައްމަދު ނާޡިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާއިން ނިންމާފައިވަނިކޮށް، މައްސަލައިގެ އަސްލަށް އަސަރުފޯރާފަދަ އާ ހެކިތަކެއް ފެނިފައިވާކަމަށް ބުނެ ހުށަހެޅިފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތުން ކުށްކުރިކަމާމެދު ފާޅުވެގެންވާ ބޮޑެތި ޝައްކުތަކެއް ހުއްޓައި، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާގައާއި ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތުގެ ސިޔާސީ ޙަޔާތް ބަރުބާދުކޮށްލުމަށްޓަކައި، އަޙްމަދު އަދީބު އާއި، ޙުސައިން ވަޙީދު ގަސްދުގައި ރާވައިގެން މުޙައްމަދު ނާޡިމްގެ ކޮޓަރީގައި ފިސްތޯލައަކާއި ތިން ވަޒަން ބޭއްވިކަމަށް (ފްރޭމްކުރިކަމަށް) ޤަބޫލުކުރެވޭ ހެއްކާއި ޤަރީނާ ހުއްޓައި އެއަށް ރިޢާޔަތްނުކޮށް މުޙައްމަދު ނާޡިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/172 ޤަޟިއްޔާގައާއި ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 9 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަތަރުވަނަ ސަބަބަކީ، މުޙައްމަދު ނާޡިމްގެ ކޮޓަރިން ފެނުނުކަމަށް ބުނާ ފިސްތޯލަ އޮތް ކުޑަ ކަޅު ދަބަސް އޮތީ މުޙައްމަދު ނާޡިމްގެ ޙިޔާޒަތުގެ ދަށުގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ މީގެ ކުރިން ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ފަސްވަނަ ސަބަބަކީ، ދަޢުވާލިބޭ ފަރާތުން ހުށަހެޅި ހެކިން ހާޒިރުކޮށް ހެކިބަސްނަގާފައި ނުވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާގަ އާއި ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގެ ޙުކުމް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކާ ޚިލާފުކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަވަނަ ސަބަބަކީ، ފުލުހުން ހެކި ހޯދާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށްކަމަށްވާތީ، އެކަން ބަލައިދިނުމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގައި އެދުނު ނަމަވެސް އެކަން ބަލައިދީފައިނުވާތީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިންޞާފުވެރި ޝަރީޢަތަކުން މުޙައްމަދު ނާޡިމް މަޙުރޫމްވެފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަތްވަނަ ސަބަބަކީ، ދައުލަތުން މުޙައްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ޕްރޮސިކިއުޝަނުން ބޭނުންކޮށްފައިވަނީ މުޙައްމަދު ނާޡިމް ނިދާ ކޮޓަރިއަށް ބަލައި ފާސްކުރަން ވަދެފައިވާ ފުލުހުންގެ ހެކިބަސްކަމަށްވާއިރު، ޕްރޮސިކިއުޝަނުން އެ ހެކިންގެ ހެކިބަސް އެއްގޮތްކުރުމަށްޓަކައި ޕްރޮސިކިއުޝަނުން، އެއް ޙާޟިރެއްގައި އެ ހެކިންނާ ބައްދަލުކޮށް ހެކިވެރިން ކުރިން ދީފައިވާ ހެކިބަހުގެ ބަޔާންތައް އެއް ހާޒިރެއްގައި އެންމެންނަށް އަޑު އިއްވުމުން ހެކިބަހުގެ ޞައްޙަކަން ގެއްލިފައިވާކަމަށާއި، އެ ހެކި ބަހުގެ މައްޗަށް ބުރަވެގެން މުޙައްމަދު ނާޡިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުކޮށްފައި ވީނަމަވެސް، އެކަން އެއީ މައްސަލައެއް ނޫންކަމަށް ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވަނީ ޝަރީޢަތްކުރުމުގެ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

އަށްވަނަ ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތަށް ހެކި ހުށަހެޅުމަށާއި ޖަވާބު ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތާއި، ފުރުޞަތާއި ހަމަހަމަކަން ލިބިފައިނުވާތީވެ، އެކަމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށާއި، އިސްތިއުނާފުކުރާ ފަރާތަށް ހެކި ހުށަހެޅުމަށާއި ޖަވާބު ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުޞަތާއި ހަމަހަމަކަން ލިބިފައިނުވާތީވެ، ކްރިމިނަލް ކޯޓުގެ ނަންބަރު137/Cr-C/2015 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށްކަމަށް ޤަބޫލުނުކުރެވޭކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ނުވަވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23 ޤަޟިއްޔާގައި، ޝަރުޢީ ހުރިހާ މަރުޙަލާތަކެއް ނިންމުމުގެ ކުރިން މުއްތަހަމުގެ ޞާލިޙުގައި ޤާނޫނަކަށް އަންނަ ބަދަލެއްގެ ސަބަބުން މުއްތަހަމަށް ލުޔެއް ލިބޭނަމަ، އެ ލުޔެއް މުއްތަހަމަށް ދޭންޖެހޭނެކަމަށް ކަނޑައަޅާފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް އިސްތިއުނާފުކުރެވޭ ޤަޟިއްޔާތަކުގައި ޢަމަލުކުރަން ނުޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ މުޙައްމަދު ނާޡިމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލައަށް ހުށަހަޅާފައިވާ ސަބަބުތަކަށާއި މި މައްސަލައިގައި ދަޢުވާ ލިބުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅުންހުރި ލިޔުންތަކަށާއި، މުޙައްމަދު ނާޡިމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ރިޕޯޓުގައި ހިމެނޭ ބަޔާންތަކާއި، ލިޔުންތަކަށާއި އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި އަދި އެ ރިޕޯޓުގައި ހިމެނޭ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ އިސްވެ ޙަވާލާދެވުނު އެ ކޯޓުގެ ނަންބަރު137/Cr-C/2015 ޤަޟިއްޔާގައި މުޙައްމަދު ނާޡިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ބުނެވިދިޔަ ދަޢުވާގައި ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ ދަށުން އެ ދަޢުވާގައި ޙަވާލާދީފައިވާ އެ ޤާނޫނުގެ މާއްދާތަކުގެ ތެރެއިން އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި "ތިރީގައި މިވާ ތަކެތި ދައުލަތުގެ ބޭނުމަކު މެނުވީ ދިވެހިރާއްޖެއަށް ގެނައުމަކީ މަނާކަމެކެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި "ހަނގުރާމަވެރި ހަތިޔާރު" އަދި އެ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި "ބަޑިބޭސް" އަދި އެ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި "ގޮވާ އެއްޗެހި" މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި ބުނެވުނު ޤާނޫނުގެ 9 ވަނަ މާއްދާގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްޗެއް، ދިވެހިރާއްޖޭގައި ހުރި މީހެއްގެ އަތުން ފެންނަ ހިނދު، އެ އެއްޗެއް އެ މީހަކަށް ލިބުނުގޮތް ސާބިތުކޮށް ނުދެވިއްޖެނަމަ ބެލޭނީ އެއީ އެ މީހަކު ދިވެހިރާއްޖެއަށް އެތެރެކޮށްގެން ގެންގުޅޭ ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިގެން ގެންގުޅޭ އެއްޗެއްކަމުގައި ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށާއި އަދި ހަމަ އެހެންމެ ބުނެވުނު ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ (1)، (2)، (3) ގައި ބަޔާންކޮށްފައިވާ އެއްޗެއް، އެ ޤާނޫނާ ޚިލާފަށް ދިވެހިރާއްޖެއަށް ގެނެސްފި ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، މީހެއްގެ އަތުން ނުވަތަ އެތަނެއްގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އެމީހެއްގެ ފުރިހަމަ ޙިޔާޒަތު އޮތްކަމަށް ބެލެވޭ ތަނަކުން ނުވަތަ އެއްޗަކުން، ބުނެވުނު ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްޗެއް ފެންނަ ޙާލަތުގައި ބުނެވުނު ޤާނޫނުގެ 9 ވަނަ މާއްދާއާއި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން އެމީހަކު ކުށްވެރިވެ، އަދަބު ޙައްޤުވާކަމަށް ބެލެވޭނީ، ބުނެވުނު ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްޗެއް ސީދާ އެމީހެއްގެ އަތުން ނުވަތަ އެތަނެއްގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އެމީހެއްގެ ޙިޔާޒަތު އޮތްކަމަށް ބެލެވޭ ތަނަކުން ނުވަތަ އެއްޗަކުން ފެނިފައިވަނީ އޭގެ ޖިނާއީ މަސްއޫލިއްޔަތު އޭނާ އުފުލަން ނުޖެހޭފަދަ ބަރީއަގޮތެއްގައި ކަމުގެ މައްޗަށް ބާރު ލިބޭ ހެކި ނުވަތަ ޤަރީނާ ޝަރީޢަތަށް ލިބިފައިނުވުމުގެ ސަބަބުން އެމީހަކަށް އެ ލިބުނުގޮތް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާނަމަކަން އިސްވެ އިޝާރާތްކުރެވުނު ޤާނޫނުގެ ބަޔާންވެދިޔަ މާއްދާތަކުގެ ނައްޞުތަކަށް ވިސްނައި ބެލުމުން އިސްތިޚްލާޞް ކުރެވެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ދައުލަތުގެ ފަރާތުން މުޙައްމަދު ނާޡިމްގެ މައްޗަށް އުފުލާފައިވާ މި ދަޢުވާގައި ބަޔާންކޮށްފައިވާ ތަކެތި މުޙައްމަދު ނާޡިމު ދިވެހިރާއްޖޭގައި ގެންގުޅެފައިވެސް ނުވާނެކަމަށާއި މި މައްސަލައަކީ، އުފައްދާފައިވާ ހެކިތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށާއި މި މައްސަލައަކީ ޙަޤީޤަތާ ޚިލާފަށް މުޙައްމަދު ނާޡިމްގެ މައްޗަށް އުފައްދާފައިވާ މައްސަލައެއްކަމަށް މުޙައްމަދު ނާޡިމް ދެކޭ ސަބަބަކީ މުޙައްމަދު ނާޡިމްގެ މައްޗަށް މި ދަޢުވާ ކުރުމުގެ ކުޑަ ދުވަސްކޮޅެއްކުރިން އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަޙްމަދު އަދީބު، މުޙައްމަދު ނާޡިމަށް ފޯނުން ގުޅައި، "ހޭ އަރުވާލާނެކަމަށް" ބުނެ މުޙައްމަދު ނާޡިމްއަށް ބިރުދައްކާފައިވާތީ ކަމަށްބުނެ، މުޙައްމަދު ނާޡިމްގެ މައްޗަށް އުފުލިފައިވާ މި ދަޢުވާގެ އަޞްލަށް މުޙައްމަދު ނާޡިމް ކޮށްފައިވަނީ އިންކާރުކަން މި މައްސަލައާ ގުޅިގެން މުޙައްމަދު ނާޡިމްގެ ފަރާތުން ޝަރީޢަތަށާއި ތަޙްޤީޤަށް ދީފައިވާ މުޙައްމަދު ނާޡިމްގެ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، މުޙައްމަދު ނާޡިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މި ދަޢުވާގެ އަޞްލަށް މުޙައްމަދު ނާޡިމް އިންކާރުކޮށްފައިވާއިރު، މި ދަޢުވާ ސާބިތުކުރުމުގެ ގޮތުން ހެކީގެ ގޮތުގައި ދައުލަތުގެ ފަރާތުން ޝަފަހީ ހެކީގެ ގޮތުގައާއި ކިތާބީ ހެކީގެ ގޮތުގައި ހެކި ހުށަހަޅާފައިވާކަމާއި، މިގޮތުން ޝަފަހީ ހެކިންގެ ތެރެއިން ތިން ހެއްކަކު ހުށަހަޅާފައިވަނީ ސިއްރު ހެކިންގެ ގޮތުގައިކަމާއި، އަދި އެހެން ހެކިން ހުށަހަޅާފައިވަނީ ސިއްރު ނޫން ހެކިންގެ ގޮތުގައި ކަމާއި، މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅި ތިން ހެކިންނަކީ، ގޭގެ އަށްވަނަ ފަންގިފިލާގެ އެޕާޓްމަންޓް "ބީ" ބަލާ ފާސްކުރިއިރު، މުޙައްމަދު ނާޡިމް ނިދާ ކޮޓަރި ތެރެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނުކަން ސާބިތުކޮށްދިނުމަށްޓަކައި ހުށަހެޅި ތިން ހެކިންކަމާއި، އަދި ސިއްރު ނޫންގޮތުގައި ހުށަހަޅާފައިވާ ހެކިންނަކީ "ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓު" މި ނަމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓު ތައްޔާރުކުރި ފަރާތާއި، "މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަސްޓަޑީގައިވާ ހަތިޔާރަކާބެހޭ ރިޕޯޓު" މި ނަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޯޑިނަންސް ސަރވިސް އިން ތައްޔާރުކޮށްފައިވާ ރިޕޯޓު ތައްޔާރުކުރި ފަރާތާއި، މުޙައްމަދު ނާޡިމް ދިރިއުޅޭ ތަނުން ފެނުނު ޕެންޑްރައިވްގެ ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓު ތައްޔާރުކުރި ފަރާތާއި، މި ތިން ފަރާތްކަމާއި އަދި މީގެ އިތުރުން މުޙައްމަދު ނާޡިމް ދިރިއުޅޭ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައާއި، އެތަނުން ފެނުނު ކަމަށްބުނާ ވަޒަންތަކަކީ އެމް.އެން.ޑީ.އެފްގެ ތަކެތި ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި ޝަރީޢަތަށް ހުށަހެޅި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަންބަރު 28-AD-3/17/2015/5 (22 ޖަނަވަރީ 2015) ގެ ސިޓީއާއި އަދި މި މައްސަލައިގެ ތަޙްޤީޤަށް މުޙައްމަދު ނާޡިމް ދީފައިވާ ބަޔާން ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވާކަމާއި، މި ކަންކަން ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، މުޙައްމަދު ނާޡިމްގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ މި ދަޢުވާއާ ގުޅިގެން ސިއްރު ހެކީންގެ ގޮތުގައި ދައުލަތުން ހުށަހެޅި ތިން ހެކިންގެ ތެރެއިން ސިއްރު ހެކިވެރިޔާ (1) ގެ ގޮތުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ބަޔާންދީފައިވާ މީހާގެ ބަޔާނަށް ބަލާއިރު ކޯޓު އަމުރެއްގެ ދަށުން ގ. އެނިފް އެވެ ކިޔާ ގޭގެ އަށްވަނަ ފަންގިފިލާ ހުންނަ މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓްގެ އެންމެ އެތެރޭގައި ހުންނަ ކޮޓަރި ތެރޭގައި ހުރި އެނދުގެ ސައިޑް ޓޭބަލްގެ މަތީ ވަތްގަނޑު، މުޙައްމަދު ނާޡިމްގެ ޙާޟިރުގައި ތަޙްޤީޤުކުރާ ފަރާތެއްގެ ޙައްޘިއްޔަތުން ބަލާ ފާސްކުރިއިރު، ފިސްތޯލައަކާއި، މެގަޒިނަކާއި، ތިން ވަޒަނާއި، ޕެން ޑްރައިވްއެއް ފެނުނުކަމަށާއި، އެތަކެއްޗާ ބެހޭގޮތުން މުޙައްމަދު ނާޡިމާ ސުވާލުކުރުމުން އެތަކެއްޗަކީ މުޙައްމަދު ނާޡިމްގެ ތަކެތި ނޫންކަމަށާއި އަދި އެތަކެއްޗަކީ އެގޭ އެއްވެސް މީހެއްގެ އެއްޗެއްކަމަށްވެސް ނުބެލެވޭ ކަމަށް މުޙައްމަދު ނާޡިމް ބުނި ކަމަށާއި އަދި އެތަކެއްޗާ ބެހޭގޮތުން މުޙައްމަދު ނާޡިމްގެ އަނބިމީހާއާ ސުވާލުކުރުމުން އެތަކެއްޗަކީ މުޙައްމަދު ނާޡިމްގެ އަނބިމީހާގެ އެއްޗެއް ނޫންކަމަށާއި އަދި އެ ތަކެއްޗަކީ މީގެ ކުރިން އޭނާ ދެކެފައިވާ ތަކެއްޗެއް ނޫންކަމަށް މުޙައްމަދު ނާޡިމްގެ އަނބިމީހާ ބުނި ކަމަށާއި، މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ބަޔާނެއްދީފައިވާނެކަމަށާއި، އެ ބަޔާނަކީ ތަޙްޤީޤުންކުރި ސުވާލުތަކާ ގުޅިގެން އެނގުނު އެންމެ ރަނގަޅަށް ދީފައިވާ ތެދު ބަޔާނެއްކަމަށާއި މި އެޕާޓްމަންޓް ބަލާ ފާސްކުރެވުނުއިރު ވީޑިއޯ ރެކޯޑު ނުކުރާކަމަށާއި، އެތަކެތި ނެގިކަމުގެ ނުވަތަ ގެންދިޔަކަމުގެ ލިޔުމެއް މުޙައްމަދު ނާޡިމާ އެވަގުތު ޙަވާލުނުކުރާކަމަށް ސިއްރު ހެކިވެރިޔާ (1) ބުނެފައިވާ އިރު،

ދައުލަތުން މި މައްސަލައާ ގުޅިގެން ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅި ތިން ހެކިންގެ ތެރެއިން ސިއްރު ހެކިވެރިޔާ (2) ގެ ގޮތުގައި ކްރިމިނަލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ބަޔާންދީފައިވާ މީހާގެ ބަޔާނަށް ބަލާއިރު، ކޯޓު އަމުރެއްގެ ދަށުން 18 ޖަނަވަރީ 2015 ވަނަ ދުވަހު މެންދަމު 03:30 ހާއިރު، ގ. އެނިފް އެވެ ކިޔާ ގެ ބަލާ ފާސްކުރުމަށް ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް މީހެއްގެ ޙައިޘިއްޔަތުންނާއި ފުލުހެއްގެ ޙައިޘިއްޔަތުން ދިޔަކަމަށާއި، އަށްވަނަ ފަންގިފިލާ ހުންނަ މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓް "ބީ" ގެ އެންމެ އެތެރޭގައި ހުންނަ ކޮޓަރި ތެރޭގައި ހުރި އެނދު ކައިރީގައި ހުރި ކުޑަ ކަބަޑެއްގެ މަތީ ވަތްގަނޑުން، ފިސްތޯލަ ބައްޓަމަށް އޮތް އެއްޗަކާއި، މެގަޒިން ބައްޓަމަށް އޮތް އެއްޗަކާއި، ވަޒަން ބައްޓަމަށް އޮތް ތިނެއްޗާއި ޕެން ޑްރައިވްއަކާއި އަދި ކަޅު ކުލައިގެ ދަބަހެއް ފެނިފައިވާކަމަށާއި އެތަން ބަލައި ފާސްކުރީ މުޙައްމަދު ނާޡިމްގެ ޙާޟިރުގައިކަމަށާއި އެތަކެއްޗާ ބެހޭގޮތުން މުޙައްމަދު ނާޡިމާ ސުވާލުކުރުމުން އެއީ މުޙައްމަދު ނާޡިމްގެ ތަކެތި ނޫންކަމަށާއި އަދި އެއީ ކާކުގެ ތަކެތިކަން ނޭނގޭކަމަށް ބުނެފައިވާކަމަށާއި އަދި އެތަކެއްޗާ ބެހޭގޮތުން މުޙައްމަދު ނާޡިމްގެ އަންހެނުންނާ ސުވާލުކުރުމުން އެއީ ކާކުގެ ތަކެތިކަން ނޭނގޭކަމަށް އޭނާ ބުނެފައިވާކަމަށާއި، މުޙައްމަދު ނާޡިމް ދިރިއުޅޭ މި އެޕާޓްމަންޓް ބަލާ ފާސްކުރެވުނުއިރު، ވީޑިއޯ ރިކޯޑުކުރިންތަން ނުދެކޭކަމަށާއި، އެޕާޓްމަންޓް ބަލާ ފާސްކޮށް ނިމިގެން އެ އެޕާޓްމަންޓުން ފެނިގެން ގެންދެވުނު ތަކެތީގެ އެއްވެސް ލިޔުމެއް މުޙައްމަދު ނާޡިމްއާ ނުވަތަ އޭނާގެ ޢާއިލާގެ އެއްވެސް މީހަކާ އެވަގުތު ޙަވާލުކޮށްފައިނުވާނެކަމަށާއި، އަދި އެފަދަ ލިޔުމެއް އެހެން ފަރާތަކުންވެސް މުޙައްމަދު ނާޡިމްއާ ނުވަތަ ޢާއިލާގެ އެއްވެސް މީހަކާ އެވަގުތު ޙަވާލުކުރިތަން ނުދެކޭކަމަށާއި އަދި މި ހެކިވެރިޔާ މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރި ކުރުމުން ފެނުނު ތަކެތި ގެންދިޔުމަށްޓަކައި ގެނައި އެވިޑެންސް ބޭގަށް އެތަކެތި ލީ އެޕާޓްމަންޓްގައި ދިރިއުޅުނު އެއްވެސް މީހަކަށް އެ އެވިޑެންސް ބޭގް ދައްކާފައިނޫންކަމަށް ސިއްރު ހެކިވެރިޔާ (2) ގެ ގޮތުގައި ބަޔާންދީފައިވާ މީހާ ބުނެފައިވާއިރު،

ދައުލަތުން މި މައްސަލައާ ގުޅިގެން ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅި ތިން ހެކިންގެ ތެރެއިން ސިއްރު ހެކިވެރިޔާ (3) ގެ ގޮތުގައި ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ބަޔާންދީފައިވާ މީހާގެ ބަޔާނަށް ބަލާއިރު، ކޯޓު އަމުރެއްގެ ދަށުން18 ޖަނަވަރީ 2015 ވަނަ ދުވަހު މެންދަމު 03:30 ހާއިރު، ގ. އެނިފް އެވެ ކިޔާ ގެ ބަލާ ފާސްކުރުމަށް ސީންއަށް ދިޔަކަމަށާއި، މިގޮތުން އެ ގޭގެ 8 ވަނަ ފްލޯގައި މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓް8 "ބީ" ބަލާ ފާސްކުރުމަށްޓަކައި އެ އެޕާޓްމަންޓަށް ވަން ކަމަށާއި، އެ އެޕާޓްމަންޓްގެ ގޯޅިގަނޑުގެ އެންމެ އެތެރޭގައި ހުންނަ ކޮޓަރި ތެރޭގައި ހުރި 02 ވަތްގަނޑުލީ ކަބަޑެއް ބަލައި ފާސްކުރިކުރުމުން ކަޅު ދަބަހެއް ފެނިފައިވާކަމަށާއި އެ ދަބަހުގެ ތެރެއިން ފިސްތޯލަ ބައްޓަމަށް އޮތް އެއްޗަކާއި، އެއް މެގަޒިން ބައްޓަމަށް އޮތް އެއްޗަކާއި، ވަޒަން ބައްޓަމަށް އޮތް ތިނެއްޗާއި، ކަވަރުނެތް ޕެން ޑްރައިވެއް ފެނުނުކަމަށާއި، އެތަކެތި ނެގިއިރު މުޙައްމަދު ނާޡިމް ހުރި ކަމަށާއި، އެތަކެއްޗާ ބެހޭގޮތުން މުޙައްމަދު ނާޡިމާ ސުވާލުކުރުމުން އެތަކެއްޗަކީ މުޙައްމަދު ނާޡިމްގެ ތަކެތި ނޫންކަމަށް މުޙައްމަދު ނާޡިމު ބުނިކަމަށާއި، އަދި އެތަކެއްޗާ ބެހޭގޮތުން މުޙައްމަދު ނާޡިމްގެ އަނބިމީހާއާ ސުވާލުކުރުމުން މުޙައްމަދު ނާޡިމްގެ އަނބިމީހާވެސް ބުނެފައިވަނީ އެތަކެތި އެތަނަށް ވަދެފައިވަނީ ކިހިނެއްކަން އޭނާއަށްވެސް ނޭނގޭކަމަށް ކަމުގައި ކަމަށާއި، މިކަމާ ގުޅިގެން25 ޖަނަވަރީ 2015 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށްވެސް ބަޔާނެއް ދީފައިވާނެކަމަށާއި، މި އެޕާޓްމަންޓް ބަލައި ފާސްކުރެވުނުއިރު، ވީޑިއޯ ކުރިކަން މީނާއަށް އެނގިފައި ނުވާކަމަށާއި، އަދި އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، ފެނުނު ތަކެތި ފެނުމަށްފަހު އެތަކެތި އެވިޑެންސް ބޭގަށް ލުމަށްޓަކައި އެތަކެތި ސީލްކުރުމުގެ ކުރިން އެވިޑެންސް ބޭގް މުޙައްމަދު ނާޡިމް ނުވަތަ މުޙައްމަދު ނާޡިމްގެ އަނބިމީހާއަށް ދެއްކިކަމެއް މީނާ ހަނދާނެއް ނެތްކަމަށާއި މި އެޕާޓްމަންޓް ބަލައި، ފާސްކުރުމަށްފަހު އެތަނުން ދިޔުމުގެ ކުރިން އެތަނުން ބޭރަށް ގެންދެވުނީ ކޮންތަކެއްޗެއްކަން އެނގޭނެ އެއްވެސް ލިޔުމެއް މުޙައްމަދު ނާޡިމްއާ ނުވަތަ އެ އެޕާޓްމަންޓްގައި ދިރިއުޅޭ އެހެން އެއްވެސް ފަރާތަކާ އެވަގުތު ޙަވާލުކުރެވުނުކަން ނުވަތަ ނޫންކަން މީނާއަށް އެނގިފައިނުވާކަމަށް ސިއްރު ހެކިވެރިޔާ (3) ގެ ގޮތުގައި ބަޔާންދީފައިވާ މީހާ ބުނެފައިވާއިރު،

ގ. އެނިފް އެވެ ކިޔާ ގޭގެ އަށްވަނަ ފަންގިފިލާގައި ހުންނަ މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓް "ބީ" ބަލައި ފާސްކުރުމުގައި ސިއްރު ހެކީންގެ ގޮތުގައި ޝަރީޢަތަށް ބަޔާންދީފައިވާ ތިން ފަރާތުން އެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް އެ އެޕާޓްމަންޓްއަށް ކޯޓު އަމުރެއްގެ ދަށުން ވަދެފައިވަނީ 18 ޖަނަވަރީ 2015 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިކަން އެފަރާތްތަކުގެ ބަޔާނުން އެނގެން އޮންނައިރު، އެފަރާތްތަކުން އެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް އެގެއަށް ދިޔައިރު އެވިޑެންސް ބޭގެއް އެފަރާތްތަކުން ގެންދިޔަކަން އެފަރާތްތަކުން ތަޙްޤީޤަށާއި ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނައިރު، އެފަރާތްތަކުން އެ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކުރުމުގެ ކުރިން އެފަރާތްތަކުން ގެންގުޅުނުކަމަށް އެފަރާތްތަކުން ބުނާ އެވިޑެންސް ބޭގް ހުޅުވައި އެ ބޭގަކީ ހުސް ބޭގެއްކަމާއި އަދި އެ ބޭގުގައި އެއްވެސް އެއްޗެއް ނެތްކަން މުޙައްމަދު ނާޡިމަށާއި މުޙައްމަދު ނާޡިމާއެކު އެޕާޓްމަންޓުގައި އޭރު ތިބި މީހުންނަށް ކަށަވަރުކޮށްދިނުމުގެ ގޮތުން މުޙައްމަދު ނާޡިމާއި އަދި މުޙައްމަދު ނާޡިމާއެކު އެ އެޕާޓްމަންޓްގައި ތިބި މީހުންނަށް އެ ބޭގުގެ އެތެރެ ދައްކައި ހަދާފައި ނުވާކަމާއި އަދި އެފަރާތްތަކުން އެ އެޕާޓްމަންޓް ބަލައި ފާސްކުރިކުރުމުން ފެނުނުކަމަށް ބުނެފައިވާ ތަކެތި، އެވިޑެންސް ބޭގަށް ލުމުގެ ކުރިން، އެފަރާތްތަކުން ގެނައި އެވިޑެންސް ބޭގް ހުޅުވައި އެ ބޭގް އޮތީ އެއްވެސް އެއްޗެއް ނުލައި ހުސްކޮށްކަން މުޙައްމަދު ނާޡިމަށާއި އަދި އެ އެޕާޓްމަންޓްގައި މުޙައްމަދު ނާޡިމާއެކު ތިބި މީހުންނަށް ކަށަވަރު ކޮށްދިނުމުގެ ގޮތުން އެމީހުންގެ ކުރިމަތީގައި އަދި އެމީހުންނަށް ފެންނާނޭހެން އެ ބޭގް ހުޅުވައި މުޙައްމަދު ނާޡިމަށާ އަދި މުޙައްމަދު ނާޡިމާ އެކު އޭރު އެ އެޕާޓްމަންޓުގައި ތިބި މީހުންނަށް އެ ބޭގް ހުޅުވައި ދައްކާފައިނުވާކަން އެފަރާތްތަކުން ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަ އޮތުމުގެ އިތުރުން މި ތިން ފަރާތަކީ އެރޭ އެ އެޕާޓްމަންޓުގެ ތަޅު ހަލާކުކޮށްލައިގެން އެތަނަށް ވަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްވޮޓް ޓީމުގައި ހިމެނުނު ބައެއް ނޫންކަމާއި އެފަރާތްތަކުން އެ އެޕާޓްމަންޓްއަށް ވަނީ އެ އެޕާޓްމަންޓަށް އެންމެ ފުރަތަމަ ފުލުހުންގެ ސްވޮޓް ޓީމް އެ އެޕާޓްމަންޓްއަށް ވަން ފަހުން އެ އެޕާޓްމަންޓް ބަލައި ފާސްކުރަން ވަން ސާރޗް ޓީމުގައި ހިމެނުނު މީހުންގެ ގޮތުގައި ކަން އެފަރާތްތަކުން މި މައްސަލައިގެ ޝަރީޢަތާއި ތަޙްޤީޤަށް މިފަރާތްތަކުން ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ، މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ނަންބަރު K(a)/SCOR/2015/0040 "ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް" މި ނަމުގައިވާ ރިޕޯޓަށް ބަލާއިރު، މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ ސީން އޮފް ކްރައިމް އޮފިސަރ ޕޮލިސް ކޯޕަރަލް މުޙައްމަދު ޢަރީފު ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓް އިން ހިންގާ އޮޕަރޭޝަނެއްގައި ގ. އެނިފް އެވެ ކިޔާ ގޭގެ އަށްވަނަ ފަންގިފިލާގައި ހުންނަ ދެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްޓަކައި 18 ޖަނަވަރީ 2015 ވަނަ ދުވަހުގެ ރޭ މެންދަމު 03:50 ހާއިރު މުޙައްމަދު ޢަރީފް ދިޔަކަމަށާއި މިގޮތުން މުޙައްމަދު ޢަރީފް ގ. އެނިފް އެވެ ކިޔާ ގޭގެ އަށްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓް "ބީ" ބެލި ބެލުމުން އެ އެޕާޓްމަންޓަށް ވަންނަ ދޮރުގެ ތަޅާ ދިމާލުން ދޮރާއި ދޮރުކަނި ހުރީ ހަލާކުކޮށްލާފައިކަމަށާއި، އަދި ހަމަ، އެޕާޓްމަންޓް "ބީ" ގެ އިރުމަތީ ފަރާތު ކޮޓަރީގެ ދޮރާއި ދޮރުކަނިވެސް ހުރީ ހަލާކުކޮށްލާފައިކަމަށާއި، އެ ކޮޓަރި ބަލާ ފާސްކުރީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންކަމަށާއި، މިގޮތުން ބުނެވުނު އެޕާޓްމަންޓް "ބީ" ގެ އިރުމަތި ފަރާތު ކޮޓަރި ބަލައި ފާސްކުރި ފުލުހެއް، ކޮޓަރީގެ އިރު ދެކުނު ކަނުގައި ހުރި ސައިޑު ކަބަޑުގެ މަތީ ވަތްގަނޑުން ކަޅު ކުލައިގެ ދަބަހެއް ނެގިތަން ދުށްކަމަށާއި، އެ ދަބަސް ބަލައި، ފާސްކުރުމުގެ ތެރޭގައި ދަބަސްގެ ތެރެއިން ފިސްތޯލައަކާއި، މެގަޒިންއަކާއި، ތިން ވަޒަނާއި، ބޭރު ތޮށިގަނޑު ނައްޓާފައިވާ ޕެން ޑްރައިވެއް ނެގިތަން ދުށްކަމަށް މި ރިޕޯޓު ތައްޔާރުކުރި ފަރާތްކަމުގައިވާ މުޙައްމަދު ޢަރީފް މި ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، މި އެޕާޓްމަންޓް ބަލައި ފާސްކުރުމަށްވަން ފުލުހުން އެތަނަށް ވަދެ ބަލައި ފާސްކުރުމުގެ ކުރިން، ބަލައި ފާސްކުރާއިރު ފެންނަ ތަކެތި އަޅައި ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ގެނައި އެއްވެސް ދަބަހެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއްމުޙައްމަދު ނާޡިމަށާއި އަދި ބުނެވުނު އެޕާޓްމަންޓުގައި ދިރިއުޅޭ އެއްވެސް މީހަކަށް ދައްކައި ހަދާފައިވާކަން ނުވަތަ މި އެޕާޓްމަންޓުން ފެނުނުކަމަށް ބުނެފައިވާ އިސްވެ ބަޔާންކުރެވިދިޔަ ތަކެތި ފެނުމުން، އެތަކެއްޗާ ބެހޭގޮތުން މުޙައްމަދު ނާޡިމްއާ ނުވަތަ އެ އެޕާޓްމަންޓްގައި ދިރިއުޅޭ އެއްވެސް މީހަކާ ސުވާލުކޮށް އެފަރާތުގެ ބަހެއް ފުލުހުން ހޯދިކަން މި ރިޕޯޓުން އެނގެން ނެތްކަމާއި މިކަންކަން މި ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު "ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓު" ތައްޔާރުކޮށްފައިވާ ޕޮލިސް ކޯޕަރަލް މުޙައްމަދު ޢަރީފް ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް ބަލާއިރު، ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި 18 ޖަނަވަރީ 2015 ވަނަ ދުވަހު މެންދަމު 03:50 ހާއިރު ގ. އެނިފް އެވެ ކިޔާ ގެ ބަލައި ފާސްކުރުމަށް މުޙައްމަދު ޢަރީފް ޙާޟިރުވެފައިވާނެ ކަމަށާއި، މިގޮތުން ގ. އެނިފް އެވެ ކިޔާ ގޭގެ އަށްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓް "އޭ" އާއި "ބީ" ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގައި މުޙައްމަދު ޢަރީފްގެ ޒިންމާއަކީ ސީންގެ ފޮޓޯ ނެގުންކަމަށާއި، މުޙައްމަދު ޢަރީފް ސީންއަށް ދިޔައިރު އެސްއޯ ފުލުހުން ވަނީ އެތަނަށް ވަދެފައި ކަމަށާއި، މުޙައްމަދު ޢަރީފް އެތަނަށް ވަނުމުގެ ކުރިން ހިނގާދިޔަ އެއްވެސް ކަމެއް ނޭނގޭކަމަށާއި، މުޙައްމަދު ޢަރީފް ތައްޔާރުކުރި މި ރިޕޯޓާއެކުގައިވާ ފޮޓޯތައް ނެގި ވަގުތު ނޭނގޭނެކަމަށާއި، ފޮޓޯ ނެގި ވަގުތު އެނގޭނީ ކެމެރާގެ މެމޮރީ ކާޑަށް ކަމަށާއި މިގޮތަށް މުޙައްމަދު ޢަރީފް ދާ ސީންގެ ފޮޓޯ ނެގުމާއި ވީޑިއޯކުރުން މުޙައްމަދު ޢަރީފްގެ ވަޒީފާ ބަޔާނުގައި ހިމެނޭކަމަށާއި އެހެން ނަމަވެސް މި އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މުޙައްމަދު ޢަރީފްގެ މަސްއޫލިއްޔަތަކީ ހަމައެކަނި ފޮޓޯ ނެގުންކަމަށް މުޙައްމަދު ޢަރީފް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮތުމުން މުޙައްމަދު ޢަރީފް ދީފައިވާ މި ބަޔާނާއި އަދި މުޙައްމަދު ޢަރީފް ތައްޔާރުކޮށްފައިވާކަމަށް ބުނާ އިސްވެ އިޝާރާތްކުރެވުނު ރިޕޯޓުގައި ފާހަގަކުރެވިފައިވާ ކަންކަމަށް ބަލާއިރު، ފުލުހުން ބުނެވުނު އެޕާޓްމެންޓް ބަލައި ފާސްކުރުމަށް އެ އެޕާޓްމަންޓަށް ވަދެ އެ އެޕާޓްމަންޓްގެ ތަންތަން ބަލައި ފާސްކުރުމުގެ ކުރިން، އެތަން ބަލައި ފާސްކުރުމުގެ ތެރެއިން ފެންނަ ތަކެތި އަޅައި ބެހެއްޓުމަށް ގެނައި ދަބަސްފަދަ އެއްވެސް އެއްޗެއް ހުޅުވައި އެ އެއްޗެހި ހުރީ އޭގައި އެއްވެސް އެއްޗެއް ނެތް ހުސް އެއްޗެއްގެ ގޮތުގައިކަން ކަށަވަރުކުރުމަށްޓަކައި އެފަދަ އެއްޗެއް މުޙައްމަދު ނާޡިމްގެ ކުރިމަތީގައި ހުޅުވައި މުޙައްމަދު ނާޡިމަށް ދައްކާފައިވާކަން ކަށަވަރުކޮށްދެވިފައި ނުވާކަމާއި އަދި މުޙައްމަދު ޢަރީފް އެ އެޕާޓްމަންޓަށް ވަނުމުގެ ކުރިން އެސްއޯ ފުލުހުން އެގެއަށް ވަދެފައިވާކަން މުޙައްމަދު ޢަރީފްގެ ބަހުން އެނގެން އޮތުމުން މުޙައްމަދު ޢަރީފުގެ ކުރިން އެ ދުވަހުގެ އެރޭ އެ އެޕާޓްމަންޓަށް ވަން އެސް.އޯ ފުލުހުން ޢަމަލުކުރި އެއްވެސް ގޮތެއް މުޙައްމަދު ޢަރީފަށް ބުނެދޭން ނޭނގޭކަމާއި، އަދި މުޙައްމަދު ޢަރީފް ތައްޔާރުކުރި ރިޕޯޓާއެކުގައިވާ ފޮޓޯތައް މުޙައްމަދު ޢަރީފް ނެގި ވަގުތާއި ތާރީޚް އެނގެން ނެތްކަމާއި، މިކަންކަން މުޙައްމަދު ޢަރީފު ދީފައިވާ ބަޔާނަށާއި އަދި މުޙައްމަދު ޢަރީފު ތައްޔާރުކުރިކަމަށް ބުނާ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ކ) ހަތްވަނަ ކަމަކީ، މި މައްސަލައިގެ ޝަރީޢަތަށް ހުށަހެޅުނުކަން ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަ "ފިޒިކަލް އެވިޑެންސް އެގްޒެމިނޭޝަން ރިޕޯޓު" ގެ ނަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސްގެ ޑައިރެކްޓަރޭޓްއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ދަށުން ތަޙްލީލުކުރެވިފައިވާ ތަކެއްޗަކީ ކަޅު ކުލައިގެ 1 ފިސްތޯލައާއި ހުސް 1 މެގަޒިންއާއި މިތަކެތި ކަން އެނގެން އޮތް ނަމަވެސް މި ރިޕޯޓަކީ، އޭގައި ބަޔާންކޮށްފައިވާ މި ބުނެވުނު ތަކެތި މުޙައްމަދު ނާޡިމް ގެންގުޅެފައިވާކަން ނުވަތަ ބޭނުންކޮށްފައިވާކަން އެނގޭނެ، މުޙައްމަދު ނާޡިމްގެ ފިންގަރޕްރިންޓް ފަދަ އެއްޗެއް މިތަކެތީގައި ހުރިކަން އެއްވެސް މިންވަރަކަށް ސާބިތުކޮށްދޭ ރިޕޯޓެއްކަމަށް ބެލެވޭނެ ރިޕޯޓެއް ނޫންކަމާއި އަދި ސައިންޓިފިކް ގޮތުން މި ތަކެއްޗާމުޙައްމަދު ނާޡިމްއާ ގުޅުވޭނެ އެއްވެސް ޙަޤީޤަތެއް މި ރިޕޯޓުން އެނގެން ނެތްކަމާއި، މި ކަންކަން މި ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.

(އ) އަށްވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި މުޙައްމަދު ނާޡިމްގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާކަން އެނގެން އޮންނަ "ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓް" މި ނަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓް އިން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބަލާއިރު މި ރިޕޯޓުގެ ދަށުން އެނަލައިޒްކުރުމަށް ހުށަހެޅިފައިވަނީ 02 ފޯނާއި ޕެންޑްރައިވްއެއްކަން އެނގެން އޮންނައިރު، އެ ރިޕޯޓުގެ ދަށުން އެނަލައިޒް ކުރެވުނު 02 ފޯނުން މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ އެއްވެސް ފައިލެއް ފެނިފައިނުވާކަމަށް އެ ރިޕޯޓުގައި ބުނެފައިވާއިރު، ޕެންޑްރައިވްއިން މައްސަލައާ ގުޅުންހުރި ފައިލްތަކެއް ފެނިފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި މައްސަލައިގެ ދަޢުވާގައި ބަޔާންކޮށްފައިވާ ފިސްތޯލަ އާއި03 ވަޒަން އާއި މި ތަކެއްޗަކީ މުޙައްމަދު ނާޡިމް ގެންގުޅެފައިވާ ނުވަތަ ބޭނުންކޮށްފައިވާ ނުވަތަ އޭނާ ބޭނުންކުރުމަށް ގެނެސްފައިވާ ނުވަތަ އެއީ މުޙައްމަދު ނާޡިމްގެ ބާރުވެރިކަމެއް އެއްވެސް ސިފައެއްގައި އޭގެ މައްޗަށް އޮތް ތަކެތިކަން ނުވަތަ އެ ތަކެއްޗާބެހޭ އެއްވެސް މުޢާމަލާތެއް ސީދާ މުޙައްމަދު ނާޡިމް ހިންގާފައިވާކަން ނުވަތަ އެފަދަ މުޢާމަލާތެއް ހިންގަން މުޙައްމަދު ނާޡިމް ގެނެސްފައިވާ ތަކެތިކަން ޝަރީޢަތާއި ޤާނޫނުގެ ޞައްޙަމަގުން އެކަށީގެންވާ އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް އެއިން ލިބޭކަމަށް ބެލެވޭ އެއްވެސް ޙަޤީޤަތެއް، އެކަށީގެންވާ އެއްވެސް ތަފްޞީލަކާއެކު، އެ ޕެންޑްރައިވްއާ ބެހޭގޮތުން ސާފުކޮށް ބަޔާންކޮށްފައި ނުވާކަން މި ރިޕޯޓަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން މި ރިޕޯޓުގެ ދަށުން ތަޙްލީލުކުރެވުނު ތަކެތި ތަޙްލީލުކުރި ފަރާތްކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލްޤައްޔޫމް ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ބަޔާންދީފައިވާކަން އެނގެން އޮންނައިރު މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ޕެންޑްރައިވް އިން ފެނިފައިހުރި ޑޭޓާއިންނާއި ފޮޓޯގައި ހުރި އެއްޗިއްސާ ބެހޭގޮތުން އަމީން ޢަބްދުލްޤައްޔޫމް ބުނާނެ އެއްޗެއް ނެތްކަމަށާއި އަދި ފައިލް އޭގެ ޒާތުގައި ކްރިއޭޓްވެފައި ހުރި ގަޑިތަކާއި އެކްސެސް ވެފައިހުރި ގަޑިތައް އެބަހުރިކަމަށާއި ނަމަވެސް މިއަށް ބޭސްކޮށް މިތަކެއްޗާ މުޙައްމަދު ނާޡިމްއާ ނުގުޅުވޭނެކަމަށް ސާފުބަހުން އަމީން ޢަބްދުލްޤައްޔޫމް ބުނެފައިވާކަން އެނގެން އޮތުމުން އިސްވެ އިޝާރާތްކުރެވުނު ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި އަމީން ޢަބްދުލްޤައްޔޫމް މި މައްސަލައިގެ ދަށު ކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަކީ ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަޢުވާގައި ބަޔާންކޮށްފައިވާ ފިސްތޯލައާއި 03 ވަޒަނަކީ މުޙައްމަދު ނާޡިމް ގެންގުޅެފައިވާ ނުވަތަ މުޙައްމަދު ނާޡިމް ބޭނުންކޮށްފައިވާ ނުވަތަ އޭނާ ބޭނުންކުރުމަށް ގެނެސްފައިވާ ނުވަތަ އެތަކެއްޗަކީ މުޙައްމަދު ނާޡިމްގެ އެއްވެސް ކަހަލަ ބާރުވެރިކަމެއް އެއްވެސް ސިފައެއްގައި އޭގެ މައްޗަށް އޮތް ތަކެތިކަން ނުވަތަ އެ ތަކެއްޗާބެހޭ އެއްވެސް މުޢާމަލާތެއްމުޙައްމަދު ނާޡިމް ހިންގާފައިވާކަން ނުވަތަ އެތަކެއްޗަކީ އެފަދަ މުޢާމަލާތެއް ހިންގުމަށްޓަކައި ސީދާމުޙައްމަދު ނާޡިމް ނުވަތަ އެހެން ފަރާތަކާ މުޙައްމަދު ނާޡިމް ބައިވެރިވެގެން ގެނެސްފައިވާ ތަކެތިކަން ޝަރީޢަތާއި ޤާނޫނުގެ ޞައްޙަމަގުން އެކަށީގެންވާ އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ބެލެވޭ ހެއްކެއް ނުވަތަ ޤަރީނާއެއް ކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.

(ވ) ނުވަވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން މުޙައްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ބުނެވުނު ދަޢުވާ ސާބިތުކުރުމަށްޓަކައި ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގެން އޮންނަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަންބަރު 28-AD-3/171/2015/5 (22 ޖަނަވަރީ 2015) ސިޓީގައި މި މައްސަލައިގެ ދަޢުވާގައި ބުނާ ތަކެއްޗަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ތަކެތި ނޫންކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ސިޓީގައި އެ ތަކެއްޗާ މުޙައްމަދު ނާޡިމްއާ ހުރި އެއްވެސް ގުޅުމެއް ބަޔާންކޮށްފައި ނުވާތީ، އެ ސިޓީއަކީ އޭގެ ޒާތުގައި މި ދަޢުވާގައި ބުނާ ތަކެއްޗަކީ މުޙައްމަދު ނާޡިމް ގެންގުޅުނު ނުވަތަ ބޭނުންކޮށްފައިވާ ނުވަތަ މުޙައްމަދު ނާޡިމް ބޭނުންކުރުމަށް ގެނެސްފައިވާ ނުވަތަ އެތަކެތީގެ މައްޗަށް މުޙައްމަދު ނާޡިމްގެ އެއްވެސް ބާރެއް ނުވަތަ ކޮންޓްރޯލެއް އޮތް ތަކެތިކަން ނުވަތަ އެތަކެއްޗާ ބެހޭގޮތުން އެއްވެސް ސިފައެއްގައި މުޙައްމަދު ނާޡިމް މުޢާމަލާތެއް ކޮށްފައިވާކަން ނުވަތަ އެތަކެއްޗާމެދު އެއްވެސް މުޢާމަލާތެއް މުޙައްމަދު ނާޡިމްގެ ފަރާތުން ކުރުމަށްޓަކައި ގެނެސްފައިވާ ތަކެތިކަން އެއްވެސް މިންވަރަކަށް އެ ސިޓީއިން އެނގެން އޮތް ސިޓީއެއް ނޫންކަން އެނގެން އޮންނަކަމެވެ.

(މ) ދިހަވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން މުޙައްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށްޓަކައި ޤަރީނާއެއްގެ ގޮތުގައި މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރި ތަޙްޤީޤަށް މުޙައްމަދު ނާޡިމް ދީފައިވާކަމަށް ބުނާ މުޙައްމަދު ނާޡިމްގެ ތަޙްޤީޤު ބަޔާނަށް ބަލާއިރު، އެ ބަޔާނަކީ، 07 ފެބްރުވަރީ 2015 ގެ ތާރީޚުގައި މުޙައްމަދު ނާޡިމް ދީފައިވާ ބަޔާނެއްކަމާއި، އެ ބަޔާނުގެ އެއްވެސް ތަނެއްގައި މުޙައްމަދު ނާޡިމްގެ މައްޗަށް އުފުލިފައިވާ މި ދަޢުވާގައި ބުނާ އެއްވެސް ކަމެއްގެ މައްޗަށް މުޙައްމަދު ނާޡިމް އިޢުތިރާފްވެފައި ނުވާކަމާއި، އަދި ދަޢުވާގައި ބުނާ ދުވަހުގެ ރޭގެ މެންދަމު، ފުލުހުން މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ، އެ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނުކަމަށް ބުނެފައިވާ އެއްވެސް އެއްޗަކީ މުޙައްމަދު ނާޡިމް އެ އެޕާޓްމަންޓަށް ވައްދާފައިވާ ތަކެތި ކަމާމެދު މުޙައްމަދު ނާޡިމް އެ ބަޔާނުގައި އިންކާރުކޮށްފައިވާކަމާއި، އަދި އެ ތަކެއްޗަކީ މުޙައްމަދު ނާޡިމް ބޭނުންކުރުމަށް ނުވަތަ ގެންގުޅުމަށް ގެނެސްފައިވާ ތަކެތިކަމާމެދުވެސް މުޙައްމަދު ނާޡިމް އެ ބަޔާނުގައި ކޮށްފައިވަނީ އިންކާރުކަމާއި، އަދި އެތަކެއްޗާ މުޙައްމަދު ނާޡިމްއާ އެއްވެސް ކަހަލަ ގުޅުމެއް އޮތްކަމާމެދުވެސް މުޙައްމަދު ނާޡިމް ކޮށްފައިވަނީ އިންކާރުކަމާއި އަދި މީގެ އިތުރުން މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓަށް މި ދަޢުވާގައި ބުނާ ދުވަހުގެ ރޭ މެންދަމު ފުލުހުންގެ ތެރެއިން އެންމެ ފުރަތަމަ ވަން ބަޔަކީ ފުލުހުންގެ ސްވޮޓް ޓީމުންކަމަށާއި އެމީހުން ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި، އަދި އެމީހުން އެގޮތަށް އެންމެ ފުރަތަމަ އެ އެޕާޓްމަންޓަށް ވަދެފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށާއި، ކޯޓު އަމުރު ގެނެސް މުޙައްމަދު ނާޡިމަށް ދައްކާފައިވަނީ، ކޯޓު އަމުރަކާ ނުލައި ފުލުހުންގެ ސްވޮޓް ޓީމުން އެ އެޕާޓްމަންޓަށް ބާރުގެ ބޭނުން ކޮށްގެން ވަން ފަހުން އެޕާޓްމަންޓަށް ވަން ފުލުހުންގެ އެހެން ބައެއްކަމަށާއި، މުޙައްމަދު ނާޡިމް ދިރިއުޅޭ ކޮޓަރިތެރެއިން ފެނުނުކަމަށް ފުލުހުން ބުނާ ތަކެއްޗާ ބެހޭގޮތުން މުޙައްމަދު ނާޡިމް ދެގޮތަކަށް ދެކޭކަމަށާއި އެއްގޮތަކީ ފުލުހުންގެ ސްވޮޓް ޓީމް މުޙައްމަދު ނާޡިމް ދިރިއުޅޭ ކޮޓަރި ތެރެއަށް ވަނުމަށްފަހު އެމީހުންގެ ތެރެއިން މީހަކު އެތަކެތި އެ ކަބަޑުގައި ބެހެއްޓުންކަމަށް މުޙައްމަދު ނާޡިމަށް ޤަބޫލުކުރެވުންކަމަށާއި، ދެވަނަ ގޮތަކީ މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓްގެ ތަޅުދަނޑި އޮންނަނީމުޙައްމަދު ނާޡިމްގެ އަންހެނުންނާއި، ގެންގުޅޭ މެއިޑުގެ އިތުރުން މުޙައްމަދު ނާޡިމްގެ އަތުގައި ކަމަށްވެފައި، މުޙައްމަދު ނާޡިމްގެ އަތުގައި އޮންނަ ތަޅުދަނޑި މުޙައްމަދު ނާޡިމް މާލޭގައި ނޫޅޭނަމަ ކާރުތެރޭގައި ބާއްވާފައި ދާތީވެ އެ ތަޅުދަނޑި ނެގުމުގެ ފުރުޞަތު އެހެން މީހަކަށް އޮންނާނެތީވެ، ކޮންމެވެސް ގޮތަކުން އެ ތަޅުދަނޑިފަތި ބޭނުންކޮށްގެން ބަޔަކު އެގޭތެރެއަށް ވަދެ އެކަން ކުރުން ކަމަށް މުޙައްމަދު ނާޡިމްއަށް ޤަބޫލުކުރެވުންކަމަށާއި، އަދި މީގެ އިތުރުން 17 ޖަނަވަރީ 2015 ވަނަ ދުވަހުގެ ރޭ މުޙައްމަދު ނާޡިމް ގޭގައި ހުއްޓައި މެލޭޝިޔާގެ ނަންބަރަކުން މުޙައްމަދު ނާޡިމަށް ގުޅައި ވަރަށް ހަޑި ހުތުރުބަހުން މެސެޖުކޮށް އޭގެފަހުން ޖަވާބުދޭށޭ ބުނެ މުޙައްމަދު ނާޡިމްގެ ފޯނަށް އެސް.އެމް.އެސް ކޮށްފައިވާކަމަށާއި، އަދި ހަމަ މި ޙާދިޘާ ހިނގާދިޔަ ފަހުން މެލޭޝިޔާގެ ހަމަ އެ ނަންބަރުން "ޖަވާބު ނުދިނީމައޭ ތިހެން ތިދިމާވީ" މިހެން ބުނެ މެސެޖުކޮށްފައިވާކަމަށާއި، މިކަމަކީ ބަޔަކު ރާވައިގެން މުޙައްމަދު ނާޡިމަށް ދެރައެއް ދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް މުޙައްމަދު ނާޡިމަށް ޤަބޫލުކުރެވޭ ކަމަށާއި އަދި މި ޙާދިޘާ ހިނގާދިޔަ ދުވަހުގެ ކުރީ ދެ ދުވަހު ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބު މުޙައްމަދު ނާޡިމަށް ގުޅައި މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓާ ބެހޭގޮތުން މުޙައްމަދު ނާޡިމްގެ ކިބައިން މަޢުލޫމާތު ސާފުކޮށްފައިވާކަމަށް ބުނެ މިކަންކަމުގެ މައްޗަށް ވަރަށް ތަފްޞީލްކޮށް މުޙައްމަދު ނާޡިމްގެ ތަޙްޤީޤު ބަޔާނުގައި ވާހަކަ ދައްކާފައިވާކަން އެނގެން އޮތުމުން މި ބަޔާނަކީ މުޙައްމަދު ނާޡިމްގެ ދިފާޢުގައި ދީފައިވާ ބަޔާނެއްކަން އެނގެން އޮތުމުން މި ބަޔާނަކީ މުޙައްމަދު ނާޡިމްގެ މައްޗަށް އުފުލިފައިވާ މި ދަޢުވާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވުމަށް އެއްވެސް މިންވަރެއްގެ ހެއްކެއް ކަމުގައި ނުވަތަ ޤަރީނާއެއްކަމުގައި ވިޔަސް ބެލެވޭނެ ތަނެއް އޮތް ބަޔާނެއް ކަމަށް ނުބެލެވޭކަމެވެ.

(ފ) އެގާރަވަނަ ކަމަކީ، 18 ޖަނަވަރީ 2015 ވަނަ ދުވަހުގެ ރޭގެ މެންދަމު، އެވެ ކިޔާ ގޭގެ އަށްވަނަ ފަންގިފިލާގައި މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓް "ބީ" އަށް ފުލުހުންގެ ތެރެއިން އެންމެ ފުރަތަމަ ވަން ފުލުހުންގެ ސްވޮޓް ޓީމްގައި ޕޮލިސް ސ.ސަރޖަންޓް ޙުސައިން ނަޢީމް އާއި ޕޮލިސް ސަރޖަންޓް އިބްރާހީމް ރަޢޫފް އާއި ޕޮލިސް ސަރޖަންޓް މޫސާ ވަސީމް އާއި ޕޮލިސް ކޯޕަރަލް ޢަބްދުﷲ ރިޔާޟް އާއި މި ހަތަރު މީހުން ހިމެނުނުކަން މިފަރާތްތަކުން މި މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނައިރު، އެ އޮޕަރޭޝަންގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ސްވޮޓް ޓީމްގައި މަސައްކަތްކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝިއަލިސްޓް އޮޕަރޭޝަންސް ޑިޕާރޓްމަންޓްގެ ސްޕެޝިލިސްޓް ރެސްޕޯންސް ޔުނިޓުގެ ޔުނިޓް ހެޑް (ސްވޮޓް ކޮމާންޑަރ) ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝައިފް ޙުސައިން މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، ބުނެވުނު ގެ ބަލައި ފާސްކުރުމަށް ކޯޓުން ނެރެފައިވާ ކޯޓު އަމުރު ޝައިފް ޙުސައިން ޙަވާލުކޮށްފައިވަނީ އެރޭގެ މި ސްވޮޓް ޓީމުގެ މި އޮޕަރޭޝަންގައި ބްރީޗަރ އެއްގެ ގޮތުގައި މަސައްކަތް ކުރަން ކަނޑައެޅިފައިވާ ޕޮލިސް ކޯޕަރަލް ޢަބްދުﷲ ރިޔާޟް ކިޔާ ފުލުހަކާ ކަމަށާއި، އެރޭ ގ. އެނިފް އެވެ ކިޔާ ގޭގެ އަށްވަނަ ފަންގިފިލާއަށް ފުލުހުންގެ ސްވޮޓް ޓީމް އެރިއިރު އެ ފަންގިފިލާއަކީ ދެފަރާތަށް ވާގޮތަށް 02 އެޕާޓްމަންޓް ހުންނަ ފަންގިފިލާއެއްކަމުން ދެ އެޕާޓްމަންޓަށް އެއްފަހަރާ ވަނުމަށްޓަކައި ސްވޮޓް ޓީމް، ދެޓީމަށް ބަހާލައި އެންމެ ފުރަތަމަ ބްރީޗްކޮށް ދޮރު ހަލާކުކޮށްލީ އެގޭގެ އަށްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓް "އޭ" ކަމަށާއި، އެ އެޕާޓްމަންޓް ތެރެއަށް ވަން ސްވޮޓް ޓީމުގެ ތެރޭގައި ޝައިފް ޙުސައިން ވެސް ހިމެނޭ ކަމަށާއި، އެ އެޕާޓްމަންޓްގެ ރޫމްތަކަށް ބެލި ބެލުމުން އެ އެޕާޓްމަންޓުގައި އިތުރު ނުރައްކަލެއް ނެތްކަމަށް ޤަބޫލުކުރެވުމުން އެ އެޕާޓްމަންޓްއަށް ވަން ސްވޮޓް ޓީމުގެ ބައެއް މީހުން އެ އެޕާޓްމަންޓްގައި ބޭތިއްބުމަށްފަހު އެ ފަންގިފިލާގައި ދެންހުރި އެޕާޓްމަންޓް ކަމުގައިވާ އެޕާޓްމަންޓް "ބީ" އަށް ޝައިފް ޙުސައިން ވަން ކަމަށާއި، އެޕާޓްމަންޓް "ބީ" އަށް ޝައިފް ޙުސައިން ވަނީ އެ އެޕާޓްމަންޓަށް ވަން ސްވޮޓް ޓީމް ވަން ފަހުންކަމަށާއި ޝައިފް ޙުސައިން އެޕާޓްމަންޓް "ބީ" އަށް ވަދެ ސިޓިންގ ރޫމާ ހަމައަށް ދެވުނުއިރު އެ އެޕާޓްމަންޓްގެ އެންމެ އެތެރޭގައި ހުރި ކޮޓަރި ތެރެއިން މުޙައްމަދު ނާޡިމް ނިކުމެގެން އަންނަ މަންޒަރު ފެނުނު ކަމަށާއި، މުޙައްމަދު ނާޡިމާއި އޭނާގެ އަނބިކަނބަލުންނާއި ދެ ދަރިންވެސް އެ އެޕާޓްމަންޓްގެ ސިޓިންގ ރޫމަށް ނިކުތް ވަގުތު ކޯޓު އަމުރު ކޮބައިތޯ މުޙައްމަދު ނާޡިމް ސުވާލުކުރުމުން ޝައިފް ޙުސައިން އެ އެޕާޓްމަންޓުން ނުކުމެ ކޯޓު އަމުރު ބޭއްވުމަށް ޙަވާލުކޮށްފައިވާ ޕޮލިސް ކޯޕަރަލް ޢަބްދުﷲ ރިޔާޟް އަށް ގޮވައި ކޯޓު އަމުރު ދޭށޭ ބުނުމުން އެޕާޓްމަންޓް "އޭ" ގެ ތެރެއިން ޢަބްދުﷲ ރިޔާޟް ނުކުމެ ޝައިފް ޙުސައިންއަށް ކޯޓު އަމުރު ދިނުމުން ޝައިފް ޙުސައިން އެޕާޓްމަންޓް "ބީ" އަށް ވަދެ އެ ކޯޓު އަމުރު މުޙައްމަދު ނާޡިމްގެ އަތަށް ދިންކަމަށް ޝައިފް ޙުސައިން ބުނެފައިވާ ބުނުމަށާއި، ޝައިފް ޙުސައިންގެ މި ބަޔާނުގައި މި ބުނާ ޕޮލިސް ކޯޕަރަލް ޢަބްދުﷲ ރިޔާޟް މި މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި އޭނާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝިއަލިސްޓް އޮޕަރޭޝަންސް ޑިޕާރޓްމަންޓުގެ ސްވޮޓް ޓީމުގައި މަސައްކަތް ކުރަމުން އަންނަ މީހެއްކަމަށާއި، ފުލުހުން ބުނެވުނު ގ. އެނިފް އެވެ ކިޔާ ގޭގައި ބުނެވުނު ދުވަހުގެ ރޭގެ މެންދަމު ފުލުހުންގެ ސްވޮޓް ޓީމުން ހިންގި މި އޮޕަރޭޝަންގައި ޕޮލިސް ކޯޕަރަލް ޢަބްދުﷲ ރިޔާޟްއާ ޙަވާލުކުރެވިފައިވަނީ ސްވޮޓް ޓީމް ވަނުމަށްޓަކައި ގ. އެނިފް އެވެ ކިޔާ ގޭގެ ދޮރުތައް ހުޅުވައިދިނުންކަމަށާއި، ގ. އެނިފް އެވެ ކިޔާ ގެ ބަލައި ފާސްކުރަން ނެރެފައިވާ ކޯޓު އަމުރު ސްވޮޓް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝައިފް ޙުސައިން ޙަވާލުކޮށްފައިވަނީ ޢަބްދުﷲ ރިޔާޟްއާ ކަމަށާއި، ފުލުހުންގެ ސްވޮޓް ޓީމުގައި ހިމެނިގެން ޢަބްދުﷲ ރިޔާޟް ގ. އެނިފް އެވެ ކިޔާ ގޭ ކައިރިއަށް ވެހިކަލް މަޑުކޮށްގެން އެގޭ މައިދޮރު ތަޅުލާފައި ހުރުމުން ރޭމް ބޭނުންކޮށްގެން އެ ދޮރު ބްރީޗްކޮށް އެގޭގެ އަށްވަނަ ފަންގިފިލާއަށް އެރިއިރު އެ ފަންގިފިލާއަކީ ދެފަރާތަށް ވާގޮތަށް 02 އެޕާޓްމަންޓް ހުންނަ ފަންގިފިލާއެއްކަމުން ސްވޮޓް ޓީމް ދެ ޓީމަށް ބަހާލުމަށްފަހު، ސްވޮޓް ޓީމުގެ ކޮމާންޑަރގެ ކޮމާންޑަށް އަށްވަނަ ފަންގިފިލާގެ އެޕާޓްމަންޓް "އޭ" ގެ ދޮރު ބާރުގެ ބޭނުންކޮށްގެން ހުޅުވުމަށްފަހު، ސްވޮޓް ޓީމުގެ އެއްބަޔަކު ވަނީ އެޕާޓްމަންޓް "އޭ" އަށް ކަމަށާއި، އަދި ހަމަ އެވަގުތު އެޕާޓްމަންޓް "ބީ" ގެ ދޮރުވެސް ބާރުގެ ބޭނުންކޮށްގެން ހުޅުވުމަށްފަހު، ސްވޮޓް ޓީމުގެ ބާކީ ތިބިމީހުން އެޕާޓްމަންޓް "ބީ" އަށް ވަން ކަމަށާއި މިގޮތަށް އެޕާޓްމަންޓް "ބީ" ގެ އެންމެ އެތެރޭގައި ހުރި ކޮޓަރީގެ ދޮރު ޢަބްދުﷲ ރިޔާޟްގެ ކޮނޑުން ޖަހައި ހުޅުވިކަމަށާއި އަދި ޢަބްދުﷲ ރިޔާޟް އެ އެޕާޓްމަންޓްގެ އެހެން ކޮޓަރިއެއްވެސް ހުޅުވުމަށްފަހުޢަބްދުﷲ ރިޔާޟް އެ އެޕާޓްމަންޓުން ނުކުމެ އެޕާޓްމަންޓް "އޭ" އަށް ޢަބްދުﷲ ރިޔާޟް ވަދެ ހުއްޓައި ޢަބްދުﷲ ރިޔާޟްމެންގެ ކޮމާންޑަރ، ޢަބްދުﷲ ރިޔާޟްއަށް ގޮވާ އަޑު އިވުމުން ޢަބްދުﷲ ރިޔާޟް އަތުގައި އޮތް ކޯޓު އަމުރު ހިފައިގެން އެޕާޓްމަންޓް "އޭ" ގެ މައިދޮރު ކައިރިއަށް އައުމުން ޢަބްދުﷲ ރިޔާޟްމެންގެ ކޮމާންޑަރ އައިސް، ޢަބްދުﷲ ރިޔާޟްގެ އަތުގައި އޮތް ކޯޓު އަމުރު ދޭށޭ ބުނުމުން އެ އަމުރު ކޮމާންޑަރއާ ޙަވާލުކުރުމުން ކޮމާންޑަރ އެ އަމުރު ހިފައިގެން އެޕާޓްމަންޓް "ބީ" ގެ ތެރެއަށް ވަންކަމަށް ޢަބްދުﷲ ރިޔާޟް ބުނެފައިވާ ބުނުމަށް ބަލާއިރު، ބުނެވުނު ރޭގެ މެންދަމު މުޙައްމަދު ނާޡިމް ދިރިއުޅޭ ގ. އެނިފް އެވެ ކިޔާ ގޭގެ އަށްވަނަ ފަންގިފިލާގެ އެޕާޓްމަންޓް "ބީ" ގެ ތެރެއަށް ފުލުހުންގެ ސްވޮޓް ޓީމުގެ ތެރެއިން އެންމެ ފުރަތަމަ ވަން ޓީމުގެ ތެރޭގައި ކޯޓު އަމުރު އެމީހެއްގެ އަތުގައި އޮތްކަމަށް ބުނާ ޢަބްދުﷲ ރިޔާޟް ހިމެނުނުކަމަށް އޭނާ ބުނެފައިވީނަމަވެސް ޢަބްދުﷲ ރިޔާޟް އެޕާޓްމަންޓް "ބީ" ހުޅުވައި އެތަނަށް އެންމެ ފުރަތަމަ ވަދެ އޭނާއަށް މުޙައްމަދު ނާޡިމް ފެނިފައިވާއިރުވެސް އޭނާއަށް ކޯޓު އަމުރު ދެއްކުމަކާ ނުލައި ޢަބްދުﷲ ރިޔާޟް އެ އެޕާޓްމަންޓުން ނުކުމެ ގޮސް ހުރީ އެޕާޓްމަންޓް "އޭ" ގައި ކަމާއި މުޙައްމަދު ނާޡިމަށް އެ އަމުރު ފެނުނީ މުޙައްމަދު ނާޡިމް އެ އަމުރާ ބެހޭގޮތުން ސުވާލުކުރުމުން އެވަގުތު އެޕާޓްމަންޓް "ބީ" ގައި ތިބި ސްވޮޓް ޓީމްގެ މީހެއްގެ އަތުގައި އެ އަމުރު ނެތުމުން ސްވޮޓް ޓީމްގެ ކޮމާންޑަރ ޝައިފް ޙުސައިން މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓް "ބީ" އިން ނުކުމެގެން ގޮސް އެޕާޓްމަންޓް "އޭ" ގައި ހުރި ޢަބްދުﷲ ރިޔާޟްގެ އަތުން އެ އަމުރު ހޯދައިގެން އައިސް ޝައިފް ޙުސައިން ދެވަނަ ފަހަރަށް އެޕާޓްމަންޓް "ބީ" އަށް ވަދެ މުޙައްމަދު ނާޡިމްއަށް އެ އަމުރު ދެއްކުމުންކަން ޝައިފް ޙުސައިން އާއި ޢަބްދުﷲ ރިޔާޟްގެ ބަހުން ރަނގަޅަށް އެނގެން އޮންނައިރު، އެރޭ ސްވޮޓް ޓީމުގައި ހިމެނިގެން އެގޭގެ އެޕާޓްމަންޓް "ބީ" އަށް އެންމެ ފުރަތަމަ ވަން ކަމަށް މި މައްސަލައިގެ ތަޙްޤީޤަށް ބަޔާންދީފައިވާ އަނެއް ތިން ފަރާތުން ކުރެ އެއްވެސް ފަރާތަކުން އެ ކޯޓު އަމުރު މުޙައްމަދު ނާޡިމަށް ސީދާ އެފަރާތްތަކުން ދައްކާފައިވާކަމަށް ބުނެފައި ނުވާކަން އެފަރާތްތަކުގެ ތަޙްޤީޤު ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ދ) ބާރަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/05 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ބ) ގައި "ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކުރުމަށް ފުލުހަކު ދާއިރު އެތަނުގެ ވެރި ފަރާތް އެތަނުގައި ޙާޟިރުވެހުރިނަމަ: (1) އެ ފުލުހަކު އޭނާގެ ތަޢާރަފެއް އެތަނުގެ ވެރިފަރާތަށް ދޭންވާނެއެވެ. (2) ފުލުސް މީހާ ހުރީ ޔުނީފޯމްގައި ނުވަތަ އާދައިގެ ހެދުމުގައި ކަމުގައިވީނަމަވެސް އޭނާގެ އަތުގައި އޭނާއަކީ ފުލުހެއްކަން އަންގައިދޭ ކާޑު އޮންނަންވާނެއެވެ. (3) އެތަން ބަލާ ފާސްކުރުމަށް ކޯޓުން ނެރެފައިވާ ބަލާ ފާސްކުރުމުގެ ކޯޓު އަމުރުގެ ކޮޕީއެއް އެތަނުގެ ވެރި ފަރާތަށް ދޭންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވުމުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް މީހުން ދިރިއުޅޭ ގެއަކަށް ނުވަތަ ތަނަކަށް ފުލުހުން އެންމެ ފުރަތަމަ ވަނުމަށްފަހު، އެތަނުގައި އެ ގެއެއްގެ ނުވަތަ ތަނެއްގެ ވެރިންކަމަށް ބެލެވޭ ބަޔަކު ތިބިނަމަ، އެގެއެއްގެ ނުވަތަ އެތަނެއްގައި ހުރި އެންމެ އިސް މީހަކަށް، އޭނާ އިސްވެ އަހައި އޮޅުން ފިލުވުމަކާ ނުލައި، ކޯޓު އަމުރެއްގެ ދަށުން ތަނަކަށް ނުވަތަ ގެއަކަށް ވަންނަ ފުލުހެއްގެ ނުވަތަ ފުލުހުންގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ އެ ގެއެއް ނުވަތަ އެތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ ދީ ކޯޓުން ނެރެފައިވާ އަމުރު ވަގުތުން އެގެއްގެ ނުވަތަ އެތަނެއްގެ ވެރިފަރާތަށް ދައްކައި އަދި އޭގެ ކޮޕީއެއް ގޭގެ ވެރިފަރާތަށް ދީ، އެމީހުންނަކީ ފުލުހުންކަން ގޭގެ ވެރިފަރާތަށް ކަށަވަރުކޮށްދިނުންކަން އެނގެން އޮންނައިރު، ބުނެވުނު ގޭގައި މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓަށް ބުނެވުނު ދުވަހުގެ ރޭގެ މެންދަމު ބުނެވުނު ގޭގައި މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓަށް ބާރުގެ ބޭނުންކޮށްގެން ވަން ފުލުހުންގެ ސްވޮޓް ޓީމުގައި ހިމެނުނު އިސްވެ ބަޔާންކުރެވުނު ފަރާތްތަކުން ބުނެވުނު ޤަވާޢިދުގެ ބުނެވުނު މާއްދާގައި ބަޔާންކުރެވިފައިވާ އުޞޫލްތަކާ އެއްގޮތަށް އެފަރާތްތަކުން ޢަމަލުކޮށްފައިވާކަން އެފަރާތްތަކުގެ ތަޙްޤީޤު ބަޔާންތަކުން ކަށަވަރުކޮށްދެވިފައިނުވާކަން އެ ބަޔާންތަކުން އެނގެން އޮންނަ އޮތުމެވެ.

(ތ) ތޭރަވަނަ ކަމަކީ، 18 ޖަނަވަރީ 2015 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި ގ. އެނިފް އެވެ ކިޔާ ގޭގެ އަށްވަނަ ފަންގިފިލާގައި މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓް "ބީ" އަށް ވަން ފުލުހުންގެ ސްވޮޓް ޓީމުގައި ހިމެނުނުކަމަށް ބުނާ މި މައްސަލައިގެ ތަޙްޤީޤަށް ބަޔާންދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ ޕޮލިސް ސަރޖަންޓް އިބްރާހީމް ރައޫފް ދީފައިވާ ބަޔާނުގައި އޭނާ ބުނެވުނު ރޭ މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓަށް ދިޔައިރު، އޭނާ ގެންދިޔަ ތަކެތީގެ ތެރޭގައި ދަބަހެއް އޮތްކަމަށް ބުނެފައިވާއިރު، މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓްގައި ބުނެވުނު ރޭ، އޭނާ ހޭދަކުރި ވަގުތުގައި އެ ދަބަސް މުޙައްމަދު ނާޡިމަށް ނުވަތަ އެގޭގައި އޭރު ތިބި އެއްވެސް ފަރާތަކަށް ދައްކާފައިވާކަމަށް އޭނާގެ ތަޙްޤީޤު ބަޔާނުގައި ކަށަވަރުކޮށްދީފައިނުވާކަން އޭނާގެ އެ ބަޔާނުން އެނގެން އޮންނަކަމެވެ.

(ލ) ސާދަވަނަ ކަމަކީ، މި މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާކަން އެނގެން އޮންނަ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފޮރެންސިކް ޑައިރެކްޓަރޭޓް އިން 20 ޖަނަވަރީ 2015 ގައި ތައްޔާރުކޮށްފައިވާ "ފިންގަރޕްރިންޓް ދިމާނުވާކަމުގެ ލިޔުން" މި ނަމުގައިވާ ލިޔުމަށް ބަލާއިރު، ގ. އެނިފްގޭގެ އަށްވަނަ ފަންގިފިލާގައި ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ގެނެވުނު އެވިޑެންސްތަކުން ލިފްޓް ކުރެވުނު ލޭޓެންޓް ޕްރިންޓާއި މިވަގުތު ފިންގަރޕްރިންޓް ޑޭޓާބޭސްގައި ހުރި އެއްވެސް މީހެއްގެ ޕްރިންޓަކާ މެޗުނުވާކަން ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ގ) ފަނަރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާ އަލުން މުރާޖަޢާ ކޮށްދިނުމަށް އެދި މުޙައްމަދު ނާޡިމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ދަޢުވާލިބުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މުޙައްމަދު ނާޡިމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ނަންބަރު 2016/SC-L/32 ފޯމު ބަލައިގަތުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އޭރު ގޮތެއް ނިންމާފައިވަނީ އެ ފޯމު ބަލައިގަތުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީވެފައިވަނިކޮށް، މި މައްސަލައާ ގުޅުންހުރި ޑީ.އެން.އޭ ތަޙްލީލު ރިޕޯޓެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ އޮފީހާ އަލަށް ޙިއްޞާކުރުމުން، އެ ރިޕޯޓުގެ ކޮޕީއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ރިޕޯޓާ ގުޅިގެން ވާހަކަދެއްކުމަށް ދައުލަތަށް ފުރުޞަތު ލިބުނުނަމަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އޭރު ނިންމި ނިންމުން އެނޫން ގޮތަކަށް ބަދަލުވެދާނޭކަމަށް ދައުލަތަށް ޤަބޫލުކުރެވޭތީ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާ އެ ކޯޓުން ނިންމިފަހުން މައްސަލައާ ގުޅިގެން ލިބުނު އައު ޑީ.އެން.އޭ ރިޕޯޓަށް ބެލުމުން، ޑީ.އެން.އޭ ޕްރޮފައިލްގެ މޭޖަރ ކޮމްޕޯނެންޓް ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޑީ.އެން.އޭ ޕްރޮފައިލާ ދިމާވާކަން އެނގެން އޮތަތީއާއި، ހަމައެކަނި އެ ރިޕޯޓަށް ބެލުމުންވެސް، މުޙައްމަދު ނާޡިމްގެ ގެއިން ފެނުނު ހަތިޔާރާ އެހެން މީހަކާ ގުޅުވޭނެ ހެކި މިހާރު ފެންނަން އޮތުމުންނާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޑީ.އެން.އޭ އެ ހަތިޔާރުން ފެނުނުގޮތަކާ ގުޅޭ ތަޙްޤީޤެއް ފުލުހުން އޭނާގެ މައްޗަށް ހިންގާފައި މިވީހާތަނަށް ނެތުމުންނާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ސިޓީގައި މުޙައްމަދު ނާޡިމްގެ ގެއިން ފެނުނު ފިސްތޯލައަކީ އެގޭގައި ޕްލާންޓް ކޮށްފައިވާ އެއްޗެއްކަމަށް ބުނެފައިވާކަމަށް ބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ވާހަކަދައްކާފައިވާކަން އެނގެން އޮތުމުން، ދަށު ކޯޓުންނާއި ހައިކޯޓުން މި މައްސަލަ ބެލި ދުވަސްވަރު ދައުލަތުން މުޙައްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ މި ދަޢުވާ ބިނާކޮށްފައިވާ އަސާސްތަކަށް ބަދަލު އަންނާނޭ އައު ކަންތައްތަކެއް މުޙައްމަދު ނާޡިމްގެ މަޞްލަޙަތުގައި ވުޖޫދުވެފައިވާކަން ދައުލަތުގެ ފަރާތުންވެސް ޤަބޫލުކޮށްފައިވާކަން ދައުލަތުގެ ވާހަކަތަކަށް ބެލުމުންވެސް އެނގެން އޮންނަކަމެވެ.

(ޏ) ސޯޅަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާ އަލުން މުރާޖަޢާ ކޮށްދިނުމަށް އެދި މުޙައްމަދު ނާޡިމްގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓް އިން 19 ޖޫން 2016 ގައި ތައްޔާރުކޮށްފައިވާ ކަން އެނގެން އޮންނަ "ޑީ.އެން.އޭ ތަޙުލީލު ރިޕޯޓު" މި ނަމުގައިވާ ރިޕޯޓުގައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ގ. އެނިފް ގޭގެ އަށްވަނަ ފަންގިފިލާގެ އިރުމަތީ ފަރާތުގެ ކޮޓަރި ތެރޭގައި ހުރި އެނދުގެ ސައިޑު ކަބަޑުގެ މަތީ ވަތްގަނޑުން ނެގުނު 01 ފިސްތޯލައިން ލިބުނު މިކްސްޑް ޑީ.އެން.އޭ ޕްރޮފައިލްގައި މަދުވެގެން 2 (ދޭއް) މީހެއްގެ ޑީ.އެން.އޭ ހުރިކަމަށް ދައްކާ ކަމަށާއި މި ޕްރޮފައިލްގެ މޭޖަރ ކޮމްޕޮނެންޓް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޑީ.އެން.އޭ ޕްރޮފައިލާ ދިމާވާކަމަށާއި މި ޕްރޮފައިލްގެ މައިނަރ ކޮމްޕޮނެންޓް، ހުށަހެޅިފައިވާ އެއްވެސް ރެފެރެންސް ޕްރޮފައިލްއަކާ ދިމާނުވާކަމަށް ބުނެވުނު ރިޕޯޓުގައި ބަޔާންކޮށްފައިވާކަން އެނގެން އޮތުމުން މި ރިޕޯޓަކީ މުޙައްމަދު ނާޡިމްގެ މައްޗަށް ކުރެވިފައިވާ މި ދަޢުވާގައި ބަޔާންކުރާ ހަތިޔާރާއި އެހެން ފަރާތަކާ ގުޅުންހުރިކަމުގެ މައްޗަށް ދަލާލަތުކޮށްދޭ ހަރުދަނާ ޤަރީނާއެއްކަމުގައި ބެލެވެންއޮތް ރިޕޯޓެއްކަން އެނގެން އޮންނާތީ މި ރިޕޯޓަކީ، މި މައްސަލައިގައި މުޙައްމަދު ނާޡިމްގެ މައްޗަށް އުފުލިފައިވާ މި ދަޢުވާގެ ދިފާޢުގައި މުޙައްމަދު ނާޡިމް ދައްކާފައިވާ ބަޔާންކުރެވިދިޔަ ވާހަކަތަކަށް ބާރު ލިބިދޭ ހަރުދަނާ ޤަރީނާއެއްކަމުގައި ބެލެވެން އޮންނަކަމެވެ.

(ސ) ސަތާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ އެ ޤާނޫނުއަސާސީގެ ދެވަނަ ބާބު ފެށެނީ އެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ކަމާއި އެ ބާބު ނިމެނީ އެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގެ ނިޔަލަށްކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި "މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނެފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށްގެން ނުވަތަ ތަރުޖަމާކޮށްގެން ނުވާނެއެވެ." މިފަދައިން ކަނޑައެޅި ބަޔާންވެފައިވާއިރު، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަން އެނގެން އޮންނާތީ އާއި އަދި ޤާނޫނުއަސާސީގެ 59 ވަނަ މާއްދާވެސް ހިމެނިފައިވަނީ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރެވިފައިވާ ބާބުގައިކަން އެނގެން އޮންނާތީ، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި "ކުށެއް ކުރުމާ، އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއްދީފައިވާނަމަ، އެމީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބެވެ." މިފަދައިން ބަޔާންކޮށްފައިވާ ޢިބާރާތް މާނަކުރަންޖެހޭނީ، މީހަކު، ޤާނޫނުގައި ކުށެއްކަމުގައި ކަނޑައަޅާފައިވާ ކަމެއް ކުރި ވަގުތު ޢަމަލުކުރެވެމުން ދިޔަ ޤާނޫނު، އެ ކުށް ކުރި ވަގުތުން ފެށިގެން އޭނާގެ ކުށުގެ މައްސަލަ، ޝަރުޢީ ހުރިހާ މަރުޙަލާއެއް ހިމެނޭގޮތުން ދަށު ކޯޓާއި އިސްތިއުނާފީ ކޯޓާއި ސުޕްރީމް ކޯޓުގެ މަރުޙަލާގައި ޤަވާޢިދުން ހިނގަމުން އައިސް، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ޙުކުމްކުރުމާ ދެމެދު، އޭނާ އެކުރި ކުށެއްގެ އަދަބަށް ޤާނޫނުން ގެންނަ ބަދަލަކުން އެއްވެސް މިންވަރެއްގެ ލުޔެއް ދީފައިވާނަމަ ފަހުން ހެދުނު ޤާނޫނުގެ ދަށުން އެކުށުގެ އަދަބަށް އަންނަ ކޮންމެ ލުޔެއް އޭނާއަށް ލިބޭގޮތަށް ކަމާއި އެނޫން ގޮތަކަށް ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައިވާ ބަޔާންކުރެވިދިޔަ ޢިބާރާތް މާނަކުރުން ޤާނޫނުއަސާސީގެ 69 މާއްދާއިން ހުއްދަނުކުރާކަން އެނގެން އޮންނަކަމެވެ.

(ޑ) އަށާރަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ބެލުމުން ކްރިމިނަލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އަދި އެ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް:

އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން،

ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގައި ދައުލަތް ތަމްޘީލްކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ދިފާޢުގައި، މި ދަޢުވާގައި ބަޔާންކޮށްފައިވާ ތަކެތި މުޙައްމަދު ނާޡިމު ދިވެހިރާއްޖޭގައި ގެންގުޅެފައިވެސް ނުވާނެކަމަށާއި މި މައްސަލައަކީ، އުފައްދާފައިވާ ހެކިތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށާއި މި މައްސަލައަކީ ޙަޤީޤަތާ ޚިލާފަށް މުޙައްމަދު ނާޡިމްގެ މައްޗަށް އުފައްދާފައިވާ މައްސަލައެއްކަމަށް މުޙައްމަދު ނާޡިމް ދެކޭ ސަބަބަކީ މުޙައްމަދު ނާޡިމްގެ މައްޗަށް މި ދަޢުވާ ކުރުމުގެ ކުޑަ ދުވަސްކޮޅެއްކުރިން އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަޙްމަދު އަދީބު، މުޙައްމަދު ނާޡިމަށް ފޯނުން ގުޅައި، "ހޭ އަރުވާލާނެކަމަށް" ބުނެ މުޙައްމަދު ނާޡިމްއަށް ބިރުދައްކާފައިވާތީ ކަމަށްބުނެ، މި މައްސަލައިގެ ޝަރީޢަތުގައާއި ތަޙްޤީޤުގައި މުޙައްމަދު ނާޡިމް މި ދަޢުވާއަށް ކޮށްފައިވަނީ އިންކާރުކަމަށް ވާތީއާއި،

ދައުލަތުގެ ފަރާތުން މި ދަޢުވާ ސާބިތުކުރުމަށް ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅި 3 މީހުން މި މައްސަލައާ ގުޅިގެން ޝަރީޢަތާއި ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ކޯޓު އަމުރެއްގެ ދަށުން 18 ޖަނަވަރީ 2015 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ގ. އެނިފް އެވެ ކިޔާގޭގެ އަށްވަނަ ފަންގިފިލާގައި ހުންނަ މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓް "ބީ" އަށް ވަދެ އެ އެޕާޓްމަންޓް ބަލައި ފާސްކުރިކުރުމުން އެ އެޕާޓްމަންޓުގައި މުޙައްމަދު ނާޡިމް ދިރިއުޅޭ ކޮޓަރިން މި ދަޢުވާގައި ބުނާ ތަކެތި ފެނިފައިވާކަމަށް ބުނެފައި ވީނަމަވެސް އެފަރާތްތަކަކީ އެރޭ އެންމެ ފުރަތަމަ އެ އެޕާޓްމަންޓްގެ ތަޅު ހަލާކުކޮށްލައިގެން ވަން ފުލުހުންގެ ސްވޮޓް ޓީމުގައި ހިމެނުނު ބައެއް ނޫންކަމާއި އެފަރާތްތަކުން އެ އެޕާޓްމަންޓަށް ވަނީ އެ އެޕާޓްމަންޓްއަށް އެންމެ ފުރަތަމަ ފުލުހުންގެ ސްވޮޓް ޓީމް އެ އެޕާޓްމަންޓަށް ވަން ފަހުންކަން އެފަރާތްތަކުގެ ބަހުން އެނގެން އޮންނައިރު، އެ ތިން މީހުން އެ އެޕާޓްމަންޓަށް ވަނުމުގެ ކުރިން، އެރޭ ފުލުހުން ގ. އެނިފް އެވެ ކިޔާ ގޭގައި ހިންގި އޮޕަރޭޝަންގައި އެ އެޕާޓްމަންޓަށް ވަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްވޮޓް ޓީމުގައި ހިމެނުނު އިސްވެ ބަޔާންކުރެވިދިޔަ ފަރާތްތަކުން މި މައްސަލައާ ގުޅިގެން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެމީހުން، ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ހެދިފައިވާ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަމަށް އެފަރާތްތަކުގެ ބަޔާންތަކުން ކަށަވަރުކޮށްދެވިފައިނުވާތީ އާއި އަދި އެރޭ ފުލުހުންގެ ސްވޮޓް ޓީމުގައި ހިމެނިގެން އެންމެ ފުރަތަމަ ބުނެވުނު ގޭގެ އެޕާޓްމަންޓް "ބީ" އަށް ވަންކަމަށް ބުނާ މީހުންގެ ތެރެއިން އެކަކު އެ އެޕާޓްމަންޓަށް ވަންނަން ދިޔައިރު އޭނާ ގެންދިޔަ ތަކެތީގެ ތެރޭގައި ބޭގެއް އޮތްކަމަށް އޭނާގެ ތަޙްޤީޤު ބަޔާނުގައި ބުނެފައިވާއިރު، އޭނާ މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ ނިކުމެގެން ދިޔައިރުވެސް އެ ބޭގް މުޙައްމަދު ނާޡިމަށާއި އަދި އެވަގުތު މުޙައްމަދު ނާޡިމާއެކު އެ އެޕާޓްމަންޓްގައި ތިބި އެއްވެސް ބަޔަކަށް ދައްކައި އޭގެ ޙަޤީޤަތް ބަޔާންކޮށްދީފައިވާކަން އެފަރާތުގެ އެ ބަޔާނުން ކަށަވަރުކޮށްދެވިފައިނުވާތީ ސިއްރު ހެކިންގެ ގޮތުގައި ޝަރީޢަތަށް ބަޔާންދީފައިވާ 3 މީހުން އެރޭ މުޙައްމަދު ނާޡިމް ދިރިއުޅޭ އެޕާޓްމަންޓުން ފެނުނުކަމަށް ބުނާ ތަކެތި ހޯދާފައިވަނީ ބުނެވުނު ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް ބެލެވެން ނެތަތީ އާއި އަދި މީގެ އިތުރުން މި މައްސަލަ ސާބިތުކުރުމަށްޓަކައި ސިއްރު ނޫންގޮތުގައި ދައުލަތުން ހުށަހަޅާފައިވާކަން އެނގެން އޮންނަ އެއްވެސް ފަރާތަކުން ދީފައިވާ ބަޔާނަކުން އަދި އެމީހުން ތައްޔާރުކޮށް ޝަރީޢަތަށް ހުށަހެޅިކަމަށް ބުނާ އެއްވެސް ރިޕޯޓަކުން މި މައްސަލައިގެ ދަޢުވާގައި ބުނާ ތަކެއްޗާއި މުޙައްމަދު ނާޡިމްއާ ގުޅުވޭކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސް ޝަރީޢަތާއި ޤާނޫނުގެ ޞައްޙަމަގުން ޝަރީޢަތަށް ލިބިފައިނުވާތީ އާއި އަދި މި މައްސަލަ ސާބިތުކުރުމަށް މި މައްސަލައިގެ ޝަރީޢަތަށް ހުށަހެޅުނު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޙަވާލާދެވުނު ސިޓީއަކީ މި ދަޢުވާގައި ބުނާ ތަކެއްޗާއި، މުޙައްމަދު ނާޡިމްއާ ގުޅުވޭނެ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ކަމުގައި ބެލެވޭ އެއްވެސް އަސާސެއް ބަޔާންކުރެވިފައިވާ ސިޓީއެއްކަމަށްނުވާތީ މި މައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ސިއްރު ހެކިންގެ ގޮތުގައާއި ސިއްރު ނޫން ހެކިންގެ ގޮތުގައި ހުށަހެޅި ހެކިންގެ ގޮތުގައި ޝަރީޢަތަށް ބަޔާންދީފައިވާ މީހުންގެ ބަހުންނާއި އަދި މި ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި އިސްވެ ފާހަގަކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވިދިޔަ އެއްވެސް ރިޕޯޓަކުން ނުވަތަ ލިޔުމަކުން ވިޔަސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ ދުސްތޫރީ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މުޙައްމަދު ނާޡިމްގެ މައްޗަށް ހުށަހެޅިފައިވާ މި ދަޢުވާ ޝަރީޢަތާ ޤާނޫނުގެ ޞައްޙަމަގުން ސާބިތުވާކަމަށް ބެލެވޭ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހެޅިފައިވާކަމަށް ނުބެލެވޭތީއާއި،

އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ދައުލަތުގެ ފަރާތުން ހުށަހެޅި "ޑީ.އެން.އޭ ތަޙުލީލު ރިޕޯޓު" ގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން މި ދަޢުވާގެ ދިފާޢުގައި މުޙައްމަދު ނާޡިމް ހުށަހެޅި ދިފާޢުތަކަށް ބާރުލިބިދެނިވި ހަރުދަނާ ޤަރީނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ލިބިފައިވާތީ

ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުންމ. ސީނުކަރަންކާގެ މުޙައްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށާއި

އިސްވެ ބަޔާންކުރެވުނު އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ބެލުމުން ކްރިމިނަލް ކޯޓުގެ ނަންބަރު 137/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި އަދި އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަން އެނގެން އޮންނާތީ އެ ދެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްތަކަކީ ބާޠިލު ޙުކުމްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި މި ގޮތުގެމަތިން ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ