ޙަބީބު ޒާހިރު ވ. މާލެ ސިޓީ ކައުންސިލް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
(ށ) ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާ5 (ނ) ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާ6ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް7ހައިކޯޓުން މައްސަލަ ނިންމިގޮތް10ޙަބީބު ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާ12މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް13އައިސްކްރީމް ވިއްކުން ހުއްޓުވާފައިވާތީ ހުށަހެޅުނު ދަޢުވާތައް13ރެސް ޖުޑިކާޓާގެ މަބްދަޢު15ގެއްލުމުގެ ބަދަލާ ގުޅޭ މައްސަލަ އަލުން ބެލިދާނެކަމަށް ހައިކޯޓުން ކަނޑައަޅާފައި އޮއްވައި، އެ ގަޒިއްޔާ އިސްތިއުނާފުކުރުމެއް ނެތި ސުޕްރީމް ކޯޓުން އެ ނޫންގޮތެއް ކަނޑައެޅުން 21ޙުކުމް24
ޙަބީބު ޒާހިރު ވ. މާލެ ސިޓީ ކައުންސިލް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
ޙަބީބު ޒާހިރު (ދ.ރ. އަންގައިދޭ ކާޑު ނަންބަރު، އައިސްކްރީމް ވިއްކުމަށް ޚާއްސަކުރެވިފައިވާ 3 (ތިނެއް) ބައިސްކަލެއްގައި މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކަމުން ދަނިކޮށް މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް 21 ޖުލައި 2011 ގައި ހުއްޓުވާފައިވާތީ، 21 ޖުލައި 2011 އިން ފެށިގެން 22 ފެބްރުއަރީ 2012 ގެ ނިޔަލަށް މި މަސައްކަތް ހުއްޓާލަން ޖެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޙަބީބު ޒާހިރުގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައި ދަޢުވާކުރިއެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ ޙަބީބު ޒާހިރުގެ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާ ޙަބީބު ޒާހިރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2016/HC-A/475 ގަޒިއްޔާގައި ޙުކުމްކުރީ ޙަބީބު ޒާހިރުއަށް ބަދަލު ނަގައިދިނުމަށެވެ.
ހައިކޯޓުގެ ނަންބަރު 2016/HC-A/475 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޙަބީބު ޒާހިރުގެ ފަރާތުންނާއި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހެޅިއެވެ. ޙަބީބު ޒާހިރުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅީ ސުޕްރީމް ކޯޓުގެ 2019/SC-A/38 ނަންބަރު ގަޒިއްޔާއިންނެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅީ ސުޕްރީމް ކޯޓުގެ 2019/SC-A/39 ނަންބަރު ގަޒިއްޔާއިންނެވެ.
އެހެންކަމުން، ސުޕްރީމް ކޯޓުގެ 2019/SC-A/38 ނަންބަރު ގަޒިއްޔާއާއި އަދި 2019/SC-A/39 ނަންބަރު ގަޒިއްޔާއިން އިސްތިއުނާފު ކުރެވިފައިވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/475 ގަޒިއްޔާކަމުން، ސުޕްރީމް ކޯޓުގެ ބުނެވުނު ދެ ގަޒިއްޔާގެ މައްސަލަވެސް ހިންގައި، ބަލައިފައިވާނީ އެއްކޮށެވެ.
މައްސަލައިގެ ފަސްފަހަތް
ޙަބީބް ޒާހިރުގެ ފަރާތުން މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކަމުން ދަނިކޮށް މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ހުއްޓުވާފައިވާކަމަށް ބުނެ، މި މައުލޫއު ގައި އެކި ފަހަރު މަތިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެހެންކަމުން، ހުށަހެޅިފައިވާ މައްސަލައިގެ ތަފުޞީލަށް ދިއުމުގެ ކުރިން މި މައުލޫއުގައި ކުރިން ހުށަހެޅުނު މައްސަލަތަކަށް ބަލައިލުން މުހިންމު ކަމުގައި ދެކެމެވެ.
(ހ) ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާ
ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ޙަބީބް ޒާހިރުގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ކުރި ދަޢުވާ ބިނާވަނީ މައިގަނޑު ދެކަމެއްގެ މައްޗަށްކަން އެ ގަޒިއްޔާގެ "މަދަނީ މައްސަލަ ނުވަތަ ދަޢުވާ ހުށަހަޅާ ފޯމް" އަށް ބެލުމުން އެނގެއެވެ. އެއީ؛
ޙަބީބު ޒާހިރު މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކުން ހުއްޓުވާފައިވަނީ ޤާނޫނާ ޚިލާފަށްކަން ކަނޑައަޅައިދިނުން. އެގޮތުން، މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ވިޔަފާރި ޚިދުމަތްތަކާބެހޭ ސެކްޝަނުން، 14 ޖުލައި 2011 ގައި ޙަބީބު ޒާހިރު މާލޭގެ މަގުތަކުގައި ވިއްކަމުން ގެންދިޔަ އައިސްކްރީމްއަކީ އިމްޕޯޓު މުދަލެއްކަމަށް ނުބެލެވޭނެކަމަށާއި، އަދި އެ އައިސްކްރީމް ވިއްކުމަށް ވަކި ހުއްދައެއް ނަގަންނުޖެހޭނެކަމަށް އަންގާފައިވަނިކޮށް، 21 ޖުލައި 2011 ގައި މާލޭގެ މަގުތަކުގައި ޙަބީބު ޒާހިރު އައިސްކްރީމް ވިއްކުން ވަގުތުން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އަންގައި، އައިސްކްރީމް ވިއްކުން ހުއްޓުވާފައިވާތީ، އެފަދަ އަމުރެއް މާލެ ސިޓީ ކައުންސިލުން ޙަބީބު ޒާހިރުގެ މައްޗަށް ނެރުނީ ކޮން ޤާނޫނަކުން ނުވަތަ ކޮން ގަވާއިދަކުން ބާރު ލިބިގެންތޯ ބަލައިދިނުމަށާއި، އެއީ ޤާނޫނާ ޚިލާފު އަމުރަކަށްވާތީ، އެ އަމުރު ބާޠިލުކޮށްދިނުމަށް ޙަބީބު ޒާހިރުގެ ފަރާތުން އެދިފައިވެއެވެ.
އެ އަމުރުގެ ސަބަބުން ޙަބީބު ޒާހިރުއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވެއެވެ.
ބުނެވުނު "މަދަނީ މައްސަލަ ނުވަތަ ދަޢުވާ ހުށަހަޅާ ފޯމް" ގެ ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތުގައި ބަޔާންކޮށްފައިވަނީ، ޙަބީބު ޒާހިރު އައިސްކްރީމް ވިއްކުން ހުއްޓުވައިގެން ނުވާނެކަމުގެ އަމުރު ކޯޓުން ނެރެދިނުމަށާއި، ޤާނޫނުއަސާސީގެ 16، 19 އަދި 37 ވަނަ މާއްދާތަކުން ކަށަވަރުކޮށްދޭ ޙައްޤުތަކެއް މާލެ ސިޓީ ކައުންސިލުން ޙަބީބު ޒާހިރުގެ ކިބައިން ނިގުޅައިގަނެ، ޤާނޫނަކުން ނުވަތަ ގަވާއިދަކުން މަނާކޮށްފައިނުވާކަމެއް، މާލެ ސިޓީ ކައުންސިލުން މަނާކުރުމާ ގުޅިގެން، ޙަބީބު ޒާހިރުގެ މިލްކިއްޔާތަށް ލިބިގެންދިޔަ މާލީ ބޮޑު ގެއްލުމުގެ ބަދަލު އެއްފަހަރާ ލިބިދިނުމަށާއި، މާލެ ސިޓީ ކައުންސިލުން ޙަބީބު ޒާހިރުގެ މައްޗަށް ކޮށްފައިވާ މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކުން ހުއްޓުވުމުގެ އަމުރު ބާޠިލުކަމަށް ކަނޑައަޅައިދިނުމަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގެ ޙުކުމުގައި މައިގަނޑު ދެ ކަމެއް ކަނޑައަޅާފައިވެއެވެ. އެއީ؛
އައިސްކްރީމް ތައްޔާރުކުރުމަށް ޚާއްސަކޮށްފައިވާ ބައިސްކަލެއްގައި މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކުމަކީ ޤާނޫނުއަސާސީގެ 16، 19 އަދި 37 ވަނަ މާއްދާގެ އަލީގައި، އެ މަސައްކަތް އެގޮތަށް ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނެއްގައި މަނާކޮށްފައިވާކަމެއް ކަމުގައި ނުވާނަމަ، އެ މަސައްކަތަކީ އެކަންކުރުމުގެ ޙައްޤު ޙަބީބު ޒާހިރުއަށް ލިބިގެންވާ ކަމެއްގެ ގޮތުގައި ބަލަންޖެހޭތީ، މާލޭގެ މަގުތަކުގައި ޙަބީބު ޒާހިރު އައިސްކްރީމް ވިއްކުމުގެ މަސައްކަތް ހުއްޓުވުމުގެ ބާރު މާލެ ސިޓީ ކައުންސިލަށް ލިބިގެންނުވާކަން؛ އަދި
ޙަބީބު ޒާހިރުގެ ފަރާތުން އެދިފައިވާ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަން.
މި ދެ ކަމެވެ.
ބަދަލު ނަގައިދެވޭނެ ތަނެއްނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާއިން ކަނޑައަޅާފައި އޮތްއޮތުން ބިނާވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޙަބީބު ޒާހިރުގެ ފަރާތުން ބަޔާންކޮށްފައިވާ ޢަދަދުތައް ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމުގެ މައްޗަށްކަން، އެ ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 11 ވަނަ ނުކުތާއަށް ބެލުމުން އެނގެއެވެ. ބުނެވުނު ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނުކުތާގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ޙަބީބު ޒާހިރުގެ ފަރާތުން އެދިފައިވަނީ؛
އައިސްކްރީމް ނުވިއްކި ހުންނަންޖެހުމުގެ ސަބަބުން އެ އައިސްކްރީމް ބެލެހެއްޓުމަށް ހިނގަމުންދާ ޚަރަދުގެ ގޮތުގައި ދުވާލަކަށް -/6000ރ. (ހަހާސް ރުފިޔާ)،
އައިސްކްރީމް ވިއްކައިގެން ދުވާލަކަށް ލިބެމުންދިޔަ -/4500ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ)،
އައިސްކްރީމް ވިއްކުމަށް ޚާއްޞަ ވެހިކަލެއް އޮޕަރޭޓްކުރާ 4 މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި އެކޮމޮޑޭޝަންގެ ޚަރަދުގެ ގޮތުގައި ދުވާލަކަށް -/650ރ. (ހަސަތޭކަ ފަންސާސް ރުފިޔާ)، އަދި
މި މަސައްކަތް ހިންގުމަށް ކުއްޔަށް ހިފާފައިވާ ޢިމާރާތުގެ ދުވަހު ކުއްޔަށް ހިނގާ 33/333ރ. (ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސް ލާރި) އެވެ.
ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ޙަބީބު ޒާހިރުއަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅުނުއިރު، އެ ނިންމުމަކީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ދެކިގެން، އެ ގަޒިއްޔާ ޙަބީބު ޒާހިރުގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވެއެވެ. އޭގެ ބަދަލުގައި، އެ ގަޒިއްޔާ ނިމުނު ތާރީޚުކަމުގައިވާ 22 ފެބްރުއަރީ 2012 ގެ 5 މަސް ފަހުން، 23 ޖުލައި 2012 ގައި ހަމަ މި މުޢާމަލާތާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މާލެ ސިޓީ ކައުންސިލުގެ މައްޗަށް އައު ދަޢުވާއެއް ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާއިން ކޮށްފައިވެއެވެ.
(ށ) ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާ
މި ގަޒިއްޔާގައި ޙަބީބު ޒާހިރުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވަނީ، 21 ޖުލައި 2011 އިން ފެށިގެން، ގެއްލުމުގެ ބަދަލު ހޯދުމަށް ފުރަތަމަ ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާ ނިމުނު ތާރީޚުކަމުގައިވާ 22 ފެބްރުވަރީ 2012 ގެ ނިޔަލަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާގެ ޙުކުމުގައި އެ ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައިވެސް ޙަބީބު ޒާހިރު މާލޭގެ މަގުމަތީގައި އައިސްކްރީމް ވިއްކަމުންދަނިކޮށް، މާލެ ސިޓީ ކައުންސިލުން އެކަންކުރުން މަނާކޮށްފައިވާތީ، ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާކުރުމުން، ޙަބީބު ޒާހިރު އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެތަނެއް ނެތްކަމަށް އެ ގަޒިއްޔާގައި ކަނޑައަޅާފައިވާތީ، ޙަބީބު ޒާހިރު ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ބެލެވި ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއްކަމުން، އެ ގަޒިއްޔާގެ ޙުކުމް ދެމިއޮއްވައި، ހަމަ އެ ނުކުތާގެ މައްޗަށް އަލުން ބަލައި ގޮތެއް ނިންމުމަކީ ސިވިލް ކޯޓުގެ އިޚްތިޞާޞްގައިވާ ކަމެއް ނޫންކަމުން، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.
(ނ) ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާ
ޙަބީބު ޒާހިރުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކުރީ، ޙަބީބު ޒާހިރުގެ ފަރާތުން ހުށަހެޅި ފުރަތަމަ މައްސަލައާއި ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާގައި، ޙަބީބު ޒާހިރުގެ ފަރާތުން އެދިފައިވަނީ އެއްކަމަކަށްކަން ދަޢުވާގެ ސީޣާއިން އެނގެން އޮތް ނަމަވެސް، ފުރަތަމަ ހުށަހެޅުނު މައްސަލައިގައި ގެއްލުމުގެ ބަދަލު ސާބިތުކޮށްދިނުމުގެ ގޮތުން ހެއްކެއް ހުށަހަޅާފައިނުވާކަމަށް ބަޔާންކޮށްފައިވާއިރު، ގެއްލުމުގެ ބަދަލާ ގުޅޭގޮތުން އެ ނުކުތާގައި މައުލޫއީ ގޮތުން ތަފުސީލީގޮތެއްގައި ވާހަކަދެކެވިފައިނުވާކަން އެނގެން އޮންނާތީއާއި، އަދަދުތަކާގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުންވެސް އެއްވެސް ވާހަކައެއް ހާމަކޮށްފައިނުވާތީ، ގެއްލުމުގެ ބަދަލާބެހޭ ގޮތުން ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ފައިޞަލާކުރެވިފައިވާކަމަށް ބެލެވެން ނެތްކަމަށެވެ.
އަދި މައުލޫއީ ގޮތުން ފައިޞަލާ ކުރެވިފައިނުވާ ކަމެއްގައި، ދެވަނަ ފަހަރަށް އެ މައްސަލަ ބެލުމަށް އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަކީ، އެއް މައްސަލައެއް ދެވަނަ ފަހަރަށް އެއް ކޯޓަކުން ބެލުންކަމަށް ނުބެލެވޭނެ ކަމަށާއި، ޙަބީބު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި ހިމެނޭ ގެއްލުމުގެ ބަދަލާއި ބެހޭ ނުކުތާއަކީ މައުލޫއީގޮތުން ބަލައި ފައިސަލާކުރަނިވި ޙުކުމެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމަށެވެ.
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށް، ޙަބީބު ޒާހިރުގެ ފަރާތުން ކޮށްފައިވާ ދަޢުވާ އަލުން ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ، އެ ދަޢުވާގެ މައުލޫއާމެދު ގޮތެއް ކަނޑައަޅަންޖެހޭކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާގައި ޙުކުމްކުރިއެވެ.
މިހާރު އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާއިން ބެލުނު ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާއަކީ، ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާގެ ޙުކުމާ ގުޅިގެން ޙަބީބު ޒާހިރުގެ ފަރާތުން ތިންވަނަ ފަހަރަށް ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައި ޙުކުމްކުރީ ޙަބީބު ޒާހިރުގެ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ. ސިވިލް ކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) ޙަބީބު ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައެއްކަމާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވަނީ މަސައްކަތް ހުއްޓުވި ތާރީޚުން ފެށިގެން، 22 ފެބްރުއަރީ 2012 އާ ދެމެދު ހިނގާދިޔަ 217 ދުވަހަށް، އައިސްކްރީމް ވިއްކުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްތަކުގައި އެވްރެޖްކޮށް ދުވާލަކަށް ލިބިފައިވާ އާމްދަނީއާ އެއްވަރުގެ އަދަދެއްކަމަށްވާ 4500/-ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) އާއި، މި މަސައްކަތުގައި އުޅުނު 4 (ހަތަރެއް) މީހުންގެ މުސާރައަށް ދުވާލަކަށް ޚަރަދުވިކަމަށް ޙަބީބު ޒާހިރުގެ ފަރާތުން ބުނާ 650/-ރ. (ހަސަތޭކަ ފަންސާސް ރުފިޔާ) އާއި، މި މަސައްކަތް ކުރުމަށް ކުއްޔަށް ހިފާފައިވާ ތަނުގެ ކުއްޔަށް ދުވާލަކަށް ޚަރަދުވިކަމަށް ބުނާ 333/33ރ. (ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސް ލާރި) އާ އެކު ޖުމްލަ 1,189,882/61ރ. (އެއްމިލިޔަން އެއްލައްކަ އަށްޑިހަ ނުވަހާސް އަށްސަތޭކަ އަށްޑިހަ ދެރުފިޔާ، ފަސްދޮޅަސް އެއްލާރި) ހޯދުމަށް ކަން؛
(ށ) ޙަބީބު ޒާހިރުގެ ފަރާތުން ހޯދުމަށް އެދިފައިވާ މުވައްޒަފުންގެ މުސާރައަށް ބަލާއިރު، މި މުވައްޒަފުންނަކީ މަހަކު އެއްފަހަރު މުސާރަ ދޭގޮތަށް ގެންގުޅޭ މުވައްޒަފުންކަން އެނގޭފަދަ ހެއްކެއް ހުށަހަޅާފައިނުވާކަމާއި، އަދި މި މުވައްޒަފުންނަކީ ދުވަހު މުސާރައަށް ގެންގުޅެފައިވާ މުވައްޒަފުންކަން ޙަބީބު ޒާހިރުގެ ބަހުން އެނގެން އޮންނާތީ، މަސައްކަތް ހުއްޓުވާލި ދުވަހުން ފެށިގެން ދުވަހު މުސާރައަށް ގެންގުޅެފައިވާ މުވައްޒަފުންނަށް އެ މަސައްކަތާއި ގުޅިގެން ދޭންޖެހޭނެ މުސާރައެއް އޮންނާނެކަމަށް ބުރަވެވެން ނެތްކަން؛
(ނ) ޙަބީބު ޒާހިރުގެ ފަރާތުން އައިސްކްރީމް ވިއްކުމުގެ މަސައްކަތް ކޮށްފައިވަނީ އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭ ގޮތަށް ހަދާފައިވާ ބައިސްކަލްތަކެއްގައިކަން އެފަރާތުގެ ބަހުން އެނގެން އޮންނާތީއާއި، މާލޭގެ މަގުތަކުގައި ބައިސްކަލްތައް މަޑުކުރާ ތަންތަނަށް ކުލީގެ ގޮތުގައި ޙަބީބު ޒާހިރުގެ ފަރާތުން އެއްވެސް ޚަރަދެއްކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތްކަމާއި، ޙަބީބު ޒާހިރުގެ ފަރާތުން ހުށަހެޅި އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފައިވާ ތަނަކީ އައިސްކްރީމް ވިއްކުމަށް ކުއްޔަށް ހިފާފައިވާ ތަނެއްކަން އެނގެން ނެތްކަމާއި، އަދި މިތަނުގެ ތެރޭގައި ކުރަމުން އައި އެއްވެސް ވިޔަފާރިއެއް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހުއްޓުވާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތްކަން؛
(ރ) އައިސްކްރީމް ވިއްކައިގެން 217 ދުވަހަށް، ދުވާލަކަށް 4500/-ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާއިރު، މި ގެއްލުމުގެ ބަދަލަކީ މުސްތަޤުބަލުގައި ލިބޭނެކަމަށް ޙަބީބު ޒާހިރުގެ ފަރާތުން ދެކޭ ފައިސާއެއްކަމާއި، މި ގެއްލުން ސާބިތުކުރުމުގެ ގޮތުން ހުށަހަޅާފައިވާ ލިޔުންތަކަކީ، މަސައްކަތް ހުއްޓުވުމުގެ ކުރިން ކޮށްފައިވާ ވިޔަފާރިތަކުގެ ވިކުރާކަމާއި، އެ މަސައްކަތް ހުއްޓުވި ފަހުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން އެނގެން ނެތުމާއި، މުސްތަޤުބަލުގައި ޙަބީބު ޒާހިރުއަށް ލިބިދާނެކަމަށް އެ ފަރާތުން ބުނާ، އާމްދަނީއެއްގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން؛
(ބ) އައިސްކްރީމް ވިއްކުމުގެ ހުއްދައަށް އެދި ޙަބީބު ޒާހިރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައި އޮތުމުން، މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގަންޖެހޭ މަސައްކަތެއްކަމަށް ޙަބީބު ޒާހިރުގެ ފަރާތުންވެސް ޤަބޫލުކުރާކަމަށް ބެލެވޭކަމާއި، އެ ސިޓީއާ ޙަވާލާދީ މާލެ ސިޓީ ކައުންސިލުން ދީފައިވާ ޖަވާބަށް ބަލާއިރު، މާލޭގެ މަގުތަކުގައި އެފަދަ ތަކެތި ވިއްކުމަކީ ކުރިއްސުރެން ފެށިގެންވެސް މަނާކޮށްފައި އޮންނަކަމެއްކަން އެނގޭކަމާއި، އެހެންކަމުން އައިސްކްރީމް ވިއްކުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ހުއްޓުވާފައިވަނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް ބެލެވޭކަން؛
މި ސަބަބުތަކުގެ މައްޗަށް ބުރަވެ ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޙަބީބު ޒާހިރުގެ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
ޙަބީބު ޒާހިރުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2016/HC-A/475 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، އައިސްކްރީމް ވިއްކުން ހުއްޓާލަންޖެހުމުގެ ސަބަބުން ޙަބީބު ޒާހިރުއަށް ލިބިގެންދިޔަ ގެއްލުމުގެ ބަދަލުގެ ގޮތުގައި 405,000/-ރ. (ހަތަރުލައްކަ ފަސްހާސް ރުފިޔާ) މާލެ ސިޓީ ކައުންސިލުން ހަބީބު ޒާހިރުއަށް ލިބިދޭންޖެހޭ ކަމަށެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
17.1 ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާގައި، ޙަބީބު ޒާހިރު ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހިފައިވަނީ މާލެ ސިޓީ ކައުންސިލުން އެކަމަށް ހުރަސް އެޅުމުންކަމަށް ވީ ހިނދު، އެކަން އެގޮތަށް ކުރުމަށް މާލެ ސިޓީ ކައުންސިލަށް ބާރުލިބިދޭ އެއްވެސް ޤާނޫނެއް ގަވާއިދެއް މާލެ ސިޓީ ކައުންސިލަށް ސާފުކޮށްދެވިފައިނުވާތީ، ޙަބީބު ޒާހިރު ކުރަމުން އައި މަސައްކަތް ހުއްޓާލަންޖެހުމުގެ ސަބަބުން ޙަބީބު ޒާހިރުއަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ބަދަލު މާލެ ސިޓީ ކައުންސިލުން ލިބުމުގެ ޙައްޤު ޙަބީބު ޒާހިރުއަށް ލިބިގެންވާކަމަށް އެ ގަޒިއްޔާއިން އެނގެން އޮންނަކަމާއި، ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ހުށަހެޅުނު މައުލޫއަށް ގޮތެއް ކަނޑައެޅިފައިވާކަމާއި، އަދި އެ ދެ ގަޒިއްޔާއަށް މަތީ މަރުޙަލާގެ ކޯޓަކުން ބަދަލެއް ގެނެސްފައި ނުވާއިރު، ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައި ފައިޞަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭނީ ގެއްލުމުގެ ބަދަލާބެހޭ ގޮތުންކަން؛
17.2 ގެއްލުމުގެ ބަދަލުގެ ގޮތުގައި އައިސްކްރީމް ވިއްކަން އުޅުނު މުވައްޒަފުންގެ މުސާރައާއި، އައިސްކްރީމް ވިއްކުމުގެ މަސައްކަތްކުރުމަށް ކުއްޔަށް ހިފާފައިވާ ތަނުގެ ކުއްޔަށް ދުވާލަކަށް ޚަރަދުވި ފައިސާ ހޯދުމަށް އެދިފައިވާއިރު، އެ މުވައްޒަފުންނަކީ އައިސްކްރީމް ވިއްކުމުގެ ވަޒީފާގައި ގެންގުޅުނު މުވައްޒަފުންކަން ސާބިތުކޮށްދެވިފައިނުވާތީ އާއި، އެއީ ދުވަހު މުސާރައަށް ގެންގުޅުނު މުވައްޒަފުންކަން ޙަބީބު ޒާހިރުގެ ބަހުން އެނގެން އޮންނާތީއާއި، އައިސްކްރީމް ވިއްކުން ހުއްޓުވި ފަހުން އެމަސައްކަތް ކުރާތީ އެފަރާތްތަކަށް ދޭންޖެހޭނެ މުސާރައެއް އޮތްކަމަށް ޤަބޫލުނުކުރެވޭކަން؛
17.3 ފިހާރައެއް ކުއްޔަށް ހިފުމާމެދު އެއްބަސްވުމެއް ވެފައިވީނަމަވެސް، އެތަނުގައި ޙަބީބު ޒާހިރު ކުރަމުންދިޔަ ވިޔަފާރިއެއް މާލެ ސިޓީ ކައުންސިލުން ހުއްޓުވާފައިވާކަން އެނގެން ނެތްއިރު، ޙަބީބު ޒާހިރުގެ ނަމުގައި ކުއްޔަށް ހިފާފައިވާކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތަނަކީ އައިސްކްރީމް ވިއްކުމުގެ މަސައްކަތަށް ދޫކޮށްފައިވާ ތަނެއްކަމަށް ޝަރީޢަތުން ބަލާނެ ހުއްޖަތެއް ހުށަހެޅިފައިނުވާކަން؛
17.4 ދަޢުވާގައި ބަޔާންކޮށްފައިވާ މިންވަރަށް ގެއްލުން ލިބިފައިވާކަމަށް ޝަރީޢަތަށް ސާބިތުނުވާކަމާއި، އެހެންނަމަވެސް، ޙަބީބު ޒާހިރުގެ ފަރާތުން ކުރަމުން އައި މަސައްކަތް ހުއްޓުވި ތާރީޚުކަމަށްވާ 21 ޖުލައި 2011 އިން ފެށިގެން، އެ މަސައްކަތްކުރުމުގެ ޙައްޤު ޙަބީބު ޒާހިރުއަށް ލިބިގެންވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ކަނޑައެޅި ތާރީޚުކަމަށްވާ 22 ފެބްރުއަރީ 2012 ގެ ނިޔަލަށް ހިނގާދިޔަ މުއްދަތަށް ޢަދުލުވެރި ބަދަލެއް ލިބިދޭންޖެހޭކަން؛
17.5 ޙަބީބު ޒާހިރުގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، އައިސްކްރީމް ވިއްކައިގެން ޖުމްލަ އާމްދަނީގެ ގޮތުގައި ދުވާލަކަށް 4500/-ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) އަށް ވުރެ މަތިންވެސް އާމްދަނީ ލިބިފައިވާކަމަށް އެ ލިޔުންތަކުގެ ތަފުސީލުތަކުން އެނގެން އޮތުމާއި، ދުވާލަކަށް އެވްރެޖްކޮށް ލިބިފައިވާ އާމްދަނީއާ އެއްވަރުގެ އަދަދެއްކަމަށްވާ 4500/-ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) ގެ ރޭޓުން 90 ދުވަހަށް ޖުމްލަ 405,000/-ރ. (ހަތަރުލައްކަ ފަސްހާސް ރުފިޔާ) ބަދަލުގެ ގޮތުގައި ނަގައިދޭން ޝަރީޢަތަށް ފެންނަކަމާއި، އަދި އެއީ މި ބަދަލު ނަގައިދިނުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަން؛
މި ސަބަބުތަކުގެ މައްޗަށް ބުރަވެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، ޙަބީބު ޒާހިރުއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 405,000/-ރ. (ހަތަރުލައްކަ ފަސްހާސް ރުފިޔާ) މާލެ ސިޓީ ކައުންސިލުން ދައްކަންޖެހޭކަމަށް ޙުކުމްކޮށެވެ.
ޙަބީބު ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާ
ޙަބީބު ޒާހިރުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2016/HC-A/475 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަކޮށްފައިވަނީ، ޙަބީބު ޒާހިރު އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް މާލެ ސިޓީ ކައުންސިލުން ހުއްޓުވުމުގެ ސަބަބުން، އެކަމުގެ ގެއްލުން ލިބުނު 217 ދުވަހުގެ ތެރެއިން 127 ދުވަހަށް ގެއްލުމުގެ ބަދަލު ނަގައިދީފައިނުވަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢަމަލުކުރަމުންދާގޮތާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/52 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނާޡިމް) ގަޒިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައްމާލެ ސިޓީ ކައުންސިލްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2016/HC-A/475 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ އަންނަނިވި 3 (ތިނެއް) ނުކުތާއެވެ.
19.1 ހައިކޯޓުން މައްސަލައިގައި ޙުކުމްކުރިއިރު، މައްސަލައިގައި ހުށަހެޅިފައިވާ ނުކުތާތަކަށް ރިޢާޔަތްނުކޮށް، ޙުކުމަށް ވާސިލުވުމުން މި މައްސަލައިގައި އިންސާފުގެ ހަމަހަމަކަމާއި ޢަދުލުވެރިކަން ގެއްލިގެން ގޮސްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
19.2 އައިސްކްރީމް ވިއްކުމުގެ މަސައްކަތަކީ ސީދާ ޙަބީބު ޒާހިރު ކުރަމުން ގެންދިޔަ މަސައްކަތެއްކަން ކަށަވަރުނުކޮށް ޙުކުމްކޮށްފައިވާކަމަށާއި، މިއީ ކުންފުންޏަކުން ކޮށްފައިވާ މަސައްކަތަކަށްވާތީ، ކުންފުންޏަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ޙަބީބު ޒާހިރުއަށް ލިބިގެންނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
19.3 އޮޕަޗިއުނިޓީ ކޮސްޓް ނަގައިދިނުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/26 (ޢަލީ އިބްރާހީމް ވ. ދައުލަތް) ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ހައިކޯޓުން ރިއާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
އައިސްކްރީމް ވިއްކުން ހުއްޓުވާފައިވާތީ ހުށަހެޅުނު ދަޢުވާތައް
ދެފަރާތުންވެސް އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތަކަށް ރައްދުދެމުން، ހުށަހެޅިފައިމިވާ މައްސަލައިގެ ބައެއް ކަންކަމާމެދު އިތުރަށް ބަހުސްކުރެވޭނެ ޖާގައެއް ނެތްކަމަށް ބުނެ، މި މައްސަލައިގައި އެންމެ ފުރަތަމަ ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާއާ ޙަވާލާދީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން، މާލެ ސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށް ޖަވާބުދެމުން ޙަބީބު ޒާހިރުގެ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ޙަބީބު ޒާހިރު އައިސްކްރީމް ވިއްކުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ހުއްޓުވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާފައިވާކަމަށާއި، އަދި އެ ގަޒިއްޔާގައި، އައިސްކްރީމް ވިއްކުމުގެ މަސައްކަތްކޮށްފައިވަނީ ޙަބީބު ޒާހިރުކަން އެނގެން އޮންނައިރު، މިހާރު އެ މަސައްކަތްކުރީ ކޮން ފަރާތަކުންކަން އެނގެން ނެތްކަމަށްބުނެ ސުވާލު އުފެއްދުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލަށް ނެތްކަމަށެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާއަކީ އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައިނުވާ ގަޒިއްޔާއެއްކަމުން، އެ ގަޒިއްޔާގައިވާ ޙުކުމަކީ މިހާރު ނިހާއީ ޙުކުމެއްކަމަށް ޙަބީބް ޒާހިރުގެ ފަރާތުން އިތުރަށް ބުނެފައިވެއެވެ.
މި ޚުޞޫމާތާއި ގުޅިގެން ޙަބީބް ޒާހިރުގެ ފަރާތުން އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ދަޢުވާ ބިނާކުރި އަސާސްތަކާއި، މައްސަލަ ނިންމުމަށް އެދުނުގޮތާއި އަދި އެ މައްސަލަ ސިވިލް ކޯޓުން ނިންމިގޮތުގެ ތަފުޞީލު މި ގަޒިއްޔާގެ 5 ވަނަ ޕްރެގްރާފުން 9 ވަނަ ޕެރެގްރާފުގެ ނިޔަލަށް ބަޔާންކުރެވިފައި ވާނެއެވެ.
އަދި ޙަބީބް ޒާހިރުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ދެވަނަ ފަހަރަށް ހުށަހެޅުމުން ބެލުނު ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާއާއި، އެ ގަޒިއްޔާ އިސްތިއުނާފުކުރުމުން ބެލުނު ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާގެ ތަފުޞީލު މި ގަޒިއްޔާގެ 10 ވަނަ ޕެރެގްރާފުން 14 ވަނަ ޕްރެގްރާފުގެ ނިޔަލަށް ބަޔާންކުރެވިފައިވާނެއެވެ.
އެހެންކަމުން، މިހާރު ބަލަމުންދާ ގަޒިއްޔާއަކީ، ޙަބީބު ޒާހިރުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ތިންވަނަ ފަހަރަށް ހުށަހަޅައި، މި ގަޒިއްޔާގެ 16 އަދި 17 ވަނަ ޕެރެގްރާފްތަކުގައި ތަފްސީލު ކުރެވިފައިވާ ގަޒިއްޔާތަކުގެ މައްސަލައެވެ. އަދި މި ގަޒިއްޔާގެ 8 ވަނަ ޕެރެގްރާފްގައި ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ އަދަދުތަކާއި ތަފްސީލު ބަޔާންކޮށްފައިވާއިރު، މި ގަޒިއްޔާގެ 16 ވަނަ ޕެރެގްރާފްގެ (ހ) ގައި ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ތަފްސީލު ބަޔާންކުރެވިފައިވާނެއެވެ. ދެ ގަޒިއްޔާގެވެސް ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވަނީ ހަމަ އެއްކަންތައްތަކަށް، އެއް ރޭޓަކުންކަން ފާހަގަކުރެވެއެވެ. ފަހުން ހުށަހެޅުނު މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވާ މުއްދަތަކީ މާލެ ސިޓީ ކައުންސިލުން ޙަބީބު ޒާހިރު އައިސްކްރީމް ވިއްކުން ހުއްޓުވި ތާރީޚުން ފެށިގެން އެންމެ ކުރިން ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ޙުކުމްކުރި ތާރީޚުގެ ނިޔަލަށެވެ. އަދި ފުރަތަމަ ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި އައިސްކްރީމް ނުވިއްކުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި ދުވާލަކަށް 6000/-ރ. (ހަހާސް ރުފިޔާ) ގެ ރޭޓުން ބަދަލު ނަގައިދިނުމަށް އެދިފައިވާއިރު، ތިންވަނަ ފަހަރަށް ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައި މި ބަދަލު ނަގައިދިނުމަށް އެދިފައިނުވާކަން ފާހަގަކުރެވެއެވެ.
ރެސް ޖުޑިކާޓާގެ މަބްދަޢު
ޙަބީބު ޒާހިރު މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކައިގެން ގެއްލުމުގެ ބަދަލު ހޯދުމާ ގުޅޭ އެކި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ދެފަރާތުންވެސް މީގެ ކުރިން ނިންމާފައިވާ ގަޒިއްޔަތަކާ ޙަވާލާދޭތީ، އެ ގަޒިއްޔާތަކުގައި، އަދި ޚާއްސަކޮށް، މި މައްސަލައާ ގުޅޭ އެންމެ ފުރަތަމަ ގަޒިއްޔާކަމުގައިވާ ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ނިންމާފައިވާ ކަންކަމަށް ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުވާނެކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހޭކަމުގައި ދެކެމެވެ. އެހެނީ، ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތަކުގައިވެސް ކަން ހިނގާދިޔަ ގޮތުން، މައްސަލައިގެ ދެފަރާތުންވެސް މި މައުލޫއުއާގުޅޭ ގޮތުން މީގެ ކުރިން ކޯޓުތަކުން ނިންމާފައިހުރި ގަޒިއްޔާތަކާ ހަވާލާދީ، އެ ގަޒިއްޔާތަކުގެ ތަންތަންކޮޅު އެއީ މިހާރު ނިހާއީވެފައިވާ، އަދި އެ މައްޗަށް ޢަމަލުކުރުން ލާޒިމު ކަންކަންކަމުގައި ފާހަގަކޮށްފައިވާތީ، މި މައްސަލައިގައި ދެން އިތުރަށް ގޮތެއް ކަނޑައެޅޭނެ ނުކުތާތަކަކީ ކޮބައިކަން ބަލަންޖެހޭތީއެވެ.
ރެސް ޖުޑިކާޓާގެ މައިގަނޑު މާނައަކީ
އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއް (ނުވަތަ ކަންތަކެއް) ގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އެ ނިންމުމަކީ، އިސްތިއުނާފު މަރުހަލާގެ ތެރެއިން އެކަމާމެދު ދަޢުވާކުރުމުގެ ބޭރުން، އެ ފަރާތްތަކުން އެ ނިޔާ ކަނޑައެޅި ކަމަކާ (ނުވަތަ ކަންތައްތަކާއި) ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫން[…]
ކަމަށް ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(2020) ގަޒިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ބަޔާންކޮށްފައިވެއެވެ.
އެ ގަޒިއްޔާގައި ރެސް ޖުޑިކާޓާގެ މަބްދައު ތަފްސީލު ކުރަމުން، އެ މަބްދައު ތަޠުބީޤުކުރެވޭނެ މައިގަނޑު ތިން ޙާލަތެއް ފާހަގަކޮށްފައިވެއެވެ. އެއީ، އިޝޫ އެސްޓޮޕަލް އާއި، ކޯސް އޮފް އެކްޝަން އެސްޓޮޕަލްއާއި އަދި އިޖުރާއަތުގެ ނަހަމަ ބޭނުންހިފުމާ ގުޅޭ ހާލަތެވެ.
އެގޮތުން، ކޯސް އޮފް އެކްޝަން އެސްޓޮޕަލްއަށް ބަލާއިރު، މި މަފްހޫމް ތަޠުބީޤުކުރެވޭނީ އުފުލާފައިވާ ދަޢުވާގައި ހިމެނޭ ނުކުތާއަކީ އޭގެ ކުރިން ހުށަހެޅުނު ދަޢުވާއެއްގައި ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައިވެފައި، ފަހުން ހުށަހެޅުނު ދަޢުވާގައި ހިމެނޭ ފަރާތްތަކަކީވެސް ކުރިން ހުށަހެޅުނު ދަޢުވާގައި ހިމެނޭ ފަރާތްތައް ކަމުގައިވާނަމަ، އަދި ފަހުން އުފުލާފައިވާ ދަޢުވާއަކީ އެއް މައުލޫއެއްގެ މައްޗަށް ބިނާވާ ދަޢުވާއެއްނަމަ، އެކަން ހުއްޓުވުމަށްޓަކައެވެ.
މިހާރު ބަލަމުންދާ ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައި ޙަބީބު ޒާހިރުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16، 19 އަދި 37 ވަނަ މާއްދާއިން ބާރު ލިބިގެން ޙަބީބު ޒާހިރު އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތެއްކަމަށްވާ، ފަހުގެ ޓެކްނޮލޮޖީއާ އެއްގޮތަށް އައިސްކްރީމް ވިއްކުމަށް ޚާއްސަކުރެވިފައިވާ ބައިސްކަލްތަކެއްގައި މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކަމުން ދަނިކޮށް، ޤާނޫނަކުންވެސް އަދި ގަވާއިދަކުންވެސް ބާރު ލިބުމެއްނެތި، މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް 21 ޖުލައި 2011 ގައި ގަދަކަމުން ހުއްޓުވާފައިވާތީ، 21 ޖުލައި 2011 އިން ފެށިގެން 22 ފެބްރުއަރީ 2012 އާ ދެމެދު ހިނގި 217 ދުވަހު ޙަބީބު ޒާހިރު އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓާލަންޖެހުމުގެ ސަބަބުން، ޙަބީބު ޒާހިރުއަށް ލިބިގެންދިޔަ މާލީ ގެއްލުމުގެ ބަދަލު ލިބިގަތުން އެދި ހުށަހަޅާފައިވާ ދަޢުވާއެއްކަން، އެ ގަޒިއްޔާގެ "މަދަނީ މައްސަލަ ނުވަތަ ދަޢުވާ ހުށަހަޅާ ފޯމް" އަށް ބެލުމުން އެނގެއެވެ. އެގަޒިއްޔާއިން މާލެ ސިޓީ ކައުންސިލުގެ ކިބައިން ލިބިގަތުމަށް އެދުނު ބަދަލަކީ އައިސްކްރީމް ވިއްކުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްތަކުގައި ދުވާލަކަށް އެވެރެޖްކޮށް ލިބުނު އާމްދަނީއާ އެއްވަރުގެ ޢަދަދެއްކަމަށްވާ -/4500ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) އާއި، މި މަސައްކަތުގައި އުޅުނު 4 މީހުންގެ މުސާރައަށް ދުވާލަކަށް ޚަރަދުވި -/650ރ. (ހަސަތޭކަ ފަންސާސް ރުފިޔާ) އާއި މި މަސައްކަތް ކުރުމަށް ކުއްޔަށް ހިފި ތަނުގެ ކުއްޔަށް ދުވާލަކަށް ޚަރަދުވި 33/333ރ. (ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސް ލާރި) އާ އެކު ޖުމުލަ 1,189,882/61ރ. (އެއް މިލިޔަން އެއްލައްކަ އަށްޑިހަ ނުވަހާސް އަށްސަތޭކަ އަށްޑިހަ ދެ ރުފިޔާ ފަސްދޮޅަސް އެއް ލާރި) ކަމަށް އެ ފޯމުގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، މި މައްސަލައިގައިވާ ޚަސްމުންނަކީ ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުނު އެ ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައިވެސް ހިމެނޭ ދެ ޚަޞްމުން ކަމުގައިވާއިރު، ބަލަމުންމިދާ މައްސަލައިގައި، ތިންވަނަ ފަހަރަށްވެސް ހުށަހަޅާފައިމިވަނީ ހަމަ ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައިވާ މައްސަލައާ ހަމަ އެއް މައްސަލައެކެވެ. ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައިވެސް ޙަބީބު ޒާހިރުގެ ފަރާތުން އެދިފައިވަނީ މާލޭގެ މަގުމަތީގައި އައިސްކްރީމް ވިއްކުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހުއްޓުވުމުގެ ސަބަބުން، ގެއްލުމުގެ ބަދަލު ހޯދުންކަމުގައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައިވެސް ޙަބީބު ޒާހިރުގެ ފަރާތުން އެދިފައިވަނީ ހަމަ އެކަމުގައި ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އަދި ކުރިން ހުށަހެޅުނު ގަޒިއްޔާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޔާންކޮށްފައިވާ ޢަދަދުތަކާއި ފަހުން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ޢަދަދުތަކުގައި މާ ބޮޑު ފަރަޤެއްނެތެވެ. ފަހުން ހުށަހެޅި މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދުނު މުއްދަތު ކަނޑައަޅާފައިވަނީ ކުރިން ނިންމި މައްސަލައިގައި ޙުކުމްކުރި ތާރީޚާ ހަމައަށްކަން ފާހަގަކުރެވެއެވެ. އަދި ފަހުން ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައި ގެއްލުމުގެ ބަދަލު ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔެކިއުންތަކަކީ، މި މައްސަލަ އެންމެ ފުރަތަމަ ބެލި ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައިވެސް ހުށަހެޅުމުގެ ފުރުޞަތު އޮތް، އެކަމަކު އެ ގަޒިއްޔާގައި ހުށަނާޅައި ހުރި ލިޔެކިއުންތައްކަން ފާހަގަކުރެވެއެވެ.
ވުމާއެކު، ޙަބީބު ޒާހިރުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައި މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކަމުން ދަނިކޮށް އެކަން މާލެ ސިޓީ ކައުންސިލުން ހުއްޓުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދަޢުވާކޮށްފައިވަނީ، ހަމަ މި ދަޢުވާ މީގެ ކުރިން ސިވިލް ކޯޓަށް އެ ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާއިން ހުށަހެޅި، އެ މައުލޫއާ ގުޅޭ ގޮތުން ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވަނިކޮށް، އެ ނިންމުން އިސްތިއުނާފުކުރުމެއްނެތިއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް އެ ކޯޓުން ކަނޑައެޅި ސަބަބު ބިނާވަނީ ޙަބީބު ޒާހިރުގެ ފަރާތުން އޭނާއަށް ލިބުނު ގެއްލުން ސާބިތުކޮށްދިނުމުގެ ގޮތުން ހެކި ހުށަހަޅާފައިނުވުމުގެ މައްޗަށެވެ. އަދި އެފަދަ އެއްވެސް ލިޔުމެއްވެސް ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިނުވާކަން ފާހަގަކުރެވެއެވެ. މިއާ ޚިލާފަށް، ބަލަމުންމިދާ ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައި، ޙަބީބު ޒާހިރުއަށް ގެއްލުން ލިބުނު ގޮތް ސާބިތުކޮށްދިނުމުގެ ގޮތުން ލިޔުންތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
އުސޫލެއްގެ ގޮތުން، އެންމެ ފުރަތަމަ ނިންމި ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ގެއްލުމުގެ ބަދަލާމެދު ކޮށްފައިވާ ޙުކުމާމެދު ޙަބީބު ޒާހިރު ހިތްހަމަނުޖެހޭނަމަ، އަދި އެ ޙުކުމްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނަމަ، އެ ޙުކުމް ދެންވާނީ އިސްތިއުނާފުކުރާށެވެ. ކޯޓުން ކޮށްފައިވާ ޙުކުމެއް އިސްތިއުނާފު ނުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، އެ ޙުކުމް ނިހާއީ ޙުކުމަކަށް ބަދަލުވެ، އެ ޙުކުމުގެ މައްޗަށް ޢަމަލުކުރުން ލާޒިމުވެގެން ދިއުމެވެ. ޙުކުމެއްގައި ފާހަގަވާ އުނިކަންކަން ފޫބެއްދުމަށްޓަކައި އަލުން ހަމަ އެ މައުލޫއުގެ މައްޗަށް އައު ދަޢުވާއެއް ހުށަހަޅައި، ކޯޓުތަކުން އެކަންކަމުގެ މައްޗަށް ދެވަނަ ފަހަރަށް ޙުކުމްކުރަންވެއްޖެނަމަ، ނަތީޖާއަކަށްވެގެންދާނީ އެއް ޚަޞްމުންތަކެއް ހިމެނޭ މައްސަލަތަކުގައި އެއް މައުލޫއެއްގެ މައްޗަށް ކޯޓުތަކުން އެކި ޙުކުމް ކުރަމުންދިއުމުގެ ސަބަބުން، އެތަނުން ޢަމަލުކުރަންޖެހޭ ޙުކުމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ހުޅުވި، ނިޒާމުގެ ނާޖާއިޒު ބޭނުން ހިފުން ފަހިވެ، ކޯޓުން ކުރާ ޙުކުމްތަކުގެ ބާރު ކެނޑިގެންދިއުމެވެ. ކޯޓަކުން ޙުކުމެއްކުރުމަށްފަހު އެ ޙުކުމުގައިވާ އެއްޗެއް ދެން ބަދަލުކުރެވޭނީ އިސްތިއުނާފުކުރުމަށް ހަމަޖެހިފައިވާ އިޖުރާއަތުތަކުގެ ތެރެއިންނެވެ.
އެހެންކަމުން، ފަހުގެ ޓެކްނޮލޮޖީއާ އެއްގޮތަށް އައިސްކްރީމް ވިއްކުމަށް ހަދާފައިވާ ބައިސްކަލްތަކެއްގައި ޙަބީބު ޒާހިރު މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކަމުންދަނިކޮށް، މާލެ ސިޓީ ކައުންސިލުން އެކަން ހުއްޓުވާފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް ބުނާ މައްސަލައިގައި، ޙަބީބު ޒާހިރުއަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލު ޙަބީބު ޒާހިރުއަށް ސާބިތުކޮށްދެވިފައިނުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާއިން މީގެ ކުރިން ކަނޑައަޅާފައި އޮތުމުން، ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން، މި މައުލޫއުގައި އިތުރު ދަޢުވާތައްކުރުން މަނާވެގެންދެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މި މައްސަލައަކީ މީގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅި، އެ ކޯޓުން ޙުކުމްކޮށް ނިންމާފައިވާ މައްސަލައެކެވެ. އަދި އެ މައްސަލަ ނިމުނުތާ 5 މަސް ފަހުން ޙަބީބު ޒާހިރުގެ ފަރާތުން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާގައިވެސް ގެއްލުމުގެ ބަދަލުގެ ނުކުތާއަށް ރެސް ޖުޑިކާޓާގެ މަބްދަޢު ތަޠުބީޤުކޮށް، އެ ނުކުތާއާ މެދު ސިވިލް ކޯޓުން ގޮތެއް ކަނޑައެޅެން ނެތްކަމަށް އެ ގަޒިއްޔާގައިވެސް ޙުކުމްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމުގައި އަހުރެންދެކެމެވެ.
މިހާރު ބަލަމުންމިދާ ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާ އުފަންވުމުގެ މައިގަނޑު ސަބަބަކީ ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާ ޙަބީބު ޒާހިރުގެ ފަރާތުން އިސްތިއުނާފުކުރުމުން، އެ މައްސަލަ ބެލި ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާގައި އަޣުލަބިއްޔަތުން ކޮށްފައިވާ ޙުކުމެވެ.
ގެއްލުމުގެ ބަދަލާ ގުޅޭ މައްސަލަ އަލުން ބެލިދާނެކަމަށް ހައިކޯޓުން ކަނޑައަޅާފައި އޮއްވައި، އެ ގަޒިއްޔާ އިސްތިއުނާފުކުރުމެއް ނެތި ސުޕްރީމް ކޯޓުން އެ ނޫންގޮތެއް ކަނޑައެޅުން
މި ގަޒިއްޔާގެ 12 ވަނަ ޕެރެގްރާފުން 14 ވަނަ ޕެރެގްރާފްގެ ނިޔަލަށް ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާގައި، ޙަބީބު ޒާހިރުއަށް ލިބުނު ގެއްލުމުގެ ބަދަލާ ގުޅޭގޮތުން މައުލޫއީ ގޮތުން ތަފުސީލީގޮތެއްގައި ވާހަކަދެކެވިފައިނުވާކަމަށް ބުނެ، އެ ނުކުތާއާ މެދު މި މައްސަލަ އެންމެ ފުރަތަމަ ބެލި ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާއިން ފައިސަލާކޮށްފައިނުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ. ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި މިގޮތަށް ކަނޑައަޅާފައިވީނަމަވެސް، އެ ގަޒިއްޔާގެ ތަފާތުވި ރައުޔުގައި ފާހަގަކޮށްފައިވާ ފަދައިން، ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 11 ވަނަ ނުކުތާގައި ގެއްލުމުގެ ބަދަލު ނަގައިދެވިފައިނުވަނީ ޙަބީބު ޒާހިރުއަށް ލިބުނު ގެއްލުން ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީކަމަށް އެ ގަޒިއްޔާގައި ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.
ކުރިންވެސް ފާހަގަކުރެވުނު ފަދައިން، އެންމެ ފުރަތަމަ ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި ކޮށްފައިވާ ދަޢުވާ ބިނާވަނީ ޙަބީބު ޒާހިރު މަގުމަތީގައި އައިސްކްރީމް ވިއްކަމުން ދިޔަ މަސައްކަތް މާލެ ސިޓީ ކައުންސިލުން ހުއްޓުވާލާފައި އޮތުމުގެ ސަބަބުން، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމުގައިވާއިރު، އެ ދަޢުވާއާ މެދު އެ ކޯޓުން ވަނީ ވަކި ގޮތެއް ކަނޑައަޅާފައެވެ. ގެއްލުމުގެ ބަދަލާމެދު ވަކި ގޮތެއް ކަނޑައަޅާފައިވަނިކޮށް، އެ ނިންމުން އިސްތިއުނާފު ކުރުމެއް ނެތި، އެހެން ގަޒިއްޔާއަކުން އެ ނުކުތާ އަލުން ހުޅުވާލައިގެން ފައިސަލާކުރުމަކީ ރެސް ޖުޑިކާޓާގެ ހަމަތަކާ ޚިލާފުކަމެކެވެ. ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ނުކުތާއާ މެދު ފައިސަލާކޮށްފައިވާކަން ނުވަތަ ނޫންކަމާގުޅޭ ބަހުސް ހުޅުވާލެވޭނީ އެ މައްސަލަ އެންމެ ފުރަތަމަ ނިންމި ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގެ އިސްތިއުނާފުގެ ތެރެއިންނެވެ. އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަކާ ނުލައި، ބަދަލު ހޯދުމާ ގުޅޭ މައްސަލަ އަލުން އައު ގަޒިއްޔާއެއްގެ ތެރެއިން ހުށަހެޅުމުން، ދެވަނަ ފަހަރަށް އެ މައްސަލަ ބެލި ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2012 ގަޒިއްޔާގައި ރެސް ޖުޑިކާޓާގެ އުސޫލު ތަޠުބީޤުކުރުމުން، އެ ނިންމުން ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާއިން ބާޠިލުކޮށް، ތިންވަނަ ފަހަރަށް ބަދަލު ހޯދުމުގެ މައްސަލަ ހުށަހެޅިދާނެކަމަށް ހައިކޯޓުން ކަނޑައެޅުމުގެ ނަތީޖާއަކީ، މި މައްސަލައިގައި އިސްތިއުނާފީ އިޖުރާއަތުތަކުގެ ބޭރުން، ޤާނޫނީ އުސޫލުތައް އެއްފަރާތްކޮށް ނިންމި ނިންމުމެއްގެ މައްޗަށް، ހަމަ އެ މައުލޫއުގައި ފަހުން ހުށަހެޅޭ މައްސަލަތައް ތަރުތީބުވެގެންދިއުމެވެ. އެހެނީ، ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާގައި މި މައްސަލައަށް އެންމެ ފުރަތަމަ ޙުކުމެއް ކުރެވުނު ދުވަހުން ފެށިގެން އެ ޙުކުމް ބާޠިލުނުކޮށް އޮތް އޮތުމުން، އެ ޙުކުމް ނިހާއީވުމުގެ ނަތީޖާ ހިނގާނެއެވެ. އެ ގަޒިއްޔާ ބާޠިލުކުރުމެއްނެތި، ހައިކޯޓަށްވެސް އެ ގަޒިއްޔާގައި ވަކި ގޮތެއް ކަނޑައަޅައި ނިންމާފައިވާ ކަމަކާމެދު، ފުށުއަރާ މޭރުމުން އިތުރު ގޮތެއް ކަނޑަނޭޅޭނެއެވެ.
އަދި ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާއަކީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ގަޒިއްޔާއެއް ނޫންކަމުގައިވީނަމަވެސް، އިސްތިއުނާފު ނުކުރާ ޙުކުމްތައް ނިހާއީވުމުގެ މަފްހޫމް މި ޙާލަތަށް ތަޠުބީޤުކުރާއިރު، ހައިކޯޓުގެ ނަންބަރު 2013/HC-A/295 ގަޒިއްޔާ އިސްތިއުނާފުނުކޮށް އޮތް އޮތުމަކީ، މި މައްސަލައިގައިވާ މުޅި މުޢާމަލާތަށް ޤާނޫނު ނުހިނގާންޖެހޭ ސަބަބެއްނޫނެވެ. ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި މި މައްސަލައަށް އެންމެ ފުރަތަމަ ޙުކުމެއް ކުރެވުނު ދުވަހުން ފެށިގެން، އެ ޙުކުމް ނިހާއީވުމުގެ ނަތީޖާ ހިނގާނެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާ ބާޠިލުކުރުމެއްނެތި، އެ ގަޒިއްޔާގައި ކަނޑައެޅިފައިވާ ގޮތެއްގެ މައްޗަށް އެހެން ގަޒިއްޔާއަކުން ހައިކޯޓަށްވެސް ގޮތެއް ކަނޑަނޭޅޭނެއެވެ. އެހެންކަމުން، ޝަރީޢަތުގެ ޢާންމު އުސޫލުތައް ނަގަހައްޓައި، މި މައްސަލައިގައި ބާޠިލުނުކުރާ އެންމެ ފުރަތަމަ ޙުކުމަށް ރުޖޫއަވާންޖެހޭކަމުގައި ދެކެމެވެ. އެހެނީ، އެނޫންގޮތަކަށް ޢަމަލުކޮށްފިނަމަ ދެން ނިކުންނާނެ ނަތީޖާއަކީ، މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ކަން ހިނގާފައިވާ ފަދައިން، ނިހާއީވެފައިވާ ޙުކުމެއްގެ ތަންތަންކޮޅާ ޙަވާލާދީ، އެއީ މިހާރު ގޮތެއް ކަނޑައެޅިފައިވާ ކަންކަންކަމަށް ބަޔާންކޮށް، ހަމަ އެ ޙުކުމުގެ އެހެނިހެން ބައިބަޔަށް ޢަމަލުކުރަން ނުޖެހޭނެކަމަށް ބުނުމެވެ.
އޭގެ ސަބަބުން ޝަރީޢަތުގައި މައްސަލަ ދިގުލައިގެންގޮސް، ވަގުތު ބޭކާރުވެ، ޝަރީޢަތުގެ މުޅި އިޖުރާއަތު ނަހަމަގޮތުގައި ބޭނުންހިފުމަށް ހުޅުވާލެވޭ ދޮރަކަށް ވެގެންދެއެވެ.
އިސްވެ ބުނެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ހުށަހެޅިފައިވާ މައްސަލައިގެ ޚުޞޫމާތަށް ސިވިލް ކޯޓުގެ ނަންބަރު 1748/Cv-C/2011 ގަޒިއްޔާއިން ގޮތެއް ކަނޑައެޅި، އެ ޙުކުމަކީ މިހާރު ނިހާއީވެފައިވާ ޙުކުމެއްކަމުން، އެ ޙުކުމް އިސްތިއުނާފު ކުރުމެއްނެތި، އެ ޙުކުމުގައި ކަނޑައަޅާފައިވާ ކަންކަމާ ޚިލާފަށް އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/475 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމުގައި އަހުރެން ނުދެކެމެވެ. އަދި އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާއިން ބެލި ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައިވާ ނިންމުން ހައިކޯޓުގެ ނިންމުމާ ތަފާތުވިނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާގައިވެސް މީގެ ކުރިން ހަމަ އެ ކޯޓުން ފައިސަލާކޮށްފައިވާ ކަމަކަށް އަލުން ފައިސަލާކޮށްފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 321/Cv-C/2015 ގަޒިއްޔާއަކީވެސް ބާޠިލުކަމަށް ކަނޑައަޅަންޖެހޭ ގަޒިއްޔާއެއްކަމަށް އަހުރެންދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/475 ގަޒިއްޔާއާއި އެ ގަޒިއްޔާއިން ބެލި ސިވިލް ނަންބަރު 321/Cv-C/2015 ގަޒިއްޔާއަކީވެސް ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ޝަރީޢަތުން ނަގަހައްޓަންޖެހޭ ރެސް ޖުޑިކާޓާގެ ޢާންމު އުސޫލުތަކާ ޚިލާފަށް، ކުރިން ފައިސަލާކޮށް ޙުކުމެއްކޮށްފައިވާ މައްސަލައެއްގައި އަލުން ޙުކުމެއްކޮށްފައިވާ ދެ ގަޒިއްޔާކަމުގައިވާތީ، މި ދެ ގަޒިއްޔާވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.