ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 37 · 2024/SC-A/15ސުޕްރީމް ކޯޓު · 15 ޖުލައި 2024 · މަދަނީ – ވަގުތީ އަމުރު

އައްޔޫބު ޢަލީ ވ. އިބްރާހީމް ވަޙީދު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 ޖުލައި 2024ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން އައްޔޫބު ޢަލީގެ ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރުމުން އެކަން ހައިކޯޓުގައި އިސްތިއުނާފުކުރެވިގެން ހިނގަމުންދެއެވެ. ހައިކޯޓުން ވަގުތީ އަމުރު ނެރުމުގެ ޝަރުޠު ފުރިހަމަވާ ގޮތެއް ނުދައްކާކަމަށް ކަނޑައަޅާ، ވަގުތީ އަމުރުގެ އެދުން ބަލައިނުގަތެވެ.
ވާޤިޢާ
އައްޔޫބު ޢަލީ އާއި އިބްރާހީމް ވަޙީދު 2017 ގައި ބިމެއް ޑިވެލޮޕްކުރުމާއި ދިގުމުއްދަތަށް ކުއްޔަށްދިނުމުގެ އެއްބަސްވުމެއް ކުރިއެވެ. ދެ ފަރާތުންވެސް އެ އެއްބަސްވުމާ އަނެއް ފަރާތް ޚިލާފުވެއްޖެކަމަށް ބުނެ ސިވިލް ކޯޓަށް ވަކިވަކި ދެ މައްސަލަ ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އެއް މުޢާމަލާތެއްގެ ދެ ދަޢުވާ ދެ ކޯޓުގައި ހިނގަމުންދާއިރު، ހައިކޯޓުން ދަށު ކޯޓުގެ ޝަރީޢަތް މަޑުޖެއްސުމަށް ވަގުތީ އަމުރު ނެރެދެވޭނެ ޝަރުޠު ހަމަވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އައްޔޫބު ޢަލީ ބުނީ ދެ މައްސަލައިގެ މައުލޫއު އެއްކަމާއި، ސިވިލް ކޯޓުގެ ދެވަނަ ގަޒިއްޔާގައި ކުރިން ޙުކުމްކުރެވިއްޖެނަމަ ފުށުއަރާ ޙުކުމްތަކުގެ ސަބަބުން އިންސާފަށް ހުރަސް އެޅޭނެކަމަށާއި، ހައިކޯޓުން ބެލެންސް އޮފް ކޮންވީނިއެންސްގެ އުޞޫލަށް ރިޢާޔަތެއް ނުކުރިކަމަށެވެ.
ކޯޓުގެ ސަބަބުތައް
ވަގުތީ އަމުރު ނެރުމަށް ބަލަންޖެހޭ ޝަރުޠުތަކާއި ބެލެންސް އޮފް ކޮންވީނިއެންސް ހައިކޯޓުން ބެލީ ކަމަށާއި، އެ ޝަރުޠު ފުރިހަމަވާ ގޮތެއް ނުދައްކާތީ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް އެއް މުއާމަލާތުގެ ދެ މައްސަލަ ދެ ކޯޓުން ވަކިން ބެލުމުގެ ޝަކުވާ ހައިކޯޓުގައި އަލުން ހުށަހަޅައިފިނަމަ، ހައިކޯޓުން އެ ޝަކުވާއަށް ކޮންމެވެސް ހައްލެއް ދޭންޖެހޭނެ ކަމަށް ރައުޔުދެއްކިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2023/HC-A/250
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ވަގުތީ އަމުރާމެދު ނިންމި ގޮތް ޤާއިމް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ވަގުތީ އަމުރަކީ މައްސަލައިގެ މައުލޫއީ ޙައްޤަށް ގަޟާއީ ހިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ، އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ ގެއްލުންތައް ވީހައިވެސް ކުޑަކުރުމަށް އަޅާ ވަގުތީ ފިޔަވަޅެކެވެ؛ ވަގުތީ އަމުރުގެ މަޤުސަދަކީ މައްސަލައިގެ މައުލޫއުގައި ނިންމާ ނިންމުމަށް އެހީވެދިނުމުގެ ގޮތުން ދެފަރާތުގެ ޙައްޤުތަކަށްވެސް ރިޢާޔަތްކުރުމާއެކު އެ ހިނދަށް ވަގުތީ ހައްލެއް ދިނުމެވެ. (ޕެރ. 9)

ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ހުރުން ލާޒިމު ތިން ޝަރުޠެއް އެބަހުއްޓެވެ؛ އެއީ (ހ) ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުލޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތުން؛ (ށ) ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއް ކަމުގައިވުން؛ އަދި (ނ) ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހުމެވެ. (ޕެރ. 10)

ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަން ކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވެއެވެ؛ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަން ކުރަންޖެހެއެވެ. (ޕެރ. 11)

ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް އޮތްތޯ ބެލުމުގައި ކޯޓުތަކުން ބަލަނީ: (ހ) ވަގުތީ އަމުރަށް އެދޭ ފަރާތުން މައްސަލަ ކާމިޔާބުކުރުމުގެ އެކަށީގެންވާ އިހުތިމާލެއް އޮތުން؛ (ށ) ވަގުތީ އަމުރެއް ނެރެ ނުދޭނަމަ ވަގުތީ އަމުރަށް އެދޭ ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ އެ މައްސަލައިގައި ކުރެވިދާނެ ކަމެއްތޯ؛ (ނ) ގެއްލުމުގެ ބަދަލަކީ އެ މައްސަލައިގައި ދެވިދާނެ ހައްލެއް ކަމުގައި ނުވާނަމަ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ފަހުން މައްސަލަ ކާމިޔާބު ނުވެއްޖެނަމަ، ވަގުތީ އަމުރެއް ނެރުމުގެ ސަބަބުން އެ އަމުރު ރައްދުވި ފަރާތަށް ގެއްލުމުގެ ބަދަލު ދެވިދާނެތޯ؛ އަދި (ރ) ގެއްލުމުގެ ބަދަލަކީ ދެ ފަރާތަށްވެސް ނަގައިދެވިދާނެ އެއްޗެއް ކަމުގައި ނުވާނަމަ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގެ ދަށުން އެންމެ ގެއްލުންވާނެ ފަރާތަކަށް ކޯޓުން ރިޢާޔަތްކުރުން. (ޕެރ. 12)

ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގެ ދަށުން ކަންކަން މީޒާންކުރުމުގައި މައްސަލައިގެ ދެފަރާތުގެވެސް ހާލަތު އެއްހަމަވާނަމަ، ވަގުތީ އަމުރެއް ނުނެރެ މައްސަލައިގެ ހާލަތު ނުވަތަ ސްޓޭޓަސް ކޯ އޮތް ގޮތަށް ކޯޓުން ދަމަހައްޓާނެއެވެ. (ޕެރ. 12)

ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޢަދުލު އިންސާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންސާފުގެ ނިޒާމު ނަހަމަ ގޮތުގައި ހިފިޔަނުދިނުމަށާއި، އަދި ޢަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ. (ޕެރ. 24)

އެއް މުއާމަލާތެއްގެ އެކި އިސްތިއުނާފު ހައިކޯޓުގެ އެކި ފަނޑިޔާރުން ބެލުމުގެ ސަބަބުން ބައެއް ފަހަރު އިންސާފަށް ހުރަސްއެޅިގެންދެއެވެ؛ އެފަދަ ހާލަތްތަކުގައި އެކި ފަރާތްތަކުން ހުށަހަޅާ އެއް މުއާމަލާތަކާ ގުޅޭ އިސްތިއުނާފު ހައިކޯޓުން ބަލަންވާނީ އެކު އެކީގައެވެ. (ޕެރ. 28)

އެއް މުއާމަލާތަކާ ގުޅޭ އެއް ޚަސްމުންތަކެއް ހިމެނޭ އެކި ދަޢުވާތައް ދަށު ކޯޓުތަކުންވެސް ބަލަންވާނީ އެކުއެކީގައެވެ. (ޕެރ. 29)

ވަގުތީ އަމުރެއް ނެރެދިނުމަށް ޝަރުޠު ހަމަވާ ޙާލަތެއް ކަމުގައި ނުވިނަމަވެސް، ބޭއިންސާފުން ކަންކަން ހިނގުން ހުއްޓުވުމުގެ ބާރު ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓަށް ލިބިދެވިފައިވެއެވެ. (ޕެރ. 32)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) އާއި (ބ)
  • ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން (2012/SC-A/21)
  • އެސް. ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް [2021] SC 28
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަރޔަރަމަންޓް އެންޑް އެނަރޖީ (ދިވެހި ދައުލަތް) ވ. ހުމައިދާ ޢަބްދުލްޢާފޫރު [2024] SC 22
  • American Cyanamid Co v Ethicon Ltd (1975) UKHL 1
  • ޙަބީބު ޒާހިރު ވ. މާލެ ސިޓީ ކައުންސިލް [2021] SC 94
  • ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2016/SC-A/25)
  • އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (2018/SC-A/31)
  • އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް [2021] SC 81

ފަނޑިޔާރުން

ބެންޗު
ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
ރިޔާސަތު
ޑރ. އަޒްމިރާލްދާ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/250 ގަޒިއްޔާގައި […] އައްޔޫބު ޢަލީގެ ފަރާތުން ވަގުތީ އަމުރުކަށް އެދުމުން، އެ އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 95-B6/CHT/2024/347 "ވަގުތީ އަމުރާމެދު ނިންމި ގޮތް" (މީގެ ފަހުން "ވަގުތީ އަމުރާމެދު ނިންމި ގޮތް") ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މައްސަލައެކެވެ.

މައްސަލައިގައި ކަންހިނގި ގޮތް

2އައްޔޫބު އަލީ އާއި […] އިބްރާހީމް ވަޙީދުއާ ދެމެދު 25 ސެޕްޓެންބަރު 2017 ގައި "ކ. މާލެ، […] އެވެ ކިޔާ ބަންޑާރަ ގޯތި ޑިވެލޮޕް ކުރުމާއި ދިގުމުއްދަތަށް ކުއްޔަށްދިނުމާ ބެހޭ އެއްބަސްވުން" (މީގެ ފަހުން "25 ސެޕްޓެންބަރު 2017 ގެ އެއްބަސްވުން") ގައި ސޮއިކުރިއެވެ.

3މި އެއްބަސްވުމާ އިބްރާހީމް ވަޙީދު ޚިލާފުވެފައިވާކަމަށް ބުނެ އައްޔޫބު ޢަލީގެ ފަރާތުން 16 ޖެނުއަރީ 2020 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ގަޒިއްޔާއިންނެވެ.

4އެ ގަޒިއްޔާ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް، އިބްރާހީމް ވަޙީދުގެ ފަރާތުން އޭގެ ގާތްގަނޑަކަށް 09 މަސް ފަހުން، 25 ސެޕްޓެންބަރު 2017 ގެ އެއްބަސްވުމާ އައްޔޫބު ޢަލީ ޚިލާފުވެފައިވާކަމަށް ބުނެ އެއްބަސްވުން ބާޠިލުކުރުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ގަޒިއްޔާއިންނެވެ. އެ މައްސަލަ މިހާރުވެސް ސިވިލް ކޯޓުގައި ކުރިއަށްދެއެވެ.

5އައްޔޫބު ޢަލީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު 206/Cv-C/2020 ގަޒިއްޔާގައި ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް ސިވިލް ކޯޓުން 19 ޑިސެންބަރު 2022 ގައި ޙުކުމްކުރިއެވެ. އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޢައްޔޫބު ޢަލީގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލަމުންދަނީ ހައިކޯޓުގެ ނަންބަރު 2023/HC-A/250 ގަޒިއްޔާއިންނެވެ. އަދި ހައިކޯޓުގައި އައްޔޫބު ޢަލީގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2023/HC-A/250 ގަޒިއްޔާގައި ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ގަޒިއްޔާގެ ޝަރީޢަތުގެ އެއްވެސް މަރުހަލާއެއް ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުގެ މައްޗަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނެވެ.

ހައިކޯޓުން ވަގުތީ އަމުރާމެދު ނިންމިގޮތް

6އައްޔޫބު ޢަލީގެ ފަރާތުން މައިގަނޑު ގޮތެއްގައި ވަގުތީ އަމުރަށް އެދި ހައިކޯޓުގައި ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު 206/Cv-C/2020 ގަޒިއްޔާ ހުށަހަޅާފައިވަނިކޮށް އިބްރާހީމް ވަޙީދުގެ ފަރާތުން ހަމަ އެ މައުލޫއުގައި އިތުރު ދަޢުވާއެއް ހުށަހަޅާފައިވާ ކަމަށާއި، މި ދެ މައްސަލައިގެ މައުލޫއުއަކީ އެއް މައުލޫއެއް ކަމަށްވެފައި، ހައިކޯޓުގައި ހިނގަމުންދާ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ގަޒިއްޔާގައި ޙުކުމެއް ކޮށްފިނަމަ، އެކަމުގެ ސަބަބުން ޢަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެކަމަށެވެ

7ހައިކޯޓުން ނިންމާފައިވަނީ ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠުތަކެއް ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ގަޒިއްޔާގައި ކަނޑައަޅާފައިވާއިރު، އައްޔޫބު ޢަލީގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހެޅި ސަބަބުތަކުގެ މައްޗަށް ބަލައި ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ

8ހައިކޯޓުން ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ނިންމި ނިންމުން އައްޔޫބު ޢަލީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ ނިންމުން އިސްތިއުނާފުކުރަމުން އައްޔޫބު ޢަލީގެ ފަރާތުން ހުށަހެޅި މައިގަނޑު ނުކުތާއަކީ ހައިކޯޓުން ވަގުތީ އަމުރު ނެރެނުދޭން ނިންމި ނިންމުމުގައި ހައިކޯޓުން ޙުކުމެއް ކުރުމުގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ގަޒިއްޔާ ނިންމައިފިނަމަ ޢަދުލު އިންޞާފަށް ހުރަސް އެޅޭނެގޮތެއް ޢައްޔޫބު ޢަލީގެ ފަރާތުން ފާހަގަކޮށްފައިނުވާކަމަށް އަދި ސިވިލް ކޯޓުން ކުރާ ޙުކުމެއްގެ ސަބަބުން ހައިކޯޓުގައި ކުރިއަށްދާ މައްސަލައިގައި ޢަދުލުއިންޞާފަށް ހުރަސް އެޅޭނެ ގޮތެއް ޢައްޔޫބު ޢަލީގެ ފަރާތުން ބަޔާންކޮށްދީފައިނުވާކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނީ، ޢައްޔޫބު ޢަލީގެ ފަރާތުން ވަގުތީ އަމުރު ފޯމުގައި ބަޔާންކޮށްފައިވާ ވާގިއާތަކަށާއި ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ބެލެންސް އޮފް ކޮންވީނިއެންސްގެ އުޞޫލު އަދި ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ އިސްތިއުނާފީ މަރުޙަލާއިން ކުރެވޭ ޙުކުމުގެ ބޭނުން ކެނޑި ބޭކާރުވެގެންދޭތޯ ނުވަތަ ނޫންތޯ ބެލުމުގެ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ވަގުތީ އަމުރު

9HN1ވަގުތީ އަމުރަކީ މައްސަލައިގެ މައުލޫއީ ޙައްޤަށް ގަޟާއީ ހިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ، އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ ގެއްލުންތައް ވީހައިވެސް ކުޑަކުރުމަށް އަޅާ ވަގުތީ ފިޔަވަޅެއްކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުގެ ބައެއް ގަޒިއްޔާތަކުގައި ނިންމާފައިވެއެވެ. އެހެންކަމުން، ވަގުތީ އަމުރުގެ މަޤުސަދަކީ މައްސަލައިގެ މައުލޫއުގައި ނިންމާ ނިންމުމަށް އެހީވެދިނުމުގެ ގޮތުން ދެފަރާތުގެ ޙައްޤުތަކަށްވެސް ރިޢާޔަތްކުރުމާއެކު އެ ހިނދަށް ވަގުތީ ހައްލެއް ދިނުމެވެ.

10HN2ވަގުތީ އަމުރާގުޅޭ ގޮތުން ޢަމަލުކުރަމުންދާ އުޞޫލުތައް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ހުރުން ލާޒިމު 03 (ތިނެއް) ޝަރުޠެއް ބަޔާންކޮށްފައިވެއެވެ. އެއީ (ހ) ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުލޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތުން، (ށ) ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއް ކަމުގައިވުން، އަދި (ނ) ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހުން.

11HN3ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތި ވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި ގެއްލުން ވަޒަން ކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތި ވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެކަމަށާއި، ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަން ކުރަން ޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ބަޔާންކޮށްފައިވެއެވެ.

12HN4HN5ވަގުތީ އަމުރާގުޅޭ ގޮތުން މީގެ ކުރިން ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކަށް ރިޢާޔަތްކުރާއިރު، ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް އޮތްތޯ ބެލުމުގައި މަޝްހޫރު އެމެރިކަން ސަޔަނަމިޑް އުސޫލުތައް ބޭނުން ކޮށްފައިވެއެވެ. އެގޮތުން، އަންނަނިވި ކަންކަމަށް ކޯޓުތަކުން ބަލައެވެ.

(ހ) ވަގުތީ އަމުރަށް އެދޭ ފަރާތުން މައްސަލަ ކާމިޔާބުކުރުމުގެ އެކަށީގެންވާ އިހުތިމާލެއް އޮތުން (ނ) ވަގުތީ އަމުރެއް ނެރެ ނުދޭނަމަ ވަގުތީ އަމުރަށް އެދޭ ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ އެ މައްސަލައިގައި ކުރެވިދާނެ ކަމެއްތޯ (ނ) ގެއްލުމުގެ ބަދަލަކީ އެ މައްސަލައިގައި ދެވިދާނެ ހައްލެއް ކަމުގައި ނުވާނަމަ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ފަހުން މައްސަލަ ކާމިޔާބު ނުވެއްޖެނަމަ، ވަގުތީ އަމުރެއް ނެރުމުގެ ސަބަބުން އެ އަމުރު ރައްދުވި ފަރާތަށް ގެއްލުމުގެ ބަދަލު ދެވިދާނެތޯ (ރ) ގެއްލުމުގެ ބަދަލަކީ ދެ ފަރާތަށްވެސް ނަގައިދެވިދާނެ އެއްޗެއް ކަމުގައި ނުވާނަމަ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުގެ ދަށުން އެންމެ ގެއްލުންވާނެ ފަރާތަކަށް ކޯޓުން ރިއާޔަތްކުރުން (ބ) ބުނެވިދިޔަ ކަންކަން މީޒާންކުރުމުގައި މައްސަލައިގެ ދެފަރާތުގެވެސް ހާލަތު އެއްހަމަވާނަމަ، ވަގުތީ އަމުރެއް ނުނެރެ މައްސަލައިގެ ހާލަތު ނުވަތަ ސްޓޭޓަސް ކޯ އޮތް ގޮތަށް ކޯޓުން ދަމަހައްޓާނެއެވެ.

13ބުނެވިދިޔަ އިބާރާތްތަކުން ނޫނަސް އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ވަގުތީ އަމުރާމެދު ނިންމި ގޮތުގައިވެސް މި އުސޫލުތަކަށް ރިޢާޔަތްކޮށްފައިވެއެވެ. އަދި އައްޔޫބް ޢަލީ ވަގުތީ އަމުރަކަށް އެދުނުއިރުގައި މީގެން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާކަމަށް ހައިކޯޓުގެ ވަގުތީ އަމުރާމެދު ނިންމި ގޮތުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ހައިކޯޓުން ވަގުތީ އަމުރު ނެރެދީފައި ނުވަނީ ޤާނޫނާ ޚިލާފަށްތޯ

14ހުށަހެޅިފައިމިވާ މައްސަލައިގައި އައްޔޫބް ޢަލީގެ މައިގަނޑު ޝަކުވާއަކީ އެއް މައުލޫއެއްގެ މައްޗަށް އައްޔޫބު ޢަލީއާއި އިބްރާހީމް ވަޙީދުއާ ދެމީހުން ހުށަހަޅާފައިވާ ދަޢުވާތަކެއް ޝަރީޢަތުގައި އެއްކޮށް ކުރިއަށް ނުގެންދިޔުމުގެ ސަބަބުން، ފުށުއަރާ ޙުކުމްތަކެއް އުފަންވުމުގެ އިހުތިމާލު އޮތުމުން، އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިގެންދާނެކަމަށް ބުނާ ބުނުމެވެ.

15އައްޔޫބު އަލީގެ ދަޢުވާއަކީ 25 ސެޕްޓެންބަރު 2017 ގެ އެއްބަސްވުމާ އިބްރާހީމް ވަޙީދު ޚިލާފުވެފައިވާކަމެވެ. އަދި އިބްރާހީމް ވަޙީދުގެ ދަޢުވާއަކީ އައްޔޫބް ޢަލީ 25 ސެޕްޓެންބަރު 2017 ގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމެވެ.

16އައްޔޫބް ޢަލީގެ ފަރާތުން ނެރެދިނުމަށް އެދޭ ވަގުތީ އަމުރު ބިނާވަނީ، އައްޔޫބް ޢަލީ ސިވިލް ކޯޓުގައި ދަޢުވާކުރި މައްސަލަ އައްޔޫބް ޢަލީއާ ދެކޮޅަށް ނިމުމުން، އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށްދާއިރު، ސިވިލް ކޯޓުގައި އޮތް އިބްރާހީމް ވަޙީދުކުރި ދަޢުވާއާ ގުޅޭ މައްސަލަ އެވަގުތަށް މަޑުޖެއްސުމަށް އެންގުމަށެވެ.

17މިކަމާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ ވަގުތީ އަމުރެއް ނެރުމުގައި ރިޢާޔަތްކުރަންޖެހޭ ވަކި އުސޫލުތަކެއް ޤާއިމުވެފައިވާއިރު، ވަގުތީ އަމުރަށް ޢައްޔޫބު ޢަލީގެ ފަރާތުން އެދުމުގައި މިއިން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާކަމަށާއި، ވަގުތީ އަމުރު ނެރެނުދީފިނަމަ ދެފަރާތަށް ލިބޭނެ ގެއްލުމާއި، އައްޔޫބު ޢަލީއަށް ލިބޭނެ ގެއްލުން ބޮޑުވާގޮތާއި، ގެއްލުމުގެ ބަދަލު ނަގައިދެވިދާނެތޯ ނުވަތަ ނޫންތޯ ބެލުން ފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާކަމަށެވެ.

18ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް މި މައްސަލައިގައި ފުރިހަމަވޭތޯ ބަލާއިރު، ހައިކޯޓުގެ ވަގުތީ އަމުރާމެދު ނިންމިގޮތުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ވަގުތީ އަމުރެއް ނެރެދިނުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވާ ގޮތެއް އައްޔޫބް ޢަލީއަށް ބުނެދެވިފައިނުވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ސިވިލް ކޯޓުގައި ހިނގަމުންދާ އެ ކޯޓުގެ ނަންބަރު 2734/Cv-C/2020 ގަޒިއްޔާގެ ޝަރީޢަތް ވަގުތީ އަމުރެއްގެ ޒަރީއާއިން މަޑުޖައްސަންޖެހޭ ޤާނޫނީ ހުއްޖަތްތަކެއް އައްޔޫބް ޢަލީއަށް ދެއްކިފައި ނުވެއެވެ.

19ވުމާއެކު، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ވަގުތީ އަމުރާމެދު ނިންމިގޮތަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އައްޔޫބް ޢަލީއަށް ދެއްކިފައިނުވެއެވެ.

އައްޔޫބް ޢަލީގެ ޝަކުވާ

20ނަމަވެސް އައްޔޫބް ޢަލީގެ ފަރާތުން ހުށަހަޅާ ޝަކުވާގައި ޤާނޫނީ ބުރަދަނެއް ވާކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެއީ އެއް މުޢާމަލާތަކާ ގުޅިގެން އެއްބަސްވުމުގެ ދެ ބައިވެރިން ދެ ދަޢުވާއެއް ކުރުމުން ކޯޓުން ކުރާ ޙުކުމްތައް ފުށުއެރުމުގެ އިހުތިމާލު އޮތުމެވެ. އަދި ބޭއިންސާފުން ކަންކަން ހިނގައި ދިޔުމުގެ ފުރުސަތު އޮތުމެވެ.

21މި މައްސަލައިގައި ހިމެނޭ ދެ ފަރާތުންވެސް އެއް ފަރާތުން އަނެއް ފަރާތް އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ތުހުމަތުކުރާ އިރު، ދެ ފަރާތުން ހުށަހެޅި ދެ މައްސަލައިގައިވެސް އެއް މައުލޫއުތަކެއްގެ މައްޗަށް އަލި އަޅުވާލާފައިވެއެވެ. އައްޔޫބު ޢަލީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު 206/Cv-C/2020 ގަޒިއްޔާގެ މައްސަލަ ނިންމުމަށް ވާސިލުވި ބައެއް ސަބަބުތަކަކީ އިބްރާހީމް ވަޙީދު ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ގަޒިއްޔާގައިވެސް ހަމަ އެ މައުލޫއުގެ މައްޗަށް ބަހުސްކުރެވެމުންދާ ކަންކަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ދެ ފަރާތުންވެސް އަނެއް ފަރާތް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރާއިރު، ދެ ފަރާތުންވެސް ދެ މައްސަލައިގައި ދައްކާ ވާހަކަތަކާއި ހުށަހަޅާ ދިފާއުތަކަކީ ގުޅިލާމެހިފައިވާ މައުލޫއުތަކެއްކަމަށް ޤަބޫލުކުރެވެއެވެ.

22ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައަކީ ކޮންމެ ގޮތެއްވިޔަސް ސިވިލް ކޯޓުގައި މިހާރު އޮތް މައްސަލައިގެ މައްޗަށް ހިނގާނެ ގަޒިއްޔާއެއް ކަމުގައި ބެލި ނަމަވެސް، ހައިކޯޓަށްވެސް މިހާރު ބަލަމުންދާ މައްސަލައިގައި ރިޢާޔަތްކުރެވޭނީ ހަމަ އެކަނި ހުށަހެޅުނު މައްސަލައިގައި ހިމެނޭ ކަންތައްތަކަށެވެ. އިބްރާހީމް ވަޙީދު ހުށަހެޅި މައްސަލައިގައި ހިމެނޭ ކަންތައްތަކަށް ރިޢާޔަތްކުރުމާ އެކު މުޅި މުޢާމަލާތާ ގުޅިގެން ވަށައިޖެހޭ ހައްލެއް ދިނުމުގެ ފުރުސަތު ހައިކޯޓަށްވެސް ހަނިވެގެންދެއެވެ.

ދެވިދާނެ ހައްލު

23ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި (މީގެފަހުން "ކޯޓުތަކުގެ ޤާނޫނު") އެވެ. ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ކޯޓުގެ ޒާތުގައި ހައިކޯޓަށް ލިބިގެންވާ އިޚްތިޞާޞް ބަޔާންކޮށްފައިވެއެވެ.

24HN6ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ހައިކޯޓަށް އެކި ކަންކަމުގައި އަމުރު ކުރުމުގެ ބާރު ލިބިދެވިފައިވެއެވެ. އެގޮތުން، އެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޢަދުލު އިންސާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންސާފުގެ ނިޒާމު ނަހަމަ ގޮތުގައި ހިފިޔަނުދިނުމަށާއި، އަދި ޢަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވެއެވެ.

25ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ބ) ގެ ދަށުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ހައިކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު ލިބިގެންވެއެވެ. އެހެން ގޮތަކަށްބުނާ ނަމަ، ހައިކޯޓުން ބަލަން ބޭނުންވާނަމަ، ސަރޝިއަރަރީ އަމުރެއްގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ގަޒިއްޔާގައި ހުށަހެޅުނު މައްސަލައާ ހައިކޯޓުގައި ބަލަމުންދާ ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ގަޒިއްޔާގެ މައްސަލައާ އޮތް ގުޅުން ދިރާސާކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންވާކަން ފާހަގަކުރަމެވެ.

26ހަމަ އެފަދައިން، އައްޔޫބް ޢަލީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި އެދިފައިވަނީ ސިވިލް ކޯޓުން އަލުން މައްސަލަ ބަލަންކަމުގައިވާ ހިނދު، މިވަގުތު ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައާ އެކު ހައިކޯޓަށް ހުށަހެޅުނު މައްސަލަ އަލުން ބެލުމަށް އެންގުމަކީވެސް ހައިކޯޓަށް ފެންނަނަމަ، އަވަސް ފިޔަވަޅު އަޅައި، ހައިކޯޓުގެ އިޚްތިޔާރުގައި އޮތްކަމެއްކަމަށް ޤަބޫލުކުރެވެއެވެ.

27ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް އެ ކޯޓުން ބަލަންޖެހޭ ގޮތް ކިޔާ ދިނުމަކީ އަހުރެންގެ ނިޔަތެއް ނޫނެވެ. ނަމަވެސް އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ އެއް މުއާމަލާތެއްގެ އެހެން މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދާއިރު، ދެ މައްސަލަ އެއްކޮށް ނުބެލުމުގެ ސަބަބުން ދެން އުފަންވާ އިޖުރާއީ ވަގޮށްތައް މޮހުމަކީ، މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުގެ އިތުރުން ކޯޓުތަކަށްވެސް ނުހަނު ތަކުލީފު ބޮޑު، އިންސާފު ޤާއިމު ކުރުމުގެ މަފްހޫމާ ދެކޮޅަށް ހިނގާނެ ކަންކަމެވެ. އެއް މުއާމަލާތަކާ ގުޅޭ އެކި މައްސަލަތައް އެކި ފަނޑިޔާރުން އެކި ވަގުތު ނިންމުމުން، ބަލާބެލުމުގައި ދެ މައްސަލައިގައި ފުށުއެރުމެއް ނެތްކަމުގައި ހީވިނަމަވެސް، އެތަނުން އެއް ގަޒިއްޔާގައި ބޭނުންކުރެވޭ އެންމެ ލަފުޒެއްގެ ސަބަބުން އައު މައްސަލަތަކެއް އުފަންވުމަކީ ހަމަ ޔަޤީނުންވެސް އިސްތިއުނާފީ ކޯޓުތަކަށް އައު ކަމެއް ނޫނެވެ.

28HN7ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައިވެސް އެއް މުއާމަލާތެއްގެ އެކި އިސްތިއުނާފު ހައިކޯޓުގެ އެކި ފަނޑިޔާރުން ބެލުމުގެ ސަބަބުން ބައެއް ފަހަރު އިންސާފަށް ހުރަސްއެޅިގެންދާކަން ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ހާލަތްތަކުގައި އެކި ފަރާތްތަކުން ހުށަހަޅާ އެއް މުއާމަލާތަކާ ގުޅޭ އިސްތިއުނާފު ހައިކޯޓުން ބަލަންވާނީ އެކު އެކީގައިކަމަށް އެ ގަޒިއްޔާގައި ބަޔާންކޮށްފައިވެއެވެ.

29HN8މި އުސޫލުން ދަށު ކޯޓުތައް ވަކި އިސްތިސްނާއެއް ނުވެއެވެ. އެއް މުއާމަލާތަކާ ގުޅޭ އެއް ޚަސްމުންތަކެއް ހިމެނޭ އެކި ދަޢުވާތައް ދަށު ކޯޓުތަކުންވެސް ބަލަންވާނީ އެކުއެކީގައެވެ.

30މިވަގުތު ސިވިލް ކޯޓުގައި ހިނގަމުންދާ އެ ކޯޓުގެ ނަންބަރު 2734/Cv-C/2020 ގަޒިއްޔާގެ ދަޢުވާ ފޯމުގެ 6 ވަނަ ބައިގައި "ގުޅުންހުރި މައްސަލަތައް" ބަޔާންކުރުމަށް އޮންނައިރު، އެ ދަޢުވާ ހުށަހެޅި އިބްރާހީމް ވަޙީދުގެ ފަރާތުން އައްޔޫބް ޢަލީ ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2020 ގަޒިއްޔާ ފާހަގަކޮށްފައިވެއެވެ. ދަޢުވާ ފޯމުގެ 6 ވަނަ ބައިގައި ގުޅުންހުރި މައްސަލަކަމަށް ބުނެފައިވަނީ ކުރިން އެ މައްސަލަ ނުވަތަ އެ މައްސަލައާ ގުޅުން ހުރި މައްސަލައެއް ނުވަތަ އެ މައްސަލައިގައި ހިމެނޭ ނުކުތާތައް ނުވަތަ ނުކުތާއެއް ހިމެނިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

31ވުމާއެކު، އިބްރާހީމް ވަޙީދުގެ ފަރާތުން ފަހުން ހުށަހެޅި ދަޢުވާ ސިވިލް ކޯޓަށް ހުށަހެޅިއިރު، އޭގެ ކުރިން އައްޔޫބް ޢަލީގެ ފަރާތުން ހުށަހެޅި ގަޒިއްޔާވަނީ ސިވިލް ކޯޓުގެ ސަމާލުކަމަށް ގެނެސްފައެވެ. މި ހާލަތުގައި އެއް މުޢާމަލާތެއްގައި ދެފަރާތުން ކޮށްފައިވާ ދެ ދަޢުވާ އެއް ފަނޑިޔާރަކަށް ހަވާލުކުރުމަކީ ސިވިލް ކޯޓުން އުފުލަންޖެހޭ ޒިންމާއެއް ކަމުގައި އަހުރެން ދެކެމެވެ. އަދި ނަތީޖާއެއްގެ ގޮތުން ދެ މައްސަލަ ދެ ގޮތަށް ނިމުމުގެ އިހުތިމާލެއް ނޯންނާނެއެވެ.

32HN9އެހެންކަމުން، އައްޔޫބް ޢަލީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް ވަގުތީ އަމުރެއް ނެރެދިނުމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އައްޔޫބް ޢަލީއަށް ދެއްކިފައިނުވެއެވެ. މި ކަމަކީ ވަގުތީ އަމުރެއް ނެރެދިނުމަށް ޝަރުޠުހަމަވާ ޙާލަތެއް ކަމުގައި ނުވިނަމަވެސް، ބޭއިންސާފުން ކަންކަން ހިނގުން ހުއްޓުވުމުގެ ބާރު ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓަށް ލިބިދެވިފައިވާތީ، އެއް މުއާމަލާތެއްގެ ދެ މައްސަލަ ދެ ކޯޓަކުން ހިންގުމުގެ ޝަކުވާ އައްޔޫބް ޢަލީގެ ފަރާތުން ހައިކޯޓުގައި އަލުން ހުށަހަޅައިފިނަމަ، އެ ޝަކުވާއަށް ހައިކޯޓުން ކޮންމެވެސް ހައްލެއް ދޭންޖެހޭކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

34މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B6/CHT/2024/347 "ވަގުތީ އަމުރާމެދު ނިންމި ގޮތް" އަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު

އަޒްމިރާލްދާ ޒާހިރު

(ރިޔާސަތު)

ޙުސްނުއްސުޢޫދު

*ސައިޓޭޝަން ނަންބަރު ދިނުމުގައި ކުރިމަތިވި އިދާރީ އޮޅުމެއްގެ ސަބަބުން މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތަށް ކުރިން ދީފައިވާ ސައިޓޭޝަން ނަންބަރު މިހާރު އެ ވަނީ އިޞްލާޙު ކުރެވިފައެވެ.

ފުޓްނޯޓު

  1. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ގަޒިއްޔާ
  2. ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އެސް. ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް [2021] SC 28 ޕެރެގްރާފް 39، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭޅޭޖް، އެންވަރއަރަމަންޓް އެންޑް އެނަރޖީ (ދިވެހި ދައުލަތް) ވ. ހުމައިދާ ޢަބްދުލްއަފޫރު [2024] SC 22 ޕެރެގްރާފް 18
  3. ފުޓްނޯޓު 1
  4. [2021] SC 28 ޕެރެގްރާފް 43
  5. American Cyanamid Co v Ethicon Ltd (1975) UKHL 1 މި އުސޫލުތަކާ ސީދާ ހަވާލާ ނުދިންނަމަވެސް މި އުސޫލުތައް މި ކޯޓުގައި އެންމެ ފަހުން ތަތުބީޤުކޮށްފައިވާ އެއް ގަޒިއްޔާ އަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަރޔަރަމަންޓް އެންޑް އެނަރޖީ (ދިވެހި ދައުލަތް) ވ. ހުމައިދާ ޢަބްދުލްޢާފޫރު [2024] SC 22 އެވެ.
  6. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 95-B6/CHT/2024/347 "ވަގުތީ އަމުރާމެދު ނިންމި ގޮތް" ގެ ޕެރެގްރާފް 16
  7. ޤާނޫނު ނަންބަރު 22/2010
  8. މިސާލަކަށް ޙަބީބު ޒާހިރު ވ. މާލެ ސިޓީ ކައުންސިލް [2021] SC 94 ގަޒިއްޔާ. ރެސްޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރި ގަޒިއްޔާތަކުގެ ތެރޭގައި ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2016/SC-A/25) ގަޒިއްޔާއާއި، އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (2018/SC-A/31) ގަޒިއްޔާއާއި، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް [2021] SC 81 ގަޒިއްޔާ ހިމެނެއެވެ.
  9. ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ގަޒިއްޔާ
  10. އބމ، ޕެރެގްރާފް 13
  11. ސިވިލް ކޯޓުގެ ނަންބަރު 2734/Cv-C/2020 ގަޒިއްޔާގެ "މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ. ހުށަހަޅާ ފޯމު"
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ