ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 81 · 2019/SC-A/74ސުޕްރީމް ކޯޓު · 30 އޮގަސްޓް 2021

އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 އޮގަސްޓް 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް4

HYPERLINK \l "THREECivilCourtNimmun" ހައިކޯޓުން މައްސަލަ ނިންމިގޮތް5

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް7ސުޕްރީމް ކޯޓުގައި މޯލްލިންކްސް ތަމްސީލުކުރި ފަރާތް ކަނޑައެޅުނުގޮތް9މައްސަލާގައިވާ ޚުޞޫމާތަށް މީގެ ކުރިން ކޯޓުން ޙުކުމްކޮށްފައިވާކަމަށް ބުނާ ބުނުން11ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 ކޯޓު އަމުރާއި ރެސް ޖުޑިކާޓާގެ މަފްހޫމް13ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާ15އުޞޫލު ތަޠުބީޤުކުރުން18ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 އާ ޚިލާފަށް، ހުށަހެޅިފައިވާ ލިޔެކިޔުމަށް ހައިކޯޓުން ފުރިހަމައަށް ރިޢާޔަތްނުކުރާކަމަށް ބުނާބުނުން27އެލައިޑް އިންޝުއަރަންސްގެ ފަރާތުން ހުށަހެޅި ތިންވަނަ އަދި ހަތަރުވަނަ އިސްތިއުނާފީ ނުކުތާ30ޙައްލު32ޙުކުމް33

އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-0043/1984، މީގެ ފަހުން "އެލައިޑް އިންޝުއަރަންސް") އިން މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-47/2002، މީގެ ފަހުން "މޯލްލިންކްސް") އަށް ދޫކޮށްފައިވާ މެރިން ހަލް ޕޮލިސީ ނަންބަރު 1000/40/403/2012/3606 ގެ ދަށުން އިންޝުއަރަންސް ކްލެއިމް ކުރުމުން ކްލެއިމް ރިޖެކްޓްކޮށްފައިވާތީ، ދެފަރާތު ދެމެދު އުފެދުނު ޚުޞޫމާތާގުޅޭ މައްސަލައެކެވެ.

އިންޝުއަރަންސް ޕޮލިސީގެ ދަށުން ކްލެއިމް ރިޖެކްޓް ކުރުމުން މޯލްލިންކްސްގެ ފަރާތުން އެންމެ ފުރަތަމަ މައްސަލައެއް ހުށަހެޅީ ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި އެލައިޑް އިންޝުއަރަންސްއިން ކްލެއިމް ބަލައިނުގަތުމަށް ބިނާކުރި ސަބަބުތަކަކީ މަޤުބޫލު ސަބަބުތަކެއްކަމަށް ނުވާތީ، މޯލްލިންކްސްއިން ކޮށްފައިވާ ކްލެއިމް ބަލައިގަނެ، އެ ކްލެއިމް ޕްރޮސެސްކޮށް، އެ ކްލެއިމްގައިވާ ފައިސާއާ މެދު ގޮތެއް ކަނޑައެޅުމަށް އެލައިޑް އިންޝުއަރަންސްއަށް އަންގައި ޙުކުމްކުރި އެވެ.

މި ޙުކުމާއި ގުޅިގެން މޯލްލިންކްސްގެ ފަރާތުން އަލުން އިންޝުރައަރަންސް ކްލެއިމެއް ހުށަހެޅުމުން، އެލައިޑް އިންޝުއަރަންސްގެ ފަރާތުން ކުރިން ފާހަގަކުރި ކަންކަން ފާހަގަކޮށް ކްލެއިމް ރިޖެކްޓްކޮށްފައިވާކަމަށް ބުނެ، އިންޝުއަރަންސް ޕޮލިސީގެ ދަށުން ލިބެންޖެހޭ އެންމެހާ ޙައްޤުތައް ހޯދުމަށް މޯލްލިންކްސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި އެލައިޑް އިންޝުއަރަންސްގެ މައްޗަށް ދަޢުވާކުރިއެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ މޯލްލިންކްސްއިން ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ. މޯލްލިންކްސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.

މިއީ ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެލައިޑް އިންޝުއަރަންސްގެ ފަރާތުން ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ.

އިންޝުއަރަންސް ކްލެއިމްކުރުމަށް މެދުވެރިވި ހާދިސާ

14 ފެބްރުއަރީ 2012 ގައި އެލައިޑް އިންޝުއަރަންސްއިން މޯލްލިންކްސްއަށް މެރިން ހަލް ޕޮލިސީ ނަންބަރު 1000/40/403/2012/3606 ވިއްކިއެވެ. މި ޕޮލިސީ އަކީ ސިންގަލް ވޮޔެޖް ޕޮލިސީއެކެވެ. ފުރަތަމަ ދޫކުރި ޕޮލިސީގެ ދަށުން އެމް.ވީ ސީ އެންޖަލްއެވެ ކިޔުނު ކާގޯ އުޅަނދު (ރެޖިސްޓްރީ ނަންބަރު C8585A) އަށް ނަގާފައިވާ އިންޝުއަރޑް ވެލިޔުއަކީ US$200,000.00 (ދެ ލައްކަ އެމެރިކާ ޑޮލަރު) އެވެ. ނަމަވެސް އޭގެ ފަހުން އިންޝުއަރޑް ވެލިޔު US$209,000.00 (ދެ ލައްކަ ނުވަހާސް އެމެރިކާ ޑޮލަރު) އަށް ބަދަލުކުރެވުނެވެ. 20 ފެބްރުއަރީ 2012 ގެ ނަންބަރު 1000/40/403/2012/3606/001 އެންޑޯސްމަންޓް ޝެޑިއުލްއިން މިކަން އެނގެންއޮވެއެވެ.

އެމް.ވީ ސީ އެންޖަލްއާ އެކު މޯލްލިންކްސްގެ އެހެން އުޅަނދެއްކަމުގައިވާ އެމް.ވީ މޯނިންގ ސްޓާރއަށްވެސް ސިންގަލް ވޮޔެޖް ޕޮލިސީއެއް ނެގިއެވެ. މި ޕޮލިސީ ނަންބަރަކީ 1000/40/407/2012/3812 އެވެ.

26 ޖޫން 2012 ގައި އެމް.ވީ ސީ އެންޖަލް ކަފުޖަހައިގެން އެމް.ވީ މޯރނިންގ ސްޓާރ އިންޑިޔާގެ ކަންނަންނޫރާ ދިމާލަށް ދަތުރުކުރުމަށް ރާއްޖެއިންފުރިއެވެ. 30 ޖޫން 2012 ގައި އެމް.ވީ ސީ އެންޖަލްގެ ކާރގޯ ހޯލްޑަށް ފެން ވަނުމުން ޕަމްޕުކޮށްގެން ފެންތައް ބޭރުކުރަން މަސައްކަތްކޮށްގެންވެސް ފެންވަނުން ނުހުއްޓުވުނުކަމަށާއި، އެހެންކަމުން ކޮޗިންއާ ދިމާލަށް މިސްރާބު ބަދަލުކުރީކަމަށް އެމް.ވީ މޯރނިންގ ސްޓާރގެ މާސްޓަރ ރިޕޯޓުކުރިކަމަށްވެއެވެ. 1 ޖުލައި 2012 ގައި އެމް.ވީ ސީ އެންޖަލް ކަނޑުއަޑިއަށް ފެތުނެވެ.

މި ހާދިސާއާ ގުޅިގެން، މޯލްލިންކްސްގެ ފަރާތުން އެމް.ވީ ސީ އެންޖަލްއަށްވެސް އަދި އެމް.ވީ މޯރނިންގ ސްޓާރއަށްވެސް އިންޝުއަރަންސް ކްލެއިމް ހޯދުމަށްޓަކައި އެލައިޑް އިންޝުއަރަންސްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާއިން ދަޢުވާކުރިއެވެ. މި ގަޒިއްޔާގެ ތަފްސީލު ޕެރެގްރާފް 32 އިން ފެށިގެން ބަޔާންކޮށްފައިވާނެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ޙުކުމްކުރުމަށްފަހުވެސް، އެމް.ވީ ސީ އެންޖަލްއަށް އިންޝުއަރަންސް ފައިސާ ނުލިބިގެން ދެވަނަ ފަހަރަށް ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި މޯލްލިންކްސްއިން އެލައިޑް އިންޝުއަރަންސްގެ މައްޗަށް ދަޢުވާކުރިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި ޙުކުމް ކުރީ މޯލްލިންކްސްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ. ސިވިލް ކޯޓުން މި ޙުކުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) އެމް.ވީ.ސީ އެންޖަލްއަށް ނަގާފައިވާ "މެރިންހަލް ޕޮލިސީ" ގެ "އިންސްޓިއުޓް ވޮޔޭޖް ކްލޯސަސް ހަލް" ގެ 3.1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ އުޅަނދު ކްލާސްކޮށްފައި ނެތުމަކީ އިންޝުއަރަންސް ޕޮލިސީއާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމުން، އިންޝުއަރަންސް ޕޮލިސީއާ މޯލްލިންކްސްއިން ޚިލާފުވެފައި ވަނިކޮށް ދިމާވާ ހާދިސާތަކުން ލިބޭ ގެއްލުމަކަށް އިންޝުއަރަންސް ޕޮލިސީގެ ދަށުން އިންޝުއަރަންސް ކުންފުނިން ޒިންމާވާން ނުޖެހޭނެކަން އިންޝުއަރަންސް ޕޮލިސީއަށް ބެލުމުން އެނގެން އޮތުން.

(ށ) މި އުޅަނދަކީ އިންޝުއަރަންސް ކުރި އިރުވެސް އަމިއްލައަށް ދަތުރު ނުކުރެވޭ ޙާލަތުގައި އޮތް އުޅަނދެއްކަން ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކުން އެނގެން އޮތްއިރު، މި އުޅަނދު އިންޝުއަރަންސް ކުރުމުގެ ކުރިން އެ މަޢުލޫމާތު އިންޝުއަރަންސް ކުންފުންޏާ މޯލްލިންކްސްގެ ފަރާތުން ޙިއްޞާކޮށްފައިވާކަން އެނގެން ނެތުން.

(ނ) ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ކަނޑައަޅާފައިވާ ނިންމުމަކީ އިންޝުއަރަންސް ޕޮލިސީގެ ދަށުން މޯލްލިންކްސްއިން ކޮށްފައިވާ ކްލެއިމް ބަލައިގަނެ އެ ކްލެއިމް ޕްރޮސެސްކޮށް އެކްލެއިމްގައިވާ ފައިސާއާ މެދު ގޮތެއް ކަނޑައެޅުމަކީ ޕޮލިސީގެ ދަށުން އެލައިޑް އިންޝުއަރަންސްގެ މައްޗަށް އޮތް ޒިންމާއެއްކަމަށް ކަނޑައަޅައި، އެ ކްލެއިމް އެލައިޑް އިންޝުއަރަންސްއަށް ހުށަހެޅުމުން އެ ކްލެއިމްއާމެދު ގޮތެއް ކަނޑައެޅުންކަން އެ ގަޒިއްޔާގެ ޙުކުމުން އެނގެން އޮތުމުން، އެ ކްލެއިމް މޯލްލިންކްސްގެ ފަރާތުން ހުށަހެޅުމުން އެ ކްލެއިމް ޕްރޮސެސްކޮށް، އެކްލެއިމްގައި ހިމެނޭ ފައިސާއަކީ އެލައިޑް އިންޝުއަރަންސްއިން ޒިންމާވާން ނުޖެހޭ ފައިސާއެއްކަމަށް ނިންމާފައިވާ ނިންމުމަކީ ނުރަނގަޅު ނިންމުމެއްކަމަށް ޝަރީޢަތަށް ސާބިތުވާ ފަދަ ކާފީ ހެއްކެއް މޯލްލިންކްސްއަށް ދެއްކިފައިނުވާކަން.

މި ސަބަބުތަކުގެ މައްޗަށް ބުރަވެ، ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ މި ކްލެއިމް އެލައިޑް އިންޝުއަރެންސްގެ ފަރާތުން ރިޖެކްޓްކޮށްފައިވަނީ އިންޝުއަރަންސް ޕޮލިސީގެ ދަށުން މޯލްލިންކްސްގެ ފަރާތުން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާތީއާއި، އިންޝުއަރަންސް ޕޮލިސީ ނެގިއިރު އުޅަނދާއި ބެހޭގޮތުން ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކޮށްފައިނުވާތީކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، އިންޝުއަރަންސް ކްލެއިމް ރިޖެކްޓްކޮށް ފައިސާ ނުދިނުމަށް ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަމަށް ބެލެވޭނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއް މޯލްލިންކްސްގެ ފަރާތުން ސާބިތުކޮށްދީފައިނުވާކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާ މޯލްލިންކްސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާއިންނެވެ. ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް މޯލްލިންކްސްއިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން ޓޯޓަލް ލޮސްގެ ގޮތުގައި ލިބެންޖެހޭ ފުލް އިންޝުއަރޑް ވެލިއުކަމުގައިވާ US$209,000.00 (ދެލައްކަ ނުވަހާސް އެމެރިކާ ޑޮލަރު) އަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާކަމަށް ކަނޑައަޅައި ޙުކުމްކުރި އެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) މޯލްލިންކްސްގެ ފަރާތުން، އިންޝުއަރަންސް ކްލެއިމް ބަލައިނުގަތުމަށް ނިންމައި ފޮނުވި ނަންބަރު Ref:AI/TECH/2014/2994 (21 އޮކްޓޯބަރު 2014( ސިޓީގައި ކްލެއިމް ބަލައިނުގަތުމަށް ނިންމި ނިންމުން ބިނާކޮށްފައިވާ ކަންތައްތަކަކީ މޯލްލިންކްސްއިން އެންމެ ފުރަތަމަ ހުށަހެޅި އިންޝުއަރަންސް ކްލެއިމް ބަލައިނުގަތުމަށް އެ ކުންފުނީގެ ނަންބަރު AI/UW/2012/2946 (14 އޯގަސްޓް 2012) ސިޓީން ނިންމި ނިންމުން ބިނާކުރި އަސާސްތައްކަން އެނގެން އޮންނައިރު، އެ ކްލެއިމް ބަލައިނުގަތުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ބިނާކޮށްފައިވާ ސަބަބުތަކަކީ މަޤުބޫލު ސަބަބުތަކެއް ނޫންކަމަށް ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ކަނޑައަޅާފައި އޮތުމުން، ކްލެއިމް ބަލައިނުގަތުމަށް ނަންބަރު Ref:AI/TECH/2014/2994 (21 އޮކްޓޯބަރު 2014( ސިޓީއިން ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށްކަން؛

(ށ) ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި، އެލައިޑް އިންޝުއަރަންސްގެ ފަރާތުން އިންޝުއަރަންސް ކްލެއިމް ރިޖެކްޓްކޮށްފައިވަނީ އިންޝުއަރަންސް ޕޮލިސީގެ ދަށުން މޯލްލިންކްސްގެ ފަރާތުން ކުރަންޖެހޭ ކަންކަން ކޮށްފައިނުވާތީއާއި، އިންޝުއަރަންސް ޕޮލިސީ ނެގިއިރު އުޅަނދާއި ބެހޭގޮތުން ހާމަކުރަންޖެހޭ ތެދު މަޢުލޫމާތު ހާމަކޮށްފައިނުވާތީ ކަމަށް ކަނޑައަޅާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި މައުޟޫޢީ ގޮތުން ގޮތެއް ކަނޑައެޅިފައިވާ އެ ގަޒިއްޔާގެ އެ ހަޤީޤަތްތަކުގެ މައްޗަށް ގޮތެއް ކަނޑައެޅިފައިވާ އެއް ވާޤިއާތަކެއްގެ މައްޗަށްކަން އެނގެން އޮންނާތީ، ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 ސާރކިއުލަރއާއި ރެސް ޖުޑިކާޓާގެ އުޞޫލުތަކާއި ޚިލާފަށްކަން؛

(ނ) އުޅަނދު ކްލެސިފައިކުރުމާގުޅޭ ނުކުތާއަކީ އެލައިޑް އިންޝުއަރަންސްގެ ފަރާތުން އިންޝުއަރަންސް ކްލެއިމް ބަލައިނުގަތުމަށް ނިންމާފައިވާ ދެ ސިޓީގައިވެސް ފާހަގަކޮށްފައިވާ ކަމެއްނޫންކަމާއި، އެ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައިވެސް އެލައިޑް އިންޝުއަރަންސްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކަމާއި، މިފަދަ ޚުޞޫމަތަކާއި ގުޅިގެން ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރެވޭނީ އުޞޫލެއްގެ ގޮތުން އެ ކްލެއިމް ރިޖެކްޓްކުރުމަށް ނިންމާފައިވާ ސަބަބުތަކުގެ މައްޗަށް ކަމާއި، އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި ކްލެއިމް ބަލައިނުގަތުމަށް އެލައިޑް އިންޝުއަރަންސްއިން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއްކަމަށް ކަނޑައަޅާފައިވަނީ އިންޝުއަރަންސް މައްސަލަތަކުގައި ޝަރީޢަތުން ބަލަންޖެހޭ ޢާންމު އުޞޫލާއި ޚިލާފަށްކަން.

އެހެންކަމުން، މި ސަބަބުތަކުގެ މައްޗަށް ބުރަވެ ހައިކޯޓުން ޙުކުމްކުރީ މޯލްލިންކްސްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން ޓޯޓަލް ލޮސް ހާލަތުގައި ލިބެންޖެހޭ ފުލް އިންޝުއަރޑް ވެލިއު މޯލްލިންކްސްއަށް ނަގައިދޭންޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

އެލައިޑް އިންޝުއަރަންސްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. މި މައްސަލަ އިސްތިއުނާފުކުރަމުން އެލައިޑް އިންޝުއަރަންސްގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު 4 (ހަތަރެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ؛

13.1 ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާގައި އިންޝުއަރަންސް ކްލެއިމް ރިޖެކްޓްކޮށްފައިވަނީ އިންޝުއަރަންސް ޕޮލިސީ ނެގިއިރު މޯލްލިންކްސްއިން ހާމަކުރަންޖެހޭ ތެދު މަޢުލޫމާތު ހާމަކޮށްފައިނުވާތީކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި މައުޟޫޢީގޮތުން ގޮތެއް ކަނޑައަޅާފައިވަނިކޮށް ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި މިކަމާ ގުޅިގެން ގޮތެއް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 ކޯޓު އަމުރާއި ރެސް ޖުޑިކާޓާގެ އުޞޫލުތަކާއި ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ ގޮތުން ރެސް ޖުޑިކާޓާ އުޞޫލު ބޭނުންކުރެވޭ ހަމައާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

13.2 ހައިކޯޓުގެ ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 އާ ޚިލާފަށް، ހުށަހެޅިފައިވާ ލިޔެކިޔުމަށް ފުރިހަމައަށް ރިޢާޔަތްނުކޮށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

13.3 ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާގައި އިންޝުއަރެންސް ޕޮލިސީގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރެވޭނީ އުޞޫލެއްގެ ގޮތުން އެ ކްލެއިމް ބަލައިނުގަތުމަށް އިންޝުއަރެންސް ކުންފުނީގެ ފަރާތުން ނިންމާފައިވާ ސަބަބުތަކުގެ މައްޗަށްކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި އިންޝުއަރަންސް ފައިސާ ދޭން ނުޖެހޭކަމަށް ކަނޑައަޅާފައިވަނީ އިންޝުއަރަންސް މައްސަލަތަކުގައި ޝަރީޢަތުން ބަލަންޖެހޭ ޢާއްމު އުޞޫލާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާ.

13.4 އިންޝުއަރަންސާ ގުޅޭ ކޮންޓްރެކްޓްތަކަކީ އެހެނިހެން ކޮންޓްރެކްޓްތަކާ ޚިލާފަށް، ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ބާވަތުގެ ކޮންޓްރެކްޓަކަށްވާއިރު، އެކަންކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

ސުޕްރީމް ކޯޓުގައި މޯލްލިންކްސް ތަމްސީލުކުރި ފަރާތް ކަނޑައެޅުނުގޮތް

ބަލަމުންމިދާ މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީކުރި ފަހުން، 25 ނޮވެމްބަރު 2020 ގައި މޯލްލިންކްސްގެ މެނޭޖިންގ ޑިރެކްޓަރު، އަދި މެޖޯރިޓީ ހިއްސާދާރު، ފާޠިމަތު ރިޝްތާ ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި، އެ ކުންފުނީގެ ހިއްސާ ބަދަލުކުރި މައްސަލައެއް ފެންމަތިވެފައިވާކަމަށް ކޯޓަށް އަންގާފައިވެއެވެ. ކުންފުނީގެ ހިއްސާ ބަދަލުކޮށްފައިވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފާޠިމަތު ރިޝްތާއާއި އޭނާގެ ފިރިމީހާގެ މަންމަ ޢާއިޝަތު ޢަލީ މަނިކުގެ ސޮއި ފޯޖުކޮށްގެންކަމަށް ފާޠިމަތު ރިޝްތާ ބުނެފައިވެއެވެ. ޢާއިޝަތު ޢަލީ މަނިކު 28 ޖޫން 2017 ގައިވަނީ ނިޔާވެފައެވެ.

މޯލްލިންކްސްގެ ޙިއްސާ ބަދަލުވެފައިވާކަން ނޭނގި އޮތީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށްވެސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ފާޠިމަތު ރިޝްތާއާއި ޢާއިޝަތު ޢަލީ މަނިކު އިންކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލިޔެކިއުންތަކުން ދައްކާތީކަމަށް ފާޠިމަތު ރިޝްތާ ބުނެފައިވެއެވެ. އަދި ސުޕްރީމް ކޯޓުގައި ބަލަމުންމިދާ މައްސަލައިގެ ޝަރީޢަތްތައްވެސް ފަސްކޮށްދިނުމަށް އެދިފައިވެއެވެ.

އެއަށްފަހު، 24 ޖަނަވަރީ 2021 ގައި ފާޠިމަތު ރިޝްތާ ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަހުޤީޤަކަށްފަހު މޯލްލިންކްސްގެ ޙިއްސާ ބަދަލުކޮށްފައިވަނީ ފާޠިމަތު ރިޝްތާއާއި އަލްމަރުޙޫމާ ޢާއިޝަތު ޢަލީ މަނިކުގެ ސޮއި ފޯޖުކުރުމަށްފަހުކަން އެނގޭކަމަށާއި، މިކަންކަމުގެ އަލީގައި، މޯލްލިންކްސްގެ ޙިއްސާދާރުން ކުރިން އޮތް ހާލަތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރުޖޫއަކޮށްދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަލްމަރްޙޫމާ ޢާއިޝަތު ޢަލީ މަނިކުގެ ވާރިސުން ޝަރުޢީ އެއްވެސް ކޯޓަކުން މިހާތަނަށް ކަނޑައަޅާފައިނެތުމުން، އަލްމަރްޙޫމާ ޢާއިޝަތު ޢަލީ މަނިކަށްވާ ހިއްސާތައް އެހެން ފަރާތަކަށް ރަޖިސްޓްރީ ކުރާނެ މަގެއް ނެތްކަމަށްވެސް ފާޠިމަތު ރިޝްތާގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ސުޕްރީމް ކޯޓުން ބެލި ބެލުމުގައިވެސް 18 ޖެނުއަރީ 2021 ގައި މޯލްލިންކްސްގެ ޙިއްސާދާރުންގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީވެފައިވަނީ ފާޠިމަތު ރިޝްތާއާއި ޢާއިޝަތު ޢަލީ މަނިކުއެވެ. ފާޠިމަތު ރިޝްތާގެ ހިއްސާގެ މިންވަރަކީ %90 (ނުވަދިހަ އިންސައްތަ) ކަމުގައިވާއިރު، ޢާއިޝަތު ޢަލީ މަނިކުގެ ޙިއްސާއަކީ %10 (ދިހައެއް އިންސައްތަ) އެވެ. އަދި ބޯޑް އޮފް ޑިރެކްޓަރސްގެ ގޮތުގައިވެސް 3 ސެޕްޓެމްބަރު 2015 އިން ފެށިގެން ތިބީ ހަމަ މި ދެ ފަރާތްކަން ފާހަގަކުރެވެއެވެ. އަދި ފާޠިމަތު ރިޝްތާއަކީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

27 ޖެނުއަރީ 2021 ގައި ސުޕްރީމް ކޯޓުގައި މި މައްސަލައާ ގުޅިގެން ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި، ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުގެ ހައިސިއްޔަތުން ފާޠިމަތު ރިޝްތާއަށް ކުންފުނި ތަމްސީލު ކުރެވޭނެ ފަރާތެއް އައްޔަން ކުރެވިދާނެކަމާމެދު އެލައިޑް އިންޝުއަރަންސްގެ ފަރާތުންވެސް ވާހަކަ ދައްކާފައިވެއެވެ. ނަމަވެސް މި މައްސަލަ ކުރިއަށް ގެންދިއުމާމެދު އިޢުތިރާޒުނުކުރާކަމަށް ބުނެފައިވެއެވެ.

އިސްވެ ދިޔަ ކަންކަމަށް ރިޢާޔަތްކުރުމާއެކު، ބަލަމުން މިދާ މައްސަލައަކީ ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ނުބޭއްވި ގިނަ ދުވަސް ވެފައިވާ މައްސަލައެއްކަމުން، އަދި ފާޠިމަތު ރިޝްތާވެސް ފާހަގަކޮށްފައިވާ ފަދައިން، މޯލްލިންކްސްގެ އަނެއް ހިއްސާދާރުގެ ވާރިސުން ކަނޑައަޅައި، އެ ކުންފުނީގެ %10 (ދިހައެއް އިންސައްތަ) އަށްވާ ޙިއްސާ ވާރިސުންގެ މެދުގައި ރަޖިސްޓްރީކޮށް މި ކަންކަމާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައި ވަގުތު ހޭދަވާނެކަމަށް ބެލެވޭތީއާއި، މި މައްސަލައަކީ މޯލްލިންކްސްއަށް އިސްތިއުނާފު ރައްދުވާ މައްސަލައަކަށްވެފައި، މި މައްސަލަ ކޮންމެ ގޮތަކަށް ނިމުނުނަމަވެސް، މި މައްސަލައިގެ ސަބަބުން މޯލްލިންކްސްއިން އެހެން ފަރާތަކާ މެދު އިތުރު މާލީ އިލްތިޒާމްތަކެއް އުފުލަންޖެހޭނެކަމުގައި ބެލެވެން ނެތަތީއާއި، ފާޠިމަތު ރިޝްތާއަކީ ކުންފުނީގެ %90 (ނުވަދިހަ އިންސައްތަ) ހިއްސާދާރަށްވުމުގެ އިތުރުން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްކަމުގައިވާއިރު، މިކަންކަމަށް ރިޢާޔަތްކޮށް، މި މައްސަލަ ބެލި ފަނޑިޔާރުން ނިންމީ މޯލްލިންކްސް ތަމްސީލުކުރުމަށްޓަކައި ފާޠިމަތު ރިޝްތާ އައްޔަންކުރި ޤާނޫނީ ވަކީލު ބަލައިގަނެ، މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް މައްސަލައިގައި ގޮތެއް ކަނޑައެޅުމަށެވެ.

މައްސަލާގައިވާ ޚުޞޫމާތަށް މީގެ ކުރިން ކޯޓުން ޙުކުމްކޮށްފައިވާކަމަށް ބުނާ ބުނުންއިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 ކޯޓު އަމުރާއި ރެސް ޖުޑިކާޓާގެ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅާފައިވެއެވެ. ސަބަބަކީ މޯލްލިންކްސްގެ ފަރާތުން އެންމެ ފުރަތަމަ ފަހަރު އިންޝުއަރަންސް ކްލެއިމް ހުށަހެޅުމުން، އެ ކްލެއިމް ރިޖެކްޓްކޮށް ސަބަބުތަކެއް އެލައިޑް އިންޝުއަރަންސްގެ ފަރާތުން ދީފައިވާއިރު، އެ ސަބަބުތަކަކީ މަޤުބޫލު ސަބަބުތަކެއް ނޫންކަމަށް ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ކަނޑައަޅާފައި އޮއްވައި، ދެވަނަ ފަހަރަށް މޯލްލިންކްސްގެ ފަރާތުން އިންޝުއަރަންސް ކްލެއިމް ހުށަހެޅުމުން، އެ ކްލެއިމް ރިޖެކްޓްކުރުމަށް އެލައިޑް އިންޝުއަރަންސުން ދީފައިވަނީ ހަމަ އެއް ސަބަބުތަކެއްކަމުގައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި އެކަންކަމާމެދު ވަކި ގޮތެއް ކަނޑައަޅާފައިވާ ކަންކަމުގެ މައްޗަށް ދެވަނަ ފަހަރަށް ކޯޓުން ގޮތެއް ކަނޑަނޭޅޭނެތީއެވެ.

ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާ އިސްތިއުނާފުކުރަމުން ސުޕްރީމް ކޯޓަށް އެލައިޑް އިންޝުއަރަންސްގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 ކޯޓު އަމުރާއި ރެސް ޖުޑިކާޓާގެ މަފްހޫމް ހުށަހެޅިފައިމިވާ މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގެ ޙުކުމް އެގޮތަށް އޮތްކަމުގައިވީނަމަވެސް، މިހާރު ބަލަމުންމިދާ މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައެޅުމަށް ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާ ހުރަސްނާޅާކަމަށެވެ.

މި ނުކުތާގެ ރައްދުގައި، މޯލްލިންކްސްގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައިވާ ޙުކުމަކީ އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިނުވާ، އަދި އެ ޙުކުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ޙުކުމެއްކަމުން، އެ ޙުކުމަކީ މިހާރު ނިހާއީވެފައިވާ ޙުކުމެއްކަމަށެވެ. އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި އެމް.ވީ ސީ އެންޖަލްގެ އިންޝުއަރަންސްއާ ގުޅިގެން މޯލްލިންކްސްގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅި އިންޝުއަރަންސް ކްލެއިމް ބަލައިނުގަތުމަށް ނުވަތަ ރިޖެކްޓްކުރުމަށް ނިންމި ސަބަބުތަކަކީ މަޤުބޫލު ސަބަބުތަކެއް ނޫންކަމަށް އެ ގަޒިއްޔާގައި ކަނޑައަޅާފައި އޮއްވައި، ދެވަނަ ފަހަރަށް ކްލެއިމް ރިޖެކްޓްކުރި ސަބަބުތަކަކީވެސް ހަމަ އެއް ސަބަބުތަކެއްކަމުން، މި މައްސަލައާ ގުޅިގެން ކޯޓުން ކުރިން ގޮތެއް ކަނޑައަޅާފައި އޮއްވައި، ދެވަނަ ފަހަރަށް ގޮތެއް ކަނޑައެޅުންވާނީ ރެސް ޖުޑިކާޓާއާ ޚިލާފުކަމެއްކަމަށެވެ.

މިހާ ހިސާބުން، ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 ކޯޓު އަމުރާއި ރެސް ޖުޑިކާޓާގެ މަފްހޫމްއަށް ރިއާޔަތްކޮށްލާނަމެވެ.

(ހ) ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 ކޯޓު އަމުރާއި ރެސް ޖުޑިކާޓާގެ މަފްހޫމް

ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 ކޯޓުއަމުރަށް ބަލާއިރު، އެ އަމުރަކީ އެއް މަރުހަލާގެ އެކި ކޯޓުތަކުން، އެއް ކޯޓުން ނިންމާ ނިންމުމުގެ ބާރު ކެނޑޭގޮތަށް ހަމަ އެ މަރުހަލާގެ އެހެން ކޯޓަކުން މައްސަލަ ނިންމުމުން، އެކަންކަން ހައްލުކުރުމުގެ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެކެވެ. މި އަމުރުގައި، އެއްވެސް މަރުހަލާއެއްގެ ކޯޓަކަށް އެ މަރުހަލާގެ އެހެން ކޯޓެއްގެ އިޚްތިޞާޞްގެ ތެރެއަށް ވަނުމާއި އެއް މަރުހަލާއެއްގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކަށް އަސަރުކުރާފަދަ ޙުކުމެއް ހަމަ އެ މަރުހަލާގެ އެހެން ކޯޓަކުން ކުރުން މަނާކޮށްފައިވެއެވެ. އަދި އެގޮތަށް ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން ނެރެފައިވާ ކޯޓު އަމުރުތަކެއް ބާޠިލުކޮށްފައިވެއެވެ.

ހުށަހެޅިފައިމިވާ މައްސަލައިގެ ޚުޞޫމާތާ ގުޅޭ ދެ ގަޒިއްޔާވެސް ނިންމާފައިވަނީ ސިވިލް ކޯޓުންނެވެ. މި މައްސަލާގައި އުފެދޭ ސުވާލަކީ ސިވިލް ކޯޓުގެ ދެ ގަޒިއްޔާއަކުން ޙުކުމްކޮށްފައިވަނީ އެއް މައްސަލައަކާ ގުޅިގެންތޯ ނުވަތަ ނޫންތޯއެވެ. ވުމާއެކު، ހުށަހެޅިފައިމިވާ މައްސަލައަކީ ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުވާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހެއެވެ.

ރެސް ޖުޑިކާޓާގެ މައިގަނޑު މާނައަކީ

އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއް (ނުވަތަ ކަންތަކެއް) ގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އެ ނިންމުމަކީ، އިސްތިއުނާފު މަރުހަލާގެ ތެރެއިން އެކަމާމެދު ދަޢުވާކުރުމުގެ ބޭރުން، އެ ފަރާތްތަކުން އެ ނިޔާ ކަނޑައެޅި ކަމަކާ (ނުވަތަ ކަންތައްތަކާއި) ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫން[…]

ކަމަށް ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(2020) ގަޒިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ބަޔާންކޮށްފައިވެއެވެ.

އެ ގަޒިއްޔާގައި ރެސް ޖުޑިކާޓާގެ މަބްދައު ތަފްސީލު ކުރަމުން، އެ މަބްދައު ތަޠުބީޤުކުރެވޭނެ މައިގަނޑު ތިން ޙާލަތެއް ފާހަގަކޮށްފައިވެއެވެ. އެއީ، އިޝޫ އެސްޓޮޕަލް އާއި، ކޯސް އޮފް އެކްޝަން އެސްޓޮޕަލްއާއި އަދި އިޖުރާއަތުގެ ނަހަމަ ބޭނުންހިފުމާ ގުޅޭ ހާލަތެވެ. މި ތިން ހާލަތަކީ ކޮބައިކަމާއި، މީގެން ކޮންމެ ހާލަތެއް އުފަންވުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ތަފްސީލުކުރެވިފައިވެއެވެ.

އިޝޫ އެސްޓޮޕަލްއަކީ މައްސަލައެއްގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ ނުކުތާއެއް، އެ ނުކުތާ ހިމެނޭ ގޮތުން ނުވަތަ އެ މައްޗަށް ބިނާކޮށް ދަޢުވާއެއް ކުރެވި، އެ ނުކުތާއާ މެދު ނިންމުމެއް ނިންމާފައިވާނަމަ، އެ ދަޢުވާގައި ހިމެނުނު ފަރާތްތަކުގެ މެދުގައި އުފުލޭ އެހެން ދަޢުވާއެއްގައި، ކުރިން ގޮތް ކަނޑައެޅުނު ނުކުތާއަކީ އެ މައްސަލައާ ގުޅޭ ނުކުތާއެއްކަމުގައި ދެކިގެން، އެ ނުކުތާއާ މެދު އަލުން ގޮތް ކަނޑައަޅަން ހުށަހަޅައިފިނަމަ، އެކަން ހުއްޓުވުމެވެ.

ކޯސް އޮފް އެކްޝަން އެސްޓޮޕަލް އަކީ އުފުލާފައިވާ ދަޢުވާގައި ހިމެނޭ ނުކުތާއަކީ އޭގެ ކުރިން ހުށަހެޅުނު ދަޢުވާއެއްގައި ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައިވެފައި، ފަހުން ހުށަހެޅުނު ދަޢުވާގައި ހިމެނޭ ފަރާތްތަކަކީވެސް ކުރިން ހުށަހެޅުނު ދަޢުވާގައި ހިމެނޭ ފަރާތްތައް ކަމުގައިވާނަމަ، އަދި ފަހުން އުފުލާފައިވާ ދަޢުވާއަކީ އެއް މައުޟޫޢެއްގެ މައްޗަށް ބިނާވާ ދަޢުވާއެއްނަމަ، އެކަން ހުއްޓުވުމެވެ.

އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ ހާލަތް އުފަންވާނީ، މައްސަލައަކާ ގުޅިގެން ނިންމުމެއް ބޭނުންވާ ހުރިހާ ނުކުތާތަކެއް ހިމަނައިގެން ދަޢުވާކުރުމުގެ ބަދަލުގައި، ދަޢުވާގެ ބައި ބައި ވަކި ވަކިން ހުށަހަޅާ ހާލަތްތަކުގައެވެ. މި ޙާލަތުގައި، ދަޢުވާ ހުށަހަޅާއިރު މައްސަލާގެ ބައި ބައި ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި، އެއްކޮށް އެއް މައްސަލައެއްގެ ތެރޭގައި ހުށަހަޅަންހުރި ހުރިހާ ކަމެއް ހުށަނާޅައިފިނަމަ، ރެސް ޖުޑިކާޓާގެ މަބްދައުގެ ދަށުން، ފަހުން ހުށަހަޅާ މައްސަލަ ބޭރުކޮށްލުމުގެ ފުރުސަތު އޮންނާނެއެވެ.

ބަޔާންވެދިޔަ ތިން ޙާލަތް އުފަންވާނެގޮތް ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2020) ގަޒިއްޔާގައި ތަފްސީލުކޮށްފައިވެއެވެ. ހުށަހެޅިފައިމިވާ މައްސަލައަށް ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައިވާ ނިންމުމުގެ ސަބަބުން، ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރެވިދާނެތޯ ނުވަތަ ނޫންތޯ ބެލުމުގެ ކުރިން، އެ ގަޒިއްޔާގައި ނިންމާފައިވާ ނިންމުމާއި، އެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަލައިލަންޖެހެއެވެ.

(ށ) ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާ

ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި މޯލްލިންކްސްގެ ފަރާތުން ދަޢުވާކުރީ އެމް.ވީ ސީ އެންޖަލްއަށާއި އެމް.ވީ ސީ އެންޖަލް ކަފުޖަހައިގެން ގެންދިޔަ އެމް.ވީ މޯނިންގ ސްޓާރއާ މި ދެ އުޅަނދަށް އެލައިޑް އިންޝުއަރަންސުން ނަގާފައިވާ ޕޮލިސީތަކުގެ ދަށުން ފައިސާ ހޯދުމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައިވެސް އެމް.ވީ ސީ އެންޖަލްއާ ގުޅިގެން ރިޢާޔަތްކޮށްފައިވަނީ މިހާރު ބަލަމުންމިދާ މައްސަލައިގައިވެސް ދަށު ކޯޓުން ރިޢާޔަތްކޮށްފައިވާ އެލައިޑް އިންޝުއަރަންސްގެ އިންޝުއަރަންސް ޕޮލިސީ ނަންބަރު 1000/40/403/2012/3606 އަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި، އެމް.ވީ މޯނިންގ ސްޓާރއަށް ނަގާފައިވާ ދެ ޕޮލިސީއެއްގެ ވާހަކަދެކެވުނެވެ. ފުރަތަމަ ޕޮލިސީއާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ މޯލްލިންކްސްއާއި އެލައިޑް އިންޝުއަރަންސްއާ ދެމެދު ސެޓްލްމަންޓް އެގްރީމެންޓަކަށް އާދެވިފައިވާކަމަށާއި، އެ އެގްރިމެންޓުގެ ދަށުން އެ ޕޮލިސީއާ ގުޅިގެން މޯލްލިންކްސްއިން އެލައިޑް އިންޝުއަރަންސްގެ މައްޗަށް އިތުރު ދަޢުވާއެއް ނުކުރުމަށް އެއްބަސްވެފައިވާތީ، އެ ޕޮލިސީގެ ދަށުން އިތުރު ފައިސާއެއް ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު މޯލްލިންކްސްއަށް ލިބިގެންނުވާކަމަށެވެ. ދެވަނަ ޕޮލިސީއާ ގުޅިގެން އެކޯޓުން ނިންމީ އެ އިންޝުއަރަންސް ޕޮލިސީއާ މެދު އެލައިޑް އިންޝުއަރަންސުން ނިންމާފައިވާ ގޮތް، ނުވަތަ ހަމައެކަނި އެ ޕޮލިސީގެ ދަށުން މޯލްލިންކްސްއިން ކްލެއިމްކޮށްފައިވާ އަދަދު ނުވަތަ އެ ޕޮލިސީގެ ދަށުން މޯލްލިންކްސްއަށް ލިބެންޖެހޭ ފައިސާގެ އަދަދު އެ މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިއުންތަކުން ދެނެގަނެވެން ނެތުމުން، އެ ޕޮލިސީއާ މެދު ޝަރީޢަތަށް ގޮތެއް ކަނޑައަޅައިދެވެން ނެތްކަމަށެވެ.

އެމް.ވީ ސީ އެންޖަލްއިން ނަގާފައިވާ ޕޮލިސީއާ ގުޅޭގޮތުންވެސް ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ފާހަގަކޮށްފައިވަނީ އެންމެ ނުކުތާއެކެވެ. އަދި މައްސަލައިގެ ޙުކުމުގައިވެސް ފާހަގަކޮށްފައިވަނީ ބުނެވިދިޔަ ނުކުތާގައިވާ ގޮތަށެވެ. އެގޮތުން، އެމް.ވީ ސީ އެންޖަލްއާ ގުޅިގެން ޙުކުމުގައި ވަނީ އަންނަނިވި ފަދައިންނެވެ.

އެމް.ވީ މޯނިންގ ސްޓާރގައި ކަފުޖަހައިގެން އެމް.ވީ ސީ އެންޖަލް އިންޑިއާގެ ކަންނައްނޫރު ބަންދަރަށް ގެންދިއުމަށްޓަކައި 26 ޖޫން 2012 ގައި އެ އުޅަނދު މާލޭ ބަނދަރުން ފުރާފައިވަނީ، އެލައިޑް އިންޝުއަރަންސް އޮފް ދަ މޯލްޑިވްސްގެ ނަންބަރު 1000/40/403/2012/3606/002 އެންޑޯސްމަންޓު ޝެޑިޔުލްގައި ހުއްދަކުރެވިފައިވާ މުއްދަތުގެ ތެރޭގައި ކަމާއި، އެ އެންޑޯސްމަންޓުގައި އެމް.ވީ ސީ އެންޖަލްއަކީ އެމް.ވީ މޯނިންގ ސްޓާރގެ ކަފުޖަހައިގެން ގެންދާ ބޯޓެއްކަމަށް ބަޔާންކޮށްފައިވާތީ، އެމް.ވީ ސީ އެންޖަލްއަކީ އޭގެ ޒާތުގައި އަމިއްލައަށް ދުއްވައިގެން ދަތުރުކުރެވޭނެ ހާލަތުގައި އޮތް ބޯޓެއް ނޫންކަން އެލައިޑް އިންޝުއަރަންސް އޮފް ދަ މޯލްޑިވްސްއަށް ސާފުވެފައިވާކަމާއި، މި ޙާލަތުގައި އޮވެ އެ އުޅަނދު ފުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕޯރޓް ކޮންޓްރޯލް ޕަރމިޓް (PCP No. 2012/395) މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑުން ހޯދާފައިވާކަމާއި، މިފަދައިން ދަތުރުކުރަމުން ދަނިކޮށް، ދިމާވި ހާދިޘާއެއްގެ ސަބަބުން އެމް.ވީ ސީ އެންޖަލްއެވެ ކިޔުނު އުޅަނދު 01 ޖުލައި 2012 ގައި ފެތި ކަނޑުއަޑިއަށް ގޮސްފައިވާކަމާއި، މި އުޅަނދު ފެތި ކަނޑުއަޑިއަށް ދިޔައިރުގައި، މި އުޅަނދަކީ އެލައިޑް އިންޝުއަރަންސް އޮފް ދަ މޯލްޑިވްސްގެ ނަންބަރު: 1000/40/403/2012/3606 ޕޮލިސީގެ ދަށުން އިންޝުއަރ ކުރެވިފައިވާ އުޅަނދެއް ކަމުގައިވާހިނދު، އެ އުޅަނދަކީ އިސްވެ ބަޔާންކުރެވިފައިވާ ފަދައިން އޭގެ ޒާތުގައި އަމިއްލައަށް ދުއްވައިގެން ދަތުރުކުރެވޭނެ ޙާލަތުގައި އޮތް އުޅަނދެއް ނޫންކަން އެލައިޑް އިންޝުއަރަންސް އޮފް ދަ މޯލްޑިވެސްއަށް އެނގިހުރެ، އަދި އެ އުޅަނދު ކަފުގައިޖަހައިގެން ގެންދަނީ އެލައިޑް އިންޝުއަރަންސް އޮފް ދަ މޯލްޑިވެސްއިން އިންޝުއަރކޮށްފައިވާ އެމް.ވީ މޯނިންގ ސްޓާރ އެވެ ކިޔުނު އުޅަނދުކަން އެނގިހުރެ، އެ އުޅަނދު މިގޮތުގައި ދަތުރުކުރުމަށް އެލައިޑް އިންޝުއަރަންސް އޮފް ދަ މޯލްޑިވެސް އިން ނަންބަރު 1000/40/403/2012/3606/002 އެންޑޯސްމަންޓު ދިނުމަށްފަހު، އެ އެންޑޯސްމަންޓުގައި ދަތުރުކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، އަދި އެ އުޅަނދުގެ މައްޗަށް އޮތް ޕޮލިސީގެ މުއްދަތުގެ ތެރޭގައި އެމް.ވީ ސީ އެންޖަލްއެވެ ކިޔުނު އުޅަނދަށް ދިމާވި ހާދިޘާއާ ގުޅިގެން އިންޝުއަރަންސް ޕޮލިސީގެ ދަށުން މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑުން ފައިސާއަށް ކްލެއިމްކުރުމުން، އެ ކްލެއިމް ބަލައިނުގަތުމަށް އެލައިޑް އިންޝުއަރަންސް އޮފް ދަ މޯލްޑިވެސްއިން ބިނާކޮށްފައިވާ ސަބަބުތަކަކީ، އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށްޓަކައި، މަޤުބޫލު ސަބަބުތަކެއްކަމަށް ޝަރީޢަތަށް ބުރަވެވެން ނެތަތީ، މި ޕޮލިސީގެ ދަށުން މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ކްލެއިމް ބަލައިގަނެ، އެ ކްލެއިމް ޕްރޮސެސްކޮށް، އެ ކްލެއިމްގައިވާ ފައިސާއާމެދު ގޮތެއް ކަނޑައެޅުމަކީ، އެ ޕޮލިސީގެ ދަށުން އެލައިޑް އިންޝުއަރަންސްގެ މައްޗަށް އޮތް ޒިންމާއެއްކަމަށް ކަނޑައަޅައި، މިއަދު 24 ޖޫން 2014 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިކްލެއިމް އެލައިޑް އިންޝުއަރަންސް އޮފް ދަ މޯލްޑިވެސްއަށް މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމަށާއި، މި ހުށަހެޅުން ހުށަހަޅާ ތާރީޚުން ފެށިގެން 03 (ތިން) މަސް ދުވަހުގެ ތެރޭގައި އެކްލެއިމްއާ މެދު ގޮތެއް ކަނޑައެޅުމަށް އެލައިޑް އިންޝުއަރަންސް އޮފް ދަ މޯލްޑިވްސްއަށް އަންގައި، ޙުކުމްކޮށްފީމެވެ.

(ނ) އުޞޫލު ތަޠުބީޤުކުރުން

ރެސް ޖުޑިކާޓާގެ މަބްދައު ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާއަށް ތަޠުބީޤުކުރުމަށްޓަކައި، އަންނަނިވި ޙަޤީޤަތްތައް ފާހަގަކުރަމެވެ.

35.1 ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ދަޢުވާކުރީ މޯލްލިންކްސްގެ ފަރާތުން އެލައިޑް އިންޝުއަރަންސްގެ މައްޗަށެވެ. ބަލަމުން މިދާ މައްސަލައިގެ ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައިވެސް ދަޢުވާކުރީ ހަމަ މޯލްލިންކްސްގެ ފަރާތުން އެލައިޑް އިންޝުއަރަންސްގެ މައްޗަށެވެ. ވުމާއެކު، މައްސަލައިގައި ހިމެނެނީ އެއް ޚަޞްމުންތަކެކެވެ.

35.2 ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގެ މައުޟޫޢު ބިނާވީ އެމް.ވީ ސީ އެންޖަލް ކަނޑުއަޑިއަށް ފެތިގެން އެ އުޅަނދާ ގުޅިގެން ނަގާފައިވާ އެލައިޑް އިންޝުއަރަންސްގެ ނަންބަރު 1000/40/403/2012/3606 ޕޮލިސީގެ ދަށުން މޯލްލިންކްސްއިން އިންޝުއަރަންސް ފައިސާ ހޯދުމަށް ކްލެއިމްކުރުމުން، އެ ފައިސާ އެލައިޑް އިންޝުއަރަންސްއިން ނުދިނުމުގެ މައްޗަށެވެ. ބަލަމުން މިދާ މައްސަލައިގެ ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައިވެސް ދަށު ކޯޓަށް ހުށަހެޅުނު މައުޟޫޢުއަކީ ހަމަ އެއް މައުޟޫޢެކެވެ. އަދި މި ދެ މައްސަލަވެސް ބިނާވަނީ އެއް އިންޝުއަރަންސް ޕޮލިސީއެއް އަދި އެއް ވާގިއާތަކެއްގެ މައްޗަށެވެ.

35.3 މޯލްލިންކްސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ކުރި ދަޢުވާއަށް، އެ ގަޒިއްޔާއިން ހައްލެއް ދީފައިވެއެވެ. އެއީ އެލައިޑް އިންޝުއަރަންސްގެ ނަންބަރު 1000/40/403/2012/3606 ޕޮލިސީގެ ދަށުން މޯލްލިންކްސްއިން ކްލެއިމްކުރުމުން، އެ ކްލެއިމް ބަލައިނުގަތުމަށް އެލައިޑް އިންޝުއަރަންސްއިން ނިންމާފައިވަނީ މަޤުބޫލު ސަބަބުތަކެއްގެ މައްޗަށް ބިނާވެގެން ނޫންކަމަށް ޝަރީޢަތުން ކަނޑައެޅިގެންދިއުމެވެ. އަދި ފަރުވާއެއްގެ ގޮތުން، އެ ޕޮލިސީގެ ދަށުން މޯލްލިންކްސްއިން ކޮށްފައިވާ ކްލެއިމް ބަލައިގަނެ، އެ ކްލެއިމް ޕްރޮސެސްކޮށް، އެ ކްލެއިމްގައިވާ ފައިސާއާ މެދު ގޮތެއް ކަނޑައެޅުމަށް އެލައިޑް އިންޝުއަރަންސްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ޙުކުމްކޮށްފައިވެއެވެ. މި ޙުކުމަކީ މައްސަލައިގެ އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައިވާ ޙުކުމެއް ނޫންކަމުން، މިހާރު ނިހާއީވެފައިވާ ޙުކުމެއްކަން ފާހަގަކުރަމެވެ.

35.4 ކަންމިހެން އޮތް އިރު، ހަމަ އެއް މައްސަލައަކާ ގުޅިގެން މޯލްލިންކްސްގެ ފަރާތުން ދެވަނަ ދަޢުވާއެއް ކުރުމަށް މެދުވެރިވި ސަބަބަކީ ކޮބާ؟ ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގެ ޙުކުމުގައި މޯލްލިންކްސްއިން އެންމެ ފުރަތަމަ ހުށަހެޅި އިންޝުއަރަންސް ކްލެއިމް އެލައިޑް އިންޝުއަރަންސްއިން ރިޖެކްޓްކޮށްފައިވާތީ، މޯލްލިންކްސްއިން އެ ކްލެއިމް އަލުން ހުށަހެޅުމަށް 30 (ތިރީސް) ދުވަހުގެ މުހުލަތެއް ސިވިލް ކޯޓުން ދީފައިވެއެވެ. އަދި މޯލްލިންކްސްއިން އެ ކްލެއިމް ހުށަހަޅާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި އެލައިޑް އިންޝުއަރަންސްއިން އެ ކްލެއިމްއާ މެދު ގޮތެއް ކަނޑައެޅުމަށް އަންގާފައިވެއެވެ. ސިވިލް ކޯޓަށް ދެވަނަ މައްސަލައެއް ހުށަހަޅަން މެދުވެރިވި ސަބަބަކީ މޯލްލިންކްސްގެ ފަރާތުން ދެވަނަ ފަހަރަށް ހަމަ ކުރިންވެސް ކުރި ކްލެއިމް ހުށަހެޅުމުން، އަނެއްކާވެސް އެލައިޑް އިންޝުއަރަންސްއިން އެ ކްލެއިމް ރިޖެކްޓްކުރުމެވެ.

އިސްވެ ބަޔާންވެދިޔަ ޙަޤީޤަތްތަކަށް ރިޢާޔަތްކުރާއިރު، މި މައްސަލައަށް ތަޠުބީޤުވުމާ ގާތީ ކޯސް އޮފް އެކްޝަން އެސްޓޮޕަލްއެވެ. އެއީ މައްސަލައިގައި ހިމެނެނީ އެއް ޚަޞްމުންތަކެއް ކަމަށްވެފައި، ދެވަނަ ފަހަރަށް ކޮށްފައިވާ ދަޢުވާއަކީވެސް ހަމަ ކުރިންވެސް ކުރި ދަޢުވާއާ އެއް މައުޟޫޢެއްގެ، އެއް ވާޤިއާތަކެއްގެ މައްޗަށް ބިނާވާ ދަޢުވާއަކަށްވާތީއެވެ. ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2020) ގަޒިއްޔާގައި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ޤާއިމުކުރުމަށްޓަކައި، ފުރިހަމަވާންޖެހޭ ކަންތައްތަކެއް ބަޔާންކޮށްފައިވެއެވެ. އެއީ؛

36.1 ކުރިން އުފުލާފައިވާ ދަޢުވާއަކާ ގުޅިގެން، އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުން

36.1.1 ހުށަހެޅިފައިމިވާ މައްސަލައިގައި އެ ޝަރުޠު ފުރިހަމަވެއެވެ. އެހެނީ ސިވިލް ކޯޓަކީ އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮތް ކޯޓުކަމުގައިވާތީއެވެ.

36.2 ކުރިން ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން

36.2.1 ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މި މައްސަލައިގައި އެ ޝަރުޠުވެސް ފުރިހަމަވެއެވެ.

36.3 ކުރިން ހުށަހެޅި މައްސަލައާއި ފަހުން ހުށަހެޅި މައްސަލައަކީ ފަރަޤެއް ހުރި ތަފާތު ދެ މައްސަލައެއް ކަމުގައި ނުވުން

36.3.1 ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައިވެސް އަދި މިހާރު ބަލަމުންމިދާ މައްސަލައިގެ ދަށު ކޯޓު ގަޒިއްޔާ ކަމުގައިވާ ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައިވެސް ދަޢުވާ ބިނާވަނީ އެމް.ވީ ސީ އެންޖަލް އެވެ ކިޔާ އުޅަނދު ކަނޑުއަޑިއަށް ފެތިގެން މޯލްލިންކްސްއިން ނަގާފައިވާ ނަންބަރު 1000/40/403/2012/3606 ޕޮލިސީގެ ދަށުން އިންޝުއަރަންސް ކްލެއިމް ކުރުމުގެ މައްޗަށެވެ. ވުމާއެކު، ދެފަހަރު މަތިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައުޟޫޢު އަދި ވާޤިއާތަކުގައި އެއްވެސް ފަރަޤެއްނެތެވެ.

36.4 ފަހުން ހުށަހެޅި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކަކީ، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި، އެ މައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާތަކެއް ކަމުގައިވުން

36.4.1 އެލައިޑް އިންޝުއަރަންސްއިން މޯލްލިންކްސްގެ ކްލެއިމް އެންމެ ފުރަތަމަ ރިޖެކްޓްކުރިއިރު 14 އޯގަސްޓް 2012 ގައި ފޮނުވި ނަންބަރު AI/UW/2012/2946 ސިޓީ (މީގެ ފަހުން "14 އޯގަސްޓް 2012 ގެ ރިޖެކްޝަން ސިޓީ") ގައި 6 ސަބަބެއް ހުށަހަޅާފައިވެއެވެ. އެ ސަބަބުތަކަކީ؛

(1) އެމް.ވީ ސީ އެންޖަލް ކަފުޖަހައިގެން ގެންދިޔައީ ބާ ދަގަނޑަށް ވިއްކާލަންކަން އެލައިޑް އިންޝުއަރަންސަށް އަންގާފައި ނުވުން، އަދި މިއީ "އަޓްމޯސްޓް ގުޑް ފެއިތް" އާއި "ޑިސްކްލޯޝަރ އޮފް މެޓީރިއަލް ފެކްޓްސް" އާއި "މިސްރެޕްރެޒެންޓޭޝަން" އާ ޚިލާފުކަމެއްކަން.

(2) 20 ފެބްރުއަރީ 2012 ގައި އުޅަނދުގެ ސަމް އިންޝުއަރަންސް USD 200,000.00 (ދެލައްކަ އެމެރިކާ ޑޮލަރު) އިން USD 209,000.00 (ދެލައްކަ ނުވަހާސް އެމެރިކާ ޑޮލަރު) އަށް ބޮޑު ކުރުމަށް ހުށަހެޅުމުންވެސް އުޅަނދުގެ ކޮންޑިޝަން އެލައިޑް އިންޝުއަރަންސަށް އަންގާފައިނުވާކަން.

(3) އުޅަނދު ކަފުޖަހައިގެން ގެންދާކަން ޖޫން 2012 ގައި އެލައިޑް އިންޝުއަރަންސަށް އެންގި ނަމަވެސް، އެއީ ބާ ދަގަނޑަށް ވިއްކާލަން ގެންދާ އުޅަނދެއްކަން އެލައިޑް އިންޝުއަރަންސަށް އަންގާފައިނުވާކަން، އަދި ފަހުން އެނގުނު ގޮތުގައި މޯލްލިންކްސްއިން އުޅަނދު ގަތް ދުވަހުން ފެށިގެންވެސް އެއީ އަމިއްލަ އިންޖީނުގައި ދަތުރުކުރެވޭ އުޅަނދެއް ނޫންކަން އެނގުނުކަން.

(4) ދިވެހިރާއްޖެއަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ މެންބަރެއްކަމަށާއި، އައި.އެމް.އޯ ގެ ދަށުން ކަފު ޖަހައިގެން އުޅަނދުތައް ގެންދިއުމުގެ ޚާއްސަ މިންގަނޑުތަކެއް ކަނޑައެޅިފައިވާއިރު، އެ މިންގަނޑުތަކާ ޚިލާފަށް އެމް.ވީ ސީ އެންޖަލް ކަފު ޖަހައިގެން ގެންގޮސްފައިވާކަން.

(5) އިންޑިއާ ކަނޑަށް އުޅަނދު ކަފުޖަހައިގެން ގެންދިޔައީ އިންޑިއާ ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދު ނަންބަރު MS NOTICE 6 OF 2012 DATED 12/04/2012 އާ ޚިލާފަށް ކަމަށާއި، ކޮންމެ ޤައުމެއްގެ އުޅަނދެއް ކަމުގައި ވިޔަސް އިންޑިއާ ކަނޑުގައި ކަފުޖަހައިގެން ދަތުރުކުރާ އުޅަނދުތަކަށް މި ގަވާއިދު ހިނގާނެކަމަށާއި، އަދި މިފަދަ އިންޓަނޭޝަނަލް ގަވާއިދުތަކާ ޚިލާފުވުމަކީ ސީރިއަސް މައްސަލައެއްކަން.

(6) ތަހުޤީޤުތަކުން އެނގޭގޮތުގައި އެމް.ވީ މޯނިންގ ސްޓާރ ގެ ކްރޫންގެ ސެޓްފިކެޓުތަކާ މެދު ސުވާލު އުފެދިފައިވާކަމަށާއި، އަދި މިކަން ޔަޤީންކުރުމަށް އިންޑިއާގެ އެމް.އެމް.ޑީ އަށް ފޮނުވާފައިވާކަން.

މޯލްލިންކްސްއިން ދެވަނަ ފަހަރަށް އިންޝުއަރަންސް ކްލެއިމް ހުށަހެޅުމުން، އެ ކްލެއިމް ރިޖެކްޓްކޮށްފައިވަނީ 21 އޮކްޓޯބަރު 2014 ގެ އެލައިޑް އިންޝުއަރަންސްގެ ނަންބަރު Ref:AI/TECH/2014/2994 (މީގެ ފަހުން "21 އޮކްޓޯބަރު 2014 ގެ ރިޖެކްޝަން ސިޓީ") ސިޓީންނެވެ. މި ސިޓީގައި މައިގަނޑުގޮތެއްގައި ބަޔާންކޮށްފައިވަނީ އިންޝުއަރަންސް ޕޮލިސީއާ ގުޅޭ އެތައް މައްސަލަތަކެއް ފާހަގަކުރެވޭކަމަށާއި، އޭގެ ބައެއް މައްސަލަތަކުގެ ތެރޭގައި އެމް.ވީ ސީ އެންޖަލްއަށް ވޮޔެޖް ޕޮލިސީ ނެގިއިރު މޯލްލިންކްސްއިން މެޓީރިއަލް ފެކްޓްސް ހާމަނުކުރާކަމަށާއި، އެގޮތުން އުޅަނދަކީ އޭގެ އަމިއްލަ އިންޖީނުން ނުދުއްވޭ، ބާ ދަގަނޑަށް ވިއްކާލަން ގެންދާ އުޅަނދެއްކަމަށް ހާމަނުކުރާކަމަށާއި، އަދި މީގެ އިތުރުން، މޯލްލިންކްސްއަށް ލިބުނު ގެއްލުންތަކަކީ ދެފަރާތުން އެއްބަސްވިގޮތާ ޚިލާފަށް މޯލްލިންކްސްއިން ކޮށްފައިވާ ކަންތައްތަކާ ގުޅުންހުރި ގެއްލުންތަކެއްކަމުން، ދެފަރާތުން އެއްބަސްވިގޮތާ ޚިލާފަށް ޢަމަލުކުރި ތާރީޚުން ފެށިގެން ޕޮލިސީއަކީ ބާޠިލު ޕޮލިސީއެއްކަމަށެވެ.

މޯލްލިންކްސްގެ އިންޝުއަރަންސް ކްލެއިމް އެލައިޑް އިންޝުއަރަންސްއިން ދެފަހަރު ރިޖެކްޓްކުރިއިރުވެސް، ރިޖެކްޓްކުރުމުގެ މައިގަނޑު ސަބަބު ބިނާވަނީ ވޮޔެޖް ޕޮލިސީ ނެގިއިރު އެމް.ވީ ސީ އެންޖަލް އަކީ ސީވާރތީ އުޅަނދެއް ނޫންކަމަށް މޯލްލިންކްސްއިން ހާމަނުކޮށް އޮތް އޮތުމުގެ މައްޗަށެވެ. އަދި މި އުޅަނދު ކަފުޖަހައިގެން ގެންދިޔައީ ބައިނަލް އަޤުވާމީ މިންގަނޑުތަކާ ޚިލާފަށްކަމަށް ސިވިލް ކޯޓުގެ ދެ ގަޒިއްޔާގައިވެސް ފާހަގަކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި އެލައިޑް އިންޝުއަރަންސްއިން ދީފައިވާ މި ސަބަބުތަކާމެދު ގޮތް ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ. ބަލަމުން މިދާ މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި އުޅަނދު ކްލެސިފިކޭޝަންއާ ގުޅޭ ކަންކަމަކީވެސް، ތަފްސީލުކޮށް އެވާހަކަތައް ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ނުދެއްކިނަމަވެސް، އެލައިޑް އިންޝުއަރަންސްގެ ފަރާތުން ވިސްނުންތެރިކަމާއެކު އެކަށީގެންވާ މަސައްކަތެއް އޭރު ކުރިނަމަ، މި މައްސަލައިގެ އެންމެ ފުރަތަމަ ގޮތް ކަނޑައެޅުނު ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައިވެސް ހުށަހަޅައި، އެކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އޮތްކަމެއްކަން ފާހަގަކުރަމެވެ.

ވުމާއެކު، ފަހުން ހުށަހެޅި މައްސަލައިގައިވާ ބައެއް ނުކުތާތަކަކީ ކުރިން ހުށަހެޅި މައްސަލައިގައި ހިމެނިފައިވާ ނުކުތާތަކެއް ކަމުގައިވާއިރު، އަދި އެކަމުގެ މައްޗަށް ސިވިލް ކޯޓުން ކުރިން ކުރި ޙުކުމުގައި ގޮތް ކަނޑައެޅުމުން، އިސްތިއުނާފު ނުކުރުމުގެ ސަބަބުން މިހާރު ނިހާއީވެފައިވާ ޙުކުމެއް ކަމުގައިވާއިރު، އަލަށް ހުށަހެޅި ބައެއް ކަންކަމަކީ ފުރަތަމަ ގަޒިއްޔާގައިވެސް ހުށަހެޅުމުގެ ފުރުސަތު އޮތް ކަންކަން ކަމުގައި ފާހަގަކުރެވެއެވެ.

އެހެންކަމުން، ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤުކުރުމަށްޓަކައި ފުރިހަމަވާންޖެހޭ ހުރިހާ ޝަރުޠުތަކެއް މި މައްސަލާގައި ފުރިހަމަވެއެވެ. އެމް.ވީ ސީ އެންޖަލްއަށް އެލައިޑް އިންޝުއަރަންސްގެ ނަންބަރު 1000/40/403/2012/3606 ޕޮލިސީގެ ދަށުން މޯލްލިންކްސްއިން އިންޝުއަރަންސް ފައިސާ ހޯދުމަށް ކްލެއިމްކުރުމުން، އެކަމާމެދު ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ޙުކުމެއްކޮށްފައިވެއެވެ. އެ ޙުކުމުގެ ސަރީޙަ އިބާރާތުން މޯލްލިންކްސްގެ ކްލެއިމް ބަލައިގަނެ، ޕްރޮސެސްކޮށް، އެ ކްލެއިމްގައިވާ ފައިސާއާމެދު ގޮތެއް ކަނޑައެޅުމަށް އެލައިޑް އިންޝުއަރަންސަށް އަންގާފައިވެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާއިން ކޮށްފައިވާ އަމުރުގެ ސަބަބުން، މޯލްލިންކްސްގެ ފަރާތުން ދެވަނަ ފަހަރަށް އެލައިޑް އިންޝުއަރަންސްއަށް ހުށަހަޅާފައިވަނީ ހަމަ ކުރިންވެސް ހުށަހެޅި އިންޝުއަރަންސް ކްލެއިމްއެވެ. ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާ އިސްތިއުނާފުކޮށްފައިނުވެއެވެ. އެހެންކަމުން، މިހާރު އެއީ، އެ ޙުކުމުގެ މައްޗަށް ޢަމަލުކުރުން ލާޒިމު، ނިހާއީ ޙުކުމެކެވެ.

ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި މައްސަލައިގެ މައުޟޫޢާ ގުޅޭ ނިހާއީ ޙުކުމެއް ކޮށްފައިނުވާކަމަށް އޮޅުން އެރުމުގެ އެއް ސަބަބަކީ މޯލްލިންކްސްގެ ކްލެއިމް ދެވަނަ ފަހަރަށް އެލައިޑް އިންޝުއަރަންސަށް ހުށަހެޅުމަށް އެންގުން ކަމުގައިވެދާނެއެވެ. ދަށު ކޯޓުން މައްސަލައަކަށްދޭ ފަރުވާ ޢާންމުގޮތެއްގައި ބިނާވަނީ މައްސަލައިގެ ޚަޞްމުން އެދޭގޮތަށް ކަމުގައިވާއިރު، މި މައްސަލައިގައިވާ ފަދައިން، ބައެއް ފަހަރު ޤާނޫނީ އެކި ސަބަބުތަކަށްޓަކައި، މައްސަލައިގެ ޚަޞްމުން އަކުރުން އަކުރަށް އެދޭ ފަރުވާ ނުލިބިގޮސްދާނެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި މޯލްލިންކްސްގެ ފަރާތުން އެދުނީ އެމް.ވީ ސީ އެންޖަލްގެ އިތުރުން އެމް.ވީ މޯނިންގ ސްޓާރ އަށް ހިނގި އެކި ޚަރަދުތަކާއި، އުޅަނދު ކަނޑުއަޑިއަށް ފެތުމުގެ ހާދިސާއާ ގުޅިގެން މޯލްލިންކްސްއަށް ލިބުނު ގެއްލުމުގެ ބަދަލާއި، ޙުކުމްކޮށް ތަންފީޒުކޮށް ނިމެންދެން ހިނގާ ހުރިހާ ޚަރަދަކާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ. އެ ގަޒިއްޔާގައި ޙުކުމް ކުރީ، މޯލްލިންކްސްގެ ފަރާތުން އަލުން އެ ކްލެއިމް ވަކި މުއްދަތެއްގެ ތެރޭގައި (އެ ގަޒިއްޔާގައި ޙުކުމް ކުރި ތާރީޚުން ފެށިގެން 30 ދުވަސް) ހުށަހަޅައިފިނަމަ، އެ ކްލެއިމް ހުށަހެޅި ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ބަލައިގަނެ ޕްރޮސެސްކުރުމަށެވެ. އަދި މިގޮތަށް ޢަމަލުކުރުމަށް ވާސިލުވި ސަބަބަކީ އެ ކްލެއިމް ބަލައިނުގަތުމަށް އެލައިޑް އިންޝުއަރަންސްއިން ދީފައިވާ ސަބަބުތަކަކީ މަޤުބޫލު ސަބަބުތަކެއް ކަމުގައި ނުވުމެވެ. މަޤުބޫލު ސަބަބުތަކެއް ނޫންކަމަށް އެ ގަޒިއްޔާގައި ބަޔާންކޮށްފައިވަނީ، އެމް.ވީ ސީ އެންޖަލް ކަފު ޖަހައިގެން ގެންދިޔައީ އެމް.ވީ މޯނިންގ ސްޓާރކަން އެލައިޑް އިންޝުއަރަންސަށް އެނގިހުރެ، އެގޮތުގައި ދަތުރުކުރުމަށް އެލައިޑް އިންޝުއަރަންސްގެ ނަންބަރު 1000/40/403/2012/3606/002 އެންޑޯސްމަންޓް ދީފައިވާއިރު، އެމް.ވީ ސީ އެންޖަލް ދަތުރުކުރީ އެންޑޯސްމަންޓުގައި ދަތުރުކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، އަދި ޕޮލިސީގެ މުއްދަތުގެވެސް ތެރޭގައި ކަމުގައިވާތީއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި މޯލްލިންކްސްއިން ހުށަހެޅި ކްލެއިމް އަލުން ހުށަހެޅުމަށް އެ ގަޒިއްޔާގައި އެންގީ އެލައިޑް އިންޝުއަރަންސްއިން އެ ކްލެއިމް އަލުން ބަލައިގަނެ ޕްރޮސެސްކޮށް ހުރިހާ ކަމެއް ކުރުމަށް ވަކި މުއްދަތެއް ދިނުމުގެ ނިޔަތުގައިކަމަށް ބެލެވެއެވެ. އެ ގަޒިއްޔާގެ ޙުކުމުގެ ސާފު އިބާރާތުން، މޯލްލިންކްސްއަށް އަންގާފައިވަނީ އައު ކްލެއިމެއް ހުށަހަޅާކަށްނޫނެވެ. އެލައިޑް އިންޝުއަރަންސަށް އަންގާފައިވަނީ އެ ގަޒިއްޔާއިން ބެލި ކްލެއިމް ދެވަނަ ފަހަރަށް ހުށަހެޅުމުން އެ ކްލެއިމް ބަލައިގަނެ، ޕްރޮސެސްކޮށް، ދައްކަންޖެހޭ ފައިސާއާ މެދު ގޮތެއް ކަނޑައެޅުމަށެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި އެމް.ވީ ސީ އެންޖަލްއާ ގުޅިގެން ހުށަހެޅުނު ކްލެއިމްއަށް އެ ގަޒިއްޔާއިން ވަނީ ފައިސަލާކޮށް، މައުޟޫޢާ މެދު ގޮތެއް ކަނޑައަޅާފައެވެ. އަލުން މުޅި އިޖުރާއަތު ތަކުރާރުކުރުމަށް އަންގާފައިނުވެއެވެ.

މޯލްލިންކްސްގެ ފަރާތުން ދެވަނަ ފަހަރަށް ކްލެއިމް ހުށަހެޅުމުން އެލައިޑް އިންޝުއަރަންސްއިން ވަނީ މުޅި އިޖުރާއަތު ތަކުރާރުކޮށްފައެވެ. ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި މުޅި މައްސަލައިގެ މައުޟޫޢަށްވަނީ ގޮތެއް ކަނޑައަޅައި ނިންމާފައެވެ. މިހާ ހިސާބުން އެލައިޑް އިންޝުއަރަންސްއިން އެ ގަޒިއްޔާ އިސްތިއުނާފުނުކޮށް، ކްލެއިމް ބަލައިނުގަތުމަށް ނިންމުމުގެ ހަމައެއްނެތެވެ. ދަށު ކޯޓުން ކުރާ ޙުކުމެއް އެއީ ޤާނޫނާ ގަވާއިދާ އެއްގޮތްނުވާ، ނުވަތަ އެ ޙުކުމަކުން ޙައްލެއް ލިބެންޖެހޭ ކަމަކަށް ވިޔަސް ނުވަތަ ޤާނޫނީ ނުކުތާއަކަށް ވިޔަސް، ހައްލެއް ނުވަތަ ޖަވާބެއް ނުލިބޭނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހަމަޖެހިފައިވާ ގޮތުން، އެފަދަ މައްސަލައެއް ދެން ވާނީ އިސްތިއުނާފުކުރާށެވެ. ވަކި ކަމަކާ ގުޅޭ ޙުކުމެއް އޮއްވައި، އެ ޙުކުމް އެއްފަރާތްކޮށް، އެ ޙުކުމާ ފުށުއަރާގޮތަށްވިޔަސް އަދި އެއްގޮތަށްވިޔަސް، ދެވަނަ ފަހަރަށް ހަމަ އެއް ކަމަކާ ގުޅިގެން ކޯޓުން ޙުކުމްކުރާނަމަ، ނިޒާމުގެ ނާޖާއިޒު ބޭނުން ހިފުމުގެ ދޮރު ހުޅުވާލެވި، އެއް ކަމަކަށް އެއް ކޯޓަކުން އެތައް ފަހަރަކު ޙުކުމްކުރުމަށް ފުރުޞަތު ދެވި، އަދި ޚަޞްމުންގެ މެދުގައި އޮތް ޚުޞޫމާތަށް ނިމުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮވެ، އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިގެންދާނެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގެ ޙުކުމް އެއީ ޤާނޫނާ ޚިލާފު ޙުކުމެއްކަމަށް އެލައިޑް އިންޝުއަރަންސްއިން ޤަބޫލުކުރާނަމަ، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އެލައިޑް އިންޝުއަރަންސަށް އޮތެވެ. އިސްތިއުނާފު ކުރުމުގެ ޙައްޤު އަމިއްލައަށް ދޫކޮށްލުމަށްފަހު، އެހެން ގަޒިއްޔާއަކުން އެ ޙުކުމާ ފުށުއަރާ އެއްވެސް ކަމެއް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 އާ ޚިލާފަށް، ހުށަހެޅިފައިވާ ލިޔެކިޔުމަށް ހައިކޯޓުން ފުރިހަމައަށް ރިޢާޔަތްނުކުރާކަމަށް ބުނާބުނުން

މި ނުކުތާގެ ތަފްސީލުގައި އެލައިޑް އިންޝުއަރަންސްގެ ފަރާތުން މައިގަނޑު ދެ ކަމެއް ފާހަގަކުރެއެވެ. އެގޮތުން، އެއް ކަމަކީ އިންޝުއަރަންސް ކްލެއިމް ރިޖެކްޓްކުރުމުގެ ސަބަބުތަކުގެ ތެރެއިން އުޅަނދު ކްލެސިފައިނުކޮށް އޮތް އޮތުމަކީ 21 އޮކްޓޯބަރު 2014 ގެ ރިޖެކްޝަން ސިޓީގައި ބަޔާންކޮށްފައިނުވާ ސަބަބަކަށްވާތީ، އެކަމަށް ރިޢާޔަތް ނުކުރެވޭނެކަމަށް ހައިކޯޓުން ކަނޑައަޅާފައި އޮތްއޮތުމެވެ. އެލައިޑް އިންޝުއަރަންސްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ 21 އޮކްޓޯބަރު 2014 ގެ ރިޖެކްޝަން ސިޓީގެ އިބާރާތަށް ބެލުމުން، ކްލެއިމް ބަލައިނުގަތުމަށް ނިންމާފައިވަނީ އެތައް ސަބަބުތަކެއް ހުރުމުންކަން އެނގޭނެކަމަށާއި، އެ ސަބަބުތަކުގެ ތަފްސީލު ޝަރީޢަތުން އިތުރަށް ސާފުކޮށްފައިނުވާއިރު، ތަފްސީލު އޮޅުންފިލުވުމަކީ މޯލްލިންކްސްގެ ޒިންމާއެއްކަމަށެވެ.

މި ނުކުތާއާ މެދު ސުޕްރީމް ކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭކަމަކަށް ނުދެކެމެވެ. ސަބަބަކީ، މި ގަޒިއްޔާގެ 36.4.1 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން، މި ނުކުތާއަކީ އެލައިޑް އިންޝުއަރަންސްގެ ފަރާތުން ވިސްނުންތެރިކަމާއެކު އެކަށީގެންވާ މަސައްކަތެއްކޮށް ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ހުށަހެޅިނަމަ، އެ ގަޒިއްޔާގައި ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އޮތް ނުކުތާއަކަށްވާތީއެވެ. ސިވިލް ކޯޓަށް ކުރިން ހުށަހެޅުނު ގަޒިއްޔާގައިވެސް އަދި ފަހުން ހުށަހެޅުނު ގަޒިއްޔާގައިވެސް މައްސަލައިގެ ވާޤިއާތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދި ކުރިން ނުލިބޭ އައު މަޢުލޫމާތެއްވެސް ފަހުން ހުށަހެޅި ގަޒިއްޔާގައި ހުށަހަޅާފައިނުވެއެވެ.

ދެވަނަ ކަމަކަށް އެލައިޑް އިންޝުއަރަންސްގެ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި އެމް.ވީ ސީ އެންޖަލް އިންޝުއަރކޮށްފައިވާ ޖުމްލަ އަދަދު ހައިކޯޓުން ކަނޑައަޅާފައިވަނީ ޑިޑަކްޓިބްލްސް (deductibles) އުނިނުކޮށްކަމަށެވެ. އެގޮތުން، އިންޝުއަރ ކުރާ ޖުމްލަ އަދަދު ނުލިބޭނެކަން އިންޝުއަރަންސް ޕޮލިސީއަށް ބެލުމުންވެސް އެނގޭނެކަމަށެވެ. މި ނުކުތާގެ ޖަވާބުގައި މޯލްލިންކްސްގެ ފަރާތުން ބުނެފައިވަނީ އެމް.ވީ ސީ އެންޖަލްއަށް ނެގި ޕޮލިސީގައި ޑިޑަކްޓިބްލް ބާވަތެއްވެސް އަދި ވެލިއު ނުވަތަ ޕަސެންޓޭޖެއްވެސް ބަޔާންކޮށްފައިނުވާކަމަށެވެ.

އެލައިޑް އިންޝުއަރަންސްގެ ނަންބަރު 1000/40/403/2012/3606 މެރިން ހަލް ޕޮލިސީގެ ބައެއްގެ ގޮތުގައި ޑިޑަކްޓިބްލްސްގެ ބާވަތާއި ޕަސެންޓޭޖް ހިމަނާފައިވެއެވެ. އެގޮތުން، އެޑިޝަނަލް މެޝިނަރީ ޑެމެޖްއަށް ސަމް އިންޝުއަރޑްގެ %1.50 (އެކެއް ޕޮއިންޓް ފަހެއް ސުމެއް އިން ސައްތަ) ބަޔާންކޮށްފައިވާއިރު، ކޮންމެ ކްލެއިމްއަކަށް ސަމް އިންޝުއަރޑްގެ %2 (ދޭއް އިން ސައްތަ) ބަޔާންކޮށްފައިވެއެވެ. މި ޕޮލިސީގެ ތާރީޚަކީ 14 ފެބްރުއަރީ 2012 ކަމުގައިވީނަމަވެސް، އޭގެ ފަހުން 20 ފެބްރުއަރީ 2012 ގައި ނަންބަރު 1000/40/403/2012/3606/001 އެންޑޯސްމަންޓް ޝެޑިޔުލްގައި އުޅަނދުގެ ސަމް އިންޝުއަރޑް ބޮޑު ކުރެވުނުނަމަވެސް، ޕޮލިސީގެ ދެންހުރި ކަންކަމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެ އެންޑޯސްމަންޓް ޝެޑިޔުލްގައި ބަޔާންކޮށްފައިވެއެވެ.

އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާގައި މޯލްލިންކްސްއަށް ފުލް އިންޝުއަރޑް ވެލިޔުކަމުގައިވާ USD 209,000.00 (ދެލައްކަ ނުވަހާސް އެމެރިކާ ޑޮލަރު) ނަގައިދިނުމަށް ޙުކުމްކުރިނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި މޯލްލިންކްސްއަށް ދޭންޖެހޭ އަދަދު ހިސާބުކުރުން ދޫކޮށްލާފައިވަނީ އެލައިޑް އިންޝުއަރަންސްއަށެވެ. އިސްތިއުނާފުކުރެވޭ މައްސަލައިގެ ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގެ ޙުކުމް ތަންފީޒުކުރުމާގުޅޭ ގަޒިއްޔާއެއްނޫނެވެ. ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާ މޯލްލިންކްސްއަށް ހުށަހަޅަން މެދުވެރިވި ސަބަބަކީ ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާ އެލައިޑް އިންޝުއަރަންސްއިން މާނަކުރި ގޮތުގެ ސަބަބުން އުފަންވި މައްސަލައެއްކަން އެލައިޑް އިންޝުއަރަންސްގެ ފަރާތުން ކޯޓުތަކުގައި ދައްކާފައިހުރި ވާހަކަތަކުން އެނގެއެވެ. އެހެންކަމުން، ހުށަހެޅިފައިމިވާ މައްސަލައިގައި ޚުޞޫމާތް އުފެދިފައިވަނީ ދައްކަންޖެހޭ އަދަދު ހިސާބު ކުރުމާމެދުގައެއް ނޫނެވެ. މި މައްސަލައިގައި އުފައްދާފައިވާ ސުވާލަކީ މީގެ ކުރިން ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަކީ މޯލްލިންކްސްގެ ފަރާތުން އެމް.ވީ ސީ އެންޖަލްއާ ގުޅިގެން ހުށަހެޅި އިންޝުއަރަންސް ކްލެއިމްއާ މެދު ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއްތޯއާއި ރެސް ޖުޑިކާޓާގެ މަބްދައު މިހާލަތުގައި ތަޠުބީޤުވާނެކަން ނުވަތަ ނޫންކަމާމެދުގައެވެ. އެހެންކަމުން، މި މައްސަލައިގައި އިންޝުއަރަންސް ޕޮލިސީގެ ދަށުން ލިބެންޖެހޭ އަދަދު ކަނޑައަޅާ މަރުހަލާއަކަށް އަދި ނުދެއެވެ.

ވުމާއެކު، ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާގައި ފުލް އިންޝުއަރޑް ވެލިއު ނަގައިދިނުމަށް ކަނޑައަޅާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ކްލެއިމް ޕްރޮސެސްކޮށް އަދަދު ކަނޑައެޅުމަށް އެލައިޑް އިންޝުއަރަންސްއަށް އަންގާފައިވަނިކޮށް، އެލައިޑް އިންޝުއަރަންސްއިން އެފަދަ އަދަދެއް ކަނޑައެޅުމުކުރިން ކަމުގައިވާތީ، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް އަހުރެންދެކެމެވެ.

އެލައިޑް އިންޝުއަރަންސްގެ ފަރާތުން ހުށަހެޅި ތިންވަނަ އަދި ހަތަރުވަނަ އިސްތިއުނާފީ ނުކުތާ

އެލައިޑް އިންޝުއަރަންސްގެ ފަރާތުން އިސްތިއުނާފު ކުރި ތިންވަނަ ނުކުތާގައި ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާގައި އިންޝުއަރެންސް ޕޮލިސީގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރެވޭނީ އުޞޫލެއްގެ ގޮތުން އެ ކްލެއިމް ބަލައިނުގަތުމަށް އިންޝުއަރެންސް ކުންފުނީގެ ފަރާތުން ނިންމާފައިވާ ސަބަބުތަކުގެ މައްޗަށްކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާގައި އިންޝުއަރަންސް ފައިސާ ދޭން ނުޖެހޭކަމަށް ކަނޑައަޅާފައިވަނީ އިންޝުއަރަންސް މައްސަލަތަކުގައި ޝަރީޢަތުން ބަލަންޖެހޭ ޢާއްމު އުޞޫލާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތިކަމަށް ބުނެފައިވެއެވެ.

މި ނުކުތާގެ ތަފްސީލުގައި އެލައިޑް އިންޝުއަރަންސްގެ ފަރާތުން ބުނެފައިވަނީ އެ ކުންފުނިން 21 އޮކްޓޯބަރު 2014 ގެ ދެވަނަ ރިޖެކްޝަން ސިޓީ ފޮނުވިއިރު، އިންޝުއަރަންސް ކްލެއިމް ބަލައިނުގަތުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި އުޅަނދު ކްލެސިފައިނުކޮށް އޮތުމާ ގުޅޭ ސަބަބު އެ ލިޔުމުގައި ބަޔާންކޮށްފައިނެތަތީ، ކޯޓުން އެ ސަބަބަށް ރިޢާޔަތް ނުކުރެވޭނެކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އިންޝުއަރަންސް ޕޮލިސީގައި ހިމެނޭ ސަބަބުތަކުގެ ތެރެއިން ސަބަބެއް އިންޝުއަރަންސް ކުންފުންޏަށް ދިފާޢުގައި ބޭނުންކުރެވޭނެ ވަކި މަރުހަލާއެއް އޮތުމަކީ ދެފަރާތު ދެމެދު ވެފައިވާ އިންޝުއަރަންސް ކޮންޓެރެކްޓާ ޚިލާފު، އަދި އިންސާފުގެ ހަމަތަކާވެސް ޚިލާފުކަމެއް ކަމަށެވެ.

ރެސް ޖުޑިކާޓާގެ މަބްދައަށް ރިޢާޔަތްކުރުމާއެކު، މި މައްސަލައިގައި އުޅަނދުގެ ކްލެސިފިކޭޝަންއާ ގުޅޭ ގޮތުން އެލައިޑް އިންޝުއަރަންސްއިން ފާހަގަކޮށްފައިވާ ކަންކަމަކީ ޝަރީޢަތަށް ބަލައިގަނެވިދާނެ ކަންކަންތޯ ނުވަތަ ނޫންތޯ މި ގަޒިއްޔާގެ 42 ވަނަ ޕެރެގްރާފްގައި ދީފައިވާ ސަބަބުތަކަށްޓަކައި އިތުރަށް ކަނޑައަޅަންޖެހޭކަމުގައި އަހުރެން ނުދެކެމެވެ.

އެލައިޑް އިންޝުއަރަންސްގެ ފަރާތުން ހުށަހެޅި ހަތަރުވަނަ އިސްތިއުނާފީ ނުކުތާގައި އިންޝުއަރަންސާ ގުޅޭ ކޮންޓްރެކްޓްތަކަކީ އެހެނިހެން ކޮންޓްރެކްޓްތަކާ ޚިލާފަށް، ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ބާވަތުގެ ކޮންޓްރެކްޓަކަށްވާއިރު، އެކަންކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާގެ ތަފްސީލުގައި ތަކުރާރުކޮށްފައިވަނީ މޯލްލިންކްސްގެ ފަރާތުން ޕޮލިސީ ނަގާފައިވަނީ ހާމަކުރަންޖެހޭ ބައެއް މަޢުލޫމާތު ހާމަނުކޮށްކަމަށާއި، އެފަދަ މަޢުލޫމާތު ހާމަކުރުމަކީ އިންޝުއަރަންސް ޕޮލިސީ ނަގާ ފަރާތުގެ ޒިންމާއެއްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކެވެ.

މޯލްލިންކްސްގެ ފަރާތުންވެސް މި ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވާ ފަދައިން، މި މައުޟޫޢާ ގުޅޭގޮތުން ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައި ވަނީ ގޮތެއް ކަނޑައަޅާފައެވެ. އަދި އެ ގަޒިއްޔާގައިވާ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ދެކިގެން، އެ ނިންމުން އެލައިޑް އިންޝުއަރަންސްގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވެއެވެ. ވުމާއެކު، މި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ މި މައްސަލައިގައި އިތުރަށް ހުށަހެޅިދާނެ ނުކުތާތަކެއް ކަމުގައި ނުދެކެމެވެ.

ޙައްލު

ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާގައި ރެސް ޖުޑިކާޓާގެ މަބްދަޢު މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ކަމުގައިވީނަމަވެސް، މި މައްސަލައަކީ އިންޝުއަރަންސްއާ ގުޅޭ މައްސަލައަކަށްވެފައި، އިންޝުއަރަންސް ކުންފުނިތަކުން އިންޝުއަރަންސް ނެގި ފަރާތަށް ފައިސާ ދޭން ނިންމާ ހާލަތްތަކުގައި، ޕޮލިސީގައިވާ ގޮތުގެ މަތިން އަދަދު ހިސާބުކުރުމުގައި ވަކި އުސޫލުތަކެއް ގެންގުޅޭ ހިނދު، އެލައިޑް އިންޝުއަރަންސްގެ ފަރާތުންވެސް މި މައްސަލައިގައި ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓުން އަދަދު ކަނޑައަޅާފައިވަނީ ޕޮލިސީގައި ބަޔާންކުރާ ޑިޑަކްޓިބްލްސްއަށް ރިޢާޔަތްކުރެމެއް ނެތިއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1971/Cv-C/2012 ގަޒިއްޔާގައިވެސް ޙުކުމްކޮށްފައިވާ ފަދައިން، ހުށަހެޅިފައިމިވާ މައްސަލައިގައި މޯލްލިންކްސްގެ ފަރާތުން ހުށަހަޅާފައިވާ އިންޝުއަރަންސް ކްލެއިމްއަކީ އެލައިޑް އިންޝުއަރަންސްއިން ބަލައިގަންނަންޖެހޭ ކްލެއިމްއެއްކަމަށް ކަނޑައަޅައި، އެލައިޑް އިންޝުއަރަންސްގެ ނަންބަރު 1000/40/403/2012/3606 މެރިން ހަލް ޕޮލިސީގެ ދަށުން މޯލްލިންކްސްއަށް ނަގައިދެވޭނެ ޢަދަދަކީ ކޮބައިކަން މި މައްސަލައިގައި ޙުކުމްކުރާ ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އަންގައި، އެ ފައިސާ މި މައްސަލައިގައި ޙުކުމްކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރަން އަންގަން އަހުރެންނަށް ފެނެއެވެ. އަދި މި ސަބަބަށްޓަކައި ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާ ބާޠިލުކަމަށް ކަނޑައަޅަންޖެހޭކަމުގައި ދެކެމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/215 ގަޒިއްޔާއާއި އެ ގަޒިއްޔާއިން ބެލި ސިވިލް ކޯޓުގެ ނަންބަރު 73/Cv-C/2016 ގަޒިއްޔާ ބާޠިލުކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،

މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-47/2002) އިން ނެގި އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-0043/1984،) ގެ ނަންބަރު 1000/40/403/2012/3606 މެރިން ހަލް ޕޮލިސީގެ ދަށުން، މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑްއަށް އިންޝުއަރަންސްގެ ފައިސާގެ ގޮތުގައި ލިބޭނެ އަދަދަކީ ކޮބައިކަމާއި އެ އަދަދަށް ވާސިލުވިގޮތުގެ ތަފްޞީލު، އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑްއަށް މިއަދުން (30 އޯގަސްޓް 2021 އިން) ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އަންގައި، އަދި

އެ ފައިސާ މިއަދުން (30 އޯގަސްޓް 2021 އިން) ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑްއަށް ދައްކައި ޚަލާޞްކުރުމަށް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އަންގައި،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންއަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ