—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2019/SC-A/41
ދަޢުވާކުރާ ފަރާތް: އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ހ. ސާމަރާ، މާލެ
ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ބާވަތް: ޓެރަރިޒަމް
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 16 އެޕްރީލް 2019
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 އެޕްރީލް 2019
ނިމުނު ތާރީޚް: 27 މޭ 2019
މައްސަލަ ނިންމި ގަޑި: 13:58
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 294/HC-A/2016
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 20 ޖުލައި 2016
ނިމުނު ތާރީޚް: 24 އެޕްރީލް 2017
މައްސަލައިގެ ޚުލާޞާ:
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށް އެދި، ހ. ސާމަރާ، މާލެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެވެ.
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ހ. ސާމަރާ، މާލެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާގައިވެސް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކާއި އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާއަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، 01 މޭ 2015 ދުވަހު، ދަންވަރުގެ ވަގުތެއްގައި އަމިނީމަގުގަ ހުންނަ ގ. ހުމަށި ގެއަށް ދިޔަ ދެ މީހެއްގެ ގާތުގަ، އިދިކޮޅު ފަރާތްތަކުން 01 މޭ 2015 ދުވަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް "މޭޑޭ" މުޒާހަރާގަ އެއްވެސް ކަމެއް ގޯސްވިޔަ ދީގެން ނުވާނެކަމަށާއި، އެފަދަ ކަމެއް ހިނގަން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ވެއްޖެއްޔާ، ވީއެންމެ އަވަހަކަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއަށް އެކަން އެންގުމަށާއި، އެމް.ޑީ.ޕީ މެންބަރުންނަށް މީނާއާ ހަމައަށްވެސް ނާދެވޭނެކަމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބުނެ، ބެކްޕެކެއްގެ ތެރެއިން 02 (ދޭއް) ފިސްތޯލައާއި ލޯކުލައިގެ 03 (ތިނެއް) ވަޒަން ލާފައޮތް އެތެރެ ފެންނަ ޕްލާސްޓިކް ފޮށްޓެއް ދައްކައި، ޓެރަރިޒަމްގެ ޢަމަލެއް ހިންގާފަވާތީ، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ކ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، އެ ޤަޟިއްޔާގައި "...ހ. ސާމަރާ، މާލެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި ޓެރަރިޒަމްގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިއިރު، 2015 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހު އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި ބޭއްވި "މޭޑޭ" މުޒާހަރާގެ ކުރިންނާއި އޭގެ ފަހުންވެސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަތުން ފިސްތޯލައާއި ވަޒަން ފެނިފައިވާކަމާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެތަކެތި ގެންގުޅެފައިވަނީ ސިޔާސީ މަޤްޞަދެއްގަ މީހުންގެ މެދުގަ ބިރުވެރިކަން އުފެދޭފަދަ ޢަމަލެއްކޮށް، ބަޔަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ މަޤްޞަދުގަކަން ހެކިންގެ ހެކިބަހުން ސާބިތުވާތީއާއި، އެފަދަ ޢަމަލެއް ކުރުމަކީ ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ކ) އާއި، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ އަދި 3 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 7 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކަމަށްވާތީ، ބުނެވިދިޔަ ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ބުނެވިދިޔަ މާއްދާތަކަށް ޙަވާލާދީ، ޓެރަރިޒަމްގެ ކުށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކުށްވެރިވާކަމަށް ކަނޑައަޅައި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މި ކުށް ކުރިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނަކީ ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ކަމަށްވެފަ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގަ މިބާވަތުގެ ކުށަށް ކަނޑައެޅިފައިވާ އަދަބަކީ ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގަ ބަޔާންކޮށްފައިވާ އަދަބަށްވުރެ ބޮޑު އަދަބަކަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ސާބިތުވި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް، ހ. ސާމަރާ، މާލެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ޖަލަށްލުމަށް ޙުކުމްކޮށް، މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިން ކަނޑައަޅައި ޙުކުމްކޮށްފައިވާކަން ކްރިމިނަލް ކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، ހ. ސާމަރާ، މާލެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާއަށް ބެލިއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2016/HC-A/294 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށް ބުނެ، އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ހިޔާޒަތުގެ ދަށުން ފިސްތޯލައެއް ނުވަތަ އެއްވެސް ބާވަތެއްގެ ހަތިޔާރެއް ތަޙްޤީޤްކުރާ އިދާރާއަކަށް ފެނިފައިނުވާކަމާއި، ތަޙްޤީޤްކޮށް، ދަޢުވާ އުފުލައި، ޝަރީޢަތް ހިންގައި ޙުކުމްކޮށްފައިވަނީ ހަމައެކަނި ބަޔަކު ބުނާ ބުނުމެއްގެ މައްޗަށް އެކަނި ބިނާކޮށްގެންކަމަށް ބުނެ ހުށަހެޅި ސަބަބާއި،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދައްކާފައިވާކަމަށް ހެކިވެރިން ބުނާ ފިސްތޯލައަކީ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ ފިސްތޯލައެއްކަން ސާބިތުކުރެވިފައިނުވާކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ހެކި ބަލައިގަތުމުގައި ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ކުށުގެ ތުހުމަތުން ބަރީޢަވުމަށް އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއަށް ލިބިދީފައިނުވާކަމަށް ބުނެ ހުށަހެޅި ސަބަބާއި،
މި ސަބަބުތައްކަން އެނގެން އޮންނައިރު، މި ސަބަބުތަކާ ގުޅިގެން މި މައްސަލަ އިލްތިމާސްކުރާ ފަރާތުންނާއި އިލްތިމާސް ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލާގައި ހިމެނޭ ވަޤާއިޢުތަކުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާގައި ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި، ނަޒަރުކުރިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އެއްވެސް ޖަރީމާއެއް އަދި އެއްވެސް ޢުޤޫބާތެއް ޤާނޫނީ ނައްޞަކުން މެނުވީ ކަނޑަނޭޅޭނެކަމުގެ މަބްދައަކީ މިޒަމާނުގެ ދީމިޤްރާޠީ އެންމެހައި ދައުލަތްތަކުގެ ޖިނާއީ ޤާނޫނުތަކާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ ޢާންމު މަބްދައެއްކަމާއި، މި މަބްދައު ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ޢިބާރާތުގައި "ވަކި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއްކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތީސް އެކަމެއް ކުރި މީހަކަށް ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެން އަދަބު ދީގެނެއް ނުވާނެއެވެ..." މިފަދައިން ކަނޑައަޅައި ބަޔާން ކޮށްފައިވާއިރު، މި މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގިކަމުގެ ތުހުމަތުކޮށް، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ކ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާކޮށްފައިވާކަން ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާގެ ދަޢުވާގެ ޚުލާޞާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާގެ ދަޢުވާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ހިންގިކަމަށް ތުހުމަތުކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ވާޤިޢާއަކީ "01 މޭ 2015 ދުވަހު، ދަންވަރުގެ ވަގުތެއްގައި އަމިނީމަގުގަ ހުންނަ ގ. ހުމަށި ގެއަށް ދިޔަ ދެ މީހެއްގެ ގާތުގަ، އިދިކޮޅު ފަރާތްތަކުން 01 މޭ 2015 ދުވަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް "މޭޑޭ" މުޒާހަރާގަ އެއްވެސް ކަމެއް ގޯސްވިޔަ ދީގެން ނުވާނެކަމަށާއި، އެފަދަ ކަމެއް ހިންގަން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ވެއްޖެއްޔާ، ވީއެންމެ އަވަހަކަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއަށް އެކަން އެންގުމަށާއި، އެމް.ޑީ.ޕީ މެންބަރުންނަށް މީނާއާ ހަމައަށްވެސް ނާދެވޭނެކަމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބުނެ، ބެކްޕެކެއްގެ ތެރެއިން 02 (ދޭއް) ފިސްތޯލައާއި ލޯކުލައިގެ 03 (ތިނެއް) ވަޒަން ލާފައޮތް އެތެރެ ފެންނަ ޕްލާސްޓިކް ފޮށްޓެއް ދެއްކުން" ކަން ކްރިމިނަލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަޢުވާގެ ޚުލާޞާއިން އެނގެން އޮންނައިރު، ބަޔާންވެދިޔަ ވާޤިޢާ ހިނގިކަމަށް ބުނާ ތާރީޚުގައި ޢަމަލުކުރަމުންދިޔަ ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ؛ (ހ) ސިޔާސީ މަޤްޞަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް މީހަކު ނުވަތަ މީހުން މެރުން، ނުވަތަ އެފަދަ މަޤްޞަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބިދޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން. (ށ) މީހަކު ނުވަތަ މީހުން ކިޑްނެޕް ކުރުން، ނުވަތަ ގަދަކަމުން ފޮރުވުން، ނުވަތަ ރަހީނުންގެ ގޮތުގައި ހިފެހެއްޓުން، ނުވަތަ މިއިން ކަމެއް ކުރަން އުޅުން. (ނ) ފުރާދުއްވާ އެއްޗެއް ހައިޖެކް ކުރުން، ނުވަތަ ކުރަން އުޅުން. (ރ) އެކިވައްތަރުގެ ބަޑި ނުވަތަ ފިސްތޯލަ ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ އެކިވައްތަރުގެ ބޮން ނުވަތަ އެފަދަ ގޮވާތަކެތި ސަރުކާރުގެ ހުއްދަނެތި ރާއްޖެއަށް އެތެރެކުރުން، ނުވަތަ އެފަދަ ތަކެތި ރާއްޖޭގައި އުފެއްދުން، ނުވަތަ ގެންގުޅުން، ނުވަތަ ވިއްކުން، ނުވަތަ އެކަކު އަނެކަކަށް ދީ ހެދުން ނުވަތަ ބެހެއްޓުން. (ބ) އެކި ވައްތަރުގެ ބަޑި ނުވަތަ ފިސްތޯލަ ނުވަތަ ހަތިޔާރަށް ހިމެނިދާނޭ ތަކެތި ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ ބޮން ނުވަތަ އެފަދަ ގޮވާތަކެތި، ނުވަތަ އެނޫންވެސް އެއްޗެއް މީހުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ލިބޭފަދަ ގޮތެއްގައި ބޭނުންކުރުން ނުވަތަ ކުރަން އުޅުން. (ޅ) މީހުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ލިބިދާފަދަ ގޮތެއްގައި އެއްވެސް ތަނެއްގައި ނުވަތަ އެއްޗެއްގައި ހުޅުޖެހުން، ނުވަތަ ހުޅުޖަހަން އުޅުން ނުވަތަ އެފަދަ ގޮތަކަށް ގެއްލުމެއް ދިނުން ނުވަތަ ގެއްލުމެއް ދޭން އުޅުން. (ކ) ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ދީފާނެކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމަކުންވިޔަސް ދިނުން. މިކަންތައްތައްކަން ޙަވާލާދެވުނު ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާއިން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅުނުއިރު، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 61 ވަނަ މާއްދާގެ ދަށުން ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ވަނީ އުވާލެވިފައިކަމާއި، އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަކީ މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ފާސްކޮށް، 28 އޮކްޓޫބަރު 2015 ވީ ބުދަ ދުވަހު ޢަމަލުކުރަންފަށާފައިވާ ޤާނޫނެއްކަމާއި، މި ޤާނޫނުގައި "ޓެރަރިޒަމް" ކަމަށް ބުނެފައިވަނީ ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމާއި، ނުވަތަ ޢާންމުންނަށް ބިރުދެއްކުމާއި ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި، ނުވަތަ ޤާނޫނާ ޚިލާފަށް ސިޔާސީ، ދީނީ ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމާއި، މިއިން މަޤްޞަދެއް ޙާޞިލުކުރުމުގެ ގޮތުން މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ޢަމަލެއް ކުރުންކަމަށް މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމަށް ފަހު، އެ މާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޤްޞަދެއް ނެތްނަމަވެސް، ނުރައްކާތެރި ހަތިޔާރު ނުވަތަ ވަޒަން ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ބޭނުންކޮށްގެން މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަމަލެއް ހިންގުމަކީ މި ޤާނޫނުގެ މަޤްޞަދަށްޓަކައި ޓެރަރިޒަމްގެ މާނައިގައި ހިމެނޭނެ ކަމެކެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަޔާންވެދިޔަ މަޤްޞަދުތަކުގެ ތެރެއިން މަޤްޞަދެއް ޙާޞިލުކުރުމުގެ ގޮތުން؛ 1) މީހަކަށް އަނިޔާވެރިވުމުގެ ގޮތުން އޭނާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޙިއްޞަކަށް ގެއްލުން ދިނުން، 2) ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން، 3) މުދަލަށް ބޮޑެތި ގެއްލުން ދިނުން، 4) ކުށްކުރާ މީހާ ފިޔަވައި، އެހެން މީހެއްގެ ފުރާނަޔަށް ނުރައްކަލެއް ކުރިމަތިވުން، 5) ފުރާދުއްވާ އެއްޗެހި ހައިޖެކްކުރުން، 6) ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް ޞިއްޙީ ގޮތުން ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތިކުރުވުން، 7) ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތިކުރުވުން، 8) މުހިންމު ޢުމްރާނީ ވަސީލަތްތަކަށް ގެއްލުންދިނުން ނުވަތަ ޢާންމު ޚިދުމަތްތައް މެދުކަނޑުވާލުން، މިއިން ކަމެއް ކުރުމަކީ ޓެރަރިޒަމްގެ ޢަމަލެއްކަމަށް އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޖިނާއީ ޤާނޫނުތައް "ރަޖްޢީ" (retrospective) ކޮށް މާޟީގައި ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް ތަޠްބީޤު ނުކުރުމުގެ މަބްދައަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި އިސްތިޤްރާރުވެ، ތަފާތު ދީމިޤްރާޠީ ދައުލަތްތަކުގެ ދުސްތޫރުތަކުގައި ކަނޑައެޅިފައިވާ މަބްދައެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ޝާމިލުވެ ބަޔާންވެގެންވާ މި ދުސްތޫރީ މަބްދައު ބިނާވެގެންވަނީ "ޖިނާއީ ޝަރްޢިއްޔަތު" (criminal legality) ގެ މަބްދައުގެ މައްޗަށްކަމާއި، މިގޮތުން، އެއްވެސް ޢަމަލެއް ކުށެއްކަމަށް ކަނޑައަޅައި އެއަށް އަދަބު ޤާނޫނީ ނައްޞަކުން މެނުވީ ކަނޑަނޭޅޭނެކަމާއި، އަދި ހަމަ އެފަދައިން އަލަށް ޢަމަލުކުރަންފެށޭ ޖިނާއީ ޤާނޫނެއް، އެ ޤާނޫނަށް ޢަމަލުކުރަންފެށުމުގެ ކުރިން ހިނގާފައިވާ ވާޤިޢާއެއްގެ މައްޗަށް ތަޠްބީޤު ނުކުރެވޭނެކަމާއި، އެހެންނަމަވެސް، އަލަށް ޢަމަލުކުރަން ފެށޭ ޖިނާއީ ޤާނޫނަކީ މުއްތަހަމަށް މަޞްލަޙަތު ބޮޑު ޤާނޫނެއްކަމުގައި ވާނަމަ އެ ޤާނޫނު މާޟީގައި ހިނގާފައިވާ، އޭގެ މައްޗަށް ފައިޞަލާކުރަނިވި ނިހާއީ ޙުކުމެއް އައިސްފައިނުވާ ވާޤިޢާތަކުގެ މައްޗަށް "ރަޖްޢީ" ކޮށް ތަޠްބީޤު ކުރުމުގެ އުޞޫލަކީ އިސްވެ އިޝާރާތްކުރެވުނު ޖިނާއީ ޤާނޫނުތައް "ރަޖްޢީ" ކޮށް ތަޠްބީޤު ނުކުރުމުގެ މަބްދައާއި ގުޅިލާމެހިފައިވާ، އަދި ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ މަބްދައެއްކަން އެނގެން އޮންނަކަމާއި، މިގޮތުން ބަލާއިރު، މުއްތަހަމުގެ މަޞްލަޙަތަށް ކުރީގެ ޤާނޫނަށްވުރެ ރަނގަޅު ޙާލަތެއް ނުވަތަ ޤާނޫނީ މަރްކަޒެއް ޤާއިމުކޮށްދޭ ނުވަތަ ލުޔެއްދޭ ފަހުގެ ޤާނޫނަކީ އޭނާއަށް ބޮޑަށް މަޞްލަޙަތު ރަނގަޅު ޤާނޫނުކަމާއި، އަދި މުއްތަހަމަށް މަޞްލަޙަތު ބޮޑު، ޖިނާއީ ޤާނޫނު ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކެއް ވާކަމާއި، މިގޮތުން ޖަރީމާ އާއި ޢުޤޫބާތް ބަޔާންކުރާ ޤާނޫނީ ނައްޞުގައި، ކުރީގައި ޖަރީމާއެއްކަމުގައި ބެލެވޭ ކަމެއް ޖަރީމާއެއް ނޫންކަމުގައި ކަނޑައެޅުން، ނުވަތަ ޖަރީމާއަށް ކަނޑައެޅިފައިވާ ދަރަޖަ "ޖިނާޔަތު" (felony) އަކުން "ޖުންޙާ" (misdemeanor) އަކަށް ބަދަލުކުރުން، ނުވަތަ ޖަރީމާއަކަށް ކަނޑައެޅިފައިވާ ޢުޤޫބާތްތަކުގެ ތެރެއިން ޢުޤޫބާތެއް އުވާލުން، ނުވަތަ ޢުޤޫބާތުގެ މިންވަރު ކުޑަކުރުން ފަދަ ޖަރީމާ އާއި ޢުޤޫބާތުގެ ޙުދޫދު މުއްތަހަމުގެ މަޞްލަޙަތަށް ހަނިކޮށް، އަލަށް ޢަމަލުކުރަންފެށޭ ޖިނާއީ ކޮންމެ ޤާނޫނަކީ މުއްތަހަމަށް މަޞްލަޙަތު ބޮޑު ޤާނޫނެއް ކަމުގައިވާނެކަމާއި، އަދި ހަމައެއާއެކު، ސީދާ ޖަރީމާ އާއި ޢުޤޫބާތް ކަނޑައަޅާ ޤާނޫނީ ނައްޞެއްކަމުގައި ނުވިނަމަވެސް، ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އިޖްރާއާތާ ގުޅޭ، އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކީ ކުރީގެ ޤާނޫނަށްވުރެ މުއްތަހަމަށް މަޞްލަޙަތު ބޮޑު ޤާނޫނެއްކަމުގައި ވާނަމަ އެ ޤާނޫނު، ކުރީގައި ހިނގާފައިވާ ޖިނާއީ ވާޤިޢާތައް ސާބިތުކުރުމުގައި "ރަޖްޢީ" ކޮށް ތަޠްބީޤު ކުރުމަކީވެސް އޭގެޒާތުގައި އަލަށް ޢަމަލުކުރަން ފެށޭ، މުއްތަހަމަށް މަޞްލަޙަތު ބޮޑު ޤާނޫނު މާޟީގައި ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް "ރަޖްޢީ" ކޮށް ތަޠްބީޤު ކުރުމުގެ އުޞޫލާ އެއްގޮތަށް ޢަމަލުކުރުންކަން، އިޝާރާތްކުރެވުނު "އަލަށް ޢަމަލުކުރަން ފެށޭ، މުއްތަހަމަށް މަޞްލަޙަތު ބޮޑު، ޖިނާއީ ޤާނޫނު މާޟީގައި ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް ރަޖްޢީކޮށް ތަޠްބީޤު ކުރުމުގެ މަބްދައު" ތަޠްބީޤުކޮށް ނިންމާފައިވާ ތަފާތު ޖުރިސްޑިކްޝަންތަކުގެ ޤަޟާއީ ސަވާބިޤު (Judicial Precedent) ތަކުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި "އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ."، މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނައިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް ތަޤްޔީމްކޮށް ވަޒަންކުރުމަށްފަހު މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި، އެ ހެކިތަކާއި ދަލީލުތަކުން އިސްތިޚްލާޞް ކުރެވޭ ނަތީޖާތަކުގެ މައްޗަށް ބުރެވެހުރެ، ޔަޤީނާ ގާތަށް އިޤުތިނާޢު (convince) ވެގެން މެނުވީ ޖިނާއީ މައްސަލައެއްގައި ކުށެއް ސާބިތުވެއްޖެ ކަމަށް ޙުކުމްކޮށްގެން ނުވާނެކަމީ ޖިނާއީ ޤާނޫނުގެ ޢާންމު މަބްދައެއްކަމުގައިވާ "ޤަރީނަތުލް ބަރާއާ" (Presumption of innocence) ގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތުކަން އެނގެން އޮންނައިރު، މި މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ހިންގިކަމަށް ތުހުމަތުކޮށްފައިވާ ޓެރަރިޒަމްގެ ކުށުގައި އެ ކުށުގެ ރުކުންތަކާއި އުންޞުރުތައް ފުރިހަމަވެފައިވާކަން، ޖިނާއީ މައްސަލަތައް ޘާބިތުކުރުމުގެ އެންމެހައި ވަސީލަތްތަކުން ޘާބިތުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއްކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މި މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ޓެރަރިޒަމްގެ ޢަމަލެއް ހިންގިކަމުގެ ކުށުގެ ދަޢުވާއަށް ޢަހްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާއާއި، ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި އިންކާރުކޮށްފައިވާކަން ބުނެވުނު ޤަޟިއްޔާތަކުގެ މަޙްޟަރު ބަޔާންތަކުން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ބުނެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާގައި ޢަހްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ކ) އާ ޙަވާލާދީ ކަމާއި، ބުނެވުނު ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ މާއްދާގެ އެ އަކުރުގައި ބަޔާންކޮށްފައިވަނީ ސިޔާސީ މަޤްޞަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް މީހަކު ނުވަތަ މީހުން މެރުން، ނުވަތަ އެފަދަ މަޤްޞަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބިދޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުމަކީ ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށާއި، އަދި ބުނެވުނު ޤާނޫނުގެ 2 ވަނަ މާއްދާގެ (ކ) އަށް ބަލާއިރު، އެ މާއްދާގެ އެ އަކުރުގައި ޓެރަރިޒަމްގެ ކުށުގެ ޢަމަލުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ދީފާނެކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމަކުންވިޔަސް ދިނުންކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ޙަވާލާދެވުނު 2 ވަނަ މާއްދާގެ (ހ) އާއި (ކ) ގައި ޓެރަރިޒަމްގެ ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް އިޖްރާމީ ޢަމަލެއް، ފާޢިލު އަޞްލީ (principle actor) އެއްގެ ޙައިޘިއްޔަތުން ނުވަތަ ކުށުގެ ޢަމަލުގެ ބައިވެރިއެއް (accomplice) ގެ ޙައިޘިއްޔަތުން ވިޔަސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކޮށްފައިވާކަން ޘާބިތުވާ މިންވަރުގެ އެއްވެސް ހެއްކެއް ނުވަތަ ދަލީލެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާގައި ހުށަހަޅާފައިވާކަން އެނގެން ނެތުމުގެ އިތުރުން، ބުނެވުނުފަދަ ކުށުގެ ޢަމަލެއް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކުރަން އުޅުނުކަން، ޖިނާއީ ޤާނޫނުގައި ކުށެއްކުރަން އުޅުމުގެ (criminal attempt) މަފްހޫމަށް ބަލާއިރު އެނގެން ނެތްކަމާ، އެހެނީ، ޖިނާއީ ޤާނޫނުގައި ކުށެއް ކުރަން އުޅުމުގެ މުރާދައަކީ، ޤާނޫނަކުން ތަޖްރީމުކުރެވިފައިވާ ކުށުގެ ޢަމަލެއް، ޢަމަލީގޮތުން ކުރަން މީހަކު ފެށުމަށްފަހު، އޭނާގެ ބާރު ނުފޯރާފަދަ ސަބަބަކާ ހުރެ އެ ކުށުގެ ޢަމަލު ފުރިހަމަ ނުކުރެވުންކަން އެނގެން އޮންނައިރު، މި މަފްހޫމަށް ރިޢާޔަތްކޮށް ބަލާއިރު، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ޙަވާލާދެވުނު2 ވަނަ މާއްދާގެ (ހ) އާއި (ކ) ގައި ޓެރަރިޒަމްގެ ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް އިޖްރާމީ ޢަމަލެއް ކުރަން އުޅުނުކަން ބަޔާންކުރާ ވާޤިޢާއެއް މި މައްސަލާގައި ހުށަހެޅިފައި ނުވާކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން، އިޝާރާތްކުރެވުނުފަދަ ޓެރަރިޒަމްގެ ކުށުގެ ޢަމަލެއް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކުރިކަން ނުވަތަ ކުރަން އުޅުނުކަން މި މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ޘާބިތުވާން ނެތްކަމަށް ޚުދު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ކ) ގެ ދަށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ޘާބިތުވާކަމަށް ކަނޑައަޅައިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ޖިނާއީ ކުށްތައް ޘާބިތުކުރުމުގެ މިންގަނޑާ އެއްގޮތަށް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ބުނެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާގައި ޢަހްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ރ) އަށް ޙަވާލާދީ ޓެރަރިޒަމްގެ ކުށުގެ ދަޢުވާކޮށްފައި އޮންނަ އޮތުމަށް ޤާނޫނީ ނަޒަރަކުން ބަލާއިރު، ބުނެވުނު ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) ގައި ޓެރަރިޒަމްގެ ކުށުގެ ޢަމަލުގެ ގޮތުގައި އެކިވައްތަރުގެ ބަޑި ނުވަތަ ފިސްތޯލަ ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ އެކިވައްތަރުގެ ބޮން ނުވަތަ އެފަދަ ގޮވާތަކެތި ސަރުކާރުގެ ހުއްދަނެތި ރާއްޖެއަށް އެތެރެކުރުން، ނުވަތަ އެފަދަ ތަކެތި ރާއްޖޭގައި އުފެއްދުން، ނުވަތަ ގެންގުޅުން، ނުވަތަ ވިއްކުން، ނުވަތަ އެކަކު އަނެކަކަށްދީ ހެދުން ނުވަތަ ބެހެއްޓުން ހިމެނިގެންވާކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާގައި އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) އަށް ޙަވާލާދީ ޢަހްމަދު އަދީބު ޢަބްދުލްޣަފޫރު ކުރިކަމަށް ތުހުމަތުކޮށްފައިވާ ޓެރަރިޒަމްގެ ޢަމަލަކީ2 ފިސްތޯލައާއި، 3 ވަޒަން ގެންގުޅުން ނުވަތަ ބެހެއްޓުންކަން ޙަވާލާދެވުނު ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ ދަޢުވާގެ ޚުލާޞާގައި ބަޔާންކޮށްފައިވާ ވަޤާއިޢުތަކުން އެނގެން އޮންނަކަމާއި، ފިސްތޯލައާއި ވަޒަން މީހެއްގެ ޙިޔާޒަތުގައި ހުރުމަކީ އޭގެޒާތުގައި، އެ ހަތިޔާރު ބޭނުންކޮށްގެން އެހެން އިޖްރާމީ ޢަމަލެއް ހިންގާފައި ނުވިނަމަވެސް، ޓެރަރިޒަމްގެ ކުށެއްކަން އިޝާރާތްކުރެވުނު ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) އިން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާއިން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ 26 ނޮވެންބަރު 2015 ގައި އުފުލުނު އިރު، ޢަމަލުކުރަންފަށާފައިވާ ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 61 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ވަނީ އުވާލާފައިކަމާއި، 28 އޮކްޓޫބަރު 2015 ވީ ބުދަ ދުވަހު ޢަމަލުކުރަންފަށާފައިވާ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަކީ ޓެރަރިޒަމްގެ ޢަމަލުތައް ނުވަތަ ޓެރަރިޒަމަށް މަގުފަހިވާނެހެން ކުރާ ޢަމަލުތައް ނުވަތަ ޓެރަރިޒަމްއާ ގުޅުންހުރި ޢަމަލުތައް މަނާކުރުމާއި، ކުށްވެރިކުރުމާއި، އެ ކުށްތަކުގެ އަދަބު ކަނޑައެޅުމާއި، އަދި އެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާބެހޭ ޚާއްޞަ އިޖްރާއާތުތައް ބަޔާންކުރާ ޤާނޫނުކަމަށް އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާ، އަދި އެ ޤާނޫނުގެ މަޤްޞަދުގެ ތެރޭގައި ޓެރަރިޒަމްގެ ކުށްތަކާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުން ޝާމިލުވެގެންވާކަން އެ ޤާނޫނުގެ2 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާއި، އެ ޤާނޫނުގައި ޓެރަރިޒަމްގެ ކުށްތައް ކަނޑައަޅާފައިވާ ޤާނޫނީ ނައްޞުތަކަށް ބަލާއިރު، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް، ފިސްތޯލަވެސް ހިމެނޭގޮތުން، މީހެއްގެ ޙިޔާޒަތުގައި ހުރުމަކީ އޭގެޒާތުގައި އެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް އެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ޢަމަލެއްކަމުގައި ބެލެވެނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ޢަމަލެއް ހިންގުން ކަމާއި، މިގޮތުން ބަލާއިރު، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި "...... ނުރައްކާތެރި ހަތިޔާރު ނުވަތަ ވަޒަން ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ބޭނުންކޮށްގެން މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަމަލެއް ހިންގުމަކީ މި ޤާނޫނުގެ މަޤްޞަދަށްޓަކައި ޓެރަރިޒަމްގެ މާނައިގައި ހިމެނޭނެ ކަމެކެވެ." މިފަދައިން ބަޔާންކޮށްފައިވާ ކަމާއި، އަދި މި ޤާނޫނުގައި "ނުރައްކާތެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، ބަޑިއާއި، ވަޒަން ފޮނުވާގޮތަށް ހަދާފައި ހުންނަ އެހެން ވަސީލަތްތަކާއި، ތޫނު ހަތިޔާރާއި، ކޯރާޑީ އާއި، ވަޅިއާއި، ރޭޒަރުތިލަ އާއި މިފަދަ އެއްޗެހި ހިމެނޭނެހެން ކަމަށް އެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި، މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ރ) ގައި އެކިވައްތަރުގެ ބަޑި ނުވަތަ ފިސްތޯލަ ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ އެކިވައްތަރުގެ ބޮން ނުވަތަ އެފަދަ ގޮވާތަކެތި މީހެއްގެ ޙިޔާޒަތުގައި ބެހެއްޓުމަކީ އޭގެޒާތުގައިވެސް ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައި އޮތް އޮތުން ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އިން ނިމުމަކަށް އައިސް، ބުނެވުނުފަދަ ހަތިޔާރެއް މީހެއްގެ ޙިޔާޒަތުގައި ހަމައެކަނި ބެހެއްޓުމަކީ އޭގެޒާތުގައި، ޓެރަރިޒަމްގެ ކުށެއްކަމަށް އެ ޤާނޫނުގެ ދަށުން ނުބެލެވޭނެކަން އެ ޤާނޫނުގެ އިސްވެ އިޝާރާތްކުރެވުނު 4 ވަނަ މާއްދާގެ (ށ) ގެ ޢިބާރާތުން ސާފުކޮށް އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު713/Cr-C/2015 ޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް 2 ފިސްތޯލަ އާއި، 3 ވަޒަން ގެންގުޅުނުކަމުގެ ތުހުމަތުކޮށް، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ރ) އަށް ޙަވާލާދީ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އުފުލިއިރު ޢަމަލުކުރަންފަށާފައިވާ އައު ޤާނޫނުކަމުގައިވާ، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ފިސްތޯލަ ފަދަ ހަތިޔާރު ޙިޔާޒަތުގައި ބެހެއްޓުމަކީ އޭގެޒާތުގައި، ޓެރަރިޒަމްގެ ކުށެއްކަމުގައި ނުވާއިރު، އަލަށް ޢަމަލުކުރަން ފެށޭ މުއްތަހަމަށް މަޞްލަޙަތު ބޮޑު، ޖިނާއީ ޤާނޫނު މާޟީގައި ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް "ރަޖްޢީ" ކޮށް ތަޠްބީޤު ކުރުމުގެ ޤާނޫނީ ޢާންމު މަބްދައާ ގުޅޭ އިސްވެ ބަޔާންވެދިޔަ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު713/Cr-C/2015 ޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް 2 ފިސްތޯލަ އާއި، 3 ވަޒަން ގެންގުޅުނުކަމުގެ ތުހުމަތުގައި އުފުލާފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާގައި ހިމެނޭ ބުނެވުނު ވާޤިޢާގެ މައްޗަށް ޙަޤީޤަތުގައި ތަޠްބީޤުކުރަންވާނީ ބުނެވުނު ދަޢުވާ އުފުލުނުއިރު ޢަމަލުކުރަން ފަށާފައިވާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއަށް މަޞްލަޙަތު ބޮޑު، އައު ޤާނޫނުކަމުގައިވާ، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ކަން އެނގެން އޮންނަކަމާއި، ނަތީޖާއެއްގެ ގޮތުން 2 ފިސްތޯލަ އާއި، 3 ވަޒަން ގެންގުޅުމަކީ ނުވަތަ ބުނެވުނު ހަތިޔާރު ޢަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޙިޔާޒަތުގައި ހުރުމަކީ އޭގެޒާތުގައި، ޓެރަރިޒަމްގެ ކުށެއްކަމަށް ބަލައި، އެ ވާޤިޢާގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އުފުލުން ޤާނޫނީގޮތުން ޞައްޙަކަމަށް ބަލާނެ އަސާސެއް ނެތްކަމާއި، އަދި އެއީ އަލަށް ޢަމަލުކުރަން ފެށޭ މުއްތަހަމަށް މަޞްލަޙަތު ބޮޑު، ޖިނާއީ ޤާނޫނު މާޟީގައި ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް "ރަޖްޢީ" ކޮށް ތަޠްބީޤު ކުރުމުގެ އިސްވެ ބަޔާންވެދިޔަ ޤާނޫނީ ޢާންމު މަބްދައާ ޚިލާފަށް އުފުލާފައިވާ ދަޢުވާއެއްކަންވެސް އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކުރިކަމަށް ތުހުމަތުކޮށްފައިވާ ކުށުގެ ޢަމަލު ކަމުގައިވާ 2 ފިސްތޯލަ އާއި، 3 ވަޒަން ގެންގުޅުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި ތަކްޔީފުކޮށް ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ރ) އަށް ޙަވާލާދީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އުފުލާފައިވަނީ ޞައްޙަ އަސާސެއްގެ މައްޗަށް ނޫންކަން ބަޔާންވެދިޔަ ގޮތުގެމަތިން އެނގެން އޮތްނަމަވެސް، ކްރިމިނަލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި އޭނަގެ މައްޗަށް ތުހުމަތުކޮށްފައިވާ ފިސްތޯލައާއި ވަޒަން ގެންގުޅުމުގެ ވާޤިޢާ ތަޖްރީމުކޮށްފައިވާ އެހެން ޤާނޫނީ ނައްޞުތައް ހުރިކަން އެނގެން އޮންނަކަމާއި، މިގޮތުން ބަލާއިރު، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައި މަޤުބޫލު ސަބަބެއްނެތި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ޢާންމު ތަނެއްގައި ގެންގުޅުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ށ) ގައި ޢާންމު ތަނެއް ފިޔަވައި އެހެން ތަނެއްގައި، މަޤުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބެހެއްޓުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމާއި، އަދި އެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައި "ނުރައްކާތެރި ހަތިޔާރެއް" ގެ މާނައިގެ ތެރޭގައި، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ، ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ތަކެއްޗާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާ ފަދަ ތަކެއްޗާއި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެހި ހިމެނިގެންވާ ކަމަށާއި، މީގެތެރޭގައި، ޓޭޒަރ ގަން އާއި ސްޓަން ގަން އާއި އެނޫނަސް މީހެއްގެ ހަށިގަނޑަށް ޝޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ޙާލަތެއް ވަގުތީގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗަކާއި، ވަކިވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާ ފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ނުރައްކާތެރި އެސިޑްތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭކަމަށް ބަޔާންކޮށްފައިވާ ކަމާއި، މީގެ އިތުރުން، ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ހަނގުރާމަވެރި ހަތިޔާރު ދައުލަތުގެ ބޭނުމަކަށް މެނުވީ ދިވެހިރާއްޖެއަށް ގެނައުމަކީ ކުށެއްކަމަށް ބަޔާންކުރުމަށްފަހު، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްޗެއް، ދިވެހިރާއްޖޭގައި ހުންނަ މީހެއްގެ އަތުން ފެންނަ ހިނދު، އެ އެއްޗެއް އެ މީހަކަށް ލިބުނުގޮތް ޘާބިތުކޮށް ނުދެވިއްޖެނަމަ ބެލޭނީ އެއީ އެ މީހަކު ދިވެހިރާއްޖެއަށް އެތެރެކޮށްގެން ގެންގުޅޭ ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިގެން ގެންގުޅޭ އެއްޗެއް ކަމުގައި ކަމަށް އެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އަދި ވަޒަނެއް ނުވަތަ މިސައިލެއް ފޮނުވާލެވޭ ފަދަ ހުރިހައި ބާވަތެއްގެ ހަތިޔާރާއި، ވަޒަނާއި ބަޑީގެ ކާޓްރިޖް އަކީ ހަނގުރާމަވެރި ހަތިޔާރުގެ މާނައިގައި ހިމެނޭ ތަކެތިކަމަށް އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމެވެ.
(އ) އަށްވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކޮށްފައިވާ ފިސްތޯލައާއި ވަޒަން އޭނާގެ ޙިޔާޒަތުގައި ބެހެއްޓިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ނުވަތަ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ 1 އާއި އެ ޤާނޫނުގެ 9 ވަނަ މާއްދާއަށް ޙަވާލާދީ އެ ދެ ޤާނޫނުގައި ބުނާ ކުށުގެ ދަޢުވާ އުފުލިކަމުގައިވީ ނަމަވެސް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ފިސްތޯލައާއި ވަޒަން އޭނާގެ ޙިޔާޒަތުގައި ގެންގުޅުނުކަމުގެ ވާޤިޢާ ޘާބިތުކުރަންވާނީ ބުނެވުނު ދެ ޤާނޫނުގައި ބުނެފައިވާ އެންމެހައި އިޖްރާއީ ޝަރްޠުތައް (due process) ފުރިހަމައަށް ތަޠްބީޤުކުރުމާއެކު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނެފައިވާ އުޞޫލުގެ މަތިން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ޘާބިތުވެގެންކަމާއި، މިގޮތުގެމަތިން ބަލާއިރު، ކްރިމިނަލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޙިޔާޒަތުގައި ބެހެއްޓިކަމަށް ތުހުމަތުކޮށްފައިވާ 2 ފިސްތޯލައާއި 3 ވަޒަން ކުށުގެ މަސްރަހުން ތަޙްޤީޤީ އިދާރާގެ އޮފިސަރުންނަށް ފެނިފައިނުވާކަމާއި، އަދި އެތަކެތި ތަޙްޤީޤުކުރާ އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައި ނުވާކަމާއި، އަދި އެ އެއްޗެއްސަކީ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ، މީހެއްގެ ޙިޔާޒަތުގައި ބެހެއްޓުން މަނާ، އަޞްލު ހަތިޔާރެއްތޯ ފަންނީ ގޮތުން ބަލައި އެކްސްޕާޓް ރިޕޯޓެއް އޭގެމައްޗަށް ތައްޔާރުކޮށް ހުށަހެޅިފައި ނުވާކަން އެނގެން އޮންނަކަމާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޙިޔާޒަތުގައި ފިސްތޯލައާއި ވަޒަން ހުއްޓައި ދުށްކަމަށް ޝަރީޢަތުގައި ހެކިބަސް ދީފައިވާ ހެކިންނަކީ ޤާނޫނުގައި މަނާކުރެވިފައިވާ ހަތިޔާރު ދެނެގަތުމުގެ ފަންނީ ތަޖްރިބާ އާއި ޤާބިލުކަން ލިބިފައިވާ ބަޔެއްކަން އެނގެން ނެތްއިރު، އެ ހެކިންގެ ހެކިބަހުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގެންގުޅުނުކަމަށް ބުނާ ފިސްތޯލާއި ވަޒަނަކީ ޤާނޫނީގޮތުން ގެންގުޅުން މަނާ، އަސްލު ފިސްތޯލާއި ވަޒަންކަމެއް، އަދި އެއީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 710 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގައި ބުނާފަދަ ހަތިޔާރެއްކަން ޘާބިތުކުރެވިފައި ނުވާކަމަށް ޚުދު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންވެސް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޤުރާރުވެފައިވާކަމާއި، މީގެ އިތުރުން، މި މައްސަލައިގެ ތަޙްޤީޤު ރިޕޯޓަށް ބަލާއިރު މި މައްސަލައަކީ 01 ނޮވެންބަރު 2015 ވަނަ ދުވަހު ޢާންމު ފަރާތަކުން ހުށަހެޅުމުން ބެލި މައްސަލައެއްކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވީނަމަވެސް، މައްސަލައާއެކު ހުށައަޅާފައިވާ ނަންބަރު KA/SCOR/2015/442 "ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓު" ގައި، އެ ރިޕޯޓު ތައްޔާރުކުރި ތާރީޚަކަށް އޮތީ 25 އޮކްޓޫބަރު 2015 ވަނަ ދުވަސްކަމަށް ވުމުން، އެ ރިޕޯޓަކީ ބޮޑުވެގެންވާ ފުށުއެރުންތަކެއް އެކުލެވިގެންވާ އަދި އޭގެ މިޞްދާޤިއްޔަތާ މެދު ޝައްކު އުފެދޭ ރިޕޯޓެއްކަން އެނގެން އޮންނަ އޮތުމެވެ.
(ވ) ނުވަވަނަ ކަމަކީ، މި މައްސަލާގައި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރަމުން، މި މައްސަލައަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ހެކި ލިބިފައިވާ މައްސަލައެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ނުފެންނަ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން، ކްރިމިނަލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 713/Cr-C/2015 ޤަޟިއްޔާއާއި އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލުކުރަންޖެހޭ ޙުކުމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދެކޭކަމަށް ސާފުބަހުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
އިސްވެ ބަޔާންވެދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާގެ ޙުކުމާއި އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާގެ ޙުކުމާއި، ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާގެ ޙުކުމާއި، މި ދެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމްތަކެއްކަމަށް ނުވާތީ،ކްރިމިނަލް ކޯޓުގެ ނަންބަރު 713/Cr-C/2015 ޤަޟިއްޔާގެ ޙުކުމާއި، ހައިކޯޓުގެ ނަންބަރު2016/HC-A/294 ޤަޟިއްޔާގެ ޙުކުމާއި މި ދެ ޙުކުމަކީ ބާޠިލު ޙުކުމްތަކެއްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.