ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 61 · 2019/SC-A/71ސުޕްރީމް ކޯޓު · 17 ޖޫން 2021

މިނިސްޓްރީ އޮފް ޓޫރިޒަމް ވ. ބުލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 17 ޖޫން 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/71

ޝަރީޢަތް ނިމުނުގޮތް

ދިވެހި ދައުލަތް ވ. ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު

17 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/359

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް)

ބަދަލުގައި: ޢަބްދުﷲ މުޢިއްޒު، ޕްރެކްސިސް ލޯ ފަރމް ޤާނޫނީ ވަކީލު: ސްޓޭޓް އެޓަރނީ އަލްއުސްތާޛު ސާދިޙު ނަޞީރު

މަދަނީ – ނޯޓިސް ފޮނުވުން – ކޮންސްޓްރަކްޓިވް ނޯޓިސް – އެކްޗުއަލް ނޯޓިސް

ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/359 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) (މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/71 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-13/83) (މީގެ ފަހުން "ބްލޫލެގޫން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

އއ. މަޑޫގަލި އެވެކިޔުނު ރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ބްލޫލެގޫން އާ ދެމެދު 1995 ވަނަ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުގައި ލީސް އެގްރީމެންޓް ("ލީސް އެގްރީމެންޓް") ގައި ސޮއިކުރެވުނެވެ. ލީސް އެގްރީމެންޓުގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ފޮނުވަންޖެހޭ ނޯޓިސް ފޮނުވާނެ އެޑްރެހެއް ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ދައުލަތަށް ފޮނުވަންޖެހޭ ލިޔެކިއުން ފޮނުވަންޖެހެނީ މިނިސްޓްރީ އޮފް ޓޫރިޒަމަށް ކަމަށް ބަޔާންކޮށްފައިވާއިރު ބްލޫލެގޫނަށް ފޮނުވަންޖެހޭ އެޑްރެހެއްކަމަށް ބަޔާންކޮށްފައިވަނީ ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، އެވެ.

އއ. މަޑޫގަލިގައި ބްލޫލެގޫންއިން ހިންގާ ރިސޯޓު ("މަޑޫގަލި ރިސޯޓް") ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރި އިންސްޕެކްޝަނެއްގެ ތެރެއިން އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އެ ރިސޯޓުގެ ފެންވަރު ދަށްކަމަށް ފާހަގަކުރެވި، މި ކަންކަމުގެ ތެރޭގައި ރިސޯޓުގެ ސަލާމަތީ ކަންކަމާއި، ސާފުތާހިރު މިންގަނޑާއި އަދި ޖެނެރަލް މެއިންޓެނަންސް ކަންކަން ކަނޑައެޅިފައިވާ މިންގަނޑުތަކާ ޚިލާފުވެފައިވާތީވެ، އެ ކަންކަން ރަނގަޅު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން 2013 ވަނަ އަހަރުގެ މޭ 12 ވަނަ ދުވަހުގައި މަޑޫގަލި ރިސޯޓުގެ ޖެނެރަލް މެނޭޖަރއަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވިއެވެ. ނަމަވެސް މި ސިޓީ އެ ރިސޯޓަށް ފޮނުވާފައިވާތީވެ އެ ސިޓީގައި ބަޔާންކުރާ ނޯޓިސް ބްލޫލެގޫނަށް ރައްދުކުރެވިފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ.

އިސްވެ ދެންނެވުނު ސިޓީގައި ބުނެފައިވާ ކަންތައްތައް ރަނގަޅުކުރުމަށް އަންގާފައިވީނަމަވެސް އެ ކަންކަން އެ ގޮތަށް ރަނގަޅުކޮށްފައިނުވާތީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން 1,000,000/-ރ. (އެއްމިލިއަން ރުފިޔާ) އިން ބްލޫލެގޫން ޖޫރިމަނާކޮށް 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ބްލޫލެގޫނަށް އެންގިއެވެ. އަދި 2013 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހުގައި މަޑޫގަލި ރިސޯޓުގެ ކަންކަން ރަނގަޅު ކުރުމަށް އެންގި ކަންތައްތައް 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަނގަޅު ކުރުމަށްފަހު މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އެންގުމަށާއި، އަދި އެ މުއްދަތުގެ ތެރޭގައި އެ ކަންކަން ރަނގަޅު ކޮށްފައިނުވާނަމަ، މަޑޫގަލި ރިސޯޓުގެ އޮޕަރޭޓިންގ ލައިސެންސް ހިފެހެއްޓޭނެކަން ބްލޫލެގޫންއަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން އަންގާފައިވާކަމަށް ބުނެފައިވެއެވެ.

މި ރައުޔުގެ ޕެރެގްރާފް 4 ގައިވާ ފަދައިން ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ނޯޓިސްގައި ދީފައިވާ 14 (ސާދަ) ދުވަހުގެ މުއްދަތު ފާއިތުވީއިރު ޖޫރިމަނާ ފައިސާ ދައްކާފައިނުވާތީ، 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބްލޫލެގޫންއަށް އިތުރު 07 (ހަތެއް) ދުވަހުގެ މުއްދަތެއް ފައިސާ ދެއްކުމަށް ދީފައި އޮތްކަމަށް އެ ނޯޓިހުގައި އޮވެއެވެ.

އިސްވެ ބުނެވުނު 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބްލޫލެގޫން ޖޫރިމަނާކޮށްފައިވާ ކަމަށް ބަޔާންކުރާ ސިޓީއަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންވެފައިވާ ހަމަހަމަކަމާއި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި ޢަދުލުވެރިވުމުގެ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމަކަށްވާތީ، އިސްވެ ދެންނެވުނު ސިޓީގައިވާ ނިންމުމަކީ ބާޠިލު ނިންމުމެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ބްލޫލެގޫންގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ދައުލަތާ އެއްކޮޅަށެވެ. ސިވިލް ކޯޓުގެ ނިންމުން ބްލޫލެގޫންއިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައިވަނީ ދައުލަތާ ދެކޮޅަށެވެ.

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައިގެ ނިޔާއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

ބްލޫލެގޫންގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައި ޙުކުމް ކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 1608/Cv-C/2014 ޤަޟިއްޔާއިންނެވެ. މި މައްސަލައިގެ ޚުލާސާއަށް ބަލާއިރު، ބްލޫލެގޫންއިން ހިންގާ މަޑޫގަލި ރިސޯޓުގެ ފެންވަރު ދަށްކަމަށް ފާހަގަކުރެވިގެން އެ ކަންކަން ރަނގަޅު ކުރުމަށް 2013 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބްލޫލެގޫނަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތައް ރަނގަޅުކޮށްފައި ނުވާކަމަށް ބުނެ، 1,000,000/-ރ. (އެއްމިލިއަން ރުފިޔާ) އިން ބްލޫލެގޫން ޖޫރިމަނާކޮށް އެ ފައިސާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ ރިސޯޓު ހިންގުމުގެ ހުއްދަ ހިފެހެއްޓޭނެކަމަށް އަންގައި، 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި 43 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، އެ ސިޓީގައިވާ ނިންމުމަކީ ބާޠިލް ނިންމުމެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދޭ ކަމުގައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ ބްލޫލެގޫންއިން ހިންގަމުންދާ މަޑޫގަލި ރިސޯޓުގެ ފެންވަރު މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ދަށްވެފައިވާތީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 45 ވަނަ މާއްދާއާއި 46 ވަނަ މާއްދާގެ ދަށުން 1,000,000/-ރ. (އެއްމިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ އެ މިނިސްޓްރީއަށް ދެއްކުމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކަނޑައަޅާފައިވާ މިންގަނޑަށް އެ ރިސޯޓުގެ ކަންތައްތައް ރަނގަޅު ކުރަންދެން މަޑޫގަލި ރިސޯޓުގެ އޮޕަރޭޓިންގ ލައިސަންސް ހިފެހެއްޓޭނެ ކަމުގައި ބްލޫލެގޫންއަށް އަންގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުގައި ފޮނުވާފައިވާ ސިޓީއަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާއި ޚިލާފުވާގޮތަށް ނިންމާފައިވާ ނިންމުމެއްގެ މައްޗަށް ފޮނުވާފައިވާ ސިޓީއެއްކަން ސާބިތު ނުވާތީ، އެ ސިޓީއާއި އެ ސިޓީގައިވާ ކަންކަން ބާޠިލުކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ނިންމުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކޮށްފައިވެއެވެ.

ބްލޫލެގޫންގެ ފަރާތުން ސިވިލް ކޯޓުގައި ޝަކުވާ އުފުލާފައިވާ ރިސޯޓުގެ ކަންކަން ރަނގަޅު ކުރުމަށް ފޮނުވާފައިވާ ނޯޓިސް އެ ކުންފުންޏަށް ނުލިބޭކަމަށް ބުނެފައިވާތީވެ، އެ ކުންފުނީގެ ބެލުމުގެ ދަށުން ހިންގާ ތަނެއްގައި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ފެންވަރު ދަށްވެފައިވާކަން ފާހަގަކޮށް އެ ތަނަކަށް ސީދާ އެ ކަން ރަނގަޅުކުރުމަށް އެންގުމުން އެ އެންގުމަކީ އެ ތަނެއް ހިންގާ ބަލަހައްޓާ ފަރާތަކަށް އެ ކަމެއް އެންގުނީ ކަމުގައި ބެލެވޭ ހަމައިން، ބްލޫލެގޫންއިން ހިންގަމުން ގެންދާ މަޑޫގަލި ރިސޯޓުގެ ފެންވަރު ދަށްވެ ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ފާހަގަކޮށް އެ ކަންތައްތައް ރަނގަޅުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން 2013 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހުގެ ސިޓީން މަޑޫގަލި ރިސޯޓަށް އެންގުމުން، އެ އެންގުން މަޑޫގަލި ރިސޯޓު ހިންގަމުންގެންދާ ބްލޫލެގޫންއަށް އެ ކަން އެންގިފައިވަނީ ކަމަށް ބެލެވޭނެ ކަމަށްވާތީ، އެ ސިޓީ ނުލިބޭކަމުގައި ބްލޫލެގޫންގެ ފަރާތުން ބުނާ ބުނުން ރަނގަޅުކަމުގައި ބެލެން ނެތްކަން.

މަޑޫގަލި ރިސޯޓުގެ ފެންވަރު ދަށްވެގެން ޖޫރިމަނާ ކުރަންޖެހުނީ، ޖޫރިމަނާ ކުރުމުގެ ކުރިން އަންގާފައިވާ އެންގުމުގައިވާ ފަދައިން ޢަމަލުނުކުރުމުންކަމާއި ދޭ ޚިދުމަތުގެ ފެންވަރު މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކަނޑައަޅާ މިންގަނޑަށްވުރެ ދަށްވެއްޖެނަމަ އެ ތަނެއް 1,000,000/-ރ. (އެއްމިލިއަން ރުފިޔާ) އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް މަޑޫގަލި ރިސޯޓުގެ އޮޕަރޭޓިންގ ލައިސަންސް ހިފެހެއްޓޭނެ ކަމުގައި ބަޔާންކޮށް އަންގާފައިވާ އެންގުމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން އެ މިނިސްޓްރީއަށް ލިބިގެންވާ ޤާނޫނީ އިޚްތިޔާރީ ބާރެއްކަން.

ބަޔާންވެދިޔަ ގޮތަށް ސިވިލް ކޯޓުން މި މައްސަލަ ނިންމުމާގުޅިގެން ބްލޫލެގޫންއިން ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

ބްލޫލެގޫންގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1608/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/359 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ބްލޫލެގޫންގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރުމަށް 20 (ދޭއް) ނުކުތާއެއް ހުށަހެޅިއެވެ.

ފުރަތަމަ ނުކުތާއަކީ، މަޑޫގަލި ރިސޯޓު ކުއްޔަށް ދިނުމާ ގުޅޭގޮތުން ބްލޫލެގޫން އާއި ދައުލަތާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓުގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ފޮނުވަންޖެހޭ ނޯޓިސް ފޮނުވަންޖެހޭ އެޑްރެސް ބަޔާންވެފައި އޮވެމެ، ދައުލަތުގެ ފަރާތުން ފޮނުވާފައިވާ އެއްވެސް ނޯޓިސްއެއް އެއްބަސްވުމުގައި ބަޔާންވެފައިވާ އެޑްރެހަށް ފޮނުވާފައިނުވާކަމަށް ދައުލަތުގެ ބަހުންވެސް ސާބިތުވާއިރު، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ އުޞޫލަށް ރިޢާޔަތްކޮށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގެ ދަށުން ދައުލަތުން އަޅާ އިދާރީ ފިޔަވަޅަކަށް ތަންފީޒީ ބާރު ދިނުމުގައި ބަލަންޖެހޭ ހަމަތަކާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދެވަނަ ނުކުތާއަކީ، ބްލޫލެގޫންއަށް ދޫކޮށްފައިވާ މަޑޫގަލި ރިސޯޓުގެ ފެންވަރު ދަށްވެގެން ދައުލަތުގެ ފަރާތުން ފޮނުވިކަމަށް ބުނާ ނޯޓިސްތައް ފޮނުވިއިރު، މަޑޫގަލި ރިސޯޓަކީ ބްލޫލެގޫންގެ ބެލުމުގެ ދަށުން ހިންގަމުން އައިތަނެއް ނޫންކަމާއި، އޭރު އެ ތަނަކީ ދައުލަތުގެ ފަރާތުން އައްޔަންކޮށްފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން ހިންގަމުން އައި ތަނެއް ކަމުގައިވާއިރު، އަދި މިއީ ރަނގަޅުކުރަން އެންގިކަމަށް ބުނާ ކަންތައްތައް ރަނގަޅުކުރުމަށްވެސް އަދި ޖަވާބުދާރީވުމަށްވެސް ބްލޫލެގޫންއަށް ފުރުޞަތު ލިބިފައިނުވާ ޙާލަތެއްކަމުން އެ ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ ތަނެއް ހުންނަންވީ މިންގަނޑަށްވުރެ ދަށްވެގެން އެ ކަންތައްތައް ރަނގަޅުކުރުމަށް އެ ތަނަކަށް އެންގުމުން، އެ ފަރާތަށް އެ ކަން އެންގުނީކަމަށް ކަނޑައަޅާފައިވަނީ ޕްރިންސިޕަލް އޮފް ނެޗުރަލް ޖަސްޓިސްގެ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ބާތިލުކޮށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ފާހަގަކުރި ކަންތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން 2013 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހުގައި މަޑޫގަލި ރިސޯޓަށް ސިޓީއެއް ފޮނުވާފައިވާކަން އެނގޭކަމަށާއި، ނަމަވެސް ބަޔާންވެދިޔަ ސިޓީ ބްލޫލެގޫން އާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ބްލޫލެގޫންއަށް ލިބިފައިނުވާކަމަށް އެ ކުންފުނީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކުން އެނގެން އޮންނަކަން.

ބްލޫލެގޫން އާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގައި މަޑޫގަލި ރިސޯޓާއި ގުޅިގެން އެއްފަރާތުން އަނެއްފަރާތަށް ފޮނުވަންޖެހޭ ނޯޓިސް ފޮނުވަންޖެހޭ ވަކި އެޑްރެހެއް ބަޔާންކޮށްފައިވާކަމާއި، މި ނޫން އެޑްރެހަކަށް ނޯޓިސް ފޮނުވުމާމެދު ދެފަރާތުން އެއްބަސްވެފައި ނުވާކަން އެނގޭކަން.

މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ބްލޫލެގޫންއާ ދެމެދު މަޑޫގަލި ރިސޯޓާއި އަދި އެއްފަރާތުން އަނެއް ފަރާތަށް ނޯޓިސް ދިނުމުގައި ޢަމަލުކުރުމަށް އެއްބަސްވެފައިވާ އުޞޫލު ނުވަތަ ގަވާއިދަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ލީސް އެގްރީމެންޓް ކަމުގައިވާއިރު، ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގައި ވަކި އެޑްރެހެއް ބަޔާންކޮށްފައި ވަނިކޮށް، ދައުލަތުގެ ފަރާތުން 2013 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހު ރިސޯޓަށް ސިޓީ ފޮނުވާފައިވަނީ އެއްބަސްވުމުގެ ދަށުން އިޖުރާއީގޮތުން ތަބާވުން ލާޒިމްކޮށްފައިވާ ކަމަކަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ތަބާވުމެއްނެތި، ދީފައިވާ ނޯޓިސްއެއް ކަމުގައިވާއިރު މިފަދަ ނޯޓިސްއަކަށް ޢަމަލުނުކޮށްގެން ކަމުގައި ބުނެ ބްލޫލެގޫން ޖޫރިމަނާކޮށް މަޑޫގަލި ރިސޯޓުގެ ލައިސަންސް ހިފެހެއްޓުމަކީ ޞައްޙަ ނިންމުމެއްކަމުގައި ކަނޑައަޅައި ޙުކުމް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ކަމުގައިކަން ބަޔާންކޮށްފައިވުން.

މަޑޫގަލި ރިސޯޓަށް ނޯޓިސް ފޮނުވިއިރު ބްލޫލެގޫންގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިގެން އެ ރިސޯޓުގެ އެއް ހިއްސާދާރުކަމުގައިވާ ޙުސައިން ޝަރީފާ ދައުލަތުން ވަގުތީގޮތުން އެ ރިސޯޓު ޙަވާލުކުރެވިގެން ހިންގަމުން އައިކަން މިނިސްޓްރީ އޮފް ޓޫރިޒަމްގެ 2013 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީން އެނގެން އޮންނައިރު، ޙުސައިން ޝަރީފްގެ ފަރާތުން މަޑޫގަލި ރިސޯޓް ހިންގުމާއި ޙަވާލުވި ފަހުން، އެ ރިސޯޓުގެ މާލެ އޮފީހާއި އޮންނަންޖެހޭ ގުޅުންތައް ކެނޑި، ރިސޯޓުގެ ކަންކަމުގައި ކުންފުނީގެ ފަރާތުން ބަލަހައްޓަންޖެހޭ ކަންކަން ބެލެހެއްޓުމަށް ހުރަސްތަކެއް އެޅި، ބްލޫލެގޫން އަތުން ވީއްލިފައިވާކަން ސާފުކޮށް އެނގެން އޮންނަކަން ދޭހަވާކަމާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ 2013 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހުގެ ސިޓީން އެންގި އެންގުން އެ ރިސޯޓަށް ލިބުނު ކަމުގައިވީނަމަވެސް، އެ މުއްދަތުގައި އެ ރިސޯޓުގެ ހިންގުމުގެ އެއްވެސް ކަމެއް ބްލޫލެގޫނަށް އެނގިފައިނުވާކަމަށް ބަލަންޖެހޭނެކަން.

ބަޔާންވެދިޔަ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރުމާ ވިދިގެން ދައުލަތުން އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވަނީ މައިގަނޑު އެންމެ ސަބަބެކެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/359 ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާގެ 3.4 ވަނަ ނަންބަރުގައި 2013 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހު ދައުލަތުން ބްލޫލެގޫނަށް ފޮނުވާފައިވާ ސިޓީ ބްލޫލެގޫނަށް ލިބިފައިނުވާކަމަށް ކަނޑައަޅާފައިވަނީ، އެ ސިޓީން އަންގާފައިވާ ނޯޓިސް ބްލޫލެގޫނަށް ލިބިފައިވާކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭނެކަމަށް ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާ ތަކަށާއި، ކޮމަންލޯގެ މަބުދައެއްކަމުގައިވާ ކޮންސްޓްރަކްޓިވް ނޯޓިސްއަށް ރިޢާޔަތްކުރުމެއްނެތި ކަމުގައި ދައުލަތުން ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ބަޔާންވެދިޔަ ސަބަބުގެ މައްޗަށް ބިނާކޮށް ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާތިލުކޮށް ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް ދިނުމަށެވެ. ދައުލަތުން ފާހަގަކޮށްފައިވާ ގޮތުގައި، އިސްތިއުނާފު ރައްދުވާ ފަރާތަށް 2013 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހު ފޮނުވާފައިވާ ނޯޓިސްއަކީ 2013 ވަނަ އަހަރުގެ މޭ މަހުގެ 07 ވަނަ ދުވަހު ކުރި އިންސްޕެކްޝަނަކާ ގުޅިގެން ރަނގަޅު ކުރަންޖެހޭ ކަންކަން ބަޔާންކޮށް ފޮނުވި ނޯޓިސްއެއް ކަމާއި، އެ ނޯޓިސް އެ ރިސޯޓަށް ލިބިފައިވާކަން އެނގޭކަމާއި، ނޯޓިސް ދިނުމާ ގުޅޭގޮތުން އޮންނަ މާއްދާ ކަމުގައިވާ ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގެ މަޤުސަދަށް ބެލުމުން ނޯޓިސްގައިވާ އެއްޗެއް އެއްފަރާތުން އަނެއް ފަރާތަށް އެނގުންކަމުގައި ވާހިނދު، ބްލޫލެގޫނަށް ފޮނުވަންޖެހޭ ނޯޓިހެއް މަޑޫގަލި ރިސޯޓަށް ފޮނުވުމުން އެ ރިސޯޓުން އެ ނޯޓިސް ބަލައިގަނެ އެ ނޯޓިސްގައިވާ އެއްޗެއް އެނގިތިބެ ޢަމަލުނުކޮށް ތިބެވިދާނެކަމަށް ނުދެކޭކަމަށެވެ. އިތުރަށް ފާހަގަކޮށްފައިވަނީ، ބްލޫލެގޫންއިން ހިންގާ ރިސޯޓަކަށް އެ ނޯޓިސް ލިބުމުން ކޮންސްޓްރަކްޓިވް ނޯޓިސް އުސޫލުތަކާ އެއްގޮތަށް އެ ނޯޓިސް ލިބިފައިވާކަމަށް ބަލަންޖެހޭކަމާއި، އެ ނޯޓިސް ފޮނުވިކަމުގެ ނޮލެޖާއި މަޢުލޫމާތު އެ ކުންފުންޏަށް ވަނީ ލިބިފައިކަން އެނގެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތް، ބްލޫލެގޫންއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމާއި، ކޮންޓެރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން އެއްބަސްވުމުގެ އެއްބައިވެރިއަކު އަނެއް ބައިވެރިޔަކަށް ލުޔެއްނުދޭހާ ހިނދަކު އެއްބަސްވުމުގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވެގެންވަނީ އެއްބަސްވުމުގެ ޝަރުތުތަކުގެ މައްޗަށް ޢަމަލުކުރުމެވެ. މިގޮތުން ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގައި، ނޯޓިސް ފޮނުވަންޖެހޭ އެޑްރެހާއި އިޖުރާއާތުތައް ބަޔާންކޮށްފައިވާ ކަމާއި، މި ނޫން އެޑްރެހަކަށް ނޯޓިސް ފޮނުވަން އެއްބަސްވިކަން ސާބިތުނުވާ ކަމަށެވެ.

އިތުރަށް ބްލޫލެގޫންއިން ފާހަގަކޮށްފައިވަނީ، ދައުލަތުން ހަވާލާދީފައިވާ ކޮންސްޓްރަކްޓިވް ނޯޓިސްގެ އުޞޫލަކީ އެއްބަސްވުމެއްގައި ނޯޓިސް ބަދަލުކުރުމާ ގުޅޭގޮތުން އެއްބަސްވެފައިނުވާ ޙާލަތެއްގައި ޢަމަލުކުރެވިދާނެ މަބުދައެއްކަމާއި، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ދެފަރާތުން ވަކިގޮތަކަށް ނޯޓިސް ފޮނުވުމަށް އެއްބަސްވެފައިވަނިކޮށް، އެއާ ޚިލާފަށް ދައުލަތުން ޢަމަލުކޮށްފައިވަނީ ޤާނޫނީ ގޮތުން ޤަބޫލުކުރެވޭފަދަ އުޒުރެއް ދެއްކިފައި ނުވާހިނދު، ކޮންސްޓްރަކްޓިވް ނޯޓިސްގެ މަބުދައު މި މައްސަލައިގައި ތަޠުބީޤުކުރަން އެދިފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި "އަލްޢަޤުދު ޝަރީޢަތުލް މުތަޢާޤިދައިނިއިން" މި ޤާޢިދާއާ ޚިލާފަށްކަމަށް ދެކޭކަމަށެވެ.

ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާ

މި މައްސަލައިގައި ދައުރުވާ ޤާނޫނީ ސުވާލަކީ، ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފޮނުވަންޖެހޭ ނޯޓިހެއް ކޮންސްޓްރަކްޓިވް ނޯޓިސްގެ މަބުދަޢަށް ރިޢާޔަތްކޮށް ކުންފުނީގެ ދަށުން ހިންގަމުންދާ ރިސޯޓަށް ފޮނުވުމުން ފުދިދާނެތޯ މައްޗަށް ކަމުގައެވެ.

ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގައި ބުނެފައިވަނީ އަންނަނިވި ފަދައިންނެވެ.

Communications or requests required or permitted to be given or made under this Agreement shall be in writing. Communication by telex shall also be accepted. Such notice or request shall be delivered by hand, mail, telegram or cable to the party to which it is required or permitted to be given or made at its address hereinafter specified.

The addresses so specified are:

For the Lessor:

Ministry of Tourism

Boduthakurufaanu Magu

Male’

Republic of Maldives

For the Lessee:

Blue Lagoon Investment Pvt. Ltd,

H. Gaadhoo,

Boduthakurufaanu Magu,

Male, Republic of Maldives

ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގެ އިބާރާތަށް ބެލުމުން ނޯޓިސްއެއް ދެވޭހިނދު ލިޔުމުން އޮންނަންޖެހޭނެކަމަށް ބަޔާންކޮށްފައި ވާހިނދު، ނޯޓިސް ރައްދުކުރަންވީ ދެފަރާތުގެ އެޑްރެސް ވަނީ ބަޔާންކޮށްފައެވެ. އެއްބަސްވުމާ ގުޅިގެން ބްލޫލެގޫނަށް ފޮނުވާ ލިޔެކިއުން އެ ކުންފުނީގެ އެޑްރެސް ކަމުގައިވާ އަށް ފޮނުވަން އެއްބަސްވެފައިވާކަން އެނގެއެވެ.

އާންމު ގޮތެއްގައި ބަދަލުކުރެވޭ ނޯޓިސް ބައެއް ފަހަރު، އެކްޗުއަލް ނޯޓިސް ނުވަތަ ސީދާ ރައްދުވާ ފަރާތަށް އަތުން އަތަށް ދެވޭ ނޯޓިހެއް ގޮތުގައި އޮންނައިރު އެ ނޫން ޙާލަތުގައި ނުސީދާކޮށް ރައްދުވާ ފަރާތަށް އެ ނޯޓިހުގައިވާ އެއްޗެއް އެނގިފައިވާކަމަށް އިފްތިރާޟުކުރެވި ކޮންސްޓްރަކްޓިވް ނޯޓިސް ދެވޭކަން ވަނީ އިސްތިޤުރާރު ވެފައެވެ.

އެއްބަސްވުމެއްގައި ވަކިގޮތަކަށް ނޯޓިސް ދިނުމަށް އެއްބަސްވެފައިވާނަމަ އެއީ އެކްޗުއަލް ނޯޓިހެކެވެ. އެއްބަސްވެފައިވާ ގޮތަށް ރައްދުވާ ފަރާތަށް އަތުން އަތަށް ލިބެންޖެހޭނެ ނޯޓިހެކެވެ. އެކްޗުއަލް ނޯޓިހަކަށް ދެފަރާތުން އެއްބަސްވެފައި ވަނިކޮށް މަޤުބޫލު އުޒުރެއްނެތި ކޮންސްޓްރަކްޓިވް ނޯޓިހަކަށް ޢަމަލުކުރެވިދާނެ ކަމަކަށް ނުދެކެމެވެ.

އެއްބަސްވުމެއްގައި، ވަކި އެޑްރެހަކަށް ނޯޓިސް ފޮނުވަން އެއްބަސްވެފައިވަނިކޮށް ކޮންސްޓްރަކްޓިވް ނޯޓިސްގެ އުސޫލަށް ރިޢާޔަތްކުރެވި އެ ނޯޓިހުގައިވާ އެއްޗެއް ރައްދުވާ ފަރާތަށް އެނގުނުކަމުގައި ވިޔަސް އެއީ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދެވުނު ނޯޓިހަކަށް ނުބެލުމުގެ ފުރުސަތު އޮންނާނެއެވެ.

ދިވެހިރާއްޖޭގައި، އެކިއެކި ލިޔެކިއުން ޙަވާލުކުރުމާ ގުޅޭގޮތުން ޢަމަލުކުރަމުންދާ ގޮތް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. މިގޮތުން އެ މާއްދާގައިވާ ގޮތުގެމަތިން، މީހަކަށް އެއްޗެއް ފޮނުވުން ނުވަތަ ރައްދުވީކަމަށް ބެލެވޭނީ، އެއްބަސްވުމެއްގައި ވަކިގޮތަކަށް ބުނެފައިވާނަމަ، އެއްބަސްވުމުގައި ބުނެފައިވާ އެޑްރެހަކަށް ފޮނުވީކަމުގައި ބަޔާންކޮށްފައިވާތީވެ އެ ނޫންތަނަކަށް ފޮނުވާ ނޯޓިހަކީ ސައްޙަ ނޯޓިހަކަށް ނުބެލޭނެއެވެ.

އުޞޫލުތައް ތަޠުބީޤުކުރުން

ބަޔާންވެދިޔަ ހަމަތަކުގެ އަލީގައި، 2013 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހު ދައުލަތުން މަޑޫގަލި ރިސޯޓަށް ފޮނުވާފައިވާ ނޯޓިހަކީ ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގައި ނޯޓިސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތިން ދައުލަތުން ފޮނުވާފައިވާ ނޯޓިހެއްތޯ ބަލާއިރު އަންނަނިވި ކަންކަން ވިދިގެން އަންނަ ފޮޅުވަތްތަކުގައި ފާހަގަކުރަމެވެ.

ދައުލަތުން ބުނެފައިވަނީ ކޮންސްޓްރަކްޓިވް ނޯޓިސްގެ މަބުދައަށް ރިޢާޔަތްކޮށް ބްލޫލެގޫނަށް އިސްވެ ބުނެވުނު ނޯޓިސް ލިބިފައިވާކަމަށް ނިންމައިދިނުމަށެވެ. ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގައިވާ އިބާރާތަށް ބެލުމުން އެ މާއްދާއަކީ އެއީ އިލްޒާމީ މާއްދާ އެއްކަން އެނގެއެވެ. އެއްވެސް ޙާލެއްގައި ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، އެ މާއްދާގެ މަޤުސަދަށްބަލައި، ލިޔެކިއުން ކޮންމެ ގޮތަކަށް ބަދަލު ކުރެވިދާނެ އިޚްތިޔާރީ މާއްދާއެއް ނޫނެވެ. ދައުލަތް ވ. ވިލާ އެއާރ ޕވޓ ލޓޑ މި ޤަޟިއްޔާގައި، ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކޮށްފައިވާ ފަދައިން، ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަކޮށްފިކަމަށް ވާނީ ކޮންޓްރެކްޓުގައި ބުނެފައިވާގޮތަށް އެ ކަން ތުނޑުން ތުނޑަށް ކުރުމުންނެވެ.

އެހެންކަމުން، ބްލޫލެގޫނަށް ފޮނުވާ ނޯޓިހަކީ އެއީ އެކްޗުއަލް ނޯޓިހެއްކަމާއި ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގެ ދަށުން ފޮނުވާ ނޯޓިހެއް ފޮނުވަން ޖެހޭނީ އެއްބަސްވެފައިވާ ފަދައިން ސީދާ ކުންފުނީގެ އެޑްރެހަށެވެ. މިއާ ޚިލާފަށް އެ ކުންފުނީގެ ދަށުން ހިނގާ މަޑޫގަލި ރިސޯޓަށް ދައުލަތުން ނޯޓިސް ފޮނުވައި، ކޮންސްޓްރަކްޓިވް ނޯޓިސްގެ ހަމަތަކަށް ބަލައި އެ ނޯޓިހުގައިވާ އެއްޗެއް ބްލޫލެގޫނަށް އެނގުނުކަމުގައި ވިޔަސް އެއީ ލީސް އެގްރީމެންޓުގެ 49 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދެވުނު ނޯޓިހެއްކަމަށް ބެލުމުގެ ފުރުސަތު އޮތްކަމަކަށް ނުދެކެމެވެ.

ޓޫރިޒަމާ ގުޅޭކަންކަން ރެގިއުލޭޓުކުރަނީ މިނިސްޓްރީ އޮފް ޓޫރިޒަމުންނެވެ. އަހުރެންވެސް ދެކޭގޮތުގައި، ރެގިއުލޭޓުކުރާ ފަރާތުގެ ހައިސިއްޔަތުން އިންސްޕެކްޓް ކުރުމަށްފަހު، އަންގަންޖެހޭ ކޮންމެ އެންގުމަކީ ހުރިހާ ޙާލަތެއްގައި އެކްޗުއަލް ނޯޓިހަކުން އެންގިދާނެ އެއްޗަކަށް ނުވެދާނެއެވެ. ފަހަރުގައި ކޮންސްޓްރަކްޓިވް ނޯޓިހެއް ދޭންޖެހޭފަދަ ޙާލަތެއްވެސް ދިމާވެދާނެއެވެ. މިސާލަކަށް، ދައުލަތުން އަހުރެންގެ ކުރިމައްޗަށް އައީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ރެގިއުލޭޓުކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ގެސްޓްހައުސްތަކާއި ޑައިވްސެންޓަރުތަކާއި އަދި ޓޫރިސްޓް އުޅަނދުފަދަ ތަނެއް އިންސްޕެކްޓް ކުރުމަށްފަހު އެ އިންތަނެއް ހިންގާ ކުންފުންޏަކަށް ފޮނުވަންޖެހޭ ނޯޓިހެއް ގެސްޓުހައުސްއަށް ނުވަތަ ޑައިވްސެންޓަރަކަށް ފޮނުވައިގެން އުދެފުނު ޚުސޫމަތެއްނަމަ، ކޮންސްޓަރަކްޓިވް ނޯޓިސްގެ މަބުދައަށް ރިޢާޔަތްކޮށް އެ ނޯޓިސްއަކީ ސައްޙަ ނޯޓިހެކޭ ބުނަން ފަސް ނުޖެހޭނަމެވެ. ސަބަބަކީ، މިނިސްޓްރީ އޮފް ޓޫރިޒަމާއި އެ ފަރާތްތަކާ އޮންނަ ގުޅުމަކީ ރެގިއުލޭޓުކުރާ ފަރާތުގެ ހައިސިއްޔަތުން އޮންނަ ގުޅުމެއް އެކަނި ކަމުގައިވާތީއެވެ. ނަމަވެސް، ހުށަހެޅިފައިވާ މި މައްސަލައިގައި، މިނިސްޓްރީ އޮފް ޓޫރިޒަމަކީ ރެގިއުލޭޓްކުރާ ފަރާތުގެ އިތުރުން މަޑޫގަލި ކުއްޔަށް ދިން ފަރާތެވެ. ލީސް އެގްރީމެންޓުގައި، އިންސްޕެކްޓް ކުރެވޭނެކަމަށް ބަޔާންކޮށްފައި އޮންނަ ހިނދު، ހަމަ އެ އެގްރީމެންޓުގައި އިންސްޕެކްޓް ކުރުމަށްފަހު، ނޯޓިހެއް ފޮނުވަންޖެހޭނަމަ އެ ފަދަ ނޯޓިހެއް ދޭންޖެހޭ ގޮތްވެސް ދުރާލާ އެއްބަސްވެފައިވެފައިވާތީވެ އެ ނޫންގޮތަކަށް ދެވޭ ނޯޓިހަކީ ލީސް އެގްރީމެންޓުގެ ދަށުން ދެވޭ ނޯޓިހަކަށް ނުވާނެއެވެ.

ބަޔާންވެދިޔަ ކަންކަމުގެ އިތުރުން، ދިވެހިރާއްޖޭގައި ޢަމަލުކުރާ އާންމު އުސޫލުތަކަށްބަލައި ހިނދުވެސް މީހަކަށް އެއްޗެއް ފޮނުވުމުން ރައްދުވީކަމަށް ބެލެވޭނީ، އެއްބަސްވުމެއްގައި ވަކިގޮތަކަށް ބުނެފައިވާނަމަ، އެއްބަސްވުމުގައި ބުނެފައިވާ އެޑްރެހަކަށް ފޮނުވުމުން ކަމަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީވެ، 2013 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހު ދައުލަތުން މަޑޫގަލި ރިސޯޓަށް ފޮނުވާފައިވާ ނޯޓިހަކީ ލީސް އެގްރީމެންޓުގައިވާ ގޮތަށް ދެވިފައިވާ ނޯޓިހެއްކަމަށް ބުނުމުގެ ފުރުސަތު ހަނިއެވެ. އަދި ހަމަ އެހެންމެ ލީސް އެގްރީމެންޓުގައި ކަނޑައަޅާފައިވާ އެޑްރެހަށް ނޯޓިސް ރައްދުކުރުމަށްޓަކައި ދައުލަތުން ކޮށްފައިވާ މަސައްކަތެއް އެނގެން ނެތްހިނދު، އަދި މިފަދަ ގޮތަކަށް ނޯޓިހެއް ރައްދުކުރުމަށް އުޅެ ބްލޫލެގޫންއިން ޙަވާލުނުވިކަންވެސް ސާފު ނުވާހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ފަދައިން، ދައުލަތުން މަޑޫގަލި ރިސޯޓަށް އެ ނޯޓިސް ފޮނުވިއިރު އެ ދުވަސްވަރު އެ ރަށް ވަގުތީގޮތުން ހިންގުން ދައުލަތުން ބްލޫލެގޫން ފިޔަވައި އެހެން ފަރާތަކާ ޙަވާލުކޮށްފައިއޮވެ، ބްލޫލެގޫނާ ސީދާ މުޢާމަލާތް ކުރުމުގެ ބަދަލުގައި އެ ރަށަށް އެ ނޯޓިސްފޮނުވާއިރު، އެ ކުންފުންޏަށް އެ ނޯޓިސްގައިވާ އެއްޗެއް ނޭނގިދާނެކަމުގެ އިޙްތިމާލު އޮތްކަން ދައުލަތަށް ފަހުމުވާނެކަން އެނގޭހިނދު، ދައުލަތުން ކޮންސްޓްރަކްޓިވް ނޯޓިސްގެ މަބުދައު ތަޠުބީޤުކޮށްދިނުމަށް އެދިފައިވަނީ އެ ފަދަ މަބުދައެއް ތަޠުބީޤުކުރެވިދާނެ މަޙައްލެއްގައި ނޫންކަމަށް ދެކެމެވެ.

އެހެންކަމުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2016/HC-A/359 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/359 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/359 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/359 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ