ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ވ. އަޙްމަދު ރަޝީދު އަދި ޢަލީ އަޙްމަދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓަށް 07 އޮކްޓޫބަރު 2018 ގައި އަޙްމަދު ރަޝީދު (4061/Cv-C/2018) އާއި 15 އޮކްޓޫބަރު 2018 ގައި ޢަލީ އަޙްމަދު (4232/Cv-C/2018)، ޕީ.ޕީ.އެމްގެ މައްޗަށް ދަޢުވާ ހުށަހެޅިއެވެ. އެ ދެ ދަޢުވާ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް، ޕީ.ޕީ.އެމްއިން ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ހުށަހެޅިއެވެ.
- ވާޤިޢާ
- ދެ ދަޢުވާގައި މައިގަނޑު ގޮތެއްގައި އެދުނީ 2013 ގެ ޤައުމީ ޖަލްސާއިން ރައީސްކަމަށް އިންތިޚާބުވި މައުމޫން ޢަބްދުލްޤައްޔޫމަކީ މިހާރުވެސް ޕާޓީގެ ރައީސްކަމަށް ކަނޑައަޅައި ޕާޓީ ހިންގުން އޭނާއާ ޙަވާލުކުރުމަށެވެ. ސިވިލް ކޯޓުގެ 1586/Cv-C/2016 ޙުކުމުން ޕާޓީ ހިންގުން މުސްތަޝާރާ ޙަވާލުކޮށް، ހައިކޯޓުން (2016/HC-A/464) އެ ޙުކުމް ޤާއިމްކޮށް، ސުޕްރީމް ކޯޓުން (2016/SC-L-J/48) ހުއްދަ ނުދީފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓު، ހައިކޯޓު އަދި ސުޕްރީމް ކޯޓުން ޤަޟާއީ ޙައްލު ދީފައިވާ ސިޔާސީ ޕާޓީއެއްގެ ހިންގުމާބެހޭ ކަންކަން އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅޭ ދަޢުވާއަކީ އެ ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ދަޢުވާއެއްތޯ، އަދި އެފަދަ ދަޢުވާއެއްގެ ދަޢުވާ ފޯމް ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ބާޠިލުކުރެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕީ.ޕީ.އެމްއިން ބުނީ ޕާޓީ ހިންގުމާބެހޭ ކަމަކީ ސުޕްރީމް ކޯޓުން ނިހާއީ ގޮތެއް ކަނޑައަޅާފައިވާ ކަމެއްކަމުން ސިވިލް ކޯޓަށް އެ ދަޢުވާތައް ނުބެލޭނެ ކަމަށާއި، 1586/Cv-C/2016 ގެ ޙުކުމް 2016/HC-A/464 އާއި 2016/SC-L-J/48 ން ޤާއިމްކޮށްފައިވާ ކަމަށާއި، ހަމަ އެ މައުޟޫޢުގައި މައުމޫން ޢަބްދުލްޤައްޔޫމް ހުށަހެޅި ދަޢުވާގެ ފޯމް 2561/Cv-C/2016 ގައި ބާޠިލުކޮށްފައިވާ ކަމަށެވެ. ތަދައްޚުލުވި މައުމޫން ޢަބްދުލްޤައްޔޫމްގެ ވަކީލު އަޑުއެހުމުގައި ބަޔާން ދިނެވެ.
- ކޯޓުގެ ސަބަބުތައް
- ދެ ދަޢުވާގެ ޢިބާރާތް ތަފާތުވިޔަސް، މައިގަނޑު ގޮތެއްގައި އެދެނީ 1586/Cv-C/2016، 2016/HC-A/464، 2016/SC-L-J/48، 2018/HC-SP/01 އަދި 2019/SC-A/01 ން ޤަޟާއީ ޙައްލު ދީފައިވާ ކަންކަން އަލުން ބަލައި ގޮތެއް ކަނޑައެޅުމަށެވެ. މައުމޫން ޢަބްދުލްޤައްޔޫމް 2017 ގައި ޕާޓީން ވަކިކޮށް، ރަޖިސްޓަރީން ނަން އުނިކޮށްފައިވާއިރު އަލުން ޕާޓީއަށް ވަދެފައިވާކަން ނޭނގެއެވެ. މަތީ ކޯޓެއްގެ ނިންމުމެއް އަލުން ބަލަންޖެހޭ ނުވަތަ އެއަށް އަސަރުކުރާ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ދަށު ކޯޓަށް ނުލިބޭކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)، 145 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަދި (ށ) އިން އެނގެއެވެ.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭސިވިލް ކޯޓުގެ 4061/Cv-C/2018 އަދި 4232/Cv-C/2018 ގެ ދަޢުވާ ފޯމް ބާޠިލު؛ އެ ދެ މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމުގެ ޤާނޫނީ އިޚްތިޞާޞް ސިވިލް ކޯޓަށް ނެތްކަމަށް ކަނޑައަޅައިފި (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަތީ ކޯޓަކުން ނިންމާފައިވާ ނިންމުމެއް އަލުން ބަލަންޖެހޭ ގޮތަށް ނުވަތަ އެފަދަ ނިންމުމަކަށް އަސަރުކުރާފަދަ ގޮތަކަށް ދަށު ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކަކީ، އެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އެ ކޯޓުތަކަށް ލިބިގެންނުވާ މައްސަލަތަކެވެ. މި އުޞޫލު ބިނާވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި 145 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ކަނޑައެޅިފައިވާ ޤާނޫނީ ހަމަތަކުގެ މައްޗަށެވެ. (ޙުކުމް)
HN2 ދަށު ކޯޓަކަށް ހުށަހެޅިފައިވާ ދަޢުވާއަކީ، ދަށު ކޯޓަކުން ކޮށްފައިވާ ޙުކުމަކާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމާއި، ހައިކޯޓުގެ އެ ޙުކުމް ރަނގަޅުކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުން ޤަޟާއީ ޙައްލުތަކެއް ދީފައިވާ ކަންކަން އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ގޮތަށް ހުށަހެޅިފައިވާ ދަޢުވާއެއް ކަމުގައިވާނަމަ، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިފައިވާ ޤާނޫނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން، އެ ދަޢުވާއަކީ އެ ކޯޓަށް ބަލައި ގޮތެއް ކަނޑައެޅުމުގެ ޤާނޫނީ އިޚްތިޞާޞް ލިބިގެންނުވާ ދަޢުވާއެއްކަމަށް ކަނޑައަޅައި، އެ ދަޢުވާގެ ދަޢުވާ ފޯމް ބާޠިލުކުރެވިދާނެއެވެ. (ޙުކުމް)
HN3 ދަށު ކޯޓަކަށް ހުށަހަޅާ ދަޢުވާތަކުގެ ޞީޣާ މުޅިން އެއް ޢިބާރާތަކުން ލިޔެފައި ނުވި ނަމަވެސް، އެ ދަޢުވާތަކުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ މަތީ ކޯޓުތަކުން ޤަޟާއީ ޙައްލު ދީފައިވާ ކަމެއް އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ކަމުގައިވާނަމަ، އެ ދަޢުވާތަކަކީ މަތީ ކޯޓުތަކުން ނިންމާފައިވާ ކަންކަން އަލުން ބަލަންޖެހޭ ގޮތަށް ހުށަހެޅިފައިވާ ދަޢުވާތަކެކެވެ.؛ ޙުކުމް)
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، އާދަމް މުޙައްމަދު ޢަބްދުﷲ، ޢަބްދުﷲ ދީދީ، ޢަބްދުލްޣަނީ މުޙައްމަދު
- ރިޔާސަތު
- ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ފޯމް ނަންބަރު: 2019/SC-L/05, 2019/SC-L/06
ދަޢުވާކުރާ ފަރާތް: ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
ދަޢުވާ ލިބޭ ފަރާތް: 1. އަޙްމަދު ރަޝީދު، ބީޗްރެސްޓް. ގދ. ތިނަދޫ
2ޢަލީ ޢަޙްމަދު، ތުނޑި-ހަވި، ލ.ގަން
ތަދައްޚުލްވި ފަރާތް: މައުމޫން ޢަބްދުލްޤައްޔޫމް، މ.އ. ކިނބިގަސްދޮށުގެ، މާލެ
މައްސަލައިގެ ބާވަތް: ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދި
މައްސަލަ އައިގޮތް: ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 10 ޖަނަވަރީ 2019
ނިމުނު ތާރީޚް: 05 ފެބުރުވަރީ 2019
މައްސަލަ ނިންމި ގަޑި: 12:11
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދަށު މަރުޙަލާގެ ކޯޓުގައި ހިންގަމުންދާ ޤަޝިއްޔާ
ސިވިލް ކޯޓުގެ ނަންބަރު: 4061/Cv-C/2018
2232/Cv-C/2018
ހުށަހެޅުނު ތާރީޚް: 07 އޮކްޓޫބަރު 2018
15 އޮކްޓޫބަރު 2018
މައްސަލައިގެ ޚުލާޞާ:
މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/05 "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމް" އާއި ނަންބަރު 2019/SC-L/06 "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމް" ގެ ދަށުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ގދ. ތިނަދޫ / ބީޗްރެސްޓް، އަޙްމަދު ރަޝީދު އާއި ލ. ގަން / ތުނޑި.ހަވި، ޢަލީ އަޙްމަދުގެ މައްޗަށް ޝަކުވާ ރައްދުވާ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ހުށަހެޅުމުން އިޖުރާއީ ގޮތުން ބެލެވިފައިވާ މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/05 "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމް" ގެ ދަށުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޝަކުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 4061/Cv-C/2018 ޤަޝިއްޔާގެ ދަށުން ގދ. ތިނަދޫ / ބީޗްރެސްޓް، އަޙްމަދު ރަޝީދު، ޕީ.ޕީ.އެމްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ޝަރީޢަތުން ކަނޑައަޅައި، މައްސަލަ ނިންމައި ދިނުމަށް އެދި ޕީ.ޕީ.އެމްގެ ފަރާތުން، ގދ. ތިނަދޫ / ބީޗްރެސްޓް، އަޙްމަދު ރަޝީދުގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ހުށަހަޅާފައިވާ ޝަކުވާއެއްކަން އެނގެއެވެ.
2އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/05 ފޯމުގެ ދަށުން ޕީ.ޕީ.އެމްގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންކުރެވުނު ޝަކުވާ އެގޮތުގެމަތިން ހުށަހެޅުމަށްޓަކައި އެ ޕާޓީގެ ފަރާތުން މައިގަނޑު 03 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން؛
ފުރަތަމަ ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު 4061/Cv-C/2018 ޤަޝިއްޔާއިން ދަޢުވާ ހުށަހެޅި ފަރާތުން އެދެނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގުން އެފަރާތުން އެދޭ ވަކި ފަރާތަކާ ޙަވާލުކުރުން ކަމަށްވާއިރު، އެކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިހާއީ ޙުކުމެއް ކޮށްފައިވާ ކަމެއްކަމުން، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކީ އެ ކޯޓުން ބެލޭނެ ދަޢުވާއެއް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ދެވަނަ ސަބަބަކީ، ޕީ.ޕީ.އެމްގެ ކައުންސިލުން ޕީ.ޕީ.އެމް ހިންގުމާމެދު އެހެންގޮތަކަށް ކަނޑައަޅަންދެން ޕީ.ޕީ.އެމްގެ ހިންގުމާ ޙަވާލުވެ، ހިންގުމާބެހޭ އެންމެހާ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ޕީ.ޕީ.އެމްގެ މުސްތަޝާރުކަމުގައި ކަނޑައަޅައި 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ޕީ.ޕީ.އެމްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މުސްތަޝާރުގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމާމެދު ހިތްހަމަނުޖެހިގެން ސ. ހުޅުދޫ / ފެންފިޔާޒުވިލާ، ޢައްބާސް ވާފިރުގެ ފަރާތުން އެ ޤަޝިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބެލި ހައިކޯޓުގެ ނަންބަރު 2016/HC-A/464 ޤަޝިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމާމެދު ހިތްހަމަނުޖެހިގެން މއ. ކިނބިގަސްދޮށުގެ، މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-L-J/48 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް" މި ނަމުގައިވާ ސުޕްރީމް ކޯޓުގެ ނިންމުމުގެ ދަށުން ހައިކޯޓުގެ ނަންބަރު 2016/HC-A/464 ޤަޝިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތަތީ އެ މައްސަލައަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން ބަލައިގަނެ ހުއްދަދޭންޖެހޭ މައްސަލައެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، ބަޔާންކުރެވިދިޔަ ގޮތުގެމަތިން ސިވިލް ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޝިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވަނިކޮށް، މއ. ކިނބިގަސްދޮށުގެ، މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްޗަށް ތާއީދުކޮށްފައިވާ ޤަޝިއްޔާއެއްގެ މައުޝޫޢުގައި އަލުން ދަޢުވާއެއް ބެލުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ޚިލާފުވާ ގޮތަށް ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ދައުރުގެ ތެރެއިން ސިވިލް ކޯޓުގެ އިޚްތިޞާޞުން ބޭރުން ބަލައިގަނެފައިވާ މައްސަލައެއްކަމަށް ބަޔާންކޮށް މއ. ކިނބިގަސްދޮށުގެ، މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހެޅި ދަޢުވާގެ ދަޢުވާ ފޯމަކީ ބާޠިލް ފޯމެއްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 2561/Cv-C/2016 ޤަޝިއްޔާގައި ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.
3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/06 "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމް" ގެ ދަށުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ހުށަހަޅާފައިވާ ޝަކުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 4232/Cv-C/2018 ޤަޝިއްޔާގެ ދަށުން ލ. ގަން / ތުނޑި.ހަވި، ޢަލީ އަޙްމަދު ޕީ.ޕީ.އެމްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ޝަރީޢަތުން ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށް އެދި، ޕީ.ޕީ.އެމް ގެ ފަރާތުން ލ. ގަން / ތުނޑި.ހަވި، ޢަލީ އަޙްމަދުގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ހުށަހަޅާފައިވާ ޝަކުވާއެއްކަން އެނގެއެވެ.
4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 2019/SC-L/06 ފޯމުގެ ދަށުން ޕީ.ޕީ.އެމް ގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންކުރެވުނު ޝަކުވާ ބިނާކޮށްފައިވާ މައިގަނޑު ސަބަބުތަކަކީވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 2019/SC-L/05 ފޯމުގެ ދަށުން ޕީ.ޕީ.އެމްގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައްކަން ޕީ.ޕީ.އެމްގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު ދެ ފޯމުގެ ދަށުން ހުށަހަޅާފައިވާ ކަންކަމަށް ބެލުމުން އެނގެން އޮވެއެވެ.
5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މައްސަލަ ބަލައިދިނުމަށް އެދި ޕީ.ޕީ.އެމްގެ ފަރާތުން ހުށަހެޅި އިސްވެ އިޝާރާތްކުރެވުނު ދެ ފޯމުގެ ދަށުން ހުށަހެޅި ޝަކުވާގެ މި މައްސަލައަށް ތަދައްކުލުވެ ވާހަކަދެއްކުމުގެ ފުރުޞަތު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މ.އ. ކިނބިގަސްދޮށުގެ، މައުމޫން ޢަބްދުލްޤައްޔޫމްއަށް ލިބިދިން ހިނދު، އެފަރާތުން މި މައްސަލައަށް ތަދައްކުލުވުން އެދި "ތަދައްކުލުވުމަށް އެދޭ ފޯމް" މި ކޯޓަށް ހުށަހެޅުމާ ގުޅިގެން އެފަރާތުން މި މައްސަލައިގެ ތެރެއަށް ތަދައްކުލުވެ، މި މައްސަލައިގެ އިޖުރާއީ އަޑުއެހުމުގެ ޝަރީޢަތަށް އެފަރާތް ޙާޟިރުވެ އެފަރާތުގެ ވަކީލު ބަޔާންދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށް އެދިފައިވާކަން އެނގެން އޮވެއެވެ.
6HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނަންބަރު 2019/SC-L/05 ފޯމާއި ނަންބަރު 2019/SC-L/06 ފޯމުގެ ދަށުން ހުށަހަޅާފައިވާ ޝަކުވާތަކަށާއި އެ ޝަކުވާތައް ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށާއި އަދި ޕީ.ޕީ.އެމްގެ ފަރާތުން ހުށަހަޅާފައިވާ އެ ދެ ފޯމުގައި ޝަކުވާ ރައްދުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ކޯޓަށް ޙާޟިރުވެ އިޖުރާއީ އަޑުއެހުމުގެ ޝަރީޢަތަށް ބަޔާންދީފައިވާ ޢަލީ އަޙްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި އަދި މި މައްސަލައަށް ތަދައްކުލުވެފައިވާ ފަރާތުން މި ކޯޓުގެ އިޖުރާއީ އަޑުއެހުމުގައި ދައްކާފައިވާ ވާހަކަތަކަށާއި މި ޝަކުވާގެ މައްސަލައާ ގުޅޭ ޤަޟިއްޔާތަކަށާއި މި ޝަކުވާގެ މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭ ލިޔުންތަކަށް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން ޤާނޫނުއަސާޞީޣާ ޤާނޫނުތަކުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން، ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 4061/Cv-C/2018 ޤަޟިއްޔާގެ ދަށުން ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ 28 ސެޕްޓެމްބަރު 2018 ވަނަ ދުވަހު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބޭއްވި "ޚާއްޞަ ގޮތުން ބޭއްވުނު ޤައުމީ ޖަލްސާ" ބާއްވާފައިވަނީ އިޖުރާއާތުތައް ފުރިހަމަނުކޮށް ކަމަށްވާތީ ޕާޓީއަށް ކުރިމަތިވެފައިވާ ޤާނޫނީ ހުސްކަމުން އަރައިގަތުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރި އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު އަސާސީ ޤަވާޢިދުގެ 32 ވަނަ މާއްދާގެ ދަށުން ޕާޓީގެ ޤައުމީ ޖަލްސާއެއް ބާއްވައި ޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކުރެވެންދެން ޕާޓީ ހިންގުމުގެ ޤާނޫނީ ޙައިޘިއްޔަތު އޮތް ހަމައެކަނި ފަރާތަކީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 އިން 19 އަށް ބޭއްވުނު ޕީ.ޕީ.އެމްގެ ޤައުމީ ޖަލްސާއިން އިންތިޚާބުކުރެވިފައިވާ ޕާޓީގެ ރައީސްކަމަށްވާތީ، ޕާޓީ ހިންގުން ޕާޓީގެ ރައީސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ޕާޓީގެ ރައީސްއަށް އަމުރުކޮށް ދިނުމަށް އެދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މައްޗަށް ގދ. ތިނަދޫ / ބީޗްރެސްޓް، އަޙްމަދު ރަޝީދު ހުށަހަޅާފައިވާ މައްސަލައެއްކަމާއި އަޙްމަދު ރަޝީދުގެ ފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވަނީ 07 އޮކްޓޫބަރު 2018 ގެ ތާރީޚުގައިކަމާއި މިކަންކަން ސިވިލް ކޯޓަށް ހުށަހެޅިފައިވާ އެ ކޯޓުގެ ނަންބަރު 4061/Cv-C/2018 ޤަޝިއްޔާގެ ދަޢުވާ ފޯމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 4232/Cv-C/2018 ޤަޝިއްޔާގެ ދަށުން، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މުސްތަޝާރުގެ ބެލުމުގެ ދަށުން ޕާޓީގެ ކައުންސިލެއް ބާއްވަން ލިބިދިން ފުރުޞަތުގައި ޕާޓީގެ ޞައްޙަ ޤައުމީ ޖަލްސާއެއް ބޭއްވުމެއްނެތި ޕާޓީގެ ކައުންސިލުން ނިންމި ނިންމުމާ އެއްގޮތަށް ޕާޓީގެ މުސްތަޝާރު ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމް ޕާޓީ ހިންގަމުން ގެންދަނިކޮށް، 23 ސެޕްޓެންބަރު 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕާޓީގެ މުސްތަޝާރަށް ނާކާމިޔާބީއާ ކުރިމަތިވުމުގެ ސަބަބުން، ރިޔާސީ އާ ދައުރު ފެށޭ ހިސާބުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޕާޓީގެ މުސްތަޝާރުކަން ގެއްލިގެންދާނެތީ، 2013 ވަނަ އަހަރު ބޭއްވުނު ޕާޓީގެ ޤައުމީ ޖަލްސާއިން ކަނޑައަޅައިފައިވާ ގޮތުގެމަތިން ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާއިން ޕާޓީގެ ރައީސްގެ ގޮތުގައި ޢައްޔަންކުރި މއ. ކިނބިގަސްދޮށުގެ / މާލެ، މައުމޫން ޢަބްދުލްޤައްޔޫމްއާއި، ޕާޓީގެ ކައުންސިލްގެ ގޮތުގައި ޢައްޔަންކުރި ކައުންސިލަކީ މި ހިނދުގައިވެސް ދެމިއޮތް ޕާޓީގެ ރައީސްއާއި، ޞައްޙަ ކައުންސިލްކަމަށް ކަނޑައަޅައިދިނުމަށާއި، އަދި ޕާޓީގެ ޤައުމީ ހިންގާ ޖަލްސާއެއް ބޭއްވެންދެން ޕާޓީގެ ޤާނޫނީ ޞައްޙަކަން ދެމިއޮންނާނެ ކަމަށާއި، އަދި ޕާޓީގެ ރައީސާއި ކައުންސިލްގެ ބެލުމުގެ ދަށުން، މައްސަލައިގައި ޙުކުމްކުރާ ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޕާޓީގެ ޤައުމީ ޖަލްސާއެއް ބޭއްވުމަށް އަމުރުކޮށްދިނުން އެދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މައްޗަށް ލ. ގަން / ތުނޑި.ހަވި، ޢަލީ އަޙްމަދު ހުށަހަޅާފައިވާ މައްސަލައެއްކަމާއި ޢަލީ އަޙްމަދުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 15 އޮކްޓޫބަރު 2018 ގެ ތާރީޚްގައި ކަމާއި، މިކަންކަން ސިވިލް ކޯޓަށް ހުށަހެޅިފައިވާ އެ ކޯޓުގެ ނަންބަރު 4232/Cv-C/2018 ޤަޝިއްޔާގެ ދަޢުވާ ފޯމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 4061/Cv-C/2018 ޤަޝިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 4232/Cv-C/2018 ޤަޝިއްޔާއާއި މި ދެ ޤަޝިއްޔާގެ ދަށުން ހުށަހެޅިފައިވާ މައްސަލަތަކުގެ ޞީޣާއަށް ބަލާއިރު، އެ ދެ މައްސަލައިގެ ޞީޣާ ލިޔެފައިވަނީ މުޅިން އެއް ޢިބާރާތަކުންކަމަށް ނުވި ނަމަވެސް އެ ދެ މައްސަލަ ހުށަހެޅި ފަރާތްތަކުން އެ ދެ މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 އިން 19 އަށް ޕީ.ޕީ.އެމް އިން ބޭއްވި އެ ޕާޓީގެ ޤައުމީ ޖަލްސާއިން، އެ ޕާޓީގެ ރައީސްކަމަށް އިންތިޚާބުވެފައިވާ މއ. ކިނބިގަސްދޮށުގެ، މައުމޫން ޢަބްދުލްޤައްޔޫމަކީ، އެ ޕާޓީގެ މިހާރުގެވެސް ރައީސްކަމަށް ކަނޑައަޅައިދީ އެ ޕާޓީ ހިންގުން އެފަރާތާ ޙަވާލުކޮށް ދިނުމަށްކަން އެނގެން އޮންނައިރު، ބުނެވުނު ދެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ދެ ފަރާތުގެ ތެރެއިން އަޙްމަދު ރަޝީދު ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު، ޕީ.ޕީ.އެމް އިން ބޭއްވި "ޚާއްޞަ ގޮތުން ބޭއްވުނު ޤައުމީ ޖަލްސާ" ބާއްވާފައިވަނީ އިޖުރާއާތު ފުރިހަމަނުކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކި އެ ޖަލްސާއިން ނިންމި ނިންމުންތައް އެންޑޯޒްކޮށްދެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އަންގާފައިވާކަމަށް ބުނެ، އެ އަސާސްގެ މައްޗަށްކަން އެނގެން އޮންނައިރު، ޢަލީ އަޙްމަދު ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ޕީ.ޕީ.އެމް އިން 17 ޖަނަވަރީ 2013 އިން 19 ޖަނަވަރީ 2013 އަށް ބޭއްވި އެ ޕާޓީގެ ޤައުމީ ޖަލްސާއަށްފަހު، އިޖުރާއާތުތައް ފުރިހަމަވެފައިވާ އިތުރު ޤައުމީ ޖަލްސާއެއް އެ ޕާޓީ އިން ބާއްވާފައި ނުވާކަން އިލެކްޝަންސް ކޮމިޝަންގެ ރިޕޯޓުތަކުން ސާބިތުވާން އޮތްކަމަށް ބުނެ އެ އަސާސްގެ މައްޗަށްކަން އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 4061/Cv-C/2018 ޤަޝިއްޔާއާއި އަދި ހަމަ އެ ކޯޓުގެ ނަންބަރު 4232/Cv-C/2018 ޤަޝިއްޔާއާއި މި ދެ ޤަޝިއްޔާ ސިވިލް ކޯޓަށް ހުށަހެޅުމުގެ މާކުރިން އެ ކޯޓަށް ހުށަހެޅުމުން ބެލެވުނު އެ ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޝިއްޔާގައި ޙުކުމްކޮށްފައިވާ ގޮތަށް ބަލާއިރު، އެ ޤަޝިއްޔާ ނިންމާފައިވަނީ ޕީ.ޕީ.އެމްގެ ހިންގުން ޕީ.ޕީ.އެމްގެ އަސާސީ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް ޕީ.ޕީ.އެމްގެ ރައީސް އުޒުރުވެރިވަމުން އައިސްފައިވާތީ ކަމަށްވުމުން މި ޙާލަތަކީ ޕީ.ޕީ.އެމްގެ ރައީސަކު އެ މަސްއޫލިއްޔަތު އަދާކުރުމަށް ނެތް ޙާލަތާ އެއްފަދަ ޙާލަތެއްކަމަށްވުމުން އެކަންކަމަކީ ޕީ.ޕީ.އެމްގެ މެންބަރުންނާއި ދިވެހިރައްޔިތުންގެ އެންމެހައި މަޞްލަޙަތުތަކާ އެއްގޮތްވާ ކަމަކަށް ނުވާތީ، ޕީ.ޕީ.އެމްގެ މެންބަރުންގެ މަޞްލަޙަތުތަކާއި ދިވެހިރައްޔިތުންގެ އެންމެހައި މަޞްލަޙަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕީ.ޕީ.އެމްގެ ހިންގުން ކަށަވަރުކުރުމަށްޓަކައި، ޕީ.ޕީ.އެމްގެ ކައުންސިލުން ޕީ.ޕީ.އެމްގެ ހިންގުމާމެދު އެހެން ގޮތަކަށް ކަނޑައަޅަންދެން ޕީ.ޕީ.އެމްގެ ހިންގުމާ ޙަވާލުވެ، ހިންގުމާބެހޭ އެންމެހައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ޕީ.ޕީ.އެމްގެ މުސްތަޝާރުކަމުގައި ކަނޑައަޅައި، 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ޕީ.ޕީ.އެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މުސްތަޝާރުގެ މައްޗަށް އަމުރުކޮށް ޙުކުމްކޮށްގެންކަން ސިވިލް ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޝިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/464 ޤަޝިއްޔާގައި ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-L-J/48 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް" އާ އެއްގޮތްވާ ގޮތުގެމަތިން، ޕީ.ޕީ.އެމްގެ ހިންގުމާ ޕާޓީގެ މުސްތަޝާރު ޙަވާލުވެ، ޕާޓީ ހިންގުމުގެ ކަންކަން ކުރިއަށް ގެންގޮސް، ޕީ.ޕީ.އެމްގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން 28 ސެޕްޓެންބަރު 2018 ގައި ބޭއްވި، ޕީ.ޕީ.އެމްގެ "ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ" ގައި އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެ ޕާޓީގެ އަސާސީ ޤަވާޢިދާއި، އެ ޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން އެންޑޯޒްކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 38-DB/PPM/2018/86 (3 އޮކްޓޫބަރު 2018) ސިޓީއިން ޕީ.ޕީ.އެމް އަށް އަންގާފައިވާތީ، އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއްކަމަށް ޝަރީޢަތުން ކަނޑައަޅައި ދިނުމަށާއި، 28 ސެޕްޓެންބަރު 2018 ގައި ޕީ.ޕީ.އެމް އިން ބޭއްވި އެ ޕާޓީގެ "ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާ" ގައި އަސާސީ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއެކު ފާސްކޮށްފައިވާ އެ ޕާޓީގެ އަސާސީ ޤަވާޢިދާއި، އެ ޕާޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކޮށްފައި އޮތް އޮތުން ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުން އެދި، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ ދަށުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަޝިއްޔާގެ ދަށުން 28 އޮކްޓޫބަރު 2018 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުން އިސްވެ އިޝާރާތްކުރެވުނު އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 38-DB/PPM/2018/86 ސިޓީއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް އަންގާފައިވާ އެންގުމަކީ ބާޠިލް އެންގުމެއްކަމަށް ކަނޑައަޅައި، 28 ސެޕްޓެންބަރު 2018 ގައި ބޭއްވުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޚާއްޞަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި ފާސްކޮށްފައިވާ އަސާސީ ޤަވާޢިދާއި އެ ޖަލްސާގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މަޤާމުތަކަށް އިންތިޚާބުކުރެވުނު ފަރާތްތައް 22 ނޮވެންބަރު 2018 ވަނަ ދުވަހުގެ 13:45 އިން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަސިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަސިއްޔާގައި ކޮށްފައިވާ އެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނަކަން ބަޔާންކޮށް އެ ޤަސިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 30 ޖަނަވަރީ 2019 ގައި ޙުކުމް ކޮށްފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/01 ޤަސިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަސިއްޔާއާއި އަދި އެ ޤަސިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/01 ޤަސިއްޔާގައި ކޮށްފައިވާ ޙުކުމަށް ވާޞިލުވެފައިވާ ސަބަބުތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަސިއްޔާގައި ކޮށްފައިވާ ޙުކުމަށާއި އަދި އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/464 ޤަސިއްޔާގައި ކޮށްފައިވާ ޙުކުމަށާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަސިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރު 2016/SC-L-J/48 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް" މި ނަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމަށްވެސް ރިޢާޔަތްކޮށްފައިވާ ކަމާއި އަދި ސިވިލް ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަސިއްޔާއިން ކޮށްފައިވާ ޙުކުމާ ޚިލާފުކަމެއް ޕީ.ޕީ.އެމްގެ ފަރާތުން ކޮށްފައިނުވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަސިއްޔާއާ އަދި އެ ޤަސިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭ ސުޕްރީމް ކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/01 ޤަސިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ސުލޫކީ ކޮމިޓީ އިން 27 މާރިޗު 2017 ގައި މއ. ކިނބިގަސްދޮށުގެ، މައުމޫން ޢަބްދުލްޤައްޔޫމް، ޕީ.ޕީ.އެމްގެ މެންބަރުކަމުން ވަކިކޮށްފައިވާކަން މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ޕީ.ޕީ.އެމްގެ ލިޔުންތަކުން އެނގެން އޮންނައިރު، އެފަރާތުގެ ނަން ޕީ.ޕީ.އެމްގެ ރަޖިސްޓްރީ އިން 18 ސެޕްޓެންބަރު 2017 ގައި އުނިކުރެވިފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 38-EA/PPM/2017/79 (18 ސެޕްޓެންބަރު 2017) ގެ ސިޓީއިން އެނގެން އޮންނައިރު، މއ. ކިނބިގަސްދޮށުގެ، މައުމޫން ޢަބްދުލްޤައްޔޫމް ޤަވާޢިދުން އެ ޕާޓީއަށް އަލުން ވަދެ، އެ ޕާޓީގެ މެންބަރަކަށްވެފައިވާކަން އެނގެން ނެތްކަމެވެ.
ޙުކުމް:
ދެންފަހެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/05 "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމް" އާއި ނަންބަރު 2019/SC-L/06 "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމް" ގެ ދަށުން ހުށަހެޅިފައިވާ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ބެލި ބެލުމުން ސިވިލް ކޯޓުގެ ނަންބަރު 4061/Cv-C/2018 ޤަޝިއްޔާއާއި އަދި ހަމަ އެ ކޯޓުގެ ނަންބަރު 4232/Cv-C/2018 ޤަޝިއްޔާއާއި މި ދެ ޤަޝިއްޔާގެ ދަށުން ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ހުށަހެޅިފައިވާ ގޮތަށާއި އަދި އެ ދެ ޤަޝިއްޔާގެ ދަށުން ހުށަހެޅިފައިވާ މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތްކަމަށް ބަޔާންކޮށް އެ ދެ ޤަޝިއްޔާއަށް ހުށަހެޅިފައިވާ ކަންކަމަށް ބެލިއިރު، އެ ދެ ޤަޝިއްޔާގެ ދަށުން ހުށަހެޅިފައިވާ މައްސަލަތަކަކީ، ސިވިލް ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމާއި އަދި އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/464 ޤަޝިއްޔާއިން ކޮށްފައިވާ ޙުކުމާއި އަދި ހައިކޯޓުގެ އެ ޙުކުމް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-L-J/48 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް" މި ނަމުގައިވާ ނިންމުމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-SP/01 ޤަޝިއްޔާއާއި އަދި ހައިކޯޓުގެ އެ ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/01 ޤަޝިއްޔާއިން ބަލައި، ޤަޝާއީ ޙައްލުތަކެއް ދީފައިވާ ކަންކަން އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ގޮތަށް ހުށަހެޅިފައިވާ މައްސަލަތަކެއްކަން އެނގެން އޮންނާތީ މަތީ ކޯޓަކުން ނިންމާފައިވާ ނިންމުމެއް އަލުން ބަލަންޖެހޭ ގޮތަށް ނުވަތަ އެފަދަ ނިންމުމަކަށް އަސަރުކުރާފަދަ ގޮތަކަށް ދަށު ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކަކީ، އެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އެ ކޯޓުތަކަށް ލިބިގެންނުވާ މައްސަލަތަކެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި 145 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކަށާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ކަނޑައެޅިފައިވާ ޤާނޫނީ ހަމަތަކަށް ބެލުމުން އެނގެން އޮންނާތީ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ޙައިޘިއްޔަތުން ޤާނޫނުއަސާޞީޣާއި ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިފައިވާ ޤާނޫނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ މައްޗަށް ރިޢާޔަތްކޮށް،
ސިވިލް ކޯޓުގެ ނަންބަރު 4061/Cv-C/2018 ޤަޝިއްޔާއާއި އަދި ހަމަ އެ ކޯޓުގެ ނަންބަރު 4232/Cv-C/2018 ޤަޝިއްޔާއިން ހުށަހެޅިފައިވާ މައްސަލަތަކަކީ އެ ކޯޓުން އެ މައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމުގެ ޤާނޫނީ އިޚްތިޞާޞް ލިބިގެންނުވާ މައްސަލަތަކެއް ކަމަށް ކަނޑައެޅުމާއެކު، އެ ދެ ޤަޝިއްޔާގެ ދަޢުވާ ފޯމް ބާޠިލްކޮށް، އެކަން ސިވިލް ކޯޓަށާ އަދި އެ ދެ ޤަޝިއްޔާއާ ގުޅުންހުރި ފަރާތްތަކަށް އަންގާ އަމުރުކޮށް މިގޮތުގެމަތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 20 ވަނަ މާއްދާގެ (ހ) އަދި (ށ)
- 1586/Cv-C/2016
- 2016/HC-A/464
- 2016/SC-L-J/48
- 2018/HC-SP/01
- 2019/SC-A/01
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.