އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ދައުލަތް)
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ދައުލަތް)
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/358 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރުC-28/2007) (މީގެ ފަހުން "އިސްތިއުނާފު ކުރާފަރާތް" ނުވަތަ "އޭ.އޭ.އޭ ކުންފުނި" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2020/SC-A/29 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ދައުލަތް) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށެވެ.
20 މޭ 1999 ގައި ކޫލް ޓީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ކޫލް ޓީމް މޯލްޑިވްސް") އާއި އޭ.އޭ.އޭ ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކޫލް ޓީމް މޯލްޑިވްސްގެ ބާޖެއް އޭ.އޭ.އޭ ކުންފުނިން ކުއްޔަށް ގެންދިއުމަށްފަހު ކޫލް ޓީމް މޯލްޑިވްސް އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޫލް ޓީމް މޯލްޑިވްސްގެ ފަރާތުން އޭރުގެ ޕޮލިސް ހެޑްކުއާޓާރޒްއަށް މައްސަލައެއް ހުށަހެޅިއެވެ.މި މައްސަލަ ކުރިއަށް ދިޔައިރު ތަޙުޤީޤު ނިމެންދެން ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ގޮތުގައި އޭ.އޭ.އޭ ކުންފުނިން 285,000.00ރ. (ދެލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) ޕޮލިސް ހެޑްކުއާޓާރޒްގައި ބެހެއްޓުމަށް އެންގުމުން 08 ނޮވެންބަރު 1999 ގައި އެ ފައިސާ، އޭ.އޭ.އޭ ކުންފުނިން ޕޮލިސް ހެޑްކުއާޓަރުގައި ބެހެއްޓިއެވެ.
އޭ.އޭ.އޭ ކުންފުނީގެ ފަރާތުން ބެހެއްޓި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ އަނބުރާ ނުލިބުމުން އެ ފައިސާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އޭ.އޭ.އޭ ކުންފުނީގެ ފަރާތުން 06 އެޕްރީލް 2015 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ދައުލަތް) ގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ އޭ.އޭ.އޭ ކުންފުންޏާ ދެކޮޅަށެވެ. އެ މައްސަލަ އެ ކުންފުނިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން އެ މައްސަލަ ބަލާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އޭ.އޭ.އޭ ކުންފުނިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައިގެ ނިޔާއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
އޭ.އޭ.އޭ ކުންފުނިން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 584/Cv-C/2015 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓަށް އޭ.އޭ.އޭ ކުންފުނިން ހުށަހެޅި ދަޢުވާގައި ބަޔާންކޮށްފައިވަނީ، އޭ.އޭ.އޭ ކުންފުންޏާއި ކޫލް ޓީމް މޯލްޑިވްސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކޫލް ޓީމް މޯލްޑިވްސްއިން އޭ.އޭ.އޭ ކުންފުންޏަށް ފޮނުވާފައިވާ ބިލްތަކުގެ ފައިސާ ލިބިފައިނުވާތީވެ، މި މުޢާމަލާތް ހިނގި ދުވަސްވަރު އޭރު ޢަމަލުކުރަމުންދާ އުޞޫލުން ޕޮލިސް ހެޑްކުއާޓާރޒްއަށް ފައިސާ ހޯދުމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ނިމެންދެން ޕޮލިސް ހެޑްކުއާޓާރޒްގައި ސެކިއުރިޓީ ޑިޕޮސިޓު ފައިސާ ގޮތުގައި ބެހެއްޓި 285,000.00ރ. (ދެލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) ("ސެކިއުރިޓީ ޑިޕޮސިޓް ފައިސާ") ދައުލަތުން އޭ.އޭ.އޭ ކުންފުންޏަށް އަނބުރާ ރައްދުކޮށްދީފައި ނުވާތީވެ، އެ ފައިސާއާއި ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މިގޮތުން ދަޢުވާކުރި ފައިސާގެ ޖުމްލަ ޢަދަދަކީ 672,875.00ރ. (ހަލައްކަ ހަތްދިހަ ދެހާސް އަށްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އެވެ. މީގެ ތެރޭގައި ހިމެނެނީ، ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ގޮތުގައި ބެހެއްޓި 285,000.00ރ. (ދެލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ (އާއި އެ ފައިސާ ބެހެއްޓި ތާރީޚު ކަމުގައިވާ 08 ނޮވެންބަރު 1999 އިން 01 ސެޕްޓެންބަރު 2014 މި ދުވަހުގެ ނިޔަލަށް ކޮންމެ އަހަރަކަށް ނިސްބަތުން %10 ފައިދާ، 13 އަހަރާއި 01 މަސްދުވަހަށްވާ 372,875.00ރ. (ތިންލައްކަ ހަތްދިހަ ދެހާސް އަށްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އާއި ޤާނޫނީ ވަކީލުގެ ޚަރަދަށްވާ 15,000.00ރ. (ފަނަރަހާސް ރުފިޔާ) އެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ މި މުޢާމަލާތާ ގުޅިގެން އޭ.އޭ.އޭ ކުންފުންޏާއި ކޫލް ޓީމް މޯލްޑިވްސްއާ ދެމެދު މީގެ ކުރިން ހިންގާފައިވާ މަދަނީ ކޯޓުގެ ނަންބަރު 1026/MC/2000 ޤަޟިއްޔާގައި އޭ.އޭ.އޭ ކުންފުނިން ޕޮލިސް ހެޑްކުއާޓާރޒްގައި ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ގޮތުގައި ބެހެއްޓި 285,000.00ރ. (ދެލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) އަކީ ކޫލް ޓީމް މޯލްޑިވްސްއާ ޑިފެންސް މިނިސްޓްރީން ޙަވާލުކޮށްފައިވާ ފައިސާއެއް ކަމަށާއި، އިސްވެ ދެންނެވެނު މަދަނީ ކޯޓުގެ ނަންބަރު 1026/MC/2000 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2001/HC-A/145 ޤަޟިއްޔާއިން ބާޠިލުކޮށްފައިވާތީ، ޑިފެންސް މިނިސްޓްރީން ކޫލް ޓީމް މޯލްޑިވްސްއާ ޙަވާލުކޮށްފައިވާ 285,000.00ރ. (ދެލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) އަކީ އޭ.އޭ.އޭ ކުންފުންޏަށް އަނބުރާ ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާ ލިބުމަށް ދަޢުވާ ކުރަންޖެހޭނީ އެ ފައިސާއެއް މިހާރު ލިބިފައިވާ ފަރާތް ކޫލް ޓީމް މޯލްޑިވްސްގެ މައްޗަށް ކަމުގައިވާތީ، އޭ.އޭ.އޭ ކުންފުނިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ހިމެނޭ ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ގޮތުގައި ބެހެއްޓި 285,000.00ރ. (ދެލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) ހޯދުމާއި ބަދަލުގެ ގޮތުގައި އެދިފައިވާ މިރައުޔުގެ 06 ވަނަ ޕެރެގްރާފްގައި ތަފުސީލުދެވިފައިވާ ފައިސާ ނަގައިދެވެން ނެތް ކަމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
އޭ.އޭ.އޭ ކުންފުނިން ސިވިލް ކޯޓުގެ ނަންބަރު 584/Cv-C/2015ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/358 ޤަޟިއްޔާއިންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ އޭ.އޭ.އޭ ކުންފުނިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ހިމެނޭ ފައިސާ ނަގައި ދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ޙުކުމަށް ތާއީދުކޮށެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް އޭ.އޭ.އޭ ކުންފުނިން މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި 20 (ދޭއް) ނުކުތާއެއް ހުށަހެޅިއެވެ.
ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގެ އަސްލު ކަމުގައިވާ ޕޮލިސް ހެޑްކުއާޓާރޒްގައި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ބެހެއްޓުމަށްފަހު 08 ނޮވެންބަރު 1999 ގައި އިސްތިއުނާފު ކުރާފަރާތަށް ދޫކޮށްފައިވާ ލިޔުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރާފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެވިފައިވާ ކޮންޓްރެކްޓެއް ކަމުގައިވާއިރު، އެ ކޮންޓްރެކްޓުގައި އެ ފައިސާއާ މެދު ވަކި ގޮތަކަށް ޢަމަލު ނުކުރާނެކަމަށް ބަޔާންކުރުމަށްފަހު އެނޫން ގޮތަކަށް ޢަމަލު ކޮށްފައިވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފު ކަމެއްކަމަށްވާއިރު ސިވިލް ކޯޓުގެ ނަންބަރު 584/Cv-C/2015 ޤަޟިއްޔާ ނިންމުމުގައި މިކަމުގެ މައްޗަށް ރިޢާޔަތްކޮށްފައި ނެތްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
މި ނުކުތާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، އޭ.އޭ.އޭ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ އެ ކުންފުންޏާއި ދައުލަތާއި ދެމެދު ކޮންޓްރެކްޓެއް ވެފައިވާކަމަށްބުނެ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާއެއް ނޫންކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ ހައިކޯޓަށް އޭ.އޭ.އޭ ކުންފުނިން ހުށަހެޅި ފުރަތަމަ ނުކުތާ ބިނާކޮށްފައިވަނީ ދައުލަތާއި އޭ.އޭ.އޭ ކުންފުންޏާ ދެމެދު އެއްބަސްވުމެއް ވެފައިވާކަމަށް ބުނެ، އެ ސަބަބުގެ މައްޗަށް ހުށަހަޅާފައިވާ ނުކުތާއެއްކަމަށް ވީހިނދު، އެފަދައިން ދަށު ކޯޓުގައި ހުށަހަޅާފައިނުވާ މުޅިން އައު އަސާސެއްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ފައިޞަލާ ކޮށްދިނުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ(ހ) އާ ޚިލާފުކަމެއް ކަމުގައިވާތީވެ އިސްތިއުނާފު ކުރެވުނު ފުރަތަމަ ނުކުތާ ޝަރީޢަތަށް ބަލައިނުގަނެވޭކަމަށެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާ ބިނާކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ(ށ) ގެ 1 ގައި ބަޔާންކުރާ ލިޔެކިޔުންތަކުގެ މައްޗަށް ބެލުމެއްނެތި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާގެ މައްޗަށެވެ. މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 584/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރަށް ބަލާއިރު، ހުށަހެޅިފައިވާ ލިޔުންތަކަށް ރިޢާޔަތްކޮށްފައިވާކަން އެނގެން އޮންނާތީ، އިސްތިއުނާފު ކުރެވުނު ދެވަނަ ނުކުތާ ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްނޫންކަމަށް ދެކޭކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އޭ.އޭ.އޭ ކުންފުނީގެ ފަރާތުން އިސްތިއުނާފުކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2016/HC-A/358 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އޭ.އޭ.އޭ ކުންފުނީގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހެޅިއެވެ.
ފުރަތަމަ ނުކުތާ އަކީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅެނީ ދެ ފަރާތެއްގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުމެއް ނުވަތަ ޚުޞޫމަތަކާ ގުޅިގެން އިތުރު ދެބަސްވުމަކަށް މަގުފަހިކުރުމެއް ނެތި އަދި އެއްވެސް އޮޅުމެއް ނާރާގޮތަށް އެ ޚުޞޫމަތަކަށް ނުވަތަ އެ ދެބަސްވުމަށް ގެނެވޭނެ އަދި އެ މައްޗަށް ޢަމަލުކުރެވޭނެ ފައިޞަލާކުރަނިވި ޙުކުމެއް ލިބިގަތުމުގެ މުހިންމު ބޭނުމުގައި ކަމަށްވެފައި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރީޢަތުން ކަނޑައަޅާ ނިޔާތަކަކީ ނުވަތަ އިއްވާ ޙުކުމްތަކަކީ އަރާރުން އުފެދިފައިވާ ޚުޞޫމަތަށް ޤާނޫނުގެ އިމުގެ ތެރެއިން ފައިޞަލާކުރަނިވި ޙައްލެއް ހޯދައިދެވޭފަދައަކުން ކުރާ ޙުކުމްތަކަކަށް ވާންޖެހޭނެ ކަމަށާއި،އެ މަޤްޞަދު ޙާޞިލުނުވާގޮތަކަށް ޙުކުމެއް އިއްވުނު ކަމުގައިވިޔަސް އެއީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޙުކުމެއްކަމަށް ބެލެވިދާނެ ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 (08 ނޮވެންބަރު 2010( ރޫލިންގގައި ކަނޑައަޅާފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/358 ޤަޟިއްޔާގައި އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 584/Cv-C/2015 ޤަޟިއްޔާއިން ދަޢުވާ އުފުލުނު މައްސަލައިގައި ޚަޞްމުންގެ މެދުގައި ޚިލާފު އުފެދިފައިވާ ޚުޞޫމަތުގެ އަސްލަކީ މައްސަލައިގެ ދަޢުވާކުރި އޭ.އޭ.އޭ ކުންފުންޏާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ހިނގާފައިވާ "ކުރީގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ޕޮލިސް ހެޑްކުއާޓާރޒްއިން" މުޢާމަލާތާއި ގުޅިގެން އުފެދިފައިވާ ޚުޞޫމަތެއް އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް އެދި ހުށަހެޅުމުން އުފެދިފައިވާ ޚުޞޫމަތެއްކަން ސިވިލް ކޯޓުގެ ނަންބަރު 584/Cv-C/2015 ޤަޟިއްޔާއިން ހުށަހެޅުނު ހުށަހެޅުންތަކުން ރަނގަޅަށް އެނގެން އޮތްއިރު، ސިވިލް ކޯޓުގެ ނަންބަރު 584/Cv-C/2015 ޤަޟިއްޔާއިން އެކަމަށް ޙައްލެއް ހޯދައިދީފައި ނުވާއިރު، އެ ނުކުތާ އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/358 ޤަޟިއްޔާއިން ވެސް އެކަމަށް ފައިސަލާކޮށްފައި ނުވުން.
ދެވަނަ ނުކުތާއަކީ، ކުރީގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ޕޮލިސް ހެޑްކުއާޓާރޒްއަށް ހުށަހެޅުނު މަދަނީ މައްސަލައެއްގެ ތަޙުޤީޤު ނިމެންދެން ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ގޮތުގައި 1999 ނޮވެންބަރު 80 ވަނަ ދުވަހު ފުލުސް އޮފީހުގައި އޭ.އޭ.އޭ ކުންފުނިން ބެހެއްޓި 285,000.00ރ. (ދެލައްކަ އަށްޑިހަފަސްހާސް ރުފިޔާ( އޭ.އޭ.އޭ ކުންފުންޏަށް ނުދީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އަތުގައި ގިނަ އަހަރުތަކެއް ވާންދެން ބަހައްޓައިގެންއެ ފައިސާއިން ނުޙައްޤު މުއްސަނދިކަމެއް ނުވަތަ “unjust enrichment” އެއް ދައުލަތުގެ އެހާ ޒިންމާދާރު މުއައްސަސާއަކުން ލިބިފައިވީހިނދު، އެކަމުގެ ސަބަބުން އިސްތިއުނާފު ކުރި ފަރާތަށް ލިބިފައިވާ ގެއްލުމަށް ރިޢާޔަތްކޮށްފައި ނުވުން.
އޭ.އޭ.އޭ ކުންފުނީގެ ފަރާތުން އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާފައިވާ 02 (ދޭއް) ނުކުތާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށްއެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ފާހަގަކޮށްފައިވަނީ މައިގަނޑު 02 (ދޭއް) ކަމެވެ.
(ހ) ފުރަތަމަކަމަކީ، އޭ.އޭ.އޭ ކުންފުންޏާއި ދައުލަތާ ދެމެދުގައިވާ ޚުޞޫމަތައް ނިމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމުން އައިސްފައި ނުވުން.
(ށ) ދެވަނަކަމަކީ، 80 ނޮވެންބަރު 1999 އިން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ހުރުމުގެ ސަބަބުން ދައުލަތަށް ނުޙައްޤު މުއްސަނދިކަމެއް ލިބި، އޭ.އޭ.އޭ ކުންފުންޏަށް އެ ފައިސާ އެހާ ގިނަ ދުވަހު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރުމުން ލިބިފައިވާ ގެއްލުމަށް ރިޢާޔަތް ކޮށްފައި ނުވުން.
ޚުޞޫމަތައް ނިމުމެއް އައިސްފައިނުވާކަން
އޭ.އޭ.އޭ ކުންފުނިން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ފުރަތަމަ ކަމަކީ، އެ ކުންފުނިން ދައުލަތުގެ މައްޗަށް ދަށު ކޯޓުގައި ކުރި ދަޢުވާއަކީ ސެކިއުރިޓީ ޑިޕޮސިޓް ފައިސާ އަނބުރާ ހޯދުމުގެ މައްސަލައެއް ކަމުގައިވިޔަސް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޙުކުމުން ޚުޞޫމަތައް ނިމުމެއް އައިސްފައިނުވާކަމަށެވެ.
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތެއް ކަނޑައަޅަނީ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އެ ދަޢުވާއެއްގައި އެދިފައިވާ ފަރުވާއެއް ފޯރުކޮށްދިނުމަށެވެ. މިގޮތުން މަދަނީ ދަޢުވާތައް ކުރުމުގައި އަވަސް މިނެއްގައި ޚުޞޫމަތެއް ނިމުމަކަށް ގެނައުމަށްޓަކައި، ޤާނޫނީ ގޮތުން ކަޑައްތު ކުރާނެ ފިޔަވަޅުތައް ދެނެގަތުމަކީ އެ ދަޢުވާއެއް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
އޭ.އޭ.އޭ ކުންފުނިން ސިވިލް ކޯޓުގައި ދައުލަތުގެ މައްޗަށް ދަޢުވާ ކުރީ، މި ރައުޔުގެ 06 ވަނަ ޕެރެގްރާފުގައި ތަފުސީލު ދެވިފައިވާ ފަދައިން ޕޮލިސް ހެޑްކުއާޓާރޒްގައި އެ ފަރާތުން08 ނޮވެންބަރު 1999 ދުވަހު ބެހެއްޓި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ އާއި އެ ފައިސާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރުމުން އޭ.އޭ.އޭ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
މި ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ ސެކިއުރިޓީ ޑިޕޮސިޓް ފައިސާއަކީ20 މޭ 1999 ގައި އޭ.އޭ.އޭ ކުންފުންޏާއި ކޫލް ޓީމް މޯލްޑިވްސްއާ ދެމެދުގައި ހިނގާފައިވާ ބާޖު ކުއްޔަށް ދިނުމުގެ މުޢާމަލާތާއި ގުޅިގެން ކޫލް ޓީމް މޯލްޑިވްސްއިން ޕޮލިސް ހެޑްކުއާޓާރޒްއަށް ހުށަހެޅި އެއްބަސްވެފައިވާ ގޮތަށް ބާޖުގެ ކުލި ނުދެއްކުމާއި، ބާޖު އަނބުރާ ހޯދުމަށްޓަކައި އޭ.އޭ.އޭ ކުންފުނީގެ މައްޗަށް ހުށަހެޅި މައްސަލައިގައި އެ މައްސަލަ ނިމެންދެން ސެކިއުރިޓީގެ ޑިޕޮސިޓު ފައިސާއެއްގެ ގޮތުގައި ބެހެއްޓިފައިވާ ފައިސާއެއްކަމަށް އެނގޭކަމަށެވެ. އަދި މި ފައިސާއާ ދޭތެރޭ ޢަމަލު ކުރެވިފައިވާ ގޮތް މަދަނީ ކޯޓުގެ ނަންބަރު 1026/MC/2000 ޤަޟިއްޔާއާއި ފަހުން އެ ޙުކުމް އިސްތިއުނާފު ކުރެވުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2001/HC-A/145 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ބެލުމުން އެނގޭކަމަށެވެ.
ކޫލް ޓީމް މޯލްޑިވްސްއިން އޭ.އޭ.އޭ ކުންފުނީގެ މައްޗަށް ދަޢުވާކުރި މައްސަލަ
އިސްވެ ބުނެވުނު މަދަނީ ކޯޓުގެ ނަންބަރު 1026/MC/2000 ޤަޟިއްޔާއަކީ ކޫލް ޓީމް މޯލްޑިވްސްގެ ފަރާތުން އޭ.އޭ.އޭ ކުންފުނީގެ މައްޗަށް 25 މޭ 2000 ގައި ކުރީގެ މަދަނީ ކޯޓުގައި ދަޢުވާކުރި މައްސަލައެކެވެ. މި މައްސަލައިގައި ކޫލް ޓީމް މޯލްޑިވްސްއިން އެދިފައިވަނީ 20 މޭ 1999 ގައި ކޫލް ޓީމް މޯލްޑިވްސް އާއި އޭ.އޭ.އޭ ކުންފުންޏާއެކު ވެވުނު ބާޖު ކުއްޔަށް ހިފުމުގެ އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި 757,000.00ރ. (ހަތްލައްކަ ފަންސާސް ހަތްހާސް ރުފިޔާ) ހޯދުމަށެވެ.މި މައްސަލައިގައި، މަދަނީ ކޯޓުން ޙުކުމްކޮށްފައިވަނީ އޭ.އޭ.އޭ ކުންފުނިން ޕޮލިސް ހެޑްކުއާޓާރޒްގައި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ބެހެއްޓި 285,000.00ރ. (ދެލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) ކޫލް ޓީމް މޯލްޑިވްސްއަށް ލިބިފައިވާތީވެ، އެ ޢަދަދު އުނިކުރުމަށްފަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ 472,000.00ރ. (ހަތަރުލައްކަ ހަތްދިހަދެހާސް ރުފިޔާ) 08 (އަށެއް) މަސް ދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭވަރު ދައްކައި ޚަލާސްކުރުމަށް އޭ.އޭ.އޭ ކުންފުނީގެ މައްޗަށް އަންގައި10 ޖުލައި 2001 ގައެވެ.
މަދަނީ ކޯޓުގެ ނަންބަރު 1026/MC/2000 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2001/HC-A/145 ޤަޟިއްޔާއިން ވަނީ ބާޠިލުކޮށްފައެވެ. މި 02 (ދޭއް) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރުގައި، ފާހަގަވާކަމަކީ ސެކިއުރިޓީ ޑިޕޮސިޓް ފައިސާ މަދަނީ ކޯޓުން ޙުކުމް ކުރިއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ނުވާކަމާއި، އަދި އެ ފައިސާއާމެދު ގޮތެއް ކަނޑައެޅި އޭ.އޭ.އޭ ކުންފުނިން ކޫލް ޓީމް މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާކަމަށް މަދަނީ ކޯޓުގެ ނަންބަރު 1026/MC/2000 ޤަޟިއްޔާއިން ސާބިތުވާ ޢަދަދުން އުނިކޮށްފައިވާކަމެވެ.
މިގޮތުން މަދަނީ ކޯޓުގެ ޙުކުމަށް ބަލާއިރު އޭ.އޭ.އޭ ކުންފުނިން ކޫލް ޓީމް މޯލްޑިވްސް އަށް ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ 757,000.00ރ. (ހަތްލައްކަ ފަންސާސް ހަތްހާސް ރުފިޔާ) އެވެ. އެ މައްސަލާގައި ޝަރީޢަތުން ޙުކުމްކޮށްފައިވަނީ ސެކިއުރިޓީގެ ޑިޕޮސިޓް ބެހެއްޓި 285,000.00ރ. (ދެލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ( އަކީ އޭ.އޭ.އޭ ކުންފުނިން ކޫލް ޓީމް މޯލްޑިވްސް އަށް ދަރަނި އަދާކުރުމަށްޓަކައި ލިބިފައިވާ ފައިސާއެއްކަމަށް ކަނޑައަޅައި، ބާކީ 472,000.00ރ. (ހަތަރުލައްކަ ހަތްދިހަދެހާސް ރުފިޔާ) އޭ.އޭ.އޭ ކުންފުނިން ކޫލް ޓީމް މޯލްޑިވްސްއަށް ދެއްކުމަށް އަންގައެވެ.
ދައުލަތުގެ މައްޗަށް ދަޢުވާކުރުމުގެ ހަސިއްޔަތެއް ނެތްކަން
ދައުލަތުގެ ބެލުމުގެ ދަށުގައި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ބެހެއްޓުމަށް އޭ.އޭ.އޭ ކުންފުންޏަށް އެންގުނީ، ކޫލް ޓީމް މޯލްޑިވްސް އޭ.އޭ.އޭ ކުންފުނީގެ މައްޗަށް ޕޮލިސް ހެޑްކުއާޓާރޒަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ މުޢާމަލާތު ހިނގި ދުވަސްވަރު ޢަމަލުކުރަމުންދިޔަ އުސޫލުން ތަޙުޤީޤުކުރާ މައްސަލަތަކުގައި، ގޮތެއް ކަނޑައެޅެންދެން ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ބަހައްޓާ ހަމައިގެ ތެރެއިން އަމާނާތެއްގެ ގޮތުގައެވެ. އެ އަމާނާތް ދައުލަތުގެ ކިބައިން ކެނޑި، އެ ފައިސާގެ ހައްޤުވެރިޔާކަމަށް އެހިނދަށް ފާހަގަވި ކޫލް ޓީމް މޯލްޑިވްސް އާ ޙަވާލުކުރެވިފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 1026/MC/2000 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ބެލުމުން އެނގެއެވެ. އޭގެފަހުން، މަދަނީ ކޯޓުގެ ނަންބަރު 1026/MC/2000 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2001/HC-A/145 ޤަޟިއްޔާއިން ބާޠިލު ކުރިކަމުގައިވިޔަސް އެ ޙަޤީޤަތް ބަދަލު ނާންނަކަން ފާހަގަކުރަމެވެ.
އެ ސެކިއުރިޓީ ޑިޕޮސިޓު ފައިސާއަކީ އޭ.އޭ.އޭ ކުންފުންޏަށް އަނބުރާ ލިބެންޖެހޭ ފައިސާއެއްކަމަށް ދެކޭނަމަ، އެ ފައިސާ ހޯދުމުގެ ދޮރު ހުޅުވިފައިވާކަމަށް ދެކެމެވެ. އަދި މި ފުރުސަތު ދިވެހިރާއްޖޭގެ ހައިކޯޓުން މަދަނީ ކޯޓުގެ ނަންބަރު 1026/MC/2000 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރި ދުވަސްކަމުގައިވާ 90 ޖުލައި 2002، ޤަޟިއްޔާގެ ޙުކުމް ކުރި ތާރީޚުން ފެށިގެން އޭ.އޭ.އޭ ކުންފުންޏަށް ލިބިފައިވެއެވެ.
ނަމަވެސް، އެ މަގުން އޭ.އޭ.އޭ ކުންފުނިން ނުހިގައި، އޭގެ 13 (ތޭރަ) އަހަރު ފަހުން ދައުލަތުގެ މައްޗަށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ހޯދުމަށް އޭ.އޭ.އޭ ކުންފުނިން ދަޢުވާ ކުރިކަމުގައިވިޔަސް މިމައްސަލާގައި އޮތް ޚުޞޫމަތައް އިސްތިއުނާފުކުރާފަރާތަށް ޙައްލެއް ނުލިބުމުގެ އިތުރުން ދައުލަތުގެ މައްޗަށް އެ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ހައިސިއްޔަތެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ބެހެއްޓުމުގެ ސަބަބުން ދައުލަތައް ނުޙައްޤު މުއްސަނދިކަމެއް ލިބިފައިވޭތޯ ބެލުން
އޭ.އޭ.އޭ ކުންފުނިން އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ 08 ނޮވެންބަރު 1999 އިން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި އޭ.އޭ.އޭ ކުންފުނީގެ ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ހުރުމުގެ ސަބަބުން ދައުލަތަށް ނުޙައްޤު މުއްސަނދިކަމެއް ލިބި، އޭ.އޭ.އޭ ކުންފުންޏަށް އެ ފައިސާ އެހާ ގިނަދުވަހު ނުލިބި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރުމުން ލިބިފައިވާ ގެއްލުމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމެވެ.
ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ 08 ނޮވެންބަރު 1999 އިން 01 ސެޕްޓެންބަރު 2014 އަށް ބަހައްޓާފައިވާކަމަށް އިސްތިއުނާފު ކުރާފަރާތުން ބުނިކަމުގައިވިޔަސް އެއީ ޙަޤީގަތެއް ނޫންކަމާއި، އެފައިސާ ދައުލަތުގެ ބެލުމުގެ ދަށުގައި ނެތްކަން މަދަނީ ކޯޓުގެ ނަންބަރު 1026/MC/2000 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ބެލުމުން އެނގެއެވެ. އެހެންކަމުން، އޭ.އޭ.އޭ ކުންފުނިން އިޝާރަތްކޮށްފައިވާ ފަދަ ކަމެއް މިމައްސަލާގައި އުފަންވެފައި ނުވާހިނދު، އިސްތިއުނާފީ ދެވަނަ ނުކުތާގައި ގޮތެއް ކަނޑައަޅަންޖެހޭކަމަކަށް ނުދެކެމެވެ.
ބަޔާންވެދިޔަ ކަންކަމުގެ އަލީގައި މިމައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/358 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/358 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/358 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމްޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.