ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 26 · 2020/SC-A/74, 2020/SC-A/75ސުޕްރީމް ކޯޓު · 8 މާރިޗު 2021

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 މާރިޗު 2021ބާވަތް: އެހެނިހެން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/74, 2020/SC-A/75

ޝަރީޢަތް ނިމުނުގޮތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު

ފަނޑިޔާރުންގެ މަޖިލިސް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

08 މާރޗް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2019/HC-A/311, 2019/HC-A/312

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

އަޙްމަދު ރަޝީދު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު ޤާނޫނީ ވަކީލު: އައިޝަތު ރީޝާ، ފާޠިމަތު މީޝާ، އާދަމް ޝުޒައިން

ޖިނާއީ – ކޯޓު އަމުރު – ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 182 ވަނަ މާއްދާ - ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ރަޝީދު

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި ދެ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/311 ޤަޟިއްޔާ އަދި ނަންބަރު 2020/HC-A/312 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ދެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައެކެވެ. މި ދެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އަޙްމަދު ރަޝީދު އެވެ.

އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މިވާ ހައިކޯޓުގެ ދެ ޤަޟިއްޔާއިން ބަލައި ނިންމާފައިވާ 2 (ދޭއް) ކޯޓު އަމުރަކީ، އެއް މައްސަލައަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ދެ އަމުރެވެ. މި ދެ މައްސަލައިގައިވެސް އިސްތިއުނާފް ރައްދުވާ ފަރާތަކީ އެއް ފަރާތެކެވެ. މިއީ، މި ދެ މައްސަލައިގެ ޝަރީޢަތް އެކުއެކީގައި ހިންގުމަށްފަހު، މި ދެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

މަސްތުވާތަކެތި ބޭނުންކުރުން އަދި ގެންގުޅުން އަދި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަޙްމަދު ރަޝީދު ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރާ ގުޅިގެން ބަންދާމެދު ގޮތެއް ނިންމުމަށް އަޙްމަދު ރަޝީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓު އަމުރެއްގެ ދަށުން އަޙްމަދު ރަޝީދު ހައްޔަރުކުރިކަމަށް ބުނެފައިވާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 41 ވަނަ މާއްދާގެ (ށ) ގައި ކޯޓު އަމުރެއްގައި ހުންނަންޖެހޭ ކަންކަން އަޙްމަދު ރަޝީދު ހައްޔަރުކުރުމަށްފަހު އަޙްމަދު ރަޝީދަށް ފުލުހުން ދީފައިވާ ކޯޓު އަމުރުގެ ކޮޕީގައި ފުރިހަމަވެފައިނުވާތީ، އަޙްމަދު ރަޝީދު ބަންދުގައި ބެހެއްޓޭނެ ތަނެއް ނެތްކަމަށްބުނެ، 4 ޖޫން 2019 ވަނަ ދުވަހު އަޙްމަދު ރަޝީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

އަޙްމަދު ރަޝީދު ދެވަނަ ފަހަރަށް ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން ހެދިފައިވާ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން5 ޖޫން 2019 ގައި ނެރުނު ކޯޓު އަމުރުން އަޙްމަދު ރަޝީދު ދޫކޮށްލިއެވެ.

ތިންވަނަ ފަހަރަށް، އަޙްމަދު ރަޝީދު ހައްޔަރުކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 6 ޖޫން 2019 ވަނަ ދުވަހު ނެރުނު ކޯޓު އަމުރަކުންނެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރުގައި ވަނީ "6 ޖޫން 2019 ވަނަ ދުވަހުގެ 2:30 އިން ފެށިގެން 72 ގަޑިއިރު" އަށް އަޙްމަދު ރަޝީދު ހައްޔަރު ކުރުމަށެވެ. އަޙްމަދު ރަޝީދު ހައްޔަރުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި ސަބަބަކީ: "2019 ޖޫން 4 ވަނަ ދުވަހުގެ 03:10 ހާއިރު އަޙްމަދު ރަޝީދު މިހާރު ދިރިއުޅޭ ހުޅުމާލެ، ގޯތި ނަންބަރު 10361 (ޕިންކްޕާރލް) ގޭގެ މީނާ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލާފާސްކުރިކުރުމުން ގިނަ އަދަދެއްގެ މަސްތުވާ ތަކެތިކަމަށް ޝައްކުރުރެވޭ ތެކެތި (މިފެނިފައިވާ ތަކެތީގައި ވަގުތީ ބަރަދަނުގައި 03 ކިލޯ ހުރި) ފެނިފައިވާ މައްސަލާގައި މީނާ 2019 ޖޫން 04 ވަނަ ދުވަހުގެ ކްރިމިނަލް ކޯޓުން ދޫކޮށްލުމާއި ގުޅިގެން މީނާ ރާއްޖެއިން ބޭރަށް ފިލައިގެން ދާން އުޅޭ ކަމަށާއި، އަދި މީނާ ދިރިއުޅޭ ގެއިން ފެނިފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާ ހަވާލުވުމަށް މީހަކު ހޯދަމުންދާ ކަމަށާއި އަދި އެމީހަކަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅަން ތައްޔާރު ވަމުންދާކަމަށް އިންޓެލިޖެންސްއަށް މަޢުލޫމާތު ލިބިފައިވާތީ، މީނާގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ އާއި މީނާ ފިލާފާނެކަމައް ފެންނާތީ." އެވެ.

އަޙްމަދު ރަޝީދު ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަޙްމަދު ރަޝީދުގެ ބަންދަށް 10 (ދިހައެއް) ދުވަސް ޖަހާ 6 ޖޫން 2019 ވަނަ ދުވަހު ކޯޓު އަމުރެއް ނެރެފައިވެއެވެ. އަޙްމަދު ރަޝީދުގެ ބަންދުގެ މުއްދަތު 10 ދުވަސް ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބަޔާންކޮށްފައިވާ ސަބަބަކީ: "ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) އާއި 60 ވަނަ މާއްދާގެ (ށ) ގެ 04 ވަނަ ނަންބަރާއި ޙަވާލާދީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި" އެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 6 ޖޫން 2019 ގައި ނެރެފައިވާ ދެ ކޯޓު އަމުރާއި ގުޅިގެން އަޙްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ނަންބަރު 2019/HC-A/311 ޤަޟިއްޔާ އަދި ނަންބަރު 2019/HC-A/312 ޤަޟިއްޔާއިން މި ދެ މައްސަލައިގައި ނިންމާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ދެ އަމުރަކީ އެފަދަ އަމުރުތައް ނެރުމުގެ އިޙްތިޞާޞް އެ ކޯޓަށް ލިބިފައިނެތީސް ނެރެފައިވާ ދެ ކޯޓު އަމުރުކަން އެނގެން އޮތަތީ އެ ދެ އަމުރަކީ ބާޠިލް އަމުރުކަމުގައި ކަނޑަޅައެވެ.

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/311 ޤަޟިއްޔާ އަދި ނަންބަރު 2019/HC-A/312 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ދެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފީ ދެ ޤަޟިއްޔާއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާގޮތް

ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު HMC-CA/383/2019 ކޯޓު އަމުރު އަދި ނަންބަރު HMC-CA/385/2019 ކޯޓު އަމުރު ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް 03 (ތިނެއް) ނުކުތާ އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅިއެވެ. އެއީ:

ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގެ އިސްވެ ހަވާލާދެވިފައިވާ ދެ ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/05/SC ސަރކިއުލާއާއި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އެ ކޯޓުގެ އިޚްތިޞާޞެއް ނެތި ނެރެފައިވާ ދެ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު HMC-CA/385/2019 ކޯޓު އަމުރަކީ ވިދިވިދިގެން އެއް ފަނޑިޔާރަކަށް ދެ ދުވަހަށް ކޯޓު އަމުރު ދޫނުކުރެވޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގެ އިސްވެ ހަވާލާދެވިފައިވާ ދެ ކޯޓު އަމުރަކީ، އަޙްމަދު ރަޝީދު މިނިވަންކޮށް ދޫކޮށްލުމަށް 4 ޖޫން 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާޠިލުވެގެންދާ ގޮތަށް އެއްމަރުޙަލާގެ ކޯޓަކުން ނެރެފައިވާ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 20 ވަނަ މާއްދާގެ އިޖުރާއަތާ ޚިލާފު އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި ދެ މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 6 ވަނަ މާއްދާގެ (ހ) ގައި ޖިނާއީ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުތައް ބަޔާންކޮށްފައިވާކަމާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އަށް ބެލުމުންވެސް، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، މާލޭގައި ނަމަ ކްރިމިނަލް ކޯޓަށް، އަތޮޅުތަކުގައިނަމަ އެމީހަކު ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރަންވާނެކަން.

ހުޅުމާލެއަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ބައެއްކަމާއި، އިދާރި ގޮތުން އެރަށަކީ މާލޭގެ ބައެއްކަމުގައި ހިމެނިފައިވާ ރަށެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލް 2 އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 4 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގޭކަން.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވައި ރައިސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި 14 އޮކްޓޯބަރ 2010 ތާރީޚުގައި ނެރުއްވާފައިވާ ޤަރާރަށް ބަލާއިރު، ހުޅުމާލެއަކީ އިދާރީގޮތުން ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ބައެއްކަމަށް ކަނޑައެޅިފައިވާކަމާއި، މިކަން މިފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިންވެސް ފާހަގަކޮށްފައިވާކަން.

މި ދެ މައްސަލައިގައި ތުހުމަތުކުރެވޭ އަޙްމަދު ރަޝީދުއަކީ ހުޅުމާލޭގައި ރަށްވެހިވެފައިވާ ފަރާތެއްކަމާއި، ދިރިއުޅެނީވެސް ހުޅުމާލޭގައި ކަމަށްވެފައި، ހުޅުމާލެއަކީ މާލޭގެ ބައެއްކަން.

ރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭ (ވިލިގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން) ގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތައް ނެރެންވާނީ ޤާނޫނަކުން ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހިނދަކު، ހަމައެކަނި ކްރިމިނަލް ކޯޓުން ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައި ނިންމާފައިވާ ނިންމުމަށް 07 ޖުލައި 2019 އާ ހަމައަށް ބަދަލެއް އައިސްފައި ނުވާކަން.

އަޙްމަދު ރަޝީދު 06 ޖޫން 2019 ދުވަހުން ފެށިގެން 16 ޖޫން 2019 އަށް 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވަނީ އެފަދަ ބަންދުކުރުމުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ނެތް ދުވަސްވަރަކުކަން.

އަޙްމަދު ރަޝީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރިން އަމުރު ނެރެފައިވަނީ، އޭނާ ހައްޔަރުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ އަމުރު ޞައްޙަވުމަށްޓަކައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން ކަމާއި، އެމައްސަލައިގައި ކްރިމިނަލް ކޯޓުން އަޙްމަދު ރަޝީދު ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އޮތްތޯ ނުވަތަ ނެތްތޯ ޝަރީޢަތުން ބަލާފައިނުވާކަން އަޙްމަދު ރަޝީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 145-J/MA/2019/1208 ކޯޓު އަމުރުން އެނގޭއިރު، އެ އަމުރު އިސްތިއުނާފުނުކޮށް، އަޙްމަދު ރަޝީދު ހައްޔަރުކުރުމަށް ކުރިން ހުށަހެޅިއިރު، އިޖްރާއީ ގޮތުން ހެދިފައިވާ ކުށް ނުވަތަ ގޯސްތައް ރަނގަޅުކޮށް އަލުން އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމުގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރުކުރުމަށް ނެރުނު އަމުރަކީ ކްރިމިނަލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު އަމުރުގައި ނިންމާފައިވާ ނިންމުމުގެ ބާރު ކެނޑިގެންދާ ގޮތަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދުގެ 20 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ނުބެލެވޭކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/311 ޤަޟިއްޔާ އަދި ނަންބަރު2019/HC-A/312 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާގައި ބުނަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 182 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 6 ވަނަ މާއްދާއާއި، ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ރޫޙާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ނެގި އިޖުރާޢީ ނުކުތާ

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރި މައްސަލައަށް ޖަވާބުދެމުން، އަޙްމަދު ރަޝީދު ދެ އިޖުރާއީ ނުކުތާ ފާހަގަ ކުރިއެވެ.

އަޙްމަދު ރަޝީދު ނެގި ފުރަތަމަ އިޖުރާއީ ނުކުތާގައި ބުނަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/311 ޤަޟިއްޔާ އަދި ނަންބަރު 2019/HC-A/312 ޤަޟިއްޔާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 166 ވަނަ މާއްދާގެ (ހ) ގައި ބުނާ 60 ދުވަހުގެ މުއްދަތު ހަމަވިފަހުން ކަމަށެވެ. އަދި މި ދެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ 10 ސެޕްޓެމްބަރު 2019 ގައި ކަމަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ދެ ޤަޟިއްޔާ އިސްތިއުނާފު ކުރީ 10 ޑިސެމްބަރު 2019 ގައި ކަމަށް ވުމުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރި މުއްދަތާއި އެދެމެދަށް އައި ބަންދުދުވަސްތައް ދޫކޮށް 60 ދުވަސް ހަމަވެފައިވަނީ 8 ޑިސެމްބަރު 2019 އަށް ކަމަށްބުނެ ނެގި އިޖުރާއީ ނުކުތާއެވެ.

އަޙްމަދު ރަޝީދު ނެގި ދެވަނަ އިޖުރާޢީ ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 198 ވަނަ މާއްދާގެ (ރ) ގައި ކޯޓު އަމުރެއް ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ އިސްތިއުނާފުކުރަންވާނީ އެ ނިންމުމެއް ނިންމިތާ 48 ގަޑިއިރުގެ ތެރޭގައި ކަމަށް ބަޔާން ކޮށްފައިވާ އިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ދެ ޤަޟިއްޔާ އިސްތިއުނާފު ކުރީ ބުނެވިދަޔަ 48 ގަޑިއިރު ހަމަވިފަހުން ކަމަށް ބުނެ ނެގި އިޖުރާއީ ނުކުތާއެވެ.

އަޙްމަދު ރަޝީދު ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން ޕްރޮސިކިރުޓަރ ޖެނެރަލްގެ އޮފީހުން އަންނަނިވި ކަންކަން ފާހަގަކުރިއެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 166 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާ މައްސަލައެއް އިސްތިއުނާފްކުރަންވާނީ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައިކަމަށާއި މި ދެ މައްސަލަ ޕްރޮސިކިރުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިމުއްދަތުގެ ތެރޭގައިކަމަށެވެ.

ރައީސުލްޖޫމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 17/2019 ވަނަ ދެންނެވުމުގައި ރަސްމީ ބަންދުދުވަހުގެ ގޮތުގައި އިތުރު ދުވަހެއް ކަނޑައަޅުއްވާފައިވާކަމަށާއި، އެ ދުވަސް (10 ނޮވެންބަރު ވީ އާދީއްތަ ދުވަސް) އަކީ އިސްތިއުނާފް މުއްދަތުގެ ތެރޭގައި ހިމެނޭ ދުވަހެއް ކަމަށެވެ.

މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 35 ވަނަ މާއްދާގައި އިސްތިއުނާފް ކުރުމުގެ މުއްދަތު ނުވަތަ ޤާނޫނަކުން ވަކި މުއްދަތެއް ކަނޑައަޅާފައިވާނަމަ އެ މުއްދަތެއް ގުނާނެގޮތް ކަނޑައަޅާފައިވާ ކަމަށާއި އެގޮތަކީ ފަށާ ދުވަހާއި ނިމޭ ދުވަސް ނުހިމެނޭ ގޮތުން މެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ، މުއްދަތު ގުނާގޮތް ކަމަށެވެ.

އަޙްމަދު ރަޝީދު ފާހަގަކުރި ފުރަތަމަ އިޖުރާއީ ނުކުތާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެޤާނޫނު ގެ 15 ވަނަ މާއްދާގެ (ހ) ގައި އިސްތިއުނާފްކުރުމުގެ މުއްދަތު ގުނާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން ކަން ބަޔާންކޮށްފައިވާ ކަން އެނގެއެވެ. އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 35 ވަނަ މާއްދާގެ (ހ) ގައި ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި ބަލަންޖެހިއްޖެ ހިނދެއްގައި، އެ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ އަދި ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެ ކަމެއް ހިނގާ ދެ ދުވަސް ނުހިމަނާކަމަށެވެ. މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-A/311 ޤަޟިއްޔާ އަދި ނަންބަރު 2019/HC-A/312 ޤަޟިއްޔާގެ އިސްތިއުނާފްގެ މުއްދަތު ހަމަވާ ތާރީޚަކީ 10 ޑިސެންބަރު 2019 އެވެ. މި ޤަޟިއްޔާތައް، ޕްރޮސިކިރުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 10 ޑިސެމްބަރު 2019 ގައި ކަމަށް ވުމުން، އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފުކުރަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައެވެ.

އަޙްމަދު ރަޝީދު ނެގި ދެވަނަ އިޖުރާއީ ނުކުތާއަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 198 ގައި ބަޔާންކޮށްފައި ވަނީ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އިން ކޯޓުގެ އަމުރެއް އިސްތިއުނާފްކުރާނަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީން އިސްތިއުނާފްކޮށްފައިވަނީ ހައިކޯޓުގެ ޙުކުމެއް ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 198 ވަނަ މާއްދާގައި ބުނާ މުއްދަތު މި ދެ މައްސަލައަކަށް ނުހިނގާނެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާގެ ތަފްޞީލް އަދި އެއަށް ދިން ޖަވާބު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާއަށް ބަލާއިރު، އެ ނުކުތާގައި ބުނަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/311 ޤަޟިއްޔާ އަދި ނަންބަރު 2019/HC-A/312 ޤަޟިއްޔާގެ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 182 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 6 ވަނަ މާއްދާއާއި، ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ރޫޙާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނު އަށް ހަވާލާދީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަކީ ހުރިހާ މަރުޙަލާއެއްގެ ކޯޓުތަކުގެ އިޙްތިޞާޞް ބަޔާންކުރާ ޤާނޫނެއް ކަމަށާއި، މި ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން ވުޖޫދަށްއައި މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 182 ވަނަ މާއްދާގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިޙްތިޞާޞް އިޞްލާޙުކޮށް، އެ ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކުށްކުށާއިގުޅޭ މައްސަލަތައް ބެލުމުގެ އިޙްތިޞާޞް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވާކަމަށެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 182 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި ބުނެފައި ވަނީ:

(ހ) ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިޙްތިޞާޞް އެގޮތަށް ކަނޑައަޅާފައި އޮތްކަމުގައިވީނަމަވެސް، ޑްރަގް ކޯޓުން ބެލުމަށް އެ ކޯޓަށް މި ޤާނޫނުގެ ދަށުން އިޚްތިޞާޞް ލިބިދީފައިވާ މައްސަލަތަކާއި، މި ޤާނޫނުގައި 5 (ފަހެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅާފައިވާ ކުށުގެ މައްސަލަތައް ފިޔަވައި، މި ޤާނޫނުގައި ބަޔާންކުރާ އެހެން ކުށްކުށާއި ގުޅޭ މައްސަލަތައް ބެލުމުގެ އިޙްތިޞާޞް، މި ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑްރަގްކޯޓު ހިނގަން ފަށާ ތާރީޚުން ފެށިގެން، ހަމަކޮންމެ މެޖިސްޓްރޭޓް ކޯޓަކަށްވެސް ލިބިގެންވެއެވެ.

(ށ) މި ޤާނޫނުގައި ބަޔާންކުރާ ކުށްކުށުގެ މައްސަލަތައް ބެލުމަށް މެޖިސްޓްރޭޓް ކޯޓުތަކަށް މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ލިބިދޭ އިޙްތިޞާޞަށާއި، އެ ކޯޓުތަކަށް ލިބިދޭ ސަރަޙައްދީ އިޙްތިޞާޞަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މެޖިސްޓްރޭޓް ކޯޓެއްގައި ނުވަތަ ކްރިމިނަލް ކޯޓުގައި ނުވަތަ ޖުވަނައިލް ކޯޓުގައި މި ޤާނޫނުގައި ބަޔާންކުރާ ކުށްކުށުގެ ދަޢުވާ އުފުލުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ.

(ނ) މި ޤާނޫނުގައި ބަޔާންކުރާ ކުށްކުށުގެ މައްސަލަތައް ބެލުމަށް މެޖިސްޓްރޭޓް ކޯޓުތަކަށް މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ލިބިދޭ އިޙްތިޞާޞަށާއި، އެ ކޯޓުތަކަށް ލިބިދޭ ސަރަޙައްދީ އިޙްތިޞާޞަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މެޖިސްޓްރޭޓް ކޯޓެއްގައި ނުވަތަ ކްރިމިނަލް ކޯޓަށް ލިބިގެންވާ އިޙްތިޞާޞް އެ ކޯޓަށް ލިބިގެންވެއެވެ.

(ރ) މި ޤާނޫނުގައި ބަޔާންކުރާ ކުށްކުށުގެ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކުން ބެލުމުގައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ކްރިމިނަލް ކޯޓަށް ލިބިގެންވާ އިޚްތިޞާޞް އެ ކޯޓުތަކަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) އަދި (ށ) ގެ ބޭނުމަށްޓަކައި، އެ ބޭނުންވާ ނިސްބަތަށް މި ޤާނޫނު މެދުވެރިކޮށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އިޞްލާޙުވީ ކަމުގައި ބެލެވޭނެއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 182 ވަނަ މާއްދާއާ ގުޅޭގޮތުން އަޙްމަދު ރަޝީދު ބުނަނީ އެމާއްދާއަކީ ސަރަޙައްދީ އިޙްތިޞާޞްއާ ބެހޭ މާއްދާއެއްކަމަށް ނުދެކޭކަމަށެވެ. އިސްތިއުނާފްކުރެވޭ ދެ ޤަޟިއްޔާގައި ސުވާލު އުފެދެނީ ހުޅުމާލެ ގައި ދިރިއުޅޭ ރައްޔިތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިޙްތިޞާޞް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯއެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ގެ 182 ވަނަ މާއްދާގައި ބަޔާންކުރަނީ އެޤާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޙްތިޞާޞް އޮތް ކޯޓުތަކާއި އެ އިޙްތިޞާޞްގެ ތަފުސީލެވެ. އެ ޤާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި އެއްވެސް ފަރާތެއް ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމުގެ ޙާއްޞަ އިޖުރާއަތެއް އެޤާނޫނުގައި ކަނޑައެޅިފައިނުވާކަމަށާއި ޖިނާއީ އިޖުރާއަތުގެ ޢާންމު މާއްދާއެއްގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅޭ މައްސަލަތަކުގައި މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު ގެ 182 ވަނަ މާއްދާއަށް ރިޢާޔަތްކުރެވެންޖެހޭނެކަމަށް ނުދެކޭކަމަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނަނީ ޖުލައި 2017 ގައި ޢަމަލުކުރަން ފަށާފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 6 ވަނަ މާއްދާގައި ޖިނާއީ މައްސަލަތައް ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓުތައް ކަނޑައެޅިގެން ބަޔާންކޮށްފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 03/2018 (08 އޮގަސްޓު 2018) ޢާއްމު ސިޓީގައި، ކުށެއްގެ ތުހުމަތުގައި ބަދުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނެރޭ އަމުރުތައް ފިޔަވައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ ދަށުން ކޯޓު އަމުރެއް ހޯދައިގެން މެނުވީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ނުކުރެވޭނެކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގައި، ކޯޓު އަމުރު ދޫކުރާނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ކޯޓެއްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމުގައި ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވަނައިލް ކޯޓުގެ ޤާޟީންނާއި މެޖިސްޓްރޭޓް ކޯޓުތަކުން އެ ކޯޓެއްގެ މެޖިސްޓްރޭޓުން ކަމަށް ބަޔާންކުރައްވާ އާއްމު ކޮށްފައިވާކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 6 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި ބުނެފައިވަނީ:

6. (ހ) ޖިނައީ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޙްތިޞާޞް ލިބިގެންވަނީ އަންނަނިވި ކޯޓުތަކަށެވެ.

(1) އަންނަނިވި ސުޕީރިއަރ ކޯޓުތައް:

(i) ކްރިމިނަލް ކޯޓު

(ii) ޖުވެނައިލް ކޯޓު

(iii) ޖިނާއީ މައްސަލަ ބެލުމުގެ އިޙްތިޞާޞް ޤާނޫނަކުން ދީ، ސުޕީރިއަރ ކޯޓުގެ ދަރަޖައިގައި އުފައްދާފައިވާ ޚާއްޞަ ކޯޓުތައް.

(2)މެޖިސްޓްރޭޓް ކޯޓުތައް.

(3)ފުރަތަމަ މަރުޙަލާގައި ޖިނާއީ މައްސަލަ ބެލުމުގެ އިޙްތިޞާޞް ޤާނޫނަކުން ދީފައިވާ އެނޫންވެސް ކޯޓުތައް.

(ށ)މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓުތަކަށް ޖިނާއީ މައްސަލަ ބެލުމުގެ އިޙްތިޞާޞް ލިބިގެންވަނީ، ޤާނޫނު ނަންބަރު 2010/22 ގައި ނުވަތަ އެހެން ޤާނޫނެއްގައި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިޙްތިޞާޞްގެ ދާއިރާގެ ތެރޭގައެވެ. އަދި އެއިން އެއްވެސް ކޯޓަކަށް ލިބިދީފައިވާ އިޙްތިޞާޞްގެ ދާއިރާ ޤާނޫނަކުން ހަނިކޮށްފައިވާނަމަ، އެ ކޯޓަކަށް އެ އިޙްތިޞާޞް ލިބިގެންވާނީ، އެ ޤާނޫނަކުން އެ އިޙްތިޞާޞް ހަނިކޮށްފައިވާ މިންވަރަކަށް ކަމުގައި މި ޤާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.

(ނ)މެޖިސްޓްރޭޓް ކޯޓަކުން ބެލުމުގެ އިޙްތިޞާޞް ލިބިގެންނުވާ މައްސަލަތަކުގެ ދަޢުވާ ހުށަހެޅޭނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން އެ މައްސަލައެއް ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓަކަށެވެ.

(ރ)އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވާ، ކަމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓެއްގައި، ނުވަތަ ދަޢުވާ ލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ، ކަމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓެއްގައި، އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ބ)ޖިނާއީ މައްސަލަތައް އިސްތިއުނާފު މަރުޙަލާގައި ބެލުމުގެ އިޙްތިޞާޞް ލިބިގެންވަނީ، ހައި ކޯޓަށާއި ސުޕްރީމް ކޯޓަށެވެ.

ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު އެ މާއްދާގައި ބުނެފައި ވަނީ:

34. (ހ) މި ބާބުގެ ދަށުން މާލެއާއި އަތޮޅުތަކުގައި ކޯޓު އަމުރު ދޫކުރާނެ ފަނޑިޔާރުން ކަނޑައަޅާނީ ސުޕްރީމްކޯޓުންނެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 6 ވަނަ މާއްދާއާ ގުޅިގެން އަޙްމަދު ރަޝީދު ބުނަނީ އެ މާއްދާގައި ބަޔާންކުރަނީ ޖިނާއީ މައްސަލަތައް ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓުތައްކަމަށާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޖިނާއީ މައްސަލަ ބެލުމުގެ އިޙްތިޞާޞް ލިބިގެންނުވާކަމަށް ކަނޑައަޅާފައިނުވާކަމަށެވެ. މި މާއްދާގައި، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް، ވަކި ދާއިރާއެއް އިސްތިސްނާނުވެ، ހުރިހާ މައްސަލައެއް ބެލުމުގެ އިޙްތިޞާޞް ލިބިގެންވާކަމަށް އެ މާއްދާގައި ބަޔާންކޮށްފައިނުވާކަމަށެވެ. އަދި ހުޅުމާލެގައި ދިރިއުޅޭ ރައްޔިތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިޙްތިޞާޞް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ލިބުމާއި ނުވަތަ ނުލިބުމާމެދު ވަކި އެއްޗެއް މި މާއްދާގައި ބުނެފައިނުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 03/2018 (08 އޮގަސްޓު 2018) ޢާއްމު ސިޓިގައިވެސް ފާހަގަކޮށްފައިވާ ފަދައިން، މިއިން ކޮންމެ ކޯޓަކަށްވެސް ކޯޓު އަމުރު ނެރެވޭނީ "އެކޯޓެއްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމުގައި" އެކަންޏެވެ. އަދި މި އާންމު ސިޓީގައި އޮތް އިބާރާތަށް ބެލުމުން، ހުޅުމާލެ ރަށްވެހިންގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިޙްތިޞާޞް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ލިބޭގޮތެއް ނުވިސްނޭކަމަށެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (7 އޮގަސްޓު 2018) ގެ 3 ވަނަ މާއްދާއަށް ޙަވާލާދީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނަނީ މި މާއްދާގެ (ހ) އަށް ބެލުމުން އެރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމްކުރެވިފައިވާ ރަށްރަށުގައި ހިނގާ ޖިނާއީ މައްސަލަތަކުގެ އިޙްތިޞާޞް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވާކަން އެނގެން އޮންނަކަމަށެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނަނީ:

3. (ހ) ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކުނަމަ، އެމީހަކު ބަންދުކުރާތާ 24 (ސައުވީސް) ގަޑިއިރު ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، މާލޭގައިނަމަ ކްރިމިނަލް ކޯޓަށް، އަތޮޅުތަކުގައިނަމަ އެމީހަކު ހުރި ރަށެއްގެ މެޖިސްޓްރޭޓްކޯޓަށް ހާޒިރުކުރަންވާނެއެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާއާ ގުޅިގެން އަޙްމަދު ރަޝީދު ބުނަނީ އަޙްމަދު ރަޝީދަކީ ހުޅުމާލޭގައި ދިރިއުޅޭ ހުޅުމާލޭ ރަށްވެއްސެއްކަމަށާއި ހުޅުމާލެއަކީ މާލޭގެ އަވަށެއްކަމަށެވެ. އަދި ހުޅުމާލެއަކީ އަތޮޅުތެރޭ ރަށެއްނޫންކަމަށާއި މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި ކަނޑައެޅުން ދައުލަތުން އިސްތިއުނާފްކޮށްފައިނުވާތީ، ހުޅުމާލެއަކީ މާލޭގެ ބަޔެއް ކަމަށް ހައި ކޯޓުން ކަނޑައެޅި ކަނޑައެޅުން ދައުލަތުން ޤަބޫލުކޮށްފައިވާކަމަށް ބަލަންޖެހޭކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/05/SC ސަރކިއުލަރއަށް ހަވާލާދީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/05/SC ސަރކިއުލަރަކީ މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ ސަރކިއުލަރ އެއްކަމަށާއި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 6 ޖޫން 2019 ވަނަ ދުވަހު ނެރެފައިވާ ދެ ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/03 (08 އޮގަސްޓު 2018) އާއްމު ސިޓީއިން އެކޯޓަށް ލިބިދީފައިވާ އިޙްތިޞާޞްގެ ތެރެއިން ނެރެފައިވާ ދެ އަމުރުކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/05/SC ސަރކިއުލަރއާ ގުޅިގެން އަޙްމަދު ރަޝީދު ބުނަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގައި މާލޭ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭ ގޮތުން) ގައި ދިރިއުޅޭ ފަރާތްތަކާއި ގުޅޭ ކޯޓު އަމުރުތައް ނެރެންޖެހޭނީ ކްރިމިނަލް ކޯޓު ފިޔަވައި އެހެން ކޯޓަކުން ކަމެއް ބަޔާންކޮށްފައިވާ މާއްދާއެއް ދައުލަތުން ފާހަގަކޮށްފައި ނުވާކަމަށެވެ. ސުޕްރީމް ކޯޓުގެ ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތް ނޫންގޮތަކަށް ކަނޑައަޅާފައިވަނީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގެ ދަށުންކަމަށާއި ހަވާލާދެވިފައިވާ ދެ ކޯޓު އަމުރަކީ 07 ޖުލައި 2019 ގެ ކުރިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރުތަކެއްކަމަށެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދާ ހަވާލާދީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 07 ޖުލައި 2019 ދުވަހު، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުން، އެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) އެއް އިތުރުކޮށްފައިވާކަމަށާއި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ޅ) ގެ މަޤްޞަދަކީ، ކޯޓު އަމުރުތައް ނެރުމުގެ އިޚްތިޔާރު އެހެން މެޖިސްޓްރޭޓް ކޯޓު ތަކެކޭ އެއްފަދައިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ލިބިދިނުން ކަމަށެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ޅ) ގައިވަނީ:

މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހާއަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކަށް ވެފައި، އަދި އެ މީހަކު ބަންދުކުރެވުނީ ހުޅުމާލެ ސަރަޙައްދުންނަމަ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް، ޙާޟިރުކުރުމުގެ އިޚްތިޔާރު ލިބިގެން ވެއެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދާ ގުޅޭގޮތުން އަޙްމަދު ރަޝީދު ބުނަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި މާލޭ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭ ގޮތުން) ގައި ދިރިއުޅޭ ފަރާތްތަކާއި ގުޅޭ ކޯޓު އަމުރުތައް ނެރެންޖެހޭނީ ކްރިމިނަލް ކޯޓު ފިޔަވައި އެހެން ކޯޓަކުން ކަމަށް ބަޔާންކޮށްފައިވާ މާއްދާއެއް ދައުލަތުން ފާހަގަކުރައްވާފައެއްނުވާކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު: 2016/05/SC ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތް ނޫންގޮތަކަށް ކަނޑައަޅާފައިވަނީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގެ ދަށުންނެވެ. އަދި ހަވާލާދޭ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ދެ ކޯޓު އަމުރަކީ 07 ޖުލައި 2019 ވަނަ ދުވަހު ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ގެނެވުނު އިޞްލާޙުގެ ކުރިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ 2 ކޯޓު އަމުރު ކަމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ނުކުތާ

07 ޖުލައި 2019 ގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) އެއް އިތުރުކުރުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހައްޔަރުކުރުމުގެ އަމުރާއި ބަންދު އަމުރު ނެރުމުގެ އިޙްތިޞާޞް އެބަ އޮއްތޯ ނުވަތަ ނޫންތޯ؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/05/2016 ސަރކިއުލަރއަކީ 07 ފެބްރުއަރީ 2016 ގައި މި ކޯޓުން ނެރެފައިވާ ސަރކިއުލަރއެކެވެ. މި ސަރކިއުލަރގައި ބަޔާންކޮށްފައިވަނީ ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން) ގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތައް ނެރެންވާނީ ޤާނޫނަކުން ނުވަތަ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހިނދަކު ކްރިމިނަލް ކޯޓުން ކަމަށެވެ. މި ސަރކިއުލަރއަށް ފަހު، 02 މޭ 2016 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރި ޖިނާއީ އިޖުރާއަތުގެ ޤާނޫނޫ ގެ 6 ވަނަ މާއްދާގައި ޖިނާއީ މައްސަލަތައް ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓުތައް ކަނޑައަޅާފައިވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނޫ ގެ 211 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން ހަދާފައިވާ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އަށް ބެލުމުން ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކުނަމަ، އެމީހަކު ބަންދުކުރާތާ 24 (ސައުވީސް) ގަޑިއިރު ތެރޭގައި ބަންދާމެދުގޮތެއް ނިންމުމަށްޓަކައި، މާލޭގައިނަމަ ކްރިމިނަލް ކޯޓަށް، އަތޮޅުތަކުގައިނަމަ އެމީހަކު ހުރި ރަށެއްގެ މެޖިސްޓްރޭޓްކޯޓަށް ހާޒިރުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

07 ޖުލައި 2019 ގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް އިޞްލާޙެއް ގެނެވިފައިވެއެވެ. އެއީ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) އެއް އިތުރުކުރުމެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އިތުރުކުރި (ޅ) ގައި ބުނަނީ:

(ޅ)މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް ކުށުގެ ތުހުމަތުގައި ބަންދުކުރެވުނު މީހާއަކީ އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ މީހަކަށް ވެފައި، އަދި އެމީހަކު ބަންދުކުރެވުނީ ހުޅުމާލޭ ސަރަހައްދުން ނަމަ، އެ މީހަކު ބަންދުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ބަންދާމެދުގޮތެއް ނިންމުމަށްޓަކައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް، ހާޒިރުކުރުމުގެ އިޙްތިޔާރު ލިބިގެންވެއެވެ.

07 ޖުލައި 2019 ގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް ގެނައި އިސްލާޙާ ގުޅިގެން، ބަންދުކުރެވުނު މީހަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވެފައި އަދި ބަންދުކުރެވުނީ ހުޅުމާލޭ ސަރަހައްދުން ނަމަ، އެ މީހަކު ބަންދުކުރާތާ 24 ގަޑިއިރު ތެރޭގައި ބަންދާމެދުގޮތެއް ނިންމުމަށްޓަކައި ހުޅުމާލޭ މިޖިސްޓްރޭޓް ކޮޓަށް ހާޒިރުކުރުމަކީ، ޤާނޫނީ ހަމަތަކުގެ މަތިން އެ މީހަކު ބަންދުކުރި ފަރާތަށް، ލިބިގެންވާ އިޙްތިޔާރެއްކަން އެނގެއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 6 ޖޫން 2019 ވަނަ ދުވަހު ނެރެފައިވާ ދެ ކޯޓު އަމުރަކީ07 ޖުލައި 2019 ވަނަ ދުވަހު ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 3 ވަނަ މާއްދާއަށް އިޞްލާޙު ގެނައުމުގެ ކުރިން ނެރެފައިވާ ދެ އަމުރުކަމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ހަވާލާދެވިފައިވާ ދެ ކޯޓު އަމުރު ނެރުނުއިރު އެ ކޯޓަށް އެފަދަ އަމުރެއް ނެރުމުގެ އިޙްތިޞާޞްއެއް ނެތްކަމާއި، އޭރު މާލޭ ސަރަޙައްދުގައި ބަންދު އަމުރު ނެރުމުގެ އިޙްތިޞާޞް އޮތީ ހަމައެކަނި ކްރިމިނަލް ކޯޓަށް ކަންއެނގެއެވެ.

އެހެންނަމަވެސް، 07 ޖުލައި 2019 ވަނަ ދުވަހު ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާއަށް ގެނައި އިޞްލާޙުގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމުގެ އިޙްތިޞާޞް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިހާރު ލިބެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/311 ޤަޟިއްޔާގައި އަދި ނަންބަރު 2019/HC-A/312 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ދެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުއަޙްމަދު މުޢުތަޞިމް ޢަދުނާންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ