އިބްރާހީމް ތައުފީޤް ވ. ޢަބްދުﷲ ލަޠީފް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
އިބްރާހީމް ތައުފީޤް ވ. ޢަބްދުﷲ ލަޠީފް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާއަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2017/HC-A/171 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް، ދަފްތަރު ނަންބަރު ރސ 2894 / މާލެ، އިބްރާހީމް ތައުފީޤު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ލަވްނެސްޓް ޢަބްދުﷲ ލަޠީފްއެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
މ. މުންތަޒާ އެވެ ކިޔާ ގޯތީގައި ޢަބްދުﷲ ލަޠީފް 06 ބުރީގެ ޢިމާރާތެއް އެޅިއެވެ. އެ އިމާރާތުގެ 3 ވަނަ ބުރި އިބްރާހީމް ތައުފީޤުއަށް ކުއްޔަށް ދިނުމަށް މި ދެފަރާތު ދެމެދު 13 ޖަނަވަރީ 2009 ގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެއްބަސްވުމުގެ ދަށުން ކުލީގެ މުއްދަތަކީ 16 (ސޯޅަ) އަހަރު ދުވަހެވެ. އަދި ތަނުގެ ކުއްޔަކީ މަހަކު 12,000/-ރ. (ބާރަހާސް ރުފިޔާ) އެވެ.
އެއްބަސްވުމުގައި ސޮއިކުރިތާ 3 (ތިނެއް) އަހަރު ފަހުން ސިވިލް ކޯޓުގެ ނަންބަރު 687/Cv-C/2011 ގަޒިއްޔާގައި ޙުކުމްކުރީ ދެފަރާތު ދެމެދު 2009 ގައިވި އެއްބަސްވުމާއި އެއްގޮތަށް އިބްރާހީމް ތައުފީޤު ކުލި ދައްކަމުން ނުދާތީ، އެ އެއްބަސްވުން ބާޠިލުކޮށް، 20 މެއި 2012 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިބްރާހީމް ތައުފީޤް ކުއްޔަށް ހިފާފައިވާ ތަން ހުސްކުރުމަށްފަހު އެތަން ޢަބްދުﷲ ލަޠީފްއާ ޙަވާލުކުރުމަށެވެ.
މި މުއާމަލާތާ ގުޅިގެން އިބްރާހީމް ތައުފީޤާއި ޢަބްދުﷲ ލަޠީފްއާ ދެމެދު ކޯޓުތަކުގައި އެތައް މައްސަލަތަކެއް ހިނގައި ޙުކުމްކޮށްފައިވެއެވެ. އެހެންނަމަވެސް، މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ބޭނުމަށްޓަކައި މި ގަޒިއްޔާތަކުގެ ތަފްސީލަށް މިވަގުތު ދާކަށްނެތީމެވެ.
އިބްރާހީމް ތައުފީޤަށް ކުއްޔަށް ދޫކުރިތަން ހުސްކޮށް އެތަން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރީ 10 އޭޕްރިލް 2016 ގައިކަމަށް މިހާރު ބަލަމުންމިދާ މައްސަލައިގެ ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ. ވުމާއެކު، ބަލަމުންމިދާ މައްސަލައަކީ މި ދެފަރާތު ދެމެދު ހިނގާފައިވާ ސިލްސިލާ މައްސަލަތަކުގެ ތެރެއިން، 1 މާރޗް 2013 އިން 10 އޭޕްރިލް 2016 ގެ ނިޔަލަށް ހިނގާފައިވާ 37 (ތިރީސް ހަތެއް) މަސް ދުވަހުގެ ކުއްޔާބެހޭ މައްސަލައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާގައި ޢަބްދުﷲ ލަޠީފްގެ ފަރާތުން އިބްރާހީމް ތައުފީޤުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ދެފަރާތު ދެމެދުވި އެއްބަސްވުމުގެ ދަށުން އިބްރާހީމް ތައުފީޤު ކުލި ނުދައްކާ އޮތް މުއްދަތުގެ ތެރެއިން 01 މާރޗް 2013 އިން ފެށިގެން ވޭތުވެދިޔަ 37 (ތިރީސް ހަތެއް) މަހާއި، 15 (ފަނަރަ) ދުވަހުގެ ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި 450,000/-ރ. (ހަތަރުލައްކަ ފަންސާސް ހާސް ރުފިޔާ) އާއި، 11 މާރޗް 2013 އިން ފެށިގެން 15 އެޕްރީލް 2016 ގެ ނިޔަލަށް ވޭތުވެދިޔަ 1141 (އެއްހާސް އެއްސަތޭކަ ސާޅީސް އެކެއް) ދުވަހުގެ ކުލީގެ ޖުރިމަނާގެ ގޮތުގައި އިބްރާހީމް ތައުފީޤްގެ ފަރާތުން ޢަބްދުﷲ ލަޠީފަށް ދައްކަންޖެހޭ 57,050/-ރ. (ފަންސާސް ހަތްހާސް ފަންސާސް ރުފިޔާ) އާ އެކު ޖުމްލަ 507,050/-ރ. (ފަސްލައްކަ ހަތްހާސް ފަންސާސް ރުފިޔާ)، އިބްރާހީމް ތައުފީޤްގެ އަތުން އެއްފަހަރާ ވަގުތުން ހޯދުމަށް އެދިއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކުރީ އިބްރާހީމް ތައުފީޤުގެ ޣައިރު ހާޒިރުގައި، 01 މާރިޗް 2013 އިން ފެށިގެން 10 އެޕްރީލް 2016 ގެ ނިޔަލަށް މ. މުންތަޒާގެ 03 ވަނަ ފްލޯއަށްވާ ކުއްޔާއި، ޖޫރިމަނާއަށްވާ 485,800/-ރ. (ހަތަރުލައްކަ އަށްޑިހަ ފަސްހާސް އަށްސަތޭކަ ރުފިޔާ) އިބްރާހީމް ތައުފީޤު ޢަބްދުﷲ ލަޠީފްއަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅައެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) ޢަބްދުﷲ ލަޠީފްއާއި، އިބްރާހީމް ތައުފީޤްއާ ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުލި ދައްކަމުން ނުދާތީ، އަބްދުﷲ ލަޠީފްގެ އަތުން މ. މުންތަޒާއެވެ ކިޔާ ގޯތިން، އިބްރާހީމް ތައުފީޤް ކުއްޔަށް ހިފާފައިވާ ތަން ހުސްކުރުމަށްފަހު 20 މެއި 2012 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެތަން ޢަބްދުﷲ ލަޠީފްއާ ޙަވާލުކުރުމަށް، އިބްރާހީމް ތައުފީޤަށް ސިވިލް ކޯޓުގެ ނަންބަރު 687/Cv-C/2011 ގަޒިއްޔާއިން އަންގާފައިވީނަމަވެސް، އިބްރާހީމް ތައުފީޤް އެތަން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވަނީ 10 އެޕްރިލް 2016 ގައި ކަން އިބްރާހީމް ތައުފީޤް، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޖަވާބުގެ 7.5 އިން އެނގޭތީ، މިއީ ތަނުގައި ކުލި ނުދައްކާ އުޅެފައިވާކަމަށް ޟިމްނީގޮތުން ވެވޭ އިޢުތިރާފެއް ކަމުގައި ބެލެވޭކަން.
(ށ) ސިވިލް ކޯޓުގެ ނަންބަރު 687/Cv-C/2011 ގަޒިއްޔާއިން މިމައްސަލާގައި ހިމެނޭ ކުލީގެ އެއްބަސްވުމަށް ނިމުމެއް ގެނެސްފައި ވުމުންނާއި، އެފަހުން ދެފަރާތަށް އެއްބަސްވެވޭ ކުއްޔަކަށް އާދެވިފައި ނުވުމުން، މިސްލީ ކުއްޔެއް ކަނޑައަޅައި ދިނުމަށް އިބްރާހީމް ތައުފީޤް އެދިފައިވީނަމަވެސް، އެގަޒިއްޔާގެ ޙުކުމަށް ޢަމަލުނުކޮށް އިބްރާހީމް ތައުފީޤް އެތަނުގައި ހޭދަކޮށްފައިވާ މުއްދަތަށް ކުރިން ދެފަރާތުން އެއްބަސްވެފައިވާ މިންވަރަށް ބަދަލުގެނެސް ޝަރީޢަތުގެ ފަރާތުން މިސްލީ ކުއްޔެއް ކަނޑައަޅަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަން.
(ނ) ސިވިލް ކޯޓުގެ ނަންބަރު 687/Cv-C/2011 ގަޒިއްޔާގެ ފަހުން، އެ ކޯޓުގެ ނަންބަރު 1338/Cv-C/2011 ގަޒިއްޔާއާއި، ނަންބަރު 143/Cv-C/2012 ގަޒިއްޔާއާއި، ނަންބަރު 618/Cv-C/2013 ގަޒިއްޔާގައިވެސް މަހު ކުލީގެ ގޮތުގައި ނަގައިދީފައިވަނީ 13 ޖަނަވަރީ 2009 ގައި އިބްރާހީމް ތައުފީޤްއާއި، ޢަބްދުﷲ ލަޠީފްއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ކުލި ކަން.
(ރ) 01 މާރޗް 2013 އިން 10 އެޕްރީލް 2016 އަށް ހިނގާފައިވަނީ 37 (ތިރީސް ހަތެއް) މަހާއި 10 (ދިހައެއް) ދުވަސް ކަމަށާއި، މިމުއްދަތަށް ޖެހެނީ 448,000/-ރ. (ހަތަރު ލައްކަ ސާޅީސް އަށްހާސް ރުފިޔާ) ކަން.
(ބ) 01 މާރޗް 2013 އިން 10 އެޕްރީލް 2016 އަށް ޖޫރިމަނާއަށް ޖެހެނީ އެއްބަސްވުމުގެ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން 50/-ރ. (ފަންސާސް ރުފިޔާ) ގެ ރޭޓުން 37,800/-ރ. (ތިރީސް ހަތްހާސް އަށް ސަތޭކަ ރުފިޔާ) ކަމާއި، އެހެންކަމުން މި މުއްދަތުގައި މ. މުންތަޒާ 03 ވަނަ ފްލޯއަށްވާ ކުއްޔާއި ޖޫރިމަނާއަކީ 485,800/-ރ. (ހަތަރުލައްކަ އަށްޑިހަ ފަސްހާސް އަށް ސަތޭކަ ރުފިޔާ) ކަމުގައި ބަލަން ޖެހޭކަން.
(ޅ) އިބްރާހީމް ތައުފީޤަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާކަމަށްބުނެ، މި މައްސަލައިގެ ތެރެއިން އެ އަދަދު އުނިކޮށްދިނުމަށް އެދިފައިވީނަމަވެސް، އިބްރާހީމް ތައުފީޤަށް ލިބުނު ގެއްލުންކަމަށް ބުނެ ހުށަހަޅާފައިވާ ކަންކަމަކީ މީގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު 178/Cv-C/2016 ގަޒިއްޔާގައި ފައިސަލާކުރެވިފައިވާ މައުލޫއެއްކަމުން، މި މައްސަލައިގެ ތެރޭގައި އެ ގެއްލުމާ މެދު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަން.
ހައިކޯޓުން މައްސަލަ ނިންމިގޮތް
އިބްރާހީމް ތައުފީޤްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ނަންބަރު 2017/HC-A/171 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ. ހައިކޯޓުން މި ނިންމުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) ސިވިލް ކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމުގައި އިބްރާހީމް ތައުފީޤު ފާހަގަކުރިނަމަވެސް، އެކަމުގައި ހިމެނޭ ޤާނޫނީ ބަހުސް ފުރިހަމައަށް ސާފުވާ މިންވަރަށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިނުވާކަން.
(ށ) ދަޢުވާކުރާ ފަރާތުން އެއް އަޑުއެހުމަކަށް ސިވިލް ކޯޓަށް ގަޑިއަށް ހާޒިރުނުވުމުން މައްސަލަ ބާޠިލުކުރުމަށް އިބްރާހީމް ތައުފީޤުގެ ފަރާތުން އެދުނުނަމަވެސް، އެދުވަހުގެ އަޑުއެހުމަށް ދަޢުވާކުރާ ފަރާތުން ހާޒިރުވާންޖެހޭ ގަޑިކަމަށް ބެލެވިފައިވަނީ ހާޒިރުވާންޖެހޭ ގަޑީގެ 15 މިނިޓު ކުރިއަށްކަމަށާއި، އިބްރާހީމް ތައުފީޤު ފޮނުވާލިފަހުން ދަޢުވާކުރާ ފަރާތުން ސިވިލް ކޯޓަށް ހާޒިރުވެފައިވުމުން، އިބްރާހީމް ތައުފީޤު އެދުނު ފަދައިން މައްސަލަ ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަން.
(ނ) އިޖުރާއީ ނުކުތާއަށް ނިންމި ގޮތް ޙުކުމް ކުރުމުގެ ކުރިން ލިޔުމުން ހިއްސާކޮށްފައި ނެތުމަކީ މި ދަޢުވާއިން އިބްރާހީމް ތައުފީޤު ދިފާއުވުމަށް ކުރިމަތިވި ހުރަހެއްކަމަށް ބަޔާންކުރުން ފިޔަވައި އެ ނިންމުން ޤާނޫނާ ޚިލާފުވީ ގޮތެއް އިބްރާހީމް ތައުފީޤަށް ބުނެދެވިފައިނުވާކަން.
(ރ) ނިމުމަކަށް ގެނެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުލި އަދި ޖޫރިމަނާ ނަގައިނުދެވޭނެކަމަށް އިބްރާހީމް ތައުފީޤު ބުނިނަމަވެސް، އެއްބަސްވުން ނިމުމަކަށް އައި ފަހުންވެސް މި މުއާމަލާތާ ގުޅޭ އެކި ގަޒިއްޔާތަކުން އެކި ދުވަސްވަރަށް ކުލި ނަގައިދީފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަހު ކުލީގެ ރޭޓުންކަމަށާއި އަދި އެގޮތުގެ މަތިން އެ ރޭޓުން މި ގަޒިއްޔާގައިވެސް ކުލި ނަގައިދިނުމަށް ސިވިލް ކޯޓުން ކަނޑައެޅި ކަނޑައެޅުން ޤާނޫނާ ޚިލާފުވާ ގޮތް އިބްރާހީމް ތައުފީޤަށް ބުނެދެވިފައިނުވާކަން.
(ބ) "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) އިން ކޯޓަށް ހާޒިރުވުމުގެ އަމުރުލިބި، މަޤުބޫލު އުޒުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާ ލިބޭ ފަރާތުން ހާޒިރުނުވެއްޖެނަމަ، އެ ފަރާތުގެ ޣައިރު ހާޒިރުގައި ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިދެވިފައިވާކަމާއި، 15 ނޮވެންބަރު 2016 ގެ 10:45 ގައި ކޯޓަށް ހާޒިރުވުމަށް ސިވިލް ކޯޓުގެ ނަންބަރު B3-CR2/2016/2314 އަމުރު އިބްރާހީމް ތައުފީޤަށް ލިބި، އެދުވަހުގެ ޝަރީޢަތަށް ހާޒިރުނުވެވޭނެކަމަށް އަންގާފައިވާ އެއްވެސް ލިޔެކިޔުމެއް އިބްރާހީމް ތައުފީޤު ސިވިލް ކޯޓަށް ހުށަހެޅިކަން އެނގެން ނެތްކަން.
(ޅ) ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާއާ ގުޅިގެން ދިފާޢުގައި އިބްރާހީމް ތައުފީޤު ހުށަހަޅާފައިވާ ހެކިތަކަށް ޝަރީޢަތުން ރިޢާޔަތްނުކުރާކަމަށް އިބްރާހީމް ތައުފީޤު ބުނިނަމަވެސް، ރިޢާޔަތްކުރަންވީ ކޮން ހެއްކަކަށްކަމާއި، ޚިލާފުވަނީ އިސްތިއުނާފީ ކޯޓުތަކުން ނިންމާފައިވާ ކޮން ނިންމުމަކަށްކަމެއް އިބްރާހީމް ތައުފީޤަށް ބުނެދެވިފައިނުވާކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2017/HC-A/171 ގަޒިއްޔާ ނިންމާފައިވަނީ ޤަނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫންކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން އިބްރާހީމް ތައުފީޤްގެ ފަރާތުން އަންނަނިވި 07 (ހަތެއް) ނުކުތާ ހުށަހަޅާފައިވެއެވެ.
ދަޢުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި މަދަނީ މައްސަލަތައް ނިންމުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތްތަކަކީ ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި މަޤުބޫލު އުޒުރެއްނެތި، ކޯޓަށް ހާޒިރު ނުވެއްޖެނަމަ، އެމީހަކު ހޯދުމަށްޓަކައި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް "އިއުލާން" ކުރުންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް ގަޒިއްޔާއިން ސާފުކޮށް އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާއާ ގުޅިގެން 15 ނޮވެންބަރު 2016 ވަނަ ދުވަހުގެ 10:45 އަށް ދަށުކޯޓަށް ހާޒިރު ނުވެވުނު ސަބަބު ބަޔާންކޮށް ސިޓީއަކާއެކު "އެމް.އެމް.އެމް މެޑިކަލް ކްލިނިކްގެ ނަންބަރު 1796 ގެ މެޑިކަލް ސެޓްފިކެޓް" އެދުވަހުގެ 09:15 ގައި ދަށުކޯޓަށް ހުށަހަޅާފައިވުމާއި، ޝަރީޢަތުގެ އިތުރު އަޑުއެހުމެއް 20 ނޮވެންބަރު 2016 ވަނަ ދުވަހުގެ 10:45 ގައި ބޭއްވުމަށް ތާވަލުކުރެވި ކޯޓަށް ހާޒިރުވުމުގެ އަމުރުފޮނުވުމުން 20 ނޮވެންބަރު 2016 ގެ 10:45 އަށް ކޯޓަށް ހާޒިރުވިއިރު (ކޯޓަށް ހާޒިރުވުމަށް އަމުރު ފޮނުއްވާފައި ނުވާ ދުވަހެއް ކަމުގައިވާ) 16 ނޮވެންބަރު 2016 ގައި ޣައިރު ހާޒިރުގައި މައްސަލަ ނިންމީ ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް ގަޒިއްޔާއިން ކަނޑައަޅާފައިވާ އުޞޫލުތަކާއި އިންޞާފުން ޝަރީޢަތްކުރަންޖެހޭ ކަމަށް ބަޔާންކުރާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސިވިލް ނަންބަރު 1894/Cv-C/2016 ގަޒިއްޔާގެ ދަޢުވާ ބިނާކުރީ އަދި އެދަޢުވާ ސާބިތުވާކަމަށް ކަނޑައެޅި އެއްބަސްވުމަކީ ސިވިލް ކޯޓުގެ ނަންބަރު 687/Cv-C/2011 ގަޒިއްޔާއިން 20 މެއި 2012 ވަނަ ދުވަހުން ފެށިގެން ބާޠިލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/186 ގަޒިއްޔާއިންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ތައުފީޤު ވ. ޢަބްދުﷲ ލަޠީފް ގަޒިއްޔާއިން ތާއީދުކޮށްފައިވާ އެއްބަސްވުމެއް ކަމުގައިވީހިނދު، "ބާޠިލުކުރެވިފައިވާ އެއްބަސްވުމެއްގެ އެހެން މާއްދާއެއް ދެމިއޮތުމަކީ ޤާނޫނީގޮތުން ޤަބޫލުކުރެވޭކަމެއް ނޫންކަން" ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/277 ގަޒިއްޔާއަށް ބެލުމުން ސާފުކޮށް އެނގެން އޮންނައިރު، ބާޠިލު އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ދަށުކޯޓުން ނިންމި ނިންމުމަކަށް ހައިކޯޓުން ތާއީދުކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފުވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާގައި ކޮށްފައިވާ ދަޢުވާއާ ގުޅޭ ޞައްޙަ އެއްބަސްވުމަކީ 01 ފެބްރުވަރީ 2009 ގައި ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުންކަމުގައިވާތީ، ދަށުކޯޓާއި ހައިކޯޓުގައި ދިފާޢީ ގޮތުން ނެގި އިސްވެ ބުނެވުނު ނުކުތާއާ މެދު މައުލޫއީގޮތުން ބަލައި ފައިޞަލާކޮށް ވަކިގޮތެއް ކަނޑަނޭޅުމާއި، ބާޠިލުވެފައިވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް، ކުއްޔާއި، ޖޫރިމަނާ ނަގައިދިނުމަށް ދަށުކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ބާޠިލުކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާޠިލުކަމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/189 ގަޒިއްޔާގައި ކަނޑައަޅާފައިވަނިކޮށް، ބާޠިލުވެފައިވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ކުއްޔާއި، ޖޫރިމަނާ ނަގައި ދިނުމަށް ދަށުކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދަށުކޯޓާއި ހައިކޯޓަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުން ކުއްޔަށް ދީފައިވާ ޢިމާރާތުގެ ފެނާއި، ކަރަންޓް ކަނޑާލާފައިވާކަން ސާފުކޮށް އެނގެން އޮތުމާއި، އެ ޢިމާރާތަށް ފެން ފޭބުމުގެ ސަބަބުން (އެޢިމާރާތް ޙަވާލުކުރުމާއި ހަމަޔަށް) އެއްކޮޓަރި ބޭނުން ނުކުރެވި ހުރިކަން ބަޔާންކޮށް، ނަގާފައިވާ ދިފާޢީ ނުކުތާއާމެދު މައުލޫއީގޮތުން ބަލައި ފައިޞަލާކޮށް ވަކިގޮތެއް ކަނޑައަޅަންޖެހޭއިރު، އެ ދިފާޢީ ނުކުތާއާމެދު އެ ދެ ކޯޓުން ވަކިގޮތެއް ކަނޑަނޭޅުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފު ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާ.
ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާގައި ކޮށްފައިވާ ދަޢުވާއާ ގުޅޭ މި ދެފަރާތުގެ މެދުގައި ބާޠިލުނުވެ ދެމިއޮތް ޞައްޙަ އެއްބަސްވުން ކަމުގައިވާ 01 ފެބްރުވަރީ 2009 ގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި "މިއެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވޭ ޢިމާރާތުގައި ދިރިއުޅޭ މީހަކަށް ނުވަތަ ބަޔަކަށް އެ ޢިމާރާތުގައި ދިރިއުޅުމަށް ދަތިވާ ފަދަ އެއްވެސް ބާވަތެއްގެ ޢަމަލެއް ކުއްޔަށްދޭ ފަރާތުން ހިންގައިގެން ނުވަތަ ކުރުވައިގެން ނުވާނެކަމަށް" ކުއްޔަށް ދިން ފަރާތުން އެއްބަސްވުމަށްފަހު، އެފަރާތުގެ އިހުމާލުންނާއި އެފަރާތުން ގަސްތުގައި ޢަމަލުކުރިގޮތުން ލިބިފައިވާ ގެއްލުން ކަމުގައިވާ 528,000/-ރ. (ފަސްލައްކަ އަށާވީސްހާސް ރުފިޔާ) އުނިކުރުމެއް ނެތި، ބާޠިލު އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް، ކުއްޔާއި ޖޫރިމަނާ ނަގައިދިނުމަށް ދަށުކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދަޢުވާގައި ބުނެފައިވާ ޢިމާރާތުގެ ކުލީގެ ގޮތުގައި މިހާތަނަށް 631,650/-ރ. (ހަލައްކަ އެއްތިރީސްހާސް ހަސަތޭކަ ފަންސާސް ރުފިޔާ) ދެއްކިފައިވާއިރު، ދަށުކޯޓާއި ހައިކޯޓަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުން އެ ޢިމާރާތުގެ ފެނާއި، ކަރަންޓު ކަނޑާލާފައިވާކަން ސާފުކޮށް އެނގެން އޮތުމާއި، އެ ޢިމާރާތުގެ އެއްކޮޓަރި ބޭނުން ނުކުރެވި ހުރިކަން ސާފުކޮށް އެނގޭއިރު، އެ ޢިމާރާތުގެ ޙާލަތާއި ފެންވަރަށް ބަލާއިރު، އެޢިމާރާތުގެ އެކަށީގެންވާ ކުއްޔަކީ މަހަކު 6000/-ރ. (ހަހާސް ރުފިޔާ) ކަން ހުށަހެޅިފައިވާ ކިތާބީ ހެކިތަކުން ސާފުކޮށް އެނގެން އޮތްއިރު ދިފާޢީ ގޮތުން ނެގި މި ނުކުތާއާމެދު ފައިޞަލާކޮށް ވަކިގޮތެއް ކަނޑަނޭޅުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިބްރާހީމް ތައުފީޤު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ފޯމުގައި ބަޔާންވެދިޔަ ނުކުތާތަކުގެ ތަފްސީލުގައިވެސް ހުރީ ހަމަ އެ ނުކުތާތައް ތަކުރާރުކޮށްފައެވެ.
މި ނުކުތާތަކުގެ ޖަވާބުގައި ޢަބްދުﷲ ލަޠީފްގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާގައިވެސް އަދި ހައިކޯޓުގެ ނަންބަރު 2017/HC-A/171 ގަޒިއްޔާގައިވެސް ކޯޓުން މައްސަލަ ނިންމުމަށް ބިނާކުރި ސަބަބުތައް ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.
އިބްރާހީމް ތައުފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ 7 (ހަތެއް) އިސްތިއުނާފީ ނުކުތާ ބިނާވަނީ މައިގަނޑު ތިން މައުލޫއުއަކަށެވެ. އެއީ؛
ބާޠިލު އެއްބަސްވުމެއްގައި ކަނޑައަޅާފައިވާ ކުއްޔާއި ޖޫރިމަނާ ނަގައިދިނުން
ސިވިލް ކޯޓުގައި ނެގި ދިފާއުއަށް އެ ކޯޓުން ރިއާޔަތްކުރަންޖެހޭކަން
މައްސަލަ ޣައިރު ހާޒިރުގައި ނިންމީ ޤާނޫނާ ޚިލާފަށްކަން
ބާޠިލު އެއްބަސްވުމެއްގައި ކަނޑައަޅާފައިވާ ކުއްޔާއި ޖޫރިމަނާ ނަގައިދިނުންއިސްތިއުނާފުކުރެވޭ މައްސަލައިގެ ސިވިލް ކޯޓު ގަޒިއްޔާގައި އިބްރާހިމް ތައުފީޤު ދައްކަންޖެހޭ ކުލީގެ އަދަދާއި ޖޫރިމަނާގެ އަދަދު ބިނާކޮށްފައިވަނީ ބާޠިލު އެއްބަސްވުމެއްގެ މައްޗަށްކަމަށް އިބްރާހީމް ތައުފީޤު ބުނެފައިވެއެވެ. މިމައްސަލައާއެކު ހުށަހަޅާފައިވާ 13 ޖަނަވަރީ 2009 ގެ އެއްބަސްވުމަކީ ޢަބްދުﷲ ލަޠީފް އެދިގެން ސިވިލް ކޯޓުގެ ނަންބަރު 687/Cv-C/2011 ގަޒިއްޔާއިން ނިމުމަކަށް ގެނެސްފައިވާ އެއްބަސްވުމެއް ކަމުގައިވާތީއާ، މި ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނެވުނުފަހުން، ދެފަރާތަށް އެއްބަސްވެވޭ ކުއްޔަކަށް އާދެވިފައި ނުވުމުން، މިސްލީ ކުއްޔެއް ކަނޑައަޅައިދޭންޖެހޭކަމަށް އިބްރާހީމް ތައުފީޤް ދެކެއެވެ.
އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2017/HC-A/171 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާއިން ކުލީގެ އަދަދު ފަނޑިޔާރު ކަނޑައެޅިގޮތް ފާހަގަކޮށް އެ ނިންމުން ޤާނޫނާ ޚިލާފުވާގޮތް އިބްރާހީމް ތައުފީޤަށް ބުނެދެވިފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގެ 7 ވަނަ ޕެރެގްރާފްގެ (ށ) އާއި (ނ) ގައި ސިވިލް ކޯޓުން މިސްލީ ކުއްޔެއް ނަގައިދެވިދާނެ ހަމައެއް ނެތްކަމަށް ކަނޑައެޅި ސަބަބާއި 13 ޖަނަވަރީ 2009 ގެ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތް ކުލީގެ ރޭޓުން ކުލި ނަގައިދިނުމަށް ނިންމި ސަބަބު ބަޔާންކޮށްފައިވެއެވެ. ކުރުކޮށް ބުނާނަމަ، މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ އެތައް އަހަރެއް ކުރިން ބާޠިލުކޮށްފައި އޮތް އެއްބަސްވުމެއް އޮވެމެ، ހަމަ އެ މައްސަލައިގެ ތެރޭގައި އިބްރާހީމް ތައުފީޤު ކުއްޔަށް ހިފައިގެން އުޅުނު ތަން ޢަބްދުﷲ ލަޠީފްއަށް ހަވާލުކުރުމަށް ޙުކުމްކޮށްފައި އޮތްއިރު، އެ ޙުކުމާ އެއްގޮތަށް އިބްރާހީމް ތައުފީޤު ޢަމަލުނުކޮށް، އަދި އެފަހުން މި މުއާމަލާތާ ގުޅިގެން ނިންމުނު އެހެނިހެން މައްސަލަތަކުގައިވެސް ކުލީގެ ރޭޓުކަމުގައި ބަލައިފައިވަނީ 13 ޖަނަވަރީ 2009 ގެ އެއްބަސްވުމުގައި އޮތް ކުލި ކަމުގައިވާއިރު، މި ހާލަތުގައި މިސްލީ ކުއްޔެއް ކަނޑައަޅައިދޭންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.
ހައިކޯޓުން ސިވިލް ކޯޓުގެ މި ނިންމުމަށް ތާއީދުކޮށްފައި އޮތްއޮތުން ޤާނޫނާ ޚިލާފުވަނީ ކިހިނެތްކަމެއް އިބްރާހީމް ތައުފީޤަށް ސުޕްރީމް ކޯޓުގައިވެސް ބުނެދެވިފައިނުވެއެވެ.
ސިވިލް ކޯޓުގައި ނެގި ދިފާއުއަށް އެ ކޯޓުން ރިއާޔަތް ކުރަންޖެހޭކަން
މި މައުލޫއުގައި، އިބްރާހީމް ތައުފީޤުގެ މައިގަނޑު ޝަކުވާއަކީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުން ކުއްޔަށް ދީފައިވާ ޢިމާރާތުގެ ފެނާއި، ކަރަންޓް ކަނޑާލާފައިވާކަން ސާފުކޮށް އެނގެން އޮތުމާއި، އެ ޢިމާރާތަށް ފެން ފޭބުމުގެ ސަބަބުން، އެޢިމާރާތް ޙަވާލުކުރުމާއި ހަމަޔަށް، އެއްކޮޓަރި ބޭނުން ނުކުރެވި ހުރިކަން ބަޔާންކޮށް، ނަގާފައިވާ ދިފާއީ ނުކުތާއާމެދު މައުލޫއީގޮތުން ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައިނުވުމެވެ.
މި ނުކުތާއަކީ ހައިކޯޓަށްވެސް ހުށަހެޅުނު ނުކުތާއެއް ނަމަވެސް ކަމުގެ ތަފްސީލު އެ ކޯޓުގައި ބަޔާންކޮށްފައި ނެތްކަމަށް ހައިކޯޓުގެ ނަންބަރު 2017/HC-A/189 ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގެ 7 ވަނަ ޕެރެގްރާފްގެ (ޅ) ގައި އިބްރާހީމް ތައުފީޤުގެ ފަރާތުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައިވާ ކަންކަމަށް ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާއިން ރިޢާޔަތް ނުކުރި ސަބަބު ބަޔާންކޮށްފައިވާނެއެވެ. ކުރުކޮށް ބުނާނަމަ، އިބްރާހީމް ތައުފީޤަށް ލިބުނު ގެއްލުންކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމާގުޅޭ ގޮތުން ސިވިލް ކޯޓުގެ އެހެން ގަޒިއްޔާއަކުން (އެއީ ސިވިލް ކޯޓުގެ ނަންބަރު 178/Cv-C/2016 ގަޒިއްޔާގައި) ނިންމުމެއް ނިންމާފައިވާކަން ފާހަގަކޮށްފައިވެއެވެ.
ޝަރީޢަތުން ކުރިން ގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި ދެވަނަ ފަހަރަށް ގޮތެއް ކަނޑަނޭޅޭނެތީ، އިބްރާހީމް ތައުފީޤުގެ ފަރާތުން ހުށަހެޅި ގެއްލުމުގެ ބަދަލަށް ރިޢާޔަތް ކުރެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ޚިލާފުވަނީ ކޮން ޤާނޫނީ އުސޫލަކާ ކަމެއް އިބްރާހީމް ތައުފީޤަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެދެވިފައިނުވެއެވެ.
ވުމާއެކު އިބްރާހީމް ތައުފީޤުގެ ފަރާތުން ހުށަހެޅި މި ނުކުތާގައިވެސް ޤާނޫނީ ބުރަދަނެއް ހުރިކަމުގައި އަހުރެން ނުދެކެމެވެ.
މައްސަލަ ޣައިރު ހާޒިރުގައި ނިންމީ ޤާނޫނާ ޚިލާފަށްކަންމި ނުކުތާގައި އިބްރާހީމް ތައުފީޤުގެ މައިގަނޑު ޝަކުވާ ބިނާވަނީ އޭނާއަށް ކޯޓަށް ހާޒިރުވުމަށް އަމުރު ނުފޮނުވާ ތާރީޚެއްގައި މި މައްސަލައިގައި ޙުކުމްކޮށްފައި އޮންނަ އޮތުމުގެ މައްޗަށެވެ.
މި ނުކުތާ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކަނޑައަޅާފައިވަނީ އިބްރާހީމް ތައުފީޤަށް ސިވިލް ކޯޓުގެ ނަންބަރު B3-CR2/2016/2314 އަމުރު ލިބި، އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޒިރުވެފައިނުވަނީ މަޤުބޫލު ސަބަބެއް އޮވެގެންކަމަށް އިބްރާހީމް ތައުފީޤަށް ދެއްކިފައިނުވާކަމަށެވެ. އަދި މިފަދަ ހާލަތެއްގައި "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން ޣައިރު ހާޒިރުގައި ޙުކުމްކުރުމުގެ ބާރު ކޯޓަށް ލިބިދެވޭކަމަށެވެ.
ސިވިލް ކޯޓުގެ ނަންބަރު B3-CR2/2016/2314 ކޯޓަށް ހާޒިރުވުމުގެ އަމުރަށް ބަލާއިރު، މި އަމުރަކީ 10 ނޮވެންބަރު 2016 ގައި އޭނާއަށް ރައްދުވެފައިވާ އަމުރެއްކަމަށް އިބްރާހީމް ތައުފީޤު އެ އަމުރުގައި ސޮއިކޮށްފައިވެއެވެ. އެ އަމުރުގައި ޝަރީޢަތުގެ މަޖިލިސް ބާއްވާނެ ދެ ތާރީޚެއް ބަޔާންކޮށްފައިވެއެވެ. އެއީ، 15 ނޮވެންބަރު 2016 ގެ 10:45 އާއި 20 ނޮވެންބަރު 2016 ގެ 10:45 އެވެ. އަދި އެ ތާރީޚުތަކާއި ގަޑިތަކަށް ހާޒިރުނުވެއްޖެނަމަ، މައްސަލަ ޣައިރު ހާޒިރުގައި ހިންގައި ނިންމާނެކަމަށް ބަޔާންކޮށްފައިވެއެވެ.
15 ނޮވެންބަރު 2016 ގައި އޮތް އަޑުއެހުމަށް އިބްރާހީމް ތައުފީޤު ހާޒިރުނުވާކަން އެނގެއެވެ. އެހެންނަމަވެސް މައްސަލައިގައި ޙުކުމްކޮށްފައިވަނީ 16 ނޮވެންބަރު 2016 ގައެވެ. މި މައްސަލައިގެ ޙުކުމްކުރި މަޖިލިހަށް ހާޒިރުވުމަށް އަންގައި ފޮނުވިފައިވާ ކޯޓަށް ހާޒިރުވުމުގެ އަމުރެއް ކޯޓުގެ ރިކޯޑުތަކުން ފެންނަން ނެތްކަމަށް ސިވިލް ކޯޓުން ސުޕްރީމް ކޯޓަށް މައުލޫމާތު ދީފައިވެއެވެ.
ހައިކޯޓުން ހަވާލާދީފައިވާ "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) ގައިވަނީ އަންނަނިވި ފަދައިންނެވެ.
ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާ ލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުން އިޢުލާނު ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
ބުނެވުނު އަކުރުގައި ޣައިރު ހާޒިރުގައި މައްސަލަ ހިންގުމުގެ މައިގަނޑު ދެ ގޮތެއް ކަނޑައަޅާފައިވެއެވެ. ފުރަތަމަ ގޮތަކީ ދަޢުވާ ލިބޭ ފަރާތަށް އަމުރު ރައްދުވުމަށްފަހު އެފަރާތުން މަޤުބޫލު އުޒުރެއްނެތި ޝަރީޢަތަށް ހާޒިރުނުވާނަމަ، އެފަރާތުގެ ޣައިރު ހާޒިރުގައި ގޮތެއް ނިންމުމެވެ. އަދި ދެވަނަ ގޮތަކީ، ދަޢުވާ ލިބޭ ފަރާތްވީތަނެއް ނޭނގޭނަމަ، އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުން އިޢުލާނު ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، އޭނާގެ ޣައިރު ހާޒިރުގައި މައްސަލައިގައި ގޮތެއް ނިންމުމެވެ.
މި ދެ ގޮތުންކުރެ ކޮންމެ ގޮތެއްގައިވެސް ގަވާއިދު ލާޒިމުކުރާ އެއް ކަމެއްވާކަން ފާހަގަކުރެވެއެވެ. އެއީ، ޣައިރު ހާޒިރުގައި މައްސަލަ ހިންގާނަމަ، ވަކި ތާރީޚަކާއި ގަޑިއެއް ދަޢުވާލިބޭ ފަރާތަށް އެނގިފައި އޮތުމެވެ.
ދަޢުވާލިބޭ ފަރާތް އުޅޭ ތަން އެނގިފައިވާ ހާލަތުގައި، ކޮންމެ ޝަރީޢަތެއް ބޭއްވޭނެ ދުވަހާއި ގަޑި ދުރާލާ އަންގާފައިވުމަކީ އަބަދުވެސް ކޯޓުތަކުން ޢަމަލުކުރާގޮތެވެ. ދަޢުވާލިބޭ މީހާ އުޅޭ ތަން ނޭނގޭނަމަ، އޭނާ ހޯދުމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން އިޢުލާނުކުރަނީ އެއް ފަހަރެވެ. އެ ފުރުސަތުގައި އޭނާ އުޅޭ ތަނެއް ކޯޓަށް އަންގާފައިނުވާނަމަ، އިތުރު ނޯޓިހަކާ ނުލައި އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ހިންގޭނެއެވެ.
ހުށަހެޅިފައިމިވާ މައްސަލައަށް "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު ތަޠުބީޤުކުރަން ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ޣައިރު ހާޒިރުގައި ހިންގައި ނިންމާނެކަމަށް ސިވިލް ކޯޓުން އިބްރާހީމް ތައުފީޤަށް އެންގި ތާރީޚުތަކުގެ ތެރެއިން ދެމެދަށް އައި ދުވަހެއްގައެވެ.
ކޯޓަށް ހާޒިރުވުމުގެ އަމުރުގައި އޮތް އެންމެ ފުރަތަމަ ތާރީޚު ކަމުގައިވާ 15 ނޮވެންބަރު 2016 ގައި އިބްރާހީމް ތައުފީޤު ކޯޓަށް ހާޒިރުނުވިނަމަ، ކޯޓުން އެ މައްސަލައިގައި އިބްރާހީމް ތައުފީޤުގެ ޣައިރު ހާޒިރުގައި ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު އޮތްކަން އަހުރެންވެސް ޤަބޫލުކުރަމެވެ. ހަމަ އެފަދައިން، 20 ނޮވެންބަރު 2016 ގައިވެސް އިބްރާހީމް ތައުފީޤު ކޯޓަށް ހާޒިރުނުވިނަމަ، ކޯޓަށް ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު އޮތެވެ.
ނަމަވެސް ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ އެ ކޯޓުން އިބްރާހީމް ތައުފީޤު ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ދެ ތާރީޚުގެ ދެމެދަށް އައި ތާރީޚެއްގައެވެ. 16 ނޮވެންބަރު 2016 ގައި ޙުކުމްކޮށްފައިވަނީ އެ ތާރީޚުގައި ކޯޓަށް ހާޒިރުވުމަށް އިބްރާހީމް ތައުފީޤަށް އެންގުމަކާ ނުލައި، ހަމައެކަނި މައްސަލަ ހުށަހެޅި ފަރާތަށް އެންގުމަށްފަހުއެވެ. މި މައްސަލައިގައި ޙުކުމްކޮށްފައިވާކަން އިބްރާހީމް ތައުފީޤަށް އެނގުނީ 20 ނޮވެންވަރު 2016 ގެ އަޑުއެހުމަށް ހާޒިރުވުމުންނެވެ.
މި ހާލަތުގައި ސިވިލް ކޯޓުން ޢަމަލުކޮށްފައިވަނީ "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ލިބިދެވިފައިވާ އިޚްތިޔާރުގެ ތެރެއިން ކަމުގައި އަހުރެން ނުދެކެމެވެ. ސަބަބަކީ ވަކި ތާރީޚުތަކެއްގައި ހާޒިރުވުމަށް ކޯޓުން އިބްރާހީމް ތައުފީޤަށް އެންގުމަށްފަހު، ދެމެދަށް އައި ތާރީޚެއްގައި އިބްރާހީމް ތައުފީޤަށް އެންގުމަކާނުލައި ޙުކުމްކުރުމުންނެވެ. ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ތަން އެނގޭ ހާލަތުގައި، މައްސަލައެއް ޣައިރު ހާޒިރުގައި ހިންގައި ޙުކުމްކުރިނަމަވެސް، ކޮންމެ ޝަރީޢަތެއް އޮންނާނެ ތާރީޚާއި ވަގުތު އެ މީހަކަށް އަންގަންޖެހޭކަން "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ. އެހެނީ އެ އަކުރުގެ އިބާރާތުން، އެގޮތަށް މައްސަލައެއް ހިންގޭނީ ދަޢުވާ ލިބޭ ފަރާތުން އަމުރާ ހަވާލުވުމަށްފަހު މަޤުބޫލު އުޒުރެއްނެތި ޝަރީޢަތަށް ހާޒިރުނުވުމުންނެވެ. މިއީ، އެއް ފަހަރު އަޑުއެހުމަކަށް ހާޒިރުނުވެވުމުން، ދެން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކަށް އޭނާއަށް އެންގުމެއް ނެތި، ޣައިރު ހާޒިރުގައި މައްސަލަ ހިންގުމަށް މުތުލަގަށް ކޯޓުތަކަށް ދެވޭ ބާރެއްނޫނެވެ.
ކޯޓުން ވަކި ތާރީޚުތަކެއްގައި ޝަރީޢަތަށް ހާޒިރުވުމަށް އެންގުމަށްފަހު، އެއާ އެއްގޮތަށް ޢަމަލުނުކުރެވުމުގައި މައްސަލަތަކެއް ހުރިކަން އަހުރެންވެސް ޤަބޫލުކުރަމެވެ. ނަމަވެސް އެފަދަ މައްސަލައެއްގެ ސަބަބުން މުޅި މައުލޫއީ ގަޒިއްޔާ ބާޠިލުކުރެވިދާނެ ހެއްޔެވެ؟ ނުވަތަ އެފަދަ މައްސަލަތަކުގެ ފަރުވާއަކީ އެ ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރުން ހެއްޔެވެ؟
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) އިން އިޝާރާތްކުރަނީ އިޖުރާއީ އައިބެއްގެ ސަބަބުން ހައިކޯޓަށް ދަށު ކޯޓުގެ ޙުކުމެއް ބާޠިލުކުރެވިދާނެ ހާލަތްތަކަށެވެ. ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައިވަނީ އަންނަނިވި ފަދައިންނެވެ.
ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.
އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން
ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން
ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން
ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން
ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ޤާނޫނުން ވަކި ގޮތެއް ކަނޑައެޅިފައިނުވާއިރު، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ ޙުކުމަށް އަސަރުކުރުވާ ފަދަ އައިބެއް މި މައްސަލައިގައި ފެންނާކަށްނެތެވެ.
މި މައްސަލައަކީ ސިވިލް ކޯޓު މަރުހަލާގައި އިބްރާހީމް ތައުފީޤަށްވެސް ޖަވާބުދާރީވުމަށް ފުރުސަތު ލިބި، އޭނާގެ ފަރާތުން ދިފާއުތަކެއްވެސް ހުށަހެޅި، އެކަންކަމާމެދު ސިވިލް ކޯޓުގެ ނަންބަރު 1894/Cv-C/2016 ގަޒިއްޔާގައިވެސް ޖަވާބުތަކެއް ދީފައިވާ މައްސަލައެއް ކަމުގައިވާއިރު، މި މައްސަލައަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނާފަދަ ޝަރީޢަތެއްވެސް ކޮށްފައިނުވާ މައްސަލައެއް ކަމުގައި ބެލެވޭކަށްނެތެވެ.
އެހެންކަމުން ހައިކޯޓުގެ ނަންބަރު 2017/HC-A/171 ގަޒިއްޔާގައި "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންނަމަވެސް، އެ މައްސަލައިގައި ވާސިލުވި ނިންމުމަށް އަހުރެން ތާއީދުކުރަމެވެ.
ވުމާއެކު، އިބްރާހީމް ތައުފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ހައިކޯޓުގެ ނަންބަރު 2017/HC-A/171 ގަޒިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިންހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2017/HC-A/171 ގަޒިއްޔާގައި "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައި، އެހެންނަމަވެސް ހައިކޯޓުގެ ނަންބަރު 2017/HC-A/171 ގަޒިއްޔާގައި ދެން ނިންމާފައިވާ ކަންކަމަށް ތާއީދުކުރުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދުއަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.