ޢާއިޝަތު ޝިޔާމާ އަޙްމަދު ވ. މުޙައްމަދު ޔޫސުފް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 04 2022/SC-A/83 ޝަރީޢަތް ނިމުނުގޮތް ޢާއިޝަތު ޝިޔާމާ އަޙްމަދު ވ. މުޙައްމަދު ޔޫސުފް ފަނޑިޔާރުންގެ މަޖިލިސް ޑރ. އަޒްމިރާލްދާ ޒާހިރު މަޙާޒު ޢަލީ ޒާހިރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 11 ފެބްރުއަރީ 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/342 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މުޙައްމަދު ޔޫސުފް، ދަފްތަރު ނަންބަރު ރސ 1393 ( ޢާއިޝަތު ޝިޔާމާ އަޙްމަދު، ގ. މިއަލަނިއާގެ ( ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: އަޙްމަދު ޝަފީޤް، ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ
ނަދީމް އިބްރާހީމް
މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު
އެއްބަސްވުމުގެ ދަށުން ނަގައިދެވޭ ގެއްލުމުގެ ބަދަލު، ލިކުއިޑޭޓަޑް ޑެމެޖަސް، ޕެނަލްޓީ ކްލޯސް، ޤާނޫނު ނަންބަރު4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 1
ތަޢާރުފު 1
ކަންހިނގާފައިވާ ގޮތް 1
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް 3
ހައިކޯޓުން މައްސަލަ ނިންމިގޮތް 4
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް 5
އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލުގައި ދެފަރާތުން ދައްކާފައިވާ ވާހަކަ 6
ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ 3 ވަނަ ނުކުތާ ހައިކޯޓުން މާނަކޮށްފައިވާގޮތް 7
ލިކުއިޑޭޓަޑް ޑެމެޖަސް 9
(ހ) އަސާސީ އިލްތިޒާމާއި ސާނަވީ އިލްތިޒާމް 10
(ށ) މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތު 11
(ނ) ނުބައްދަލު ބުރަ ނުވަތަ އުޤޫބާތް 11
އުޞޫލު ތަޠުބީޤުކުރުން 11
ގެއްލުމުގެ ބަދަލު ހޯދުން 15
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 16
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 16
ޙުކުމް 17
` ޢާއިޝަތު ޝިޔާމާ އަޙްމަދު ވ. މުޙައްމަދު ޔޫސުފް [2024] SC 04 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މިއީ ހައިކޯޓުގެ ނަންބަރު 2021/HC-A/342 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ގ. މިއަލަނިއާގެ ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބަލާފައިވާ މައްސަލައެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު ރސ 1393، މުޙައްމަދު ޔޫސުފްއެވެ.
ކަންހިނގާފައިވާ ގޮތް
2. ޢާއިޝަތު ޝިޔާމާ އަޙްމަދުއާއި މުޙައްމަދު ޔޫސުފްއާ ދެމެދު ގ. މިއަލަނިއާގެ އެވެ ކިޔުނު ބަންޑާރަ ގޯތީގެ އުތުރު ފަރާތުގެ 630 އަކަފޫޓު ބިމުގައި ކޮށްފައިވާ ޢިމާރާތުގެ 3، 4 އަދި 5 ވަނަ ފަންގިފިލާ ކުއްޔަށް ދިނުމަށްޓަކައި29 ޖެނުއަރީ 2017 ގައި އެއްބަސްވުމެއްވިއެވެ.1 މި އެއްބަސްވުމުގެ ދަށުން ޢިމާރާތް ކުއްޔަށް ދޭ ފަރާތަކީ ޢާއިޝަތު ޝިޔާމާ އަޙްމަދުއެވެ. އަދި ތަން ކުއްޔަށް ހިފި ފަރާތަކީ މުޙައްމަދު ޔޫސުފްއެވެ.
3. އެއްބަސްވުމުގެ ދަށުން ކުއްޔަކީ ކޮންމެ މީލާދީ މަހަކަށް 11,200/-ރ. (އެގާރަހާސް ދުއިސައްތަ ރުފިޔާ) އެވެ. އެގޮތުން، 72 (ހަތްދިހަ ދޭއް) މަސް ދުވަހުގެ ކުއްޔަށްވާ 806,400/-ރ. (އަށްލައްކަ ހަހާސް ހަތަރުސަތޭކަ ރުފިޔާ( މުޙައްމަދު ޔޫސުފްގެ ފަރާތުން ތިން ޕޭމަންޓަކަށް ބަހާލައިގެން 24 އެޕްރީލް 2017 ގައި ޢާއިޝަތު ޝިޔާމާ އަޙްމަދުއަށް ދައްކާ ނިންމާފައިވެއެވެ.2
4. މުޙައްމަދު ޔޫސުފް ޢާއިޝަތު ޝިޔާމާ އަޙްމަދުއަށް ފައިސާ ދެއްކިއިރު، އެއްބަސްވުމުގައި ހިމެނޭ ފަންގިފިލާތައް ހަދާ ނުނިމެއެވެ. އެގޮތުން، އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން، އެއްބަސްވުމުގައި ސޮއިކުރިއިރު 406,400/- ރ. (ހަތަރު ލައްކަ ހަހާސް ހަތަރުސަތޭކަ ރުފިޔާ) މުޙައްމަދު ޔޫސުފް ދައްކާފައިވާއިރު، އެ މާއްދާގެ ދަށުން ތަސައްވުރު ކުރެވިފައިވާ ފަދައިން، ތަން އިމާރާތްކޮށް ނިންމުމަށް 4 (ހަތަރެއް) މަސް ދުވަސް ހިމަނައި، އެ މުއްދަތުގެ ތެރޭގައި ބާކީ ހުރި އަދަދު ދެބަޔަކަށް ބަހާލައި، އެއްބަސްވުމުގެ ދަށުން މުޙައްމަދު ޔޫސުފް ޖުމްލަ ދައްކަންޖެހޭ ޢަދަދު ދައްކައި ނިންމާފައިވެއެވެ.3 ކުލީގެ މުއްދަތުގެ ތެރޭގައި މި 4 (ހަތަރެއް) މަސް ދުވަސް ނުހިމެނެއެވެ.
5. އެއްބަސްވުމުގެ ޖުމްލަ އަދަދުކަމުގައިވާ 806,400/-ރ. (އަށްލައްކަ ހަހާސް ހަތަރުސަތޭކަ ރުފިޔާ( ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުންވަނީ ބަލައިގަނެފައެވެ.
6. އެއްބަސްވުމުގެ 6 ވަނަ މާއްދާގައި މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ތަން ޙަވާލުކުރަން އެއްބަސްވެފައިވާ މީލާދީ 4 (ހަތަރު) މަސް ދުވަސް ތެރޭގައި ޙަވާލުނުކޮށް ލަސްވާ ކޮންމެ ދުވަހަކަށް 1500/-ރ. (ފަނަރަސަތޭކަ ރުފިޔާ) ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
7. ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ހަވާލުކުރަންޖެހޭ ފަންގިފިލާތައް މުޙައްމަދު ޔޫސުފްއާ ޙަވާލުކޮށްފައިނުވެއެވެ.
8. ޢާއިޝަތު ޝިޔާމާ އަޙްމަދު އެއްބަސްވުމާ ޚިލާފުވެ، އެއްބަސްވުމުގެ ދަށުން ޙަވާލުކުރަންޖެހޭ ފަންގިފިލާތައް އެއްބަސްވުމާ އެއްގޮތަށް ޙަވާލު ކޮށްފައިނުވާތީ، ޢާއިޝަތު ޝިޔާމާ އަޙްމަދުގެ މައްޗަށް ސިވިލް ކޯޓުގައި މުޙައްމަދު ޔޫސުފް ދަޢުވާކުރިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 2623/Cv-C/2019 ގަޒިއްޔާއިންނެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
9. ސިވިލް ކޯޓުގެ ނަންބަރު2623/Cv-C/2019 ގަޒިއްޔާގައި މުޙައްމަދު ޔޫސުފްގެ ފަރާތުން ދަޢުވާކުރީ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ޙަވާލުކުރަންޖެހޭ ފަންގިފިލާތައް އެއްބަސްވުމާ އެއްގޮތަށް ޙަވާލުކޮށްފައިނުވާތީ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ލަސްވާ ކޮންމެ ދުވަހަކަށް 1500/-ރ. (ފަނަރަސަތޭކަ ރުފިޔާ) ގެ ރޭޓުން 01 ޖޫން 2017 އިން ފެށިގެން 14 ޖުލައި 2019 ގެ ނިޔަލަށް އަރާފައިވާ 1,159,500/-ރ. (އެއްމިލިއަން އެއްލައްކަ ފަންސާސް ނުވަ ހާސް ފަސްސަތޭކަ ރުފިޔާ) އަކީ މުޙައްމަދު ޔޫސުފްއަށް ޢާއިޝަތު ޝިޔާމާ އަޙްމަދު ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުމުގެ ދަށުން ޙަވާލުކުރަންޖެހޭ ފަންގިފިލާތައް ޙަވާލުކުރުމަށާއި އެއްބަސްވުމުގެ މުއްދަތަށް ކަމޭހިތައި އެއްބަސްވުން ދެމެހެއްޓުމަށް ޢާއިޝަތު ޝިޔާމާ އަޙްމަދުއަށް އަންގައިދިނުމަށެވެ. އެ ގަޒިއްޔާގައި ނިންމާފައިވަނީ މުޙައްމަދު ޔޫސުފް އެދިފައިވާގޮތަށް ބަދަލު ނަގައިދީއެވެ. މިގޮތަށް ސިވިލް ކޯޓުން ޙުކުމްކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
9.1 އެއްބަސްވުމުގައިވާ ޢިމާރާތުގެ މަސައްކަތް ނިމިފައިނުވާކަމަށް ޢާއިޝަތު ޝިޔާމާ އަޙްމަދު ބުނެފައިވާތީ، މަސައްކަތް ނިމިފައިނުވާ ތަނެއް ޙަވާލުކުރުމަށް ޝަރީޢަތުން އެންގިނަމަވެސް، އެއީ ތަންފީޒުކުރުމުގެ ފުރުޞަތު ނެތްކަމަކަށް ވެދާނެތީ، އެފަދައިން އަންގާނެ ޙާލަތެއް ނެތްކަން؛
9.2 އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ޢާއިޝަތު ޝިޔާމާ އަޙްމަދު ދައްކަންޖެހޭ ފައިސާއަކީ އެއްބަސްވުމުގެ ދަށުން ޢާއިޝަތު ޝިޔާމާ އަޙްމަދު އަދާކުރަންޖެހޭ އަސްލު އިލްތިޒާމާ ވަކިން އޮތް އިލްތިޒާމެއް ކަމަށްވީނަމަވެސް، އެ އިލްތިޒާމަކީ އެއްބަސްވުމުގެ ދަށުން ޢާއިޝަތު ޝިޔާމާ އަޙްމަދު އަދާކުރަންޖެހޭ އިލްތިޒާމާ ނުބައްދަލު ބުރައެއް ނުވަތަ ޢުޤޫބާތެއް ދިނުމަށްޓަކައި އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުގެ ބޭރުން މަތިކުރުވާފައިވާ އިތުރު އިލްތިޒާމެއްކަމަށް ބެލެވެން ނެތްކަމާއި، އެއްބަސްވުމުގެ އެ މާއްދާއަކީ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމާ ނުބައްދަލު ބުރައެއް ނުވަތަ ޢުޤޫބާތެއް ދިނުމަށް އޮތް މާއްދާއެއްކަމަށް ބެލެވޭނީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ޢަދަދެއް ދޭންޖެހޭކަމަށް އެއްބަސްވުމުގެ އެ މާއްދާގައި ބަޔާންކޮށްފައިވާނަމަ ކަމާއި، އެހެންކަމުން އެ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ނުވަތަ އަންފެއަރ ކޮންޓްރެކްޓް ޓަރމްއެއްކަމަށް ބަލަންޖެހޭ ހަމައެއް ނެތުމުން އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާއަކީ މުޙައްމަދު ޔޫސުފްއަށް ޢާއިޝަތު ޝިޔާމާ އަޙްމަދު ދޭންޖެހޭ ފައިސާއެއްކަމަށެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
10. ސިވިލް ކޯޓުގެ ނަންބަރު2623/Cv-C/2019 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު2021/HC-A/342 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމިއެވެ.
11. އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ފައިސާ ނެގުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ4 23 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް5 ގަޒިއްޔާގައި ފާހަގަކުރާ ޤާނޫނީ އުޞޫލުތަކުގެ ދަށުން ބަލަންޖެހޭ ކަންކަން ސިވިލް ކޯޓުން ބަލާފައިނުވާކަމަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ހައިކޯޓުގައި ބުނެފައިވާއިރު، ސިވިލް ކޯޓުން އެ އުޞޫލުތައް ތަޠުބީޤުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ބުނެފައި ނުވާކަމަށާއި، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 5 ވަނަ ނަންބަރުގެ (ޅ) ގައި ސިވިލް ކޯޓުން ހުށަހެޅިފައިވާ މައްސަލައިގެ ވަގާއިއުތަކަށް އެ އުޞޫލުތައް ތަޠުބީޤުކޮށްފައިވާކަން އެނގެން އޮންނާތީ، އެ ނުކުތާއާމެދު އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
12. ހައިކޯޓުގެ ނަންބަރު 2021/HC-A/342 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅައި ވާހަކަދައްކާފައިވެއެވެ.
12.1 ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ތިންވަނަ ނުކުތާ މާނަކޮށްފައިވަނީ ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ހައިކޯޓުގައި ފާހަގަކުރި ފާހަގަކުރުމާ ޚިލާފަށްކަމަށާއި އަދި މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ އިންސާފުވެރި އަދި ޢަދުލުވެރި ޝަރީޢަތެއް ކުރުމުގެ ޙައްޤު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
12.2 މިދެފަރާތު ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ6 ވަނަ މާއްދާއާ ޙަވާލާދީ ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް 1,159,500/-ރ. (އެއްމިލިއަން އެއްލައްކަ ފަންސާސް ނުވަ ހާސް ފަސްސަތޭކަ ރުފިޔާ) ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އަދި އެ ކަނޑައެޅުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް6 ގަޒިއްޔާގައި ގާއިމްކޮށްފައިވާ ޤާނޫނީ އުޞޫލުތަކާއި އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލުގައި ދެފަރާތުން ދައްކާފައިވާ ވާހަކަ
13. ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ހައިކޯޓުގައި ބަޔާންކުރިނަމަވެސް، ސިވިލް ކޯޓުން އެ އުޞޫލުތައް ތަޠުބީޤުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެފައިނުވާކަމަށް ހައިކޯޓުން އެ ނުކުތާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ނަގައިދީފައިވާ ފައިސާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ނަގައިދީފައިވާ ފައިސާއެއްކަމަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާގައި ތަކުރާރުކޮށްފައިވެއެވެ.
14. އެގޮތުން، ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ތަފްސީލުގައި ބުނެފައިވަނީ އެއްބަސްވުމެއްގައި ފައިސާ ނެގޭނެކަމަށް ބަޔާންކުރާއިރު އެއީ ކިހިނަކުން ކޮން ބޭނުމަކު ނެގޭ ފައިސާއެއްކަން ބަޔާންކުރަންވާނެ ކަމަށާއި، އެފަދަ އެއްވެސް ތަފްސީލެއް އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައި ނުވާކަމަށެވެ. އަދި އެ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ސަބަބެއް ސާބިތުކޮށްދެވިފައި ނުވާކަމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ނަގައިދެވޭ ފައިސާއަކީ ނިސްބަތުން ބޮޑު ޢަދަދެއްކަމަށް ދެކޭކަމަށާއި، އެހެންކަމުން މިއީ ލިކުއިޑޭޓަޑް ޑެމެޖަސްގެ މާއްދާއެއްކަމަށް ނުބެލެވޭނެކަމަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ބުނެއެވެ.
15. މީގެ ރައްދުގައި މުޙައްމަދު ޔޫސުފްގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ނަގައިދީފައިވާ ފައިސާއަކީ ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޙަވާލުކުރަންޖެހޭ 3 (ތިނެއް) އެޕާޓްމަންޓް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ބޭނުންކުރުމަށް މުޙައްމަދު ޔޫސުފްއަށް ނުލިބޭނަމަ ލިބޭ ގެއްލުން ފޫބެއްދުމަށް ނެގޭ ފައިސާއެއް ކަމަށާއި، މިއީ އެއްބަސްވުން ވެވުނުއިރު ދެފަރާތަށް ސާފުކޮށް އެނގި ތަސައްވުރުކުރެވިފައިވާ ކަމެއްކަން އެއްބަސްވުމަށް ބެލުމުން އެނގޭކަމަށެވެ. އެހެންގޮތަކަށް ބުނާނަމަ މުޙައްމަދު ޔޫސުފްގެ ފަރާތުން ވަކާލާތު ކޮށްފައިވަނީ އެއްބަސްވުމުގެ 6 ވަނަ މާއްދާއަކީ ލިކުއިޑޭޓަޑް ޑެމެޖަސްގެ މާއްދާއެއްކަމަށް ބުނެއެވެ.
16. ވުމާއެކު، މި މައްސަލައިގައި ސުޕްރީމް ކޯޓުން މައިގަނޑު ގޮތެއް ކަނޑައަޅަންޖެހެނީ އެއްބަސްވުމުގެ 6 ވަނަ މާއްދާއަކީ ލިކުއިޑޭޓެޑް ޑެމެޖަސް ނަގައިދިނުމާ ގުޅޭގޮތުން އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ މާއްދާއެއްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. ނަމަވެސް މި ނުކުތާއަށް ޖަވާބެއް ދިނުމުގެ ކުރިން އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ޖަވާބުދޭނަމެވެ.
ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ 3 ވަނަ ނުކުތާ ހައިކޯޓުން މާނަކޮށްފައިވާގޮތް
17. ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ ސިވިލް ކޯޓުން އެއްބަސްވުމުގެ 6 ވަނަ މާއްދާއާ ޙަވާލާދީ ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާ އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
18. މި ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ މި ނުކުތާއަކީ ބުނެވުނު ޤާނޫނީ އުޞޫލުތަކުގެ ދަށުން ބަލަންޖެހޭ އަސާސީ ކަންތައްތައް ބަލާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެއް ކަމަށާއި، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އެ ކޯޓުން ބެލި ބެލުން ގޯސްވެގެން ހުށަހެޅި ނުކުތާއެއް ނޫންކަމަށާއި އަދި ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ 5 ވަނަ ނަންބަރުގެ (ޅ) ގައި ސިވިލް ކޯޓުން މައްސަލައިގެ ވަގާއިއުތަކަށް އެ އުޞޫލުތައް ތަތުބީޤުކޮށްފައިވާތީ، ސިވިލް ކޯޓުން އެ ކަންކަމަށް ރިޢާޔަތްކޮށްފައިވާކަމަށެވެ.7 އެހެންކަމުން އެ ނުކުތާއާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ނުދެކޭކަމަށެވެ.
19. ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާ އާ ޙަވާލާދީ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދުވާލަކަށް 1,500/-ރ. (ފަނަރަސަތޭކަ ރުފިޔާ) އަރަނީ ކޮން އުޞޫލަކުންކަން އެނގެން ނެތްކަމަށާއި، އެއީ ޖޫރިމަނާއެއް ކަމެއް ނުވަތަ ގެއްލުމުގެ ބަދަލެއްގެ ގޮތުން ނަގައިދެވޭ ފައިސާއެއްކަން ނޭނގޭކަމަށް ބުނެފައިވެއެވެ.8
20. ސިވިލް ކޯޓުގެ ނަންބަރު 2623/Cv-C/2019 ގަޒިއްޔާގައި އެއްބަސްވުމުގެ 6 ވަނަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަން ނުވަތަ ނޫންކަން ވަޒަންކުރުމުގައި ކޯޓުތަކުން ބަލައިގަންނަ މިންގަނޑުތައް ތަޠުބީޤުކުރުމަށްފަހު، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދުވާލަކަށް ނަގައިދެވޭ ބަދަލަކީ ނުބައްދަލު ބުރައެއް ނުވަތަ އެކަށީގެންވާ ވަރަށްވުރެ ބޮޑު ޢަދަދެއްކަމަށް ނުބެލެވޭކަމަށް ނިންމާފައިވެއެވެ.9 މި އުޞޫލު ސިވިލް ކޯޓުން ތަޠުބީޤުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވާއިރު، އެ ނުކުތާއަށް ހައިކޯޓުން ޖަވާބެއް ދޭންޖެހޭކަމަށް ދެކެމެވެ.
21. ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައަށް ހައްލުދިނުމުގައި އެންމެ އަސާސީ އެއްކަމަކީ ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދިނުމެވެ. އެގޮތުން މައްސަލަ ބެލުމުގައި ހުށަހެޅުނު ދަޢުވާ ނުވަތަ ދިފާޢުތަކަށާއި ކޯޓުގައި ދެފަރާތުން އެދިފައިވާ ކަންކަމަށް ރިޢާޔަތްކުރަންޖެހެއެވެ. އަދި ފަނޑިޔާރުގެ ނިންމުން ބަޔާންކުރާއިރު އެ ނިންމުމަށް ވާސިލުވި ސަބަބު ތަފުޞީލާއެކު ބަޔާންކުރަންޖެހޭކަމަށް މީގެ ކުރިން މި ކޯޓުން ނިންމާފައިވާ މައްސަލަތަކުން އެނގެއެވެ.10 ނަމަވެސް، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ އެއްބަސްވުމުގެ 6 ވަނަ މާއްދާއާ ގުޅޭގޮތުން ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ހައިކޯޓުން އެކަށީގެންވާ ގޮތެއްގައި ޖަވާބުދީފައިނުވަނީ ޝަރީޢަތްކުރުމުގެ މި ބުނެވުނު އުޞޫލުތަކާ އެއްގޮތަށްކަމުގައި ނުދެކެމެވެ.
ލިކުއިޑޭޓަޑް ޑެމެޖަސް
22. ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ ޚުލާޞާއަކީ، ލިކުއިޑޭޓަޑް ޑެމޭޖަސްގެ މާއްދާއެއްގެ ދަށުން ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއްތޯ (ލިކުއިޑޭޓަޑް ޑެމޭޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލްޓީ ކްލޯޒްއެއްތޯ) ބެލުމަށްފަހު، ލިކުއިޑޭޓަޑް ޑެމޭޖަސްއަށްވާނަމަ، ފައިސާ ނަގައިދިނުމެވެ.
23. ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި އާއި ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް11 ގަޒިއްޔާގައި އާއި އަދި މޫސާ ޙުސައިން ވ. އިބްރާހީމް ޔޫސުފް12 ގަޒިއްޔާގައި އާއި އަދި އެ ގަޒިއްޔާއަށްފަހު ނިންމި އެމް- ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް ވ. ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް13 ގަޒިއްޔާގައި އެއްބަސްވުމުގައިވާ މާއްދާއެއްގައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްތޯ ނުވަތަ ޕެނަލްޓީ ކްލޯޒްއެއްތޯ ފަރަޤުކުރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމަށެވެ.
(ހ) ކަމާގުޅޭ މާއްދާއަކީ އަސާސީ އިލްތިޒާމަކާ ޚިލާފުވުމުގެ ސަބަބުން އުފެދިފައިވާ ސާނަވީ އިލްތިޒާމެއްތޯ،
(ށ) އަސާސީ އިލްތިޒާމް އަދާކުރުމުގައި މައުސޫމް ފަރާތު (އެއްބަސްވުމާ ޚިލާފުނުވާ ފަރާތް) ގެ ޞައްޙަ މަޞްލަޙަތުގެ ތަބީޢަތާއި މިންވަރު،
(ނ) ސާނަވީ އިލްތިޒާމުގެ ނަތީޖާއަކީ މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް އެއްބަސްވުމާ ޚިލާފުވި ފަރާތުން ތަޙައްމަލުކުރުން.
(ހ) އަސާސީ އިލްތިޒާމާއި ސާނަވީ އިލްތިޒާމް
24. އެއްބަސްވުމެއްގެ ދަށުން އަސާސީ އިލްތިޒާމެއްކަމަށް ބަލަނީ އެ އެއްބަސްވުމުގައި އެއް ފަރާތުން ކުރާނެކަމަށް ވަޢުދުވާ ކަންކަމަށެވެ. މިއާ ޚިލާފަށް، ސާނަވީ އިލްތިޒާމަކީ އަސާސީ އިލްތިޒާމެއް ފުރިހަމަ ނުކުރެވުމުގެ ސަބަބުން އުފެދޭ އިލްތިޒާމެވެ.14 ޢާންމުކޮށް އެ ޙާލަތުގައި އުފެދޭ ސާނަވީ އިލްތިޒާމުގައި ހިމެނޭނީ ގެއްލުމުގެ ބަދަލު ނަގައިދިނުމާގުޅޭ ގޮތުންނެވެ.
(ށ) މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތު
25. މިޙާލަތުގައި ކޯޓުން ބަލާނީ ސާނަވީ އިލްތިޒާމެއް ފުރިހަމަކުރުމުން މަންފާ ލިބޭފަރާތް ނުވަތަ މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތުތަކެއް ހިމާޔަތްކުރެވިގެންދޭތޯއާއި އެ މަޞްލަޙަތުގެ ތަބީޢަތާއި މިންވަރަށެވެ. ޞައްޙަ މަޞްލަޙަތެއް ސާބިތުކޮށްދިނުމުގައި މައުސޫމް ފަރާތަށްލިބޭ މާލީ ގެއްލުމުގެ އިތުރުން، އެހެނިހެން ވިޔަފާރީގެ ގެއްލުން ސާބިތުކޮށްދެވިދާނެއެވެ. ނަމަވެސް ޢަމަލީގޮތުން، އެހެނިހެން ގެއްލުން އެއީ ސާބިތުކޮށްދޭން އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. ޢާންމުކޮށް، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ މާއްދާއެއްގައި އެ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން ލިބޭ ގެއްލުމަށް ބަދަލު ހޯދުމުގެ އިތުރުން، އެހެނިހެން މަޞްލަޙަތުތައް ހިމެނިފައިވުމަކީ ނާދިރުކަމެކެވެ.
(ނ) ނުބައްދަލު ބުރަ ނުވަތަ އުޤޫބާތް
26. މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތު ހިމާޔަތްކުރުން އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތުން އުފުލަންޖެހޭ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތަކަށްވެގެން ނުވާނެއެވެ. އެހެންގޮތަކަށް ބުނާނަމަ، މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތު ސާބިތުކޮށްދިނުމަކުން އަދި ނުފުދެއެވެ. މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތާއި، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ސާނަވީ އިލްތިޒާމްގެ ދަށުން އުފުލަންޖެހޭ ބުރަ ނުބައްދަލުވެގެން ނުވާނެއެވެ.
އުޞޫލު ތަޠުބީޤުކުރުން
27. ޢާއިޝަތު ޝިޔާމާ އަޙްމަދުއާއި މުޙައްމަދު ޔޫސުފްއާ ދެމެދު ވެވުނު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ 6 މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ތަން ޙަވާލުކުރަން އެއްބަސްވެފައިވާ މީލާދީ 4 (ހަތަރު) މަސް ދުވަސް ތެރޭގައި ޙަވާލުނުކޮށް ލަސްވާ ކޮންމެ ދުވަހަކަށް 1500/-ރ. (ފަނަރަސަތޭކަ) ދިވެހި ރުފިޔާ ކުއްޔަށްދޭ ފަރާތުން ކުއްޔަށްހިފާ ފަރާތަށް ދޭންވާނެއެވެ.
28. އަސާސީ އިލްތިޒާމަކާ ޚިލާފުވުމުން އޮތް ސާނަވީ އިލްތިޒާމެއްތޯ: އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ތަން ޙަވާލުނުކޮށް ލަސްވާ ކޮންމެ ދުވަހަކަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް 1500/-ރ. (ފަނަރަސަތޭކަ ރުފިޔާ) ދޭން ވާނެކަމަށެވެ. ވުމާއެކު އެއްބަސްވުމުގެ ދަށުން ޢާއިޝަތު ޝިޔާމާ އަޙްމަދު ފުރިހަމަކުރަންޖެހޭ އަސާސީ އިލްތިޒާމަކީ އެއްބަސްވުމާ އެއްގޮތަށް ޢިމާރާތުގެ 3، 4 އަދި 5 ވަނަ ފަންގިފިލާ ޙަވާލުކުރުމެވެ. އެއްބަސްވުމުގެ 6 ވަނަ މާއްދާއަކީ އެއްބަސްވުމާ އެއްގޮތަށް ތަން ޙަވާލުނުކޮށްފިނަމަ އުފަންވާ ސާނަވީ އިލްތިޒާމެކެވެ.
29. ޞައްޙަ މަޞްލަޙަތެއްވޭތޯ: މި ދެފަރާތު ދެމެދު ވެވުނު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފްއާ ޙަވާލުކުރުމަށް އެއްބަސްވެފައިވަނީ 02 (ދޭއް) ކޮޓަރީގެ 03 (ތިނެއް) ފަންގިފިލާއެވެ. މުޙައްމަދު ޔޫސުފްގެ ފަރާތުން އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ 72 (ހަތްދިހަ ދޭއް) މަސް ދުވަހަށްވާ ކުލިކަމަށްވާ 806,400/-ރ. (އަށްލައްކަ ހަހާސް ހަތަރުސަތޭކަ ރުފިޔާ( ޢާއިޝަތު ޝިޔާމާ އަޙްމަދުއަށް ދީފައިވެއެވެ. އެއީ ނިސްބަތުން ކޮންމެ މީލާދީ މަހަކަށް 11,200/-ރ. (އެގާރަހާސް ދުއިސައްތަ ރުފިޔާ) އެވެ.
30. އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ތަން ޙަވާލުނުކޮށް ލަސްވާ ކޮންމެ ދުވަހަކަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް 1500/-ރ. (ފަނަރަސަތޭކަ ރުފިޔާ) ދޭންވާނެކަމަށެވެ. އެއީ ފަންގިފިލާތަކުގެ ނިސްބަތުން ބަލާނަމަ ފަންގިފިލާއަކަށް ދުވާލަކަށް 500/-ރ. (ފަސްސަތޭކަ ރުފިޔާ) ގެ ރޭޓެކެވެ. މަހަކަށް ބަލާނަމަ ފަންގިފިލާއަކަށް މަހަކަށް 15,000/-ރ. (ފަނަރަހާސް ރުފިޔާ) އެވެ. ޖުމްލަ 3 (ތިނެއް) ފަންގިފިލާއަށް މަހަކަށް 45,000/-ރ. (ސާޅީސް ފަސްހާސް ރުފިޔާ) އެވެ. ވުމާއެކު، ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން މި 3 (ތިނެއް) ފަންގިފިލާ ކުއްޔަށް ދީފައިވާ އަގާއި އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ނަގައިދެވޭ ބަދަލާ ދެމެދު 33,800/-ރ. (ތިރީސް ތިންހާސް އަށްސަތޭކަ ރުފިޔާ) ގެ ފަރަޤެއްވެއެވެ.
31. ސިވިލް ކޯޓުގެ ނަންބަރު 2623/Cv-C/2019 ގަޒިއްޔާއިން އެއްބަސްވުމުގެ 6 ވަނަ މާއްދާގައިވާ ގޮތަށް ދުވާލަކަށް 1500/-ރ. (ފަނަރަސަތޭކަ ރުފިޔާ) ގެ މަގުން ފައިސާ ނަގައިދީފައިވަނީ އެއްބަސްވުމުގައި އެ ގޮތަށް ބަޔާންކޮށްފައި ވާތީކަމަށް ދެކެމެވެ. މިގޮތަށް ބުރަވެވެނީ މުޙައްމަދު ޔޫސުފްގެ ފަރާތުން އެއްބަސްވުމުގައިވާ 3 (ތިނެއް) ފަންގިފިލާ މަހަކު 15,000/-ރ. (ފަނަރަހާސް ރުފިޔާ) އަށް ކުއްޔަށް ދެވިދާނެކަމާމެދު ސިވިލް ކޯޓުގައި އެއްވެސް ވާހަކައެއް ދައްކާފައިވާކަން އެނގެން ނެތުމުންނެވެ. އަދި އެކަން ސާބިތުކުރުމުގެ ގޮތުން ސިވިލް ކޯޓުގައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީއެވެ. ނަމަވެސް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ސިވިލް ކޯޓުގައިވެސް ބުނަމުން އައީ އެއްބަސްވުމުގެ 6 ވަނަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަމަށާއި އަދި އެ މާއްދާ ތަންފީޒު ނުކުރެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން ލިކުއިޑޭޓެޑް ޑެމެޖަސްއާ ގުޅޭގޮތުން މީގެ ކުރިން ނިންމާފައިވާ މި މައްސަލައިގައި ޙަވާލާދީފައިވާ ނިންމުންތަކަށް ބަލާއިރު، ލިކުއިޑޭޓެޑް ޑެމެޖަސް ނަގައިދެވޭއިރު، އެ މިންވަރުގެ ބަދަލެއް ލިބެންޖެހޭ ޞައްޙަ މަޞްލަޙަތެއް ސާބިތުކޮށްދޭންޖެހެއެވެ.
32. ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ޢިމާރާތުގެ ކޮންމެ ފަންގިފިލާއެއް މަހަކު 15,000/-ރ. (ފަނަރަހާސް ރުފިޔާ) އަށް ކުއްޔަށްދެވިދާނެކަމާމެދު ސުޕްރީމް ކޯޓުގައި އިންކާރުކޮށްފައިވެއެވެ. ނަމަވެސް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން އެއްބަސްވުމުގައިވާ ފަންގިފިލާއެއް މަހަކު 8,000/-ރ. (އަށްހާސް ރުފިޔާ) އާއި 10,000/-ރ. (ދިހަހާސް ރުފިޔާ) ގެ މަގުން ކުލި ކަނޑައެޅިދާނެކަމަށް ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. ވުމާއެކު ޢިމާރާތުގެ ފަންގިފިލާއެއް އެންމެ ދަށް އަގަކަށް ކުއްޔަށްދެވޭނެ މިންވަރާމެދު ދެފަރާތު ދެމެދު ޚިޔާލު ތަފާތު ވެފައިވާކަން އެނގެއެވެ.
33. އެއްބަސްވުމުގެ ދަށުން ޙަވާލުކުރަންޖެހޭ ޢިމާރާތުގެ 03 (ތިނެއް) ފަންގިފިލާ ކުއްޔަށް ދީފައިވަނީ ކޮންމެ މީލާދީ މަހަކަށް 11,200/-ރ. (އެގާރަހާސް ދުއިސައްތަ ރުފިޔާ) ގެ ރޭޓުން ކަމުގައިވާއިރު، މި ޢަދަދަށް ވުރެ 3 ގުނަ ބޮޑު ޢަދަދަކަށް އެ ޢިމާރާތުން ކުއްޔެއް ނުވަތަ އެހެންވެސް މަންފާއެއް ލިބެންޖެހޭނަމަ އެކަން ސާބިތުކޮށްދިނުމަކީ މުޙައްމަދު ޔޫސުފްއަށް އޮތް ބުރައެކެވެ. ނަމަވެސް އެފަދަ މަޞްލަޙަތެއް އޮތްކަމަކަށް މުޙައްމަދު ޔޫސުފްއަށް މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި ސާބިތުކޮށްދެވިފައިނުވެއެވެ.
34. ނުބައްދަލު ބުރަ ނުވަތަ އުޤޫބާތެއްތޯ: އެއްބަސްވުމާ އެއްގޮތަށް ޙަވާލުކުރަންޖެހޭ ފަންގިފިލާތައް ޙަވާލުނުކުރުމުގެ ސަބަބުން، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދުވާލަކަށް ދޭންޖެހޭ 1,500/-ރ. (ފަނަރަސަތޭކަ ރުފިޔާ) ގެ މަގުން މަހަކަށް ހިސާބުކުރުމުން 45,000/-ރ. (ސާޅީސްފަސްހާސް ރުފިޔާ) ޖެހެއެވެ. މިއީ އެއްބަސްވުމުގެ ދަށުން 03 (ތިނެއް) ފަންގިފިލާ ކުއްޔަށްދީފައިވާ ކުލީގެ ޢަދަދުގެ ތިން ގުނަ ބޮޑު ޢަދަދެކެވެ. ސިވިލް ކޯޓުގެ ނަންބަރު 2623/Cv-C/2019 ގަޒިއްޔާގައި 01 ޖޫން 2017 އިން ފެށިގެން 14 ޖުލައި 2019 ގެ ނިޔަލަށް 1,159,500/-ރ. (އެއްމިލިއަން އެއްލައްކަ ފަންސާސް ނުވަ ހާސް ފަސްސަތޭކަ ރުފިޔާ) ދައްކަންޖެހޭކަމަށް ޙުކުމްކޮށްފައިވެއެވެ. ސިވިލް ކޯޓުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ 02 (ދޭއް) އަހަރާއި 01 (އެކެއް) މަހާއި 14 (ސާދަ) ދުވަހަށެވެ.
35. ސިވިލް ކޯޓުގެ ނަންބަރު 2623/Cv-C/2019 ގަޒިއްޔާއިން މި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން ބާޠިލު ކޮށްފައިނުވެއެވެ. މާނައަކީ އެއްބަސްވުމުގެ މުއްދަތުކަމުގައިވާ 72 (ހަތްދިހަ ދޭއް) މަސް ދުވަހަށް އެއްބަސްވުން ހިނގާނެ ކަމެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ. ސިވިލް ކޯޓުގެ ގަޒިއްޔާއިން 14 ޖުލައި 2019 އަށް ގެއްލުމުގެ ބަދަލު ނަގައިދީފައިވާއިރު، އެ ތާރީޚުން ފެށިގެން އެއްބަސްވުމުގެ މުއްދަތު ހަމަވާން 03 (ތިނެއް) އަހަރާއި 10 (ދިހައެއް) މަހަށްވުރެ ގިނަ ދުވަސް އޮތެވެ. އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ހިސާބުކުރާނަމަ 02 (ދޭއް) މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރައެވެ. އެއީ އެއްބަސްވުމުގެ މުއްދަތަށް ހިސާބުކުރާނަމަ 03 (ތިނެއް) މިލިއަނަށް ވުރެ ގިނަ ފައިސާއެވެ. މިއީ އެއްބަސްވުމުގެ މުއްދަތަށް ދެއްކި ކުލި ނުވަތަ އަސާސީ އިލްތިޒާމުގެ ތިން ގުނަ ބޮޑު ޢަދަދެކެވެ. އެހެންކަމުން، މިއީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ޙިމާޔަތްކުރެވޭ ޞައްޙަ މަޞްލަޙަތާއި ނުބައްދަލު ބުރައެއް ކަމުގައި އަހުރެން ދެކެމެވެ.
36. މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގައިވަނީ އެއްބަސްވުމުގެ އަސާސީ އިލްތިޒާމާ ޚިލާފުވުމުގެ ސަބަބުން އުފަންވާ ސާނަވީ އިލްތިޒާމެއް ކަމަށްވާތީއާއި، މި ސާނަވީ އިލްތިޒާމު ތަންފީޒުކުރަންޖެހޭ ޞައްޙަ މަޞްލަޙަތެއް މުޙައްމަދު ޔޫސުފްއަށް ދެއްކިފައި ނުވާތީއާއި، އަދި މިއީ އެއްބަސްވުމުގެ ދަށުން ޢާއިޝަތު ޝިޔާމާ އަޙްމަދު ޙަވާލުކުރަންޖެހޭ ފަންގިފިލާތައް ޙަވާލުކޮށްފައިނުވުމުގެ ސަބަބުން ކުރިމަތިކުރުވި މާލީ ބުރައެއް ނުވަތަ ޢުޤޫބާތެއްކަމަށް ބެލެވޭތީ، މި މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްގެ ޝަރުޠުތައް ފުރިހަމަވާ މާއްދާއެއްކަމުގައި ދެކެމެވެ. ވުމާއެކު، އެއްބަސްވުމުގައި އެގޮތަށް ބަޔާންކުރެވިފައި ވީނަމަވެސް މިއީ ތަންފީޒުކުރެވޭނެ މާއްދާއެއް ނޫނެވެ.
ގެއްލުމުގެ ބަދަލު ހޯދުން
37. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ސީދާ ގެއްލުމަށާއި ނުސީދާ ގެއްލުމަށް ބަދަލު ލިބިދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ހިމެނޭ މުޢާމަލާތަށް ބަލާއިރު، ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަން ޢާއިޝަތު ޝިޔާމާ އަޙްމަދުގެ އިޢުތިރާފުން އެނގެން އޮވެއެވެ. އަދި މުޙައްމަދު ޔޫސުފްގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައިވާކަން އެނގެއެވެ. ސިވިލް ކޯޓުގެ ގަޒިއްޔާގައި މުޙައްމަދު ޔޫސުފްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވަނީ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަމުން ތަންފީޒު ނުކުރެވޭނެ މާއްދާއެއްކަމުގައި ވީނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ޢާއިޝަތު ޝިޔާމާ އަޙްމަދުގެ ފަރާތުން ޢަމަލުކޮށްފައި ނުވާތީ މުޙައްމަދު ޔޫސުފްއަށް ޤާނޫނީ ގޮތުން ލިބެން އޮތް ފަރުވާއެއް ހޯދުމުގެ ފުރުސަތު ގެއްލިފައިނުވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ ގެއްލުމުގެ މިންވަރަކީ ކޯޓަށް ތަންފީޒުކޮށްދެވޭނެ މާއްދާއެއް ނޫންކަމުގައި ވީނަމަވެސް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ޢާންމު އުސޫލުތަކުގެ ދަށުން މުޙައްމަދު ޔޫސުފް ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމަށް މި ގަޒިއްޔާގައިވާ ނިންމުން ހުރަހެއް ނާޅައެވެ.
38. އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއެކު ހައިކޯޓުގެ ނަންބަރު 2021/HC-A/342 ގަޒިއްޔާގައި އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައަޅައި، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ނޫންކަމުން، ސިވިލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
39. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
40. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/342 ގަޒިއްޔާގައާއި އަދި އެ ގަޒިއްޔާގައި ތާއީދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު2623/Cv-C/2019 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމުން، އެ ދެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 މި އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވުނު ނަންބަރު Cv-C/C-106/2017 އެގްރިމެންޓެވެ.
2 ގ. މިއަލަނިއާގެ އުތުރު ފަރާތުގެ 3، 4 5 ވަނަ ފަންގިފިލާގެ ކުލީގެ ފައިސާ ޙަވާލުކުރި ގޮތުގެ ތަފުސީލު
3 އބމ، 7 މާރޗް 2017 ގައި 200,000/- (ދެ ލައްކަ ރުފިޔާ) މުޙައްމަދު ޔޫސުފް ދައްކާފައިވާއިރު، 24 އޭޕްރިލް 2017 ގައި ބާކީ އޮތް 200,000/- (ދެ ލައްކަ ރުފިޔާ) ދައްކައި ނިންމާފައިވެއެވެ.
4 ޤާނޫނު ނަންބަރު 4/91
5 [2021] SC 50 (ސުޕްރީމް ކޯޓުގެ 2020/SC-A/28 ގަޒިއްޔާ)
6 އބމ
7 އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2021/HC-A/342 ގަޒިއްޔާ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުގެ 45 ވަނަ ނުކުތާ
8 އބމ ގެ 20 ފެބްރުއަރީ 2021 ގެ ބަޔާން
9 ސިވިލް ކޯޓުގެ ނަންބަރު 2623/Cv-C/2019 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 5 ވަނަ ނުކުތާގެ (ޅ)
10 އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30 ، މުޙައްމަދު ޝަރީފް ވ. ފަރުޙަތު ޢަލީ [2021] SC 105
11 [2022] SC 21
12 [2022] SC 85
13 [2023] SC 07
14 ފުޓް ނޯޓު 12 އަދި ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ [2021] SC 52 ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ ޕެރެގްރާފް 62 އިން 66 އަށް އަސާސީ އިލްތިޒާމާއި ސާނަވީ އިލްތިޒާމަކީ ކޮބައިކަން ތަފްސީލު ކުރެވިފައިވެއެވެ.
2022/SC-A/83 [2024] SC 04
2022/SC-A/83 [2024] SC 04
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.