ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 82 · 2022/SC-A/20

އަޙްމަދު ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 ނޮވެމްބަރު 2022ދަށު ކޯޓު: ހުވަދު އަތޮޅު ދެކުނުބުރި ތިނަދޫ މެޖިސްޓްރޭޓް ކޯޓު (228/Q10C/2016)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-S-A/01، 228/Q10C/2016
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި ގަޒްފުގެ ދަޢުވާއެއްގައި، ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ 228/Q10C/2016 ޤަޟިއްޔާގައި ދެ ހެކިންގެ ހެކިބަހުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 612 ވަނަ މާއްދާގެ ދަށުން 80 އެތިފަހަރުން ޖަލްދުކުރުމަށާއި 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު އަދަބު ކަނޑައެޅިއެވެ. ހައިކޯޓުގެ 2018/HC-S-A/01 ޤަޟިއްޔާގައި ކުށް ސާބިތުވުމަށް ތާއީދުކޮށް، ޖަލު އަދަބުގެ ބައި ބާޠިލުކޮށް ޖަލްދުކުރުމުގެ އަދަބު ދެމެހެއްޓިއެވެ. އަޙްމަދު ރަޝީދު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
25 ނޮވެމްބަރު 2015 ގައި ގދ. ތިނަދޫގެ ރެސްޓޯރަންޓެއްގައި ހުރެ، މީހެއްގެ އަނބިމީހާގެ ބަނޑުގައި އޮތީ ފިރިމީހާގެ ދަރިއެއް ނޫން ކަމަށާއި އެހެން މީހެއްގެ ދަރިއެއް ކަމަށް އަޙްމަދު ރަޝީދު ބުނި ކަމަށް ތުހުމަތުކުރެވުނެވެ. އަޙްމަދު ރަޝީދު ބުނީ އެފަދަ ބަހެއް ނުބުނާ ކަމަށެވެ. ދައުލަތުން ދެ ހެކިން ހުށަހެޅިއިރު، ދިފާޢުން ތިން ހެކިން ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މީހެއްގެ އަނބިމީހާގެ ބަނޑުގައި އޮތީ ފިރިމީހާގެ ދަރިއެއް ނޫން ކަމަށާއި އެހެން މީހެއްގެ ދަރިއެއް ކަމަށް ބުނިކަން ޙައްދުގެ މައްސަލަތަކުގައި ބޭނުންވާ ޝުބުހައެއް ނެތް މިންގަނޑަށް ސާބިތުވެ، އެ ބަހުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 612 ވަނަ މާއްދާގައިވާ ގަޒްފުގެ ކުށް ފުރިހަމަވޭތޯ؟
ޚަޞްމުންގެ ހުށަހެޅުންތައް
އަޙްމަދު ރަޝީދު ބުނީ، ޙައްދުގެ ކުށް ސާބިތުކުރަންޖެހޭ ޝުބުހައެއް ނެތް މިންގަނޑަށް ސާބިތުވޭތޯ ނުބަލައި މައްސަލަ ނިންމީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 612 ވަނަ މާއްދާގައި ގަޒްފުގެ ކުށަކަށް ހަދާފައިވަނީ ޒިނޭގެ ތުހުމަތުކުރުން އެކަނި ކަމަށާއި، ނަސަބު ނަފީކުރުމަކީ އެ މާއްދާގެ ދަށުން ކުށެއް ނޫން ކަމަށެވެ. އަދި މި ބަހަކީ ކިނާއީ ބަހެއް ކަމަށްވާތީ ޙައްދު ނުޖެހޭނެ ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށްވެސް ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޙައްދުގެ މައްސަލަތައް ސާބިތުވާންޖެހޭނީ އެއްވެސް ޝުބުހައެއް ނެތް ޔަޤީންކަމުގެ މިންގަނޑަށް ކަމަށާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާގެ (ހ) މާނަކުރަންވާނީ އެގޮތަށް ކަމަށެވެ. ދައުލަތުގެ ހެކިން ތިބީ ވާހަކަ ދެކެވުނު ތަނުގައި ކަމާއި ދިފާޢީ ހެކިން ތިބީ ދުރުގައި ކަމަށްވާތީ، ހެކިންގެ އަދަދަށް ނޫން ހެކިބަހުގެ ކޮލިޓީއަށް ބަލާއިރު ޝުބުހައެއް ނުއުފެދޭ ކަމަށް ކޯޓުން ކަނޑައެޅިއެވެ. ބަހަކީ ގަޒްފުގެ ބަހެއްތޯ ކަނޑައަޅަނީ ސަބަބުވެރި މީހަކަށް އެ ބަސް ފަހުމުވާ ގޮތުގެ މައުޟޫޢީ މިންގަނޑުން ކަމަށާއި، މި ބަހުން ނުސީދާ ގޮތުން ޒިނޭގެ ތުހުމަތު އުފެދޭތީ ގަޒްފުގެ ކުށް ފުރިހަމަވާ ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައްދުގެ މައްސަލަތައް އިސްލާމީ ޝަރީއަތުގައި ސާބިތުވާންޖެހޭ މިންގަނޑަކީ އެއްވެސް ޝުބުހައެއް ނެތް މިންގަނޑެވެ. ހައްދުގެ މައްސަލަތަކުގައި ޝުބުހައެއް އޮތް ނަމަ، އެމައްސަލައެއްގައި ކުށް ސާބިތުނުވާނެ ކަމަށް އިލްމުވެރިން ހުއްޖަތް ގާއިމުކުރައްވަނީ ادرؤوا الحدود بالشبهات ”ހައްދުތައް ޝުބުހަތަކުން ދުރުކުރާށެވެ“ – މި ފިގްހީ ގާއިދާއަށް ބިނާކުރައްވައިގެންނެވެ. އާންމުގޮތެއްގައި ޝުބުހަ އޮންނަ ހާލަތުކަމަށް ބަލަނީ ކުށުގެ އަމަލުކުރިކަމާމެދު ޔަގީންކަން ލިބޭ މިންވަރަށް ހެކި ނުހުންނަ ހާލަތަށެވެ.

HN2 ހައްދުގެ މައްސަލަތައް އިސްލާމީ ޝަރިއަތުގައި ސާބިތުވާންޖެހޭ މިންގަނޑު ކަމަށް އެންމެހާ ފިގުވެރިން އިއްތިފާގުވާ މިންގަނޑަކީ އެއްވެސް ޝުބުހައެއް ނެތް މިންގަނޑެވެ. އެއީ ކުށްކުރިކަމާމެދު ޔަގީނީ އިލްމު ހާސިލުކުރެވޭ މިންގަނޑެވެ. ވީމާ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) މާނަކޮށް ތަތުބީގުކުރަންވާނީ މި ބަޔާންކުރެވުނު މިންގަނޑާއެއްގޮތަށެވެ.

HN3 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާއާއި 1205 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ހުށަހެޅޭ ހެކީގެ މައްޗަށް ބިނާކޮށް ހައްދާއި ގިސާސްގެ މައްސަލަތައް ސާބިތުކުރުމަށް ހާސިލުވާންޖެހޭ މިންގަނޑަކީ ކުށުގެ އަމަލުކުރިކަމާމެދު ޝައްކުގެ ހިޔަނިން ބޭރުވެ، ޔަގީންކަމުގެ ދަރަޖަ ހާސިލުވުމެވެ. ޔަގީންކަމުގެ ދަރަޖަ ހާސިލުވުމަކީ ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، އެއްވެސް ޖެހިލުމެއް ނުވަތަ ފަސްޖެހުމެއްނެތި ވަކިކަމަކީ ހަގީގަތްކަމަށް ފަނޑިޔާރަށް ނިންމޭ މިންވަރު ހާސިލުކުރެވުމެވެ. އެ މިންވަރު ހާސިލުކުރެވޭ ނަމަ އެކަމެއް ހިނގިތަން ފަނޑިޔާރުގެ ލޮލުން ފެނުމެކޭ އެއްފަދައެވެ.

HN4 ހައްދާއި ގިސާސްގެ މައްސަލަތަކުގައި ހުށަހެޅޭ ހެކީގެ މައްޗަށް ބިނާކޮށް ކުށް ކުރިކަމާމެދު ޔަގީންކަމުގެ ދަރަޖަ ހާސިލުވުމުން، ޔަގީންކަމާއެކު ސާބިތުވެފައިވާކަމެއް އެވަރުގެ އެހެން ޔަޤީން ކަމަކުން މެނުވީ ފިލައިގެން ނުދާނެ އެވެ. މިކަމަށް ބާރު ލިބެނީ اليقين لا يزول بالشك (ޝައްކަކުން ޔަގީންކަމެއް ފިލުވައި ނުލެވޭނެއެވެ.) އަދި مائبت باليقين لا يرتفع إلا باليقين (ޔަގީން ކަމަކުން ސާބިތުވެފައިވާ ކަމެއް އެހެން ޔަޤީންކަމަކުން ނޫނީ ނަފީއެއް ނުކުރެވޭނެއެވެ.) ފަދަ ޝަރުޢީ ގާއިދާތަކުންނެވެ. މި ބަޔާންކުރެވުނު ގާއިދާތަކުން އެނގެނީ ފަނޑިޔާރުގެ ކުރިމަތީގައި ހުރި ހެކިތަކުން މުއްތަހަމު އެއަމަލެއް ކުރިކަން ފަނޑިޔާރަށް ޔަގީންކުރެވޭ ހާލަތުގައި، އެ ކުށުގެ އަމަލު މުއްތަހަމް ކުރިކަމާމެދު ކޮންމެވެސް މިންވަރެއްގެ ظن އެއް (ހއެއް) ނުވަތަ ޝައްކެއް ނުވަތަ ވަހުމެއް އޮތުމަކުން އެއީ ޔަގީންކަން ފިލައިގެންދާނެ ކަމެއް ނޫންކަމެވެ. ކުށްކުރިކަމާމެދު އެ ފަނޑިޔާރުގެ ކުރިމަތީގައި ހުރި ހެކިތަކުން ފަނޑިޔާރަށް ލިބިފައިވާ ޔަގީންކަން ފިލައިގެންދާނީ ހަމައެވަރުގެ އެހެން ޔަގީންކަމަކުންނެވެ.

HN5 ހައްދާއި ގިސާސްގެ މައްސަލަތަކުގައި ޔަގީންކަމުގެ ދަރަޖަ ހާސިލުވުމުގެ ބަދަލުގައި އެ މައްސަލައިގައި ހާސިލުވަނީ الظن الغالب ގެ ދަރަޖަ ކަމުގައިވާނަމަ، ހައްދުގެ ނުވަތަ ގިސާސްގެ އުގޫބާތު ދިނުމުގެ ބަދަލުގައި އެކުށަށް ގާނޫނުގައި ބަޔާންކޮށްފައިވާ ތައުޒީރުގެ އުގޫބާތް ދެވޭނެއެވެ.

HN6 އިސްލާމީ ޝަރީޢާގައި ގަޒްފު ސާބިތުކުރެވޭނީ ތެދުވެރި ދެ ފިރިހެނުންގެ ހެކިބަހުން ނުވަތަ މުއްތަހަމްގެ އިއުތިރާފުންނެވެ. ހެކިންގެ ހެކިބަހުން މުއްތަހަމު ގަޒްފުގެ އިބާރާތް ބުނިކަން ސާބިތުކުރަންޖެހޭނީ އެބަސް ބުނިކަން ފަނޑިޔާރަށް ޔަގީންވާ މިންވަރަށެވެ. އޭގެ މާނައަކީ ފަނޑިޔާރުގެ ވިސްނުން ޔަގީންކަމުގެ މަހައްލުން ކައްސައިލާނޭ ޝުބުހައެއް ނެތުމެވެ. ހެކިންގެ ހެކިބަސް ގަބޫލުކުރެވޭނީ ގަޒްފުގެ ބަސް ބުނިއިރު އެތަނުގައި އެ މައްސަލައިގައި ހެކިބަސްދޭ ހެކިވެރިން ތިބި ކަމުގައިވާނަމަ އެވެ.

HN7 ދެ ފަރާތުގެ ހެކިންގެ އަދަދު އެއްވަރުވާ ކޮންމެ ހާލަތަކީ ޝުބުހައެއް އުފެދޭނެ ހާލަތެއް ކަމަށް އެ ފިގްހު އިލްމުވެރިން ކަނޑައަޅުއްވާފާނެ ކަމަށް ގަބޫލުނުކުރެވެއެވެ. އެއީ އެ ބޭފުޅުން ހަމައެކަނި ހެކިންގެ އަދަދަށް ނުބައްލަވާނެކަން އެނގޭތީއާއި ހެކިބަހުގެ ކޮލިޓީއަށް އެބޭފުޅުން ރިއާޔަތްކުރައްވާނެކަން ޔަގީން ކުރެވޭތީއެވެ.

HN8 ހަނަފީ މަޒްހަބާއި މާލިކީ މަޒްހަބުގެ ފިގްހީ އިލްމުވެރިންގެ ރައުޔަކީ އެބަހަކީ ގަޒްފުގެ ބަހެއްތޯ ކަނޑައެޅުމުގައި މައުލޫއީ މިންގަނޑު ބޭނުންކުރުމެވެ. އެ މިންގަނޑު ކަނޑައެޅުމުގައި، އެ ބަހަކީ، އެބަހަކުން ސަބަބުވެރި މީހެއްގެ ހިތުގައި އެއީ ޒިނޭއަށް ތުހުމަތުކުރުމުގެ ބަހަކަށްވޭތޯ ބަލައިގެން އެ ބަހާމެދު ގޮތެއް ނިންމުމެވެ. ސަބަބުވެރި މީހަކީ އެކަށީގެންވާ ބުއްދީގެ ހަމަތަކަށް ވިސްނައި، އެމީހެއްގެ ބަހާއި އަމަލު ބުއްދީގެ ހަމަތަކުން ވަޒަންކުރުމުން ދެކޮޅުޖެހޭ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބުރަވެ ކަންކުރާމީހާއެވެ. ބަސް ރައްދުކޮށްފައިވަނީ ސީދާސީދަލަށް ނޫން ނަމަވެސް ސަބަބުވެރިމީހަކަށް އެބަހުން ވަކި ގޮތަކަށް ދޭހަވާ ނަމަވެސް އެއީ ގަޒްފުގެ ބަހަކަށް ވެދާނެއެވެ؛ އަދި ވައްބަހަކުން ޖެހިއަސް އެކަމުގެހަގީގަތާއި ހާލަތު އެނގޭ ބަޔަކަށް އެ ބަސް އަމާޒުވަނީ އަދި ތުހުމަތު ކުރަނީ ކޮން ކަމަކަށްކަން އެނގޭނަމަ އެވަރުން ފުދިދެއެވެ. އެބަސް ބޭނުންކުރީ ކޮން މަގްސަދެއްގައިތޯ ބެލުމަކީ އެހާ މުހިންމު ކަމެއް ކަމަށް ނުދެކެމެވެ. މުހިންމު ކަމަކީ ސަބަބުވެރި މީހަކަށް އެ ބަސް ފަހުމުވި ގޮތެވެ.

HN9 އިސްތިއުނާފުކުރާ ފަރާތުން ”މުޙައްމަދު ޝަފީޤުގެ އަންހެނުން ފާތިމަތު ޝިޔާޒާގެ ބަނޑުގައި އޮތީ ޝަފީޤުގެ ދަރިއެއް ނޫން ކަމާއި، އެއީ މުޙައްމަދު ޝާހުގެ ދަރިއެއް ކަމަށް“ މި ގޮތަށް ބުނެފައިވާތީވެ، މި އިބާރާތުން ނުސީދާގޮތުން ޒިނޭގެ ތުހުމަތު އުފެދޭތީވެ މި އިބާރާތުން ގަޒްފުގެ ކުށް ފުރިހަމަވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަށް ތާއީދުކުރެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު

ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި) ތައާރަފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/01 ގަޒިއްޔާގެ ހުކުމާމެދު ހިތްހަމަނުޖެހިގެން ހުވަދު އަތޮޅު ދެކުނުބުރި ތިނަދޫ ޓައުންވިލާ އަޙްމަދު ރަޝީދު (މީގެ ފަހުން 'އިސްތިއުނާފުކުރާ ފަރާތް' ނުވަތަ 'އަޙްމަދު ރަޝީދު' މިގޮތަށް ހަވާލާދީފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.

މައްސަލައިގެ ފަސްފަހަތް

225 ނޮވެމްބަރު 2015 ދުވަހު ގދ. ތިނަދޫ ޕިރިނީ ރެސްޓޯރަންޓުގައި އަޙްމަދު ރަޝީދު ހުރެ، ގދ. ތިނަދޫ ލޯންޑްރީ މުޙައްމަދު ޝަފީޤުއާ މުޚާތަބުކޮށް "މުޙައްމަދު ޝަފީޤުގެ އަންހެނުން ފާތިމަތު ޝިޔާޒާގެ ބަނޑުގައި އޮތީ ޝަފީޤުގެ ދަރިއެއް ނޫންކަމަށާއި، އެއީ މުޙައްމަދު ޝާހުގެ ދަރިއެއް ކަމަށް." ބުނެފައިވާ ކަމަށް ތުހުމަތުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުވަދު އަތޮޅު ދެކުނުބުރި ތިނަދޫ މެޖިސްޓްރޭޓު ކޯޓުގައި އަޙްމަދު ރަޝީދުގެ މައްޗަށް ގަޒްފުގެ ކުށުގެ ދައުވާ ދައުވާކުރިއެވެ. އެ ދައުވާގެ ދިފާއުގައި އަޙްމަދު ރަޝީދު ބުނެފައިވަނީ އެފަދަ އިބާރާތެއް އޭނާ ބުނެފައި ނުވާކަމަށެވެ.

3ހުވަދު އަތޮޅު ދެކުނުބުރި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 228/Q10C/2016 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ދެ ހެކީންގެ ހެކިބަހުން އަޙްމަދު ރަޝީދުގެ މައްޗަށް ގަޒުފުގެ ކުށް ސާބިތުވާ ކަމަށެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގ 612 ވަނަ މާއްދާގައިވާ ދެ އުގޫބާތެއް އަޙްމަދު ރަޝީދުގެ މައްޗަށް ކަނޑައެޅިއެވެ. އެއީ؛ (1) ހައްދުގެ އުގޫބާތު ކަމުގައިވާ 80 އެތިފަހަރުން ޖަލްދުކުރުމަށް ކަނޑައެޅި އުގޫބާތާއި، (2) އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް އަޙްމަދު ރަޝީދު ޖަލަށްލުމަށް ކަނޑައެޅި އުގޫބާތެވެ. އަޙްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކުރުމުން، އަޙްމަދު ރަޝީދުގެ މައްޗަށް ގަޒުފުގެ ކުށް ސާބިތުވާކަމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 2018/HC-S-A/01 ގަޒިއްޔާ އިން ތާއީދު ކޮށްފައިވެއެވެ. ނަމަވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަޙްމަދު ރަޝީދުގެ މައްޗަށް އެ ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅާފައިވާ އަދަބަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެނެސް، އަޙްމަދު ރަޝީދުގެ މައްޗަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ޖަލުގެ އަދަބުގެ ބައި ބާތިލުކޮށް، ގަޒްފުގެ ކުށުގެ ހައްދުގެ އުގޫބާތުކަމުގައިވާ 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ދަމަހައްޓާފައި ވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

4ދިވެހިރާއްޖޭގެ ހައިކޯޓުގެ 2018/HC-S-A/01 ގަޒިއްޔާގެ ހުކުމް އިސްތިއުނާފުކުރުމަށް، އަޙްމަދު ރަޝީދުގެ ފަރާތުން އަންނަނިވި ނުކުތާތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ.

(ހ) ހައްދުގެ މައްސަލަތައް ސާބިތުކުރަންޖެހޭ މިންގަނޑު ކަމުގައިވާ އެއްވެސް ޝުބުހާއެއް ނެތް މިންގަނޑަށް މައްސަލަ ސާބިތުވޭތޯ ނުވަތަ ނޫންތޯ ނުބަލައި ހައްދުގެ ކުށެއް ސާބިތުކޮށް، މައްސަލަ ނިންމާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާއާ ޚިލާފަށްކަން.

(ނ) ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ގަޒްފުގެ ކުށުގެ އުންސުރުތައް ފުރިހަމަ ނުވާ އިބާރާތެއް އެއީ ގަޒްފުގެ އިބާރާތެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 612 411 އަދި 413 ވަނަ ވަނަ މާއްދާއާ ޚިލާފަށްކަން.

(ނ) މައްސަލަ ނިންމާފައިވަނީ ގަޒްފުގެ ހައްދު ސާބިތުކުރުމަށް ފުރިހަމަވާންޖެހޭ ކަމަށް އިސްލާމީ ފިގުހުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވެފައި ނެތި، އަދި އިސްލާމީ ފިގުހުގައި ގަޒްފުގެ ހައްދާ ގުޅިގެން އައިސްފައިވާ ޝަރުއީ އުސޫލުތަކާ ޚިލާފަށް އަދި ގާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށްކަން.

ގަޒްފު

5އިސްލާމީ ޝަރިއަތުގެ ޖިނާއީ ގާނޫނުގައި ކުށާއި އުގޫބާތު ބެހިގެންވަނީ މައިގަނޑު 3 ބަޔަކަށެވެ. އެއީ: (1) ހައްދު،(2) ގިސާސް،އަދި (3) ތައުޒީރު، މިއެވެ.

6އިސްލާމީ ޝަރިއަތުގެ ޖިނާއީ ގާނޫނުގައި ކުށާއި އުގޫބާތު ބެހިގެންވާ މައިގަނޑު ބައިތަކަށް ނިސްބަތްވާ ކުށްތަކުގެ އުސޫލުތަކާއި ކުށް ސާބިތުވުމަށް ބޭނުންވާ ހެކީގެ އަދަދާއި ސާބިތުކުރުމުގެ މިންގަނޑުތަކާއި އިޖުރާއަތުތައް ތަފާތެވެ. ހައްދަކީ މާތްﷲގެ ހައްގަށްޓަކައި ދިނުން ވާޖިބު އުގޫބާތެކެވެ. ހައްދުގެ ކުށްކުށުގެ އުގޫބާތު (އަދަބު) ބަޔާން ކުރައްވާފައިވަނީ ކީރިތި ގުރްއާނުގައި ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުގައެވެ. ހައްދުގެ ކުށްކުށަށް އުގޫބާތް ދެވޭނީ އެ އުގޫބާތް ދިނުމުން ދުރުވާންޖެހޭ ފަދަ ޝުބުހައެއް ނެތް ނަމައެވެ. ގަޒްފުކުރުމަކީ ހައްދުގެ ކުށެއް ކަމަށްވާތީވެ، ގަޒްފުގެ އުގޫބާތް ދެވޭނީ އެ އުގޫބާތް ދިނުމުން ދުރުވާންޖެހޭ ޝުބުހައެއް ނެތް ނަމައެވެ. ތައުޒީރުގެ އުގޫބާތަކީ ގާޒީގެ ނުވަތަ ވަލިއްޔުލްއަމްރުއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ކަނޑައަޅާ އުގޫބާތެވެ. މިޒަމާނުގެ ގޮތުންނަމަ، ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކުގައި ކަނޑައަޅައި ބަޔާންކުރާ ކުށްކުށާއި އެ ކުށްކުށަށް ކަނޑައަޅާ އުގޫބާތެވެ. ހައްދުގެ އުގޫބާތާ ޚިލާފަށް، ޝުބުހައެއް އޮތުމާއެކުވެސް ޖިނާއީ މައްސަލައެއްގައި ތައުޒީރީ އުގޫބާތެއް ދެވިދާނެއެވެ. ނަމަވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތީން ޖިނާއީ މައްސަލައެއްގައި ތައުޒީރީ އުގޫބާތެއް ދެވޭނީ ކުށްކުރި ކަމާމެދު އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާނަމައެވެ.

7ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު ގަޒިއްޔާގައި (ޕެރެގްރާފު 32 ން 40 އަށް) ބަޔާންކޮށްފައިވާ ފަދައިން ހައްދުގެ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތް ނަމަ، ނުވަތަ ހައްދުގެ އަދަބު ތަންފީޒުކުރަން ހުރަސްއަޅާ ސަބަބެއް އޮތުމުގެ ސަބަބުން ހައްދުގެ އަދަބު ނުދެވުނަސް އެ ހާލަތުގައި މުއްތަހަމުގެ މައްޗަށް ތައުޒީރުގެ އަދަބެއް ކަނޑައެޅުމަށް ހުރަހެއް ނެތެވެ. ހައްދުގެ ކުށް ސާބިތުކުރުމުގެ މިންގަނޑު

8HN1ހައްދުގެ މައްސަލަތައް އިސްލާމީ ޝަރީއަތުގައި ސާބިތުވާންޖެހޭ މިންގަނޑަކީ އެއްވެސް ޝުބުހައެއް ނެތް މިންގަނޑެވެ. ހައްދުގެ މައްސަލަތަކުގައި ޝުބުހައެއް އޮތް ނަމަ، އެމައްސަލައެއްގައި ކުށް ސާބިތުނުވާނެ ކަމަށް އިލްމުވެރިން ހުއްޖަތް ގާއިމުކުރައްވަނީ ادرؤوا الحدود بالشبهات ”ހައްދުތައް ޝުބުހަތަކުން ދުރުކުރާށެވެ“ – މި ފިގްހީ ގާއިދާއަށް ބިނާކުރައްވައިގެންނެވެ. އާންމުގޮތެއްގައި ޝުބުހަ އޮންނަ ހާލަތުކަމަށް ބަލަނީ ކުށުގެ އަމަލުކުރިކަމާމެދު ޔަގީންކަން ލިބޭ މިންވަރަށް ހެކި ނުހުންނަ ހާލަތަށެވެ. އިސްލާމީ ޝަރީއަތުގައި، މީހަކު ކުށުގެ އަމަލުކުރިކަމާމެދު ޔަގީންކަން ލިބޭ މިންވަރަށް ހެކި ނެތުމުގެ ހާލަތުގެ އިތުރަށް، ހައްދުގެ އުގޫބާތް ދިނުމުން ދުރުވާންޖެހޭ ޝުބުހައެއް އޮންނަ ހާލަތުތައް ކަމުގައި؛ (1) މުއްތަހަމްގެ މަންފާއަށް، މާފުވަނިވި ދިފާއެއް އޮންނަ ހާލަތާއި، (2) ކުށްކުރުމުގެ ނިޔަތް ނެތްކަން ބޭރުފުށުން ކަށަވަރުކުރެވޭ ވާގިއާތައް ހުންނަ ހާލަތާއި، (3) ޝަރުއީ ދަލީލުތަކުގެ އިތުބާރާއި މެދު ޚިލާފު އުފެދޭ ހާލަތުތަކާއި، (4) ޝަރުއީ ދަލީލުތަކުން ދޭހަވާ ދޭހަވުމާ ގުޅިގެން ފިގުހު އިލްމުވެރިންގެ މެދުގައި އިޚްތިލާފު އޮންނަ ހާލަތުތަކާއި، (5) ކުށުގެ އުންސުރުތައް ހަމަނުވާ ހާލަތް ފަދަ ހާލަތްތައް ހިމެނޭ ކަމަށް އިލްމުވެރިން ބަޔާންކުރައްވައެވެ.

9HN2ކުރިންވެސް ބަޔާންކުރި ފަދައިން ހައްދުގެ މައްސަލަތައް އިސްލާމީ ޝަރިއަތުގައި ސާބިތުވާންޖެހޭ މިންގަނޑު ކަމަށް އެންމެހާ ފިގުވެރިން އިއްތިފާގުވާ މިންގަނޑަކީ އެއްވެސް ޝުބުހައެއް ނެތް މިންގަނޑެވެ. އެއީ ކުށްކުރިކަމާމެދު ޔަގީނީ އިލްމު ހާސިލުކުރެވޭ މިންގަނޑެވެ. ވީމާ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ) މާނަކޮށް ތަތުބީގުކުރަންވާނީ މި ބަޔާންކުރެވުނު މިންގަނޑާއެއްގޮތަށެވެ. ތިރީގައި މިވާ ޕެރެގްރާފުގައި އޭގެ ސަބަބުތައް ބަޔާކޮށްފައި މިވަނީއެވެ.

10އިމާމް މާލިކްގެ ދަރިވަރެއް ކަމުގައިވާ ޢަބްދުއްރަޙްމާން ބިން އަލް ޤާސިމްގެ ޖިނާއީ ގާނޫނުގެ ތަރުތީބު ކަމުގައިވާ [މުދައްވަނާ] ގައި ފަނޑިޔާރުންނަށް އިރުޝާދު ދެއްވާފައިވަނީ ހައްދުގެ މައްސަލަތުގައި ޝުބުހައެއް އޮތްތޯ ބެލުމަށާއި، ޝުބުހައެއް އޮތް ނަމަ، ހައްދުގެ އަދަބު ދިނުމުން ދުރުވަމަށެވެ. އެކަލޭގެފާނު ފަނޑިޔާރުންނަށް އިރުޝާދުދެއްވާފައިވަނީ ހައްދުގެ މައްސަލަތަކުގައި ހުކުމްކުރުމުގެ ކުރިން ކުށްކުރި ގޮތާއި، ކުށްކުރި ވަގުތަށާއި، ހެކިތަކަށް ރިއާޔަތްކޮށް އަދި ކުށުގެ އުންސުރުތައް ފުރިހަމަވޭތޯ ބަލައި ކޮންމެ މައްސަލައެއްގައިވެސް ޝުބުހައެއް އޮތްތޯ ބެލުމަށެވެ. މީގެ މާނައަކީ ޝުބްހައަކީ ހަމައެކަނި ހެކިބަހަށް ނިސްބަތްވާ އެއްޗެއް ނޫންކަމެވެ. މިގޮތުން ޢަބްދުއްރަޙްމާން ބިން އަލް ޤާސިމް ދެއްވާފައިވާ އެއް މިސާލުގައި ވިދާޅުވެފައިވަނީ، ހައްދުގެ ކުށެއް ކަމަށްވާ ވައްކަމުގެ ތުހުމަތު މީހެއްގެ މައްޗަށް އުފުލިފައިވާ މައްސަލައެއްގައި، ވައްކަންކުރީ އެމީހާ ކަމަށް ދެ ހެއްކަކު ހެކިބަސް ދީފައިވަނިކޮށް، އެ ވައްކަން ކުރީ އެހެން މީހަކު ކަމަށް އެހެން ދެ ހެކިން ފަހުން ހެކިބަސް ދީފިނަމަ، އެ ހާލަތުގައި ޝުބުހައެއް އުފެދޭނެ ކަމަށާއި، އެ ހާލަތުގައި ގާޒީ އެމީހާއަށް ހައްދުގެ އަދަބުދިނުމުން ދުރުވާން ޖެހޭނެ ކަމަށެވެ.

11ހަނަފީ މަޒްހަބުގެ އިލްމުވެރިންނާއި މާލިކީ މަޒްހަބުގެ އިލްމުވެރިންނާ އަޅާ ބަލާއިރު އިމާމް ޝާފިޢީ އަކީ ޝަރުޢީ ހުކުމްތައް ނެރުއްވުމުގައި ނައްސުތަކުގެ އިބާރާތަށް އިސްކަންދެއްވި ބޭކަލަކަށް ވާތީވެ، އެކަލޭގެފާނު ޝުބުހައިގެ ފިގްހީ ގާއިދާ ތަތުބީގު ކުރައްވާފައިވަނީ އެކަލޭގެފާނުގެ ފޮތް [އައްރިސާލާ] ގައި އެކަލޭގެފާނު ކަނޑައެޅުއްވި ފިގްހީ ހަމަތަކުގެ ތެރެއިންނެވެ. އެ ހަމަތައް ހުކުމްތަކެއްގެ ސިފައިގައި ފަހުން އެކަލޭގެފާނުގެ [އުއްމު] ފޮތުގައި ބަޔާންކުރައްވާފައި ވެއެވެ. ޝުބުހައަށް ބެއްލެވުމަށްވުރެ، އިމާމް ޝާފިޢީ ބޮޑަށް އިސްކަން ދެއްވީ ހައްދުތައް ތަންފީޒުކުރެއްވުމަށް ކަމަށްވީ ނަމަވެސް، ބައެއް މައްސަލަތަކުގައި ޝުބުހައިގެ ފިގްހީ ގާއިދާ އެކަލޭގެފާނު ތަތުބީގުކުރެއްވިއެވެ. ޚާއްސަކޮށް ހެއްކާގުޅޭ ކަންކަމުގައެވެ. އިމާމް ޝާފިޢީގެ ނަޒަރުގައި ދައުވާކުރާ ފަރާތުން ކުށުގެ އުންސުރުތައް ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ބުރަ އުފުލުމުގައި ހާސިލުކުރަންޖެހޭ ޔަގީންކަމުގެ މިންގަނޑު ހާސިލުނުކުރެވިއްޖެ ނަމަ، ކުށުގެ އުންސުރުތައް ފުރިހަމަވެއްޖެކަމާމެދު ޝުބުހަ އުފެދޭނެއެވެ. އިމާމް ޝާފިޢީގެ ނަޒަރުގައި ޝުބުހައަކީ ކުށުގެ އުންސުރުތައް ފުރިހަމަވޭތޯ ބެލުމުގައި ރިއާޔަތްކުރާ ވާގިއާތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ނަމަވެސް ފަހުން އިމާމް ޝާފިޢީ އާއި ޝާފިޢީ މަޒްހަބުގެ ފަހުގެ އިލްމުވެރިން ޝުބުހާގެ ފިގްހީ ގާއިދާ އިތުރަށް ތަރައްގީ ކުރައްވައި އެ ގާއިދާގެ ދާއިރާ ފުޅާކުރައްވާފައި ވެއެވެ.

12HN3ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާއާއި 1205 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ހުށަހެޅޭ ހެކީގެ މައްޗަށް ބިނާކޮށް ހައްދާއި ގިސާސްގެ މައްސަލަތައް ސާބިތުކުރުމަށް ހާސިލުވާންޖެހޭ މިންގަނޑަކީ ކުށުގެ އަމަލުކުރިކަމާމެދު ޝައްކުގެ ހިޔަނިން ބޭރުވެ، ޔަގީންކަމުގެ ދަރަޖަ ހާސިލުވުމެވެ. ޔަގީންކަމުގެ ދަރަޖަ ހާސިލުވުމަކީ ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، އެއްވެސް ޖެހިލުމެއް ނުވަތަ ފަސްޖެހުމެއްނެތި ވަކިކަމަކީ ހަގީގަތްކަމަށް ފަނޑިޔާރަށް ނިންމޭ މިންވަރު ހާސިލުކުރެވުމެވެ. އެ މިންވަރު ހާސިލުކުރެވޭ ނަމަ އެކަމެއް ހިނގިތަން ފަނޑިޔާރުގެ ލޮލުން ފެނުމެކޭ އެއްފަދައެވެ.

13HN4ހައްދާއި ގިސާސްގެ މައްސަލަތަކުގައި ހުށަހެޅޭ ހެކީގެ މައްޗަށް ބިނާކޮށް ކުށް ކުރިކަމާމެދު ޔަގީންކަމުގެ ދަރަޖަ ހާސިލުވުމުން، ޔަގީންކަމާއެކު ސާބިތުވެފައިވާކަމެއް އެވަރުގެ އެހެން ޔަޤީން ކަމަކުން މެނުވީ ފިލައިގެން ނުދާނެ އެވެ. މިކަމަށް ބާރު ލިބެނީ اليقين لا يزول بالشك (ޝައްކަކުން ޔަގީންކަމެއް ފިލުވައި ނުލެވޭނެއެވެ.) އަދި مائبت باليقين لا يرتفع إلا باليقين (ޔަގީން ކަމަކުން ސާބިތުވެފައިވާ ކަމެއް އެހެން ޔަޤީންކަމަކުން ނޫނީ ނަފީއެއް ނުކުރެވޭނެއެވެ.) ފަދަ ޝަރުޢީ ގާއިދާތަކުންނެވެ. މި ބަޔާންކުރެވުނު ގާއިދާތަކުން އެނގެނީ ފަނޑިޔާރުގެ ކުރިމަތީގައި ހުރި ހެކިތަކުން މުއްތަހަމު އެއަމަލެއް ކުރިކަން ފަނޑިޔާރަށް ޔަގީންކުރެވޭ ހާލަތުގައި، އެ ކުށުގެ އަމަލު މުއްތަހަމް ކުރިކަމާމެދު ކޮންމެވެސް މިންވަރެއްގެ ظن އެއް (ހއެއް) ނުވަތަ ޝައްކެއް ނުވަތަ ވަހުމެއް އޮތުމަކުން އެއީ ޔަގީންކަން ފިލައިގެންދާނެ ކަމެއް ނޫންކަމެވެ. ކުށްކުރިކަމާމެދު އެ ފަނޑިޔާރުގެ ކުރިމަތީގައި ހުރި ހެކިތަކުން ފަނޑިޔާރަށް ލިބިފައިވާ ޔަގީންކަން ފިލައިގެންދާނީ ހަމައެވަރުގެ އެހެން ޔަގީންކަމަކުންނެވެ.

14HN5ހައްދާއި ގިސާސްގެ މައްސަލަތަކުގައި ޔަގީންކަމުގެ ދަރަޖަ ހާސިލުވުމުގެ ބަދަލުގައި އެ މައްސަލައިގައި ހާސިލުވަނީ الظن الغالب ގެ ދަރަޖަ ކަމުގައިވާނަމަ، ހައްދުގެ ނުވަތަ ގިސާސްގެ އުގޫބާތު ދިނުމުގެ ބަދަލުގައި އެކުށަށް ގާނޫނުގައި ބަޔާންކޮށްފައިވާ ތައުޒީރުގެ އުގޫބާތް ދެވޭނެއެވެ. އިސްތިއުނާފުކުރެވުނު ފުރަތަމަ ނުކުތާ: ގަޒްފުގެ އިބާރާތް ބުނިކަން ހެކިންގެ ހެކިބަހުން ސާބިތުވޭތޯ

15އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބުނެފައިވަނީ، ހައްދުގެ މައްސަލަތައް ސާބިތުކުރަންޖެހޭ މިންގަނޑު ކަމުގައިވާ އެއްވެސް ޝުބުހައެއް ނެތް މިންގަނޑަށް މައްސަލަ ސާބިތުވޭތޯ ނުވަތަ ނޫންތޯ ނުބަލައި ހައްދު ސާބިތުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

16HN6އިސްލާމީ ޝަރީޢާގައި ގަޒްފު ސާބިތުކުރެވޭނީ ތެދުވެރި ދެ ފިރިހެނުންގެ ހެކިބަހުން ނުވަތަ މުއްތަހަމްގެ އިއުތިރާފުންނެވެ. ހެކިންގެ ހެކިބަހުން މުއްތަހަމު ގަޒްފުގެ އިބާރާތް ބުނިކަން ސާބިތުކުރަންޖެހޭނީ އެބަސް ބުނިކަން ފަނޑިޔާރަށް ޔަގީންވާ މިންވަރަށެވެ. އޭގެ މާނައަކީ ފަނޑިޔާރުގެ ވިސްނުން ޔަގީންކަމުގެ މަހައްލުން ކައްސައިލާނޭ ޝުބުހައެއް ނެތުމެވެ. ހެކިންގެ ހެކިބަސް ގަބޫލުކުރެވޭނީ ގަޒްފުގެ ބަސް ބުނިއިރު އެތަނުގައި އެ މައްސަލައިގައި ހެކިބަސްދޭ ހެކިވެރިން ތިބި ކަމުގައިވާނަމަ އެވެ. ގަޒްފުގެ ބަސް ބުނިތަނުގައި ހެކިވެރިން ނެތް ނަމަ އެފަދަ ހެކިވެރިންގެ ހެކިބަހުގެ ތެދުކަން ޔަގީންކުރެވޭނެ ގޮތެއް ނޯންނާނެއެވެ.

17އިސްލާމީ ޝަރީޢާގެ އިހުގެ ފިގުހު އިލްމުވެރިން ގަޒްފުގެ ކުށް ސާބިތުކުރުމަށް ފުދޭނީ ތެދުވެރި ދެ ފިރިހެނުންގެ ހެކިބަހުން ކަމަށް ބުނެފައިވީ ނަމަވެސް، އިސްލާމީ ޝަރީޢާގެ ފަހުގެ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ބުރަވެ ވަޑައިގަންނަވަނީ ތެދުވެރި ދެ އަންހެނުންގެ ހެކިބަހުން ނުވަތަ ތެދުވެރި ފިރިހެނަކާ ތެދުވެރި އަންހެނެއްގެ ހެކިބަހުން ގަޒްފުގެ އިބާރާތް ބުނިކަން ސާބިތުކުރެވިދާނެ ކަމަށެވެ. އެ ބަސް ބުނިކަމާމެދު ޔަގީނުގެ މިންވަރު ހާސިލުކުރެވޭނަމަ ފުދިދެއެވެ.

18ހަމަ އެގޮތަށް، މުއްތަހަމް ލިޔެފައިވާ ބަހަކުން ނުވަތަ އަޑު ނުވަތަ ވީޑިއޯ ރެކޯޑިންގ އަކުންވެސް އެ އެ އަޑު ނުވަތަ ވީޑިއޯގެ ސައްހަކަން އިތުބާރުހުރި ފޮރެންސިކް ޓެސްޓުތަކުގެ އަލީގައި ސާބިތުވެފައި، އެ އޯޑިއޯ ނުވަތަ ވީޑިއޯ އަށް ބާރުދޭ އިތުރު ވާގިއާއެއް އޮތްކަން ޝަރިއަތަށް ސާބިތުވާނަމަ، ގަޒްފުގެ ކުށް ސާބިތުވުމަށް އެފަދަ ހެކިތައް ފުދޭނެއެވެ.

19އަތުގައި މިއޮތް މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި 2 ހެކިންގެ ހެކިބަސް ދިފާއުން ހުށަހެޅި 3 ހެކީންގެ ހެކިބަހަށްވުރެ ހަރުދަނާ ކަމަށާއި، ދިފާއުން ހުށަހެޅި 3 ހެކިންގެ ހެކި ބަހުން ވެސް ދައުލަތުގެ ހެކިންގެ ހެކިބަހާ މެދު ޝުބަހައެއް ނުއުފެދޭކަމަށެވެ. ދައުލަތުން ހުށަހެޅި 2 ހެކިންގެ ހެކިބަސް ދިފާއުން ހުށަހެޅި 3 ހެކީންގެ ހެކިބަހަށްވުރެ ހަރުދަނާ ކަމަށާއި ދައުލަތުން ހުށަހެޅި ދެ ހެކީންގެ ހެކިބަސް ސާފުވެފައި، އިތުބާރު ހިފޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވާ ވިދާޅުވުމަށް އަންނަނިވި ސަބަބުތަކަށްޓަކައި ތާއީދުކުރެވެއެވެ.

(ހ) ދައުލަތުން ހުށަހެޅި ދެ ހެކިންގެ ތެރެއިން ޢަލީ އަމްޖަދުގެ ހެކިބަހުގައި ބުނެފައިވަނީ އަޙްމަދު ރަޝީދު އަކީ ޢަލީ އަމްޖަދުގެ ގާތް ރައްޓެއްސެއް ކަމަށާއި އަޙްމަދު ރަޝީދު އެވާހަކަ ދައްކާފައިވަނީ ޢަލީ އަމްޖަދުގެ ކައިރީގައި ޖެހިގެން އިން ގޮނޑީގައި އިނީނދެ އިނދެގެން ކަމަށެވެ. އަދި ”މުޙައްމަދު ޝަފީޤުގެ އަންހެނުން ފާތިމަތު ޝިޔާޒާގެ ބަނޑުގައި އޮތީ ޝަފީޤުގެ ދަރިއެއް ނޫން ކަމަށާއި، އެއީ މުޙައްމަދު ޝާހުގެ ދަރިއެއް ކަމަށް“ ބުނީ އެންމެ ފަހަރަކު ނޫންކަމަށާއި ތަކުރާރުކޮށް ބުނި އެޢިބާރާތް ސާފުކޮށް އަޑު އިވިފައިވާކަމަށެވެ. އަދި އެގޮތަށް ބުނެފައިވަނީ ބާރަށްކަމަށާއި އެތާ ތެރޭގައި ތިބި މީހުން ސަމާލުކަންދީފިނަމަ އަޑުއިވޭނެކަމަށެވެ. މިއިން ދޭހަވަނީ ޢަލީ އަމްޖަދު ހުރީ އިތުބާރާއެކު ހެކިބަސް އަދާކުރެވޭނެ ތަނެއްގައި ކަމެވެ.

(ށ) ދައުލަތުން ހުށަހެޅި ދެހެކީންގެ ތެރެއިން އަޙްމަދު ނަސީރުގެ ހެކިބަހުގައި ބުނެފައިވަނީ އަޙްމަދު ނަސީރު އިނ ރެސްޓޯރަންޓް އެތެރޭގައި ޢަލީ އަމްޖަދުމެން ތިބި މޭޒާއި ޖެހިގެން އިން މޭޒުގައިކަމަށެވެ. އެ މޭޒު ކައިރިއަށް އަޙްމަދު ރަޝީދު އައިސް ވާހަކަދެއްކުމުގެ ތެރޭގައި ”މުޙައްމަދު ޝަފީޤުގެ އަންހެނުން ފާތިމަތު ޝިޔާޒާގެ ބަނޑުގައި އޮތީ ޝަފީޤުގެ ދަރިއެއް ނޫން ކަމަށާއި، އެއީ މުޙައްމަދު ޝާހުގެ ދަރިއެއް ކަމަށް“ ބުނި އަޑު އިވުނުކަމަށެވެ. މިއިން ދޭހަވަނީ އަޙްމަދު ނަސީރު ހުރީ އިތުބާރާއެކު ހެކިބަސް އަދާކުރެވޭނެ ތަނެއްގައި ކަމެވެ.

(ނ) ދިފާއުން ހުށަހެޅި އަޙްމަދު ތަސްލީމްގެ ހެކިބަހުގައި ބުނެފައިވަނީ އޭނާ ހުރީ ތަންކޮޅެއް ދުރުގައިކަމަށެވެ. ވާހަކަދައްކާ އަޑު އިވުނު ކަމަށާއި އެހެންނަމަވެސް ސަމާލުކަމެއް ނުދެވޭކަމަށެވެ. އަދި އެ މާނައިގައި އަޙްމަދު ރަޝީދު އެއްޗެއް ބުނި އަޑެއް ނާހާކަމަށެވެ. މީގެ އިތުރުން، އަޙްމަދު ރަޝީދު ޒުވާބުކޮށްފައިވަނީ ކޮން ފަރާތަކާއެކު ކަމެއްވެސް ނޭނގޭކަމަށެވެ. މިއިން ދޭހަވަނީ އަޙްމަދު ތަސްލީމްހުރީ އިތުބާރާއެކު ހެކިބަސް އަދާކުރެވޭނެ ތަނެއްގައި ނޫންކަމެވެ.

(ރ) ދިފާއުން ހުށަހެޅި ޙުސައިން އަޙްމަދުގެ ހެކިބަހުގައި ބުނެފައިވަނީ އަޙްމަދު ރަޝީދު ވަދެގެން ދިޔައީ ރެސްޓޯރަންޓުގެ އެތެރެއަށް ކަމަށާއި އިރުކޮޅަކުން ޒުވާބުކުރާ އަޑުއިވުނު ކަމަށެވެ. ޒުވާބު ކުރީ އެމްޕީއިންނާ ބެހޭ ގޮތުންކަމަށާއި ޒުވާބު ކުރީ ކޮން ބަޔަކާ ކަމެއް ހަނދާނެއް ނެތް ކަމަށެވެ. އެހެންނަމަވެސް އަޙްމަދު ރަޝީދު ވާހަކަދެއްކީ ބާރަށް ކަމަށާއި މިވެނި މީހެއްގެ ފިރިމީހާގެ އަންހެނުންގެ ބަނޑުގައި އޮތީ މިވެނި މީހެއްގެ ދަރިއެކޭ ބުނި އަޑެއް ނާހާކަމަށެވެ. އަދި އަޙްމަދު ރަޝީދު އެތެރޭގައި ހުއްޓާ ޙުސައިން އަޙްމަދު (ހެކިވެރިޔާ) އެތަނުން ނިކުމެގެން ގޮސްފައިވާނެކަމަށެވެ. މިއިން ދޭހަވަނީ ޙުސައިން އަޙްމަދު ހުރީ އިތުބާރާއެކު ހެކިބަސް އަދާކުރެވޭނެ ތަނެއްގައި ނޫންކަމެވެ.

(ރ) ދިފާއުން ހުށަހެޅި ޖިނާނު ލަޠީފު ޝަރީޢަތުގައި ހެކިބަސް އަދާކުރަމުން ބުނެފައިވަނީ ރެސްޓޯރަންޓުގެ ބޭރުގައި މީނާ ކޮފީ ބޯން ހުއްޓާ އަޙްމަދު ރަޝީދު ވަދެގެން އައިކަމަށެވެ. އަދި އެގަޑީގައި ރެސްޓޯރަންޓުގެ އެތެރޭ ބައިގައި ޕިކަޕް ދުއްވާ މުސްކުޅި މީހަކާ އަޙްމަދު ރަޝީދުއާ ހިނގި ޒުވާބެއް ހިނގިކަމަ ށެވެ. ހީވާ ގޮތުން އެއީ (ނަން އުނިކުރެވިފައި) ކިޔާ މީހެއްކަމަށާއި އެތެރޭގައި ތިބީ ކޮންބައެއްކަން ނޭނގޭކަމަށެވެ. އަޙްމަދު ރަޝީދު އެއްވެސް މީހެއްގެ އަންހެނުންނަށް ނިސްބަތްކޮށް އޭނާގެ ދަރިއެއް ނޫނޭ ބުނި އަޑު ނާހާކަމަށާއި ހެކިވެރިޔާ ހުރީ އަމިއްލަ ވާހަކަދައްކަންކަމަށެވެ. އެތަނުގައި ކުރެވުނު ޒުވާބަކީ ސިޔާސީ ޒުވާބެއްކަން އެނގެނީ ދެކެވުނު ވާހަކަތަކުންކަމަށެވެ. މިއިން ދޭހަވަނީ ޖިނާނު ލަޠީފު ހުރީ އިތުބާރާއެކު ހެކިބަސް އަދާކުރެވޭނެ ތަނެއްގައި ނޫންކަމެވެ.

(ބ) މިގޮތުން ދިފާއީ 3 ހެކިންގެ ހެކިބަހުންވެސް އެ ހެކިން ތިބީ ހާދިސާ ހިނގިތަނާއި ދުރުގައި ކަން އެނގެއެވެ. ދައުލަތުން ހުށަހެޅި ދެ ހެކިންގެ ތެރެއިން އެކަކީ އަޙްމަދު ރަޝީދު ސީދާ މިވާހަކަ ދެއްކި ފަރާތެވެ. ދެން ހުށަހެޅި ހެކިވެރިޔާއަކީ ޖެހިގެން ހުރި މޭޒުގައި އިން މީހެކެވެ. މި ދެ މީހުންގެ ބަހުން މި މީހުން ތިބީ ރެސްޓޯރަންޓްގެ ”އިންޑޯ“ ސަރަހައްދުގައިކަން އެނގެއެވެ. އަދި ދިފާއުން ހުށަހެޅި ހެކިންގެ ބަހުންވެސް ”ޒުވާބެއް“ ހިނގާފައިވަނީ އިންޑޯ ބައިގައި ދައުވާ ލިބޭ ފަރާތް ހުރި ވަގުތެއްގައި ކަމާމެދު ޝައްކެއް ނެތެވެ. އަދި ދިފާއީ ހެކިން ތިބީ ރެސްޓޯރަންޓްގެ ”އައުޓްޑޯ“ ބައިގައި ކަމަށް އެފަރާތުން ހެކިބަސް ދެއެވެ. އެހެންކަމުން ދިފާއީ ހެކިންނަކީ ވާހަކަ ދެކެވުނު ތަނާއި ދުރުގައި ތިބި ބައެއްކަން އެނގެއެވެ. އަދި އެމީހުންގެ ބަހުގައި އަޙްމަދު ރަޝީދު އެފަދަ ޢިބާރާތެއް ”ނުބުނާކަމަށް“ ނުބުނެއެވެ. އެމީހުން ހެކިބަސް އަދާކުރަމުން ބުނެފައިވަނީ އެމީހުންނަށް އެފަދަ ބަހެއް ”އިވިފައިނުވާ“ ކަމަށެވެ. އަދި ދިފާއީ ހެކިންގެ ބަހުން އެމީހުން އެ ”ޒުވާބަށް“ އެހައި ސަމާލުކަން ނުދޭކަން އެނގެއެވެ. ދިފާއީ ހެކިންގެ ތެރެއިން އެކަކު އެ ރެސްޓޯރަންޓް ތެރޭގައި އަޙްމަދު ރަޝީދު ހުއްޓާ އެ ރެސްޓޯރަންޓުން ނިކުމެގެން ގޮސްފައިވާއިރު އަނެއް ހެކިވެރިޔާ ހުރީ އެގަޑީގައި އޭނާއާ އެކު ކޮފީ ބޯން ތިބި މީހުންނާ އަމިއްލަ ވާހަކަދެއްކުމުގައި ޝާމިލްވެގެން ކަމަށް ބުނެފައި ވެއެވެ.

(ޅ) ވީމާ ދައުލަތުން ހުށަހެޅި ދެ ހެކިންގެ ހެކިބަސް ދިފާއުން ހުށަހެޅި ހެކިބަސްތަކަށް ވުރެ ހަރުދަނާކަމާއި މި ތިން މީހުންގެ ބަހުންވެސް ދައުލަތުގެ ހެކިންގެ ހެކިބަހާ މެދު ޝުބަހައެއް އުފެދޭނެ ހާލަތެއް ނުވަތަ ސަބަބެއް ނުއުފެދޭކަން ސާފުކޮށް އެނގެއެވެ.

20HN7މާލިކީ މަޒްހަބުގެ ފިގްހީ އިލްމުވެރިއެއް ކަމަށްވާ ޢަބްދުއްރަޙްމާން ބިން އަލް ޤާސިމްގެ ”މުދައްވަނާ“ ފޮތުގައި ދެއްވާފައިވާ އެއް މިސާލުގައި، ވިދާޅުވެފައިވަނީ ހައްދުގެ ކުށެއް ކަމަށްވާ ވައްކަމުގެ ކުށް ކުރިކަމަށް މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވައްކަންކުރީ އެމީހާ ކަމަށް ދެ ހެއްކަކު ހެކިބަސް ދީފައިވަނިކޮށް، އެ ވައްކަން ކުރީ އެހެން މީހަކު ކަމަށް އެހެން ދެ ހެކިން ހެކިބަސް ދީފިނަމަ، އެ ހާލަތުގައި ޝުބުހައެއް އުފެދޭނެ ކަމަށާއި، އެ ހާލަތުގައި ގާޒީ އެމީހާއަށް ހައްދުގެ އަދަބުދިނުމުން ދުރުވާން ޖެހޭނެ ކަމަށެވެ. ހަމައެގޮތަށް، އިމާމް ޝާފިޢީގެ ފޮތް ”އުއްމު“ ގައި، ވަގަށް ނެގި ހެދުމެއްގެ ބާވަތާއި އަގާބެހޭ ގޮތުން ހެކިބަސް އަދާކުރި ދެ ހެއްކެއްގެ ހެކިބަހާއި ދެން ހެކިބަސްދޭ އަނެއް ދެ ހެކީންގެ ހެކިބަސް ފުށުއަރައިފިނަމަ، އެ މައްސަލަ ނިންމާނެ ގޮތާބެހޭ ހުކުމް އެކަލޭގެފާނު ބަޔާންކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ ދެ ހެކިންގެ ހެކިބަސް ކުށް ސާބިތުކުރުމަށް ފުދޭ ކަމަށާއި، ނަމަވެސް އެއް ދެ ހެކިންގެ ހެކިބަސް އނެ ދެ ހެކިންގެ ހެކިބަހާ ތައާރަޒުވުމުން، ޝުބުހަ އުފެދޭތީވެ ހައްދުގެ އަދަބު އެ މައްސަލައިގައި ނުދެވޭނެ ކަމަށެވެ. ނަމަވެސް މި ބަޔާންކުރެވުނު ދެ މައްސަލައިގައި ދެފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސްތަކުގެ އިތުބާރާއި މަގްބޫލުކަން ހުރީ އެއްވަރަކަށް ކަމުގެ ތަފްސީލު އެ އިލްމުވެރިންގެ ބަސްފުޅުތަކުން ސާފުކޮށް އެނގެން ނެތް ހިނދު، ދެ ފަރާތުގެ ހެކިންގެ އަދަދު އެއްވަރުވާ ކޮންމެ ހާލަތަކީ ޝުބުހައެއް އުފެދޭނެ ހާލަތެއް ކަމަށް އެ ފިގްހު އިލްމުވެރިން ކަނޑައަޅުއްވާފާނެ ކަމަށް ގަބޫލުނުކުރެވެއެވެ. އެއީ އެ ބޭފުޅުން ހަމައެކަނި ހެކިންގެ އަދަދަށް ނުބައްލަވާނެކަން އެނގޭތީއާއި ހެކިބަހުގެ ކޮލިޓީއަށް އެބޭފުޅުން ރިއާޔަތްކުރައްވާނެކަން ޔަގީން ކުރެވޭތީއެވެ.

21ވީމާ މި މައްސަލައިގައި ދައުލަތުން ހުށަހެޅި ދެ ހެކިންގެ ހެކިބަސް ދިފާއުން ހުށަހެޅި ހެކިބަސްތަކަށް ވުރެ ހަރުދަނާ ކަމަށާއި، ދައުލަތުގެ ހެކިންގެ ހެކިބަހާ މެދު ދިފާއުން ހުށަހެޅި ހެކިންގެ ހެކިބަހުން އަޙްމަދު ރަޝީދު އެބަސް ބުނިކަމާމެދު ޝުބަހައެއް ނުއުފެދޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ގަބޫލުކުރެވެއެވެ. އެހެންނެއް ނޫނެވެ. ދިފާއުން ހުށަހެޅި ހެކިން ތިބީ ދައުލަތުން ހުށަހެޅި ހެކިން ތިބި މޭޒުތަކުގައި އަޙްމަދު ރަޝީދުގެ ވާހަކައަށް ސަމާލުކަން ދީގެން އެއް މަގާމެއްގައި ނުވަތަ އެއް ތަނެއްގައި ކަމަށްވި ނަމަ، އެހާލަތުގައި އަލްގާސިމް އާއި އިމާމު ޝާފިޢީ ވިދާޅުވެފައިވާ ފަދައިން މި މައްސަލައިގައި ޝުބުހަ އުފެދުމުގެ ފުރުސަތު އޮންނާނެއެވެ. އިސްތިއުނާފުކުރެވުނު ދެވަނަ ނުކުތާ: އިބާރާތުގައި ގަޒްފުގެ ކުށުގެ އުންސުރުތައް ފުރިހަމަވޭތޯ ބެލުން

22އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާގައި ބުނެފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ގަޒްފުގެ ކުށުގެ އުންސުރުތައް މި މައްސަލައިގައި އަޙްމަދު ރަޝީދު ބުނިކަމަށް ތުހުމަތުކުރެވޭ އިބާރާތުގައި ހިމެނިފައިނުވާކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރެވޭ ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ ގެ 612 އާއި 411 އާއި 413 ވަނަ ވަނަ މާއްދާއާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވެއެވެ.

23އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ކަމަށް ތުހުމަތުކުރެވުނު އިބާރާތުގައި ވަނީ ”މުޙައްމަދު ޝަފީޤުގެ އަންހެނުން ފާތިމަތު ޝިޔާޒާގެ ބަނޑުގައި އޮތީ ޝަފީޤުގެ ދަރިއެއް ނޫން ކަމަށާއި، އެއީ މުޙައްމަދު ޝާހުގެ ދަރިއެއް ކަމަށް“ މިގޮތަށެވެ.

24އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، އިސްލާމީ ފިގުހު ފޮތްތަކުގައި ގަޒްފުގެ މަދުވެގެން 4 ވައްތަރެއް ބަޔާންކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި (1) ޒިނޭކުރިކަމަށް ބުނެ ގަޒްފުކުރުން (2) ލިވާތުކުރިކަމަށް ބުނެ ގަޒްފުކުރުން، (3) ނަސަބު ނަފީކޮށް ބުނާބަހަކުން ގަޒްފުކުރުން، (4) ބަދުބަސްތަކެއް ބުނެގެން ގަޒްފުކުރުން ނުވަތަ މި ނޫންވެސް އަބުރާބެހުމުގެ އިބާރާތެއް ބުނެ ގަޒްފުކުރުން ހިމެނޭ ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްލާމީ ފިގުހުގައި ގަޒުފުގެ ގޮތުގައި އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަންކަމުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގައި ޖިނާއީ ކުށެއްގެ ގޮތުގައި ތަޖުރީމުކޮށްފައިވަނީ އެންމެ ވައްތަރެއްގެ ގަޒުފުކަމަށެވެ. އެއީ ޒިނޭކުރިކަމަށް ބުނެ ގަޒުފުކުރުމެވެ. އެހެންކަމުން މައްސަލަ ނިންމުމުގައި އަދި ގަޒްފުގެ އިބާރާތް މާނަކުރުމުގައި ޤާނޫނުލްޢުޤޫބާތު ވުޖޫދުވުމުގެ ކުރީގައި ނިންމާފައިވާ މައްސަލައަކަށް ރިއާޔަތްކޮށް ގަޒްފު މާނަކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތަށް ރިއާޔަތްކުރުމެއް ނެތި ޤާނޫނުލްޢުޤޫބާތުގެ 612، 411 އަދި 413 އާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވެއެވެ.

25އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ގަޒްފުގެ ކުށް މާނަކޮށްފައިވަނީ، ގަޒްފަކީ: (1) ޒިނޭގެ ތުހުމަތުކުރުން، ނުވަތަ (2) ނަސަބު ނަފީކުރުން، މި ދެބާވަތް ހިމެނޭގޮތަށް ކަން އެނގޭ ކަމަށެވެ. ނަމަވެސް އަޙްމަދު ރަޝީދުގެ މައްޗަށް ކުރެވުނު ދައުވާއަކީ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ

(ށ) ގެ ދަށުން ކޮށްފައިވާ ދައުވާއެއް ކަމަށާއި، ދައުވާކުރެވުނު ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ

(ހ) ގައި ތަޖްރީމްކޮށްފައިވަނީ މަތީގައި ހައިކޯޓުން ބަޔާންކުރި ދެބާވަތުގެ ތެރެއިން އެއް ބާވަތުގެ ތުހުމަތު ކަމަށާއި، އެއީ، ”އެ ތުހުމަތަކީ ދޮގު ތުހުމަތުކަން އެނގިހުރެ، މި ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާގޮތަށް މީހަކު ޒިނޭކޮށްފިކަމަށް ނުވަތަ ކުރަމުންދާ ކަމަށް ބުނެ މީހަކާމެދު ތުހުމަތުކޮށް، އެ ވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން“ ކަމަށާއި، ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގައި ނަސަބު ނަފީކޮށް ބުނާ އިބާރާތްތަކަކީ ގަޒުފުގެ އިބާރާތެއް ކަމުގައި ބަޔާންކޮށްފައި ނެތް ކަމަށާއި، މި މާއްދާގައި ގަޒްފުގެ ކުށަކީ ހަމައެކަނި، ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގައިބުނާ ”ޒިނޭކުރުން“ ކަމުގައި ބަޔާންކުރާ ކުށްކޮށްފިކަމަށް ބުނުން ނުވަތަ 413 ވަނަ މާއްދާގެ ދަށުން ”މީހަކު އޭނާގެ ތިމާގެ މީހަކާ ޒިނޭކުރިކަމަށް“ ބުނުންކަމަށެވެ.

26ކުރުކޮށް ބުނާނަމަ، އިސްތިއުނާފުކުރާ ފަރާތުގެ ވާހަކައަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާ އޮތް ގޮތުން ދިވެހިރާއްޖޭގައި ގަޒްފުގެ ކުށަކީ ހަމައެކަނި ޒިނޭގެ ތުހުމަތުކުރުން ކަމަށާއި، މީހެއްގެ ނަސަބު ނަފީކޮށް ބުނާ ބުނުން އެއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ލިޔެފައި އޮތް ގޮތުން ގަޒްފުގެ ކުށެއް ކަމަށް ނުވާކަމަށާއި، މި މައްސަލައިގައި އަޙްމަދު ރަޝީދު ބުނެފައިވާ އިބާރާތުގައި ޒިނޭގެ ތުހުމަތުކޮށްފައި ނުވާކަމަށާއި، އެ އިބާރާތް އަހްމަދު ރަޝީދު ބުނިކަމަށް ސާބިތުވިޔަސް އެ އިބާރާތުގައި ހިމެނެނީ މީހެއްގެ ނަސަބު ނަފީކުރުން ކަމަށް ވާތީވެ، ހައިކޯޓުގެ ހުކުމް ސައްހަ ނޫންކަމަށެވެ.

27ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ (ހ) ގެ (1) ގައި ގަޒްފުގެ ކުށް ކަނޑައަޅާފައިވަނީ އަންނަނިވި ގޮތަށެވެ. އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، މި ޤާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާގޮތަށް މީހަކު ޒިނޭ ކޮށްފިކަމަށް ނުވަތަ ކުރަމުންދާކަމަށް ބުނެ މީހަކާމެދު ތުހުމަތުކޮށް، އެވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން. ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ 1 ގައި ބުނެފައިވަނީ ޒިނޭކުރުމަކީ ކުށެއް ކަމަށެވެ. ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ކ) ގެ 1 ގައި ޒިނޭގެ ކުށް މާނަކޮށްފައިވަނީ އަންނަނިވި ގޮތަށެވެ. ”ޒިނޭކުރުން“ ކަމަށް ބުނެފައި އެވަނީ ފިރިހެނަކު އޭނާގެ އަނބިމީހާ ނުވަތަ އޭނާ ކުރި ރަޖުޢީ ވަރިއެއްގެ ޢިއްދައިގައި އިން އަންހެނާ ފިޔަވައި، އެހެން އަންހެނެއްގެ ފަރުޖަށް އެ ފިރިހެންމީހާގެ ޒަކަރު ނުވަތަ ޒަކަރުގެ ކުޑަމިންވަރެއް ނަމަވެސް ވެއްދުމަށެވެ. 413 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ. މީހަކު އަމިއްލަ އިޚްތިޔާރުގައި އޭނާގެ ތިމާގެމީހަކާ ޒިނޭކުރާނަމަ ނުވަތަ އެނޫންވެސް ޖިންސީ މުޢާމަލާތެއް ހިންގާނަމަ، އޭނާ އެކުރަނީ ކުށެކެވެ.

28ގަޒްފުކުރުމުގެ ހުކުމް އައިސްފައިވަނީ ޤުރުއާނުގެ ތިރީގައިމިވާ އާޔަތުންނެވެ. ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވަނީ: (وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْدِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأَوْلَىكِ هُمُ الْفَاسِقُونَ) މާނައީ: ”ޢިފްއަތްތެރި އަންހެނުންނަށް ގަޒުފު ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން ޖަލްދުކުރާށެވެ! އަދި ދުވަހަކު ވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ގަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ.“

29މުޙައްމަދު ޢަބްދުﷲ ސަލީމް އަލް-އަވާ އާ ހަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގެ 15 ވަނަ ޕެރެގްރާފުގައި ބުނެފައިވަނީ ނަސަބު ނަފީކޮށް މިފަދައިން މީހުންނަށް ރައްދުކުރެވޭ ބަހަކީ ގަޒްފުގެ ލަފްޒެއްކަމަށް އިސްލާމީ ޝަރީޢަތުގައި ޖުމްހޫރު އިލްމުވެރިން އެއްބަސްވާ ކަމަށެވެ.

30މާލިކީ މަޒްހަބުގެ ދަންނަބޭކަލުން ގަޒްފު މާނަކުރައްވާފައިވަނީ އެއީ ”މީހަކު ޒިނޭކުރިކަމަށް ތުހުމަތު ކުރުން، ނުވަތަ މީހެއްގެ ނަސަބު ނަފީކުރުން“ މި ގޮތަށެވެ.

31ޙަނަފީ މަޒްހަބުގެ ދަންނަބޭކަލުންގެ ރައުޔުގައި ދެ ގޮތަކަށް ގަޒްފުކުރެވިދާނެއެވެ. އެއީ ސަރީޙަކޮށް ޒިނޭގެ ތުހުމަތު ކޮށް ގަޒްފުކުރުމާއި، ސަރީޙުއާ އެއްފަދަ ގޮތަކަށް ޒިނޭގެ ތުހުމަތުކޮށް ގަޒްފުކުރުމެވެ. ސަރީޙުއާ އެއްފަދަ ގޮތަކަށް ޒިނޭގެ ތުހުމަތުކުރުމަކީ ނަސަބު ނަފީކުރުމެވެ. ސަރީޙުއާ އެއްފަދަ ގޮތަކަށް ޒިނޭގެ ތުހުމަތުކުރުމުގެ އިބާރާތްތަކުގެ ތެރޭގައި އެއީ މިވެނި މީހެއްގެ ދަރިއެއް ނޫން ކަމަށް ބުނުމާއި، އޭނާގެ ބައްޕައަކީ އެހެން މީހެއް ކަމަށް ބުނުން ހިމެނެއެވެ. ނަމަވެސް އިޝާރާތަކުން ނުވަތަ މަޖާޒީ ބަހަކުން ނުވަތަ ވައްބަހަކުން ބުނާ ބުނުމުގެ ނިޔަތަކީ ގަޒްފުކުރުން ކަމަށް ވިޔަސް އެ ފަދަ ބަސްތަކަކީ ގަޒްފުގެ ބަސްބަހަށް ނުވާނެއެވެ. ސަބަބަކީ ޝުބަހައެއް އޮތުމުގެ ސަބަބުން އެފަދަ ބަސްބަސް ގަޒްފަކަށް ވުމަށްޓަކައި ހާސިލުވާންޖެހޭ ޔަގީނީ މިންގަނޑު ހާސިލު ނުކުރެވޭތީވެއެވެ. ނަމަވެސް މާލިކީ މަޒްހަބުގެ ދަންނަބޭކަލުން ވިދާޅުވަނީ އިޝާރާތަކުން ނުވަތަ މަޖާޒީ ބަހަކުން ބުނާބަސް ބުނުމުގެ ނިޔަތަކީ ޒިނޭގެ ތުހުމަތުކުރުން ކަމަށް ބޭރުފުށުން ކަށަވަރުކުރެވޭ ފަދަ ވާގިއާއަކުން އެނގެން އޮވެއްޖެނަމަ އެ ބަހަށް ސަރީޙަ ބަހެއްގެ ދަރަޖަ ލިބިދާނެކަމަށެވެ.

32ޝާފިޢީ މަޒްހަބުގައި ޒިނޭކުރުމުގެ ތުހުމަތު އުފެދުމުގެ އިހްތިމާލު އޮންނަ އިޝާރާތުގެ ބަސްބަހާއި މަޖާޒީ ބަސްބަހާއި ވައްބަސް ގަޒްފުކުރާމީހާ ބުނީ ޒިނޭގެ ތުހުމަތުކުރުމުގެ ގޮތުން ކަމަށް ބުނެފިނަމަ ހައްދު ވާޖިބުވާނެއެވެ. ގަޒްފުކުރާމީހާގެ ނިޔަތާއެކު އެފަދަ އިޝާރާތުގެ ބަސްބަހާއި މަޖާޒީ ބަސްބަހާއި ވައްބަސް ސަރީހަކޮށް ބުނާ ބަސްބަހާ އެއްފަދަ ވާނެއެވެ. މާލިކީ މަޒްހަބާއި ޝާފިޢީ މަޒްހަބުގައި މިކަމުގައި ހަމައެކަނި ތަފާތަކީ ގަޒްފުކުރިމީހާގެ ނިޔަތް ދެނެގަތުމަށް މާލިކީ މަޒްހަބުގެ ދަންނަބޭކަލުން ބޭނުންކޮށްފައިވަނީ މައުލޫއީ (އޮބްޖެކްޓިވް) ޓެސްޓެއް ކަމަށްވާއިރު، ގަޒްފުކުރާމީހާގެ ނިޔަތް ދެނެގަތުމަށް ޝާފިޢީ މަޒްހަބުގެ އިލްމުވެރިން ބޭނުންކޮށްފައިވަނީ ޢައިރު މައުލޫއީ (ސަބްޖެކްޓިވް) ޓެސްޓެއް ކަމަށްވުމެވެ.

33ޒިނޭކުރުމުގެ ތުހުމަތު އުފެދުމުގެ އިހްތިމާލު އޮންނަ އިޝާރާތުގެ ބަސްބަހާއި މަޖާޒީ ބަސްބަހާއި ވައްބަސް ގަޒްފަކަށް ވުމާބެހޭ ގޮތުން ހަންބަލީ މަޒްހަބުގެ ބައެއް ދަންނަ ބޭކަލުން އެފަދަ ބަސްތަކާ ގުޅިގެން ހައްދު ނުޖެހުމަށް އަންގަވާފައިވާއިރު ހަންބަލީ މަޒްހަބުގެ ބައެއް އިލްމުވެރިންގެ ރައުޔަކީ އެ ފަދަ މައްސަލަތަކުގައި ހައްދު ޖެހުމެވެ. އެއީ އުމަރުގެފާނު އަމަލުކުރެއްވި ގޮތް ދަލީލަކަށް ބަލައިގެންނެވެ.

34އިމާމް އަބޫ ހަނީފާގެ ރައުޔުގައި ގަޒްފަކަށް ވުމުގެ އިހްތިމާލު އޮންނަ އިބާރާތަކާ ގުޅިގެން ގަޒްފުގެ އަދަބު ކަނޑައަޅާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ފަނޑިޔާރު ބޭނުންކުރަންވާނީ ބޭރުފުށުން ކަށަވަރުކުރެވޭނޭ ގޮތް ބަޔާންކުރާ ޓެސްޓު ކަމުގައިވާ މައުލޫއީ ޓެސްޓު (އޮބްޖެކްޓިވް ޓެސްޓް) އެވެ. ބަސްބުނި މީހާގެ ނިޔަތަކީ ކޮބައިތޯ ބެލުމަށްޓަކައި ބޭނުންކުރުމަށް ބޭނުންކުރާ ޓެސްޓު ކަމުގައިވާ ޢައިރު މައުލޫއީ ޓެސްޓެއް (ސަބްޖެކްޓިވް ޓެސްޓް) ނޫނެވެ. މަތީގައި ބަޔާންކުރި ފަދައިން، އިމާމް މާލިކްގެ ނަޒަރުގައިވެސް ގަޒްފަކަށް ވުމުގެ އިހްތިމާލު އޮންނަ އިބާރާތަކާ ގުޅިގެން ގަޒްފުގެ އަދަބު ކަނޑައަޅާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ބޭނުންކުރަންވާނީ މައުލޫއީ ޓެސްޓެވެ. އަދި އެ އިބާރާތަކީ ގަޒްފުގެ އިބާރާތެއް ނޫންކަމަށް ސާބިތުކުރުމުގެ ނިޔަތް އޮންނާނީ ދައުވާލިބޭ މީހާއަށް ކަމަށް އިމާމު މާލިކް ދެކެވަޑައިގަންނަވައެވެ. އިމާމް މާލިކްގެ ރައުޔުގައި ގަޒްފަކަށް ވުމުގެ އިހްތިމާލު އޮންނަ އިބާރާތަކާ ގުޅިގެން ގަޒްފުގެ އަދަބު ތަންފީޒުކުރެވޭނެއެވެ. މިސާލަކަށް އެހެން މީހެއްގެ ކުރިމަތީގައި ހުރެ، އެކިއެކި މީހުންނާއެކު ޖިންސީ ގުޅުން ހިންގާ މީހަކީ ތިމަންނައެއް ނޫނޭ ބުނުންވެސް އެއީ އިމާމް މާލިކްގެ ނަޒަރުގައި ކުރިމަތީގައި ހުރި އަނެއް މީހާއަށް ރައްދުކުރެވޭ ގަޒްފުގެ އިބާރާތެކެވެ. އިމާމް މާލިކްގެ މި ރައުޔު ބިނާކުރައްވާފައިވަނީ އުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު އެކަލޭގެފާނު ނިންމެވި ނިންމެވުމަކަށް ހަވާލާ ދެއްވައެވެ. ރިވާވެގެންވާ ގޮތުން އުމަރުގެފާނުގެ ޚަލީފާކަމުގައި މީހަކު އޭނާގެ މައިންބަފައިންނަށް ރައްދުކޮށް އެ ދެމަފިރިންނަކީ އެކިއެކި ފަރާތްތަކާއެކު ޖިންސީގުޅުން ހިންގާ ބައެއް ކަމަށް ބުންޏެވެ. އެ މީހާކުރެން އެ އިބާރާތާބެހޭ ގޮތުން އުމަރުގެފާނު ސުވާލުކުރެއްވުމުން އެ މީހާ ބުނީ އޭނާގެ ނިޔަތަކީ އޭނާގެ މައިންބަފައިންނަށް ތައުރީފް ކުރުން ކަމަށެވެ. އުމަރުގެފާނު އޭނާއަށް ވިދާޅުވީ މައިންބަފައިންނަށް ތައުރީފްކުރަން އެއަށްވުރެ ރަނގަޅުގޮތްތައް ހުންނާނެ ކަމަށެވެ. އެއަށްފަހު އެމީހާއަށް އުމަރުގެފާނު ހައްދުގެ އަދަބު ދެއްވިއެވެ.

35އިމާމް ޝާފިޢީގެ ނަޒަރުގައި ގަޒްފުގެ އިބާރާތްތަކާ ގުޅިގެން ހައްދުގެ އަދަބު ދެވޭނީ އެ އިބާރާތުގެ ފަހަތުގައިވާ ނިޔަތަށް ބަލައިގެންނެވެ. ގަޒްފަކަށް ވުމުގެ އިހްތިމާލު އޮންނަ އިބާރާތަކާ ގުޅިގެން ގަޒްފުގެ އަދަބު ކަނޑައަޅާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި އިމާމް ޝާފިޢީ ވިދާޅުވެފައިވަނީ މިފަދަ ހާލަތުގައި އެ އިބާރާތުގެ ފަހަތުގައި ސައްހަ މަގްސަދެއް އޮތްކަމަށް ދައުވާލިބޭ ފަރާތުން ހުވައިކުރުމަށް ފަނޑިޔާރު އަންގަންވާނެ ކަމަށެވެ. އިމާމް ޝާފިޢީގެ މި ރައުޔަށް ޙަނަފީ މަޒްހަބުގެ މަޝްހޫރު ފިގްހު އިލްމުވެރިޔާ އިބްނު ޤުދާމާ، ތާއީދުކުރައްވާފައި ވެއެވެ.

36HN8މަތީގައި ބަޔާންކުރި ފަދައިން ހަނަފީ މަޒްހަބާއި މާލިކީ މަޒްހަބުގެ ފިގްހީ އިލްމުވެރިންގެ ރައުޔަކީ އެބަހަކީ ގަޒްފުގެ ބަހެއްތޯ ކަނޑައެޅުމުގައި މައުލޫއީ މިންގަނޑު ބޭނުންކުރުމެވެ. އެ މިންގަނޑު ކަނޑައެޅުމުގައި، އެ ބަހަކީ، އެބަހަކުން ސަބަބުވެރި މީހެއްގެ ހިތުގައި އެއީ ޒިނޭއަށް ތުހުމަތުކުރުމުގެ ބަހަކަށްވޭތޯ ބަލައިގެން އެ ބަހާމެދު ގޮތެއް ނިންމުމެވެ. ސަބަބުވެރި މީހަކީ އެކަށީގެންވާ ބުއްދީގެ ހަމަތަކަށް ވިސްނައި، އެމީހެއްގެ ބަހާއި އަމަލު ބުއްދީގެ ހަމަތަކުން ވަޒަންކުރުމުން ދެކޮޅުޖެހޭ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބުރަވެ ކަންކުރާމީހާއެވެ. ބަސް ރައްދުކޮށްފައިވަނީ ސީދާސީދަލަށް ނޫން ނަމަވެސް ސަބަބުވެރިމީހަކަށް އެބަހުން ވަކި ގޮތަކަށް ދޭހަވާ ނަމަވެސް އެއީ ގަޒްފުގެ ބަހަކަށް ވެދާނެއެވެ؛ އަދި ވައްބަހަކުން ޖެހިއަސް އެކަމުގެހަގީގަތާއި ހާލަތު އެނގޭ ބަޔަކަށް އެ ބަސް އަމާޒުވަނީ އަދި ތުހުމަތު ކުރަނީ ކޮން ކަމަކަށްކަން އެނގޭނަމަ އެވަރުން ފުދިދެއެވެ. އެބަސް ބޭނުންކުރީ ކޮން މަގްސަދެއްގައިތޯ ބެލުމަކީ އެހާ މުހިންމު ކަމެއް ކަމަށް ނުދެކެމެވެ. މުހިންމު ކަމަކީ ސަބަބުވެރި މީހަކަށް އެ ބަސް ފަހުމުވި ގޮތެވެ.

37HN9އިސްތިއުނާފުކުރާ ފަރާތުން ”މުޙައްމަދު ޝަފީޤުގެ އަންހެނުން ފާތިމަތު ޝިޔާޒާގެ ބަނޑުގައި އޮތީ ޝަފީޤުގެ ދަރިއެއް ނޫން ކަމާއި، އެއީ މުޙައްމަދު ޝާހުގެ ދަރިއެއް ކަމަށް“ މި ގޮތަށް ބުނެފައިވާތީވެ، މި އިބާރާތުން ނުސީދާގޮތުން ޒިނޭގެ ތުހުމަތު އުފެދޭތީވެ މި އިބާރާތުން ގަޒްފުގެ ކުށް ފުރިހަމަވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަށް ތާއީދުކުރެވެއެވެ.

އިސްތިއުނާފު ކުރެވުނު ތިންވަނަ ނުކުތާ

38އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ތިންވަނަ ނުކުތާގައި ބުނެފައިވަނީ، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ގަޒްފުގެ ހައްދު ސާބިތުކުރުމަށް ފުރިހަމަވާންޖެހޭ ކަމަށް އިސްލާމީ ފިގުހުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވެފައި ނެތި، އަދި އިސްލާމީ ފިގުހުގައި ގަޒްފުގެ ހައްދާ ގުޅިގެން އައިސްފައިވާ ޝަރުއީ އުސޫލުތަކާ ޚިލާފަށް އަދި ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށްކަންކަމަށެވެ.

39އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މި ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ ނަސަބު ނަފީކޮށް މިފަދައިން މީހުންނަށް ރައްދުކުރެވޭ ބަހަކީ ގަޒުފުގެ ލަފުޒުތަކެއް ކަމާމެދު އިސްލާމީ ޝަރިއަތުގެ ޖުމްހޫރު އިލްމުވެރިން އެއްބަސްވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވާ ކަމަށާއި، މިގޮތުން އަޙްމަދު ރަޝީދު ބުނިކަމަށް ތުހުމަތުކުރެވޭ އިބާރާތް ބުނިކަމާމެދު ޝައްކު އުފެދިފައިވާއިރު، އަޙްމަދު ރަޝީދު ބުނިކަމަށް ބުނާ އިބާރާތަކީ ”މުހައްމަދު ޝަފީގުގެ އަންހެނުންގެ ބަނޑުގައި އޮތީ މުހައްމަދު ޝަފީގުގެ ދަރިއެއް ނޫން ކަމަށާއި، މުޙައްމަދު ޝާހުގެ ދަރިއެއް ކަމަށް“ ވާއިރު، މި އިބާރާތުން މުހައްމަދު ޝަފީގުގެ އަންހެނުން ޒިނޭކޮށްފިކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ދޭހަނުވާ ކަމަށެވެ. ސަބަބަކީ މިޒަމާނުގައި ބަނޑުބޮޑުވާ ކޮންމެ މީހަކީ ޒިނޭކޮށްގެން ބަނޑުބޮޑުވީ މީހެއް ކަމަށް ނުބަލާތީ ކަމަށާއި، މިކަން އެންމެ ބޮޑަށް ދޭހަވަނީ ދިވެހިރާއްޖޭގެ ޖިނާއީ ނިޒާމުގައި އެއް އިރެއްގައި ނަހަލާލަށް ބަނޑުބޮޑުވާ މައްސަލަތަކުގައި ޒިނޭގެ ދައުވާ އުފުލިނަމަވެސް މިއީ މިހާރު އަމަލުކުރަމުންދާ އުސޫލަކަށް ނުވާތީ ކަމަށެވެ. އަދި ފިރިމީހާ ނޫން މީހެއްގެ ދަރިއަކަށް މާބަނޑުވެދާނެ ޓެކްނޮލޮޖީ ފަހިވެފައިވާ ޒަމާނެއްގައި މިއީ ޒިނޭގެ ތުހުމަތެއް އެކަނި ދޭހަވާނެ އިބާރާތެއް ނޫން ކަމަށެވެ.

40އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ބަހުސްގެ ބޭނުމަށް މި މައްސަލައިގައި އަޙްމަދު ރަޝީދު ބުނިކަމަށް ބުނާ އިބާރާތަކީ ގަޒްފުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވައްތަރުގެ އިބާރާތެއް ކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައިވެސް މި އިބާރާތް ވެގެންދާނީ ކިނާއީ ގަޒުފުގެ އިބާރާތެއް ކަމަށެވެ. މިފަދަ ކިނާއީ އިބާރާތްތަކުން ގަޒްފު ސާބިތުވެއްޖެނަމަ ހައްދު ނުޖެހޭނެ ކަމަށް ޖުމްހޫރި އިލްމުވެރިން ބަޔާންކޮށްފައިވާ ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައިވާ އެއް އަސާސަށް ބަލާއިރު، މުޙައްމަދު ޢަބްދުﷲ ސާލިމް އަލް-އަލް-އަވާ ގެ ތީސިސްގައި ގަޒްފުގެ އިބާރާތަކީ ސަރީހަ އިބާރާތެއް ނޫންނަމަ އެފަދަ އިބާރާތެއް ބުނާ މީހަކަށް ހައްދުގެ އަދަބު ނުދެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން އިއްތިފާގުވާ ކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ހައްދު ޖެހުމުގައި އިސްލާމީ ޝަރިއަތުގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ އެއް އުސޫލަކީ ޝައްކެއް ނެތް މިންވަރަށް ހައްދުގެ ކުށް ސާބިތުވުން ކަމަށާއި މި ސަބަބަށްޓަކައި ޖުމްހޫރު އިލްމުވެރިންގެ ރައުޔަކީ ގަޒްފުގެ ކުށް ސާބިތުވެ މީހެއްގެ މައްޗަށް ހައްދުގެ ހުކުމްކުރެވޭނީ އެއީ ސަރީހަ އިބާރާތަކުން އަންހެނަކު ޒިނޭކޮށްފިކަމުގެ ތުހުމަތުކޮށް ހަތަރު ހެކިން ހާޒިރުނުކުރެވިއްޖެ ނަމަ ކަމަށެވެ. އަދި މި ބަޔާންކުރެވުނު ގޮތަކީ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާއާ އެއްގޮތްވާ މާނަކުރުން ކަމަށްވެސް އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވެއެވެ. ވީމާ، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ގަޒްފުގެ ދައުވާއެއްގައި ހައްދު ސާބިތުކުރުމަށް ފުރިހަމަ ވާންޖެހޭ ކަމަށް އިސްލާމީ ފިގުހުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވެފައިނެތި ދިވެހިރާއްޖޭގެ ހައިކޯޓުން 80 އެތިފަހަރުން އަޙްމަދު ރަޝީދު ޖަލްދު ކުރުމަށް ހުކުމްކޮށްފައިވަނީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

41އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްވެ މަތީގައި ބަޔާންކޮށްފައިވާ ވާހަކަތަކުން، އިސްތިއުނާފީ މިނުކުތާއަށް ޖަވާބު ދެވިފައިވާތީވެ، މި ނުކުތާއަށް ވަކިން އަދި ތަކުރާރުކޮށް ޖަވާބު ދިނުމުގެ ބޭނުމެއް އޮތްކަމަށް ނުދެކެމެވެ.

ޙައްދާއެކު ތައުޒީރުކުރުން

42މި އިސްތިއުނާފުގެ މައްސަލައިގެ ޝަރިއަތް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރިއަތުގެ މަޖިލީހުގައި، ގަވާއިދާ އެއްގޮތަށް ކުރިން އެފަރާތުން އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިނުވާ ނުކުތާއެއް ފާހަގަކުރިއެވެ. އެ ނުކުތާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ މިންގަނޑުން ގަޒުފުގެ ހައްދު ކަނޑައަޅަންޖެހޭ ހާލަތުގައި ހައްދުގެ އަދަބާއެކު ތައުޒީރީ އަދަބެއް ނުދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ ހައްދުގެ ކުށްތަކާބެހޭ ގޮތުން ހުރި މާއްދާތަކާ ޚިލާފަށް ކަމަށާއި، އެގޮތުން ހުވަދު އަތޮޅު ދެކުނުބުރި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 228/Q10C/2016 ގަޒިއްޔާގައި އަޙްމަދު ރަޝީދުގެ މައްޗަށް ގަޒުފުގެ ކުށް ސާބިތުވާ ކަމަށް ނިޔާކަނޑައަޅައި، 80 އެތިފަހަރުން ޖަލްދުކުރުމަށާއި، 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އަމުރުކޮށްފައިވަނިކޮށް ހައްދުގެ އުގޫބާތް ކަމަށްވާ ޖަލްދުކުރުމުގެ އަދަބު ދަމަހައްޓަކައި، ތައުޒީރުގެ އުގޫބާތްކަމަށްވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އޮތް އަދަބު ހައިކޯޓުން ބާތިލުކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މި ނުކުތާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓުތަކާބެހޭ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތަށް އިސްތިއުނާފުކޮށްފައި ނުވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މި ނުކުތާއާ މެދު، މި ގަޒިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ނުދެކެމެވެ. އެހެން ކަމުން މި ނުކުތާއާ މެދު މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވެއެވެ. ނަމަވެސް ހައްދުގެ ކުށްތަކުގައި ހައްދުގެ އުގޫބާތު ދިނުމުގެ އިތުރަށް އެކުށާ ގުޅިގެން ތައުޒީރީ އުގޫބާތެއް ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވޭތޯ މި ގަޒިއްޔާގެ ހަވާސާގައި ބަލައިލުމަކީ މުހިންމުކަމެއް ކަމަށް ދެކެމެވެ.

43އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގެ 24 ވަނަ ޕެރެގްރާފާއި 25 ވަނަ ޕެރެގްރާފާއި 26 ވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ މިންގަނޑުން ގަޒުފުގެ ހައްދު ކަނޑައަޅަންޖެހޭ ހާލަތުގައި އެ އަދަބުގެ އިތުރަށް ތައުޒީރީ އަދަބެއް ދިނުމާ ގުޅޭ ގޮތުން އަހުލު ސުންނަތި ވަލްޖަމާއަތު ގެ އިލްމުވެރިންގެ މެދުގައި ވަކިގޮތަކަށް އެއްބަސްވެވިފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި ޙައްދުގެ އަދަބު ކަނޑައަޅަންޖެހޭ މިހާލަތުގައި ޙައްދާއެކު ތައުޒީރީ އަދަބެއް ދޭންޖެހޭ އިތުރު ހާލަތެއް މިމައްސަލައިގައި އޮތް ކަން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިނުވާއިރު ދަށު ކޯޓުގެ ރިޕޯޓުންވެސް އެފަދަ ސަބަބެއް އޮތްކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން، ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާ އަށް އެންމެ ފަހުން ގެނެވުނު އިސްލާހުގައި އެފަދައިން ބަޔާންކޮށްފައިވަނިކޮށް، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުގޫބާތުގެ އިތުރުން ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަބު ކަނޑައެޅުމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދެކޭ ކަމަށާއި، އެހެން ކަމުން އަޙްމަދު ރަޝީދުގެ މައްޗަށް ދަށުކޯޓުން ކަނޑައަޅާފައިވާ ގަޒްފުގެ ހައްދުގެ އަދަބު ކަމުގައިވާ 80 އެތިފަހަރުން ޖަލްދުކުރުމުގެ އުގޫބާތުގެ އިތުރުން ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ދަށު ކޯޓުން އަޙްމަދު ރަޝީދުގެ މައްޗަށް ކަނޑައަޅާފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ ބައި ބާތިލުކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ވެއެވެ.

44ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ތަޢުޒީރު މާނަކުރައްވާފައިވަނީ ތިރީގައި މިވާ ގޮތަށެވެ. ”ތަޢުޒީރަކީ (އެ ފާފައެއްގައި ނުވަތަ އެކުށެއްގައި) ޙައްދެއް ނުވަތަ ކައްފާރާއެއް ކަނޑައެޅިފައިނުވާ ފާފައަށް ދެވޭ އަދަބެވެ. އެބަހީ، އެ ކުށަކަށް އިސްލާމީ ޝަރީޢަތުގައި ޙައްދެއް ނުވަތަ ޢުޤޫބާތެއް ކަނޑައެޅިފައިނުވާ ނުވަތަ ހައްދެއް ނުވަތަ ޢުޤޫބާތެއް ކަނޑައެޅިފައިވީ ނަމަވެސް، އޭގެ ޝަރުޠުތައް ފުރިހަމަނުވާ ކުށްތަކަށް ޙާކިމް ދޭ އަދަބެވެ.“ 31

45ޝާފިޢީ ފިގްހުވެރިއެއް ކަމުގައިވާ އަލްމާވަރްދީ (އަވަހާރަވީ ހިޖުއައިން 450 ވަނަ އަހަރު) ވިދާޅުވެފައިވަނީ ތައުޒީރުގެ އަދަބު ދޭނީ އިސްލާމީ ޝަރިއަތުގައި އުގޫބާތް ކަނޑައެޅި 31 ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ހައްދުތަކާއި ތައުޒީރުގެ. ބަޔާންކުރެވިފައިނުވާ ކުށްކުށަށެވެ. އަދި އާއްމު މަސްލަހަތު ގާއިމުކުރުމުގެ ގޮތުން ތައްޒީރުގެ އަދަބުތައް ކަނޑައެޅުމުގެ ބާރު ދައުލަތަށް ލިބިގެންވާ ކަމަށް އަލްމާވަރްދީ ވިދާޅުވެފައި ވެއެވެ.

46ގަޒްފުގެ ހައްދު ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި މާތްﷲ ބަޔާންކުރައްވާފައި ވެއެވެ. ﴿وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْدِدُوهُمْ ثَمَاذِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَٰئِكَ هُمُ الْفَاسِقُونَ﴾ މާނައީ: [އިފްއަތްތެރި އަންހެނުންނަށް ގަޒުފު ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން ޖަލްދުކުރާށެވެ! އަދި ދުވަހަކު ވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ގަބޫލުނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ.] ވީމާ ޤުރްއާނުގައި ކަނޑައެޅި ބަޔާންވެގެންވާ ހައްދުގެ އުގޫބާތަކަށް އުނި އިތުރު ގެނައުމުގެ ބާރު ދައުލަތަށް ނުވަތަ ފަނޑިޔާރަށް ލިބިގެންވާ ކަމަށް ނުދެކެމެވެ. ޤާނޫނުލްޢުޤޫބާތުގެ އެއްވެސް މާއްދާއެއްގައި ހައްދުގެ ނުވަތަ ގިސާސްގެ އަދަބުގެ އިތުރަށް އަދަބެއް ދޭން ކަނޑައަޅާފައިވާނަމަ، އެ އަދަބު ވެގެންދާނީ ތައުޒީރުގެ އުގޫބާތަކަށް ކަމުގައިވާތީވެ، އެފަދަ ތައުޒީރުގެ އުގޫބާތު ދެވޭނީ އެކުށުގެ ޝަރުޠުތައް ފުރިހަމަނުވާ ނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ޝުބުހައެއް އޮވެގެން ހައްދުގެ އުގޫބާތް ދެވެން ނެތްނަމަ ނުވަތަ ގިސާސްގެ މައްސަލަތަކުގައި އެއްވެސް ބާވަތެއް ޝުބުހައެއް އޮވެގެން ނުވަތަ ގިސާސްގެ މައްސަލަތަކުގައި ވާރިސުން މައާފުޅޮށްފައިވާނަމަ އެވެ. މި ބަޔާންކުރެވުނު ހާލަތްތަކުގެ އިތުރުން ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ ހައްދުގެ މައްސަލަތަކުގައި، އެކުށުގެ ހައްދުގެ އަދަބުގެ އިތުރުން އެ ކުށް ބަޔާންކޮށްފައިވާ މާއްދާގައި ހައްދުގެ އަދަބު ދިނުމާއެކު ތައުޒީރުގެ އުގޫބާތެއް ދިނުމަށް ކަނޑައެޅިފައިވާ ނަމަ އެ އުގޫބާތެއް ދެވޭނީ ހައްދުގެ އިތުރަށް ތައުޒީރުގެ އަދަބެއް ދިނުން ހުއްދަކުރާ ހާލަތެއް ނުވަތަ ސަބަބެއް އޮތްނަމައެވެ. ހައްދުގެ As cited in Muhammad Hashim Kamali, Crime al-Mawsū‘ah al-Fiqhiyyah (Kuwait), “Ta‘zīr,” 12:254–255 And Punishment in Islamic Law – A Fresh Interpretation, Oxford University Press (2019), note 2 at 384 އިތުރަށް ތައުޒީރުގެ އަދަބެއް ދިނުން ހުއްދަކުރާ ބައެއް ހާލަތުތަކަކީ؛ (1) ތަކުރާރުކޮށް ގަޒްފުކުރުން، (2) ދާއިމަށް ދެމިގެންދާނެ ފަދަ ގޮތަކަށް ނޫހެއްގައި ނުވަތަ އާންމޮށް ދާއިމަށް ފެންނަން ހުންނަ ވީޑިއޯއެއްގައި ގަޒްފުގެ އިބާރާތް ބޭނުންކޮށްފައިވުން، (3) މިސްކިތުގައި ގަޒްފުގެ އިބާރާތް ބޭނުންކުރުން، (4) ރޯދަމަހު ދުވާލު ރާބުއިން، (5) ރާބޮއެގެން މިސްކިތަށް އެރުން (6) ރާބޮއެގެން އާންމުތަނެއްގައި މީހުންނަށް އުނދަގޫކުރުން ފަދަ ކަންކަމެވެ.

47ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ މުޙައްމަދު ތައުފީޤު ގަޒިއްޔާގައި (ޕެރެގްރާފު 32 ން 40 އަށް) ބަޔާންކޮށްފައިވަނީ ހައްދުގެ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތް ނަމަ، ނުވަތަ ހައްދުގެ އަދަބު ތަންފީޒުކުރަން ހުރަސް އަޅާ ސަބަބެއް އޮތް ނަމަ، ހައްދުގެ އަދަބު ނުދެވުނަސް އެ ހާލަތުގައި މުއްތަހަމުގެ މައްޗަށް ތައުޒީރުގެ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. އެހެން ކަމުން ހައްދުގެ މައްސަލަތަކުގައި ތައުޒީރުގެ އަދަބު ދެވޭނެ ހާލަތުތަކެއް އެ ގަޒިއްޔާގައި ބަޔާންކުރެވިފައި ވެއެވެ.

ނިންމަން ފެންނަ ގޮތް

48މަތީގައިވާ ސަބަބުތައް އެހެން ހުރުމުން އިސްތިއުނާފުކުރަން ހުށަހެޅިފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް އޮތް ކަމަކަށް ނުފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

49މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

50މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. ހުކުމް ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމުން، އިސްތިއުނާފުކުރެވުނު ނުކުތާތަކުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/01 ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  2. ޤާނޫނު ނަންބަރު 9/2014
  3. ބައެއް ފިގުހުވެރިން، އިސްލާމީ ޝަރިއަތުގެ ކުށާއި އުގޫބާތު މައިގަނޑު 2 ބަޔަކަށް ބައިކޮށްފައި ވެއެވެ. އެއީ ހައްދު އަދި ތައުޒީރު އެވެ.
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ [2021] SC 96
  5. އިތުރަށް ބެއްލެވުމަށް، މުޙައްމަދު ހާޝިމް ކަމާލީ، ކްރައިމް އެންޑް ޕަނިޝްމެންޓް އިން އިސްލާމިކް ލޯ - އ ފްރެޝް އިންޓަރޕްރިޓޭޝަން، އޮކްސްފަރޑް ޔުނިވަރސިޓީ ޕްރެސް (2019)، 18؛ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، 'ޙައްދުތަކާއި ތަޢުޒީރު'، 24 ވަނަ ސަފްހާ
  6. Sunan Ibn Majah 2545.
  7. އިބްނު ރުޝްދު އަލް ޖައްދު، ބަޔާން، 16:324-25 (ބަނޑުހައިކަމުގެ ހާލަތު)
  8. އިމާމް ޝާފިއީ، [އުއްމު]، 7:394-395
  9. އަލްޤުދޫރީ، ތަޖްރީދު، 11:5987 (ޝުބްހަތަލް ޚިލާފް - ރިވާވެގެންވާ ހާދިސާގެ ނުވަތަ މައްސަލައިގެ ރިޕޯޓާމެދު އިއްތިފާގު ނުވެވޭނަމަ ހައްދު ތަންފީޒުކުރުމުން ދުރުވާންޖެހޭނެ ކަމަށް ހަނަފީ މަޒްހަބުގެ ފިގުހުވެރިން ދެކެވަޑައިގަންނަވައެވެ.)
  10. އިމާމް މާލިކް، އަލްމުވައްތާ، 2:397 (ޒިނޭގެ ކުށުގެ އުންސުރުތައް ހަމަ ނުވުން) އަދި 2:293 (ވައްކަމުގެ ކުށުގެ އުންސުރުތައް ފުރިހަމަނުވުން)؛ އިބްނު ރުޝްދު އަލް ޖައްދު، ބަޔާން، 16:220؛ އިމާމް ޝާފިއީ، [އުއްމު]، 7:319, 7:324, 372-73 (2008)
  11. Sahnun, Mudarwana, 7:2463
  12. އިމާމް ޝާފިއީ، [އުއްމު]، 7:446 (އިއްނަމާ އުޢާޤަބް އައްނާސް ޢަލަލްޔަޤީން)؛ އިބްނު ހަޒަމް، [މުޙައްލާ]، 12:186-188
  13. އަލް މާވަރްދީ، އަލް އަޙްކާމް އަލް ސުލްތާނިއްޔާ، 254؛ ޢަޒާލީ، ވަސީތު، 44-6:443
  14. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ހ)
  15. الظن الغالب - އެއީ ޔަގީނާއި ގާތް މިންވަރެވެ.
  16. ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ހައްދުތަކާއި ތައުޒީރު، 149
  17. ނަމަވެސް މީހަކު ބުނިކަމަށް ބުނެ ދޭ ހެކިބަސް ބައެއް ޝަރުތުތަކާއެކު ގަބޫލުކުރެވިދާނެ ކަމަށް އައްދަކްތޫރު ވަހުބަތުއް ޒުހައިލީ ވިދާޅުވެފައިވެއެވެ. މަސްދަރު: ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ހައްދުތަކާއި ތައުޒީރު، 150 ނަންބަރު ސަފްހާގައިވާ ފުޓްނޯޓް ނަންބަރު 198
  18. ހުސްނުއްސުއޫދު، 'އިސްލާމީ ޝަރީޢާގެ ހެއްކާބެހޭ އުސޫލުތައް - ދިވެހިރާއްޖޭގައި ތަތުބީގުކުރަމުންދާ ގޮތް،' މޯލްޑިވް ލޯ އިންސްޓިޓިއުޓް، 2021، 137 ވަނަ ސަފްހާއިން 141 ވަނަ ސަފްހާއަށް ބައްލަވާ.
  19. މިގޮތަށް ބުރަވެފައި މިވަނީ މީހަކު ބުނިކަމަށް ބުނެ ދޭ ހެކިބަސް ބައެއް ޝަރުތުތަކާއެކު ގަބޫލުކުރެވިދާނެ ކަމަށް އައްދުކްޗޫރު ވަހުބަތުއް ޒުހައިލީ ވިދާޅުވެފައިވާތީވެ، އެ ރައުޔަށް ރިއާޔަތްކޮށްގެންނެވެ. މަސްދަރު: ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ޙައްދުތަކާއި ތަޢުޒީރު، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، (2012)، 150 ނަންބަރު ސަފްހާގައިވާ ފުޓްނޯޓް ނަންބަރު 198
  20. MOHAMED ABDALLA SELIM EL-AWA, THE THEORY OF PUNISHMENT IN ISLAMIC LAW-A COMPARATIVE STUDY” Thesis submitted for the Degree of Doctor of Philosophy in the University Of London, School of Oriental and African Studies, Department of Law ::March 1972,p.61-62
  21. އިބަމ
  22. އިބަމ
  23. އިބަމ؛ Sahnun, Mudatwana, 7:2429
  24. ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ހައްދުތަކާއި ތައުޒީރު، 123
  25. އަބޫ ޔޫސުފް، އިޚްތިލާފް، 163؛ ޝައިބާނީ، އަލްޖާމިޢު އަލް ޞަޢީރު، 235-38
  26. ސަޙްނޫން، މުދައްވަނާ، 7:2429
  27. މާލިކް، މުވައްތާ، 2:392
  28. ޝާފިޢީ، އުއްމު، 7:327
  29. އިބްނު ޤުދާމާ، އަލް މުއްނީ، 12:396
  30. އިބަމަ
  31. [2021] SC 96
  32. އިތުރަށް ބެއްލެވުމަށް، މުޙައްމަދު ހާޝިމް ކަމާލީ، ކްރައިމް އެންޑް ޕަނިޝްމެންޓް އިން އިސްލާމިކް ލޯ - އ ފްރެޝް އިންޓަރޕްރިޓޭޝަން، އޮކްސްފަރޑް ޔުނިވަރސިޓީ ޕްރެސް (2019)، 18؛ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ހައްދުތަކާއި ތައުޒީރު، 4 ވަނަ ސަފްހާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 612 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާ އަދި 413 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ 4 ވަނަ އާޔަތް
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު [2021] SC 96

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ