ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2021] SC 96 · 2021/SC-A/18

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 އޮކްޓޫބަރު 2021ދަށު ކޯޓު: ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު (05/M8C/2017)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2017/HC-A/352، 05/M8C/2017
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ހ) ގެ (1) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ޒިނޭގެ ދަޢުވާ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި އުފުލިއެވެ. އެ ކޯޓުގެ 05/M8C/2017 ޤަޟިއްޔާގައި ކުށް ސާބިތުނުވާ ކަމަށް ޙުކުމްކުރީ، ޒިނޭ ސާބިތުކުރެވޭނީ އިޢުތިރާފުން ނުވަތަ ހަތަރު ފިރިހެނުންގެ ހެކިބަހުން ކަމަށާއި ޑީ.އެން.އޭ ހެކިން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ބުނެއެވެ. ހައިކޯޓުގެ 2017/HC-A/352 ޤަޟިއްޔާގައި އެ ޙުކުމަށް ތާއީދުކުރީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 18 ވަނަ މާއްދާގެ ސަބަބުން ދަޢުވާ ކުރަންވާނީ ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ ދަށުން ކަމަށާއި، އިސްލާމީ ޝަރީޢަތުގެ މިންގަނޑުން ބޭރުން ޒިނޭ ސާބިތުކޮށް އަދަބު ނުދެވޭނެ ކަމަށާއި، ޑީ.އެން.އޭ ހެކިން ކުއްޖާގެ ނަސަބަށް އަސަރުކުރާނެ ކަމަށް ބުނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
އަންހެނަކު 13 އޭޕްރީލް 2016 ގައި ވިހެއި ކުއްޖަކީ ދަޢުވާ ލިބުނު ފަރާތާއެކު ޒިނޭކުރުމުން ލިބުނު ކުއްޖެއް ކަމަށް އެ އަންހެން މީހާ ބުނެއެވެ. ކުއްޖާގެ ޑީ.އެން.އޭ އާއި ދަޢުވާ ލިބުނު ފަރާތުގެ ޑީ.އެން.އޭ ދިމާވިއެވެ. ދަޢުވާ ލިބުނު ފަރާތް ތުހުމަތަށް އިންކާރުކުރިއެވެ. ހައިކޯޓުން ފާހަގަކުރި ގޮތުގައި، ކުއްޖާ ވިހެއީ އެ އަންހެން މީހާގެ ކުރީގެ ފިރިމީހާ އޭނާ ވަރިކުރުމަށްފަހު، ދަރިލެއްވުމުގެ މުއްދަތުގެ ތެރޭގައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ހަތަރު ހެކިންގެ ހެކިބަހާއި އިޢުތިރާފު ނެތި، ޑީ.އެން.އޭ ފަދަ ގަރީނާއަކާއި އެއަށް ބާރުދޭ ހެކިން ޒިނޭގެ ކުށް ސާބިތުކޮށް، ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ތަޢުޒީރީ އަދަބެއް ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ކަމެއްތޯ؛ އަދި ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ ސަބަބުން އެ ދަޢުވާ ކުރެވޭނީ ހަމައެކަނި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުންތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ ގަރީނާއިން ސާބިތުވާ، އެއް ދަރަޖަ ތިރީގެ ކުށެއް ކަމަށާއި، އެ ކުށް ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގައި ނެތުމުން، ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާ ދަޢުވާއަށް ހުރަހަކަށް ނުވާނެ ކަމަށެވެ. ހައިކޯޓުގެ ގޮތަށް ނިންމައިފިނަމަ، ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ކުށްތަކަކީ ތަޖުރީމު ނުކުރެވޭ ކުށްތަކަކަށް ވާނެ ކަމަށް ވެސް ބުނެއެވެ. އަދި ނަސަބު ސާބިތުކުރުމަކީ ޖިނާއީ އިޖުރާއަތުގައި ނިންމާ ކަމެއް ނޫންކަމަށާއި، ތަންމައްޗަށް ދަރިލެއްވުމުގެ ޤާޢިދާ ޑީ.އެން.އޭ ހެކީގެ މައްޗަށް އިސްވާނެ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ހައްދުގެ ޝަރުޠެއް އުނިވެގެން ހައްދުގެ އަދަބު ނުދެވޭ ޙާލަތުގައި ތަޢުޒީރީ އަދަބު ދިނުން އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމަށާއި، ޑީ.އެން.އޭ ފަދަ ސައިންޓިފިކް ގަރީނާއަށް ބާރުދޭ އެހެން ހެކި ހުރިނަމަ ތަޢުޒީރީ މިންގަނޑުން ކުށް ސާބިތުކުރެވޭނެ ކަމަށެވެ. އެހެންކަމުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ތަޢުޒީރީ އަދަބު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ކަމެއް ނޫނެވެ. އެ ކުށް ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގައި ނެތުމުން، ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާ އެ ދަޢުވާއަށް ހުރަހެއް ނާޅައެވެ. ޒިނޭއިން ލިބޭ ކުއްޖާގެ ނަސަބު ބައޮލޮޖިކަލް ބައްޕައަށް ނިސްބަތް ނުވާއިރު، ޒިނޭގެ ކުށް ސާބިތުވުމުން ކައިވެންޏާއި ނަސަބު އޮޓޮމެޓިކުން ނުކެނޑޭތީ، ނަސަބާ ބެހޭ ހައިކޯޓުގެ ސަބަބަކީ ޝަރުޢީ ދަލީލެއް ނެތް ސަބަބެކެވެ. މިހެންކަމުން ދެ ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓާއި މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލު؛ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައްދުގެ ކުށެއް ސާބިތުވުމުގައި ފުރިހަމަވުން ލާޒިމުކުރާ ޝަރުތެއް (އެއީ ހެކީގެ ނިސާބެއް، ކުށުގެ ރުކުނެއް، ކުށަށް ތުހުމަތު ކުރެވޭ މީހާގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތެއް ނަމަވެސް) އުނިވާ ހާލަތުގައި ތައުޒީރީ އަދަބު ދިނުން ޝަރުއީ ނައްސުތަކުން ހުއްދަ ކޮށްފައިވެއެވެ.

HN2 ޑީ.އެން.އޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ، އެ ގަރީނާ އަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެ ނަމަ ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތުކުރުމަށް ފުދޭނޭ ވަސީލަތްތަކެއް ކަމެވެ. ނަމަވެސް އެ ހާލަތުގައި ކުށް ސާބިތުވި މީހާގެ މައްޗަށް ހައްދުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެ މީހާއަށް ދޭންވާނީ ތައުޒީރުގެ އަދަބެކެވެ. މިފަދަ މައްސަލަތަކުގައި އެއްވެސް ހާލެއްގައި ހައްދުގެ އަދަބު ދީގެންނުވާނެއެވެ.

HN3 ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް ބަލާއިރު އެގޮތުން ދެވޭ ތައުޒީރުގެ އަދަބު ކަނޑައަޅަންވާނީ އެ ހާލަތުގައި ކަނޑައަޅާނޭ ތައުޒީރުގެ އަދަބެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ނަމައެވެ.

HN4 ގިނަ އިލްމުވެރިންގެ ރައުޔުގައި ހައްދުގެ ކުށެއް ކަމުގައިވާ ޒިނޭގެ މައްސަލަތަކުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރެވޭނީ ހަމައެކަނި އިއުތިރާފުން ނުވަތަ އަދުލުވެރި 4 ހެކިންގެ ހެކިބަހުންނެވެ. އިއުތިރާފުން ނުވަތަ 4 ހެކިންގެ ހެކިބަހުން ސާބިތުވެގެން ނޫންގޮތަކަށް ޒިނޭގެ މައްސަލަތަކުގައި ހައްދުގެ އަދަބު ދީގެންނުވާނެއެވެ. ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމުގައި ބަލައި، އެ ކުށަށް އެ މާއްދާގެ ދަށުން ތައުޒީރީ އަދަބެއް ދިނުމަށް ކަނޑައަޅާފައި އޮތް އޮތުމަކީ އެ މާއްދާ އިސްލާމީ ޝަރީއާއާ ޚިލާފުވާ ސަބަބެއްކަމަށް އަހުރެން ނުދެކެމެވެ.

HN5 ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ގޮތުން ވަކި އަމަލުތަކެއް ތަޖުރީމުކުރުމަށް ޚާއްސަ ޖިނާއީ ގާނޫނެއް ހަދާފައިވާ ނަމަ، އަދި އެކުށްތައް ގާނޫނުލްއުގޫބާތުގައިވެސް ބަޔާންވެގެންވާނަމަ، އެ ހާލަތުގައި އެކުށްތަކަށް ދައުވާކުރަންވާނީ އެގޮތުން ހަދާފައިވާ ޚާއްސަ ގާނޫނުގެ ދަށުންނެވެ. ނަމަވެސް ގާނޫނުލްއުގޫބާތުގައި ކުށެއް ނުވަތަ ކުށްތަކެއް ބަޔާންކޮށްފައިވާ މައުލޫއަކަށް ޚާއްސަ ޖިނާއީ ގާނޫނެއް ހަދާފައިވާ ހާލަތުގައި، އެ ޚާއްސަ ޖިނާއީ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ނުހިމެނޭ، އެ މައުލޫއާ ގުޅޭ އިތުރުކުށެއް ނުވަތަ ކުށްތަކެއް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ނަމަ އެ ފަދަކުށްތަކަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރުމަށް ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާ ހުރަހެއް ނާޅައެވެ.

HN6 ހެކީގެ މިންވަރަށް ބަލައި އެފަދަ ތައުޒީރީ އަދަބު ދެވޭނެ ހާލަތުތަކެއް ޖިންސީކުށުގެ ގާނޫނުގައި ހިމަނާފައި ނުވެއެވެ. އެހެންކަމުން، ޖިންސީ ކުށުގެ ގާނޫނުގައި ހިމަނާފައިވާ ކުށްތަކުގެ އިތުރުން، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށް، ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރުމަށް ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާ ހުރަހެއް ނާޅައެވެ.

HN7 ޒިނޭގެ ކުށުގެ ތެރެއިން ކުއްޖަކު ވިހާފައިވާނަމަ އެކުއްޖާގެ ނަސަބު އެ ކުއްޖާގެ ބައޮލޮޖިކަލް ބައްޕައަށް ނިސްބަތް ނުވާނެއެވެ. އަދި އެ ހާލަތުގައި އެދެމެދުގައި ތަރިކައިގެ ގަވާއިދުތައްވެސް ނުހިނގާނެއެވެ. ޒިނޭގެ ކުށްކުރި ދެ ޚަސްމުން ފަހުން ކައިވެނި ކުރި ނަމަވެސް މަތީގައި މި ބަޔާންކުރި އުސޫލުތަކަށް ބަދަލެއް ނާންނާނެއެވެ. މީގެ އިތުރުން ސައްހަ ކައިވެންޏެއްގެ މަތީގައި ދެމަފިރިއަކު ވަނިކޮށް އަނބިމީހާ އެހެން ފިރިހެނަކާ އެކު ޖިމާއުވެ ޒިނޭގެ ދަރިއަކު ލިބުނު ނަމަވެސް ޒިނޭގެ ކުށް ސާބިތުވުމުގެ ސަބަބުން އެ ދެމަފިރިންގެ ކައިވެނި އޮޓަމެޓިކުން ނިމުމަކަށް ނާންނާނެއެވެ. އަދި ޒިނޭގެ ސަބަބުން ލިބުނު ކަމަށް ބުނާ ކުއްޖާގެ ނަސަބުވެސް އެ އަންހެން މީހާ އިނދެގެން ހުރި ފިރިހެން މީހާގެ ކިބައިން އޮޓަމެޓިކުން ކެނޑިގެން ނުދާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 15 މާރިޗު 2021 · ރަޖިސްޓްރީކުރީ 4 އޮގަސްޓް 2021 · ނިމުނީ 24 އޮކްޓޫބަރު 2021 (2.7 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2021/SC-A/18

ޝަރީއަތް ނިމުނުގޮތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު

24 އޮކްޓޯބަރ 2021އިސްތިއުނާފު ކުރެވުނު ގަޒިއްޔާ

2017/HC-A/352

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

މުޙައްމަދު ތައުފީޤު، ތާޖު، ދ. ކުޑަހުވަދޫ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤާނޫނީ ވަކީލު:

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފާޠިމަތު މީޝާ

ޖިނާއީ ގާނޫނު – ޒިނޭގެ ކުށް – ޒިނޭގެ ކުށް ސާބިތުކުރުމުގެ ވަސީލަތްތައް – ޒިނޭގެ ކުށް ސާބިތުކުރުމުގައި ޑީ.އެން.އޭ ހެކި ބޭނުންކުރުން – ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (1) – ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ)

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤް

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތައާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/352ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައިވާ( ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދ. ކުޑަހުވަދޫ، ތާޖު، މުޙައްމަދު ތައުފީޤް (މީގެ ފަހުން "މުޙައްމަދު ތައުފީޤް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް"( އެވެ.

މައްސަލައިގެ ފަސްފަހަތް

2ށ. އަތޮޅު ގޮއިދޫ، ނޫއަލި ފާޠިމަތު ޝަމީމާ 13 އޭޕްރީލް 2016 ގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހާފައިވާ އަންހެން ކުއްޖާއަކީ ފާޠިމަތު ޝަމީމާ، މުޙައްމަދު ތައުފީޤްއާއެކު ބަދުއަޚުލާގީ އަމަލު ހިންގައި ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް ފާޠިމަތު ޝަމީމާ ބުނާތީއާއި މި ކުއްޖާގެ ޑީ.އެން.އޭ އާއި މުޙައްމަދު ތައުފީޤުގެ ޑީ.އެން.އޭ އާއި ދިމާވާތީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޒިނޭކުޅައުމުގެ ދައުވާ މުޙައްމަދު ތައުފީޤުގެ މައްޗަށް ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އުފުލިއެވެ. ފާޠިމަތު ޝަމީމާއާ އެކު ޒިނޭކުރިކަމަށް މުޙައްމަދު ތައުފީޤު އިންކާރުކުރެއެވެ.

3ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ ޒިނޭކުޅައުމުގެ ކުށް މުޙައްމަދު ތައުފީޤުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. މުޙައްމަދު ތައުފީޤުގެ މައްޗަށް ކުށް ސާބިތުނުވި މައިގަނޑު ދެ ސަބަބެއް ކަމަށް ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަޔާންކޮށްފައިވަނީ ފާޠިމަތު ޝަމީމާއާއެކު ޒިނޭކުރިކަމަށް މުޙައްމަދު ތައުފީޤް އިންކާރުކޮށްފައިވާތީ އާއި މި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން ދައުވާކުރެވުނު ކުށް ސާބިތުނުވާތީ ކަމަށެވެ.

4ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ ގާނޫނު ނަންބަރު 1972/14 (އަންހެނުންގެ ހެކިބަހުގެ ގާނޫނު) ގައިވާ އުސޫލުތަކަށް ބަލާއިރު، ޒިނޭގެ ކުށް ސާބިތުކުރެވޭނީ 4 ފިރިހެނުންގެ ހެކިބަހުން ނުވަތަ އިއުތިރާފުން ކަމަށާއި، ޑީ.އެން.އޭގެ ހެކީގެ މައްޗަށް ބިނާކޮށް ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ގަރީނާއެއްގެ ގޮތުގައި ކޯޓަށް ހުށަހެޅިފައިވާ ޑީ.އެން.އޭ ތަހުލީލު ރިޕޯޓު ތައްޔާރުކޮށްފައިވަނީ އެންމެ އަންހެން ބޭފުޅެއް ކަން ފާހަގަކުރެވޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/352 ގަޒިއްޔާ

5ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 05/M8C/2017 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފުކުރިއެވެ. އިސްތިއުނާފުގެ މައްސަލައިގައި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވެއެވެ.

6ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އިސްލާމީ ޝަރިއާގައިވާ ގޮތުން ޒިނޭކުރިކަން ޝަރީއަތަށް ސާބިތުކުރެވޭނީ ޒިނޭކުރި މީހާގެ އިއުތިރާފުން ނުވަތަ މަދުވެގެން 4 ހަތަރު ފިރިހެނުންގެ ހެކިބަހުން ކަމަށެވެ.

7ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި ކުށާއި އަދަބު ކަނޑައެޅިފައިވާ މައިގަނޑު ގާނޫނަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ކަމަށާއި، ގާނޫނުލްއުގޫބާތުގެ އިތުރުން ޚާއްސަ ކުށްތަކަށް ޚާއްސަ ޖިނާއީ ގާނޫނުތަކެއް ވެސް ހަދައި އަމަލުކުރަމުންދާ ކަމަށާއި، މި ފަދަ ޖިނާއީ ޚާއްސަ ގާނޫނުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ މައްޗަށް އިސްކަން ލިބިގެންވާ ގާނޫނުތަކެއްކަން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާތީވެ، ޚާއްސަ ޖިނާއީ ގާނޫނެއްގައި ކަނޑައެޅި ބަޔާންކޮށްފައިވާ ކުށެއްގައި ދައުވާ އުފުލައި އަދަބު ދޭންޖެހޭނީ އެ ޚާއްސަ ޖިނާއީ ގާނޫނުގެ ދަށުން ކަމަށެވެ.

8އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންވެދިޔަ ސަބަބަށްޓަކައި، މި މައްސަލައިގައި މުޙައްމަދު ތައުފީޤްގެ މައްޗަށް ޖިންސީކުށުގެ ގާނޫނުގެ ދަށުން ދައުވާކޮށްފައިނުވަނީ ކީއްވެގެންތޯ ދައުލަތުގެ ވަކީލު ކުރެން ހައިކޯޓުން ސުވާލުކުރުމުން، އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ޖިންސީ ކުށުގެ ގާނޫނުގައި ޒިނޭގެ ކުށް ބަޔާންކޮށްފައި ވީނަމަވެސް އެ ގާނޫނުގައި ބަޔާންކުރަނީ އިސްލާމީ ޝަރީއާގައި ބުނާ މިންގަނޑުން ޒިނޭގެ ކުށް ސާބިތުކުރެވިދާނެ ހާލަތް އެކަނި ކަމާއި، ޖިންސީ ކުށުގެ ގާނޫނުގައި ތައުޒީރީ އަދަބެއް އަންނަ ޒިނޭގެ ކުށް ބަޔާންކޮށްފައި ނުވާކަމަށާއި، އެއާ ޚިލާފަށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން، ހަތަރު ހެކިންނާއި ކުށްކުރި މީހާގެ އިއުތިރާފުން ނޫންގޮތަށް، ޑީ.އެން.އޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ ގަރީނާތަކުން ޒިނޭގެކުށް ސާބިތުކުރުމަށް އޮންނަ މިންގަނޑުގެ ދަށުން ޒިނޭގެ ކުށް ސާބިތުކުރުމުގެ ފުރުސަތު ލިބިދީފައިވާތީވެ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރީއަތަށް ހުށަހެޅުނު ގަރީނާގެ ޒަރީއާއިން މުޙައްމަދު ތައުފީޤުގެ މައްޗަށް ޒިނޭގެ ދައުވާ ސާބިތުކުރެވޭނެތީވެ، އެ ދައުވާ އެގޮތަށް ކޮށްފައިވަނީ ކަމަށެވެ. އިތުރަށް ދައުލަތުގެ ވަކީލު ހައިކޯޓުގައި ބުނެފައިވަނީ ހަވާލާދީފައިވާ ދެ ގާނޫނުގައި ވެސް ޒިނޭގެ ކުށަށް އެއް ނަމެއް ދީފައި އޮތްނަމަވެސް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރަނީ އެހެން ޒިނޭގެ ކުށެއްކަމާއި، އެއް ނަމެއް ދެވިފައި އޮތަސް އެއް ނަންކިޔާ ތަފާތު ހާލަތްތަކުން އަދި މިންގަނޑުތަކަކުން ކުށެއް ސާބިތު ކުރެވިދާނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.

9މި ނުކުތާއާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ޒިނޭގެ ކުށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ކަނޑައަޅާފައިވާއިރު، ހަމަ އެކުށް ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައިވެސް ކަނޑައަޅާފައިވާތީ އާއި، މި ދެ ގާނޫނުގައިވެސް ޒިނޭގެ ކުށަށް އަދަބު ކަނޑައަޅާފައިވާތީވެ، ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާއަށް ބަލާއިރު، ޒިނޭކުރުމުގެ ކުށުގެ ތުހުމަތުގައި މުޙައްމަދު ތައުފީޤުގެ މައްޗަށް މި މައްސަލައިގައި ދައުވާކޮށް އަދަބު ކަނޑައަޅަންޖެހޭނީ ޖިންސީކުށުގެ ގާނޫނުގެ ދަށުން ކަމަށެވެ.

10ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި [ޒިނޭކުރުން] މި ކުށް މާނަކޮށްފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ފ) ގައި [ޒިނޭކުރުން] މާނަކޮށްފައިވާ ގޮތަށް ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގައި ވެސް ޒިނޭކުރުމުގެ ކުށް މާނަކުރެވިފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ޅ) ގެ 1 ވަނަ ނަންބަރާއި، ޖިންސީ ކުށުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ފ) ގައިވާ ގޮތަށް ކަމަށެވެ. އެހެންކަމުން، ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ގެ 411 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިއާއި، ޖިންސީ ކުށުގެ ގާނޫނުގެ 27ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށަކީ ކުރިން ބަޔާންކުރި ފަދައިން އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކުށަކަށްވާތީވެ، ޒިނޭގެކުށް ސާބިތުކުރުމަށް އިސްލާމީ ޝަރިއަތުގައި އޮތް މިންގަޑާއި ހަމަތަކާއި އެ ކުށަށް ކަނޑައެޅިފައިވާ އުގޫބާތް ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން ސާބިތުވާތީވެ، އިސްލާމީ ޝަރީއަތުގައި ޒިނޭކުރުމުގެ ކުށް ސާބިތުކުރުމަށް އޮތް މިންގަނޑާއި އުސޫލުތަކާއި ހަމަތަކުގެ ބޭރުން އެކުށް ސާބިތުކޮށް އުގޫބާތެއް ނުވަތަ އަދަބެއް ވިޔަސް ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ކަނޑައެޅުން ހުއްދަވެގެން ނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން އެ ގޮތަށް ކަނޑަނޭޅޭނެ ސަބަބެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށްވެފައި އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވާތީވެ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް ނުހެދޭނެތީ އާއި އަދި އެފަދަ ގާނޫނެއް ނުވަތަ ގަވާއިދެއް ވިޔަސް އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވާނަމަ އެ ޚިލާފުވާ މިންވަރެއް ބާތިލުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާތީ ކަމަށެވެ.

11ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށް ތާއީދުކުރަމުން ހައިކޯޓުން ފާހަގަކުރި ތިންވަނަ ނުކުތާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ދައުލަތުން މުޙައްމަދު ތައުފީޤުގެ މައްޗަށް އުފުލާފައިވާ ޒިނޭކުރުމުގެ ކުށުގެ ދައުވާގެ އަސާސް ބިނާވެފައިވަނީ، ފާޠިމަތު ޝަމީމާ 13 އޭޕްރިލް 2016 ގައި ވިހެއި ކުއްޖާއަކީ، މުޙައްމަދު ތައުފީޤްއާ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް، ފާޠިމަތު ޝަމީމާ ބުނާ ބުނުމާއި، ފާޠިމަތު ޝަމީމާ ވިހެއި ކުއްޖާގެ ޑީ.އެން.އޭ އާއި މުޙައްމަދު ތައުފީޤުގެ ޑީ.އެން.އޭ އާ ދިމާވުމުގެ މައްޗަށް ކަމަށްވާތީވެ، މުޙައްމަދު ތައުފީޤުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޒިނޭކުރުމުގެ ކުށުގެ ދައުވާ ހަމަ އެކަނި ފާޠިމަތު ޝަމީމާ ބުނާ ބުނުމާއި، ޑީއެންއޭ ހެކީގެ މައްޗަށް ބިނާކޮށް ސާބިތުވާކަމަށް ކަނޑައެޅިއްޖެނަމަ، ފާޠިމަތު ޝަމީމާ 13 އޭޕްރިލް 2016 ގައި ވިހެއި ކުއްޖާގެ ނަސަބާ ގުޅޭގޮތުން (އެބަހީ ކުއްޖާގެ ޝަރުއީ ބަލަދުވެރި ފަރާތާ މެދު) ޝަރުއީ އަދި ގާނޫނީ ގޮތުން، ސާފުވާންޖެހޭ އެތައް ކަމެއް އެކަމުގެ މައްޗަށް ތަރުތީބުވެގެން އަންނާނެތީވެ، މި މައްސަލައިގައި ޝަރީއަތުން ނިންމާ ނިންމުމެއްގެ ސަބަބުން މައްސަލައިގައި ނުހިމެނޭ މައުސޫމް ކުޑަ ކުއްޖެއްގެ ހައްގަށާއި މަސްލަހަތަށް އެކުއްޖާގެ ދުނިޔަވީ މުޅި ހަޔާތުގައި އިއާދަނުކުރެވޭ ފަދަ އެތައްކަމެއް މެދުވެރިގެން ދާނެކަމަށެވެ.

ސުޕްރީމް ކޯޓުގެ އިސްތިއުނާފު

12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/352 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވެއެވެ. މި ގަޒިއްޔާގައި މި ބަލަނީ އެ އިސްތިއުނާފުގެ މައްސަލައެވެ.

13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/352 ގަޒިއްޔާ އިސްތިއުނާފުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވަނީ އެއް ނުކުތާއެވެ. އެ ނުކުތާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާއާއި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށެވެ.

14މި ނުކުތާގެ ތަފްސީލުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ ދަށުން ޒިނޭގެ ދައުވާކޮށް ޒިނޭގެ ކުށަށް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑަނޭޅޭނެ ކަމަށާއި ޒިނޭގެ ކުށުގެ މައްޗަށް ދައުވާކޮށް އަދަބު ކަނޑައަޅަންވާނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކަމަށާއި އެކަން އެގޮތަށް ކުރުން ލާޒިމުވާ ސަބަބަކީ ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާ އޮންނަ ގޮތުން ޖިނާއީ ޚާއްސަ ގާނޫނަށް އިސްކަންދޭންޖެހޭނެތީ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވީ ނަމަވެސް، މި މައްސަލައިގައި އޮތް ހާލަތުގައި ހައިކޯޓުން އެ ބުނަނީ ގާނޫނީ ގޮތުން ރަނގަޅު ވާހަކަ އެއް ނޫންކަމަށެވެ. ހައިކޯޓުގެ ހުކުމުގައިވާ މި ނުކުތާއަށް ރައްދުދެމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ކުށުގެ ގާނޫނަށް އިސްކަންދޭން ޖެހޭނީ ޖިންސީ ކުށުގެ ގާނޫނުގައިވާ ކުށެއް ނުވަތަ އެނޫންވެސް ޖިނާއީ ޚާއްސަ ގާނޫނެއްގައިވާ ކުށެއް، ގާނޫނުލްއުގޫބާތުގައިވެސް ހަމަ އެގޮތަށް އޮންނަ ހާލަތުގައި ކަމަށެވެ. ނަމަވެސް ގާނޫނުލްއުގޫބާތާއި ޖިންސީ ކުށުގެ ގާނޫނު އަޅައިކިޔާއިރު ޖިންސީ ކުށުގެ ގާނޫނުގައި [ސާބިތުކުރުމުގެ މިންގަނޑުން] އެންމެ ބާވަތެއްގެ ޒިނޭއެއް އޮތްއިރު ގާނޫނުލްއުގޫބާތުގައި [ސާބިތުކުރުމުގެ މިންގަނޑުން] ދެ ބާވަތެއްގެ ޒިނޭއެއް އެބައޮތް ކަމަށް ދައުލަތުން ބުނެފައިވެއެވެ. އެގޮތުން ގާނޫނުލްއުގޫބާތުގައި [ސާބިތުކުރުމުގެ މިންގަނޑުން] ގިންތި ކުރެވިފައިވާ ދެ ބާވަތުގެ ޒިނޭއަކީ (1) އިއުތިރާފު ނުވަތަ ހެކިންގެ ހެކިބަހުން ސާބިތުވާ ޒިނޭއާއި، (2) ގަރީނާ ފަދަ އެ ނޫން ވަސީލަތްތައް ބޭނުންކޮށްގެން ސާބިތުވާ ޒިނޭކަމަށް ޕްރޮސިކިއުޝަނުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އަދި ޕްރޮސިކިއުޝަނުން ބަޔާންކޮށްފައިވަނީ މި ދެބާވަތުގެ ހެކި ބޭނުންކޮށްގެން ސާބިތުކުރެވޭ ދެބާވަތުގެ ޒިނޭގެ ކުށަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އަދަބުގެ މިންވަރުވެސް ތަފާތު ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ޖިންސީކުށުގެ ގާނޫނުގައި ބުނެފައިވާ ޒިނޭގެ ކުށުގެ ހާލަތުގައި މިހާރުވެސް ދައުވާކުރަނީ ޖިންސީކުށުގެ ގާނޫނުގެ ދަށުން ކަމަށާއި، ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރަނީ ޖިންސީ ކުށުގެ ގާނޫނުގައި ހިމެނިފައިނުވާ ނަމަވެސް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ހަވާލާދޭ ޒިނޭގެ މައްސަލަތަކުގައި ކަމަށެވެ. އެހެންކަމުން ފަހުން މި ބަޔާންކުރެވުނު ހާލަތުގައި ހިމެނޭ ޒިނޭގެ ކުށުގެ މައްސަލަތަކުގައި ގާނޫނުލްއުގޫބާތުގެ 411 ގެ (ނ) ގެ ދަށުން ޒިނޭގެ ކުށުގެ ދައުވާކުރުމަކީ ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާއާ ޚިލާފުކަމެއް ނޫން ކަމަށެވެ. މި ބަޔާންކުރެވުނު ބާވަތުގެ ކުށަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރެވޭނެކަން ކަށަވަރުކޮށްދެނީ ރައްޔިތުގެ މަޖިލީހުން ގާނޫނުލްއުގޫބާތު ފާސްކުރިއިރުވެސް ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ހިމެނިފައިނުވާ އިތުރު ކުށްތަކެއް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ށ) ގައި ހުރިކަން އެނގިހުރެ، އެކަމަށް އެއްވެސް އިތުރު މާއްދާއެއް ނުވަތަ އިރުޝާދެއް ޖިންސީ ކުށުގެ ގާނޫނު ފާސްކުރިއިރު ދީފައި ނެތުމުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. އަދި އޭގެ ފަހުން ގާނޫނުލްއުގޫބާތަށް ގެނެވުނު 1 ވަނަ އިސްލާހުގެ 45 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރަށް އިސްލާހެއް ވެސް ގެނެވިފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައި ވެއެވެ. ޒިނޭގެ މައްސަލަތަކުގައި ދައުވާކުރެވޭނީ ހަމައެކަނި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކަމަށްވާ ނަމަ އެ އިސްލާހު އެ މާއްދާއަށް ގެނައުމުގެ ބޭނުމެއްވެސް ނެތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވެއެވެ. ވީމާ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ ދަށުން މުޙައްމަދު ތައުފީޤުގެ މައްޗަށް ދައުވާކުރުމަށް ހުރަހެއް ނެތްކަމަށް ބުނެފައިވެއެވެ.

15ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ތައުފީގުގެ މައްޗަށް ދައުވާކުރެވުނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ކަމަށާއި، އެ މާއްދާގެ (ނ) ގައި އޮތީ "މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް ސާބިތުކުރަނީ، އެ ކުށް ކުރިމީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތެއްގައި ޑީ.އެން.އޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާފަދަ އެކަށީގެންވާ ގޮތެއްގައި ގަބޫލުކުރެވިދާނެފަދަ ގަރީނާތަކުން ކަމުގައިވާ ނަމަ، އެ ކުށަކީ އެ ނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށާއި، އެހެންކަމުން މިއީ ޖިންސީ ކުށުގެ ގާނޫނުގައި އޮތް ކުށެއް ނޫން" ކަމަށެވެ.

16ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނަނީ އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލަށް އަމަލުކޮށްފިނަމަ އެކަމުގެ ނަތީޖާއަކަށްވާނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ހުރި ކުށްތަކަކީ ތަޖުރީމު ނުކުރެވޭ ކުށްތަކަކަށް ވުން ކަމަށެވެ. އަދި އަމަލީ ގޮތުން ފިޔަވަޅު ނޭޅޭ ކުށްތަކަކަށް ވުމެވެ. އަދި މި ގޮތަކީ އާއްމު މަސްލަހަތާ ފުށުއަރާނެ ގޮތެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވެއެވެ.

17ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވާ ގޮތުން އިސްލާމީ ޝަރީއަތުގައި ގަރީނާއެއްގެ މައްޗަށް ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުކުރެވިދާނެތޯ ނުވަތަ ނޫންތޯ ބަލާއިރު މި މައްސަލައިގައި މުޙައްމަދު ތައުފީޤުގެ މައްޗަށް ކުށެއް ސާބިތުވެއްޖެ ނަމަ، އަދަބު ކަނޑައެޅޭނީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. އެ މާއްދާގެ (ބ) ގައި ވާގޮތުން މިކުށް ސާބިތުކުރަނީ އެ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ގޮތުގެ މަތިން އިއުތިރާފާއި ހެކިންގެ ހެކިބަސް ނުލައި ނަމަ، އެ ކުށަށް ދިނުމަށް އެ މާއްދާގެ (ރ) ގައި އޮތް އަދަބު ދީގެން ނުވާނެއެވެ.

18ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ ދަށުން ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ށ) އަކީ އިސްލާމީ ޝަރިއަތާ ޚިލާފު ވުމުގެ ސަބަބުން އަމަލުނުކުރެވޭނެ މާއްދާއެއް ނަމަ އެކަމަކީ ހައިކޯޓުން އެކަމުގައި ސަރީހަ އިބާރާތުން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމެއް ކަމަށާއި ނަމަވެސް އެފަދަ ގޮތެއް ސަރީހަކޮށް ހައިކޯޓުން ކަނޑައަޅާފައިނުވާ ކަމަށެވެ.

19މި ބާވަތުގެ މައްސަލަތަކުގައި ޑީ.އެން.އޭ ހެކި ބޭނުންކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ ނަސަބު އޮޅިގެން ހިނގައިދާނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވީ ނަމަވެސް ނަސަބު ސާބިތުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ތެރެއިން ހިނގާކަމެއް ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވެއެވެ. އަދި މިބާވަތުގެ މައްސަލަތަކުގައި ނިންމާ ނިންމުމަކުން ކުއްޖާގެ ނަސަބުގެ ހައްގަކަށް އެއްވެސް މިންވަރަކަށް އަސަރެއް ނުކުރާނެ ކަމަށާއި، އަދި މި މައްސަލައިގައި ޑީ.އެން.އޭ ހެކި ބޭނުންކުރުމަކީ ވަކިގޮތަކަށް ކުއްޖާގެ ނަސަބާމެދު ގޮތެއް ކަނޑައެޅިގެންދާނެ ކަމެއް ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވެއެވެ.

20ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިތުރަށް ބުނެފައިވަނީ ކުއްޖާގެ ނަސަބު ސާބިތުކުރުމުގެ މައްސަލައަކީ ވަކި މައްސަލައެއް ކަމަށާއި އެ މައްސަލަ ސާބިތުކުރަން ހުންނަ ޝަރުއީ އަދި ގާނޫނީ އުސޫލުތައްވެސް ތަފާތު ކަމަށާއި ތަންމައްޗަށް ދަރިލެއްވުމުގެ ގާއިދާއަކީ ޝަރުއީ ގޮތުން އިސްތިގުރާރުވެފައިވާ އުސޫލެއް ކަމަށެވެ. އަދި އެ އުސޫލު ޑީ.އެން.އޭ ހެކީގެ މައްޗަށް އިސްވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައި ވެއެވެ. ވީމާ މި މައްސަލައިގައި ނިންމާ ގޮތެއްގެ މައްޗަށް ކުއްޖާގެ ނަސަބާބެހޭގޮތުން ޝަރުއީ ގޮތުން ގޮތެއް ނިންމުނީ ކަމަށް ނުވާނެއެވެ. މިސާލަކަށް ރޭޕްކުރުމުގެ މައްސަލައެއްގައި ޑީ.އެން.އޭ ހެކި ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ރޭޕުގެ އަމަލުގެ ތެރެއިން ކުއްޖަކު ވިހާފައިވާ ނަމަ އެކުއްޖާގެ ނަސަބު އެ މައްސަލައިގައި ތުހުމަތުވާ މީހާގެ މައްޗަށް ނުލައްވާނެއެވެ.

ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތައް

21މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައަށް ބަލާއިރު، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަންކަމަކީ:

(ހ) ޒިނޭގެ މައްސަލަތަކުގައި ދައުވާކުރެވޭނީ ހަމައެކަނި ޖިންސީ ކުށުގެ ގާނޫނުގެ ދަށުންތޯ؟

(ށ) ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ދަށުން މުޙައްމަދު ތައުފީޤްގެ މައްޗަށް ޒިނޭކުރުމުގެ ދައުވާ ކުރެވިދާނެތޯ؟

(ނ) އިސްލާމީ ޝަރިއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ގަރީނާއެއްގެ ވަސީލަތުން ސާބިތުކުރެވިދާނެތޯ އަދި އަދަބު ކަނޑައެޅުމުގެ ދަށް މިންގަނޑުން އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ އެ ހާލަތުގައި އެމީހެއްގެ މައްޗަށް ތައުޒީރީ އަދަބެއް ދެވިދާނެތޯ.

(ރ) މިބާވަތުގެ މައްސަލަތަކުގައި ޑީ.އެން.އޭ ހެކި ބޭނުންކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ ނަސަބު އޮޅިގެން ހިނގައިދާނެތޯ.

ގަރީނާއެއްގެ މައްޗަށް ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުކުރެވިދާނެތޯ

22ހައްދުގެ މައްސަލަތަކުގައި ގަރީނާ އަކީ ދައުވާއެއް ސާބިތުކުރުމަށް ފުދޭނޭ ނިމެނިވި ދަލީލެއް ކަމާމެދު ފިގުހުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. މި ޚިލާފު އުފެދުމުގެ މައިގަނޑު ސަބަބަކީ، ޝުބުހައެއް އޮތްނަމަ ހައްދުގެ އަދަބު ދިނުމާ ދުރުވުމަށް ސަލާމާއި ސަލަވާތް ލެއްވި މާތް ނަބިއްޔާ އަންގަވާފައިވާތީއެވެ. އެ ސަބަބަށްޓަކައި، ހައްދުގެ މައްސަލަތަކުގައި ގަރީނާ ބޭނުން ކުރެވިދާނެތޯ ސުވާލު އުފެދިފައިވަނީއެވެ. އިސްލާމީ ޝަރީއަތުގައި ހައްދުގެ ކުށް ސާބިތުވާންޖެހޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމަށްވާއިރު، ގަރީނާއިން އެ މިންވަރު ހާސިލުކުރެވިދާނެ ހެއްޔެވެ؟ ގަރީނާ އިން ހުއްޖަތް ގާއިމުކުރުމާމެދު އިއުތިރާޒުކުރައްވާ އިލްމުވެރިން ވިދާޅުވާގޮތުގައި އެ ބޭކަލުން ގަރީނާ ގަބޫލުކުރެއްވުމަށް އިއުތިރާޒުކުރައްވާ ސަބަބަކީ ގަރީނާ އަކީ ކިތަންމެ ހަރުދަނާ ގަރީނާއެއް ކަމަށްވިޔަސް އޭގައި ކޮންމެވެސް މިންވަރެއްގެ ޝައްކެއް އޮންނާނެތީ އެވެ. އަދި ގަރީނާއިން ލިބޭ ހުއްޖަތުގެ ބުރަދަނާއި، ކަންހިނގި ގޮތް ފެނުނު ނުވަތަ އެމީހެއްގެ ހިއްސުތަކަށް އެކަން އެނގިފައިވާ މީހާ އަނގަބަހުން ދޭ ހެކިބަހާއި އެކަންކުރި މީހާގެ އިއުތިރާފުގެ ބުރަދަން އެއްވަރު ނުވާނެތީ އެވެ. މަހްމޫދު ސައީދޫން ވިދާޅުވާގޮތުން، ގަރީނާއާ ދެކޮޅު އިލްމުވެރިންގެ ހުއްޖަތަކީ ކީރިތި ރަސޫލާގެ މި ހަދީސްއެވެ.

ހަދީސްގެ މާނަ: ހެއްކެއް ނެތީސް ރަޖަމް ކުރުމަށް ހުކުމް ކުރެވޭނަމަ އޭނާގެ އުޅުމާއި، ވާހަކަދެއްކުމާއި ވަށައިގެންވާ ކަންކަމަށް ބެލުމުން އޭނާގެ އިއްފަތްތެރިކަމުގެ މައްޗަށް ޝައްކު އުފެދޭ ހިނދު، އެކަނބުލޭގެ ރަޖަމްކުރަން ތިމަންކަލޭގެފާނު އެންގެވީމުހެވެ. (އިބްނު އައްބާސް ރިވާކުރައްވާފައި(.

މި ހަދީސްއިން އެނގެނީ، އެއްވެސް ޝައްކެއް އުފެދުމަށް ޖާގަ އޮތްނަމަ ހައްދާއި ގިސާސް ތަންފީޒު ނުކުރެވޭނެކަމެވެ.

23ހައްދާއި ގިސާސްގެ މައްސަލަތައް ސާބިތު ކުރުމުގައި ހެއްކެއްގެ ގޮތުގައި ގަރީނާ ބަލައިގަތުމާމެދު އިލްމުވެރިންގެ މެދުގައި 3 ރައުޔެއްވެއެވެ.

(ހ) ހަނަފީއިންނާއި ޝާފިއީ އިންނާއި ހަންބަލީ އިލްމުވެރިންގެ ރައުޔަކީ ހައްދާއި ގިސާސްގެ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ގަރީނާ ބޭނުން ނުކުރެވޭނެކަމަށެވެ. އެހެންކަމުން ހައްދާއި ގިސާސް ގެ މައްސަލަތައް ސާބިތު ކުރުމަށް ބޭނުން ކުރެވޭނީ ހެކިންގެ ހެކިބަހާއި އިއުތިރާފް އެކަންޏެވެ. މި ރައުޔު ބިނާވެފައިވަނީ އިސްވެ ހަވާލާ ދެވުނު އިބްނު އައްބާސްގެ ކިބައިން ރިވާވެގެންވާ ހަދީސްގެ މައްޗަށެވެ.

(ށ) ދެވަނަ ރައުޔަކީ ހައްދުގެ ބައެއް ބާވަތުގެ މައްސަލަތަކުގައި ގަރީނާ ގަބޫލުކުރުމެވެ. މިސާލަކަށް ވިހެއުން (އެއަންހެންމީހާ މަޖުބޫރުވެގެން ކަމަށް ނުބުނާ ހާލަތުގައި)، އަދި ރާބުއިކަމުގެ ދައުވާގައި ރާވަސްދުވުން.

(ނ) ތިންވަނަ ރައުޔަކީ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި (ހައްދުވެސް ހިމެނޭ ގޮތުން) ގަރީނާ ހެކީގެ ގޮތުގައި ބަލައިގަތުމެވެ. މިއީ މާލިކީ މަޒުހަބުގެ ރައުޔެވެ. މި ރައުޔަށް އިބްނު ޤައްޔިމް އަލް-ޖައުޒިއްޔާ ތާއީދު ކުރައްވަ އެވެ. މުޙައްމަދު އަތާ އަލް ސީދް ވިދާޅުވެފައިވަނީ މި ތިންވަނަ ރައުޔު ބިނާވެފައިވަނީ ޚަލީފާ ޢުމަރު ބިން އަލްޚައްޠާބުގެ ޚަލީފާކަމުގެ ދުވަސްވަރު ހިނގާފައިވާ ބައެއް ކަންކަމުގެ މައްޗަށް ބިނާކޮށްފައެވެ.

(1)ޢުމަރުގެފާނު ދެއްވި ޚުތުބާއެއްގައި ވިދާޅުވިއެވެ: ދުވަސްތަކެއް ފާއިތުވުމުން ﷲ ގެ ފޮތުން ރަޖަމްކުރުން ނެތް ކަމަށް ބަޔަކު ބުނެފާނެތީ ތިމަން ކަލޭގެފާނު ވަރަށް ކަންބޮޑުވަމެވެ. އެހެން ބުނެ އެބައިމީހުން ﷲ އަންގަވާފައިވާ މި ފަރުޟު ދޫކޮށްލަފާނެއެވެ. ހަމަކަށަވަރުން ވިހެއުމުން ނުވަތަ އިއުތިރާފުން ކުށް ސާބިތުވެއްޖެނަމަ ޒިނޭކުރި މުޙުޞަން މީހާގެ އުގޫބާތަކީ ރަޖަމްކުރުމެވެ.

(2)އެހެން ފަހަރަކު ޢުމަރުގެފާނު ވިދާޅުވިއެވެ: އުބައިދުﷲ ގެ ގައިން ބުއިމެއްގެ ވަސް ތިމަން ކަލޭގެފާނަށް ދުވިއެވެ. އަދި އެއީ ކޮންބާވަތެއްގެ ބުއިމެއްތޯ ތިމަންކަލޭގެފާނު ބައްލަވާނަމެވެ. އެއީ މަސްތުވާބާވަތެއްގެ އެއްޗެއްކަމަށް ވާނަމަ ހައްދުގެ އަދަބު ތިމަންކަލޭގެފާނު އޭނާއަށް ދެއްވާ ހުށީމެވެ.

(3)މީގެ އިތުރުން، އަލްވަލީދު ބިން އުތުބާ ރާބޮއިގެން ހޮޑުލެވުމުން ޢުޘްމާންގެފާނު އޭނާއަށް ހައްދުގެ އަދަބު ދެއްވިއެވެ. ޢުޘްމާނުގެފާނު އެގޮތަށް ނިންމެވީ އޭނާ ރާ ނުބޯ ނަމަ އެނާއަށް އެ ތަކެތި ހޮޑުގެ ގޮތުގައި ލެވޭނެ ގޮތެއް ނޯންނާނެތީއެވެ.

24މީގެ އިތުރުން އިބްނު ޤައްޔިމް އަލް-ޖައުޒިއްޔާ ވިދާޅުވެފައިވަނީ ވަގަށް ނަގާފައިވާ މުދާ މީހެއްގެ އަތުގައި ހުއްޓާ ފެނުނު ހިނދު، އިމާމުންނާއި ޚަލީފާއިން އެ މީސްމީހުންނަށް ހައްދުގެ އުގޫބާތް ދެއްވާފައިވާ ކަމަށެވެ. އިބްނު ޤައްޔިމްގެ ރައުޔަކީ އިސްލާމީ ޝަރިއަތުގެ މަގްސަދަކީ މީހުންގެ މެދުގައި އަދުލުއިންސާފު ގާއިމުކުރުން ކަމަށް ވުމާއެކު، އެކަމަށް މަގުފަހިކުރާ އެންމެހައި ވަސީލަތްތައް ބޭނުންކުރުން ހުއްދަވާނެ ކަމަށެވެ. ޔަގީނާ އެންމެ ގާތްކުރާ ހެކީގެ ވަސީލަތެއް ނެތްނަމަ ދެން ލިބެންއޮތް އެންމެ ރަނގަޅު ހެކީގައި ހިފުމަކީ އަދުލުއިންސާފަށްޓަކައި ކުރަންޖެހޭ ކަމެކެވެ. އަލްޖަރުމީ ވިދާޅުވެފައިވަނީ ހައްދާއި ގިސާސްގެ މައްސަލަތަކުގައި އިއުތިރާފް އާއި ހެކިންގެ ހެކިބަސް ކަށަވަރުކުރުމަށް ނުވަތަ ބާރުދެނިވި ހެކީގެ ގޮތުގައި ގަރީނާ ބޭނުންކުރެވިދާނެ ކަމަށެވެ. މުޙައްމަދު އަލް އަތާސީދުގެ ރައުޔަކީ ގަރީނާއަކީ ހައްދުގެ މައްސަލަތައް ސާބިތުކުރުމަށް ފުދޭ ނިމެނިވި ދަލީލެއް ކަމަށެވެ.

25ޖުމްހޫރު އިލްމުވެރިންގެ ނަޒަރުގައި ހައްދާއި ގިސާސްގެ މައްސަލަތަކުގައި ހުކުމްކުރެވޭނީ އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާނަމަ ނުވަތަ އެހެން އިބާރާތަކުން ބުނާނަމަ އެކުށް ކުރިކަމަށް މުޅިން ޔަގީންވާނަމައެވެ. އެކަން ހާސިލުކުރެވޭނީ ހަމައެކަނި އިއުތިރާފުން ނުވަތަ ހެކިންގެ ހެކިބަހުން ކަމަށެވެ. މިއާ ޚިލާފަށް ބައެއް އެހެން އިލްމުވެރިންގެ ނަޒަރުގައި ހައްދާއި ގިސާސްގެ މައްސަލަތަކުގައި މުޅިން ޔަގީންވާ މިންވަރު ހާސިލު ކުރުމަކީ ވާނޭ ކަމެއް ނޫނެވެ. އެހެންކަމުން އެފަދަ އިލްމުވެރިންގެ ނަޒަރުގައި ހައްދާއި ގިސާސްގެ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް މީހަކު ކުށްކުރިކަމަށް ގާޒީއަށް ގަބޫލުކުރެވޭނަމަ ނުވަތަ ޔަގީނާ ގާތްކުރާ މިންވަރެއް ހާސިލުކުރެވޭނަމަ އެ ފަދަ މައްސަލަތަކުގައި ހުކުމް ކުރެވޭނެ އެވެ. ކީރިތި ރަސޫލާގެ އިރުޝާދާއެއްގޮތަށް ޝައްކެއް އެއްފަރާތް ކުރަންޖެހޭނީ އެ ޝައްކަކީ އެކަށީގެންވާ ޝައްކަކަށްވާނަމައެވެ.

26އުސޫލެއްގެ ގޮތުން ގަރީނާއެއްގެ މައްޗަށް ހުކުމް ކުރަން ބާލާއިރު، ސައްހަ ކައިވެންޏެއްގައި ނުވަތަ އިއްދައިގައި ނެތް އަންހެނަކު ބަލިވެ އިނުމުން އެ އަންހެން މީހާ ޒިނޭ ކުރީ ކަމުގައި ނުވަތަ ހޮޑުން ރަލުގެ ވަސްދުވުމަކީ ހޮޑުލި މީހާ ހުރީ ރާބޮއެގެން ކަން ސާބިތުކުރުމުގައި، އޭގެ ޒާތުގައި އެންމެ ވަރުގަދަ ގަރީނާ (ގަރީނާ އަލް ޤާތިޢާ) އެއް ނޫނެވެ. އެ ޒާތުގެ ގަރީނާ ވަރުގަދަ ވެގެން އަންނަނީ މައްސަލައިގެ ވަށައިގެންވާ އެހެނިހެން ވާގިއާތަކުގެ ނުވަތަ ހެކިތަކުގެ އަލީގައެވެ. ހަމައެކަނި އެ ވާގިއާ ސާބިތުވުމަކުން ނޫނެވެ. އެ ވާގިއާގެ މައްޗަށް އެކަނި ބަރޯސާ ވާކަމަށް ވަންޏާ އެއީ ކުށް ސާބިތުކުރުމަށް ފުދޭނޭ ގަރީނާތަކެއް ނޫނެވެ. ރޭޕްގެ ސަބަބުން އަންހެނަކު ބަލިވެ އިނުމަކީ އެކަށީގެންވާ ކަމަކަށްވާއިރު ހުކުމްކުރުމުގެ ކުރިން އެ ގޮތުން އުފެދޭ ޝައްކުތައް ކީރިތި ރަސޫލާގެ ހަދީސްގައިވާ ގޮތުގެ މަތިން ފިލުވުމަކީ ގާޒީގެ މައްޗަށް ލާޒިމުކަމެކެވެ. އެފަދަ ޝައްކުތައް ފިލުވުމަށް މި ޒަމާނުގައި ތަފާތު އެކިއެކި ފޮރެންސިކް ވަސީލަތްތައް ތަރައްގީ ކުރެވިފައިވެއެވެ. އެފަދަ ވަސީލަތްތައް ބޭނުންކުރުމަކީ ޝައްކު ފިލުވޭނޭ އެންމެ ރަނގަޅު އެއް ވަސީލަތެވެ. ބައެއް މައްސަލަތަކުގައި ޑީ.އެން.އޭ އާއި އިނގިލީގެ ނިޝާން ފަދަ ތަކެއްޗަކީ ޝައްކުފިލުވައިދޭ ނުވަތަ އެހެނިހެން ހެކިތަކާއި ގަރީނާތަކަށް އިތުރު ކަށަވަރުކަމެއް ގެނެސްދޭ ނުވަތަ ކުށުގެ ތުހުމަތުން މުއްތަހަމް ބަރީއަކޮށްދޭ ގަރީނާތަކެވެ. އެހެންނަމަވެސް ޑީ.އެން.އޭ އާއި އިނގިލީގެ ނިޝާން ފަދަ ގަރީނާ ތަކަކީ އެ ގަރީނާތައް ކަށަވަރުކޮށްދޭ ބާރުދެނިވި ހެއްކާ ނުލައި ޒިނޭގެ ކުށް ސާބިތުކޮށް ދިނުމަށް ފުދޭނޭ ވަސީލަތްތަކެއް ނޫންކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ. މިއީ ގަރީނާ އަލް ޤާތިޢާ ސައްހަވުމަށް އިބްނު ޤައްޔިމް ފަދަ އިލްމުވެރިން ވެސް ކަނޑައަޅުއްވާފައިވާ ޝަރުތެކެވެ.

27HN1ހައްދުގެ ކުށްތަކަށް ލިބިގެންވާ ޚާއްސަ އެއް ސިފައަކީ ހައްދުގެ މައްސަލަތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތާއި، ހައްދުގެ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެނަމަ ކަނޑައެޅޭ އުގޫބާތަކީ ޝަރުއީ ނައްސުން އެއިގެ ނިސާބާއި، އުގޫބާތުގެ މިންވަރު ކަނޑައެޅިފައިވުމެވެ. އަދި ހައްދުގެ ކުށްތަކުގައި ފުރިހަމަވާންޖެހޭ އެންމެހައި ޝަރުޠުތައް ފުރިހަމަވެގެން މެނުވީ ހައްދު ގާއިމު ކުރުމަށް ޝަރުއީ ނައްސުތައް ހުއްދަ ނުކުރާކަމެވެ. ސުވާލަކީ، ހައްދުގެ ކުށެއް ސާބިތުވެ އުގޫބާތް ކަނޑައެޅުމަށް ޝަރީއަތުން ބަލާއިރު، ހައްދުގެ ކުށެއް ސާބިތުވުމުގައި ފުރިހަމަވުން ލާޒިމުކުރާ ޝަރުތެއް (އެއީ ހެކީގެ ނިސާބެއް، ކުށުގެ ރުކުނެއް، ކުށަށް ތުހުމަތު ކުރެވޭ މީހާގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތެއް ނަމަވެސް) އުނިވާ ހާލަތުގައި ތައުޒީރީ އަދަބެއް ދެވިދާނެ ހެއްޔެވެ؟ މި ސުވާލަށް ޝަރުއީ ނައްސުތައް ޖަވާބުދެނީ އީޖާބީކޮށެވެ. އެހެން ގޮތަކަށް ބުނާނަމަ، އެ ހާލަތުގައި ތައުޒީރީ އަދަބު ދިނުން ޝަރުއީ ނައްސުތަކުން ހުއްދަ ކޮށްފައިވެއެވެ.

28HN2HN3މަތީގައި މި ބަޔާންކުރި ސަބަބުތަކަށްޓަކައި އަހުރެންގެ ރައުޔަކީ ޑީ.އެން.އޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ، އެ ގަރީނާ އަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެ ނަމަ ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތުކުރުމަށް ފުދޭނޭ ވަސީލަތްތަކެއް ކަމެވެ. ނަމަވެސް އެ ހާލަތުގައި ކުށް ސާބިތުވި މީހާގެ މައްޗަށް ހައްދުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެ މީހާއަށް ދޭންވާނީ ތައުޒީރުގެ އަދަބެކެވެ. މިފަދަ މައްސަލަތަކުގައި އެއްވެސް ހާލެއްގައި ހައްދުގެ އަދަބު ދީގެންނުވާނެއެވެ. ސަބަބަކީ ޑީ.އެން.އޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ ޝުބްހައިގެ މަހައްލުން މުޅިން ނެއްޓިފައިވާ އެއްޗަކަށް ނުވާތީވެ، އެ ފަދަ ޝުބުހައެއް އޮންނަ ހާލަތުގައި ހައްދުގެ އަދަބު ދިނުމުން އެއްކިބާވުމަށް ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ވާތީއެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް ބަލާއިރު އެގޮތުން ދެވޭ ތައުޒީރުގެ އަދަބު ކަނޑައަޅަންވާނީ އެ ހާލަތުގައި ކަނޑައަޅާނޭ ތައުޒީރުގެ އަދަބެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ނަމައެވެ.

29ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީ.އެން.އޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށެވެ. ވީމާ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގައި ވެސް ޑީ.އެން.އޭ ފަދަ ގަތުއީ ގަރީނާތަކުން ހައްދުގެ ކުށް ސާބިތުކުރެވޭނެކަމަށް މި ގާނޫނުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާކަން އެނގެއެވެ. އަދި އިތުރަށް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) އިންނާއި (ބ) އިން އެނގެނީ ޒިނޭގެ ކުށް ސާބިތުކުރަނީ އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި (ހަރުދަނާ ގަރީނާއިން) ކަމަށްވާނަމަ އެމީހަކަށް ދޭނީ މި މާއްދާގައި ބަޔާންކޮށްފައިވާ ތައުޒީރީ އަދަބުކަމެވެ.

30ވީމާ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު ތައުފީޤު، ށ. ގޮއިދޫ، ނޫއަލި ފާޠިމަތު ޝަމީމާއާ އެކު ޒިނޭކުރިކަމަށް އިންކާރުކުރި ނަމަވެސް ފާޠިމަތު ޝަމީމާ 13 އޭޕްރީލް 2016 ގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހާފައިވާ އަންހެން ކުއްޖާއަކީ ފާޠިމަތު ޝަމީމާ މުޙައްމަދު ތައުފީޤުއާއެކު ބަދުއަޚްލާގީ އަމަލު ހިންގައި ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް ފާޠިމަތު ޝަމީމާ ބުނާތީ އާއި މި ކުއްޖާގެ ޑީ.އެން.އޭ އާއި މުޙައްމަދު ތައުފީޤުގެ ޑީ.އެން.އޭ އާއި ދިމާވާތީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ތައުފީޤުގެ މައްޗަށް ކުށް ސާބިތުވާކަމަށް ދެކެމެވެ.

އަދަބު ކަނޑައެޅުމުގެ ދަށް މިންގަނޑަކުން ޒިނޭގެ ކުށަށް އަދަބު ކަނޑައެޅިދާނެތޯ

31ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ ތަސައްވުރަކީ ޑީ.އެން.އޭ ފަދަ ބާރުގަދަ ގަރީނާގެ އެހީގައި އަދި އެއަށް ބާރުދެނިވި އެހެނިހެން ހެއްކާ ގަރީނާ ހުރެއްޖެ ނަމަ ހެކީގެ ދަށް މިންގަނޑަކުން ޒިނޭގެ ކުށް ސާބިތުވުމެވެ. ނަމަވެސް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ 4 ހެއްކިންގެ ބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ނޫންގޮތަކަށް ޒިނޭގެ ކުށް ސާބިތުވާނަމަ ކުށްކުރި މީހާގެ މައްޗަށް އަދަބު ކަނޑައަޅަންޖެހޭނީ، 4 ހެކިންގެ ބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ޒިނޭ ސާބިތުވާ މީހުންނަށް ދިނުމަށް އެމާއްދާގައި ބަޔާންކޮށްފައިވާ އަދަބުގެ މިންވަރަށްވުރެ ކުޑަ ތައުޒީރީ އަދަބެއް ކަމަށެވެ. މިއީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތް ކަމަށްވީ ނަމަވެސް، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވެފައިވަނީ، ޒިނޭގެ ކުށަކީ ކުރިން ބަޔާންކުރި ފަދައިން، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކުށަކަށްވާތީވެ، ޒިނޭގެކުށް ސާބިތުކުރުމަށް އިސްލާމީ ޝަރިއަތުގައި އޮތް މިންގަޑާއި ހަމަތަކާއި އެކުށަށް ކަނޑައެޅިފައިވާ އުގޫބާތް ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން ސާބިތުވާތީވެ، އިސްލާމީ ޝަރީއަތުގައި ޒިނޭކުރުމުގެ ކުށް ސާބިތުކުރުމަށް އޮތް މިންގަނޑާއި އުސޫލުތަކާއި ހަމަތަކުގެ ބޭރުން އެކުށް ސާބިތުކޮށް އުގޫބާތެއް ނުވަތަ އަދަބެއް ވިޔަސް ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ކަނޑައެޅުން ހުއްދަވެގެން ނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން އެ ގޮތަށް ކަނޑަނޭޅޭނެ ސަބަބެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށްވެފައި އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވާތީވެ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް ނުހެދޭނެތީ އާއި އަދި އެފަދަ ގާނޫނެއް ނުވަތަ ގަވާއިދެއް ވިޔަސް އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވާނަމަ އެ ޚިލާފުވާ މިންވަރެއް ބާތިލުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާތީ ކަމަށެވެ.

32HN4ހައްދާއި ގިސާސްގެ މައްސަލަތަކުގައި ހައްދުގެ އަދަބު ދޭންވާނީ އެއްވެސް ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާނަމަ ނުވަތަ އެހެން އިބާރާތަކުން ބުނާނަމަ އެކުށް ކުރިކަމަށް މުޅިން ޔަގީންވާނަމައެވެ. ގިނަ އިލްމުވެރިންގެ ރައުޔުގައި ހައްދުގެ ކުށެއް ކަމުގައިވާ ޒިނޭގެ މައްސަލަތަކުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރެވޭނީ ހަމައެކަނި އިއުތިރާފުން ނުވަތަ އަދުލުވެރި 4 ހެކިންގެ ހެކިބަހުންނެވެ. އަހުރެންގެ ރައުޔަކީ ވެސް މިއީ އެވެ. އިއުތިރާފުން ނުވަތަ 4 ހެކިންގެ ހެކިބަހުން ސާބިތުވެގެން ނޫންގޮތަކަށް ޒިނޭގެ މައްސަލަތަކުގައި ހައްދުގެ އަދަބު ދީގެންނުވާނެއެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި ހައްދާއި ގިސާސްގެ މައްސަލަތަކުގައި މުޅިން ޔަގީންވާ މިންވަރު ހާސިލު ކުރުމަކީ ވާނޭ ކަމެއް ނޫނެވެ. އެހެންކަމުން ހައްދާއި ގިސާސްގެ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް މީހަކު ކުށްކުރިކަމަށް ގާޒީއަށް ގަބޫލުކުރެވޭނަމަ ނުވަތަ ޔަގީނާ ގާތްކުރާ މިންވަރެއް ހާސިލުކުރެވޭނަމަ އެ ފަދަ މައްސަލަތަކުގައި ތައުޒީރުގެ އަދަބެއް ކަނޑައެޅުން ހުއްދައެވެ. އެހެންކަމުން މި މައްސަލައިގައި ޑީ.އެން.އޭ ގަރީނާއާއި އެ ގަރީނާއަށް ބާރުދެނިވި އަންހެންމީހާގެ ބަހުން މުޙައްމަދު ތައުފީޤުގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައެޅޭ ކުށެއް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ސާބިތުކުރުމަކީ އިސްލާމީ ޝަރީއަތުގައި ޒިނޭކުރުމުގެ ކުށް ސާބިތުކުރުމަށް އޮތް މިންގަނޑާއި އުސޫލުތަކާއި ހަމަތަކުގެ ބޭރުން ޒިނޭގެ ކުށް ސާބިތުކުރުން ކަމަށް އަހުރެން ނުދެކެމެވެ. އަދި މި ހާލަތުގައި އަދަބު ކަނޑައަޅަންވާނީ 4 ހެއްކިންގެ ބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ޒިނޭ ސާބިތުވާ މީހުންނަށް ދިނުމަށް އިސްލާމީ ޝަރިއަތުގައި ބަޔާންކޮށްފައިވާ އަދަބުގެ މިންވަރަށްވުރެ ދަށް މިންގަނޑަކުން ކަމަށް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮތްކަން ފާހަގަކުރަމެވެ. 4 ހެކިންގެ ބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ނޫންގޮތަކަށް ޒިނޭގެ ކުށް ސާބިތުވާނަމަ ކުށްކުރި މީހާގެ މައްޗަށް ކަނޑައަޅަންޖެހޭނީ 4 ހެއްކިންގެ ބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ޒިނޭ ސާބިތުވާ މީހުންނަށް ދިނުމަށް އެމާއްދާގައި ބަޔާންކޮށްފައިވާ އަދަބުގެ މިންވަރަށްވުރެ ދަށް މިންގަނޑަކުން ކަމަށް ގާނޫނުލް އުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮތީ އެ ހާލަތުގައި އެމީހަކަށް ތައުޒީރީ އަދަބެއް ދިނުމުގެ މަގްސަދުގައެވެ.

ހަތަރު ހެކިންގެ ބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ނޫންގޮތަކަށް ޒިނޭ ސާބިތުވާ މީހުންނަށް ހައްދުގެ އަދަބު ނުދެވޭ ހާލަތުގައި ތައުޒީރީ އަދަބު ދިނުން

33ހަތަރު ހެކިންގެ ބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ނޫންގޮތަކަށް ޒިނޭ ސާބިތުވާ މީހުންނަށް ތައުޒީރީ އަދަބު ދިނުމަކީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފުކަމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާތީވެ، މިކަމާ ގުޅޭގޮތުން އިސްލާމީ ޝަރީއާގައި ބަޔާންކުރާ ގޮތަކީ ކޮބައިތޯ އާއި އިސްލާމީ ދައުލަތްތަކުގައި އެ ގައުމުތަކުގެ ގާނޫނުން މިކަމަށް ޖަވާބު ދީފައިވާ ގޮތުގެ މައްޗަށް ތިރީގައި މި ބަލައިލަނީއެވެ.

34އެކިއެކި އިޖުރާއީ ސަބަބުތަކާހުރެ ޝުބްހަ އުފެދުމުގެ ސަބަބުން، ހައްދުގެ ކުށާއި ގިސާސްގެ ކުށްކުރާ މީހުންނަށް އެކުށްތަކަށް އިސްލާމީ ޝަރީއާގައި ކަނޑައަޅާފައިވާ އަސްލު އަދަބު ދެވެން ނެތް ހާލަތްތަކުގައި އެމީހުންގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައެޅުން އިސްލާމީ ޝަރީއާގައި ހުއްދަވެގެންވެއެވެ. މިގޮތުން ތައުޒީރީ އަދަބެއް ދިނުން ހުއްދަވާ އިޖުރާއީ ހާލަތުތަކަކީ ގިސާސްގެ ކުށްތަކުގައި ވާރުތަވެރިއަކު މައާފުދިނުން، އެކުށް ސާބިތުކުރުމަށް އިސްލާމީ ޝަރިއާގައި ޝަރުއުކުރައްވާފައިވާ މިންވަރަށް ހެކިން ނެތުން، ހައްދާއި ގިސާސްގެ ދައުވާތަކަށް އިއުތިރާފުވުމަށްފަހު އިއުތިރާފް އަނބުރާ ގެންދިއުން ނުވަތަ ކޮށްފައިވާ އަމަލުތަކަކީ ވަކިކުށަކާ ވައްތަރުކުށެއް ނަމަވެސް އެކުށުގެ ގާނޫނީ ތައުރީފުގެ ތެރެއަށް އެ އަމަލުތައް ނުފެތުން ފަދަ ހާލަތުތަކެވެ. ފަހުން މިބުނި ބާވަތުގެ ބައެއް މިސާލުތަކަކީ ތުހުމަތުކުރި އަމަލަކީ ޒިނޭއަކަށް ނުވުން، ނުވަތަ ފައިސާ ނުވަތަ މުދާ ނެގުން ވައްކަމަކަށް ނުވުން، އަދި އަބުރާބެހުން ގަޒްފުގެ ކުށަކަށް ނުވުން ފަދަ ހާލަތްތަކެވެ.

35އުސްމާނީ ދައުލަތުގައި ހެދި ފުރަތަމަ އިސްލާމީ ޝަރީއާގެ ޖިނާއީ ގާނޫނު ހަދާފައިވަނީ މުޙައްމަދު II (1451-81) ގެ ދައުރުގައެވެ. އަދި ސުލްތާން ސުލައިމާން 1( محتشم سليمان ) (1520-66) ގެ ދައުރުގައި މި ބުނެވުނު ގާނޫނު އިސްލާހުކޮށް، އެ ދުވަސްވަރު އެކުލަވާލެވުނު އުސްމާނީ ގާނޫނުގައި އެ ޖިނާއީ ގާނޫނު ހިމަނާފައިވެއެވެ. ޖިނާއީ ގާނޫނުތައް ބަޔާންކުރެވިފައިވަނީ މި ބަޔާންކުރެވުނު އުސްމާނީ ގާނޫނުގެ ޗެޕްޓަރ 1، 2، 3 އަދި 15 ގައެވެ. މި ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރ 1 ގައި ބަޔާންކޮށްފައިވަނީ ޒިނޭ އާއި އެއާ ގުޅުންހުރި ކުށްތަކެވެ. މިގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ގާޒީގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައިގައި ހައްދުގެ އަދަބު ކަނޑައެޅޭ މިންވަރަށް ހެކި ނެތްނަމަ ނުވަތަ އެނޫންވެސް ޝުބްހައެއް އޮތް ނަމަ، އެ މައްސަލައިގައި ތައުޒީރީ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ގާޒީއަށް ލިބިގެންވެއެވެ. (7، 20، އަދި 67 ވަނަ މާއްދާ).

36ޕާކިސްތާނުގައި ހުދޫދު ތަންފީޒުކުރުމުގެ ގޮތުން ހަދާފައިވާ ގާނޫނުތަކުގެ ތެރެއިން 10 ފެބްރުއަރީ 1979 ގައި ހަދާފައިވާ "އެންފޯސްމަންޓް އޮފް ހުދޫދް އޯޑިނަންސް" (1979 ގެ VII) ގެ ފެށުމުގައި ބުނެފައިވަނީ އެ އޯޑިނަންސް އަކީ ޒިނޭގެ ކުށާ ބެހޭ ގޮތުން އިސްލާމީ ޝަރިއަތުގައި ހުރި ހުކުމްތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި ޕާކިސްތާނުގައި ޒިނޭގެ ކުށާބެހޭ ގޮތުން އަމަލުކުރަމުންދާ ގާނޫނުތައް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތާ އެއްގޮތް ކޮށް އެ ހުކުމްތައް ޕާކިސްތާނުގައި ތަންފީޒުކުރުމަށް ހަދާފައިވާ އޯޑިނަންސްއެއް ކަމަށެވެ. މި އޯޑިނަންސްގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ ޒިނޭ ނުވަތަ ރޭޕްގެ މައްސަލަތަކުގައި ހެކިބަސްދޭން ތިބި ހަތަރު ހެކިންގެ ތެރެއިން އެކަކު އޭނާގެ ހެކިބަސް އަނބުރާ ގެންގޮސްފިނަމަ އެ މާއްދާގެ 4 ވަނަ ނަންބަރުގެ ދަށުން މުއްތަހަމުގެ މައްޗަށް ހައްދުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެ ހާލަތުގައި ލިބިހުރި ހެކިތަކުގެ މައްޗަށް ބަލައިގެން ކަނޑައަޅަންވާނީ ތައުޒީރުގެ އަދަބެއް ކަމަށެވެ. މީގެ އިތުރުން މި އޯޑިނަންސްގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ޒިނޭކުރި ފިރިހެން މީހާއަކީ 18 އަހަރު ނުވާ މީހެއްނަމަ ނުވަތަ އަންހެން މީހާއަކީ 16 އަހަރު ނުވާ މީހެއްނަމަ، އެ މީހުންގެ މައްޗަށް ހައްދުގެ އަދަބު ތަންފީޒު ނުކުރެވޭނެ ކަމަށާއި އެ މީހުންނަށް ކަނޑައަޅަންޖެހޭނެ އަދަބަކީ ޖަލަށްލުމުގެ އަދަބު ކަމަށެވެ. މާނައަކީ ތައުޒީރުގެ އަދަބު ކަމަށެވެ.

37ހައްދުގެ އަދަބުތައް ތަންފީޒުކުރުމުގެ ގޮތުން ބުރުނާއީ ދާރުއްސަލާމުގައި 2013 ވަނަ އަހަރު ހަދައި 2019 ވަނަ އަހަރު އަމަލުކުރަން ފެށި ޝަރިއާ ޕީނަލް ކޯޑުގެ 69 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގައި ގައި ބުނެފައިވަނީ އިއުތިރާފު ނުވަތަ 4 ހެކިންގެ ހެކިބަހުން މުހްސަންއެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެއްޖެ ނަމަ އެ މީހެއްގެ އަދަބަކީ ރަޖަމްކުރުން ކަމަށެވެ. އަދި އިއުތިރާފު ނުވަތަ 4 ހެކިންގެ ހެކިބަހުން ޣައިރުމުހްސަން އެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެއްޖެ ނަމަ އެމީހެއްގެ އަދަބަކީ 100 އެތިފަހަރު އެމީހާގައި ޖެހުމާއެކު 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ. އަދި 69 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބުނެފައިވަނީ އިއުތިރާފު ނުވަތަ 4 ހެކިންގެ ހެކިބަހުން ނޫން ހެއްކަކުން މުހްސަންއެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެއްޖެ ނަމަ އެ މީހެއްގެ އަދަބަކީ އެމީހާގައި 30 އެތިފަހަރަށްވުރެ އިތުރު ނުވާނޭ އަދަދަކަށް ޖެހުމާއި 7 އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އިއުތިރާފު ނުވަތަ 4 ހެކިންގެ ހެކިބަހުން ނޫން ހެއްކަކުން ޣައިރުމުހްސަންއެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެއްޖެ ނަމަ މީހެއްގެ އަދަބަކީ އެމީހާގައި 15 އެތިފަހަރަށްވުރެ އިތުރު ނުވާނޭ އަދަދަކަށް ޖެހުމާއި 3 އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

38އިސްލާމިކް ރިޕަބްލިކް އޮފް އިރާންގެ އިސްލާމީ ޕީނަލް ކޯޑް ގެ 68 ވަނަ މާއްދާގައި ބުނެފައިވަނީ ފަނޑިޔާރުގެ ކުރިމަތީގައި މުއްތަހަމް 4 ފަހަރަށް ޒިނޭގެ ކުށަށް އިއުތިރާފުވެއްޖެ ނަމަ އެމީހަކަށް ހައްދުގެ އަދަބު ދޭންވާނެ ކަމަށެވެ. އަދި ފަނޑިޔާރުގެ ކުރިމަތީގައި މުއްތަހަމް ޒިނޭގެ ކުށަށް އިއުތިރާފުވީ 4 ފަހަރަށްވުރެ މަދު އަދަދަކަށް ކަމަށްވާނަމަ އެ މީހެއްގެ މައްޗަށް ކަނޑައަޅާނީ ތައުޒީރުގެ އަދަބެއް ކަމަށެވެ.

39ސައުދީ އަރަބިޔާގައިވެސް އަމަލުކުރަނީ މި ގޮތަށެވެ. މިސާލެއްގެ ގޮތުން ހިރާބާގެ ކުށުގައި 1982 ގެ ޝާހީ ގަރާރުގެ ދަށުން ދައުވާ އުފުލުނު މުއްތަހަމުން އެމީހުން ކުށްކުރި ކަމަށް އިއުތިރާފުވުމަށްފަހު، އެމީހުން ކުރިން ވެފައިވާ އިއުތިރާފުން ޝަރިއަތުގެ މަޖިލީހުގައި ރުޖޫއަވެ، އެ މީހުން ކުށަށް އިއުތިރާފުވީ އެ މީހުންނަކީ ލިޔެކިޔަން އެނގޭ ބަޔަކަށް ނުވާތީ ބަޔާނުގައިވާ އެއްޗެއް ރަނގަޅަށް ނޭނގިކަމަށް ބުނުމުން، ހައްދުގެ އުގޫބާތް (މަރުގެ އަދަބު ނުވަތަ އަރިހުރަހަށް އަތްފައި ކެނޑުން) ދެވެން ނެތުމުން އެމީހުންގެ މައްޗަށް ކަނޑައަޅާފައިވަނީ ތައުޒީރުގެ އުގޫބާތެކެވެ. އެއީ 5 އަހަރަށް ޖަލަށް ލުމާއި ތިން ފަހަރެއްގެ މަތިން 500 އެތިފަހަރުން ޖަލްދުކުރުމެވެ.

40މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، ހައްދުގެ ކުށާއި ގިސާސްގެ ކުށްކުރާމީހުންނަށް އެކުށްތަކަށް އިސްލާމީ ޝަރީއާގައި ކަނޑައަޅާފައިވާ އަސްލު އަދަބު ދެވެން ނެތް ހާލަތްތަކުގައި އެމީހުންގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައެޅުން އިސްލާމީ ޝަރީއާގައި ހުއްދަވެގެންވާކަން އެނގެއެވެ. ވީމާ، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމުގައި ބަލައި، އެ ކުށަށް އެ މާއްދާގެ ދަށުން ތައުޒީރީ އަދަބެއް ދިނުމަށް ކަނޑައަޅާފައި އޮތް އޮތުމަކީ އެ މާއްދާ އިސްލާމީ ޝަރީއާއާ ޚިލާފުވާ ސަބަބެއްކަމަށް އަހުރެން ނުދެކެމެވެ.

ޒިނޭގެ މައްސަލަތަކުގައި ދައުވާކުރެވޭނީ ހަމައެކަނި ޖިންސީ ކުށުގެ ގާނޫނުގެ ދަށުންތޯ

41އިސްތިއުނާފުކުރެވޭ ގަޒިއްޔާގެ ހުކުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ ޒިނޭގެ ކުށަށް ދައުވާކުރެވޭނީ ހަމައެކަނި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެގޮތުން، ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ޒިނޭގެ ކުށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ކަނޑައަޅާފައިވާއިރު، ހަމަ އެކުށް ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައިވެސް ކަނޑައަޅާފައިވާތީ އާއި، މި ދެ ގާނޫނުގައިވެސް ޒިނޭގެ ކުށަށް އަދަބު ކަނޑައަޅާފައިވާތީވެ، ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާއަށް ބަލާއިރު، ޒިނޭކުރުމުގެ ކުށުގެ ތުހުމަތުގައި މުޙައްމަދު ތައުފީޤުގެ މައްޗަށް މި މައްސަލައިގައި ދައުވާކޮށް އަދަބު ކަނޑައަޅަންޖެހޭނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކަމަށެވެ. ސަބަބަކީ ޖިނާއީ ޚާއްސަ ގާނޫނުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ މައްޗަށް އިސްކަން ލިބިގެންވާ ގާނޫނުތަކެއްކަން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުން ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

42HN5ތެދެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ގޮތުން ވަކި އަމަލުތަކެއް ތަޖުރީމުކުރުމަށް ޚާއްސަ ޖިނާއީ ގާނޫނެއް ހަދާފައިވާ ނަމަ، އަދި އެކުށްތައް ގާނޫނުލްއުގޫބާތުގައިވެސް ބަޔާންވެގެންވާނަމަ، އެ ހާލަތުގައި އެކުށްތަކަށް ދައުވާކުރަންވާނީ އެގޮތުން ހަދާފައިވާ ޚާއްސަ ގާނޫނުގެ ދަށުންނެވެ. ނަމަވެސް ގާނޫނުލްއުގޫބާތުގައި ކުށެއް ނުވަތަ ކުށްތަކެއް ބަޔާންކޮށްފައިވާ މައުލޫއަކަށް ޚާއްސަ ޖިނާއީ ގާނޫނެއް ހަދާފައިވާ ހާލަތުގައި، އެ ޚާއްސަ ޖިނާއީ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ނުހިމެނޭ، އެ މައުލޫއާ ގުޅޭ އިތުރުކުށެއް ނުވަތަ ކުށްތަކެއް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ނަމަ އެ ފަދަކުށްތަކަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރުމަށް ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާ ހުރަހެއް ނާޅައެވެ. އެއީ ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާގެ މަގްސަދެއްވެސް ނޫނެވެ.

43HN6މި ނުކުތާގައި މި ބަޔާންކުރާ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާ އަޅައިކިޔާއިރު، ދެ ގާނޫނުގައިވެސް ހައްދުގެ ކުށެއް ކަމަށްވާ ޒިނޭގެ ކުށާއި އެ ކުށުގެ އަދަބު ބަޔާންކޮށްފައިވެއެވެ. ނަމަވެސް ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާއާ ޚިލާފަށް، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާއަށް ބަލާއިރު ޒިނޭގެ ކުށާއި އެކުށަށް ދޭންވާ ހައްދުގެ އަދަބު ބަޔާންކުރުމުގެ އިތުރުން، ހެކީގެ މިންގަނޑަށް ނިސްބަތްކޮށް ތައުޒިރީ އަދަބުތަކެއް ކަނޑައެޅުން ހުއްދަކުރާ ކުށްތަކެއް ނުވަތަ ހާލަތުތަކެއް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުން ހިމަނާފައިވެއެވެ. ހެކީގެ މިންވަރަށް ބަލައި އެފަދަ ތައުޒީރީ އަދަބު ދެވޭނެ ހާލަތުތަކެއް ޖިންސީކުށުގެ ގާނޫނުގައި ހިމަނާފައި ނުވެއެވެ. އެހެންކަމުން، ޖިންސީ ކުށުގެ ގާނޫނުގައި ހިމަނާފައިވާ ކުށްތަކުގެ އިތުރުން، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށް، ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރުމަށް ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާ ހުރަހެއް ނާޅައެވެ.

44މި މައްސަލައިގައި މުޙައްމަދު ތައުފީޤުގެ މައްޗަށް ދައުލަތުން ޒިނޭގެ ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުންކަން އެނގެއެވެ. ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ ހަރުދަނާ ގަރީނާއަކުން ކަމަށްވާނަމަ އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށެވެ. ވީމާ މިއީ ޖިންސީ ކުށުގެ ގާނޫނުނުގައި ބަޔާންކޮށްފައިވާ ކުށެއް ކަމަށް ނުވާތީވެ، އަދި ޖިންސީކުށުގެ ގާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމުގައިވެސް ނުވާތީވެ، މުޙައްމަދު ތައުފީޤުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ޒިނޭގެ ކުށުގެ ދައުވާކުރުމަށް ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާ ހުރަސް އަޅާ ކަމަށް ނުފެނެއެވެ.

ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީ.އެން.އޭ ހެކި ބޭނުންކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ ނަސަބު އޮޅިގެން ހިނގައިދާނެތޯ

45އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވަނީ، ފާޠިމަތު ޝަމީމާ 13 އޭޕްރިލް 2016 ގައި ވިހެއި ކުއްޖާއަކީ، މުޙައްމަދު ތައުފީޤުއާ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް، ފާޠިމަތު ޝަމީމާ ބުނާ ބުނުމާއި، ފާޠިމަތު ޝަމީމާ ވިހެއި ކުއްޖާގެ ޑީއެންއޭ އާއި މުޙައްމަދު ތައުފީޤުގެ ޑީއެންއޭ އާ ދިމާވުމުގެ މައްޗަށް ކަމަށްވާތީވެ، މުޙައްމަދު ތައުފީޤުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޒިނޭކުރުމުގެ ކުށުގެ ދައުވާ ހަމަ އެކަނި ފާޠިމަތު ޝަމީމާ ބުނާ ބުނުމާއި، ޑީއެންއޭ ހެކީގެ މައްޗަށް ބިނާކޮށް ސާބިތުވާކަމަށް ކަނޑައެޅިއްޖެނަމަ، ފާޠިމަތު ޝަމީމާ 13 އޭޕްރިލް 2016 ގައި ވިހެއި ކުއްޖާގެ ނަސަބާ ގުޅޭގޮތުން (އެބަހީ ކުއްޖާގެ ޝަރުއީ ބަލަދުވެރި ފަރާތާ މެދު) ޝަރުއީ އަދި ގާނޫނީ ގޮތުން، ސާފުވާންޖެހޭ އެތައްކަމެއް އެކަމުގެ މައްޗަށް ތަރުތީބުވެގެން އަންނާނެތީވެ، މި މައްސަލައިގައި ޝަރީއަތުން ނިންމާ ނިންމުމެއްގެ ސަބަބުން މައްސަލައިގައި ނުހިމެނޭ މައުސޫމް ކުޑަ ކުއްޖެއްގެ ހައްގަށާއި މަސްލަހަތަށް އެކުއްޖާގެ ދުނިޔަވީ މުޅި ހަޔާތުގައި އިއާދަނުކުރެވޭ ފަދަ އެތައްކަމެއް މެދުވެރިގެން ދާނެކަމަށެވެ.

46މިގޮތުން، ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ފާޠިމަތު ޝަމީމާ13 އޭޕްރިލް 2016 ގައި ވިހެއި ކުއްޖާ އަކީ ޝަރުއީ ގޮތުން ސައްހަ ކައިވެންޏެއްގެ މަތީގައި ތިބެ، ސައްހަ ވަޠުއެއް ވުމަށްފަހު، (ފަހުން ކައިވެނި ރޫޅިފައިވީނަމަވެސް) ޝަރީއަތާއި ގާނޫނީ ހަމަތަކުގެ މަތީން ދަރި ލައްވާ މުއްދަތުގައި ވިހައިފައިވާ ކުއްޖެއް ކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ހުށަހެޅިފައިވާ ޑީއެންއޭ ތަހުލީލުގެ މައްޗަށް ބިނާކޮށް ޒިނޭގެ ކުށް ސާބިތުވާކަމަށް ކަނޑައެޅިއްޖެނަމަ އެ ކުރެވޭ ކަމަކީ ފާޠިމަތު ޝަމީމާ ވިހެއި ކުއްޖާއަކީ އޭނާގެ ޝަރުޢީ ގާނޫނީ ހަމަތަކުން އެ ކުއްޖާގެ ބައްޕަކަމަށް ބެލުން ލާޒިމުވާ ފަރާތަކީ އެކުއްޖާގެ ބައްޕަނޫން ކަމަށް ކަނޑައެޅިގެން ދިއުން ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ނަޒަރުގައި އެއީ ޝަރުއީ އަދި ގާނޫނީ ގޮތުން ނަސަބު ނަފީކުރުމަށް އިސްލާމީ ޝަރީއާގައި ގޮތް ކަނޑައަޅާފައިވާ ނައްސުތައް އިހުމާލުކޮށްލުމެކެވެ. އެގޮތުން އިހުމާލުކުރެވޭ ނަސަބު ނަފީކުރުމާބެހޭ ޝަރުއީ ނައްސުތައް ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ބަޔާންކުރަނީ، ޝަރުއީ ކައިވެންޏަކުން ގުޅިފައިވާ ދެމީހެއްގެ މެދުން އުފަންވާ ދަރި އެކުއްޖާގެ ބައްޕަ އަށް ނިސްބަތްވުމާ ބެހޭގޮތުން އިސްލާމީ ޝަރީއާގައިވާ ނައްސުތައް ކަމަށެވެ.

47ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ފާޠިމަތު ޝަމީމާ 13 އޭޕްރިލް 2016 ގައި ވިހެއި ކުއްޖަކީ، ފާޠިމަތު ޝަމީމާ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކޮށްފައިވާ ސައްހަ ކައިވެންޏެއްގެ މަތީގައި ސައްހަ ވަތުއުއެއް ވުމަށްފަހު (ފަހުން ވަރިކޮށްފައިވީ ނަމަވެސް) ޝަރީއަތާއި ގާނޫނުގައި ބަޔާންކުރާ ދަރިލެއްވުމުގެ މުއްދަތުގައި ވިހާފައިވާ ކުއްޖެއް ކަމަށެވެ. އެގޮތުން ފާޠިމަތު ޝަމީމާގެ ފިރި ހދ. ކުޅުދުއްފުށި، ކަމަރާގެ، އަސްޢަދު އިސްމާޢީލް ، ފާޠިމަތު ޝަމީމާ ވަރިކޮށްފައިވަނީ، 2015 ޑިސެންބަރު 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި، އަސްޢަދު އިސްމާޢީލް، ފާޠިމަތު ޝަމީމާ ވަރިކުރުމުގެ ކުރިން ފާޠިމަތު ޝަމީމާއާ އެންމެފަހުން އަނބިފިރި ކަމުގެ ގުޅުން ހިންގާފައިވަނީ، 2015 އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ކަމަށާއި މިކަން ކަން 27 މާރިޗު 2016 ގައި އަސްޢަދު އިސްމާޢީލް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުން އެނގެން އޮންނަ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. އިތުރަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ބުނެވިދިޔަ ތާރީޚްތަކުގައިވާ ހަގީގަތްތަކުގެ މައްޗަށް ބެލުމުން ފާޠިމަތު ޝަމީމާ 13 އޭޕްރިލް 2016 ގައި ވިހެއި ކުއްޖާ އަކީ، އަސްޢަދު އިސްމާޢީލުގެ ކުއްޖެއް ނޫންކަމަށް ބުނެ އެކަމުގެ މައްޗަށް ދަރި ނަފީކުރުމުގެ ގޮތުން، ޝަރުޢީ ޤާނޫނީ ހަމަތަކުގެ މަތީން ޝަރުޢީ ކޯޓެއްގައި ލިޢާން ނުކުރާހާ ހިނދަކު، ފާޠިމަތު ޝަމީމާ ވިހެއި ކުއްޖާގެ ނަސަބު ގުޅޭ ފަރާތަކީ ނުވަތަ ކުއްޖާގެ ބައްޕައަކީ ހދ. ކުޅުދުއްފުށި، ކަމަރާގެ، އަސްޢަދު އިސްމާޢީލް ކަން ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަމަށެވެ. އިތުރަށް ހައިކޯޓުން ބުނެފައިވަނީ، އިސްލާމީ ޝަރީއާގައި ދަރި ނަފީކުރުމަށް ލިއާންކުރުން ފިޔަވައި އިތުރު އެހެން މަގެއް ދައްކާފައި ނުވާ ކަމަށެވެ. އަދި ނަސަބު ސާބިތުކޮށް ނަފީކުރުމުގައި، ޑީއެންއޭ އަކީ ހުއްޖަތެއް ނޫންކަމަށް އިސްލާމީ ޖުމްހޫރު ފިގުހު އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ކަމަށާއި، އަދި ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހަރާމް ކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން ކަނޑައަޅައިފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

48މި މައްސަލަ އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ޑީއެންއޭ ހެކި ބޭނުންކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ ނަސަބު އޮޅިގެން ހިނގައިދާނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވީ ނަމަވެސް ނަސަބު ސާބިތުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ތެރެއިން ހިނގާކަމެއް ނޫންކަމަށެވެ. އަދި މިބާވަތުގެ މައްސަލަތަކުގައި ނިންމާ ނިންމުމަކުން ކުއްޖާގެ ނަސަބުގެ ހައްގަކަށް އެއްވެސް މިންވަރަކަށް އަސަރެއް ނުކުރާނެއެވެ. އަދި މި މައްސަލައިގައި ޑީއެންއޭ ހެކި ބޭނުންކުރުމަކީ ވަކިގޮތަކަށް ނަސަބު ސާބިތުވާ ކަމެއް ނޫން ކަމަށެވެ.

49ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިތުރަށް ބުނެފައިވަނީ ކުއްޖާގެ ނަސަބު ސާބިތުކުރުމުގެ މައްސަލައަކީ ވަކި މައްސަލައެއް ކަމަށާއި އެ މައްސަލަ ސާބިތުކުރަން ހުންނަ ޝަރުއީ އަދި ގާނޫނީ އުސޫލުތައްވެސް ތަފާތު ކަމަށާއި ތަންމައްޗަށް ދަރިލެއްވުމުގެ ގާއިދާއަކީ ޝަރުއީ ގޮތުން އިސްތިގުރާރުވެފައިވާ އުސޫލެއް ކަމަށެވެ. އަދި އެ އުސޫލު ޑީއެންއޭ ހެކީގެ މައްޗަށް އިސްވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައި ވެއެވެ. ވީމާ މި މައްސަލައިގައި ނިންމާ ގޮތެއްގެ މައްޗަށް ކުއްޖާގެ ނަސަބާބެހޭގޮތުން ޝަރުއީ ގޮތުން ގޮތެއް ނިންމުނީ ކަމަށް ނުވާނެއެވެ. މިސާލަކަށް ރޭޕްކުރުމުގެ މައްސަލައެއްގައި ޑީއެންއޭ ހެކި ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ރޭޕުގެ އަމަލުގެ ތެރެއިން ކުއްޖަކު ވިހާފައިވާ ނަމަ އެކުއްޖާގެ ނަސަބު އެ މައްސަލައިގައި ތުހުމަތުވާ މީހާގެ މައްޗަށް ނުލައްވާނެކަމަށެވެ.

50HN7ޒިނޭގެ ކުށުގެ ތެރެއިން ކުއްޖަކު ވިހާފައިވާނަމަ އެކުއްޖާގެ ނަސަބު އެ ކުއްޖާގެ ބައޮލޮޖިކަލް ބައްޕައަށް ނިސްބަތް ނުވާނެއެވެ. އަދި އެ ހާލަތުގައި އެދެމެދުގައި ތަރިކައިގެ ގަވާއިދުތައްވެސް ނުހިނގާނެއެވެ. ޒިނޭގެ ކުށްކުރި ދެ ޚަސްމުން ފަހުން ކައިވެނި ކުރި ނަމަވެސް މަތީގައި މި ބަޔާންކުރި އުސޫލުތަކަށް ބަދަލެއް ނާންނާނެއެވެ. މީގެ އިތުރުން ސައްހަ ކައިވެންޏެއްގެ މަތީގައި ދެމަފިރިއަކު ވަނިކޮށް އަނބިމީހާ އެހެން ފިރިހެނަކާ އެކު ޖިމާއުވެ ޒިނޭގެ ދަރިއަކު ލިބުނު ނަމަވެސް ޒިނޭގެ ކުށް ސާބިތުވުމުގެ ސަބަބުން އެ ދެމަފިރިންގެ ކައިވެނި އޮޓަމެޓިކުން ނިމުމަކަށް ނާންނާނެއެވެ. އަދި ޒިނޭގެ ސަބަބުން ލިބުނު ކަމަށް ބުނާ ކުއްޖާގެ ނަސަބުވެސް އެ އަންހެން މީހާ އިނދެގެން ހުރި ފިރިހެން މީހާގެ ކިބައިން އޮޓަމެޓިކުން ކެނޑިގެން ނުދާނެއެވެ.

51ވީމާ، މި މައްސަލައިގައި ހުށަހެޅިފައިވާ ޑީއެންއޭ ތަހުލީލުގެ މައްޗަށް ބިނާކޮށް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުށް ސާބިތުވާކަމަށް ކަނޑައެޅިއްޖެނަމަ އެ ކުރެވޭ ކަމަކީ ފާޠިމަތު ޝަމީމާ ވިހެއި ކުއްޖާއަކީ އޭނާގެ ޝަރުޢީ ގާނޫނީ ހަމަތަކުން އެ ކުއްޖާގެ ބައްޕަކަމަށް ބެލުން ލާޒިމުވާ ފަރާތަކީ އެކުއްޖާގެ ބައްޕަނޫން ކަމަށް ކަނޑައެޅިގެން ދިއުން ކަމަށް ހައިކޯޓުގެ ހުކުމުގައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައި އޮތް އޮތުމަކީ ޝަރުއީ އެއްވެސް ދަލީލެއްގެ މައްޗަށް އޮތް ވާހަކައެއް ކަމަށް ނުދެކެމެވެ.

ނިންމުން

52މި މައްސަލައިގައި ދައުލަތުން މުޙައްމަދު ތައުފީޤުގެ މައްޗަށް، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ޒިނޭކުރުމުގެ ކުށުގެ ދައުވާ ކުރިގޮތަކީ ގާނޫނީ ގޮތުން ސުވާލުއުފެދޭ ކަމެއް ކަމަށް ނުދެކެމެވެ. އަދި މި މައްސަލައިގައި، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ތައުފީޤުގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ޑީއެންއޭ ހެއްކަކީ އެއަށް ބާރުދެނިވި އިތުރު ގަރީނާ ހުރި ނަމަ، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުށް ސާބިތުކުރުމަށް ބަލައިގަންނަންޖެހޭ ހެއްކެއް ކަމަށްވެސް ދެކެމެވެ.

53ވީމާ، މަތީގައި މި ބަޔާންކުރެވުނު އުސޫލުތަކުގެ އަލީގައި، މި މައްސަލަ އަލުން ބެލުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

54މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

55މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމުން:

(1) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/352 ގަޒިއްޔާގެ ހުކުމާއި އެގަޒިއްޔާގައި އިސްތިއުނާފުކުރެވުނު ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 05/M8C/2017 ގަޒިއްޔާގެ ހުކުމް ބާތިލުކުރުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

(2) މި މައްސަލައިގައި ދައުލަތުން މުޙައްމަދު ތައުފީޤުގެ މައްޗަށް، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން ޒިނޭކުރުމުގެ ކުށުގެ ދައުވާ ކުރިގޮތަކީ ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާއާ ޚިލާފު ގޮތެއް ނޫންކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

(3) މި މައްސަލައިގައި، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ތައުފީޤުގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ޑީއެންއޭ ހެއްކަކީ އެއަށް ބާރުދެނިވި ހަރުދަނާ ގަރީނާ ހުރި ނަމަ، ބަލައިގަންނަންޖެހޭ ހެއްކެއް ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

(4) މި ހުކުމްގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ އަލީގައި، މި މައްސަލަ އަލުން ބެލުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލު ކުރުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދު)ރިޔާސަތު(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 18 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ހ) ގެ (1)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ބ)
  • ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 27 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ