އިޒާމް ޒާހިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން، ޝަކުވާކުރި މީހާގެ ބަހަށް މަންޒަރު ލޮލަށް ފެނުނު 2 ހެކިންގެ ހެކިބަހާއި ހަށިގަނޑުގެ އެހެން ބައިތަކުން ނެގި ސާމްޕަލްތަކުގެ ޑީ.އެން.އޭ ނަތީޖާއިން ބާރުލިބޭތީ ކުށް ސާބިތުކޮށް، 15 އަހަރުގެ ޖަލު އަދަބު ކަނޑައެޅި.
- ވާޤިޢާ
- 2018 ގައި ރަށެއްގެ ގެއެއްގެ ކޮޓަރިއެއްގައި އަންހެނަކު ރޭޕްކުރިކަމަށް ބުނެ، ޖިންސީ ކުށުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ (ނ) ގެ ދަށުން ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ދައުލަތުން ދައުވާކުރި؛ ތުހުމަތުކުރެވޭ ފަރާތް ދައުވާއަށް އިންކާރުކުރި.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިންސީ ކުށުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ރޭޕްކުރުމުގެ ކުށް ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުކޮށްފައިވަނީ، ފަރުޖުން ޑީ.އެން.އޭ ނުފެނުނުއިރު، ޖިންސީ ކުށުގެ ޤާނޫނާއި ސުޕްރީމް ކޯޓުގެ 2021/SC-A/83 (މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހެކީގެ ހަމަތަކާ އެއްގޮތަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ފަރުޖުން ޑީ.އެން.އޭ ނުފެނޭތީއާއި ހެކިންނަށް ޕެނިޓްރޭޝަން ނުފެންނާތީ ވެއްދުން ސާބިތުނުވާކަމަށާއި، 2021/SC-A/83 ގެ އުސޫލާ ޚިލާފުކަމަށާއި، ޝަކުވާކުރި މީހާގެ ބަހުގެ ކޮލިޓީއާ މެދު ސުވާލު އުފެދޭކަމަށް. ދައުލަތުން ބުނީ ހެކީގެ ލުއި މިންގަނޑެއް އޮތްކަމަށާއި، ޑީ.އެން.އޭ އާއި ލޮލަށް ފެނުނު 2 ހެކިން ހުރިކަމަށާއި، ވެޖައިނަލް ސާމްޕަލުން ޑީ.އެން.އޭ ނުފެނުމަކީ ކުށް ސާބިތުކުރުމަށް ހުރަހެއް ނޫންކަމަށް.
- ކޯޓުގެ ސަބަބުތައް
- އަޣުލަބިއްޔަތުން ދެކުނީ ޝަކުވާކުރި މީހާގެ ބަސް ތަޙްޤީޤާއި ޝަރީޢަތުގައި ފުށުނާރާ ގޮތަށް އޮތްކަމާއި، ހެކިންގެ ބަހާއި ޑީ.އެން.އޭ ތަޙްލީލުން އެ ބަހަށާއި ރުހުން ނެތްކަމަށް ބާރުލިބޭކަމާއި، ވެޖައިނަލް ސްވޮބުން ޑީ.އެން.އޭ ނުފެނުމަކީ ކަން ނުހިނގާކަމުގެ ދަލީލެއް ނޫންކަމާއި، 52 ވަނަ މާއްދާގެ ހެކީގެ ވަކި އަދަދެއް ހަމަވާންޖެހޭ ކަމެއް ނެތްކަމެވެ. ޚިލާފު ރައުޔުގައި ދެކުނީ ވެއްދުމާއި ރުހުން ނެތްކަމާ މެދު ހެކިން ދިން ހެކިބަހާއި ޑީ.އެން.އޭ ޤަރީނާ ޝަކުވާކުރި މީހާގެ ބަހާ ގުޅުވާލެވޭވަރަށް ނެތްކަމަށެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 1010/Cr-C/2025
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (2-1 އަޣުލަބިއްޔަތުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޖިންސީ ކުށުގެ ޤާނޫނުގައި ރޭޕްގެ ކުށް ސާބިތުކުރުމަށް ބަޔާންކުރާ މިންގަނޑަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތުމުގެ މިންގަނޑެވެ. (ޕެރ. 25، 28.1، 47)
ޖިންސީ ކުށުގެ ޤާނޫނުގައި ރޭޕްގެ ކުށް ސާބިތުކުރުމަށް އޮތީ ހެކީގެ ލުއި މިންގަނޑެކެވެ. އެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހެކީގެ ބާވަތްތަކުގެ ތެރެއިން މަދުވެގެން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރެއްޖެނަމަ، އަދި 53 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ދިމާނުވާނަމަ، އެ ހެއްކަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުން ކުށް ސާބިތުކުރެވޭނެ ހެކި ކަމުގައި އެވަނީ ބަޔާންކޮށްފައެވެ. (ޕެރ. 22، 28.2)
ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު (2019/SC-A/77) ޤަޟިއްޔާގައި ކަނޑައެޅިފައިވާ ސާބިތުކުރުމުގެ އުސޫލުތައް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ދައުވާކުރާ ރޭޕްގެ ކުށް ފަދަ ކުށްތައް ސާބިތުކުރުމުގެ ބޭނުމަށް ބޭނުންކުރެވޭނެއެވެ؛ މިބާވަތުގެ މައްސަލަތަކުގައި އެ ޤަޟިއްޔާގައި ކަނޑައެޅިފައިވާ ހެކިބަހުގެ ހަމަތަކަށް ރިޢާޔަތްކުރެވޭނެއެވެ. (ޕެރ. 24، 28.3، 51)
ހާދިސާ ހިނގިތަން ލޮލަށް ފެނުނު މީހަކު ނެތް ނަމަވެސް، އަނިޔާލިބުނު ފަރާތާމެދު ކަންވީގޮތް ކަމަށް އޭނާ ކިޔައިދޭ ކިޔައިދިނުން ނުވަތަ އެ އަންހެން މީހާގެ ހެކިބަހަކީ، އެއީ މައިގަނޑު އަސާސްކަމަށް ބަލައިގެން، އަދި އިތުރު ހެއްކާއި ޤަރީނާއިން އެ ހެކިބަހަށް ބާރުލިބިދޭނަމަ މިފަދަ މައްސަލަތައް އެ މިންވަރުން ސާބިތުކުރެވޭނެއެވެ. (ޕެރ. 28.5، 52)
ޖިންސީ ކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހަކީ އެންމެ ބުރަދަން ހުރި ހެއްކެވެ. އެ ހެކިބަހުގެ މައްޗަށް ބުރަވެ އެފަދަ މައްސަލައެއްގައި މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެނަމަ ނުވަތަ އެ ހެއްކަށް ބާރުދޭ އެހެނިހެން ޤަރީނާ ހުރެއްޖެނަމަ، ރޭޕްގެ ކުށް ސާބިތުކުރަން ފުދެއެވެ. (ޕެރ. 28.4، 53)
ޑީ.އެން.އޭ ހެއްކަކީ އެ ހެކި އެކަނި އޮވެގެން ރޭޕްގެ ކުށް ސާބިތުވާނޭ ހެއްކެއް ނޫނެވެ. ރޭޕްގެ ކުށް ސާބިތުވުމަށް ޑީ.އެން.އޭ ހެއްކަށް ބާރުދެނިވި އެހެން ހެއްކެއް ނުވަތަ ޤަރީނާއެއް އޮންނަން ޖެހެއެވެ. (ޕެރ. 27.6، 28.6)
ރޭޕްކުރުމުގެ ކުށުގެ ޢަމަލުގެ ރުކުނަކީ، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، ވެއްދުމެވެ. ހާލަތުގެ ރުކުނަކީ އަނިޔާ ލިބުނު ފަރާތުގެ ރުހުން ނެތުމެވެ. (ޕެރ. 55)
އަނިޔާލިބުނު ފަރާތުގެ ބަހާއި ގުޅުވައިދެވޭ އެހެނިހެން ހެކި ޤަރީނާ ލިބިފައިވާއިރު، އަނިޔާލިބުނު ފަރާތުގެ ވަޖައިނަލް ސްވޮބްއިން ފިރިހެނެއްގެ ޑީ.އެން.އޭ ލިބިފައިނެތުމަކީ އަނިޔާލިބުނު ފަރާތް ހާދިސާ ކިޔައިދީފައިވާގޮތަށް ކަން ނުހިނގާކަން ދަލާލާތުކޮށްދޭ ކަމެއް ނޫނެވެ. (ޕެރ. 59)
ރުހުންއޮތްކަން ނުވަތަ ނޫންކަން ދެނެގަނެވޭނީ ހާދިސާ ހިނގާފައިވާގޮތުންނެވެ. އެކަމުގެ އިންކާރު އޮންނަންވާނީ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، ވައްދާއިރުއެވެ. އާންމު ގޮތެއްގައި ޖިންސީ ގުޅުން ހިންގާފައިވުމުގެ މައްޗަށް، ރުހުން ދާއިމަށް އޮތްކަމުގައި ބަލައިގެންނުވާނެއެވެ. އޭގެ ހިނދުކޮޅެއް ކުރިން ރުހުމުގައި ގުޅުން ހިންގަފާނެއެވެ. އެހެނަސް، ދިމާވާ ކަމަކުން، އެކަމުގެ މައްޗަށް އިންކާރު އޮތުމަކީވެސް އޮތްކަމެކެވެ. (ޕެރ. 60)
ޖިންސީ ކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކުގެ ވަކި އަދަދެއް ހަމަކުރުމަކީ ލާޒިމުކަމެއް ނޫނެވެ. އެ ހެކިތަކުގެ ތެރެއިން އެއް ހެއްކަކުންވިޔަސް އަނިޔާލިބޭ ފަރާތުގެ ހެކިބަސް ކޮރޮބޮރޭޓްވުމާއިއެކު، ދަޢުވާލިބޭ ފަރާތް ކުށްކޮށްފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުމަކީ މަތީ މަރުޙަލާގެ ކޯޓުތަކުން ޤާއިމުކޮށްފައިވާ މިންގަނޑެވެ. (ޕެރ. 63)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 52 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 53 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ ކުރީގެ 20 ވަނަ މާއްދާ (1 ވަނަ އިޞްލާޙުން އުނިކުރެވުނު)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2021/SC-A/83 (މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު)
- ސުޕްރީމް ކޯޓުގެ 2021/SC-A/18 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤް)
- ހައިކޯޓުގެ 2019/HC-A/325 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝާހް)
- ހައިކޯޓުގެ 2017/HC-A/111 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ނިޔާޒް އަދި އިތުރު 2 ފަރާތެއް)
- ހައިކޯޓުގެ 2021/HC-A/49 (ޙަސަން ފާއިޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
ފަނޑިޔާރުން
- ބެންޗު
- ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ޙުސައިން މަޒީދު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު؛
މައްސަލައިގެ ތަޢާރަފު
1މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 1010/Cr-C/2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް […] އިޒާމް ޒާހިރު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެވެ.
ކްރިމިނަލް ކޯޓުގައި ކުރެވުނު ދައުވާ
203 އޮކްޓޫބަރު 2018 ދުވަހު ރޭގަނޑުގެ ވަގުތެއްގައި ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ރަށެއްގެ ގެއެއްގެ ކޮޓަރިތެރޭގައި އަންހެނަކު (މީގެ ފަހުން "ޝަކުވާކުރި މީހާ" މިފަދައިން ބަޔާންކޮށްފައިވާ) ރޭޕްކޮށްފައިވާ ކަމަށް ބަޔާންކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 1010/Cr-C/2025 ޤަޟިއްޔާގައި އިޒާމް ޒާހިރުގެ މައްޗަށް ރޭޕްކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރިއެވެ. މި ދައުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)ގެ 14 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
3އިޒާމް ޒާހިރު މި ދައުވާއަށް އިންކާރު ކުރުމުން، ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ދައުވާ ސާބިތުވާކަމަށެވެ.
4އެގޮތުން ކްރިމިނަލް ކޯޓުން އިޒާމް ޒާހިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޝަކުވާކުރި މީހާގެ ބަހަށް އަންނަނިވި ހެކިތަކުން ބާރުލިބޭކަމުގެ މައްޗަށް ބުރަވެއެވެ.
1.4. މަންޒަރު ލޮލަށް ފެނުނު 2 (ދޭއް) ހެކިން ދިން ހެކިބަސް ؛
4.2. ޝަކުވާކުރި މީހާގެ އުރަމަތީގެ ދެފަރާތުން ނެގުނު ހެކީގެ ސާމްޕަލްގައި އިޒާމް ޒާހިރުގެ ޑީ.އެން.އޭ ހުރުމާއި، ޝަކުވާކުރި މީހާގެ ކަރާއި ދެފަރާތުގެ ކަންފަތުން ނެގުނު ސްވޮބުން ލިބުނު މިކްސްޑް ޑީ.އެން.އޭ ޕްރޮފައިލްގެ މައިނަރ ކޮމްޕޮނެންޓުގެ ދެ ސައިޓެއް ފިޔަވާ ހުރިހާ ސައިޓެއް އިޒާމް ޒާހިރުގެ ޑީ.އެން.އޭ ޕްރޮފައިލާ ދިމާވާކަން ހެކިތަކުން އެނގެން އޮތުން މިއެވެ.
5ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ވަނީ އަންނަނިވި ފަދައިންނެވެ.
"ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން،
1. ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)ގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ރޭޕްކުރުމުގެ ކުށުން […] އިޒާމް ޒާހިރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
2. މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)ގެ 14 ވަނަ މާއްދާގެ (ނ) ގެ ދަށުން، އިޒާމް ޒާހިރު 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައި،
3. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 186 ވަނަ މާއްދާއާ ޙަވާލާދީ މި މައްސަލައާ ގުޅިގެން ހުކުމެއް ކުރުމުގެ ކުރިން އިޒާމް ޒާހިރު ބަންދުގައި ހޭދަކުރި މުއްދަތު، އިޒާމް ޒާހިރުގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މި ގަޒިއްޔާ ނިންމީމެވެ."
6ކްރިމިނަލް ކޯޓުގެ އިސްވެ ނަކަލުކުރެވުނު ޙުކުމާމެދު ހިތްހަމަނުޖެހިގެން އިޒާމް ޒާހިރުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
7ކްރިމިނަލް ކޯޓުގެ ނަންބަރު 1010/Cr-C/2025 ޤަޟިއްޔާ އިސްތިއުނާފުކުރަމުން އިޒާމް ޒާހިރުގެ ފަރާތުން އަންނަނިވި 02 (ދޭއް) ނުކުތާ ހުށަހަޅާފައި ވެއެވެ.
ފުރަތަމަ ނުކުތާ އަކީ: ދަށުކޯޓުގެ ޤަޟިއްޔާގައި އިޒާމް ޒާހިރުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ރޭޕްކުރުމުގެ ދައުވާ ކަމުގައިވާއިރު، އެ ޤާނޫނުގެ 6 ވަނަ މާއްދާގައި ރޭޕްކުރުމަކީ މީހެއްގެ ޖިންސީ ގުނަވަނެއް އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި ވެއްދުން ކަމަށް ބުނެފައިވާއިރު، އިޒާމް ޒާހިރުގެ ޖިންސީ ގުނަވަން ޝަކުވާކުރި މީހާގެ ފަރުޖުގެ ތެރެއަށް ނުވަތަ އެނޫންވެސް ގުނަވަނަކަށް އެއްވެސް މިންވަރަކަށް ވެއްދިކަން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ދައުލަތަށް ހެކިދެއްކިފައި ނެތްއިރު، ރޭޕްގެ ދަޢުވާ އިޒާމް ޒާހިރުގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 14 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާ އަކީ: ދަށުކޯޓުގެ ޤަޟިއްޔާގައި އިޒާމް ޒާހިރުގެ މައްޗަށް ރޭޕްގެ ކުށުގެ މައްޗަށް ތުހުމަތުކުރާ ޢަމަލަކީ ޖިންސީ ކުށުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ޝަކުވާކުރި މީހާގެ ފަރުޖުގެ ތެރެއަށް އިޒާމް ޒާހިރުގެ ޖިންސީ ގުނަވަން ވެއްދުން ކަމަށްވެފައި ޤަރީނާއާއި، ޑީއެންއޭ ހެކީގެ އެހީގައި އެ ޤާނޫނުގެ ދަށުން ރޭޕްގެ ކުށް ސާބިތުކުރާނެ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވަނިކޮށް، އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހެކީގެ އުސޫލުތަކާ ޚިލާފަށް، ރޭޕްގެ ދަޢުވާ އިޒާމް ޒާހިރުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ އަދި އެދޭގޮތް
8މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ރޭޕްކުރުން މާނަކޮށްދީފައިވާއިރު އެއީ މީހެއްގެ ނުރުހުމުގައި ޕެނިޓްރޭޝަން (penetration)ގެ ޢަމަލު ހިންގުން ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެ ޢަމަލު ސާބިތުވާމިންވަރުގެ ކާފީ ހެކި ލިބިފައިނުވާކަމަށެވެ. އެގޮތުން ޝަކުވާކުރި މީހާގެ ފަރުޖުން ނެގުނު ސާމްޕަލުން އިޒާމް ޒާހިރުގެ ޑީ.އެން.އޭ ފެނިފައިނުވާ ކަމަށެވެ. އިޒާމް ޒާހިރުގެ ޑީ.އެން.އޭ ފެނިފައިވަނީ ޝަކުވާކުރިމީހާގެ ހަށިގަނޑުގެ އެހެން ދެ ދިމާލަކުން ނެގުނު ސާމްޕަލުން ކަމަށެވެ. އެއީ ޕެނިޓްރޭޝަން (penetration)ގެ ޢަމަލު ސާބިތުކުރުމަށް ގުޅުވާލެވޭނެ ހެއްކެއް ނޫން ކަމަށެވެ. އެހެންކަމުން ދަށުކޯޓުން ކުށް ސާބިތުކޮށްފައިވަނީ ޑީ.އެން.އޭ ހެކީގެ އެހީގައި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ރޭޕްގެ ކުށް ސާބިތުކުރާނެ ގޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021/SC-A/83) ޤަޟިއްޔާގައި ބަޔާންކުރާ އުސޫލާ ޚިލާފަށް ކަމަށެވެ. އަދި މަންޒަރު ލޮލަށްފެނުނު ކަމަށް ބުނެ ހެކިބަސް ދިން 2 (ދޭއް) މީހުންގެ ހެކިބަހަށް ބަލާއިރުވެސް، ޕެނިޓްރޭޝަން (penetration)ގެ ޢަމަލު ފެނިފައިވާކަމަށް ހެކިބަސްދީފައި ނުވާކަމަށެވެ.
9މީގެ އިތުރުން މި މައްސަލައިގައި ޝަކުވާކުރި މީހާ ރޭޕްކޮށްފައިވާ ކަމަށް ބުނެފައިވާއިރު އެ ހާދިސާ ހިނގުމުގެ ކުރިން ހަމަ އެ ރޭ އެހެން ފިރިހެނަކާއެކީ އެ ފިރިހެންމީހާ ދިރިއުޅޭ ގެއަށް ގޮސް، އެ މީހާ އަދި އިތުރު އެހެން މީހަކާއެކު ޝަކުވާކުރި މީހާގެ ރުހުމުގައި ބަދުއަޚުލާޤީ ޢަމަލު ނުވަތަ ޒިނޭގެ ޢަމަލު ހިންގާފައިވާކަމަށް ބުނެ ތަހުޤީޤަށް ކިޔައިދީފައިވާ ކަމަށެވެ. އެހެންކަމުން ޝަކުވާކުރި މީހާގެ ބަހުގެ ކޮލިޓީއާމެދު ސުވާލުއުފެދޭ ކަމަށެވެ.
10ހަމައެހެންމެ، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ރޭޕްގެ ކުށް ސާބިތުވޭތޯ ބެލުމުގައި އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑަށްވުރެ މަތީ މިންގަނޑަކުން ސާބިތުކުރަންޖެހޭކަމުގައި ދެކޭ ކަމަށެވެ. އެގޮތަށް ބަޔާންކުރަނީ ރޭޕްގައި ޒިނޭގެ ޢަމަލު ހިމެނޭއިރު، އެ ޢަމަލަކީ އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިގެންވާ ކުށެއް ކަމުގައިވާއިރު އަދި އެ ކުށުގެ އުންސުރުތައް ރޭޕްގައިވެސް ފުރިހަމަވާންޖެހޭތީ، އެ ޤާނޫނުގެ 3 ވަނަ މާއްދާ އޮތްގޮތުން އެ ގޮތަށް މާނަކުރެވޭތީ ކަމަށެވެ.
11ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކަށް ޖަވާބުދެމުން އިސްތިއުނާފުކުރާ އިޒާމް ޒާހިރުގެ ފަރާތުން ބުނެފައިވަނީ ޝަކުވާކުރި މީހާގެ ކެރެކްޓަރ (character) އަކީ ރިލަވެންޓް (relevant) ކަމެއް ކަމަށެވެ. މި މައްސަލައިގެ ތެރެއިން އެކަން ފެނިގެން އަންނަ ކަމަށެވެ. އަދިވެސް އެކަމަށް ކޯޓުތަކުން ބަލަންޖެހޭ ކަމަށް ދެކޭ ކަމަށެވެ. އެގޮތުން ޝަކުވާކުރި މީހާގެ ބަހުގެ ކޮލިޓީ އަށް ބަލަންޖެހޭ ކަމަށެވެ.
12އިސްތިއުނާފުކުރާ އިޒާމް ޒާހިރުގެ ފަރާތުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުމަށެވެ.
އިސްތިއުނާފުރައްދުވާ ފަރާތުގެ ވާހަކަ އަދި އެދޭގޮތް
13ޖަވާބުގައި ދައުލަތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ދަށުކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައެޅީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021/SC-A/83) ޤަޟިއްޔާގައި ޑީ.އެން.އޭ އަށް ބިނާކޮށް ރޭޕްގެ ކުށް ސާބިތުވާ ގޮތް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ޑީ.އެން.އޭ ހެކީގެ އިތުރުން ލޮލަށް ފެނުނު 2 ހެކިން ހެކިބަސްދީފައިވާކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ލިބިފައިވަނީ މާ ބުރަދަންހުރި ހެކި ކަމަށެވެ. ކޮންމެ މައްސަލައެއްގައި ވެޖައިނަލް ސާމްޕަލް އަކުން ޑީ.އެން.އޭ ނުފެނުމަކީ ކުށް ސާބިތުކުރުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ.
14ހަމައެއާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތުގައި ސާބިތުކުރުމުގެ މިންގަނޑަކީ ލުއި މިންގަނޑެއް ކަމަށާއި އެގޮތުން ކުއްޖާގެ ބަހަކީ އަސާސް ކަމުގައި ބަލައިގެން އެ ބަހަށް ބާރުދޭ ހެކިތަކަށް ރިޢާޔަތްކޮށް މައްސަލަ ސާބިތުކުރުމުގެ އުސޫލު ބަޔާންކޮށްފައިވާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021/SC-A/83) ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝާހް (2019/HC-A/325) ޤަޟިއްޔާ އަށް ބެލުމުން، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން މިފަދަ ކުށްތައް ސާބިތުކުރުމުގައި ވެސް އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ބަޔާންކޮށްދީފައިވާ އުސޫލަށް ރިޢާޔަތްކޮށް ކުށް ސާބިތުކުރުން ކަން އެނގޭ ކަމަށެވެ. އެގޮތުން ޝަކުވާކުރި މީހާގެ ބަހަކީ އަސާސް ކަމުގައި ބަލައިގެން އެބަހަށް ބާރުދޭ ހެކި ޤަރީނާއަށް ބަލައިގެން ރޭޕްގެ ކުށް ސާބިތުކުރުމުގެ ލުއި މިންގަނޑެއް އޮތް ކަން ދައުލަތުން ފާހަގަކުރިއެވެ.
15ރޭޕްގެ ކުށް ސާބިތުކުރުމުގެ މިންގަނޑާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނުކުތާގެ ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ރޭޕްގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުކަން އިސްވެ ބުނެވުނު ރޭޕްގެ ދެ ޤަޟިއްޔާއަށް ބެލުމުންވެސް އެނގޭ ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤް (2021/SC-A/18) ޤަޟިއްޔާގައި ހައްދާއި ޤިޞާޞްގެ މައްސަލަތަކުގައިވެސް އެކަށީގެންވާ މިންވަރަށް މީހަކު ކުށް ކުރިކަމަށް ގާޒީއަށް ގަބޫލުކުރެވޭނަމަ ނުވަތަ ޔަގީނާ ގާތްކުރާ މިންވަރެއް ހާސިލުކުރެވޭނަމަ އެފަދަ މައްސަލަތަކުގައި ތައުޒީރުގެ އަދަބެއް ކަނޑައެޅުން ހުއްދަ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
16މިފަދަ މައްސަލަތަކުގައި ޝަކުވާކުރި މީހާގެ އަޚުލާޤަށް ނުވަތަ ކެރެކްޓަރ (character) އަށް ރިޢާޔަތްކުރުމާގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވަނީ މިފަދަ މައްސަލަތަކުގައި ބަލަންޖެހެނީ ޝަކުވާކުރި މީހާގެ ބަހަށް ބާރުދޭ ހެކި ހުރިތޯ ނޫންތޯ ކަމަށެވެ.
17ދައުލަތުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށުކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށެވެ.
ރޭޕްގެ ކުށް
1813 ނޮވެންބަރު 2014 ގައި ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށި އިރު، އެ ޤާނޫނުގެ 6 ވަނަ މާއްދާގައި "ރޭޕްކުރުން" މާނަކޮށްދީފައި އޮތީ އަންނަނިވި ފަދައިންނެވެ. އެއިރު މި އާންމު މާނައިގެ ތެރެއިން ދެމަފިރިން އިސްތިސްނާ ކުރެވިފައި ވިއެވެ. "ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 20 ވަނަ މާއްދާގައި ހިމެނޭ އިސްތިސްނާހާލަތު ހިމެނުމާއެކު ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަޖިންސީ ގުނަވަންނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލާ، ވެއްދުމަށެވެ."
19ނަމަވެސް އެ ޤާނޫނުގެ 20 ވަނަ މާއްދާގައި "ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް" ތަފްސީލީގޮތެއްގައި މާނަކޮށްދީފައި އެއިރު އޮތެވެ.
20މިހާރު ފެންނަން މިއޮތް ޖިންސީ ކުށުގެ ޤާނޫނުގައި އިސްވެ ބުނެވުނު އެ ޤާނޫނުގެ 20 ވަނަ މާއްދާއެއް ނެތެވެ. 6 ޑިސެންބަރު 2021 ދުވަހު އެ ޤާނޫނަށް ގެނެވުނު 1 ވަނަ އިސްލާހުން "ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް" ބަޔާންކޮށްފައިވާ އެ ޤާނޫނުގެ 20 ވަނަ މާއްދާ ވަނީ އުނިކުރެވިފައެވެ. ހަމައެއާއެކު މި އިސްލާހުން އެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ރޭޕްކުރުމުގެ" ތައުރީފުގައި ދެމަފިރިންވެސް ހިމެނޭގޮތުން އެ ތައުރީފަށް ބަދަލު ގެނެވި، މިހާރު ޤާނޫނުގައި އޮތީ އަންނަނިވި ތައުރީފެވެ.
"ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަށެވެ."
ރޭޕްގެ ކުށް ސާބިތުކުރުމުގައި ޤާނޫނު ބަޔާންކުރާ މިންގަނޑު
21ރޭޕްކުރުމުގެ ކުށް ސާބިތުކުރުމުގެ މިންގަނޑާ ގުޅޭގޮތުން ޖިންސީ ކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާ އަދި 53 ވަނަ މާއްދާގައި މިހާރު ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ.
52. (ހ) އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ކޯޓަށް ޤަބޫލުކުރާ ހެކީގެ ބާވަތްކަމަށް، އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި، ރޭޕްގެ ކުށް ނުވަތަ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށް ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެއްކަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ތުހުމަތުކުރެވޭ ޢަމަލު ހިނގައިފިކަމަށް، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ކުށުގެ ޝިކާރައަށްވީ މީހާއާ އެއްކޮޅަށް ބޭނުންކުރެވިދާނެ ހެއްކެވެ.
(1) ސައިންޓިފިކް ތަޙްލީލުތަކުން ދައްކާ ނަތީޖާ.
(2) ލޮލަށް ފެނުނު މީހުންގެ ހެކި.
(3) ފޮރެންސިކް ނިޝާންތަކުންނާއި ތަޙްލީލުތަކުން ލިބޭ ހެކި. (4) މީހަކާ ބެހޭގޮތުން ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުން ކަމަށް ބެލެވޭނެ ސަބަބެއްނެތި، އަދި ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތުނުވަނީސް، އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުށުގެ ޝިކާރައަށްވީ ފަރާތުގެ މައިންބަފައިންނަށް، ނުވަތަ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، ނުވަތަ މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ކުށުގެ ޝިކާރައަށްވީ ފަރާތުން ކިޔައިދީފައިވާ އެއްޗެއްގެ މައްޗަށް އެއިން ފަރާތަކުން ދޭ ބަޔާން.
(5) އޭނާއާމެދު ކަންވީގޮތް ކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތް ކަމަށް ކުށުގެ ޝިކާރައަށްވީ ފަރާތުން ދޭ ބަޔާން.
(6) ކުށުގެ ޝިކާރައަށްވީ ފަރާތުން ކިޔައިދޭ އެއްޗަކާ އޭނާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުން ކަމަށް ޑޮކްޓަރީގޮތުން ފާހަގަވާންހުރި ކަންކަމާއި ފޮރެންސިކް ތަޙްލީލުތަކުން ފާހަގަވާންހުރި ކަންކަން ދިމާވުން. (7) މާއްދީ ހެކި.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހެކީގެ ބާވަތްތަކުގެ ތެރެއިން މަދުވެގެން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރެއްޖެނަމަ، އަދި މި ޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ދިމާނުވާނަމަ، އެ ހެއްކަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ތުހުމަތު ކުރެވޭ ޢަމަލު ހިނގައިފިކަމަށް، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް އެކަށޭނަ ހެކި ކަމުގައި މި ޤާނޫނު ޤަބޫލުކުރެއެވެ.
53. މި ޤާނޫނުގެ 52 ވަނަ މާއްދާ އެހެން އޮތް ކަމުގައި ވީނަމަވެސް، ކަން ހިނގާދިޔަގޮތް ކަމުގައި ބަޔާންކުރާ ގޮތުގައި ހިމެނޭ ނުކުތާތަކުގެ ތެރެއިން އަސާސީ ނުކުތާއަކަށް މިނިވަން ގޮތެއްގައި، ނުވަތަ ހެކިންގެ ހެކިބަހުން ބާރުލިއްބައިނުދޭކަމަށް ކުށުގެ ތުހުމަތުކުރެވޭ ފަރާތުން ސާބިތުކޮށްދިނުމަކީ، ރޭޕްކުރުމުގެ ކުށް ނުވަތަ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދަޢުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެކެވެ.
22HN2އިސްވެ ނަކަލު ކުރެވުނު ޖިންސީ ކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާއަށް ބެލުމުން، ރޭޕްގެ ކުށް ސާބިތުކުރުމަށް ޤާނޫނުގައި ބަޔާންކުރަނީ ލުއި މިންގަނޑެއްކަން އެނގެއެވެ. އެގޮތުން އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހެކީގެ ބާވަތްތަކުގެ ތެރެއިން މަދުވެގެން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރެއްޖެނަމަ، އަދި އެ ޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ދިމާނުވާނަމަ، އެ ހެއްކަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުން ކުށް ސާބިތުކުރެވޭނެ ހެކި ކަމުގައި އެވަނީ ބަޔާންކޮށްފައެވެ. ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާއަށް ބަލާއިރުވެސް މިފަދަ ލުއި މިންގަނޑަކުން ކުށް ސާބިތުކުރެވޭގޮތަށް އެ މާއްދާ ފަރުމާކުރެވިފައިވެއެވެ. އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ 5 (ފަހެއް) ހެކި ހުރެއްޖެނަމަ އެ ހެއްކަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުން ކުށް ސާބިތުކުރެވޭނެ ހެކި ކަމުގައި އެ ޤާނޫނުގައިވެސް ބަޔާންކުރެއެވެ.
23ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަންކުރުމުގައި ބަލާނެ އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ތަފްސީލުކުރެވިފައިވެއެވެ.
24HN3އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައެޅިފައިވާ ސާބިތުކުރުމުގެ އެ އުސޫލުތައް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ދައުވާކުރާ ރޭޕްގެ ކުށް ފަދަ ކުށްތައް ސާބިތުކުރުމުގެ ބޭނުމަށް ބޭނުންކުރެވޭނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝާހް (2019/HC-A/325) ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021/SC-A/83) ޤަޟިއްޔާގައި ކަނޑައެޅިފައިވާ ހަމަތަކަށް ބެލުމުން އެނގެން އޮވެއެވެ.
25HN1މީގެ އިތުރުން ރޭޕްގެ ކުށް ސާބިތުކުރަންޖެހޭ މިންގަނޑަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑު ކަން ޖިންސީ ކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާގެ ސާފު އިބާރާތުން އެނގެން އޮވެއެވެ. އަދި މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ރޭޕްގެ ކުށް ސާބިތުކުރުމުގައި ބަލާފައިވާ މިންގަނޑުވެސް މެއެވެ.
މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ރޭޕްގެ މައްސަލަތައް
26ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން މިހާތަނަށް ނިންމާފައިވާ ރޭޕްގެ މައްސަލަތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން 3 (ތިނެއް) މައްސަލަ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 1 (އެކެއް) މައްސަލަ ނިމިފައިވެއެވެ. އެ މައްސަލަތަކުން ކަނޑައެޅިފައިވާ މައްސަލަ ސާބިތުކުރުމާގުޅޭ މައިގަނޑު އުސޫލުތައް ތިރީގައި ބަޔާންކުރަމެވެ.
26.1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝާހް (2019/HC-A/325) ޤަޟިއްޔާއަކީ 3 ޑިސެންބަރު 2015 ގައި ހިނގި ހާދިސާއަކަށް ބިނާކޮށް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކުރި "ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ" ދައުވާއެއްގެ އިސްތިއުނާފެކެވެ. އެ މައްސަލައާ ގުޅޭ ހާދިސާ ހިނގިއިރު އަދި ހައިކޯޓުން މި މައްސަލައިގައި ޙުކުމްކުރެވުނު އިރުވެސް ޖިންސީ ކުށުގެ ޤާނޫނަށް ފުރަތަމަ އިސްލާހު ގެނެވިފައި ނުވެއެވެ. އެ މައްސަލައިގައި ކުށް ސާބިތުކުރެވިގެން ދިޔައީ ޖިންސީ ކުށުގެ ޤާނޫނުގެ 20 ވަނަ މާއްދާ (ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް) ގައި އެއިރު ބަޔާންކޮށްދީފައިވާ އެ ކުށް ސާބިތުކުރުމުގެ އުންސުރުތަކަށް ރިޢާޔަތްކުރެވިގެންނެވެ. އެގޮތުން އަނިޔާލިބުނު ފަރާތުގެ ބަހަށް ބާރުދޭ އެހެން ހެކި ޤަރީނާއާ އެފަރާތުގެ ބަސް ގުޅުވާލެވުމުގެ މައްޗަށް ކަންކަން ބަޔާންކޮށް، އެ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ. އަދި މައްސަލަ ސާބިތުކުރުމުގެ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑު ކަން އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެފަދަ މައްސަލަތަކުގައި އޮތީ ސާބިތުކުރުމުގެ ލުއި މިންގަނޑެއް ކަން ޖިންސީ ކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާއިން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ސާބިތުކުރުމުގެ މިންގަނޑާ ގުޅޭގޮތުން ބަޔާންވެފައިވާ އުސޫލު މިފަދަ މައްސަލަތައް ސާބިތުކުރުމުގެ ބޭނުމަށްވެސް ރިޢާޔަތްކުރެވޭނެ ކަން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލައިގައި ޙުކުމްކޮށްފައިވަނީ 1 އޮކްޓޫބަރު 2020 ގައެވެ.
26.2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ނިޔާޒް އަދި އިތުރު 2 ފަރާތެއް (2017/HC-A/111) ޤަޟިއްޔާއަކީ 16 ފެބުރުވަރީ 2015 ދުވަހު ދިވެހިރާއްޖޭގެ ރިސޯޓެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ރޭޕްކުރުމުގެ ހާދިސާއަކާ ގުޅިގެން ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކުރި "ރޭޕްކުރުމުގެ" ކުށުގެ ދައުވާއަކާއި "ރޭޕްކުރުމުގައި ބައިވެރިވުމުގެ" ކުށުގެ ދައުވާއަކާ ގުޅޭ އިސްތިއުނާފެކެވެ. މި މައްސަލައިގައި މުޙައްމަދު ނިޔާޒްގެ މައްޗަށް ރޭޕްކުރުމުގެ ކުށް ސާބިތުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ އަނިޔާލިބުނު ފަރާތުގެ ބަހާއި ހެކި ޤަރީނާ ގުޅުވާލެވޭކަމުގެ މައްޗަށެވެ. އެގޮތުން އެ މައްސަލައިގައި އަނިޔާލިބުނު ފަރާތުގެ ފަރުޖުން މުޙައްމަދު ނިޔާޒްގެ ޑީ.އެން.އޭ ފެނިފައިވެއެވެ. އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ 16 ޖޫން 2021 ދުވަހުއެވެ.
26.3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙަސަން ފާއިޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލް (2021/HC-A/49) ޤަޟިއްޔާއަކީ 3 ޖަނަވަރީ 2018 ދުވަހުގެ ހާދިސާއަކަށް ބިނާކޮށް ކުރި "ރޭޕްކުރުމުގެ" ކުށުގެ ދައުވާއަކާ ގުޅޭ އިސްތިއުނާފެކެވެ. އެ ޤަޟިއްޔާއަކީ ދަށުކޯޓުގައިވެސް ކުށް ސާބިތުވެފައިވާ ޤަޟިއްޔާއެކެވެ. ހައިކޯޓުން އެ ޙުކުމް ދަމަހައްޓާފައިވަނީ ޙަސަން ފާއިޒްގެ ބަހުން، އެ ޢަމަލު ހިންގިކަމަށް އެއްބަސްވާއިރު، އަނިޔާލިބުނު ފަރާތުގެ ރުހުން އޮތްކަން ސާބިތުކޮށްދެވިފައިނުވުމުގެ މައްޗަށެވެ. އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ 02 ނޮވެންބަރު 2021 ދުވަހުއެވެ.
27HN6ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021/SC-A/83) ޤަޟިއްޔާއަކީ އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ނިޔާޒް އަދި އިތުރު 2 ފަރާތެއް (2017/HC-A/111) ޤަޟިއްޔާގައި މުޙައްމަދު ނިޔާޒްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވުމާ ގުޅިގެން މުޙައްމަދު ނިޔާޒްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައެވެ. އެ މައްސަލައިގައި ކަނޑައެޅިފައިވަނީ ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަން ނުޖެހޭ ކަމަށެވެ. އެގޮތުން މިފަދަ މައްސަލަތައް ސާބިތުކުރުމުގައި ބަލަންޖެހޭ ހެކީގެ މިންގަނޑާއި، ޑީ.އެން.އޭގެ މައްޗަށް ބިނާކޮށް ރޭޕްގެ ކުށް ސާބިތުކުރުމާ ގުޅޭ ހަމަތަކެއް އެ ޤަޟިއްޔާގެ ތެރެއިން ކަނޑައެޅިފައިވެއެވެ. އެގޮތުން:
27.1. މިފަދަ މައްސަލަތަކުގައި ހެކީގެ މިންގަނޑު ޖިންސީ ކުށުގެ ޤާނޫނުން ލުއި ކޮށްފައިވާކަން؛
27.2. މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައެޅިފައިވާ ހެކިބަހުގެ ހަމަތަކަށް ރިޢާޔަތްކުރަންޖެހޭނެކަން؛
27.3. ޖިންސީކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހަކީ އެންމެ ބުރަދަން ހުރި ހެކި ކަން؛
27.4. ހާދިސާ ހިނގިތަން ލޮލަށް ފެނުނު މީހަކު ނެތް ނަމަވެސް، އަނިޔާލިބުނު ފަރާތާމެދު ކަންވީގޮތް ކަމަށް އޭނާ ކިޔައިދޭ ކިޔައި ދިނުން ނުވަތަ އެ އަންހެން މީހާގެ ހެކިބަހަކީ، އެއީ މައިގަނޑު އަސާސްކަމަށް ބަލައިގެން، އަދި އިތުރު ހެއްކާއި ޤަރީނާއިން އެ ހެކިބަހަށް ބާރުލިބިދޭނަމަ މި ފަދަ މައްސަލަތައް އެ މިންވަރުން ސާބިތުކުރެވޭނެކަން؛
27.5. ޖިންސީކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހުގެ މައްޗަށް ބުރަވެ އެފަދަ މައްސަލައެއްގައި މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެ ނަމަ ނުވަތަ އެ ހެއްކަށް ބާރުދޭ އެހެނިހެން ޤަރީނާ ހުރެއްޖެ ނަމަ، ރޭޕްގެ ކުށް ސާބިތުކުރަން ފުދޭކަން؛
27.6. ޑީއެންއޭ ހެއްކަކީ އެ ހެކި އެކަނި އޮވެގެން ރޭޕްގެ ކުށް ސާބިތުވާނޭ ހެއްކެއް ނޫންކަމާއި، ރޭޕްގެ ކުށް ސާބިތުވުމަށް ޑީއެންއޭ ހެއްކަށް ބާރުދެނިވި އެހެން ހެއްކެއް ނުވަތަ ޤަރީނާއެއް އޮންނަންވާނެކަން؛
27.7. ރޭޕްކުރުމުގެ މައްސަލައެއްގައި، ރޭޕްކުރުމުގެ ތުހުމަތު އުފެދިފައިވާ ހާލަތުގައި އަނިޔާލިބުނު ފަރާތުގެ ފަރުޖުގެ ތެރެއިން ރޭޕްގެ އަމަލު ހިންގި ފަރާތުގެ ޑީއެންއޭ ފެންނަ ހާލަތުގައި އެ ޑީއެންއޭ ހެކި ކޮރޮބޮރޭޓް ކުރުމަށް، (ހ) މޯޓިވްއެއް އޮތް ކަމަށް ދައްކައިދޭ ޤަރީނާއެއް، (ށ) ކުށްކުރުމަށް ފުރުސަތު ލިބިފައި އޮތް ކަމުގެ ޤަރީނާ އަދި (ނ) ރުހުން ނެތްކަން އެނގޭނޭ ޤަރީނާ ހުރުމުން ރޭޕްގެ ކުށް ސާބިތުކުރުމަށް ފުދޭނެކަން؛ އެ ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ.
ޤާނޫނީ ހަމަތަކުގެ ކުލާސާ
28HN4HN5އިސްވެ ބަޔާންވެދިޔަ ޤާނޫނީ ހަމަތަކަށް ބަލާއިރު އަންނަނިވި ކަންކަމަކީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ރޭޕްގެ ކުށް ސާބިތުކުރުމާ ގުޅޭގޮތުން މިހާތަނަށް ޤާއިމްކުރެވިފައިވާ ހަމަތަކެކެވެ.
28.1. ޖިންސީ ކުށުގެ ޤާނޫނުގައި ރޭޕްގެ ކުށް ސާބިތުކުރުމަށް ބަޔާންކުރާ މިންގަނޑަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތުމުގެ މިންގަނޑެވެ.
28.2. ޖިންސީ ކުށުގެ ޤާނޫނުގައި ރޭޕްގެ ކުށް ސާބިތުކުރުމަށް އޮތީ ހެކީގެ ލުއި މިންގަނޑެކެވެ.
28.3. މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައެޅިފައިވާ ހެކިބަހުގެ ހަމަތަކަށް ރިޢާޔަތްކުރެވޭނެވެ.
28.4. ޖިންސީ ކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހަކީ އެންމެ ބުރަދަން ހުރި ހެއްކެވެ.
28.5. ހާދިސާ ހިނގިތަން ލޮލަށް ފެނުނު މީހަކު ނެތް ނަމަވެސް، އަނިޔާލިބުނު ފަރާތާމެދު ކަންވީގޮތް ކަމަށް އޭނާ ކިޔައިދޭ ކިޔައި ދިނުން ނުވަތަ އެ އަންހެން މީހާގެ ހެކިބަހަކީ، އެއީ މައިގަނޑު އަސާސްކަމަށް ބަލައިގެން، އަދި އިތުރު ހެއްކާއި ޤަރީނާއިން އެ ހެކިބަހަށް ބާރުލިބިދޭނަމަ މި ފަދަ މައްސަލަތައް އެ މިންވަރުން ސާބިތުކުރެވޭނެއެވެ.
28.6. ޑީ.އެން.އޭ ހެއްކަކީ އެ ހެކި އެކަނި އޮވެގެން ރޭޕްގެ ކުށް ސާބިތުވާނޭ ހެއްކެއް ނޫނެވެ. ރޭޕްގެ ކުށް ސާބިތުވުމަށް ޑީ.އެން.އޭ ހެއްކަށް ބާރުދެނިވި އެހެން ހެއްކެއް ނުވަތަ ޤަރީނާއެއް އޮންނަން ޖެހެއެވެ.
28.7. ޖިންސީ ކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާގައި ކުށް ސާބިތުކުރުމުގެ ލުއި މިންގަނޑު އޮތް ނަމަވެސް، ކަން ހިނގާދިޔަގޮތް ކަމުގައި ބަޔާންކުރާ ގޮތުގައި ހިމެނޭ ނުކުތާތަކުގެ ތެރެއިން އަސާސީ ނުކުތާއަކަށް މިނިވަން ގޮތެއްގައި، ނުވަތަ ހެކިންގެ ހެކިބަހުން ބާރުލިއްބައިނުދޭކަމަށް ކުށުގެ ތުހުމަތުކުރެވޭ ފަރާތުން ސާބިތުކޮށްދިނުމަކީ، ރޭޕްކުރުމުގެ ކުށް ނުވަތަ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދަޢުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއްކަން އެ ޤާނޫނުގެ 53 ވަނަ މާއްދާއިން އެނގެއެވެ.
ޤާނޫނީ ސުވާލު
29މި މައްސަލައިގައި އިސްތިއުނާފީ ނުކުތާތައް ހުށަހެޅިފައިވާ ގޮތަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ޖަވާބުދޭންޖެހޭ ޤާނޫނީ ސުވާލަކީ ދަށުކޯޓުން އިޒާމް ޒާހިރުގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ޖިންސީ ކުށުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021/SC-A/83) ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލުތަކާއި މިބާވަތުގެ މައްސަލަތަކުގައި ކުށް ސާބިތުކުރުމުގެ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ މި ސުވާލެވެ.
ރިޢާޔަތްކުރުން
30ކްރިމިނަލް ކޯޓުން އިޒާމް ޒާހިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ކުރިންވެސް އިޝާރާތްކުރެވުނު ފަދައިން ޝަކުވާކުރި މީހާގެ ބަހަށް އަންނަނިވި ހެކިތަކުން ބާރުލިބޭކަމުގެ މައްޗަށް ބުރަވެއެވެ.
30.1. މަންޒަރު ލޮލަށް ފެނުނު 2 (ދޭއް) ހެކިން ދިން ހެކިބަސް ؛
30.2. ޝަކުވާކުރި މީހާގެ އުރަމަތީގެ ދެފަރާތުން ނެގުނު ހެކީގެ ސާމްޕަލްގައި އިޒާމް ޒާހިރުގެ ޑީ.އެން.އޭ ހުރުމާއި، ޝަކުވާކުރި މީހާގެ ކަރާއި ދެފަރާތުގެ ކަންފަތުން ނެގުނު ސްވޮބުން ލިބުނު މިކްސްޑް ޑީ.އެން.އޭ ޕްރޮފައިލްގެ މައިނަރ ކޮމްޕޮނެންޓުގެ ދެ ސައިޓެއް ފިޔަވާ ހުރިހާ ސައިޓެއް އިޒާމް ޒާހިރުގެ ޑީ.އެން.އޭ ޕްރޮފައިލާ ދިމާވާކަން ހެކިތަކުން އެނގެން އޮތުން މިއެވެ.
31ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ނިޔާޒް އަދި އިތުރު 2 ފަރާތެއް (2017/HC-A/111) ޤަޟިއްޔާގައި މުޙައްމަދު ނިޔާޒްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުނުއިރު، އެ ކުށް ސާބިތުވުމުގެ އެންމެ އަސާސީ އެއް ވާގިއާއަކީ އަނިޔާލިބުނު މީހާގެ ފަރުޖުން މުޙައްމަދު ނިޔާޒްގެ ޑީ.އެން.އޭ ލިބިފައިވާއިރު، އެ ހެއްކަކީ އެހެން ހެކިތަކާ ގުޅުވާލެވޭ ހެއްކަކަށް ވުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021/SC-A/83) ޤަޟިއްޔާގައި އެ މައްސަލަ ބެލުނު އިރު އެ ކޯޓުން ފާހަގަކޮށްފައިވާ ކަމަކީ އެ މައްސަލައިގައި 2 ކަމެއް ސާބިތުކޮށްދޭންޖެހޭ ކަމެވެ. އެގޮތުން؛
(ހ) މީހަކު ނުވަތަ ބަޔަކު އަނިޔާލިބުނު ފަރާތް ރޭޕްކުރިކަން. (ށ) މުޙައްމަދު ނިޔާޒު އާއި ކުށާއި ގުޅުވައިދޭ ޑީއެންއޭ ހެއްކަށް ބާރުދޭ އެހެން ހެއްކެއް ނުވަތަ ޤަރީނާއެއް އޮތްކަން؛ ސާބިތުވާންޖެހޭކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
32އަތުގައި މި އޮތް މައްސަލައަކީ ޝަކުވާކުރި މީހާގެ ބަހަށް، ޑީ.އެން.އޭ ޤަރީނާ އާއި ލޮލަށްފެނުނު 2 (ދޭއް) ހެކިންގެ ހެކިބަހުން ބާރުލިބޭ ކަމަށް ބަޔާންކޮށް، ދަށުކޯޓުން ކުށް ސާބިތުކޮށްފައިވާ ޤަޟިއްޔާއެއްގެ އިސްތިއުނާފެވެ.
33މިއީ "ރޭޕް"ގެ ކުށުގެ ދައުވާއަކާގުޅޭ އިސްތިއުނާފެކެވެ. ޖިންސީ ކުށުގެ ޤާނޫނުގައި "ރޭޕްކުރުން" މާނަކޮށްދީފައިވާ ގޮތާއި ކަމާގުޅޭ ޤާނޫނީ ހަމަތައް އިސްވެ ބަޔާންކުރެވިއްޖެއެވެ. މި މައްސަލައިގައިވެސް އަހުރެންނަށް ޤަބޫލުކުރެވެނީ އެންމެ ފުރަތަމަ އުންސުރެއްގެ ގޮތުން މީހަކު، ޝަކުވާކުރި މީހާ "ރޭޕްކޮށްފައިވާކަން" ސާބިތުވާންޖެހޭ ކަމަށެވެ. އަދި ޝަކުވާކުރި މީހާ ރޭޕްކޮށްފައިވާނަމަ އެކަން ކޮށްފައިވަނީ އިޒާމް ޒާހިރުކަން އެނގޭނެ އެކަށީގެންވާ ހެކި ޤަރީނާ ހުރިކަން ސާބިތުވާންޖެހެއެވެ.
ކަން ހިނގި ގޮތް ކަމަށް ޝަކުވާކުރި މީހާ ބުނާ ބުނުން
34ތަޙުޤީޤަށާއި ޝަރީޢަތުގެ މަޖިލީހަށް ޝަކުވާކުރި މީހާ ދިން ބަޔާނަށް ބެލިއިރު، މި މައްސަލައިގައި ބުނާ ހާދިސާ ހިނގުމުގެ އިރުކޮޅެއް ކުރިން ޝަކުވާކުރި މީހާގެ ރުހުމުގައި ހާދިސާ ހިނގި ގޭގެ ކޮޓަރިއަށް ގޮސް، އެހެން ދެ ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގާފައިވާކަމަށް ޝަކުވާކުރި މީހާ ބުނެފައިވެއެވެ. އިޒާމް ޒާހިރު އެ ކޮޓަރިއަށް ވަނީ އޭގެ ފަހުން ކަމަށާއި، ކޮޓަރީގައި ބޮކި ނިވާފައި ހުރުމުން ވަރަށް އަނދިރިކަމަށާއި، އެއީ އިޒާމް ޒާހިރުކަންވެސް އެނގުނީ އިޒާމް ޒާހިރުއަށް ފޯނެއް އައި ވަގުތު ފޯނުގެ އަލިން ކަމަށް ޝަކުވާކުރި މީހާ ބުނެފައިވެއެވެ. އަދި އިޒާމް ޒާހިރުއާއެކީ އެ ގުޅުން ހިންގުމަށް ދެކޮޅުހެދި ކަމަށާއި ނަމަވެސް އިޒާމް ޒާހިރު ޝަކުވާކުރި މީހާ ރޭޕްކޮށްފައިވާކަމުގެ މައްޗަށް ބަޔާންދީފައިވެއެވެ. އެގޮތުން އިޒާމް ޒާހިރު ޝަކުވާކުރި މީހާގެ ގައި މަތީގައި އޮއްވާ އެތަނަށް ޝަކުވާކުރި މީހާގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ އަދި ދެބެއިންގެދެދަރި ފިރިހެން ކޮއްކޮއެއް އައުމުން، އިޒާމް ޒާހިރު ތެދުވެގެން ގޮސްފައިވާކަމަށް ބުނެފައިވެއެވެ.
ލޮލަށް ފެނުނު ކަމަށް ބުނާ 2 މީހުންގެ ބަސް
35މި މަންޒަރު ދުށް ކަމަށް ބުނާ 2 (ދޭއް) ހެކިން ތަހުޤީޤަށް ދިން ބަޔާނުގައި އެގެއަށް ދިޔައިރު އަންހެން ކުއްޖަކު ރޯއަޑު އިވޭ ކަމަށް ބުނެފައިވެއެވެ.
36ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި ދިން ހެކިބަސްތަކަށް ބަލާއިރު، މި ދެމީހުންގެ ތެރެއިން، ޝަކުވާކުރި މީހާގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ ކަމަށް ބުނާ ފަރާތުގެ ހެކިބަހުގައި ދައްތަ ނުފެނިގެން ހޯދަމުން ގޮސް އެގެއަށް ދިޔައިރު ދައްތަ ރޯ އަޑު އިވޭކަމަށާއި އެއިރު އިޒާމް ޒާހިރު ދައްތައާ ބެހެންހުރި ކަމަށް ބުނެ ހެކިބަސްދީފައިވެއެވެ.
37ޝަކުވާކުރި މީހާގެ ދެބެއިންގެދެދަރި ފިރިހެން ކޮއްކޮ ކަމަށް ބުނާ ފަރާތުގެ ހެކިބަހަށް ބެލިއިރު، މިއީ ޝަކުވާކުރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮއާއެކު އެވަގުތު އެގެއަށް ދިޔަ މީހެއް ކަމަށް ބުނެފައިވާއިރު، އެގެއަށް ދިޔައިރު އެއްވެސް އަޑެއް ނީވޭ ކަމަށް ބުނެ ހެކިބަސްދީފައިވެއެވެ. ނަމަވެސް ދޮރު ހުޅުވިއިރު ޝަކުވާކުރި މީހާ އިޒާމް ޒާހިރު ކޮށްޕަންވެގެން އުޅުނު ކަމަށާއި އިޒާމް ޒާހިރު އޮތީ ޝަކުވާކުރި މީހާގެ ގައިމަތީގައި ކަމަށް ބުނެފައިވެއިވެއެވެ.
38މީގެ އިތުރުން މި ދެމީހުން ޝަރީޢަތުގެ މަޖިލީހުގައި ދިން ހެކި ބަހަށް ބެލިއިރު އެއްވެސް މީހެއްގެ ހެކިބަހުގައި ޝަކުވާކުރި މީހާ އާއި އިޒާމް ޒާހިރު ޒިނޭގެ ޢަމަލު ހިންގަނިކޮށް ފެނުނު ކަމަށް ނުވަތަ ޕެނިޓްރޭޝަން (penetration)ގެ ޢަމަލު ހިންގަނިކޮށް ފެނިފައިވާކަމަށް ބުނެ ހެކިބަސްދީފައިނުވެއެވެ.
ލޮލަށް ފެނުނު ކަމަށް ބުނެ ހެކިބަސް ދިން މީހުންގެ ހެކިބަސް ޝަކުވާކުރި މީހާގެ ބަހާ ގުޅުވާލެވޭތޯ؟
39ބުނެވުނު ދެމީހުން ޝަރީއަތުގެ މަޖިލީހުގައި ދިން ހެކިބަހަށް ބެލިއިރު، މި ދެމީހުންނަކީ ހާދިސާ ހިނގިކަމަށް ބުނާ ތަނަށް އެއްފަހަރާ ދިޔަ ދެމީހުން ކަމުގައިވާއިރު، މީގެ ތެރެއިން އެކަކު ދިން ހެކިބަހުގައި އެގެއަށް ދިޔައިރު، ޝަކުވާކުރި މީހާ ރޯ އަޑު އިވޭކަމަށް ބުނެފައިވާއިރު، ދެން ހެކި ބަސް ދިން ފަރާތުން ބުނެފައިވަނީ އެގެއަށް ދިޔައިރު އެއްވެސް އަޑެއް ނީވޭ ކަމަށެވެ. ނަމަވެސް ދޮރު ހުޅުވިއިރު ޝަކުވާކުރި މީހާ އިޒާމް ޒާހިރު ކޮއްޕަން އުޅުނު ކަމަށެވެ. މި ދެ ހެކިބަސް މިގޮތަށް ލިބިފައިވާއިރު، މި މައްސަލައިގައި އިޒާމް ޒާހިރު ޝަކުވާކުރި މީހާގެ ނުރުހުމުގައި ޖިންސީ ޢަމަލެއް ހިންގާފައިވާކަމަށް ޝަކުވާކުރި މީހާ ބުނާ ބުނުމަށް އެ ހެކިންގެ ބަހުން ބާރުލިބޭ ކަމުގައި ނުދެކެމެވެ. އަހުރެން މިގޮތަށް މި ފާހަގަކުރަނީ ޝަކުވާކުރި މީހާގެ ބަޔާނުގައި، އޭގެ އިރުކޮޅެއް ކުރިން ހަމަ އެ މަހައްލުގައި އެހެން ދެ ފިރިހެނަކާއެކު ރުހުމުގައި ޖިންސީ ގުޅުން ހިންގާފައިވާކަން ޝަކުވާކުރިފަރާތުގެ ބަހުން އެނގެން އޮވެފައި، މި މައްސަލައިގައި މަންޒަރު ދުށް ކަމަށް ބުނާ ފަރާތްތަކަކީ ޝަކުވާކުރި މީހާގެ އާއިލީ ފަރާތްތަކެއް ކަމުގައިވާތީ އެވަގުތު އެޙާލަތުގައި އިޒާމް ޒާހިރު ކޮއްޕުމުގެ ޢަމަލެއް ނުވަތަ ހަޅޭއްލެވުމުގެ ޢަމަލެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސަބަބުވެރި އިންސާނެއްގެ (reasonable man) ވިސްނުމުން ބަލާއިރު ޤަބޫލުކުރެވޭތީއެވެ. އެހެންކަމުން ޝަކުވާކުރި މީހާގެ ރުހުން ނެތް ކަމަށް ބުނާ ބުނުމުގެ މައްޗަށް އެ ދެ މީހުންގެ ހެކިބަހުން ބާރުލިބޭ ކަމާމެދު އެކަށީގެންވާ ޝައްކު އުފެދޭ ކަމުގައި ދެކެމެވެ.
40ބަހުސްގެ ބޭނުމަށް އެ ދެ މީހުންގެ ބަހުން، ޝަކުވާކުރި މީހާގެ ރުހުން ނެތް ކަމުގެ މައްޗަށް ބުރަދަން ލިބޭ ކަމަށް ބެލި ނަމަވެސް، އެ ދެމީހުންގެ ބަހުންވެސް ޒިނޭގެ ޢަމަލެއް ނުވަތަ ޕެނިޓްރޭޝަން (penetration)ގެ ޢަމަލު ހިންގަނިކޮށް ފެނުނުކަން އެނގެން ނެތް އިރު، އިޒާމް ޒާހިރު ޝަކުވާކުރި މީހާ ރޭޕްކޮށްފައިވާކަމަށް ޝަކުވާކުރި މީހާ ބުނާ ބުނުމަށް މި ހެކިތަކުން ބާރުލިބޭ ކަމުގައި ނުދެކެމެވެ.
ޑީ.އެން.އޭ ޤަރީނާ ޝަކުވާކުރި މީހާގެ ބަހާ ގުޅުވާލެވޭތޯ؟
41ދެން ބަލާލާނީ ޑީ.އެން.އޭ ޤަރީނާއަށެވެ. މި މައްސަލައިގައި ޝަކުވާކުރި މީހާގެ އުރަމަތީގެ ދެފަރާތުން ނެގުނު ހެކީގެ ސާމްޕަލްގައި އިޒާމް ޒާހިރުގެ ޑީ.އެން.އޭ ހުރުމާއި، ޝަކުވާކުރި މީހާގެ ކަރާއި ދެފަރާތުގެ ކަންފަތުން ނެގުނު ސްވޮބުން ލިބުނު މިކްސްޑް ޑީ.އެން.އޭ ޕްރޮފައިލާ ދިމާވާކަން ހެކިތަކުން އެނގެން އޮތުމުން ޝަކުވާކުރި މީހާ ކިޔައިދީފައިވާ ޖިންސީ ގޯނާގެ ޢަމަލުތަކުގެ ތަފްސީލަށް ބާރުލިބޭކަން ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ. އެގޮތުން އިޒާމް ޒާހިރު ޝަކުވާކުރި މީހާގެ އުރަމަތީގެ ދެފަރާތުގައި އަނގަ ޖެހިކަމަށް ބުނާ ބުނުމަށް ބާރުލިބޭކަން ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ވެޖައިނަލް ސްވޮބުން އިޒާމް ޒާހިރުގެ ޑީ.އެން.އޭ ނުފެނުމަކީ ޝަކުވާކުރި މީހާ ކިޔައިދީފައިވާގޮތަށް ކަން ނުހިނގާކަން ސާބިތުކޮށްދޭ ކަމެއް ނޫން ކަމަށް ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ.
42މި މައްސަލައިގައި މިދެކެވެނީ "ރޭޕްކުރުމުގެ" ކުށުގެ ވާހަކައެވެ. ޖިންސީ ގޯނާގެ ކުށުގެ ވާހަކައެއް ނޫނެވެ. ޝަކުވާކުރި މީހާގެ ބަހަށް ބިނާކޮށް ދައުލަތުން އިޒާމް ޒާހިރުގެ މައްޗަށް ކުރި ދައުވާއަކީ "ރޭޕްކުރުމުގެ" ކުށުގެ ދައުވާއެވެ. އެހެންކަމުން މި މައްސަލައިގައި ހުރި ހެކި ޤަރީނާ ގުޅުވާލެވެންވާނީ ރޭޕްކުރުމުގެ ކުށާއެވެ. އެ ކުށުގެ އުންސުރުތައް ސާބިތުވޭތޯ ނޫންތޯ ބެލުމަށެވެ. އެގޮތުން ޖިންސީ ކުށުގެ ޤާނޫނުގައި "ރޭޕްކުރުން" މާނަކޮށްދީފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގައި ބަލަންޖެހެނީ ޝަކުވާކުރި މީހާގެ ރުހުން ނެތި، ޝަކުވާކުރި މީހާގެ ޖިންސީ ގުނަވަނަށް ނުވަތަ އެހެންވެސް ގުނަވަނަކަށް އިޒާމް ޒާހިރުގެ ޖިންސީ ގުނަވަން ވައްދާފައިވާކަމުގެ މައްޗަށް ހެކި ޤަރީނާ ހުރިތޯއެވެ. ދައުލަތުން ބުނެފައިވަނީ އިޒާމް ޒާހިރުގެ ޖިންސީ ގުނަވަން ވައްދާފައިވަނީ ޝަކުވާކުރި މީހާގެ ފަރުޖަށް ކަމަށެވެ. ޝަކުވާކުރި މީހާގެ ފަރުޖުން ނެގި ސާމްޕަލުން އިޒާމް ޒާހިރުގެ ޑީ.އެން.އޭ ފެނިފައި ނުވެއެވެ. ޝަކުވާކުރި މީހާގެ ކަރާއި ދެފަރާތުގެ ކަންފަތުން އަދި އުރަމަތިން ނެގުނު ސާމްޕަލަކުން އިޒާމް ޒާހިރުގެ ޑީ.އެން.އޭ ފެނުމަކީ އިޒާމް ޒާހިރުގެ ޖިންސީ ގުނަވަން ޝަކުވާކުރި މީހާގެ ޖިންސީ ގުނަވަނަށް ނުވަތަ އެހެންވެސް ގުނަވަނަކަށް ވައްދާފައިވާކަމުގެ މައްޗަށް އިތުރު ހެކި ޤަރީނާއެއް ނެތި، ޝަކުވާކުރި މީހާގެ ބަހާ ގުޅުވާލެވޭނެ ޤަރީނާއެއް ކަމުގައި ނުދެކެމެވެ.
43އާންމު އުސޫލުން މިފަދަ މައްސަލަތަކުގައި ޝަކުވާކުރި މީހާގެ ބަހަކީ އަސާސަކަށް ބަލައިގެން އެހެން ހެކި ޤަރީނާތަކުން އެ ބަހާ ގުޅުވާލެވޭތޯ ބަލަންޖެހޭކަން މި ރިޕޯޓުގައި ފާހަގަކުރެވުނު ޤާނޫނީ އުސޫލުތަކުން އެނގެން އޮވެއެވެ. މި މައްސަލައިގައި ހާދިސާ ހިނގާދިޔަ ގޮތުގެ މައްޗަށް ހެކިތައް ލިބިފައިވާ ގޮތުން، ޝަކުވާކުރި މީހާގެ ނުރުހުމުގައި ޝަކުވާކުރި މީހާގެ ފަރުޖަށް ނުވަތަ ގުނަވަނަކަށް އިޒާމް ޒާހިރުގެ ޖިންސީ ގުނަވަން ވައްދާފައިވާ ކަމަށް ބެލުމުގައި ދެވޭ ބުރަދަން ކުޑަވެގެންދާކަމުގައި ދެކެމެވެ. އަހުރެން މިފަދައިން ފާހަގަކުރަނީ ޝަކުވާކުރި މީހާ ތަހުޤީޤާށާއި ޝަރީޢަތަށް ކިޔައިދީފައިވާ ކިޔައިދިނުމަށް ބަލައި، ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ކަން ހިނގާދިޔަގޮތްކަމަށް ހެކިތަކުން ފެންނަން އޮތް ގޮތަށާއި، މި މައްސަލަ ސާބިތުކުރުމަށް ދަށުކޯޓުން މައިގަނޑުގޮތެއްގައި ރިޢާޔަތްކޮށްފައިވާ ހެކި ޤަރީނާތަކުން ނެރެވޭ ދޭހައިގެ މައްޗަށް ބުރަވެއެވެ. މިއީ ޝަކުވާކުރި މީހާގެ އަޚުލާޤަށް (character) ރިޢާޔަތްކޮށް ފާހަގަކުރާ ކަމެއް ނޫނެވެ.
44އިސްވެ ބަޔާންވެދިޔަ އެންމެހާ ކަންކަން އެހެން ހުރުމުން، ދަށުކޯޓުން މި މައްސަލައިގައި "ރޭޕްކުރުމުގެ" ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޖިންސީ ކުށުގެ ޤާނޫނާއި، އިސްވެ ފާހަގަކުރެވުނު ކަމާގުޅޭ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަގޮތް
45އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 1010/Cr-C/2025 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު؛
46މި މައްސަލައިގައި ކަން ހިނގާފައިވާގޮތްކަމަށް ރިސާޔަތު ފަނޑިޔާރު ބަޔާންކުރައްވާފައިވާ ކަންކަމާއި، އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 1010/Cr-C/2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކާއި، އޭގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން އެގޮތުގެ މަތިން ހުރިޔަތީ، އެކަން ތަކުރާރުކުރާކަށް ނެތީމެވެ.
47ރޭޕްގެ ކުށާއި، ރޭޕްގެ ކުށް ސާބިތުކުރުމުގައި ޤާނޫނުގައި ބަޔާންކުރާ މިންގަނޑާއި، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ރޭޕްގެ މައްސަލަތަކުގައި ޤާއިމުވެފައިވާ ޤާނޫނީ އުޞޫލުތަކާއި، އަދި ޤާނޫނީ ހަމަތަކުގެ ޚުލާސާގެ ގޮތުގައި ރިޔާސަތު ފަނޑިޔާރު ފާހަގަކުރައްވާފައިވާ ކަންކަމަށް އަހުރެން ތާއީދުކުރަމެވެ.
48އަހުރެންގެ ޚިޔާލު ތަފާތުވަނީ، މި މައްސަލައިގައި އުފެދޭ ޤާނޫނީ ސުވާލުގެ މައްޗަށް ޤާނޫނީ އުޞޫލުތައް ތަޠުބީޤުކުރައްވާފައިވާ ގޮތުގެ މައްޗަށެވެ. އެއީ މި ނިންމުމުގެ 30 ވަނަ ނުކުތާއިން ފެށިގެން އެ ރައުޔުގައިވާ ކަންކަމުގައެވެ.
49ރިޔާސަތު ފަނޑިޔާރުވެސް ފާހަގަކުރައްވާފައިވާ ފަދައިން މި އިސްތިއުނާފުގައި އޮތް ސުވާލަކީ، ދަށުކޯޓުން އިޒާމް ޒާހިރުގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ޖިންސީ ކުށުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/83 މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ (މީގެ ފަހުން "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ޤަޟިއްޔާ") ގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށްތޯ ނުވަތަ ނޫންތޯއެވެ.
50ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަކީ "ރޭޕްކުރުން" ކަމުގައި ޖިންސީ ކުށުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާއިރު، މިފަދަ މައްސަލަތައް ސާބިތުކުރުމުގައި އޮންނަ މިންގަނޑު މި ޤާނޫނުން ލުއިކޮށްފައިވާކަން މި ޤާނޫނުގެ 52 ވަނަ މާއްދާއިން އެނގެއެވެ. މިފަދަ ލުއި މިންގަނޑެއް ބޭނުންކުރުމުގެ ސަބަބެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ އަންހެނުންނާ ދެކޮޅަށް ހިންގޭ މިފަދަ ކުށްތަކަކީ ސިއްރިއްޔާތުގައި ހިންގޭ ކުށްތަކެއް ކަމުގައިވާތީވެ، މިފަދަ މައްސަލަތަކުގައި ހާދިސާ ހިނގިތަން ލޮލަށް ފެނުނު ހެކިން ގިނަފަހަރު ނުތިބޭތީއާއި، އަދި ބައެއް ފަހަރު ކުށްކުރަނީ އަނދިރީގައި ނުވަތަ އެނޫންވެސް ގޮތަކަށް ކުށްކުރާ މީހާގެ ސިފަ ވަންހަނާވާނޭ ގޮތަށް ތިބެގެންކަމުގައިވާތީއެވެ.
51މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމުގައި ލުއި މިންގަނޑުތަކެއް ކަނޑައަޅާފައިވާއިރު، މިފަދަ މައްސަލަތައް ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައިވާ ހެކިބަހުގެ ހަމަތަކަށް މި ބާވަތުގެ މައްސަލަތައް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
52އެ މިންގަނޑު މި ބާވަތުގެ މައްސަލަތަކަށް ތަޠުބީޤުކުރުމުން ވާސިލުވާ މިންގަނޑަކީ، ހާދިސާ ހިނގިތަން ލޮލަށް ފެނުނު މީހަކު ނެތްނަމަވެސް، އަނިޔާ ލިބުނު ފަރާތާމެދު ކަންވީގޮތްކަމަށް އޭނާ ކިޔައިދޭ ކިޔައިދިނުން ނުވަތަ އެ އަންހެން މީހަގެ ހެކިބަހަކީ، މައިގަނޑު އަސާސްކަމަށް ބަލައިގެން، އަދި އިތުރު ހެއްކާއި ޤަރީނާއިން އެ ހެކިބަހަށް ބާރުލިބިދޭނަމަ، މިފަދަ މައްސަލަތައް އެ މިންވަރުން ސާބިތުވުމެވެ.
53މުޙައްމަދު ނިޔާޒު ޤަޟިއްޔާގައިވާ ފަދައިން ޖިންސީކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހަކީ އެންމެ ބުރަދަން ހުރި ހެއްކެވެ. ޖިންސީ ކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހުގެ މައްޗަށް ބުރަވެ އެފަދަ މައްސަލައެއްގައި މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެނަމަ ނުވަތަ އެ ހެއްކަށް ބާރުދޭ އެހެނިހެން ޤަރީނާ ހުރެއްޖެނަމަ، ރޭޕްގެ ކުށް ސާބިތުކުރަން ފުދެއެވެ.
54މި މައްސަލައަށް މި އުޞޫލު ތަޠުބީޤުކުރުމަށްޓަކައި، އަނިޔާލިބުނު ފަރާތުން ތަހުޤީޤަށާއި ޝަރީޢަތަށް ދީފައިވާ ހެކިބަހަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން، އަނިޔާލިބުނު ފަރާތް ރޭޕްކުރިކަމަށް އަނިޔާލިބުނު ފަރާތުން ބުނެއެވެ. މިކަން ހިނގާދިޔަގޮތް ކިޔައިދެމުން، އަނިޔާލިބުނު ފަރާތުގެ ދެ އަތުގައި އިސްތިއުނާފުކުރާ ފަރާތުން ހިފާ ބާރުކޮށްލި ކަމަށާއި، އަނިޔާލިބުނު ފަރާތުގެ މޭމަތީގަޔާއި، ކުރިމަތިފަރާތުގައި އިސްތިއުނާފުކުރާ ފަރާތުން އަނގަޖެހިކަމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ ކުރިމަތިފަރާތް، އަނިޔާލިބުނު ފަރާތުގެ ކުރިމަތިފަރާތަށް ވެއްދިކަމަށް ބުނެއެވެ. އެކަމަކަށް އިންކާރުކޮށް، އެކަން ކުރަން ބޭނުންނުވާ ވާހަކައާއި، އަނިޔާލިބުނު ފަރާތް ދޫކޮށްލުމަށް އެދުނުކަމަށް އަނިޔާލިބުނު ފަރާތުން ބުނެއެވެ. އެ ހާދިސާއަށް ފަހު، އެކަން ރިޕޯޓުކުރުމަށް ޕޮލިސް ސްޓޭޝަނަށް ދިޔަ ކަމުގައި އަނިޔާލިބުނު ފަރާތުން ބުނެއެވެ. އަނިޔާލިބުނު ފަރާތުގެ މި ވާހަކަތައް އެހެނިހެން ހެއްކާއި ޤަރީނާއިން ކޮރޮބޮރޭޓްކުރެވެއެވެ. މިގޮތުން،
54.1 މި މައްސަލައިގައި މި މަންޒަރު ދުށް ކަމަށް ބުނާ 2 (ދޭއް) ހެކިންގެ ހެކި ބަހަށް ބަލާއިރު، އަނިޔާލިބުނު ފަރާތުގެ އެއްބަނޑުއެއްބަފާ ކޮއްކޮއާއި އަނިޔާލިބުނު ފަރާތުގެ ދެބެއިންގެދެދަރި ފިރިހެން ކޮއްކޮއަކާ ދެ މީހުން އަނިޔާލިބުނު ފަރާތް ގެއްލިގެން ހޯދަމުންދިޔަކަމަށާއި، މި ދެ މީހުންވެސް ޝަރީޢަތަށް ހެކިބަސް ދީފައިވާއިރު، އަނިޔާލިބުނު ފަރާތުގެ ދެބެންގެ ދެދަރި ފިރިހެން ކޮއްކޮ ބުނެފައިވަނީ، އަނިޔާލިބުނު ފަރާތް ފެނުނުއިރު، އިސްތިއުނާފުކުރާ ފަރާތް އޮތީ އޭނާގެ ގައިމަތީގައި ކަމަށާއި، އެއީ ގައިމައްޗަށް އަރާ "މޮށެންވެގެން" ކަމަށާއި، އަނިޔާލިބުނު ފަރާތް އޭނާ ކޮށްޕަމުންދިޔަކަމުގައި ހެކިބަސް ދީފައިވެއެވެ.
54.2 އަނިޔާލިބުނު ފަރާތުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ދީފައިވާ ހެކިބަހަށް ބަލާއިރު، އަނިޔާލިބުނު ފަރާތް ހޯދަމުން ގޮސް، ގެއަކަށް ވަތްއިރު، އޭނާ ރޯއަޑު އިވޭކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހުރީ އަނިޔާލިބުނު ފަރާތުގެ އަތުގައި ހިފަހައްޓާފައިކަމަށާއި، އިސްތިއުނާފުކުރާ ފަރާތް، އަނިޔާލިބުނު ފަރާތާ ބެހެން ހުރިކަމުގައި ބުނެ ހެކިބަސް ދީފައިވެއެވެ.
54.3. އިޖުތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓަށް ބަލާއިރު، މި ރިޕޯޓު ތައްޔާރުކުރުމުގައި އަނިޔާލިބުނު ފަރާތާ ވާހަކަދެއްކިކަން ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ގަދަކަމުން އަނިޔާލިބުނު ފަރާތުގެ ގައިމައްޗަށް އަރައި ޖިންސީ ގުޅުން ހިންގި ކަމުގައި އަނިޔާލިބުނު ފަރާތް ބުނިކަމަށާއި، އެ ޢަމަލު ހިންގާފައިވަނީ އިސްތިއުނާފުކުރާ ފަރާތް ކަމުގައި އަނިޔާލިބުނު ފަރާތް ބުނިކަމުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ރިޕޯޓު ތައްޔާރުކޮށްފައިވާ ފަރާތް ހެކިބަސް ދެމުން ޝަރީޢަތުގައި ބުނެފައިވަނީ ރިޕޯޓު ތައްޔާރުކުރުމުގައި އަނިޔާލިބުނު ފަރާތާ ވާހަކަދައްކާފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ގަދަކަމުން ޖިންސީ ގުޅުން ހިންގިކަމަށް އަނިޔާލިބުނު ފަރާތުން ބުނި ކަމުގައި ހެކިބަސް ދީފައިވެއެވެ.
54.4. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑީ.އެން.އޭ ތަޙްލީލް ރިޕޯޓަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތް ލައިގެން ހުރި ބޮކްސަރއިން ލިބުނު ޑީއެންއޭ ޕްރޮފައިލް އިސްތިއުނާފުކުރާ ފަރާތުގެ ޑީއެންއޭ ޕްރޮފައިލްއާ ދިމާވާކަމަށާއި، ހެދުނު ޕްރިޒަމްޓިވް ޓެސްޓުން މަނީގެ އަސަރުހުރިކަމަށް ދައްކާކަމަށާއި، އަނިޔާލިބުނު ފަރާތުގެ އުރަމަތީގެ ދެ ފަރާތުގެ ވަށްގަނޑުން ކުރެވުނު ސްވޮބްއިން ލިބުނު މިކްސްޑް ޑީއެންއޭ ޕްރޮފައިލްގައި މަދުވެގެން ހަތަރު މީހެއްގެ ޑީއެންއޭ ހުރިކަމަށް ދައްކާކަމަށާއި، މި މިކްސްޑް ޑީއެންއޭ ޕްރޮފައިލްގައި އިސްތިއުނާފުކުރާ ފަރާތުގެ ޑީއެންއޭ ހިމެނޭކަމަށް ބެލެވޭކަމަށާއި، އަނިޔާލިބުނު ފަރާތުގެ ކަރާއި ދެ ފަރާތުގެ ކަންފަތުން ކުރެވުނު ސްވޮބްއިން ލިބުނު މިކްސްޑް ޑީއެންއޭ، އިސްތިއުނާފުކުރާ ފަރާތުގެ ޑީއެންއޭ ޕްރޮފައިލްއާ ދިމާވާކަން އެނގެއެވެ. ތަޙްލީލު ކުރި ފަރާތުގެ ހެކިބަހުން، މިއީ ބަދުއަޚްލާޤީ މައްސަލައެއްކަމުން މަނީގެ އަސަރު ހުރިތޯ ބެލިފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ ބޮކްސާއިން މަނީގެ އަސަރު ދައްކާފައިވާކަމަށާއި، އަނިޔާލިބުނު ފަރާތުގެ އުރަމަތީގެ ދެ ފަރާތުން ނެގުނު ސާމްޕަލްގައި އިސްތިއުނާފުކުރާ ފަރާތުގެ ޑީއެންއޭ ހުރިކަމަށާއި، އަނިޔާލިބުނު ފަރާތުގެ ކަރާއި ކަންފަތުން ކުރެވުނު ސްވޮބްއިން ލިބުނު މިކްސްޑް ޑީއެންއޭ ޕްރޮފައިލްގެ މައިނަރ ކޮމްޕޯނެންޓްގެ ދެ ސައިޓެއް ފިޔަވާ ހުރިހާ ސައިޓެއް އިސްތިއުނާފުކުރާ ފަރާތުގެ ޑީއެންއޭ ޕްރޮފައިލްއާ ދިމާވާކަމަށާއި، ރޭޕްގެ މައްސަލަތުގައި ވަޖައިނަލް ސްވޮބްއިން ތުހުމަތުކުރެވޭ ފަރާތުގެ ޑީއެންއޭ ނުލިބުމަށް މެދުވެރިވެދާނެކަމަށާއި، އެގޮތުން ސާމްޕަލްތަކުގައި ގިނަ އަދަދަކަށް އަންހެން މީހާގެ ޑީއެންއޭ ޕްރޮފައިލް ހިމެނުމާއި ސާމްޕަލް ނެގޭގޮތާއި ހާދިސާ ހިނގުމަށްފަހު ވަގުތު ހޭދަވުމާއި ދޮވުން ހިމެނޭކަން ތަހްލީލުކުރި ފަރާތުން ހެކިބަސް ދީފައިވެއެވެ.
55HN7ރޭޕްކުރުމުގެ ކުށުގެ ޢަމަލުގެ ރުކުނަކީ، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، ވެއްދުމެވެ. ހާލަތުގެ ރުކުނަކީ އަނިޔާ ލިބުނު ފަރާތުގެ ރުހުން ނެތުމެވެ.
56އަނިޔާލިބުނު ފަރާތުގެ ޖިންސީ ގުނަވަނުގެ ތެރެއަށް އިސްތިއުނާފުކުރާ ފަރާތުގެ ޖިންސީ ގުނަވަން ވެއްދިކަމަށް އަނިޔާލިބުނު ފަރާތުން ބުނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ މިންގަނޑު، މި ބާވަތުގެ މައްސަލަތަކަށް ތަޠުބީޤުކުރުމުން ވާސިލުވާ މިންގަނޑަކީ، ހާދިސާ ހިނގިތަން ލޮލަށް ފެނުނު މީހަކު ނެތްނަމަވެސް، އަނިޔާ ލިބުނު ފަރާތާމެދު ކަންވީގޮތްކަމަށް އޭނާ ކިޔައިދޭ ކިޔައިދިނުން ނުވަތަ އެ އަންހެން މީހާގެ ހެކިބަހަކީ، މައިގަނޑު އަސާސްކަމަށް ބެލުމެވެ. އެ ހާދިސާ ހިނގާދިޔަގޮތް ތަހުޤީޤަށް އަނިޔާލިބުނު ފަރާތުން ކިޔައިދީފައިވެއެވެ. އޭގެ އިތުރުން، އިޖުތިމާއީ ޙާލަތު ވަޒަންކުރި ފަރާތަށްވެސް ކިޔައިދީފައިވެއެވެ. ޝަރީޢަތުގައި ހެކިބަސް ދެމުން އިސްތިއުނާފުކުރާ ފަރާތުގެ ކުރިމަތިފަރާތް، އަނިޔާލިބުނު ފަރާތުގެ ކުރިމަތިފަރާތަށް ވެއްދިކަމަށް އަނިޔާލިބުނު ފަރާތް ހެކިބަސްދީފައިވެއެވެ. މި ތިން މަހައްލުގައި ކިޔައިދީފައިވާގޮތުގައި ފުށުއެރުމެއްއޮތްކަމުގައި ނުބެލެވެއެވެ. މި ސަބަބަށްޓަކައި، މިއީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެއެވެ.
57ދެން އޮތީ، މި ބަހަށް އިތުރު ހެއްކާއި ޤަރީނާއިން ބާރުދޭތޯ ބެލުމެވެ. ހެކިންގެ ހެކިބަހަށް ބަލާއިރު، އަނިޔާލިބުނު ފަރާތުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ހެކިބަސްދީފައިވަނީ އަނިޔާލިބުނު ފަރާތް ހޯދަމުން ގޮސް، ގެއަކަށް ވަތްއިރު، އޭނާ ރޯއަޑު އިވޭކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހުރީ އަނިޔާލިބުނު ފަރާތުގެ އަތުގައި ހިފަހައްޓާފައިކަމަށާއި، އިސްތިއުނާފުކުރާ ފަރާތް، އަނިޔާލިބުނު ފަރާތާ "ބެހެން" ހުރިކަމުގައެވެ. އަނިޔާލިބުނު ފަރާތުގެ ދެބެއިންގެދެދަރި ފިރިހެން ކޮއްކޮ ހެކިބަސް ދީފައިވަނީ އަނިޔާލިބުނު ފަރާތް ފެނުނުއިރު، އިސްތިއުނާފުކުރާ ފަރާތް އޮތީ އޭނާގެ ގައިމަތީގައި ކަމަށާއި، އެއީ ގައިމައްޗަށް އަރާ "މޮށެންވެގެން" ކަމުގައެވެ.
58އަނިޔާލިބުނު ފަރާތް ކިޔައިދީފައިވާ ވާހަކަތަކަށް މި ހެކިބަހުން ބާރުލިބެއެވެ. މީގެ އިތުރުން، ޑީއެންއޭ ތަހުލީލު ރިޕޯޓުން އިސްތިއުނާފުކުރާ ފަރާތުގެ ބޮކްސާއިން މަނީގެ އަސަރު ދައްކާފައިވާކަން ހާމަވެއެވެ. އަނިޔާލިބުނު ފަރާތުގެ އުރަމަތީގެ ދެ ފަރާތުން ނެގުނު ސާމްޕަލްގައި އިސްތިއުނާފުކުރާ ފަރާތުގެ ޑީއެންޑޭ ހުރިކަމާއި، އަނިޔާލިބުނު ފަރާތުގެ ކަރާއި ދެފަރާތުގެ ކަންފަތުން ކުރެވުނު ސްވޮބުން ލިބުނު މިކްސްޑް ޑީއެންޑޭ ޕްރޮފައިލްގެ މައިނަރ ކޮމްޕޯނެންޓްގެ ދެ ސައިޓެއް ފިޔަވައި ހުރިހާ ސައިޓެއް އިސްތިއުނާފުކުރާ ފަރާތުގެ ޑީއެންއޭ ޕްރޮފައިލްއާ ދިމާވެއެވެ. އެ ހާދިސާ ހިނގައިދިޔަގޮތް ކިޔައިދެމުން އިސްތިއުނާފުކުރާ ފަރާތް އަނިޔާލިބުނު ފަރާތުގެ މޭމަތީގަޔާއި، ކުރިމަތިފަރާތުގައި އިސްތިއުނާފުކުރާ ފަރާތުން އަނގަޖެހިކަމަށް ބުނާ ބުނުމަށް މި ތަޙްލީލުގެ ނަތީޖާ ބާރުދެއެވެ. މިއީ ޖިންސީ ކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހަށް ބާރުދޭ ސައިންޓިފިކް ހެއްކެވެ.
59HN8އަނިޔާލިބުނު ފަރާތުގެ ފަރުޖުން ނެގި ސާމްޕަލުން އިސްތިއުނާފުކުރާ ފަރާތުގެ ޑީއެންއޭ ފެނިފައި ނުވާކަމުގެ މައްޗަށް ވާހަކަދެކެވިފައިވާއިރު، ރޭޕްގެ މައްސަލަތަކުގައި ވަޖައިނަލް ސްވޮބްއިން ތުހުމަތުކުރެވޭ ފަރާތުގެ ޑީއެންއޭ ނުލިބުމަށް މެދުވެރިވެދާނެ ސަބަބުތައް ހުރިކަމުގެ މައްޗަށް ޑީއެންޑޭ ތަޙްލީލުކުރި ފަރާތުން ހެކިބަސްދީފައިވެއެވެ.
އޭގެ ތަފްޞިލުތައް 54.4 ވަނަ ނުކުތާގައި އެވަނީއެވެ. އެހެންކަމުން، އަނިޔާލިބުނު ފަރާތުގެ ބަހާއި ގުޅުވައިދެވޭ އެހެނިހެން ހެކި ޤަރީނާ ލިބިފައިވާއިރު، އަނިޔާލިބުނު ފަރާތުގެ ވަޖައިނަލް ސްވޮބްއިން ފިރިހެނެއްގެ ޑީއެންއޭ ލިބިފައިނެތުމަކީ އަނިޔާލިބުނު ފަރާތް ހާދިސާ ކިޔައިދީފައިވާގޮތަށް ކަން ނުހިނގާކަން ދަލާލާތުކޮށްދޭ ކަމެއް ކަމުގައި ނުދެކެމެވެ.
60HN9ދެން އޮތީ، އަނިޔާލިބުނު ފަރާތުގެ ރުހުންއޮތްތޯ ނުވަތަ ނެތްތޯ މިކަމުގެ މައްޗަށް ދެކެވިފައިވާ ވާހަކަތަކެވެ. ރޭޕްގެ ތައުރީފަށް ބަލާއިރު، އެއް ރުކުނަކީ ރުހުންނެތުމެވެ. ރުހުންއޮތްކަން ނުވަތަ ނޫންކަން ދެނެގަނެވޭނީ ހަދިސާ ހިނގާފައިވާގޮތުންނެވެ. އެކަމުގެ އިންކާރު އޮންނަންވާނީ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، ވައްދާއިރުއެވެ. މިސާލަކަށް، އާންމު ގޮތެއްގައި ޖިންސީ ގުޅުން ހިންގާފައިވުމުގެ މައްޗަށް، ރުހުން ދާއިމަށް އޮތްކަމުގައި ބަލައިގެންނުވާނެއެވެ. އޭގެ ހިނދުކޮޅެއް ކުރިން ރުހުމުގައި ގުޅުން ހިންގަފާނެއެވެ. އެހެނަސް، ދިމާވާ ކަމަކުން، އެކަމުގެ މައްޗަށް އިންކާރު އޮތުމަކީވެސް އޮތްކަމެކެވެ.
61މި މައްސަލައިގައި އަނިޔާލިބުނު ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އެ ޢަމަލު ހިންގާފައިވަނީ އަނިޔާލިބުނު ފަރާތުގެ ރުހުންނެތިކަމުގައެވެ. ރުހުންނެތްކަން، އިސްތިއުނާފުކުރާ ފަރާތުން އަނިޔާލިބުނު ފަރާތުގެ އަތުގައި ހިފެހެއްޓި ހިފެހެއްޓުމާއި، އެކަން ކުރަން ބޭނުންނުވާ ކަމާއި، އޭނާ ދޫކޮށްލުމަށް އެދުނުކަމަށް އަނިޔާކުރި ފަރާތުން ބުނާ ބުނުމުން ދޭހަވެއެވެ. މިކަމަށް އަނިޔާލިބުނު ފަރާތުގެ ކޮއްކޮގެ ބަހުން ބާރުލިބެއެވެ. އެއީ މި ހެކިވެރިޔާ ވަތްއިރު، އަނިޔާލިބުނު ފަރާތް ރޯއަޑު އިވޭކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހުރީ އަނިޔާލިބުނު ފަރާތުގެ އަތުގައި ހިފަހައްޓައިގެންކަމުގައި އަނިޔާލިބުނު ފަރާތުގެ ކޮއްކޮ ބުނާ ބުނުމެވެ. މީގެ އިތުރުން، އަނިޔާލިބުނު ފަރާތުގެ ދެބެއިންގެދެދަރި ފިރިހެން ކޮއްކޮގެ ބަހުންވެސް އިސްތިއުނާފުކުރާ ފަރާތް، އަނިޔާލިބުނު ފަރާތުގެ ގައިމަތީ އޮތްއިރު އަނިޔާލިބުނު ފަރާތް އޭނާ ކޮށްޕަމުންދިޔަކަމުގައި ބުނާ ބުނުމަށްވެސް ރުހުންނެތްކަމުގެ މައްޗަށް ބާރުދެއެވެ.
62އަނިޔާލިބުނު ފަރާތުގެ ދެބެއިންގެދެދަރި ފިރިހެން ކޮއްކޮ ތަހުޤީޤަށް ދީފައިވާ ބަޔާނުގައި އެގެއަށް ގޮސް ބޮޑު ދޮރު ހުޅުވިއިރު އަންހެން ކުއްޖަކު ވަރަށް ބާރަށް ރޮމުން "ތިމަންނަ ދޫކޮށްލާށޭ، ތިމަންނަ ބޭނުމެއްނޫނޭ" ބުނި އަޑު އެހިކަމުގައި ބުނިނަމަވެސް، ޝަރީޢަތުގައި ހެކިބަސް ދެމުން އެގެއަށް ވަތްއިރު އެއްވެސް އަޑެއްނީވޭ ކަމުގައި ބުނާ ބުނުމުގައި ފުށުއެރުމެއް އެބަ ވެއެވެ. ތަޙްޤީޤު ބަޔާނުގައި އެ ގެއަށް ވަތްއިރު އަންހެނަކު އޭނާ ދޫކޮށްލުމަށް އަދި އެކަން ބޭނުންނުވާކަމަށް އަނިޔާލިބުނު ފަރާތުގެ ދެބެއިންގެދެދަރި ފިރިހެން ކޮއްކޮ ބުނި ބުނުމަށް ޚުދު އަނިޔާލިބުނު ފަރާތް ތަޙްޤީޤަށް ދީފައިވާ ބަޔާނާއި ޝަރީޢަތުގައި ހެކިބަސް ދިންއިރު އެ އިބާރާތް ހަމައެމޭރުމުން ބޭނުންކޮށްފައިވުމާއި، އަދި އަނިޔާލިބުނު ފަރާތުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ތަޙްޤީޤަށް ދީފައިވާ ބަޔާނާއި އަދި ޝަރީޢަތުގައި، ގެއަށް ވަތްއިރު އަނިޔާލިބުނު ފަރާތް ރޯން އޮތްކަމަށް ބުނާ ބުނުމަށް ބާރުދެއެވެ. އެހެންކަމުން، އަނިޔާލިބުނު ފަރާތުގެ ދެބެއިންގެދެދަރި ފިރިހެން ކޮއްކޮ ޝަރީޢަތުގައި އެއްވެސް އަޑެއް ނީވޭކަމުގައި ބުނި ބުނުމަކީ، މި އެންމެ ކަންކަން އެގޮތުގެ މަތިން އޮތަތީ، އެކަންކަން ނަފީވާވަރުގެ ފުށުއެރުމެއްކަމުގައި ނުދެކެމެވެ.
63HN10މި ބާވަތުގެ މައްސަލަތަކަށް ތަޠުބީޤުކުރަންޖެހޭ މިންގަނޑުކަމުގައި މަތީ މަރުޙަލާގެ ކޯޓުތަކުން ޤާއިމުކޮށްފައިވާ މިންގަނޑަކީ،
1. އަނިޔާލިބުނު ފަރާތާމެދު ކަންވީގޮތްކަމަށް އޭނާ ދޭ ހެކިބަހަކީ މައިގަނޑު އަސާސްކަމަށް ބެލުން
2. އެ ހެކިބަހުގެ މައްޗަށް ބުރަވެ އެފަދަ މައްސަލައެއްގައި މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެނަމަ ނުވަތަ އެ ހެއްކަށް ބާރުދޭ އެހެނިހެން ޤަރީނާ ހުރެއްޖެނަމަ، ރޭޕްގެ ކުށް ސާބިތުވުން
3. ޖިންސީ ކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކުގެ ވަކި އަދަދެއް ހަމަކުރުމަކީ ލާޒިމުކަމެއްނޫންކަމާއި، އެ ހެކިތަކުގެ ތެރެއިން އެއް ހެއްކަކުންވިޔަސް އަނިޔާލިބޭ ފަރާތުގެ ހެކިބަސް ކޮރޮބޮރޭޓްވުމާއިއެކު، ދަޢުވާލިބޭ ފަރާތް ކުށްކޮށްފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުން ކަމުގައިވާއިރު، އިސްވެ ބަޔާންވެދިޔަ އެންމެހާ ކަންކަން މި މިންގަނޑުގެ އަލީގައި ވަޒަންކުރުމުން، ދަށުކޯޓުން މި މައްސަލައިގައި "ރޭޕްކުރުމުގެ" ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޖިންސީ ކުށުގެ ޤާނޫނާއި، މަތީ މަރުހަލާގެ ކޯޓުތަކުން ޤާއިމުކޮށްފައިވާ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމުގައި އަހަރެން ދެކެމެވެ.
64އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބިނާކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 1010/Cr-C/2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު؛
65ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
● ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 1010/Cr-C/2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް […] އިޒާމް ޒާހިރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރާނެ ތަނެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު ޙުސައިން މަޒީދު
(ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފުޓްނޯޓު
- ދރރއ
- ދަށުކޯޓުގެ ރިޕޯޓުގައި "ކުށުގެ އުންސުރުތައް ސާބިތުވޭތޯ ބެލުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 13،12،11،10 ނަންބަރު ނުކުތާ
- ދަށުކޯޓުގެ ރިޕޯޓުގައި "ކުށުގެ އުންސުރުތައް ސާބިތުވޭތޯ ބެލުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 16،17 ނަންބަރު ނުކުތާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- އެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގައި، އެ ޤާނޫނުގެ މާއްދާތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ނަންބަރު ތަރުތީބުކުރުން ހިމެނިފައިނުވާތީ، މިހާރު އެ ޤާނޫނުގައި 20 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ހިމެނިފައި ނުވެއެވެ.
- އެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުން އެ ޤާނޫނުގެ 53 ވަނަ މާއްދާ ވަނީ އިސްލާހުކޮށްފައެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝާހް (2019/HC-A/325) ޤަޟިއްޔާގެ 14 ވަނަ ނުކުތާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ދަށުކޯޓުގެ ރިޕޯޓުގައި "ކުށުގެ އުންސުރުތައް ސާބިތުވޭތޯ ބެލުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 11، 12، 13 ނަންބަރު ނުކުތާ
- ދަށުކޯޓުގެ ރިޕޯޓުގައި "ކުށުގެ އުންސުރުތައް ސާބިތުވޭތޯ ބެލުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 16، 17 ނަންބަރު ނުކުތާ
- ދަށުކޯޓުގެ ރިޕޯޓުގައި ހިމެނިފައިވާ ތަހުޤީޤު ބަޔާންތައް
- ދަށުކޯޓުގެ ރިޕޯޓުގައި "ކުށުގެ އުންސުރުތައް ސާބިތުވޭތޯ ބެލުން" މި ސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ 17،16 ނަންބަރު ނުކުތާ
- އަހުރެންގެ ރައުޔުގައި ޝަކުވާކުރި އަންހެން މީހާއަށް ޙަވާލާދީފައިވާނީ "އަނިޔާލިބުނު ފަރާތް" މިގޮތަށެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.