މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2017/HC-A/111، 610/Cr-C/2015
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުގެ 610/Cr-C/2015 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގައިވާ މިންވަރަށް ހެކި ނުލިބޭތީ، މުޙައްމަދު ނިޔާޒާއި އެހެން ދެމީހެއްގެ މައްޗަށް ކުރި ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރިއެވެ. ޕްރޮސިކިއުޝަނުން އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2017/HC-A/111 ޤަޟިއްޔާގައި މުޙައްމަދު ނިޔާޒާ ބެހޭ ބައި ބާޠިލުކޮށް، އެ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ރޭޕްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 15 އަހަރުގެ ޖަލު ޙުކުމް ކުރިއެވެ. ދެން ދެމީހުން ކުށުން ބަރީއަވި ގޮތަށް ހައިކޯޓުން ތާއީދުކުރިއެވެ. މުޙައްމަދު ނިޔާޒު ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- 2015 ފެބްރުއަރީ 15 ވަނަ ދުވަހުގެ ރޭ ދަންވަރު، ރިސޯޓެއްގެ ކޮޓަރިއެއްގައި ތިން މީހަކު ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ދަޢުވާކުރެވުނެވެ. އަނިޔާލިބުނު ފަރާތުގެ ފަރުޖުން ނެގުނު ސާމްޕަލުން މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ފެނުނެވެ. އޭނާ ކުރިން ހުރި ވޯޓަރ ވިލާގެ ހައުސްކީޕަރަކީ މުޙައްމަދު ނިޔާޒު ކަމަށާއި، ކޮޓަރި ސާފުކުރުމުގައި ފަރުވާކުޑަކުރިކަމުގެ ޝަކުވާ އަނިޔާލިބުނު ފަރާތުން މެނޭޖްމަންޓަށް ހުށަހަޅާފައިވެއެވެ. ހާދިސާގެ ރޭ މުޙައްމަދު ނިޔާޒު އޭނާ ނިދާ ކޮޓަރިއަށް ނާދާ ހޭލާ އުޅުނުކަން ތަޙުޤީޤުން އެނގުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރޭޕްގެ މައްސަލައެއްގައި އަނިޔާލިބުނު ފަރާތުގެ ފަރުޖުން ފެނުނު ޑީއެންއޭ ހެކި، މޯޓިވާއި ކުށްކުރުމުގެ ފުރުޞަތާއި ރުހުން ނެތްކަމުގެ ގަރީނާއިން ކޮރޮބޮރޭޓްވާނަމަ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ރޭޕްކުރުމުގެ ކުށް ސާބިތުކުރުމަށް ފުދޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- މުޙައްމަދު ނިޔާޒު ބުނީ، ޑީއެންއޭ ހެކި ފިޔަވައި އޭނާ ކުށާ ގުޅުވާލެވޭ ހެއްކެއް ނެތް ކަމަށާއި، ޑީއެންއޭ ހެކި އެކަނިން ރުހުމެއް ނެތި ވެއްދިކަން ސާބިތުނުވާނެ ކަމަށެވެ. އަދި ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 52 ވަނަ އަދި 53 ވަނަ މާއްދާ ހައިކޯޓުން ނުރަނގަޅަށް ތަޠުބީޤުކުރި ކަމަށާއި، ހަނުހުރުން އޭނާއާ ދެކޮޅަށް ބޭނުންކުރި ކަމަށާއި، ޑީއެންއޭ ރިޕޯޓަކީ ޤާނޫނާ ޚިލާފަށް ހޯދި ހެއްކެއް ކަމަށް ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، އަނިޔާލިބުނު ފަރާތުގެ ހެކިބަހަކީ ރޭޕްގެ މައްސަލަތަކުގެ މައިގަނޑު އަސާސް ކަމަށާއި، އެ ހެކިބަސް އެހެން ހެކިތަކުން ކޮރޮބޮރޭޓްވާތީ ބަޔަކު އޭނާ ރޭޕްކުރިކަން ސާބިތުވާ ކަމަށެވެ. ޑީއެންއޭ ހެކި އެކަނި ނުފުދޭނަމަވެސް، މުޙައްމަދު ނިޔާޒަށް މޯޓިވް އޮތްކަމާއި ކުށްކުރުމުގެ ފުރުޞަތު ލިބުނުކަމާއި ރުހުން ނެތްކަމުގެ ގަރީނާއިން ޑީއެންއޭ ހެކި ކޮރޮބޮރޭޓްވެއެވެ. ޤާނޫނު ނަންބަރު 17/2014 ގެ 52 ވަނަ މާއްދާގައިވާ ހެކީގެ ވަކި އަދަދެއް ހަމަކުރުން ލާޒިމެއް ނޫނެވެ. ހަނުހުރުން ހައިކޯޓުން ހެއްކެއްގެ ގޮތުގައި ބަލާފައިނުވާތީއާއި، ޑީއެންއޭ ރިޕޯޓު ތައްޔާރުކުރީ އޭރު ޢަމަލުކުރި ގަވާއިދުތަކާ އެއްގޮތަށް ކަމުން، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އަންހެނުންނާ ދެކޮޅަށް ހިންގޭ މިފަދަ ކުށްތަކަކީ ސިއްރިޔާތުގައި ހިންގޭ ކުށްތަކެއް ކަމަށްވާތީވެ، މި ފަދަ މައްސަލަތަކުގައި ހާދިސާ ހިނގިތަން ލޮލަށް ފެނުނު ހެކިން ގިނަފަހަރު ނުތިބެއެވެ. އަދި ބައެއް ފަހަރު ކުށްކުރަނީ އަނދިރީގައި ނުވަތަ އެނޫންވެސް ގޮތަކަށް ކުށްކުރާ މީހާގެ ސިފަ ވަންހަނާ ވާނޭ ގޮތަކަށް ތިބެގެންނެވެ. އެ ސަބަބަށްޓަކައި މިފަދަ މައްސަލަތައް ސާބިތުކުރުމަށް އޮންނަ ހެކީގެ މިންގަނޑު ޖިންސީ ކުށުގެ ޤާނޫނުން ލުއިކޮށްފައި ވެއެވެ. އަދި މިފަދަ މައްސަލަތައް ނިންމުމުގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާގައިވާ ހެކިބަހުގެ ހަމަތަކަށް މި ބާވަތުގެ މައްސަލަތަކުގައިވެސް ރިއާޔަތްކުރަން ޖެހޭނެއެވެ. މިގޮތުން، ހާދިސާ ހިނގިތަން ލޮލަށް ފެނުނު މީހަކު ނެތް ނަމަވެސް، އަނިޔާލިބުނު ފަރާތާމެދު ކަންވީގޮތް ކަމަށް އޭނާ ކިޔައިދޭ ކިޔައި ދިނުން ނުވަތަ އެ އަންހެން މީހާގެ ހެކިބަހަކީ، އެއީ މައިގަނޑު އަސާސްކަމަށް ބަލައިގެން، އަދި އިތުރު ހެއްކާއި ގަރީނާއިން އެ ހެކިބަހަށް ބާރުލިބިދޭނަމަ މި ފަދަ މައްސަލަތައް އެ މިންވަރުން ސާބިތުކުރެވޭނެއެވެ.
HN2 ޖިންސީކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހަކީ އެންމެ ބުރަދަން ހުރި ހެއްކެވެ. ޖިންސީކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހުގެ މައްޗަށް ބުރަވެ އެފަދަ މައްސަލައެއްގައި މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެ ނަމަ ނުވަތަ އެ ހެއްކަށް ބާރުދޭ އެހެނިހެން ގަރީނާ ހުރެއްޖެ ނަމަ، ރޭޕްގެ ކުށް ސާބިތުކުރަން ފުދެއެވެ.
HN3 ޑީއެންއޭ ހެއްކަކީ އެ ހެކި އެކަނި އޮވެގެން ރޭޕްގެ ކުށް ސާބިތުވާނޭ ހެއްކެއް ނޫނެވެ. ރޭޕްގެ ކުށް ސާބިތުވުމަށް ޑީއެންއޭ ހެއްކަށް ބާރުދެނިވި އެހެން ހެއްކެއް ނުވަތަ ގަރީނާއެއް އޮންނަންވާނެ އެވެ.
HN4 ރޭޕްކުރުމުގެ މައްސަލައެއްގައި، ރޭޕްކުރުމުގެ ތުހުމަތު އުފެދިފައިވާ ހާލަތުގައި އަނިޔާލިބުނު ފަރާތުގެ ފަރުޖުގެ ތެރެއިން ރޭޕްގެ އަމަލު ހިންގި ފަރާތުގެ ޑީއެންއޭ ފެންނަ ހާލަތުގައި އެ ޑީއެންއޭ ހެކި ކޮރޮބޮރޭޓް ކުރުމަށް އަންނަނިވި ގަރީނާތައް ހުރި ނަމަ، ޑީއެންއޭ ހެކީގެ މައްޗަށް ބަލައި މުއްތަހަމްގެ މައްޗަށް ރޭޕްކުރުމުގެ ކުށް ސާބިތުކުރުމަށް ފުދޭނެއެވެ. (ހ) މޯޓިވްއެއް އޮތް ކަމަށް ދައްކައިދޭ ގަރީނާ. (ށ) ކުށްކުރުމަށް ފުރުސަތު ލިބިފައި އޮތް ކަމުގެ ގަރީނާ. (ނ) ރުހުން ނެތްކަން އެނގޭނޭ ގަރީނާ.
HN5 ގިނަ އިލްމުވެރިންގެ ނަޒަރުގައި ގުޅުން ހުރުމަކީ ކޯޓުން ގޮތެއް ނިންމަންޖެހޭ ވާގިއާ އާއި ގުޅުންހުރި ވާގިއާ އަކީ ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ މައިގަނޑު ވާގިއާ ސާބިތުވުމާއި ނުވުމަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ ކޮންމެ ވާގިއާއެކެވެ. މި އުސޫލުން ބަލާއިރު، ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާގިއާ އަށް ތައްޔާރުވުމާއި ކުށުގެ މޯޓިވް ދައްކައިދޭ ނުވަތަ އަންގައިދޭ ކޮންމެ ވާގިއާ އަކީ ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާގިއާ އާއި ގުޅުންހުރި ވާގިއާއެކެވެ.
HN6 މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ވާގިއާއަށް ތާއީދުލިބޭ ނުވަތަ ނަފީކުރާ ކޮންމެ ވާގިއާ އަކީ ވެސް ގުޅުންހުރި ވާގިއާއެކެވެ. މީގެ އިތުރުން، ކުށްކުރި ވަގުތު މުއްތަހަމް ހުރި ތަނާއި ވަގުތުގެ ސަބަބުން އެ އެކުށް ކުރުމަށް ފުރުސަތު ލިބިފައިވާކަން އަންގައިދޭ ނުވަތަ މުއްތަހަމް ހުރި ތަނާއި ވަގުތުގެ ސަބަބުން ކުށް ކުރުމަކީ މުސްތަހީލު ކަމެއްކަން އަންގައިދޭ ކޮންމެ ވާގިއާ އަކީވެސް ގުޅުންހުރި ވާގިއާއެކެވެ.
HN7 އަތުގައި މިއޮތް ރޭޕްގެ މައްސަލަތައް ފަދަ މައްސަލަތަކުގައިވެސް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑުން ކުށް ސާބިތުވޭތޯ ބަލާނީ އަނިޔާ ލިބުނު ފަރާތުގެ ވާހަކައަކީ ނުވަތަ ހެކިބަހަކީ އަސާސްކަމުގައި ބަލައިގެން އެ ހެކިބަސް ކޮރޮބޮރޭޓް ވޭތޯ ބެލުމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު މައްސަލައިގައި މި ކޯޓުން ބުނެފައިވާ ފަދައިން، ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކުގެ ވަކި އަދަދެއް ހަމަކުރުމަކީ ލާޒިމުކަމެއް ނޫނެވެ. އެހެކިތަކުގެ ތެރެއިން އެއް ހެއްކަކުން ކަމަށްވިޔަސް އަނިޔާލިބޭ ފަރާތުގެ ހެކިބަސް ކޮރޮބޮރޭޓް ވުމާއެކު، ދައުވާލިބޭ ފަރާތް ކުށްކޮށްފައިވާކަން ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ނަމަ ކުށް ސާބިތުކުރުމަށް އެ މިންވަރުން ފުދެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 19 ސެޕްޓެމްބަރު 2021 · ރަޖިސްޓްރީކުރީ 4 އޮކްޓޫބަރު 2021 · ނިމުނީ 15 ފެބުރުއަރީ 2022 (4.4 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2021/SC-A/83
ޝަރީއަތް ނިމުނުގޮތް
މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
15 ފެބްރުއަރީ 2022އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2017/HC-A/111
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޕްރޮސިކިއުޓަރ ޖެނެރަލް ގެ އޮފީސް
މުޙައްމަދު ނިޔާޒު
ގާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފާޠިމަތު މީޝާ، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް މުޙައްމަދު ޢާލިމް ޢަބްދުﷲ ގާނޫނީ ވަކީލު: އަލްއުސްތާޛު ޙުސައިން ސިރާޖު - އެސް އެންޑް އޭ ލޯޔަރސް އެލްއެލްޕީ، އަލްއުސްތާޛު އިބްރާހީމް ޝިޔާމް - ލެކްސަވީ ޗޭމްބާރސް އެލްއެލްޕީ
ޖިނާއީ މައްސަލަ – ރޭޕްކުރުމުގެ ކުށް – ރޭޕްކުރުމުގެ ކުށް ސާބިތުކުރުން – އަނިޔާ ލިބުނު ފަރާތުގެ ހެކިބަސް – ޑީއެންއޭ ހެކި
މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތައާރުފު
1މި މައްސަލައިގައި ހިމެނޭ އިސްތިއުނާފީ މައިގަނޑު ނުކުތާތައް ދައުރުވަނީ ރޭޕްގެ މައްސަލައެއް ސާބިތުކުރުމުގައި ޑީއެންއޭ ހެކީގެ ބުރަދަނާ ބެހޭގޮތުންނާއި މިފަދަ މައްސަލަތަކުގައި އަނިޔާލިބޭ ފަރާތުގެ ހެކިބަހުގެ ބުރަދަނާ ބެހޭ ގޮތުންނެވެ.
2މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ2017/HC-A/111 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި، ނ. މަނަދޫ، ދިލްބަހާރުގެ، މުޙައްމަދު ނިޔާޒު (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މުޙައްމަދު ނިޔާޒު" ކަމަށް ބުނެފައިވާ( ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޕްރޮސިކިއުޝަން"( އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
3މި މައްސަލައިގައި ޝަކުވާކުރި ފަރާތަކީ ރިޕަބްލިކް އޮފް ކޮރެއާގެ އަންހެނެކެވެ. މި ރައުޔުގައި ޝަކުވާކުރި އަންހެން މީހާއަށް ހަވާލާދީފައިވަނީ "ކއޔ" ނުވަތަ "އަނިޔާލިބުނު ފަރާތް" މި ގޮތަށެވެ. އޭނާއަކީ މި މައްސަލައިގައި ހިމެނޭ ހާދިސާ ހިނގިއިރު ދުބާއީގައި ހުންނަ ޖުމައިރާ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ ޑައިރެކްޓަރެއްގެ ވަޒީފާ އަދާކުރަމުން ގެންދިޔަ މީހެކެވެ. 2015 ފެބްރުއަރީ 9 ވަނަ ދުވަހު އޭނާ ދިވެހިރާއްޖެއަށް އައީ އެ ކުންފުނިން ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ރިސޯޓެއް ކަމުގައިވާ ޖުމައިރާ ދެވަނަފުށި މޯލްޑިވްސް ރިސޯޓު އިޝްތިހާރުކުރުމުގެ މަސައްކަތެއް ކުރުމަށެވެ. 9 ފެބްރުއަރީ ގައި ދިވެހިރާއްޖެއަށް އައުމަށްފަހު، އަނިޔާލިބުނު ފަރާތް އެންމެ ފުރަތަމަ ހުރީ އެ ކުންފުނިން ރާއްޖޭގައި ހިނގަމުންގެންދާ ޖުމައިރާ ވިޓަވެލިގައެވެ. އެއަށް ފަހު، ފެބްރުއަރީ 10 ވަނަ ދުވަހު އޭނާ ދިޔައީ ޖުމައިރާ ދެވަނަފުށި މޯލްޑިވްސް އަށެވެ. އެރަށަށް ގޮސް އޭނާ ފުރަތަމަ ހުރީ އެރަށުގެ ވޯޓަރ ވިލާއެއް ގައެވެ. އެރަށުގެ ވޯޓަރ ވިލާތައް (އޯޝަން ޕާރލް) ހުންނަނީ އެރަށުގެ މައިފަސްގަނޑާ ވަކިން އޮންނަ ތަނެއްގައެވެ. އެއަށްފަހު ފެބްރުއަރީ 15 ވަނަ ދުވަހު އެރަށުގެ މައިފަސްގަނޑުގައި ހުންނަ ކޮޓަރިތަކުގެ (ބީޗް ސެންކްޗުއަރީ) ތެރެއިން 7 ނަންބަރު ކޮޓަރިއަށް އޭނާ ބަދަލުވިއެވެ. އެރަށުގެ ވޯޓަރ ވިލާގައި އަނިޔާލިބުނު ފަރާތް ހުރި ތިންދުވަހުގެ ތެރެއިން 10، 11، އަދި 12 ވަނަ ދުވަހު ހައުސްކީޕަރެއްގެ ގޮތުން އިސްތިއުނާފުކުރާ މުޙައްމަދު ނިޔާޒު އެ ކޮޓަރީގައި މަސައްކަތްކޮށްފައި ވެއެވެ. އަދި އެ ތިން ދުވަހު މުޙައްމަދު ނިޔާޒު އެ ކޮޓަރި ސާފުކުރުމުގެ މަސައްކަތުގައި ފަރުވާކުޑަކޮށްފައި ވުމުގެ ސަބަބުން، އަނިޔާލިބުނު ފަރާތް އެކަމުގެ ޝަކުވާ ރިސޯޓުގެ މެނޭޖްމަންޓަށް ގެންގޮސްފައިވެއެވެ.
ރޭޕްގެ ހާދިސާ
4އަނިޔާލިބުނު ފަރާތް ބުނެފައިވަނީ 2015 ފެބްރުއަރީ 15 ވަނަ ދުވަހު އޭނާހުރީ އެރަށުގެ ބީޗް ސެންކްޗުއަރީ ގެ 7 ނަންބަރު ކޮޓަރީގައި ކަމަށެވެ. އޭނާގެ ހެކިބަހުގައި ބުނެފައިވަނީ އެރޭ އޭނާ ކޮޓަރިއަށް ދިޔައީ ރޭގަނޑު ގާތްތަނޑަކަށް 11 ޖަހާ އެހާއިރު ކަމަށާއި ނިދުނީ ގާތްގަނޑަކަށް މެންދަމުން އަނބުރައި 01:30 އެހާއިރު ކަމަށެވެ. އަދި އޭނާ ނިދީ ކޮޓަރީގެ ހުރިހާ ބޮކި ނިއްވާލާފައި ކަމަށާއި، އެހެން ނަމަވެސް ފާޚާނާގެ ބޮކި ނިއްވާ ނުލާ ކަމަށެވެ. އަދި ފާޚާނާގެ ދޮރު ލެއްޕި ކަމަށެވެ. ނަމަވެސް ކޮޓަރިތެރެ އޮތީ ވަރަށް އަނދިރިކޮށެވެ. ކޮޓަރީގެ ހުރިހައި ދޮރެއް ލެއްޕި ނަމަވެސް ތަޅުލެވުނު ކަން ޔަގީން ނުވާކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާ ނިދީ ލައިގެންހުރި ހުރިހާ ފޭރާމެއް ބޭލުމަށްފަހު ގައި މަތީގައި އެނދުގެ ރަޖާ އަޅައިގެން ކަމަށް އަނިޔާ ލިބުނު ފަރާތް ބުނެފައިވެއެވެ. އަނިޔާލިބުނު ފަރާތް ބުނެފައިވަނީ މެނދަމުން އަނބުރައި 03:30 އެހާއިރު އޭނާއަށް ހޭލެވުނީ މީހަކު ގަދަކަމުން އޭނާގެ އަނގަ މަތީގައި އަތްއަޅަން މަސައްކަތް ކުރަނިކޮށެވެ. އަދި އެމީހާގެ އިތުރުން ދެ މީހަކު (ކޮން ބައެއް ކަމެއް ނޭނގޭ) އެތަނުގައި ތިބިކަން އެނގުނެވެ. ނަމަވެސް އެއްވެސް މީހެއްގެ ސިފައެއް ބުނެދޭކަށް ނޭނގޭ ކަމަށެވެ. އެމީހުން ފެނުމާއެކު ބިރުވެރިކަން އިހުސާސްވި ކަމަށާއި، ހަޅޭއްލަވައިގަތުމަށް މަސައްކަތްކުރުމުން ދަގަނޑު އެއްޗެއް (ކޮން އެއްޗެއް ކަމެއް ބުނެދޭކަށް ނޭނގޭ) ކަރުގައި ޖެއްސުމުން ހަޅޭއްލަވާކަށް ނުކެރުނު ކަމަށް ބުނެފައިވެއެވެ. ހަޅޭއްލަވަން މަސައްކަތްކުރުމުން އެމީހުން ތަކުރާރުކޮށް އެގޮތަށް ކަންތައް ކުރުމުން ވެދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ހަޅޭއްލެވުމަށް މަސައްކަތް ނުކުރާ ކަމަށާއި، އެމީހުން އޭނާއާއެކު ޖިންސީ ގުޅުން ހިންގިކަމަށެވެ. އަދި އެތަނުން ދެ މީހަކު އޭނާއާ އެކު ޖިމާއުވިކަމަށާއި، ތިންވަނަ މީހާ ޖިމާއުވިކަން ނުވަތަ ނޫންކަން ބުނެދޭން ނޭނގޭ ކަމަށް ބުނެފައިވެއެވެ. އަދި އެމީހުން އޭނާއާ އެކު ޖިންސީ ގުޅުން ހިންގުމަށްފަހު އެމީހުންގެ ކުރިމަތި ފަރާތް އޭނާގެ އަނގައަށް ލެއްވުމަށް މަޖުބޫރު ކުރުވި ކަމަށެވެ. ޖިންސީ ގުޅުން ހިންގުމަށްފަހު އެމީހުން އެދުންވެރިކަން ބޭރުކުރީ ތަޅުންމައްޗަށް ކަމަށާއި، އެކަން އެނގެނީ އެމީހުން ޓައިލްސްތަކުގެ މައްޗަށް ފެން އަޅައި ދޮވުނުތަން އޭނާއަށް ފެނިފައިވާތީ ކަމަށް އަނިޔާ ލިބުނު ފަރާތް ބުނެފައިވެއެވެ. އެމީހުން ކޮޓަރީގައި ގަޑިއެއް ނުވަތަ އެއަށް ވުރެ ގިނައިރުވަންދެން އުޅުނު ކަމަށާއި، އޭނާއާ އެކު ޖިންސީ ގުޅުން ހިންގުމަށްފަހު އެމީހުން އޭނާގެ ދެ އަތް ބަނދެފައި ފާހާނާގެ ތެރެއަށް ވެއްދުމަށްފަހު އޭނާގެ ޖިންސީ ގުނަވަން ދޮވުމަށް ބުނިކަމަށާއި، އަދި އެއަށްފަހު އަނެއްކާވެސް އޭނާ ކޮޓަރިއަށް ގެނެސް އޭނާގެ ބޮލުގައި ބާލީސް އުރަ އަޅަން ބުނިކަމަށް އަނިޔާލިބުނު ފަރާތް ބުނެފައި ވެއެވެ. އަދި އަނެއް ބާލީހުގެ އުރައިން އޭނާގެ އަތުގެ މުލައްދަނޑި އެމީހުން އެއްސިކަމަށާއި، ކޮޓަރިތެރެ އަނދިރިކަމުން އޭނާއަށް އެއްވެސް މީހަކު ވަކިވާވަރު ނުވާކަމަށް ބުނެފައިވެއެވެ. ނަމަވެސް ކޮޓަރީގެ އެނދު ކައިރީގައި ހުރި ބޮތްކެއްގެ ފަނޑު އަލި ހުރި ކަމަށާއި، އެމީހުން ކޮޓަރިން ނިކުމެގެން ދިއުމުގެ ކުރިން އޭނާކުރެން މާދަމާރޭ ވެސް އޭނާ އުޅޭނީ އެ ކޮޓަރީގައިތޯ ސުވާލުކުރި ކަމަށް އަނިޔާ ލިބުނު ފަރާތް ބުނެފައިވެއެވެ. އެ ކޮޓަރީގައި އުޅޭނަމަ މާދަމާރޭ ވެސް އަންނާނެ ކަމަށާއި، އަދި އެރޭ ހިނގައިދިޔަ އެއްވެސް ކަމެއްގެ ވާހަކަ އެއްވެސް މީހަކަށް ކިޔައި ނުދިނުމަށް ބުނިކަމަށާއި، އަދި އެ ވާހަކަތައް މީހަކަށް ކިޔައިދީފި ނަމަ މަރާލާނެ ކަމަށް އިންޒާރު ދިންކަމަށް އަނިޔާ ލިބުނު ފަރާތް ބުނެފައި ވެއެވެ. އަދި އެފަހުން ވެސް އަނިޔާލިބުނު ފަރާތް އަމިއްލަ އަށް ވާހަކަ ދައްކަމުން ގެންދަނިކޮށް ކޮޓަރިން އެއްވެސް ހިލަމެއް ނުވުމުން، އެނދުން ތެދުވެގެން ގޮސް ފާހާނާގެ ދޮރު ލެއްޕީ ކަމަށާއި، އަދި އެއަށްފަހު ފޯނުން އޮޕަރޭޓަރަށް ގުޅާފައި އެކަންތައް ހޮޓަލުގެ އިސްފަރާތަށް އެންގީ ކަމަށް އަނިޔާލިބުނު ފަރާތް ބުނެފައި ވެއެވެ.
މައްސަލައިގެ ފަސްފަހަތް
5ނ. މަނަދޫ ދިލްބަހާރުގޭ މުޙައްމަދު ނިޔާޒުއާއި ބ. ގޮއިދޫ ފަތިސް، ޔާމީން ފައިޞަލްއާއި، ފ. މަގޫދޫ ފެހިވިލާ ޢުމަރު ފައިޞަލް 16 ފެބްރުއަރީ 2015 ދުވަހުގެ މެންދަމު 03:30 އެހައިކަށްހާ އިރު، ޖުމައިރާ ދެވަނަފުށީ "ބީޗް ސެންކްޗުއަރީ 07" ކޮޓަރީގައި އުޅެމުންދިޔަ ރިޕަބްލިކް އޮފް ކޮރެއާގެ ރައްޔިތެއް ކަމުގައިވާ ކއޔ ރޭޕްކޮށްފައިވާ ކަމަށް ބުނެ މުޙައްމަދު ނިޔާޒުއާއި، ޔާމީން ފައިޞަލްގެ މައްޗަށް ޖިންސީކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރޭޕްކުރުމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ކޮށްފައިވެއެވެ. ޢުމަރު ފައިޞަލްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވަނީ ޖިންސީކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ރޭޕްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާތަކުގެ މައްސަލަބެލި ކްރިމިނަލް ކޯޓުގެ ނަންބަރު 610/Cr-C/2015 ގަޒިއްޔާގައި އެކޯޓުން ހުކުމްކޮށްފައިވަނީ ޖިންސީކުށުގެ ގާނޫނުގެ 52 ވަނަ މާއްދާގައި ބުނެފައިވާ މިންވަރަށް ހެކި ލިބިފައިނުވާތީވެ މި މީސްމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުނުވާ ކަމަށެވެ.
6ކްރިމިނަލް ކޯޓުގެ ނަންބަރު 610/Cr-C/2015 ގަޒިއްޔާ ނިމުނު ގޮތާމެދު ޕްރޮސިކިއުޝަންގެ ފަރާތުން ހިތްހަމަނުޖެހިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ބެލި 2017/HC-A/111 ނަންބަރު ގަޒިއްޔާގައި ހައިކޯޓުން ކުރި ހުކުމުގައި ކަނޑައަޅާފައިވަނީ ދައުވާލިބުނު ތިން މީހުންގެ ތެރެއިން މުޙައްމަދު ނިޔާޒުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް، ޖިންސީކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ރޭޕްކުރުމުގެ ކުށުގެ ދައުވާ މުޙައްމަދު ނިޔާޒުގެ މައްޗަށް ސާބިތުވާކަމަށް ބަޔާންކޮށް ޖިންސީކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ނ) ގެ ދަށުން 15 އަހަރު ދުވަހުގެ މުއްދަތަށް މުޙައްމަދު ނިޔާޒު ޖަލަށްލުމަށް ހައިކޯޓުން ހުކުމްކޮށްފައިވެއެވެ.
7ނަމަވެސް ދައުވާލިބުނު ފަރާތްތަކުގެ ތެރެއިން ޔާމީން ފައިޞަލްއާއި ޢުމަރު ފައިސަލްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދު ކޮށްފައި ވެއެވެ.
8ހައިކޯޓުން މައްސަލަ ނިންމިގޮތާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ނިޔާޒުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ. މިއީ މުޙައްމަދު ނިޔާޒު ހުށަހެޅި އިސްތިއުނާފުގެ މައްސަލަ މިކޯޓުން ބެލި ގަޒިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
9ހައިކޯޓުގެ ނަންބަރު 2017/HC-A/111 ގަޒިއްޔާގައި މުޙައްމަދު ނިޔާޒުގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފުކުރުމުގެ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި 6 ނުކުތާއެވެ.
(ހ) އެކަށީގެންވާ ޝައްކެތް ނެތި މުޙައްމަދު ނިޔާޒުގެ މައްޗަށް ކުށް ސާބިތުކުރުމަށް ފުދޭ ހެކިގަރީނާއެއް ނެތި، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ހިލާފަށް މުޙައްމަދު ނިޔާޒުގެ މައްޗަށް ކުށް ސާބިތުކޮށް މައްސަލަ ނިމިފައިވުން.
(ށ) ގާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ގާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) މިމައްސަލައަށް ނުރަނގަޅު ގޮތުގައި ތަތުބީގުކުރެވި އެމާއްދާއާ ހިލާފަށް މައްސަލަ ނިމިފައިވުން.
(ނ) ގާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ގާނޫނު) ގެ 53 ވަނަ މާއްދާ ނުރަނގަޅު ގޮތުގައި މާނަކޮށްފައި އޮތުމާއި އެ މާއްދާގައި ބުނާފަދަ ހާލަތެއް މެދުވެރިވެފައި ވޭތޯ ނުވަތަ ނޫންތޯ މުޙައްމަދު ނިޔާޒުގެ ނިސްބަތުގައި ފަނޑިޔާރުން ވަޒަންކުރެއްވުމެއް ނެތި އެމާއްދާއާ ހިލާފަށް މައްސަލަ ނިމިފައިވުން.
(ރ) ގާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ގާނޫނު) 53 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (ރ) އަށް ރިއާޔަތްނުކުރެވި އެމާއްދާއާ ހިލާފަށް މައްސަލަ ނިމިފައިވުން.
(ބ) މުޙައްމަދު ނިޔާޒު ތަހުގީގުގައި ހަނުހުރި ހުރުމާއި، ޝަރިއަތުގައި އަމިއްލަ ނަފްސު ކުށްވެރިވާ ފަދަ ބަޔާނެއް ދީފައިނުވުން އެއީ އޭނާއާ ދެކޮޅަށް ގަރީނާއެއްގެގޮތުގައި ބޭނުންކުރެވި، ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އާއި 51 ވަނަ މާއްދާގެ (ނ) އާއި ގާނޫނު ނަންބަރު 20214/17 (ޖިންސީ ކުށުގެ ގާނޫނު) ގެ 52 ވަނަ މާއްދާގެ (ހ) އާ ހިލާފަށް މައްސަލަ ނިމިފައިވުން.
(ޅ) މައްސަލާގައި ތައްޔާރުކުރެވިފައިވާ ޑީއެންއޭ ރިޕޯޓަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކަކަށްވާއިރު، އެ ހެކި މުޙައްމަދު ނިޔާޒުއާ ދެކޮޅަށް ބޭނުންކޮށްފައިވަނީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ހިލާފަށް ކަމަށްވުމާއި، އެރިޕޯޓަކީ މައުލޫއީ ގޮތުންވެސް އެކަށީގެންވާ ޝައްކުތަކެއް އުފެދިފައިވާ ރިޕޯޓެއް ކަމަށްވާއިރު އެކަމަށް ރިއާޔަތް ނުކުރެވި މައްސަލަ ނިމިފައިވުން.
ކުށް ސާބިތުކުރުމަށް ފުދޭ މިންވަރަށް ހެކި ގަރީނާ ނެތް ކަމަށް ބުނާ ބުނުން
10އިސްތިއުނާފުކުރާ ފަރާތްކަމުގައިވާ މުޙައްމަދު ނިޔާޒުގެ ފަރާތުން ބުނެފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ "އެކަށީގެންވާ ޝައްކެއް ނެތް" މިންވަރަށް ކުށް ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތި ކަމަށެވެ.
11އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ގަޒިއްޔާއިން މުޙައްމަދު ނިޔާޒުގެ މައްޗަށް ރޭޕްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޖިންސީ ކުށުގެ ގާނޫނު ގެ ދަށުން ކަމަށާއި، މިކުށް އެ ގާނޫނު ގެ 6 ވަނަ މާއްދާގައި މާނަކޮށްދީފައިވާ ކަމަށާއި، އެމާއްދާގައި ވާގޮތުން؛ "ރޭޕްކުރުން" ކަމަށް ބުނެފައި ވަނީ، އެ ޤާނޫނުގެ 20 ވަނަ މާއްދާގައި ހިމެނޭ އިސްތިސްނާ ޙާލަތު ހިމެނުމާއެކު، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަށް ކަމަށެވެ. އެހެންވީމާ މިކުށް އެކަށީގެންވާ ޝައްކެތް ނެތި ސާބިތުވުމަށްޓަކައި، މުޙައްމަދު ނިޔާޒުގެ ޖިންސީ ގުނަވަނެއް އެހެން މީހެއްގެ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި ވަދެފައިވާކަން އެކަށީގެންވާ ޝައްކެތް ނެތި ސާބިތުވާނެ ހެކިގަރީނާ ހުންނަންޖެހޭ ކަމަށެވެ. ވީމާ، މި ކުށް މުޙައްމަދު ނިޔާޒުގެ މައްޗަށް ސާބިތުކުރުމަށްޓަކައި މުޙައްމަދު ނިޔާޒުގެ ޖިންސީ ގުނަވަން އެހެން މީހެއްގެ ގުނަވަނަކަށް އޭނާގެ ރުހުމާނުލައި ވަދެފައިވާކަން އެކަށީގެންވާ ޝައްކެއް ނެތި ސާބިތުވާނޭ ހެކި ގަރީނާ ހުންނަންޖެހޭ އިރު އެފަދަ ހެކި ގަރީނާ ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އިތުރަށް ބުނެފައިވަނީ، މުޙައްމަދު ނިޔާޒުގެ މައްޗަށް ހުށަހެޅުނު ހެކިތަކާއި އެ ހެކިތައް ފަނޑިޔާރު ވަޒަންކުރި ގޮތް ބަޔާންކޮށްފައިވަނީ ހައިކޯޓުގެ ހުކުމުގެ 13 ވަނަ ޕެރެގްރާފުގެ ނަންބަރުތަކުގައި ކަމަށާއި، އެގޮތުން މުޙައްމަދު ނިޔާޒުގެ މައްޗަށް 5 ހެއްކެއް ލިބިފައިވާކަމަށް ދޭހަވާ ގޮތަށް އެނުކުތާ ފަނޑިޔާރު ތަފުސީލުކޮށްފައިވާ ކަމަށާއި، އަދި 6 ވަނަ ކަމެއްގެ ގޮތުގައި އެހެކިތައް ގުޅިފައިވާ ކަމަށް ބަޔާންކޮށްފައިވާ އިރު، އެ ހެކިތައް އެއް ހެކި އަނެއް ހެއްކާ ގުޅޭ ގޮތެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޕްރޮސިކިއުޝަނުން މުޙައްމަދު ނިޔާޒުގެ މައްޗަށް ހުށަހަޅާފައިވާ ހެކިތަކަކީ (1) ޑީއެންއޭ ތަހުލީލު ރިޕޯޓު، (2) އަނިޔާ ލިބުނު ފަރާތުގެ ހެކިބަސް، (3) އަނިޔާލިބުނު ފަރާތުގެ މެޑިކޯ ލީގަލް ކޭސްރިޕޯޓާއި އެރިޕޯޓު ތައްޔާރުކުރެއްވި ފަރާތް، (4) އަނިޔާލިބުނު ފަރާތުން ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދިން ފަރާތެއްގެ ހެކިބަސް އަދި، (5) އަނިޔާލިބުނު ފަރާތުގެ ނަފްސާނީ ހާލަތު އަންގައިދޭ ރިޕޯޓު މި 5 ހެކި ކަމަށާއި، މި 5 ހެކީގެ ތެރެއިން ޑީއެންއޭ ތަހުލީލު ރިޕޯޓު ފިޔަވައި އެހެން އެއްވެސް ހެއްކެއް މުޙައްމަދު ނިޔާޒާއި ނުވަތަ އެ ޑީއެންއޭ ތަހުލީލު ރިޕޯޓާއި ގުޅޭ ގޮތެއް ފެންނަން ނެތް ކަމަށެވެ. މިގޮތުން އަނިޔާ ލިބުނު ފަރާތުގެ ހެކިބަހުގައި އޭނާ ރޭޕްކުރި މީހުންގެ ތެރޭގައި މުޙައްމަދު ނިޔާޒު ހިމެނޭ ކަމަށް ބުނެފައި ނެތް ކަމަށާއި، އަނިޔާލިބުނު ފަރާތުގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓުގައި އަނިޔާލިބުނު ފަރާތަށް އަނިޔާއެއް ލިބުނީ މުޙައްމަދު ނިޔާޒުގެ ފުށުންކަމަށް ދޭހަކުރެވޭ ވާހަކައެއް ބުނިބުންޏެއްގެ ސިފައިގައިވެސް ނެތް ކަމަށާއި، އަނިޔާލިބުނު ފަރާތުން ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދިން ފަރާތެއްގެ ހެކިބަހުގައި ވެސް އަނިޔާލިބުނު ފަރާތް ރޭޕްކުރިކަމަށް ގަބޫލުކުރެވޭ އެއްވެސް ފަރާތެއްގެ ނަމެއް ބަޔާންކޮށްފައި ނުވާ ކަމަށާއި އަދި ތަހުގީގުކުރި ފަރާތަށް ވާހަކަ ކިޔައިދިންއިރު، މިވެނި މީހަކަށް ތުހުމަތުވާކަމަށް ބުނެފައިވަނީވެސް މުޙައްމަދު ނިޔާޒުގެ ބަދަލުގައި ދައުވާލިބޭ އެހެން ފަރާތަކަށް ނިސްބަތްކޮށް ކަމަށާއި، އަނިޔާލިބުނު ފަރާތުގެ ނަފްސާނީ ހާލަތު އަންގައިދޭ ރިޕޯޓުގައި ވެސް މުޙައްމަދު ނިޔާޒުގެ ފުށުން އެއްވެސް ކަމެއް ހިނގާފައިވާކަމަށް ބާރުދޭ އެއްވެސް ވާހަކައެއް ބަޔާންވެފައި ނެތް ކަމަށެވެ.
12އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މުޙައްމަދު ނިޔާޒުއާ މި މައްސަލައާ ގުޅޭ ގޮތެއް ބަޔާންކުރުމަށް ދައުލަތުން ހުށަހަޅާ ހަމައެކަނި ހެއްކަކީ، އަނިޔާލިބުނު ފަރާތުގެ ވެޖައިނަލް ސްވޮބް އިން މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ލިބިފައި އޮންނަކަމަށް ޑީއެންއޭ ރިޕޯޓުގައި އޮންނަ އޮތުން އެކަނި ކަމަށާއި، އެހެންވީމާ މީގައި ބަހުސެއް އޮތީ، އަނިޔާލިބުނު ފަރާތުގެ ވެޖައިނަލް ސްވޮބްއިން މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ފެނިފައި އޮތުމުގެ ގަރީނާއިން އެކަނި، އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް އަނިޔާލިބުނު ފަރާތުގެ އެއްވެސް ގުނަވަނަކަށް މުޙައްމަދު ނިޔާޒުގެ ޖިންސީ ގުނަވަނެއް އަނިޔާލިބުނު ފަރާތުގެ ނުރުހުމުގައި ވައްދައިފިކަން ސާބިތުވާނެތޯ ނުވަތަ ނޫންތޯ ކަމަށެވެ. މި ބުނެވުނު ޑީއެންއޭ ގަރީނާއާ މެދު ޝައްކު އުފެއްދުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އަނިޔާލިބުނު ފަރާތުގެ ވެޖައިނާއާ ހަމައަށް މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ދަތުރުކުރުމުގެ ފުރުސަތު އޮތް ހަމައެކަނި ގޮތަކީ، މުޙައްމަދު ނިޔާޒުގެ ޖިންސީ ގުނަވަނެއް އަނިޔާލިބުނު ފަރާތުގެ ގުނަވަނަކަށް ވެއްދުމެއް ނޫން ކަމަށާއި، ވެއްދުން ސާބިތުނުކުރެވި ރޭޕްގެ ކުށް ސާބިތު ނުވާނެ ކަމަށެވެ.
13އަދި އަނިޔާ ލިބުނު ފަރާތުގެ ވެޖައިނަލް ސްވޮބްއިން ލިބުނު މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ލިބިފައިވަނީ ކީއްވެތޯ ކުރެވޭ ސުވާލުގައި ވަކި ގޮތެއް ވެފައި އޮވެދާނެކަމުގައި ތަފާތު އިހުތިމާލުތަކެއް އެބަހުރި ކަމަށާއި އެގޮތުން؛ (ހ) އަނިޔާލިބުނު ފަރާތާއި މުޙައްމަދު ނިޔާޒުއާ ދެމެދު ރުހުމުގައި ޖިންސީގުޅުން ހިންގާފައިވުން، (ށ) އަނިޔާލިބުނު ފަރާތާއި މުޙައްމަދު ނިޔާޒުއާ ދެމެދު ހިނގިކަމެއް ނުރުހުމުގައި ހިނގިނަމަވެސް، ވެއްދުމެއް ނެތި މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ހިމެނޭ ދިޔައެއް އަނިޔާލިބުނު ފަރާތުގެ ވެޖައިނާއާ ހަމައަށް ގޮސްފައިވުން، (ނ) އަނިޔާލިބުނު ފަރާތުގެ ނުރުހުމުގައި އަނިޔާލިބުނު ފަރާތުގެ ޖިންސީ ގުނަވަނަކަށް މުޙައްމަދު ނިޔާޒުގެ ޖިންސީ ގުނަވަން ވައްދާފައިވުން، (ރ) މުޙައްމަދު ނިޔާޒު ދަށު ކޯޓުގައި ބުނެފައިވާ ފަދައިން، ހާދިސާ ހިނގިރޭ އަނިޔާލިބުނު ފަރާތާ ސަލާންކޮށްފައިވުމުގެ ސަބަބުން ޓަޗް ޑީއެންއޭ ނަގުލުވަމުން ގޮސް އެނަތީޖާ ނުކުމެފައި އޮތުން ހިމެނޭ ކަމަށެވެ. މި ހަތަރު އިހުތިމާލުގެ ތެރެއިން ވަކި އިހުތިމާލެއް އެނޫން އިހްތިމާލު ތަކަށްވުރެ ވުން ގާތްކަމުގައި ކަނޑައެޅުމަށް އިތުރު ހެކި ގަރީނާ ބޭނުންވާނެ ކަމަށާއި، އަދި ރޭޕްގެ ޖިނާއީ ކުށް ސާބިތުކުރުމުގެ ބޭނުމަށް އެހެން ހެކިގަރީނާތަކުން އެ އިހުތިމާލަށް ކުރިލިބޭ މިންވަރަކީ ބޮޑަށް ބުރަވެވޭ މިންގަނޑަށްވުރެ މަތިވެ، އަނެއް ތިން އިހުތިމާލަށް ބުރަދަނެއް ނުދެވޭނެ ފަދަ އެކަށީގެންވާ ޝައްކުތަކުން ހުސްދުރުވެފައިވާ މިންވަރަކަށް ވާންޖެހޭ ކަމަށެވެ.
14މީގެ އިތުރުން، މުޙައްމަދު ނިޔާޒުއަކީ ޖުމައިރާ ދެވަނަ ފުށީގެ ރޫމް ނަންބަރު 7 އަށް ވަދެވޭނެ ފަރާތެއް ނޫން ކަމަށާއި، އަނިޔާލިބުނު ފަރާތް ވެއްދީމާ ނޫން ގޮތަކަށް އޭނާއަށް އެކޮޓަރިއަށް ވަދެވޭނެ އެހެން ގޮތެއް ނޯންނާނެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވެއެވެ. އަދި އަނިޔާލިބުނު ފަރާތުން ދީފައިވާ ބަޔާނަށް ބަލާއިރު، އޭނާ ރޭޕްކުރުމުގައި އުޅެފައިވަނީ 3 ފަރާތަކުން ކަމަށާއި، 3 މީހުންވެސް އޯރަލް ސެކްސް ހަދާފައިވާކަމަށް ބުނެފައިވާ ކަމަށާއި، ޑީއެންއޭ ރިޕޯޓާ އެ ވާހަކައާ ގުޅުމެއް ނެތް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވެއެވެ. އަދި 3 މީހުން ވެސް ޕެނެޓްރޭޓް ކުރިކަމަށް ބުނެފައެއް ނުވާ ކަމަށާއި، އަނިޔާ ލިބުނު ފަރާތުން ބުނެފައިވާ ގޮތުން، ޕެނެޓްރޭޓް ކުރީ 2 މީހަކު ކަމަށާއި، އަދި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، 3 މީހުންގެ ތެރެއިން އެކަކު އޭނާގެ ކުރިމަތި ފަރާތް އަނިޔާލިބުނު ފަރާތުގެ ފައިގައި ކޭއްތިކަމަށް އަނިޔާލިބުނު ފަރާތުން ބުނެފައިވާ ކަމަށާއި، ވެޖައިނާއާ ހަމައަށް ޑީއެންއޭ އެކުލެވޭ ދިޔައެއް ދަތުރުކުރުމަށް ފަރުޖުގެ އެތެރެއަށް ވެއްދުން ކޮންމެހެން ލާޒިމުނުވާކަމަށާއި، އަދި ޖިމާއުވި މީހުން އެދުންވެރިކަން ބޭރުކުރީ ބިންމައްޗަށްކަމަށް އަނިޔާލިބޭ ފަރާތުން ބުނެފައިވާއިރު، ފައިގައި ކުރިމަތި ފަރާތް ކޭއްތި މީހާގެ ދިޔަ، އަނިޔާލިބޭ ފަރާތުގެ ވެޖައިނާއާ ހަމައަށް ދަތުރުކުރުމަކީ ވެސް ވެފައި އޮވެދާނެ ގޮތެއް ކަމަށާއި، މިއިން އެއް އިހުތިމާލު އަނެއް އިހުތިމާލަކަށް ވުރެ މާބޮޑަށް ގަބޫލު ކުރެވެންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ކުށް އަދި ހެކިތައް
15މި މައްސަލައިގައި ދައުވާލިބުނު ތިން މީހުންގެ މައްޗަށްވެސް ހުރީ މައިގަނޑު އެއް ހެކިތަކެކެވެ. ދައުލަތުގެ ފަރާތުން މި އިސްތިއުނާފުގެ މައްސަލައިގައި ޖަވާބުދެމުން ބުނެފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ހެކީގެ ތެރެއިން 5 ބާވަތެއްގެ ހެކި ކުށް ސާބިތުވާ މިންވަރަށް ކޯޓަށް ހުށަހެޅިފައިވާ ކަމަށާއި، އުސޫލެއްގެ ގޮތުން މި މައްސަލައިގައި ހުރީ އެއް ހެކިތަކެއް ނަމަވެސް ކޮންމެ މީހަކާއި ކުށާ ގުޅުވާލެވޭ ހެކި ތަފާތުވެފައިވާ ކަމަށެވެ. އެގޮތުން އުމަރު ފައިސަލުއާ އެކުށާ ގުޅުވާލެވެނީ އެ ކޮޓަރީގެ ފާޚާނާގައި ހުރި ބިއްލޫރި ތައްޓަކުން އުމަރު ފައިސަލުގެ ފިންގަރޕްރިންޓު ފެނިފައި ވުމެވެ. އަދި ޔާމީން ފައިސަލުގެ ޑީއެންއޭ އެ ހާދިސާ ހިނގި ރޫމްގެ ފާޚާނާގެ މޫނު ދޮންނަ ތަށީގެ ތެރެއިން ނެގުނު ބާލީސް އުރައަކުން ފެނިފައި ވެއެވެ. މުޙައްމަދު ނިޔާޒުގެ ޑީއެންއޭ އަނިޔާލިބުނު ފަރާތުގެ ވެޖައިނަލް ސުވޮބަކުން ފެނިފައި ވެއެވެ. އުމަރު ފައިސަލް އަކީ ރޭޕުގެ އަމަލު ހިންގުނު އިރު އަނިޔާލިބުނު ފަރާތުގެ ކޮޓަރީގެ ރޫމް އެޓެންޑަންޓު ކަމަށްވާތީވެ، ކޮޓަރީގައި ހުންނަ ތަކެތީގައި އުމަރު ފައިސަލްގެ ފިންގަޕްރިންޓު ހުރުން އެކަށީގެންވާ ކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. އަދި ޔާމީން ފައިސަލްގެ ޑީއެންއޭ ފެނިފައިވަނީ ބާލީސް އުރައަކުން ކަމަށްވެފައި، ބާލީސް އުރަތަކަކީ ރިސޯޓުގައި ބޭނުންކުރުމަށް ގެންގުޅޭ އެއްޗަކަށްވެފައި އެކިއެކި ސަބަބުތަކާހުރެ ޔާމީން ފައިސަލްގެ ޑީއެންއޭ އެ ބާލީސް އުރައަށް ނަގުލުވުމުގެ ފުރަސަތު އޮތް ކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. އެހެންނަމަވެސް އަނިޔާލިބުނު ފަރާތުގެ ވެޖައިނާއިން މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ފެންނަން ޖެހޭ ސަބަބެއް މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި މުޙައްމަދު ނިޔާޒަށް ދެއްކިފައި ނުވާކަމަށް ހައިކޯޓުން ކަނޑައަޅާފައި ވެއެވެ.
16ޖިންސީ ކުށުގެ ޤާނޫނު ގެ 6 ވަނަ މާއްދާގައި ވާގޮތުން "ރޭޕްކުރުން" މާނަކޮށްފައިވަނީ "ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެ މީހެއްގެ ރުހުމާ ނުލައި ވެއްދުން" މި ގޮތަށެވެ.
17މި މައްސަލައިގައި މުޙައްމަދު ނިޔާޒު އަނިޔާލިބުނު ފަރާތް ރޭޕްކުރިކަމަށް ބުނެ މުޙައްމަދު ނިޔާޒުއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ މައިގަނޑު ދެ ހެއްކަކީ އަނިޔާލިބުނު ފަރާތްގެ ހެކިބަހާއި އަނިޔާލިބުނު ފަރާތްގެ ފަރުޖުގެ ތެރޭގައި މުޙައްމަދު ނިޔާޒުގެ ސިމެން ފްލުއިޑް ހުރިކަމުގެ ޑީއެންއޭ ހެއްކެވެ. އެހެން ކަމުން މި މައްސަލައިގައި މުޙައްމަދު ނިޔާޒުގެ މައްޗަށް ކުށް ސާބިތުކުރުމަށް ދެކަމެއް ސާބިތުވާން ޖެހެއެވެ. އެއީ:
(ހ) މީހަކު ނުވަތަ ބަޔަކު އަނިޔާލިބުނު ފަރާތް ރޭޕްކުރިކަން.
(ށ) މުޙައްމަދު ނިޔާޒު އާއި ކުށާއި ގުޅުވައިދޭ ޑީއެންއޭ ހެއްކަށް ބާރުދޭ އެހެން ހެއްކެއް ނުވަތަ ގަރީނާއެއް އޮތްކަން.
ރޭޕްކުރި ކަމުގެ ހެކި
18HN1އަންހެނުންނާ ދެކޮޅަށް ހިންގޭ މިފަދަ ކުށްތަކަކީ ސިއްރިޔާތުގައި ހިންގޭ ކުށްތަކެއް ކަމަށްވާތީވެ، މި ފަދަ މައްސަލަތަކުގައި ހާދިސާ ހިނގިތަން ލޮލަށް ފެނުނު ހެކިން ގިނަފަހަރު ނުތިބެއެވެ. އަދި ބައެއް ފަހަރު ކުށްކުރަނީ އަނދިރީގައި ނުވަތަ އެނޫންވެސް ގޮތަކަށް ކުށްކުރާ މީހާގެ ސިފަ ވަންހަނާ ވާނޭ ގޮތަކަށް ތިބެގެންނެވެ. އެ ސަބަބަށްޓަކައި މިފަދަ މައްސަލަތައް ސާބިތުކުރުމަށް އޮންނަ ހެކީގެ މިންގަނޑު ޖިންސީ ކުށުގެ ޤާނޫނުން ލުއިކޮށްފައި ވެއެވެ. އަދި މިފަދަ މައްސަލަތައް ނިންމުމުގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާގައިވާ ހެކިބަހުގެ ހަމަތަކަށް މި ބާވަތުގެ މައްސަލަތަކުގައިވެސް ރިއާޔަތްކުރަން ޖެހޭނެއެވެ. މިގޮތުން، ހާދިސާ ހިނގިތަން ލޮލަށް ފެނުނު މީހަކު ނެތް ނަމަވެސް، އަނިޔާލިބުނު ފަރާތާމެދު ކަންވީގޮތް ކަމަށް އޭނާ ކިޔައިދޭ ކިޔައި ދިނުން ނުވަތަ އެ އަންހެން މީހާގެ ހެކިބަހަކީ، އެއީ މައިގަނޑު އަސާސްކަމަށް ބަލައިގެން، އަދި އިތުރު ހެއްކާއި ގަރީނާއިން އެ ހެކިބަހަށް ބާރުލިބިދޭނަމަ މި ފަދަ މައްސަލަތައް އެ މިންވަރުން ސާބިތުކުރެވޭނެއެވެ.
19HN2ޖިންސީކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހަކީ އެންމެ ބުރަދަން ހުރި ހެއްކެވެ. ޖިންސީކުށުގެ ޝިކާރައަށްވެ އަނިޔާލިބިފައިވާ އަންހެނާގެ ހެކިބަހުގެ މައްޗަށް ބުރަވެ އެފަދަ މައްސަލައެއްގައި މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެ ނަމަ ނުވަތަ އެ ހެއްކަށް ބާރުދޭ އެހެނިހެން ގަރީނާ ހުރެއްޖެ ނަމަ، ރޭޕްގެ ކުށް ސާބިތުކުރަން ފުދެއެވެ. މި ރައުޔު ބިނާކޮށްފައި މިވަނީ ސަލާމާއި ސަލަވާތްލެއްވި މާތް ނަބިއްޔާގެ އަންނަނިވި ޙަދީޘްތަކުގެ މައްޗަށެވެ.
ޢަލްޤަމާ ބުނު ވާއިލް އޭނާގެ ބައްޕަގެ ކިބައިން ރިވާ ކުރެއްވިއެވެ.
عَنْ عَلْقَمَةَ بْنِ وَائِلٍ، عَنْ أَبِيهِ، أَنَّ امْرَأَةً، خَرَجَتْ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم تُرِيدُ الصَّلاَةَ فَتَلَقَّاهَا رَجُلٌ فَتَجَلَّلَهَا فَقَضَى حَاجَتَهُ مِنْهَا فَصَاحَتْ وَانْطَلَقَ فَمَرَّ عَلَيْهَا رَجُلٌ فَقَالَتْ إِنَّ ذَاكَ فَعَلَ بِي كَذَا وَكَذَا وَمَرَّتْ عِصَابَةٌ مِنَ الْمُهَاجِرِينَ فَقَالَتْ إِنَّ ذَلِكَ الرَّجُلَ فَعَلَ بِي كَذَا وَكَذَا . فَانْطَلَقُوا فَأَخَذُوا الرَّجُلَ الَّذِي ظَنَّتْ أَنَّهُ وَقَعَ عَلَيْهَا فَأَتَوْهَا بِهِ فَقَالَتْ نَعَمْ هُوَ هَذَا . فَأَتَوْا بِهِ النَّبِيَّ صلى الله عليه وسلم فَلَمَّا أَمَرَ بِهِ قَامَ صَاحِبُهَا الَّذِي وَقَعَ عَلَيْهَا فَقَالَ يَا رَسُولَ اللَّهِ أَنَا صَاحِبُهَا . فَقَالَ " اذْهَبِي فَقَدْ غَفَرَ اللَّهُ لَكِ " . وَقَالَ لِلرَّجُلِ قَوْلاً حَسَنًا . قَالَ أَبُو دَاوُدَ يَعْنِي الرَّجُلَ الْمَأْخُوذَ وَقَالَ لِلرَّجُلِ الَّذِي وَقَعَ عَلَيْهَا " ارْجُمُوهُ " . فَقَالَ " لَقَدْ تَابَ تَوْبَةً لَوْ تَابَهَا أَهْلُ الْمَدِينَةِ لَقُبِلَ مِنْهُمْ " . قَالَ أَبُو دَاوُدَ رَوَاهُ أَسْبَاطُ بْنُ نَصْرٍ أَيْضًا عَنْ سِمَاكٍ .
"ކީރިތި ރަސޫލާގެ ދުވަސްވަރު، އަންހެނަކު ނަމާދަށް ދަނިކޮށް، އަނދިރިކަމުގެ ތެރޭގައި ފިރިހެނަކު އޭނާއާ ބައްދަލުކޮށް ގަދަކަމުން ޒިނޭކުރުމަށްފަހުގައި އެ އަންހެން މީހާ ހަޅޭއް ލެވުމުން ދުވެ ފިލިއެވެ. އަދި އެ އަންހެން މީހާ އެ ތަނުގައި ހުއްޓާ މީހަކު އެ ތަނަށް އައުމުން ކަންވީ ގޮތް އެ އަންހެން މީހާ އެމީހާއަށް ކިޔައިދިނެވެ. އަދި އެ އަންހެންމީހާއާ މުހާޖިރީންގެ ބަޔަކާ ދިމާވުމުންވެސް އެ ވާހަކަ ކިޔައި ދިނެވެ. ދެން އެމީހުން އެއަމަލު ހިންގި މީހާ ހޯދަން ދިޔައެވެ. އެމީހުން އެމީހާ އެ އަންހެންމީހާ ގާތަށް ގެނައުމުން، އެ އަންހެންމީހާއާއެކު ގަދަކަމުން ޒިނޭކުރީ އެފިރިހެން މީހާކަމަށް ބުންނެވެ. އެ އަށްފަހު އެ އެންމެން ކީރިތި ރަސޫލާގެ އަރިހަށް ދިޔައެވެ. އެ ފިރިހެން މީހާ ރަޖަމުކުރުމަށް އިތުރު އެކަލޭގެފާނު އެންގެވުމުން އެ އަންހެންމީހާއާމެދު އެ ޢަމަލު ހިންގި ފިރިހެން މީހާ ތެދުވެ ކީރިތި ރަސޫލާއަށް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއަންހެން މީހާއާމެދު އެ އަމަލު ހިންގީ ތިމަންނައެވެ." އެހިނދު ރަސޫލާ އަންހެން މީހާއަށް ވިދާޅުވިއެވެ. ދާށެވެ. އެހެނީ ކަނބުލޭގެ އަށް ﷲ އަފޫކުރައްވައިފިއެވެ. އަދި ގެނެވުނު މީހާއަށް ރަސޫލާ ހެޔޮބަސްފުޅު ވިދާޅުވިއެވެ. އެއަށް ފަހު އެއަންހެން މީހާއާމެދު އެ އަމަލު ހިންގި ފިރިހެން މީހާ ރަޖަމް ކުރުމަށް ކީރިތި ރަސޫލާ އެންގެވިއެވެ. ދެން ރަސޫލުﷲ ވިދާޅުވިއެވެ. އޭނާ ތައުބާވި ފަދައިން މަދީނާގެ އަހުލުވެރިން ތައުބާވެއްޖެނަމަ އެ އެންމެންގެ ތައުބާ ގަބޫލުކުރެއްވީހެވެ."
މި ފަދަ އެހެން ރިވާޔަތެއްގައިވެއެވެ.
حَدَّثَنَا عَلِيُّ بْنُ حُجْرٍ، حَدَّثَنَا مُعَمَّرُ بْنُ سُلَيْمَانَ الرَّقِّيُّ، عَنِ الْحَجَّاجِ بْنِ أَرْطَاةَ، عَنْ عَبْدِ الْجَبَّارِ بْنِ وَائِلِ بْنِ حُجْرٍ، عَنْ أَبِيهِ، قَالَ اسْتُكْرِهَتِ امْرَأَةٌ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَدَرَأَ عَنْهَا رَسُولُ اللَّهِ صلى الله عليه وسلم الْحَدَّ وَأَقَامَهُ عَلَى الَّذِي أَصَابَهَا وَلَمْ يُذْكَرْ أَنَّهُ جَعَلَ لَهَا مَهْرًا.
ޢަބްދުއްޖައްބާރު ބުނު ވާއިލު ބުނު ޙުޖަރު ރިވާކުރައްވާފައިވެއެވެ. އެ ކަލޭގެފާނުގެ ބައްޕަ ބުނެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ޒަމާނުގައި ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށް އަންހެނަކަށް މަޖުބޫރުކުރުވި މައްސަލައެއްގައި އިތުރު އެކަލޭގެފާނު އަންހެން މީހާއަށް އަދަބު ނުދެއްވައެވެ. ނަމަވެސް އެ އަންހެން މީހާއާ މެދު އެ ޢަމަލު ހިންގި މީހާއަށް އަދަބު ދެއްވިއެވެ. މި ޙަދީޘްގެ ރާވީ އެ އަންހެންމީހާއަށް އިތުރު އެކަލޭގެފާނު ރަނެއް ކަނޑައެޅުއްވި ވާހަކަ ވިދާޅެއް ނުވެއެވެ.
20ފަހުން މި ބަޔާންކުރެވުނު ޙަދީޘް، ޢިލްމުވެރިން ބޭނުންކުރަނީ އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށް އިތުރު ގަރީނާ ހުރެއްޖެ ނަމަ ރޭޕްގެ ކުށް ސާބިތުވާނޭ ކަމުގެ ދަލީލު ދެއްކުމުގެ ގޮތުންނެވެ. މި ޙަދީޘްފުޅާ ގުޅޭ ގޮތުން އިލްމުވެރިން ވިދާޅުވަނީ ކީރިތި ރަސޫލާގެ ހުކުމް ބިނާވެފައިވަނީ އެ ފިރިހެން މީހާގެ ހަނުހުރުމާއި، އެތަނުގައި ތިބި މީހުން އޭނާ ހައްޔަރު ކުރުމުން ލިބުނު ގަރީނާ އަށާއި، އަނިޔާ ލިބުނު އަންހެނާގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މި ހާދިސާގައި 4 ހެކިން ދެއްކުމަށް ކީރިތި ރަސޫލާ އެ އަންހެން މީހާއަށް އަންގަވާފައެއް ނުވެއެވެ. އަދި އަންހެން މީހާގެ މައްޗަށް ގަޒްފުގެ އަދަބު ދެއްވާފައިވެސް ނުވެއެވެ.
21ރިވާވެގެންވާ ގޮތުގައި އިސްލާމީ އުއްމަތުގެ ދެވަނަ ޚަލީފާ، މާތްﷲ ރުއްސުންލެއްވި އުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު އެކަލޭގެފާނާ ހަމައަށް އަންހެން ކަނބަލަކު ގެނެވުނެވެ. އެ ކަނބުލޭގެ މާތްﷲ ރުއްސުންލެއްވި އުމަރުގެފާނަށް ދެންނެވީ އޭނާ އަކީ ވަރަށް ނިދި ގަދަ މީހެއްކަމަށާއި، އޭނާ ނިދާފައި ވަނިކޮށް، އޭނާގެ ގަޔަށް ފިރިހެނަކު އަރައި ގަދަކަމުން ޒިނޭކުރި ކަމަށާއި، އޭނާއަށް އެކަން އެނގުނީ ހެނދުނު ހޭލެވުމުން ކަމަށާއި، އޭނާއަށް ޖިންސީ ހަމަލާ ދިން ފިރިހެން މީހާގެ ސާފު ހަނދާނެއް ނެތް ކަމަށެވެ. މިގޮތަށް އެ ކަނބުލޭގެ ދެންނެވުމުން، މާތްﷲ ރުއްސުންލެއްވި އުމަރުގެފާނު އެ އަންހެން މީހާގެ ވާހަކަ ގަބޫލުކުރައްވައި، ޒިނޭގެ ކުށުން އެ އަންހެން މީހާ ބަރީއަ ކުރެއްވިއެވެ. މިއިން އެނގެނީ ރޭޕްގެ ކުށުގެ އަނިޔާލިބޭ މީހުންގެ ހެކިބަހަށް އިސްލާމީ ޝަރިއަތުގައި ދެވިފައިވާ ބުރަދަނެވެ.
22އަތުގައި މިއޮތް މައްސަލައިގައި އަނިޔާލިބުނު ފަރާތް، ތަހުގީގަށާއި ޝަރިއަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު ޖުމައިރާ ދެވަނަފުށި މޯލްޑިވްސްގެ ބީޗް ސެންކްޗުއަރީގައި ހުންނަ 7 ނަންބަރު ކޮޓަރީގައި 15 ފެބްރުއަރީ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި ބަޔަކު އޭނާ ރޭޕްކުރިކަން ގަބޫލުކުރެވެއެވެ. އަދި އެހެކިބަހުގައި އަނިޔާލިބުނު އަންހެން މީހާ ދައްކާފައިވާ ވާހަކަތައް އެހެނިހެން ހެއްކާއި ގަރީނާއިން ކޮރޮބޮރޭޓް ކުރެވެއެވެ. މިގޮތުން:
(ހ) އަނިޔާލިބުނު ފަރާތާއި ޖިންސީ ގުޅުން ހިންގާފައިނުވާނޭ ކަމަށް ބުނެ އެ އަމަލަށް އިންކާރުކޮށްފައިވާ މުޙައްމަދު ނިޔާޒު (އިސްތިއުނާފުކުރާ ފަރާތް) ގެ މަނި އަނިޔާލިބުނު ފަރާތުގެ ފަރުޖުގައި ހުރިކަން، ހާދިސާ ހިނގި ފަހުން ލަސްތަކެއް ނުވަނީސް އަނިޔާލިބުނު ފަރާތުގެ ފަރުޖުން ނެގުނު ސާމްޕަލްގެ ޑީއެންއޭ ތަހުލީލުން ކަށަވަރު ކުރެވިފައި ވެއެވެ.
(ށ) ހާދިސާ ހިނގިފަހުން ލަސްތަކެއް ނުވަނީސް އަނިޔާލިބުނު ފަރާތް ބެލި ޑޮކްޓަރު ދޫކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓުގައާއި ޝަރިއަތުގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އަނިޔާލިބުނު ފަރާތް ގެ ކުރިމަތި ފަރާތު ބޭރުގައި ދުޅަވެފައި ހުރި ތަނެއް ހުރި ކަމަށާއި ބަލާބެލުމުން ލަފާކުރެވެނީ ގަދަކަމުން ނޫނީ އަނިޔާއެއް ލިބޭ ކަހަލަ ގޮތަކަށް ކަމެއް ކޮށްފައި ހުރިގޮތަށް ރަތްވެފައި ހުރިކަމަށް ކަމަށާއި އަނިޔާލިބުނު ފަރާތް އެރޭ ބައިވަރު ފަހަރު ސެކްޝުއަލް ކޮންޓެކްޓުކޮށްފައި ހުރި ކަމަށާއި، އޭނާއަށް ލަފާކުރެވޭ ގޮތުގައި ސެކްޝުއަލް އެބިއުސްކޮށްފައިވާ ކަމަށާއި، ނިޝާންތައް ފެންނަނީ އެގޮތަށް ކަމަށެވެ.
(ނ) ހާދިސާ ހިނގި ބީޗް ސެންކްޗުއަރީ ގެ ކޮޓަރި ނަންބަރު 7 ގެ ފާޚާނާގެ މޫނު ދޮންނަ ތަށީގެ ތެރެއިން ނެގުނު ހުދުކުލައިގެ ބާލީސް އުރައިން މި މައްސަލައިގައި ތުހުމަތުކުރެވިގެން ދައުވާކުރެވުނު އެހެން މީހެއް ކަމަށްވާ ޔާމީން ފައިސަލްގެ ޑީއެންއޭ ފެނިފައިވެއެވެ.
(ރ) ހާދިސާ ހިނގި ބީޗް ސެންކްޗުއަރީ ގެ ކޮޓަރި ނަންބަރު 7 ގެ ފާޚާނާގެ މޫނު ދޮންނަ ތަށީގެ މަތީގައި ހުރި ބިއްލޫރި ތަށީގެ ބޭރުން ނެގުނު ލޭޓަންޓް ފިންގަރޕްރިންޓުގެ ނިޝާނާއި މި މައްސަލައިގައި ދައުވާކުރެވުނު، އަދި އެ ކޮޓަރީގެ ބަޓްލަރެއްގެ ގޮތުގައި މަސައްކަތްކުރި އުމަރު ފައިޞަލްގެ ވައަތު ޝަހާދަތް އިނގިލީގެ ނިޝާން ދިމާވެއެވެ.
(ބ) މައްސަލައިގައި އަނިޔާލިބުނު ފަރާތް ދީފައިވާ ބަޔާނުގައި އޭނާ ރޭޕްކުރުމުގައި ބައިވެރިވީ ތިން މީހުން ކަމަށް ބުނެފައިވާއިރު، އަދި އޭނާގެ ފަރުޖުގެ ތެރެއަށް ޒަކަރު ވެއްދީ ދެމީހުން ކަމަށް ބުނެފައިވާއިރު، އަދި އެ މީހުން ކޮޓަރީގެ ތަޅުންގަނޑުގެ މައްޗަށް އެދުންވެރިކަން ފުއްދިކަމަށް ބުނެފައިވާއިރު، އަދި އެމީހުން ތަޅުންގަނޑު ފޮހުނުކަމަށް އަނިޔާލިބުނު ފަރާތުގެ ބަޔާނުގައި ބުނެފައިވާއިރު، އަދި އޭނާ ރޭޕްކުރުމަށްފަހު ފާޚާނާއަށް ވެއްދިކަމަށް ބުނެފައިވާއިރު ކޮޓަރީގެ ފާޚާނާގެ މޫނު ދޮންނަ ތަށީގެ ތެރެއިން ފެނުނު ބާލީސް އުރަ އަކީ މި އަމަލު ހިންގި މީހުން ތަޅުންގަނޑު މައްޗަށް އެދުން ފުއްދުމަށްފަހު ތަޅުންގަނޑު ފޮހެން ބޭނުންކުރި ބާލީސް އުރަކަމަށް ބެލެވޭކަމަށް ހާދިސާ ހިނގިތަން ތަހުލީލުކުރި އޮފިސަރުން ދެކެއެވެ. މިހާދިސާއާއި ގުޅިގެން ކުރެވުނު ތަހުގީގުގައި މިކޮޓަރިން ނެގުނު ސާމްޕަލް ތަކުގެ ތެރެއިން ޑީއެންއޭ އެވިޑެންސް ފެނިފައިވުމުން، އަނިޔާލިބުނު ފަރާތުގެ ފަރުޖުގެ ތެރެއަށް ޒަކަރު ވެއްދީ ދެ މީހުން ކަމަށް ބުނާ ބުނުމަށް ބާރު ލިބިއެވެ. އަދި އެކޮޓަރީގެ ފާޚާނާ ތަށީގެ މަތިން ފެނުނު ބިއްލޫރި ތަށީގައި ކޮންމެވެސް ވަރަކަށް ފެން ހުރުމުންނާއި އެ ތަށީގެ ބޭރުން އުމަރު ފައިސަލުގެ ވާއަތުގެ ފިންގަރޕްރިންޓު ފެނުމުން އެ ތަށީގައި ވައަތުން ހިފައިގެން ކަނާއަތް ދޮވުނީ ނުވަތަ ކަނާއަތުން އިސްކުރު ދޫކޮށް ވައަތުން ތަށި ހިފައިގެން ހުރެ އެ ތައްޓަށް އިސްކުރުން ފެން އެޅީ އުމަރު ފައިސަލުކަން ދޭހަވާތީ އަނިޔާލިބުނު ފަރާތުގެ ހެކިބަހުން މި އަމަލުގައި ތިން މީހުން ބައިވެރިވެފައިވާ ކަމަށް ބާރު ލިބެއެވެ.
(ޅ) ކުށުގެ ވެށި ބަލައި ތަހުގީގުކުރި އޮފިސަރު ޕޮލިސް ލާންސް ކޯޕްރަލް ފަރީޝް އަޙްމަދުގެ ކްރައިމް އޮފް ސީން ރިޕޯޓުގައި ބުނެފައިވަނީ ކޮޓަރީގައި ހުރި ޑަބަލް ބެޑު މަތީގައި އަންހެން މީހާއާ ބަޔަކު މީހުން ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަމަށް ބެލެވޭފަދަ ގޮތަކަށް އަންހެން މީހާ އެއްސުމަށް ބޭނުންކުރި ބައެއް އަންނައުނު ހުރިކަން ފާހަގަކުރެވޭ ކަމަށާއި، އަންނައުނުތައް ހުރީ އެއްސުމަށް ޖަހާފައިހުރި ގޮށްތައް ވެސް މޮހާނުލައި ކަމަށެވެ. އަދި އެނދު މަތީގައި އަޅާފައި އޮތް ބެޑްޝީޓް މަތީގައި އިސްތަށިތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި، އެ އިސްތަށިތަކަކީ ޕިއުބިކް ހެއާ އާއި ވައްތަރު އިސްތަށިތަކެއް ކަމަށެވެ. އަދި ރޫމް ތެރޭގައި ކޮންމެވެސް ވަރަކަށް ރިސޯޓުގެ ބީޗު ސަރަހައްދުގައި ހުރި ކަމަށް ބެލެވޭ ދޮންވެލި ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރޫމްގެ ފާޚާނާގެ މޫނުދޮންނަ ތަށި ތެރޭގައި ތެމިފައި އޮތް ތުވާއްޔަކާއި ބާލީހު އުރައެއް އޮތް ކަމަށެވެ. ދޮރުތައް ބަލައި ފާސްކުރިއިރު، އެތަނުން އަތިރިމައްޗާވީ ފަރާތުން ފާޚާނާއަށް ވަދެވެން ހުރި ކައްސާ ދޮރުގެ އޮޓަމެޓިކް ތަޅު ހުރީ ހަލާކުވެފައި ކަމަށެވެ. އަދި ތަޅު ހަލާކުވެފައިވާ ދޮރާ ދިމާލުން ބޭރުގައި ބަޔަކު އުޅެފައިވާ ކަމުގެ ނިޝާންތައް، ފައިވާނުގެ ފިޔަވަޅުތަކެއް ކޮޓަރިއާ ދިމާލުން ގޮޑުދޮށާ ޖެހެންދެން ހުރި ކަމަށެވެ.
(ކ) ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ނުވަނީސް އަނިޔާލިބުނު ފަރާތް ބެލި ދެ ސައިކޮލޮޖިސްޓުން ބުނެފައިވަނީ އަނިޔާލިބުނު ފަރާތަށް ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީޓީއެސްޑީ) ޖެހިފައިވާ ކަމަށް ނިންމުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަ ވެފައިވާ ކަމުގެ އަލާމާތްތައް އެބަހުރި ކަމަށެވެ. އަދި އެ އަލާމާތްތަކަށް ފަރުވާ ދިނުމަށް އޭނާ 20 މޭގައި ރިޕޯޓު ހެދުމާ ހަމައަށް 12 ފަހަރެއްގެ މަތިން އަނިޔާލިބުނު ފަރާތް އާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އަނިޔާލިބުނު ފަރާތަށް ޕީޓީއެސްޑީ ޖެހިފައިވަނީ ދިވެހިރާއްޖޭގެ ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރޭގައި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ސީދާ ނަތީޖާއެއްގެ ގޮތުން ކަމަށް ސައިކޮލޮޖިސްޓުގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
23މަތީގައި ބަޔާންކުރެވުނު ވާގިއާތަކުން، އަނިޔާލިބުނު ފަރާތް ހާދިސާ ކިޔައިދީފައި އޮތީ ހަގީގަތާ އެއްގޮތަށް ކަމަށާއި، އަނިޔާލިބުނު ފަރާތުގެ ބަޔާނުގައިވާ ވާހަކަތަކަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ގަބޫލުކުރެވެއެވެ. މަތީގައިވާ ގަރީނާތަކުން އަނިޔާލިބުނު ފަރާތުގެ ބަޔާނުގައި ދައްކާފައިވާ ވާހަކަތައް ކޮރޮބޮރޭޓް ކުރެވެއެވެ. ވީމާ، ބަޔަކު ޖުމައިރާ ދެވަނަ ފުށި މޯލްޑިވްސް ރިސޯޓުގެ (ބީޗް ސެންކްޗުއަރީ) ތެރެއިން 7 ނަންބަރު ކޮޓަރީގައި 2015 ފެބްރުއަރީ 15 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އަނިޔާލިބުނު ފަރާތް ރޭޕްކޮށްފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ.
މުޙައްމަދު ނިޔާޒު އާއި ކުށާއި ގުޅުވައިދޭ ޑީއެންއޭ ހެކި
24އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރި ފަދައިން، ޖުމައިރާ ދެވަނަ ފުށި މޯލްޑިވްސް ރިސޯޓުގެ (ބީޗް ސެންކްޗުއަރީ) ތެރެއިން 7 ނަންބަރު ކޮޓަރީގައި 2015 ފެބްރުއަރީ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު އަނިޔާލިބުނު ފަރާތް ރޭޕްކޮށްފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ. މި ރައުޔުގެ 17 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދައިން، އެ ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވެ އަނިޔާލިބުނު ފަރާތުގެ ފަރުޖުގެ ތެރެއިން ނެގުނު ސާމްޕަލުން މުޙައްމަދު ނިޔާޒުގެ ސިމެން ފްލުއިޑް ހުރިކަމުގެ ޑީއެންއޭ ހެކި ލިބިފައިވެއެވެ. އެ ވަގުތު މުޙައްމަދު ނިޔާޒުގެ ސިމެން ފްލުއިޑް އަނިޔާލިބުނު ފަރާތުގެ ފަރުޖުގެ ތެރޭގައި ހުންނަންވީ ސަބަބު މި މައްސަލަ އިސްތިއުނާފުކުރާ މުޙައްމަދު ނިޔާޒު ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގެ ބުނެދީފައެއް ނުވެއެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި އޭނާ އިޚްތިޔާރުކޮށްފައި ވަނީ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރުމަށެވެ.
25އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ބުނެފައިވަނީ މުޙައްމަދު ނިޔާޒު މި މައްސަލައާ ގުޅޭ ގޮތެއް ބަޔާންކުރުމަށް ދައުލަތުން ހުށަހަޅާ ހަމައެކަނި ހެއްކަކީ، އަނިޔާލިބުނު ފަރާތުގެ ވެޖައިނަލް ސްވޮބް އިން މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ލިބިފައި އޮންނަކަމަށް ޑީއެންއޭ ރިޕޯޓުގައި އޮންނަ އޮތުން އެކަނި ކަމަށާއި، އެހެންވީމާ މީގައި ބަހުސެއް އޮތީ، އަނިޔާލިބުނު ފަރާތުގެ ވެޖައިނަލް ސްވޮބްއިން މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ފެނިފައި އޮތުމުގެ ގަރީނާއިން އެކަނި، އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް އަނިޔާލިބުނު ފަރާތުގެ އެއްވެސް ގުނަވަނަކަށް މުޙައްމަދު ނިޔާޒުގެ ޖިންސީ ގުނަވަނެއް އަނިޔާލިބުނު ފަރާތުގެ ނުރުހުމުގައި ވައްދައިފިކަން ސާބިތުވާނެތޯ ނުވަތަ ނޫންތޯ ކަމަށެވެ. މި ބުނެވުނު ޑީއެންއޭ ގަރީނާއާ މެދު ޝައްކު އުފެއްދުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އަނިޔާލިބުނު ފަރާތުގެ ވެޖައިނާއާ ހަމައަށް މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ދަތުރުކުރުމުގެ ފުރުސަތު އޮތް ހަމައެކަނި ގޮތަކީ، މުޙައްމަދު ނިޔާޒުގެ ޖިންސީ ގުނަވަނެއް އަނިޔާލިބުނު ފަރާތުގެ ގުނަވަނަކަށް ވެއްދުމެއް ނޫން ކަމަށާއި، ވެއްދުން ސާބިތުނުކުރެވި ރޭޕްގެ ކުށް ސާބިތު ނުވާނެ ކަމަށެވެ.
26އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޕްރޮސިކިއުޝަނުން މުޙައްމަދު ނިޔާޒުގެ މައްޗަށް ހުށަހަޅާފައިވާ ހެކިތަކަކީ (1) ޑީއެންއޭ ތަހުލީލު ރިޕޯޓު (2) އަނިޔާ ލިބުނު ފަރާތުގެ ހެކިބަސް (3) އަނިޔާލިބުނު ފަރާތުގެ މެޑިކޯ ލީގަލް ކޭސްރިޕޯޓާއި އެރިޕޯޓު ތައްޔާރުކުރެއްވި ފަރާތް (4) އަނިޔާލިބުނު ފަރާތުން ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދިން ފަރާތެއްގެ ހެކިބަސް؛ އަދި (5) އަނިޔާލިބުނު ފަރާތުގެ ނަފްސާނީ ހާލަތު އަންގައިދޭ ރިޕޯޓު މި 5 ހެކި ކަމަށާއި، މި 5 ހެކީގެ ތެރއިން ޑީއެންއޭ ތަހުލީލު ރިޕޯޓު ފިޔަވައި އެހެން އެއްވެސް ހެއްކެއް މުޙައްމަދު ނިޔާޒާއި ނުވަތަ އެ ޑީއެންއޭ ތަހުލީލު ރިޕޯޓާއި ގުޅޭ ގޮތެއް ނެތް ކަމަށެވެ. މިގޮތުން އަނިޔާ ލިބުނު ފަރާތުގެ ހެކިބަހުގައި އޭނާ ރޭޕްކުރި މީހުންގެ ތެރޭގައި މުޙައްމަދު ނިޔާޒު ހިމެނޭ ކަމަށް ބުނެފައި ނެތް ކަމަށާއި، އަނިޔާލިބުނު ފަރާތުގެ މެޑިކޯ ލީގަލް ކޭސްރިޕޯޓާއި އެރިޕޯޓުގައި އަނިޔާލިބުނު ފަރާތަށް އަނިޔާއެއް ލިބުނީ މުޙައްމަދު ނިޔާޒުގެ ފުށުންކަމަށް ދޭހަކުރެވޭ ވާހަކައެއް ބުނިބުންޏެއްގެ ސިފައިގައިވެސް އެރިޕޯޓުގައި ނެތް ކަމަށާއި، އަނިޔާލިބުނު ފަރާތުން ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދިން ފަރާތެއްގެ ހެކިބަހުގައި ވެސް އަނިޔާލިބުނު ފަރާތް ރޭޕްކުރިކަމަށް ގަބޫލުކުރެވޭ އެއްވެސް ފަރާތެއްގެ ނަމެއް ބަޔާންކޮށްފައި ނުވާ ކަމަށާއި އަދި ތަހުގީގުކުރި ފަރާތަށް ވާހަކަ ކިޔައިދިންއިރު، މިވެނި މީހަކަށް ތުހުމަތުވާ ކަމަށް ބުނެފައިވަނީވެސް މުޙައްމަދު ނިޔާޒުގެ ބަދަލުގައި ދައުވާލިބޭ އެހެން ފަރާތަކަށް ނިސްބަތްކޮށް ކަމަށާއި، އަނިޔާލިބުނު ފަރާތުގެ ނަފްސާނީ ހާލަތު އަންގައިދޭ ރިޕޯޓުގައިވެސް މުޙައްމަދު ނިޔާޒުގެ ފުށުން އެއްވެސް ކަމެއް ހިނގާފައިވާކަމަށް ބާރުދޭ އެއްވެސް ވާހަކައެއް ބަޔާންވެފައި ނެތް ކަމަށެވެ.
27HN3ތެދެކެވެ. ޑީއެންއޭ ހެއްކަކީ އެ ހެކި އެކަނި އޮވެގެން ރޭޕްގެ ކުށް ސާބިތުވާނޭ ހެއްކެއް ނޫނެވެ. ރޭޕްގެ ކުށް ސާބިތުވުމަށް ޑީއެންއޭ ހެއްކަށް ބާރުދެނިވި އެހެން ހެއްކެއް ނުވަތަ ގަރީނާއެއް އޮންނަންވާނެ އެވެ. އިސްތިއުނާފުކުރާ ފަރާތުގެ ގާނޫނީ ވަކީލު ބުނެފައިވަނީ އަނިޔާލިބުނު ފަރާތުގެ ފަރުޖުގެ ތެރެއިން ނެގުނު ސާމްޕަލުން މުޙައްމަދު ނިޔާޒުގެ ސިމެން ފްލުއިޑް ހުރިކަމުގެ ޑީއެންއޭ ހެކި ލިބުނު ނަމަވެސް މުޙައްމަދު ނިޔާޒު އަނިޔާލިބުނު ފަރާތް ރޭޕްކުރިކަން ސާބިތުވާނީ އަނިޔާލިބުނު ފަރާތުގެ ނުރުހުމުގައި އަނިޔާލިބުނު ފަރާތުގެ ފަރުޖަށް މުޙައްމަދު ނިޔާޒުގެ ޒަކަރު ވައްދާފައިވާކަން ސާބިތުވެގެންކަމަށެވެ. ނަމަވެސް އެ ޑީއެންއޭ ހެއްކަށް ބާރުދޭ އެހެން ހެއްކެއް ނުވަތަ ގަރީނާއެއް ޕްރޮސިކިއުޝަނުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އޭނާއާ އެކުށާ ގުޅުވައިދޭ ހެއްކެއް ނުވަތަ ގަރީނާއެއް ހުރިކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ނެތް ކަމަށެވެ.
28HN4ރޭޕްކުރުމުގެ މައްސަލައެއްގައި، ރޭޕްކުރުމުގެ ތުހުމަތު އުފެދިފައިވާ ހާލަތުގައި އަނިޔާލިބުނު ފަރާތުގެ ފަރުޖުގެ ތެރެއިން ރޭޕްގެ އަމަލު ހިންގި ފަރާތުގެ ޑީއެންއޭ ފެންނަ ހާލަތުގައި އެ ޑީއެންއޭ ހެކި ކޮރޮބޮރޭޓް ކުރުމަށް އަންނަނިވި ގަރީނާތައް ހުރި ނަމަ، ޑީއެންއޭ ހެކީގެ މައްޗަށް ބަލައި މުއްތަހަމްގެ މައްޗަށް ރޭޕްކުރުމުގެ ކުށް ސާބިތުކުރުމަށް ފުދޭނެއެވެ.
(ހ) މޯޓިވްއެއް އޮތް ކަމަށް ދައްކައިދޭ ގަރީނާ.
(ށ) ކުށްކުރުމަށް ފުރުސަތު ލިބިފައި އޮތް ކަމުގެ ގަރީނާ.
(ނ) ރުހުން ނެތްކަން އެނގޭނޭ ގަރީނާ.
29HN5އަތުގައި މި އޮތް މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޖުމައިރާ ދެވަނަފުށި މޯލްޑިވްސް އަށް އަނިޔާލިބުނު ފަރާތް ގޮސް ފުރަތަމަ ހުރީ އެރަށުގެ ވޯޓަރ ވިލާއެއްގައެވެ. އެރަށުގެ ވޯޓަރ ވިލާގައި އަނިޔާލިބުނު ފަރާތް ހުރި ތިން ދުވަހުގެ ތެރެއިން 10، 11، އަދި 12 ވަނަ ދުވަހު ހައުސް ކީޕަރެއްގެ ގޮތުން މަސައްކަތްކުރީ އިސްތިއުނާފުކުރާ މުޙައްމަދު ނިޔާޒު އެވެ. އަދި އެ ތިން ދުވަހު މުޙައްމަދު ނިޔާޒު އެ ކޮޓަރި ސާފުކުރުމުގެ މަސައްކަތުގައި ފަރުވާކުޑަކޮށްފައި ވުމުގެ ސަބަބުން، އަނިޔާލިބުނު ފަރާތް އެކަމުގެ ޝަކުވާ މެނޭޖްމަންޓަށް ގެންގޮސްފައި ވެއެވެ. މި މޯޓިވްއާ ގުޅޭ ވާގިއާ އަށް ކޯޓުން ރިއާޔަތްކުރެވޭނީ މި ވާގިއާއަކީ މައްސަލައިގެ މައިގަނޑު ވާގިއާކަމުގައިވާ ރޭޕްކުރުމުގެ ވާގިއާއާއި ގުޅުންހުރި ވާގިއާއެއް ކަމަށް ވާނަމައެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި ދެ ވާގިއާއެއް ގުޅުން ހުރިކަމަށް ބެލެވޭނީ، ދެ ވާގިއާ އެކުގައި ނުވަތަ ވަކިވަކީން ތަތުބީގު ކުރުމުން އެ ދެވާގިއާ އެއްވާގިއާ އަނެއް ވާގިއާއާ ގުޅިފައި ހުރިވަރު ބޮޑުކަމުން އާންމުކޮށް ކަންކަން ހިނގާ އުސޫލުން ބަލާއިރު އެއް ވާގިއާއިން މާޒީގައި ނުވަތަ ހާލުގައި ނުވަތަ މުސްތަގުބަލުގައި އަނެއް ވާގިއާ ވުޖޫދުވިކަން ނުވަތަ ނޫންކަން ސާބިތުވުން ނުވަތަ ވަރަށް ބޮޑަށް އެކަން ވުޖޫދުވިކަން ނުވަތަ ވުޖޫދުވެފައިވާކަން ނުވަތަ ވުޖޫދުވާނެ ކަމަށް އެކަށީގެން ވުމުންނެވެ. ނަމަވެސް ދެ ވާގިއާއެއް ގުޅިފައިވޭތޯ ބެލުމުގައި މި މިންގަނޑަކީ ތަންކޮޅެއް ހަރުކަށި މިންގަނޑެއް ކަމަށްވުމުން ގިނަ އިލްމުވެރިންގެ ނަޒަރުގައި ގުޅުން ހުރުމަކީ ކޯޓުން ގޮތެއް ނިންމަންޖެހޭ ވާގިއާ އާއި ގުޅުންހުރި ވާގިއާ އަކީ ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ މައިގަނޑު ވާގިއާ ސާބިތުވުމާއި ނުވުމަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ގެނެސްދޭ ކޮންމެ ވާގިއާއެކެވެ. މި އުސޫލުން ބަލާއިރު، ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާގިއާ އަށް ތައްޔާރުވުމާއި ކުށުގެ މޯޓިވް ދައްކައިދޭ ނުވަތަ އަންގައިދޭ ކޮންމެ ވާގިއާ އަކީ ކޯޓުން ގޮތެއް ނިންމަންޖެހިފައިވާ ވާގިއާ އާއި ގުޅުންހުރި ވާގިއާއެކެވެ. އެހެންކަމުން، މުޙައްމަދު ނިޔާޒު އެ ކޮޓަރި ސާފުކުރުމުގެ މަސައްކަތުގައި ފަރުވާކުޑަ ކޮށްފައި ވުމުގެ ސަބަބުން، އަނިޔާލިބުނު ފަރާތް އެކަމުގެ ޝަކުވާ މެނޭޖްމަންޓަށް ގެންގޮސްފައި އޮތް އޮތުމަކީ ކުށްކުރުމުގެ މޯޓިވް ދޭހަކޮށްދޭ ވާގިއާއެކެވެ. އެހެންކަމުން އެ ވާގިއާ އަކީ އަނިޔާލިބުނު ފަރާތުގެ ފަރުޖުގެ ތެރެއިން ފެނިފައިވާ މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ހެކި ކޮރޮބޮރޭޓްކުރެވޭ (ބާރުދެނިވި) ގަރީނާއެކެވެ.
30HN6ދެން އޮތް ސުވާލަކީ، ކުށް ހިނގި ތަނާއި ވަގުތަށް ބަލާއިރު މުޙައްމަދު ނިޔާޒު އެކުށް ކުރުމަށް ފުރުސަތު ލިބިފައި އޮތްތޯ ނުވަތަ ނޫންތޯ ބެލުމެވެ. މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ވާގިއާއަށް ތާއީދުލިބޭ ނުވަތަ ނަފީކުރާ ކޮންމެ ވާގިއާ އަކީ ވެސް ގުޅުންހުރި ވާގިއާއެކެވެ. މީގެ އިތުރުން، ކުށްކުރި ވަގުތު މުއްތަހަމް ހުރި ތަނާއި ވަގުތުގެ ސަބަބުން އެ އެކުށް ކުރުމަށް ފުރުސަތު ލިބިފައިވާކަން އަންގައިދޭ ނުވަތަ މުއްތަހަމް ހުރި ތަނާއި ވަގުތުގެ ސަބަބުން ކުށް ކުރުމަކީ މުސްތަހީލު ކަމެއްކަން އަންގައިދޭ ކޮންމެ ވާގިއާ އަކީވެސް ގުޅުންހުރި ވާގިއާއެކެވެ. މި މައްސަލައަށް ބަލާއިރު، މި މައްސަލައިގައި ކްރައިމް ސީނަށް ދިޔަ ތަހުގީގު އޮފިސަރެއް ކަމުގައިވާ އާމިނަތު މުޙައްމަދު ޝަރިއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނެފައިވަނީ ތަހުގީގު ފޯކަސްކުރީ އެތަނަށް ވަދެވެން އޮތް މީހުނާއި ހައުސްކީޕިންގ ގައި މަސައްކަތް ކުރާ މީހުންނަށް ކަމަށާއި އެގޮތުން ޝޯޓް ލިސްޓުކުރެވުނު 7 މީހުންގެ ރިފަރެންސް ސާމްޕަލް ނެގުނު ކަމަށާއި، އެގޮތުން މުޙައްމަދު ނިޔާޒުގެ ބަކްލް ސޮވޮބް ނަގަން ނިންމީ އެ ހާދިސާ ހިނގި ދުވަހު ވޯޓަރ ވިލާގައި މަސައްކަތްކުރާ މުޙައްމަދު ނިޔާޒު އެރޭ ވޯޓަރވިލާގައި އޭނާ ނިދަން ހަމަޖެހިފައިވާ ތަނުގައި ނިދުމުގެ ބަދަލުގައި، މައިރަށަށް އައިސް އޭނާ މައިރަށުގައި ނިދާ ރޫމްގައި އުޅޭ މީހުންނާ ސުވާލުކުރުމުން، އޭނާ އެކޮޓަރިއަށް އެރޭ ނިދަން ނާންނަ ކަމަށް ބުނެފައިވާތީ ކަމަށެވެ. މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައވާ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ މައްސަލައާ ގުޅިގެން ފުރަތަމަ މަރުހަލާގައި ނެގުނީ 7 މީހެއްގެ ބަކްލް ސޮވޮބް ކަމަށާއި، މި މަރުހަލާގައި ބަކްލް ސްވޮބް ނެގުނު 7 މީހުންނަކީ ހާދިސާ ހިނގިކަމަށް ބުނާ ގަޑީގައި ނުވަތަ އެގަޑިއާ ކައިރީ ވަގުތުތަކުގައި ރިސޯޓުގެ ލޭބަރ ކްއާޓަރުގައި ހޭލާ އުޅުނު ކަމަށް ސެކިއުރިޓީގެ ފަރާތުން މައުލޫމާތު ލިބިފައިވާ މީހުން ކަމަށެވެ. މި ބުނެވުނު 7 މީހުންގެ ތެރޭގައި މުޙައްމަދު ނިޔާޒު ހިމެނޭތީވެ، މުޙައްމަދު ނިޔާޒަކީ ހާދިސާ ހިނގިކަމަށް ބުނާ ގަޑީގައި ނުވަތަ އެގަޑިއާ ކައިރީ ވަގުތުތަކުގައި ރިސޯޓުގެ ލޭބަރ ކްއާޓަރުގައި ހޭލާ އުޅުނު މީހެއްކަން އެނގެއެވެ. މުޙައްމަދު ނިޔާޒަކީ ހާދިސާ ހިނގިކަމަށް ބުނާ ގަޑީގައި ނުވަތަ އެގަޑިއާ ކައިރީ ވަގުތުތަކުގައި ރިސޯޓުގެ ލޭބަރ ކްއާޓަރުގައި ހޭލާ އުޅުނު މީހެއްކަން އެނގެން އޮތް ވާގިއާ އާއި، ހާދިސާ ހިނގިރޭގައި މައިރަށަށް އައިސް މުޙައްމަދު ނިޔާޒު މައިރަށުގައި ނިދާ ކޮޓަރިއަށް އެރޭ ނިދަން ނާންނަ ކަމަށް ސާބިތުވެފައިވާ ވާގިއާ އަކީ ކުށް ހިނގި ތަނާއި ވަގުތަށް ބަލާއިރު މުޙައްމަދު ނިޔާޒު އެކުށް ކުރުމަށް ފުރުސަތު ލިބިފައި އޮތްކަން ދޭހަވާ ވާގިއާ އަކަށް ވާތީވެ، އެ ވާގިއާ އަކީ އަނިޔާލިބުނު ފަރާތުގެ ފަރުޖުގެ ތެރެއިން ފެނިފައިވާ މުޙައްމަދު ނިޔާޒުގެ ޑީއެންއޭ ހެކި ކޮރޮބޮރޭޓް ކުރެވޭ (ބާރުދެނިވި) ގަރީނާއެކެވެ.
31މި ރައުޔުގެ 22 ވަނަ ޕެރެގްރާފާއި 23 ވަނަ ޕެރެގްރާފުގައި ބަޔަކު މީހުން އަނިޔާލިބުނު ފަރާތާ ޖިމާއުވެފައިވަނީ ގަދަކަމުން ކަމަށް އެކަށީގެންވާ މިންވަރަށް ސާބިތުވާކަމަށް ބަޔާންކުރެވިއްޖެއެވެ.
32އެހެންކަމުން، އަނިޔާލިބުނު ފަރާތުގެ ފަރުޖުގެ ތެރެއިން ނެގުނު ސާމްޕަލުން މުޙައްމަދު ނިޔާޒުގެ ސިމެން ފްލުއިޑް ހުރިކަމުގެ ޑީއެންއޭ ހެކި ލިބުނު ނަމަވެސް މުޙައްމަދު ނިޔާޒު އަނިޔާލިބުނު ފަރާތް ރޭޕްކުރިކަން ސާބިތުވާނީ އަނިޔާލިބުނު ފަރާތުގެ ނުރުހުމުގައި އަނިޔާލިބުނު ފަރާތުގެ ފަރުޖަށް މުޙައްމަދު ނިޔާޒުގެ ޒަކަރު ވައްދާފައިވާކަން ސާބިތުވެގެންކަމަށާއި، އެ ޑީއެންއޭ ހެއްކަށް ބާރުދޭ އެހެން ހެއްކެއް ނުވަތަ ގަރީނާއެއް ޕްރޮސިކިއުޝަނުން ހުށަހަޅާފައި ނެތް ކަމަށް ބުނެ އިސްތިއުނާފުކުރާ މުޙައްމަދު ނިޔާޒުގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ ނުކުތާގައި މައުލޫއީ އޮއްޓަރެއް ނެތެވެ.
އިސްތިއުނާފީ 2، 3، އަދި 4 ވަނަ ނުކުތާ
33މި 3 ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާގެ (ށ) ހައިކޯޓުގެ ހުކުމުގައި ނުރަނގަޅުކޮށް ތަތުބީގުކޮށްފައިވާ ކަމަށާއި، އަދި އެ ގާނޫނުގެ 53 ވަނަ މާއްދާ ނުރަނގަޅު ގޮތުގައި މާނަކޮށް އެ މާއްދާގައި ބުނާފަދަ ހާލަތެއް މެދުވެރިވެފައި ވޭތޯ ނުވަތަ ނޫންތޯ މުޙައްމަދު ނިޔާޒުގެ ނިސްބަތުގައި ފަނޑިޔާރުން ވަޒަންނުކުރާ ކަމަށާއި، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (ރ) އަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ.
34ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) ގައި ލިސްޓުކޮށްފައިވާ 7 ބާވަތުގެ ހެކީގެ ތެރެއިން 5 ބާވަތެއްގެ ހެކި ހުރެއްޖެ ނަމަ، އަދި އެ ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ދިމާވެފައި ނެތް ނަމަ، އެ ހެއްކަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ފަދައިން އެ ތުހުމަތުކުރެވޭ އަމަލު ހިނގައިފިކަމަށް، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރިއަތަށް ސާބިތުކުރުމަށް އެކަށޭނަ ހެކި ކަމުގައި ބެލެވޭނެ ކަމަށެވެ.
35HN7މި ކޯޓުން މީގެ ކުރިން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރުގެ މައްސަލައިގައި މި ކޯޓުން ވަނީ ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާއާއި އެއްގޮތަށް ޑްރާފްޓްކުރެވިފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާ މާނަކޮށް ތަތުބީގު ކުރާނޭ އުސޫލުތައް ބަޔާންކޮށްފައެވެ. އެގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައި ހުންނަނީ ކުއްޖާކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް ކަމަށްވާތީވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއި ކުރުމަށް އެކުލަވާލާފައިވާ ހެކީގެ އުސޫލަކީ ކުއްޖާ ކިޔައިދޭ ދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ކަނޑައެޅުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު މައްސަލައިގައި މި ކޯޓުން ކަނޑައަޅާފައި ވެއެވެ. އަތުގައި މިއޮތް ރޭޕްގެ މައްސަލަތައް ފަދަ މައްސަލަތަކުގައިވެސް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑުން ކުށް ސާބިތުވޭތޯ ބަލާނީ އަނިޔާ ލިބުނު ފަރާތުގެ ވާހަކައަކީ ނުވަތަ ހެކިބަހަކީ އަސާސްކަމުގައި ބަލައިގެން އެ ހެކިބަސް ކޮރޮބޮރޭޓް ވޭތޯ ބެލުމަށެވެ. އެ ވާހަކަ މި ރައުޔުގެ 18 އަދި 19 ވަނަ ޕެރެގްރާފުގައި އިސްވެ ބަޔާންކުރެވިއްޖެއެވެ. އެހެންކަމުން އިސްތިއުނާފުކުރެވިފައިވާ މި މައްސަލައިގައި ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތައް ދިވެހިރާއްޖޭގެ ހައިކޯޓުން ދޭހަކޮށްފައިވަނީ އެ މޭރުމުން އަނިޔާލިބުނު ފަރާތުގެ ބަސް ކޮރޮބޮރޭޓް ކުރުމަށްކަން ސާފުކޮށް އެނގެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު މައްސަލައިގައި މި ކޯޓުން ބުނެފައިވާ ފަދައިން، ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކުގެ ވަކި އަދަދެއް ހަމަކުރުމަކީ ލާޒިމުކަމެއް ނޫނެވެ. އެހެކިތަކުގެ ތެރެއިން އެއް ހެއްކަކުން ކަމަށްވިޔަސް އަނިޔާލިބޭ ފަރާތުގެ ހެކިބަސް ކޮރޮބޮރޭޓް ވުމާއެކު، ދައުވާލިބޭ ފަރާތް ކުށްކޮށްފައިވާކަން ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ނަމަ ކުށް ސާބިތުކުރުމަށް އެ މިންވަރުން ފުދެއެވެ.
އިސްތިއުނާފީ 5 ވަނަ ނުކުތާ
36އިސްތިއުނާފީ 5 ވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މުޙައްމަދު ނިޔާޒު ތަހުގީގުގައި ހަނުހުރި ހުރުމާއި، ޝަރިއަތުގައި އަމިއްލަ ނަފްސު ކުށްވެރިވާ ފަދަ ބަޔާނެއް ދީފައިނުވުން އެއީ އޭނާއާ ދެކޮޅަށް ގަރީނާއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ، ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އާއި 51 ވަނަ މާއްދާގެ (ނ) އާއި ޖިންސީ ކުށުގެ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ކަމަށެވެ.
37ހައްޔަރު ކުރެވޭ މީހުންނަށާއި ބަންދުކުރެވޭ މީހުންނަށް ހަނު ހުރުމުގެ ހައްގު ލިބިގެންވާކަން ގާނޫނުއަސާސީގެ 48 ވަނަ މާއްދާއިން އެނގެއެވެ. އަދި ތިމާއާ ދެކޮޅަށް ޝަރީއަތުގައި ބަޔާނެއް ނުދިނުމުގެ ހައްގު ދައުވާލިބޭ ފަރާތްތަކަށް ލިބިގެންވާކަމަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވެއެވެ. މި ހައްގުތައް ބޭނުންކުރިނަމަވެސް، ބައެއް ހާލަތުތަކުގައި ދައުވާލިބޭ ފަރާތް ހުންނަ މަގާމުގެ ގޮތުން، ކަން ހިނގިގޮތް އެނގޭނީ ހަމައެކަނި އޭނާއަށް ކަމަށްވާތީވެ، ކަން ހިނގިގޮތް އޮޅުން ފިލުވައި ނުދީފި ނަމަ ނުވަތަ އެފަރާތުން ކަނޑައެޅިގެން ދޮގު ހަދާކަން އެނގޭނަމަ، ފަނޑިޔާރުގެ ހިތުގައި ދައުވާލިބޭ ފަރާތުގެ މައުސޫމުކަމާ އިދިކީލި ސުވާލުތަކެއް އުފެދުމަކީ ތަބީއީ ކަމެކެވެ. ނަމަވެސް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގެ އެއްވެސް ތަނެއްގައި މުޙައްމަދު ނިޔާޒު ތަހުގީގުގައި ނުވަތަ ޝަރިއަތުގައި ހަނުހުރުން ހެއްކެއްގެ ގޮތުގައި ނުވަތަ ގަރީނާއެއްގެ ގޮތުގައި ފަނޑިޔާރުން ބަލާފައިނެތެވެ. ވީމާ އިސްތިއުނާފުގެ މި ނުކުތާގައި މައުލޫއީ އޮއްޓަރެއް ނެތެވެ.
އިސްތިއުނާފީ 6 ވަނަ ނުކުތާ
38އިސްތިއުނާފީ 6 ވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މައްސަލާގައި ތައްޔާރުކުރެވިފައިވާ ޑީއެންއޭ ރިޕޯޓަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކަކަށްވާއިރު، އެ ހެކި މުޙައްމަދު ނިޔާޒުއާ ދެކޮޅަށް ބޭނުންކޮށްފައިވަނީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ހިލާފަށް ކަމަށްވުމާއި، އެރިޕޯޓަކީ މައުލޫއީ ގޮތުންވެސް އެކަށީގެންވާ ޝައްކުތަކެއް އުފެދިފައިވާ ރިޕޯޓެއް ކަމަށްވާއިރު އެކަމަށް ރިއާޔަތް ނުކުރެވި މައްސަލަ ނިމިފައިވާ ކަމަށެވެ. މި މައްސަލައަކީ މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތަށް އަމަލުކުރަން ފެށިފަހުން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށްވެފައި، މައްސަލައާއެކު ދައުލަތުން ހުށަހެޅި ޑީއެންއޭ ރިޕޯޓަކީ އޭރު އަމަލުކުރަމުން ދިޔަ ގަވާއިދުތަކާ އެއްގޮތަށް ތައްޔާރުކޮށް ހުށަހަޅާފައިވާ ރިޕޯޓެއްކަން އެނގެއެވެ. އެހެންކަމުން ޑީއެންއޭ ރިޕޯޓަކީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއް ކަމަށް ބަލާނެ ތަނެއް ނެތެވެ.
ނިންމުން
39ވީމާ، އިސްތިއުނާފުކުރަން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބަލައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ2017/HC-A/111 ގަޒިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ނުދެކެމެވެ.
40ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
41މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، އިސްތިއުނާފުކުރަން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބަލައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2017/HC-A/111 ގަޒިއްޔާގެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރު)ރިޔާސަތު(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 52 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު (ސުޕްރީމް ކޯޓު)
- ޢަލްޤަމާ ބުނު ވާއިލް ރިވާކުރެއްވި ޙަދީޘް (ސުނަން އަބޫ ދާއޫދު)
- ޢަބްދުއްޖައްބާރު ބުނު ވާއިލު ބުނު ޙުޖަރު ރިވާކުރެއްވި ޙަދީޘް
- މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގެ ރިވާޔަތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.