ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 17 · 2022/SC-A/26

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އ.ހ.މ

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 މާރިޗު 2022ދަށު ކޯޓު: ޖުވެނައިލް ކޯޓު (147-B4/AM/2022/03)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2022/HC-B12/14، 147-B4/AM/2022/03
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކުރެވުނު ކުއްޖާ، ކ. ހިންމަފުށީ ޖަލަކީ ކުޑަކުދިން ބަންދުކުރުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށްވާތީ، ޖުވެނައިލް ކޯޓުން ޝަރުޠުތަކާއެކު ގޭބަންދަށް ބަދަލުކުރިއެވެ. ކުޑަކުދިންނަށް ޚާއްޞަ ޑިޓެންޝަން ސެންޓަރެއް ޤާއިމުވުމުން ކުއްޖާ އެތަނަށް ބަދަލުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް އެދުނު ނަމަވެސް، ޖުވެނައިލް ކޯޓުގެ 147-B4/AM/2022/03 (06 ފެބުރުވަރީ 2022) ނިންމުމުން ގޭބަންދު ދެމެހެއްޓިއެވެ. ހައިކޯޓުގެ 2022/HC-B12/14 ޤަޟިއްޔާއިން އެ ނިންމުން އިއްތިފާޤުން ދެމެހެއްޓުމުން، ޕްރޮސިކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
އިސްތިއުނާފު ރައްދުވާ ކުއްޖާއަށް ތުހުމަތުކުރެވެނީ އިތުރު މީހަކާ ބައިވެރިވެގެން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، އަނިޔާކޮށް މަރާލައި، ހަށިގަނޑު މޫދަށް ފައްތާލި ކަމަށެވެ. ކުއްޖާ ގާތްގަނޑަކަށް 5 މަސް ޖަލު ބަންދުގައި ހޭދަކުރުމަށްފަހު، 3 މަސް ވަރަކަށް ގޭބަންދުގައި ހޭދަކުރިއެވެ. ގޭބަންދުގައި ހުއްޓާ ކުއްޖާ ކޯޓުގެ ޝަރުޠުތަކާ ޚިލާފުވެފައި ނުވާ ކަމަށާއި، ތަޢުލީމީ ކޯހެއްގައި ބައިވެރިވެ ކުރިއަށްދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ފާހަގަކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 59-1 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ ކުއްޖަކު ގޭގައި ބަންދުކުރުމުގެ އިޚްތިޔާރު ބޭނުންކުރުމުގައި، އެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަންދުގައި ބެހެއްޓުމަށް ނިންމުމުގައި ރިޢާޔަތްކުރަންވީ ކަމަށް ބަޔާންކުރާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކުރަން ޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، ހައިކޯޓުގެ ނިންމުމުގެ 28 އިން 30 އަށް ޕެރެގްރާފްތަކުގައި ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 59-1 ވަނަ މާއްދާ މާނަކޮށްފައިވަނީ، އެ ޤާނޫނުގެ 59 ވަނަ މާއްދާގައިވާ ކަންކަމަށް ނުބަލައި ގޭބަންދަށް ނިންމޭނެ ގޮތަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ބާރު ގެއްލޭ ގޮތަށް ކަމަށެވެ. ކުއްޖާގެ ފަރާތުން ބުނީ، ހައިކޯޓުން 59-1 ވަނަ މާއްދާ އެހެން ގޮތަކަށް މާނަކޮށްފައި ނުވާ ކަމަށާއި، ޖުވެނައިލް ކޯޓުން ނިންމީ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 59-1 ވަނަ މާއްދާގެ ދަށުން ކުރާ ގޭބަންދަކީވެސް ޤާނޫނު ދަންނަ ބާވަތެއްގެ ބަންދެއް ކަމަށާއި، އެ މާއްދާގެ އިޚްތިޔާރަކީ މުޠުލަޤު އިޚްތިޔާރެއް ނޫން ކަމަށެވެ. އެ އިޚްތިޔާރު ބޭނުންކުރާއިރު މައްސަލައިގެ ވަށައިގެންވާ ކަންކަމާއި ކުއްޖާގެ ޙާލަތު ވަޒަންކުރަންވާނީ އެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) އިން (ރ) އަށް ބަޔާންކުރާ ކަންކަމަށް ބަލައި ކަމަށާއި، ބޮޑު ކުށެއްގެ ތުހުމަތު އޮތުމަކީ ގޭބަންދަށް ހުރަހެއް ނޫން ނަމަވެސް އެއީ އެންމެ އެކަށީގެންވާ ގޮތްތޯ ފަނޑިޔާރު ވަޒަންކުރަންޖެހޭ ކަމަށެވެ. ހައިކޯޓުގެ ނިންމުން މި ކަންކަމަށް އެކަށީގެންވާ އަހައްމިއްޔަތު ދީގެން ނޫންކަމަށް ކަނޑައަޅައި އެ ބައި ބާޠިލުކުރި ނަމަވެސް، ބާރު ކެނޑިފައިވާ ޖުވެނައިލް ކޯޓުގެ ނިންމުން ބާޠިލުކުރާކަށް ނުޖެހޭ ކަމަށް ކަނޑައެޅިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުމުގެ 28 އިން 30 އަށް ޕެރެގްރާފްތައް ބާޠިލު؛ ބާރު ކެނޑިފައިވާ ޖުވެނައިލް ކޯޓުގެ ބަންދު މުރާޖަޢާގެ ނިންމުން ބާޠިލުކުރާކަށް ނުޖެހޭ (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 58 ވަނަ މާއްދާއިން ސާފުވާން އޮތް ގޮތުގައި، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ޝަރީޢަތް ފެށުމުގެ ކުރިން ބަންދުގައި ބަހައްޓަންވާނީ، ޚާއްޞަ ޙާލަތްތަކެއްގައި، ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެފަދަ ކުއްޖަކު ޝަރީޢަތް ފެށުމުގެ ކުރިން ބަންދުގައި ބެހެއްޓުމަށް ނިންމުމުގެ ކުރިން، އޭނާ ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެނޫން ޝަރުޠުތަކެއް ކަނޑައެޅެން އޮތްތޯ ބަލަންޖެހެއެވެ. ... އެހެންނަމަވެސް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 58 ވަނަ މާއްދާ އެފަދައިން އޮތުމުގެ މާނައަކީ، ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިން ބަންދު ކުރުމަށް މަގު ބަންދުވުމެއް ނޫނެވެ.

HN2 ... ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ވަނަ މާއްދާގައި ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިޞްލާޙީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކައި، ވަކި ބާވަތްތަކެއްގެ މަރުކަޒުތަކެއް ހުންނަންޖެހޭ ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެ މަރުކަޒުތަކުގެ ތެރެއިން ކަމާއި ޙާލަތަށް އެކަށީގެންވާ މަރުކަޒެއްގައި ކުޑަކުދިން ބަންދު ކުރުން ޤާނޫނު ހުއްދަކުރެވެއެވެ. އޭގެ އިތުރުން، ބަންދުކޮށްފައިވާ ކުއްޖެއްގެ ބަންދުގެ މުއްދަތު އިތުރުކުރާއިރު، އެ ކުއްޖާ ގޭގައި ބަންދުކުރުމުގެ ފުރުސަތު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާއިން ލިބިދީފައި އޮތުމުން، އެއީވެސް އެ ޤާނޫނު ދަންނަ ބާވަތެއްގެ ބަންދެއް ކަމުގައި ބަލަންޖެހެއެވެ.

HN3 ... ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާގެ ދަށުން ބަންދު މުރާޖަޢާކުރުމުގައި، ކުއްޖާ ގޭގައި ބަންދުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށާއި، ކުއްޖާގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހުގައިކަން އެ މާއްދާ ލިޔެވިފައިވާ ގޮތުން އޮޅުމެއް ނެތެވެ. އެހެންކަމުން، އެ މާއްދާއިން ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރަކީ މުޠުލަޤަށް، އެއްވެސް އިމެއް ނެތް ގޮތުގައި ލިބިދެވޭ އިޚްތިޔާރެއް ކަމަށް އަހުރެން ނުދެކެމެވެ. ޤާނޫނެއްގެ ދަށުން ފަނޑިޔާރަށް ލިބިދޭ ކޮންމެ އިޚްތިޔާރަކީވެސް ވަށައިގެންވާ ކަންކަމާއި ޤާނޫނީ ސަބަބުގެ މައްޗަށް ބިނާވާ، ފަރުވާތެރިކަމާއެކު ނިންމާ ނިންމުމަކަށް ވާންޖެހެއެވެ. އެއާއި ޚިލާފަށް، ވަށައިގެންވާ ކަންކަމަށް ރިޢާޔަތްނުކޮށް، ނިންމުން ބިނާކުރާ ޤާނޫނީ ސަބަބުތަކެއް ނުދެއްކޭނަމަ، އެފަދަ ނިންމުމަކީ ޚުދުމުޚްތާރު (arbitrary) ނިންމުމަކަށް ވުމުގެ ފުރުސަތު ބޮޑު ވެގެން ދެއެވެ.

HN4 ... ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާގައި، އެ އިޚްތިޔާރު ބޭނުންކުރުމުގައި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށާއި، ކުއްޖާގެ ޙާލަތަށް ރިޢާޔަތްކުރުން ހިމެނިފައިވުމުން، މި ދެ ކަމަކީ ހައްޔަރުކުރެވޭ ކުއްޖެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި އެ ކުއްޖަކު ގޭގައި ބަންދުކުރުމަށް ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން ހިފުމުގައި، އެ ކަންކަމުގެ މައްޗަށް ފަނޑިޔާރު ބަލަންޖެހޭ، އަދި އެކަންކަމާއި ގުޅޭ ޙަޤީޤަތްތަކުގެ މައްޗަށް ފަނޑިޔާރުގެ ނިންމުން ބިނާވާންޖެހޭ ކަންކަން ކަމުގައި އަހުރެން ދެކެމެވެ.

HN5 ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-59 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން ކުރުމުގައި ރިޢާޔަތްކުރުމަށް އެ މާއްދާގައި ބަޔާންކުރާ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމާއި، ކުއްޖާގެ ޙާލަތު ވަޒަންކުރަންވާނީ އެ ޤާނޫނުގެ 59 ވަނަ މާއްދާގައި ކުއްޖަކު ބަންދުގައި ބެހެއްޓުމަށް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނެކަމަށް ބުނެ ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށް ފަހުގައި ކަމުގައި އަހުރެން ދެކެމެވެ.

HN6 ... ކުޑަކުއްޖެއް ބަންދުގައި ބެހެއްޓުމަށް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންވީ ކަންކަން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއީ ހަމައެކަނި ކުއްޖަކު މަރުކަޒެއްގައި ބަންދުކުރާ ޙާލަތުގައި ބަލަންޖެހޭ ކަންކަން ކަމުގައި ފާހަގަކޮށްފައި ނުވާތީއާއި، މަރުކަޒެއްގައިވިޔަސް ގޭގައި ވިޔަސް ކުއްޖާ ހުންނަނީ ބަންދެއްގައިކަމުން، އެ މާއްދާގައި ބަޔާންކުރާ ކަންކަމަކީ ފަނޑިޔާރު ގޮތް ކަނޑައެޅުމުގައި އެކަމުގެ މައްޗަށް ރިޢާޔަތްކުރަންޖެހޭ ކަންކަން ކަމުގައި އަހުރެން ދެކެމެވެ. ފަނޑިޔާރުގެ ނިންމުމަކީ އެ ކުއްޖަކު މަރުކަޒެއްގައި ބަންދުކުރުން ކަން، ނުވަތަ ގޭގައި ބަންދުކުރުން ކަން، ނުވަތަ ޝަރުޠުތަކާއެކު ދޫކޮށްލުންކަން ބިނާވާނީ އެ ކުއްޖެއް ހިމެނޭ މައްސަލައިގައި ކުއްޖާގެ ފުށުން ފެންނަ އަދި ފެނިފައިވާ ކަންކަން ހިމެނޭގޮތުން، ބުނެވުނު މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމާއި ކުއްޖާގެ ޙާލަތަށެވެ.

HN7 ... ތުހުމަތު ކުރެވޭ ކުށަކީ ބޮޑުކުށެއް ނަމަވެސް، އަދި / ނުވަތަ ކުއްޖާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވިދާނެ ކަންކަން ހުރިނަމަވެސް، އަދި / ނުވަތަ ކުއްޖާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތްކަމުގައިވާ ނަމަވެސް، އެ ކުއްޖަކު ގޭގައި ބަންދުކުރުމަކީ ޤާނޫނީ ގޮތުން އެކަމަށް ހުރަހެއް އޮތް ކަމެއް ކަމަކަށް ނުވާތީ، އެ ސަބަބަށްޓަކައި އެކަން އެފަދައިން ކުރުމަކީ އެންމެ އެކަށޭނަ ގޮތްކަން ނުވަތަ ނޫންކަންވެސް ފަނޑިޔާރު ވަޒަންކުރަންޖެހެއެވެ. އަދި ފަނޑިޔާރުގެ ނިންމުމުގެ ސަބަބުން މައުޟޫޢީ މައްސަލަ ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ ގޮންޖެހުންތަކަށްވެސް ވިސްނަންޖެހެއެވެ.

HN8 ... ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ކުއްޖާގެ ޙާލަތާއި ބަންދާމެދު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ރައުޔެއް ހޯދުމުގައި، ކުއްޖާ ފަރާތުން ލިބޭ އެއްބާރުލުމާއި އޭނާ ތަޢުލީމު ޙާޞިލުކުރުމާއި ގުޅުންހުރި ކަންކަން، އަދި މިނޫންވެސް ކޯޓުން ކޮށްފައިވާ ޝަރުޠުތަކާއި ގުޅުންހުރި ކަންކަމުގެ އިތުރުން، އެ ޑިޕާޓްމަންޓްގެ ފަރާތުން އެކުއްޖާއާއެކު ކުރާ މަސައްކަތުގެ ތެރެއިން، އެކުއްޖާގެ ވިސްނުމާއި ޙާލަތާމެދު އެ ޑިޕާޓްމަންޓުން ދެކޭ ގޮތުގެ މައްޗަށް ފަނޑިޔާރު ރިޢާޔަތްކުރުންވެސް މުހިންމުކަމުގައި އަހުރެން ދެކެމެވެ.

HN9 ... ބާޠިލުކޮށްދިނުމަށް އެދިފައިވާ މި އަމުރަކީ އޭގެ ބާރު ކެނޑި، ފާއިލިއްޔަތު ގެއްލިފައިވާ އަމުރަކަށް ވުމުގެ އިތުރުން، އެ އަމުރު ނެރުނު ފަހުން، އިސްތިއުނާފު ރައްދުވާ ކުއްޖާ ގޭގައި ބަންދުގައި ބެހެއްޓުމަށް ކަނޑައަޅާ އިތުރު އަމުރުތަކެއް ނެރެފައިވާކަން އިސްތިއުނާފުކުރާ އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުން އެނގޭތީ، ޙަވާލާދީފައިވާ "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލުކުރާނެ ތަނެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޢާއިޝާ ޝުޖޫން މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 28 ފެބުރުއަރީ 2022 · ރަޖިސްޓްރީކުރީ 7 މާރިޗު 2022 · ނިމުނީ 16 މާރިޗު 2022 (9 ދުވަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު

ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/14 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފިސް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/26 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ [ނަމާއި، އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު އުނިކުރެވިފައި] (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ކުއްޖާ" ނުވަތަ "އ.ހ.މ") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

2އިސްތިއުނާފު ރައްދުވާ ކުއްޖާ، އިތުރު މީހަކާ ބައިވެރިވެގެން 13 (ތޭރަ) އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް، އެ ކުއްޖާގެ ނުރުހުމުގައި އެ ކުއްޖާ ތަނެއްގައި ހިފަހައްޓައި، އެ ކުއްޖާއަށް އަނިޔާކޮށް މަރާލައި، އެ ކުއްޖާގެ ހަށިގަނޑު ފޮށްޓަކަށްލައި، މޫދަށް ފައްތާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ކުއްޖާ ހައްޔަރުކުރެވި ޝަރީޢަތުން ވަކި ގޮތެއް ކަނޑިއަޅަންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ޖުވެނައިލް ކޯޓުން ނެރެފައިވެއެވެ. އަދި އެ އަމުރު، ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ފަދައިން، ކޮންމެ 15 (ފަނަރަ) ދުވަހަކުން މުރާޖަޢާކޮށްފައިވެއެވެ.

3އިސްވެ ބުނެވުނު އަމުރުގެ ދަށުން އިސްތިއުނާފު ރައްދުވާ ކުއްޖާ ބަންދުކޮށްފައިހުރީ ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންނަށް ޚާއްޞަ ޖަލުގައެވެ. މި ޖަލުގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ބަންދުގައި ހުއްޓާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ތަޙުޤީޤުކުރި މައްސަލައެއް ނިމުނު ގޮތުގެ ރިޕޯޓުގައި މި ޖަލަކީ ކުޑަކުދިން ބަންދުކުރުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ފާހަގަކޮށްފައިވާތީ، ޖުވެނައިލް ކޯޓުން އެކަންކަން އިތުރަށް ބެލިއިރު، އެ ޖަލަކީ ކުޑަކުދިން ބަންދުކުރާ ޖަލެއްގައި ހުންނަންޖެހޭ ކަމަށް ބައިނަލްޢަޤްވާމީ މުޢާހަދަތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރި ތަނެއް ނޫންކަމަށްވާތީ، އިސްތިއުނާފު ރައްދުވާ ކުއްޖާ ޝަރުޠުތަކަކާއެކު ގޭބަންދަށް ބަދަލުކުރުމަށް ޖުވެނައިލް ކޯޓުން ނިންމާފައިވެއެވެ.

4އެފަދައިން ޖުވެނައިލް ކޯޓު އަމުރު ނެރުނު ފަހުން، ކުޑަކުދިން ބަންދުކުރާނެ ޑިޓެންޝަން ސެންޓަރެއް ކ.ހިންމަފުށީގައި އަލަށް ޤާއިމުކޮށްފައިވެއެވެ. އެހެންކަމުން، އިސްތިއުނާފު ރައްދުވާ ކުއްޖާ ގޭބަންދަށް ބަދަލު ކުރަން ނިންމި ޙާލަތު ބަދަލުވެފައިވާތީ، ކ.ހިންމަފުށީގައި ޤާއިމުކުރެވުނު ޑިޓެންޝަން ސެންޓަރުގައި ކުއްޖާ ބަންދުކޮށް ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖުވެނައިލް ކޯޓުގައި އެދިފައިވެއެވެ. ނަމަވެސް ޖުވެނައިލް ކޯޓުގެ ނަންބަރު 147-B4/AM/2022/03 (06 ފެބުރުވަރީ 2022) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އިން ކަނޑައަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ކުއްޖާ ގޭބަންދަށް ބަދަލުކުރުމަށް ނިންމި ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށެވެ.

5ޖުވެނައިލް ކޯޓުން މިފަދައިން ނިންމާފައިވަނީ، އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.

5.1 09 ނޮވެންބަރު 2021 ވަނަ ދުވަހުން ފެށިގެން، ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 72 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓުގެ އިސްނެގުމަކަށް ކޮންމެ 15 (ފަނަރަ) ދުވަހަކުން ކުއްޖާގެ ބަންދު މުރާޖަޢާކުރުމަށް އަޑުއެހުން ބޭއްވިފައިވާއިރު، އެއިން ކޮންމެ އަޑުއެހުމެއްގައި ކޯޓުން ކޮށްފައިވާ އަމުރާ އެއްގޮތަށް ދައުވާލިބޭ ކުއްޖާ ގޭ ބަންދު ދަމަހައްޓައި ދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާކަން؛

5.2 ދަޢުވާ ލިބޭ ކުއްޖާގެ މައްޗަށް ކޮށްފައިވާ ޝަރުޠުތަކާ، ޚިލާފުވެފައިވާކަމުގެ މަޢުލޫމާތެއް އަދި މުޖުތަމައަށް ނުރައްކާވާފަދަ ކަމެއް ކުއްޖާ ކޮށްފައިވާކަން އަދި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއްކޮށްފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް ކުއްޖާ ގެއަށް ބަދަލުކުރި ފަހުން ލިބިފައިނުވާކަމަށް ދައުލަތުންނާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ބަންދު މުރާޖަޢާކުރުމަށް ބޭއްވުނު އަޑުއެހުންތަކުގައި ފާހަގަކޮށްފައިވާކަން؛

5.3 އާންމު ޖިނާއީ މައްސަލަތަކާ ޚިލާފަށް ކުޑަކުދިން ކުށްކުރާ މައްސަލަތުކުގައި، ކުށުގެ ތުހުމަތުގައި ކުދިން ބަންދުކުރުމުގައި ދެ ގޮތަކަށް ފަނޑިޔާރަށް ނިންމިދާނެކަން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-59 ވަނަ މާއްދާއާއި، ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެގޮތުގެ ޤަވާޢިދުގެ 74 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުން އެނގެން އޮންނަކަން؛

5.4 ކ.ހިންމަފުށީގައި ކުއްޖާ ބަންދުކޮށްފައިވާ އައްސޭރި ޖަލަކީ، ކުޑަކުދިން ބެހެއްޓުމަށް އެކަށީގެން ނުވާ ޖަލެއް ކަމަށް ކޯޓުގެ ސަމާލުކަމަށް އައުމާ ހަމައިން، ކުއްޖާ ބަންދުން ދޫކޮށްލުމުގެ ބަދަލުގައި، ގޭގައި ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ، ޤާނޫނުން ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރެއްގެ ދަށުންކަން؛ އަދި ގޭގައި ބަންދުކުރުމަށް ނިންމާފައިވަނީ، ޖަލެއްގައި ބަންދުކުރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ އަމުރުގައި، ބަޔާންކޮށްފައިވާ ސަބަބުތައް އެގޮތުގެ މަތިން ދެމިއޮތް ކަމަށް ޝަރީޢަތަށް ބުރަވެވޭތީކަން؛ އަދި

5.5 މި މައްސަލައާ ގުޅިގެން ކުޑަކުއްޖާ ޖަލު ބަންދުގައި ގާތްގަނޑަކަށް 05 (ފަހެއް) މަސް ހޭދަކޮށްފައިވާތީއާއި، ޝަރުޠުތަކަކާއެކު ގޭގައި ބަންދުކުރުމަށް ކޯޓުން އަމުރުކުރިފަހުން، ގޭ ބަންދުގައި ގާތްގަނޑަކަށް 03 (ތިނެއް) މަސް ދުވަސް ހޭދަކޮށްފައިވާތީއާއި، އެ މުއްދަތުގައި ކުއްޖާގެ ފަރާތުން ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ޚިލާފުވެފައިނުވާތީއާއި، މުޖުތަމަޢުގެ ސަލަމާތަށް ނުރައްކާވާފަދަ ޢަމަލެއް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ކޮށްފައިނުވާތީއާއި އެފަދަ ޢަމަލެއް ނުވަތަ ކަމެއް ކުރަން އުޅޭ ކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާ ކަމަށް ދައުލަތުންނާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ޝަރީޢަތުގައި ފާހަގަކޮށްފައިވާތީއާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ފާހަގަކޮށްފައިވާތީ، ކުއްޖާ ގޭގައި ބަންދުކުރުމަށް ކޯޓުން ނިންމި ޙާލަތު ބަދަލުވެފައިވީނަމަވެސް، ގޭގައި ބަންދުކޮށްފައި ހުރި ހުރުމަކީ، ޤާނޫނުއަސާސެގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިން، އެ މާއްދާތަކުގައި ބަޔާންކުރާ ސަބަބުތަކަށްޓަކައި ކުށްކުރާ ކުޑަކުދިން ބަންދުކުރުމަށް ޤާނޫނުން ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރެއްކަމަށްވާތީ، ބުނެވިދިޔަ ސަބަބުތަކަށްޓަކައި ކުއްޖާ ގޭބަންދުގައި ހުރި ހުރުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތްކަމަށް ނުފެންނަކަން.

6އިސްވެ ބުނެވުނު ޖުވެނައިލް ކޯޓުގެ ނިންމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2022/HC-B12/14 ޤަޟިއްޔާއިންނެވެ. އަދި އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ، ޖުވެނައިލް ކޯޓުގެ ނަންބަރު 147-B4/AM/2022/03 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އިން ނިންމާފައިވާ ނިންމުން ރަނގަޅު ކަމުގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

7އިސްވެ ބަޔާންކުރި ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ކޯޓުގެ ނަންބަރު 2022/HC-B12/14 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.

7.1. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާއަކީ ބަންދުން ދޫކޮށްފައިހުރި ކުއްޖެއް ނޫންކަމާއި، މި ކުއްޖާ ހުރީ ގޭގައި ބަންދުކުރެވިފައިކަމާއި، ކުއްޖާ ބަންދުގައި ހުރިކަމާމެދު އެއްވެސް ފަރާތަކުން އިންކާރުކޮށްފައި ނުވާކަން؛

7.2. ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ބޮޑެތި މީހުން ބަންދުކުރުމުގައި ޢަމަލުކުރެވޭ އުސޫލުން ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިން ހައްޔަރުކުރުމުގައި ނުވަތަ ބަންދުކުރުމުގައި ޢަމަލުކުރުމަށް ވިސްނުމަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ މަޤްޞަދުތަކާ އެއްގޮތް ކަމެއް ނޫންކަން؛

7.3. ކުޑަކުދިންގެ ޢަދުލުގެ ޤާނުނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ނުވަތަ ޙާލަތެއް އޮތުމަކީ، ކުޑަކުއްޖަކު ބަންދުކުރުން ލާޒިމުކުރާ ކަމެއް ނޫންކަމާއި، އެފަދަ ޙާލަތްތަކުގައިވެސް ކުޑަކުއްޖަކު ބަންދުކުރަންވާނީ، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، ބަންދުކުރުން ނޫން ގޮތެއް ނެތިގެންކަން އެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގޭކަން؛ އަދި

7.4. އިސްތިއުނާފު ރައްދުވާ ކުއްޖާއަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތަށާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް، އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ބެލިނަމަވެސް، އެކަން އެފަދައިން އޮތް ކަމަށް ބެލެވުމަކީ، ކުއްޖާގެ ޙާލަތްފައި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލައި ކުއްޖާ ގޭގައި ބަންދުކުރުމަށް ޤާނޫނީ ގޮތުން ހުރަސްއަޅާކަމެއް ނޫންކަމާއި، ކުއްޖާ ގޭގައި ބަންދުކުރުމަށް ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރު ނެތިގެންދާކަމެއް ނޫންކަން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާ އަދި އޭގެ ރައްދު

8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/14 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ 01 (އެކެއް) ނުކުތާއެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/14 ޤަޟިއްޔާ ނިންމުމުގައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-59 ވަނަ މާއްދާ މާނަކޮށްފައިވަނީ، އެ ޤާނޫނުގެ 59 ވަނަ މާއްދާގެ ބާރު ގެއްލޭގޮތަށް ކަމަށް ބުނެ ހުށަހެޅު ނުކުތާއެވެ.

9މި އިސްތިއުނާފީ ނުކުތާ ތަފްސީލު ކުރަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިފަދައިން އެ އޮފީހުގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/14 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ 28 ވަނަ ޕެރެގްރާފުން 30 ވަނަ ޕެރެގްރާފަށް އަންނަނިވި ފަދައިން ބަޔާންކޮށްފައި އޮތުމުންކަމުގައި އެފަރާތުން ބުނެއެވެ. "28. އިސްތިއުނާފު ރައްދުވާ ކުއްޖާއަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތަށާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް، އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަމަށް ބެލިޔަސް، އެކަންކަން އެފަދައިން އޮތް ކަމަށް ބެލެވުމަކީ، ކުއްޖާގެ ޙާލަތާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލައި ކުއްޖާ ގޭގައި ބަންދުކުރުމަށް ޤާނޫނީ ގޮތުން ހުރަސްއަޅާ ކަމެއް ނޫނެވެ. ކުއްޖާ ގޭގައި ބަންދުކުރުމަށް ފަނޑިޔާރަށް ޤާނޫނުން ލިބިދީފައިވާ އިޚްތިޔާރު ނެތިގެންދާނެ ކަމެއްވެސް ނޫނެވެ.

29ކުއްޖާ ގޭގައި ބަންދުކުރުމުގެ އިޚްތިޔާރަކީ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއްކަމާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންވެސް އިންކާރެއް ނުކުރެއެވެ.

30އިސްތިއުނާފު ރައްދުވާ ކުއްޖާ ގޭގައި ބަންދުކުރުމަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުން ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރަކަށްވާއިރު، ކުއްޖާގެ ބަންދު މުރާޖަޢާކޮށް ގޭ ބަންދު ދެމެހެއްޓުމަށް ޖުވެނައިލް ކޯޓުން ނިންމިނިންމުން މި ކޯޓުގައި އިސްތިއުނާފުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކައިގެ މައްޗަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ އަލީގައި ބަލާއިރު، ޖުވެނައިލް ކޯޓުގެ ނިންމުމަކީ ޤާނޫނާ ޚިލާފު، އަދި މި ކޯޓުން ބާޠިލުކުރަންޖެހޭ ނިންމުމެއް ކަމުގައި ނުފެނެއެވެ. ކުއްޖާ ގޭ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތުގައި ގޯސް ނުވަތަ ނުރަނގަޅު ކަމެއް ފާހަގަކުރެވިފައި ނުވާއިރު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކުއްޖާއާ ގުޅޭގޮތުން ކުރެވޭ މަސައްކަތަށް އެއްބާރުލުންދީ އަދި ތަޢުލީމު ޙާޞިލުކުރުމަށް ކޯހެއްގައި ބައިވެރިވެ، އެކަމުގައި ކުރިއަށްދާގޮތަށާއި ޑިޕާޓްމަންޓް އޮފް ޖެވެނައިލް ޖަސްޓިސްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށާއި، މި މައްސަލައިގައި ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ގޭބަންދު ދެމެހެއްޓުމަށް ޖުވެނައިލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ދެކެމެވެ."

10ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެކޭ ގޮތުގައި، ހައިކޯޓުގެ ނިންމުމުގައި އިސްވެ ބަޔާންކޮށްފައިވާ ފަދައިން ބަޔާންކޮށްފައި އޮތުމުން، ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ ބާރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގައި ކުއްޖަކު ބަންދުގައި ބެހެއްޓުމަށް ނިންމުމުގައި ފަނޑިޔާރު ރިއާޔަތްކުރަންޖެހޭނެ ކަމަށް ބުނެ ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމެއް ނެތި، އެ ޤާނޫނުގެ 59-1 ވަނަ މާއްދާގެ ދަށުން ގޮތް ކަނޑައެޅުމަށް ލިބިދޭ އިޚްތިޔާރެއް ކަމުގައި މާނަކުރުމުގެ ފުރުސަތު އޮވެއެވެ. އެހެނީ، މި މާނަކުރުމުގެ ސަބަބުން، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން ކުރުމުގައި ރިޢާޔަތްކުރުމަށް އެ މާއްދާގެ (ށ) ގައި ބަޔާންކުރާ (1) މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމާއި، (2) ކުއްޖާގެ ޙާލަތުގެ ތެރޭގައި، ކުއްޖާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ގޮތާއި، ކުށުގެ ޠަބީއަތާއި، ކުށްކުރުމުގައި ހިމެނޭ އަނިޔާވެރިކަމާއި، ކުށުގެ ސަބަބުން މުޖުތަމަޢަށް ކުރި ނޭދެވޭ އަސަރާއި، ކުށުގެ ސަބަބުން އަނިޔާވި ކުއްޖާގެ ޙައްޤާއި، ހެކިންގެ ގޮތުގައި ތިބި ކުށުގެ ތުހުމަތުގައިވާ ކުއްޖާއާ ގުޅުންހުރި މީހުންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް އޮތް އިޙްތިމާލަކީ، ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރު ބޭނުންކުރުމުގައި ބަލަންޖެހޭ ކަންކަމެއް ނޫނެވެ.

11އިސްތިއުނާފީ ނުކުތާގެ ރައްދުގައި، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފަރާތުން ބުނެފައިވަނީ، ކުޑަކުދިން ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާގައި ބުނެފައިވާ އެއްޗެއް އެހެން ގޮތަކަށް ބަދަލުކޮށް، އެހެންގޮތަކަށް މާނަކުރުމާގުޅޭ އެއްވެސް ކަމެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުގައި ފާހަގަ ކޮށްފައި ނުވާކަމަށެވެ. އަދި ހައިކޯޓުގެ ނިންމުމުގައިވަނީ ކުޑަކުދިން ބަންދުގައި ބޭތިއްބުމާގުޅޭ މައްސަލަތަކުގައި ގޮތް ކަނޑައެޅުމުގައި، ޤާނޫނުން ފަނޑިޔާރަށް ލިބިދިފައިވާ އިޚްތިޔާރެއް ބޭނުންކުރުމާގުޅޭ ކަންކަން ކަމުގައިވާތީ، ހައިކޯޓުގެ މި ނިންމުމަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާ ޚިލާފު ނިންމުމެއް ނޫންކަމުގައެވެ. އަދި ކޯޓަކުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފު އެއްވެސް ކަމެއް ކުއްޖާ ކޮށްފައިނުވާތީއާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންވެސް ކުއްޖާގެ ފަރާތުން އެ ޑިޕާޓްމަންޓަށް ލިބިދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭކަމަށް ބަޔާންކޮށްފައިވާތީ، ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ވަށައިގެންވާޑީ-އޮންވެހައި ކަންކަމަށް ރިޢާޔަތްކުރުމަށް ފަހުގައި ކަމުގައި ދެކޭކަމަށާއި، ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭތަނެއް ނެތް ކަމަށެވެ. ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރު އަދި އިޚްތިޔާރުގެ ބޭނުން ހިފަންޖެހޭ ގޮތް

12ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 1-59 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާތަކުގައި އޮންނަނީ: ބަންދުގައި ބެހެއްޓުމަށް 59. (ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ނިންމުމުގައި ޤާސީ ރިޢާޔަތްކުރަންވީ ކަންކަން މެދުވެރިވެދާނެކަމަށް ބެލެވޭނަމައެވެ. (1) އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ (2) އޭނާ ޖިނާއީ ބޮޑު ކުށެއް ކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ (3) އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ (4) އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ (5) އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ނުވަތަ އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖަކު ބަންދުކުރަން ނިންމަންވާނީ، މައްސަލައިގައި ހިމެނޭ އެންމެހެދީ ކަތްކޮމަށް ރިޢާޔަތްކުރުމާއެކު، ބަންދުކުރުން ފިޔަވައި އެނޫން ފިޔަވަޅެއް އެޅެން އޮތްތޯ ބެލުމަށްފަހު، އެނޫން ގޮތެއް ނެތް ޙާލަތުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޙާލަތުގައިވެސް ކުޑަކުއްޖަކު ބަންދުކުރަންވާނީ އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށެވެ.

(ރ) އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ހިމެނޭ މައްސަލައެއްގައިވިޔަސް ކޮންމެ ކުއްޖަކާ ގުޅޭގޮތުން ތަޙްޤީޤުކުރެވޭ މައްސަލައަކީ ވަކި ހެކިތަކަކާއި ޙާލަތްތަކެއް އެ މައްޗަށް ހިނގާނެ މައްސަލައެއް ކަމުގައިވާތީއާއި، ކުށްކުރަން މެދުވެރިވާ ޙާލަތްތައްވެސް ކޮންމެ ކުއްޖަކާ ގުޅޭގޮތުން ތަފާތުވާނެތީ، މި މާއްދާގެ (ނ) ގެ ދަށުން ކުޑަކުއްޖަކު ބަންދުގައި ބެހެއްޓޭނެ މުއްދަތު ކަނޑައަޅަންވާނީ އެއިން ކޮންމެ ކުއްޖެއްގެ ޙާލަތަށް ވަކިން ރިޢާޔަތްކުރުމަށްފަހުގައެވެ.

(ބ) މި މާއްދާގެ ދަށުން ކުޑަކުއްޖަކު ބަންދުކުރުމަށް ޤާޟީ ނިންމި ކަމުގައިވީނަމަވެސް، އެ ނިންމުން ނިންމަން މެދުވެރިވި ސަބަބު ނުވަތަ ޙާލަތު ދެމިއޮތްތޯ ބެލުމަށްޓަކައި ގަވާއިދުން ކޯޓަށް ރިޕޯޓުކުރުމަށް ފުލުހުންނަށް ޤާޟީ އަންގަންވާނެއެވެ. އަދި އެ ޙާލަތު ނުވަތަ ސަބަބު ނެތިގޮސްފައިވާނަމަ، އެކުއްޖާ ބަންދުން ދޫކުރުމަށް ޤާޟީ އަމުރުކުރަންވާނެއެވެ. އަދި ކުޑަކުއްޖަކު ބަންދުކުރުމަށް ނިންމާ މައްސަލަތަކުގައި، އެކުއްޖާ ބަންދުކުރުމަށް ޤާޟީ ނިންމާ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި އެއްވެސް ފަރާތަކުން ހުށަނޭޅި ނަމަވެސް، އެކުއްޖާ ބަންދުކުރުމަށް ނިންމި ނިންމުން މެދުވެރިވި ސަބަބު ނުވަތަ ޙާލަތު ދެމިއޮތްތޯ ކޮންމެ 15 (ފަނަރަ) ދުވަހަކުން ޤާޟީ މުރާޖަޢާކުރަންވާނެއެވެ.

(ހ) 59-1 ޝަރީޢަތް ފެށުމުގެ ކަރީ ކުރިން ނުވަތަ ޝަރީޢަތް ފެށުމަށްފަހު ގޭގައި ބަންދުކުރުން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުއްޖެއްގެ ބަންދުގެ މުއްދަތު އިތުރުކުރާއިރު އެކުއްޖާ ބަންދުގައި ބެހެއްޓުމަށް ނިންމާ ޙާލަތުގައި، އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށާއި ކުއްޖާގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު، އެކުއްޖާ ގޭގައި ބަންދުކުރުމަށް އަމުރުކުރުމުގެ އިޚްތިޔާރު ޤާޝީއަށް ލިބިގެންވެއެވެ.

(ށ) ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ކުއްޖެއްގެ ބަންދު މުރާޖަޢާކުރާ ޙާލަތުގައި، އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށާއި ކުއްޖާގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު، އެކުއްޖާ ގޭގައި ބަންދުކުރުމަށް އަމުރުކުރުމުގެ އިޚްތިޔާރު ޤާޝީއަށް ލިބިގެންވެއެވެ.

13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/14 ޤަޝިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ 29 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން ކުށުގެ ތުހުމަތުކުރެވޭ ކުއްޖަކު ގޭގައި ބަންދުކުރުމުގެ އިޚްތިޔާރަކީ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއް ކަމާމެދު ސުވާލެއް އުފެދިފައި ނުވެއެވެ. މިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަދި ކުއްޖާގެ ފަރާތުން ނުވަތަ ކުއްޖާގެ ޤާނޫނީ ވަކީލު ހިމެނޭގޮތުން، އޭނާގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ކޯޓަށް ހާޒިރުވެ ތިބި އެއްވެސް ފަރާތަކުން އިންކާރެއް ނުކުރެއެވެ.

14އެހެންކަމުން، މިމައްސަލައިގައި ހަސްމުން ދެބަސްވެ ސުވާލު އުފައްދަނީ ކުޑަކުދިން ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރުގެ ބޭނުންހިފައި، ކުށުގެ ތުހުމަތުކުރެވޭ ކުއްޖަކު ގޭގައި ބަންދުކުރުމަށް ފަނޑިޔާރަކު ނިންމާނަމަ، އެ އިޚްތިޔާރުގެ ބޭނުން ހިފުމުގައި ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންތައްތަކެއް ހުރިތޯއާއި، ހުރިނަމަ، އެއީ ކޮން ކަންތައްތަކެއް ކަމާމެދުއެވެ.

15HN1HN2މި ނުކުތާއާމެދު އެއްޗެއް ބުނުމުގެ ކުރިން، ޤާނޫނުގައި ކުޑަކުދިން ބަންދުކުރުމާމެދު ހުރި ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ.

15.1. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 58 ވަނަ މާއްދާއިން ސާފުވާން އޮތް ގޮތުގައި، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ޝަރީޢަތް ފެށުމުގެ ކުރިން ބަންދުގައި ބަހައްޓަންވާނީ، ޚާއްޞަ ޙާލަތްތަކެއްގައި، ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެފަދަ ކުއްޖަކު ޝަރީޢަތް ފެށުމުގެ ކުރިން ބަންދުގައި ބެހެއްޓުމަށް ނިންމުމުގެ ކުރިން، އޭނާ ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެނޫން ޝަރުޠުތަކެއް ކަނޑައެޅެން އޮތްތޯ ބަލަންޖެހެއެވެ. މި މާއްދާއަކީ، ކުށުގެ އަމަލު ކުރާ ކުދިންނަށް ނިޒާމުގެ ތެރެއިން ލިބިދާނެ ގެއްލުންތަކުން އެ ކުދިން ރައްކާތެރިކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމުތަކުގައި ގެންގުޅޭ މަފްހޫމެއް ކަމުގައިވާ "އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި މެނުވީ ބަންދު ނުކުރުން" ދެމެހެއްޓުމުގެ ގޮތުން އެ ޤާނޫނުގައި ހިމަނާފައިވާ މާއްދާއެކެވެ. އެހެންނަމަވެސް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 58 ވަނަ މާއްދާ އެފަދައިން އޮތުމުގެ މާނައަކީ، ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިން ބަންދު ކުރުމަށް މަގު ބަންދުވުމެއް ނޫނެވެ.

15.2. ކުށުގެ ތުހުމަތުކުރެވޭ ކުއްޖަކު ބަންދުކުރުމަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ވަނަ މާއްދާގައި ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިޞްލާހީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކައި، ވަކި ބާވަތްތަކެއްގެ މަރުކަޒުތަކެއް ހުންނަންޖެހޭ ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެ މަރުކަޒުތަކުގެ ތެރެއިން ކަމާއި ޙާލަތަށް އެކަށީގެންވާ މަރުކަޒެއްގައި ކުޑަކުދިން ބަންދު ކުރުން ޤާނޫނު ހުއްދަކުރެވެއެވެ. އޭގެ އިތުރުން، ބަންދުކޮށްފައިވާ ކުއްޖެއްގެ ބަންދުގެ މުއްދަތު އިތުރުކުރާއިރު، އެ ކުއްޖާ ގޭގައި ބަންދުކުރުމުގެ ފުރުސަތު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާއިން ލިބިދީފައި އޮތުމުން، އެއީވެސް އެ ޤާނޫނު ދަންނަ ބާވަތެއްގެ ބަންދެއް ކަމުގައި ބަލަންޖެހެއެވެ.

16HN3ހުށަހަޅާފައިވާ މި މައްސަލައިގައި ޚުޞޫމާތު އުފެދިފައި އޮތް މައި ނުކުތާއަށް ނަޒަރުކުރާއިރު، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާގެ ދަށުން ބަންދު މުރާޖައާކުރުމުގައި، ކުއްޖާ ގޭގައި ބަންދުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށާއި، ކުއްޖާގެ ޙާލަތަށް ރިއާޔަތްކުރުމަށްފަހުގައިކަން އެ މާއްދާ ލިޔެވިފައިވާ ގޮތުން އޮޅުމެއް ނެތެވެ. އެހެންކަމުން، އެ މާއްދާއިން ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރަކީ މުޠުލަޤަށް، އެއްވެސް އިމެއް ނެތް ގޮތުގައި ލިބިދެވޭ އިޚްތިޔާރެއް ކަމަށް އަހުރެން ނުދެކެމެވެ. ޤާނޫނެއްގެ ދަށުން ފަނޑިޔާރަށް ލިބިދޭ ކޮންމެ އިޚްތިޔާރަކީވެސް ވަށައިގެންވާ ކަންކަމާއި ޤާނޫނީ ސަބަބުގެ މައްޗަށް ބިނާވާ، ފަރުވާތެރިކަމާއެކު ނިންމާ ނިންމުމަކަށް ވާންޖެހެއެވެ. އެއާއި ޚިލާފަށް، ވަށައިގެންވާ ކަންކަމަށް ރިޢާޔަތްނުކޮށް، ނިންމުން ބިނާކުރާ ޤާނޫނީ ސަބަބުތަކެއް ނުދެއްކޭނަމަ، އެފަދަ ނިންމުމަކީ ޚުދުމުޚްތާރު (arbitrary) ނިންމުމަކަށް ވުމުގެ ފުރުސަތު ބޮޑު ވެގެން ދެއެވެ.

17HN4އެހެންކަމުގައި ވަނީނަމަ، ފަނޑިޔާރަށް ޤާނޫނުން ލިބިދީފައިމިވާ އިޚްތިޔާރަކީ ކޮން ހުދޫދެއްގެ ތެރެއިން ލިބިދީފައިވާ އިޚްތިޔާރެއްހެއްޔެވެ؟ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59-1 ވަނަ މާއްދާގައި، އެ އިޚްތިޔާރު ބޭނުންކުރުމުގައި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށާއި، ކުއްޖާގެ ޙާލަތަށް ރިއާޔަތްކުރުން ހިމެނިފައިވުމުން، މި ދެ ކަމަކީ ހައްޔަރުކުރެވޭ ކުއްޖެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި އެ ކުއްޖަކު ގޭގައި ބަންދުކުރުމަށް ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން ހިފުމުގައި، އެ ކަންކަމުގެ މައްޗަށް ފަނޑިޔާރު ބަލަންޖެހޭ، އަދި އެކަންކަމާއި ގުޅޭ ޙަޤީޤަތްތަކުގެ މައްޗަށް ފަނޑިޔާރުގެ ނިންމުން ބިނާވާންޖެހޭ ކަންކަން ކަމުގައި އަހުރެން ދެކެމެވެ.

18HN5މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށާއި، ކުއްޖާގެ ޙާލަތާގުޅޭ ޙަޤީޤަތްތަކަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެކަންކަން ވަޒަންކުރެވޭނީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ

(ހ)، (ށ)، (ނ)، އަދި (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމަށްފަހު ކަމުގައި އަހުރެންދެކެމެވެ. އެއީ، އެ މާއްދާގެ އެ އަކުރުތަކުގައި ބަޔާންކޮށްފައިވަނީ މައްސަލައިގެ ވަށައިގެންވާ ކަންކަމާއި، ކުއްޖާގެ ޙާލަތާގުޅޭ ކަންކަން ވަޒަންކުރުމުގައި ބަލަންޖެހޭ ކަންކަމެވެ.

19HN6މީގެ އިތުރުން، ކުޑަކުއްޖެއް ބަންދުގައި ބެހެއްޓުމަށް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންވީ ކަންކަން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއީ ހަމައެކަނި ކުއްޖަކު މަރުކަޒެއްގައި ބަންދުކުރާ ޙާލަތުގައި ބަލަންޖެހޭ ކަންކަން ކަމުގައި ފާހަގަކޮށްފައި ނުވާތީއާއި، މަރުކަޒެއްގައިވިޔަސް ގޭގައި ވިޔަސް ކުއްޖާ ހުންނަނީ ބަންދެއް ގައިކަމުން، އެ މާއްދާގައި ބަޔާންކުރާ ކަންކަމަކީ ފަނޑިޔާރު ގޮތް ކަނޑައެޅުމުގައި އެކަމުގެ މައްޗަށް ރިއާޔަތްކުރަންޖެހޭ ކަންކަން ކަމުގައި އަހުރެން ދެކެމެވެ. ފަނޑިޔާރުގެ ނިންމުމަކީ އެ ކުއްޖަކު މަރުކަޒެއްގައި ބަންދުކުރުން ކަން، ނުވަތަ ގޭގައި ބަންދުކުރުން ކަން، ނުވަތަ ޝަރުޠުތަކާއެކު ދޫކޮށްލުންކަން ބިނާވާނީ އެ ކުއްޖެއް ހިމެނޭ މައްސަލައިގައި ކުއްޖާގެ ފުށުން ފެންނަ އަދި ފެނިފައިވާ ކަންކަން ހިމެނޭގޮތުން، ބުނެވުނު މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމާއި ކުއްޖާގެ ޙާލަތަށެވެ.

20HN7މިހެންކަމާއެކު، އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ބޮޑުކުށެއް ނަމަވެސް، އަދި / ނުވަތަ ކުއްޖާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވިދާނެ ކަންކަން ހުރިނަމަވެސް، އަދި / ނުވަތަ ކުއްޖާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަމުގައިވާ ނަމަވެސް، އެ ކުއްޖަކު ގޭގައި ބަންދުކުރުމަކީ ޤާނޫނީ ގޮތުން އެކަމަށް ހުރަހެއް އޮތް ކަމެއް ކަމަކަށް ނުވާތީ، އެ ސަބަބަށްޓަކައި އެކަން އެފަދައިން ކުރުމަކީ އެންމެ އެކަށޭނަ ގޮތްކަން ނުވަތަ ނޫންކަންވެސް ފަނޑިޔާރު ވަޒަންކުރަންޖެހެއެވެ. އަދި ފަނޑިޔާރުގެ ނިންމުމުގެ ސަބަބުން މައުޟޫއީ މައްސަލަ ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ ގޮންޖެހުންތަކަށްވެސް ވިސްނަންޖެހެއެވެ.

21HN8މީގެ އިތުރުން، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ކުއްޖާގެ ޙާލަތާއި ބަންދާމެދު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ރައުޔެއް ހޯދުމުގައި، ކުއްޖާ ފަރާތުން ލިބޭ އެއްބާރުލުމާއި އޭނާ ތަޢުލީމު ހާސިލުކުރުމާއި ގުޅުންހުރި ކަންކަން، އަދި މިނޫންވެސް ކޯޓުން ކޮށްފައިވާ ޝަރުޠުތަކާއި ގުޅުންހުރި ކަންކަމުގެ އިތުރުން، އެ ޑިޕާޓްމަންޓްގެ ފަރާތުން އެކުއްޖާއާއެކު ކުރާ މަސައްކަތުގެ ތެރެއިން، އެކުއްޖާގެ ވިސްނުމާއި ޙާލަތާމެދު އެ ޑިޕާޓްމަންޓުން ދެކޭ ގޮތުގެ މައްޗަށް ފަނޑިޔާރު ރިޢާޔަތްކުރުންވެސް މުހިންމުކަމުގައި އަހުރެން ދެކެމެވެ. މިކަން ވަކިން ފާހަގަކުރަން މުހިންމު ކަމުގައި އަހުރެންނަށް ފެނުނީ، ހައިކޯޓުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، އަދި ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައިވެސް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ކުއްޖާއާ ގުޅޭގޮތުން ކުރެވޭ މަސައްކަތަށް ކުއްޖާ އެއްބާރުލުންދީ، ތަޢުލީމު ޙާޞިލުކުރުމަށް ކޯހެއްގައި ބައިވެރިވެ، އެ ކޯހުގައި ކުރިއަށް ދާކަމުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ފާހަގަކޮށްފައިވާތީ، އެ ކަންކަމަކީ ހަމައެކަނި އެކަންކަމަށް ބެލުމުން ރަނގަޅު އަދި އުންމީދީ ކަންކަމަށްވާހިނދު، ހަމައެކަނި އެކަންކަމަށް ބެލުމުން ކަމުގެ އެންމެ އެކަށޭނަ ތަސައްވުރެއް ފެނިނުދިއުމުގެ ފުރުސަތު އޮތުމުންނެވެ. އެހެނީ، ހަމަ ބުނެވުނު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން، މި މައްސަލައިގައި އެ ޑިޕާޓްމަންޓްއިން ކަންބޮޑުވާ ކަންކަން ފާހަގަކުރުމާއެކު، އެ ޑިޕާޓްމަންޓާއި ކުއްޖާއާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ކުއްޖާއަށް ކުރެވުނު އަމަލުތަކާއި ގުޅިގެން ކުއްޖާއަށް ކުށުގެ އިހުސާސް ނުވާކަން އެ ޑިޕާޓްމަންޓުން ފާހަގަކޮށްފައިވާތީއެވެ.

ނިންމުން

22އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-59 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން ކުރުމުގައި ރިޢާޔަތްކުރުމަށް އެ މާއްދާގައި ބަޔާންކުރާ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމާއި، ކުއްޖާގެ ޙާލަތު ވަޒަންކުރަންވާނީ އެ ޤާނޫނުގެ 59 ވަނަ މާއްދާގައި ކުއްޖަކު ބަންދުގައި ބެހެއްޓުމަށް ނިންމުމުގައި ފަނޑިޔާރު ރިއާޔަތްކުރަންޖެހޭނެކަމަށް ބުނެ ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށް ފަހުގައި ކަމުގައި އަހުރެން ދެކެމެވެ.

23އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/14 ޤަޞިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 28 ވަނަ ޕެރެގްރާފުން 30 ވަނަ ޕެރެގްރާފުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ކުއްޖާ ބަންދުގައި ބެހެއްޓުމާމެދު، އަދި ބަންދުގައި ބަހައްޓާނެ ތަނަކާމެދު ގޮތް ކަނޑައެޅުމަށް ފަނޑިޔާރަށް އިޚްތިޔާރު ލިބިގެންވާކަމާމެދު ޚުޞޫމާތެއް ނެތްހިނދު، އެ އިޚްތިޔާރުގެ ބޭނުން ހިފަންވާނީ ވަށައިގެންވާ ކަންކަމާއި ޤާނޫނީ ސަބަބުގެ މައްޗަށް ބިނާކޮށް ކަމުގައި ދެކެމެވެ. އަދި މި ރައުޔުގެ 18 ވަނަ ޕެރެގްރާފުން ފެށިގެން 21 ވަނަ ޕެރެގްރާފްގެ ނިޔަލަށް ފާހަގަކޮށްފައިވާ ސަބަބުތަކަށް ބަލައި، ހައިކޯޓުގެ ނިންމުން ބިނާވެފައިވަނީ ކުޑަކުއްޖަކު ބަންދުގައި ބެހެއްޓުމުގައި ފަނޑިޔާރުން ރިއާޔަތްކުރަންޖެހޭ ކަންކަމަށް އެންމެ އެކަށޭނަ އަހަންމިއްޔަތު ކަމެއް ދެވިގެން ކަމުގައި ނުފެންނާތީ، ހައިކޯޓުގެ ނިންމުމުގެ ބުނެވުނު ބައި ބާޠިލު ކުރަންޖެހޭ ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.

24HN9ހަމަ މިއާއެކު، ހައިކޯޓުގެ ނަންބަރު 2022/HC-B12/14 ޤަސިއްޔާ އިސްތިއުނާފު ކުރިއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދޭ ގޮތުގައި، ޖުވެނައިލް ކޯޓުގެ ނަންބަރު 147-B4/AM/2022/03 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލުކުރުމަށް އެދިފައިވާތީ، ބާޠިލުކޮށްދިނުމަށް އެދިފައިވާ މި އަމުރަކީ އޭގެ ބާރު ކެނޑި، ފާއިލިއްޔަތު ގެއްލިފައިވާ އަމުރަކަށް ވުމުގެ އިތުރުން، އެ އަމުރު ނެރުނު ފަހުން، އިސްތިއުނާފު ރައްދުވާ ކުއްޖާ ގޭގައި ބަންދުގައި ބެހެއްޓުމަށް ކަނޑައަޅާ އިތުރު އަމުރުތަކެއް ނެރެފައިވާކަން އިސްތިއުނާފުކުރާ އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުން އެނގޭތީ، ހަވާލާދީފައިވާ "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލުކުރާނެ ތަނެއް ނެތްކަމުގައިވެސް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

25މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

26މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން: (1) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/14 ޤަސިއްޔާގައި، އެ ކޯޓުގެ ނިންމުން ބިނާވެފައިވަނީ ކުޑަކުއްޖަކު ބަންދުގައި ބެހެއްޓުމުގައި ފަނޑިޔާރުން ރިއާޔަތްކުރަންޖެހޭ ކަންކަމަށް އެންމެ އެކަށޭނަ އަހަންމިއްޔަތު ކަމެއް ދެވިގެން ކަމުގައި ނުފެންނާތީ، އެ ޤަޞިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ 28 ވަނަ ޕެރެގްރާފުން ފެށިގެން 30 ވަނަ ޕެރެގްރާފުގެ ނިޔަލަށް އޮތް ބައި ބާޠިލުކުރުމަށް؛ އަދި (2) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/14 ޤަސިއްޔާއިން ދަމަހައްޓާފައިވާ ޖުވެނައިލް ކޯޓުގެ ނަންބަރު 147-B4/AM/2022/03 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އަކީ މިހާރު އޭގެ ބާރު ކެނޑި، ފާއިލިއްޔަތު ގެއްލިފައިވާ އަމުރަކަށްވާތީ، އެ އަމުރު މިހިނދުގައި ބާތިލުކުރާނެ ޙާލަތެއް ނެތް ކަމަށް؛ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ޖުވެނައިލް ކޯޓުގެ ނަންބަރު 147/(42,43,44/Jv-C/2021)01/SHB/2021 (26 އޮގަސްޓް 2021) "ކޯޓު އަމުރު"
  2. ޖުވެނައިލް ކޯޓުގެ ނަންބަރު 147-B4/(42,43,44-2021)01/AM/2021 (09 ނޮވެންބަރު 2021) "ބަންދު އަމުރު މުރާޖަޢާކޮށްފައިވާތީ، އިސްތިމަގޮތުގެ ރިޕޯޓު"
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 58 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 59-1 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 79 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ