ފޮމެންޓޯ އެސޯސިއޭޓެޑް ސިންގަޕޯރ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އަޙްމަދު ނާޝިދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/19، 3069/Cv-C/2017
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ނިންމީ، ލޯނުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އޮތް ސިންގަޕޫރު ކޯޓަކުން ކަނޑައަޅާފައިނުވާ ޒިންމާއަކަށް ގެރެންޓަރުން ޒިންމާނުކުރެވޭތީ ދަޢުވާކުރުމުގެ ބާރު ނުލިބޭ ކަމަށެވެ. ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- ފޮމެންޓޯ އެސޯސިއޭޓެޑުން އޭޑީކޭ ޓްރެވަލްސްއަށް ދިން ލޯނަށް އޭޑީކޭ ކޮމްޕެނީން ކޯޕަރޭޓް ގެރެންޓީއަކާއި އަޙްމަދު ނާޝިދު ޕަރސަނަލް ގެރެންޓީއެއް ދިނެވެ. ލޯނުގެ ޚިލާފުތައް ބަލާނީ ސިންގަޕޫރު ކޯޓުތަކުންނެވެ. ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް، ސިންގަޕޫރު ކޯޓުގެ ޙުކުމާ އެއްގޮތަށް ލޯނާއި އިންޓަރެސްޓާއި ޚަރަދު ދައްކާ ޚަލާޞްކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ލޯނަށް ދޫކުރި ކޯޕަރޭޓް ގެރެންޓީއާއި ޕަރސަނަލް ގެރެންޓީގެ ދަށުން ކުރި ދަޢުވާގައި، ލޯން އެގްރީމަންޓްގެ ދަށުން ލިބެންޖެހޭ ހުރިހާ ފައިސާއާއި ޚަރަދު ލޯނުދިން ފަރާތަށް ލިބިފައިވާއިރު، ގެރެންޓަރުން އިތުރަށް މާލީގޮތުން ޒިންމާކުރެވޭނެ ޤާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުން ނިންމީ ޞައްޙަތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ފޮމެންޓޯ އެސޯސިއޭޓެޑުން ބުނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 އަދި 4 ވަނަ މާއްދާގެ ދަށުން ގެރެންޓަރުން ޒިންމާވާންޖެހޭ ކަމަށާއި، މައްސަލަ ބަލަންވީ ސިވިލް ކޯޓުން ކަމަށާއި، ދަށު ކޯޓުގައި ބަހުސްނުކުރާ ކަމެއްގައި ހައިކޯޓުން ނިންމި ކަމަށެވެ. ރައްދުވާ ފަރާތްތަކުން ބުނީ ހުރިހާ ފައިސާއެއް ދައްކައި ނިމިފައިވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ދެ ގެރެންޓީއަކީ ލޯނަށް ބަރޯސާވާ އެއްބަސްވުންތަކެއް ކަމަށާއި، ލޯނުގެ ހުރިހާ ފައިސާއާއި ޚަރަދު ލިބިފައިވާއިރު ގެރެންޓަރުން އިތުރަށް ޒިންމާކުރެވޭނެ ސަބަބެއް ނެތް ކަމަށް ކޯޓުން ކަނޑައެޅިއެވެ. ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ނުލިބޭ ހެކި ހައިކޯޓަށް ހުށަހެޅިދާނެ ކަމަށާއި، ޚަރަދުގެ ކަމުގައި ދެފަރާތަށް ފުރުޞަތު ދީފައިވާ ކަމަށް ބުންޏެވެ.
ނިންމުން
އިސްތިއުނާފުގެ ތިން ނުކުތާވެސް ބަލައިނުގެނެ، ހައިކޯޓުގެ ނަންބަރު…އިސްތިއުނާފުގެ ތިން ނުކުތާވެސް ބަލައިނުގެނެ، ހައިކޯޓުގެ ނަންބަރު 2019/HC-A/19 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ހައިކޯޓުގެ ޙުކުމް ދަމަހައްޓައިފި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ފުރިހަމަކޮށް ނިމިފައިވާ ކޮންޓްރެކްޓެއް ގެ މައްސަލަ އިތުރަށް ބަލާކަށްނުޖެހޭނެއެވެ.
HN2 ކޯޕަރޭޓް ގެރެންޓީ އަދި ޕަރސަނަލް ގެރެންޓީއަކީ ލޯނު އެގްރީމަންޓްގެ މައްޗަށް ބަރޯސާވާ ދެ ގެރެންޓީކަމަށްވެފައި، ލޯން އެގްރީމަންޓްގެ ދަށުން ލިބެންޖެހޭ އެންމެހައި ފައިސާ އަދި ޚަރަދުގެ ގޮތުގައި ކޯޓުން ކަނޑައެޅި ފައިސާ ލޯނުދިން ފަރާތަށް ލިބިފައިވާނަމަ، ގެރެންޓަރުން އިތުރަށް މާލީގޮތުން ޒިންމާކުރެވެންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތެވެ.
HN3 އިސްތިއުނާފީ މައްސަލަތައް އިސްތިއުނާފީ ކޯޓުން ގެންގެޅޭ ޢާއްމު އުޞޫލަކީ ދަށުކޯޓަށް ހުށަހެޅި ބަހުސް ކުރެވިފައިވާ ވާޤިޢާތަކާ ގުޅޭ ނުކުތާތައް ބެލުމެވެ. ހައިކޯޓުން މައްސަލަތައް ބަލާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށެވެ.
HN4 އިސްތިއުނާފީ ކޯޓުން އިސްތިއުނާފީ ނުކުތާއެއް ބަލައިގަންނާނީ އިސްތިއުނާފީ އޮޅި ގިރާކުރާ ނަމައެވެ.
HN5 ދަށުކޯޓު މަރުޙަލާގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެއްކެއް އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓަށް ހުށަހެޅުމަކަށް ހުރަހެއްނެތެވެ. މިފަދަ ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ބަލައިގަތުމާމެދު ގޮތެއް ނިންމާނީ ހައިކޯޓުންނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޙަމްޒާ ލަޠިފް، ސީއެލްއޭ ޕާޓްނަރސް ލލޕ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޢަލީ
- ބެންޗު
- އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރައުޔު ލިޔުނު ފަނޑިޔާރު
- އަޙްމަދު މުޢުތަޞިމް ޢަދުނާން · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2022/SC-A/94 ޝަރީޢަތް ނިމުނުގޮތް ފޮމެންޓޯ އެސޯސިއޭޓެޑް ސިންގަޕޯރ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އަޙްމަދު ނާޝިދު ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ނިމުނު ތާރީޚު 27 އޮކްޓޯބަރ 2024 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/19
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
އަޙްމަދު ނާޝިދު، ހ. ރަންރިނބިދޫ، މާލެ
ފޮމެންޓޯ އެސޯސިއޭޓެޑް ސިންގަޕޯރ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު:
ޢަބްދުﷲ ޢަލީ، ބޯށިމާގެ، ނ. ވެލިދޫ ޤާނޫނީ ވަކީލު:
ޚަމްޒާ ލަތީފް، ސީއެލްއޭ ޕާޓްނަރސް އެލްއެލްޕީ
މަދަނީ– އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހެޅޭ މައްސަލަ – ކޯޕަރޭޓް ގެރެންޓީ – ޕަރސަނަލް ގެރެންޓީ – އިސްތިއުނާފުގެ އޮޅި ގިރާކުރުން – ކޮންޓްރެކްޓާބެހޭ ޤާނޫނު
ފިހުރިސްތު
ފޮމެންޓޯ އެސޯސިއޭޓެޑް ސިންގަޕޯރ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އަޙްމަދު ނާޝިދު [2024] SC 53 އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/19 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ފޮމެންޓޯ އެސޯސިއޭޓެޑް ސިންގަޕޯރ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް1 (މީގެ ފަހުން "ފޮމެންޓޯ އެސޯސިއޭޓެޑް") ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2022/SC-A/94 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް2 (މީގެ ފަހުން "އޭޑީކޭ ކޮމްޕެނީ") އަދި ހ. ރަންރިނބިދޫގެ، މާލެ، އަޙްމަދު ނާޝިދު3 (މީގެ ފަހުން "އަޙްމަދު ނާޝިދު") ގެ މައްޗަށެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 3069/Cv-C/2017 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓުގެ ނަންބަރު 3069/Cv-C/2017 ޤަޟިއްޔާ
2ފޮމެންޓޯ އެސޯސިއޭޓެޑް އާއި އޭޑީކޭ ކޮމްޕެނީ އާ ދެމެދު 09 އޮކްޓޯބަރު 2011 ގައި "ކޯޕަރޭޓް ގެރެންޓީ" އެއް ދިނުމުގެ އެއްބަސްވުމެއް ހަދާފައިވެއެވެ. އަދި ފޮމެންޓޯ އެސޯސިއޭޓެޑް އާއި އަޙްމަދު ނާޝިދު އާ ދެމެދު "ޕާރސަނަލް ގެރެންޓީ" އެއް ދިނުމުގެ އެއްބަސްވުމެއް ވެސް 08 އޮކްޓޯބަރު 2011 ގައި ހަދާފައިވެއެވެ. މި ދެ ގެރެންޓީއަކީ ފޮމެންޓޯ އެސޯސިއޭޓެޑް އާއި އޭޑީކޭ ޓެރެވަލްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އޭޑީކޭ ޓްރެވަލްސް") އާ ދެމެދު ވެފައިވާ ލޯން އެގްރީމަންޓް (މީގެ ފަހުން "ލޯން އެގްރީމަންޓް") ގެ ދަށުން ފޮމެންޓޯ އެސޯސިއޭޓެޑްގެ ފަރާތުން އޭޑީކޭ ޓްރެވަލްސް އަށް ދޫކުރި US$ 1,500,000.00 (އެއްމިލިއަން ފަސްލައްކަ ޔޫއެސް ޑޮލަރު) ގެ ލޯނު އަނބުރާ ދައްކާނެކަން ޔަޤީން ކުރުމުގެ ގޮތުން ހަދާފައިވާ ދެ ގެރެންޓީއެކެވެ.
3ފޮމެންޓޯ އެސޯސިއޭޓެޑް ގެ ފަރާތުން އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރީ މަތީގައި ބަޔާންކުރި ލޯނު އެގްރީމަންޓްގެ ދަށުން ފޮމެންޓޯ އެސޯސިއޭޓެޑް އިން އޭޑީކޭ ޓްރެވަލްސްއަށް ދޫކުރި ލޯނު އޭޑީކޭ ޓްރެވަލްސް އިން އަނބުރާ ދައްކާފައި ނުވާކަމަށް ބުނެ އެ ލޯނާ ގުޅިގެން ދޫކުރި ދެ ގެރެންޓީގެ ދަށުން ލޯން ފައިސާ އަދި އިންޓަރެސްޓް ހޯދުމަށެވެ.
4ފޮމެންޓޯ އެސޯސިއޭޓެޑް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ކޯޕަރޭޓް ގެރެންޓީ އަދި ޕަރސަނަލް ގެރެންޓީއާ ގުޅިގެން އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް، ކޯޕަރޭޓް ގެރެންޓީގެ 35 ވަނަ މާއްދާ އާއި ޕަރސަނަލް ގެރެންޓީގެ 38 ވަނަ މާއްދާގެ ދަށުން، ބެލުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ލިބިގެންވާކަން އެ އެއްބަސްވުންތަކުން އެނގެން އޮތްނަމަވެސް، ފޮމެންޓޯ އެސޯސިއޭޓެޑް އާއި އޭޑީކޭ ޓެރެވަލްސްއާ ދެމެދު ވެފައިވާ ލޯނު އެއްބަސްވުމުގެ 29.2 ވަނަ މާއްދާގެ ދަށުން އެ ލޯނު އެއްބަސްވުމާ ގުޅިގެން އުފެދޭ ޤާނޫނީ ދެބަސްވުންތަކާއި މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސިންގަޕޫރު ކޯޓުތަކަށްކަން ލޯނު އެގްރީމަންޓްގެ 29.2 ވަނަ މާއްދާއިން އަދި ދެފަރާތުގެ ބަހުން އެންގެން އޮތަތީ އޭޑީކޭ ކޮމްޕެނީއިން ދޫކުރި ކޯޕަރޭޓް ގެރެންޓީ އަދި އަޙްމަދު ނާޝިދު ދޫކުރި ޕަރސަނަލް ގެރެންޓީގެ ދަށުން އުފުލަންޖެހޭ މާލީ ޒިންމާތަކަކީ ކޮބައިކަން ކަނޑައެޅިގެން ދާނީ ލޯނު އެގްރީމަންޓްގެ ދަށުން އޭޑީކޭ ޓްރެވަލްސްގެ ފަރާތުން އުފުލަންޖެހޭ މާލީ ޒިންމާތައް ސިންގަޕޫރުގެ ކަމާބެހޭ ކޯޓަކުން ކަނޑައެޅުމުން ކަމަށް ކަނޑައަޅައެވެ. އަދި ސިންގަޕޫރުގެ ކަމާބެހޭ ކޯޓަކުން ކަނޑައަޅާފައި ނުވާ މާލީ ޒިންމާއަކަށް ލޯން އެއްބަސްވުމަށް ޔަޤީންކަންދިން އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދު ޒިންމާ ކުރެވެން ނެތްކަން މި އެއްބަސްވުންތައް ތަރުތީބު ކުރެވިފައިވާ ގޮތުންނާއި ކޯޕަރޭޓް ގެރެންޓީ އަދި ޕަރސަނަލް ގެރެންޓީ އެ މައްޗަށް ބިނާވެފައިވާ ލޯނު އެގްރީމަންޓްގެ ދަށުން އުފެދޭ ޤާނޫނީ ދެބަސްވުންތައް ބެލުމުގެ އިޚްތިޞާޞް ކަނޑައެޅިފައިވާ ގޮތަށް ބެލުމުން އެނގެން އޮންނަ ކަމަށް ކަނޑައަޅައެވެ.
5ފުރަތަމަ މަރުޙަލާގައި މި މައްސަލަ ބެލި ސިވިލް ކޯޓަށް ބުރަވެވުނީ ފޮމެންޓޯ އެސޯސިއޭޓެޑް އަށް ލޯނު އެގްރީމަންޓްގެ ދަށުން ލިބެންޖެހޭ ފައިސާއެއް ހޯދުމަށް ގެރެންޓީ ދިން ދެ ފަރާތުގެ މައްޗަށް ދަޢުވާކުރެވޭނީ ލޯނު އެގްރީމަންޓްގެ ދަށުން އުފެދޭ މައްސަލަ ބެލުމަށް އިޚްތިޞާޞް އޮތް ސިންގަޕޫރު ކޯޓުން ގޮތެއް ކަނޑައެޅުމުން ކަމަށެވެ. އަދި ލޯން އެގްރީމަންޓްގެ ދަށުން އުފެދޭ ޤާނުނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކަމާބެހޭ ސިންގަޕޫރުގެ ކޯޓުން ލޯން އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭނެކަމަށް ކަނޑައަޅާފައި ނުވާ ފައިސާއަކާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅައި އެ ފައިސާއަށް ގެރެންޓަރުން ޒިންމާކުރުމަކީ ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިނުވާ ލޯން އެގްރީމަންޓެއްގެ ދަށުން ދައްކަންޖެހޭ ފައިސާއެއް ނުވަތަ ނޫންކަން ކަނޑައެޅުން ކަމަށެވެ.
6ސިވިލް ކޯޓު ޙުކުމުގައި ވަނީ:
"... އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ދީފައިވާ ކޯޕަރޭޓް ގެރެންޓީ އާއި އަޙްމަދު ނާޝިދު ދީފައިވާ ޕަރސަނަލް ގެރެންޓީގެ ދަށުން ފޮމެންޓޯ އެސޯސިއޭޓެޑް ސިންގަޕޯރ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑާއި އޭޑީކޭ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ލޯނު އެއްބަސްވުމުގެ ދަށުން އޭޑީކޭ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން، އެ މައުޟޫޢުގައި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކަމާބެހޭ ސިންގަޕޫރުގެ ކޯޓަކުން އެކަމާމެދު ގޮތެއް ކަނޑައެޅުމުންކަމާއި، މި މައްސަލައަކީ އެފަދައިން ކަނޑައެޅިފައިވާ މާލީ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން މި ލޯނަށް ގެރެންޓީދިން ފަރާތްތަކުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއެއްކަމުގައި ނުވާތީ، މި ދަޢުވާ ކުރުމުގެ ބާރު އަދި ފޮމެންޓޯ އެސޯސިއޭޓެޑް ސިންގަޕޯރ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންނުވާކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ."
މިފަދައިންނެވެ.
ހައިކޯޓުގެ ނަންބަރު 2019/HC-A/19 ޤަޟިއްޔާ
7ސިވިލް ކޯޓުގެ ނަންބަރު 3069/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފޮމެންޓޯ އެސޯސިއޭޓެޑްގެ ފަރާތުން ހަތަރު ނުކުތާއެއް ފާހަގަކޮށް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. ހައިކޯޓުން މައްސަލަ ނިންމުން ބިނާކުރީ އަންނަނިވި ކަންކަމުގެ މައްޗަށް ބުރަވެއެވެ.
7.1 ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދަނިކޮށް ސިންގަޕޫރު ކޯޓުން ކުރި ޙުކުމާ އެއްގޮތަށް ލޯނުގެ ޕްރިންސިޕަލް ޢަދަދާއި އިންޓްރެސްޓް ހިމަނައި އޭޑީކޭ ޓްރެވަލްސް އިން ފޮމެންޓޯ އެސޯސިއޭޓެޑް އަށް އެ ފައިސާ ދައްކާފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮތުމާއެކު އެ ފައިސާ ދެއްކިކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތްކަން؛
7.2 ސިވިލް ކޯޓުން މައްސަލަ ނިމުނުއިރު ޚުސޫމާތު އުފެދުނު ލޯނާ ގުޅިގެން ފޮމެންޓޯ އެސޯސިއޭޓެޑްއަށް ލިބެން ޖެހޭކަމަށް ސިންގަޕޫރު ކޯޓުން ކަނޑައެޅި އެންމެހާ ފައިސާ (ޕްރިންސިޕަލް ޢަދަދާއި އިންޓްރެސްޓާއި މައްސަލައަށް ކުރި ޚަރަދު ހިމެނޭހެން) ފޮމެންޓޯ އެސޯސިއޭޓެޑް އަށް ލިބިފައިވާކަން އެނގެން އޮތްކަން؛
7.3 ލޯނު އެގްރީމަންޓާ ގުޅިގެން ދެވުނު ކޯޕަރޭޓް ގެރެންޓީ އަދި ޕާސަނަލް ގެރެންޓީއަކީ ލޯނު އެގްރީމަންޓްގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުންތަކެއް ކަމަށްވާއިރު، އަދި ލޯނު އެގްރީމަންޓްގެ ދަށުން ލިބެންޖެހޭ އެންމެހާ ފައިސާ ލިބިފައިވާއިރު ގެރެންޓަރުން އިތުރަށް މާލީގޮތުން ޒިންމާކުރެވެންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ފޮމެންޓޯ އެސޯސިއޭޓެޑް އަށް ދެއްކިފައިނެއްކަން؛
7.4 ލޯނު އެގްރީމްންޓްގެ ދަށުން ލޯނުގެ ގޮތުގައި އޭޑީކޭ ޓްރެވަލްސް އިން އަދާކުރަންޖެހޭ މާލީ ޒިންމާތައް އަދާކޮށް ނިމިފައިވާއިރު އަދި ގެރެންޓަރުންގެ އެއްބަސްވުން ބިނާވާ ލޯނު އެގްރީމަންޓްގެ ދަށުން އޭޑީކޭ ޓްރެވަލްސް އިން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށް ނިމިފައިވާތީ ގެރެންޓަރުންގެ މައްޗަށް މި ދަޢުވާ ކުރިއަށްގެން ދެވިދާނެ ޤާނޫނީ ހަމައެއް ނެތްކަން.
ފޮމެންޓޯ އެސޯސިއޭޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް
8ހައިކޯޓުގެ ނަންބަރު 2019/HC-A/19 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފޮމެންޓޯ އެސޯސިއޭޓެޑް ގެ ފަރާތުން 3 (ތިނެއް) އިސްތިއުނާފީ ނުކުތާ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
8.1 ފުރަތަމަ ނުކުތާއަކީ، އޭޑީކޭ ކޮމްޕެނީ އިން ދިން ކޯޕަރޭޓް ގެރެންޓީ އަދި އަޙްމަދު ނާޝިދު ދިން ޕަރސަނަލް ގެރެންޓީއަކީ "ސްޓޭންޑެޑް ލޯނު އެގްރީމަންޓް" ކަމަށް ވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުއާ4 މި ދެ ގެރެންޓީ ޚިލާފުކަމަށް ކަނޑައެޅުމެއް ނެތި، ގެރެންޓީ ދިން ދެފަރާތް ފޮމެންޓޯ އެސޯސިއޭޓެޑް އިން ސިވިލް ކޯޓުގައި ކުރި ދަޢުވާގައި ބަޔާންކުރާ ފައިސާއަށް ޒިންމާވާން ޖެހޭކަމާމެދު ހައިކޯޓުން ގޮތެއް ނިންމާފައި ނެތުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި 4 ވަނަ މާއްދާއާއި ދެ ގެރެންޓީއާ ޚިލާފު ނިންމުމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާ ތަފްޞީލް ކޮށްދެމުން ފޮމެންޓޯ އެސޯސިއޭޓޭޑްގެ ފަރާތުން ބަޔާން ކުރަނީ ލޯން އެގްރީމަންޓް ގެ ދަށުން ސިންގަޕޫރު ކޯޓަކަށް މައްސަލަ ހުށަހެޅުމެއް ނެތިވެސް ގެރެންޓީތަކުގެ ދަށުން އެ ފައިސާ ހޯދުމުގެ ދަޢުވާ ކުރުމުގެ ޙައްޤު ލިބިގެންވާކަމަށެވެ.5 އަދި ފޮމެންޓޯ އެސޯސިއޭޓެޑް އަށް ދެ ގެރެންޓީގެ ދަށުން ލިބިދޭ ޙައްޤުތަކާއި ފަރުވާތައް ލިބިގަތުމުގެ ކުރިން އޭޑީކޭ ޓްރެވަލްސް އަށް ފޮނުވާ ނޯޓިސްގެ އިތުރުން އެހެން ޑިމާންޑެއް ކުރަން ނުޖެހޭ ކަމަށާއި ލޯނު އެގްރީމަންޓްގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމަށް އިތުރު ފިޔަވަޅެއް ނުވަތަ ކޯޓު ޙުކުމެއް ހޯދަން ނުޖެހޭ ކަމަށެވެ.6
8.2 ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ7 "ޖަދުވަލް 1" ގެ 13 ވަނަ ނަންބަރުގެ ދަށުން، އެއްބަސްވުންތަކާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިދީފައިވީނަމަވެސް، ގެރެންޓީތަކުގެ ދަށުން ހުށަހެޅުނު މައުޟޫޢީ މައްސަލަ ސިވިލް ކޯޓުން ބަލާފައި ނެތް ނެތުމަށް ހައިކޯޓުން ތާއީދުކޮށް ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުއާ ޚިލާފު ނިންމުމެއް ކަމަށް ބަޔާންކޮށް ފާހަގަކުރި ނުކުތާއެވެ. މި ނުކުތާ ތަފްޞީލް ކޮށް ދެމުން ފޮމެންޓޯ އެސޯސިއޭޓެޑްގެ ފަރާތުން ބަޔާންކުރަނީ ކޯޕަރޭޓް ގެރެންޓީގެ 35 ވަނަ މާއްދާ އާއި ޕަރސަނަލް ގެރެންޓީގެ 38 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުން ކަމަށެވެ. އަދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ސިންގަޕޫރު ކޯޓުގެ ޙުކުމް ތަންފީޛު ކުރެވިފައި ނުވިނަމަވެސް، ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް ސިންގަޕޫރު ކޯޓުގެ ޙުކުމްގައިވާ ފައިސާ އޭޑިކޭ ޓްރެވަލްސް އިން ދައްކާފައިވީނަމަވެސް، ފޮމެންޓޯ އެސޯސިއޭޓެޑް އިން ހޯދަން އެދުނު އެހެން ފައިސާއާ މެދު ސިންގަޕޫރު ކޯޓަކުން ގޮތެއް ނިންމަންޖެހޭ ކަމަށާއި އެއީ ލޯނު އެއްބަސްވުމުގެ ދަށުން އަންނަ ކަމެއްކަމަށް ސިވިލް ކޯޓުން ނިންމާ އެ ނިންމުމަށް ހައިކޯޓުން ތާއީދުކުރިކުރުން ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ކޯޓުތަކާބެހޭ ޤާނޫނާ ތައާރުޒުވާކަމަށެވެ. ސިންގަޕޫރު ކޯޓަކުން ގޮތެއް ނިންމާފައިނުވާ ފައިސާގެ މިންވަރަކީ ކޮބައިކަމާއި އެ ފައިސާއަކީ ލޯނު އެގްރީމަންޓްގެ ދަށުން ލިބެންޖެހޭނެ ފައިސާއެއްތޯއާ މެދު ސިވިލް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް ފޮމެންޓޯ އެސޯސިއޭޓެޑް އިން ބަޔާންކުރެއެވެ.
8.3 ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި، ސިންގަޕޫރުގެ ކޯޓުގެ ނިންމުންތަކުގައިވާ ފައިސާގެ އިތުރަށް ފޮމެންޓޯ އިން ކޮށްފައިވާ ޚަރަދުތަކުގެ މިންވަރާގުޅޭ ގޮތުން ސިވިލް ކޯޓުގައި ބަހުސްކުރެވިފައިނުވާތީ، އެ މިންވަރަށް ގެރެންޓަރުން ޒިންމާކުރެވޭނެ ޤާނޫނީ ސަބަބެއް ފޮމެންޓޯއަށް ނުދެއްކޭކަމަށް ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައެޅި ކަނޑައެޅުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މީޑިއާނެޓް ޕްރައިވެޓް ލިމިޑެޑް ވ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ8 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ދަށު މަރުޙަލާގައި ބަހުސްނުކުރެވޭ ކަންކަމަށް އިސްތިއުނާފީ މަރުޙަލާގައި ރިޢާޔަތް ނުކުރުމަށް އޮންނަ އޮތުމާ ޚިލާފު ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާ އިތުރަށް އޮޅުންފިލުވައި ދެމުން ފޮމެންޓޯ އެސޯސިއޭޓެޑް އިން ބުނަނީ ސިންގަޕޫރު ކޯޓުތަކުން ގޮތެއް ނިންމާފައިނުވާ ފައިސާ ހޯދުމަށް، ފޮމެންޓޯ އެސޯސިއޭޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކުރި ނަމަވެސް، ފޮމެންޓޯ އެސޯސިއޭޓެޑްއިން ކޮށްފައިވާ ޚަރަދުތަކުގެ މިންވަރާ ގުޅޭގޮތުން ސިވިލް ކޯޓުގައި ބަހުސްކުރެވިފައި ނުވާކަމަށެވެ. ސިންގަޕޫރުގެ ކޯޓުން ގޮތެއް ނިންމާފައިނުވާ، ފޮމެންޓޯ އެސޯސިއޭޓެޑް އިން ހޯދުމަށް ހުށަހެޅި މިންވަރަށް ގެރެންޓަރުން ޒިންމާކުރެވޭނެ ޤާނޫނީ ސަބަބެއް ފޮމެންޓޯ އެސޯސިއޭޓެޑް އަށް ނުދެއްކޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުން ރަނގަޅުނޫން ކަމަށެވެ.
އިސްތިއުނާފީ ތިން ވަނަ ނުކުތާއަށް އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދު ދިން ޖަވާބު
9ފޮމެންޓޯ އެސޯސިއޭޓެޑް ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދުގެ ފަރާތުން ބުނަނީ ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް 2014 މާރިޗް 10 ގައި ސިންގަޕޫރު ހައިކޯޓުން ނިންމާފައިވާ މައްސަލައިގައި އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދުގެ ފަރާތުން ފޮމެންޓޯ އެސޯސިއޭޓެޑްއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާޞްކޮށްފައިވާނެ ކަމަށެވެ. އަދި ފައިސާ ހޯދުމަށް ޝަރުޢީ މަރުޙަލާއާއި ކޯޓުން ބޭރުގައި ކުރި ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ ފައިސާކަމަށް ސިންގަޕޫރު ހައިކޯޓުން ކަނޑައެޅި 111,652.39 (އެއްލައްކަ އެގާރަހާސް ހަސަތޭކަ ފަންސާސް ދޭއް ޕޮއިންޓް ތިނެއް ނުވައެއް) ސިންގަޕޫރު ޑޮލަރު 06 ޖޫން 2018 ގައި ފޮމެންޓޯ އެސޯސިއޭޓެޑް އަށް ދައްކާ ޚަލާސްކޮށްފައިވާކަމަށެވެ.
10އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދުގެ ފަރާތުން އިތުރަށް ފާހަގަކުރަނީ އޭޑީކޭ ކޮމްޕެނީއިން ދިން ކޯޕަރޭޓް ގެރެންޓީ އާއި އަޙްމަދު ނާޝިދު ދިން ޕަރސަނަލް ގެރެންޓީއަކީ ޕްރިންސިޕަލް އެއްބަސްވުމަށް (ލޯނު އެގްރީމަންޓަށް) ތަބާވާ ދެ އެއްބަސްވުމަށްވާތީ ފޮމެންޓޯ އެސޯސިއޭޓެޑް އިން އޭޑީކޭ ކޮމްޕެނީ އިން ދީފައިވާ ކޯޕަރޭޓް ގެރެންޓީގެ 5، 7 އަދި 11 ވަނަ މާއްދާއާއި، އަޙްމަދު ނާޝިދު ދީފައިވާ ޕަރސަނަލް ގެރެންޓީގެ 5، 7 އަދި 12 ވަނަ މާއްދާގެ ދަށުން ލޯނު އެގްރީމަންޓާ ގުޅިގެން އިތުރު ދަޢުވާއެއް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ތަނެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.9
އިސްތިއުނާފީ ފުރަތަމަ ނުކުތާއާ މެދު ދެކޭގޮތް
11ފޮމެންޓޯ އެސޯސިއޭޓެޑްގެ ފަރާތުން ބަޔާންކުރަނީ އޭޑީކޭ ކޮމްޕެނީ އިން ދިން ކޯޕަރޭޓް ގެރެންޓީ އާއި އަޙްމަދު ނާޝިދު ދިން ޕަރސަނަލް ގެރެންޓީއަކީ "ސްޓޭންޑެޑް ލޯނު އެގްރީމަންޓް" ކަމަށް ވާއިރު، އެ ދެ ގެރެންޓީ ކޮންޓްރެކްޓާބެހޭ ޤާނޫނު10 އާ ޚިލާފުކަމަށް ކަނޑައެޅުމެއް ނެތި ފޮމެންޓޯ އެސޯސިއޭޑެޓްއިން ސިވިލް ކޯޓުގައި ކުރި ދަޢުވާގައި ބަޔާންކުރާ ފައިސާއަށް އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދު ޒިންމާވާން ޖެހޭކަމާމެދު ހައިކޯޓުން ގޮތެއް ނިންމާފައި ނެތުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި 4 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ.
12ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި ބަޔާންކުރަނީ ކޮންޓްރެކެޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަބައެއްގެ ދެމެދުގައި އެއްބަސްވެވޭ އެއްބަސް ވުމެއްކަމަށެވެ. އަދި އެ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ، ނުވަތަ ޤާނޫނު ބާރުދޭ އެއްބަސް ވުމަކަށް ވާންވާނެކަމެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 މާއްދާގައި ބަޔާންކުރަނީ ޤާނޫނު އެހެންގޮތަކަށް ކަނޑައަޅާފައިނުވާ ނަމަ ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަމެވެ.
13ފޮމެންޓޯ އެސޯސިއޭޓެޑްއިން ސިވިލް ކޯޓުގައި ކުރި ދަޢުވާއަކީ އޭޑީކޭ ޓްރެވަލްސް އަށް ފޮމެންޓޯ އެސޯސިއޭޑެޓްއިން ދިން 1,500,000.00 US$ (އެއްމިލިއަން ފަސްލައްކަ ޔޫއެސް ޑޮލަރު) ގެ ލޯނު ދެއްކުން ޔަޤީންކުރުމުގެ ގޮތުން ހޯދި ދެ ގެރެންޓީގެ ދަށުން ލޯނު ފައިސާ އާއި އިންޓަރެސްޓް އަދި އެހެނިހެން ޚަރަދުތައް ހޯދުމަށް ކުރި ދަޢުވާއެކެވެ. މިއީ، އިސްވެ ބަޔާންކުރި ދެ ގެރެންޓީގެ ދަށުން އުފެދުނު ކޮންޓްރެކްޓް ގެ ޞައްޙަކަމާ މެދު އުފެދިފައިވާ ޚިލާފެއްގެ މައްސަލައެއް ނޫންކަން ދަޢުވާގެ ސީޢާއަށް ބެލުމުން އެނގެއެވެ. އަދި ލޯން އެގްރީމަންޓަށާއި ދެ ގެރެންޓީއަށް ބެލުމުން، އެ ދެ ގެރެންޓީއަކީ ލޯން އެގަރީމަންޓްގެ މައްޗަށް ބަރޯސާވާ ދެ އެއްބަސްވުމެއްކަން އެނގެއެވެ.11
14ފޮމެންޓޯ އެސޯސިއޭޓެޑް އާއި އޭޑީކޭ ޓެރެވަލްސްއާ ދެމެދު ވެފައިވާ ލޯނު އެގްރީމަންޓްގެ 29.2 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގެ ދަށުން އެ ލޯނު އެއްބަސްވުމާ ގުޅިގެން އުފެދޭ ޤާނޫނީ ދެބަސްވުންތަކާއި މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވަނީ ސިންގަޕޫރު ކޯޓުތަކަށެވެ. އަދި އޭޑީކޭ ކޮމްޕެނީއިން ދިން ކޯޕަރޭޓް ގެރެންޓީގެ 35 ވަނަ މާއްދާއިންނާއި އަޙްމަދު ނާޝިދު ދިން ޕަރސަނަލް ގެރެންޓީގެ 38 ވަނަ މާއްދާގެ ދަށުން އުފެދޭ ޤާނޫނީ ދެބަސްވުންތަކާއި މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ. މި ކަންކަން މިގޮތަށް އޮތްކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.2 އަދި 3.3 ގައި ފާހަގަކޮށްފައިވެއެވެ.
15އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދުގެ ފަރާތުން ބަޔާންކުރަނީ ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް ކޮންޓްރެކްޓަށް ޢަމަލުކޮށް ނިމިފައިވާކަމަށެވެ. އަދި ލޯނު އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭ އެންމެހާ ފައިސާ، އިންޓަރެސްޓް ހިމެނޭ ގޮތަށް ދައްކާ ޚަލާޞްކޮށްފައިވާނެ ކަމަށެވެ. މި ފައިސާ ހޯދުމަށް ޝަރުޢީ މަރުޙަލާގައި ކުރި ޚަރަދާއި ކޯޓުން ބޭރުގައި ކުރި ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ ފައިސާކަމަށް ސިންގަޕޫރު ހައިކޯޓުން ކަނޑައެޅި 111,652.39 (އެއްލައްކަ އެގާރަހާސް ހަސަތޭކަ ފަންސާސް ދޭއް ޕޮއިންޓް ތިނެއް ނުވައެއް) ސިންގަޕޫރު ޑޮލަރު 06 ޖޫން 2018 ގައި ފޮމެންޓޯ އެސޯސިއޭޓެޑް އަށް ދައްކާ ޚަލާސްކޮށްފައިވާކަމަށެވެ. މި ފައިސާ ލިބުނުކަމާމެދު ފޮމެންޓޯ އެސޯސިއޭޓެޑް އިން އިއުތިރާޒެއް ނުކުރެއެވެ.
16ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު މި މައްސަލައަކީ މައުޟޫޢީގޮތުން ބަލައި ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ނޫންކަން އެނގެއެވެ. މައްސަލަ ނިންމާފައިވައިވަނީ ފޮމެންޓޯ އެސޯސިއޭޓެޑްއަށް މި މައްސަލަ ބަލަން އެދެވޭނީ ފޮމެންޓޯ އެސޯސިއޭޓެޑް އާއި އޭޑީކޭ ޓްރެވަލްސްއާ ދެމެދު ވެފައިވާ ލޯން އެގްރީމަންޓްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެ މައުޟޫޢުގައި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކަމާބެހޭ ސިންގަޕޫރުގެ ކޯޓަކުން އެކަމާމެދު ގޮތެއް ކަނޑައެޅުމުންކަން އެނގެއެވެ.
17ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު ސިންގަޕޫރުގެ ކޯޓުން ކުރި ޙުކުމާ އެއްގޮތަށް ލޯން އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް އޭޑީކޭ ޓްރެވަލްސްގެ ފަރާތުން ފޮމެންޓޯ އެސޯސިއޭޓެޑްއަށް ދައްކާ ޚަލާސްކޮށްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ލޯނު އެގްރީމަންޓްގެ ދަށުން ލިބެންޖެހޭ އެންމެހާ ފައިސާ ލިބިފައިވާއިރު، ގެރެންޓަރުން އިތުރަށް މާލީގޮތުން ޒިންމާކުރެވެންޖެހޭ ޤާނޫނީ ސަބަބެއް ފޮމެންޓޯ އެސޯސިއޭޓެޑް އަށް ދެއްކިފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ.
18އޭޑީކޭ ކޮމްޕެނީއިން ދީފައިވާ ކޯޕަރޭޓް ގެރެންޓީ އަދި އަޙްމަދު ނާޝިދު ދީފައިވާ ޕަރސަނަލް ގެރެންޓީގެ ޞައްޙަކަމާމެދު ނުވަތަ އެ ދެ ގެރެންޓީ ތަންފީޒުކުރުމުގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ލިބިގެންވާ އިޚްތިޞާޞްއާމެދު އެއްވެސް ފަރާތެއްގެ ޚުޞޫމަތެއް ނެތެވެ. އަދި ދެ ގެރެންޓީގެ ޞައްޙަކަމާ މެދުވެސް އެއްވެސް ޚުޞޫމަތެއް އުފެދިފައެއް ނެތެވެ.
19HN1ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ލޯނު އެގްރީމަންޓްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށް ނިމިފައިވާތީ ގެރެންޓަރުންގެ މައްޗަށް މި ދަޢުވާ ކުރިއަށް ގެންދެވިދާނެ ޤާނޫނީ ހަމައެއް އޮތް ކަމަށް ނުދެކޭ ކަމަށް ބަޔާންކޮށެވެ. އެހެން އިބާރާތަކުން ބުނަނީނަމަ ލޯން އެގްރީމަންޓަށް ޢަމަލުކޮށް ނިމިފައިވުމެވެ. ފުރިހަމަކޮށް ނިމިފައިވާ ކޮންޓްރެކްޓެއް ގެ މައްސަލަ އިތުރަށް ބަލާކަށްނުޖެހޭނެއެވެ. އެހެންކަމުން، ފޮމެންޓޯ އެސޯސިއޭޓެޑް އިން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ އަދި 4 ވަނަ މާއްދާއަށް ޙަވާލާދީ ފޮމެންޓޯ އެސޯސިއޭޓެޑް އިން ހުށަހެޅި އިސްތިއުނާފީ ނުކުތާ އަހުރެންނަކަށް ބަލައެއް ނުގަނެވެއެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާއާ މެދު ދެކޭގޮތް
20ފޮމެންޓޯ އެސޯސިއޭޓެޑް އިން ސިވިލް ކޯޓަށް ހުށަހެޅި މައުޟޫޢީ މައްސަލަ ސިވިލް ކޯޓުން ބަލާފައި ނެތްކަމަށާއި އެ ނިންމުމަށް ހައިކޯޓުން ތާއީދުކުރިކުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާ ޚިލާފުކަމަށް ފޮމެންޓޯ އެސޯސިއޭޓެޑް އިން ބުނެއެވެ. ސިންގަޕޫރު ކޯޓަކުން ގޮތެއް ނިންމާފައިނުވާ ފައިސާގެ މިންވަރަކީ ކޮބައިކަމާއި އެ ފައިސާއަކީ ލޯނު އެގްރީމަންޓްގެ ދަށުން ލިބެންޖެހޭނެ ފައިސާއެއްތޯއާ މެދު ސިވިލް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށްވެސް ފޮމެންޓޯ އެސޯސިއޭޓެޑް އިން ބުނެއެވެ.
21ފޮމެންޓޯ އެސޯސިއޭޓެޑް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށާއި އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދުގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގައި ދިން ޖަވާބުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން ނިންމާފައިވަނީ ފޮމެންޓޯ އެސޯސިއޭޓެޑްއަށް ލޯނު އެގްރީމަންޓްގެ ދަށުން ލިބެންޖެހޭ ފައިސާއެއް ހޯދުމަށް ގެރެންޓީ ދިން ދެ ފަރާތުގެ މައްޗަށް ދަޢުވާކުރެވޭނީ ލޯނު އެގްރީމަންޓްގެ ދަށުން މައްސަލަ ބެލުމަށް ކަނޑައެޅިފައިވާ ސިންގަޕޫރު ކޯޓުން ގޮތެއް ކަނޑައަޅުމުންކަމަށެވެ. އަދި ލޯން އެގްރީމަންޓްގެ ދަށުން އުފެދޭ ޤާނޫނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކަމާބެހޭ ސިންގަޕޫރުގެ ކޯޓުން ލޯން އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭކަމަށް ކަނޑައަޅާފައި ނުވާ ފައިސާއަކާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅައި އެ ފައިސާއަށް ގެރެންޓަރުން ޒިންމާކުރުވުމަކީ ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިނުވާ ލޯން އެގްރީމަންޓެއްގެ ދަށުން ދައްކަންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން ކަމަށެވެ. ސިވިލް ކޯޓުން މިގޮތަށް ނިންމި ސަބަބަކީ ފޮމެންޓޯ އެސޯސިއޭޓެޑް އާއި އޭޑީކޭ ޓެރެވަލްސްއާ ދެމެދު ވެފައިވާ ލޯނު އެގްރީމަންޓްގެ 29.1 ވަނަ މާއްދާގައި ލޯނު އެގްރީމަންޓްގެ މައްޗަށް ހިނގާނީ ސިންގަޕޫރު ޤާނޫނު ކަމަށް ބަޔާންކޮށްފައި އޮތް އޮތުމާއި ލޯން އެގްރީމަންޓްގެ 29.2 ވަނަ މާއްދާގައި ލޯނު އެއްބަސްވުމާ ގުޅިގެން އުފެދޭ ޤާނޫނީ ދެބަސްވުންތަކާއި މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވަނީ ސިންގަޕޫރު ކޯޓުތަކަށް ކަމަށްއޮތުމެވެ. އަދި މި ލޯނު އެގްރީމަންޓްގެ ދަށުން ދޫކުރި ލޯން އަނބުރާ ދައްކާނެކަމުގެ ގެރެންޓީއެއްގެ ގޮތުން އޭޑީކޭ ކޮމްޕެނީ އާއި އަޙްމަދު ނާޝިދު ދޫކުރި ދެ ގެރެންޓީ ބަރޯސާވަނީ ލޯން އެގްރީމަންޓަށް ކަމަށް ވާތީއެވެ. މި ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުގެ އަސާސަކީ މި މައްސަލައިގައި ދަޢުވާކުރުމުގެ ބާރު އެހިނދަށް ފޮމެންޓޯ އެސޯސިއޭޓެޑްއަށް ލިބިފައިނުވާތީ ސިވިލް ކޯޓުން މައުޟޫޢީ މައްސަލަ ނުބެލުމަށް ނިންމި ނިންމުން ރަނގަޅު ކަމަށެވެ. އަދި މައުޟޫޢީގޮތުން ބެލިގެން ނޫނީ އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ކަނޑައެޅޭގޮތަށް އޮތް ނުކުތާއެއް ނޫންކަމަށެވެ.
22ފޮމެންޓޯ އެސޯސިއޭޓެޑް އިން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައަކީ މި ވާހަކަ ދެކެވޭ ދެ ގެރެންޓީގެ ދަށުން ލޯން އެގްރީމަންޓްގައި ބަޔާންކުރާ ލޯނު ފައިސާ އަދި އިންޓަރެސްޓް ހޯދުމަށް އެ ދެ ގެރެންޓީ ތަންފީޒުކޮށްދިނުން އެދި ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުގައި އެދިފައިވަނީ "... ގެރެންޓީ ތަންފީޒުކޮށްދެއްވައި، ލޯނު އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފައިސާ އަދި އިންޓްރެސްޓް އެކީ އެއްފަހަރާ ދަޢުވާކުރާ ފަރާތަށް (ފޮމެންޓޯ އެސޯސިއޭޓެޑް) ދެއްކުމަށް ދަޢުވާލިބޭ ފަރާތްތަކަށް (އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދު) އަންގަވައި ޙުކުމް ކޮށްދެއްވުން އެދެމެވެ." މިގޮތަށެވެ.
23HN2އޭޑީކޭ ކޮމްޕެނީއިން ދިން ކޯޕަރޭޓް ގެރެންޓީ އަދި އަޙްމަދު ނާޝިދު ދިން ޕަރސަނަލް ގެރެންޓީއަކީ ލޯނު އެގްރީމަންޓްގެ މައްޗަށް ބަރޯސާވާ ދެ ގެރެންޓީކަމަށްވެފައި ލޯން އެގްރީމަންޓްގެ ދަށުން ލިބެންޖެހޭ އެންމެހައި ފައިސާ އަދި ޚަރަދުގެ ގޮތުގައި ސިންގަޕޫރު ކޯޓުން ކަނޑައެޅި ފައިސާ ފޮމެންޓޯ އެސޯސިއޭޓެޑް އަށް ލިބިފައިވާތީ ގެރެންޓަރުން އިތުރަށް މާލީގޮތުން ޒިންމާކުރެވެންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ފޮމެންޓޯ އެސޯސިއޭޓެޑް އަށް ދެއްކިފައެއް ނެތެވެ. އެހެންކަމުން، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށާއި ސިވިލް ކޯޓުގެ ނިންމުމަށް އަދި ހައިކޯޓުގެ ނިންމުމަށް ބަލާއިރު ހައިކޯޓުގެ ނިންމުން ރަނގަޅު ކަމުގައި ދެކެމެވެ. އެހެންކަމުން ފޮމެންޓޯ އެސޯސިއޭޓެޑްގެ ދެވަނަ އިސްތިއުނާފީ ނުކުތާ އަހުރެން ބަލައެއް ނުގަންނަމެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާއާ މެދު ދެކޭގޮތް
24ފޮމެންޓޯ އެސޯސިއޭޓެޑް އިން ހުށަހެޅި ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި، ސިންގަޕޫރުގެ ކޯޓުގެ ނިންމުންތަކުގައިވާ ފައިސާގެ އިތުރަށް ފޮމެންޓޯ އިން ކޮށްފައިވާ ޚަރަދުތަކުގެ މިންވަރާގުޅޭ ގޮތުން ސިވިލް ކޯޓުގައި ބަހުސްކުރެވިފައިނުވާތީ، އެ މިންވަރަށް ގެރެންޓަރުން ޒިމްމާކުރެވޭނެ ޤާނޫނީ ސަބަބެއް ފޮމެންޓޯ އެސޯސިއޭޓެޑްއަށް ނުދެއްކޭކަމަށް ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައެޅި ކަނޑައެޅުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މީޑިއާނެޓް ޕްރައިވެޓް ލިމިޑެޑް ވ މޯލްޑިވެސް އިންލެންޑް ރެވެނިއު އޮތޯރިޓީ12 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ދަށު މަރުޙަލާގައި ބަހުސްނުކުރެވޭ ކަންކަމަށް އިސްތިއުނާފީ މަރުޙަލާގައި ރިޢާޔަތް ނުކުރުމަށް އޮންނަ އޮތުމާ ޚިލާފު ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
25HN3HN4އިސްތިއުނާފީ މައްސަލަތައް އިސްތިއުނާފީ ކޯޓުން ގެންގެޅޭ ޢާއްމު އުޞޫލަކީ ދަށުކޯޓަށް ހުށަހެޅި ބަހުސް ކުރެވިފައިވާ ވާޤިޢާތަކާ ގުޅޭ ނުކުތާތައް ބެލުމެވެ. އިސްތިއުނާފީ ކޯޓުން އިސްތިއުނާފީ ނުކުތާއެއް ބަލައިގަންނާނީ އިސްތިއުނާފީ އޮޅި ގިރާކުރާ ނަމައެވެ. ހައިކޯޓުން މައްސަލަތައް ބަލާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށެވެ. މި މާއްދާގެ (ހ) އަދި (ށ) ގައި ވަނީ އަންނަނިވި ފަދައިންނެވެ.
(ހ) ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއެޅޭނެކަމެއް ނޫނެވެ.
26ފޮމެންޓޯ އެސޯސިއޭޓެޑްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ލޯން އެގްރީމަންޓާ ގުޅިގެން އޭޑީކޭ ޓެރެވަލްސް އިން ދައްކަންޖެހޭ ފައިސާގެ މިންވަރު (ޕްރިންސިޕަލް ޢަދަދާއި އިންޓްރެސްޓް ހިމެނޭގޮތުން) ކަނޑައަޅައި ސިންގަޕޫރުގެ ކޯޓަކުން ޙުކުމްކޮށްފައިވާކަން ދެ ފަރާތުގެ ބަހުންނާއި ލިޔެކިޔުން ތަކުން އެނގެން އޮތްކަން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކުރެއެވެ. އަދި މީގެ އިތުރަށް މައްސަލައާ ގުޅިގެން ކުރަންޖެހުނު ޚަރަދުތައް ހޯދުމަށް ފޮމެންޓޯ އެސޯސިއޭޓެޑް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް މައްސަލައާ ގުޅިގެން ކުރަންޖެހުނު ޚަރަދުތަކާ ގުޅިގެން ޓެކްސޭޝަން ޕްރޮސީޑިންގ މައްސަލައެއް ސިންގަޕޫރުގެ ކޯޓަށް ހުށަހެޅުނުކަމާއި އެ ޕްރޮސީޑިންގ އިން ނަގައިދިން ފައިސާ އޭޑީކޭ ޓްރެވަލްސްއިން ފޮމެންޓޯ އެސޯސިއޭޓެޑްއަށް ދައްކާ ޚަލާޞްކޮށްފައި ވާކަމާމެދުވެސް ދެފަރާތުގެ ޚިލާފެއްނެތެވެ.
27HN5ދަށުކޯޓު މަރުޙަލާގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެއްކެއް އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓަށް ހުށަހެޅުމަކަށް ހުރަހެއްނެތެވެ. މިފަދަ ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ބަލައިގަތުމާމެދު ގޮތެއް ނިންމާނީ ހައިކޯޓުންނެވެ. މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ އިތުރު ލޯނު އެގްރީމަންޓާ ގުޅިގެން ހުށަހެޅުނު މައްސަލަ އަދި ޓެކްސޭޝަން ޕްރޮސީޑިންގއާ ގުޅިގެން ހުށަހެޅުނު ކުރަންޖެހުނު ޚަރަދުގެ މައްސަލަ ނިމި އެއްބަސްވުންތައް ފުރިހަމަވެފައި ވާތީއެވެ. އަދި މި ނުކުތާގައި ދެފަރާތައްވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު ހައިކޯޓުން ވަނީ ދީފައެވެ. އަދި ހައިކޯޓުގެ ނިންމުން ބިނާވެފައިވަނީ މި ވާހަކަތަކުގެ މައްޗަށްވެސް ރިޢާޔަތްކޮށެވެ. މި ސަބަބަށްޓަކައި ފޮމެންޓޯ އެސޯސިއޭޓެޑްގެ ތިންވަނަ އިސްތިއުނާފީ ނުކުތާވެސް އަހުރެން ބަލައެއް ނުގަންނަމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
28ފޮމެންޓޯ އެސޯސިއޭޓެޑްގެ ފަރާތުން ދެއްކި ވާހަކަތަކަށާއި އޭޑީކޭ ކޮމްޕެނީ އަދި އަޙްމަދު ނާޝިދުގެ ފަރާތުން ދެއްކި ވާހަކަތަކަށާއި މި މައްސަލައާ ގުޅިގެން ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު، އަހުރެން ފާހަގަކުރެވުނު ކަންކަމުގެ އަލީގައި ފޮމެންޓޯ އެސޯސިއޭޓެޑްގެ ފަރާތުން ފާހަކުރި ނުކުތާތައް އަހުރެންނަށް ބަލައިނުގަނެވޭތީ ހައިކޯޓުގެ ނަންބަރު 2019/HC-A/19 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
29މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
30މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު
2019/HC-A/19 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)
ޢާއިޝާ ޝުޖޫން މުޙައްމަދު
ޑރ. މުޙައްމަދު އިބްރާހީމް
ފުޓްނޯޓު
- ސިންގަޕޫރު ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު 201120345M
- ފޮމެންޓޯ އެސޯސިއޭޓެޑް އިން ހަވާލާދެނީ ކޯޕަރޭޓް ގެރެންޓީ އަދި ޕަރސަނަލް ގެރެންޓީގެ 7 ވަނަ މާއްދާގެ (ޑ) އަށް.
- ފޮމެންޓޯ އެސޯސިއޭޓެޑް އިން ހަވާލާދެނީ ކޯޕަރޭޓް ގެރެންޓީގެ 11 ވަނަ މާއްދާއަށް އަދި ޕަރސަނަލް ގެރެންޓީގެ 12 ވަނަ މާއްދާއަށް.
- ޤާނޫނު ނަންބަރު 2010/22
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 ޤަޟިއްޔާ
- އޭޑީކޭ ކޮމްޕެނީއިން ދިން ކޯޕަރޭޓް ގެރެންޓީ އަދި އަޙްމަދު ނާޝިދު ދިން ޕަރސަނަލް ގެރެންޓީ މި ރިޕޯޓުގެ އެޓެޗްމަންޓެއްގެ ގޮތުގައި ހިމަނާފައިވާނެއެވެ.
- ޤާނޫން ނަންބަރު 91/4
- ދެ ގެރެންޓީގެ 5 ވަނަ މާއްދާ އަށް ބެލުމުން ދެ ގެރެންޓީ ވެސް ބަރޯސަރވަނީ ލޯނު އެގްރީމަންޓަށް ކަންއެނގެއެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 ޤަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 1 ގެ 13 ވަނަ ނަންބަރު
- ސުޕްރީމް ކޯޓުގެ 2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޙުކުމް އިއްވުން
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.