ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 31 · 2022/SC-A/14ސުޕްރީމް ކޯޓު · 22 ޖޫން 2023

އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 ޖޫން 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

` އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ހައިލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/146 އަދި2019/HC-A/171 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު C-501/2005، މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އަފާމީ މޯލްޑިވްސް"( ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/14 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރުC-822/2008، މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ހައި-ލައިން އެންޓަރޕްރައިޒަސް") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

މ.ލިޑޯ ގްރައުންޑް ފްލޯރ ފިހާރަ (މީގެ ފަހުން "ކުއްޔަށްހިފި ތަން" ނުވަތަ "މ.ލިޑޯ ފިހާރަ") ކުއްޔަށް ދިނުމަށްޓަކައި ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 01 މާރޗް 2013 ގެ ތާރީޚުގައި އެއްބަސްވުމެއް (މީގެ ފަހުން "ކުލީގެ އެއްބަސްވުން") ވިއެވެ.

ކުލީގެ އެއްބަސްވުމުގެ 3 ވަނަ މާއްދާއާ ޚިލާފަށް އަފާމީ މޯލްޑިވްސް އިން ކުއްޔަށްހިފި ތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ކުއްޔަށް ދީފައިވާތީ ކަމުގައި ބުނެ، ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން31 އޯގަސްޓް 2016 ގައި ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނައެވެ.

މިއަށްފަހު، ކުލީގެ އެއްބަސްވުމުގެ ދަށުން އެތަކެއް މަހެއްގެ ކުލީގެ ފައިސާ ދައްކާފައިނުވާތީ ކަމުގައި ބުނެ، ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކާވާ 620,000/-ރ. (ހަލައްކަ ވިހިހާސް ރުފިޔާ) އާއި، ދައްކަންޖެހޭ ދުވަހަށް ކުލި ދައްކާފައިނުވާތީ އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 1,182,960/-ރ. (އެއްމިލިއަން އެއްލައްކަ އަށްޑިހަދެހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) އާއެކު ޖުމްލަ1,802,960/-ރ. (އެއްމިލިއަން އަށްލައްކަ ދެހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) ހޯދުމަށް އެދި، ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން އަފާމީ މޯލްޑިވްސްއަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.

ސިވިލް ކޯޓުގެ މަރުޙަލާ

ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން އަފާމީ މޯލްޑިވްސްގެ މައްޗަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 130/Cv-C/2018 ޤަޟިއްޔާއިންނެވެ.

އެ މައްސަލައިގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ ކުލީގެ އެއްބަސްވުމުގެ ދަށުން މ. ލިޑޯ ގްރައުންޑް ފްލޯރ ފިހާރައިގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އަފާމީ މޯލްޑިވްސް އިން ހައި-ލައިން އެންޓަރޕްރައިޒަސް އަށް އެކުޖުމްލަ 650,640/-ރ. (ހަލައްކަ ފަންސާސްހާސް ހަސަތޭކަ ސާޅީސް ރުފިޔާ) ދައްކަންޖެހޭކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ފައިސާ ހައި-ލައިން އެންޓަރޕްރައިޒަސްއަށް ލިބިދިނުމުގެ ގޮތުން 15 ޖެނުއަރީ 2019 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ފައިސާ ދައްކާ ޚަލާސް ކުރުމަށް އަފާމީ މޯލްޑިވްސް އަށް އަންގައެވެ.

ސިވިލް ކޯޓުން އިސްވެ ބަޔާންކުރި ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

ދަޢުވާގައި ބަޔާންކޮށްފައިވާ ކުލީގެ އެއްބަސްވުމަކީ ހައި-ލައިން އެންޓަރޕްރައިޒަސްއާ އަފާމީ މޯލްޑިވްސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްކަމާމެދު އަފާމީ މޯލްޑިވްސްގެ ފަރާތުން އިންކާރުކޮށްފައިވާއިރު، ބުނެވުނު އެއްބަސްވުމުގައި ކުއްޔަށް ހިފާ ފަރާތްކަމަށް ބަޔާންކޮށްފައިވަނީ އަފާމީ މޯލްޑިވްސް ކަމުގައިވެފައި، ކުއްޔަށް ދޭ ފަރާތްކަމަށް ބަޔާންކޮށްފައިވަނީ ހައި-ލައިން އެންޓަރޕްރައިޒަސް ކަމުގައިވާތީއާއި، އަފާމީ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ މުޙައްމަދު ފާރިޝް އަމީންއަކީ އަފާމީ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަމީން މުޙައްމަދުގެ ދަރިފުޅު ކަމުގައި ހައި-ލައިން އެންޓަރޕްރައިޒަސްއިން ބުނާ ބުނުމާމެދު ޝައްކު އުފެދޭ ސަބަބެއް ނެތުމުން، އަދި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި މައްސަލައިގެ ވަށައިގެންވާ ޙަޤީޤަތަކަށް ބެލުމުން، 01 މާރިޗު 2013 ގެ އެއްބަސްވުމުގައިވާ ފަދައިން އެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރިތަން ކުއްޔަށްހިފި ފަރާތަކީ އަފާމީ މޯލްޑިވްސް ކަމުގައި ބަލަންޖެހޭކަން.

މ.ލިޑޯ ގްރައުންޑް ފްލޯރ ފިހާރަ ކުއްޔަށްދިނުމުގެ ޤާނޫނީ ބާރުވެރިކަން އޮތް ފަރާތަކީ ހައި-ލައިން އެންޓަރޕްރައިޒަސް ކަން ނަންބަރު MC/C-299/2002 އެގްރީމެންޓާއި، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ޑީޑް އޮފް އެސައިންމަންޓުން އެނގޭކަން.

އަފާމީ މޯލްޑިވްސް އިން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން 31 އޯގަސްޓް 2016 ގައި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ހައި-ލައިން އެންޓަރޕްރައިޒަސްއިން ބުނާއިރު، ހައި-ލައިން އެންޓަރޕްރައިޒަސް އިން އަފާމީ މޯލްޑިވްސްއަށް ކުއްޔަށް ދީފައިވާ ތަން، އަފާމީ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު ސޮއިކޮށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތިންވަނަ ފަރާތަކަށް ކުއްޔަށްދީފައިވާކަން އެނގެން އޮންނަކަން.

ހައި-ލައިން އެންޓަރޕްރައިޒަސްއާ އަފާމީ މޯލްޑިވްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ހިނގާފައިވާ 31 (އެއްތިރީސް) މަސްދުވަހުގެ ކުއްޔަށްވާ 650,640/-ރ. (ހަލައްކަ ފަންސާސްހާސް ހަސަތޭކަ ސާޅީސް ރުފިޔާ) އަކީ އަފާމީ މޯލްޑިވްސްގެ ފަރާތުން ހައި-ލައިން އެންޓަރޕްރައިޒަސްއަށް ދަންކަންޖެހި ނުދައްކައިވާ ފައިސާކަން.

އެޑްވާންސްގެ ގޮތުގައި އަފާމީ މޯލްޑިވްސްގެ ފަރާތުން20,000 ރ. (ވިހި ހާސް ރުފިޔާ) ބަހައްޓާފައިވާކަން އެނގޭއިރު، ކުއްޔަށް ހިފި ތަނަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން އެނގެން ނެތްކަމާއި، އަދި ކަރަންޓާއި ފެން ބިލް ފަދަ އެއްވެސް ބިލެއް ދައްކަންޖެހި ނުދައްކައިވާކަން އެނގެން ނެތުމުން އަފާމީ މޯލްޑިވްސްގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ ފައިސާ އުނިކުރެވެންޖެހޭކަން.

ދިވެހިރާއްޖޭގެ ހައިކޯޓު މަރުޙަލާ

ސިވިލް ކޯޓުގެ ނަންބަރު 130/Cv-C/2018 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ވަކި ދެ މައްސަލައެއް ހުށަހެޅިއެވެ. މިގޮތުން، ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/146 ޤަޟިއްޔާއިންނެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/171 ޤަޟިއްޔާއިންނެވެ.

ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ގޮތުން ހުށަހެޅުނު ބަޔާންވެދިޔަ ދެ ޤަޟިއްޔާގެ މައުޟޫޢަކީ އެއްކަމެއް ކަމުގައިވާތީ، އެ ދެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އެއް ފަނޑިޔާރުންތަކެއް އެކުލެވޭ ބެންޗަކުން އެކުއެކީގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/146 އަދި ނަންބަރު 2019/HC-A/171 ޤަޟިއްޔާއިން އެ މައްސަލަ ބެލުމަށްފަހު، ސިވިލް ކޯޓުގެ ޙުކުމް ބާޠިލްކޮށް، ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއާ ގުޅިގެން ހައި-ލައިން އެންޓަރޕްރައިޒަސް އަށް ލިބެންޖެހޭ ފައިސާގެ މިންވަރަކީ 1,782,960/-ރ. (އެއްމިލިއަން ހަތްލައްކަ އަށްޑިހަދެހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) ކަމުގައި ކަނޑައަޅައި، އެ ފައިސާ 16 ނޮވެންބަރު 2021 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އަފާމީ މޯލްޑިވްސްގެ މައްޗަށް އަމުރުކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މި ފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.މ. ލިޑޯ އެވެކިޔާ ބަންޑާރަ ގޯތިން ޖިއާނާ އަށާއި، ޖިނާންއަށް ލިބިފައިވާ ބައި، އެފަރާތްތަކުން އީސްޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 01 ޖުލައި 2011 އިން ފެށިގެން 30 ޖޫން 2020 ގެ ނިޔަލަށް ކުއްޔަށް ދިނުމަށް އެއްބަސް ވެފައިވާ ހިނދު، އެ އެއްބަސްވުމުގެ ދަށުން އީސްޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ޙައްޤުތަކާއި ވާޖިބުތަށް އެ ކުންފުނީގެ ފަރާތުން ހައި-ލައިން އެންޓަރޕްރައިޒަސް އަށް ބަދަލުކުރުމަށްޓަކައި އެ ދެފަރާތުގެ ދެމެދު 14 ޖުލައި 2011 ގައި ވެފައިވާ ޑީޑް އޮފް އެސައިންމެންޓްގެ ސަބަބުން، 14 ޖުލައި 2011 އިން 30 ޖޫން 2020 ގެ ނިޔަލަށް ތަން ކުއްޔަށް ދިނުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިގެންވަނީ ހައި-ލައިން އެންޓަރޕްރައިޒަސް އަށްކަން.

އަފާމީ މޯލްޑިވްސްގެ ސިއްކަ އެއްބަސްވުމުގައި ނެތުމުގެ އިތުރުން، އެ ފަރާތުން މި އެއްބަސްވުމުގައި ބައިވެރިވުމަށްޓަކައި ފާސްކޮށްފައިވާ ބޯޑް ރިޒޮލިއުޝަނެއް އޮތްކަމާމެދު އަފާމީ މޯލްޑިވްސްގެ ފަރާތުން ސުވާލު އުފައްދާފައިވާ ވީނަމަވެސް، ކުންފުންޏަކުން އެހެން ފަރާތްތަކާއެކުވާ އެއްބަސްވުންތަކުގައި އެ ކުންފުނީގެ ސިއްކަ ޖެހުމާއި، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޯޑުން ފާސްކުރި ފަރާތަކުންކަން ކަށަވަރު ނުވުމަކީ، މިއާ އިދިކޮޅަށް އެކަށީގެންވާ ހެކި ހުންނަ ހާލަތުގައި ހަމައެކަނި އެ ދެ ކަމުގެ މައްޗަށް ބަލައި މަދަނީ މުޢާމަލާތެއްގައި ބައިވެރިވެފައިނުވާ ކަމުގެ މައްޗަށް އޮތް ކާފީ ހުއްޖަތެއް ނޫންކަން.

ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އާއި، 4 ވަނަ މާއްދާ އާއި، 5 ވަނަ މާއްދާ އަދި 8 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރާއިރު، ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ކުއްޔަށް ދިނުމާބެހޭ އެގްރީމަންޓް" އަކީ ހައި-ލައިން އެންޓަރޕްރައިޒަސްއާ އަފާމީ މޯލްޑިވްސްއާ ދެމެދު ވެފައިވާ ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއްކަން.

ކުލީގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ފެބުރުވަރީ 2014 އިން ފެށިގެން އޮގަސްޓް 2016 ގެ ނިޔަލަށް މ.ލިޑޯ ފިހާރައިގެ 31 (އެއްތިރީސް) މަހުގެ ކުއްޔަށްވާ ޖުމްލަ 620,000/-ރ. (ހަލައްކަ ވިހިހާސް ރުފިޔާ) އާއި އެއްބަސްވުމުގެ 1 ވަނަ މާއްދާގައިވާ "ފައިނޭންޝަލް ކޮސްޓް" ގެ ގޮތުގައި އަރާފައިވާ ޖުމްލަ 1,182,960/- (އެއްމިލިއަން އަށްލައްކަ ދެހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) އެއްކުރުމުންވާ 1,802,960/-ރ (އެއްމިލިއަން އަށްލައްކަ ދެހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) ގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 20,000/-ރ (ވިހިހާސް) އުނިކުރުމުން ބާކީވާ 1,782,960/-ރ (އެއްމިލިއަން ހަތްލައްކަ އަށްޑިހަ ދެހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އަފާމީ މޯލްޑިވްސް އިން ހައި-ލައިން އެންޓަރޕްރައިޒަސް އަށް ދައްކަންޖެހޭ ފައިސާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/146 އަދި ނަންބަރު 2019/HC-A/171 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ދެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މައިގަނޑު 04 (ހަތަރު) ސަބަބެއް އަފާމީ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، މ. ލިޑޯ ގްރައުންޑް ފްލޯރގައިވާ ފިހާރަ އަފާމީ މޯލްޑިވްސްއާ އެއްވެސް އިރެއްގައި ޙަވާލުކޮށްފައި ނުވާކަމަށާއި، އެއްބަސްވުމުގައި ބަޔާންކުރާ އެއްވެސް މިންވަރެއްގެ ކުއްޔެއް އަފާމީ މޯލްޑިވްސްގެ ފަރާތުން ހައި-ލައިން އެންޓަރޕްރައިޒަސްއަށް ދައްކާފައި ނުވާނެކަމަށް ބަޔާންކުރުމުންވެސް އެކަން ކަށަވަރު ކުރުމެއް ނެތި އެގްރިމެންޓްގައިވާ ތާރީޚަށް ބަލައިގެން އެގްރިމެންޓް ބާތިލުކުރި ދުވަހާ ހަމައަށް ކުއްޔާއި ޖޫރިމަނާ ނަގައިދީފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ދެވަނަ ސަބަބަކީ، މ. ލިޑޯ ގްރައުންޑް ފްލޯރ ފިހާރަ ކުއްޔަށް ދިނުމަށްޓަކައި ވެފައިވާ އެއްބަސްވުން ކަމަށް ބުނެ ހުށަހަޅާފައިވާ "ކުއްޔަށް ދިނުމާބެހޭ އެގްރީމެންޓް" އަކީ ހައި-ލައިން އެންޓަރޕްރައިޒަސް އާއި އަފާމީ މޯލްޑިވްސްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ސުޕްރީމް ކޯޓުގެ ޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ތިންވަނަ ސަބަބަކީ، ހައި-ލައިން އެންޓަރޕްރައިޒަސް އާއި އަފާމީ މޯލްޑިވްސްއާ ދެމެދު ވެފައިވާ ކަމަށް ބުނާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތަކީ އަފާމީ މޯލްޑިވްސްގެ އެއްވެސް ޤާނޫނީ ހައިޞިއްޔަތެއް އޮތް ފަރާތެއް ނޫންކަން މި މައްސަލައިގައި ހުށަހެޅުނު ހެކިތަކުން ސާބިތުވާން އޮތް އިރުވެސް، "ކުއްޔަށް ދިނުމާބެހޭ އެގްރީމެންޓް" އަކީ ހައިލައިން އެންޓަރޕްރައިޒަސް އާއި އަފާމީ މޯލްޑިވްސްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ނަންބަރާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

ހަތަރުވަނަ ސަބަބަކީ، ހައި-ލައިން އެންޓަރޕްރައިޒަސް އާއި އަފާމީ މޯލްޑިވްސްއާ ދެމެދު ވެފައިވާ ކަމަށް ބުނާ އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ "ފައިނޭންޝަލް ކޮސްޓް" ގެ ޢަދަދު ބޮޑުވެގެން އެކަމާ ގުޅިގެން ދަށު ކޯޓުގައި އެވެސް ނުކުތާއެއް އަފާމީ މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށް އެ އެއްބަސްވުމުގައިވާ ގޮތަށް ޖޫރިމަނާގެ ޢަދަދު ކަނޑައެޅުމާ ދޭތެރޭ ސުވާލު އުފައްދާފައި ނުވާކަމަށް ކަނޑައަޅާފައިވަނީ އަފާމީ މޯލްޑިވްސްއިން ހުށަހެޅި ކަންކަމަށް ރިޢާޔަތް ނުކޮށް ކަމަށް ބުނެ ހުށަހެޅި ސަބަބު.

އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން އަފާމީ މޯލްޑިވްސްއިން ހުށަހަޅާފައިވާ ތަފްސީލުތަކަށް ބަލާއިރު، ފުރަތަމަ އަހުރެން ބަލާނީ ދެވަނަ އަދި ތިންވަނަ އިސްތިއުނާފީ ނުކުތާތަކަށެވެ. އެ ދެ ނުކުތާއަކީ އެއް ކަންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ދެ ނުކުތާއެވެ. އެއަށްފަހު، ފުރަތަމަ އިސްތިއުނާނީ ނުކުތާއަށް، އަދި ހަތަރުވަނަ އިސްތިއުނާފީ ނުކުތާއާ ގުޅޭ ބައިތައް ހިމަނާނަމެވެ.

އެހެންނަމަވެސް، އިސްތިއުނާފީ ނުކުތާތަކަށް ދިއުމުގެ ކުރިން މ. ލިޑޯ ފިހާރަ ކުއްޔަށް ދިނުމާގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކަށް ބަލާލުން މުހިންމުކަމުގައި ދެކޭތީ، އެންމެ ފުރަތަމަ އެ ތަފްސީލުތައް ހިމަނާނަމެވެ.

މ. ލިޑޯ ކުއްޔަށް ދިނުމާގުޅޭ އެއްބަސްވުންތައް

މި މައްސަލައާ ގުޅިގެން މ.ލިޑޯ ފިހާރައާ ގުޅިގެން ކޮށްފައިވާ މުޢާމަލާތްތަކަށް ބަލާއިރު، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން މ.ލިޑޯ ފިހާރައާ ގުޅިގެން އަންނަނިވި މުޢާމަލާތްތައް ކޮށްފައިވާކަން އެނގެއެވެ.

# އެއްބަސްވުމުގެ ބާވަތް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމުގެ ތާރީޚް

ކުލީގެ އެއްބަސްވުން ފާޠިމަތު ޖިއާނާ އަދި އަޙްމަދު ޖިނާން އާއި އީސްޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 1 ޖުލައި 2011

ޑީޑް އޮފް އެސައިންމަންޓް އީސްޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހައި-ލައިން އެންޓަރޕްރައިޒަސް 14 ޖުލައި 2011

ކުލީގެ އެއްބަސްވުން މުޙައްމަދު ޢަބްދުﷲ އާއި އަމީން މުޙައްމަދު 1 ޖޫން 2013

ކުލީގެ އެއްބަސްވުން ހައި-ލައިން އެންޓަރޕްރައިޒަސް އާއި އަފާމީ މޯލްޑިވްސް 1 ޖުލައި 2013

ކުލީގެ އެއްބަސްވުން އަމީން މުޙައްމަދު އާއި އިވްނިންގ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އޯގަސްޓް 2018

މަތީގައިވާ އެއްބަސްވުން ތަކަށް ބެލުމުން، މ.ލިޑޯ އިން ފާޠިމަތު ޖިއާނާ އަދި އަޙްމަދު ޖިނާން އަށް ލިބިފައިވާ ބައި 1 ޖުލައި 2011 އިން ފެށިގެން 30 ޖޫން 2020 ގެ ނިޔަލަށް ކުއްޔަށް ދީފައިވަނީ އީސްޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ކަމާއި، އެ ތަނުގެ މައްޗަށް އީސްޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ޙައްޤުތައް އެ ކުންފުނީގެ ފަރާތުން ހައި-ލައިން އެންޓަރޕްރައިޒަސްއަށް ބަދަލުކޮށްފައިވާ ކަން އެނގެން އޮވެއެވެ. ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން، މި އެއްބަސްވުންތަކުން، 14 ޖުލައި 2011 އިން ފެށިގެން 30 ޖޫން 2020 ގެ ނިޔަލަށް މ.ލިޑޯ ފިހާރަ ކުއްޔަށް ދިނުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިގެންވަނީ ހައި-ލައިން އެންޓަރޕްރައިޒަސްއަށްކަން ސާފެވެ.

މ.ލިޑޯ ފިހާރައާ ގުޅިގެން ކޮށްފައިވާ މުޢާމަލާތަކާ ގުޅޭގޮތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން، ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން 01 ޖުލައި 2013 އިން ފެށިގެން 31 މާރޗް 2018 ގެ ނިޔަލަށް އެ ފިހާރަ ކުއްޔަށް ދީފައިވަނީ އަފާމީ މޯލްޑިވްސްއަށް ކަން އެނގެން އޮންނަ ހިނދު، އެ ތާރީޚުގެ ކުރިން، 1 ޖޫން 2013 ގައި، އެ ދުވަހުން ފެށިގެން 31 މެއި 2023 ގެ ނިޔަލަށް މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން މ.ލިޑޯ ފިހާރަ އަމީން މުޙައްމަދު އަށް ކުއްޔަށް ދީފައިވާކަން އެނގެން އޮވެއެވެ. އެހެންނަމަވެސް، މުޙައްމަދު ޢަބްދުﷲ އަށް މ.ލިޑޯ ފިހާރައިގެ މައްޗަށް އޮތް ޙައްޤަކީ ކޮބައިކަން މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމަކުން ސާފެއް ނުވެއެވެ.

ކުލީގެ އެއްބަސްވުމުގެ ސައްހަކަމާމެދު ހުށަހަޅާފައިވާ ނުކުތާތައް

އަފާމީ މޯލްޑިވްސް އިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ފުރަތަމަ އަހުރެން އަލިއަޅުވާލާނީ ދެވަނަ އަދި ތިންވަނަ އިސްތިއުނާފީ ނުކުތާއަށެވެ. މި ދެ އިސްތިއުނާފީ ނުކުތާގައި އަފާމީ މޯލްޑިވްސްގެ ފަރާތުން ސުވާލު އުފައްދާފައިވަނީ ކުލީގެ އެއްބަސްވުމުގެ ސައްހަކަމުގެ މައްޗަށެވެ.

އަފާމީ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވަނީ،ހައި-ލައިން އެންޓަރޕްރައިޒަސް އާއި އަފާމީ މޯލްޑިވްސްއާ ދެމެދު ވެފައިވާ ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވުޖޫދުގައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކަށާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ކަމަށެވެ. އެ ކުންފުނީގެ ފަރާތުން އެފަދައިން ބަޔާންކޮށްފައިވަނީ އަންނަނިވި ތަފްސީލުތަކުގެ މައްޗަށް ބުރަވެއެވެ.

ކުލީގެ އެއްބަސްވުމުގައި ބައިވެރިވުމަށްޓަކައި އަފާމީ މޯލްޑިވްސްގެ ފަރާތުން ފާސްކޮށްފައިވާ ސައްހަ ޤަރާރެއް ނެތުމުންނާއި، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެފަދައިން އެއްބަސްވުމުގައި ސޮއިކުރުމުގެ ހައިސިއްޔަތު ލިބިދީފައިވާ ފަރާތެއް ކަމުގައި ނުވުމުން، އަދި ކުލީގެ އެއްބަސްވުމުގައި އަފާމީ މޯލްޑިވްސްގެ ސިއްކަ ނެތުމުން، އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަން.

ހައިކޯޓުން މައްސަލައާމެދު ގޮތް ނިންމުމުގައި، ކުންފުންޏަކުން އެހެން ފަރާތަކާއެކުވާ އެއްބަސްވުމެއްގައި ކުންފުނީގެ ސިއްކަ ޖެހުމާއި، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޯޑުން ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތެއްކަން ކަށަވަރުނުވުމަކީ، އިދިކޮޅަށް އެކަށީގެންވާ ހެކި ހުންނަ ހާލަތުގައި ހަމައެކަނި މި ދެ ކަމުގެ މައްޗަށް ބިނާކޮށް މަދަނީ މުއާމަލާތެއްގައި ބައިވެރިވެފައި ނުވާކަމުގެ މައްޗަށް އޮތް ކާފީ ހުއްޖަތެއް ނޫންކަމުގައި ކަނޑައަޅާފައިވާއިރު، މިއީޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގައި ޑޮކިއުމަންޓެއްގެ ސައްހަކަމާމެދު ޑޮކިއުމަންޓް ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން އިންކާރުކޮށްފިނަމަ، އެ ޑޮކިއުމަންޓެއްގެ ސައްހަކަން ސާބިތުކޮށްދިނުމަކީ ޑޮކިއުމަންޓް ހުށަހެޅި ފަރާތެއްގެ ޒިންމާއެއް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަނޑައެޅުމެއްކަން.

ހައިކޯޓުން އިސްވެ ބަޔާންކުރެވުނު ފަދައިން ނިންމާފައިވަނީ 'އިންޑޯ މަނޭޖްމަންޓް ރޫލް' އަށް ބަލައިގެން ކަމުގައި ގަބޫލުކުރެވޭ ހިނދު، 'އިންޑޯ މަނޭޖްމަންޓް ރޫލް' ތަތުބީގުކުރެވޭނީ، އެ އެއްބަސްވުމަކީ ކުންފުނީގެ މުވައްޒަފަކާއި ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކާއެކު، އެ ކުންފުނީގައި ނުހިމެނޭ މީހަކު ކޮށްފައިވާ އެއްބަސްވުމެއް ކަމުގައި ވުމުގެ އިތުރުން، އެ އެއްބަސްވުމަކީ ސައްޚަ އެއްބަސްވުމެއް ކަމުގައިވާނަމަ ކަމުގައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަފާމީ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ ދަރިފުޅަށް ވުމަކީ އެފަރާތަށް އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހައިސިއްޔަތު ލިބޭ ކަމެއް ނޫންކަމުގައާއި، ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން އެއްބަސްވުމުގެ ސައްހަކަން ސާބިތުކޮށްދީފައި ނުވާކަން.

މީގެ އިތުރުން، އަފާމީ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ތިންވަނަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވަނީ، ހައި-ލައިން އެންޓަރޕްރައިޒަސް އާއި އަފާމީ މޯލްޑިވްސްއާ ދެމެދު ވެފައިވާ ކަމަށް ބުނާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތަކީ އަފާމީ މޯލްޑިވްސްގެ އެއްވެސް ޤާނޫނީ ހައިޞިއްޔަތެއް އޮތް ފަރާތެއް ނޫންކަން މި މައްސަލައިގައި ހުށަހެޅުނު ހެކިތަކުން ސާބިތުވާން އޮތް އިރުވެސް، "ކުއްޔަށް ދިނުމާބެހޭ އެގްރީމެންޓް" އަކީ ހައި-ލައިން އެންޓަރޕްރައިޒަސް އާއި އަފާމީ މޯލްޑިވްސްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ނަންބަރާ ޚިލާފަށް ކަމަށެވެ. އަފާމީ މޯލްޑިވްސްގެ ފަރާތުން މި ނުކުތާއާ ގުޅިގެން އަންނަނިވި ތަފްސީލުތައް ބަޔާންކޮށްފައިވެއެވެ.

ކުންފުންޏަކުން އެ ކުންފުންޏަކާއި ގުޅުމެއް ނެތް ފަރާތަކާއެކު ކުރާ މުއާމަލާތެއްގައި ކުންފުނި ޤާނޫނީގޮތުން ބަނދެވޭނީ، އެ ކުންފުނީގެ ފަރާތުން މުއާމަލާތްކުރާ ފަރާތަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެ މުއާމަލާތެއް ކުރުމަށް ކުންފުނީގެ ބޯޑުގެ ގަރާރެއްގެ މެދުވެރިކޮށް ނުވަތަ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކުގެ ތެރެއިން ހުއްދަދީފައިވާ ފަރާތެއް ކަމުގައިވާނަމަ ކަން.

ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއަށް ބެލުމުން އެއްބަސްވުމަކީ ދޭއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއް މެދުގައި ވެފައިވާ އެއްބަސްވުމަކަށް ވުމުގެ އިތުރުން، އެ އެއްބަސްވުމަކީ ޤާނޫނު ގަބޫލުކުރާ ނުވަތަ ޤާނޫނުން ބާރުދޭ އެއްބަސްވުމަކަށް ވާންޖެހޭ އިރު، އަދި އެއްބަސްވުމެއް ފުރިހަމަވުމަށްޓަކައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާފަދަ ހުށަހެޅުމަކާއި ގަބޫލުކުރުމެއް އޮންނަންޖެހޭ ހިނދު، މި މައްސަލައިގައި ހިމެނޭ ކުލީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މުޙައްމަދު ފާރިޝް އަމީންއަކީ އަފާމީ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއް ނުވަތަ މުވައްޒަފެއް ނުވަތަ އަފާމީ މޯލްޑިވްސްގެ ފަރާތުން އެ ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހުއްދަދީފައިވާ ފަރާތެއް ނޫންކަން.

ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން ފުރަތަމަ ތިން އިސްތިއުނާފީ ނުކުތާއަށް އެކުއެކީގައި ޖަވާބުދީފައިވާ ހިނދު، މި އިސްތިއުނާފީ ނުކުތާތަކާ ގުޅޭ ބައި ހައި-ލައިން އެންޓަރޕްރައިޒަސްގެ ރައްދުގެ ގޮތުގައި ބަޔާންކުރާނަމެވެ.

ހައި-ލައިން އެންޓަރޕްރައިޒަސްއިން ފާހަގަކުރާ ގޮތުގައި ކުލީގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެކެވެ. އެހެނީ އެ އެއްބަސްވުމުގައި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ ދަރިފުޅުކަން އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގަ އާއި ހައިކޯޓުގައި އެއްބަސްވެފައިވެއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ކުލީގެ އެއްބަސްވުމުގައި ސޮއިކުރި ފަރާތަށް އެކަން ކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިގެން ނުވާކަމަށް ބަޔާންކުރާއިރު، އަފާމީ މޯލްޑިވްސްއިން ސިވިލް ކޯޓަށް ހުށަހެޅި، އަމީން މުޙައްމަދުގެ ފަރާތުން މ.ލިޑޯ ފިހާރަ ކުއްޔަށް ހިފިކަމުގެ އެއްބަސްވުމުންނާއި، އޭނާގެ ފަރާތުން އެތަން ތިންވަނަ ފަރާތަކަށް ކުއްޔަށްދިން ކަމުގެ އެއްބަސްވުމާއި، އިވްނިންގ އިންވެސްޓްމަންޓްގެ ޕޭމަންޓް ވައުޗަރުތަކުން މ.ލިޑޯ ފިހާރަ ހުރީ އެފަރާތުގެ ބެލުމުގެ ދަށުގައިކަން ސާފުވާކަމުގައެވެ. އަދި އަމީން މުޙައްމަދަށް މ.ލިޑޯ ފިހާރަ ކުއްޔަށް ދިން މުޙައްމަދު ޢަބްދުﷲ އަކީ އަމީން މުޙައްމަދުގެ ފަރާތުން އިވްނިންގ އިންވެސްޓްމަންޓަށް އެ ތަން ކުއްޔަށް ދިނުމަށްވި އެއްބަސްވުމުގެ ހެކިވެރިއެއް ކަމުގައިވާއިރު، އަދި އެ އެއްބަސްވުމުގައި އަމީން މުޙައްމަދަކީ ތަނުގެ 'ވެރިފަރާތް' ކަމުގައި ބަޔާންކޮށްފައި އޮވެފައި، މ.ލިޑޯ ފިހާރައަކީ މުޙައްމަދު ޢަބްދުﷲ އަށް އެ ތަނުގެ މައްޗަށް އެއްވެސް ޙައްގެއް އޮތް ފަރާތެއް ކަމުގައި ނުވާއިރު، އަފާމީ މޯލްޑިވްސްއަށް ސައްހަ އެއްބަސްވުމެއްގެ ދަށުން އެ ތަން ލިބިފައިނުވާނަމަ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދުގެ ބެލުމުގެ ދަށަށް މ.ލިޑޯ ފިހާރަ ދިޔަގޮތެއް ސާބިތުކޮށްދޭން ޖެހޭކަމަށްވެސް ހައި-ލައިން އެންޓަރޕްރައިޒަސްއިން ބުނެއެވެ.

އަފާމީ މޯލްޑިވްސްގެ ފަރާތުން މި ދެ އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ އެ ކުންފުނިން ކުލީގެ އެއްބަސްވުމުގައި ބައިވެރިވުމަށް ހުއްދަ ދީފައި ނުވާނެކަމަށް ބުނާބުނުމުގެ މައްޗަށާއި، ކުލީގެ އެއްބަސްވުމުގައި ކުންފުނީގެ ސިއްކަ ނެތުމުގެ މައްޗަށާއި، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނިން ހުއްދަދީފައި ނުވާ މީހަކަށް ވުމުގެ މައްޗަށެވެ.

ތެދެކެވެ. އާންމު އުސޫލުން ބަލާނަމަ، ކޮންމެ ކުންފުންޏެއްވެސް ހިންގާނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ. މިހެންކަމުން ކުންފުނީގެ ނިންމުންތަކަކީ ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދާ ފުށުނާރާ ގޮތެއްގެ މަތިން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ވާންޖެހެއެވެ. އަދި ކުންފުނީގެ ފަރާތުން މުޢާމަލާތެއް ކުރަން އެދޭނަމަ، އެ މުޢާމަލާތެއްގައި ބައިވެރިވުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަންޖެހެއެވެ. ހަމަ އެފަދައިން ކުންފުނީގެ ފަރާތުން އެއްބަސްވުމެއްގައި ނުވަތަ އެހެންވެސް ލިޔުމެއްގައި ސޮއިކުރާނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެފަދަ އެއްބަސްވުމެއްގައި ނުވަތަ ލިޔުމެއްގައި ސޮއިކުރާނެ ފަރާތެއް ކަނޑައަޅަން ޖެހެއެވެ. އަދި އެފަދަ އެއްބަސްވުމަކީ ލިޔުމުން އޮތުން ޤާނޫނަކުން ލާޒިމުކުރާ އެއްބަސްވުމެއް ކަމުގައިވާނަމަ، އެ އެއްބަސްވުމެއްގައި ކުންފުނީގެ ސިއްކަ އޮންނަންޖެހެއެވެ.

ކުންފުނީގެ އެތެރޭގެ ހިންގުމުގެ ނިޒާމު ތަރުތީބުކުރަންޖެހެނީ އިސްވެ ބުނެވުނު ފަދައިން ކަމުގައިވާނަމަވެސް، ކުންފުނީގައި ނުހިމެނޭ މީހަކު އެ ކުންފުންޏާކުރާ މުޢާމަލާތެއްގައި އެ ފަދައިން ކަންކަން ތަރުތީބުކޮށްފައިވާ ކަމުގައި ބަލަންޖެހޭތޯއެވެ؟ ކުރުކޮށް ބުނާނަމަ، އެކަމުގައި ރައްކާތެރި ގޮތަކީ ކުންފުންޏަކާ މުޢާމަލާތްކުރުމުގައި އެ ކުންފުނީގެ ފަރާތުން ހުއްދަދީފައިވާ ކަމާއި، އެ މުޢާމަލާތާއި ގުޅުންހުރި ލިޔެކިޔުން ފުރިހަމަކުރުމުގެ ޒިންމާ ކުންފުނީގެ ފަރާތުން ވަކި ފަރާތަކަށް ދީފައިވާކަން ބެލުން ކަމުގައިވާނަމަވެސް، އެފަދައިން ކަންކުރުމަކީ ޤާނޫނުން ލާޒިމުކުރާ ކަމެއް ނޫނެވެ.

ކުންފުންޏެއްގެ ހުއްދަ ނުލިބި އެ ކުންފުންޏެއްގެ ނަމުގައި މުޢާމަލާތްކޮށްފައިވާނަމަ، އެއީ ހަގީގަތް އޮޅުވާލުމުގެ އަމަލެއް ކަމުގައި ބަލައި، އެފަދައިން ކުރި މުއާމަލާތަކުން ލިބޭ ގެއްލުމުގެ ޒިންމާ އެ އޮޅުވާލި މީހާ ނެގުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނީ އުސޫލުތަކުގެ ތެރެއިން ލިބިދެވިދާނެ ފަރުވާއެއް ކަމުގައި ވާނަމަވެސް، ކުންފުންޏާބެހޭ ޤާނޫނީ އުސޫލުތަކުގެ ތެރެއިންވެސް އެފަދަ ހާލަތްތަކަށް ލިބިދެވޭ ފަރުވާ ހުރެއެވެ.

މިގޮތުން، އަފާމީ މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވާ ޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި، 'އިންޑޯ މަނޭޖްމަންޓް ރޫލް' ގެ ތައުރީފެއް ދެއްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ބަޔާންކުރައްވާފައިވެއެވެ.

"އިނގިރޭސި ކޮމަން ލޯގައި ބޭނުންކުރާ ގަވާއިދެއް ކަމުގައިވާ "އިންޑޯ މެނޭޖްމެންޓް ރޫލް" އަކީ ކުންފުނީގައި ނުހިމެނޭ ފަރާތްތަކުން (ކުންފުނީގެ މުވައްޒަފަކަށް ނުވާ ނުވަތަ ކުންފުނީގެ ހިއްސާދާރަކަށް ނުވާ މީހަކު) ކުންފުންޏާއެކު މުއާމަލާތްކުރުމުގައި، ކުންފުނިން ނިންމާ ނިންމުމަކީ އެ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް އިފްތިރާޟުކުރުން އެފަރާތްތަކުން ހުއްދަކުރާ ގަވާއިދެކެވެ."

އަދި 'އިންޑޯ މަނޭޖްމަންޓް ރޫލް' އިން އިސްތިސްނާވާ ހާލަތްތައް ބަޔާންކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ:

'... އެފަދަ އިސްތިސްނާ ހާލަތްތަކުގެ ތެރޭގައި، ކަން އޮތްގޮތް އެނގެންވާނެ ކަމަށް ގާނޫނު ގަބޫލުކުރާ ހާލަތްތަކާއި، ކަން އޮތްގޮތް އެނގޭ ހާލަތްތަކާއި، ހޯދައި ބަލައި ދެނެގަތުން ލާޒިމުވާ ހާލަތްތަކާއި، ވަގުލިޔުން އުފައްދާ ހާލަތާއި ވަގު ސޮއިކުރާ ހާލަތު ހިމެނެއެވެ.'

އެހެންކަމުން، 'އިންޑޯ މަނޭޖްމަންޓް ރޫލް' ނިޔާކުރާގޮތުން، ކުންފުންޏަކާއެކު ކުރާ މުޢާމަލާތެއް ކުރުމުގެ ހުއްދައާއި، އެ މުޢާމަލާތާއި ގުޅުންހުރި ލިޔެކިޔުމުގައި ސޮއިކުރުމުގެ ޒިންމާ ވަކި ފަރާތަކަށް ދީފައިވާކަން އެނގޭނެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ފެނިފައި ނެތް ނަމަވެސް، އެ ކުންފުންޏާއެކު މުޢާމަލާތްކުރާ ފަރާތް އެ މުއާމަލާތްކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމުގައިވެފައި، އެ ފަރާތަކީ އެ ފަރާތުން މުޢާމަލާތްކުރާ ކުންފުނީގެ ހިއްސާދާރެއް ނުވަތަ މުވައްޒަފެއް ނުވަތަ އެނޫންވެސް އެ ކުންފުނީގެ އެތެރޭގެ ހިންގުމުގެ ކަންކަން ތަރުތީބުވެފައިވާ ގޮތް އެނގޭނެ ކަމުގައި ބެލެވޭ ފަދަ ފަރާތެއް ކަމުގައި ނުވާނަމަ، އެ މުއާމަލާތަކީ އެފަރާތާއި މުއާމަލާތްކުރާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް އޮވެގެން ކުރާ މުއާމަލާތެއް ކަމުގައި އިފްތިރާޟު (assume) ކުރުމުގެ ނުވަތަ ބެލުމުގެ ފުރުސަތު އެފަރާތަށް ލިބިގެންވެއެވެ.

އެހެންކަމުން، އަފާމީ މޯލްޑިވްސް އިން ފާހަގަކޮށްފައިވާ ފަދައިން 'އިންޑޯ މަނޭޖްމަންޓް ރޫލް' ތަތުބީގު ކުރުމަށްޓަކައި، އެއްބަސްވުމަކީ އެ ކުންފުނީގައި ނުހިމެނޭ މީހަކު ކުންފުނީގެ މުވައްޒަފަކާއި ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކާއެކު ކޮށްފައިވާ އެއްބަސްވުމެއް ކަމުގައިވުން ލާޒިމެއް ނޫނެވެ. އެއާއި ޚިލާފަށް 'އިންޑޯ މަނޭޖްމަންޓް ރޫލް' ގެ ދަށުން އުފެދިފައިވާ އުސޫލުތައް ނިޔާކުރާގޮތުން، އެ ގަވާއިދު ތަތުބީގު ކުރުމުގެ ހުރަހަކަށްވާނީ އެ ގަވާއިދަށް ބަރޯސާވާ ފަރާތަށް، އޭނާއާ ކުންފުންޏާ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ނުވަތަ ކުންފުނީގެ އެތެރޭގެ ގަވާއިދުތައް އެނގުމުގެ ސަބަބުން ކުންފުނީގެ ކަންކަން އޭނާއަށް އެނގޭނެ ކަމަށް އިފްތިރާޟު ކުރެވޭނަމައެވެ. އެހެން ނޫންނަމަ، ކުންފުނީގައި ނުހިމެނޭ 'އިންޑޯ މަނޭޖްމަންޓް ރޫލް' އަށް ބަރޯސާވާ ފަރާތުން، ކުންފުނިން ބައިވެރިވެފައިވާ މުއާމަލާތަކީ އެ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާ އެއްގޮތަށް ނިންމައިގެން ކޮށްފައިވާ މުއާމަލާތެއްކަމަށް ބެލުމަށް ހުރަހެއް ނެތެވެ.

ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ފުރަތަމަ މަރުހަލާއިން ފެށިގެން ސުޕްރީމް ކޯޓާއި ހަމައަށް މި މައްސަލައާ ގުޅިގެން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން، ކުލީގެ އެއްބަސްވުމުގައި ސޮއިކުރި އިރު (އަދި އެއިގެ ފަހުން ނަމަވެސް) ހައި-ލައިން އެންޓަރޕްރައިޒަސްއަށް އަފާމީ މޯލްޑިވްސްގެ އެތެރޭގެ ގަވާއިދުތަކާއި އިންތިޒާމުތައް ހުރި ގޮތް އެނގެންވާނެ ކަމަށް ގާނޫނު ގަބޫލުކުރާ ހާލަތެއް ނުވަތަ އެކަންކަން ހައި-ލައިން އެންޓަރޕްރައިޒަސްއަށް އެނގޭނެކަމަށް ބުނެވޭނެ ހާލަތެއް ވުޖޫދުގައި އޮތްކަމުގެ މައްޗަށް އަފާމީ މޯލްޑިވްސްގެ ފަރާތުން އެއްވެސް ވާހަކައެއް ދައްކާ ނުވަތަ ލިޔުމެއް ހުށަހަޅާފައި ނުވެއެވެ. ވުމާއެކު، މި މައްސަލައިގައި ވަށައިގެންވާ ކަންކަމަށް ބަލައި، 'އިންޑޯ މަނޭޖްމަންޓް ރޫލް' ތަތުބީގު ކުރެވިދާނެއެވެ. އަދި އެއިގެ ނަތީޖާއަކީ އަފާމީ މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ފާރިޝް އަމީންއަށް ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހުއްދައާއި ހައިސިއްޔަތު ލިބިގެންވާ ކަމުގައި ބަލައިގެން ހައި-ލައިން އެންޓަރޕްރައިޒަސްއިން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވުމުން، އެ އެއްބަސްވުން ސައްހަވުމެވެ. ހައިކޯޓުން މައްސަލަ ނިންމާފައިވަނީވެސް މިފަދައިންނެވެ.

މީގެ އިތުރުން، ޤާނޫނުން ކަނޑައެޅިގެން ލާޒިމުކުރާ ހާލަތުގައި މެނުވީ ކުންފުންޏެއްގެ ސިއްކަ އެ ކުންފުންޏަކުން ކުރާ މުއާމަލާތްތަކުގައި އޮންނަން ނުޖެހޭތީއާއި، މިއީ އެފަދައިން ކުންފުނީގެ ސިއްކަ އޮތުން ލާޒިމު ހާލަތެއް ކަމުގައި ނުވާތީ، ކުލީގެ އެއްބަސްވުމުގައި އަފާމީ މޯލްޑިވްސްގެ ސިއްކަ ނެތްކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަކީ ޤާނޫނީގޮތުން ބުރަދަނެއްހުރި ބަހުސެއް ކުރިމަތިކުރުވާ ނުކުތާއެއް ނޫނެވެ.

އެހެންކަމުން، ޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަށާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ހަވާލާދީ ހައި-ލައިން އެންޓަރޕްރައިޒަސް އާއި އަފާމީ މޯލްޑިވްސްއާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމަކީ ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބެލެވެން އޮތްކަމުގައި އަހުރެން ނުދެކެމެވެ. އަދި ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުން ޤާނޫނާ ޚިލާފުކަމަށް ބުނެ އަފާމީ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ އަފާމީ މޯލްޑިވްސްއަށް ޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގައި ކަނޑައަޅާފައިވާ އުސޫލުތައް ދޭހަވުމުގައި އަރާފައިވާ އޮޅުމަކުން ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.

ތަން ހަވާލުނުކުރާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ

ދެން އަހުރެން ޖެހިލާނީ ފުރަތަމަ އިސްތިއުނާފީ ނުކުތާއަށެވެ. އެ ނުކުތާ ތަފްސީލު ކުރަމުން، މ.ލިޑޯ ފިހާރަ ކުއްޔަށްދީފައިވަނީ 01 ޖުލައި 2013 އިން 31 މާރޗް 2018 އަށް ކަން ކުލީގެ އެއްބަސްވުމުން އެނގެން އޮތްނަމަވެސް، އެ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކުރާ ސެކިއުރިޓީ ޑިޕޮޒިޓާއި ފުރަތަމަ މަހުގެ ކުއްޔަށްވާ ފައިސާ އަފާމީ މޯލްޑިވްސްއިން ދައްކާފައި ނުވާނެކަމަށާއި، އެއްބަސްވުމުގައި މ.ލިޑޯ ފިހާރަ އަފާމީ މޯލްޑިވްސްއާ ހަވާލުކުރާނެ ގޮތެއް ބަޔާންކޮށްފައި ނެތުމުގެ އިތުރުން، އެ ފިހާރަ އެއްވެސް އިރެއްގައި އެ ކުންފުންޏާއި ހަވާލުކޮށްފައި ނުވާކަމަށާއި، އެ ކުންފުނިން އެ ތަން ބޭނުންކޮށްފައި ނުވާކަމަށް އަފާމީ މޯލްޑިވްސްއިން ބުނެފައިވެއެވެ. އަފާމީ މޯލްޑިވްސްއިން ބަޔާންކުރާ ގޮތުގައި މ.ލިޑޯ ފިހާރަ ކުއްޔަށް ހޯދުމަށް އެ ކުންފުނީގެ ފަރާތުން ސެކިއުރިޓީ ޑިޕޮޒިޓާއި ފުރަތަމަ މަހުގެ ކުލި ދައްކާފައިވާނަމަ، އެކަން އެގޮތަށް ހިނގާފައިވާ ކަމުގެ ހެކި ދެއްކުމަކީ ހައި-ލައިން އެންޓަރޕްރައިޒަސްގެ މަސްއޫލިއްޔަތެކެވެ. އަދި މިކަންކަމަށް އެކަށީގެންވާ މިންވަރަށް ބެލުމެއް ނެތި ހައިކޯޓުން ޙުކުމްކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަނޑިޔާރުގެ މަސްއޫލިއްޔަތާއި ޚިލާފަށްކަމަށް އަފާމީ މޯލްޑިވްސްއިން ބުނެއެވެ.

އިސްވެ ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މ.ލިޑޯ ފިހާރަ ހަވާލުކޮށްފައި ނުވުމުން ކުލީގެ އެއްބަސްވުމަކީ އެއްބަސްވުމެއްގައި ހިމެނެންޖެހޭ ހުރިހާ އުންސުރުތަކެއް ފުރިހަމަވެފައިވާ އެއްބަސްވުމެއް ނޫން ކަމަށާއި، އެއިގެ ނަތީޖާއެއްގެ ގޮތުން ކުލީގެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ގައި ބަޔާންކުރާފަދަ ޤާނޫނު ގަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމެއް ނޫންކަމުގައި އަފާމީ މޯލްޑިވްސްއިން ހުށަހަޅާފައިވެއެވެ.

ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން، ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން ފުރަތަމަ ތިން އިސްތިއުނާފީ ނުކުތާއަށް ޖަވާބުދީފައިވަނީ އެކުއެކީގައެވެ. އެހެންކަމުން، މި އިސްތުއުނާފީ ނުކުތާއާ ސީދާ ގުޅޭ ބައި ހައި-ލައިން އެންޓަރޕްރައިޒަސްގެ ރައްދުގެ ގޮތުގައި ބަޔާންކުރާނަމެވެ.

ހައި-ލައިން އެންޓަރޕްރައިޒަސްއިން ބަޔާންކުރާ ގޮތުގައި، ސިވިލް ކޯޓަށް އަފާމީ މޯލްޑިވްސްއިން ހުށަހެޅި "މ.ލިޑޯ ގްރައުންޑް ފްލޯ (ފިހާރަ) ކުއްޔަށް ދިނުމާއި އަދި ހިފުމާއި ބެހޭ އެގްރީމަންޓް" އަކީ އަމީން މުޙައްމަދާއި އިވްނިންގ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާމެދު 14 އޯގަސްޓް 2016 ގައި ކޮށްފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަމީން މުޙައްމަދަކީ އަފާމީ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައާއި، އެ އެއްބަސްވުމުގައި އަމީން މުޙައްމަދަކީ އިމާރާތުގެ 'ވެރި ފަރާތް' ކަމުގައި ބަޔާންކޮށްފައި އޮންނަކަމަށާއި، ސިވިލް ކޯޓަށް ހުށަހެޅުނު އިވްނިންގ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ 'ޕޭމަންޓް ވައުޗަރ' ތަކުން އެ ކުންފުނިން އަމީން މުޙައްމަދަށް ކުލި ދައްކަމުން ގޮސްފައިވާކަން ސާބިތުވާން އޮތުމުން، އަފާމީ މޯލްޑިވްސްއަށް ލިބިފައި ނުވާތަނެއް ނުވަތަ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ ބެލުމުގެ ދަށުގައި ނުވާތަނެއް، އޭނާއަކީ ތަނުގެ ވެރި ފަރާތް ކަމުގައި ދައްކުވައިގެން ތިންވަނަ ފަރާތަކަށް ކުއްޔަށް ދީފައިވާ ގޮތެއް އަފާމީ މޯލްޑިވްސްއިން ސާފުކޮށްދީފައި ނުވާކަމުގައި ހައި-ލައިން އެންޓަރޕްރައިޒަސްއިން ބުނެއެވެ.

ޤާނޫނީ ގޮތުން، މ.ލިޑޯ ފިހާރައިގެ މައްޗަށް ހައްޤު އޮތް ފަރާތުގެ ހައިސިއްޔަތުން، ހައި-ލައިން އެންޓަރޕްރައިޒަސްއިން މ.ލިޑޯ ފިހާރަ ކުއްޔަށް ދީފައިވަނީ އަފާމީ މޯލްޑިވްސްއަށް ކަމުގައިވާއިރު، ކުލީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަފާމީ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރގެ ދަރިފުޅު ކަމުގައިވެފައި، އަފާމީ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި ހުރި އަމީން މުޙައްމަދާއި އިވްނިންގ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާމެދު 14 އޯގަސްޓް 2016 ގައި ކޮށްފައިވާ އެއްބަސްވުގެ ދަށުން އަމީން މުޙައްމަދުގެ ފަރާތުން މ.ލިޑޯ ފިހާރަ ތިންވަނަ ފަރާތަކަށް ކުއްޔަށްދީ، އެ ތަނުން އަމީން މުޙައްމަދު މަންފާ ހޯދަމުން ގޮސްފައިވާކަން އެނގެން އޮތުމުން، ތަން ހަވާލު ނުކުރާކަމަށް އަފާމީ މޯލްޑިވްސްގެ ފަރާތުން ބުނާ ބުނުން ހަމަނުޖެހޭ ކަމުގައާއި، އަމީން މުޙައްމަދަށް މ.ލިޑޯ ފިހާރަ ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވޭނީ އޭނާ ނުވަތަ އަފާމީ މޯލްޑިވްސްގެ ބެލުމުގެ ދަށުގައި އެތަން ހުރުމުން ކަމުގައި ހައި-ލައިން އެންޓަރޕްރައިޒަސްއިން ބުނެއެވެ. އެހެންކަމުން، އަފާމީ މޯލްޑިވްސްއިން މ.ލިޑޯ ފިހާރައިގެ ސެކިއުރިޓީ ޑިޕޮޒިޓާއި ފުރަތަމަ މަހުގެ ކުއްޔަށްވާ ފައިސާ ދެއްކި ސްލިޕްތައް ހައި-ލައިން އެންޓަރޕްރައިޒަސްއަށް ފެނިފައި ނުވުމަކީ ހައި-ލައިން އެންޓަރޕްރައިޒަސްއާއި އަފާމީ މޯލްޑިވްސްއާ ދެމެދު ސައްހަ އެއްބަސްވުމެއް އޮތްކަން ނަފީކުރެވޭނެ ސަބަބެއް ނޫންކަމުގައާއި، ކުލީގެ އެއްބަސްވުމުގެ ދަށުން އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައިވާނަމަ، ކުލިދެއްކިކަން ސާބިތުކޮށްދިނުމަކީ އަފާމީ މޯލްޑިވްސްއިން އުފުލަންޖެހޭ ބުރައެއްކަމުގައި ހައި-ލައިން އެންޓަރޕްރައިޒަސްއިން ބުނެއެވެ.

މީގެ އިތުރުން، ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ހައިކޯޓުން ޙުކުމްކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަނޑިޔާރުގެ މަސްއޫލިއްޔަތާއި ޚިލާފަށް، ހުށަހަޅާފައިވާ ހެއްކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމަކާ ނުލާ ކަމުގައި އަފާމީ މޯލްޑިވްސްއިން ބުނާއިރު، ފަނޑިޔާރުން ރިއާޔަތްކޮށްފައި ނުވަނީ ކޮން ހެއްކަކަށް ނުވަތަ ޤަރީނާއަކަށް ކަން އެ ކުންފުނިން ބަޔާންކޮށްފައި ނުވާކަމުގައާއި، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާއީލް ޢަބްދުލްޙަމީދު [2021] SC 43 އަށާއި، ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) [2021] SC 58 އަށް ހަވާލާދީ، މިފަދަ ޤާނޫނީ ނުކުތާއެއް ހުށަހަޅާނަމަ، އެއިގެ ތަފްސީލު ދިނުމަކީ އަފާމީ މޯލްޑިވްސްގެ ޒިންމާއެއް ކަމުގައި، އަދި ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު އަޝްފާޤު އަށް ހަވާލާދީ، އެފަދައިން ހެއްކަކަށް ނުވަތަ ޤަރީނާއަކަށް ރިއާޔަތްކޮށްފައި ނުވުމުގެ ސަބަބުން ކުރިމަތިވާ ޤާނޫނީ ބަހުސަކީ ކޮބައިކަން އަފާމީ މޯލްޑިވްސްއިން ސާފުކޮށްދޭން ޖެހޭކަމަށް ހައި-ލައިން އެންޓަރޕްރައިޒަސްއިން ފާހަގަކޮށްފައިވެއެވެ.

މ.ލިޑޯ ފިހާރަ އަފާމީ މޯލްޑިވްސްއާ ހަވާލުކޮށްފައި ނުވާކަމަށް ބުނެ އެ ކުންފުނީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއާ ގުޅޭ ކަނޑައެޅުންތަކަށް ބަލާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި، 8 ވަނަ މާއްދާގެ (ހ) އަށް ހަވާލާދީ، މ.ލިޑޯ ފިހާރަ ކުއްޔަށް ހިފުމަށްޓަކައި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދުގެ ދަރިއެއް ކަމުގައިވާ މުޙައްމަދު ފާރިޝް އަމީން ކަމުގައިވާތީ އާއި، އެއްބަސްވުމެއްގެ ބައިވެރިން ޤާނޫނީ ގޮތުން އެއްބަސްވުމުގައި ބަނދެވޭކަން ކަނޑައެޅުމުގައި ކަމުގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭތީ އާއި، އެކަންކަމުގެ މައްޗަށް ބަލައި ކުލީގެ އެއްބަސްވުމަކީ ހައި-ލައިން އެންޓަރޕްރައިޒަސް އާއި އަފާމީ މޯލްޑިވްސްއާ ދެމެދު ވެފައިވާ ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ކަމަށް ބުރަވެވޭ ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވާކަން ފާހަގަވެއެވެ.

ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ އަފާމީ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، ހައިކޯޓުން އިސްވެ ބަޔާންކުރި ފަދައިން ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކަކީ ނުވަތަ ހައިކޯޓަށް ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހަދާފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކަކީ ކޮބައިކަން އަފާމީ މޯލްޑިވްސްގެ ފަރާތުން ބަޔާންކޮށްފައި ނުވެއެވެ. އަދި އެ ގޮތަށް ކަނޑައެޅުމުގައި ފަނޑިޔާރުން ރިއާޔަތްކޮށްފައި ނުވަނީ ކޮން ހެއްކަކަށް ނުވަތަ ޤަރީނާއަކަށް ކަމާއި، އެފަދައިން ހެއްކަކަށް ނުވަތަ ޤަރީނާއަކަށް ރިއާޔަތްކޮށްފައި ނުވުމުގެ ސަބަބުން ކުރިމަތިވާ ޤާނޫނީ ބަހުސަކީ ކޮބައިކަން އަފާމީ މޯލްޑިވްސްއިން ބަޔާންކޮށްފައި ނުވާކަންވެސް ފާހަގަވެއެވެ. އެއާއި ޚިލާފަށް، އެ ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓުގައި ތަކުރާރުކޮށްފައިވަނީ ހައިކޯޓުގައި އެފަރާތުން ހުށަހަޅާފައިވާ ކަންކަމެވެ.

މީގެ އިތުރުން، ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު، އަފާމީ މޯލްޑިވްސްގެ ފަރާތުން އެ ކުންފުންޏާ މ.ލިޑޯ ފިހާރަ ހަވާލުކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅުންތަކެއް ހުށަހަޅާފައި ނުވާކަންވެސް ފާހަގަވެއެވެ. އެ ކުންފުނީގެ ފަރާތުން ދަށު ކޯޓުގައި ވަކާލާތުކޮށްފައިވަނީ އެ ކުންފުނިން އެއްބަސްވުމުގައި ބައިވެރި ނުވާކަމުގައާއި، އެއްބަސްވުމުގައި ކުންފުނީގެ ސިއްކަ ނެތްކަމުގައާއި، އެ ކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ބައިވެރިވުމަށް ނިންމި ޤަރާރެއް ނެތްކަމުގެ މައްޗަށާއި، ކުލީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުންޏާއި ގުޅުން ނެތް ފަރާތެއް ކަމުގެ މައްޗަށެވެ. މި ނުކުތާއާމެދު އަހުރެން ދެކޭގޮތް މި ރައުޔުގައި ކުރިން ފާހަގަކޮށްފައިވާނެއެވެ.

"ފައިނޭންޝަލް ކޮސްޓް" ގެ މިންވަރު ކަނޑައެޅުމާގުޅޭ ނުކުތާ

އަފާމީ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ހަތަރުވަނަ އިސްތިއުނާފީ ނުކުތާގައި، އެއްބަސްވުމުގައި ކަނޑައަޅާފައިވާ 'ފައިނޭންޝަލް ކޮސްޓް' ކުޑަކުރުމާ ގުޅޭގޮތުން އެ ކުންފުނީގެ ފަރާތުން ވާހަކަ ދައްކާފައި ނުވާކަމުގައި ކަނޑައަޅާފައިވަނީ އަފާމީ މޯލްޑިވްސްއިން ހުށަހެޅި ކަންކަމަށް ރިޢާޔަތް ނުކޮށް ކަމުގައިވުމުން، އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަނޑިޔާރުގެ މަސްއޫލިއްޔަތާއި ޚިލާފު ނިންމުމެއް ކަމުގައި އެ ކުންފުނިން ބުނެއެވެ. މި ނުކުތާގައި އެ ކުންފުނިން ފާހަގަކޮށްފައިވާ ތަފްސީލުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 މައްސަލައިގައި އެއްބަސްވުމެއްގެ ބައިވެރިން އެއްބަސްވެފައިވާ ފަދައިން ގެއްލުމުގެ ބަދަލު ނަގާދިނުމުގައި ނަގާދޭންޖެހޭ އަދަދު ކުޑަކުރާނަމަ، އެކަން ކުރަންވާނީ ދެފަރާތުން ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ކަމުގައި ފާހަގަކޮށް، އެ ކުންފުނީގެ ފަރާތުން 'ފައިނޭންޝަލް ކޮސްޓް' ގެ މިންވަރު ބޮޑުވެގެން އެކަން ސިވިލް ކޯޓުގައި ފާހަގަކޮށްފައިނުވާ ކަމުގައާއި، އެހެންކަމުން އެއީ މައްސަލައިގެ ހަސްމުންގެ ތެރޭގައި ހުސޫމާތް އުފެދިފައިވާ ކަމަކަށް ނުވާތީ، ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަށް 'ފައިނޭންޝަލް ކޮސްޓް' ގެ އަދަދު ކުޑަ ނުކުރެވޭނެ ކަމުގައި ހައިކޯޓުން ފާހަގަކޮށްފައިވުން.

އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ބަދަލަކީ ބޮޑު މިންވަރެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ކުރިން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހޭ ކަމަށާއި، އެއްބަސްވުމެއްގެ ބައިވެރިން އެއްބަސްވުމަކާއި ޚިލާފުވާ ޙާލަތުގައި ނަގާދޭ ބަދަލަކީ އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ލިބިފައިވާ ނުވަތަ ލިބިދާނެ ބަދަލެއްތޯ ބަލަންޖެހުމުގެ އިތުރުން، އެ ނަގާދޭ ބަދަލުގެ މިންވަރަކީ ގެއްލުމާއި މުނާސަބު އަދަދެއްކަން ކަށަވަރު ކުރަންޖެހޭކަމަށް ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް[2021] SC 50 މައްސަލައިގައި ކަނޑައަޅާފައިވާ އިރު، ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން އެފަރާތަށް ގެއްލުމެއް ލިބިފައިވާނަމަ އެކަމާގުޅޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން.

އަފާމީ މޯލްޑިވްސްގެ ފަރާތުން ދަށު ކޯޓުގައާއި ހައިކޯޓުގައި ދެއްކި ވާހަކަތަކުގެ ތެރެއިން ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަކުރުމަށް ސީދާ ވާހަކަ ދައްކާފައި ނުވާނަމަވެސް، މުޅި ދަޢުވާއަށް އިންކާރުކޮށް އެކުންފުނީގެ ފަރާތުން ޖޫރިމަނާ ދައްކަން ނުޖެހޭކަމަށް ހުށަހަޅާފައިވާކަން.

އަފާމީ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއަށް ރައްދުދިނުމުގެ ގޮތުން ހައި-ލައިން އެންޓަރޕްރައިޒަސްގެ ފަރާތުން ބުނެފައިވަނީ، ކުލީގެ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން ކުއްޔަށް ހިފިތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން ހުއްދަވެގެން ނުވާއިރު، އަފާމީ މޯލްޑިވްސްގެ ފަރާތުން އެ ތަން ކުއްޔަށްދީ ނަފާ ހޯދަމުން ދިޔަކަމަށެވެ. އަދި ހައި-ލައިން އެންޓްރަޕްރައިޒަސްއަށް ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި 'ފައިނޭންޝަލް ކޮސްޓް' ދެއްކުމަށް އަފާމީ މޯލްޑިވްސްއަށް ނޯޓިސް ފޮނުވުމުން، އެ ފައިސާގެ ޢަދަދަށް އަފާމީ މޯލްޑިވްސްގެ ފަރާތުން ޗެލެންޖްކޮށްފައި ނުވާކަމުން، ހައިކޯޓުން ކުއްޔާއި 'ފައިނޭންޝަލް ކޮސްޓް' އާ ގުޅޭގޮތުން ހިސާބުކޮށްފައިވާ ގޮތް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފުވާ ގޮތެއް ސާފުނުވާ ކަމަށެވެ.

'ފައިނޭންޝަލް ކޮސްޓް' އާ ގުޅިގެން ހައިކޯޓަށް ހުށަހަޅާފައި އޮތް އިސްތިއުނާފީ ނުކުތާއަކީ ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމުގެ ގޮތުން ހައި-ލައިން އެންޓްރަޕްރައިސަޒްއިން ހުށަހަޅާފައިވާ ނުކުތާއެކެވެ. މި ނުކުތާގެ ދަށުން ހައި-ލައިން އެންޓްރަޕްރައިސަޒްގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވަނީ ޖޫރިމަނާ ހިސާބުކުރެވުނު ގޮތާއި ޖޫރިމަނާގެ ގޮތުގައި ނަގާދީފައިވާ އަދަދު އެކަންޏެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމަށާއި، މިނުކުތާއާ ގުޅޭގޮތުން ސިވިލް ކޯޓުގައާއި ހައިކޯޓުގައި ކަނޑައަޅާފައިވާ ކަންކަމަށް ބަލައި، ޖޫރިމަނާ ހިސާބުކުރެވުނު ގޮތާއި ޖޫރިމަނާގެ ގޮތުގައި ނަގާދީފައިވާ އަދަދާމެދު އަހުރެން ދެކޭގޮތް ބަޔާންކުރާނަމެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ބެލިއިރު، ޖޫރިމަނާ ހިސާބުކޮށްފައިވަނީ މަހުކުލި ދެއްކުމުގައި ޖޫރިމަނާ ނުހިނގާނެކަމަށް ބަޔާންކޮށްފައިވާ މުއްދަތު (ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރި) އުނިކުރުމަށްފަހު އެ މަހެއްގެ ބާކީ އޮންނަ، ކުލި ނުއްދާ ހިނގާ އިތުރު ދުވަސްތަކަށެވެ. އަދި މިގޮތުން ޖޫރިމަނާ ހިސާބުކުރިއިރު، ސިވިލް ކޯޓުން ޖޫރިމަނާ ހިސާބުކޮށްފައިވަނީ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް ދައްކަންޖެހޭ އަދަދު ގުނަވާގޮތަކަށް (compound) ނޫނެވެ.

ހައިކޯޓުގައި މައްސަލަ ބެލިއިރު، ކުލީގެ އެއްބަސްވުމުގެ 1 ވަނަ މާއްދާއަށާއި ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 މައްސަލައަށް ހަވާލާދީ، މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކުލިދައްކާނަމަ، ނުލި ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް 'ފައިނޭންޝަލް ކޮސްޓް' ގެ ގޮތުގައި 80/-ރ. (އަށްޑިހަ ރުފިޔާ) ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިގޮތުން އެއްބަސްވެފައިވާ މިންވަރަށްވުރެ ގެއްލުމުގެ ބަދަލު ނަގާދިނުމުގައި ނަގާދޭންޖެހޭ އަދަދު ކުޑަކުރާނަމަ، އެކަން ކުރަންވާނީ ދެފަރާތުން ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ކަމުގައާއި، އެއްބަސްވުމަކާއި ގުޅިގެން ލުޔެއް ދެވޭނީ އެއްބަސްވުމުގެ ބައިވެރިންނަށް ކަމުގައިވާތީ، 'ފައިނޭންޝަލް ކޮސްޓް' ގެ މިންވަރު ބޮޑުވެގެން އެކަން އަފާމީ މޯލްޑިވްސްއިން ވާހަކަދައްކާފައި ނުވުމުގެ ސަބަބުން ކޯޓުގެ އިސްނެގުމަކަށް 'ފައިނޭންޝަލް ކޮސްޓް' ގެ ގޮތުގައި ހޯދުމަށް އެދިފައިވާ އަދަދު ކުޑަ ނުކޮށްދެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން، ހައިކޯޓުން 'ފައިނޭންޝަލް ކޮސްޓް' ހިސާބުކުރިއިރު، އެ ހިސާބުކޮށްފައިވަނީ 'ފައިނޭންޝަލް ކޮސްޓް' ގެ ގޮތުގައި ދުވާލަކަށް ދައްކަންޖެހޭ އަދަދު ގުނަވާ (compound) ގޮތަށެވެ.

ހައިކޯޓުން މި މައްސަލައިގެ އިސްތިއުނާފު ނިންމުމުގައި، އެއްބަސްވެފައިވާ މިންވަރަށްވުރެ ގެއްލުމުގެ ބަދަލު ނަގާދިނުމުގައި ނަގާދޭންޖެހޭ އަދަދު ކުޑަކުރާނަމަ، އެކަން ކުރަންވާނީ ދެފަރާތުން ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ކަމުގައާއި، އެއްބަސްވުމަކާއި ގުޅިގެން ލުޔެއް ދެވޭނީ އެއްބަސްވުމުގެ ބައިވެރިންނަށް ކަމުގައާއި، 'ފައިނޭންޝަލް ކޮސްޓް' ގެ މިންވަރު ބޮޑުވެގެން އެކަން އަފާމީ މޯލްޑިވްސްއިން ފާހަގަކޮށްފައި ނުވާތީ، ކޯޓުގެ އިސްނެގުމަކަށް 'ފައިނޭންޝަލް ކޮސްޓް' ގެ ގޮތުގައި ހޯދުމަށް އެދިފައިވާ އަދަދު ކުޑަ ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ހައިކޯޓުން އެފަދައިން ފާހަގަކޮށްފައިވަނީ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 މައްސަލައަށް ހަވާލާދީ ކަމުގައިވާތީ، ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގެ ނިންމުމަށް ބަލާއިރު، ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ ރައުޔުގައި، ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަށް ބަދަލުގެ މިންވަރު ކުޑަކުރުމާގުޅޭ ގޮތުން ކަންތައްތަކެއް ބަޔާންކޮށްފައިވާކަން ފާހަގަވެއެވެ.

ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 މައްސަލައިގައި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ ރައުޔުގައި، ބަހުސްގެ ބޭނުމަށްޓަކައި ފަނޑިޔާރުގެ އިސްނެގުމަކަށް ބަދަލުގެ މިންވަރު ކުޑަކުރެވިދާނެތޯ ސުވާލު އުފައްދަވާ، ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް ބަދަލުގެ މިންވަރު ކުޑަކުރާނަމަ، އެކަމަށް ޤާނޫނުން ފަނޑިޔާރަށް ބާރު ނުލިބި އެކަން ކުރުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމުގެ އަސާސީ ސިފަތަކާ ތަޢާރުޟުވާނެ ކަމެއް ކަމުގައި ބަޔާންކުރައްވާފައިވާ ހިނދު، އަފާމީ މޯލްޑިވްސް އާއި ހައި-ލައިން އެންޓްރަޕްރައިސަޒް އާދެމެދު މި އޮތް ހުސޫމާތާ ގުޅިގެން ހައިކޯޓުން ގޮތް ކަނޑައެޅުމުގައި، އެ ކޯޓުން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 މައްސަލައިން ކަނޑައެޅުނު އުސޫލު ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ. ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވާ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 ގައި އެއިގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގެއްލުމުގެ ބަދަލު ނަގާދިނުމުގައި އަމަލުކުރަމުން ދިޔަ ގޮތުން އެއްކޮށް ހިޖުރަކޮށް އައު އުސޫލުތަކެއް އެކަށައެޅިއެވެ. ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް[2021] SC 50 ގައި ބަޔާންކޮށްފައިވާ ގޮތުން، އެއްބަސްވުމެއްގެ ދަށުން ނަގާދޭ ޖޫރިމަނާ ނުވަތަ ގެއްލުމުގެ ބަދަލު ނަގާދިނުމާމެދު ގޮތެއް ކަނޑައެޅޭނީ، އެފަދަ މާއްދާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް ހިމެނޭ (ލިކުއިޑޭޓެޑް ޑެމޭޖަސްގެ) މާއްދާއެއްތޯ ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ޖަޒާއީ ޝަރުތެއް ހިމެނޭ މާއްދާއެއް (ޕެނަލްޓީ ކްލޯޒްއެއް) ތޯ ބެލުމަށްފަހު، އެ ފައިސާ އަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް ކަމަށް ވާނަމައެވެ.

މިގޮތުން  ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50  މައްސަލައިގައި، އެއްބަސްވުމެއްގައި ހިމަނާފައިވާ (ބަދަލު ދިނުމާގުޅޭ) މާއްދާ އަކީ ޖަޒާއީ ޝަރުޠެއްކަން ނުވަތަ ނޫންކަން ބެލުމުގައި އެފަދަ މާއްދާއަކީ އަސާސީ އިލްތިޒާމްއަކާ(primary obligation) ޚިލާފުވުމުގެ ސަބަބުން އުފެދިފައިވާ ސާނަވީ އިލްތިޒާމެއް (secondary obligation) އުފަންކުރުވާ މާއްދާއެއްކަން ބެލުމާއި، އެ ސާނަވީ އިލްތިޒާމެއް ފުރިހަމަ ކުރުމުން މަންފާ ލިބޭ ފަރާތް ނުވަތަ މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތުތަކެއް ހިމާޔަތްކުރެވިގެންދޭތޯ ބެލުމާއި، ސާނަވީ އިލްތިޒާމު އުފުލަންޖެހުމުގެ ސަބަބުން މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް އެއްބަސްވުމާ ޚިލާފުވި ފަރާތުން ތަހައްމަލު ކުރަންޖެހޭކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހެއެވެ.

މި މައްސަލައަށް ބަލާއިރު، ކުލީގެ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި، ކޮންމެ މަހެއްގެ ކުލި އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ނުދައްކައިފިނަމަ، 'ފައިނޭންޝަލް ކޮސްޓް' ގެ ގޮތުގައި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 80/-ރ. (އަށްޑިހަ ރުފިޔާ) ދައްކަންޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތުމުން، 'ފައިނޭންޝަލް ކޮސްޓް' ގެ ގޮތުގައި ދުވާލަކަށް 80/-ރ. (އަށްޑިހަ ރުފިޔާ) ގެ މަގުން ދައްކަން އޮތް އަދަދަކީ އަސާސީ އިލްތިޒާމު ކަމުގައިވާ ކުލި ދެއްކުން ފުރިހަމަ ނުކުރެވުމުގެ ސަބަބުން އުފަންވާ ސާނަވީ އިލްތިޒާމެއްކަން ސާފެވެ. އެހެންކަމުން، މި ސާނަވީ އިލްތިޒާމަކީ ހައި-ލައިން އެންޓްރަޕްރައިސަޒްގެ ސައްހަ މަސްލަހަތުތަކެއް ހިމާޔަތްކުރުމަށް ހިމަނާފައިވާ އިލްތިޒާމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އެ ސާނަވީ އިލްތިޒާމުގެ ދަށުން އަދަދުކުރެވޭ މިންވަރަކީ ހައި-ލައިން އެންޓްރަޕްރައިސަޒަށް ލިބޭ މާލީ ގެއްލުމެއް ނުވަތަ އެހެންވެސް ވިޔަފާރީގެ ގެއްލުމެއް ފޫބެއްދުމުގެ މަގްސަދުގައި ހިމެނާފައިވާ އަދަދެއްކަން އެ ކުންފުންޏަށް ސާބިތުކޮށްދެވިފައި ނުވެއެވެ. މީގެ އިތުރުން، އެއްބަސްވުމުގެ ދަށުން ހިމަނާފައިމިވާ 'ފައިނޭންޝަލް ކޮސްޓް' ގެ ގޮތުގައި ހޯދުމަށް އެދިފައިވާ އަދަދަކީ ނުދައްކާވާ ކުލީގެ އަދަދަށްވުރެ ގާތްގަނޑަކަށް ދެގުނައާ ގާތްކުރާ އަދަދެކެވެ. އެހެންކަމުން، ކުލީގެ އެއްބަސްވުމުގައި ސާނަވީ އިލްތިޒާމެއްގެ ގޮތުގައި ހިމަނާފައިވާ 'ފައިނޭންޝަލް ކޮސްޓް' އަކީ ހައި-ލައިން އެންޓްރަޕްރައިސަޒްގެ ސައްހަ މަސްލަހަތުތަކެއް ހިމާޔަތްކުރުމަށް ހިމަނާފައިވާ އިލްތިޒާމެއްކަން އެނގެން ނެތުމުގެ އިތުރުން، އެއީ އަފާމީ މޯލްޑިވްސްއިން އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ ކުލި ދެއްކުމުގެ އަސާސީ އިލްތިޒާމާއި ޚިލާފުވުމުން އުފުލަންޖެހޭ ނުބައްދަލު ބުރައެއްކަމުގައި އަހުރެން ދެކެމެވެ.

އެހެންކަމުން، ކުލީގެ އެއްބަސްވުމުގައި ހިމަނާފައިވާ 'ފައިނޭންޝަލް ކޮސްޓް' އަކީ ޖަޒާއީ ޝަރުތެއް (penalty clause) ކަމުގައިވެފައި، އެއީ ގެއްލުމުގެ ބަދަލެއްކަމުގައި ބެލެވެން ނެތުމުން، ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50  ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން 'ފައިނޭންޝަލް ކޮސްޓް' ގެ ގޮތުގައި ހިމަނާފައިވާ ފައިސާއަކީ ނަގާދެވޭނެ ފައިސާއެއްކަމުގައި އަހުރެން ނުދެކެމެވެ.

ސިވިލް ކޯޓުން އެ ކޯޓުގެ ނަންބަރު 130/Cv-C/2018 ޤަޟިއްޔާ އިން އެއްބަސްވުމާއި ހަވާލާދީ ހައި-ލައިން އެންޓްރަޕްރައިސަޒް އަށް ނަގާދީފައިވަނީ ކުލީގެ މިންވަރެވެ. އެ ޤަޟިއްޔާގައި ގެއްލުމުގެ ބަދަލުގެ އެއްވެސް މިންވަރެއް ނަގާދީފައި ނުވެއެވެ. އެއީ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 މައްސަލައިން ކަނޑައެޅުނު އުސޫލު ތަތުބީގުކުރުމުން ނިކުންނަ ނަތީޖާވެސް މެއެވެ.

ނިންމަން ފެންނަ ގޮތް

އިސްވެ ބަޔާންކުރި ސަބަބުތަކަށްޓަކައި، އަހުރެންނަށް ފެންނަނީ ހައިކޯޓުގެ ނަންބަރު2019/HC-A/146 ޤަޟިއްޔާ އަދި ނަންބަރު 2019/HC-A/171 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 130/Cv-C/2018 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމް ދަމަހައްޓާށެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

އިންޑޯ މެނެޖްމަންޓް ގަވއިދު ބިނާވެފައިވާ އަސާސަކީ ކުންފުނީގެ އެތެރޭގެ ކަންކަން ހިންގުން އިންތިޒާމުވެފައިވަނީ ހަރުދަނާ ނިޒާމެއްގެ މައްޗަށް ރޭވިގެން ކަމަށް އިފްތިރާޟުކޮށްގެންނެވެ. މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ އެތެރޭގެ ހިންގުމުގެ ދޯދިޔާކަމުގެ ނަތީޖާއެއްގެ ގޮތުން، ކުންފުންޏާއެކު މުއާމަލާތްކުރާ ތިންވަނަ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކުން އެފަރާތް ހިމާޔަތް ކޮށްދިނުން ކަމަށްވީ ނަމަވެސް، އިންޑޯ މެނެޖްމަންޓް ގަވާއިދަކީ ފަރުވާތެރިކަމާއެކު ތަތުބީގުކުރަންޖެހޭ ގަވާއިދެކެވެ. ފަރުވާތެރިވާންޖެހޭ ސަބަބަކީ ކުންފުނީގެ ހިއްސާދާރަކު ނުވަތަ ޑައިރެކްޓަރަކު ނުވަތަ މުވައްޒަފަކު ނުވަތަ އެޖެންޓަކު އެ މަފްހޫމްގެ ނާޖާއިޒު ފައިދާ ނަގައި ކުންފުންޏަށް ގެއްލުންވާ ގޮތަށް ބޭނުންކޮށް މަކަރާ ހީލަތް ހެދުމުގެ ވަސީލަތަކަށް މި ގަވާއިދުވެގެން ހިނގައިދާނެތީއެވެ. ވީމާ އިންޑޯ މެނެޖްމަންޓް ގަވައިދު ތަތުބީގުކުރުމުގައި ކުންފުނީގެ ހިއްސާދާރުންގެ ހައްގުތަކާއި ތިންވަނަ ފަރާތްތަކުގެ ހައްގުތައް މީޒާންކޮށް ވަޒަންހަމަވާނޭ ގޮތަށް އިންޑޯ މެނެޖްމަންޓް ގަވާއިދު ތަތުބީގުކުރުމަށް ފަނޑިޔާރުން ސަމާލުކަން ދޭން ޖެހޭނެއެވެ.

އިންޑޯ މެނެޖްމަންޓް ގަވައިދު ތަތުބީގުކުރުމުގައި ކުންފުނީގެ ހައްގުތަކާއި ތިންވަނަ ފަރާތްތަކުގެ ހައްގުތައް މީޒާންކޮށް ވަޒަންހަމަކުރުމަށްޓަކައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރެވިދާނެއެވެ.

(ހ) ތިންވަނަ ފަރާތާއެކު މުއާމަލާތްކުރި މުވައްޒަފަކީ ނުވަތަ ހިއްސާދާރަކީ ނުވަތަ ޑައިރެކްޓަރަކީ ނުވަތަ އެޖެންޓަކީ ކުންފުނި ތަމްސީލުކޮށް މުއާމަލާތް ކުރުމުގެ ބާރު ލިބިގެންވާ ފަރާތެއް ކަމަށް ތިންވަނަ ފަރާތަށް ހެޔޮ ނިޔަތުގައި ގަބޫލުކުރެވިގެންތޯ؟ އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު ހެޔޮ ނިޔަތް އޮތް ކަމަށް އިފްތިރާޟުކުރެވޭނެއެވެ.

(ށ) ތިންވަނަ ފަރާތާއެކު މުއާމަލާތްކުރި މުވައްޒަފަށް ނުވަތަ ހިއްސާދާރަށް ނުވަތަ ޑައިރެކްޓަރަށް ނުވަތަ އެޖެންޓަށް، އެ މުއާމަލާތްކުރުމުގެ ބާރު ނެތްކަން ނުވަތަ ފުރިހަމަކުރަންޖެހޭ ޝަކުލިއްޔާތުތަކެއް ހުރެ އެކަން ކޮށްފައިނުވާކަން އެ ތިންވަނަ ފަރާތުގެ ސަމާލުކަމަށް އައިސްފައިވޭ ހެއްޔެވެ؟ އެފަދަ ކަންކަން ހުރިކަން ތިންވަނަ ފަރާތުގެ ސަމާލުކަމަށް އައިސްފައިވާނަމަ، ތިންވަނަ ފަރާތަށް ލިބޭ ހިމާޔަތް ކުޑަވާނެއެވެ.

ގަވާއިދުން ބާރު ލިބިގެންނޫން ގޮތަކަށް ކުންފުނީގެ ޑައިރެކްޓަރަކު ތިންވަނަ ފަރާތަކާ މުއާމަލާތްކުރުމަކީ އެ ޑައިރެކްޓަރެއްގެ ފައިޑިއުޝަރީ ވާޖިބާ ޚިލާފުވުން ކަމަށް ވާތީވެ، އެ މުއާމަލާތުގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ބާރު ކުންފުންޏަށް ލިބިގެންވެއެވެ. އެނޫން ފަރާތަކުން ކުންފުނީގެ ބާރާއި އިޚްތިޔާރު ނެތި ތިންވަނަ ފަރާތަކާ އެކު މުއާމަލާތެއް ކޮށްފިނަމަ، އެ މުއާމަލާތަކުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ބާރު ކުންފުންޏަށް ލިބިގެންވެއެވެ.

މަތީގައި މި ބަޔާންކުރި އުސޫލުތަކަށް ރިއާޔަތްކުރާއިރު ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 01 މާރޗް 2013 ގެ ތާރީޚުގައި ސޮއިކޮށްފައިވާ އެގްރީމަންޓުގައި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރުމުގެ ބާރު މުޙައްމަދު ފާރިޝް އަމީން އަށް އޮތް ކަމަށް ހެޔޮ ނިޔަތުގައި ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އިން ގަބޫލުކޮށްފައިވާ ކަން އިފްތިރާޟުކުރެވެއެވެ. އެހެނީ އެ އިފްތިރާޟު ނަފީކުރެވޭނޭ ފަދަ އެއްވެސް ކަމެއް މި މައްސަލައިގައި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ދެއްކިފައި ނުވެއެވެ. މިސާލަކަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސޮއިކުރި މުޙައްމަދު ފާރިޝް އަމީން އަށް އެ ކުންފުނީގެ ފަރާތުން އެ އެގްރީމަންޓުގައި ސޮއިކުރުމުގެ ބާރު ނެތްކަން ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްއަށް އެނގޭކަމަށް ދައްކައިދެވުނު ނަމަ، ނުވަތަ 01 މާރޗް 2013 ގެ އެގްރީމަންޓުގައި ސޮއިކުރީ މުޙައްމަދު ފާރިޝް އަމީންއާއި ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްއިން ގުޅިގެން ކުންފުންޏަށް އޮޅުވައިލުމަށް ކަމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ކޯޓުގައި ދައްކައި ދެވުނު ނަމަ، މި މައްސަލައިގައި އަހުރެންގެ ރައުޔު ތަފާތުވީހެވެ.

މަތީގައި މި ފާހަގަކުރި ސަބަބުތައް އެހެން ހުރުމުން، މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/146 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2019/HC-A/171 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 130/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު ޙުސްނުއްސުޢޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ