ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސާމް އަދި އިތުރު 2 ފަރާތެއް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ސާމް އަދި އިތުރު 2 ފަރާތެއް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
ތަޢާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/19 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލް (މީގެ ފަހުން "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލް" ކަމަށް ބުނެފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ތިން ފަރާތަކަށެވެ. އެއީ އިބްރާހީމް ސާމް އާއި، މުޙައްމަދު ޒަޔާން އާއި، ސ. ހިތަދޫ، ދިލްޝާދުގެ، ޢަލީ ޔާމީން (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް" ކަމަށް ބުނެފައިވާ) ފަރާތްތަކެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
އިސްތިއުނާފު ރައްދުވާ ތިން މީހުންނާއެކު އިތުރު ދެ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ދައުލަތުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ.
މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހަޅުމެއްގެ ގޮތުގައި ދެ ހުށަހެޅުމެއް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ހުށަހެޅުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ހެކި ހާމަކުރުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ. މި ހުށަހެޅުމާ ގުޅިގެން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމުގައި ދައުލަތުގެ ބައެއް ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑު ހާމަކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
ދެވަނަ ހުށަހެޅުމަކީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭގޮތުން ތަޙުޤީޤެއް ހިންގާފައި ނުވާކަމަށް ބުނެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން މި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ. މި ހުށަހެޅުން ބަލައިނުގަތުމަށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވެއެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ، އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ފުރަތަމަ ހުށަހެޅުމާމެދު ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމެވެ.
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމިގޮތް
އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ހުށަހެޅުން ބަލައި އެކޯޓުން ނިންމި ނިންމުން ބިނާވެފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
ހެއްކާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާ އާއި 48 ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ހެކިންގެ ކިބައިގައި ފުރިހަމަވާކަން އެނގޭނީ ހެކިންގެ ކުށުގެ ރެކޯޑު އެނގިގެން ކަމާއި، އެ ޤާނޫނުގެ 110 ވަނަ މާއްދާގައި ބުނާ ގޮތަށް ހެކިންގެ ޢަދުލުވެރިކަމާމެދު ސުވާލު އުފެއްދޭނީވެސް ކުށުގެ ރެކޯޑު އެނގިގެންކަމަށް ވާތީ، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑު، އިސްތިއުނާފު ކުރާ ފަރާތްތަކުން އެދޭނަމަ އެފަރާތްތަކަށް ހާމަކޮށްދޭން ޖެހޭނެކަން.
ޝަރީޢަތް ކުރުމުގެ ކުރިން ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އެ ފަރާތާ އެއްކޮޅު އެންމެހައި ހެކި ދައުލަތުން ހާމަކުރަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކަމާއި، އެ މާއްދާގައި އެ ހެކި ހާމަކުރަންވީ ލިސްޓުކޮށްގެން ކަމެއް ނުވަތަ ނޫންކަމެއް ބަޔާންކޮށްފައި ނުވިނަމަވެސް، އެ މާއްދާއިން އެނގެން އޮތް އެއްޗަކީ، ދަޢުވާ ލިބޭ ފަރާތާ އެއްކޮޅު ހެކިތައް ހޯދުމަށް ލިޔުމުން އެދިއްޖެނަމަ އެ ހެކިތަކަކީ ކޮބައިކަން ދައުލަތުގެ ފަރާތުން ހާމަކުރަންޖެހޭކަން ކަމުގައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކާ އެއްކޮޅު ހެކިތައް ދައުލަތުން ހާމަކުރަންވާނެކަން؛
ހައިކޯޓުން މައްސަލަ ނިންމިގޮތް
ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު2023/HC-B12/19 ގަޟިއްޔާއިންނެވެ. ހައިކޯޓުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ. ހައިކޯޓުގެ ނިންމުން ބިނާވެފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ގަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި، ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް ވަނުމަކީ މަދު ޙާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓަކުން ކުރާނެކަމެއް ނޫންކަމަށް ބުނެފައިވާއިރު، ދައުލަތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ބަހުސް ބިނާކުރާ އަސާސަކީ ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކޮށްފައިވާގޮތް ނުރަނގަޅުވުން ކަމަށްވާނަމަ، ޙަވާލާދެވުނު ގަޟިއްޔާގެ 15 ވަނަ ޕެރެގްރާފު ގައި ކަނޑައަޅާފައިވާ 4 ޙާލަތުގެ ތެރެއިން އެ މައްސަލަ ފެތެނީ ކޮން ޙާލަތަކަށްކަން އިސްތިއުނާފީ ބަހުސުން އެކަށީގެންވާ ގޮތެއްގައި އެނގެންވާނެކަން؛
މައްސަލައެއް ޝަރީޢަތުގެ ނިޒާމުގެ ތެރެއިން ތިން މަރުޙަލާއިން ބެލުމުގެ މާނައަކީ ދަށު ކޯޓަށް ހުށަހެޅޭ ދަޢުވާއެއް އެ އޮތްގޮތަށް އެ މައްސަލަ އަލުން ތިން ފަހަރު ބެލުން ނޫންކަމާއި، މައްސަލައެއް ކާމިޔާބު ނުކުރެވުމުގެ ސަބަބުން ހަމައެކަނި ފަނޑިޔާރުން މައްސަލަ ބަލަންވާ ވަރަށް ނުބަލާކަމަށް ތުހުމަތު ކުރެވުމަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރުމަށް އޮތް ހަރުދަނާ ސަބަބެއް ނޫންކަން؛
ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ފަނޑިޔާރު ރިޢާޔަތް ކޮށްފައި ނުވަނީ ޤަނޫނީ ކޮން ނުކުތާއަކާ ގުޅިގެން ކޮން ހެއްކަކަށް ކަން ބުނެ ދިނުމަކީ އެހެން ބުނާ ފަރާތެއްގެ ޒިންމާއެއްކަން؛
ދަޢުވާލިބޭ ފަރާތުން އެދިއްޖެނަމަ ދަޢުވާ ލިބޭ ފަރާތާ އެއްކޮޅަށް ހުރި ހެކިތައްވެސް ދައުލަތުން ހާމަކުރަންޖެހޭނެ ކަމާއި، މިއީ ދިފާޢު ތައްޔާރުކުރުމުގައި މުހިއްމު މަޢުލޫމާތެއް ކަމަށް ވާނަމަ އެ ހާމަކުރުމަށް ޤާނޫނު ހުއްދަކުރާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ނައްޞުން ސާފުވާ ކަމާއި، އެ މާއްދާގެ (ރ) ގައި ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އެ ފަރާތުގެ ކުށުގެ ރެކޯޑު ދައުލަތުން ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ލަފުޒީ ގޮތުން ބަލާއިރު "އެ ފަރާތް" ކަމަށް ބަޔާންކޮށްފައިވަނީ ދަޢުވާލިބޭ ފަރާތްކަމުގައި ބެލެވެނު ނަމަވެސް، އެ މާއްދާގެ (ބ) އަދި (ކ) އަށް ބެލުމުން، މައްސަލައިގައި ހުށަހެޅިފައިވާ ހެކިންގެ ކުށުގެ ރެކޯޑު ހާމަކުރުންވެސް ހިމެނޭ ކަމުގައި ބުރަވެވޭކަން؛
ހެއްކާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާއާއި އަދި 110 ވަނަ މާއްދާއާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ އެކުގައި ކިޔާލުމުން ހެކިވެރިންގެ ހައްޔަރާއި އަދި ކުށުގެ ރެކޯޑު ފަދަ މަޢުލޫމާތަކީ ދަޢުވާލިބޭ ފަރާތުން އެދެފިނަމަ އެފަރާތަށް ދޫކުރެވިދާނެ މަޢުލޫމާތުކަން އެނގޭކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާއާއި އެ ނުކުތާއަށް ދީފައިވާ ރައްދުހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ފެންނަ ނުކުތާއެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފީ އެއް ނުކުތާ ހުށަހަޅާފައިވެއެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މިނުކުތާ އިތުރަށް ތަފުސީލު ކޮށްދެމުން ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ކުރި ތަޙުޤީޤުގެ އެއްވެސް ހިސާބަކުން ހެކިންގެ ޢަދުލުވެރިކަމާމެދު ސުވާލު އުފެދި، ނުވަތަ ހެކިންގެ ފަތިފުށް މައްސަލައާ ގުޅިގެން ބަލާފައިނުވާތީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގައި ބަޔާންކުރާފަދަ މަޢުލޫމާތެއް ނޫންކަން؛
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް އެނގޭ މަޢުލޫމާތަކީ ތަޙްޤީޤުކުރާ އިދާރާތަކުން ތަޙްޤީޤުކުރާ ހުރިހާ މައްސަލަތަކާއި އެ މައްސަލަތަކާ ގުޅޭ އެންމެހައި މަޢުލޫމާތު ކަމަށް މާނަކުރުން ވެގެންދާނީ ހަމަނުޖެހޭ މާނަކުރުމަކަށްކަން؛
ދަޢުވާލިބޭ ފަރާތުން އެދިއްޖެނަމަ، ދައުލަތުން ހުށަހަޅާ ހެކިންނާ ގުޅިގެން ހާމަކުރުން ލާޒިމު ހެކިންނާގުޅޭ މަޢުލޫމާތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކަމާއި، އެއީ ހެކިންގެ ނަމާއި އެޑްރެސް ކަމާއި، ހެކިންގެ ހައްޔަރާއި ކުށުގެ ރެކޯޑު ހާމަކުރަންޖެހޭނެ ކަމަކަށް އެ އަކުރުގައި ނުވަތަ އެނޫންވެސް އަކުރެއްގައި ބަޔާންކޮށްފައި ނެތްކަން؛
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ގެ (ރ) ގައި "ދަޢުވާލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އެފަރާތުގެ ކުށުގެ ރެކޯޑު ދައުލަތުން ދޭންވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، މިތާގައި އެފަރާތް އޮތް މާނައިގެ ތެރޭގައި ހެކިންވެސް ހިމެނޭނެކަމަށް މާނަކޮށްފައިވާއިރު މިއީ ޤާނޫނުގައި ސާފުކޮށް ލިޔެފައި އޮތް ޢިބާރާތާ ޚިލާފު މާނަކުރުމެއް ކަމުގައި ދެކޭކަން؛
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ބ) އާއި (ކ) އާއި، ހެއްކާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާއާއި 110 ވަނަ މާއްދާ އެކުގައި ކީ ނަމަވެސް ދައުލަތުގެ ހެކީންގެ ހައްޔަރު ރެކޯޑާއި ކުށުގެ ރެކޯޑު ހާމަކުރަންޖެހޭނެ ކަމަށް ނުދެކޭ ކަމާއި، ސަބަބަކީ އެ މަޢުލޫމާތު ތަކަކީ މި މައްސަލައިގެ ތަޙުޤީޤު ހޯދުންތަކެއް ކަމުގައި ނުވާތީކަން؛
މިކަންކަމަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ހެއްކާބެހޭ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި އެނޫން ފަރާތްތަކަކީ ހެކިބަސްދިނުމުގައި ޢަދުލުވެރި ފަރާތްތަކެއް ކަމުގައި އެ މާއްދާގެ (ހ) ގައި ބަޔާންވެފައިވާކަމާއި، މައްސަލައިގައި ހިމެނޭ ޚަޞްމެއްގެ ފަރާތުން ކޯޓަށް ހުށަހަޅައިފި ނަމަ ހެކިބަސްދޭ ފަރާތުގެ ޢަދުލުވެރިކަމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމުގައި ހެއްކާބެހޭ ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، ދައުލަތުން ހުށަހަޅާފައިވާ ހެއްކަކީ ބަރޯސާވެވޭނެ ހެކިކަން ކޯޓުން ކަނޑައަޅަންޖެހޭކަން؛
މައްސަލައެއް ތަޙުޤީޤު ކުރުމުގެ ބޭނުމަކީ މައްސަލައިގެ ޙަޤީޤަތް ހޯދުން ކަމާއި، ޙަޤީޤަތް ހޯދުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ގޮސް ހެކިބަސްދޭ މީހުންނަކީ ހަޤީޤަތުގައިވެސް އެމީހުންގެ ބަހަށް ރިޢާޔަތްކުރެވިދާނެ އިތުބާރުހުރި ތެދުވެރި މީހުންތޯ ތަޙުޤީޤުގެ ތެރެއިން ބެލިފައި އޮންނަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ޤަބޫލުކުރެވޭކަން؛
ހެއްކާބެހޭ ޤާނޫނުގެ 129 ވަނަ މާއްދާގެ (ކ) ގައި ޝަރީޢަތް ފެށުމުގެ ކުރިން ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެ ނަމަ އެފަރާތާ އެއްކޮޅު އެންމެހާ ހެކި ދައުލަތުން ހާމަކުރައްވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ދަށު ކޯޓާއި ހައިކޯޓުގައިވެސް ވަކާލާތު ކޮށްފައިވާނީ ދައުލަތުގެ ދަޢުވާ ބަލިކަށިވާނެ ފަދަ މަޢުލޫމާތު ހޯދުމަށް ކަމާއި، ހެކިންގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދޭ މަޢުލޫމާތަކީ އެއީ ދައުލަތުގެ ދަޢުވާ ބަލިކަށިވާނެ މަޢުލޫމާތުކަމަށް ޤަބޫލުކުރާކަން.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމަކީ ކޮބައިކަންމި މައްސަލައިގައި ދައުލަތުން ސުވާލު އުފައްދާފައިވަނީ، ދައުލަތުން ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑު ހާމަކުރުމަށް، ދައުލަތުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދަށުކޯޓަށް ހުށަހަޅުމުން، އެ ރެކޯޑުތައް ހާމަ ކުރުމަށް ދައުލަތުގެ މައްޗަށް ދަށުކޯޓުން ކޮށްފައިވާ އަމުރާ މެދުގައެވެ. ހައިކޯޓުން ވަނީ އެ ނިންމުމަށް ތާއީދު ކޮށްފައެވެ. މިގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭ މައިގަނޑު ކަމަކީ ޝަރީޢަތުގެ ކުރީގެ މަރްޙަލާގައި ދަޢުވާލިބޭ ފަރާތުން އެދެފިނަމަ ދައުލަތުގެ ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑު ހާމަކުރުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއްތޯ ނުވަތަ ނޫންތޯއެވެ.
ގުޅުންހުރި ޤާނޫނީ މާއްދާތައްޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވަނީ؛
"ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އެ ފަރާތުގެ ކުށުގެ ރެކޯޑު ދައުލަތުން ދޭންވާނެއެވެ." މިހެންނެވެ.
ހެއްކާބެހޭ ޤާނޫނުގެ 47 ގެ (ހ) ގައި ހެކިބަސްދޭ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކުރަމުން އެ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންވެގެންވަނީ؛
"ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަވާ މީހަކު ކަމުގައިވުން؛" މިހެންނެވެ.
ހެއްކާބެހޭ ޤާނޫނުގެ 48 ގައި ހެކިބަސްދިނުމުގެ ޢަދުލުވެރިކަން ހުރުން ބަޔާންކުރަމުން އެމާއްދާގައި ބަޔާންވެގެންވަނީ؛
"(ހ) ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި، އެނޫން ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ބަލަންވާނެއެވެ.
(ށ) ހެކިބަސް ދޭ ފަރާތުގެ ތެދުވެރިކަމާއި އިންޞާފުވެރިކަމާމެދު ސުވާލު އުފެދޭ ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ގެއްލިފައިވާ ފަރާތްތަކެއް ކަމުގައި ބެލޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތަކީ، އެފަރާތެއްގެ ތެދުވެރިކަމާއި އިންޞާފުވެރިކަމާމެދު ސުވާލު އުފެދިފައިވާ ފަރާތެއް ކަމުގައި ބެލޭނެއެވެ.
(1) ޤަޛްފުގެ ކުށް؛
(2) ދޮގުހެކި ދިނުމުގެ ކުށް؛
(3) ވައްކަން، ޓެކުން، ޚިޔާނާތް އަދި ފޭރުމުގެ ކުށްތައް؛
(4) އޮޅުވާލުމާއި މަކަރާއި ޙީލަތް ހެދުމުގެ ކުށްތައް؛
(5) ކޮރަޕްޝަންގެ ކުށްތައް؛
(6) އެނޫންވެސް އޮޅުވާލުމުގެ ޢަމަލުތަކުގެ މައްޗަށް އެކުލެވޭ ކުށްތައް." މިހެންނެވެ.
ހެއްކާބެހޭ ޤާނޫނުގެ 129 ގައި ބަޔާންވެގެންވަނީ އަންނަނިވި ޢިބާރާތެވެ.
" (ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، ހެކިބަސް ދޭ މީހާގެ ކިބައިގައި ހުރިކަން ސާބިތުކޮށްދިނުމަށްޓަކައި، ހުށަހެޅޭ ހެކީގެ މައްޗަށް އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލެއް ނުހިނގާނެއެވެ.
އޭނާ ވަކި ފަރާތަކަށް ޖެހިފައިވާކަން ނުވަތަ އޭނާ ވަކި ގޮތަކަށް ވާހަކަދެއްކުމުގައި ތެދުނޫން މަޢުލޫމާތު ދިނުމުގެ ނިޔަތް ނުވަތަ މަޤްޞަދު އޭނާގެ ކިބައިގައި އޮތްކަން؛
އޭނާ ދިން ހެކިބަހުގައި ބަޔާންކޮށްފައިވާ ކަންކަން އޭނާއަށް އެނގިފައި އޮތުން ލާއިޤުނޫންކަން؛
އެހެން ފަހަރެއްގައި އެހެންގޮތަކަށް ހަމަ އެ ވާހަކަ ދައްކާފައިވާކަން؛
މައްސަލައާ ގުޅުންހުރި ބާވަތެއްގެ ކުށެއް ސާބިތުވެފައިވާކަން؛
ތެދު ޙަޤީޤަތް ބަޔާންކުރަންޖެހޭ ލާޒިމު ދަނޑިވަޅެއްގައި އެނގިހުރެ ޤަޞްދުގައި ނުވަތަ ފަރުވާކުޑަކަމާއެކު ތެދުނޫން މަޢުލޫމާތު ދީފައިވާކަން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ހެއްކެއް ކޯޓަށް ހުށަހެޅޭނީ، އެ ހެކިބަސް ދިން މީހާއާ ވަކިން، އެހެން މަސްދަރުތަކުގެ މައްޗަށް ބިނާކޮށް ހޯދާ ހެއްކަކަށް އެ ހެކި ވުމާއެކު، އެ ތުހުމަތުތަކުގެ އަސްލަށް ހެކިބަސް ދޭ މީހާ އިންކާރުކުރާ ކަމުގައިވާނަމަ އެކަންޏެވެ."
ތުހުމަތު ކުރެވޭ ފަރާތާއި އެއްކޮޅުހެކި ހާމަކުރުމުގައި ދައުލަތުގެ ޒިންމާޖިނާއީ ދަޢުވާގެ އެއްފަރާތުގައި ހުންނަނީ ދަޢުވާކުރާ ފަރާތުގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ތަމްސީލު ކުރާނީ ހުރިހާ ރައްޔިތުންނެވެ. މުޅި މުޖުތަމަޢެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ ކުރާނީ ހުރިހާ ރައްޔިތުންގެ ނަމުގައި މުޅި މުޖުތަމަޢުގެ ފަރާތުންނެވެ. ޖިނާއީ ދަޢުވާގެ އަނެއްފަރާތުގައި ހުންނާނީ ދަޢުވާލިބޭ ފަރާތުގެ ހައިސިއްޔަތުން ތުހުމަތު ކުރެވޭ ފަރާތެވެ. ކުށް ސާބިތުވަންދެން ތުހުމަތު ކުރެވޭ މީހާއަކީ މަޢުޞޫމް މީހަކަށްވާތީ އޭނާގެ މަޢުޞޫމިއްޔަތުކަން ދެމެހެއްޓުމަށްޓައި ތުހުމަތުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. މިގޮތުން ތުހުމަތުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ދައުލަތުގެ ފަރާތުން އޭނާއަށް ލިބެންޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މަސައްކަތް ކުރާނީ މުޖުތަމަޢުގެ ހައްޤު ހިމާޔަތް ކުރުމަށެވެ. މުޖުތަމަޢުގެ ޙައްޤަކީ ކުށްކުރި މީހާއަށް ދޭންޖެހޭ އަދަބުދީ އޭނާ އިސްލާހުކޮށް މުޖުތަމަޢަށް އަހުލުވެރިކޮށް އޭނާ މުޖުތަމަޢަށް އަނބުރާ ގެނައުމެވެ. ސަބަބަކީ ތުހުމަތު ކުރެވޭ މީހާއަކީ މުޖުތަމަޢުގެ މެމްބަރަކަށްވުމެވެ. އޭނާވާނީ ކޮންމެވެސް މީހެއް ދަރިއަކަށް ނުވަތަ މީހެއްގެ ބައްޕައަކަށް ނުވަތަ ކޮންމެވެސް އާއިލާއެއްގެ މެމްބަރަކަށެވެ. ކޮންމެވެސް ސިފައެއްގައި ކޮންމެވެސް މަސްއޫލިޔަތުތަކެއް މުޖުތަމަޢުގައި އުފުލާ މީހަކަށެވެ. އޭނާ އިސްލާހުވެގެން މުޖުމަޢަށް އަހުލުވެރިވެގެން މުޖުތަމަޢަށް އެނބުރި އައިސް އޭނާގެ އާއިލީ ޒިންމާތައް އުފުލަން ފެށުމުން މުޖުތަމަޢަށް އިޖުތިމާޢީ ގޮތުން ފައިދާ ކުރާނެއެވެ. އޭނާ ކުރަމުންދިޔަ އިޤްތިޞާދީ މަސައްކަތަށް ރުޖޫޢަވުމުން މުޖުމަތަޢަށް އިޤްތިސާދީ ގޮތުން ފައިދާ ކުރާނެއެވެ. ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން ކުށްވެރިން އިސްލާހުކޮށް އެމީހުން މުޖުތަމަޢަށް އަހުލުވެރިކޮށް މުޖުތަމަޢަށް އަނބުރާ ގެނައުމަށް ދައުލަތުން ބޮޑެތި މަސައްކަތްތަކެއް ކުރަނީ މިސަބަބާހެދިއެވެ.
މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއަކީ މުޖުތަމަޢުގެ ނަމުގައި ދައުވާކޮށް ޖިނާއީ ޝަރީޢަތުގައި މުޖުތަމަޢުގެ ކޮޅަށް ވަކާލާތު ކުރުން އެކަންޏެއް ނޫނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ގިނަގުނަ ޒިންމާތަކެއް ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އޭގެތެރޭގައި ޝަރީޢަތުގެ ކުރިން ތަހްގީގު މަރުޙަލާގައި ބަންދުގައި ތިބޭ މީހުންގެ ޙައްޤުތައް ކަށަވަރު ކުރުމަކީ ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެކެވެ. ޝަރީޢަތް ހިނގަމުންދާއިރު ވެސް މި ޒިންމާއިން ޕްރޮސިކިއުޓަރ ޖެނެރަލް މުޅިން ބަރީއަނުވެއެވެ. ޝަރީޢަތުގެ ތެރެއިންވެސް ތުހުމަތު ކުރެވޭމީހާގެ ޙައްޤަކަށް އުނިކަމެއް އަންނަކަމެއް މެދުވެރިވެއްޖެ ނަމަ ޝަރީޢަތުގެ ސަމާލުކަމަށް އެކަމެއް ގެންނަންޖެހޭނެއެވެ.
ތުހުމަތު ކުރެވޭ މީހާ ތުހުމަތުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް އޭނާއަށް ލިބެންޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވާއިރު، އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ ދަޢުވާގެ ލިޔުންތައް އޭނާއަށް ލިބުމެވެ. އޭނާއާއި ދެކޮޅަށް ދައުލަތުން ކޯޓަށް ހުށަހަޅާ އެންމެހާ ލިޔުންތައް ލިބުމެވެ. އޭނާއާއި އެއްކޮޅަށް ހުންނަ ލިޔުންތައް ވެސް ދައުލަތުން އޭނާއަށް ދޭންޖެހޭނެއެވެ. ޝަރީޢަތް ފެށުމުގެ ކުރިން ދަޢުވާ ލިބޭ ފަރާތުން، ލިޔުމުން އެދިއްޖެނަމަ، އެ ފަރާތާ އެއްކޮޅު އެންމެހައި ހެކި ދައުލަތުން ހާމަކުރަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ކ) ގައި ބަޔާންވެގެންވެއެވެ.
ތުހުމަތު ކުރެވޭ މީހާއާ އެއްކޮޅު ހެކިތައް އޭނާއަށް ދައުލަތުން ފޯރުކޮށްދީގެން އޭނާގެ ކޮޅު ގަދަވުމަކީ ދައުލަތަށް ލިބޭ ނާކާމިޔާބެއް ނޫނެވެ. އެޙާލަތުގައި ވެސް ދައުލަތުން އެ އަދާކުރީ ދައުލަތުގެ ވާޖިބެވެ. އެއީ ދައުލަތަށް ވެސް ލިބުނު ކާމިޔާބެއް ކަމަށް ބެލެވޭނެއެވެ.
ތުހުމަތު ކުރެވޭ ފަރާތްތަކާއި އެއްކޮޅަށް ހުންނަ ހެކިތަކަކީ ކޮބައިކަން ދެނެގަންނަން ގެންގުޅޭ މިންގަނޑަކީ، އެ ހެއްކަކީ ދައުލަތުގެ ހެއްކަކަށް ދެވޭ ބުރަދަނަށް ލުއި ކަމެއް ގެނުވާފާނެ، އަދި ތުހުމަތުކުރެވޭ ފަރާތުގެ ކޮޅަށް ބުރަދަނެއް ލިބިދާނެ ކޮންމެ ހެއްކެއް ކަމުގައި ޔޫކޭގެ އެޓަރނީ ޖެނެރަލްސް ގައިޑްލައިންސް އޮން ޑިސްކްލޯޝަރ ގައި ބަޔާންވެފައިވެއެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަން މިޖެހެނީ ތުހުމަތު ކުރެވޭ މީހުންނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑް ތުހުމަތުކުރެވޭ ފަރާތްތަކަށް ދިނުމާއި ގުޅޭގޮތުންނެވެ. ދައުލަތުގެ ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑްތަކަކީ ދައުލަތުގެ ހެއްކަކަށް ބަލިކަށި ކަމެއް ގެނުވާފާނެ އަދި ތުހުމަތުކުރެވޭ ފަރާތުގެ ކޮޅަށް ބުރަދަނެއް ލިބިދާނެ ހެކިތަކެކެވެ. މި ހެކިތައް ތުހުމަތު ކުރެވޭ ފަރާތްތަކަށް ދޫކުރުމަށް ދައުލަތުން ދެކޮޅު ނުހަދާ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. ދައުލަތުން ސުވާލު އުފައްދަނީ އެ ހުރިހާ އެއްޗެއް ދިނުމާމެދުގައެވެ. ދޫކުރަންޖެހޭ މިންވަރާމެދުގައެވެ.
މި މައްސަލައަށް ޤާނޫނު ތަޠުބީގުކުރުންޖިނާއީ މައްސަލައެއްގައި ހުށަހެޅިފައިވާ ހެކިންގެ ޢަދުލުވެރިކަމާއި ހެކިންގެ ބަހުގެ މައްޗަށް ކުރެވޭ އިތުބާރުގެ މިންވަރާއި، ހެކިންގެ ނުރަނގަޅު ނިޔަތެއް އޮތްކަން ސާބިތުކޮށްދޭ ހެކީގެ ގޮތުގައި ކުށުގެ ރެކޯޑުގެ ވާހަކަ ހެއްކާބެހޭ ޤާނޫނުގެ ދެތަނެއްގައި ބަޔާންވެގެންވެއެވެ. އެއީ އެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) އާއި އެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރު ގައެވެ. ހައްޔަރު ރެކޯޑުގެ ވާހަކަ އެއްވެސް ތަނެއްގައި ބަޔާންވެފައި ނުވެއެވެ.
ހެއްކާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ހެކިންގެ ޝަރުޠުތައް ބަޔާން ކުރަމުން އެމާއްދާގެ 3 ވަނަ ނަންބަރުގައި، ހެކިވެރިޔާއަކީ ހެކިބަސްދިނުމުގެ ޢަދުލުވެރިކަން ފުރިހަމަވާ މީހަކު ކަމުގައިވާންޖެހޭނެ ކަމަށް ބަޔާންވެގެންވެއެވެ. ހެކިބަސް ދޭ ފަރާތުގެ ތެދުވެރިކަމާއި އިންޞާފުވެރިކަމާމެދު ސުވާލު އުފެދޭ ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ގެއްލިފައިވާ ފަރާތްތަކެއް ކަމުގައި ބެލޭނެކަމަށް އެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވެއެވެ. އެ މާއްދާގެ (ނ) ގައި 6 ބާވަތެއްގެ ކުށް ބަޔާންކޮށް، އެ ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތަކީ، އެފަރާތެއްގެ ތެދުވެރިކަމާއި އިންޞާފުވެރިކަމާމެދު ސުވާލު އުފެދިފައިވާ ފަރާތެއް ކަމުގައި ބެލޭނެ ކަމަށް އެ އަކުރުގައި ބަޔާންވެގެންވެއެވެ.
ދެން ކުށުގެ ރެކޯޑުގެ ވާހަކަ އޮތީ އެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރު ގައެވެ. ނުރަނގަޅު ނިޔަތެއް އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކިބަސް ދޭ މީހާގެ ކިބައިގައި ހުރިކަން ސާބިތު ކޮށްދެވިދާނެ އިސްތިސްނާ ޙާލަތްތަކެއް ބަޔާންކުރަމުން، އެ އަކުރުގެ 4 ވަނަ ނަންބަރުގައި "މައްސަލައާ ގުޅުންހުރި ބާވަތެއްގެ ކުށެއް ސާބިތުވެފައިވާކަން" މިހެން ބަޔާންވެގެންވެއެވެ. މިއީ ހެއްކަށް ޠަޢުނު ކުރުމަށް ކުށުގެ ރެކޯޑު ބޭނުން ކުރެވޭނެ ދެވަނަ ޙާލަތެވެ.
ހެކިންގެ ޢަދުލުވެރިކަމާއި ހެކިންގެ ނުރަނގަޅު ނިޔަތެއް އޮތްކަން ސާބިތުކޮށްދޭ ހެކީގެ ގޮތުގައި ކުށުގެ ރެކޯޑުގެ ބޭނުން ކުރެވެން އޮތީ ހެއްކާބެހޭ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) އާއި އެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަމްބަރު ގައި ބަޔާންވެގެންވާ މިންވަރަށް ކަމަށް އަހުރެންނަށް ބުރަވެވެއެވެ. ސަބަބަކީ ކުށުގެ ރެކޯޑް އެއަށްވުރެ އިތުރަށް ހާމަކުރި ނަމަވެސް އަދި ހެކިންގެ ހައްޔަރު ރެކޯޑު ހާމަކުރި ނަމަވެސް، އެތަކެތި ހުށަހަޅައިގެން ދައުލަތުގެ ހެއްކަކަށް ބަލިކަށި ކަމެއް ނުގެނެވޭނެތީއެވެ. އަދި ތުހުމަތުކުރެވޭ ފަރާތުގެ ކޮޅަށް ބުރަދަނެއް ވެސް ނުލިބޭނެތީއެވެ.
ހެކިބަސްދޭ މީހާއަށް ކުރެވޭ އިތުބާރު ވަރުގަދަ ކުރުމަށް ނުވަތަ އެ އިތުބާރު ނަފީކުރުމަށް ޢާންމު އުޞޫލެއްގެ ގޮތުން އޮންނަނީ ހެކި ހުށަނޭޅޭ ގޮތަށެވެ. އެކަން ހެއްކާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެބައޮތެވެ. އެ އަކުރުގައި ބަޔާންވެގެންވަނީ "އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލުގެ ދަށުން ހުށަހަޅާ ހެއްކަކީ، މި ޤާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އޭގެ ޒާތުގައި، ކޯޓަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ." މިފަދައިންނެވެ. ޤާނޫނުގެ އެހެން ދެ ތަނެއްގައި އެހެން ގޮތަކަށް ކަނޑައަޅައި އިސްތިސްނާ ޙާލަތްތަކެއް ބަޔާން ކޮށްފައިވެއެވެ. މިގޮތުން އެ އިސްތިސްނާ ޙާލަތްތަކަށް ފެތޭ ހެކި ނޫނީ ކޯޓަށް ބަލައި ނުގަނެވޭނެކަން އެނގެއެވެ.
ކޯޓަށް ބަލައި ނުގަނެވޭނެ އެއްޗެއް ދޫކުރުމުގެ ބޭނުމެއް ނެތެވެ. އަދި އެ ދޫކޮށްގެން ބޭނުމެއް ނެތް ގޮތުގައި ވާހަކަތަކެއް ޝަރީޢަތުގައި ދެކެވިގެން ހެކިން ހެކިބަސް ދޭން ޖެހިލުންވާތަން އަތުވެދާނެ ކަމަށް ދައުލަތުން ޝަރީޢަތުގައި ބުނެފައިވެއެވެ. އެ ޙާލަތުގައި މުޖުތަމަޢުގެ ޙައްޤަށް އުނިކަން އަންނާނެއެވެ. ޤާނޫނުގައި އުސޫލުތައް ކަނޑައެޅިފައި ހުންނަން ޖެހޭނީ، އަދި ހުންނާނެ ކަމަށް ބަލަންވާނީ މުޖުތަމަޢުގެ ޙައްޤާއި ތުހުމަތު ކުރެވޭ މީހުންގެ ޙައްޤު ތަވާޒުނުކޮށް އެއްހަމަވާގޮތަށެވެ. އަދި ޝަރީޢަތުގެ ތެރެއިން ވެސް ޢަމަލު ކުރެވެން ވާނީ މި ދެޙައްޤު ތަވާޒުނުކޮށް އެއްހަމަވާ ގޮތަށެވެ.
ހެކިބަސްދެވޭ މީހާއަށް ކުރެވޭ އިތުބާރު ވަރުގަދަ ކުރުމަށް ނުވަތަ އެ އިތުބާރު ނަފީކުރުމަށް ޤާނޫނުގައި ބަޔާންވެގެންވާ އިސްތިސްނާ ޙާލަތްތަކެއްގައި ނޫނީ ހެކި ހުށަނޭޅޭ ގޮތަށް ހެއްކާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގައި ބަޔާންވެގެންވަނީ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ. އެއީ އެއްވެސް ހިފެހެއްޓުމެއް ނެތި އެކަން ހުޅުވާލެވިފައި އޮވެއްޖެނަމަ، ހެކިވެރިޔާގެ ކިބައިން ސާފުކުރަން ބޭނުންވި ޙަޤީޤަތްތަކުގެ ބޭރުން އެހެން ކަންތައްތަކެއް ސާބިތުކުރުމަށް ދެފަރާތުގެ ގިނަ ވަގުތު ހޭދަވެގެންގޮސް، ސާބިތުކުރަން ޖެހޭ ހަޤީޤަތްތަކަށް ހިޔަނިއެޅި، މިސްރާބުގެއްލި އިންސާފު ޤާއިމު ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ހިގައިދާނެތީއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތްއިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ދައުލަތުގެ ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދިނުމަށް ދައުލަތަށް އަންގައި، ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށް ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުވާތީ، މި މައްސަލައިގައި ދައުލަތުގެ ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑް ދޫކުރުމާ ގުޅޭގޮތުން ދަށު ކޯޓާއި ހައިކޯޓުން ނިންނި ނިންމުން ބާޠިލު ކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.
އަދި ހެއްކާބެހޭ ޤާނޫނުގެ 48 ގެ (ނ) އާއި، އެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންވެގެންވާ މިންވަރަށް ދައުލަތުގެ ހެކިންގެ ކުށުގެ ރެކޯޑު އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ހާމަ ކުރުމަށް ދައުލަތަށް އަންގަންޖެހޭ ކަމަށް ވެސް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އުފައްދާފައިވާ ސުވާލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާއާ ހަވާލާދީ ދައުލަތުގެ ސިއްރު ނޫން ހެކިންގެ ކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑު ދައުވާލިބޭ ފަރާތްތަކަށް ހާމަކުރުމަށް ކޯޓަށް އެންގިދާނެތޯ ނުވަތަ ނޫންތޯއެވެ.
ދައުލަތަށް އޮންނަ ހެކި ހާމަކުރުމުގެ އިލްތިޒާމްކޮންމެ ޖިނާއީ މައްސަލައެއްގައިވެސް ދައުލަތުން ހޯދާފައިވާ ހެކި ނުވަތަ މަޢުލޫމާތު މުއްތަހަމު ނުވަތަ ދަޢުވާ ލިބޭ ފަރާތަށް ދައުލަތުން ހާމަކުރުން ލާޒިމުވެއެވެ. މި ކަންކަން ތަންޒީމު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުންނެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢާންމު އުސޫލު ވަނީ އަންނަނިވި ފަދައިންނެވެ.
(ހ) މި ޤާނޫނުގެ 130 ވަނަ މާއްދާގައިވާ ހާލަތްތަކުގައި މެނުވީ ދައުލަތުން އަންނަނިވި މަޢުލޫމާތު، ދަޢުވާ ލިބޭ ފަރާތަށް ހާމަކުރަންވާނެއެވެ. ނުވަތަ ދަޢުވާ ލިބޭ ފަރާތަށް އެ މަޢުލޫމާތު ބެލޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.
(1) ދައުލަތުގެ ބާރުގެ ދަށުގައިވާ ނުވަތަ ބެލުމުގެ ދަށުގައިވާ މަޢުލޫމާތު؛
(2) އެ މަޢުލޫމާތަކީ ދައުލަތަށް އެނގޭ ނުވަތަ އެކަށީގެންވާ ގޮތުގައި އެނގެންޖެހޭ މަޢުލޫމާތު ކަމަށްވުން.
ބުނެވިދިޔަ މަޢުލޫމާތު ދައުލަތުން ހާމަކުރަންޖެހޭނީ އެ މަޢުލޫމާތަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ތަޙްޤީޤެއްގައި ނުވަތަ ކުރި ސުވާލެއްގެ ޖަވާބުގެ ގޮތުން ލިބިފައިވާ މަޢުލޫމާތެއްކަމަށް ދަޢުވާ ލިބޭ ފަރާތަށް ޤަބޫލުކުރެވޭނަމަ ކަމަށް 129 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވަނީ އަންނަނިވި ފަދައިންނެވެ.
(ބ) ދަޢުވާލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، އަންނަނިވި ހާލަތުގައި ލިޔެކިޔުމާއި، ފޮޓޯއާއި، ވީޑިއޯއާއި، ޑޭޓާއާއި، ޢިމާރާތްތަކާއި، ތަންތަން ބަލައި، ފޮޓޯ ނަގައި، ކޮޕީ ހެއްދުމުގެ ފުރުޞަތު، ދައުލަތުން ދަޢުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ.
(1) އެ އެއްޗެއްސަކީ، ދިފާޢު ތައްޔާރުކުރުމުގައި ދަޢުވާ ލިބޭ ފަރާތަށް މުހިންމު އެއްޗެހި ކަމަށްވުން
މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ކ) ގައި ޝަރީޢަތް ފެށުމުގެ ކުރިން ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، އެފަރާތާ އެއްކޮޅު އެންމެހައި ހެކި ދައުލަތުން ހާމަކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މާއްދާގެ (އ) ގައި ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދައުލަތުން ހުށަހަޅަން ގަސްތުކުރާ އެންމެހައި ހެކީންގެ ނަމާއި އެޑްރެސް ހިމެނޭ ލިސްޓެއް ދަޢުވާ ލިބޭ ފަރާތަށް ދައުލަތުން ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 130 ވަނަ މާއްދާއަށް ޖެހިލާއިރު، އެ މާއްދާގެ (ހ) ގައިވަނީ އަންނަނިވި ޢިބާރާތެވެ.
(ހ) އަންނަނިވި ހާލަތްތަކުގައި މި ޤާނޫނުގެ 129 ވަނަ މާއްދާގައިވާ މަޢުލޫމާތަކީ ހާމަކުރަންޖެހޭ ނުވަތަ ބެލުމުގެ ފުރުސަތު ދޭންޖެހޭ މަޢުލޫމާތެއް ނޫނެވެ.
މި ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ)، (ރ)، (ޅ) އަދި (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ އެ މައްސަލައެއްގެ ތަހްޤީޤަކާ ގުޅިގެން ނުވަތަ ދަޢުވާކުރާ ކުރުމާ ގުޅިގެން ދައުލަތުގެ ވަކީލަކު ނުވަތަ އެޖެންޓަކު އެ އޮފީހެއް ނުވަތަ އެ އިދާރާއެއްގެ އެކަނި ބޭނުމަށްޓަކައި ތައްޔާރުކުރާ ރިޕޯޓާއި ލިޔެކިޔުންތައް؛
މި ޤާނޫނުގެ 129 ވަނަ މައްދާގެ (ހ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ ވަކީލަކަށް، ހެކިވެރިއަކު ނުވަތަ ހެކިވެރިއަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާން
އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގައިހުރި ލިޔެކިޔުންތައް ދައުލަތުން ދަޢުވާ ލިބޭ މީހާއަށް ފޯރުކޮށްދޭންޖެހެއެވެ. މީގެ ތެރޭގައި ދިފާޢު ތައްޔާރުކުރުމުގައި ދަޢުވާ ލިބޭ ފަރާތަށް މުހިންމު ލިޔުންތަކާއި، ދަޢުވާ ލިބޭ ފަރާތާ އެއްކޮޅަށް ހުރި އެންމެހައި ލިޔުންތަކާއި އަދި ދައުލަތުން ހުށަހަޅަން ގަސްތުކުރާ އެންމެހައި ހެކީންގެ ނަމާއި އެޑްރެސް ހިމެނޭކަން އެ މާއްދާގެ ސަރީޙަ އިބާރާތުން އެނގެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ) އާއި (ބ) ގެ (1) ވަނަ ނަންބަރާއި އަދި (ކ) ގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެކި ކަހަލަ މަޢުލޫމާތު ހިމެނޭނެކަން ފާހަގަކުރެވެއެވެ. 129 ވަނަ މާއްދާގެ (ކ) ގެ ދަށުން ހުށަހެޅިދާނެ މަޢުލޫމާތެއް ގައިދުކުރެވިފައިވަނީ ދައުލަތުގެ އޮފީހެއް ނުވަތަ އިދާރާއެއްގެ އެކަނި ބޭނުމަށްޓަކައި ތައްޔާރުކުރާ ރިޕޯޓާއި ލިޔެކިޔުންތަކަށެވެ. މި އުސޫލު 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ހޯދާ މަޢުލޫމާތަށްވެސް ހިނގާއިރު، އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ ވަކީލަކަށް ހެކިވެރިއަކު ނުވަތަ ހެކިވެރިއަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާން ހާމަކުރާކަށް ނުޖެހެއެވެ. ހާމަކުރަންނުޖެހޭ މަޢުލޫމާތުގެ ތެރޭގައި މިނޫން އެހެންކަމެއް ޤާނޫނުގައި ފާހަގަކޮށްފައިނުވެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ހާމަކުރާ މަޢުލޫމާތުތައް ހާމަނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރަންޖެހޭ ނުވަތަ ހާމަކުރުން ފަސްކުރަންޖެހޭ ހާލަތްތަކެއް މެދުވެރިވެދާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަސައްވުރުކުރެއެވެ. އެގޮތުން، އެ ޤާނޫނުގެ 131 ވަނަ މާއްދާގައި ދައުލަތުގެ ފަރާތުން ބަޔާންވެދިޔަ ފަދަ ހާލަތެއްގައި ރައްކާތެރިކުރުމުގެ އަމުރަކަށް އެދެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ނ) ގައި ހެކި ހާމަނުކުރުން ނުވަތަ ހާމަކުރުން ފަސްކުރުން ނުވަތަ ކަނޑައެޅޭ ވަކި ޝަރުތުތަކެއްގެ މަތިން ހާމަކުރުމަށް އެންގިދާނެ ހާލަތްތަކެއް ބަޔާންކޮށްފައިވެއެވެ. އެ ހާލަތްތަކަކީ؛
އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިޤްތިޞާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުން؛ ނުވަތަ
ތަޙްޤީޤަށް ހުރަސް އެޅުން؛ ނުވަތަ
ހެއްކެއްގެ އަސްލު އޮޅުވާލުން ނުވަތަ ހެކި ނައްތާލުން، ނުވަތަ ހަލާކުކޮށްލުން ނުވަތަ ގެއްލުވާލުމެވެ.
ވުމާއެކު، ބުނެވިދިޔަ 3 ހާލަތް ވުޖޫދުނުވާ ހިނދު، އަދި އެ މަޢުލޫމާތަކީ 129 ވަނަ މާއްދާގެ (ހ)، (ރ)، (ޅ) އަދި (ކ) ގައިވާ ގޮތުގެ މަތިން މެނުވީ ދައުލަތުގެ އިދާރާއެއްގެ އެކަނި ބޭނުމަށްޓަކައި ތައްޔާރުކުރާ ރިޕޯޓާއި ލިޔެކިޔުންތައް ކަމުގައި ނުވާނަމަ، ނުވަތަ 129 ވަނަ މާއްދާގެ (ހ) އާއި (ޅ) ގައިވާ ގޮތުގެ މަތިން މެނުވީ ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ ވަކީލަކަށް ހެކިވެރިއަކު ނުވަތަ ހެކިވެރިއަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާނެއްކަމުގައި ނުވާނަމަ، ދެން ހުރި މަޢުލޫމާތުތަކަކީ ދަޢުވާލިބޭ ފަރާތަށް ލިބިދާނެ މަޢުލޫމާތުކަމަށް ޤާނޫނީ ގޮތުން އިފްތިރާޟުކުރަންޖެހެއެވެ. އަދި އެފަދަ މަޢުލޫމާތެއް ދައުލަތުން ހިއްސާކުރަން ޢުޒުރުވެރިވާނަމަ، ޤާނޫނު ދަންނަ ސަބަބެއް ބަޔާންކުރަންޖެހޭނެއެވެ.
ކުށުގެ ނުވަތަ ހައްޔަރު ރިކޯޑު ބޭނުންކުރެވިދާނެ ސަބަބެއް ޤާނޫނު ދަނޭތޯ
ހައިކޯޓުގެ ނަންބަރު 2023/HC-B12/19 ގަޒިއްޔާގައިވެސް ހެއްކާބެހޭ ޤާނޫނުގެ 47، 48 އަދި 110 ވަނަ މާއްދާއާ ހަވާލާދީފައިވެއެވެ. އަދި އެ ގަޒިއްޔާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ހެއްކާބެހޭ ޤާނޫނުގެ ބުނެވުނު ތިން މާއްދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާއާ އެއްކޮށް ކިޔުމުން ހެކިވެރިންގެ ހައްޔަރާއި އަދި ކުށުގެ ރިކޯޑު ފަދަ މަޢުލޫމާތަކީ ދަޢުވާ ލިބޭ ފަރާތުން އެދެފިނަމަ، އެފަރާތަށް ދޫކުރެވިދާނެ މައުލޫމާތުކަމަށެވެ.
ހެއްކާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގައި ހެކިބަސްދޭ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، 48 ވަނަ މާއްދާގައި ހެކިބަސްދިނުމުގެ ޢަދުލުވެރިކަމާގުޅޭ ގޮތުން ބަޔާންކޮށްފައިވެއެވެ. އަދި އެ ޤާނޫނުގެ 110 ވަނަ މާއްދާގައި ހެކިބަސްދޭ ފަރާތުގެ ޢަދުލުވެރިކަމާމެދު ސުވާލު އުފައްދައިފިނަމަ ކޯޓުން ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި ހެއްކާބެހޭ ޤާނޫނުގެ ފަނަރަވަނަ ބާބުގައި އިތުބާރުގެ އުސޫލު ނުވަތަ ކްރެޑިބިލިޓީއާ ގުޅޭ އުސޫލުތަކެއް ޤާއިމުކޮށްފައިވެއެވެ.
ވުމާއެކު، މި ހާލަތުގައި، ހެކިވެރިއެއްގެ ކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑަކީ އެއްވެސް މިންވަރަކަށް ދަޢުވާލިބޭ ފަރާތުން ދިފާޢުވުމަށްޓަކައި ޝަރީޢަތުގައި ބޭނުން ނުހިފޭނެ މަޢުލޫމާތު ކަމުގައި ބުނަން ދައްޗެވެ. އެހެނީ، ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ބުނެވިދިޔަ އުސޫލުތަކުގެ މަންފާ ދަޢުވާލިބޭ ފަރާތަށް އެންމެ ފުރިހަމަ ގޮތުގައި ލިބިދެވޭނީ ދިފާއު ތައްޔާރުކުރުމަށްޓަކައި ދަޢުވާލިބޭ ފަރާތުން ހޯދުމަށް އެދޭ އެންމެހައި މަޢުލޫމާތު ފުރިހަމަ ގޮތުގައި ފޯރުކޮށްދީގެންނެވެ.
އެއްވެސް ޤާނޫނެއްގައި ކުށުގެ ރިކޯޑާއި ހައްޔަރުގެ ރިކޯޑު ހާމަކުރުން މުތުލަޤަށް މަނާކޮށްފައި ނުވާއިރު، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހޯދުމަށް އެދޭ މަޢުލޫމާތު ދޭން ނުޖެހޭނެ ހާލަތްތަކާއި އެފަދަ މަޢުލޫމާތު ހާމަކުރުން ގައިދުކުރެވޭ ހާލަތްތަކެއް ބަޔާންކޮށްފައިވާއިރު، ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އެކި އުސޫލުތަކުގެ ފުރިހަމަ މަންފާ ލިބިގަތުމަށްޓަކައި، ހެކިވެރިއެއްގެ ކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑުގެ މަޢުލޫމާތު ހޯދުމަށް ދަޢުވާލިބޭ ފަރާތުން އެދިއްޖެ ހާލަތެއްގައި، އެ މަޢުލޫމާތު ދައުލަތުން ހާމަކުރަންޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ.
ހެކިވެރިއެއްގެ ކުށުގެ ރިކޯޑާއި ހައްޔަރުގެ ރިކޯޑަކީ އެއްވެސް މައްސަލައެއްގައި ދޭންނުޖެހޭ މަޢުލޫމާތުކަމަށް ޝަރީޢަތުގެ ކުރިން ފަނޑިޔާރުން ކަނޑައެޅުމުގެ ނަތީޖާއަކީ، ދިފާޢުން އެފަދަ މަޢުލޫމާތެއް ބޭނުންކުރާނީ ކިހިނެތްކަމެއްވެސް ބެލުމެއް ނެތި، އެކަމަށް ބަހުސްކުރުމަށްވެސް ފުރުސަތު ދިނުމެއް ނެތި ގޮތް ކަނޑައެޅިގެންދިޔުމެވެ. އަދި މިއީ ޤާނޫނުއަސާސީގައި ކުށަކުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ހެއްކާބެހޭ ޤާނޫނުގެވެސް ރޫހާ އެއްގޮތަށް މާނަކުރެވޭ މާނަކުރުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ހަމަ އެފަދައިން، މިފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގައި، ދެމީހެއް އެއީ ފާސިގުންކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމެއްގައި އެމީހުން ހެކިވެރިންގެ ގޮތުގައި ބަލައިނުގަތުމަށް ދަށު ކޯޓުގައި ދަޢުވާލިބޭ ފަރާތްތަކުން އެދިފައިވެއެވެ. ދަޢުވާލިބޭ ފަރާތްތަކުންވެސް ހަވާލާދިނީ ހެއްކާބެހޭ ޤާނޫނުގެ 47، 48 އަދި 51 ވަނަ މާއްދާގެ ދަށުން ޢަދުލުވެރިކަން ނެތް އަދި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ޤާނޫނުގައި އޮންނަ އޮތުމުގެ މައްޗަށެވެ.
އެ ގަޒިއްޔާގައިވެސް ސުޕްރީމް ކޯޓުން ކަނޑައެޅީ ހެއްކާބެހޭ ޤާނޫނުގެ ކަމާބެހޭ މާއްދާތަކަށް ޝަރީޢަތުގެ މަރުހަލާގައި ރިޢާޔަތްކޮށް މައްސަލަ ބަލާ ފަނޑިޔާރު ގޮތެއް ކަނޑައަޅަންވާނެކަމަށެވެ. އެގޮތުން ވަކި ހެއްކެއް ޝަރީޢަތަށް ބަލައިގަތުމަށް ޝަރީޢަތުގެ ކުރީ މަރުހަލާގައި ނިންމި ނިންމުމުގެ މާނައަކީ، މައްސަލައިގެ ޝަރީޢަތުގެ މަރުހަލާގައި އެ ހެކިންގެ ހެކިބަހަށް ޝަރީޢަތް ނިންމުމުގައި ބުރަދަން ދިނުން ފަނޑިޔާރުގެ މައްޗަށް ލާޒިމުވުން ނޫންކަމުގައެވެ. އެ ހެއްކަކަށް ޝަރީޢަތް ނިންމުމުގައި އެއްވެސް ބުރަދަނެއް ދޭނެތޯއާއި، ބުރަދަނެއް ދޭނަމަ ބުރަދަން ދޭނީ ކިހާ މިންވަރަކަށްކަން ފަނޑިޔާރު ކަނޑައަޅާނީ ޝަރީޢަތުގެ މަރުހަލާގައި ދެފަރާތުން ދައްކާ ވާހަކަތަކާއި، ޝަރީޢަތުގެ މަރުހަލާގައި ދެފަރާތުން ހުށަހަޅާ އެންމެހައި ހެކިތަކަށާއި، ކަމާބެހޭ އެންމެހައި ޤާނޫނުތަކަށް ބަލައިގެން ޢަދުލު އިންސާފުގެ ހަމަތަކުގެ މަތިންކަމަށެވެ. މިއީ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައިވެސް ބަޔާންކޮށްފައިވާ އުސޫލެވެ.
ވުމާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އަތުގައި ހުރި އެންމެހައި ހެކި ނުވަތަ މަޢުލޫމާތު ދަޢުވާލިބޭ ފަރާތަށް ހާމަކުރަންޖެހޭކަން އެނގެން އޮންނައިރު، ހެއްކެއް ނުވަތަ މަޢުލޫމާތެއް ހާމަކުރަން ނުޖެހޭނެކަމަށް ކަނޑައެޅޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށެވެ. އަދި އެފަދަ ހެއްކަކަށް ޝަރީޢަތުން ހެއްކާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ބުރަދަން ދޭނެކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ޝަރީޢަތުގެ މަރުހަލާގައި ދެފަރާތުން ދައްކާ ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގައި ދައުލަތުގެ އަތުގައި ހުރި މަޢުލޫމާތު ހިއްސާކުރުމެއް ނެތި، އެ މަޢުލޫމާތަކީ ކޮބައިކަންވެސް ދަޢުވާލިބޭ ފަރާތަށް އެނގުމެއް ނެތި، ހެއްކާބެހޭ ޤާނޫނުގެ މާއްދާތަކާ ހަވާލާދީ އެ ހެކި ޝަރީޢަތުގެ ކުރިން ފަނޑިޔާރަށް ވަޒަންކުރެވިދާނެކަމަށް ބެލުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގެ ދަށުން ކުށުން ބަރީއަވުމަށްޓަކައި އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އޮންނަ އޮތުމާ ޚިލާފު އަދި ދިފާއުވުމަށް އޮންނަ ޙައްޤާ ޚިލާފަށް ނިންމޭނެ ނިންމުމެއް ކަމުގައި އަހުރެން ދެކެމެވެ.
ވުމާއެކު، ހުށަހެޅިފައިމިވާ މައްސަލައިގައި ސިއްރު ހެކިން ފިޔަވައި ދެންތިބި ހެކިންގެ ކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑަކީ ދަޢުވާލިބޭ ފަރާތްތަކުން އެދުމުން ދައުލަތުގެ ފަރާތުން ހާމަކުރަންޖެހޭ މަޢުލޫމާތުކަމަށް، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S4C/SHN(63/S4C/2021)/2023/2 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި އާއި އަދި ހައިކޯޓުގެ ނަންބަރު 2023/HC-B12/19 ގަޒިއްޔާގައި ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކާއި ދެކޮޅަށް ދައުލަތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑް އެފަރާތްތަކަށް ދޫކުރުމަށް އަންގައި ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S4C/SHN(63/S4C/2021)/2023/2 ނިންމުމާއި، އެނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2023/HC-B12/19 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ވާތީ، ހައިކޯޓުގެ ނަންބަރު 2023/HC-B12/19 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިންމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.