އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް) ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގައިޑްލައިންގެ 11 ވަނަ މާއްދާގެ ދަށުން އީ-ލާރނިންގ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ކިޔަވައިދިނުން މަނާކުރުމަށް ޢަމަލުނުކޮށް ފަސްކުރުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރަކީ، އެދިފައިނުވާ ފަރުވާއެއް ދިނުމުން، އަސްލު މައްސަލައިގެ މައުޟޫޢަށް ފައިސަލާކުރުމުން، ނުވަތަ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ނުބައިކޮށް ތަޠުބީޤުކުރުމުން ޤާނޫނީ އުސޫލުތަކާ ޚިލާފު އަމުރެއްތޯ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 95-B4/CHT/2023/1596، 2022/HC-DM/06
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ 95-B4/CHT/2023/1596 ވަގުތީ އަމުރު ޤާއިމް – އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް (އިއްތިފާޤުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ވަގުތީ އަމުރަކަށް އެދުނު ހުށަހެޅުމުގައި ވަކި މާއްދާއެއްގެ ވާހަކަ ލިޔެފައި ނެތަސް، އެދޭ ފަރުވާއަކީ ކޮބައިކަން އޮޅުމެއްނެތި ސާފުކޮށް އެނގޭނަމަ، އެދިފައި ނުވާކަމަކަށް ވަގުތީ އަމުރުގައި ގޮތެއް ނިންމާފައިވާކަމަށް ނުބުނެވޭނެއެވެ. (ޕެރ. 12)
ވަގުތީ އަމުރެއްގެ ސަބަބުން އަމުރަށް އެދުނު ފަރާތް ފިޔަވައި ހަމަ އެކަން ކުރާ އެހެން ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވިގެން ދިޔުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާއާ ފުށުއަރާ ކަމެއް ނޫނެވެ؛ ކޯޓު އަމުރެއް ދެމިއޮތްހާހިނދަކު އެ އަމުރާ އެއްގޮތަށް ޢަމަލު ކުރުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެކެވެ. (ޕެރ. 13)
ޝަރީޢަތުގައި ހިނގަމުންދާ މައްސަލައިގައި ހިމެނޭ ކަމެއް ނުވަތަ ޙާލަތެއް އެ އޮތްގޮތަށް (status quo) ދެމެހެއްޓުމަށް އަންގައި ކޯޓުން ނެރޭ އަމުރަކީ އޭގެ ޠަބީޢަތަށް ބަލާއިރު ކޯޓުންދޭ ޢަދުލުވެރި ޙައްލެކެވެ؛ ވަގުތީ އަމުރުން ދޭ ޙައްލަކީ ވަގުތީ ޙައްލެއް ކަމުން، އެ ޙައްލު ދިނުމުން ޝަރީޢަތުގައި އޮތް މައްސަލައަށް ދާއިމީ ގޮތުން ގޮތެއް ނިމުނީ ކަމަށް ނުބެލެވޭނެއެވެ. (ޕެރ. 15)
ވަގުތީ ފަރުވާ ނުދީފިނަމަ ގެއްލުން ލިބުމުގެ އިޙްތިމާލު އޮތީ އަމުރަށް އެދޭ ފަރާތަށް އެކަނި ނޫން ޙާލަތެއްގައި، ގިނަ އަދަދެއްގެ ދަރިވަރުންނަށް ލިބިދާނެ ގެއްލުމަށް ބަލައި ވަގުތީ ފަރުވާ ދިނުމަކީ ޢާންމު މަޞްލަޙަތު ދެމެހެއްޓުމަށްޓަކައިވެސް ކޮންމެހެން ދޭންޖެހޭ ފަރުވާއެކެވެ. (ޕެރ. 16)
ވަގުތީ އަމުރު ނުނެރެ އަސްލު ދަޢުވާ ލަސްވެއްޖެނަމަ ކުރިމަތިވެދާނެ ގެއްލުން ވަޒަންކުރާއިރު ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ؛ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތަކަށް ލިބިދާނެ ގެއްލުން އެއްހަމަކޮށް ވަޒަން ކުރަން ޖެހެއެވެ. (ޕެރ. 17)
ގައިޑްލައިންގެ ބަޔަކަށް ޢަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުން ދައުލަތަށް ލިބިދާނެ ގެއްލުމަކީ ކޮބައިކަން ސާފުނުވާއިރު، ވަގުތީ ފަރުވާ ނުލިބުމުން އަމުރަށް އެދޭ ފަރާތަށް ލިބިދާނެ ގެއްލުން ބޮޑުނަމަ، ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ނުބައިކޮށް ތަޠުބީޤުކޮށްފައިވާ ކަމަށް ނުބުނެވޭނެއެވެ. (ޕެރ. 19)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 39 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު)
- ޤަވާޢިދު ނަންބަރު 2022/R-76 (މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގަވާއިދު)
- ގައިޑްލައިން ނަންބަރު 2022/G-28 (Guidelines for E-Learning) ގެ 11 ވަނަ މާއްދާ
ފަނޑިޔާރުން
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 56 2023/SC-A/28 ޝަރީޢަތް ނިމުނުގޮތް އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް) ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ޢަލީ ރަޝީދު ޙުސައިން ޢާއިޝާ ޝުޖޫން މުޙައްމަދު ޙުސްނުއް ސުޢޫދު ނިމުނު ތާރީޚު 29 ނޮވެމްބަރ 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 95-B4/CHT/2023/1596 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މާލެ ހައި ޕްރައިވެޓް ލިމިޓެޑް އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް) ބަދަލުގައި: ޤާނޫނީ ވަކީލު: އިބްރާހީމް އިސްމާޢީލް، މއ. ބޯގަންވިލާ، މާލެ ސީނިއަރ ސްޓޭޓް އެޓަރނީ އަޙްމަދު ނަޝާޠު
ސްޓޭޓް އެޓަރނީ މުޙައްމަދު ޒަޔާން ޢަބްދުﷲ މަދަނީ – ވަގުތީ އަމުރާމެދު ނިންމިގޮތް – ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) – ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 39 ވަނަ މާއްދާ
ފިހުރިސްތު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގެ ފަސްފަހަތް 1
ހައިކޯޓުން ވަގުތީ އަމުރާމެދު ނިންމި ގޮތް 2
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް 3
އެދިފައި ނުވާ ކަމަކަށް ފަރުވާ ދީފައިވާ ކަމަށް ބުނެފައިވުން 4
އަސްލު މައްސަލައިގައި އެދިފައިވާ ކަމަކަށް ވަގުތީ އަމުރުގައި ގޮތެއް ނިމިގެން ދިޔުން 6
ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ނުބައިކޮށް ތަޠުބީޤު ކޮށްފައިވާ ކަމަށް ބުނެފައިވުން 7
މައްސަލަ ނިންމަން ފެންނަ ގޮތް 9
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 9
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 9
ޙުކުމް 9
` އެޓަރނީ ޖެނެރަލްގެ އޮފީސް ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް [2023] SC 56 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B4/CHT/2023/1596 "ވަގުތީ އަމުރާމެދު ނިންމިގޮތް" ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ (މީގެފަހުން "ދައުލަތް" ކަމަށް ޢިޝާރާތްކޮށްފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ ހައި ޕްރައިވެޓް ލިމިޓެޑް1 (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
މައްސަލައިގެ ފަސްފަހަތް
2. ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު2 ގެ ދަށުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޤަވާޢިދު ނަންބަރު 2022/R-76 (މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގަވާއިދު) ހަދާފައިވެއެވެ. އަދި ބަޔާންވެދިޔަ ޤަވާޢިދުގެ ދަށުން“Guidelines for E-Learning” ގެ ނަމުގައި ގައިޑްލައިން3 އެއް (މީގެފަހުން "ގައިޑްލައިން") މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ގެޒެޓްކޮށްފައިވެއެވެ.
3. ގައިޑްލައިންގެ ދަށުން، ޤާނޫނީ ބާރު ލިބިފައިވާ ކައުންސިލްތަކާއި، ކަމާބެހޭ ރެގިއުލޭޓްރީ އިދާރާތަކުން އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ކިޔަވައިދިނުމަށް ވަކިގޮތަކަށް ހުއްދަ ނުދޭހާ ހިނދަކު، އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ ކުރިއަށް ނުގެންދެވޭނެ 08 (އަށެއް) ދާއިރާއެއް ކަނޑައަޅައި އެކަން ގެޒެޓްގައި ޝާޢިއު ކުރެވިފައިވެއެވެ. މި ދާއިރާތަކުގެ ތެރޭގައި ޓީޗިންގ ވެސް ހިމެނެއެވެ.
4. ބަޔާންވެދިޔަ ގައިޑްލައިންގެ 11 ވަނަ މާއްދާއަކީ ޤާނޫނުއަސާސީ އިން ޤަވާޢިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރާއި، ޤާނޫނުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަށް ދީފައިވާ ބާރުގެ ބޭރުން، ޤާނޫނުއަސާސީއާއި ޤާނޫނުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފަހިކޮށްދޭ ޙައްޤުތަކާއި، މިނިވަންކަމާއި، ކަށަވަރުކޮށްދޭ ޤާނޫނުގެ ރައްކާތެރިކަން ނިގުޅައިގަންނަ ފަދައަކުން ހަދާފައިވާ ގައިޑްލައިނެއް ކަމަށް ބުނެ، ހައިކޯޓުގެ ނަންބަރު 2022/HC-DM/06 ގަޟިއްޔާއިން ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވެއެވެ.
5. ހުށަހެޅިފައިވާ މި މައްސަލައިގައި އިސްތިއުނާފު ކުރެވިފައިވަނީ، ބަޔާންވެދިޔަ ހައިކޯޓުގެ ގަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަކަށް އެދުމުން އެ އަމުރާމެދު ހައިކޯޓުން ނިންމި ގޮތެވެ.
ހައިކޯޓުން ވަގުތީ އަމުރާމެދު ނިންމި ގޮތް
6. ހައިކޯޓުގެ ނަންބަރު 95-B4/CHT/2023/1596 އަމުރުގައި ހައިކޯޓުން ނިންމާފައިވަނީ، އެކޯޓުގެ ނަންބަރު 2022/HC-DM/06 ގަޟިއްޔާއިން ވަކިގޮތެއް ކަނޑައަޅަންދެން ގައިޑްލައިންގެ 11 ވަނަ މާއްދާގެ ދަށުން އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ނުކިޔެވޭނެކަމަށް އޮތް އޮތުމަށް ޢަމަލުނުކޮށް ފަސްކުރުމަށް އަމުރުކޮށެވެ.
7. ހައިކޯޓުގެ ނިންމުމަށް ވާޞިލުވުމުގައި އަންނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
7.1- މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނުނެރެފިނަމަ އީ-ލާރނިންގ މޮޑަލިޓީގެ ދަށުން ޓީޗިންގ ދާއިރާގެ ކޯސްތަކުގައި އެންރޯލްވާން އެދޭ ދަރިވަރުންނަށް އެ ފުރުޞަތު ގެއްލިގެންދާނެކަމާއި، މައުޟޫޢީ މައްސަލައިގެ ފައިސަލާކުރަނިވި ޙުކުމް އަންނައިރު އެ މައްސަލައިގެ މައުޟޫޢު ގައި ހިމެނޭ، ކަމުގެ މުއާލާތް ކެނޑިގެން ހިނގައިދާނެކަމަށް ބުރަވެވޭކަން؛
7.2- މާލެ ހައި ޕްރައިވެޓް ލިމިޓެޑާއި ދައުލަތުގެ މަސްލަޙަތަށްވުރެ ބޮޑަށް މި މައްސަލައިގައި އޮތީ ކޯހުގައި ބައިވެރިވާން އެދޭ ދަރިވަރުންގެ މަސްލަޙަތު ކަމާއި، އެހެންކަމުން މި މައްސަލައަކީ ޢާންމު ނިޒާމުގެ މަސްލަޙަތު ހިމެނޭ މައްސަލައެއްކަން؛
7.3- މައުޟޫޢީ މައްސަލަ ނުނިމި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދަރިވަރުންނަށް ކޯހަށް އެންރޯލް ނުވެ ގެއްލިގެންދާ ދުވަހެއްކަމުން އުނގެނުމުގެ ޙައްޤުން މަޙްރޫމު ކުރުމަކީ އެ ދަރިވަރުންނަށް ދެވޭ ބޮޑު ނިކަމެތިކަމެއް ކަމުގައި ޤަބޫލުކުރެވޭތީ އެންމެ އެކަށީގެންވާ ޙައްލަކީ މައުޟޫޢީ މައްސަލައަށް ގޮތެއް ކަނޑައަޅަންދެން ގައިޑްލައިންގެ 11 ވަނަ މާއްދާގެ ދަށުން އީ-ލާރނިންގ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ނުކިޔެވޭނެކަމަށް އޮތް އޮތުމަށް ޢަމަލު ނުކުރުމަށް އަމުރުކުރުން ކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް
8. ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރު ޤާނޫނީ އުސޫލުތަކާ ޚިލާފުވާކަމަށް ފެންނަ ތިން ނުކުތާ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
8.1- ފުރަތަމަ ނުކުތާއަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ނަންބަރު 2022/G-28 ގައިޑްލައިންގެ 11 ވަނަ މާއްދާގެ ދަށުން އީ-ލާރނިންގ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ނުކިޔެވޭނެކަމަށް އޮތް އޮތުމަށް ޢަމަލުނުކޮށް ފަސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނު4 ގެ 39 ވަނަ މާއްދާއާ ޚިލާފަށް، މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަގުތީ އަމުރަށް އެދުނުއިރު އެދިފައިނުވާ ފަރުވާއެއް ދެވޭފަދަ ބީދައަކުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު5 ގެ 5 ވަނަ މާއްދާއާ ޚިލާފަށްކަން؛
8.2- ދެވަނަ ނުކުތާއަކީ، ހައިކޯޓުގެ އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން6 ގަޟިއްޔާގެ 2 ވަނަ ނަންބަރުގެ (ބ) ގައި، އަސްލު މައްސަލައިގެ މައުޟޫޢު އަށް ފައިސަލާވާ ގޮތަށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަން؛
8.3- ތިންވަނަ ނުކުތާއަކީ، ހައިކޯޓުން ވަގުތީ އަމުރު ނެރެދިނުމުގައި، މާލެ ހައި ޕްރައިވެޓް ލިމިޓެޑާއި ދައުލަތުގެ މަސްލަޙަތަށްވުރެ ކިޔެވުމަށް އެންރޯލްވާ ދަރިވަރުންގެ މަސްލަޙަތަށް ރިޢާޔަތްކޮށް، ވަގުތީ އަމުރެއް ނެރެދިނުމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް. ޕީ. އެޗް. ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް7 ގަޟިއްޔާގެ 43 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ
Balance of Convenience ގެ ޓެސްޓު ނުރަނގަޅުކޮށް ތަޠުބީޤުކޮށް، އެ ގަޟިއްޔާގައި ދެ ފަރާތުގެ މަސްލަޙަތު ވަޒަންކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް، މައްސަލައިގެ ވާޤިޢާތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި ކަން.
އެދިފައި ނުވާ ކަމަކަށް ފަރުވާ ދީފައިވާ ކަމަށް ބުނެފައިވުން
9. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކުލަވާލާފައިވާ ގައިޑްލައިންގެ 11 ވަނަ މާއްދާގެ ދަށުން އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ނުކިޔެވޭނެކަމަށް އޮތް އޮތުމަށް ޢަމަލުނުކޮށް ފަސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާއާ ޚިލާފަށް، މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަގުތީ އަމުރަށް އެދުނުއިރު އެދިފައިނުވާ ފަރުވާއެއް ދެވޭފަދަ ބީދައަކުން ކަމަށް ދައުލަތުން ބުނެފައިވެއެވެ.
10. މިނުކުތާގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކުލަވާލާފައިވާ ގައިޑްލައިންގެ 11 ވަނަ މާއްދާގެ ދަށުން އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ނުކިޔެވޭނެކަމަށް އޮތް އޮތުމަށް ޢަމަލުނުކޮށް ފަސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައިވާއިރު، އެކަމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ކަމެއް ނޫން ކަމަށާއި، ވަގުތީ އަމުރު ނެރެފައިވާ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތް ފިޔަވައި ރާއްޖޭގެ އެހެނިހެން ކޮލެޖްތަކާއި ތަޢުލީމުދޭ މަރުކަޒުތަކަށް އޮންލައިންކޮށް ޓީޗިންގ ކޯސްތައް ހިންގައި މަންފާ ހޯދުމުގެ ފުރުސަތު އެ އަމުރުން ލިބިފައިވާއިރު، އެފަދަ އަމުރަކަށް އެދިފައިނުވާ ފަރާތްތަކަކަށްވެސް މަންފާ ލިބެމުންދާތީ، އެ އަމުރުގައި ގޮތެއް ނިންމާފައިވަނީ އަމުރަށް އެދުނު ފަރާތުން އެދިފައި ނުވާކަމަކަށް ކަމަށް ދައުލަތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
11. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ.
"އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ޚަޞްމަކު އެދިފައިވާ ފަރުވާއާ ތަފާތު ފަރުވާއެއް، ނުވަތަ ޚަޞްމަކު އެދުނު ފަރުވާގެ އިތުރުން، އެހެން ފަރުވާއެއް ދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ. އަދި ދަޢުވާއިން ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ ތެރެއިން އަނެއް ޚަޞްމު ދިނުމަށް އެއްބަސްވެފައިވާ މިންވަރަށްވުރެ ކުޑަ މިންވަރަކަށް ބަދަލު ނަގައިދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ."
12. އިސްތިއުނާފު ރައްދުވާ ފަރާތުގެ ޝަކުވާއަކީ އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް އެފަރާތުން ހިންގަމުންދިޔަ ޓީޗިންގ ކޯސްތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކުލަވާލާފައިވާ ގައިޑްލައިން އިން ހުއްޓުވާފައިވުމެވެ. ބުނެވިދިޔަ ގައިޑްލައިންގެ 11 ވަނަ މާއްދާގައި އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް 8 ދާއިރާއަކުން ކިޔަވައިދިނުން މަނާކޮށްފައިވާއިރު އޭގެ ތެރެއިން އެއްދާއިރާއަކީ ޓީޗިންގ ދާއިރާއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަށް އެދުނުއިރު، ބުނެވިދިޔަ ގައިޑްލައިންގެ 11 ވަނަ މާއްދާގެ ވާހަކަ ލިޔެފައި ނެތަސް، އެފަރާތުން އެދޭ ފަރުވާއަކީ ކޮބައިކަން އޮޅުމެއްނެތި ސާފުކޮށް އެނގެއެވެ. މިހެން މިކަން އޮތުމުން އެދިފައި ނުވާކަމަކަށް ވަގުތީ އަމުރުގައި ގޮތެއް ނިންމާފައިވާކަމަށް ބުނެވޭނެ ތަނެއް އޮތްކަމަށް ނުދެކެމެވެ.
13. ގައިޑްލައިންގެ 11 ވަނަ މާއްދާގެ ދަށުން އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ނުކިޔެވޭނެކަމަށް އޮތް އޮތުމަށް ޢަމަލުނުކޮށް ފަސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ފިޔަވައި ރާއްޖޭގައި އެ ކޯސްތައް ހިންގާ އެހެން ފަރާތްތަކަށް ވެސް އެފުރުސަތު ހުޅުވިގެން ދިޔުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާއާއި ފުށުއަރާ ކަމެއް ކަމަށް ނުދެކެމެވެ. އަމުރަށް އެދުނު ފަރާތުން އެދުނު ކަމަކީ އީ-ލާރނިންގ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ނުކިޔެވޭނެކަމަށް އޮތް އޮތުމަށް ޢަމަލުނުކޮށް ފަސްކޮށް ދިނުމެވެ. ހައިކޯޓުން ނެރެފައިވާ އަމުރުން އެފުރުސަތު ލިބިދެއެވެ. އެ އަމުރު ދެމިއޮތްހާހިނދަކު އެ އަމުރާ އެއްގޮތަށް ޢަމަލު ކުރުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެކެވެ.
އަސްލު މައްސަލައިގައި އެދިފައިވާ ކަމަކަށް ވަގުތީ އަމުރުގައި ގޮތެއް ނިމިގެން ދިޔުން
14. އިސްތިއުނާފު ރައްދުވާ ފަރާތުން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެފަރާތުން ބުނެފައިވަނީ، ޤާނޫނުއަސާސީ އިން އެފަރާތަށާއި ރާއްޖޭގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ތެރެއިން ޓީޗިން ދާއިރާއިން ތަމްރީނުވުމަށް އެދޭ ދަރިވަރުންނަށް ލިބިދޭ އަސާސީ ޙައްޤުތަކެއް، ޤާނޫނުއަސާސީއާ ޚިލާފަށް ދައުލަތުން ހިފަހައްޓާފައިވާތީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ނެރުނު އަމުރުތަކާއި، އެ އަމުރުތަކަށް ބާރު ލިބިގަންނަން އެ އޮތޯރިޓީއިން އެކުލަވާލި ގައިޑްލައިންގެ ގުޅުންހުރި މާއްދާތަކަކީ ޤާނޫނުއަސާސީއާ ޚިލާފު އަމުރުތަކަކާއި މާއްދާތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެފަރާތުން އެދޭކަމަށެވެ. ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި އެފަރާތުން އެދިފައިވަނީ ޝަރީޢަތުގައި އޮތް މައްސަލައަށް ގޮތެއް ނިމެންދެން އީ-ލާރނިންގ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ނުކިޔެވޭނެކަމަށް އޮތް އޮތުމަށް ޢަމަލުނުކޮށް ފަސްކޮށްދިނުމަށެވެ.
15. އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައި އެވަނީ ޝަރީޢަތުން ބަލަމުންދާ މައްސަލައިގައި ގޮތެއް ނިންމުން ލަސްވާނަމަ އެފަރާތަށް ގެއްލުންތަކެއް ލިބިދާނެތީ މައްސަލައިގައި ގޮތެއް ނިމެންދެން އިހުއޮތް ޙާލަތު (status quo) އެގޮތުގައި ދަމަހައްޓައި ދިނުމަށެވެ. ޝަރީޢަތުގައި ހިނގަމުންދާ މައްސަލައިގައި ހިމެނޭ ކަމެއް ނުވަތަ ޙާލަތެއް އެ އޮތްގޮތަށް ދެމެހެއްޓުމަށް އަންގައި ކޯޓުން ނެރޭ އަމުރަކީ އޭގެ ޠަބީޢަތަށް ބަލާއިރު ކޯޓުންދޭ ޢަދުލުވެރި ޙައްލެކެވެ. އެ ޙައްލު ނުވަތަ ފަރުވާ ނުދީފިނަމަ އަމުރަށް އެދޭ ފަރާތަށް ފޫނުބެދޭނެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެތީއެވެ. ވަގުތީ އަމުރަކަށް އެދި މި މައްސަލައިގައި ހުށަހަޅާފައި އެވަނީ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައިގައި ހިމެނޭ ކަމަކަށެވެ. ވަގުތީ އަމުރުން ދޭ ޙައްލަކީ ވަގުތީ ޙައްލެކެވެ. ވަގުތީ ޙައްލު ދިނުމުން ޝަރީޢަތުގައި އޮތް މައްސަލައަށް ދާއިމީ ގޮތުން ގޮތެއް ނިމުނީ ކަމަށް ނުބެލެވޭނެއެވެ.
16. މި މައްސަލައަށް ބަލާއިރު ޝަރީޢަތުގައި ހިނގަމުންދާ މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން، އެދިފައިވާ ވަގުތީ ފަރުވާ ނުދީފިނަމަ، އީ-ލާރނިންގ މޮޑަލިޓީގެ ދަށުން ޓީޗިންގ ދާއިރާގެ ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް އެފުރުސަތު ގެއްލިގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޫނުބެދޭނެ ގެއްލުންތަކެއް ލިބުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބައޮތެވެ. ގެއްލުން ލިބުމުގެ އިޙްތިމާލު އޮތީ އިސްތިއުނާފު ރައްދުވާ ފަރާތަށް އެކަންޏެއް ނޫނެވެ. އީ-ލާރނިންގ މޮޑަލިޓީގެ މެދުވެރިކޮށް ޓީޗިންގ ދާއިރާގެ ކޯސްތަކުގައި ބައިވެރިވާން އެދޭ ގިނަ އަދަދެއްގެ ދަރިވަރުންނަށް ގެއްލުންވެގެން ދިޔުމުގެ އިޙްތިމާލު އެބައޮތެވެ. މިގޮތުން ވަގުތީ ގޮތުން މިފަރުވާ ދިނުމަކީ ޢާންމު މަޞްލަޙަތު ދެމެހެއްޓުމަށްޓަކައިވެސް ކޮންމެހެން ދޭންޖެހޭ ފަރުވާއެއް ކަމަށް ދެކެމެވެ.
ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ނުބައިކޮށް ތަޠުބީޤު ކޮށްފައިވާ ކަމަށް ބުނެފައިވުން
17. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތި ވެދާނެ ކަމަށް ލަފާކުރާ ގެއްލުން ވަޒަން ކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތި ވެދާނެ ނުރައްކަލާއި ގެއްލުމަށް ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތަކަށް ލިބިދާނެ ގެއްލުން ވަޒަން ކުރަން ޖެހެއެވެ. މި ޓެސްޓަކީ މައްސަލައިގައި ދެފަރާތަށް ލިބިދާނެ ކަމަށް ލަފާކުރާ ގެއްލުން ވަޒަންކުރުމުގައި އެއްހަމަކޮށް ބެލުމަށް ބޭނުންކުރާ ޓެސްޓެކެވެ.
18. އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބޭނެ ކަމަށް ލަފާކުރާ ގެއްލުމަކީ ކޮބައިކަން ބަޔާންކުރުމުގެ ގޮތުން އެފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އެފަރާތުން އޮންލައިންކޮށް ކިޔަވައިދިނުމަށް ފަރުމާކޮށްގެން ބޭނުންކުރާ "ވަރޗުއަލް ކެމްޕަސް" އަކީ 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޚިދުމަތެއް ކަމަށާއި، އެ ޚިދުމަތް ދޭންފެށީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި އޭރުގެ ހަޔާރ އެޑިއުކޭޝަން ޑިޕާޓްމަންޓުން އެ ނިޒާމްބަލައި ވަޒަންކުރުމަށްފަހު އެ ނިޒާމަކީ ބޭނުންކުރުމަށް އެންމެ ރަނގަޅު ނިޒާމެއް ކަމަށް ނިންމައި ބޭނުން ކުރުމުގެ ހުއްދަ ދިނުމުން ކަމަށާއި، އޭގެ ފަހުން ފާއިތުވި ދިގު މުއްދަތުގައި އިތުރު ކުރިއެރުންގެނެސް މުޅި ރާއްޖޭގައި ނެޓްވޯކް ޤާއިމްކޮށް ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކުރެވިފައިވާ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ތިން ފަހަރެއްގެ މަތީން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެ ނިޒާމް އިތުރަށް ދިރާސާކޮށް ރަނގަޅު ކަމަށް ކަނޑައަޅާފައިވާ ކަމަށާއި، އޭގެފަހުން ބުނެވިދިޔަ ވާރޗުއަލް ކެމްޕަސްއަކީ "FACE-TO-FACE" ޓީޗިންގ އާ އެއްހަމަ ނިޒާމެއް ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ކަނޑައަޅައި އިސްތިއުނާފު ރައްދުވާ ފަރާތަށް ރަސްމީ ލިޔުން ދޫކޮށްފައިވާ ކަމަށާއި، މި ގޮތުން އެހާ ބޮޑު އިންވެސްޓްމަންޓެއް ހުއްޓިގެން ދިޔުމަކީ އެފަރާތަށް ލިބޭނެ ފޫނުބެދޭނެ ގެއްލުމެއް ކަމަށް އެފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
19. ދައުލަތަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ދައުލަތުގެ ވާހަކަތަކުން ސާފެއް ނުވެއެވެ. އީ-ލާރނިންގ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ކިޔަވައި ދިނުމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގައިޑްލައިން ނެރުމުގެ ކުރިންވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން ދިޔަކަމެކެވެ. އެކަމަށް ހުއްޓުމެއް އައީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގައިޑްލައިން ނެރުމުންނެވެ. ގައިޑްލައިންގެ އެބަޔަށް ޢަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުން ދައުލަތަށް ލިބިދާނެ ގެއްލުމަށްވުރެ، ވަގުތީ ފަރުވާ ނުލިބުމުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދާނެ ކަމަށް ލަފާކުރެވޭ ގެއްލުން ކުޑަވެދާނެ ކަމަށް އަންދާޒާ ނުކުރެވެއެވެ. މި ގޮތުން ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ތަޠުބީޤު ކޮށްފައިވަނީ ނުބައިކޮށް ކަމަށް ބުނެވޭނެތަނެއް އޮތްކަމަކަށް ނުފެނެއެވެ.
20. މިގޮތުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގައިޑްލައިންގައި އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ކިޔަވައި ދިނުން މަނާކޮށްފައި އޮތް އޮތުން ޣައިރު ދުސްތޫރީ ކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނިމެންދެން، އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ޓީޗިންގ ދާއިރާއިން ކިޔަވައި ދިނުމުގައި ކުރިން އޮތް ހާލަތު ދަމަހައްޓަން ޖެހޭކަމަށް ފެނެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
21. ހައިކޯޓުގެ ނަންބަރު 95-B4/CHT/2023/1596 އަމުރަކީ، ވަގުތީ އަމުރު ނެރުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރަކަށްވާތީ، ހައިކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
22. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
23. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، ހައިކޯޓުގެ ނަންބަރު
95-B4/CHT/2023/1596 އަމުރަކީ ވަގުތީ އަމުރު ނެރުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރަކަށްވާތީ، ހައިކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު ޢަލީ ރަޝީދު ޙުސައިން ޙުސްނުއްސުޢޫދު (ރިޔާސަތު)
1 ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-0122/2010
2 ޤާނޫނު ނަންބަރު 2021/7
3 ގައިޑްލައިން ނަންބަރު 2022/G-28
4 ޤާނޫނު ނަންބަރު 2021/32
5 ޤާނޫނު ނަންބަރު 2010/13
6 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ގަޟިއްޔާ
7 [2021] SC 28
2023/SC-A/28 [2023] SC 56
2023/SC-A/28 [2023] SC 56
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.