ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. އިލެކްޝަންސް ކޮމިޝަން
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 32 2023/SC-C/01 ޝަރީޢަތް ނިމުނުގޮތް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. އިލެކްޝަންސް ކޮމިޝަން ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 06 އޮގަސްޓް 2023
މައްސަލަ ރައްދުވާ ފަރާތް މައްސަލަ ހުށަހެޅި ފަރާތް އިލެކްޝަންސް ކޮމިޝަން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މއ. ކާމިނީހުޅަނގުގެ، ކ. މާލެ ބަދަލުގައި:
ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ
ޤާނޫނީ ވަކީލު:
މަޚްފޫޡު ސަޢީދު
ޑރ. މުޙައްމަދު ޖަމީލު އަޙްމަދު
ޙަމްޒާ ލަޠީފް
ތަދައްޚުލްކުރުވި ފަރާތް ތަދައްޚުލްވި ފަރާތް
އެޓަރނީ ޖެނެރަލްގެ އޮފީސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
ޤާނޫނީ ވަކީލު: ބަދަލުގައި:
ކައުންސެލް ޖެނެރަލް ފާޠިމަތު ޙަލީމް ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް
ސީނިއަރ ސްޓޭޓް ކައުންސެލް ޙައްވާ ސަނާ ޤާނޫނީ ވަކީލު:
ޙުސްނީ މުބާރިކް
ދުސްތޫރީ މައްސަލަ – ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުޠާ ގުޅޭ- ޤާނޫނުއަސާސީގެ 109 މާއްދާގެ (ބ) އަދި (ޅ) – އަދާކުރަންޖެހޭ ސާބިތު ދަރަނި – ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވުން- އެއް މައްސަލައެއްގައި ބޭނުން ކުރާ އުސޫލު އެހެން މައްސަލައެއްގައި ބޭނުން ކުރުން – ގަޒިއްޔާގެ މަހައްލަށް ރިއާޔަތްކުރުން - ނިހާއީ ހުކުމް
ފިހުރިސްތު
ފަނޑިޔާރު ޙުސްނުއްސުއޫދުގެ ރައުޔު 1
ތަޢާރުފު 1
އިލެކްޝަންސް ކޮމިޝަނުން ހަވާލާދޭ ޤާނޫނީ މަސްދަރުތައް 2
އިލެކްޝަންސް ކޮމިޝަނުން ޙަވާލާދޭ ވާގިއާތައް 3
ކޯޓުގެ ކުރިމަތީގައި އޮތް ސުވާލު 4
އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުތޯ 4
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުތު ފުރިހަމަ ވޭތޯ 9
ގާނޫނުއަސާސީއިން ދޭހަވާ މާނަ 23
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާއާ ގުޅޭ 25
ނިންމަން ފެންނަ ގޮތް 26
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު 26
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 26
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 26
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 26
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 26
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 27
ޙުކުމް 27
` ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. އިލެކްޝަންސް ކޮމިޝަން [2023] SC 32 ފަނޑިޔާރު ޙުސްނުއްސުއޫދުގެ ރައުޔު (އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 110 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް އިއުލާން ކޮށްފައިވާ1 ރިޔާސީ އިންތިޚާބަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް2 ކުރިމަތިލުމަށް 1 އޮގަސްޓް 2023 ގައި، އިލެކްޝަންސް ކޮމިޝަނަށް ފޯމު3 ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ދެ ޝަރުތު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވާކަމަށް ބަޔާންކޮށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލުކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، އެ ކޮމިޝަންގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުން އެދި ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
2. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ 2 ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. އެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ:
(ހ) ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަކީ ޖިނާއީ ކުށެއް ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތު (11 އަހަރު ދުވަހު) ގެ ޙުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކަށްވުމާއެކު، އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮންނާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުޠު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަނުވާކަމަށާއި؛
(ށ) ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާގެ ގޮތުގައި USD 5,000,000 (ފަސް މިލިއަން އެމެރިކާ ޑޮލަރު) ގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ޚަލާސްކޮށްފައިވާ މީހަކަށް ނުވާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ޝަރުތު ފުރިހަމަ ނުވާ ކަމުގައެވެ.
3. މަތީގައި ބަޔާންކުރި ދެ ޝަރުތު ހަމަނުވުމުގެ އިތުރުން، ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން، ސިޔާސީ ޕާޓީ އާއި ޖަމްއިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރާކަތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ހުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ތިބޭ މީހުންނަށް އެ މުއްދަތުގައި ހިފެހެއްޓިފައިވާތީ، ހުކުމް ތަންފީޒުކުރުމަށްޓަކައި ޖަލު ބަންދުގައި ހުރެގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުއަށް ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓަކަށް ނުވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހަވާލާދޭ ޤާނޫނީ މަސްދަރުތައް
4. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެންޑިޑޭޓުކަން ޤަބޫލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހަވާލާ ދީފައިވަނީ އަންނަނިވި ގާނޫނީ މަސްދަރުތަކަށެވެ.
(ހ) ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ)
"އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާސް ނުކޮށް ހުރި މީހަކު ކަމުގައި ނުވުން."
(ށ) ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)
"ޖިނާއީ ކުށެއް ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ މީހަކު އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވުން."
(ނ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާ
"ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ޙަރާކަތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެއެވެ."
އިލެކްޝަންސް ކޮމިޝަނުން ޙަވާލާދޭ ވާގިއާތައް
5. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެންޑިޑޭޓުކަން ޤަބޫލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހަވާލާ ދީފައިވާ ޤާނޫނީ މަސްދަރުތަކާ ގުޅޭ ވާގިއާތަކުގެ ގޮތުގައި އެ ކޮމިޝަނުން ފާހަގަ ކޮށްފައިވަނީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމާއެކު ހިމަނާފައިވާ ކުށުގެ ރިކޯޑު ފޯމުތަކަށް ބެލުމުން، އޭނާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 698/Cr-C/2021 ގަޒިއްޔާއިން މަނީ ލޯންޑަރކުރުމުގެ ކުށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 697/Cr-C/2021 ގަޒިއްޔާއިން ރިޝްވަތު ޤަބޫލުކުރުމުގެ ކުށް ޝަރިއަތަށް ސާބިތުވެ، މި ދެ ކުށުގެ އަދަބެއްގެ ގޮތުން ޖުމްލަ 11 (އެގާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ، އަދި އެހުކުމް ތަންފީޒުކުރަމުންދާ މީހެއްކަން އެނގެން އޮންނަ ކަމަށެވެ. މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ނަންބަރު 698/Cr-C/2021 ގަޒިއްޔާއިން މަނީ ލޯންޑަރކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމުގެ އިތުރުންUSD 5,000,000 (ފަސް މިލިއަން އެމެރިކާ ޑޮލަރު) އިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖޫރިމަނާ ކޮށްފައިވާކަން ވެސް ކުށުގެ ރިކޯޑު ފޯމުން އެނގެން އޮންނަ ކަމަށެވެ. މި ވާގިއާތައް މިހެން އޮތް ކަމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ފަރާތުން އިންކާރެއް ނުކުރެއެވެ.
ކޯޓުގެ ކުރިމަތީގައި އޮތް ސުވާލު
6. މިމައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައިގަނޑު ގޮތެއްގައި ޖަވާބު ދޭންޖެހޭ ސުވާލުތައް ތިރީގައި މިވަނީ އެވެ.
(ހ) ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ފަދަ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްތޯ؟
(ށ) ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ލުމަށްޓަކައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމަކަށް ވާންޖެހޭތޯ ނުވަތަ ނޫންތޯ؟
އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުތޯ
7. މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ދެ ސުވާލުގެ ތެރެއިން ފުރަތަމަ ސުވާލަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުކުރެވޭ މީހަކީ "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާސް ނުކޮށް ހުރި މީހަކު ކަމުގައި ވެގެން ނުވާނެ" ކަމަށް ބުނެފައިވާއިރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ފޯމު ހުށަހެޅިއިރު، އޭނާ އަދާކުރަންޖެހި ޚަލާސްނުކޮށް އޮތް ސާބިތު ދަރަންޏެއް އޮތްތޯ ނުވަތަ ނޫންތޯއެވެ.
8. މި ނުކުތާގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 698/Cr-C/2021 ގަޒިއްޔާއިން ވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 7 (ހަތެއް) އަހަރަށް ޖަލަށްލުމާއެކު،
USD 5,000,000 (ފަސް މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށްފައިވާ ކަމަށާއި އަދި ހުކުމްކުރި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމުގައެވެ. އަދި އެ ފައިސާ މިހައި ތަނަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައްކާފައި ނުވާ ކަމަށެވެ.
9. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ދަޢުވާ ލިބޭ މީހެއްގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާ ނަމަ، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެކަމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަމަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް(2021) 4 ގަޒިއްޔާގައި ބަޔާންކޮށްފައި އޮންނަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖޫރިމަނާގެ ފައިސާ ނުދައްކާ ހާލަތުގައި އެފައިސާ ހޯދުމަށް ކަނޑައެޅިފައި އޮންނަ އުސޫލަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމުން އެފައިސާ ހޯދުމުގައި އާންމު އުސޫލުން އަމަލުކުރާ ގޮތަށް އަމަލުކޮށްގެން އެ ފައިސާ ހޯދުން ކަމުގައެވެ. އަދި އެއީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން އެފައިސާ ހޯދުން ކަމަށް އެ ގަޒިއްޔާގައި ބަޔާންކުރާ ކަމަށާއި، އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021)5 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ޖިނާއީ މައްސަލައެއްގައި ދައުލަތަށް ދައްކަންޖެހޭ ފައިސާއަކީ ދައުވާލިބޭ މީހާ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ދަރަންޏެއް ކަމުގައެވެ.
10. އެހެންކަމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާސްކޮށްފައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތެއް ކަމަށާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ މި މާއްދާގައި ބުނާ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
11. މީގެ ރައްދުގައި ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބުނެފައިވަނީ އާންމު އުސޫލެއްގެ ގޮތުން ޖޫރިމާނާ ފައިސާ ދައްކަން އަންގަނީ ދަރަނި ޗިޓަކުން ނުވަތަ ލިޔުމަކުން ކަމަށާއި، އެފަދަ އެއްވެސް ލިޔުމެއް މީރާއިން ފޮނުވާފައިނުވާ ކަމަށާއި، ފައިސާ ދައްކައި ނިންމަންޖެހޭ ތާރީޚެއް ނޭނގޭތީ އެ ފައިސާ ނުދައްކައި އޮތީ ކަމަށެވެ. މީގެ އިތުރުން މުޅި ހުކުމް އިސްތިއުނާފުކޮށްފައި އޮތުމުން، އެ ހުކުމުގައި ހިމެނޭ ޖޫރިމާނާއަށް އިންކާރުކުރެވުނީ ކަމަށް ދެކޭ ކަމަށާއި، ޖޫރިމާނާ ފައިސާ ދެއްކުމަށް ހުކުމުގައި އޮތް ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް ދިނުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނަމަވެސް، މި ވީހައި ތަނަށް އެ ފައިސާ ދެއްކުމުގެ އަމުރު ތަންފީޒުކުރުން ފަސްކޮށް ދިނުން އެދި ހުށަހެޅުމުން ހައިކޯޓުން އެކަމާމެދު ވަކި ގޮތެއް ނިންމާފައި ނުވާކަމުގައެވެ.
12. އިލެކްޝަންސް ކޮމިޝަން ވ. ޙަސަން މޫސާ6 ގަޒިއްޔާގެ ހުކުމުގެ 17 ވަނަ ޕެރެގްރާފުގައި ސުޕްރީމް ކޯޓުން ސާބިތު ދަރަނި މާނަކޮށްފައި ވަނީ އަންނަނިވި ގޮތަށެވެ.
"ސާބިތު ދަރަންޏަކީ ކޯޓެއްގެ ހުކުމެއްގެ ދަށުން އެއްފަރާތުން އަނެއް ފަރާތަށް ދެއްކުން ލާޒިމުވާ ފައިސާއެވެ. އެފައިސާއަކީ ދަރިންގެ ޚަރަދުކަމަށް ވިޔަސް، އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުކަމަށް ވިޔަސް، މައިންބަފައިން ބެލުމުގެ ޚަރަދުކަމަށް ވިޔަސް، ދޯންޏެއް މަރާމާތުކުރުމުގެ ޚަރަދެއް ކަމަށް ވިޔަސް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭ ފައިސާއެއް ކަމަށް ވިޔަސް، މީހަކު އެހެންމީހަކަށް ދައްކަން ކޯޓުގެ އަމުރަކުން ލައްވާ ކޮންމެ ފައިސާއަކީ ސާބިތު ދަރަންޏެވެ. އަދި އިތުރަށް ސުޕްރީމް ކޯޓުން ބުނެފައިވަނީ، "ކޯޓުގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ނަން ތަފާތުވުމަކުން، ކޯޓުގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ގާނޫނީ ނަތީޖާއަށް ބަދަލެއް ނާންނާނެއެވެ."
13. ކްރިމިނަލް ކޯޓުގެ ނަންބަރު 698/Cr-C/2021 ގަޒިއްޔާއިން ވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 7 (ހަތެއް) އަހަރަށް ޖަލަށްލުމާއެކު، USD 5,000,000 (ފަސް މިލިއަން އެމެރިކާ ޑޮލަރު) ދައްކަން ހުކުމްކޮށްފައެވެ. އެ ފައިސާ މީރާއަށް ދައްކައި ޚަލާސް ކުރަންޖެހެނީ ހުކުމްކުރި ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކަމަށް ހުކުމުގައި ބުނެފައިވާއިރު، އެ 6 (ހައެއް) މަސް ދުވަސް ފާއިތުވެގެން ދިޔައިރު، އެ ފައިސާ މީރާއަށް ދައްކާފައި ނެތުމުން މީރާގެ ނަންބަރު
1006832/DUN2-NTR/NTR-2023/01 (3 ޖުލައި 2023) ލިޔުމުން އެފައިސާ ދައްކަން ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއަށް އެންގިއެވެ. އެ ލިޔުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންދުކުރެވިފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލުކުރުމަށް ގެންދިއުމުން، އެ ލިޔުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމަށް ހަވާލުކޮށްދިނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ގާތުގައި އެދިފައިވާ ކަމުގައި، އެ އިދާރާގެ 6 ޖުލައި 2023 ގެ އިޤުރާރުގައި ބަޔާންވެފައި ވެއެވެ. އަދި އެ ލިޔުމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ.
14. ޖިނާއީ އުގޫބާތެއްގެ ގޮތުގައި ކުރެވޭ ޖޫރިމަނާ ސާބިތު ދަރަންޏަކަށް ބަދަލުވަނީ ކޮން ވަގުތެއްގައި ހެއްޔެވެ؟ ޖިނާއީ އުގޫބާތެއްގެ ގޮތުގައި ޝަރީއަތުން މީހެއްގެ މައްޗަށް ކަނޑައަޅާ ޖަލަށް ލުމުގެ އަދަބަކީ އެ މީހާ ޖިސްމާނީ ގޮތުން ތަހއްމަލު ކުރަންޖެހޭ އަދަބެކެވެ. މިއާ ޚިލާފަށް ޖޫރިމަނާގެ އަދަބަކީ، އެ މީހާ މާލީ ގޮތުން އުފުލުމަށް ޖައްސާ ބުރައެވެ. މަދަނީ ގޮތުން އުފުލަންޖެހޭ އިލްތިޒާމެކެވެ.
15. ޖިނާއީ އުގޫބާތެއްގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާގެ ފައިސާއާމެދު މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައި ނުވާ ހާލަތުގައި، ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އެ ޖޫރިމަނާގެ ފައިސާ ދައްކައި ޚަލާސް ނުކުރުމުގެ ނަތީޖާއަކީ، އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏަކަށް ބަދަލު ވެގެން ދިއުމެވެ. އެހެނީ، އެ ޖޫރިމަނާއަކީ އޭނާ އުފުލުމަށް ކޯޓުން ސާބިތު ކޮށްފައިވާ އިލްތިޒާމެކެވެ. އެ ޖޫރިމަނާ ނުދައްކާހައި ހިނދަކު، އެއީ އޭނާގެ ކޮނޑުގައި އެޅިފައިވާ ސާބިތު ދަރަންޏެކެވެ.
16. ޖޫރިމަނާގެ އުގޫބާތް ކަނޑައެޅިފައިވާ މައްސަލަ މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފު ކުރުމަކީ، އެ ޖޫރިމަނާގެ ފައިސާ ދައްކަން ނުޖެހޭނެ ކަމެއް ހެއްޔެވެ؟ މި ސުވާލުގެ ކުރު ޖަވާބަކީ ނޫނެކެވެ. އެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 188 ވަނަ މާއްދާގެ ސަރީހަ ނައްސުގައި އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ މީހާގެ މައްޗަށް ލާޒިމު ކޮށްފައިވެއެވެ. އަދި މީގެ އިތުރުން ޖޫރިމަނާގެ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވަނީ ކޯޓުގެ ނިންމުމަކުން ކަމުގައިވާއިރު، ކޯޓުގެ ނިންމުންތަކަށް ތަބާވުމަކީ ލާޒިމުކަމެކެވެ. މިކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގައި ބަޔާންވެފައިވަނީ އަންނަނިވި އިބާރާތުންނެވެ.
"ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުމެކެވެ."
17. މި މައްސަލައަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 698/Cr-C/2021 ގަޒިއްޔާއިން ކަނޑައަޅާފައިވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައްކަންޖެހޭ ޖޫރިމަނާ ކަމުގައިވާ USD 5,000,000 (ފަސް މިލިއަން އެމެރިކާ ޑޮލަރު) ހުކުމްކުރެވުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެތެރޭގައި ދެއްކުމަށް ކަމަށް ވާއިރު، އެ ގަޒިއްޔާއިން ދައްކަން އަމުރުކުރި ފައިސާ ގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައި ނެތުމުން، ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅިއިރު، ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަން ސާފުކޮށް އެނގެއެވެ. އެ ސަބަބަށްޓަކައި އޭނާގެ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލުކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ދެކެމެވެ.
18. އަދި ޖޫރިމަނާގެ ތަފުސީލުތައް އެނގިފައިނުވާ ކަމުގައި ބުނުމާއި، ޖޫރިމަނާ ކަނޑައަޅާފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 698/Cr-C/2021 ގަޒިއްޔާގެ ހުކުމް އިސްތިއުނާފު ކުރެވިފައި އޮތް ކަމަށް ބުނުމަކީ، އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ނޫންކަމުގައި ބެލުމަށް ބުރަދަނެއް ދެވިދާނެ ސަބަބުތަކެއް ކަމުގައި ނުދެކެމެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުތު ފުރިހަމަ ވޭތޯ
19. މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ދެވަނަ ސުވާލަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުކުރެވޭ މީހަކީ ޖިނާއީ ކުށެއް ސާބިތުވެގެން 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ މީހަކު އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވާންޖެހޭނެ ކަމަށް ބުނެފައިވާއިރު، ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅިއިރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަކީ އެ މާއްދާގައި ބުނާ ޝަރުތު ފުރިހަމަވާ މީހެއްތޯ ނުވަތަ ނޫންތޯއެވެ.
20. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 698/Cr-C/2021 ގަޒިއްޔާއިން މަނީ ލޯންޑަރކުރުމުގެ ކުށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު
697/Cr-C/2021 ގަޒިއްޔާއިން ރިޝްވަތު ޤަބޫލުކުރުމުގެ ކުށް ޝަރިއަތަށް ސާބިތުވެ، މި ދެ ކުށުގެ އަދަބެއްގެ ގޮތުން ޖުމްލަ 11 (އެގާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ، އަދި އެހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައިވާތީވެ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވާކަމަށެވެ.
21. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ތައުނުކޮށް ނުވަތަ ޗެލެންޖްކޮށް ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމަކީ، މި ބާވަތުގެ ޝަރުތުތައް މާނަކުރުމުގައި އެ ކޮމިޝަނުން މީގެކުރިން އަމަލުކުރަމުން ގޮސްފައިވާ ގޮތާ ޚިލާފު، އަދި ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ހަނިވާގޮތަށް، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަރުޠު މާނަކޮށް، އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމެއް ކަމުން، މިއީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަރުތުގެ ރަނގަޅު މާނަކުރުމެއް ނޫން ކަމަށެވެ.
22. މި ނުކުތާގެ ތަފުސީލުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) މާނަކުރުމުގައި، އެ މާއްދާގައި ބަޔާންކުރާ އިބާރާތުގެ ލަފުޒީ މާނަ
literal meaning)) އަށްވުރެ ދުރަށް ދާންޖެހޭތޯ ބަލާއިރު، 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ" މި އިބާރާތުގައިވާ "ހުކުމެއް ކުރެވިފައިވުން" ގެ މާނަ އަކީ ކޮބާކަމާ މެދު ސުވާލު އުފެދޭ ކަމަށާއި، އެއީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ" މި އިބާރާތުގައިވާ "ހުކުމެއް ކުރެވިފައިވުން" ގެ މާނަ އަކީ ފުރަތަމަ މަރުހަލާގެ ކޯޓަކުން، ނުވަތަ ހައިކޯޓުން ހުކުމެއް ކޮށްފައި ވުންތޯ ނުވަތަ އިސްތިއުނާފީ މަރުހަލާތައް ނިމި ނުވަތަ އިސްތިއުނާފު ކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުތައް ހަމަވެ، ނިހާއީ ހުކުމަކަށްވެ، ކަނޑައެޅި ނިޔާގެ ބާރު އެ ހުކުމަށް ލިބުން
finality of judgement)) ތޯ ސުވާލު އުފެދޭ ކަމަށާއި، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައިވާ އިބާރާތަށް ބަލާއިރު، މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން 12 (ބާރަ) މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިއްޖެނަމަ، އޭގެ ފަހުން އެމީހަކަށް ރިޔާސީ އިންތިޚާބެއްގައި ވާދާ ކުރެވޭނީ ދެ ހާލަތެއް މެދުވެރި ވެގެންކަމަށެވެ. އެއިގެ ތެރެއިން ފުރަތަމަ ހާލަތަކީ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ފުރުން ކަމުގައެވެ. އަދި ދެވަނަ ހާލަތަކީ، ހުކުމުން ކަނޑައެޅުނު އަދަބު މަޢާފު ކުރެވި، އެ މަޢާފު ކުރެވުނުތާ ތިން އަހަރުވުން ކަމުގައެވެ. ނަމަވެސް، އެ މާއްދާއަކު، އެ ހުކުމް މަތީ ކޯޓަކުން ބާޠިލު ކުރާ ހާލަތެއްގައި ޢަމަލު ކުރަންޖެހޭ ގޮތުގެ ވާހަކައެއް ބަޔާންކޮށްފައި ނުވާތީ އެފަދަ ހާލަތެއްގައި ޢަމަލު ކުރަންޖެހޭ ގޮތަކީ ކޮބައިތޯ ސާފުވާންޖެހޭ ކަމުގައެވެ.
23. އިތުރަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ހުކުމަކީ އެ ހުކުމަށް ނިހާއީ ސިފަ އެންމެ މަތީ ކޯޓުން ނާންނަނީސް ފުރަތަމަ މަރުހަލާގެ ކޯޓަކުން ކުރާ ހުކުމެއް ކަމަށް މާނަކުރާ ނަމަ، އަދި އެ އަކުރުން އިސްތިސްނާވާ ހަމައެކަނި ދެ ހާލަތަކީ އެ އަކުރުގައި ބަޔާން ކޮށްފައިވާ "އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވުން" މި ދެ ހާލަތްކަމަށް ބަލާނަމަ، މީހެއްގެ މައްޗަށް ކުރާ ހުކުމެއް އެންމެ މަތީ މަރުޙަލާގެ ކޯޓުން ބާތިލުކަމަށް ނިންމި ނަމަވެސް، ބުނެވިދިޔަ ދެ ހާލަތް މެދުވެރި ނުވާހައި ހިނދަކު، އެ މީހަކީ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުތު ހަމަނުވާ ނުވަތަ އެ އަކުރުން ބަނދެވޭ މީހެއްކަމުގައި ވާނެކަމަށެވެ. އެފަދަ ނަތީޖާއެއް ނުކުންނާނޭ ގޮތަކަށް ގާނޫނުއަސާސީ މާނަކުރުމަކީ، ގާނޫނުއަސާސީގެ 69 ވަނަ މާއްދާއިން މަނާކުރާ، ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެ ވޭގޮތަށް ގާނޫނުއަސާސީ މާނަކޮށް ނުވަތަ ތަރުޖަމާކުރުން ކަމަށެވެ. ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައިވާގޮތުން، އިންތިޚާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ޙައްޤު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުއަށް ލިބިގެންވާ ކަމަށާއި، ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) މާނަކޮށްފައިވާ ގޮތުން، ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބޭ ޙައްޤު އޭނާގެ ކިބައިން ޣައިރުދުސްތޫރީކޮށް ނިގުޅައިގަނެވޭ ކަމަށާއި، އަދި ހަމައެގޮތަށް، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) މާނަކޮށްފައިވާގޮތުން، ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބޭ ޙައްޤު އޭނާގެ ކިބައިން ޣައިރުދުސްތޫރީކޮށް ނިގުޅައިގަނެވޭ ކަމަށާއި، މި މައްސަލަ ޙައްލު ވާނީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި އެ ބުނާ ހުކުމަކީ އިސްތިއުނާފު މަރުޙަލާތަކުން ދެމެހެއްޓިފައިވާ ހުކުމެއް ކަމަށް މާނަ ކުރުމުން ކަމަށެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ހުކުމަކީ އިސްތިއުނާފު މަރުޙަލާތަކުން ބެލި، އަޕްހޯލްޑް ކުރެވި، ނިހާއީ ހުކުމަކަށް ވެފައިވާ ހުކުމަކަށް ވުމަށް ފަހު، އެ ހުކުމް މަތީ ކޯޓަކުން ބާތިލު ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި، "... އެއަށްފަހު، ދެން އެ މީހަކު ސަލާމަތް ވާނީ އެހެންޏާ ހުކުމް ތަންފީޒު ކޮށްގެން، ނުވަތަ މައާފު ދެވިގެން ކަމަށްވާތީވެ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި އެ ބުނަނީ މަތީ ކޯޓުތަކުން އިސްތިއުނާފުގެ މަރުހަލާތަކުން ނިމިފައިވާ/އިސްތިއުނާފުގެ ދޮރު ބަންދު ވެފައިވާ ހުކުމެއްގެ ވާހަކަ ކަމަށް ..." ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ފަރާތުން ދެކޭ ކަމަށެވެ. މީގެ އިތުރުން، މިކަމަށް ބާރުދޭ އަނެއް ސަބަބަކީ ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކީ، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ހައްޤަކަށް ވުން ކަމަށެވެ.
24. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މި ހުށަހެޅުމުގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ7 ގަޒިއްޔާގައި ކަނޑައަޅާފައި އޮންނަނީ ގާނޫނުއަސާސީގެ މާއްދާއެއް ދެނެގަތުމަށްޓަކައި ފުރަތަމަ ރުޖޫއަ ވާންޖެހޭނީ އެ މާއްދާގައިވާ އިބާރާތަށް ކަމަށާއި، ގާނޫނުއަސާސީގެ މާއްދާއެއްގެ އިބާރާތަކުން އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް މާނަކުރެވޭނަމަ، ނުވަތަ ބުނާ އެއްޗެއް އޮޅުން އަރާނަމަ، އެ މާއްދާއެއްގެ ނުވަތަ އެ އިބާރާތެއްގެ މާނަ ދެނެގަންނަން އެންމެ ރަނގަޅު މަގަކީ ގާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަގްސަދަށް ރުޖޫއަވުންކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ އިސްވެ ފާހަގަކުރި ގަޒިއްޔާގައި ފަނޑިޔާރުން ފާހަގަކޮށްފައިވާ އިބާރާތަށް ބަލާއިރު، ކަނޑައަޅާފައި އޮތް ހަމައަކީ ގާނޫނުއަސާސީގެ މާއްދާއެއް މާނަކުރުމުގައި އެ މާއްދާގެ އިބާރާތަށް ބެލުމުގެ ހަމަ އިސްކުރުމާއި، އިބާރާތުގައި އޮޅުމެއް އޮތުން ނުވަތަ އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާ ހާލަތްތަކުގައި ނޫނީ ގާނޫނު މާނަކުރުމުގެ އެހެން ހަމަތަކަށް ދިއުން ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި އޮންނަ ޝަރުތަކީ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވުން" މިހެން ކަމަށްވާއިރު، އެ މާއްދާގެ އިބާރާތުގައި އޮޅުމެއް ނުވަތަ ދެ މާނަ ދޭހަވާ ހާލަތެއް ނެތް ކަމަށާއި، އިލެކްޝަންސް ކޮމިޝަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފޯމު ހުށަހެޅުމުން އެ ކޮމިޝަނުން ބަލަންޖެހޭނީ އެ މާއްދާގައިވާ ގޮތަށް ތަންފީޒުކުރެވެމުންދާ 12 (ބާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ "ހުކުމެއް" އޮތް ނަމަ އެމީހަކީ ޝަރުތު ހަމަނުވާ މީހެއް ކަމަށް ބެލުން ކަމަށާއި، އެ ހުކުމަކީ "ނިހާއީ ހުކުމަކަށް" ވެފައިވާ ހުކުމެއްތޯ ބެލުމަށް އެ މާއްދާގައި ލާޒިމުކޮށްފައި ނެތް ކަމަށެވެ.
25. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގެ އިބާރާތުގައި އޮތީ ސާދާ މާނަ އެއް ކަމަށާއި، އެއީ ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކުނަމަ، އެމީހެއްގެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފް ލިބުނުތާ 3 (ތިނެއް) އަހަރު ނުވަނީސް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތި ނުލެވޭނޭ ވާހަކަ ކަމަށެވެ. އަދި އެ މާއްދާގެ ފުރަތަމަ އިބާރާތުގައި އޮތް "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ" މި އިބާރާތުގައި ބުނާ ޖިނާއީ ކުށަކީ ކޮބައިކަން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 213 ވަނަ މާއްދާގެ (ފ) ގައި ބުނެފައި އެބައޮތް ކަމަށެވެ. އެގޮތުން، އެ މާއްދާގައި "ޖިނާއީ ކުށެއް" ކަމަށް ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ޖިނާއީ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށް ކަމަށެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ އިބާރާތުގައި އޮތް "ހުކުމް" ގެ މާނަ ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ 162 ވަނަ މާއްދާގެ (ސ) ގައި ވެސް އެބަ އޮތް ކަމަށާއި، އެ މާއްދާގައި އޮތީ "ހުކުމް" ކަމަށް ބުނެފައި ވަނީ، ގާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި އުފެދިފައިވާ ކޯޓަކުން ކުރާ ހުކުމަށް ކަމަށެވެ. ވީމާ، ގާނޫނުއަސާސީގައި "ހުކުމެއް" ކަމަށް އޮންނަ އިބާރާތަކަށް "ނިހާއީ" މި ލަފުޒު އިތުރުކޮށް، އެއީ ނިހާއީ ހުކުމެއް ކަމަށް ބުނުމަކީ ގާނޫނުއަސާސީގައި ކަނޑައެޅިގެން އޮތް ވާހަކައެއް އެނޫން ގޮތަކަށް ބަދަލުކުރުން ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ8 ގަޒިއްޔާގައި ކަނޑައަޅާފައި އޮންނަ އުސޫލާ ޚިލާފުކަމެއް ކަމަށެވެ.
26. މި މައްސަލައިގައި ތަދައްޚުލުވި ފަރާތްކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) މާނަކުރަން ހުށަހަޅާފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން އެ މާއްދާ މާނަކުރުމަށް ހުށަހެޅި ގޮތަށް ކަމަށްވާއިރު، މި މައްސަލައިގައި ސުޕްރީމް ކޯޓުން ތަދައްޚުލުކުރިވި ފަރާތްކަމަށްވާ ދިވެހި ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) މާނަކުރުމާބެހޭ ގޮތުން ހިއްސާކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައުޔެވެ.
27. ކުރިންވެސް ބަޔާންކުރި ފަދައިން މި ނުކުތާގައި މި ކޯޓުން ގޮތެއް ނިންމަންޖެހޭ ސުވާލަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ އިބާރާތުގައި އޮތް "ހުކުމް" ގެ މާނައަކީ ނިހާއީ ހުކުމެއްތޯ ނުވަތަ ނޫންތޯ، މި ސުވާލެވެ. ދަށު މަރުޙަލާގެ ކޯޓަކުން 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފުކުރުމުގެ މަރުހަލާ ހިނގަހިނގައި އޮތްނަމަ، އެ މީހެއްގެ މައްޗަށް އެފަދަ ހުކުމެއް އެވަގުތު ނެތްކަމަށް ނުވަތަ އެވަގުތު އެއީ މައުސޫމު މީހެއްކަމަށް އިފްތިރާޟުކޮށް މާނަކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން އޮތްތޯ ނުވަތަ ނެތްތޯ ކަނޑައެޅުމެވެ. މި ކަން ކަނޑައެޅުމުގައި މި ކޯޓުން ތަބައަވާންޖެހޭ އުސޫލުތަކެއް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި މި ކޯޓުން އިއްވާފައިވާ ހުކުމްތަކުން ގާއިމުވެފައިވާ އުސޫލުތަކުން ފެންނަން އެބައޮތެވެ. އެހެންކަމުން އެ އުސޫލުތަކުގެ މައްޗަށް ތިރީގައި މި ބަލާލަނީއެވެ.
28. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ "ހުކުމް" މި ލަފްޒު މާނަކުރުމުގައި، އެ ހުކުމަށް ނިހާއީ ސިފައެއް ނާންނަނީސް، އެއީ ހުކުމެއްކަމަށް ބެލެވިގެން ނުވާނެކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ހުކުމުގެ މާނައަކީ ނިހާއީވެފައިވާ ހުކުމްކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާތަކުން އެނގެން އޮންނަކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
29. އޭގެ މިސާލުގެ ގޮތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ޢަބްދުﷲ ޙަސީން ވ. ދިވެހި ދައުލަތް9 ގަޒިއްޔާ އާއި، ޢަބްދުﷲ ޖާމިއު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް10 ގަޒިއްޔާ އާއި، ޙަސަން ޝިޔާމް ވ. އިލެކްޝަންސް ކޮމިޝަން11 ގަޒިއްޔާ އާއި، އިބްރާހީމް ޒަމީލް ވ. އިލެކްޝަންސް ކޮމިޝަން12 ގަޒިއްޔާ ހުށަހަޅާފައިވެއެވެ. ބުނެވިދިޔަ ގަޒިއްޔާތަކުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ކުރުކޮށް އަލިއަޅުވާލާނަމެވެ.
(ހ) ޢަބްދުﷲ ޙަސީން ވ. ދިވެހި ދައުލަތް
30. މި މައްސަލަ (މީގެ ފަހުން "ކާށިދޫ ދާއިރާގެ މެމްބަރުގެ މައްސަލަ") އަކީ 2011 ވަނަ އަހަރުގައި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 1 (އެކެއް) އަހަރާއި 8 (އަށެއް) މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން، ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެތޯ ނޫންތޯ ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުނު މައްސަލައެކެވެ.
31. ރައްޔިތުންގެ މަޖިލިހުގެ މެންބަރަކަށްވުމުގެ ޝަރުތުތަކުގެ ތެރެއިން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި މަޖިލީހުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެ ހާލަތްތަކެއް އަދި ހޮވިފައިވާ މެންބަރަކު މެންބަރުކަމުން ވަކިވާނެ ހާލަތްތަކެއް ބަޔާންކޮށްފައިވެއެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން" މިހެން ބަޔާންކޮށްފައިވެއެވެ.
32. ސުޕްރީމް ކޯޓުން 2011 ވަނަ އަހަރު މި މައްސަލަ ބަލަމުން، ޙުކުމަކަށް ފުރިހަމަ ތަންފީޒީ ބާރު ލިބެނީ އެ ހުކުމެއް ނިހާއީވުމުންކަމަށް ބަޔާންކޮށް، ހުކުމެއް ނިހާއީވާ ތިން ގޮތެއް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ފުރަތަމަ ގޮތަކީ ޤާނޫނަކުން އެ ހުކުމް ތައުނު ނުވަތަ ޗެލެންޖް ނުކުރެވޭނެކަމަށް ކަނޑައަޅާފައި އޮތުންކަމަށާއި، ދެވަނަ ގޮތަކީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުކުމް ތައުނު ނުވަތަ ޗެލެންޖު ނުކުރުންކަމަށާއި، އަދި ތިންވަނަ ގޮތަކީ ހުކުމެއް ތައުނު ނުވަތަ ޗެލެންޖުކުރާނަމަ، ތައުނުކުރުމުގެ މަރުހަލާތައް ނިމުންކަމުގައި ބަޔާންކޮށްފައިވެއެވެ.13 މި ގަޒިއްޔާގައި ޖިނާއީ މައްސަލައެއް އިސްތިއުނާފުކުރާ ހާލަތުގައި އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ބާރު އިސްތިއުނާފީ ކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.14
33. ސުޕްރީމް ކޯޓުން މި މައްސަލައިގައި ހުކުމްކުރީ އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމް ހައިކޯޓަށް އިސްތިއުނާފުކޮށް، އެ މައްސަލަ ހައިކޯޓުން ނިންމިކަމުގައި ވީނަމަވެސް، އޭނާއަށް ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އަދިވެސް އޮވެމެ، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމުގެ އިހުތިމާލުވެސް އޮތްކަމަށް ބަލައި، އެއީ ނިހާއީ ވެފައިވާ ހުކުމެއް ނޫންކަމަށް ކަނޑައަޅައެވެ. އެހެންކަމުން އިސްމާއީލް އަބްދުލްހަމީދުގެ މަޖިލިސް ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅެން ނެތްކަމަށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 55 ވަނަ މާއްދާގެ (އ) ގައި "އެއްވެސް ޖިނާއީ ހުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެކަމަށްވާނަމަ، އެ ހުކުމެއްގެ މުއްދަތުގައި މަޖިލިހަށް ހާޒިރުވުމާއި މަޖިލިހުގެ ޖަލްސާތާކުގައި ވޯޓުދިނުމުގެ ޙައްޤު އޭނާ ދޫކޮށްލަންވާނެއެވެ." މިހެން ބަޔާންކޮށްފައިވާތީ، އިސްމާއީލް އަބްދުލްހަމީދުއަށް މަޖިލިހުގެ ޖަލްސާތަކަށާއި ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުނުވެވޭނެކަމަށެވެ.
34. މި ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލު މިހާރު ބަލަމުންދާ މައްސަލައަށް ތަތުބީޤު ކުރެވިދާނެ ހެއްޔެވެ؟ އެއްކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް އަމަލުކުރުން ލާޒިމުވާކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ބެލުމުން ސާފެވެ.15 ނަމަވެސް އެއްކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މާނައަކީ މައްސަލައެއްގެ އެންމެ އަސާސީ ވާގިއާ ނުވަތަ މެޓީރިއަލް ފެކްސްޓް އަށް ބެލުމެއް ނެތި، ގަޒިއްޔާއަކުން ފެންނަ ޖުމްލައެއް ނުވަތަ ލަފްޒެއް އޭގެ ފަހުން އަންނަ އެންމެހައި މައްސަލަތަކުގެ ތަފާތުތަކަށް ނުބަލައި ހުރެ ތަތުބީގު ކުރުމެއް ނޫނެވެ. އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަށް އަމަލުކުރުން ނުވަތަ ޖުޑީޝަލް ޕްރެސިޑެންޓާ ގުޅޭ އާންމު އުސޫލުތަކަށް މީގެ ކުރިންވެސް މި ކޯޓުގެ އިބްރާހީމް އަބްދުއްލަތީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް16 ގަޒިއްޔާގައި އަލިއަޅުވާލާފައިވެއެވެ. އަސާސީ ވާގިއާ އެއްގޮތް މައްސަލަތަކުގައި އެއްގޮތަށް ޢަމަލުކުރުމުގެ މައިގަނޑު އަމާޒަކީ އިންސާފުވެރިވުމެވެ. އެއްގޮތް ނޫން މައްސަލަތަކަށް އެއް އުސޫލެއް ތަތުބީޤުކުރަން ވެއްޖެނަމަ އެންމެ އިންސާފުވެރި ނަތީޖާ ނުނެރެވިދާނެއެވެ.
35. ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލައިގެ އަސާސީ ވާގިއާއަކީ އެ މައްސަލައަކީ މަޤާމުގައިހުރި މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ މައްސަލައެކެވެ. ރައްޔިތުންގެ މަޖިލިހުގެ މެންބަރަކަށް އިސްމާޢިލް އަބްދުލްހަމީދު އިންތިޚާބުވިއިރު އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިނުވެއެވެ.
36. އެއާ ޚިލާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިވަގުތު ގެންދަނީ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ޖިނާއީ ކުށް ސާބިތުވެ 11 (އެގާރަ) އަހަރު ދުވަހުގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރަމުންނެވެ. ޖަލު ބަންދުގައި ހުރެމެ އިންތިޚާބީ މަޤާމަކާ ކުރިމަތިލުމުގެ ސުވާލެއް ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލައިގައި ނުއުފެދެއެވެ. ޖަލު ބަންދުގައި ހުރެ މަޤާމަށް އިންތިޚާބުވެއްޖެނަމަ ނިކުންނާނެ ޤާނޫނީ އައިބުތަކުގެ ވާހަކަ އެ ގަޒިއްޔާގައި ނުދައްކައެވެ. އެ ގަޒިއްޔާ ދައުރުވީ އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ކުށް ސާބިތުވުމުން އޭނާ މެންބަރުކަމުގައި ދެމިހުންނާނެ ކަމާމެދުގައެވެ.
37. މިހާ ހިސާބުން، މި ބަޔާންކުރި ދެ ގަޒިއްޔާއަކީ އަޅައި ކިޔޭނެ ދެ ގަޒިއްޔާކަމުގައި އަހުރެން ނުދެކެމެވެ. ކުރީ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަކީ މިހާރު ހުށަހެޅިފައިވާ ހާލަތަށް ތަތުބީގުކުރުމުން ދެކޮޅުޖެހޭ، އެއް ނަތީޖާއެއް ނެރެވިދާނެ އުސޫލުތަކެއް ކަމުގައި ނުދެކެމެވެ.
38. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ މި ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021)17 ގަޒިއްޔާއިން މިހާރުވަނީ ދުރަށް ގޮސްފައިކަމަށެވެ. އެގޮތުން، މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ދަށު ކޯޓުން ސާބިތުވުމުން، އެ ކުށެއްގެ އަދަބު ތަންފީޒުކުރުން ފަސްކުރުމުގެ އިޖުރާއަތެއް ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިޖުރާއަތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައި ނުވާކަމަށް ފާހަގަކޮށްފައިވާކަމަށެވެ.
39. ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލައިގައި 2011 ވަނަ އަހަރު ސުޕްރީމް ކޯޓުންކުރި ހުކުމުގައި ޖިނާއީ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ބާރު ކޯޓަށް ލިބިދެވެނީ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގެ ދަށުންކަމަށާއި އަދި މިއީ ގާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ހުދޫދުގެ ތެރެއިން ބޭނުންކުރެވިދާނެ އިޚްތިޔާރެއްކަމަށް18 ބަޔާންކޮށްފައިވާއިރު، އެ މައްސަލައިގައި ހުކުމްކޮށްފައިވަނީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްއުޤޫބާތާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިންނެވެ.
40. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްއުޤޫބާތާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ޖިނާއީ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ މަފްހޫމް ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް ޤާނޫނުލްއުޤޫބާތުގައި ހައްދު ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއްގެ އަދަބު ތަންފީޒު ކުރެވޭނީ ޝަރީޢަތުގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު، ސުޕްރީމް ކޯޓުން އެ އަދަބެއް ދިނުމަށް ހުކުމްކުރުމުންނެވެ.19 މި ނޫނީ އެހެން ކުށްތަކުގެ އަދަބު ތަންފީޒުކުރުން އެންމެ ފަހު ޝަރުޢީ މަރުހަލާއަށް ދިއުން ލާޒިމުނުވެއެވެ.
41. ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލައަށް މިފަހުން ސުޕްރީމް ކޯޓުގައި ހަދާފައިވާ އުސޫލުތައް ތަތުބީގު ކުރާނަމަ، ފުރަތަމަ ކަމަކަށް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021)20 ގަޒިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުން ބާރު ލިބިގެންކުރާ ހުކުމަކީ އިސްތިއުނާފު ކުރުމުން އެ ހުކުމުގެ ބާރު ދަށްވާ ކަމެއް ނޫންކަމުގައިވާއިރު، ޤާނޫނަކުން ބަޔާން ނުކުރާހާ ހިނދަކު އެފަދަ ހުކުމެއް ތަންފީޒުކުރުން ފަސްކުރުމުގެ ފުރުސަތެއް ކޯޓުތަކަށް ނޯންނާނެއެވެ.
42. ދެވަނަ ކަމަކީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްކަމަށް ބެލެވޭނީ ސުޕްރީމް ކޯޓުގައިވެސް އެ މައްސަލަ ނިމުމުން ކަމަށް ސުޕްރީމް ކޯޓުން 2011 ގައި ކަނޑައަޅައި އިސްމާއީލް އަބްދުލްހަމީދުގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅިއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެއިރު އޮތް ގޮތުން، އެ ގަވާއިދުގެ 55 ވަނަ މާއްދާގެ ބޭނުމަށް، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށް ހާޒިރުވުމަށް ޖިނާއީ ހުކުމް މާނަކޮށްފައިވަނީ އެވަގުތު ތަންފީޒުކުރަމުން ދިޔަ ހުކުމަށެވެ. މާނައަކީ ހަމަ އެގަޒިއްޔާގައި އިސްމާއީލް އަބްދުލްހަމީދު ޖަލްސާތަކަށް ހާޒިރުވުމަށްޓަކައި ޖިނާއީ ހުކުމެއް އޮތްކަމަށް ބެލިއިރު، އެގަޒިއްޔާގައި އިސްމާއީލް އަބްދުލްހަމީދު ފުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުމަށްޓަކައި ޖިނާއީ ހުކުމެއް އޮތްކަމަށް ސުޕްރީމް ކޯޓުން ނުބެލުމެވެ. އެހެންނަމަވެސް، ގާނޫނުއަސާސީގައި ބޭނުންކޮށްފައިވާ "ހުކުމް" މި ލަފްޒާއި، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި ބޭނުންކޮށްފައިވާ "ހުކުމް" މި ލަފްޒަށް ތަފާތެއް ގެންނަންޖެހޭ ސަބަބެއް އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ސާފުކޮށް ބަޔާންކޮށްފައިނުވެއެވެ.
43. އަދި މިހާރު ޢަމަލުކުރަމުންދާ މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ21 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ގާނޫނުއަސާސީގެ މާއްދާއެއް ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ރުޖޫއަވާންޖެހޭނީ އެ މާއްދާގެ އިބާރާތަށް ކަމަށް ބަޔާން ކޮށްފައިވެއެވެ.22 މިއީ އެ އިބާރާތް އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް މާނަ ނުކުރެވޭނަމައެވެ. ހަމަ އެފަދައިން، ގާނޫނުއަސާސީގައި ނެތް ކަމެއް އިތުރުކުރުމަށް ގާނޫނުއަސާސީއިން ކޯޓަށް ބާރު ދީފައިނުވެއެވެ.23
44. ވުމާއެކު، ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލައިގައި މި ކޯޓުން 2011 ވަނަ އަހަރު ކަނޑައަޅާފައިވާ އުސޫލުތަކުން މިހާރު ހިޖުރަކޮށްފައިވާތީ، އެއީ މިހާރު ހުށަހެޅޭ މައްސަލަތަކުގައި ޢަމަލުކުރެވިދާނެ އުސޫލުތަކެއް ކަމުގައި ނުދެކެމެވެ.
(ށ) ޢަބްދުﷲ ޖާމިއު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
45. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަބްދުﷲ ޖާމިއު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް24 ގަޒިއްޔާގައި ޝަރުޢީ ކޯޓަކުން ކުށް ސާބިތުވެ ހުކުމެއް މީހެއްގެ މައްޗަށް ކޮށްފައިވާކަމަށް ބެލެވޭނީ އެ ކޯޓަކުން ކުރި ހުކުމެއް އެއީ އިސްތިއުނާފުގެ މުއްދަތުތައް ފަހަނައަޅައި ދިއުމަށްފަހު ނިހާއީ ހުކުމަކަށްވުމުން ކަމަށެވެ.25 އެހެންކަމުން، ހުށަހެޅިފައިމިވާ މައްސަލައިގައި، ރިޔާސީ އިންތިޚާބުގެ ބޭނުމަށްޓަކައި ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖިނާއީ ހުކުމެއް ކޮށްފައިވާކަމަށް މިވަގުތު ނުބެލެވޭނެކަމަށެވެ. ސަބަބަކީ ކްރިމިނަލް ކޯޓުގެ ހުކުމް މިވަގުތު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވުމުން ކަމަށެވެ.
46. ކުރިންވެސް ފާހަގަކުރި ފަދައިން، އެއް މައްސަލައިގައި ބޭނުންކުރާ އުސޫލެއް އެހެން މައްސަލައެއްގައި ބޭނުންކުރާނަމަ، ކުރިން ނިންމި ގަޒިއްޔާގައި އެ އުސޫލު ބޭނުންކޮށްފައިވާ މަހައްލަށް ރިޢާޔަތްކުރަންވާނެއެވެ.
47. ޢަބްދުﷲ ޖާމިއުގެ މައްސަލައިގައި ކަންހިނގާފައިވާ ގޮތަކީ އޭނާ ފުލުހުންގެ ވަޒީފާ އަދާކުރަމުން ގެންދަނިކޮށް، އޭނާ ކުރި ޣައިރު ސުލޫކީ އަމަލެއްގެ ސަބަބުން، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެ މައްސަލަ ބަލައި، އޭނާ ވަގުތުން ވަޒީފާއިން ވަކިކުރުމުގެ ފުރިހަމަ އިޚްތިޔާރު އެބޯޑަށް އޮތް ނަމަވެސް، އޭނާ ވަޒީފާއިން ވަކިކުރީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުން، އެސަބަބުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް އޭނާ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން އެ މައްސަލަ ނިމުނީ އޭނާއާ އެއްކޮޅަށެވެ. އަދި އޭނާއާ އެއްކޮޅަށް މައްސަލަ ނިމުމުން ވަޒީފާ އަނބުރާ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިޔުމުން، އޭނާއަށް ވަޒީފާ އަލުން އަނބުރާ ނުދިނެވެ.
48. މި މައްސަލައިގައި ފުލުހުން ޢަބްދުﷲ ޖާމިއު ވަޒީފާއިން ވަކިކުރީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން ކަމުގައި ބުނެ، އެސަބަބަށްޓަކައި ކަމަށްވާއިރު، ޢަބްދުﷲ ޖާމިއު ވަޒީފާ އަނބުރާ ހޯދަންދިޔައިރު، ފުލުހުން ދިން އެ ސަބަބު ވުޖޫދުގައި ނެތެވެ. މީހަކު ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮންނަންޖެހޭ ކަމުގައިވާއިރު، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގެ ތަހުގީގަށް ސާބިތުވި/ފެނުނު ކަންކަމުގެ މައްޗަށް ބިނާކޮށް އޭނާ ވަޒީފާއިން ވަކިނުކޮށް، ވަޒީފާއިން ވަކިކުރުމުގެ ސަބަބަކަށް ކޯޓު ހުކުމެއް ދައްކާ ނަމަ، އެކަން ކުރަންޖެހޭނީ އެހުކުމަކީ ނިހާއީ ހުކުމަކަށް ވެގެންކަމަށެވެ.
49. ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލައާ އެއްގޮތަށް ޢަބްދުﷲ ޖާމިއުގެ މައްސަލައަކީ ވެސް އޭނާއަށް ލިބިފައިވާ ވަޒީފާއަކާ ގުޅޭ މައްސަލައެކެވެ. މުސްތަގުބަލުގައި މަގާމެއް ލިބިދާނެކަމަށް ލަފާކުރެވޭ ހާލަތެއް ނޫނެވެ. ނަމަވެސް ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލައާ ޚިލާފަށް ޢަބްދުﷲ ޖާމިއު މައްސަލައިގައި ގާނޫނުއަސާސީގެ މާއްދާއެއް މާނަކުރުމެއް ނުހިމެނެއެވެ. ހަގީގަތުގައި ޢަބްދުﷲ ޖާމިއު މައްސަލައިގައި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވާކަމުގައި ވެސް އަހުރެން ނުދެކެމެވެ. ސަބަބަކީ މުޅި މައްސަލައިގެ ނިންމުމަށް ވާސިލުވި ސަބަބުތައް ބިނާވީ އެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ކަމުގައިވާތީއެވެ. އަދި އެ ގަޒިއްޔާގައިވާ އުސޫލެއް ތަތުބީގު ކުރެވޭނީ ހަމަ އެފަދަ ހާލަތެއްގައި، ހަމަ އެފަދަ ނަތީޖާއެއް ނެރެވޭނަމައެވެ.
50. ވުމާއެކު، ހުށަހެޅިފައިމިވާ މައްސަލައަށް އެ ގަޒިއްޔާގައިވާ އުސޫލެއް ތަތުބީގު ކުރަންޖެހޭފަދަ ހާލަތެއް ވުޖޫދުގައި އޮތްކަމުގައި އަހުރެން ނުދެކެމެވެ.
(ނ) ޙަސަން ޝިޔާމް ވ. އިލެކްޝަންސް ކޮމިޝަން މައްސަލަ އާއި އިބްރާހީމް ޒަމީލް ވ. އިލެކްޝަންސް ކޮމިޝަން މައްސަލަ
51. ބުނެވިދިޔަ ދެ ގަޒިއްޔާގައި 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ބޭނުންކުރި އުސޫލަކީ މީހެއްގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމުގައި ބެލެވޭނީ ދަރަންޏެއް އޮތްކަމަށް ކަނޑައެޅި ދަށު ކޯޓުގެ ހުކުމުގެ އިސްތިއުނާފީ މަރުހަލާތައް ނިމި، ނުވަތަ އިސްތިއުނާފު ކުރުމަށް އޮތް މުއްދަތު ފާއިތުވެ، އެ ހުކުމް ނިހާއީ ހުކުމަކަށް ވުމުން ކަމަށެވެ.
52. މި ދެ ގަޒިއްޔާއަކީވެސް 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން ބޭނުންވި ދެ މީހެއްގެ ކިބައިން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ދަށުން ޝަރުތު ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން ހުށަހެޅުނު ދެ މައްސަލައެވެ. ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލައާ ޚިލާފަށް މި ދެ މައްސަލައިގައި ހިމެނެނީ މަދަނީ ދަރަންޏެވެ.
53. ނަމަވެސް މި މައްސަލަތަކުގެ ފަހުން ނިންމާފައިވާ މައްސަލަތަކުގެ އުސޫލުތައް ތަތުބީގުކުރާނަމަ ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ބަލަމުން މިދާ ގަޒިއްޔާގެ 43 ވަނަ ވަނަ ޕެރެގްރާފްގައި ވާފަދައިން، ގާނޫނުއަސާސީގައި ސާފު އިބާރާތުން ވަކި އެއްޗެއް ލިޔެފައިވާނަމަ ރުޖޫއަ ވާންޖެހޭނީ އެ އިބާރާތަކުން ދޭހަވާ މާނައަށެވެ. އަދި ގާނޫނުއަސާސީގެ މާއްދާއަކަށް އުނިއިތުރު ގެނައުމުގެ ބާރެއް ކޯޓަށް ލިބިގެންނުވެއެވެ.
54. ވުމާއެކު ހަސަން ޝިޔާމް ވ. އިލެކްޝަންސް ކޮމިޝަން އަދި އިބްރާހީމް ޒަމީލް ވ. އިލެކްޝަންސް ކޮމިޝަން ގަޒިއްޔާތަކުގައިވެސް ޝަރުޢީ ތިން މަރުހަލާ ފުރިހަމަ ކުރަންޖެހޭކަމަށް ނުވަތަ އިސްތިއުނާފުކުރުމުގެ މުއްދަތުތައް ފާއިތުވެފައިވުމުން މެނުވީ ހުކުމެއް، ހުކުމްގެ މާނައިގެ ތެރެއަށް ނުވަންނާނެކަމަށް އޮންނަ އޮތުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާރު ކަނޑައަޅާފައިވާ ގާނޫނުއަސާސީ މާނަކުރުމުގައި ބަލަންޖެހޭ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ނޫނެވެ.
ގާނޫނުއަސާސީއިން ދޭހަވާ މާނަ
55. ގާނޫނުއަސާސީގައި އަސާސީ ޙައްޤުތަކުގެ ބާބުގައި ބަޔާންކުރާ ޙައްޤުތަކަކީވެސް މުޠުލަޤުކޮށް ލިބިދެވޭ ޙައްޤުތަކެއް ނޫނެވެ. އެ ޙައްޤުތައްވެސް ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެމަތިން ހަނިކޮށް ހިފެހެއްޓިދާނެއެވެ. އެގޮތުން، ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި، "މި ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު"، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ، އެ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައި އޮތުމުން، ގާނޫނުއަސާސީގައިވާ ހައްގުތައް އެ މާއްދާއިން މަހުދޫދުކުރެވިފައިވާކަން އެނގެއެވެ. އަދި މަގާމަކަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޝަރުތަކަށް އުނިއުތުރު ގެނައުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާކަމަށް މި ކޯޓުގެ މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ26 ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ.
56. މި މައްސަލަ ހުށަހެޅި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ފަރާތުން މިކޯޓުގައި އެދިފައިވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ލިޔެފައިވާ "ހުކުމް" މި ލަފްޒުގެ ތަރަހަ، ޝަރިއަތްކުރާ ކޯޓުން އިއްވައި ތަންފީޒުވަމުން އަންނަ ހުކުމުގެ ތަރަހައިން ނެރެ، އިސްތިއުނާފީ މަރުހަލާތަކުގެ ދާއިރާގެ ތެރޭގައި ގޮތެއް ނުނިމި ހުރި މައްސަލަތަކުގެ މައްޗަށް ފުޅާކޮށް ދިނުމަށެވެ. މިވަރުގެ ބޮޑު ބަދަލެއް ގާނޫނުއަސާސީގެ މާއްދާއެއްގައިވާ މަފްހޫމަކަށް އަންނާނެ ގޮތަށް ގާނޫނުއަސާސީގައިވާ ލަފްޒެއް މާނަކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާކަމަށް މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ27 ގަޒިއްޔާގައި މީގެ ކުރިން އަހުރެން ވަނީ ބަޔާންކޮށްފައެވެ. މި އުސޫލު އެގޮތަށް ދެމެހެއްޓުމަކީ ގާނޫނުއަސާސީގެ ކަރާމާތް ހިފަހައްޓައި ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގެ ވިސްނުން އެގޮތުގައި ދެމެހެއްޓުމަށްޓަކައި އަހުރެންގެ މައްޗަށް ލާޒިމުވާ ކަމެއްކަމަށް ދެކެމެވެ. އަހުރެންގެ ނަޒަރުގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގެ އިބާރާތް ރައްޔިތުންގެ ޚާއްސަ މަޖިލީހުން މިހާރު އެއޮތް ގޮތަށް އެކުލަވާލައި ފާސްކުރި އިރު، އިސްތިއުނާފީ މަރުހަލާގައި ނުނިމި ހުންނަ މައްސަލަތަކާ ގުޅިގެން، ދައުލަތުގެ މަގާމުތަކަށް ކުރިމަތިލާ މީހުން އެހެން ބައެއް ގައުމުތަކުގެ ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި ލިޔެގެން ޑިސްކޮލިފައިނުކޮށް އެހާލަތު އިސްތިސްނާ ކޮށްފައިވާކަން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީއާއި މުޅި ޚާއްސަ މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވާ ހިނދު އެފަދަ އިސްތިސްނާއެއް ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ހިމަނާފައިނުވަނީ މަގާމުތަކަށް ކުރިމަތިލުމަށް ޝަރުތުހަމަވުމަށް "ނިހާއީ ހުކުމެއް" ބޭނުން ނޫންކަމަށާއި އެމީހަކީ ތަންފީޒުވަމުންދާ ޖަލުހުކުމެއްގެ މަތީގައި ހުރި މީހަކު ކަމަށްވާނަމަ އެ މީހަކު ޑިސްކޮލިފައިކުރުން އެއީ އެ މަޖިލީހުގެ މެމްބަރުންގެ ނިޔަތް ކަމުގައިވާތީ ކަމުގައި ދެކެމެވެ. އަދި އެއީ ދައުލަތުގެ މަގާމުތަކުގައި މަސައްކަތްކުރާ މީހުންނަކީ ނަޒާހަތްތެރި އަދި އަބުރުގެއްލިފައިވާ މީހަކު ކަމަށް ވެގެން ނުވާނެ ކަމަށް އެ މަޖިލީހުގެ މުޅި ވިސްނުން ބައްޓަންވެފައިވާތީކަން އެ މަޖިލީހުގެ ޔައުމިއްޔާތަކުން ސާފުކޮށް އެނގެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2021)28 ގަޒިއްޔާގައި ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވާކަމަށް ދަށު މަރުޙަލާގެ ކޯޓަކުން އިއްވާފައިވާ ޙުކުމެއް އިސްތިއުނާފު ކުރުމަކީ، އޭގެ ޒާތުގައި އެ މީހާގެ މައްޗަށް އިއްވާފައިވާ ޙުކުމުގެ ބާރު ދަށްވާނެ ކަމެއް ނޫން ކަމަށާއި، އެ ޙުކުމަކީ ވުޖޫދުވެފައިނުވާ ޙުކުމެއް ކަމުގައި ބަލާނެ ޖާގަ އޮތްކަމެއްވެސް ނޫން ކަމަށް އެ ޤަޟިއްޔާގެ 46 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ޙުކުމެއް މީހެއްގެ މައްޗަށް އިއްވުމުގެ ނަތީޖާއަކީ، އެ ހުކުމް ތަންފީޒުކުރުމަށްޓަކައި އެ މީހެއްގެ މައްޗަށް ހިންގާ އިޖުރާއަތުތައް ހިންގުމުގައި އެ އިޖުރާއަތު ހިންގުމަށް ބޭނުންވާ މިންވަރަށް ގާނޫނުއަސާސީގައި ލިބިދީފައިވާ އަސާސީ ޙައްޤުތައް ހިފެހެއްޓިފައިވާ މީހެއް ކަމުގައި ބެލުން ކަމަށާއި، މި ޙާލަތުގައި އެ މީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ މަރުޙަލާގައި އިތުރު އިޖުރާއާތެއް ހިނގާނީ ޤާނޫނުގައި އެ އިޖުރާއާތެއް ބަޔާންވުމުން ކަމަށް ބަޔާންކޮށްފައިވެއެވެ. އަތުގައި މި އޮތް މައްސަލައިގައިވެސް އަހުރެންގެ ރައުޔަކީ އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ ރައުޔެވެ.
57. މި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ފޯމާއެކު ހިމަނާފައިވާ ކުށުގެ ރިކޯޑު ފޯމުތަކަށް ބެލުމުން، އޭނާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 698/Cr-C/2021 ގަޒިއްޔާއިން މަނީ ލޯންޑަރކުރުމުގެ ކުށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 697/Cr-C/2021 ގަޒިއްޔާއިން ރިޝްވަތު ޤަބޫލުކުރުމުގެ ކުށް ޝަރިއަތަށް ސާބިތުވެ، މި ދެ ކުށުގެ އަދަބެއްގެ ގޮތުން ޖުމްލަ 11 (އެގާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ، އަދި އެހުކުމް ތަންފީޒުކުރަމުންދާ މީހެއްކަން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުޠު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާއާ ގުޅޭ
58. ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން، ހުކުމް ތަންފީޒުކުރާ މީހަކަށް، ސިޔާސީ ޕާޓީ އާއި ޖަމްއިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ޙަރާކަތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ހުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މީހުންނަށް އެ މުއްދަތުގައި ހިފެހެއްޓިފައިވާތީ، ހުކުމް ތަންފީޒުކުރުމަށްޓަކައި ޖަލު ބަންދުގައި ހުރެގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުއަށް ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓަކަށް ނުވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމުގައި ބަޔާންކޮށްފައި ވެއެވެ.
59. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ނިންމާފައިވާ ނިންމުމުގައި ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 62 ވަނަ މާއްދާއަށް ހަވާލާދީ އިސްވެ ބަޔާންކުރެވުނު ފަދައިން ބަޔާން ކޮށްފައިވާ ނަމަވެސް، އެ ނުކުތާ މިމައްސަލައިގެ ތެރެއިން ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅާފައިނުވާތީ، އެ ނުކުތާއާމެދު މި ގަޒިއްޔާގައި ގޮތެއް ކަނޑައަޅާނެ ޖާގައެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް
60. އިސްވެ ބަޔާންކުރި ސަބަބުތައް އެގޮތަށް ހުރުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އާއި (ޅ) ގައި ބަޔާންކުރާ ޝަރުޠު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު
61. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
62. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
63. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
64. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
65. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
66. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އާއި (ޅ) ގައި ބަޔާންކުރާ ޝަރުތު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކިބައިގައި ފުރިހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޙްމަދު މުޢުތަޞިމް ޢަދުނާން
އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު މަޙާޒު ޢަލީ ޒާހިރު
ޙުސްނުއްސުޢޫދު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް
1 އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު (IUL)38-AC/2023/313 (22 ޖުލައި 2023) ގެ އިޢުލާން
2 މއ. ކާމިނީހުޅަނގުގެ
3 ހުށަހެޅި ނަންބަރު RI/2023/F01
4 [2021] SC 110
5 [2021] SC 110
6 [2021] SC 36
7 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-/78, 2020/SC-79 ގަޒިއްޔާ
8 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-/78, 2020/SC-79 ގަޒިއްޔާ
9 2011/SC-C/46
10 [2021] SC 46
11 2019/SC-E/10
12 2019/SC-E/11
13 ފުޓްނޯޓު ނަންބަރު 1 ގައިވާ ގަޒިއްޔާގެ (ނ) ގެ 3 ވަނަ ޕެރެގްރާފް
14 އބމ (ނ) ގެ 5 ވަނަ ޕެރެގްރާފް
15 ޤާނޫނު ނަންބަރު 2010/13
16 [2021] SC 18
17 [2021] SC 110
18 ފުޓްނޯޓު ނަންބަރު 1 ގައިވާ ގަޒިއްޔާގެ (ނ) ގެ (5) ވަނަ ޕެރެގްރާފް
19 ޤާނޫނު ނަންބަރު 2014/9 ގެ 1205 ވަނަ މާއްދާގެ (ށ)
20 [2021] SC 110
21 2020/SC-C/78, 2020/SC-C/79
22 އބމ، 56 ވަނަ ޕެރެގްރާފް
23 އބމ، 77 ވަނަ ޕެރެގްރާފް
24 [2021] SC 46
25 އބމ، 23 ވަނަ ޕެރެގްރާފް
26 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-/78, 2020/SC-79 ގަޒިއްޔާ
27 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-/78, 2020/SC-79 ގަޒިއްޔާ
28 [2021] SC 110
2023/SC-C/01 [2023] SC 32
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.