ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2025] SC 04 · 2023/SC-A/09

ސްޓަރ ރިޒޯޓް އެންޑް ހޮޓެލްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ސުޕްރީމް ކޯޓުބައެއް ބަދަލުކުރި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 ޖަނަވަރީ 2025ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2020/HC-A/145، 2020/HC-A/156
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ TAT-CA-G/2019/010 މައްސަލައިގައި މީރާގެ ނިންމުން ރަނގަޅު ނޫންކަމަށް ކަނޑައަޅައި، ނަގާފައިވާ ޢަދަދު އަނބުރާ ދީ ޖީއެސްޓީ އަލުން ކަނޑައެޅުމަށް މީރާއަށް އެންގިއެވެ. އެ ނިންމުން ދެފަރާތުން އިސްތިއުނާފުކުރުމުން ހައިކޯޓުގެ 2020/HC-A/145 އަދި 2020/HC-A/156 ޤަޟިއްޔާ އެކުއެކީގައި ބަލައި ނިންމިއެވެ. ހައިކޯޓުގެ ނިންމުމުގެ ދެ ނުކުތާއެއް ސްޓަރ ރިޒޯޓް އެންޑް ހޮޓެލްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީއެވެ.
ވާޤިޢާ
ރިޒޯޓެއް ހިންގާ ސްޓަރ ރިޒޯޓް އެންޑް ހޮޓެލްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރިޒޯޓުގެ ކޮޓަރިތައް ޓުއަރ އޮޕަރޭޓަރ އިންތިޒާމެއްގެ ދަށުން ވިއްކި އަގަކީ ބާޒާރު އަގަށްވުރެ ކުޑަ އަގެއްކަމަށް ބަލައި، 2014 އާއި 2015 ގެ ޓެކްސް މުއްދަތުތަކަށް $686,690 އިތުރު ޖީއެސްޓީ ދައްކަންޖެހޭކަމަށް މީރާއިން އޮޑިޓުގައި ކަނޑައެޅިއެވެ. ކުންފުނިން ކުރި އިޢުތިރާޟު މީރާއިން ބަލައިނުގަތުމުން މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޖީއެސްޓީ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައިވާ މީރާއިން ހުއްދަކޮށްފައިވާ އުޞޫލަކީ ޢާންމުކުރަންޖެހޭ އުޞޫލެއްތޯއާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ގެ ދަށުން ޓެކްސް ޢަދަދު ބަދަލުކުރުމަށް މީރާއަށް އަންގައި މައްސަލަ އަނބުރާ ފޮނުވުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ޖީއެސްޓީއަކީ ސެލްފް އެސެސްމަންޓް ނިޒާމެއް ކަމުން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައިވާ މީރާއިން ހުއްދަކޮށްފައިވާ އުޞޫލު ޢާންމުނުކޮށް އެއަށް ޢަމަލުކުރުން މުސްތަޙީލުކަމަށާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ގެ ދަށުން ނިންމުން ބަދަލުކުރުމަށް މީރާއަށް އެންގުމުގެ ބާރު ޓްރައިބިއުނަލަށް ނުލިބޭކަމަށެވެ. މީރާއިން ބުނީ އެ އުޞޫލު ޢާންމުކުރަން ގަވާއިދުގައި ލާޒިމުނުކުރާކަމަށާއި، ނިންމުން ބަދަލުކުރުމަށް މީރާއަށް އެންގުމަކީ ޓްރައިބިއުނަލަށް ކުރެވޭނެ ކަމެއްކަމަށެވެ.
ކޯޓުގެ ސަބަބުތައް
އުޞޫލު ޢާންމުނުކުރާނަމަ ޓެކްސް ދައްކާ ފަރާތަށް ޞައްޙަ ޢަދަދު ހިސާބުކުރެވޭނެ ގޮތެއް ނެތި، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން ޖޫރިމަނާވުމުގެ ބޭއިންޞާފު ކުރިމަތިވާނެތީ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ ރޫޙާ އެއްގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައިވާ އުޞޫލު ޢާންމުކޮށްފައި ހުންނަން ޖެހޭކަމަށް ކޯޓުން ކަނޑައަޅައި، ހައިކޯޓުގެ އެ ބައި ބާޠިލުކުރިއެވެ. މޯލްޑިވްސް ޕެޝަންސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާއާ އެއްގޮތަށް، މީރާގެ ނިންމުން ރަނގަޅު ނޫންކަމަށް ކަނޑައަޅާއިރު ޚުޞޫމާތަށް ޙައްލެއް ހޯދައިދިނުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވާކަމަށާއި، ތަކުރާރުކޮށް މައްސަލަ ހުށަހެޅޭ ޙާލަތުގައިވެސް ނިމުން ގެނައުމުގެ ބާރު ޓްރައިބިއުނަލަށް ލިބިފައިވާކަމަށް ކަނޑައެޅިއެވެ. އެހެންކަމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ހައިކޯޓުން މާނަކުރި ގޮތް އިއްތިފާޤުން ދަމަހައްޓައިފިއެވެ.

ނިންމުން

ބައެއް ބަދަލުކުރި

ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު (25 ވަނަ މާއްދާގެ (ރ) މާނަކުރި ބައި)، ޓްރައިބިއުނަލްގެ ބާރާބެހޭ ބައި ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖީއެސްޓީ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން ބާޒާރު އަގު ކަނޑައަޅާ "މީރާއިން ހުއްދަކޮށްފައިވާ އުޞޫލަކީ" ޢާންމުކޮށްފައިވާ އުޞޫލަކަށް ވާންޖެހެއެވެ. އުޞޫލު ޢާންމުކުރަން ޤާނޫނުގެ ޞަރީޙަ ނައްޞަކުން ލާޒިމުނުކުރި ނަމަވެސް، ޢާންމުނުކޮށްފިނަމަ ޓެކްސް ދައްކާ ފަރާތަށް ޖެހެނީ އުޞޫލު އިފްތިރާޟުކުރާށެވެ.

HN2 ޖީއެސްޓީ ދައްކަނީ ސެލްފް އެސެސްމަންޓް ނިޒާމެއްގެ ދަށުން ކަމަށްވެފައި، ނޭނގުމެއްގެ ތެރޭގައި ކުޑަ އަގަކަށް ބިނާކޮށް ޓެކްސް ދެއްކުމުގެ ނަތީޖާއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން ޖޫރިމަނާވުން ކަމުން، އުޞޫލު ޢާންމުކުރަން ޤާނޫނު ލާޒިމުނުކުރާތީ ޓެކްސް ދައްކާ ފަރާތުން އެފަދަ ބޭއިންސާފެއް ތަޙައްމަލުކުރަންޖެހުމަކީ ޓެކްސް ޤާނޫނުތައް ތަޞައްވުރުކުރާ ގޮތެއް ނޫނެވެ.

HN3 ޓެކްސް ދައްކާ ފަރާތަށް ޓެކްސް ދެއްކުމުގެ ވާޖިބު އަދާކުރުމުގައި ކާމިޔާބުވާނީ ޓެކްސް ޢަދަދު ކަނޑައެޅުމާގުޅޭ ހުރިހާ މަޢުލޫމާތެއް ލިބިގެން ކަމާއި، އެއީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ ރޫޙު ކަމުގައި ސުޕްރީމް ކޯޓުން ދެކެއެވެ.

HN4 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ގައި "މީރާއަށް އެންގުމަށް" ވެސް "ޢަދަދު ކަނޑައެޅުމަށް" ވެސް ޞަރީޙަކޮށް ބަޔާންކޮށްފައި ނުވާއިރު، މީރާގެ ނިންމުމެއް ރަނގަޅުނޫންކަމަށް ޓްރައިބިއުނަލުން ކަނޑައަޅާނަމަ ޓެކްސް ޢަދަދާމެދު އުފެދުނު ޚުޞޫމާތަށް ޙައްލެއް ހޯދައިދޭންޖެހޭއިރު، އެ ޙައްލުތައް ޓްރައިބިއުނަލްގެ ބާރުތަކުގެ ތެރެއިން މަޙުދޫދުކުރެވިފައި ނުވެއެވެ.

HN5 މީރާގެ ނިންމުން ބަދަލުކުރުމަށް ޓްރައިބިއުނަލުން މީރާއަށް އެންގުމަކީ ގަވާއިދުގައި ނެތް މާނަކުރުމެއް ނޫނެވެ. އެއީ ޓްރައިބިއުނަލަށް މައްސަލަ ނިންމެން އޮތް ހަމައެކަނި ގޮތް ނޫނަސް ހުއްދަ ގޮތެކެވެ. މި ނިންމުމަށް މޯލްޑިވްސް ޕެޝަންސް ޕްރައިވެޓް ލިމިޓެޑް ވ. މީރާ [2023] SC 39 ގައި ކަނޑައެޅި އުޞޫލުތަކަށް ރިޢާޔަތްކޮށްފައިވެއެވެ.

HN6 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިޢުތިރާޟަކާމެދު މީރާއިން ނިންމާ ކޮންމެ ނިންމުމަކީ އިސްތިއުނާފުކުރެވޭ ނިންމުމެއް ނޫނެވެ. އިސްތިއުނާފުކުރެވެނީ އެ ނިންމުން ޓެކްސް ދައްކާ ފަރާތަށް ޤަބޫލުނުކުރެވޭ ޙާލަތުގައެވެ. ޓެކްސްގެ އެއް މުޢާމަލާތާ ގުޅިގެން ތަކުރާރުކޮށް މައްސަލަ ހުށަހެޅޭ ޙާލަތުގައިވެސް އެކަމަށް ނިމުން ގެނައުމުގެ ބާރު ޓްރައިބިއުނަލަށް ގަވާއިދުން ލިބިދީފައިވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން، ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 2 ފެބުރުއަރީ 2023 · ރަޖިސްޓްރީކުރީ 23 ފެބުރުއަރީ 2023 · ނިމުނީ 26 ޖަނަވަރީ 2025 (23.1 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2025] SC 04 2023/SC-A/09 ޝަރީޢަތް ނިމުނުގޮތް ސްޓަރ ރިޒޯޓް އެންޑް ހޮޓެލްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް

ނިމުނު ތާރީޚު 26 ޖަނަވަރީ 2025

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2020/HC-A/145 2020/HC-A/156 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ސްޓަރ ރިޒޯޓް އެންޑް ހޮޓެލްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ޑެޕިއުޓީ ޑިރެކްޓަރ، މަރްޔަމް ޔާޝާ ފަތުޙުﷲ އިސްމާޢީލް (ސީ.ޓީ.އެލް. ސްޓްރެޓެޖީސް އެލް.އެލް.ޕީ)

މަދަނީ – ޓެކްސްއާބެހޭ މައްސަލަ – ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާ – ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) – މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ)

ފިހުރިސްތު

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) 1

ތަޢާރުފު 1

މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1

ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމިގޮތް 2

ހައިކޯޓުން މައްސަލަ ނިންމިގޮތް 3

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް 5

ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލު 6

އުސޫލު ޢާންމުކުރުން 6

ޓްރައިބިއުނަލުން މީރާއަށް މައްސަލަ އަނބުރާ ފޮނުވާލުން 10

މައްސަލަ ނިންމަން ފެންނަގޮތް 14

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 14

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 14

ޙުކުމް 14

` ސްޓަރ ރިޒޯޓް އެންޑް ހޮޓެލްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2025] SC 04 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު

1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/145 އަދި ނަންބަރު 2020/HC-A/156 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ، ސްޓަރ ރިޒޯޓް އެންޑް ހޮޓެލްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް1 )މީގެ ފަހުން "ސްޓަރ ރިޒޯޓް" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2ސްޓަރ ރިޒޯޓަކީ މާޔާފުށި ޓޫރިސްޓް ރިޒޯޓް ހިންގާ ކުންފުންޏެވެ. މާޔާފުށި ޓޫރިސްޓް ރިޒޯޓްގެ ކޮޓަރިތައް، ޓުއަރ އޮޕަރޭޓަރ / ޓްރެވަލް އޭޖެންޓް އިންތިޒާމުގެ ދަށުން، ސްޓަރ ރިޒޯޓްއިން އަލްޕިޓުއަރ އެސްޕީއޭ އާއި ވަރލްޑް ހޮޓެލް އެންޑް ރިޒޯޓްސް އެސްޕީއޭ (ދެ ކުންފުނި އެއްކޮށް މީގެފަހުން "އަލްޕިޓުއަރ") އަށް ވިއްކާލާފައިވެއެވެ.

301 ޖަނަވަރީ 2014 އިން 30 ސެޕްޓެންބަރު 2015 ގެ ނިޔަލަށް އޮތް ޓެކްސް ނެގޭ މުއްދަތުތަކުގައި ދައްކަންޖެހޭ ޖީއެސްޓީ އާ ގުޅިގެން މީރާއިން ސްޓަރ ރިޒޯޓްގެ އޮޑިޓެއް ކުރިއެވެ. އަދި ޖީއެސްޓީގެ ގޮތުގައި ސްޓަރ ރިޒޯޓް އިން އިތުރު $686,690/- (ހަ ލައްކަ އަށްޑިހަ ހަ ހާސް ހަ ސަތޭކަ ނުވަދިހަ އެމެރިކާ ޑޮލަރު) ދައްކަންޖެހޭކަމަށް ނިންމައި، އޮޑިޓް ރިޕޯޓަކާއި ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް އެއް މީރާއިން ފޮނުވިއެވެ. މީރާ އިން މިގޮތަށް ނިންމާފައިވަނީ، ސްޓަރ ރިޒޯޓުން އަލްޕިޓުއަރ އަށް ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތުގެ އަގަކީ ބާޒާރުގެ އަގަށްވުރެ ކުޑަ އަގެއް ކަމަށް ކަނޑައަޅައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު2 ގެ 39 ވަނަ މާއްދާ އާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު3 ގެ 19 ވަނަ މާއްދާއާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު4 ގެ 25 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީއެވެ.

4ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ސްޓަރ ރިޒޯޓްގެ ފަރާތުން މީރާގެ މި ނިންމުމަށް އިޢުތިރާޟުކޮށްފައިވެއެވެ. އެހެން ނަމަވެސް މީރާއިން ނިންމާފައިވަނީ މީރާގެ އޮޑިޓް ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

5މީރާގެ މި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ، ސްޓަރ ރިޒޯޓްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމިގޮތް

6ސްޓަރ ރިޒޯޓްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ޓްރައިބިއުނަލްގައި ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2019/010 މައްސަލައިގެ ގޮތުގައެވެ. މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ، މި މުޢާމަލާތުގެ އަގު ކަނޑައެޅުމުގައި މީރާއިން ޢަމަލުކޮށްފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި، ގުޅުންހުރި ފަރާތްތަކަށް ފޯރުވައިދީފައިވާ މުދަލާއި ޚިދުމަތުގެ އަގު ކަނޑައެޅުމަށް ބުނެދީފައިވާ އުސޫލުތަކާ ޚިލާފަށްކަމަށްވާތީ، މީރާގެ ނިންމުން ރަނގަޅު ނޫންކަމަށް ކަނޑައަޅައި، މި އޮޑިޓާ ގުޅިގެން މީރާއިން ނަގާފައިވާ ޢަދަދު 30 ދުވަހުގެ ތެރޭގައި ޤާނޫނުގައިވާ ގޮތުގެ މަތިން ސްޓަރ ރިޒޯޓަށް އަނބުރާ ރައްދުކޮށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އަލުން ޖީއެސްޓީ ޢަދަދު ކަނޑައަޅައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން މީރާގެ ނިންމުމަށް ބަދަލުގެންނަން އަންގައެވެ.

7މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ކ) މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމަށް ނިންމި ނިންމުމާއެކު، އެ މާއްދާގެ (ރ) ގައި ބަޔާންކުރާ، މީރާ އިން ހުއްދަކޮށްފައިވާ އުސޫލު ޢާންމުކޮށްފައި ނުވާކަމުގައި ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ބަޔާންވެދިޔަ 25 ވަނަ މާއްދާގެ (ރ) ގައިވާ އުސޫލުގެ ދަށުން މީރާއިން ކަނޑައަޅާ އަގަކީ ޓެކްސް ދައްކާ ފަރާތަށް ސީދާ އަސަރުކުރާނެ ކަމަކަށްވާތީ، އެ އުސޫލު ޢާންމު ކުރަންޖެހޭކަމަށް މެމްބަރުންގެ ރައުޔުގައި ބަޔާންކޮށްފައިވެއެވެ.

8ޓްރައިބިއުނަލްގެ ނިންމުން މީރާގެ ފަރާތުންނާއި، ސްޓަރ ރިޒޯޓް ގެ ފަރާތުންވެސް ހައިކޯޓުގެ އިސްތިއުނާފުކޮށްފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

9މީރާއިން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު

2020/HC-A/145 ޤަޟިއްޔާއިންނެވެ. އަދި ސްޓަރ ރިޒޯޓް ގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/156 ޤަޟިއްޔާއިންނެވެ. ދެ މައްސަލަވެސް ހައިކޯޓުގައި ހިންގާފައިވަނީ އެކުއެކީގައެވެ.

10ހައިކޯޓުގެ ޤަޟިއްޔާތަކުގައި ގޮތެއް ކަނޑައެޅިގެން ދިޔައީ ތިން ކަމަކާ ގުޅިގެންނެވެ. އެއީ،

10.1- ޖީއެސްޓީ ހިސާބު ކުރުމުގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް 28 ވަނަ އިޞްލާޙު ގެނައުމުގެ ކުރިން އޮތް، އެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ކ) މާނަކުރާނެ ގޮތް؛

10.2- ޖީއެސްޓީ ހިސާބުކުރުމުގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި، ފޯރުކޮށްދޭ ޚިދުމަތުގެ ބާޒާރު އަގު، އެ މައްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން ކަނޑައެޅެން ނެތްނަމަ، އެ މުދަލެއް ނުވަތަ ޚިދުމަތެއްގެ ބާޒާރު އަގު ކަމަށް ބަލާނީ، އެ މުދަލުގެ ނުވަތަ ޚިދުމަތުގެ މުޤާބިލުގެ ގޮތުގައި ފައިސާއިން ލިބޭނެކަމަށް މީރާއިން ހުއްދަކޮށްފައިވާ އުސޫލަކުން އަންދާޒާކުރެވޭ ޢަދަދުކަމަށް އޮތުމުން، މީރާގެ ފަރާތުން އެފަދަ އުސޫލެއް ޢާންމުކޮށްފައިނެތި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ ބާޒާރު އަގު މީރާއަށް ކަނޑައެޅިދާނެތޯ؛

10.3- ޖީއެސްޓީ ޢަދަދު އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން މީރާއަށް އެންގިދާނެތޯއާއި، އެފަދައިން ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ނޭދޭ ކަމެއްގައި ގޮތް ކަނޑަނޭޅުމުގެ އުސޫލާ ޚިލާފަށްތޯ.

11މި ތިން ނުކުތާގެ ތެރެއިން ސްޓަރ ރިޒޯޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ދެވަނަ އަދި ތިންވަނަ ނުކުތާގައި ހައިކޯޓުން ނިންމި ނިންމުމެވެ. އެގޮތުން،

11.1- ޖީއެސްޓީ ޢަދަދު އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން މީރާއަށް އެންގި އެންގުމާ ގުޅިގެން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އަލުން ޖީއެސްޓީ ޢަދަދު ކަނޑައެޅުމަށް މީރާއަށް އަންގައި ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުގެ ޙުކުމްގައިވެއެވެ.

11.2- މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައިވާ އުސޫލު ޢާންމުކޮށްފައި ނުވާކަމާމެދު ދެ ފަރާތުގެ ދެމެދުގައި ޚިލާފެއް ނެތް ކަމަށާއި، އެ ފަދަ އުސޫލެއް ޢާންމުކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ނެތް ކަމަށާއި، އެހެން ނަމަވެސް އުސޫލު ޢާންމުކޮށްފައި ނެތްނަމަ އެފަދަ ޚިދުމަތެއް ނުވަތަ މުދަލެއްގެ ބާޒާރުގެ އަގު ކަނޑަނޭޅޭނެ ކަމަށް ކަމާބެހޭ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައި ނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

12ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ފެންނަ ނުކުތާގެ ގޮތުގައި ސްޓަރ ރިޒޯޓްގެ ފަރާތުން އިސްތިއުނާފީ ދެ ނުކުތާ ހުށަހަޅާފައިވެއެވެ.

13އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، 'މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި 27 ވަނަ މާއްދާއާއި އިދާރީ ޤާނޫނުގެ 66 ވަނަ މާއްދާގެ (ށ) އާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 26 ވަނަ މާއްދާ ފަދަ މާއްދާތަކަށް ރިޢާޔަތްކުރުމެއްނެތި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުން ތަޞައްވުރުކުރާ ނިޒާމު ނެތިކޮށްލާ ގޮތަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު5 ގެ 17 ވަނަ މާއްދާއާ ޚިލާފަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) އަށް ޢަމަލުކުރުން ޓެކްސް ދައްކާ ފަރާތްތަކަށް މުސްތަޙީލުވާ ގޮތަށް، އަދި ދެކޮޅުނުޖެހޭ ނަތީޖާތަކެއް ނުކުންނަ ގޮތަށް، އަދި ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) މާނަކޮށްފައިވާކަމަށް' ބުނެ ހުށަހެޅި ނުކުތާއެވެ.

14އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، 'ޤާނޫނުން ލިބިދީފައިނުވާ ބާރުތަކެއް ޓެކްސް އެޕީލް ޓަރައިބިއުނަލަށާއި މީރާއަށް ލިބިދެވޭގޮތަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް، އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ރިޢާޔަތް ނުކޮށް، މާނަކުރުމުގެ ހަމަތައް އެއްކިބާކޮށް ދެކޮޅުނުޖެހޭ ނަތީޖާތަކެއް ނުކުންނަގޮތަށް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު މާނަކޮށްފައިވާކަމަށް' ބުނެ ހުށަހެޅި ނުކުތާއެވެ.

ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލު

15މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހެނީ މައިގަނޑު ދެ ކަމަކާ ގުޅިގެންނެވެ. އެއީ:

15.1- މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ، މީރާއިން ހުއްދަކޮށްފައިވާ އުސޫލަކީ ޢާންމުކުރަންޖެހޭ އުސޫލެއްތޯ ނުވަތަ ނޫންތޯއެވެ.

15.2- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޓެކްސް ގެ ގޮތުގައި ކަނޑައެޅި ޢަދަދު ބަދަލުކުރުމަށް މީރާއަށް އަންގައި މައްސަލަ އަނބުރާ ފޮނުވާލުމުގެ ބާރު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯއެވެ.

އުސޫލު ޢާންމުކުރުން

16އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ސްޓަރ ރިޒޯޓް ގެ ފަރާތުން ބުނެފައިވަނީ، ޖީއެސްޓީ ދެއްކުންވަނީ ސެލްފް އެސެސްމަންޓް ނިޒާމެއްގެ މައްޗަށް ބިނާވެފައިކަމަށާއި، މީރާއިން ކުރާ އޮޑިޓަކީ ޓެކްސް ދައްކާ ފަރާތުން ޓެކްސް ދެއްކުމަށްފަހު ކުރެވޭ ކަމެއް ކަމަށާއި، އޮޑިޓް ކުރެވުނު މުއްދަތަށް ދައްކާފައިވަނީ މީރާއިން ކަނޑައެޅި ޢަދަދަށްވުރެ ކުޑަ ޢަދަދެއްނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން ފައިސާ ދައްކަންޖެހޭ ސުންގަޑިން ފެށިގެން ޖޫރިމަނާ ކުރެވޭ ކަމަށެވެ. ކަން މިހެން އޮތްއިރު، ޖީއެސްޓީ ދައްކަންޖެހޭ ޞައްޙަ މިންވަރު ހިސާބުކުރަންޖެހޭ އުސޫލުތަކާއި ހަމަތަކަކީ ޓެކްސް ދައްކާ ފަރާތަށް ލިބޭގޮތަށް ހުންނަންޖެހޭނެ އެއްޗެއް ކަމަށާއި، އެހެން ނޫންނަމަ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޞައްޙަ ޢަދަދު ހިސާބުކޮށް މީރާއަށް ދެއްކޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި މި ސަބަބަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މީރާއިން ހުއްދަކޮށްފައިވާ އުސޫލު ޝާޢިއުކުރެވިފައި ނުވާތީ، އެ އުސޫލަށް ޢަމަލުކުރުން މުސްތަޙީލު ކަމަށެވެ.

17މި ނުކުތާގެ ރައްދުގައި މީރާއިން ބުނެފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ މީރާއިން ހުއްދަކޮށްފައިވާ އުސޫލެއްގެ ވާހަކަ ކަމަށާއި، އެ މާއްދާ ކިޔާލުމުން އެ މާއްދާގައި ޙަވާލާދޭ އުސޫލަކީ ޝާޢިއުކޮށްފައި އޮންނަންޖެހޭ އުސޫލެއް ކަމަށް ބަޔާންކުރެވިފައި ނުވާއިރު، އެފަދަ އުސޫލެއް ޢާންމުކޮށްފައި ނެތްނަމަ އެފަދަ ޚިދުމަތެއް ނުވަތަ މުދަލެއް ބާޒާރުގެ އަގު ކަނޑަނޭޅޭނެ ކަމަށް ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައި ނުވާކަމަށެވެ.

18މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބުނާފަދަ އުސޫލެއް ޢާންމު ކުރަންޖެހޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައި ނެތް ކަމަށާއި، އެފަދަ އުސޫލެއް ޢާންމުކޮށްފައިނެތްނަމަ، އެފަދަ ޚިދުމަތެއް ނުވަތަ މުދަލެއްގެ ބާޒާރުގެ އަގު ކަނޑަނޭޅޭނެކަމަށް ކަމާބެހޭ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިނުވި ނަމަވެސް، ބާޒާރުގެ އަގު ކަނޑައެޅުމާބެހޭ އުސޫލެއް މީރާއިން އެކުލަވާލާފައި އޮތުމަކީ ޓެކްސް ދައްކާ ފަރާތަށް އެ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ މިންވަރު ދެނެގަތުމަށްޓަކައި ނުހަނު ބޭނުންތެރި އެއްޗެއް ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

19މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) އަކީ ހުށަހެޅިފައިވާ މި މައްސަލައިގައިވާ ޙާލަތާ ސީދާ ގުޅުމެއްވާ މާއްދާއެއް ނޫނެވެ. އެހެން ނަމަވެސް، އެ އަކުރާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން ގޮތް ނިންމާފައިވަނީ، ސްޓަރ ރިޒޯޓް ގެ ފަރާތުން އެ ޓްރައިބިއުނަލްގައި ކުރި އިސްތިއުނާފުގައި، ބާޒާރުގެ އަގު ކަނޑައަޅާނެ ގޮތާ ގުޅިގެން ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ) އާ ހަމައަށް ހުރި އަކުރުތަކާ ޙަވާލާދީ ބަހުސް ހުށަހަޅާފައިވާތީ ކަމުގައި ބުރަވެވެއެވެ.6 އަދި މި އަކުރާ ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުން ނިހާއީ ވުމުގެ ފުރުޞަތު އޮތުމުން، އެ ނިންމުން ސްޓަރ ރިޒޯޓްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީއެވެ.

20HN1ގުޅުންހުރި ފަރާތަކަށް ޚިދުމަތް ފޯރުކޮށްދޭނަމަ ޓެކްސް ދައްކަންޖެހޭ ބާޒާރުގެ އަގު ކަނޑައެޅުމަށްޓަކައި ޓެކްސް ދައްކާ ފަރާތަށް އެހީތެރިވެދެނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާއެވެ. ޓެކްސް ދައްކާ ފަރާތުން ގުޅުން ހުރި ފަރާތަށް ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގު ކަނޑައެޅުމަށްޓަކައި ތަޠުބީޤު ކުރެވެނީ އެ މާއްދާގެ (ރ) ކަމުގައިވާނަމަ، މީރާއިން ހުއްދަކޮށްފައިވާ އުސޫލަކުން ބާޒާރުގެ އަގު އަންދާޒާ ކުރަންޖެހެއެވެ. އެ އަކުރުގައިވަނީ،

"ފޯރުވައިދޭ މުދާ ނުވަތަ ޚިދުމަތުގެ ބާޒާރުގެ އަގު މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން ކަނޑައެޅެން ނެތް ނަމަ، އެ މުދަލެއް ނުވަތަ ޚިދުމަތެއްގެ ބާޒާރުގެ އަގު ކަމަށް ބަލާނީ، އެ މުދަލުގެ ނުވަތަ ޚިދުމަތުގެ މުޤާބިލުގެ ގޮތުގައި ފައިސާއިން ލިބޭނެކަމަށް، މީރާއިން ހުއްދަކޮށްފައިވާ އުސޫލަކުން އަންދާޒާކުރެވޭ އަދަދެވެ."

މިހެންނެވެ. މި އަކުރުގައި ބަޔާންވެފައިވާ އުސޫލަކީ ޢާންމުކުރެވިފައިވާ އުސޫލެއް ނޫނެވެ. އަދި އުސޫލު ޢާންމުކުރުމަށް ޤާނޫނުގެ ޞަރީޙަ ނައްސަކުން ލާޒިމް ނުކުރެއެވެ. މިޙާލަތުގައި، ޓެކްސް ދައްކާ ފަރާތުގެ ޙާލަތަށް ތަޠުބީޤުކުރެވެނީ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ނަމަ، އެ އަކުރުގައި ބަޔާންކުރާ މީރާއިން ހުއްދަކޮށްފައިވާ އުސޫލަކީ ކޮބައިކަން ޓެކްސް ދައްކާ ފަރާތަށް ޖެހޭނީ އިފްތިރާޟުކުރާށެވެ. އެފަދައިން ކުރެވޭ އިފްތިރާޟު ކަށަވަރު ކުރެވެނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މީރާއިން އޮޑިޓްކުރުމުންނެވެ. އެހާ ހިސާބަށް ޓެކްސްގެ ޢަދަދު ހިސާބުކޮށް އެ ޢަދަދު ޓެކްސް ދައްކާ ފަރާތުންވާނީ މީރާއަށް ދައްކާ ޚަލާސްކޮށްފައެވެ.

21HN2މިސާލަކަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ)، ހުށަހެޅިފައި މިވާ މައްސަލައަށް ތަޠުބީޤުކުރާނަމަ، ބާޒާރު އަގު ކަނޑައެޅުމުގައި މީރާއިން ބޭނުންކުރާނެ އުސޫލަކީ ވެބްސައިޓަށް ބެލުން ކަމުގައި، ޓެކްސްގެ ފައިސާ ހިސާބުކުރާއިރު ސްޓަރ ރިޒޯޓަށް ކާމިޔާބު ކަމާއެކު އަންދާޒާކުރެވި، އެގޮތުގެ މަތިން ޓެކްސް ފައިސާ ހިސާބުކުރެވިފައި އޮންނަންވާނެއެވެ. އެހެން ނޫންނަމަ ސްޓަރ ރިޒޯޓުން ޓެކްސްގެ ގޮތުގައި ދައްކާ ޢަދަދާއި މީރާގެ އޮޑިޓުން ދައްކާ ޢަދަދުގައި ފަރަޤު އައުމަކީ ނުވެ ނުދާނެ ކަމެކެވެ.

22އުސޫލު ޢާންމުކުރެވިފައި ނުވާހިނދު، ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބުނާ، މީރާއިން ހުއްދަކޮށްފައިވާ އުސޫލެއްގެ ޞައްޙަ އަންދާޒާއެއް ކުރުމަށް ޓެކްސް ދައްކާ ފަރާތަށް ނާކާމިޔާބުވާ ޙާލަތުގައި އެފަރާތަށް ޓެކްސް ދެއްކިފައި އޮންނާނީ މީރާއިން ކަނޑައަޅާ އަގަށްވުރެ ކުޑަ، ނުވަތަ ބޮޑު އަގަކަށް ބިނާކޮށެވެ. އެގޮތުން ނޭނގުމެއްގެ ތެރޭގައި މީރާއިން ކަނޑައަޅާ އަގަށްވުރެ ކުޑަ އަގަކަށް ބިނާކޮށް ޓެކްސް ދެއްކުމުގެ އާޚިރު ނަތީޖާއަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތް ޖޫރިމަނާ ވުމެވެ. މިފަދަ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު އިންތިހާއަށް ބޮޑުކަން އަންދާޒާކުރެވޭއިރު، އުސޫލު ޢާންމުކުރުމަކާ ނުލައި އެފަދަ ޙާލަތަކަށް ޓެކްސް ދައްކާ ފަރާތެއް ހުށަހެޅުމުން މިންޖުވާނެ ގޮތެއް މީރާގެ ޖަވާބުން ސާފެއް ނުވެއެވެ.

23HN3އުސޫލު ޢާންމުކުރުމަށް ޤާނޫނު ލާޒިމްކޮށްފައި ނުވާ ސަބަބަށްޓަކައި ޓެކްސް ދައްކާ ފަރާތުން އެފަދަ ބޭއިންސާފެއް ތަޙައްމަލުކުރަން ޖެހުމަކީ ޓެކްސް ނެގުމާބެހޭ ގޮތުން ހެދިފައިވާ ޤާނޫނުތައް ތަސައްވުރުކުރާ ގޮތް ކަމުގައި ނުދެކެމެވެ. ޤާނޫނުން ކަނޑައަޅާފައިވާ ޙުދޫދުގެ ތެރެއިން ޓެކްސް ދެއްކުމުގެ ވާޖިބު އަދާކުރުމުގައި ކާމިޔާބުވާނީ ޓެކްސް ޢަދަދު ކަނޑައެޅުމާގުޅޭ ހުރިހާ މަޢުލޫމާތެއް ޓެކްސް ދައްކާ ފަރާތަށް ލިބިގެންނެވެ. ގަވާއިދަށް އެންމެ ފުރިހަމަ ގޮތުގައި ޢަމަލުކުރެވެން އޮތީ އެ މަގުފަހި ކޮށްދެވިގެންނެވެ. ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ ރޫޙަކީ މިއީ ކަމުގައި ދެކެމެވެ. އެހެންކަމުން މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމުގައި ނުދެކެމެވެ.

ޓްރައިބިއުނަލުން މީރާއަށް މައްސަލަ އަނބުރާ ފޮނުވާލުން

24މި ނުކުތާގައި ސްޓަރ ރިޒޯޓް ގެ ފަރާތުން ވާހަކަ ދައްކާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރާ ގުޅިގެންނެވެ. އެ އަކުރުގައިވަނީ،

(ނ) ޓްރައިބިނަލަށް އިސްތިއުނާފު ކުރެވޭ މައްސަލައެއްގައި:

(1) މީރާގެ ނިންމުން ރަނގަޅު ކަމަށް ކަނޑައެޅުން؛ ނުވަތަ

(2) މީރާގެ ނިންމުން ބަދަލުކުރުމަށް ކަނޑައެޅިދާނެއެވެ.

25ސްޓަރ ރިޒޯޓުން ބުނާގޮތުންނަމަ ގަވާއިދުގެ އިސްވެ ބަޔާންވެދިޔަ އަކުރުގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް މީރާގެ ނިންމުން ބަދަލުކުރުމަށް މީރާއަށް "އެންގުމުގެ" ބާރު ޓްރައިބިއުނަލަށް ލިބިގެން ނުވެއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީ، މީރާގެ ނިންމުން ބަދަލުކުރުމަށް ކަނޑައެޅުމާއި، އެ ނިންމުން ބަދަލުކުރަން އެހެން ފަރާތަކަށް އެންގުމަކީ ތަފާތު ދެ ކަމަކަށްވުމެވެ.

26މި ނުކުތާގެ ރައްދުގައި މީރާއިން ބުނެފައިވަނީ، މީރާގެ ނިންމުން ބަދަލުކުރުމަށް ކަނޑައަޅާހިނދު މީރާއަށް ނިންމުން ބަދަލުކުރުމަށް އެންގުމަކީ މައްސަލަ ނިންމުމުގައި އެންމެ ރަނގަޅުގޮތް ކަމުގައި ޓްރައިބިއުނަލަށް ފެނިއްޖެނަމަ އެފަދައިން ޢަމަލުކުރަންޖެހޭނެ ކަމަށާއި، މީރާގެ ނިންމުން ބަދަލުކުރުމަށް ކަނޑައަޅައި އެ ބަދަލު ގެނައުމުގެ ޒިންމާ މީރާއާ މަތިކުރާނަމަ އެކަން ކުރެވޭނީ މީރާ އަށް އަންގައިގެންކަމަށެވެ.

27HN5ސުޕްރީމް ކޯޓުގެ މޯލްޑިވްސް ޕެޝަންސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ7 ޤަޟިއްޔާގައި، ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) މާނަކުރާނެ ގޮތާ ގުޅިގެން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަރަށް ތަފްޞީލީ ގޮތެއްގައި ރައުޔު ދެއްވާފައިވެއެވެ. މޯލްޑިވްސް ޕެޝަންސް8 މައްސަލައިގައި މިކަމާ ގުޅިގެން ނިންމާފައިވާ ނިންމުމުގެ ޚުލާޞާއަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) އިންނާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އިންނާއި 42 ވަނަ މާއްދާގެ (ހ) އިން، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް މައްސަލަތައް ނިންމުމުގެ އިޚްތިޔާރު އެ ޓްރައިބިއުނަލަށް ލިބިގެންވާކަމާއި، އެ އިޚްތިޔާރުގެ އަލީގައި، ޓްރައިބިއުނަލަށް ފެންނަ ރަނގަޅު، އަދި ހުށަހެޅިފައި އޮތް މައްސަލައަށް އެންމެ އެކަށީގެންވާ ގޮތަކީ ކޮބައިކަން ޓްރައިބިއުނަލަށް ކަނޑައެޅިދާނެ ކަމާއި، އެގޮތުން ޓްރައިބިއުނަލުން އަމިއްލަ ޢަދަދެއް ކަނޑައެޅުންވެސް ހިމެނޭ ކަމާއި، ޓްރައިބިއުނަލަށް ފެންނަ ނަމަ އިރުޝާދުތަކަކާއެކު މީރާއިންވެސް ނުވަތަ ކަމާބެހޭ އެހެން ފަރާތަކުންވެސް އެ މައްސަލައާ ގުޅިގެން ވަކިގޮތަކަށް ޢަމަލުކުރުމަށް އެންގިދާނެ ކަމެވެ.

28ސްޓަރ ރިޒޯޓުގެ ޝަކުވާއަކީ، މޯލްޑިވްސް ޕެޝަންސް9 ޤަޟިއްޔާގެ ނިންމުމުގައިވާ ފަދައިން ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާ މާނަކޮށްފިނަމަ، މަރުޙަލާތައް ސައިކަލް އެއްގެ ތެރެއަށް ވަދެގެން ދިއުމަށް މަގުފަހިވުމެވެ. އެގޮތުން، މީރާއިން އޮޑިޓްކޮށް އޮޑިޓް ރިޕޯޓާއި ނޯޓިސް އޮފް ޓެކްސް އެސެސްމެންޓް ފޮނުމުން، ޓެކްސް ދައްކާ ފަރާތުން އެއަށް އިޢުތިރާޟު ހުށަހަޅައެވެ. އަދި އެ އިޢުތިރާޟު ބަލައިނުގަތުމަށް މީރާއިން ނިންމާ ޙާލަތުގައި ޓެކްސް ދައްކާ ފަރާތުން މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރެއެވެ. އެގޮތުން ހުށަހެޅޭ އިސްތިއުނާފީ މައްސަލަތައް ޓްރައިބިއުނަލުން ނިންމާއިރު، މީރާއިން ނިންމާ ނިންމުން ބަދަލުކުރުމަށް އަލުން މީރާއަށް އަންގާނަމަ މިހުރިހާ މަރުޙަލާއެއް އަނެއްކާވެސް ތަކުރާރުވާނެ ކަމަށް ސްޓަރ ރިޒޯޓުން ބުނެއެވެ. އަދި އެގޮތަށް ކަންތައްތައްވުމުން، ޓެކްސް ނެގުމާބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކުގެ މަޤުޞަދުތައް ޙާޞިލުވުމަށް ހުރަސްއެޅޭ ކަމަށާއި، ޤާނޫނުގައި ހުރި މުއްދަތުގެ ބޭނުން އޭގެ ސަބަބުން އެއްކޮށް ކެނޑިގެންދާ ކަމަށާއި، ޓެކްސް ދައްކާ ފަރާތަށް ޤާނޫނުން ލިބިދީފައިވާ ޔަޤީންކަން ގެއްލިގެންދާ ކަމުގައި ސްޓަރ ރިޒޯޓުން ފާހަގަކުރެއެވެ.

29HN4ސްޓަރ ރިޒޯޓުން ޤަބޫލުކުރާ ގޮތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު މާނަކުރަންޖެހޭ ހަމައެކަނި ގޮތަކީ، މީރާއިން ނިންމާފައިވާ ނިންމުން ބަދަލުކޮށް ޓްރައިބިއުނަލުން ޢަދަދެއް ކަނޑައެޅުމެވެ. އެހެން ނަމަވެސް، ފާހަގަކޮށްލެވޭ ކަމަކީ، މީރާގެ ނިންމުން ބަދަލުކުރުމަށް "މީރާއަށް އެންގުމަށް" އެ ނަންބަރުގައި ބަޔާންވެފައި ނުވާ ފަދައިން، "ޢަދަދު" ކަނޑައެޅުމަކަށްވެސް ޞަރީޙަކޮށް އެ އަކުރުގައި ބަޔާންކޮށްފައި ނުވާކަމެވެ.

30ދެން އުފެދޭ ސުވާލަކީ ޓްރައިބިއުނަލުން ޢަދަދު ކަނޑައެޅުން ރަނގަޅު ވެފައި، މީރާގެ ނިންމުން ބަދަލުކުރަން މީރާއަށް އެންގުން ގޯސް މާނަކުރުމަށް ވަނީ ކީއްވެހެއްޔެވެ؟ މީރާގެ ނިންމުން ބަދަލުކުރަން ޓްރައިބިއުނަލުން މީރާއަށް އެންގުން އެއީ ރަނގަޅު މާނަކުރުމެއްނަމަ، ޓެކްސް ނެގުމާބެހޭ ގޮތުން ހެދިފައިވާ ޤާނޫނުތަކުގެ މަޤުޞަދު ޙާޞިލުކުރުމަށް ހުރަހަކަށް ވޭހެއްޔެވެ؟

31ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ކިޔާލުމުން ޔަޤީންވާ އެއް ކަމެއް އޮވެއެވެ. އެއީ، މީރާއިން ނިންމާ ނިންމުމެއް ރަނގަޅު ނޫންކަމަށް ޓްރައިބިއުނަލުން ކަނޑައަޅާނަމަ، އެފަދައިން ކަނޑައެޅުމާއެކު، ޓެކްސް ދައްކަންޖެހޭ ޢަދަދާމެދު އުފެދުނު ޚުޞޫމާތަށް ޙައްލެއް ހޯދައިދޭންޖެހޭކަމެވެ. އެ ޙައްލުތައް، ޓްރައިބިއުނަލްގެ ބާރުތަކުގެ ތެރެއިން މަޙުދޫދު ކުރެވިފައި ނުވެއެވެ.

32HN6ރާއްޖޭގެ ޓެކްސް ނިޒާމު ބައްޓަންވެފައިވަނީ، އިސްތިއުނާފު މަރުޙަލާއަށް ދިއުމަކާ ނުލައި ޓެކްސް ދައްކާފަރާތާއި މީރާއާ ދެމެދު އުފެދޭ ޚުޞޫމާތު ޙައްލުކުރެވޭ ގޮތަށެވެ. އެގޮތުން، މީރާއިން ކަނޑައަޅާ ޓެކްސް ގެ ޢަދަދާމެދު ހިތްހަމަ ނުޖެހޭނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިޢުތިރާޟު ހުށަހެޅުމުގެ ޙައްޤު ޓެކްސް ދައްކާ ފަރާތަށް ލިބިގެންވެއެވެ. އެފަދަ އިޢުތިރާޟަކާމެދު 120 ދުވަހުގެ ތެރޭގައި މީރާއިން ގޮތް ނިންމަންޖެހެއެވެ. އަދި އެ މުއްދަތުގައި މީރާއިން ގޮތެއް ނުނިންމައިފިނަމަ، އެ އިޢުތިރާޟެއް ނިސްބަތްވާ މީރާގެ ނިންމުން ރަނގަޅު ނޫންކަމަށް މީރާއިން ނިންމީ ކަމުގައި ބެލެވެއެވެ.

33ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުން މީރާއަށް އިޢުތިރާޟު ހުށަހެޅުމުން، އެ އިޢުތިރާޟާމެދު މީރާއިން ނިންމާ ކޮންމެ ނިންމުމަކީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫނެވެ. އިސްތިއުނާފު ކުރެވޭ ހަމައެކަނި ޙާލަތަކީ މީރާއިން އިޢުތިރާޟާމެދު ނިންމާ ނިންމުން ޓެކްސް ދައްކާ ފަރާތަށް ޤަބޫލު ނުކުރެވޭ ޙާލަތެވެ. އެގޮތުން ޓެކްސް ދައްކާ ފަރާތަކާއި މީރާއާ ދެމެދު ކުރެވިފައިވާ ޓެކްސް ގެ އެއް މުޢާމަލާތާ ގުޅިގެން ތަކުރާރުކޮށް މައްސަލަ ހުށަހެޅޭ ޙާލަތުގައިވެސް އެކަމަށް ނިމުން ގެނައުމުގެ ބާރު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުން ޓްރައިބިއުނަލަށް ލިބިފައިވެއެވެ. އެހެނީ، މީރާގެ ނިންމުން ބަދަލުކުރުމަށް މީރާއަށް އެންގުމަކީ ގަވާއިދުގެ ދަށުން ޓްރައިބިއުނަލަށް މައްސަލަ ނިންމެން އޮތް ހަމައެކަނި ގޮތް ކަމުގައި ނުވާތީއެވެ.

34އެހެންކަމުން މީރާގެ ނިންމުން ބަދަލުކުރުމަށް ޓެކްސް އެޕީލް ޓަރައިބިއުނަލުން މީރާއަށް އެންގުން އެއީ ގަވާއިދުގައި ނެތް މާނަކުރުމެއް ކަމުގައި ބަލާނެ ޖާގަ ނެތުމުން، ހައިކޯޓުން މި ނުކުތާގައި ނިންމި ނިންމުން ރަނގަޅުކަމަށް ފެނެއެވެ.

މައްސަލަ ނިންމަން ފެންނަގޮތް

35މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ، މީރާއިން ހުއްދަކޮށްފައިވާ އުސޫލަކީ، ޢާންމުކޮށްފައިވާ އުސޫލަކަށް ވާންޖެހޭތީ، ހައިކޯޓުން މި މާއްދާގެ މި އަކުރާ ގުޅިގެން ނިންމާފައިވާ ނިންމުން ބާޠިލުކުރުމަށް ފެނެއެވެ.

36ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު ހައިކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށް ކަމަށްވާތީ، ހައިކޯޓުގެ ޙުކުމްގެ އެބައި ދަމަހައްޓަން ފެނެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

37މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

38މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ މަގުން ހުރުމުން،

(ހ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ، މީރާއިން ހުއްދަކޮށްފައިވާ އުސޫލަކީ، ޢާންމުކޮށްފައިވާ އުސޫލަކަށް ވާންޖެހޭތީ، ހައިކޯޓުގެ ނަންބަރު 2020/HC-A/145 ޤަޟިއްޔާ އާއި ނަންބަރު 2020/HC-A/156 ޤަޟިއްޔާގައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) މާނަކޮށް ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ބާޠިލުކޮށްފީމެވެ.

(ށ) ހައިކޯޓުގެ ނަންބަރު 2020/HC-A/145 ޤަޟިއްޔާ އާއި ނަންބަރު 2020/HC-A/156 ޤަޟިއްޔާގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު ހައިކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށް ކަމަށްވާތީ، ހައިކޯޓުގެ ޙުކުމްގެ އެބަޔަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ތާއީދު ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޙުސްނުއްސުޢޫދު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް (ރިޔާސަތު)

1 ކުންފުނި ރަޖިސްޓްރީ ނަންބަރު C-2/91

2 ޤާނޫނު ނަންބަރު 2010/3

3 ޤާނޫނު ނަންބަރު 2011/10

4 ގަވާއިދު ނަންބަރު 2011/R-43

5 ޤާނޫނު ނަންބަރު 4/2011

6 "އިސްތިއުނާފުކުރުމަށް ހުށަހަޅާ ފޯމު"، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު މައްސަލަ ނިމުނުގޮތުގެ ރިޕޯޓު، ސ. 115

7 [2023] SC 39

8 އބމ 7

9 އބމ

2023/SC-A/09 [2025] SC 04

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 30، 39، 42 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ށ) (މޯލްޑިވްސް ޕެޝަންސް ޤަޟިއްޔާ މެދުވެރިކޮށް)
  • ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާ
  • ގަވާއިދު ނަންބަރު R-43/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (3)، (ކ)، (ރ)
  • ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 26 ވަނަ މާއްދާ
  • ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ)، 42 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ (2)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ)
  • މޯލްޑިވްސް ޕެޝަންސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 39

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ