މޯލްޑިވްސް ޕެޝަންސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 39 2021/SC-A/112 ޝަރީޢަތް ނިމުނުގޮތް މޯލްޑިވްސް ޕެޝަންސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ނިމުނު ތާރީޚު 12 އޮކްޓޯބަރ 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/339 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މޯލްޑިވްސް ޕެޝަންސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-0041/2011) ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: މަރްޔަމް ޔާޝާ، ޑެޕިއުޓީ ޑިރެކްޓަރ ފަތުޙުﷲ އިސްމާޢީލް، ސީ.ޓީ.އެލް. ސްޓްރެޓެޖީސް އެލް.އެލް.ޕީ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2012/R-25) ގެ 42 ވަނަ މާއްދާ މާނަކުރުން، ޓެކުހުގެ އަދަދު އަލުން ކަނޑައެޅުމަށް އަންގައި މީރާއަށް ފޮނުވުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވޭތޯ
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 1
ތަޢާރުފު 1
ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2017/002 މައްސަލަ 2
ހައިކޯޓުގެ ނިންމުން 4
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ 5
ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުން 5
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު މާނަކުރުމުގައި އުފައްދާފައިވާ ސުވާލު 7
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާ 9
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 18
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 18
ޙުކުމް 18
` މޯލްޑިވްސް ޕެޝަންސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 39 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") ގެ "އޮބްޖެކްޝަން ރިވިއު ރިޕޯޓު" ގައި މޯލްޑިވްސް ޕެޝަންސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މޯލްޑިވްސް ޕެޝަންސް") ގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތެރޭގައި، ވިޔަފާރީގެ އާމްދަނީގެ އިތުރުން، ޑައިރެކްޓަރުން އަމިއްލައަށް ޖަމާކޮށްފައިވާ ފައިސާ ހުރިކަމަށް ބުނި ނަމަވެސް، ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއިން ޖީ.އެސް.ޓީ ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާތީ، މީރާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް ބުނެ މޯލްޑިވްސް ޕެޝަންސްއިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލީ އެ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2017/002 މައްސަލައިންނެވެ.
2. ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2017/002 މައްސަލައިގައި މީރާގެ އޮޑިޓުގައި އާމްދަނީ ނޫންކަން އެނގޭ މުޢާމަލާތްތައް އިސްތިސްނާ ކުރެވިފައި ނުވާތީ އާއި، އެކި ކުއާޓަރުގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދުކަމަށް ކަނޑައަޅާފައިވާ ޢަދަދުގައި ބޮޑެތި ފަރަގުތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، މީރާގެ ނިންމުން ބާޠިލުކުރުމަށް މައްސަލަ ބެލި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމައި، އޮޑިޓާ ގުޅިގެން މީރާއިން ނަގާފައިވާ ޢަދަދު ޤާނޫނުގައިވާގޮތުގެ މަތިން މޯލްޑިވްސް ޕެޝަންސްއަށް ރައްދުކޮށް، އެ މުއްދަތުގެ ޓެކުހުގެ ޢަދަދު އަލުން ކަނޑައެޅުމަށް މީރާއަށް އެންގިއެވެ.
3. ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އެވެ. އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/339 ގަޒިއްޔާގައި ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކުރިއެވެ.
4. މިއީ ހައިކޯޓުގެ ނަންބަރު 2019/HC-A/339 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ މައްސަލައާމެދު ނިންމިގޮތެވެ.
ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2017/002 މައްސަލަ
5. ވިޔަފާރި އާމްދަނީގެ އިތުރުން، ޑައިރެކްޓަރުން އަމިއްލައަށް ޖަމާކޮށްފައިވާ ފައިސާއިން ޖީ.އެސް.ޓީ ދައްކަންޖެހޭކަމަށް ކަނޑައަޅައި މީރާއިން ނިންމާފައިވާ ނިންމުން ބަދަލު ކުރަންޖެހޭކަމަށް ބުނެ މޯލްޑިވްސް ޕެޝަންސްގެ ފަރާތުން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން، ޓްރައިބިއުނަލުން އެ މައްސަލަ ބެލި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ މީރާގެ ނިންމުން ބާޠިލުކަމަށާއި، އޮޑިޓާ ގުޅިގެން ނަގާފައިވާ ޢަދަދު އަނބުރާ ރައްދުކޮށް، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ1 14 ވަނަ މާއްދާގައި ބުނާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، ބޭންކް ސްޓޭޓްމަންޓްގައިވާ އަދަދުތަކަކީ އާމްދަނީ ނޫންކަން ސާބިތުކޮށްދިނުމަށް މޯލްޑިވްސް ޕެޝަންސްއަށް ފުރުސަތު ދިނުމާއެކު، އެ މުއްދަތުގެ ޓެކުހުގެ ޢަދަދު އަލުން ކަނޑައެޅުމަށް މީރާއަށް އަންގައެވެ.2 ޓްރައިބިއުނަލުން މިގޮތަށް ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
5.1 މޯލްޑިވްސް ޕެޝަންސްއިން ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތުގެ އަގާގުޅޭ ހިސާބުތަކުގައި އެއްވެސް މައްސަލައެއް ހުރިކަމަށް އޮޑިޓަރުން ފާހަގަކޮށްފައި ނުވާކަމަށް މޯލްޑިވްސް ޕެޝަންސްއިން ބުނާ ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަން.
5.2 ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކޮން ފައިސާއެއްކަން ނުވަތަ ކިހިނެތް ލިބިފައިވާ ފައިސާއެއްކަން ހާމަވާ ތަފުޞީލީ ލިޔެކިޔުން ބެލެހެއްޓުމަކީ ޓެކްސް ދައްކާ ފަރާތުގެ މައްޗަށް ލާޒިމުވާ އިލްތިޒާމެއް ކަމާއި، އަދި މޯލްޑިވްސް ޕެޝަންސްއަށް މި ތަފުޞީލު ބަޔާން ސާފުކޮށްދިނުމަށް ފުރުޞަތު ދިނުމުންވެސް އެ ފަރާތުން މި އަދަދުތަކުގެ ފުރިހަމަ ތަފުޞީލު ފޯރުކޮށްދީފައި ނުވާކަން.
5.3 މީރާގެ އޮޑިޓު ރިޕޯޓުގައި މުޅި އޮޑިޓުގެ ޞައްޙަކަމާމެދު ސުވާލު އުފެދިދާނެ ކަންކަން ހުރިކަން ފާހަގަކުރެވޭކަން.
5.4 ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ3 14 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި ބޭންކު މެދުވެރިކޮށް ކުރާ އެންމެހައި މުޢާމަލާތްތަކުގެ ތަފުޞީލީ ލިޔެކިޔުން ބެހެއްޓުމަށް ލާޒިމުކޮށްފައި އޮތުމުން، ބޭންކް ސްޓޭޓްމަންޓުގައިވާ މުޢާމަލާތުތަކަކީ ޢާމްދަނީ ނޫންކަން ދެއްކުމަށް ތަފުސީލީ ޑޮކިއުމަންޓް ހުށަހަޅަން ފުރުސަތު ދޭންވާނެކަމަށް ޤަބޫލު ކުރެވޭކަމާއި، އެގޮތުން ދެވޭ ފުރުޞަތުގައި ތަފުސީލީ ލިޔެކިޔުން ހުށަނޭޅުނު ނަމަވެސް، އާމްދަނީ ނޫންކަން ބޭންކު ސްޓޭޓްމަންޓުން އެނގެން ހުރި އަދަދުތައް އާމްދަނީގެ ގޮތުގައި ބެލެވިގެން ނުވާނެކަމާއި، މި ގޮތުން، ބޭންކު ސްޓޭޓްމަންޓުގެ ތަފުސީލްގައި ރިވާސްވެފައިވާ ކަމަށް ބަޔާންކޮށްފައިވާ ޓްރާންސެކްޝަންތަކުގެ ކްރެޑިޓް އެންޓްރީތައް އާމްދަނީގެ ގޮތުގައި މީރާއިން ބަލާފައިވާކަން.
ހައިކޯޓުގެ ނިންމުން
6. މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ނަންބަރު 2019/HC-A/339 ގަޒިއްޔާގައި ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކުރިއެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
6.1 މި މައްސަލައިގައި މޯލްޑިވްސް ޕެޝަންސްގެ ފަރާތުން މީރާގެ ނިންމުން އިސްތިއުނާފު ކޮށްފައިވަނީ މީރާގެ ނިންމުން ޤާނޫނީގޮތުން ރަނގަޅު ނޫންކަމަށް ދެކިގެން އެފަދައިން ކަނޑައަޅައިދިނުމަށް ކަމަށާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރު އެކުއެކީގައި ކިޔާލުމުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަތަކުގައި ގޮތް ކަނޑައެޅުމަށް ލިބިގެންވާ އިޚްތިޔާރުތަކުގެ ތެރޭގައި މީރާގެ ނިންމުން ރަނގަޅު ނޫންނަމަ، އެ ނިންމުން ބަދަލުކުރުމަށް އެންގުމުގެ އިޚްތިޔާރު ލިބޭކަން.
6.2 މައްސަލަ ބެލުމަށްފަހު މީރާއިން ނިންމި ނިންމުމެއް ރަނގަޅު ނޫންކަމަށް ކަނޑައެޅުމަށްފަހު، މީރާގެ ނިންމުން ބާޠިލުކޮށް، އެ މުއްދަތުގެ ޓެކުހުގެ އަދަދެއް އަލުން ކަނޑައެޅުމަށް މީރާގެ މައްޗަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން އަންގާފައިވާ އެންގުމަކީ ދެފަރާތުން ކުރެ ފަރާތަކުން އެދިފައިނުވާ ކަމެއްގައި ގޮތް ކަނޑައެޅުންކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނަކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
7. ހައިކޯޓުގެ ނަންބަރު 2019/HC-A/339 ގަޒިއްޔާގެ ނިންމުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާއަކީ، ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން4 މައްސަލައިގައި ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުމަށް ނިޔާވެރިޔާއަށް އޮންނަ ޒިންމާކަމަށް ބަޔާންކޮށްފައިވާ ޒިންމާތައް އަދާކުރުމެއްނެތި، ޤާނޫނުން ލިބިދީފައިނުވާ ބާރުތަކެއް ޓްރައިބިއުނަލަށާއި މީރާއަށް ލިބިދެވޭގޮތަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް އަދި ދެކޮޅު ނުޖެހޭ ނަތީޖާތަކެއް ނިކުންނަގޮތަށް ކުރީގެ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ5 42 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރު ހައިކޯޓުން މާނަކޮށްފައިވާކަމަށް ބުނާބުނުމެވެ.
ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުން
8. ހައިކޯޓުން މައްސަލަ ނިންމުމުގައި ޙުކުމަށް ވާޞިލުވި ސަބަބުތައް ބަޔާންކޮށްފައިނުވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން6 މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އެ ގޮތުން، މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށް ހައިކޯޓުގައި އިސްތިއުނާފީ ދެ ނުކުތާއެއް ހުށަހަޅާފައިވީނަމަވެސް، މި ދެ ނުކުތާއަށް ރިޢާޔަތްކުރުމުގައިވެސް ޙުކުމަށް ވާޞިލުވި ސަބަބު ހައިކޯޓުން ބަޔާންކޮށްފައި ނުވާކަމަށް މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ބުނެފައިވެއެވެ.
9. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2019/HC-A/339 ގަޒިއްޔާގެ ނިންމުމަށް ބަލާއިރު، މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ހައިކޯޓުގައި ދެ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާކަން އެނގެއެވެ. ފުރަތަމަ ހުށަހެޅި އިސްތިއުނާފީ ނުކުތާގައި މޯލްޑިވްސް ޕެޝަންސްއިން ބުނެފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުން މީރާގެ ނިންމުން ބާޠިލުކުރުމަށްފަހު އަލުން ޓެކުހުގެ ޢަދަދު ކަނޑައެޅުމަށް މީރާއަށް އަންގާފައިވާއިރު، މިއީ މި މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލައިގެ ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން އެދިފައިވާ ކަމެއްކަމަށް ނުވާއިރު، މިއީ ދެފަރާތުން އެދިފައިނުވާކަމެއްގައި ގޮތް ކަނޑައެޅުންކަމަށް ދެކޭކަމަށެވެ. މޯލްޑިވްސް ޕެޝަންސް އިން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ޓެކުހުގެ ޢަދަދު އަލުން ކަނޑައެޅުމަށް މީރާއަށް އަންގާފައިވަނީ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 27 ވަނަ މާއްދާއާއި 30 ވަނަ މާއްދާއާ ޚިލާފަށް ޤާނޫނުގައި ތަޞައްވުރުނުކުރާ އިޖުރާއަތުތަކެއްގެ މައްޗަށް ޢަމަލުކުރަންޖެހޭ ގޮތަށްކަމަށެވެ.
10. ހައިކޯޓުގެ ނަންބަރު 2019/HC-A/339 ގަޒިއްޔާގެ ބުނެވުނު ދެ ނުކުތާއަށްވެސް ޖަވާބުދީފައިވާކަން ފާހަގަކުރެވެއެވެ. މޯލްޑިވްސް ޕެޝަންސްގެ ފަރާތުން އިސްތިއުނާފުކުރީ ގުޅިލާމެހިފައިވާ ދެ ސުވާލުކަމުން، ހައިކޯޓު ގަޒިއްޔާގައި އުފައްދާފައިވާ ޤާނޫނީ ސުވާލަކީ އަލުން ޓެކުހުގެ އަދަދު ކަނޑައެޅުމަށް މީރާއަށް އެންގުމުގެ ބާރު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯއެވެ.
11. މި ސުވާލުގެ ޖަވާބުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ7 7 ވަނަ މާއްދާގެ (ހ) ގައި ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެ މައްސަލަތައް ނިންމުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ބަޔާންކޮށްފައި އޮތުމުންނާއި، އަދި ހަމަ އެގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ދަށުން ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް މައްސަލަ ނިންމުމުގެ ބާރާއި، މީރާގެ ނިންމުން ބަދަލުކުރުމަށް ޓްރައިބިއުނަލަށް ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައި އޮތުމުން، މީރާގެ ނިންމުން ބަދަލުކުރުމަށް އެންގުމުގެ ބާރަކީ ސީދާ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގަވާއިދުން އެ ޓްރައިބިއުނަލަށް ލިބިދީފައިވާ ބާރެއްކަމަށެވެ.8
12. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލަށް މޯލްޑިވްސް ޕެޝަންސްގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ މީރާގެ ނިންމުން ޤާނޫނީ ގޮތުން ރަނގަޅުކަމަށް އެފަރާތުން ނުދެކޭހިނދު ކަމަށްވާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރު އެކުއެކީގައި ކިޔާލުމުން، ޓްރައިބިއުނަލްއަށް މައްސަލަތަކުގައި ގޮތް ކަނޑައެޅުމަށް ލިބިދެވޭ އިޚްތިޔާރުތަކުގެ ތެރެއިން، މީރާގެ ނިންމުން ރަނގަޅު ނޫންނަމަ، އެ ނިންމުން ބަދަލުކުރުމަށް އެންގުމުގެ އިޚްތިޔާރު ހިމެނޭކަމަށެވެ.9
13. ވުމާއެކު، މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ދެ ނުކުތާއަށްވެސް އެ ކޯޓުން ޖަވާބު ދިނުމުގައި ރިޢާޔަތްކޮށްފައިވަނީ ސީދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ ކަމާގުޅޭ މާއްދާތަކަށްކަން އެ ގަޒިއްޔާއަށް ބެލުމުން އެނގެއެވެ. އަދި އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން10 ގަޒިއްޔާގައި އިޝާރާތްކުރާފަދަ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާން ނުކުރާފަދަ ހާލަތެއް މި މައްސަލައިގައިވާ ކަމުގައި އަހުރެން ނުދެކެމެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު މާނަކުރުމުގައި އުފައްދާފައިވާ ސުވާލު
14. ހައިކޯޓުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާ މާނަކުރިކުރުން ޤާނޫނީ އުސޫލުތަކާ ޚިލާފުވާކަމަށް މޯލްޑިވްސް ޕެޝަންސްއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އެގޮތުން، ހައިކޯޓުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރު މާނަކުރުމަށްޓަކައި ބޭނުންކުރީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ11 ކޮން މާއްދާއެއްކަމަށް ހަވާލާދީފައިނުވާކަމަށާއި، އަދި އެ ކޯޓުން އެ މާއްދާ މާނަކޮށްފައިވާ ގޮތުން ދެކޮޅުނުޖެހޭ ނަތީޖާ ނިކުންނަކަމަށް މޯލްޑިވްސް ޕެޝަންސްއިން ބުނެފައިވެއެވެ. ހައިކޯޓުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާއަށް ދީފައިވަނީ "ހައިޕަރ ލިޓަރަލް" މާނައެއްކަމަށާއި އެ ކޯޓުން ނެރެފައިވާ މާނަ ދެކޮޅު ނުޖެހޭކަމަށް މޯލްޑިވްސް ޕެޝަންސްއިން 5 ސަބަބެއް ބަޔާންކުރެއެވެ. އެއީ؛
(ހ) ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން12 އުފައްދާފައިވާ އިދާރާއެއް ކަމުގައިވާއިރު، ޓްރައިބިއުނަލުން ބަލާ މައްސަލައެއް އަނބުރާ މީރާއަށް ފޮނުވާލެވޭނެކަމަށް ޤާނޫނު ހެދި ފަރާތުން ދެކޭނަމަ، އެކަމެއް ޤާނޫނުގައި ބަޔާންކޮށްފައި އޮތުން،
(ށ) މީރާއިން ދެވަނަ ފަހަރަށް މައްސަލަ ނިންމާ ހާލަތުގައި ހިނގާނެ އިޖުރާއަތުތައް ޤާނޫނުގައި ބަޔާންކޮށްފައި ނެތުން،
(ނ) ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި "ކަނޑައެޅުން" މިހެން ބަޔާންކޮށްފައިވާއިރު، މީރާގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅައިފިނަމަ އެ ނިންމުން އަނބުރާ މީރާއަށް ފޮނުވަން ނުޖެހުން، އެކަމަކު މީރާގެ ނިންމުމެއް ބަދަލު ކުރަންޖެހޭ ހާލަތުގައި އެ މައްސަލަ އަނބުރާ މީރާއަށް ފޮނުވުމަކީ ހަމަޖެހޭ ކަމަކަށް ނުވުން،
(ރ) "މީރާގެ ނިންމުން ބަދަލުކުރުމަށް ކަނޑައެޅުން" މި އިބާރާތުން ދޭހަވާ މާނައަކީ މީރާގެ ނިންމުން ބަދަލުކުރަނީ ޓްރައިބިއުނަލުން ނޫން އެހެން އިދާރާއަކުންކަމަށް ބެލިނަމަވެސް، އެއީ ކޮން އިދާރާއަކުންކަން އެނގެން ނެތުން، އަދި
(ބ) ޓްރައިބިއުނަލަށް މައްސަލަ ނިންމެން އޮތީ ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދެ ގޮތުން ކުރެ ގޮތަކަށް ކަމުގައިވާތީ އިތުރު އެހެން ގޮތަކަށް ޓްރައިބިއުނަލަށް މައްސަލަ ނިންމެން ނެތުން.
15. މީގެ ރައްދުގައި މީރާގެ ފަރާތުން ބުނެފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) އަދި (ނ) އަށް ބަލާއިރު، ޓްރައިބިއުނަލްއަށް މީރާގެ ނިންމުން ރަނގަޅުކަމަށް ކަނޑައެޅިދާނެކަމަށާއި، އަދި މީރާގެ ނިންމުން ބަދަލުކުރުމަށްވެސް ކަނޑައެޅިދާނެކަމަށާއި، މީރާގެ ނިންމުން ބަދަލުކުރުމަށް ނޭންގޭނެކަން އެ މާއްދާއިން ދޭހަނުވާކަމަށެވެ. އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލިހުން ޤާނޫނެއް ފާސްކުރުމުގައި، އެ ޤާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ ޢިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ ޢާންމު މާނަ، އެގޮތުގައި ދެމެހެއްޓުމަށް އިސްކަން ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ހައިކޯޓުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާ މާނަކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާ
16. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
42 (ހ) އިސްތިއުނާފުކުރާ މައްސަލައަކާބެހޭ އަޑުއެހުމެއް ނިންމުމަށްފަހު ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް މައްސަލަ ނިންމަންވާނެއެވެ.
(ށ) ޓްރައިބިއުނަލްގެ ނިންމުމެއް:
1. ހުށަހަޅާންވާނީ އަޑުއެހުމެއްގައި ރިޔާސަތުގައި ހުންނަ މެންބަރެކެވެ؛
2. ނިންމަންވާނީ އަޑުއެހުމެއްގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން؛ އަދި،
3. ހުށަހަޅާއިރު ފާހަގަ ކުރެވުނު ނުކުތާތައް ބަޔާންކުރަންވާނެއެވެ.
(ނ) ޓްރައިބިއުނަލަށް އިސްތިއުނާފު ކުރެވޭ މައްސަލައެއްގައި:
1. މީރާގެ ނިންމުން ރަނގަޅުކަމަށް ކަނޑައެޅުން؛ ނުވަތަ
2. މީރާގެ ނިންމުން ބަދަލުކުރުމަށް ކަނޑައެޅިދާނެއެވެ.
17. ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާއި ގަވާއިދުތައް، ވީހާވެސް އެއްގޮތަކަށް ތަރުޖަމާކުރުމާއި މާނަކުރުމާއި ތަންފީޒުކުރުމުގެ އުސޫލުތައް އެކަށައެޅުމާއި ޤާނޫނީ އިދާރާތަކުންނާއި ޝަރުޢީ ކޯޓުތަކުން ޤާނޫނު މާނަކުރުމުގައާއި ތަރުޖަމާކުރުމަގައާއި ތަންފީޒުކުރުމުގައި ޢަމަލުކުރަންވީ ހަމަތަކަކަކީ ކޮބައިކަން އަންގައިދީ މި މަގުސަދުތައް ހާޞިލުކުރުމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު އެކުލަވާލެވިފައިވެއެވެ.13
18. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ޢާންމު މާނައަށް ބެލުމުގެ އުޞޫލު ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމުގައި، ވަކި ކަމެއް އެ ޤާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ ޢިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ ޢާންމު މާނަ އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދޭންވާނެކަމަށެވެ.
19. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް އެ މައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލަށް ލިބިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގައި މައްސަލައެއް ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް ނިންމިދާނެކަމަށް އެ އަކުރުގައި ތަކުރާރުކޮށްފައިވެއެވެ. އެހެންކަމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ ދަށުން މައްސަލަ ނިންމަން ފެންނަ ރަނގަޅު ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިގެންވާކަން، ބުނެވުނު މާއްދާތަކުގައިވާ އިބާރާތްތަކުގެ އެންމެ ޢާންމު މާނައިން ދޭހަވެއެވެ.
20. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އިންނާއި 42 ވަނަ މާއްދާގެ (ހ) އިން ޓްރައިބިއުނަލަށް ލިބިދެވޭ ބާރުގެ މަސްދަރަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ14 54 ވަނަ މާއްދާގެ (ށ) އެވެ. އެ އަކުރުގައި އޮންނަނީ އަންނަނިވި ފަދައިންނެވެ.
މި ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލްއިން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.
21. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގެ ސަރީހަ އިބާރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެ މައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު އެ ޓްރައިބިއުނަލަށް ލިބިގެންވާކަން އެނގެއެވެ. އަދި އެފަދަ މައްސަލަތައް ބަލައި ނިންމިދާނެ ގޮތްތަކެއް ކަނޑައަޅައި، ބުނެވުނު އިޚްތިޔާރު ޤާނޫނުގެ އެއްވެސް މާއްދާއަކުން ޓްރައިބިއުނަލްގެ މައްޗަށް ގައިދުކުރެވިފައިނުވެއެވެ.
22. އެއްވެސް ޤާނޫނަކުން ލިބިދެވޭ އެއްވެސް ބާރެއް އެއީ މުތުލަޤަށް، އެއްވެސް ހިފެހެއްޓުމެއް ނެތި، ބޭނުންކުރެވިދާނެ އިޚްތިޔާރުތަކެއް ނޫނެވެ. އެއްވެސް ޤާނޫނަކުން އެއްވެސް ފަރާތަކަށް ލިބިދެވޭ އިޚްތިޔާރީ ބާރުތައް ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭނީ ޤާނޫނުގެ މަޤުސަދު ނުގެއްލޭނެ ފަދައިން ޤާނޫނުގެ ތަރަހައިގެ ތެރެއިންނެވެ.
23. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) އިންނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 7 ވަނަ މައްދާގެ (ހ) އާއި 42 ވަނަ މާއްދާގެ (ހ) އިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް މައްސަލަ ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ލިބިދެވިގެންވެއެވެ. ހަވާލާދެވުނު ދެ މާއްދާއިންވެސް ޓްރައިބިއުނަލްއަށް އިޚްތިޔާރުތަކެއް ލިބިގެންވާ ކަމާމެދު އިތުރު އެހެން މާނަތަކެއް ނުނެރެވެއެވެ.
24. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، އެ އަކުރުގެ (1) ވަނަ ނަންބަރުގައި ޓްރައިބިއުނަލަށް އިސްތިއުނާފުކުރެވޭ މައްސަލަތަކުގައި މީރާގެ ނިންމުން ރަނގަޅުކަމަށް ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައިވާއިރު، (2) ވަނަ ނަންބަރުގައި މީރާގެ ނިންމުން ބަދަލުކުރުމަށް ކަނޑައެޅުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
25. މޯލްޑިވްސް ޕެޝަންސްއިން ބުނަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން މީރާގެ ނިންމުން ބަދަލުކުރުމަށް ކަނޑައެޅުމުގެ މާނައަކީ އެ ޓްރައިބިއުނަލުން އަމިއްލައަށް އެފަދަ ނިންމުމެއް ބަދަލުކުރުމަށްފަހު މައްސަލަ ނިންމުންކަމަށެވެ.
26. ނަމަވެސް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންވެސް ޓްރައިބިއިނަލުން މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އަދި މި އަކުރު މާނަކުރުމުގައި، ޤާނޫނުން ޓްރައިބިއުނަލަށް ލިބިދޭ އިޚްތިޔާރެއް ހަނިކުރެވޭ މޭރުމުން މި އަކުރު މާނަކުރެވިދާނެކަމަށް އަހުރެން ނުދެކެމެވެ.
27. ދެން އުފެދޭ ސުވާލަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުން އެހެން މާނައެއް ނެރެވިދާނެތޯ އަދި މި މައްސަލައިގައި ޓްރައިބިއުނަލުން ޢަމަލުކޮށްފައިވަނީ ޓެކްސްއާ ގުޅޭ ޤާނޫނުތަކުގެ މަޤުސަދު ގެއްލޭފަދައިން ޓްރައިބިއުނަލަށް ލިބިދެވިފައިވާ އިޚްތިޔާރުތަކުގެ ބޭރުންތޯއެވެ.
28. ހައިކޯޓުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރު މާނަކުރިގޮތް ދެކޮޅު ނުޖެހޭކަމަށް މޯލްޑިވްސް ޕެޝަންސްއިން ބުނާބުނުމަށް ބަލާއިރު އަންނަނިވި ކަންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
(ހ) ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަ "ގޮތަކަށް" މައްސަލަ ނިންމިދާނެކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގައާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތުމުން، "ގޮތަކަށް" މި ލަފްޒުގެ ޢާންމު މާނައިން ރަމްޒުކޮށްދެނީ އެއް ގޮތަށްވުރެ ގިނަ ގޮތްތަކެއް ހުރިކަމާއި، އަދި އެތަނުން ޓްރައިބިއުނަލަށް ފެންނަ ގޮތަކަށް މައްސަލަ ނިންމިދާނެކަމެވެ.
(ށ) ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި މީރާގެ ނިންމުން ބަދަލު ކުރުމަށް ކަނޑައެޅިދާނެކަމަށް އޮންނަ އޮތުމަށް ބަލާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގައާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އިންނާއި 42 ވަނަ މާއްދާގެ (ހ) އިން ޓްރައިބިއުނަލަށް ލިބިދެވޭ ފުރިހަމަ އިޚްތިޔާރުގެ އަލީގައި، އެ ޓްރައިބިއުނަލަށް ފެންނަ ރަނގަޅު އަދި ހުށަހެޅިފައި އޮތް މައްސަލައަށް އެންމެ އެކަށީގެންވާ ގޮތަކީ ކޮބައިކަން ޓްރައިބިއުނަލަށް ކަނޑައެޅިދާނެކަމާއި، އެގޮތުން، ޓްރައިބިއުނަލުން އަމިއްލައަށް އަދަދެއް ކަނޑައެޅުންވެސް ހިމެނޭކަމާއި އަދި ޓްރައިބިއުނަލަށް ފެންނަނަމަ، އިރުޝާދުތަކަކާއެކު މީރާއިންވެސް ނުވަތަ ކަމާބެހޭ އެހެން ފަރާތަކުންވެސް އެ މައްސަލައާ ގުޅިގެން ވަކިގޮތަކަށް ޢަމަލުކުރުމަށް އެންގިދާނެކަމެވެ.
(ނ) އިޚްތިޔާރެއްގެ ވާހަކަ ޤާނޫނުގައި ބަޔާންކުރުމަށްފަހު، އެފަދަ އިޚްތިޔާރެއް ބޭނުންކުރެވޭ ގޮތް ހަނިކޮށްފައިނުވާނަމަ، އެ އިޚްތިޔާރު ބޭނުންކޮށްފައިވަނީ ޤާނޫނުގެ ރޫހާއި އެއްގޮތްވާގޮތުގެ މަތިން ޤާނޫނުގެ މަޤުސަދު ހާސިލުވާ ގޮތަށްކަން ބަލަންވާނެއެވެ. ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކުންވެސް ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމާއި، ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުމަކީ ސީދާ މީރާއަށް ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުން މަތިކުރެވިފައިވާ ޒިންމާއެކެވެ.15 ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މި ޒިންމާ އަދާކުރުމެއްނެތި ޤާނޫނާ ޚިލާފަށް މީރާއިން އަދަދުތައް ކަނޑައަޅާފައިވާކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ހަމައެކަނި ނިންމަންވެއްޖެނަމަ، ޓެކްސް ދެއްކުމުގައި ހަދާ އޮޅުވާލުންތަކާއި އެހެނިހެން ކުށްކުރުމަށް ފުރުސަތު ހުޅުވިގެންދާކަމަށް ޤަބޫލުކުރެވެއެވެ. މި މައްސަލައަކީ އޭގެ މިސާލެއް ކަމުގައި އަހުރެން ދެކެމެވެ. އެއްކޮޅުން ދައްކަންޖެހޭ ލިޔެކިޔުންތައް ނުލިބުމުން، އަނެއް ކޮޅުންވެސް ޤާނޫނާ ޚިލާފަށް އަދަދު ކަނޑައެޅުމުން، އެއީ، ޤާނޫނާ ޚިލާފު އަދަދުތަކެއްކަމަށް ކަނޑައަޅައި، ޓެކްސް ދައްކަންޖެހޭ ފަރާތުން އެހައިތަނަށް ދެއްކި ޓެކްސް ފައިސާ މީރާއިން އެފަރާތަށް އަނބުރާ ރައްދުކޮށްދޭން ޖެހޭނެކަމަށް ކަނޑައަޅައި، ދެން އިތުރު ފިޔަވަޅެއް އަޅަންނުޖެހޭކަމަށް ބުނެ ޓްރައިބިއުނަލުން މައްސަލަ ނިންމުމުން، ޓެކްސް ދައްކާ ފަރާތުންނާއި މީރާއިންވެސް އެފަރާތްތަކުގެ ޤާނޫނީ ޒިންމާތަކުން ބަރީއަވުމަށް ފުރުސަތު ހުޅުވިގެންދާކަމަށް ދެކެމެވެ. އެއާ ޚިލާފަށް، މި މައްސަލައިގައި ދެފަރާތުންވެސް ޤާނޫނުގައި ބުނާ ގޮތަށް ޢަމަލުކޮށްފައިވާނަމަ، މި ނަތީޖާ ނިކުތުން ހަނިވެގެންދެއެވެ. ޤާނޫނު ލާޒިމުކުރާ ލިޔެކިޔުންތައް ޓެކްސް ދައްކާ ފަރާތުން ހުށަނާޅާނަމަ، ދެން އެޅޭނެ ފިޔަވަޅުތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ހަމަ އެ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް މީރާއިން ނުބައި ހިސާބުތަކެއް ހަދާފައިވާނަމަ، ޓްރައިބިއުނަލަށްވެސް މައްސަލައިގައި އަދަދެއް ކަނޑައެޅުމުގެ ފުރުސަތު ފަހިވެގެންދެއެވެ.
(ރ) އައު ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް، ޓެކްސްގެ އަދަދު ކަނޑައަޅަންޖެހޭ ހާލަތުގައި އެ ޒިންމާ އުފުލަންޖެހޭނީ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ކަމަށް ބަލަންވެއްޖެނަމަ، ޓްރައިބިއުނަލްގެ ނިންމުންތައްވެސް ޝަރުޢީ ކޯޓުތަކުގައި އިސްތިއުނާފުކުރެވޭ ހާލަތްތަކުގައި މައްސަލަ ބަލާ ފަނޑިޔާރުންނަށްވެސް ޓެކްސްގެ އަދަދު ކަނޑައަޅަންޖެހޭނެކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. އަދި މި މައްސަލައިގައިވާ ފަދައިން އަލުން އިންވޮއިސްތަކާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނާ ލިޔުންތަކަށް ބަލައި މޯލްޑިވްސް ޕެޝަންސްއިން ދައްކަންޖެހޭ އައު އަދަދެއް ޓްރައިބިއުނަލުން ކަނޑައަޅަންވެއްޖެނަމަ، އިސްތިއުނާފުކުރުމުގެ އެއް މަރުހަލާ ގެއްލިގެންދާކަންވެސް ފާހަގަކުރެވެއެވެ. އެހެނީ، ކުރިން މީރާއަށް ހުށަނޭޅޭ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، ޓެކްސް އެޕީލް ޓްރައިބިއުނަލުން މި މައްސަލައިގައިވާ ފަދައިން އައު އަދަދެއް ކަނޑައެޅުމުން، ޓްރައިބިއުނަލުން އިސްތިއުނާފީ މައްސަލަ ބެލުމުގެ މަރުހަލާ ގެއްލިގެން ދެއެވެ. މިއީ ޤާނޫނު ތަސައްވުރުކުރާ ނަތީޖާއެއްކަމުގައި އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.
(ބ) ހަމަ އެފަދައިން މީރާއިން ޓެކްސްގެ އަދަދު ކަނޑައަޅާފައިވަނީ ގޯސްކޮށްކަމުން، މީރާއިން ޓެކްސްގެ ގޮތުގައި ނެގި ޖުމްލަ އަދަދު އަނބުރާ ދެއްކުމަށް ޓްރައިބިއުނަލުން އަމުރުކުރާ ހާލަތުގައި، އަލުން މައްސަލަ ބަލައި ޤާނޫނުގައިވާ ގޮތުގެ މަތިން އަދަދު ކަނޑައެޅުމަށް މީރާއަށް އެންގުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ބަލަންވެއްޖެނަމަ، މީރާއިން ޓެކްސް ނުބައިކޮށް ހިސާބުކުރާ ކޮންމެ ފަހަރަކު، އެ ފައިސާ އަނބުރާ ޓެކްސް ދައްކާ ފަރާތަށް ރައްދުކުރުމަށް އެންގުމާއެކު، އެ ފަރާތުން އެ މުއްދަތަށް ޓެކްސް ދެއްކުމުން ބަރީއަވީކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. އަނެއްކާވެސް، މިއީ ޓެކްސް ނެގުމާބެހޭ ޤާނޫނުތަކުގެ މަޤުސަދު ހާސިލުވާގޮތަށް ކުރެވޭ މާނަކުރުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
29. ވުމާއެކު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު ހައިކޯޓުން މާނަކޮށްފައިވަނީ ޓެކްސް ނެގުމާބެހޭ ޤާނޫނުތަކުގެ މަޤުސަދުތަކާ ޚިލާފަށްކަމުގައި މި ހާލަތުގައި ބެލެވޭކަށްނެތެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު މާނަކުރުމުގައި ރިޢާޔަތްކުރަންވާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ޢާންމު މާނައަށް ކަމުގައި އަހުރެން ދެކެމެވެ. އެހެނީ، އެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި 42 ވަނަ މާއްދާގެ (ހ) ގައި ތަކުރާރުކޮށްފައިވަނީ ސީދާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގެ ސާފު އިބާރާތުން، ޓްރައިބިއުނަލަށް މައްސަލަ ނިންމަން ފެންނަ ގޮތަކަށް ނިންމުމުގެ ފުރިހަމަ އިޚްތިޔާރަށް ކަމުގައިވާތީއެވެ. އަދި ޓްރައިބިއުނަލަށް ލިބިދެވިފައިވާ ފުރިހަމަ އިޚްތިޔާރުގެ ބޭނުން ހިފާފައިވަނީ ޓެކްސްއާ ބެހޭ ޤާނޫނުތަކުގެ މަޤުސަދުތަކާ ޚިލާފަށް ކަމުގައި މޯލްޑިވްސް ޕެޝަންސްއަށް ދެއްކިފައިނުވާތީއެވެ. މީގެ އިތުރުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި މީރާގެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބަދަލުކުރުމަށް ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައިވާއިރު، އެ އަކުރުން ވިޔަސް ނުވަތަ ކަމާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބާރުތަކާއި އިޚްތިޔާރު ގައިދުކުރެވޭފަދަ އެއްވެސް މާއްދާއަކަށް މި މައްސަލައިގެ ތެރެއިން އިޝާރާތްކޮށްފައި ނުވެއެވެ. އެހެންކަމުން، އެ އަކުރުން އެހެން މާނަތަކެއް ނެރެވިދާނެކަމުގެ އިހުތިމާލު އޮތްކަމަށް ދެއްކިފައިނުވާއިރު، މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ޚާއްސަ މާނަ ދިނުމުގެ ހާލަތެއް މި މައްސަލައިގައި އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
30. ތެދެކެވެ. މޯލްޑިވްސް ޕެޝަންސްގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން ޓްރައިބިއުނަލުން މައްސަލަ އަނބުރާ މީރާއަށް ފޮނުވާ ހާލަތުގައި ދެން ކަން ހިނގާނެ ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައިނުވެއެވެ. މި މައްސަލައިގައި އައު އޮޑިޓެއް ކުރުމުގެ އިހުތިމާލު އޮތްކަމަށް މޯލްޑިވްސް ޕެޝަންސްއިން ފާހަގަކޮށްފައިވީނަމަވެސް، އެފަދަ އޮޑިޓެއް އަލުން ކުރުން މަނާކުރާ މަސްދަރަކާ މި މައްސަލައިގެ ދެފަރާތުންކުރެ އެއްވެސް ފަރާތަކުން ހަވާލާ ދީފައިނުވެއެވެ.
31. ހުށަހެޅިފައިމިވާ މައްސަލައިގެ ވާގިއާތަކަށް ރިޢާޔަތްކޮށް ޓްރައިބިއުނަލުން ދީފައިވާ އިރުޝާދާ އެއްގޮތަށް އަލުން އައު އަދަދެއް ކަނޑައެޅުމުގެ މާނައަކީ ކުރިން ހުށަހެޅުނު އިންވޮއިސްތަކުގެ އިތުރުން، އައު ލިޔުންތަކަކަށް ރިޢާޔަތްކޮށް އަދަދު ކަނޑައެޅުންކަން ފާހަގަކުރެވެއެވެ. މި ހާލަތުގައި، މީރާއިން ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން ޤާނޫނުގައި ބަޔާންކުރާ މުއްދަތުތަކުގެ ތެރޭގައި އިއުތިރާޒުކުރުމާއި އިސްތިއުނާފުކުރުމުގެ އާންމު އިޖުރާއަތުތައް ހިނގާނެކަމަށް ޤަބޫލުކުރެވެއެވެ. މިއީ މިވަގުތު ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކެވެ. މި ނޫން އިޖުރާއަތެއް ދެވަނަ ފަހަރަށް ބަލާ މައްސަލަތަކުގެ މައްޗަށް ހިނގާނަމަ، އެކަން ޤާނޫނުގައި ސަރީހަކޮށް ބަޔާންކުރަންޖެހޭކަމުގައި ދެކެމެވެ.
32. ވުމާއެކު، ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރުމާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން އަލުން ޓެކުހުގެ އަދަދު ކަނޑައެޅުމަށް އެންގުމުގެ ބާރު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިދެވިފައިވާކަމަށް ހައިކޯޓުގެ ނަންބަރު 2019/HC-A/339 ގަޒިއްޔާއިން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައިވާތީ، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް މޯލްޑިވްސް ޕެޝަންސްއަށް ހުށަހެޅިފައިވާ ކަމަކަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
33. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
34. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/339 ގަޒިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު (ރިޔާސަތު)
1 ގަވާއިދު ނަންބަރު 2013/R-45
2 ތަފާތުވި ޙަސަން ޒުހައިރު މުޙައްމަދުގެ ރަޢުޔުގައި ވަނީ މޯލްޑިވްސް ޕެޝަންސްއިން ފޯރުކޮށްދީފައިނުވާ އިންވޮއިސްތަކުން ޓެކުހަށް ދައްކަންޖެހޭ ޢަދަދު ދެނެގަތުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނާ ވަސީލަތްތައް ބޭނުންކޮށްގެން ޓެކުހުގެ ޢަދަދު މީރާއަށް ކަނޑައެޅިދާނެކަމަށެވެ.
3 ފުޓްނޯޓު ނަންބަރު 1
4 [2021] SC 30
5 ގަވާއިދު ނަންބަރު 2012/R-25
6 ފުޓްނޯޓު ނަންބަރު 4
7 ފުޓްނޯޓު ނަންބަރު 5
8 ހައިކޯޓުގެ ނަންބަރު 2019/HC-A/339 ގަޒިއްޔާގެ 12 ވަނަ ޕްރެގްރާފް
9 އބމ، 14 އަދި 15 ވަނަ ޕެރެގްރާފް
10 ފުޓްނޯޓު ނަންބަރު 1
11 ޤާނޫނު ނަންބަރު 2011/4
12 ޤާނޫނު ނަންބަރު 2010/3
13 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާ
14 ފުޓްނޯޓު ނަންބަރު 12
15 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ)
2021/SC-A/112 [2023] SC 39
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.